ހިތް އެދޭ މަންޒިލަކީ… 40
“ޔާން.. ލިވްޔާ…” އެހައި ހިސާބަށް ބުނެފައި ރައިހާން ހުއްޓައިލީ އަރު ބެދޭ ގޮތް ވުމުންނެވެ.
“ޝީޒް ފައިން.. ރެންގެ ވާހަކަ ވަރަށް އަހާ.. އޭނަ-” ޔާނިއުގެ ވާހަކަ މެދުކެނޑުނީ ރައިހާންގެ ފޯނަށް އިތުރު ކޯލެއް އަންނަން ފެށުމުންނެވެ. ލިވްޔާގެ ވާހަކަ އަޑު އަހަން ކިތަންމެ ބޭނުންވެފައި ހުރެ ވެސް ރައިހާން އެ ކޯލަށް ޖަވާބު ދޭން ނިންމީ އަޒަލްގެ ކޯލެއް މުހިއްމުވާނެތީއެވެ.
“ޔާން.. އަޒަލް އެބަ ގުޅާ.. އަހަރެން ފަހުން ގުޅާނަން އިނގޭ.. ޕްލީޒް ޓޭކް ކެއަރ އޮފް ލިވްޔާ..” ޔާނިއު ގާތު ފަހުން ގުޅާނަން ކަމަށް ބުނެފައި ރައިހާން އަޒަލްގެ ކޯލަށް ޖަވާބު ދެމުން ކަންފަތުގައި ފޯނު ޖަހައިލިއެވެ.
“ރައިހާން! އަހަންނަށް އެނގިއްޖެ ހުރިހާ ކަމެއް! ވަރަށް އަވަހަށް އަހަރެންގެ އޮފީހަށް އާދޭ! ހަމަ މިހާރު!” އަޒަލްގެ އަޑުގައިވީ ހާސްކަމުން ރައިހާންގެ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފަކައި ނޫނެވެ. މި ދަނީއޭ ބުނެފައި ވަގުތުން ސައިކަލުގެ ތަޅުގަނޑި ހިފައިގެން ރައިހާން ނުކުތް އިރު މަންޒިލަކަށް ވެފައިވީ ‘ޖަސްޓިސް’ ލޯވ ފަރމެވެ.
‘ޖަސްޓިސް’ ލޯވ ފަރމްގެ ބޮޑު އިމާރާތުގެ ތެރެއަށް ވަދެގެން ދިޔަ ރައިހާންގެ ހިތް ހީވަނީ މޭފަޅާފައި ނުކުންނަން އުޅޭހެންނެވެ. ހަލުވި ފިޔަވަޅުތަކެއްގައި އެތެރެއަށް ވަދެގެން ދިޔަ އިރު ރައިހާންގެ ފިޔަވަޅުތައް އަމާޒުވެފައި ވަނީ އަޒަލްގެ އޮފީހަށެވެ.
ޓަކިޖަހައިލާފައި އަޒަލްގެ އޮފީހަށް ވަން އިރު އަޒަލް އިން ގޮތް ފެނުމުން ރައިހާންގެ ހިތުގެ ތެޅުން އިތުރުވިއެވެ. މޭޒުމަތީގައި އެއްވެސް ތަރުތީބެއް ނެތި އަތުރައިލާފައި ހުރި ފައިލްތަކާއި ހުޅުވާފައި ހުރި ލެޕްޓޮޕް ސްކްރީނަށް ބަލަހައްޓައިގެން އިން އިރު އެ ދެބުމަ ގޮށްޖެހިފައިވީ ގޮތުން އަަޒަލް އިނީ ވަރަށް ހާސްވެފައިކަން ރައިހާންއަށް އެނގެއެވެ.
“ކިހިނެއްވީ..؟” އަޒަލްގެ ކުރިމައްޗަށްވާ ގޮތަށް ހުރި ގޮނޑީގައި އިށީންނަމުން ރައިހާން އަހައިލުމާ އެކީ އަޒަލް ރައިހާންއަށް ބަލައިލިއެވެ. ރަތްވެފައިވީ ދެލޮލުންނާއި، ލޯކަރު ދުޅަވެފައިވީ ގޮތުން އަޒަލް ވަރުބަލިކަމާ އެކު މި ކޭސްގައި މަސައްކަތްކުރަމުން ދިޔަ ވަރު އެނގޭހައި ވިއެވެ.
“ރައިހާންއަށް އެނގޭތަ ހޮރައިޒަަން ކޮމްޕެނީ..؟” އަޒަލް ފުރަތަމަ ވެސް ކޮށްލީ ސުވާލެކެވެ.
“އާނ.. އެއީ ހުސެއިން އިމްތިޔާޒްގެ ކޮމްޕެނީއެއްނު.. ޑޭޑްގެ ދުނިޔޭގަ މިހާރުގެ ‘އޭ.އާރް މެމޯރިއަލް’ ‘ބްރޭވޮން’ގެ ގޮތުގަ އޮތް އިރު ވެސް ޑޭޑްގެ ކޮމްޕެނީގެ އެންމެ ބޮޑު އެއް ރައިވަލް..” ރައިހާން އޭނާއަށް އެނގޭ މިންވަރު ހާމަކޮށްލިއެވެ. އޭރު ވެސް އޭނާގެ ބޮލުގައި ދިޔައީ ސުވާލުމާކު އެޅެމުންނެވެ. އޭނާ މިތަނަށް އައީ ނިމްޝާއާއި ނާއިފަށް ހައްގު އަދަބު ދިނުމަށެވެ. އެހެނަސް މީގެ ތެރެއަށް އޭނާގެ މަންމައާއި ބައްޕަގެ މަރުގެ ހާދިސާ ވެސް ވަދެއްޖެއެވެ. އަނެއްކައި މިހާރު ހޮރައިޒަން ކޮމްޕެނީ ވެސް މެއެވެ. އެކި ދިމަދިމާލުން ކަންތައްތައް މެހިގެން އަންނަ ގޮތުން ރައިހާން ބޯގޮވާ ވަރު ވެއްޖެއެވެ.
“ނިމްޝާއާ ނާއިފް އަކީ ހުސެއިން އިމްތިޔާޒްގެ ދެ ދަރިންކަން ރައިހާންއަށް އެނގޭތަ..؟” ދެން އަޒަލް ކުރިމަތި ކުރުވި ސުވާލުން ރައިހާންގެ ދެލޯ ބޮޑުވިއެވެ. ދެއަތް މުއްކަވައިލެވުނުލެއް ބާރުކަމުން ނިޔަފަތިތައް އަތުގެ ހުދު ހަންގަޑުގެ ތެރެއަށް ވަދެގެން ދިޔައެވެ. އެހެނަސް އެއްވެސް ހަރަކާތެއް ނުކުރެވި، އަޒަލްއަށް ބަލަހައްޓައިގެން ރައިހާންއަށް އިނދެވުނީ ބޮލުގައި ރިއްސަމުން ދިޔަލެއް ބޮޑުކަމުންނެވެ.
“ނާއިފް ނިމްޝާއާ އެކީ އަހަރެއް ވާން ދެން އުޅުނު އިރު ވެސް.. ރީނާ ނާއިފްއާ އިނދެގެން ދަރިޔަކު ލިބުނު އިރު ވެސް.. ތިދެމީހުންނަށް މިކަން ނޭނގި އޮތީ ކީއްވެ..؟” އަޒަލްގެ އެ ސުވާލަށް ދޭނެ ޖަވާވެއް ޚުދު ރައިހާންއަކަށް ވެސް ނޭނގުނެވެ.
“އެހެންނެއް ނުވާނެ.. ނިމްޝާގެ މައިންބަފައިން ވީ ރާއްޖެއިން ބޭރުގައޭ އޭރު ނިމްޝާ ބުނީ.. ދެން.. ނާއިފް.. ނާއިފްގެ މައިންބަފައިން ވީ މަރުވެފަ..” ރައިހާންއަށް ބުނެވުނީ ގަބޫލުކުރަން އުނދަގޫވީ ވަރުންނެވެ. އެއާއެކު އަޒަލް ފުންނޭވާއެއް ދޫކޮށްލަމުން މޫނުމަތީގައި އަތް ހިންގައިލިއެވެ.
“އެންމެ ފަހަރަކު ވެސް ހިތަކަށް ނާރާތަ އެއީ ދޮގެކޭ؟ ނާއިފްއާ ނިމްޝާ އެއީ ހުސެއިން އިމްތިޔާޒްގެ ހަމައެކަނި ދެ ދަރިން.. މީގެ ފަސް އަހަރު ކުރިން ހިނގި ރައިހާންގެ މަންމަމެންގެ އެކްސިޑެންޓުގެ ފަހަތުގަ ހުރި މީހަކީ ހުސެއިން އިމްތިޔާޒް!” ޔަގީންކަމާ އެކީ އަޒަލް ބުނެލި ވާހަކައިން ރައިހާންއަށް ދެލޯބޮޑުކޮށްލާފައި އަޒަލްއަށް ބަލައިލެވުނެވެ.
“ރަނގަޅަށް ތި އަޑު އިވުނީ.. ރައިހާންގެ ބައްޕަގެ ބްރޭވޮން ފުރަތަމަ އުފެދުނު އިރު ރާއްޖޭގެ އެންމެ މަގުބޫލު ކޮމްޕެނީއަކީ ހޮރައިޒަން.. އެކަމަކު ރައިހާންގެ ބައްޕަގެ ހިކުމަތްތެރިކަމާ ހިތްވަރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭ ހޮރައިޒަންް ފަހަތަށް ޖައްސައިލި.. އެކަމާ އެންމެ ހަސަދަވެރިވީ ހޮރައިޒަންގެ ސީއީއޯ ހުސެއިން އިމްތިޔާޒް.. އެތައް ގޮތަކުން ބްރޭވޮންގެ އަގު ވައްޓައިލާ، ބްރޭވޮން ދަށްކޮށްލެވޭތޯ އިމްތިޔާޒް މަސައްކަތް ކުރި.. އެކަމަކު އެންމެ ފަހަރަކު ވެސް ރައިހާންގެ ބައްޕަ އެކަން ކާމިޔާބުވިޔަކަ ނުދޭ.. ބްރޭވޮން އުދަރެހުގައި ވިދަމުން ދިޔައީ އަބަދު ވެސް ހޮރައިޒަން ދެވަނައިގައި އޮވެގެން..” ގޮނޑިން ތެދުވަމުން އަޒަލް ކިޔައިދެމުން ދިޔަ އިރު ރައިހާންއަށް އެވާހަކަތައް އަޑުއަހަން އިނދެވުނީ ގަބުވެފައެވެ.
“އެންމެ ފަހުން ވީ ގޮތް އެނގޭތަ..؟ 2019 ވަނަ އަހަރު ހޮރައިޒަންގެ އަގު ވެއްޓުނީ އިމްތިޔާޒްގެ އަނދިރި ހަގީގަތްތަކެއް ފަޅާއަރައިގެން.. ޑްރަގާ، ވައްކަމާ، ޚިޔާނާތާ، މި ހުރިހާ ތުހުމަތުތަކެއް އިމްތިޔާޒްގެ ބޮލުގައި އެޅިގެން.. އެއީ މީގެ ދެ އަހަރު ކުރިން ހަމަ ރައިހާންއާ ޔާނިއުގެ ބޮލުގަ ވެސް އެމީހުން އެޅުވި ތުހުމަތުތައް.. މިހާރު އެބަ ވިސްނޭތަ މިކަންތައްތަކުގެ މެދުގައި އޮތް ގުޅުން..؟” އަޒަލް އަހައިލުމާ އެކީ ކަންތައްތައް ގުޅެން ފެށުމުން ރައިހާންއަށް ބޯޖަހައިލެވުނެވެ.
“އިތުރަށް ކޮމްޕެނީ ފުލުގައި ނުބާއްވަން އިމްތިޔާޒް ހުރީ ކޮންމެ ފަދަ ކަމެއް ވެސް ކުރަން ތައްޔާރަށް.. އޭނާގެ ފުރަތަމަ ޕްރަޔޯރިޓީ އަކަށް އަބަދު ވެސް ވީ މުދަލާ ފައިސާ.. ބާރާއި ނުފޫޒު.. އެކަން ކުރެވެން އޮތް އެންމެ ފަސޭހަ ގޮތެއް ކަމަށް އިމްތިޔާޒަށް ފެނުނީ ބްރޭވޮންގެ ހަލާކު..” ރައިހާމްގެ ހިއްސުތައް މަސައްކަތް ކުރަން ފެށީ ދެނެވެ.
“އެހެންވީމަ.. ޑޭޑްއާ މަންމަ މަރައިލީ.. ހުސެއިން އިމްތިޔާޒުތަ..؟” ރައިހާން އަހައިލީ ތުރުތުރުލަމުން ދިޔަ އަޑަކުންނެވެ. އެއާއެކު އަޒަލް އަނެއްކާ ވެސް އިށީނދެފައި ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ތީގެ ކުރިން އަދި އެހެން ކަމެއް ވެސް ވި.. އިމްތިޔާޒަކީ ވަރަށް ރާވައިގެން، ދުރާލާ ކަންކަން ކުުރާ މީހެއް.. އޭރު ރައިހާން ދިޔައީ ބިޒްނެސް ދާއިރާއިން ކިޔަވަމުން.. އެންމެ ފުރަތަމަ އިމްތިޔާޒް ކުރި ކަމަކީ ތި އާއިލާގެ ފަތިފުށް ރަނގަޅަށް ހޯދުން.. އެއީ އަފާފް ނެތް ދުވަހަކުން ވެސް ބްރޭވޮންއާ ހަވާލުވާނެ ވަރުގެ ކުޅަދާނަކަން ހުރި ދެ ދަރިން އަފާފްގެ ތިބޭކަން އިމްތިޔާޒަށް އެނގޭތީ.. ނިމްޝާ ރައިހާންއާ ގުޅުން.. ނާއިފް ރީނާއާ ގުޅުން.. އެއީ ހުސް އިމްތިޔާޒްގެ ރޭވުން..” އަޒަލް އެ ހަގީގަތް ހާމަކޮށްލީ އެކަމުން ރައިހާންގެ ހިތަށް ކުރާނެ އަސަރު އެނގިހުރެއެވެ. އެހެނަސް އިތުރަށް ހަގީގަތް ފޮރުވާފައި ނުބޭއްވޭނެކަން ޚުދު އޭނާއަށް ވެސް އެނގެއެވެ.
“އެގޮތުން އެންމެ ފުރަތަމަ ރީނާއާ ނާއިފް ގުޅުނީ.. އޭގެ ދުވަސްކޮޅެއް ފަހުން ރައިހާންއާ ނިމްޝާ ވެސް ގުޅުނީ.. ރައްޓެހިވީތާ ތިން މަސް ނުވެ ރީނާ ނާއިފްއާ ކައިވެނި ކުރީ އަވަހަށް ކައިވެނިކުރަން ނާއިފް ބޭނުންވެގެން.. ދުވަހަކު ވެސް ދަރިންގެ އެދުމަށް ދެކޮޅު ހެދުމުގެ އުސޫލު ނުގެންގުޅޭ ރައިހާންގެ ބައްޕަ އެ ނިންމުމަށް މަރުހަބާ ކީ.. ނިމްޝާގެ އެއްވެސް ކަމެއް ވެސް، އަދި ނާއިފްގެ އެއްވެސް ކަމެއް ވެސް ބެލުމުގެ ވިސްނުން ރައިހާންގެ ބައްޕަ ނުގެންގުޅުނީ ރީނާއާ ރައިހާންއަށް ކުރެވުނު އިތުބާރެއްގެ ބޮޑުކަމުން.. ދަރީން ގޯސް ނިންމުމެއް ނުނިންމާނެ ކަމުގެ ޔަގީންކަން އޮތީތީ.. އޭގެ ބޭނުން އިމްތިޔާޒްއާ އޭނަގެ ދެ ދަރިން ހިފީ އެމީހުންގެ ފައިދާއަށް.. އޭގެ ފަހުން.. 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ތިންވަނަ ދުވަހު އެ ހިނގި އެކްސިޑެންޓުގައި ނިޔާވި ރައިހާންގެ މަންމައާއި ބައްޕަގެ މަރުގެ ފަހަތުގައި ހުރި މޭސްތިރިއަކީ އިމްތިޔާޒް!” އަޒަލް ބުނަމުން ދިޔަ ކޮންމެ ލަފްޒަކާ އެކީ ރައިހާންގެ ބޮލުގައި އިތުރަށް ރިއްސަމުން ދިޔައެވެ. ބޮލަށް ފުނިވަމުން ދިޔަ ޚިޔާލުތަކާ އެކީ ރައިހާން ދެއަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފައި ބާރުކޮށްލީ އޭނާގެ ސުންޕާކަމަށް މަލާމަތްކުރަމުންނެވެ. ނިމްޝާ ދެއްކި ހުރިހައި ދަޅައަކަށް ނުހެއްލި، ރަނގަޅަށް ވިސްނައިލި ނަމަ މިއަދު މިދުވަހެއް ނައީހެވެ. މަންމައާއި ބައްޕަ އަދިވެސް ހެޔޮ ހާލުގައި އޭނާ ގާތުގައި ދުނިޔޭގައި ހުރީހެވެ.
“ރައިހާންގެ ބައްޕަ ނިޔާވުމަށް ފަހު ނާއިފްއާ ނިމްޝާގެ ސަބަބުން ރީނާއާ ރައިހާން އެކުގައި މުޅިން ބަލިކަށިވީ.. ނިމްޝާ ރައިހާން ދޫކޮށްލާފަ ދިޔުމުން ރައިހާން އިހުނަށް ވުރެ ގޯސް ހާލަތަކަށް ދިޔައީ.. އަނެއްކޮޅުން ރީނާ ހުރީ އޭރު ރަނގަޅަށް ނާއިފްގެ ވަކިތަކުގެ ދަށުގައި ހައްޔަރުވެފަ.. އެކަމާ ހުރެ ބްރޭވޮން ކޮމްޕެނީއާ ހަވާލުވާނެ މީހެއް ނެތި، ކުޑަ ދުވަސްކޮޅެއްގެ ތެރޭ މުޅި ކޮންޕެނީ ހަފުސްވެގެން ދިޔައީ.. އެކަމަކު.. އެ ނާޒުކު ދަނޑިވަޅު އެދޭތެރެއަށް ވަނީ އިމްތިޔާޒަށް ހީވެސް ކުރެވިފައިވާ މީހެއް ނޫން.. މުޅި ކުންފުނީގެ ޒިންމާ ކޮނޑުގައި އަޅައިގެން ޔާނިއު ތެދުވުން ވެގެން ދިޔައީ އިމްތިޔާޒްގެ މުޅި ރޭވުން އެކީ ފެނަށް ވެގެން ދިޔަ ކަމަކަށް.. ފަހަަރުގައި ވެސް ޔާނިއު އެ ޒިންމާ ނަގައިގެން ރައިހާންއަށް ހިތްވަރުދީ، ރައިހާންގެ ބައްޕަގެ ކުންފުނި އަލުން އެހައި ފަސޭހައިން ކޮޅަށް ޖަހައިލަފާނެ ކަމަކަށް އިމްތިޔާޒަށް ހީކުރެވިފަކައި ނެތް..” ރައިހާންގެ ހާލާއި މެދު ހަމްދަރުދީވެވުނު ނަމަވެސް އަޒަލް އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައީ އެނޫން ގޮތެއް ނެތީމައެވެ. މިއަދު އަފާފް އާއި ރާއިދާއަށް އިންސާފު ހޯދައިދެވެން އޮތީ ރައިހާންއަށް ހުރިހައި ހަގީގަތެއް އެނގިގެގެންނެވެ.
“ކޮންމެއަކަސް އެޔޮށް ވަރުން އިމްތިޔާޒް ރޭވި ރޭވުން ފެނަށް ވެގެން ދިޔައީ ޔާނިއުގެ ސަބަބުން.. ބްރޭވޮންގެ ނަން އޭ.އާރް މެމޯރިއަލްސްއަށް ބަދަލުވުމަށް ފަހު ކުންފުނީގެ ކަންތައްތައް ހޯދަން ނާއިފް ނުކުޅެދުނީ ޔާނިއުގެ ވިސްނުންތެރިކަމުން.. އިތުރު ގޮތެއް ނެތިގެން އިމްތިޔާޒް ޖެހުނީ އެހެން ގޮތެއް ރާވަން.. ފަސް އަހަރު ފަހުން އަލުން ނިމްޝާ ރައިހާން ގާތަށް ފޮނުވީ އިމްތިޔާޒް!” ބޮލަށް ކުރަމުން ދިޔަ ބާރުގެ ސަބަބުން ދެލޯ ރަތްވީ އިރުވެސް ރައިހާން ހިތްވަރުކޮށްލާފައި އަޒަލް ބުނަމުން ދިޔަ ކޮންމެ ވާހަކައެއް ކަނުލައި އަޑުއަހަމުން ދިޔައެވެ.
“އެކަމަކު އޭރު ރައިހާންގެ ހަޔާތަށް ލިވްޔާ އައިއްސި.. އިތުރަށް ރައިހާންގެ ސިކުނޑިއާ ނުކުޅެވޭނެކަން ވިސްނުމުން އިމްތިޔާޒްމެން ދެން ބޭނުންކުރީ އެހެން އުކުޅެއް.. މިފަހަރު ރައިހާންއާ އެކީ ޔާނިއުގެ އަތުން ވެސް އެ ބާރު އަތުލަން ވިސްނި.. ސޯ ދޭ ފިގަރޑް ޔުއަރ ވީކް ޕޮއިންޓް.. ރައިހާންގެ ލިވްޔާ.. ޔާނިއުގެ ލައިނީ.. އަދި އޭރު ލައިނީގެ ބަނޑުގަ އޮތް ބޭބީ.. އެންޑް ވެލް.. ދޭ ސަކްސީޑެޑް.. ލިވްޔާއާ ލައިނީ ޔޫޒްކޮށްގެން އެމީހުން ބޭނުންވި ގޮތަށް ރައިހާންގެ ކޮމްޕެނީ އޮތް ހިސާބުން އެތައް ގުނައެއް ފަހަތަށް ޖައްސައިލި..” އަޒަލްގެ ވާހަކަ ނިމުނު އިރު ރައިހާންގެ މުޅި ހަށިގަނޑު ތުރުތުރުއަޅަމުން ދިޔައެވެ. ރުޅިއާއި ހިތާމައިގެ މައްސުނި އިހުސާސްތަކެއް ހިތަށް ވެރިވަމުން ދިޔަ އިރު އަމިއްލަ ނަފްސު ކުށްވެރިކުރެވުނީ އިންތިހާއަށެވެ. އެދުވަހު ނިމްޝާ ދެކެ ވެވުނު ކަނު ލޯބީގެ ސަބަބުން މަންމައާއި ބައްޕަ މުޅި އުމުރަށް ގެއްލުނެވެ. ލިވްޔާއަށް އެ ހާލު ޖެހުނީ ވެސް ހަމަ އޭނާގެ ސަބަބުންނެވެ. އޭނާ ލޯބިވާހައި މީހަކު ވިއްޔާ އެފަދަ އަނިޔާވެރިކަމަކާ ކުރިމަތިލާން ޖެހެނީ އެމީހުންގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟
“ރައިހާން.. އޯކޭތަ..؟” ރައިހާން އިން ގޮތުން އަޒަލް އަހައިލީ ހާސްވެފައި އިނދެއެވެ. އެއާއެކު ހަމަބިމަށް އާދެވުނު މީހަކު ފަދައިން ރައިހާން ބޯޖޖަހައިލި ނަމަވެސް އަޒަލްއަށް އެއީ ތެދެއް ނޫން ކަން އެނގެއެވެ.
“ކިހިނެއް.. އަޒަލްއަށް.. ހައުޑިޑް ޔޫ ފިގަރ ދިސް އޯލް އައުޓް..؟” ރައިހާން އަހައިލީ އެ ހުރިހައި ވާހަކައެއް ތަފްސީލާ އެކީ އަޒަލްއަށް އެނގުނު ގޮތެއް ނޭނގޭތީއެވެ.
“އަހަރެން ބުނީމެއްނު ކުރިން ރައިހާންގެ ޕޭރެންޑްގެ މަރޑަރ ކޭސްއާ ހަވާލުވެގެން ހުރި ޕްރޮސެކިޔުޓަރއެއްގެ ވާހަކަ..؟ އައިމިނަތު ހައުލާ ދަންނަންތަ..؟” ރައިހާން މިފަހަރު ވެސް ބޯޖަހައިލީއެވެ. އައިމިނަތު ހައުލާ އަކީ ދެހާހުގެ ކުރީކޮޅުން ފެނިގެން ގާނޫނީ ދާއިރާގައި މަސައްކަތް ކުރަމުން ދިޔަ ކުޅަދާނަ ވަކީލެކެވެ. ދާއިރާގައި ތޭވީހަކަށް އަހަރު މަސައްކަތް ކޮށް، މިއަދު ރިޓަޔަރވެފައި ވީ ނަމަވެސް މިއަދު ވެސް ގިނަ ދިވެހީންނަށް އެނަން އެނގޭނެއެވެ.
“އައި ކޯލްޑް ހަރ އެންޑް ގޮޓް އޯލް ދަ ކޭސް ޑީޓެއިލްސް.. ކޯޓަށް ލާރި ދެއްކީ އިމްތިޔާޒްކަން އެނގުނު ހިސާބުން އަހަރެންގެ އޭނަގެ ބެކްގްރައުންޑު ވަރަށް ރަނގަޅަށް ހޯދިން.. ނިމްޝާއާ ނާއިފްގެ ހަގީގަތް އަހަންނަށް އެނގުނީ އެގޮތަށް.. ދެން އިތުރު ސުވާލެއް ބޭނުމެއް ނުވޭނު.. ހުރިހާ ކަމެއް ކަނެކްޓް ކޮށްލީމަ އަހަންނަށް މިކަން އެނގިއްޖެ.. ޕްލަސް.. އައި ގޮޓް ދަ ވޯރޑް އޮފް ސަމްވަން ހޫ ޔޫޒްޑް ޓު ވޯރކް އަންޑަރ އިމްތިޔާޒް..” އަޒަލް ކިޔައިދިނެވެ.
“އެންޑް އޯލްސޯ.. ޕްރޮސެކިޔުޓަރ ހައުލާ އިޒް ވިލިން ޓު ބީ އަ ވިޓްނެސް.. ދެން ލައިނީއާ ލިވްޔާގެ ހެކިބަސް ލިބުނީމަ މި ކޭސް ނިންމައިލާކަށް އުނދަގުލެއް ނުވާނެ.. ވެން އިޒް ޝީ ގެޓިން ބެކް ބައިދަވޭ..؟” އަޒަލް އަހައިލީ ލިވްޔާގެ ވާހަކައެވެ. މި ކޭސް ކާމިޔާބު ކުރުމުގައި ލިވްޔާގެ ހެކިބަސް ނުހަނު މުހިއްމުވާނެތީއެވެ.
“ނެކްސްޓް ވީކްއަށް ކަމަށް މި ބަލަނީ.. އެކޮޅުގަ އެމީހުންގެ މީހުން ތިއްބާ ލިވްޔާ މިކޮޅަށް ގެންނަން އުނދަގޫވާނެ.. ޕޮލިހުންނަށް ވެސް އެމީހުން ހުއްޓުވަން އުނދަގުވާނެ..” ރައިހާން ބުނުމާ އެކީ އަޒަލް ބޯޖަހައިލިއެވެ.
“އަހަރެން މާދަން ރަސްމީކޮށް ކޯޓަށް މި މައްސަލަ ހުށައަޅާނަން.. މިހާރު ހުރި ހެއްކާ އެކީ އެތަނުން މީހެއްގެ އިއުތިރާފުގެ ބަސް ލިބިއްޖެއްޔާ ވަރަށް ފަސޭހަވާނެ..” އަޒަލް އެހެން ބުނުމުން ރައިހާންގެ ހިތަށް ފުރަތަމަ ވެސް އައީ ނާއިފެވެ. ނާއިފް މިވަގުތު އެމީހުންގެ ބެލުމުގެ ދަށުގައި ހުރީތީ އެކަން ކުރަން އެންމެ ފަސޭހަވާނީ ނާއިފް ލައްވާކަން އެނގޭތީއެވެ.
*** ** ***
އެނދުމަތީގައި ފޮއްޓަށް އެއްޗެހި އަލަން އިން ލިވްޔާ ދޮރާ ދިމާއަށް ބަލައިލީ ޓަކިޖަހައިލާފައި ވަން ޔާނިއު ފެނުމުންނެވެ. ޔާނިއުގެ އަތުގައި އޮތް ޕާސްޕޯޓު ދިއްކޮށްލުމުން ލިވްޔާ އޭގައި ހިފާފައި ޝުކުރު އަދާކޮށްލިއެވެ.
“ރެޑީތަ..؟” ޔާނިއު އަހައިލުމުން ލިވްޔާ ބޯޖަހައިލިއެވެ.
“އޯލްމޯސްޓް.. މި ނިމެނީ..” ލިވްޔާ ބުނެލިއެވެ.
“ޔާންބެ ބުނި ހުރިހައި ކަމެއް ހަނދާންކުރައްޗޭ.. އެމީހުންގެ ލޮލަށް ފިލައިގެން މިތަނުން ސަލާމަތްވާން ވަރަށް އުނދަގޫވާނެ.. ބަޓް ވީ ގޮޓް ދިސް އޯކޭ..؟” ޔާނިއު ބުނެލުމުން ލިވްޔާ ބޯޖަހައިލާފައި ހިނިތުންވެލިއެވެ. ޔާނިއު ދިން ހިތްވަރުންނާއި، އެނބުރި ލޯބިވާ އެންމެންގެ ގާތަށް، އަމިއްލަ ވަޒަނަށް ދާން ބޭނުންވެފައިވީލެއް ބޮޑުކަމުން ލިވްޔާއަށް އިތުރު ހިތްވަރަކާއި ފަންވަރެއް ލިބިފައިވީ ފަދައެވެ. ހީވެސް ނުކޮށް ހުއްޓައި މި ވޭނުން މިންޖުވާން މާތްﷲ މެދުވެރިކުރެއްވި ފުރުސަތަށް އެތައް ފަހަރަކު ޙަމްދު ކުރެވެއެވެ.
ފޮށި ލައްޕައިލާފައި ކޮޓަރިން ނުކުތް ވަގުތު ބޭރު ދޮރުގައި މީހަކު ޓަކި ޖަހާ އަޑު އިވުމުން ލިވްޔާ ގޮސް ދޮރު ހުޅުވައިލިއެވެ. އޭރު ދޮރުމަތީގައި ހެވިފައި ތިބި ކެންޑިސްއާއި ޖޯން ފެނުމުން ލިވްޔާ ވެސް ފުޅާ ހިނިތުންވުމަކާ އެކީ އެދެމީހުން ވަންނަން ތަން ދެއްކިއެވެ.
“ލިވްޔާ ދާން އުޅޭ ވާހަކަ ބުނީމަ ދެކިލަން މި އައީ.. ދެން ނޭނގެ ވިއްޔަ ދުވަހަކު ވެސް ފެންނާނެ ކަމެއް ދޯ..؟” އެތެރެއަށް ވަންނަމުނ ކެންޑިސް ބުނެލި އިރު، އެ މޫނުމަތީގައި ވަނީ ހިތާމަވެރި ހިނިތުންވުމެކެވެ.
“ނޫން! ކިހިނެއް އެހެން ވާނީ..؟ އަހަރެން ވަރަށް ގިނައިން ކެންޑިސްއަށާ ޖޯންއަށް ގުޅާނަމޭ! ޗުއްޓީ ލިބުނީމަ މިކޮޅަށް އަންނާނަން ގައިމު ވެސް! އަދި ކެންޑިސްމެން ހިތްވަރެއް ހުރިއްޔާ ރާއްޖެ ވެސް ގެންނާނަން! ތިހާ ފަސޭހައިން އަހަރެންގެ ކިބައިން ސަލާމަތްވެވޭނޭ ހީނުކުރައްޗޭ!” ކެންޑިސްގެ ކޮނޑުގއި އަތް ވަށައިލަމުން ލިވްޔާ ސަމާސާކޮށްލުމުން ކެންޑިސްއާއި ޖޯންއާ ދެމީހުންނަށް ވެސް ހެވުނެވެ.
“އަހަރެން އަބަދުވެސް ބުނަމެއްނު.. ލިވްޔާގެ އާއިލާ ލިވްޔާ މަތިން ހަނދާނެއް ނުނެތޭނޭ.. ކޮންމެވެސް ދުވަހަކުން ލިވްޔާ ހޯދަން އަންނާނޭ..” ކެންޑިސް ބުނެލީ ލިވްޔާގެ ބޮލުގައި ފިރުމައިލަމުންނެވެ.
“އަހަންނަށް ޓަކައި ކޮށްދިން ހުރިހައި ކަމަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ކެންޑިސްއާ ޖޯން ނެތް ނަމަ އަހަންނަށް މިތަނުގަ މިހާލުގަ ވެސް ނޫޅެވުނީސް.. އަހަރެން ކިހިނެއް ދުވަހަކު ޝުކުރު އަދާކުރާނީ..؟” ލިވްޔާގެ ދެލޯ ފެންކަޅިވެގެން ދިޔައީ އިތުރަށް ކެތް ނުކުރެވިގެންނެވެ. ޔޫކޭގައި ހޭދަވީ ދެ އހަަރު ދުވަހު ކެންޑިސްގެ ދެމަފިރިންގެ ފަރާތުން ލިބުނު ލޯތްބާއި، ކުލުނާއި، އެހީތެރިކަމަށް ޝުކުރުއަދާކުރާނޭ ގޮތެއް އޭނާއަކަސް ނޭނގެއެވެ. އުފަން ދަރިިއަކު ފަދައިން ލިވްޔާ ގެންގުޅުނީ އެމީހުންނަށް ލިބުނު ރަޙުމަތެއް ކަމުގައި ދެކިގެންނެވެ. ދެން އެދެމަފިރިން ދޫކޮށްލާފައި ދާން ކިހައި އުނދަގޫވާނެ ހެއްޔެވެ؟
“ދަރިފުޅު އަބަދު ވެސް އުފަލުގަ ހުންނާތި.. އަހަރެމެން އެދެނީ އެނބުރި ރާއްޖެ ގޮސް ލިވްޔާ އާއިލާއާ އެކުވެރިންނާ އެކީ ވަރަށް އުފަލުގަ އުޅުން.. އަދި.. ރައިހާންއާ އެކީ ވެސް..” ކެންޑިސްގެ ވާހަކައަށް ތާއީދުކުރަމުން ޖޯން ވެސް ބޯޖަހައިލީ އަބަދު ވެސް އެދެމީހުންނަށް ޚަބަރު ވުމަށް އެދެމުންނެވެ.
އިތުރު ވާހަކައެއް ބުނުމެއް ނެތި ލިވްޔާ ކެންޑިސްގެ ގައިގައި ބައްދައިލަމުން އެސްފިޔަ ޖަހައިލުމާ އެކީ އެ ދެލޮލުގައި ގައިދުވެފައިވީ ކަރުނަތައް މިނިވަންވެގަތެވެ. ދެ އަހަރު ކޮށްފައި އެނބުރި ލޯބިވާ މީހުންގެ ގާތަށް ދެވޭތީ އިންތިހާއަށް އުފާވި ނަމަވެސް، ވޭތުވެދިޔަ ދުވަސްތަކުގައި އަމިއްލަ މައިންބަފައިން ކަމުގައި ދެކިގެން އުޅުނު ދެމަފިރިން ދޫކޮށްލާފައި ދާން ވުމުން ލިވްޔާގެ ހިތަށް ނުހަނު އަސަރުކުރިއެވެ. ކެންޑިސް ވެސް ފެންކަޅިވެފައި ހުރެ ލިވްޔާގެ ގައިގައި ބައްދައިލި އިރު މަންޒަރު ބަލަން ހުރި ޖޯންގެ ދެލޯ ވެސް ވަނީ ތެމިފައެވެ.
*** ** ***
ހަލުވި ފިޔަވަޅުތަކެއްގައި ގޭތެރެއަށް ވަދެގެން ދިޔަ ނިމްޝާގެ ފިޔަވަޅުތައް އަމާޒުވެފައި ވަނީ އިމްތިޔާޒްގެ ކޮޓަރިއަށެވެ. ދެފަރަހަރު ޓަކިޖަހައިލާފައި ކޮޓަރިއަށް ވަން އިރު އެނދުމަތީގައި ލެޕްޓޮޕު ހިފައިގެން އިމްތިޔާޒް އިނެވެ.
“ދަރިފުޅާ.. ކިހިނެއްވީ..؟” ލެޕްޓޮޕް ލައްޕައިލަމުން އިމްތިޔާޒް އަހައިލީ ނިމްޝާގެ މޫނުމަތިން ހާސްވެފައި ހުރި ކުލަވަރު ފެނުނީނީތީއެވެ.
“ޑޭޑް.. ސަމްތިންގ އިޒް ވެރީ ރޯންގް.. ދޮންބެ ނިމް ގުޅީމަ ފޯނެއް ނުނަގަ.. މުޅިން ވެސް މެސެޖު ކުރަނީ.. އެއްކަލަ އިރު ބަނޑޮހަށް ދިޔަ ގޮޮތަށް އަދި ދޮންބެގެ ހަބަރެއް ނުވޭ..” އެނދުމަތީގައި އިށީންނަމުން ނިމްޝާ ވާހަކަ ދެއްކިއެވެ.
“ދަރިފުޅު މާ ބޮޑަށޭ ތި ހާސްވަނީ.. ދަރިފުޅަށް ވެސް އެނގޭނު ދޮންބެ އެގޮތަށް ރަށުން ބޭރަށް ގޮއްސިއްޔާ އެވޭލަބަލް ނުވާނެކަން ގިނަ ފަހަރަށް.. އެވަރަށް އެކަމާ ދޭތެރޭ ނުވިސްނާ..” ލުއި ހުނުމަކާ އެކީ ނިމްޝާގެ ބޮލުގައި ފިރުމައިލަމުން އިމްތިޔާޒް ބުނެލިއެވެ.
“ނޭނގެ ބައްޕާ.. ހަމަ ހާސްވަނީ..” ނިމްޝާގެ ހިތަށް އަދިވެސް ފިނިމކަމެއް ނުލިބެއެވެ.
“މިހާރު ހާސްވާންވީ ކަމެއް ނެތެއްނު.. ދެ އަހަރު ވެގެން ދިޔަ އިރު ވެސް އަހަރެމެން ހާސްވާން ޖެހޭ ވަރުގެ ކަމަކާ ދިމައެއް ނުވޭނު އަދި..” އިމްތިޔާޒް ބެލީ ނިމްޝާ ހިތްހަމަ ޖައްސައިދެވޭތޯއެވެ. ނިމްޝާގެ ފޯނު ރިންގުވާން ފެށީ އެވަގުތެވެ. އިމްތިޔާޒް ގާތު މުހިއްމު ކޯލެއް ކަމަށް ބުނަމުން ނިމްޝާ ފޯނު ނަގައި ކަންފަތުގައި ޖަހައިލިއެވެ. އެހެނަސް އިރުކޮޅެއް ފަހުން އެ މޫނުގެ ކުލަވަރު އެކީ އޮއްސުމުން އިމްތިޔާޒްގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ.
“ނިމް.. ދަރިފުޅާ.. ކިހިނެއްވީ..؟” އިމްތިިޔާޒް އަހައިލީ ނިމްޝާ ފޯނު ބޭއްވުމުންނެވެ.
“ޑޭޑް.. ކޮންމެވެސް ނުބައެއް އެބަ އުޅެޔޭ ނިމް ބުނީމެއްނު.. ޔާނިއު ވެންޓް ޓު ޔޫކޭ ޓޫ ޑޭސް އެގޯ!” ނިމްޝާ ދިން ޚަބަރުން އިމްތިޔާޒްގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.
“ދަރިފުޅަށް ޔަގީންތަ..؟ އެ ވެދާނެއްނު ހަމަ ބިޒްނެސް ކަމެއްގަ ކަމަށް ވެސް..” އިމްތިޔާޒަށް ގަބޫލުކުރަން އުނދަގޫވީ އެހައި ރަނގަޅަށް އެމީހުންގެ ރޭވުން ކުރިޔަށް ދަނިކޮށް މިފަދަ ކަމެއް ފެންމަތިވުމުންނެވެ.
“އިންޓަރނޭޝަނަލް ލެވެލްގަ ބިޒްނެސް ފެއިލް ވެފަ އޮއްވައި ކީއްކުރަން ޔާނިއު ޔޫކޭއަށް ދާންވީ..؟” ނިމްޝާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ.
“ޔާނިއު އެކަނިތަ ދިޔައީ..؟” އިމްތިޔާޒްގެ ސުވާލަށް ޖަވާބުދާރީވުމަށް ނިމްޝާ ބޯޖަހައިލިއެވެ.
“އެހެންވީރު އަދި އެހައި ހާސްނުވޭ.. ހަގީގަތް އެނގިއްޖެއްޔާ ފުރަތަމަ ލިވްޔާގެ ގާތަށް އެހެން މީހަކަށް ދެވުމުގެ ކުރިން ދާނީ ރައިހާން.. ތީގަ ތި އުޅެނީ ކޮންމެވެސް އެހެން ކަމެއް.. ދަރިފުޅު އެހައި ހާސްނުވޭ.. ޑޭޑް ހުރިހައި ކަމެއް ވެސް ހަމަޖައްސާނަން..” އެތެރެހަށީގައި ބޮޑު ހައިޖާނުގަނޑެއް އުފެދެމުން ދިޔަ ނަމަވެސް އިމްތިޔާޒް އެވަގުތު ބެލީ ނިމްޝާ ހިތްހަމަ ޖައްސައިދެވޭތޯއެވެ.
އިރުކޮޅެއް ފަހުން ނިމްޝާ ނުކުމެގެން ދިޔުމުން އިމްތިޔާޒްގެ މޫނުމަތީގައިވީ ކުލަވަރު ބަދަލުވިއެވެ. ވަގުތުން ފޯނު ނަގާފައި މީހަކަށް ގުޅައިލި އިރު އެ އަޑުގައި ކޮންމެވެސް ވަރެއްގެ ތުރުތުރެއް ހުއްޓެވެ. ފާރުތަކަށް ވެސް ނީވޭނެހައި ސިއްރުން ދެން އިމްތިޔާޒް ރާވައިލި ރޭވުމަކީ، އިންސާނިއްޔަތުކަމުގެ ކަންފުޅެއް ވެސް ހުރި މީހަކު ނަމަ ކުރަން ހިތަށް ވެސް ނާރުވާނެ ކަންތައްތަކެކެވެ.
ފޯނުކޯލު ކުރުކޮށްލުމަށް ފަހު އިމްތިޔާޒް ކޮޓަރިން ނުކުތީ މެންދުރުގެ ކެއުމުގެ ވަގުތު ޖެހޭތީއެވެ. އޭރު ބަދިގެތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ނޯކަރުންގެ ޙަރަކާތްތައް އަވަަސްކޮށްލައިފިއެވެ. އެމީހުންނަށް އެހީވާން މޭޒުމަތީގައި ތަށިތައް އަތުރަމުން ދިޔަ އިމްތިޔާޒްގެ އަންހެނުން އިނާރާގެ ހަރަކާތްތައް މަޑުޖެހުނީ މީހަކު ބެލް އަޅާ އަޑު އިވުމުންނެވެ. ސޯފާގައި އިން އިމްތިޔާޒަށް ބަލައިލާފައި، އިމްތިޔާޒް ނުތެދުވާނެކަން އެނގުމުން އިނާރާ ކުދިކިޔަމުން ގޮސް ދޮރު ހުޅުވައިލިއެވެ. ވަގުތުން އިނާރާގެ ދެލޯ ބޮޑުވެގެން ދިޔައީ ބޭރުގައި ފުލުސް ޔުނީފޯމުގައި ތިބި މީހުން ފެނިފައެވެ.
“ހުސެއިން އިމްތިޔާޒް އެބަ އުޅުއްވާތޯ..؟” ލިބުނު ޝޮކާއި އެކު ފުލުހުންގެ ސުވާލަށް ޖަވާބު ނުދެވިފައި ހުއްޓުން އަރާފައި އިނާރާއަށް ހުރެވުނީއެވެ. ސޯފާގައި އިން އިމްތިޔާޒް ތެދުވީ ދެނެވެ. ގެއަށް އައީ ކާކުތޯ އިނާރާގެ ގާތު އަހަން ހުޅުވައިލި އަނގަ ލެއްޕިގެން ދިޔައީ ދޮރުމަތީގައި ތިބި ފުލުހުން ފެނިފައެވެ. އޭރު ސިޑިން ފައިބަމުން ދިޔަ ނިމްޝާގެ ފިޔަވަޅުތައް ވެސް ގަނޑުވެގެން ދިޔައީ ކުރިމަތިން ފެނުނު މަންޒަރުންނެވެ.
“ކަލޭމެން ކީއްކުރަން މިގެއަށް ތި އައީ؟ މިގެއަށް ވަނުމުގެ އެއްވެސް ހައްގެއް ނޯންނާނެ!” ހުއްދައަކާ ނުލައި ފުލުހުން ގޭތެރެއަށް ވަނުމާ އެކީ އިމްތިޔާޒް ހަޅޭލަވައިގަތެވެ. އެއާއެކު ކުރިޔަށް ޖެހުނީ ފުލުހުންގެ ތެރޭގައި އާދައިގެ ހެދުމުގައި ހުރި އަޒަލްއެވެ.
“އަޅުގަނޑުމެންނަށް ލިބިފައިވާ ކޯޓު އަމުރުގެ ދަށުން ހުސެއިން އިމްތިޔާޒް ހައްޔަރުކުރުމުގެ ބާރު ލިބިފަ އެބަ އޮތް..” އަތުގައި އޮތް ކޯޓު އަމުރު ދައްކައިލަމުން އަޒަލް ހަރުކޮށް ބުނެލުމާ އެކީ އިމްތިޔާޒްގެ ދެލޯ ބޮޑުވެގެން ދިޔަ އިރު، ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. ރޭކައިލުމުގެ ކުރިން ކަންތައްތައް ވަރަށް ބޮޑަށް ގޯސްވެެއްޖެކަން އިމްތިޔާޒަށް ވިސްނުނީ އެވަގުތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.






hello everyone! here is the 40th episode! hope you guys enjoyed reading this episode too!
next episode ves liye nimifa iny.. will post day after tomorrow
do let me know your feedbacks after reading this post. lots of love <33
Maashaa Allah mi part vx varah varah reethi…
Alheyy can’t waittttt 😭😭😭😭
thankyouuu <33
next ep hama ready ga inii submit kohlan hehe
Mi part ves vrh reethi MA!
Finally Insaafu libenee dhw
Livi and Ren meet vaane irehge inthizaaru ga
Can’t wait!!!! Beynumee mihaaru nxt ep kiyaalan
Lots of luvv💗
thankyouuuu <33
yess finally dhooo after so many years
next ep hama ready ga ingey submit kohlan dhen jeheynee hama hehe
love moreee<333
Mi part ves vrh reethi MA!
Finally Insaafu libenee dhw
Livi and Ren meet vaane irehge inthizaaru ga
Can’t wait!!!! Beynumee mihaaru nxt ep kiyaalan
Lots of luvv💗
thankyouuu333
Wow wow wow…varah reethi
Kulhi dhahkaalaathi imthiyaz ge family ah 🤭🫣
thankyouu<33
hehehe yesss
Masha Allah… varah reethi can’t wait for the next episode 💖 I ge raihaan ah livy libeyshiye aameen 🥹😭💗💗 yaaniu the best buddy 🫂 atp imthiyaazu kathilan v nu 😭 who’ll support me for that ??? Btw love you nayaa siss 🤍
thankyouu💕💕
hehe yess yaaniu is the best brother dho hama
im in full support with that hama haha
love you moree💕