Skip to content
އެސްފިޔަ

ރުހޭތޯ ކަލާ – 7

Listen to this story Audio · 22:00 Powered by Esfiya Voice
0:00 22:00

“ދޮންބެއަށް ހޫރީން ލިބިއްޖެއްޔާ މެރީކުރަން ރެޑީތަ..؟” ޒެއިން އަހައިލި ސުވާލަކުން ޒިވްޔަންއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

“ޒޭން.. ތީ ދެން ކޮން ކަހަލަ ސުވާލެއް..؟” ޒިވްޔަން ބޭނުންވީ އެސުވާލުން ރެކޭށެވެ.

“ބުނެބަލަ.. ތިބުނީނު ދިރިއުޅުމެއް ފަށަން ބޭނުންވަނީ ހޫރީންއާ އެކީއޭ.. ދޮންބެ ހޫރީންއާ އެހައި ގަޔާވާ އިރު އެހެން މީހަކާ މެރީކޮށްގެން ކިހިނެއް އުޅޭނީ..؟ އެހެންނޫނަސް ދޮންބެ ސީދާ ނުބުނަން އުޅުނަސް އަހަންނަށް އެނގޭ ތިހުރީ ލޯބިވެވިފަކަން.. ދޮންބެއަށް ދެން ލާހިކެއް ނޫން ހޫރީން ނޫން ކުއްޖަކާ އިންނާކަށް.. އަޅެ ނޫންތަ..؟ ތި ހިތަށް ކުޅަދާނައެއް ނުވާނެ ހޫރީން ނޫން ކުއްޖަކު ދޮންބެގެ އަނތްބެއްގެ މަގާމަށް ގެންނާކަށް..” ޒެއިން ޔަގީންކަމާއެކީ ބުނެލި ގޮތުން ޒިވްޔަން ހައިރާންވީ ޒެއިންއަށް އޭނާ ދަސްވެފައިވާ މިންވަރު ހާމަވުމުންނެވެ.

“ޒޭން.. އަދި ނޭނގެ.. ކައިވެންޏަކާ ހަމައަށް ދާކަށް އަދި ނުވޭ.. ހޫރީން އެނގޭތާ އަދި މިވީ އެންމެ ދެތިން ދުވަސް.. އެހެން ނޫނަސް.. ހޫރީން ދެކޭ ގޮތެއް ވެސް އަދި ނޭނގެއެއްނު..” ޒިވްޔަންގެ ވާހަކަ ހުރީ އެހެންޏާވެސް ހުންނަ ފަދައިން ވިސްނުންތެރިކަމާ އެކުގައެވެ. ޒެއިން ހޭވައްޓައިލާފައި ކަންކަމުގައި ވިސްނުމެއް ނެތި ގޮތް ނިންމިޔަސް، ޒިވްޔަން އަކީ އަބަދުވެސް އޭގެ ދިމާ އިދިކޮޅެވެ.

“ވީ ވިލް ބީ ސްޓޭއިން ހިއަރ ފޯރ ޓޫ މަންތްސް އެހެންނޫނަސް.. ދެޓްސް ޕްލެންޓީ އޮފް ޓައިމް.. ދެމަސް ދުވަސް ވާ އިރު ދޮންބެއަށް ތިހުރިހައި ކަމެއް ޔަގީން ކުރެވޭނެ.. ވަގުތު އެބަ އޮތް.. ދޮންބެއަށް ހޫރީން ކަމުދަންޏާ އަހަރެން މިހުރީ އެހީވެދޭން ހަމަ ތައްޔާރަށް! އައި ރިއަލީ ލައިކް ހަރ!” ޒެއިންއަށް ވަގުތުން ފޯރި އެރިއެވެ. ހީވަނީ ޒިވްޔަންއަށް ވުރެ ބޮޑަށް ޒެއިން އެކަމަށް ބޭނުންވާހެންނެވެ.

“ހޫމް އޯކޭއޭ.. ދެން މި ވާހަކަ ދައްކާނީ ފަހުން.. އަވަހަށް ނިދަން އުޅޭ.. މާދަން ހެނދުނު ޖެހޭ ކައުންސިލް އިދާރާއަށް ދާން.. ޑޭޑް ބުނުއްވި އެއްނު ވީހައި ވެސް އަވަހަކަށް ކޮންޓްރެކްޓްގަ ސޮއިކުރަން..” ޒިވްޔަން ބުނެލުމާއެކު އިތުރަށް ބަހުސްކުރުމެއް ނެތި ޒެއިން ނިދަން އޮށޯތެވެ. މަގަތުގައި ޒިވްޔަން ވެސް އޮށޯވެފައި ދެލޯ މަރައިލި ނަމަވެސް ނިދި ވަނީ އޭނާއާ މާ ދުރުގައެވެ. އެރޭ އެއްކޮށް ކަހަލަ ގޮތަކަށް އޭނާ ހޭދަކުރީ ހޫރީންގެ ހިޔާލުތަކުގައެވެ. އެ ލަދުރަކި ހީލުމާއި، ރީތި ދެލޯ ސިފަކުރުމުގައެވެ.

*** ** ***

ޖެހިގެން އައި ދުވަހު ހެނދުނު ނުހަނު ބުރަކޮށް އުޅެފައި ޒިވްޔަން އާއި ޒެއިން ޖައްސައިލީ މެންދުރު ފަހު އެވެ. ހަވީރު އެދެމީހުން ބަލާ އަންނާނެކަމަށް ނަވާފްއާއި އަމާން ބުނުމުން ދެމީހުން ވެސް ބޭނުންވީ ކުޑަ ވަގުތުކޮޅަކު އަރާމުކޮށްލާށެވެ. ހަތަރެއް ޖަހަން ކައިރިވުމުން ދެމީހުން ވެސް ތައްޔާރުވެލީ މަހަށް ދާށާ އެއްކޮށެވެ. ހުދުކުލައިގެ ޓީޝާޓަކާއެކު އެކު ކުލަކުލައިގެ މާޖެހި ސޯޓެއް ލައިގެން ޒެއިން ހުރި އިރު، ޒިވްޔަން ލީ ކަޅުކުލައިގެ އަތްކުރު ޓީޝާޓަކާއި އޮރެންޖު ސޯޓެކެވެ. އަވި އައިނަކާ ތޮތްޕެއް އަޅައިގެން ދެމީހުން ގެސްޓްހައުސްއިން ނުކުތް އިރު ނަވާފް އާއި އަމާން ސައިކަލުގައި ތިއްބެވެ.

“ހޫރީން މެން ކޮބާ..؟” ޒެއިން އަހައިލީ ޒިވްޔަންގެ ފަހަތަށް އަރަމުންނެވެ.

“އެމީހުން އެދިމާއަށް ހިނގައިގަނެފި އިރުކޮޅެއް ކުރިން..” ނަވާފް ޖަވާބުދިނީ ސައިކަލު ދުއްވައިލަމުންނެވެ.

އެމީހުންނަށް ރަށުގެ ވަލުތެރެއަށް ވަންނަ ހިސާބަށް ދެވުނީ ދިހަވަރަކަށް މިނެޓުންނެވެ. އޭރު އެތަނުގައި ހޫރީންއާއި ނީރާގެ އިތުރުން ޒޯޔާ ވެސް އެމީހުންގެ އިންތިޒާރުގައި ތިއްބެވެ.

އެކިއެކި ވާހަކަތަކުގައި ތިބެގެން އެންމެން ވަލުތެރެއަށް ވަން އިރު ހޫރީންއާއި ޒިވްޔަން ތިބީ އެންމެ ފަހަތުގައެވެ. ދޭތެރެއަކުން ހޫރީން ޒިވްޔަންއަށް ބަލައިލާފައި ރަކި ހިނިތުންވުމެއް ހަދިޔާކޮށްލާ ގޮތުން އެކަނި ވެސް ޒިވްޔަންގެ ހިތް ފިދާވަމުން ދިޔަ އެވެ.

ހިނގަމުން ހިނގަމުން ގޮސް ހޫރީންމެން މަޑުކޮށްލީ އެންމެ ފުރަތަމަ ހޫރީންއާއި ޒިވްޔަން ދިމާވި މަދުގަސް ކައިރިއަށެވެ. އެދުވަހު ކަންތައްވީ ގޮތް ހަނދާން އައުކުރަމުން އެންމެން ހިހީފައި އުޅެމުން ދިޔަ އިރު، ހޫރީންއާއި ޒިވްޔަން ތިބީ ހިސާބަކަށް ރަކިވެފަ އެވެ.

“މީ އަހަރެމެން ކުޑައިރުއްސުރެ އަންނަ ތަނެއް.. އެންމެ ފުރަތަމަ މިތަނަން އަންނަން ފެށީ ހައެއްކަ އަހަރުގަ.. އެދުރުދައިތަ ގެއަށް މަންމަ ކިޔަވަން ފޮނުވީމަ ފިލައިގެން މިތަނަށް ކުޅެން އަންނާނީ.. ބައެއް ދުވަސްދުވަހު ކިޔަވާ ނިމިގެން ވެސް އަންނަން..” އަމާން ކިޔައިދެމުން ދިޔަ އިރު ޒިވްޔަން އާއި ޒެއިން އަޑުއަހަން ތިބީ އެއީ ދުވަހަކު ވެސް އެދެބެންނަށް ތަޖުރިބާކުރެވުނު ކަމަކަށް ނޫންވީމަ އެވެ.

“ހަވީރު ކުޅެން ވެސް އެންމެ ގިނައިން އަންނަ ތަނަކީ މީ.. އޯލެވެލް ހެދި އިރު އަހަރެމެން ފަސް މީހުން ފޮތް ކިޔަން އައިސް ތިބެނީ ވެސް މިތާ..” ނީރާ އައުކޮށްލީ ސްކޫލު ދައުރުގެ މަޖާ ދުވަސްތަކުގެ ހަނދާނެވެ.

“މަންމަ އަދަބެއް ދޭން އުޅުނަސް ފިލައިގެން އަންނާނީ މިތަނަށް.. އެއް ފަހަރަކު މި އަމާން ޓެސްޓުން ފެއިލްވީމަ ފަރިއްތަ އިލޮށިފަތިން ޖަހައިގެން މީނަ އައިސް އިނީ މިތާ.. އިރުއޮއްސެން އުޅުނު އިރު ވެސް މީނަ ގެޔަށް ނައިސްގެން ފަރިއްތަ ހާސްވެގެން ރަށު އެންމެން މީނަ ހޯދަން ދުވި އިރު އަހަރެމެން ހަތަރު މީހުން ފުރަތަމަ ވެސް ބެލީ މިތަން.. މީނަ އިން އެދުވަހު އަނގަ ނަގައިގެން މިތަނަށް އައިސް ރޮވިފަ..” ހެމުންހެމުން ޒޯޔާ ކިޔައިދިން ވާހަކަތަކުން އަމާން ރަކިވެފައި ބޯކަހައިލީ އެދުވަހު އޭނާއަށް އުޅެވުނުލެއް ޑްރާމާ ބޮޑުކަން ހިތަށް އަރާފައެވެ.

“ދިސް ޕްލޭސް އިޒް އަވަރ އެންޓަޔަރ ޗައިލްޑްހުޑް.. އަހަރެމެންގެ ސޭފް ޕްލޭސް އަކީ ވެސް މީ.. އުފާވިޔަސް، ދެރަވިޔަސް، މަޖާކޮށް ސަކަރާތް ޖަހަން ބޭނުންވިޔަސް އަހަރެމެން އަންނަ ތަނަކީ މީ..” ސަކަރާތުގެ ތެރެއިން ހޫރީން ބުނެލި މާނަފުން ބަސްތަކުން އެކަނި ވެސް މިތަނަކީ ހޫރީންއަށާއި އޭނާގެ އެކުވެރީންނަށް ކިހައި މުހިއްމު ތަނެއްކަން ޒިވްޔަންއަށް އެނގިއްޖެއެވެ. އެއީ ހޫރީންމެންގެ ދިރިއުޅުމުގެ އެއްބައިކަން ސާފުވެއްޖެއެވެ.

“އެކަމަކު މިތަން ގެއްލޭކަށް ދެން ދުވަހެއް ނެތް ދޯ.. އެބުނާ ބަޔަކު ގެސްޓްހައުސްއަކާ ރެސްޓޯރެންޓެއް އަޅަން އަންނަ ހަފްތާ މިތަން ސާފުކުރަން ފަށަޔޯ..” މާޔޫސީ ރާގެއްގައި އަމާން ބުނެލުމުން ޒިވްޔަންއާއި ޒެއިންއަށް އެކަކު އަނެކަކަށް ބަލައިލެވުނު އިރު، އެދެމެދުގައި ސިއްރު މެސެޖެއް ބަދަލުކުރެވުނުކަން އެހެން މީހަކު ނުދެނަހުއްޓެވެ.

“އެހެންނެއް ނުހެދޭނެ! އަހަރެން އެކަން ވިޔަކަ ނުދޭނަން! ތިކަން ކުރަން އުޅޭ ބަޔަކު ހޯދާފައި ވަރުގަދަ ބޮނޑިއެއް ދޭނަން.. ދެން އެމީހުން ފައިސާގެ ބޭނުމަށް މާލެ ހަރާބުކޮށްފަ އެވަރުން ނުވެގެން މިހާރު އައިސް ރަށްރަށުގެ ތަންތަން ވެސް ހަލާކު ކުރަނީއޭ!” ހޫރީންގެ ރާގުގައިވީ ރުޅިވެރިކަމުން ޒިވްޔަންގެ ހިތަށް ލޮޅުމެއް އެރިކަން ޔަގީނެވެ. ވަގުތުން ޒެއިންއަށް ބަލައިލެވުނު އިރު ޒެއިން ވެސް ދެލޯ ބޮޑުވެފައި ހުރީ މި ވީ ގޮތުންކަން ޔަގީނެވެ.

ހޫރީންއަށް މި ބިން ގަތް ބަޔަކީ އެމީހުންކަން އެނގުމުން ދެން ވާނެ ގޮތަކާއި މެދު ޒިވްޔަންއާއި ޒެއިންއަށް ވިސްނެން ފެށުނެވެ. އެވާހަކަ ހޫރީންމެން ގާތުގައި ބުނާނީ ކިހަކުން ކަމެއް ދެމީހުންކުރެ އެކަކަށް ވެސް ނުވިސްނުނެވެ. ހޫރީންމެންނަށް އެކަން އެނގޭ  ދުވަހަކުން މިރަށުން މި ލިބުނު އައު އެކުވެރީން އެމީހުންނަށް ގެއްލޭނެކަން ޔަގީނެވެ. އެޔަށް ވުރެ ޒިވްޔަން ހާސްވީ ހޫރީން އޭނާއާ  މެދު ދެކޭނެ ގޮތް ހިތަށް އަރާފައެވެ. އެދެމެދުގައި ގުޅުމެއް ފެށުމުގެ ވެސް ކުރިން ހޫރީން އޭނާއަށް ގެއްލިދާނެތީއެވެ. ހޫރީންއަށް ޓަކައި މި މަސައްކަތް އެއްކޮށް ހުއްޓައިލަން ވެސް އޭނާ ތައްޔާރެވެ. އެހެނަސް އެކަމުގައި ކަންތައް ކުރެވޭނީ ބައްޕަ ދެކިލައްވާ ގޮތަކަށެވެ. އޭނާއަކަށް އިތުރު ގޮތެއް ނޯންނާނެއެވެ.

“ދޮންބޭ.. ދެން ކިހިނެއް ހަދަނީ..؟” ވައިއަޑުން އޭނާގެ ކަންފަތް ދޮށުގައި ޒެއިން އަހައިލުމާ އެކު ޒިވްޔަންއަށް ހަމަބިމަށް އާދެވުނެވެ. އޭރު ހޫރީން މެން ތިބީ ކޮންމެވެސް އޮލަ ވާހަކައެއްގައެވެ.

“އިހަށް މަޑުކުރޭ.. ވީ ވިލް ފިގަރ އިޓް އައުޓް ލޭޓަރ..” ޒިވްޔަން ބުނެލި ގޮތުން ޒެއިންއަށް ވެސް ދެކޮޅުހަދާނޭ ހިތްވަރެއް ނުލިބުނެވެ. ދޮންބެގެ އަތް މައްޗަށް ހުރިހައި ކަމެއް ދޫކޮށްލައިގެން ހުރި އިރު، މުޅިން އައު ދުނިޔެއެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދިން އެކުވެރިން ގެއްލިގެން ހިނގައިދާނެތީ ޒެއިން ހުރީ ނުހަނު ކަންބޮޑުވެފައެވެ. އެއަށް ވުރެ ވެސް އޭނާ ހާސްވީ ދޮންބެއަށް ހޫރީން ގެއްލިދާނެތީއެވެ.

ފަހެއް ޖަހަން ދެން އެތަނުގައި ތިބުމަށް ފަހު އެމީހުން ވަލުތެރެއިން ނުކުތީ މަސްބާނަން ދިޔުމަށް ބޭނުންވާ އެއްޗެހި ހަމަކުރާށެވެ. ތިން އަންހެން ކުދީން ހޫރީންމެން ގެޔަށް ދިޔަ އިރު ޒިވްޔަން އާއި ޒެއިން ގޮވައިގެން އަމާންމެން މިސްރާބުޖެހީ އާދަމްބޭ ގެޔަށެވެ. އެގެޔަށް ގޮސް މަސްބާނަން ބޭނުންވާ ނަނާއި ބުޅި ފަދަ ހުރިހައި ތަކެއްޗެއް ހަމަކޮށްގެން ދެން އެމީހުން ވެސް ދިޔައީ ހޫރީންގެ ގެޔަށެވެ. އޭރު ރިޔާޒް ދެތިން އެން ކޮތަޅު ތައްޔާރުކޮށްފައި ހުއްޓެވެ. ހަނާން އުޅުނީ އަޅާފައި އޮތް ބޯކިބަލާއި، އޭނާގެ ޚާއްސަ ހަވާދުގަނޑުގައި ހިކިކޮށް ހަދާފައި ހުރި ވަޅޯމަސްކޮޅު ޕެކްކުރާށެވެ.

“އަނހަ އަވަހަށް އާދޭ.. ހަނާއްތަ މިހުރީ ތިކުދިން ގެންދަން ފަރިވަޅު ހަދާފަ..” އަބަދުވެސް މޫނުމަތީގައި ހުންނަ ހިތްހެޔޮ ހިނިތުންވުމާ އެކީ ހަނާން ދަޢުވަތު ދިނެވެ.

“ފަރިވަޅޭ..؟” އެބުނި އެއްޗެއް ނޭނގިފައި ޒެއިން އަހައިލުމާ އެކު ހަނާން ކިޔައިދޭން ފެށިއެވެ.

“ފަރިވަޅު އެއީ މިރަށުގައި ދޯނި މަހަށް ފުރާއިރުގަޔާ މާ ގިނައިން މަސް ބާނައިގެން އަންނަ އިރު ތައްޔާރުކުރާ ކެއުމެއް.. ތިކުދިން މިރޭ މަހަށް ފުރަން އުޅޭތީ ހަނާއްތަ ހިތަށް އެރީ ކޮންމެވެސް އެއްޗެއް ތައްޔާރުކޮށްލާނީއޭ..” ތައްޓަކަށް ބަނބުކެޔޮ ބޮނޑިބަތްކޮޅެއް އަޅަމުން ހަނާން ކިޔައިދިނެވެ.

“ވާއު! ހާދަ ސަޅި ކަމެކޭ މީ!” ޒެއިންއަށް އެކަން ވީ ނުހަނު ޚާއްސަ ކަމަކަށެވެ. ގާތުގައި ހުރި ޒިވްޔަން ވެސް ހުރީ ރަށްރަށުގައި އޮންނަ މިފަދަ އާދަކާދަތަކުގެ ޚާއްސަކަން އެނގި، އާޝޯޚުވެފައެވެ.

ހޫރީން ގޯތިތެރެއަށް ނުކުތީ އެވަގުތެވެ. ކަކުލަށްވުރެ ތަންކޮޅެއް މައްޗަށް ހުރި ނޫކުލައިގެ ހެދުމަކާ އެކު ލާފައި ހުރީ އަބަދުވެސް ލާ ކަހަލަ ދޫ ހަރުވާޅެކެވެ. ކަޅުކުލައިގެ ބުރުގަލުގައި ގޮށެއް ޖަހައިލަމުން ހޫރީން އައިސް ހަނާންއަށް އަތްގާތްކޮށްދޭން ފެށިއެވެ. ބޯކިބަލުގައި ފޮއިލް އޮޅަމުން ދިޔަ ހޫރީންއަށް ޒިވްޔަންގެ ނަޒަރު އޭނާއަށް އަމާޒުވެފައިވީކަމެއް ނޭނގެއެވެ.

“މިހުރީ އެންކޮޅު.. އަމާން.. ރިޔާބެ ބުނީ އެއްކަލަ ފިނޮޅާ ދިމާލުން ވަރަށް ގަންނާނެ..” އަމާންއާއި ނަވާފްގެ އަތަށް އެންކޮޅު ދެމުން ރިޔާޒް އޭނާގެ ދުވަސްވީ ތަޖުރިބާގެ އަލީގައި ކިޔައިދިނެވެ.

“ކާކު ދޯނި ދުއްވަނީ..؟” ޒިވްޔަންއަށް އަހައިލެވުނީ އޭނާއަށް އެނގިފައިވާ ގޮތުން އެފަދަ ކަންކަމަށް ތަމްރީނު ބޭނުންވާތީއެވެ.

“ނާފް ވަރަށް މޮޅުވާނެ.. މީ ކުޑައިރު ވެސް އާދަމްބެއާ އެކީ އަބަދު މަހަށް ގޮސް އުޅޭ މީހެއް.. ބާރަ އަހަރުގަ ދޯނި ދުއްވަން ދަސްކޮށްލައިފި..” ހޫރީން ކިޔައިދިން ވާހަކަތަކުން ޒިވްޔަންއަށް އެދެމީހުންގެ ކުޑައިރުގެ ދުވަސްތައް ވެއަތުވެފައިވީލެއް ތަފާތުކަން ވިސްނައިލެވުނެވެ. ހޫރީންމެން އުޅެބޮޑުވީ އެފަދަ މަސައްކަތްތައް ކުރަން ދަސްވެގެންނެވެ. މަޖަލާއި، ސަކަރާތާއި، މިނިވަންކަމުގައެވެ. އޭނާއާއި ޒެއިންއަކަށް އެފަދަ ނަސީބެއް ނުލިބުނެވެ. މުއްސަނދިކަމާއި، ފައިސާ އަކީ މި އާދައިގެ ދިރިއުޅުމާ ބަލާފައި އެއްވެސް އެއްޗެއް ނޫނޭ ޒިވްޔަންގެ ހިތަށް އެރިއެވެ.

އެންމެން އެކުގައި ބަނދަރުމައްޗަށް ގޮސް ދޯންޏަށް އެއްޗެހިތައް އެރުވުމުގައި އުޅުނެވެ. ފުދޭވަރެއްގެ ދޯންޏަކަށް ވުމުން ހަމަޖެހިލައިގެން އެންމެންނަށް ތިބެވޭނެއެވެ. ހުރިހައި އެއްޗެއް އެރުވުމަށް ފަހު، ނަވާފް ހުންގާނުގައި ހިފުމުން އަމާން ޒެއިން ގޮވައިގެން ދޯނީގެ ކޮޅުފަސްކޮޅަށް ދިޔައެވެ. ބަނދަރުމަތީގައި ތިބި އަންހެންކުދީން ދޯންޏަށް އެރުވުމަށް ޒިވްޔަން އެހީވެދިނީ އެއީ ރީތި ގޮތެއް ކަމުގައި ދަސްވެފައި ވާތީއެވެ. ޒިވްޔަންގެ އަތުގައި ހިފައިގެން ނީރާ އާއި ޒޯޔާ ދޯންޏަށް އަރާފައި ހިންދެމިލުމާ އެކު ޒިވްޔަން ދެން އަތް ދިއްކޮށްލީ ހޫރީންއަށެވެ.

އިރުކޮޅަކު ޒިވްޔަންގެ އަތަށް ބަލަހައްޓައިގެން ހުރެފައި ހޫރީން ހީލިއެވެ. އެއަށްފަހު އެ އަތުގައި ހިފުމެއް ނެތި ބަނދަރުމަތީގައި ހުރެފައި ދޯންޏަށް ފުންމައިލީ ޖެހިލުންވުމުގެ ކަންފުޅެއް ވެސް ނެތިއެވެ.

“ނެކްސްޓް ޓައިމް، އައިލް ހެލްޕް ޔޫ..” ޒިވްޔަންއަށް ހިނިތުންވުމެއް ރައްދުކޮށްލާފައި ހޫރީން ނީރާ މެން ގާތަށް ދިޔުމުން ޒިިވްޔަންއަށް ހިނިތުންވެވުނެވެ. އަދިވެސް ދިއްކޮށްލެވިފައިވީ އަތް ގެނެސް އެ އިސްތަށިގަނޑުގެ ތެރެއަށް މަހައިލީ އެއީ ވާ އަންހެން ކުއްޖެކޭ ހިތަށް އަރާފައެވެ. އުމުރު ދުވަހު އެކުގައި އުޅުނަސް ހޫރީން ދަސްކޮށްކޮށް ބާނުވާނެޔޭ ޒިވްޔަންގެ ހިތަށް އެވަގުތު އެރި އެވެ.

“ޒިވްޔަން!” ދޯނީގައި ތިބި އެންމެންނަށް ބަނދަރުމައްޗަށް ބަލައިލެވުނީ މީހަކު ޒިވްޔަންއަށް ގޮވައިލުމުންނެވެ. އޭރު ސައިކަލުގައި އިން އައިދިންގެ ފަހަަތުގައި އަޒްހާން ވެސް އިނެވެ.

“ކޮބާ ކޮން ދަތުރެއް..؟” އައިދިން އަހައިލީ އޭނާގެ އާދައިގެ އެކުވެރި ރާގުގައެވެ.

“މަސްދަތުރެއް އަޅާލަން ކަމަށް.. އާދެވުނު ފަހަރު ހުރިހައި ކަމެއް ވެސް ތަޖުރިބާކޮށްލަން ވާނެއެއްނު..” ޒިވްޔަންގެ އެ ވާހަކަތަކުން އައިދިންއަށް ހިނިތުންވެވުނީ އެންމެ ފުރަތަމަ މިރަށަށް އައި ދުވަހުގެ ޒިވްޔަންއާ މިއަދު ފެންނަން ހުރި ޒިވްޔަން ތަފާތުކަން ފާހަގަވުމުންނެވެ.

“އާނ ރަނގަޅު ރަނގަޅު.. މަހެއް ބޭނިއްޖެއްޔާ ވާނެ ބާބަކިޔު ހަދަން އިނގޭ..” އައިދިން ބުނެލުމުން ޒިވްޔަން ހީލާފައި ބޯޖަހައިލިއެވެ.

ޒިވްޔަންއާއި ޒެއިން އައިދިންއާ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ދެން ތިބި އެކަކު ވެސް އެއްޗެކޭ ނުބުނެއެވެ. އެކަން ޒެއިންއަށް ވުރެ ކުރިން ފާހަގަވީ ޒިވްޔަންއަށެވެ. އޭނާއަށް ތަފާތުކަމެއް ފާހަގަވީ ދެނެވެ. ސައިކަލު ފަހަތުގައި އިން އަޒްހާންގެ ނަޒަރު ހޫރީންގެ މޫނުން ވަކިނުވާކަން ޒިވްޔަންއަށް ފާހަގަވުމުން އެހިތަށް ނޭނގޭ އުނދަގުލެއް ވިއެވެ. ދެން ތިބި އެންމެންގެ މޫނުތަކަށް ޒިވްޔަން ވަކިވަކިން ބަލައިލީ ދެނެވެ.

ނީރާއާއި ޒޯޔާގެ މޫނުމަތިން އޭނާއަށް ފެނުނީ އިންތިހާ ދަރަޖައިގެ ފޫހިކަމެވެ. ނަވާފްއާއި އަމާން ނުވާކަމަށް ހަދައިގެން ތިއްބަސް، އެ ދެމީހުންގެ ލޮލުން ޒިވްޔަންއަށް ރުޅިވެރިކަން ފެނުނެވެ. އަޒްހާން ހޫރީންއަށް ބަލައިލާފައި އެއްމިޔަކަނިން ހިނިތުންވެލި ވަގުތު ހޫރީން މޫނު އަނބުރައިލި މަންޒަރު ފެނުމާއެކު އެހުރިހައި ކަމެއް އަޒްހާންއާ ގުޅިފައިވާކަން ޒިވްޔަންގެ ތޫނު ސިކުނޑިއަށް ވަގުތުން ނަގައިގަނެވުނެވެ. އިތުރަށް އަޒްހާން ފެންނަ ހިސާބެއްގައި މަޑުކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ.

“އޯކޭ އައިދިން.. ދިމާވާނަން ފަހުން އިނގޭ..” ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލަމުން ޒިވްޔަން ބުނެލުމާ އެކީ އައިދިން ސައިކަލު ދުއްވައިލިއެވެ. ލޯމަތިން އަޒްހާން ގެއްލުމުން ހޫރީން ހަމަޖެހުނުކަން ޒިވްޔަންއަށް ނަގައިގަނެވުނެވެ. އަޒްހާންއާއި ހޫރީންގެ ދެމެދުގައި އޮތް ކަމެއް ނުވަތަ ހިނގި ކަމެއް ދެނެގަންނަން އޭނާ ބޭނުންވި ނަމަވެސް، އެންމެންގެ ތެރޭގައި އެހުން އެއީ ރަނގަޅު ގޮތަކަށް ނުވާނެތީ މަޑުކޮށްލީއެވެ.

ދޯނި ނައްޓައިލުމާއެކު ދާދި ދެންމެއަކާ ޖެހެން ދެން ހިމޭންވެފައި އޮތް މާހައުލު ކެކިއަރައިގަތީ މަޖާ ވާހަކަތަކުންނާއި، ސަކަރާތުންނެވެ. އަޒްހާންގެ ސަބަބުން ދެންމެ މާހައުލަށް ވެރިވި ނުތަނަވަސްކަމުގެ މަތިން ހަނދާން ނެތި، އެންމެން ވެސް ހުނުމާއި ސަކަރާތުގައި ބައިވެރިވީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

“އަޅޭ ހާދަ ރީއްޗޭ!” އިރުއޮއްސެމުން ދިޔަ ހިތްގައިމު މަންޒަރު ފޯނުގެ ކެމެރާގައި ރައްކާކުރަމުން ދިޔަ ޒެއިން ހީވަނީ އަލަށް އެއްޗެއް ފެނިގެން އުޅޭހެންނެވެ. ގާތުގައި ހުރި ޒިވްޔަން ވެސް އާޝޯޚުވެފައި އެ މަންޒަރަށް ބަލަން ހުރީ މިފަދަ ގޮތަކަށް އިރުއޮއްސޭ މަންޒަރު އަދި ފެނިފައި ނުވާތީއެވެ.

އިރުގެ އެންމެ ފަހު ދޯދިތައް ދުނިޔެއަށް ހަނާ އަޅަމުން އުދަރެހުގެ ތެރެއަށް އޮއްސެމުން ދިޔަ ވަގުތު، މުޅި މާހައުލުގައިވީ ހިތްގައިމު އޮރެންޖު ކުލައިން ހުރިހައި ހިތްތަކަށް ނޭނގޭ ހަމަޖެހުމެއް ގެނުވަމުން ދިޔައެވެ. އުޑުގައި ވިލާރޮއްޖެއްގެ މިންވަރު ވެސް ނެތުމުން މިއަދުގެ އިރުއޮއްސޭ މަންޒަރު އިހުނަށް ވުރެ ފުރިހަމަ ވެލައިފިއެވެ. ކަނޑުގެ ލޮނުގަނޑަށް އިރުގެ ރަން ދަޅަތައް އެޅިފައިވީ އިރު، ދިހުން ކުލަ އަރާފައިވީ ލޮނުގަނޑު ކަފަމުން މަޑު ދުވެއްޔެއްގައި ދޯނި ދުއްވަމުން ދިޔައެވެ. އެކި ދިމަދިމާލުގައި އުދުހެމުން ދިޔަ ދޫނިތަކުގެ ހިތްގައިމު މަންޒަރާއި، މިޔުޒިކީ ރާގުތަކުން އިތުރު ހިތްފަސޭހަކަމެއް ގެނުވަމުން ދިޔައެވެ.

ރިޔާޒް ބުނި ހިސާބަށް ދެވުމާއެކު ނަގިލި އެއްލާފައި ދެން އެންމެން އުޅެގަތީ އަވަހަށް މަހެއް ބޭނޭތޯއެވެ. ބުޅިތަކުގައި ނަނު އެއްސުމުގެ މަސައްކަތް ނަވާފްއާއި އަމާނަށް ވުރެ ފަރިތަކަމާއެކީ ހޫރީން ކުރަމުން ދިޔައެވެ. އެއަށްފަހު އެންމެންނަށް އަންގިތައް ބަހައިލާފައި، ހޫރީން ވެސް ނަނެއް އެއްލައިގެން ދޯނީގައި ޖައްސައިލިއެވެ.

ދުވަހަކު ވެސް ކޮށްފައިވާ ކަމަކަށް ނުވާތީ ޒިވްޔަންއާއި ޒެއިންއަށް ފުރަތަމަ އެއްވެސް ކަމެއް ނޭނގުނެވެ. އެހެނަސް ކެތްތެރިކަމާ އެކީ ހޫރީން އެދެބެންނަށް ކަންތައްކުރަންވީ ގޮތް ކިޔައިދިނުމުން ޒިވްޔަން ނިކަން އަވަހަށް އެކަން ދަސްކޮށްލައިފިއެވެ. ޒެއިން ވެސް ހޫރީންގެ އެހީގައި އޭނާގެ ފުރަތަމަ ނަނު އެއްލައިފިއެވެ.

ހަތް މީހުން ހަތް ނަނު ދޫކޮށްގެން ތިބި އިރު، އިރު އޮއްސި އަނދިރިވާން ފަށައިފިއެވެ. މަހެއް ނުގަނެގެން ހައެއްކަ މިނެޓު އިނދެފައި އަމާން ފޫހިވެގެން ތެދުވެ، ހަނާން ޕެކްކޮށްފައި އޮތް ބޯކިބަލާ، ބޮނޑިބަތް ތަށި ނަގައިފިއެވެ.

“އާނ ދެން ތި ކައިގެން ހޮޑުލާ..” ހޫރީން ދިމާކޮށްލީ ކުރީ މަސްދަތުރުތަކުގައި ވެފައި ހުރި މަޖާ ކަންތައް ހަނދާންވުމުންނެވެ. ކުޑައިރުއްސުރެ މަސްދަތުރުތަކުގައި އައިސް އުޅުނު ނަމަވެސް އަމާންއަށް އަދިވެސް ކަނޑުމަތީގައި ބޯއެނބުރުމާއި ހޮޑުލެވުމުގެ އުނދަގުލުން ސަލާމަތްވެވޭ ގޮތެއް ނުވެއެވެ. އެހެނަސް ނިކަން ކުރާހިތްވާ ކަމަކަށް ވާތީ މަސްދަތުރެކޭ ބުނެފިއްޔާ އޭނާ ހުންނާނީ ހޭވައްލާ ތައްޔާރަށެވެ.

“އެންމެ އަވަހަށް މަހެއް ބާނާ މީހަކަށް ހަދިޔަލެއް އިނގޭ!” ނަވާފް ގޮވައިލީ ފޯރި ގަދަކޮށްލާށެވެ.

ނަސީބު ދިމާކުރި ގޮތުން އެންމެ ފުރަތަމަ މަހެއް ގަތީ ހޫރީންގެ ނަނުގައެވެ. ފަރިތަކަމާ އެކީ ހޫރީން ނަނުގައި ހިފައި ދަމާފައި، ދޯންޏަށް ނެގި އިރު އޮތީ މެދުވަރެއްގެ ފިލޮޅެކެވެ. ވަގުތުން ނަނު އެއްލައިގެން އިން ޒެއިން ތެދުވެ އޭނާގެ ފޯނު ނަގައި، ހޫރީން މަސް ހިފައިގެން ހުއްޓާ ފޮޓޯ ނަގަން ފެށިއެވެ.

“ވާއު! ހޫރީން ހާދަ މޮޅޭ!” ހޫރީންގެ ފަރިތަކަން ފެނި ޒެއިންއަށް ބުނެވުނެވެ.

“ތީ އަދި އެއްވެސް އެއްޗެއް ނޫން.. ރީން ނިކަން މޮޅުވާނެ ދޮށިން މަސްބާނަން ވެސް!” ޒޯޔާ ތައުރީފުކޮށްލުމުން ޒިވްޔަންއަށް ހޫރީންއަށް ބަލައިލެވުނެވެ. ބިރުގެ ކަންފުޅެއް ވެސް ނެތި، ތެޅިތެޅި އޮތް ރޯމަހެއް ހިފަހައްޓައިގެން ހޫރީން ހީލައިގެން އިނީ ޒެއިން ހިތްހަމަޖެހޭ ކަހަލަ ފޮޓޮއެއް ނެގެން ދެނެވެ. މިއީ ހާދަހާވާ ކުޅަދާނަ އަންހެންކުއްޖެކޭ ޒިވްޔަންގެ ހިތަށް އެވަގުތު ވެސް އެރިއެވެ.

“ބޮޑު އެއްޗެއް! ބޮޑު އެއްޗެއް!” ކުއްލިއަކަށް ނަވާފް ތެޅިގަނެފައި ތެދުވެ ނަނަށް ދަމަން ފެށުމުން އެންމެންގެ ސަމާލުކަން ދަމައިގަތެވެ. ޒެއިން ވެސް އަވަހަށް ފޯނު ދިއްކޮށްލަމުން ވީޑިޔޯ ކުރަން ފެށީ ނަވާފް އެވަރަށް ދަމާނީ ބޮޑު މަހަކަށް ވީމާ ކަން އެނގޭތީއެވެ.

“ޕިސް! ދައްކަބަލަ އަހަރެން އަތަށް!” ހޫރީން ނަނު އަތްލާފައި އޭގައި ހިފައި ދެތިން ފަހަރަކު ދަމައިލިއެވެ.

“ބަލަ މިހިރަ ގަޅިޔާ! ބޮޑު ގަލެއްގައޭ މި އޮތީ އެޅިފަ!” ނަވާފްގެ ފުއްކިބައިގައި ޖަހައިލަމުން ހޫރީން އެތިވަރު ގޮވައިގަތުމާ އެކީ އެންމެން ހިނިގަނޑު ފަޅައިގެން ދިޔައެވެ.

“ދެން މިހާރު ދަސްވާން ވެއްޖެއެއްނު.. ނާފް މަހަށް އަންނަ ފަހަރަކު ވިއްޔާ ގަލެއް ނުގަންނަ ފަހަރެއް ނުދެޔޭ!” ވަޅިއަކުން ނަނު ކަނޑައިލަމުން ހޫރީން އަނެއްކައި ވެސް ދިމާކޮށްލިއެވެ. މޫނު ކުނިކޮށްގެން އިނދެ ނަވާފް ބުޅިކޮޅެއް އައްސައިލާފައި އަނެއްކަިއ ވެސް ނަނު އެއްލިއެވެ.

ދެން ބޭނުނު ތިން މަސް ވެސް ބޭނީ ހޫރީންއެވެ. އޭރު މަހެއް ނުބޭނިގެން އަމާންއާއި ނަވާފް ތުންދަމައިގެން ތިބި އިރު، ޒެއިން ވެސް އިނީ ފޫހިވެފައެވެ.

އިރުކޮޅެއް ފަހުން އެންމެންނަށް ޒިވްޔަންއަށް ބަލައިލެވުނީ މިޔޮށް ހުރިހައި އިރަކު ހިމޭނުން މަޑުމަޑުން އިން ޒިވްޔަން ނަނަށް ދަމަން ފެށުމުންނެވެ. އެއްވެސް އެއްޗެއް ބުނުމެއް ނެތި، ހޫރީން އެކަން ކުރި ގޮތް ބަލައިގެން ޒިވްޔަން ވެސް ނުހަނު ފަރިތަކަމާއެކީ އެކަން ކުރަން ފެށިއެވެ. ދޯންޏަށް މަސް ނެގުނު އިރު ބުޅީގައި އޮތް ފުދޭވަރެއްގެ ބޮޑު ރަތްމަސް ފެނިފައި އެންމެން އެއްފަހަރާ އަރައިގަތެވެ.

“މިރޭގެ ފުރަތަމަ ރަތްމަސް! ވާއު ޒިވްޔަން!” ނީރާ އަތްތިލަބަޑި ޖަހައިލާފައި ތައުރީފުކޮށްލުމާ އެކީ އެންމެން ވެސް ބައިވެރިވިއެވެ. ހޫރީންގެ އެހީއާ އެކީ ޒިވްޔަން ބުޅިން މަސް ވަކިކޮށްލަމުން ވަތަށް ލާފައި ހޫރީންއަށް ބަލައިލިއެވެ.

“މޮޅޭ ދޯ..” ހަށަންބަނދެލަމުން ހޫރީން ތައުރީފު ކޮށްލުމާއެކީ، ޒިވްޔަން ބުމަ އަރުވައިލާފައި އެއްމިޔަކަނިން ހީލިއެވެ.

“ކެއަރފުލް.. މި ދަތުރު ނިމެންވާ އިރު އެންމެ ގިނަ މަސް ބާނާ މީހާގެ ލަގަބު ހޫރީންގެ އަތުން ދޫވެދާނެ..” ޒިވްޔަން ހަމަ އެހެން ބުނެލުމާ އެކީ ހޫރީން ތުންއަނބުރައިލިއެވެ.

“ފޮނި ވެސް މީހެކޭ.. އަދި އަލަށޭ ނަނެއްގަ ވެސް ތި އަތްލީ.. އެންމެ މަހެއް ބޭނޭ އިރަށް ތިހައި ބޮޑާވާކަށް ނުވާނެ..” ހޫރީން ވެސް ދުލެއް ނުކުރިއެވެ.

“އަލަށް ވިޔަސް އަހަރެން މީ ހަމަ ނެޗުރަލްއެއް! އަޅެ ނޫންތަ..؟ އަސްލު ހޫރީންއަށްވުރެ މޮޅުވެދާނެތީ ބިރުގަންނަނީ ދޯ..؟” ހޫރީންގެ ނޭފަތުގައި އިނގިލިކުރިން ޖަހައިލަމުން ޒިވްޔަން ހީގަތެވެ.

“ހަހް! ބަލާނަމޭ!” ކުޑަކުއްޖަކު ފުއްވައިލާހެން ހޫރީން ގޮސް އަނެއްކައި ވެސް އޭނާގެ ނަނުގައި ހިފުމާ އެކީ ޒިވްޔަން ވެސް އޭނާގެ ނަނު އެއްލިއެވެ. އެއަށްފަހު ދެން އެދެމެދުގައި ކުރިޔަށް ދިޔައީ ކުޑަވަރެއްގެ މުބާރާތެކެވެ.

އެގޮތުގައި ބައިގަޑިއިރެއްހާ އިރުވީ އިރު އެންމެ ގިނައިން މަސް ބޭނީ ހޫރީންއާއި ޒިވްޔަންއެވެ. ނީރާއާއި ޒޯޔާ ދެތިން މަސް ބާނާފައި އުޅެގަތީ ހަނާންގެ ބޮނޑިބަތް ތަށި ހުސްކުރުމުގައެވެ. ނަވާފް އާއި އަމާން ވެސް ހައެއްކަ މަސް ބާނާފައި ފޫހިވެގެން އަނގަ ތަޅަން ތިބީއެވެ. ހޫރީންގެ އެހީތެރިކަމާ އެކު ކުޑަ އެއް ފިލޮޅު ބޭނުމުން ޒެއިން ވެސް އިތުރަށް މަހެއް ބާނާކަށް ނޫޅުނެވެ. މަހެއް ބޭނުނީތީ އުފާވެގެން ފުމެފުމެފައި އޭނާ ދެން ފެށީ މަހުގެ ފޮޓޯތައް އިންސްޓަގްރާމް ކުރާށެވެ. ވަކި ހިސާބަކުން ޖަންނަތަށް ގުޅައިގެން ވެސް މަހެއް ބޭނުނީތީ ފޮނޑިކަނޑަމުން މުޅި ދޯނިތެރޭގައި ދުވިއެވެ.

ހޫރީން އާއި ޒިވްޔަން ހޭވައްޓައިލާފައި މަސް ބާނަމުން ދިޔަ އިރު އަމާން އާއި ނަވާފް ތިބީ ޒިވްޔަންގެ ކައިރީގައި ހިތްވަރުދޭށެވެ. ޒޯޔާއާއި ނީރާގެ އިތުރުން ޒެއިން ހޫރީން ގާތުގައި ތިބެގެން ހޫރީންއަށް ހިތްވަރު ދެމުން ދިޔައެވެ. ދެ ޓީމަކަށް ބެހިގެން ކޮންމެ މީހަކު ވެސް ބަލަމުން ދިޔައީ އެންމެ ގިނައިން މަސް ބޭނެނީ ކާކަށްތޯއެވެ.

އިރުއިރުކޮޅާ ހޫރީން ޒިވްޔަންއަށް ބަލައިލާ އިރު، ކުރަން އިން ކަމަށް ސަމާލުކަން ދެވޭ ގޮތް ނުވަނީ ޒިވްޔަން އިން ގޮތުންނެވެ. އަބަދުވެސް ތަރުތީބުކޮށް އޮންނަ އިސްތަށިގަނޑު ހޭވިފައިވާ އިރު، ވަޔާ އެކީ ނިތްކުރިމައްޗަށް އެޅިފައި އޮތް އިސްތަށިކޮޅުން އިތުރަށް ޒުވާންކަމަށް ދައްކައެވެ. ނުހަނު ބޮޑަށް ކުރަން އިން ކަމަށް ސަމާލުކަން ދީގެން އިން އިރު، އެ މޫނުމަތީގައިވީ އަސަރުތަކުން ހޫރީންގެ ހިތަށް އެނގުންވެލައިގެން ދިޔައެވެ. ދޯނިތެރޭގައި ދިއްލާފައިވާ މަޑު ބައްތީގެ ރަން އަލީގައި، ފިރިހެންވަންތަކަމުގައި އެފަދަ ދެވަނައެއްނުވާ ސޫރަ ފެނިފައި ހޫރީންއަށް ހިތާހިތުން ތައުރީފު ކުރެވެމުން ދިޔައެވެ. ނަނަށް ވާން ވުމުން ނަނަށް ދަމައިލާ އިރު، އެ ދެ އަތުގެ މުލައްދަނޑީގައި އަރާފައި ހުރި މަސްތަކާއި، ނާރުތައް ފެންނަ ހަމަ ކޮންމެ ފަހަރަކު ހޫރީންއަށް ހިންދިރުވައިލެވެނީ ގަސްތަކާ ނުލައެވެ.

މަސްވެރިކަމުގެ މަސައްކަތް ޒިވްޔަން ދަސްކޮށްލިލެއް އަވަސްކަމުން ހަގީގަތުގައި ވެސް ހޫރީން ހައިރާންވިއެވެ. މިވަގުތު ޒިވްޔަން ކުރަމުން ދިޔަ މަސައްކަތުގެ ގޮތުންނާއި، އެ ކަން ކުރަން އިން ގޮތުން ޒިވްޔަންގެ ފިރިހެންވަންތަކަން ދެގުނަވެފައިވާ ހެން ހީވެއެވެ. ޒިވްޔަންހައި ރީތި ފިރިހެނަކު އޭނާއަށް އަދި އަދަށް ދާން ދެން ވެސް ނުފެނެޔޭ ހޫރީންގެ ހިތަށް އެވަގުތުކޮޅު އެކަނި ވެސް އެތައް ފަހަރަކު އެރިއެވެ.

“ރީން ފޯކަސް!” ސިހިފައި ހޫރީންއަށް ތެޅިގަނެވުނީ ނީރާ ގޮވައިލުމުންނެވެ. އަވަސްއަވަހަށް ނުވާކަމަށް ހަދައިލަމުން ހޫރީން ޒިވްޔަންގެ މޫނުން ނަޒަރު ވަކިކޮށްލި ނަމަވެސް، އެތަނުގައި ތިބި އެންމެންނަށް މާ ކުރިން އެކަން ފާހަގަވެއްޖެއެވެ.

ނުނިމޭ