ހިތް އެދޭ މަންޒިލަކީ… 41
“ހުސެއިން އިމްތިޔާޒް އެބަ އުޅުއްވާތޯ..؟” ލިބުނު ޝޮކާއި އެކު ފުލުހުންގެ ސުވާލަށް ޖަވާބު ނުދެވިފައި ހުއްޓުން އަރާފައި އިނާރާއަށް ހުރެވުނީއެވެ. ސޯފާގައި އިން އިމްތިޔާޒް ތެދުވީ ދެނެވެ. ގެއަށް އައީ ކާކުތޯ އިނާރާގެ ގާތު އަހަން ހުޅުވައިލި އަނގަ ލެއްޕިގެން ދިޔައީ ދޮރުމަތީގައި ތިބި ފުލުހުން ފެނިފައެވެ. އޭރު ސިޑިން ފައިބަމުން ދިޔަ ނިމްޝާގެ ފިޔަވަޅުތައް ވެސް ގަނޑުވެގެން ދިޔައީ ކުރިމަތިން ފެނުނު މަންޒަރުންނެވެ.
“ކަލޭމެން ކީއްކުރަން މިގެއަށް ތި އައީ؟ މިގެއަށް ވަނުމުގެ އެއްވެސް ހައްގެއް ނޯންނާނެ!” ހުއްދައަކާ ނުލައި ފުލުހުން ގޭތެރެއަށް ވަނުމާޗ އެކީ އިމްތިޔާޒް ހަޅޭލަވައިގަތެވެ. އެއާއެކު ކުރިޔަށް ޖެހުނީ ފުލުހުންގެ ތެރޭގައި އާދައިގެ ހެދުމުގައި ހުރި އަޒަލްއެވެ.
“އަޅުގަނޑުމެންނަށް ލިބިފައިވާ ކޯޓު އަމުރުގެ ދަށުން ހުސެއިން އިމްތިޔާޒް ހައްޔަރުކުރުމުގެ ބާރު ލިބިފަ އެބަ އޮތް..” އަތުގައި އޮތް ކޯޓު އަމުރު ދައްކައިލަމުން އަޒަލް ހަރުކޮށް ބުނެލުމާ އެކީ އިމްތިޔާޒްގެ ދެލޯ ބޮޑުވެގެން ދިޔަ އިރު، ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ.
އަޒަލް ބޯޖަހައިލުމާ އެކީ ދެ ފުލުހުން އައިސް އިމްތިޔާޒްގެ އަތުގައި ބިޑި އެޅުވީ އިމްތިޔާޒް ގަދަ ހަދަހަދައި ހުއްޓައެވެ. ގާތުގައި ހުރި އިނާރާ ރޮއެގަނެފައި ބިންމައްޗަށް ތިރިވި އިރު، ނިމްޝާ އައިސް އިނާރާގެ ގައިގައި ހިފަހައްޓައިލިއެވެ. ލޯބިވާ ބައްޕަ ބިޑި އަޅުވައިގެން ގެންދާ މަންޒަރު ފެނުމާއި އެކު އެ ދެލޮލުގައި ވެސް ކަރުނައިގެ ފަށަލައެއް ލެވުނެވެ. މިވީ ހަފްތާއެއްހައި ދުވަސް ތެރޭ ކަންތައްތައް ގޯސްކޮށް ދާހެން ހީވި ހީވުމަކީ ރަނގަޅު ހީވުމެއްކަން އޭނާއަށް ވިސްނުނީ ދެނެވެ.
“ހަމަ މިހާރު ދޫކޮށްލާ! ** އެއްނު! ކަލޭމެން އެންމެންނަށް ކުޅި ދައްކައިލާނަން! ތި އުޅެނީ އަދި އަހަރެން މީ ކާކުކަން ނޭނގިގެން!” ގަދަ ހަދަމުން އިމްތިޔާޒް ހަޅޭއްލަވަމުން ދިޔައީ އޭނާ އަކީ ކާކުކަން ފުލުހުންނަށް އަންގައިލުމަށެވެ. އެތައް ކުށެއް ކޮށްފައި ހުރި ނަމަވެސް އިމްތިޔާޒް ދުވަހަކު ވެސް އެފަދަ ގޮތަކަށް އަދި ގެންގޮސްފައި ނުވެއެވެ. މިފަހަރު ވެސް ބާރާއި ނުފޫޒާއި ފައިސާ ބޭނުންކޮށްގެން ޖަލުގެ ކުޑަގޮޅިން ސަލާމަތްވެވޭނޭ ކަމުގެ ޔަގީންކަން އޭނާއަށް އޮތީ އިންތިހާއަށެވެ.
“ދަރިފުޅާ.. އަވަހަށް ދޮންބެއަށް ގުޅާބަލަ!” ގިސްލެވެމުން ދިޔަ އިނާރާ ބުނެލި އިރު އެ އަޑު ވަނީ ކުރަކިވެފައެވެ. ވަގުތުން ނިމްޝާ ޖީބުގައި އޮތް ފޯނު ނަގާފައި ނާއިފްގެ ނަމްބަރަށް ޑައިލްކޮށްލިއެވެ. އެހެނަސް މިފަހަރު ވެސް ފޯނު ބިޒީވުމުން ނިމްޝާއަށް ދަތްކުނޑިވިކައިލެވުނެވެ. އެއް އަތުން އިނާރާގެ ގައިގައި ހިފަހައްޓާލައިގެން އިން އިރު އަނެއް އަތުގައި އޮތް ފޯނުން ނިމްޝާ ދިޔައީ އޭނާގެ ބައްޕައަށް މަސައްކަތް ކޮށްދޭ މީހުންނަށް ގުޅަމުންނެވެ. ކަންތައްތައް މާ މައްޗަށް ދިޔުމުގެ ކުރިން ބައްޕަ ސަލާމަތްކުރަން އޭނާ ހުރީ ފައި ވިއްދާލައިގެންނެވެ. އެހެނަސް ނިމްޝާއަށް ނޭނގުނު ކަމަކީ މިއީ އެތައް އަހަރެއް ވާން ދެން އެމީހުން ކުރި އަޑިނުބައި ކަންތައްތަކުގެ ހިތި މޭވާގެ ރަހަ ލިބޭ ވަގުތު ކަމެވެ. ބޮޑާކަމާ އެކީ ބިމުގައި ހިނގި ދުވަސް ނިމި، ކުޑަ ކަކޫ ޖަހަން ޖެހޭ ދުވަސް ނޭފަތުކުރީގައި ޖެހިފައިވާ ކަމެވެ.
*** ** ***
އަނދިރި ގޮޅިއެއްގެ ތެރޭގައި އިމްތިޔާޒް އިން އިރު އެތެރޭގައި ދެ ފުލުސް އޮފިސަރުން ތިއްބެވެ. ކުރިމަތީގައި އިން ގޮނޑީގައި އިން އަޒަލްގެ ސާބިތު ނަޒަރު އަމާޒުވެފައި ވަނީ ސީދާ އިމްތިޔާޒްގެ ދެލޮލަށެވެ.
“މިތާ އަހަރެން ހައްޔަރުކޮށްގެން އަހަރެންގެ އަނގައިން އެއްވެސް އެއްޗެެއް ބޭރުވާނެކަމަށް ހީނުކުރައްޗޭ! މާދަމާ ކޯޓަށް ގެންދެވުުމުގެ ކުރިން އަހަރެން މިތަނުން ނުކުމެގެން ދާނީ ކަލޭމެން އެންމެންގެ މޫނުމައްޗަށް ފައިން އަރާފަ!” އިމްތިޔާޒް ދެމުން ދިޔަ އެތައް އިންޒާރަކާ އެކީ ވެސް އަޒަލްގެ ސާބިތުކަމަކަށް އެއްވެސް ބަދަލެއް ނައެވެ. އެ އިން ގޮތަށް އިމްތިޔާޒްގެ މޫނަށް ބަލަހައްޓައިގެން އިނީ މިއަދު ކޮންމެވެސް އެއްގޮތަކަށް މިކަން ނިންމައިލާނަމޭ ހިތުލައިގެންނެވެ.
“މީގެ ހަތް އަހަރު ކުރިން 2019ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތިންވަނަ ދުވަހު މާލޭ ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓުގައި މަރުވި އަހުމަދު އަފާފް އަދި ފާއިމަތު ރާއިދާގެ މަރުގެ ފަހަތުގައި ވަނީ ހުސެއިން އިމްތިޔާޒް..” އަޒަލް އެ ޖުމުލަތައް ބުނެލީ ސުވާލަކަށް ވުރެ ބޮޑަށް ވީކަމެއް ހެން ޔަގީންކަމާއެކުގައެވެ. އެއާއެކު އިމްތިޔާޒްގެ ދެލޯ ބޮޑުވެގެން ދިޔައީ މީގެ ފަސް އަހަރު ކުރިން އެ މައްސަލައާ ގުޅޭ ގޮތުން ބޭއްވުނު އެންމެ ފަހު ކޯޓު އަޑު އެހުމަށް ފަހު، އެފަދަ ތުހުމަތެއް އޭނާއަށް ކުރެވުނު ފުރަތަމަ ފަހަރެވެ. ހައުލާއަށް ފަހު އެހައި ޔަގީންކަމާއި ސާބިތުކަމާ އެކު އޭނާގެ ބޮލުގައި އެފަދަ ތުހުމަތެއް އަޅުވަން ކެރުނު ޕްރޮސެކިޔުޓަރ އަކީ އަޒަލްއެވެ.
“ތީ މީގެ ހަތް އަހަރު ކުރިން ނިމިފަ އޮތް މައްސަލައެއް.. ތި މައްސަލައިގަ އަހަރެން ހައްޔަރުކުރުމުގެ ބާރެއް މިހާރު ނޯންނާނެ!” އިމްތިޔާޒްގެ އަޑު ބާރުވީ ކުއްލިއަކަށެވެ. އެހެނަސް އެކަމުން އަޒަލްއަށް ކަހައިރުވަކެކޭ ވެސް ހީނުވިއެވެ.
“އެއްބަސް ނުވާނަން ހަމަ..؟” އަޒަލް އަހައިލުމާ އެކީ އިމްތިޔާޒް ދަތްކުނޑި ވިކައިލި ގޮތުން އަޒަލްއަށް އެ ސުވާލުގެ ޖަވާބު ލިބުނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އަޒަލް އެތަނުގައި ތިބި ފުލުސް އޮފިސަރުންނަށް އިޝާރާތްކޮށްލިއެވެ. އެއާއެކު ބޯޖަހައިލަމުން އެތަނުން އެކަކު އެކުޑަ އަނދިރި ކޮތަރިގަނޑެއް ކަހަލަ ތަނުން ނުކުތެވެ. ހައެއްކަ މިނެޓު ފަހުން އެ ފުލުސް އޮފިސަރު އައި އިރު، ބިޑި އަޅުވައިގެން ގެނައި މީހާ ފެނިފައި އިމްތިޔާޒްގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ.
“ނާއިފް..” ދަރިފުޅުގެ ނަން ކިޔައިލެވުނު އިރު އިމްތިޔާޒްގެ އަޑުގައި މަޑު ތުރުތުރެއް ވިއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ނާއިފް ގެންވުނު ގޮތެއް ނޭނގި އުޅެނިކޮށް، ދެން އޭނާއަށް ތެޅިގަނެވުނީ ނާއިފް އެއްވެސް ވާހަކައެއް ކިޔައިދީފައި އޮވެދާނެތީއެވެ.
ތަރުތީބެއް ނެތި ހޭވިފައި އޮތް އިސްތަށިގަނޑާ، އިހުނަށްވުރެ ބޯވެފައިވީ ތުނބުޅި މަތިމަހާއި، އެއްވެސް ތާޒާކަމެއް ނާއިފްގެ މޫނުމަތިން ނުފެނުމުން އިމްތިޔާޒަށް ހުރިހައި ކަމެއް ރޭކައިލާން ފެށިއެވެ. ނާއިފްގެ ޚަބަރެއް ނުވެގެން ނިމްޝާ ކަންބޮޑުވެގެން އުޅުނު އިރު ވެސް ނާއިފް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަން އެނގުމުން އިމްތިޔާޒްގެ ހިތުގައި ބިރުވެރިކަމުގެ ވިންދެއް ޖަހައިލިއެވެ.
“ކޮންމެއަކަސް ބައްޕައަށް ވަރަށް ވަފާތެރި ދަރިއެއް މީ.. އެއްވެސް ކަމަކަށް އެއްބަހެއް ނުވި.. ބައްޕައެކޭ ހުދު ފޮތިގަނޑެކޭ އެއްހަމަކޮށް ވާހަކަ ދައްކާ ދަރިއެއް މީ..” އަޒަލްގެ ބުނެލުމާ އެކީ އިމްތިޔާޒް މި ހުރިހައި އިރަކު ހިފަހައްޓައިގެން އިން ނޭވާ ދޫކޮޮށްލިއެވެ. އެއަށްފަހު ދެބަފައިން މެދުގައި ބަދަލުކުރެވުނު ނަޒަރަށް ފަހު ނާއިފް އިސްދަށަށްޖަހައިލީ އިތުރަށް އިމްތިޔާޒާ ހަތަރުކަޅި ހަމަކުރާނޭ ހިތްވަރު ނެތިގެންނެވެ. ދެން މިކަމުން ސަލާމަތްވެވޭނޭ އެއްވެސް ގޮތެއް ނެތް ކަން ބައްޕަ ގާތު ބުނާނެ ގޮތެއް ނޭނގޭތީއެވެ.
އަޒަލްގެ އިޝާރާތަށް އެ ފުލުސް އޮފިސަރު ނާއިފް ގޮވައިގެން ބޭރަށް ދިޔުމުން އިމްތިޔާޒް އަނެއްކައި ވެސް އަޒަލްއަށް ބަލައިލިއެވެ. އެ ނަޒަރުގައިވީ ބޮޑާކަމާއި ކިބުރުވެރިކަމުން އަޒަލްއަށް ދަތްކުނޑި ވިކައިލެވުނެވެ. އިމްތިޔާޒްގެ ކޮޅަސް ކުޅިފަސް ލިބެމުން ދާ ކަމުގެ އުއްމީދެއް އޭނާ އިމްތިޔާޒަށް ދިނީ ގަސްތުގައެވެ. އޭނާގެ އަސްލު ރޭވުމާއި އުކުޅުތައް ރައްކާކުރެވިފައި ވަނީ މާދަމާ އޮންނަ ކޯޓު އަޑުއެހުމަށެވެ.
އިރުކޮޅެއް ފަހުން އަޒަލް އަނެއްކައި ވެސް ފުލުސް އޮފިސަރަކަށް އިޝާރާތް ކޮށްލިއެވެ. އެއާއެކު ހުޅުވުނު ދޮރުން އެތެރެއަށް ވަން ރައިހާން ފެނިފައި އިމްތިޔާޒްއަށް ދަތްކުނޑި ވިކައިލެވުނީ އެ ސޫރައިން އެކަނި ވެސް އޭނާގެ ހިތަށް ލިބިގެން ދިޔަ ފޫހިކަމާއި ނަފްރަތުންނެވެ. ރައިހާންގެ އުމުރުން ހަތާވީސް އަހަރު ވެފައިވީ އިރު އެ ފުުރާފުރިހަމަވެފައިވީ މޫނުމަތީގައިވީ ކޮންމެ ސިފައެއް ރަމްޒުކޮށްދެމުން ދިޔައީ އަފާފްގެ ސޫރައެވެ. އެ ދެލޮލާއި، ނޭފަތާއި، ތުންފަތުން ފެށިގެން ހަށިގަނޑުގެ ބައްޓަމާއި، ހިނގައިލާ ގޮތާއި، ވާހަކަ ދައްކާ ގޮތުން ވެސް އިމްތިޔާޒަށް ސިފަވީ އަފާފެވެ. ރައިހާންގެ ސޫރަ ފެނުމުން އިމްތިޔާޒްގެ ހިތަށް އެންމެ ސުނދަގޫވީ އެހެންވެއެވެ.
ހަރު ފިޔަވަޅުތަކެއްގައި ރައިހާން އައިސް އިށިނީ އަޒަލްއާ ޖެހިގެން ހުރި ގޮނޑީގައެވެ. އެއަށްފަހު އިމްތިޔާޒަށް ބަލައިލި އިރު އެ ދެލޮލުގައި އަނދަމުން ދިޔައީ ނަފްރަތުގެ ވިހަގަދަ އަލިފާނެވެ. ރައިހާންގެ އެ ނަޒަރު އެކަނި ފެނިފައި ވެސް އިމްތިޔާޒްގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދަތުރުކޮށްލިއެވެ.
“ހުސެއިން އިމްތިޔާޒް.. ވާ ދުވަހު އެހެންމީހުންގެ ލެއިން ކާމިޔާާބީ ހޯދައިގެން ބޮޑާކަންމަތީ ދުނިޔޭގައި އުޅެވިއްޖެ އެއްނު.. މީ ކަލޭގެ ނިމުން.. ފައިސާއާ ނުފޫޒުގެ ބޭނުމުގައި އަހުމަދު އަފާފް މަރައިލާ، އަފާފްގެ ދޮށީ ދަރިފުޅު ކަލޭގެ ދަރިފުޅުގެ ވަކިތަކުގެ ދަށުގައި ހައްޔަރު ކުރިޔަސް މިއަދު އަހުމަދު އަފާފްގެ ހަގު ދަރިފުޅު ނުކުމެ މިހުރީ ކަލެއަށް ހައްގު ސަޒާ ދޭން.. ހަ އަހަރު ވާން ދެން ކަލޭ އަހަރެމެންގެ ދިރިއުޅުމާ ކުޅެމުން ތި ދިޔައީ.. މާދަން އެއީ އެކަމަށް ނިމުން ގެންނަ ދުވަސް.. ކަލޭގެ ނިމުން އަންނާނީ އެންމެ ހިިތިކޮށް.. ރަހުމުކުޑަ ގޮތަކަށް މީގެ ހަތް އަހަރު ކުރިން މަރައިލި ދެމަފިރިންގެ މަރުގެ ބަދަލު ކަލޭ ދޭން ޖެހޭނީ ކަލޭގެ ލެއިން.. އެކަން ޔަގީންކުރާނީ އެ ދެމަފިރިންގެ މި ދަރިފުޅު..” އަމިއްލަ މެޔަށް އިނގިލި ދިއްކޮށްލަމުން ރައިހާން ބުނެލި އިރު އެ އަޑާއި ލޮލުގައި ވީ އަލިފާނުގެ އަސަރުން އިމްތިޔާޒަށް ހިންދިރުވައިލެވުނެވެ. ރައިހާންގެ އެ ސާބިތުކަމުން ވެސް އޭނާއަށް ސިފަވީ އަފާފެވެ. ހިނދަކަށްވުރެ ހިނދެއް ހިތުގައިވީ ރުޅިވެރިކަމުގެ ހުޅުގަނޑު ބޮޑުވަމުން ދިޔަ އިރު، ދެއަތް މުއްކަވައިލީ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލުމަށެވެ. އަންނަ ރުޅީގައި ހަމައިން ނެއްޓި، ބުނަން ނުވާ ވަރުގެ އެއްޗެއް ބުނެވުމަކީ އޭނާގެ ނިމުން ކަން އެނގޭތީއެވެ.
ޒުވާން ޢުމުރުގައި ހިތި ގޮތަކަށް އޭނާއާ ވަކިވެގެން ދިޔަ ލޯބިވާ މަންމައާއި ބައްޕަގެ ގާތިލުގެ ކުރިމަތީގައި އިންނަން ވުމުން ރައިހާންއަށް ވަމުން ދިޔައީ އާދަޔާޚިލާފު އުނދަގުލެކެވެ. އޭނާ ބޭނުންވަނީ މިވަގުތު ވެސް އޭނާގެ ދެއަތުން އިމްތިޔާޒްގެ މަރު ގެންނާށެވެ. މަރުގެ ތުންފަތް މަތީގައި އޮވެ އޭނާގެ މަންމައާއި ބައްޕަގެ ހަށިގަނޑުގެ ކޮންމެ ނާރެއް އިހުސާސްކުރި ވޭނުގެ ދެގުނަ އިމްތިޔާޒަށް ދޭށެވެ. މަންމައާއި ބައްޕަގެ މަރުގެ ބަދަލު އެންމެ ހިތިކޮށް ދޭށެވެ.
އެހެނަސް، އެއީ ބައްޕަ ބޭނުން ނުވާނެ ގޮތްކަން ރައިހާންއަށް އެނގެއެވެ. ބައްޕަ އަބަދު ވެސް ބުނެދެއްވާ ވާހަކައެއް އޮވެއެވެ. އެހެން މީހަކު ތިމާއަށް ދޭ ދެރައެއްބެ ބަދަލު އެމީހަކަށް ތިމާ ވެސް ދީފި ނަމަ ތިމާ ވެސް އެ ވެއްޓުނީ އެމީހެއް ފެންވަރަށެވެ. އިމްތިޔާޒަށް ހައްގު އަދަބު ލިބޭނެކަން ކަށަވަރު ކުރާނީ އޭނައެވެ. އެ އަދަބު ދޭނީ ދައުލަތުންނެވެ. އެއީ ބައްޕަ ވެސް ބޭނުންވާނޭ ގޮތްކަން ރައިހާންއަށް އެނގޭތީއެވެ. އިމްތިޔާޒް ކުރި ފަދަ ފާފައެއް ކޮށްގެން އިމްތިޔާޒާ އެއް ފެންވަރަށް ވެއްޓޭކަށް އޭނާ ބޭނުމެއް ނުވެއެވެ.
އިތުރަށް އެތަނުގައި އިންނަން ކެތް ނުވެގެން ރައިހާން ނުކުތެވެ. ފުލުސް އޮފީހުގެ ކޮރިޑޯތެރޭގައި ފާރުގައި ލެނގިލައިގެން ހުރި އިރު ރައިހާން ފުންކޮށް ނޭވާލަމުން ދިޔައީ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލުމަށެވެ. ދެއަތުގެ އިނގިލިތައް އިސްތަށިގަނޑަށް މަހައިލައިގެން އިރުކޮޅަކު ހުރެފައި ރައިހާން ހިންދިރުވައިލިއެވެ. ހިއްސުތައް ހަމައަކަށް އެޅެން ފެށުމާ އެކީ ރައިހާން ހިނގައިގަންނަން އުޅުނު ވަގުތު ފެނުނު މަންޒަރަކުން ހުއްޓެވުނެވެ.
އޭރު ކުރިމަތީގައި ޒާމިން ހުރި އިރު، ފަހަތުން އައި އަންހެން ދެ ފުލުސް އޮފިސަރުންގެ މެދުގައި ނިމްޝާ ހުއްޓެވެ. ރައިހާން ފެނުމާ އެކީ ނިމްޝާ އާދޭހުގެ ނަޒަރަކުން ބަލައިލި ނަމަވެސް އެމަންޒަރުން ރައިހާންއަށް އެއްވެސް އަސަރެއް ނުކުރިއެވެ. ޒާމިންއަށް ބޯޖަހައިލަމުން ރައިހާން ހަރު ފިޔަވަޅުތަކެއްގައި އެތަނުން ނުކުމެގެން ދިޔައީ ދެވަނަ ފަހަރަށް ނިމްޝާއަށް ބަލައިލުމެއް ވެސް ނެތިއެވެ.
ފޮލިސް ސްޓޭޝަނުން ނުކުމެފައި ރައިހާން ޔާނިއުއަށް ގުޅައިލިއެވެ. ދެވަނަ ރިންގާ އެކީ ޔާނިއު ފޯނު ނެގުމުން ރައިހާން ވީ ހުރިހައި ކަމެއް ކުރުކޮށް ކިޔައިދިނެވެ.
“އިމްތިޔާޒްއާ ނިމްޝާއާ ނާއިފް ވެސް ޕޮލިހުންގެ ބެލުމުގެ ދަށުގަ.. އެހެންވީމަ ޔާންއަށް ލިވްޔާ ގޮވައިގެން އަންނަން އުނދަގުލެއް ނުވާނެ އެއްނު..” ރައިހާން ބުނުމުން ޔާނިއު ވެސް އެއްބަސްވިއެވެ. ދެމީހުން ވާހަކަ ދެއްކުމަށް ފަހު ނިމުނީ މާދަމާ ހެނދުނުގެ ފްލައިޓުން ލިވްޔާއާ ޔާނިއު ރާއްޖެ އަންނަ ގޮތަށެވެ. ފުލުހުންގެ ޓީމެއް ތައްޔާރަށް އޮތީތީއާ އެކުގައި ޔާނިއުއަށާ ރައިހާންއަށް އިތުރު ޔަގީންކަމެއް ލިބުނެވެ. އެމީހުންގެ އަތުނުޖެހި ލިވްޔާއާ ޔާނިއުއަށް ކޯޓު އަޑުއެހުން ނިމުމުގެ ކުރިން އެނބުރި ރާއްޖެ އާދެވިއްޖެ ނަމަ މަގުުސަދު ހާސިލްކުުރަން އުނދަގުލެއް ނުވާނެއެވެ.
“ރެން.. ލައިއާ ލާލައަށް ވަރަށް ބަލައްޗޭ.. ގޭގަ ދެން ތިބި މީހުންނަށް ވެސް.. މިވަގުތު އަހަރެމެން ބްލެކްމެއިލް ކުރަން އެމީހުން ކޮންމެ ފަދަ ކަމެއް ކޮށްފާނެ..” ޔާނިއުގެ އަޑުގައިވީ ހާސްކަމެވެ.
“ހާސްނުވޭ ޔާން.. އަހަރެން މިކޮޅުގެ ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް އެބަ ބަލަން.. ގޭ ކައިރީ ވެސް ޕޮލިހުންގެ ޓީމެއް އަބަދު އޮވޭ.. ޑޯންޓް ވޮރީ.. ޓޭކް ކެއަރ އޮފް ޔުއަރސެލްފް އެންޑް ލިވްޔާ ޕްލީޒް..” ރައިހާން އެދުމާ އެކު ޔާނިއު އެ ޔަގީންކަން ދިނެވެ.
“ޔާން.. އަހަރެން ބޭނުން ލިވްޔާ ދެކިލަން.. ވާހަކަ ދައްކައިލަން..” ރައިހާން އެންމެ ފަހުން އެދުނީ ކެތް ނުވެގެންނެވެ.
“ކެތްކޮށްލާ ލަވަރ ބޯއި.. މާދަން ފެންނާނެ އެއްނު..” ހިނިއައިސްފައި ހުރެ އެހެން ބުނެފައި، ރައިހާންއަށް އިތުރު ވާހަކައެއް ބުނާނެ ފުރުސަތު ނުދީ ޔާނިއު ފޯނު ކަނޑައިލިއެވެ. އެޔާއެކު ރައިހާންގެ ތުންފަތުގައި ވެސް ލުއި ހިނިތުންވުމެއް ކުޅެލިއެވެ.
ފޯނު ޖީބަށް ލަމުން ގޮސް ރައިހާން ސައިކަލަށް އެރި އިރު އެ ހިތުގައި މައްސުނި އިހުސާސްތަކެއް އުފެދިފައި ވިއެވެ. މާދަމާއަކީ ބޮޑު ދުވަހެކެވެ. އޭނާގެ މަންމައާއި ބައްޕައަށް އިންސާފު ހޯދައިދެވޭ ދުވަހެވެ. ބައްޕަގެ ރަމްޒީ ނިޝާނެއް ކަމުގައިވާ ކުންފުނި އަލުން ހޯދުމަށް ލިބޭ ބޮޑު ފުރުސަތެކެވެ. އަދި… އެންމެ ލޯބިވާ ލިވްޔާއާ ދެ އަހަރު ފަހުން ދިމާވާ ދުވަހެވެ. ދިރިއުޅުމުގައި ދިމާވި ހުރިހައި އަޑިގުޑަންތަކަކަށް ފަހު، ފެންނަން ފެށި އުއްމީދުގެ ހުޅުކޮޅުން ރައިހާންގެ ނަފްސަށް އިތުރު ދިރުމެއް ގެނެސްދީފިކަން ޔަގީނެވެ.
*** ** ***
ލޯގަނޑު ކުރިމަތީގައި ހުރެ ރައިހާން އެންމެ ފަހު ފަހަރަށް އަމިއްލަ ސޫރައަށް ބަލައިލިއެވެ. ކަޅު ގަމީހާއި ކަޅު ފަޓުލޫނުގައި ބެގީކޮށްލައިގެން ހުރި އިރު އެ ޝަޚުސިއްޔަތުގެ ވަރުގަދަކަން ހާމަވަމުން ދިޔައެވެ. ތުނބުޅިމަތިމަސް އަބަދުވެސް އޮންނަ ގޮތަށް ކުރުކޮށް ކޮށައިލާފައި، އިސްތަށިގަނޑު ވެސް ރީތި ވަރަކަށް އޮތުމުން އެ މޫނުގެ ރީތިކަން އިތުރަށް ފާޅުވެއެވެ. ގަޔަށް ސެންޓުކޮޅެއް ބުރުވައިލަމުން ރައިހާން އަތުކުރީ ގަޑި އަޅައިލިއެވެ. އެއަށްފަހު ކޮޓަރިން ނުކުތުމުގެ ކުރިން ރައިހާން ގޮސް ހުއްޓުނީ ކޮޓަރީގެ އެއް ފާރުގައި ހަރުކޮށްފައި ހުރި އަފާފް އާއި ރާއިދާގެ ބޮޑު ފޮޓޯގަނޑުގެ ކުރިމަތީގައެވެ.
“މަންމާ.. ޑޭޑް.. މިއަދު މަންމައާ ޑޭޑްއަށް އިންސާފު ހޯދަދޭން މަންމަގެ މި ދަރިފުޅު މި ނުކުންނަންނީ.. އިރާދަކުރެއްވިއްޔާ މަންމައާ ޑޭޑްއަށް އިންސާފު ހޯދައިނުދެވެނީސް މި ދަރިފުޅު ހުއްޓައެއް ނުލާނަން.. ޑޭޑްގެ ކޮމްޕެނީ އަލުން ކޯޅަށް ނުޖެހެނީސް ފަހަތަކަށް ނުޖެހޭނެނަން.. މަންމާ.. ޑޭޑް.. ވަރަށް ވަރަށް ވަރަށް ހަނދާންވޭ.. ވަރަށް ލޯބިވޭ.. އައި ހޯޕް ޔޫ އަރ ޕްރައުޑް އޮފް މީ..” ލޮލުން ނީރައިލި ކަރުނައާ އެކު ރައިހާންގެ ހިތުގެ ޝުޢޫރުތައް އެ ފޮޓޯގަނޑުގެ ކުރިމަތީގައި ބަންޑުކޮށްލެވުނީ އިޚުތިޔާރެއް ނެތިއެވެ. ފޮޓޯގައި މަންމައާއި ބައްޕަގެ މޫނުމަތީގައިވީ ރީތި ހިނިތުންވުން ފެނުމުން ޚުދު ރައިހާންއަށް ވެސް ކަރުނައިގެ ތެރެއިން ހިނިތުންވެވުނެވެ. މިއަދު މަންމައާއި ބައްޕަ ފަޚުރުވެރިވާ ފަދަ ދަރިއަކަށް އޭނާ ވާނެއެވެ.
ކޮޓަރިން ނުކުމެގެން ރައިހާން ދިޔަ އިރު އާއިލާ އެންމެން ވެސް ސިޓިން ރޫމުގައި ތިއްބެވެ. އެއްވެސް އެއްޗެއް ނުބުނެ ހަމައެކަނި ހިނިތުންވެލާފައި ރައިހާން ދޮރާ ދިމާޢަށް އަޅައިލި ފުރަތަމަ ފިޔަވަޅާ އެކީ ހުއްޓުން އެރީ ފަހަތުން ރީނާ ގޮވައިލި އަޑު އިވުމުންނެވެ.
“ރެން.. ދޮންތަ ވެސް ދާނަން..” ރައިހާންގެ ކޮނޑުގައި އަތް ޖައްސައިލަމުން ރީނާ ބުނެލީ ކުރަކިވެފައިވީ އަޑަކުންނެވެ. އެއާއެކު ރައިހާން ފަހަތަށް އެނބުރުނެވެ. ރީނާގެ ކޯތާފަތަށް ވެއްޓުނު ފުރަތަމަ ކަރުނަތިކި ރައިހާން ފުހެލައިދިނީ ނުހަނު ލޯބިންނެވެ.
“ނޫން.. ދޮންތަ މަޑުކުރޭ.. އެހެންނޫނީ ދޮންތަ މާ ބޮޑަށް ދެރަވެދާނެ..” ރައިހާން ބުނެލީ ނާއިފްގެ ކަންތައް ރަނގަޅަށް އެނގޭތީއެވެ. ކޯޓު ތެރޭގައި ދެކެވޭ ވާހަކަތަކުން ރީނާގެ ނާޒުކު ހިތަށް ކުރާނެ އަސަރު އެނގޭތީއެވެ.
“ނޫން.. ބައްޕަގެ ގާތިލުގެ ދަރިއަކަށް ވަފާތެރިވެގެން އަހަންނަށް ވާ ދުވަހު އުޅެވިއްޖެ.. ހުރި ހަމައެކަނި ކޮއްކޮއަށް އެތައް ދެރައެއް ދެވިއްޖެ.. އިތުރަށް އެހައި ފިނޑިވާކަށް އަހަންނެއް ބޭނުމެއް ނޫން.. ރެން.. ދޮންތަ ދެރައެއް ނުވާނެޔޭ.. ބައްޕަގެ ގާތިލުންނަށް ހައްގު އަދަބު ލިބޭ ތަން ދޮންތަ ބަލާނީ އުފަލުން..” ރީނާ ބުނެލީ ސާބިތުކަމާ އެކީއެވެ. އެއާއެކު ރައިހާން ހިނިތުންވަމުން ރީނާ ގަޔާ ކައިރިކޮށްލާފައި، ރީނާގެ ނިތަށް ބޮސް ދިން މަންޒަރު ބަލަން އެންމެން ތިބީ ފެންކަޅިވެފައެވެ. ނާއިފްގެ ސަބަބުން ރެނދުލައިގެން ދިޔަ ދެބެއިންގެ ގުޅުން އަލުން އިޔާދަވުމީ މުޅި އާއިލާއަށް ލިބުނު އުފަލެކެވެ.
ރައިހާންއާއި ރީނާ ކާރުން ފޭބި އިރު ޒާމިންއާއި އަޒަލް ވެސް އެތަނުގައި ތިއްބެވެ. ހަތަރު މީހުން އެއްކޮށް ކޯޓަށް ވަދެ އިށީނީ، ފުރިހަމައަށް އަޑުއެހުމަށް ތައްޔާރުވެ ތިބެއެވެ. އަޒަލްގެ ދެފަރާތުގައި ޒާމިންއާއި ރައިހާން ތިބި އިރު ރީނާ އިނީ ރައިހާންގެ ގާތުގައެވެ. އިރުކޮޅެއް ފަހުން އައިސާމަނިކެ ގޮވައިގެން ހަލީމް ގޮސް އެންމެ ފަހަތުގައި އިށީނެވެ. ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތަނުގެ ތެރޭގައި ހުރި ހުރިހައި ގޮނޑިތަކެއް ފުރި، ރިޕޯޓަރުންގެ ކެމެރާތައް ފެންނަން ފެށިއެވެ. ކަންތައްތައް އެހެން ވާނެކަން ކުރިން ވެސް ރައިހާންއަށް އެނގެއެވެ. މީގެ ހަތް އަހަރު ކުރިން މުޅި ރާއްޖެ ސިއްސުވައިލި އަފާފްއާއި ރާއިދާގެ މަރުގެ ހަގީގަތް ހޮރައިޒަންގެ ސީއީއޯ އިމްތިޔާޒާ ގުޅިފައިވާކަން އެނގުމުން، މި ދައުވާގެ މައްސަލަ މުޅި ރާއްޖޭގައި ނިކަން އަވަހަށް ވައިގައި ހިފިއެވެ.
އިރުކޮޅެއް ނުވެ ބިޑި އަޅުވައިގެން ގެނައި އިމްތިޔާޒްގެ އިތުރުން ނާއިފްއާއި ނިމްޝާ ފެނިފައި ރައިހާންއަށް އަތްމުއްކަވައިލެވުނެވެ. އެމީހުންނަށް ބަލައިލުމަކީ ވެސް މަންމައާއި ބައްޕައަށް ވެވޭ ބޭއިންސާފެއްހެން ހީވެ، ރައިހާން އިސްޖެހިއެވެ.
ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަޑުއެހުން ފެށުނެވެ. ގާޒީ އެންމެ ފުރަތަމަ މައްސަލައާ ބެހޭ ކުރު ތަޢާރަފެއް ދިނެވެ. ވަކާލާތުކުރަން ވަކީލުންނަށް ފުރުސަތު ދެވުނީ ދެނެވެ.
އެންމެ ފުރަތަމަ އަޒަލްއަށް ފުރުސަތު ދެވުމާ އެކީ އަޒަލް ތެދުވީ ސާބިތުކަމާ އެކީއެވެ. ލައިގެން ހުރި ބްލޭޒަރ ރިތިކޮށްލަމުން އަޒަލް ބިސްމި ކިޔާފައި އޭނާގެ ވާހަކަ ފެށިއެވެ.
“ޝުކުރިއްޔާ އިއްޒަތްތެރި ގާޒީ.. އަޅުގަނޑު މިއަދު ވަކާލާތުކުރަމުން މި ދަނީ އެންމެ މައްސަލައަކަށް ނޫން.. ހުސެއިން އިމްތިޔާޒްއާއި އިމްތިޔާޒްގެ އާއިލާ ބޭފުޅުން ވެސް ހިމެނޭނެހެން ހިނގާފައިވާ އެތައް ޖަރީމާތަކެއްގެ މައްޗަށް.. އެގޮތުން އެންމެ ފުރަތަމަ، މީގެ ހަތް އަހަރު ކުރިން މި ރާއްޖޭގައި ހިނގި އެކްސިޑެންޓު.. ބްރޭވޮން ކޮމްޕެނީގެ ސީއީއޯ އަހުމަދު އަފާފް އަދި އަފާފްގެ އަނބިކަނބަލުން ފާތިމަތު ރާއިދާ އެކްސިޑެންޓެއްގައި މަރައިލިކަމުގެ ދައުވާ އަޅުގަނޑުމެން ވާނީ ހުސެއިން އިމްތިޔާޒަށް ކޮށްފަ.. އޭރު ބްރޭވޮންގެ މައި ވަކީލު ޕްރޮސެކިޔުޓަރ ހައުލާ ވެސް އެ ދައުވާ އުފުލި.. އެކަމަކު ފައިސާއާއި ބާރުގެ ބޭނުންކޮށްގެން ހުސެއިން އިމްތިޔާޒް ވަނީ އެ ކޭސް ދޫކޮށްލަން ޕްރޮސެކިޔުޓަރ އަށް މަޖުބޫރުކޮށްފަ..” އަޒަލްގެ ވާހަކަ އެހިސާބަށް ދިޔުމާއެކީ އިމްތިޔާޒްގެ ވަކީލު ފައިރޫޒް އެކަމާ ދެކޮޅަށް ވާހަކަ ދެއްކިއެވެ. އަޒަލް ދައްކަނީ ތާކުންތާކުން ނުޖެހޭ ވާހަކަ ކަމާއި، އެ މައްސަލަ ނިމުނީ އެއީ ހަމަ އެކްސިޑެންޓެއްކަމަށް ސާބިތުވެގެންކަން ފައިރޫޒް ބުންޏެވެ. އެހެނަސް އަޒަލް ހުރީ އެކަމަށް ތައްޔާރުވެގެންނެވެ.
“އިއްޒަތްތެރި ގާޒީގެ ހުއްދައާ އެކީ އަޅުގަނޑު ހެކި އަރުވަން ބޭނުން..” ގާޒީގެ ހުއްދަ ލިބުމުން އަޒަލް ފަހަތަށް ބަލައިލިއެވެ. އެއާއެކު ތެދުވެފައި ކުރިޔަށް ޖެހުނީ އައިމިނަތު ހައުލާއެވެ. އެހިސާބުން ފައިރޫޒް ވެސް ހައިރާންވިއެވެ. އިމްތިޔާޒްގެ ނިތުގައި ވެސް ދާތިކި ވިދަމުން ދިޔައީ ހައުލާގެ ކުޅަދާނަކަން އެނގޭތީއެވެ. ހައުލާ އޭނާއާ ދެކޮޅަށް ހެކިބަސް ދީފި ނަމަ އެއީ އޭނާގެ ނިމުމެވެ.
“އިއްޒަތްތެރި ގާޒީ.. އަޅުގަނޑަކީ އޭރު ބްރޭވޮން ކޮމްޕެނީގެ މައި ވަކީލު..” ހައުލާ އޭނާގެ ވާހަކަ ފެށުމާ އެކީ އެންމެެން ހިމޭންވިއެވެ. އަފާފްއާއި ރާއިދާގެ މަރަކީ ހަމައެކަނި ‘އެކްސިޑެންޓެއް’ ނޫން ކަމާއި، ގަސްތުގައި އެދެމީހުން މަރައިލުމަށް ހިންގި ޖަރީމާއެއްކަން ހައުލާ ކިޔައިދެމުން ދިޔައެވެ. އޭރު އެ ކޭސްގައި މަސައްކަތްކޮށްފައި ހުރި އިރު ލިބުނު ހުރިހައި ހެއްކެއް އަޒަލް މެދުވެރިކޮށް ގާޒީއަށް ހުށައެޅި އިރު، ފަސް އަހަރު ކުރިން އެ ކޭސް ދޫކޮށްލަން ހައުލާއަށް މަޖުބޫރުވީ ސަބަބު ވެސް ހައުލާ ކިޔައިދިނީ ހެއްކާ އެކުގައެވެ. އެއާއެކު ދަތްކުނޑި ވިކައިލަމުން އިމްތިޔާޒް ފައިރޫޒަށް ބަލައިލާފައި، ކޮންމެވެސް ކަމެއް ކުރާށޭ ބުނެލި ނަމަވެސް، ފައިރޫޒަށް ވެސް ގަބުވެފައި އިނދެވުނީއެވެ. ފަސް އަހަރު ކުރީން ކޯޓަށް ލާރި ދީގެން، ހައުލާގެ ހެކިތަކަކީ އެއްވެސް ބާރެއް ނެތް އެއްޗަކަށް ހެދިޔަސް، މިއަދު މަންޒަރު ތަފާތުވެފައިވާކަން ފައިރޫޒްގެ ހިތް ވެސް، ގަބޫލުކޮށްފިއެވެ.
ނުނިމޭ
16 Comments!
Comments are closed.






Vhk vrh vrh reethi..
One of my fav story from fav author
Each and every word hama heevani vhk therey ulheveyy hn
Can’t wait for the next part 🤍
Kn irakun next part…
Avahah up kohdhehcheyy 🥲
awww thankyouu darl💕💕 fav author kan enguneema vvv ufaavejje🥹
next part ves nimifa iny hama mihaaru, tomorrow upload kohlaanan
Alhamdhulillah..🤲
Finally😊
yesss finally dho
Vaahaka hama varah intresting. Mihaa avas avaha up k9dheyn fesheema adhi varah ufaavefa mi hureveni. THANK YOU Naayaa ah
thankyouu 💕💕
vaahaka upload kurumuga kuda medhukendumeh ai iruves vaahaka ah inthizaaru kureethee varah bodah thankyou🥹
Vrh reethi mi part ves MA! One of my favs in esfiya currently
Can’t wait to read nxt eppp!
aww so glad to knowww
thankyouu 💕💕
This story has already captured my heart. 🥹 Even though the journey is not finished yet, every part of it carries so much emotion, meaning, and feeling. Some stories are not just about the ending—they are about the moments, the lessons, and the emotions we experience along the way.
I can feel the effort and passion behind every part of this story, and it makes me excited to see what comes next. The way it has been shared makes people want to stay connected, keep reading, and discover the next chapter. A truly special story is one that makes people feel something, and this one has definitely done that.
Thank you for sharing this beautiful journey with everyone. I hope the next parts bring even more memorable moments, surprises, and emotions. Keep writing, keep creating, and keep sharing your story because it already means something to the people who are following it.
I’m looking forward to seeing how this story continues and where this journey leads. No matter what happens next, I hope it becomes a story filled with beautiful moments and a chapter that everyone remembers. 🥹🤍
Lysm and tc 🥰💕
awwwwhhh shaba thankyouu sm for this lovely comment!! im in awe hama ehehe<333
varah varahg ufaavejje story kamudhiyakan enguneema
yess i hope this story connects with a lot of people and brings a smile to every face!
love u moreeee<33333
I ge comment eh pending ga ebain tha? 😊
2 comments kohllin furathama nufonuvey kamah 😔
yesss saw both of them hehe, thanks again<3
Story nimen kairi V the?
How many episodes are left?
Nayyaa…. Maashaa Allah mi part vx varah varah reethi…
Hama bunaane ehcheh vx neynge….
When next part??
next episode dhen neribaaa😭😭😭😭 soo curious.. vrhvrhvrhvrh reethi mi part 🥹🥹🥹