ލޯބި-28
*އެއްދުވަހެވެ. މައިހާ އުޅުނީ ބޯއަނބުރާތީ އެވެ. ފަތިހު ރިޝްފާ އާއި ރައުފާ އާއި އެކު ބަދިގޭގައި އުޅުނު އިރު ވެސް އޭނާ ކައްކާ ވަސް ދުވުމުން މޭބޮޑުވާން ފެށި އެވެ.*
އިރު ކޮޅަކުން މިންހާ ވެސް އައެވެ. މައިހާ އިންގޮތް ފެނިފައި މިންހާ ހިނިތުން ވެލި އެވެ.
“ޓެސްޓް ތައް ހަދާލަންވީނު؟” ލާނެތް ގޮތަކައް ހިނިއައިސްފައި ހުރެ މިންހާ މައިހާ އާއި ދިމާލައް ބުންޏެވެ.
“ކޮން ޓެސްޓް ތަކެއް؟” މިންހާ އާއި ދިމާލައް ލޯއަޅައިލަމުން މައިހާ ބުންޏެވެ.
“ދެން ހާދަން ޖެހޭ ޓެސްޓްތައް. އަހަރެން މިދަނީ ހޮސްޕިޓަލަށް އަށް. އަންނާތި. އެޕޮއިންޓްމަންޓް ވެސް ހަމަޖައްސާނަން.” މިންހާ ބުންޏެވެ. ރިޝްފާ އާއި ރައުފާ ވެސް މިންހާ އާއި ދިމާލައް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.
“އެއްވެސް ޓެސްޓް އެއް ހަދާކަށް ނުޖެހޭނެ. ރޭގަ ނުކާތިވެ ގޭސްވީ.” މައިހާ ބުންޏެވެ.
“ދެން ޓެސްޓް ތައް ހަދާލުމުން ކޮބާ ދެރައެއް. އަހަރެންނޭ ތިއްތަގެ ޑޮކްޓަރ އަކައް ހުންނާނީ.” މިންހާ ހެމުން ބުންޏެވެ.
“މިންހާ. ބޭކާރު ވާހަކަ ނުދައްކާ މިތަނުންދޭ.” މައިހާ ނުރުހިފައި ބުންޏެވެ.
“މިންހާ އެބުނީ ރަނގަޅު ވާހަކައެއް. ޑޮކްޓަރައް ދައްކައިލުމުން ކޮބާ ދެރަ އެއް.” މިންހާ ދިއުމުން ރިޝްފާ ބުންޏެވެ.
“މަންމާ.” މައިހާ ނުރުހިފައި ގޮވައިލި އެވެ.
“އަންނައްޗޭ ދެމީހުން.” މައިހާ އާއި ރީހާން ނިކުންނަން ދާންފެށުމުން މިންހާ ސޯފާގައި އޮވެފައި ގޮވައިލި އެވެ. މައިހާ މިންހާ ފަހަތުން ދުއްވައިގަތެވެ.
“ތިހާލުގަ ދުވާކަށް ނުވާނެ.” މިންހާ ހެމުން ބުންޏެވެ. އަދި ކޮޓަރިއަށް ވަދެ އަވަހައް ދޮރު ލެއްޕިއެވެ.
“މަށަށް މިގަޑީ ހުރެގެން ނެތީމަ ތިސަލާމަތްވީ.” މައިހާ މިންހާގެ ކޮޓަރި ދޮރުކައިރީ ހުއްޓިލަމުން ބުންޏެވެ.
މިންހާ އާއި އައިޒާ ބަލިމީހުން ބަލާ ކޮޓަރީގައި ތިއްބެވެ. މީހަކައް ފަހު މީހަކު އަންނަމުން ދިޔަ އެވެ. މިންހާ ދެން އިން ބަލި މީހާގެ ނަން ބަލައިލާފައި ހީލިއެވެ.
“ހާދަ ހިނިއައީ؟” އައިޒާ އައް އެމަންޒަރު ފެނިގެން އަހައިލި އެވެ.
“ތިއްތަ. މިއަދު ފާޑަކަށް ހުރީ. ޓެސްޓްތައް ހަދާލަން ބުނީމަ ނޫނެކޭ ބުނީ. އެއައީނު.” މިންހާ ހިނިއައިސްފައި ބުންޏެވެ. އައިޒާ ވެސް ކުޑަކޮއް ހީލި އެވެ. އެވަގުތު ޓަކިދީފައި ވަނީ މައިހާ އާއި ރީހާން އެވެ.
“ނާންނާނަމޭ ކިޔައިފަ އައީދޯ.” މިންހާ ލާނެތް ގޮތަކައް ބުންޏެވެ.
“މައި މާ ބޮޑައް ބޯއަނބުރާތީ.” ރީހާން ބުންޏެވެ.
“ބޯއަނބުރަންޏާ އާންމުބަލިތަކާ ބެހޭ މީހެއް ކައިރި އައް ވެސް ދެވިދާނެ. އަހަރެން ކައިރި އައް އައީ ކީއްވެ؟” މިންހާ އަދި ވެސް ހުރީ ލާނެތް ވެފަ އެވެ.
“ދެން އަވަހައް ޓެސްޓް ހަދަން ފޮނުވާ މިންހާ.” އައިޒާ ވެސް ހިނިތުންވެފައި ހުރެ ބުންޏެވެ. މިންހާ އަވަހައް ޓެސްޓްތައް ލިޔެލައިފައި ދެމީހުން ފޮނުވައިލީ އިރުކޮޅަކުން ނަތީޖާ ލިބޭނެ ކަމައް ބުނެއެވެ.
“ކަލޭ ހާސްނުވެބަލަ. އަދި މިއުޅެނީ މިންހާ އާއި ވާހަކަ ދައްކާނުލެވިގެން.” މަޔާން ފޯނުން ކޮންމެވެސް މީހަކަށް ވާހަކަ ދެއްކި އެވެ.
“ކަލޭ ހަނދާން ކުރާތި މިންހާ އެއީ މަގޭ މީހެއްކަން. ކަލޭ އޭނަ މަށައް ގެނެސްދޭނީ.” އެމީހާ ހަރުކަށިކަމާއިއެކު ބުންޏެވެ.
“އާނ. އާނ. ހަނދާން އެބަހުއްޓޭ.” މަޔާން ބުންޏެވެ. އޭރު އޭނާގެ ނިއްކުރިން މުތީތަކެއްފަދައިން ދާތިކިތައް ވިދަމުން ބުންޏެވެ.
“ކަލޭއަށް ލިބޭނީ އެއް ހަފްތާ.” އެމީހާ އިންޒާރު ދިނެވެ. އަދި ފޯނު ކަނޑައިލިއެވެ. މަޔާން އިރުކޮޅަކު ހުރެފައި އެނބުރި އޮފީހަށް ވަނެވެ.
“މަންމީ!!” ކުއްލިއަކައް ދޮރު ހުޅުވައިލައިފައި ކުޑަ އަންހެން ކުއްޖެއް ދުވެފައި ވަނެވެ. އެކުއްޖާ ހުރީ ސުކޫލު ޔުނިފޯމުގައެވެ. އައިޒާ އާއި މިންހާ އެކުއްޖާ އާއި ދިމާލައް ބަލައިލި އެވެ. އައިޒާ އުފާވެރި ހިނިތުންވުމަކާއި އެކު އެކުއްޖާ އުރައިލި އެވެ.
“މަންމި ކައިރިއައް ދާން ކިޔާވަރުން ގޮވައިގެން އައީ.” އެކުއްޖާ ފަހަތުން ވަން ނާއިލް ބުންޏެވެ. އަދި މިންހާ އަށް ހިނިތުންވުމެއް ހަދިޔާ ކޮއްލި އެވެ. މިންހާ ވެސް ރައްދުގައި ހިނތުންވެލި އެވެ.
“އާންޓީގެ ބަސް އެހިންތަ؟ ކޯއްޗެއް މިއަދު ކިޔެވީ؟” އައިޒާ އެކުއްޖާ ގޮވައިގެން ގޮޑީގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.
“އައިނީ ވަރަށް ބަސްއެހިން. އާންޓީ މިއަދު ރައިމްސް ކިޔައިދިނީ. މަންމީ. މީކޮން ދައްތަ އެއް؟” މިންހާ އައް އިޝާރާތްކޮއްލަމުން އައިނީ އެހި އެވެ. މިންހާ ހުރީ ރީތި ހިނިތުންވުމަކާއި އެކު އައިނީ އައި އައިޒާ އައް ބަލަހައްޓައިގެންނެވެ.
“އެއީ މިންހާ ދައްތަ. ކޫބެ އުޅެނީ އެދައްތަ އައިނީގެ ގެއައް ގެންދަން. އޯކޭތަ؟” މިންހާ އާއި ދިމާލައް ބަލައިލައިފައި ލާނެތް ހިނިތުންވުމަކާއި އެކު އައިޒާ ބުންޏެވެ. މިންހާ ލަދުން އިސްޖެހިއެވެ. ކުޑަދޮރު ކައިރީ ހުރި ނާއިލް ވެސް އެނބުރި ބޭރުބަލަން ފެށި އެވެ.
“އައިނީ އަށް މިންހާ ދައްތަ ވަރަށް ރީތި. އައިނީ ބޭނުން މިންހާ ދައްތަ އާއި އެއްކޮށް ކުޅިލަން. ކޫބޭ! ކޮންއިރަކުން މިންހާ ދައްތަ އައިނީގެ ގެއައް ގެންދާނީ؟” އައިނީ ވާހަކަ ދައްކަނީ ވަރަށް މަޢުސޫމު ކޮށެވެ. ނާއިލް އާއި މިންހާ އެކަކު އަނެކަކަށް ބަލައިލި އެވެ. ހަތަރުކަޅި ހަމަވުމާއިއެކު މިންހާ އޭނާގެ އަތުގައި އޮތް ކަރުދާސްތަކަށް ނަޒަރު ބަދަލު ކޮއްލި އެވެ. އައިޒާ ހުރީ މަޖާވެފަ އެވެ.
“ކޫބޭ. ދެން ބުނެބަ ކޮންއިރަކުން އައިނީ އައި އެއްކޮށް ކުޅެން މިންހާ ދައްތަ ގެންނާނީ؟” ނާއިލް އެއްވެސް އެއްޗެއް ނުބުނެ ހުންނަން ފެށުމުން އައިނީ އަނެއްކާ ވެސް އެހި އެވެ.
“ދޮންބެދައްތާ. ކޮންކަހަލަ ވާހަކައެއް އައިނީ ކައިރީ ތިދައްކަނީ؟” ނާއިލް ހިތްހަމަނުޖެހޭގޮތް ދައްކައިލުމުން ބުންޏެވެ. ނަމަވެސް އޭނާގެ މޫނުމަތީވަނީ ލަދުވެތި ހިނިތުން ވުމެކެވެ. “އައިނީ. މަންމި ކިޔައެއްޗެހި އަޑުނާހާ.”
“އައިނީ މަންމި ބުނާނީ އަބަދުވެސް ތެދައް. ކޫބެ އައިނީ ކައިރީ ދެން ބުނެބަ. މިންހާ ދައްތަ ގެންނާނީ ކޮންއިރަކުން؟” އައިނީ ރުޅި އަންނަ ގޮތް ދައްކައިލުމުން ބުންޏެވެ. ދެބުމަ ގޮއްޖަގައިލައިގެން ތިން ކޮޅު އޫ ކޮއްގެން ހުރި އިރު އައިނީ ވަރަށް ލޯތްބެވެ. މިންހާ ގާތައް ހިނިއައެވެ.
އެވަގުތު ކޮންމެވެސް މީހަކު ޓަކިދިނެވެ. ނާއިލް ހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލި އެވެ.
“ވަދޭ!” މިންހާ ގޮވައިލި އެވެ. ދޮރުހުޅުވައިފައި މައިހާ އާއި ރީހާން އެވެ.
“މީކޮންކަމެއް؟ ފެމެލީ އަވަރ ތަ؟” ރީހާން ހިނިއައިސްފައި އެހި އެވެ.
“އައިނީ އަންނަން ބޭނުންވީ. ޓެސްޓް ތަކުގެ ނަތީޖާ ހިފައިގެން ދޯ ތި އައީ؟” އިށީނުމަށް އިޝާރާތް ކުރަމުން މިންހާ އެހި އެވެ.
“އާނ. ދެން އެވެސް ލިބިއްޖެ. ނަތީޖާ ރަނގުވާނެކަމައް މިބަލަނީ.” ގަނޑުތައް މިންހާ އަށް ދިއްކޮށްލަމުން މައިހާ ބުންޏެވެ.
މިންހާ ވެސް މޭޒު ދޮށުގައި އިށީންދެ ގަނޑުތައް ބަލަން ފެށި އެވެ. އޭރު އައިޒާގެ އުގުގައި އިން އައިނީ ދިޔައީ މިންހާގެ ކޮންމެ ހަރަކާތެއް ޝައުގުވެރިކަމާއިއެކު ބަލަމުންނެވެ. ނާއިލް ވެސް މިންހާ އާއި ދިމާލަށް ބަލަން ހުރެފައި ފޯނާއި ކުޅެންފެށި އެވެ. މައިހާ އާއި ރީހާން އިނީ މިންހާ ބުނާނެ އެއްޗެއްގެ އިންތިޒާރުގަ އެވެ.
“ތިއްތަ!!!!!” މިންހާ ދެ ލޯ ބޮޑުކޮއްލައިފައި ކުއްލިއަކައް ވަރަށް ބާރަށް ހަޅޭލަވައިގަތެވެ. އެންމެން ދިޔައީ ސިއްސައިގެންނެވެ. އައިނީ ސިހިފައި އައިޒާ ގައިގައި ވަރަށް ބާރަށް ބައްދައިލި އެވެ. ނާއިލް ވެސް ސިހިފައި އެދިމާއަށް ބަލައިލި އެވެ.
މައިހާ އާއި ރީހާން ހުރީ ވާނުވާގަ އެވެ. އައިޒާ އަވަސް އަވަހައް މިންހާ އަތުން ގަނޑުތައް ނަގައި ބަލައިލި އެވެ. އައިޒާ ވެސް ހިނިތުންވިއެވެ.
“އައިމް ގޮން ޓު ބީ އޭން އާންޓް.” މިންހާ އުފާވެފައި ބުންޏެވެ. މައިހާ އާއި ރީހާން އިނީ ހުއްޓުން އަރައިފަ އެވެ.
“ކޮންގްރެޖުލޭށަންސް” އައިޒާ ބުންޏެވެ.
“މޭން. ކޮންގްރެޖްސް.” ނާއިލް ވެސް ފުޅާ ހިނިތުންވުމަކާއި އެކު އައިސް ރީހާންގެ ކޮނޑުގައި ހިފައިލި އެވެ. އޭރު ވެސް ރީހާން އަށް ވާނުވާ ނޭނގޭ ފަދަ އެވެ.
“މިން މަޑުކޮއްބަލަ. މާނަ އަކީ…؟” ރީހާން މޫނުމަތީ ސުވާލުމާކެއް ޖަހައިގެން ހުރެ އެހިއެވެ.
“މާނަ އަކީ ތިއްތަ ޕްރެގް އޭ. ތިއްތަ މަންމަ އަކައް ވަނީއޭ ރީހާން ބައްޕަ އަކައް ވަނީއޭ. އަހަރެން އާންޓް އަކައް ވަނީ އޭ.” މިންހާ ސާފުކޮށް ބުންޏެވެ. މައިހާގެ ލޮލައް އުފާވެރި ކާކުގެ ކަރުނަ ޖަމާވިއެވެ. މިންހާގެ ލޮލުން ވެސް ކަރުނަ ފައިބަން ފެށި އެވެ.
“މަންމީ. ކީއްވެ މިންހާ ދައްތަ އައި އައިނީގެ އާންޓީ ރޮނީ؟ ކީއްވެ ދެރަވީ؟” އެންމެންނައް ވަކިވަކިން ބަލަމުން ދިޔަ އައިނީ އެހި އެވެ.
“ދެރަވެގެންނެއް ނޫނޭ އެރޮނީ. ހެޕީވީމަ.” އައިޒާ ބުނެދިނެވެ.
“ކީއްވެ ހަޕީވީ؟” ޝައުގުވެރި ވެފައި އައިނީ އެހިއެވެ.
“އާންޓީ އަށް އަށް ވެސް އައިނީ ކަހަލަ ކުޑަކުޑަ ބޭބީ އެއް ލިބެން އުޅޭތީ.” މައިހާ އައް އިޝާރަތްކޮއް އައިޒާ ބުންޏެވެ.
“ބޭބީ އެއް؟” އައިނީ އުފާވެފައި ލީހިއެވެ. “މިންހާ ދައްތަ އަންނަ އިރު އެ ބޭބީ ވެސް ގެންނާނެ ދޯ އައިނީ އާއި އެއްކޮށް ކުޅެން؟”
މިންހާ އަވަހައް މޭޒުމަތީގައި ހުރި ގަނޑުތައް ބަލައިލި އެވެ. ނާއިލް ވެސް މޫނު އަނބުރައިލި އެވެ. މައިހާ އާއި ރީހާން ވާނުވާ ނޭނގިފައި އެއްފަހަރު މިންހާ އަށް އަނެއްފަހަރު ނާއިލް އަށް ބަލައިލި އެވެ.
“ބޭބީ އެއް ނުގެންދެވޭނެއްނު. އެއީ އާންޓީގެ ބޭބީ އެކޭ.” އައިޒާ ހޭންފެށި އެވެ.
“ކޫބެ އުޅެނީ އައިނީގެ ގެއަށް މިންހާ ދައްތަ ފެންނަން. ދޯ މަންމި؟” މައިހާ އާއި ރީހާން އަށް ނޭނގޭކަން ދޭހަވާގެން އައިނީ ބުންޏެވެ. އެދެމީހުން އެއްފަހަރާ ނާއިލް އާއި ދިމާލައް ބަލައިލި އެވެ. ނާއިލް ދެކޮނޑު އަރުވައިލި އެވެ. މިންހާ ވެސް ހުރީ ލަދުން މަރުވާ ވަރު ވެފަ އެވެ.
“މަންމީ. އެ ބޭބީ އެއީ އާންޓީގެ ބޭބީ އެއަށް ވީމަ ނުގެންފެވެންޏާ މިންހާ ދައްތަ ގެންނާނެ ދޯ މިންހާ ދައްތަގެ ބޭބީ.” އައިނީ މަޢުސޫމު ކޮއް އަހައިލި އެވެ. އައިޒާ ހޭންފެށި އެވެ. މައިހާ އާއި ރީހާން ގާތައް ވެސް ހިނި އައެވެ.
“ކޫބޭ. މިންހާ ދައްތަ ގެންނާނެ ދޯ އައިނީ އާއި އެއްކޮށް ކުޅެން ކުޑަކުޑަ ބޭބީ އެއް؟” އައިޒާ އާއި މައިހާ ބޮޑައް ހޭންފެށި އެވެ. ރީހާން އައް ވެސް ނުވީ ނުހުރެވުނެވެ.
ނާއިލް ބާރުބާރައް ގޮސް އެތަނުން ނުކުތެވެ. މިންހާ ވެސް ހިތައް އެރީ ބިން ފަޅައިފައި އަޑިއައް ދެވޭނެ ނަމައޭ އެވެ.
-ނުނިމޭـ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Varah varah reethi
Thank you 💗