ހިތް އެދޭ މަންޒިލަކީ… 42
“އިއްޒަތްތެރި ގާޒީގެ ހުއްދައާ އެކީ އަޅުގަނޑު ހެކި އަރުވަން ބޭނުން..” ގާޒީގެ ހުއްދަ ލިބުމުން އަޒަލް ފަހަތަށް ބަލައިލިއެވެ. އެއާއެކު ތެދުވެފައި ކުރިޔަށް ޖެހުނީ އައިމިނަތު ހައުލާއެވެ. އެހިސާބުން ފައިރޫޒް ވެސް ހައިރާންވިއެވެ. އިމްތިޔާޒްގެ ނިތުގައި ވެސް ދާތިކި ވިދަމުން ދިޔައީ ހައުލާގެ ކުޅަދާނަކަން އެނގޭތީއެވެ. ހައުލާ އޭނާއާ ދެކޮޅަށް ހެކިބަސް ދީފި ނަމަ އެއީ އޭނާގެ ނިމުމެވެ.
“އިއްޒަތްތެރި ގާޒީ.. އަޅުގަނޑަކީ އޭރު ބްރޭވޮން ކޮމްޕެނީގެ މައި ވަކީލު..” ހައުލާ އޭނާގެ ވާހަކަ ފެށުމާ އެކީ އެންމެެން ހިމޭންވިއެވެ. އަފާފްއާއި ރާއިދާގެ މަރަކީ ހަމައެކަނި ‘އެކްސިޑެންޓެއް’ ނޫން ކަމާއި، ގަސްތުގައި އެދެމީހުން މަރައިލުމަށް ހިންގި ޖަރީމާއެއްކަން ހައުލާ ކިޔައިދެމުން ދިޔައެވެ. އޭރު އެ ކޭސްގައި މަސައްކަތްކޮށްފައި ހުރި އިރު ލިބުނު ހުރިހައި ހެއްކެއް އަޒަލް މެދުވެރިކޮށް ގާޒީއަށް ހުށައެޅި އިރު، ފަސް އަހަރު ކުރިން އެ ކޭސް ދޫކޮށްލަން ހައުލާއަށް މަޖުބޫރުވީ ސަބަބު ވެސް ހައުލާ ކިޔައިދިނީ ހެއްކާ އެކުގައެވެ. އެއާއެކު ދަތްކުނޑި ވިކައިލަމުން އިމްތިޔާޒް ފައިރޫޒަށް ބަލައިލާފައި، ކޮންމެވެސް ކަމެއް ކުރާށޭ ބުނެލި ނަމަވެސް، ފައިރޫޒަށް ވެސް ގަބުވެފައި އިނދެވުނީއެވެ. ފަސް އަހަރު ކުރިން ކޯޓަށް ލާރި ދީގެން، ހައުލާގެ ހެކިތަކަކީ އެއްވެސް ބާރެއް ނެތް އެއްޗަކަށް ހެދިޔަސް، މިއަދު މަންޒަރު ތަފާތުވެފައިވާކަން ފައިރޫޒްގެ ހިތް ވެސް، ގަބޫލުކޮށްފިއެވެ.
“މި މައްސަލައާ ނިމްޝާ ހުސެއިން އިމްތިޔާޒް އަދި ނާއިފް ހުސެއިން އިމްތިޔާޒްއާ ގުޅުން އޮތް ގޮތަކީ ކޮބައިތޯ..؟” ހައުލާގެ ވާހަކަ ނިމުމުން ގާޒީ ސުވާލުކުރީ އަޒަލްއާއެވެ.
“އިއްޒަތްތެރި ގާޒީ.. އިމްތިޔާޒްގެ އެތައް ޖަރީމާއެއްގައި ނިމްޝާ އަދި ނާއިފް ވަނީ ބައިވެރިވެފަ.. ބްރޭވޮން ކޮމްޕެނީ ރޫޅައިލުމަށް އިމްތިޔާޒް ބޭނުން ކުރި އުކުޅަކީ ނިމްޝާއާ ނާއިފް.. ނާއިފް އަކީ އަހުމަދު އަފާފްގެ ދޮށީ ދަރިފުޅު ރީނާ އަހުމަދު އަފާފްގެ ފިރިމީހާ.. އެ ދެމަފިރިންގެ ކައިވެންޏަށް ދަރިޔަކު ވެސް ލިބިފަވޭ.. ބްރޭވޮންގައި މަސައްކަތްކުރަން ނާއިފަށް ލިބުނު ފުރުސަތުގެ ދަށުން ބްރޭވޮންގެ ހަލާކަށް ކުރެވެން ހުރި ހުރިހައި ކަމެއް ނާއިފް ކުރީ އިމްތިޔާޒްގެ އެންގުމުގެ ދަށުން.. އަދި އޭގެ އިތުރުން ނިމްޝާއާ ނާއިފްގެ މައްޗަށް ކުރެވިފައިވާ ބްލެކްމެއިލް ކުރުމުގެ ތުހުމަތާ ރަހީނުކުރުމުގެ މައްސަލައިގެ ދައުވާގެ ވެސް ހިމެނޭނެ..” އެ މައްސަލައާ ނިމްޝާއާ ނާއިފްއާ އޮތް ގުޅުން އަޒަލް ކިޔައިދޭން ފެށުމާއި އެކު އަނެއްކައި ވެސް ކޯޓުތެރެވ ހިމޭންވާ ފެށިއެވެ. ހެކި އަރުވަން ގާޒީ ފުރުސަތު ދެެއްވުމާ އެކީ އަޒަލް ބޭނުންކުރީ ލިވްޔާގެ ކޮޓަރިން ރައިހާންއަށް ފެނުނު ފޯނެވެ. ލިވްޔާއާ ނިމްޝާއާ ދެމެދުގައި ބަދަލުކުރެވިފައި ހުރި މެސެޖުތައް ފެނުމާ އެކީ އަނެއްކައި ވެސް ކޯޓުރޫމްތެރެ ހަލަބޮލިވިއެވެ.
“އިއްޒަތްތެރި ގާޒީ.. ކިހިނެއްތޯ އަޅުގަނޑުމެން ޔަގީންކުރާނީ މިއީ ހަމަ ޔަގީނުން ވެސް ނިމްޝާއާ ލިވްޔާއާ ދެމެދުގައި ބަދަލުކުރެވިފައި ހުރި މެސެޖުތަކެއްކަން..؟ އެދުވަހު އޭ.އާރް މެމޯރިއަލްސް ކޮމްޕެނީގެ އާޓިކަލް ނެރުނީ ލިވްޔާ ބޭނުންވެގެން ލިވްޔާ އަމިއްލައަށްކަން އެއީ މުޅި ރާއްޖެއަށް އެނގިފައި އޮތް ބޮޑު ހަގީގަތެއް.. އެކަން ފޫބައްދާފައި ކޮމްޕެނީއަށް ލިބުނު ލޮސް ރިކަވަރ ކުރަން މީގެ އަހަރުތަކެއް ކުރިން ނިމިފައި އޮތް އެކްސިޑެންޓުގެ ކޭސްއެއް ނަގައިގެން އުޅުން އެއީ ބުއްދިއަށް ގަބޫލު ކުރެވޭ ކަމެއް ނޫންތޯ..؟” ވަގުތުގެ ބޭނުން ހިފައި ފައިރޫޒް އަޒަލްގެ ކަރަށް މަޅި އެއްލިއެވެ. އެހެނަސް އެއަށް ވުރެ އަޒަލް މާ ހުޝިޔާރެވެ. ވަގުތުން ގާޒީ ގާތު އެކަމަށް ވެސް ހެކި އޮތް ކަމަށް ބުނުމުން ގާޒީ އެ ފުރުސަތު ދިނެވެ. ދެން ފެނުނީ އެއްވެސް މީހަކު ފެންނާނެކަމަށް އުއްމީދުކޮށްގެން ހުރި މަންޒަރެއް ނޫނެވެ.
ކޯޓްރޫމްގެ ދޮރު ހުޅުވިގެން ދިޔަ އިރު ދޮރުމަތީގައި ހުރި ސޫރަ ފެނިފައި ހައިރާންކަން ވެރިނުވާ ހިތެއް ނެތެވެ. މީގެ ދެ އަހަަރު ކުރިން އޭ.އާރް މެމޯރިއަލްސް ކޮމްޕެނީގެ ނަން ކިލަނބުކޮށްލާފައި، އެންމެންގެ ލޯމައްޗަށް ގެއްލުނު ލިވްޔާ ފެނުމުން އަނެއްކައި ވެސް ހިމޭންކޮށް އޮތް ތަން ހަލަބޮލިވިއެވެ.
ފަހަތުގައި ހުރި ޔާނިއު ލިވްޔާގެ ކޮނޑުގައި އަތް ބާއްވައިލާފައި ބޯޖަހައިލުމުން ލިވްޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު ސާބިތުކަމާ އެކީ ހިނގަމުން ގޮސް ހުއްޓުނީ ސީދާ އަޒަލްގެ ގާތުގައެވެ.
ދެ އަހަރު ފަހުން ލިވްޔާގެ އެ ރީތި ސޫރަ ފެނުމުން ރައިހާންއަށް އިރުކޮޅަކު ކަޅިޖަހައިލުމެއް ނެތި ބަލަހައްޓައިގެން ހުރެވުނެވެ. އިހުނަށް ވުރެ ހަށިގަނޑު ރަނގަޅުވެލާފައި ހުރި އިރު، އެނޫން މާ ބޮޑު ބަދަލެއް އެ ރީތި ސޫރައަށް އައިސްފަކައި ނުވެއެވެ. ރައިހާންއަށް ފުރަގަސްދީގެން ހުރުމުން އެ ރީތި ދެލޯ ދުށުމުގެ ނަސީބު ނުލިބުނު ނަމަވެސް، ރައިހާންގެ ހިތް އެ ހިޔަނިން އެކަނި ވެސް ތެޅިފޮޅިގަތެވެ. ވަގުތުން ލިވްޔާ ގެނެސް އަތުތެރެއަށް ލާން ނިހާޔަތަށް އެ ހިތް އެދުނު ނަމަވެސް، ރައިހާން ކެތްކޮށްލައިގެން އިނީ މިއީ އެންމެ ރަނގަޅު ވަގުތު ނޫންކަން އެނގޭތީއެވެ. މިވަގުތު އޭނާގެ ސަމާލުކަން ދޭން ޖެހޭނީ ހަމައެކަނި މި ކޯޓު އަޑުއެހުމަށެވެ. މަންމައާއި ބައްޕައަށް އިންސާފު ހޯދައިދިނުމަށެވެ.
“އިއްޒަތްތެރި ގާޒީ..” ފުން ނޭވާއެއް ދޫކޮށްލަމުން ލިވްޔާ ވާހަކަ ދައްކަން ފެށި އިރު އެ އަޑުގައި ހުރި ތުރުތުރާ އެކުގައި ވެސް ވީ ސާބިތުކަމެވެ. މީގެ ދެ އަހަރު ކުރިން އޭނާއާއި ލައިނީ ރަހީނުކޮށްގެން ނިމްޝާމެން ގެންގޮސް، އެމީހުންނަށް ބިރުދައްކައިގެން ލިވްޔާ ލައްވައި ރައިހާންގެ ކުންފުނީގެ ނަން ކިލަނބު ކުރަން މަޖުބޫރުވީ ގޮތުގެ ހުރިހައި ތަފްސީލެއް ލިވްޔާ ކިޔައިދެމުން ދިޔައީ ތެދަށެވެ. ރައިހާންއާއި ޔާނިއުގެ އެއްވެސް ކުށެއް ނެތްކަން ލިވްޔާ ސާބިތުކޮށްދިނީ ނިކަން ކެރިހުރެއެވެ. ލިވްޔާގެ ވާހަކަ ނިމުނު އިރު ފައިރޫޒް ވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ފަހަރުގައި ވެސް ލިވްޔާ މިތަނަށް އައިސްފާނެކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. ފައިރޫޒްގެ އަނގަ ބަންދުވީ ތަންވަޅު ބަލައިފާ އަޒަލް ވަގުތުން ފުރުސަތުގެ ބޭނުން ހިފިއެވެ.
“އިއްޒަތްތެރި ގާޒީ.. މުދަލާ ފައިސާ.. ބާރާއި ނުފޫޒުގެ ދަހިވެތިކަމުގެ މީގެ ހަތް އަހަރު ކުރިން ހިންގި އަނިޔާވެރި ޖަރީމާއެއްގެ ތެރޭގަ މަރައިލީ ނުހަނު ލޯބިން އުޅުނު ދެމަފިރިން.. ޒުވާން ދެ ދަރީންގެ ދިރިއުޅުމުގެ އެންމެ އުފާވެރި ދުވަސްތަކާއި، ހާސިލްކުރެވުނު ކާމިޔާބީތައް ދުށުމުގެ ނަސީބު ނުލިބި އެ ދެމަފިރިން ވަކިވެގެން ދިޔައީ މުޅި އާއިލާ ރޮއްވައިލަމުން.. އަހުމަދު އަފާފަކީ މިއަދު ވެސް މުޅި ރާއްޖެ ބަލައިގަންނަ ނަމޫނާ ޝަޚްސިއްޔަތެއް.. އެ ހުރިހައި ކަމެއް ވިއްސިވިހާލިވެގެން ދިޔައީ ބައެއްގެ ހަސަދަވެރިކަމުގެ ސަބަބުން.. ފައިސާއަށް ކަރުހިއްކައިގަނެފައިވީ މިންވަރުން އިންސާނިއްޔަތުކަމުގެ މާނަ ވެސް އެބަޔަކަށް އޮޅުނީތީ.. އެދުވަހު ފައިސާގެ ނުފުޒޫން އެ މައްސަލަ އޮއްބައިލެވުނު ނަމަވެސް މިއަދު އެހެން ވިޔަ ނުދެއްވާ! އެ ދެމަފިރިންނަށް އިންސާފު ހޯދައިދެއްވާ! ކުށްވެރީންނަށް ހައްގު އަދަބު ދެއްވާ! އިންތިހާ ނިކަމެތިކަން ލިބުނު އާއިލާއަށް އިންސާފު ހޯދައިދެއްވާ!” އަޒަލްގެ އަސަރު ގަދަ ވާހަކަތަކުން އެތަނުގައި ތިބި އެންމެންގެ ހިތްތަކަށް ވެސް އަސަރު ކުރިއެވެ. އެކަން ރަމްޒުކޮށްދިނީ ހުރިހައި ލޯތަކުން ނީރައިލި ކަރުނައެވެ.
ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ގަދަކަމުން އެސްފިޔަތަކުގެ ތެރޭގައި ހައްޔަރުކޮށްލައިގެން އިން ރައިހާންއަށް އިތުރަށް ކެތް ނުވީ ގާތުގައި އިން ރީނާގެ ގިސްލުމުގެ އަޑު އިވުމުންނެވެ. ރީނާގެ ގައިގައި އަތް ވަށައިލާފައި ކައިރިކޮށްލަމުން ރައިހާން ދެލޯ މަރައިލުމާ އެކީ ކަރުނަގަނޑު އޮހޮރުނީ އިތުރަށް އެހިތަށް ކުޅަދާނަ ނުވުމުންނެވެ. ޒުވާން ޢުމުރުގައި މަންމައާއި ބައްޕަ ވަކިވުމުގެ ފުން ހިތާމަ އިހުސާސްކުރަން ޖެހުނު ދެބެންގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް އެތަނުގެ ތެރޭގައި ތިބި އެންމެން ވެސް ދުއްޓެވެ.
ރައިހާންގެ މޫނު ލިވްޔާއަށް ފެނުނީ އެވަގުތެވެ. ދެ އަހަރުގެ ދިގު މުއްދަތަށް ފަހު އެ ސޫރަ ފެނުނު ފުރަތަމަ ފަހަރު ވެސް އެ ޖެހުނީ އެހިތުގެ ރާޖާގެ ކަރުނަތައް ދެކޭށެވެ. ދުވެލާފައި ގޮސް އެ ކަރުނަތައް ފުހެލައިދޭން ކިތަންމެ ބޭނުންވި ނަމަވެސް ވަގުތާއި ތަނާއި ހާލަތު އެކަމަށް ތަން ނުދޭކަން ލިވްޔާ އެނގެއެވެ. އޭނާ ފަސްޖެހުނީ އެހެންވެއެވެ.
އިމްތިޔާޒްގެ ކައިރީގައި އިށީންދެގެން އިން ނާއިފް ދެލޯ އަމާޒުވެފައިވީ ރައިހާންގެ ކޮނޑުގައި ބޯއަޅާލައިގެން ގިސްލަގިސްލާފައި ރޮމުން ދިޔަ ރީނާއަށެވެ. މީގެ ކުރިން ވެސް އޭނާގެ ސަބަބުން އެތައް ފަހަރަކު ރީނާ ރުއި މަންޒަރު އޭނާއަށް ފެނުނެވެ. އެހެނަސް އެއިން އެއްވެސް ފަހަރަކު ނުކުރާ އަސަރެއް މިއަދު އޭނާއަށް ކޮށްފިއެވެ. އަޒަލްއާއި ލިވްޔާގެ ވާހަކަތަކުގައި އެކުލެވިގެން ދިޔަ އަސަރު އޭނާގެ ހަރު ހިތާ ހަމައަށް ވެސް ފޯރައިފިއެވެ.
ބައްޕަގެ އެދުމަށް އޭނާ އެއްވެސް ކުށެއް ނެތް މައުސޫމު އަންހެން ކުއްޖެއްގެ ދިރިއުޅުން ހަލާކުކޮށްލީ މި ކުރެވެނީ ކިހައި ނުބައި ކަމެއްކަން ނުވިސްނޭ ހާލުގައެވެ. ފިރިއެއްގެ ޒިންމާ ރަނގަޅަށް އެނގި ހުރެ އޭނާ ރީނާއާ ކައިވެނި ކުރީ ހަމައެކަނި ބައްޕަގެ ނުބައި، ނުލަފާ، އަނިޔާވެރި އެދުންތަކަކަށް ފުރުސަތު ދޭން ވެގެންނެވެ. ފައިސާ އާއި ބާރާއި ނުފޫޒަށް ވުރެ މުހިއްމު އެއްވެސް އެއްޗެއް ނޯންނާނޭކަން ބައްޕަ ވިސްނައިދިނުމުން ނާއިފަށް ވެސް ހެޔޮވިސްނުން ލިބޭނެ ގޮތެއް ނެތީއެވެ. އެހެނަސް މިއަދު އޭނާގެ ހިތަށް ވެސް އަސަރުކޮށްފިއެވެ. އެ މައުސޫމު ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކުން އެ ހިތް ކަތިލައިފިއެވެ. ހެޔޮ ވިސްނުން ލިބުނު އިރު ވަގުތު ފާއިތުވެއްޖެކަން ވިސްނުމުން ނާއިފްގެ މޭގައި ދިލަ ރިހުމެއް އުފެދުނީ މި ވީ ހުރިހައި ދުވަހަކު ކުރެވުނު ހުރިހައި ނުބައި ކަމެއް ބޮލުތެރޭގައި ތަކުރާރުވާން ފެށުމުންނެވެ.
އަޒަލްގެ ވާހަކައަށް ދޭނެ ވަރުގަދަ ރައްދެއް ބޮލުތެރޭގައި ރާވައިލަމުން ފައިރޫޒް ކޮޅަށް ތެދުވިއެވެ. އެއާއެކު ނިމްޝާއާއި އިމްތިޔާޒަށް އުއްމީދެއް ލިބުނު ނަމަވެސް، ނާއިފްގެ ވިސްނުން ތަފާތެވެ. އެއްޗެއް ބުނަން ފައިރޫޒް ހުޅުވައިލި އަނގަ ލެއްޕުނީ ނާއިފް ވާހަކަ ދައްކަން ފެށުމުންނެވެ.
“އިއްޒަތްތެރި ގާޒީ.. އަޅުގަނޑު ކުށަށް އިއުތިރާފުވަން..” ނާއިފްގެ ދެތުންފަތް ފޫއަޅުވައިލާފައި ބޭރުވި ބަސްކޮޅާ އެކީ މުޅި ތަން ހިމޭންވެގެން ދިޔައެވެ. ފައިރޫޒްގެ ދެލޯ ބޮޑުވެގެން ދިޔަ އިރު އިމްތިޔާޒަށާއި ނިމްޝާއަށް ވެސް ވީ އެވަރެވެ. އަޒަލްއާއި ރައިހާންއާ މެދުގައި ހައިރާންކަމުގެ ނަޒަރެއް ބަދަލުކުރެވުނު އިރު، ރީނާއަށް ވެސް ސިހިފައި ނާއިފަށް ބަލައިލެވުނެވެ.
“އަޅުގަނޑު ކުށަށް އިއުތިރާފުވަން.. މީގެ ހަތް އަހަރު ކުރިން އަހުމަދު އަފާފް އަދި ފާތިމަތު ރާއިދާގެ މަރުގެ ފަހަތުގައި ހުރި މޭސްތިރިޔަކީ އަޅުގަނޑުގެ ބައްޕަ.. އެކަމުގައި އެންމެ ގާތުން އެހީތެރިވެދިން އެކަކަކީ އަޅުގަނޑު..” އިސްޖަހައިލަމުން ނާއިފް އެ ބަސްތައް ބޭރުކޮށްލުމާ އެކީ އަނެއްކައި ވެސް އެތަން ހަލަބޮލިވިއެވެ. ކައިރީގައި އިން އިމްތިޔާޒަށް ހޭވެރިކަންވީ ދެނެވެ.
“ނާއިފް ކީކޭ ތި ކިޔަނީ؟” އިމްތިޔާޒް އަހައިލީ ދަތްކުނޑި ވިކައިލަމުންނެވެ.
“ބައްޕާ.. ބައްޕަ ބުނި ގޮތަށް މި ހުރިހާ ދުވަހަކު މި ކަންތައް ކުރީ.. މިއަދު އެންމެ ނުބައި އިންސާނެއްގެ ބޮލުގަ އެޅޭނެ ހުރިހައި ތުހުމަތެއް އަހަރެންގެ ބޮލުގަ އެޅިއްޖެ.. އިތުރަށް ހަގީގަތާ ފިލައިގެން ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ..” ނާއިފްގެ ވާހަކައިން ފައިރޫޒް ގޮނޑީގައި އިށީނީ މިވީ ގޮތުން ދާއިރާގައި އޭނާގެ އަގު ވެއްޓޭނެކަން އެނގޭތީއެވެ. ނިމްޝައާއި އިމްތިޔާޒްގެ މޫނުމަތިން ފެނުނު ނަފްރަތާއި ރުޅިވެރިކަމުން ނާއިފް މޫނު އަނބުރައިލީ ހިތަށް ކުޅަދާނަ ނުވެގެންނެވެ. އެވަގުތު ފެނުނު ރީނާގެ ކަރުނަވީ ދެލޮލުން ނާއިފްގެ ހިތަށް ވާންވެލީ އިންތިހާއަށެވެ.
“ބައްޕަގެ އެދުމަށް އެއްވެސް ކުށެއް ނެތް އަންހެން ކުއްޖެއްގެ ދިރިއުޅުން އަހަންނަށް ހަލާކުކޮށްލެވިއްޖެ.. ފިރިއެއްގެ ވާޖިބު އަދާނުކުރެވުނު އިރު އަހަންނަށް ބައްޕައެެއްގެ ވާޖިބު ވެސް އަދާނުކުރެވުނު.. ބައްޕައަށް ކަމުނުދާ މީހެއްގެ ދަރިއަކަށް ވިތީ އަހަރެންގެ އަންހެނުންނާ ދޭތެރޭ އަހަންނަށް ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް.. އަހަރެންގެ ދަރިފުޅު…” އެހައި ހިސާބަށް ބުނެފައި އިތުރަށް ކެތް ނުވެގެން ނާއިފް ހުއްޓައިލީ އަރު ބެދޭ ގޮތް ވުމުންނެވެ. އިސްޖަހައިލި އިރު ނާއިފްގެ ދެލޮލުން ފޯދުނު ކަރުނައިގެ އަސަރުން މިފަހަރު ރީނާގެ ހިތަށް އަސަރެއް ނުކުރިއެވެ. މިއަށް ވުރެ ކުރިން ނާއިފަށް ވިސްނިގެން އޭނާގެ ގާތުން މަޢާފަށް އެދި، އިސްލާހުވީ ނަމަވެސް އޭނާ ރިއާއަށް ޓަކައި ނާއިފަށް މަޢާފުކުރީހެވެ. އެހެނަސް އޭނާގެ މައިންބަފައިންގެ ގާތިލަކަށް ދުވަހަކު ރުހުމުގެ ލޮލަކުން ބަލައިލެވޭނެ ހެއްޔެވެ؟
“ކަލޭ ތިހާ އިސްލާހުވާން ބޭނުމިއްޔާ ކަލޭ ގޮސް ޖަލަށް ވަން ނަމަ! ކަލެޔާ އެކީ ދެން ތިބި މީހުން ވެސް ކަމުގެ ތެރެއަށް ބާނަން ޖެހޭތަ؟” މޭޒުމަތީގައި ބާރަށް ގޮށްމުށުން ޖަހަމުން އިމްތިޔާޒް ތެދުވެ ހަޅޭއްލަވައިގަތެވެ. އެއާއެކު ސިހިފައި ނާއިފަށް ބަލައިލެވުނީ މިއީ ދުވަހަކު ބައްޕަ އޭނައާ ވާހަކަ ދެއްކި ގޮތަށް ނުވާތީއެވެ. އެހެނަސް މިއަދު އެ ބައްޕަގެ ރުހުމެއް އޭނާ ބޭނުމެއް ނުވެއެވެ. ބައްޕަ ބުނި ގޮތަށް ކަންތައް ކޮށްގެން ދިރިއުޅުމުގައި ލިބުނު އެއްވެސް މޮޅެއް ނެތެވެ.
ގާޒީގެ އަމުރާ އެކީ އިމްތިޔާޒް ހިމޭންވިއެވެ. އޭރު އިސްޖަހާލައިގެން ނިމްޝާ އިނީ ދެން ވާނެ ގޮތް ރަނގަޅަށް އެނގޭތީއެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލައިގެން ފައިރޫޒް އިނީ ބަލި ގަބޫލުކޮށްގެން ކަހަލައެވެ.
އިތުރު ވިސްނުމަަށް ނުގޮސް ގާޒީ ހުކުމް އިއްވީ އާއިލާއިން އެދިފައިވާ ގޮތަށް އިމްތިޔާޒަށް މަރުގެ ހުކުމަށެވެ. ނިމްޝާ އާއި ނާއިފަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ލިބިގެން އެ ކޯޓު އަޑު އެހުން ނިމުނު ވަގުތަކީ މުޅި ކޯޓްރޫމްތެރެ ހަލަބޮލިވީ ވަގުތެކެވެ. ބިޑި އަޅުވައިގެން ފުލުހުން ކުށްވެރީން ގެންދިޔަ ވަގުތަކީ ފަހު ފަހަރަށް ނާއިފް ރީނާއަށް ބަލައިލި ވަގުތުކޮޅެވެ. އެ ނަޒަރުން އެކަނި ވެސް ނާއިފް އެތައް ފަހަރަކު މަޢާފަށް އެދުނެވެ. އެހެނަސް މިއަދު ނާއިފަށް މަޢާފު ކުރެވޭ ވަރަށް ވުރެ އެހިތުގައި ނާއިފާ ދޭތެރޭ އުފެދިފައިވީ ރުޅިވެރިކަމާއި ޝަކުވާތައް ގިނައެވެ.
ރީނާގެ ގައިގައި ބައްދައިލަމުން ރައިހާން ދެލޯ މަރައިލުމާ އެކީ އެ ދެލޮލުގެ ތެރޭގައި ގައިދުވެފައިވީ ކަރުނަތައް ވެސް މިނިވަންވެގަތެވެ. އެކަކުއަނެކަކުގެ އަތުތެރޭގައި ތިބެގެން ދެބެން މިއަދު ކަރުނަ އޮހޮރަމުން ދިޔައީ މަންމައާއި ބައްޕައަށް ފުރިހަމަ އިންސާފު ހޯދައިދެވުނީތީއެވެ. ގާތުގައި މަންމައާއި ބައްޕަ ނެތް ނަމަވެސް، މިއަދު އެމީހުންނަށް ޓަކައި ކޮށްދެވޭނެ އެންމެ ބޮޑު ކަންތައް ކޮށްދެވުނީތީ، ދެ ހިތަށް ވެސް ވަނީ ހަމަޖެހުން ލިބިފައެވެ.
އައިސާމަނިކެ ގަޔާ ކައިރިކޮށްލައިގެން އިން ހަލީމްގެ ދެލޮލުގައި ވެސް ކަރުނައިގެ މުތީތައް ވިދަމުން ދިޔައެވެ. އެތައް އަހަރެއް ފަހުން ލޯބިވާ ކޮއްކޮއަށް އިންސާފު ލިބުނީތީ އެތައް ފަހަރަކު ޙަމްދު ކުރެވުނެވެ. ހަގު ދަރިފުޅުގެ ހަނދާންތައް އައުވުމާ އެކީ އައިސާމަނިކެގެ ދެލޯ ތެމިގެން ދިޔައީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. އެހެނަސް މިއަދު އެ ދަރިފުޅަށް އިންސާފު ލިބިއްޖެއެވެ. ﷲގެ އިރާދަފުޅުން ޖަންނަތުގައި އޭނާއަށް ދަރިފުޅާއި ޅީދަރިފުޅާ ބައްދަލުވެވޭނެއެވެ.
ރީނާ ހަމައަކަށް އެޅުމުން ރައިހާން އަޒަލްއަށް ބަލައިލާފައި ކަރުނައިގެ ތެރެއިން ވެސް ހިނިތުންވެލިއެވެ. އަޒަލްއާ ސަލާމްކޮށްލަމުން ރައިހާން ޝުކުރުއަދާކުރީ ހިތުގެ އެންމެ ފުންމިނުންނެވެ. ރީނާ ވެސް އަޒަލްގެ ގައިގައި ބައްދައިލަމުން ޝުކުރުއަދާ ކުރީ އެކުވެރިއެއްގެ ހައިސިއްޔަތުން އަގަކައި ނުލައި އަޒަލް ކޮށްދިން ހެޔޮކަމުގެ ސަބަބުން މެނުވީ މަންމައާއި ބައްޕައަށް އިންސާފު ނުލިބުނީސްކަން އެނގޭތީއެވެ.
“ދެން ތިވަރަށް ޝުކުރުއަދާ ނުކޮށްބަލަ.. ރީންއަށް ކަމެއް ކޮށްދެވުނީމަ، އަދި މައުސޫމު ބަޔަކަަށް އިންސާފު ހޯދައިދެވުނީމަ އަހަރެން ވަރަށް އުފާވެއްޖެ..” ހިނިތުންވަމުން އަޒަލް ބުނެލީ ހިތުގެ އަޑިންނެވެ.
“އަހަރެން މާދަމާ ވަރިވާން ފޯމުލާނަން..” ރީނާ އެހެން ބުނެލުމާ އެކީ އަޒަލްގެ އިތުރުން ރައިހާންގެ މޫނުމައްޗަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ. ނާއިފްގެ ސަބަބުން ކުރިމަތިވި ހުރިހައި އަޑިގުޑަންތަކެއް ހަންދާން ނައްތައިލާފައި، ދިރިއުޅުމައިގެން ރީނާ ކުރިޔަށް ދިޔުމަކީ އެދެމީހުންގެ ވެސް އުއްމީދެވެ.
ރީނާ އަޒަލްއާ ވާހަކަ ދައްކަން ހުރި ވަގުތު ޔާނިއު އައިސް ރައިހާންގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. އުފާވެރި ހިނިތުންވުމާއި އެކު ރައިހާން ޔާނިއުގެ ގައިގައި ބައްދައިލީ އެތައް ފަހަރަކު ޝުކުރު އަދާކުރަމުންނެވެ. ޔާނިއު ނެތް ނަމަ މީގެ ފަސް އަހަރު ކުރިން ވެސް، އަދި މިއަދު ވެސް އޭނާއަށް ކުރިއެރުމެއް ނުލިބުނީހެވެ. އެއްބަނޑުއެއްބަފާ ބޭބެއެއް ހުރި ނަމަވެސް އެވަރަށް އޭނާ ދެކެ ލޯބިނުވާނެކަން ޔަގީނެވެ.
“ހޫމް ދެން މާ ސެންޓި ނުވެބަލަ.. ރެންގެ ޕޭރެންޓްސް ގޮތަށް އެއީ ހަމަ އަހަރެންގެ ވެސް ލެޔޭ.. އަހަރެންގެ އަންކަލްއާ އާންޓްއޭ.. އެމީހުންނަން އިންސާފު ހޯދައިދިނުމަކީ އަހަރެންގެ ވެސް ޒިންމާއެއް..” ޔާނިއު ބުނެލީ ހިތުގެ އަޑިންނެވެ.
“ޑޭޑް މިއަދު ދުނިޔޭގަ ހުރި ނަމަ ޔާން ދެކެ ވަރަށް ޕްރައުޑް ވާނެ..” ޔާނިއުއާ ދުރުވެލަމުން ރައިހާން ބުނެލީ ހިނިތުންވެލައިގެން ހުރެއެވެ.
“އަންކަލް ރެންއާ މެދު ވެސް ހަމަ އެހައި ޕްރައުޑްވާނެ..” ކުޑައިރެކޭ އެއްގޮތަށް ރައިހާންގެ ކޮލުގައި ހިފައިލަމުން ޔާނިއު ބުނެލީ ފުން ހިނިތުންވުމަކާ އެކީއެވެ.
“ދެން އިހަށް ތި ހިތުގެ ރާނީ ގާތަށް ދާންވީނު..” ރައިހާންގެ ކޮނޑުގައި ޖަހައިލަމުން ޔާނިއު އިޝާރާތްކޮށްލީ ދުރުގައި އައިސާމަނިކެއާ ވާހަކަ ދައްކަން ހުރި ލިވްޔާއަށެވެ. ލިވްޔާގެ ގައިގައި ބައްދާލައިގެން ހުރެ އޭރު ވެސް އައިސާމަނިކެ ރޮމުން ދިޔަ މަންޒަރު ފެނުމުން ރައިހާންއަށް މިވަގުތު ލިވްޔާ އައިސާމަނިކެއާ ދުރުކުރުވާކަށް ނުކެރުނެވެ.
“މިގަޑީ މާމަ އެހައި ބޭނުންވެފަ ހުއްޓާ އަހަންނަކަށް ނުކެރޭނެ ގެންނާކަށް..” ރައިހާން އެހެން ބުނެލި ނަމަވެސް އެ ހިތް ލިވްޔާއަށް އެދި ތެޅިފޮޅެމުން ދިޔަ ވަރު އެހެން އިންސާނަކަށް އިހުސާސެއް ނުކުރެވޭނެއެވެ.
އެއާއެކު ޔާނިއު ރައިހާން ގާތު މަޑުކުރާށޭ ކިޔާފައި އެދިމާއަށް ދިޔައެވެ. ހަލީމްއާއި އައިސާމަނިކެ ގާތު ގެއަށް ދާން ހިނގާށޭ ބުނުމުން ލިވްޔާގެ ގައިން ދޫކޮށްލާފައި އައިސާމަނިކެ ޔާނިއުއާ އެކީ ހިނގައިގަތީ ޔާނިއު ކުރަން އުޅުނު ކަންތައް ވިސްނުމުންނެވެ.
“ލިވްޔާ..” އައިސާމަނިކެއާއި ހަލީމް ގޮވައިގެން ޔާނިއު ދިޔަ މަންޒަރު ބަލަން ހުރި ލިވްޔާގެ ލޯލިތައް ކޮޅަށް ޖެހުނީ އެ އަޑުން، އެހައި އަސަރާ އެކީ ރައިހާން ގޮވައިލުމުންނެވެ. ލަސްލަހުން ފަހަތަށް އެނބުރ ބަލައިލުމާ އެކު ބައްދަލުވެގެން ދިޔަ ނަޒަރުން ލިވްޔާއަށް ކެތްކުރަން އުނދަގޫވިއެވެ. ދެލޮލަށް ގިނަވެގެން ދިޔަ ކަރުނަތައް އެސްފިޔަ ޖަހައިލުމާ އެކީ ގިނަވެގެން ދިޔުމުން ލިވްޔާއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. ދެފައިގައި ހުރި ބާރެއް ލާފައި ދުވެލާފައި ގޮސް ރައިހާންގެ އަތުތެރެއަށް ވަން އިރު އެ ދެތުންފަތް ފޫއަޅުވައިލާފައި ގިސްލުމުގެ އަޑު ބާރުވެއްޖެއެވެ.
ދެ އަހަރު ފަހުން ލިވްޔާގެ ހަށިގަނޑުގައި ބީހިލުމުގެ ލައްޒަތު ލިބުމާ އެކީ ރައިހާންއަށް ދެލޯ މަރައިލެވުނެވެ. އެ ވަރުގަދަ ދެއަތުން ލިވްޔާގެ ހަށިގަނޑުގައި އޮޅުލައިގަތީ ދުވަހަކު ދުލެއް ނުކުރާނަމޭ ބުނާ ފަދައަކުންނެވެ. މި ހުރިހައި ދުވަހަކު އޭނާއާއި، އޭނާގެ އާއިލާއަށް ޓަކައި ވީ ގުރުބާނީއަށް ޓަކައި ޝުކުރިއްޔާއޭ ބުނާ ފަދައަކުންނެވެ. ހަގީގަތް ހޯދައި، މިއަށް ވުރެ އަވަހަށް ލިވްޔާއާ ހަމައަށް ނުދެވުނީތީ މަޢާފަށް އެދެމޭ ބުނާ ފަދައަކުންނެވެ.
އެކަކު އަނެކަކުގެ އަތުތެރޭގައި ދެ ލޯބިވެރިން ތިބި އިރު، ދެމީހުންގެ ލޯ ވެސް ތެމިފައި ވަނީ އުފާވެރިކަމުގެ ކަރުނައިންނެވެ. ބަސްމޮށުންތެރިކަމަކާ ނުލައި އެތައް ވާހަކައެއް އެ ކަރުނައިން ބުނެދެމުން ދިޔައެވެ.
“އައި މިސްޑް ޔޫ..” އިރުކޮޅެއް ފަހުން ރައިހާންއާ ދުރުވެލާފައި ލިވްޔާ ބުނެލީ ވައި އަޑުންނެވެ.
“އައި މިސްޑް ޔޫ މޯރ.. ދުރުގަ ހުންނަން އުނދަގޫވީ ވަރު އަހަރެން ލިވްޔާއަށް ކިޔައިދޭނީ ކިހިނެއް..؟” ރައިހާންގެ އަޑުގައިވީ އަސަރަކުން ލިވްޔާގެ ހިތް އެތައް ފަހަރަކު ޒަޚަމްވެގެން ދިޔައެވެ.
“ދެން ދުވަހަކު ވެސް ނުދާނަން.. ދުވަހަކު ވެސް ރައިހާން ދޫކޮށްލާފަ ނުދާނަން..” ރައިހާންގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން ލިވްޔާ ބުނެލީ ވަޢުދެއް ވާ ފަދައިންނެވެ.
“ދެން ދުވަހަކު ވެސް ލިވްޔާ ދިޔަކަ ނުދޭނަން..” އަނެއްކައި ވެސް ލިވްޔާ ގެނެސް ގަޔާލައި ފިތައިލަމުން ރައިހާން ބުނެލީ އެ ބަސްތަކުގެ ހަގީގަތް ހާމަކުރަމުންނެވެ. ރައިހާންއާ ދުރުވާ ހިތް ނުވެފައި ލިވްޔާ އެ އަތުތެރޭގައި އިހުނަށްވުރެ ވެސް ބޮޑަށް ބޮނޑިވެލީ ހިތަށް ލިބުނު ތަސައްލީއަކުންނެވެ.
*** ** ***
ރޯޒްވުޑްއަށް ލިވްޔާ އަޅައިލި ފުރަތަމަ ފިޔަވަޅާ އެކީ މަރުހަބާކީ ލައިނީއެވެ. ނޭވާލާން އުނދަގޫވާހައި ބާރަށް ލިވްޔާގެ ގައިގައި އޮޅުލައިގަނެވުނު އިރު ދެބެންގެ ލޮލުން ވެސް ކަރުނަ ނީރާލައިފިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.






Awwn this so cute. Finally ren got is livy back. Mi part ves varah reethi. Can’t wait to see Yala’s expression when she see hers livy dhonthi at first time. Curiously waiting for the next part.. love ya 💋🫶🏼
omg reem i missed youu!!
thankyouu smsms🥹💕💕
hehehe yeahh let’s wait next part ah to see that dho
love youuu💕💕
Awwwwn haadha touching eyy mi part….
You’re so talented nayuuuuuu….
Curiously waiting for the next part….
When’s next part??
awh thankyouu💕
next part tmr In Sha Allah💕💕
wow!! finally! so happy for them, vaahaka varah rythi
thank youu Marsha!!
marsha ge vaahaka ves kiyaalaifin miadhu, adhi comment eh kohlaanan inge
Wowow maa sha allah. Btw Nayaa I followed u in insta 🥹
thankyouu💕💕
omg what’s your @?
nayaa can u share ur insta
Rovey eba mihaaru😭😭
Haadha emotional eyy
Image vey eba scene thah
Livi and Ren is back together again. They are my fav couple ever
Can’t wait for next episode!!
Luv u 💗💗
Awwwnn so sweett! Couldn’t have been much happier😭😭😭
Finally ren and livyy!! Still feels like it’s a dream😭 alheyy azal is so talented! Naaif ah alhe fahe thankolhe kurin vx visnun nama dhw? Now he has to spend his life in guilt and sorrow..
Anyways loved this part s m💗💗
aww alhey
yesss they’re my fav couple too but after zaara and afaan ok hehe
love u moreee💕💕
aahhhh haadha reechey mi part vesss🥹🥹🥹🥹
can’t wait for next part… dhen miadhu upload kohlaabaaa😭😭😭😭