ހިޔަނި
“ޔަމަން….”
ފަހަތުން ބާރަށް މީހަކު ގޮވާލި އަޑަށް ޔަމަން ފަސްއެނބުރި ބާލާލިއެވެ. ފަސް ފޫޓެއް ހާދުރުގައި ފިރިހެނަކު މަޑުކޮއްލައިގެން ޔަމަން އާއި ފިމާލަށް ބަލަން ހުރިހެން ހީވިއެވެ. އަނދިރީގެ ތެރެއިން އެމީހާގެ މޫނު ފެންނަންހުރީ ހިޔަންޔެއް ކަހަލަ ގޮތަކަށެވެ. އެއީ ކާކުކަމެއް ނޭނގުމުން އެމީހަކު އަންނަންދެން ޔަމަން އިރުކޮޅަކު މަޑުކޮއްލިއެވެ.
ހަނދުވަރުގެ ފަނޑު އަލި އުޑުމަތީގައި ވީނަމަވެސް، މަގުގެ ދެފަރާތުގައި ވާ ބޮޑެތި ބިޔަ ގަސްތަކުގެސަބަބުން މަގުމައްޗައް ވަނީ ހިޔަނިއެޅި އަނދިރިވެފައެވެ. ޔަމަން ހުރީ އެމީހާ އަންނާނެކަމަށް މަޑު ކޮށްލައިގެންްނެވެ. ނަމަވެސް އެމީހަކު ކުރިއަށް އަންނަ ހެނެއް ހިޔެއްނުވިއެވެ. “ޒާން ތަ؟” ޔަމަން ބާރަށް ގޮވާލިއެވެ. ނަމަވެސް އެމީހާ ޖަވާބެއް ނުދީ ހުރިފިޔަވަޅުމަތީގައި ހުއްޓިލަައިގެން ހުއްޓެވެ. ޔަމަން އަކީ ބިރުކުޑަ، ޖެހިލުންކުޑަ ކުއްޖެއް ކަމުން މާބޮޑު ވިސްނުމެއް ނެތި ތީކާކުހޭ ކިޔަމުން އެމީހާއާއި ދިމާލަށް ހިނގައިގަތެވެ. “ދަރިފުޅާ ކާކާ ތި ވާހަކަ ދައްކަނީ” ޔަމަން އެމީހާއާއި ދިމާލަށް ފަސްވަރަކަށް ފިޔަވަޅު އެޅިތަނުން ޔަމަންގެ ފަހަތުން މޫސަ ގޮވާލި އަޑުއިވުނެވެ. “ބައްޕާ” ޔަމަން ފަސް އެނބުރި ބަލާލަމުން ފަހަތުގައި ހުރި މޫސަ އަށް ގޮވާލިއެެވެ. ” ޒާން ކަންނޭގެ، އެތާ ހުރެގެން މަށަށް ޖެއްސުން ކުރަން އެބަ ގޮވާ.”
ޔަމަން އެމީހާހުރި ދިމާލަށް އަތްދިއްކޮށްލީ މޫސައަށް އެމީހާ ދައްކާށެވެ. ” ކާކުތަ؟ އެތާގަ ނެތެއްނު އެކަކުވެސް.” މޫސަ އައިސް ޔަމަންގެ އަތުގައި ހިފާލިއެވެ. އެއީ ތެދެކެވެ. އެމީހާ މިހާރަކު އެތާކު ނެތެވެ. ޔަމަން ހައިރާން ވެފައި ހުރެ މޫސަގެ މޫނަށް ބަލާލިއެވެ. “ދަރިފުޅު ކައިރީގަ ބައްޕަ ބުނަމެއްނު އަބަދު ވާހަކަ ފޮތްކިޔަން އިންނަންޔާ ލޯ ހަލާކުވާނޭ. ތިޔަހުރީ މިހާރު އައިނެއް އަޅާވަރުވެފަ.” މޫސަ ސަމާސާރާގެއްގައި ބުނެލިއެވެ. “އެކަމަކު.. ބައްޕާ… އެމީހާ ގޮވިއޭ މަށަށް..” ޔަމަން ވާހަކަ ދެއްކީ އާ ގަންނަމުންނެވެ. ޔަމަން އެކިކޮޅު ކޮޅަށް އެނބުރި އެމީހަކު ފެނޭތޯ ބެލިއެވެ. ނަމަވެސް އެމީހާގެ ހިލަމެއްވެސް ނުވިއެވެ.
ދެންހިނގާ ގެއާ ދިމާލަށް. މަންމަ އިންނާނެ މިހާރު ކާންހަދައިގެން އަހަރުމެން ނުގޮސްގެން ލަސްވެފަ.” މޫސަ ޔަމަން ގެ އަތުގައި ހިފައިގެން ގެއާދިމާލަށް މިސްރާބުޖެހިއެވެ.
” ހާދަ ވަރަކަށް ނަމާދު ކޮއްފަ ދެބަފައިން މިރޭ ތިއައީ. ކޮން އިރެއް މިހާރު. ބަނޑުހައިވެގެން ހާންތިވެއްޖެ.”
މޫސަ ފެނުމާއެކު ހަސީނާގެ ޝަކުވާފަތި އޮއްސާލިއެވެ. “މިސްކިތުން ފޭބި ތަނުން ދޮންހުސޭނުބޭ ދިމާވެގެން ބޮޑުވާހަކަ އަޅުވާލީ. ދެން ލަސްވަނީއޭ ކިޔާފަ އަވަހަށް އަންނަނިކޮށް ފެނުނީ ޔަމަން އެކަނި ހުރެ ވާހަކަ ދައްކަނިކޮށް. ދެން މީނަ ގޮވާގެން އަންނަންވެގެން އަނެއްކާ ލަސްވީ.”
މޫސަ ވާހަކަ ދެއްކީ ޔަމަން އަށް ބަލަން ހުރެ ހެވިފައެވެ.
އޭރު ޔަމަންގެ މޫނުމަތިން ފެންނަން ހުރީ ނުތަނަވަސް ކަމެވެ.
“ދަރިފުޅާ މުސައްލަ ބާއްވާފަ އާދޭ ކާން” ހަސީނާ ހީލަމުން ޔަމަން އަށް ބަލާލިއެވެ. ހަސީނާ އެވާހަކަ އޮއްބާލަން މަސައްކުރީ ޔަމަން ހަމަ ޖެހިލުމުން އެވާހަކަ އަހަން ވެގެންނެވެ. އަވަސް އަވަހަށް ހަސީނާ ކާމޭޒުމަތިީގައި ހުރި ތަށިތަކުގެ މަތިތައް ނަގައި ކާން ތައްޔާރު ކުރަން ފެށިއެވެ. ސުފުރާ މަތީގައި އޮތް ބޮޑު ފިހުނުމަހުން އޭރު މުޅި ކާގެ އެއްވަސް ވެއްޖެއެވެ. ތާޒާ ކަނޑުމަހުގެ ގަރުދިޔައާއި ފިހުނު ގިނިމަހާ ކާށިކިރުގެ ރޫސިހާ ބަތަކީ މޫސައަށް އެންމެ ކަމުދާ ކެއުން ކަމުން ގިނަ ރޭތަކުގައި ހަސީނާ ތައްޔާރު ކުރަނީ މިކެއުމެވެ.
މޫސަގެ ބަލިހާލަތު ހުންނަގޮތުން ބުރަމަސައްކަތް ކޮށްއުޅުން އަތޮޅު ސިއްހީމަރުކަޒުގެ ޑޮކްޓަރު ވަނީ މަނާކޮއްފައެވެ. އެހެންކަމުން މޫސަގެ މަސްދޯނި ދުއްވަން ހަވާލު ކޮއްފައި ހުންނަނީ އޭނާގެ ކޮއްކޮ ޒަރީރުއާއެވެ. ކޮން.ެ ދުވަހަކު އެގެއަށް ކާން މަސް ލިބެއެވެ. އަދި ކޮންމެ މަހެއް ނިމުމުން އޮޑިވެރިޔާ އަށްވާ ލާރިވެސް ޒަރީރު ގެނެސްދެއެވެ. ގިނަ މަސްމަހު ހަތްހާސް ރުފިޔާވަރު މޫސައަށް ލިބެއެވެ. އަދި 1990 މީ ވަކިން ތިޔާގި އަހަރަކަށް މިވަނީ ވެފައެވެ. މި އަހަރު ފެށުނު ފަހުން މިވީ ތިންމަހުގައި ވެސް ހަތްހާސް ފައްސަތޭކަވަރު މޫސައަށް އެބަ ލިބެއެވެ. އެއިން ގޭގެ ހުރިހާ ކަމަކާއި، ޔަމަންގެ ހަރަދުތައް ކޮއްފައިވެސް މޫސަ ކޮންމެ މަހަކު ފަސްހާސް ރުފިޔާ ގޭގެ ބޮޑުފޮށީގައި ރައްކާ ކުރެއެވެ.
މޫސައަކީ އެންމެ ޅައިރުއްސުރެ އަމިއްލަ ބުރަ މަސައްކަތުން ތަނަވަސް ދިރިއުޅުމެއް ހޯދި ހިތްވަރުގަދަ މީހެކެވެ. އެދެމަފިރިން އުމުރުން ވިހި އަހަރުގައި ކައިވެނިކޮށްގެން ލިބުނު ހަމައެކަނި ދަރިއަކީ ޔަމަން ކަމުން އެދެމީހުން ޔަމަންދެކެ ލޮލުގެ ނޫރުފަދައިން ލޯބިވެއެވެ. ޔަމަންގެ އުމުރުން މިހާރު މިވީ 17އަހަރެވެ. ރަަށު ސުކޫލުން އެންމެ މައްޗަށް ކިޔެވެނީ ގްރޭޑު ހަތަކާއި ހިސާބަށެވެ. ސުކޫލު ނިމުނުން ޔަމަން ބޭނުންވީ އިތުރަށް ކިޔަވަން މާލެއަށް ނުގޮސް ރަށުގައި މަޑުކުރާށެވެ. ދިރިއުޅުމެއް ފެށެންދެން މޫސަ އާއި ހަސީނާ ކައިރީގައި ހުންނާށެވެ. އެދެމަފިރިންވެސް އެކަމަކާ ދެކޮޅެއް ނުހަދައެވެ. ޔަމަން އެދޭ ކޮންމެ ކަމެއް ނުހަނު ލޯބިން އެދެމަފިރިން ކޮއްދެއެވެ.
އެކުޑަކުޑަ އާއިލާ އުޅެމުން އަންނަނީ ތަނަވަސް އަދި އެހާމެ އުފާވެރި ދިރި އުޅުމެކެވެ. އެލޯބި ދިރިއުޅުމަށް އެއްވެސް މީހެއްގެ ހިޔަންޏެއްވެސް އެޅޭކަށް އެދެމަފިރިން ނޭދެއެވެ.
ނުނިމޭ…
2 Comments!
Comments are closed.



Reeth 😊
Thank you for reading, and for the comment 🫰