ހިތް އެދޭ މަންޒިލަކީ… 39
ހަވީރުގެ އެ ފިނިފިނި ވަގުތު ކޮލެޖުން ނުކުތް ލިވްޔާ އާދައިގެ މަތިން މިސްރާބު ޖެހީ ކެންޑިސްގެ ކުތުބުޚާނާއަށެވެ. އެވަގުތު ވެސް ކޮންމެވެސް ވަރަކަށް ފިނި ވެހެމުން ދިޔައެވެ. ފިންޏަށް ބަލިވެދާނެތީ ލިވްޔާ ލައިގެން ހުރި މެކްސީ ހެދުމުގެ މަތިން އަޅައިގެން ހުރި މަޑުފިޔާތޮށިކުލައިގެ ފިނިހެދުން ކަކުލާ ހަމައަށް އަރައެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތި އެ ހަމަހިމޭން މަގުގައި ހިނގަމުން ދިޔަ ލިވްޔާގެ ފިޔަވަޅުތައް ކުއްލިއަކަށް މަޑުޖެހުނީ ފަހަތުން އިވުނު އަޑަކުންނެވެ. ވިސްނަންވީ އެއްޗެއް ނޭނގިފައި، މުޅި މީހާ ހުއްޓުން އަރާފައި ހުއްޓާ އަނެއްކައި ވެސް އެ އަޑު އިވުނެވެ. އޭނާއަށް ޔަގީންވީ ދެނެވެ. ހިތުގެ ތެޅުން އެތައް ގުނައެއް އަވަސްވެގެން ދިޔަ އިރު، މުޅި ގައިން ހީބިހި ނަގައިގެން ދިޔައީ ފިނީގެ ސަބަބުން ނޫންކަން ޔަގީނެެވެ. އެ ދިގުދިގު އެސްފިޔަތައް ތެމުނު އިރު ލިވްޔާއަށް ފަހަތަށް އެނބުރި ބަލައިލެވުނީ މިއީ ހުވަފެނެއް ނޫނީ ޚިޔާލަކަށް ނުވޭތޯ ހިތާހިތުން ދުޢާކުރަމުންނެވެ.
ލިވްޔާއާ ވިއްސަކަށް ފިޔަވަޅު ދުރުގައި ހުރި ޔާނިއު ފެނުމުން ލިވްޔާއަށް ބަލަހައްޓައިގެން ހުރެވުނީ މުޅި މީހާ އެކުގައި ހުއްޓުން އަރާފައެވެ. އިރުކޮޅެއް ފަހުން ހިއްސުތައް މަސައްކަތްކުރަން ފެށުމާ އެކީ ލިވްޔާގެ އެސްފިޔަތައް ތެމިގެން ދިޔައީ، މިއީ ދެލޯ ކުރާ ސަމާސާއަަކަށް ނުވޭތޯ ދުޢާކުރަމުންނެވެ. އެއްފަހަރާ އެތައް އެއްޗެއް ހިތަށް އަރާ ފައިބަމުން ދިިޔަ އިރު ލިވްޔާގެ ހިތް ހީވީ މޭފަޅާފައި ނުކުންނަން އުޅުނުހެންނެވެ.
“ލިވީ..” ލިވްޔާއާ ގާތަށް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ޔާނިއު ގޮވައިލުމުން ވެސް ލިވްޔާގެ ދުލުކުރިއަށް އެއްވެސް ބަހެއް ނައެވެ. ޔާނިއު އައިގޮތަށް އައިސް ސީދާ ލިވްޔާގެ ކުރިމަތީގައި ހުއްޓުނު އިރު ވެސް ލިވްޔާއަށް ގަބޫލު ނުކުރެވިފައި ބަލަން ހުރެވުނެވެ.
“ލިވީ..” ލިވްޔާގެ ދެކޮނޑުގައި ހިފައިލަމުން ޔާނިއު މިފަހަރު ގޮވައިލި އިރު އެ އަޑުގައި ކޮންމެވެސް ވަރެއްގެ ތުރުތުރެއް ވިއެވެ. ލިވްޔާގެ ހަށިގަނޑާއި ދޫ ޙަރަކާތްކުރަން ފެށީ ދެނެވެ.
“ޔާންބޭ..” ޔާނިއުގެ ކޮނޑުގައި މޫނު ޖައްސައިލަމުން ގޮވައިލެވުނު އިރު ލިވްޔާއަށް ރޮވިއްޖެއެވެ. ޚުދު ޔާނިއު ވެސް ފެންކަޅިވެފައި ހުރެ ލިވްޔާގެ ކޮނޑުގައި ދެއަތް ވަށައިލި އިރު “އަލްޙަމްދުލިﷲ” އޭ ބުނެވުނީ ލިވްޔާ ހެޔޮ ޙާލުގައި ހުރިތަން ފެނުމުންނެވެ.
“ލިވީ.. ރަނގަޅުތަ..؟” އިރުކޮޅެއް ފަހުން ލިވްޔާ ގަޔާ ދުރުކޮށްލަމުން ޔާނިއު އަހައިލީ ލިވްޔާގެ ކަރުނަތައް ފުހެދެމުންނެވެ. ވާހަކަ ދައްކާނެ ހިތްވަރެއް ނެތި ލިވްޔާއަށް ކުރެވުނުހައި ވެސް ކަމަކީ ބޯޖަހައިލުމެވެ. އެއަށްފަހު ހުޅުވައިލި އަނގަ އަނެއްކައި ވެސް ބަންދުކޮށްލީ ކުރަން ހުރި ސުވާލުތައް ގިނަކަމުންނެވެ. އަހަން ހުރި ވާހަކަތައް ދިގުކަމުންނެވެ. ލައިނީގެ ވާހަކައެވެ. ލައިނީއާއި ޔާނިއުގެ ދަރިފުޅުގެ ވާހަކައެވެ. އަނީސްގެ ވާހަކައެވެ. އެ އާއިލާގެ ވާހަކައެވެ. އެންމެ ލޯބިވާ ރައިހާންގެ ވާހަކައެވެ. އެހެނަސް އެ ސުވާލުތައް ދުލާ ހަމައަށް ނުގެނެވިފައި ލިވްޔާ ހަނުހުރީއެވެ.
*** ** ***
އޭގެ ގަޑި އިރެއް ފަހުން ޔާނިއު އާއި ލިވްޔާ ތިބީ ލިވްޔާގެ އެޕާޓްމެންޓުގައެވެ. އާވި އަރައަރާ ހުރި ހޫނު ކޮފީ ތައްޓެއް ހިފައިގެން އައިސް ޔާނިއުގެ ކުރިމަތީގައި ބަހައްޓައިލަމުން ލިވްޔާ އިށީނީ ޔާނިއުގެ ކުރިމައްޗަށް ވާ ގޮތަށެވެ. ލިވްޔާއަށް ޝުކުރު އަދާކުރަމުން ޔާނިއު ކޮފީތަށިން އެތިފޮދެއް ބޯލީ، ފަށަން އުޅޭ ވާހަކައަށް ރަނގަޅަށް ތައްޔާރުވަމުންނެވެ. އެހެނަސް ޔާނިއުއަށް ވާހަކަ ދެއްކުމުގެ ކުރިން ލިވްޔާގެ ސުވާލުތައް އޮއްސައިލިއެވެ،
“ކުޑާ ރަނގަޅުތަ..؟ ބައްޕަ ވެސް..؟ ބޭބީ..؟” އެންމެ ފުރަތަމަ ވެސް ލިވްޔާއަށް އަހައިލެވުނީ އެ ސުވާލުތަކެވެ. އެޔާއެކު ޔާނިއު ލުއި ހިނިތުންވުމަކާ އެކީ ބޯޖަހައިލަމުން އޭނާގެ ފޯނު ނަގާފައި ލިވްޔާއަށް ދިނެވެ.
ޔާނިއުގެ ފޯނު ސްކްރީނުން ފެނުނު ދެ އަހަރުގެ ތުއްތު ތުއްތު މައުސޫމު މޫނުކޮޅަށް ދެވުނު ފުރަތަމަ ނަޒަރާ އެކީ ވެސް ލިވްޔާގެ ދެލޯ ކަރުނައިގެން ފުރިގެން ދިޔައީ އެހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. އެއް އަތުން ފޯނުގައި ހިފަހައްޓާލައިގެން އިން އިރު، އަނެއް އަތުގެ އިނގިލިތަކުން އެ ފޮޓޯގައި ފިރުމައިލި އިރު، އެ ހިތް ދިޔައީ ލޯބިން އުތުރިއަރަމުންނެވެ.
“ހައްވާ ޔަލާ މުޙައްމަދު ޔާނިއު.. ނެކްސްޓް މަންތް ފޯޓީންތްގަ ތްރީ އިޔަރސް ވާނެ..” ޔާނިއު ބުނެލުމާ އެކީ ލިވްޔާއަށް ކަރުނަވީ ދެލޮލުން ޔާނިއުއަށް ބަލައިލެވުނެވެ.
“ޔަލާ.. ހަމަ ހީވަނީ ކުޑާގެ ކޮޕީއެއްހެން ދޯ..؟” އޮހޮރެމުން ދިޔަ ކަރުނައާ އެކީ ވެސް ލިވްޔާގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. ޔާނިއު ވެސް ހިނިތުންވުމަކާ އެކީ ބޯޖަހައިލީ ފަޚުރުވެރިކަމާއެކީއެވެ.
“އެކަމަކު އެންމެން ވެސް ބުނާނެ ލާލަ އުޅެނީ ލިވީ އުޅޭހެންނޭ.. އެހައި ހަލަނިވެފަ އަނގަގަދަ ވާނެ.. ބޯހަރު ވެފަ ގޮތްދޫނުކުރާނެ.. އެކަމަކު ހަމަ އެހައި ވިސްނުންތެރިވެފަ ހެޔޮވިސްނޭނެ..” ޔާނިއުގެ އަޑުން އެކަނި ވެސް ހުރި ހަމައެކަނި ދަރިފުޅު ދެކެ އޭނާ ވާ ލޯބި ހާމަވަމުން ދިޔައެވެ.
“ދޭބަ ދެން ހުރި ފޮޓޯތަކަށް..” ޔާނިއު ބުނެލުމާ އެކީ ލިވްޔާ ސްވައިޕް ކޮށްލިއެވެ. އެއާއެކު ފެނުނީ ލައިނީ އާއި ޔާނިއުގެ އިތުރުން ޔަލާ އެކުގައި ތިބި ފޮޓޯއެކެވެ. ކަރުނައިގެ ތެރެއިން ހިނިތުންވަމުން ލިވްޔާއަށް “މާޝާﷲ” އޭ ބުނެވުނީ އެ ކުޑަކުޑަ އާއިލާ ފުރިހަމަކަމުންނެވެ. ލައިނީ ވެސް ކުރިޔަށް ވުރެ ފަލަވެލާފައި ހުރި އިރު ނިކަން ލޯތްބޭ ލިވްޔާގެ ހިތަށް އެރިއެވެ.
ދެން ފެނުނު ފޮޓޯގައި ޔަލާގެ އަތުގައި ހިފައިގެން ހުރި ރިއާ ފެނިފައި ލިވްޔާގެ ހިނިތުންވުން ފުޅާވިއެވެ. ދެ އަހަރު ފާއިތުވެގެން ދިޔަ އިރު ރިއާ ވެސް ހީކުރިވަރަށް ވުރެ އަވަހަށް ބޮޑުވެއްޖެއެވެ. އިސްކޮޅުން ދެމިލާފައި ހުރި އިރު، މޫނުމަތިން ރީނާގެ ސިފަތައް ކުރިޔަށްވުރެ ވެސް ބޮޑަށް ފާޅުވާން ހުއްޓެވެ.
ދެން ޖެހުނު ފޮޓޯގައި ޔަލާ އުރާލައިގެން ހެވިފައި ހުރި އަނީސް ފެނުމުން އަނެއްކައި ވެސް ލިވްޔާއަށް ޔާނިއުއަށް ބަލައިލެވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ. ހިނިތުންވުމަކާ އެކީ ޔާނިއު ބޯޖަހައިލިއެވެ.
“މާތްﷲގެ އިރާދަފުޅުން ބައްޕައަށް މިހާރު ހިނގޭ.. ވާހަކަ ވެސް ދެއްކޭ..” ޔާނިއުގެ އެ ވާހަކައިން ލިވްޔާއަށް ގިސްލަގިސްލާފައި ރޮވެން ފެށުމާ އެކީ ޔާނިއު ތެދުވެގެން އައިސް އަނެއްކައި ވެސް އެ ދެއަތުގެ ހިމާޔަތުގެ ތެރެއަށް ލިވްޔާ ގެނައެވެ. އެއާއެކު ލިވްޔާގެ ރުއިން ބާރުވީ މީހަކު ހިތް ފަޅައިގެންދާ ވަރަށެވެ.
“ޔާންބޭ.. އެދުވަހު އަހަރެން.. އަހަންނަށް އިތުރު ގޮތެއް ނެތީ.. އައިމް ސޯ ސޮރީ-” ލިވްޔާގެ އަޑު އައީ ގިސްލެވެމުން ދިޔުމުގެ ސަބަބުން ކެނޑިކެނޑިގެންނެވެ.
“ޝްޝް.. ލިވީ ނުޖެހޭނެ ސޮރީ ބުނާކަށް.. ޔާންބެއަށް އެނގޭ.. އެންމެންނަށް ވެސް މިހާރު އެނގޭ..” ޔާނިއުގެ އެ ވާހަކައިން ލިވްޔާއަށް އިސްއުފުލައިލަމުން ޔާނިއުއަށް ބަލައިލެވުނު އިރު އެ ދެލޮލުގައި ކަރުނައިގެ މުތީތައް ވިދަމުން ދިޔައެވެ.
“ރައި.. ރައިހާންއަށް ވެސް ތަ..؟” ޔާނިއުއާ ދިމާވި ފަހުން ފުރަތަމަ ފަހަރަށް ލިވްޔާ ރައިހާންގެ ވާހަކަ އަހައިލިއެވެ.
“ރެންއަށް ވެސް އެނގޭ.. ލިވީ ދެން އެއްވެސް ކަމަކާ ބިރުގަނެ ހާސްވާކަށް ނުޖެހޭނެ.. ޔާންބެ މި އައީ ލިވީ ބަލާ.. ލިވީ އެނބުރި އަންނާނެ ދުވަހަކަށް އެންމެ ތިބީ އިންތިޒާރުކޮށްކޮށް..” ބޯޖަހައިލަމުން ޔާނިއު ދިނީ ޔަގީންކަމެވެ. އެހެނަސް އެ ޔަގީންކަމުން ލިވްޔާގެ ހިތުގައި އުތުރިއަރައިގަތީ ބިރުވެރިކަމެވެ. ދެ އަހަރު ފަހުން ލޯބިވާ މީހަކާ އަލުން ދިމާވުމުން ލިބުނު އުފާވެރިކަމުގައި އަމިއްލަ މަޖުބޫރީ ހާލަތު ހިނދުކޮޅަކަށް ނަމަވެސް ލިވްޔާ ހަނދާން ނެތުނީއެވެ.
“ނޫން.. ނޫން ޔާންބޭ.. އަހަންނަކަށް ނުދެވޭނެ.. މިވަގުތު ޔާންބެ މިތާ ހުރުމަކީ ވެސް މުޅި އާއިލާ ނުރައްކަލަކަށް ހުށައެޅޭނެ ކަމެއް.. ޔާންބެ ވެސް އަވަހަށް ދޭ..” ޔާނިއުއާ ދުރުވެލަމުން ލިވްޔާ އެދުނީ ފިސްފިސްވަމުން ދިޔަ ހިތަކާ އެކީއެވެ.
“ލިވީ.. އަޑު އަހާބަލަ.. ޓްރަސްޓް މީ.. ޔާންބެއަށް އިތުބާރުކޮށްބަލަ.. ހީވޭތަ އެއްވެސް ނުރައްކަލެއް ވާހެން ޔާންބެ ކަމެއް ކޮށްފާނެޔޭ..؟ ހުރިހައި ކަމެއް ވެސް މިދަނީ ނިމްޝާމެންގެ ރޭވުމަށް ވުރެ މާ ރަނގަޅަށް.. އެކަމަކު މިކަން ވާނީ ލިވީ ވަރަށް ހިތްވަރުކޮށްގެން.. ތީ ނުލާހިކު ހިތްވަރުގަދަ ކުއްޖެއްނު.. ބުނެބަލަ.. ޔާންބެ ބުނާ ގޮތަށް ކަންތައް ކުރާނަންތަ..؟” ލިވްޔާގެ ކޮނޑުގައި ހިފަހައްޓައިލަމުން ޔާނިއު އަހައިލުމާއެކީ ލިވްޔާއަށް ޔާނިއުއަށް ބަލަހައްޓައިގެން ހުރެވުނެވެ. ލަސްލަހުން ލިވްޔާއަށް ބޯޖަހައިލެވުނީ އޭގެ އަދި އިރުކޮޅެއް ފަހުންނެވެ. އެހެނަސް އެވަރު ވެސް ޔާނިއުއަށް ފުދުނެވެ. އަވަހަށް މޭޒުމަތީގައި އޮތް ފޯނު ނަގާފައި ނަމްބަރަކަށް ޑައިލްކޮށްލީ ލިވްޔާ ގާތު ފޮށިތަންމަތި ތައްޔާރުކުރަން ބުނަމުންނެވެ.
*** ** ***
“އެހެންވީމަ ދެން ކިހިނެއް ވާންވީ..؟” ރައިހާން ވާހަކަ ދައްކަމުން ދިޔައީ ކުރިމަތީގައި އިން އަޒަލްއާއެވެ. އެޔާއެކު މޭޒުމަތީގައި އޮތް ފައިލުން ނަޒަރު ބަދަލުކޮށްލަމުން އަޒަލް ރައިހާންއަށް ބަލައިލިއެވެ. އަޒަލްއާއި ރައިހާންއަށް ރީނާގެ ފަރާތުން ކުރިން ވެސް އެކަކު އަނެކަކު އެނގޭތީ އެދެމެދުގައި މާ މާތްކޮށް ވާހަކަ ދެކެވުމެއް ނެތެވެ.
“އޭރު ލައިނީ ބުނީ ތެދެއް.. މިއީ އިއްޔެއަކު މިއަދަކު އެމީހުން ރާވައިގެން އުޅުނު ކަންތައްގަނޑެއް ނޫން.. ދިސް ހޭޒް ޓު ގޯ ވޭ ބްކް..” އަޒަލްގެ ވާހަކައިން ރައިހާންއާއި ޒާމިންއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ.
މީގެ ދެ އަހަރު ކުރިން ‘އޭ.އާރް މެމޯރިއަލްސް’ ކުންފުނިން ގެއްލިގެން ދިޔަ ހުރިހައި އެއްޗަކާ އެކީ އެ ކުންފުނީގެ މައި ވަކީލު ވެސް ގެއްލިގެން ދިޔުން ވެގެން ދިޔައީ ރައިހާންމެންނަށް ކޯޓު އަޑުއެހުންތަކުގައި ކުންފުނި ތަމްސީލުކުރަން ނުހަނު އުނދަގޫވީ ކަމަކަށެވެ. ކުންފުނީގެ މާލީ ހާލަތު އޮތް ގޮތުންނާއި، ލިވްޔާގެ ނަން އިތުރަށް ހަޑިކުރަން ބޭނުންނުވީތީއާ ވެސް އެކުގައި ރައިހާން އިތުރު ވަކީލެއް ލިބޭތޯ މަސައްކަތެއް ވެސް ނުކުރިއެވެ. އެހެނަސް މިއަދު ކަންތައް ވެފައި އޮތް ގޮތުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން އެންމެންނަށް ވެސް ގަބޫލު ކުރެވުނެވެ.
ގޮތްހުސްވެފައި ތިއްބާ، މިފަހަރު އިސްނެގީ ރީނާއެވެ. އަޒަލް އަކީ އޭލެވެލް ހެދި އިރު އޭނާއާ އެއް ކުލާހެއްގައި އުޅުނު ގާތް އެކުވެރިއަކަށް ވާތީ، އަޒަލްއާ ވާހަކަ ދައްކައިގެން މި ކޭސްއާ އަޒަލް ހަވާލުވާނެ ގޮތް ހަމަޖައްސައިދިނީ ރީނާއެވެ. އަޒަލް އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ ގާނޫނީ ވަކީލުންގެ ތެރެއިން އެކަކަށް ވުމަކީ ރައިހާންއަށް ލިބުނު އިތުރު ހިތްވަރެކެވެ. އެކަމުން ރީނާގެ ހިތަށް ހަމަޖެހުން ލިބުނީ މި ހުރިހައި އަހަރަކު ކޮއްކޮއަށް ވެވުނު ބޭއިންސާފުގެ ބަދަލުގައި މިއަދު ކޮންމެވެސް ވަރެއްގެ އެހީއެއް އޭނާގެ ފަރާތުން ވެވޭތީއެވެ.
“ރައިހާންގެ ޕޭރެންޓްސް ނިޔާވީ ކޮން އިރަކު؟” އަޒަލް އަހައިލީ ވިސްނުންތެރިކަމާ އެކީއެވެ.
“މީގެ ހަތް އަހަރު ކުރިން.. ކިހިނެއްވީ..؟” ރައިހާން ޖަވާބުދާރީވީ އަޒަލް އެ ސުވާލު ކުރަން ޖެހުނު ސަބަބެއް ނޭނގިފައެވެ.
“އެހެންވީމަ އެއީ.. 2021ގަ ދޯ..؟ އެކްސިޑެންޓްގަ..؟” އަޒަލް އަހައިލުމާ އެކީ ރައިހާން ބޯޖަހައިލިއެވެ.
“ރީންއާ ނާއިފް ކައިވެނި ކުރީ އޭގެ އަހަރެއް ކުރިން.. ކަރެކްޓް..؟” އަޒަލްގެ ސުވާލަށް މިފަހަރު ވެސް ރައިހާން ބޯޖަހައިލިއެވެ.
“އޭގެ އަހަރެއް ކުރިން ރައިހާންއާ ނިމްޝާ ރައްޓެހިވެގެން އުޅެފަ، ނިމްޝާ ރައިހާން ދޫކޮށްލާފަ ދިޔައީ ރައިހާންގެ ޕޭރެންޓްސް ނިޔާވިތާ ޓޫ މަންތްސް ފަހުން.. ރައިޓް..؟” މިފަހަރު ވެސް ރައިހާން ބޯޖަހައިލިއެވެ.
“ވަޓް އަރ ޔޫ ޓްރައިންގ ޓު ސޭ..؟” ޒާމިންއަށް އަހައިލެވުނީ އަޒަލް އެކި ދިމަދިމާލުން ކަންތައްތައް ނެރިގެން އެކަންތައްތައް ގުޅުވައިލަން އުޅޭ ސަބަބެއް ނުވިސްނިގެންނެވެ. އެޔާއެކު އަޒަލް ފުން ނޭވާއެއް ދޫކޮށްލަމުން ރައިހާންއަށާ ޒާމިންއަށް ވަކިވަކިން ބަލައިލިއެވެ.
“ރައިހާންގެ ޕޭރެންޓްސް ނިޔާވި އިރު ރައިހާން ވެސް ޔާނިއު ވެސް ވަރަށް ޔަންގް ވާނެ.. އޭރު ތި ދެމީހުންގެ ވެސް އެއްވެސް ކަހަލަ ހަރުދަނާ ވިސްނުމެއް ނެތް.. ޕްލަސް ދަ ޓްރޯމާ އެންޑް ގްރީފް ފްރޮމް އިޓް.. އެހެންވީމަ އެކަމާ މާ ބޮޑަށް އޭރު އެކަމާ ނުވިސްނުނީ ކަމަސް ވެސް ވެދާނެ.. އެކަމަކު އެނގޭތަ..؟ އޭރު އެ ކޭސްއާ ހަވާލުވެގެން ހުރި ލޯޔަރ އެއީ އަހަރެންގެ ސީނިއަރ އެއް.. އައި ވޯޒް ހަރ އެސިސްޓެންޓް އިން ދެޓް ލޯވފަރމް ބެކް ދެން.. އެ ކޭސްގެ ކަންތައްތައް އެންމެ ކައިރިން ފެނުނު އެކަކަށް އަހަރެން ވާނެ.. ރައިހާންއަށް އެނގޭތަ އެ ކޭސް އަކީ އެޓެމްޕްޓެޑް މަރޑަރ އެއް ކަން..؟” އަޒަލް އަހައިލުމާ އެކީ ރައިހާންގެެ ދެލޮލުގައިވީ ކުލަވަރު ބަދަލުވިއެވެ.
“އެހެން ވެސް ކީ.. ހިތަށް ވެސް އެރި.. އެކަމަކު.. އެންމެ ފަހު ކޯޓް ހިއަރިންގަ ސާބިތުވިއެއްނު އެއީ ހަމަ އެކްސިޑެންޓެއްކަން..؟” އަޒަލްގެ ދައްކަމުން ދިޔަ ވާހަކައިން ރައިހާންގެ ހިތުގައި ރިއްސަމުން ދިޔައެވެ. މަންމައާއި ބައްޕަގެ މަރާ މިކަމާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟
“އެންމެ ފަހު އަޑުއެހުމުގަ އެހެން ސާބިތުވީ ކީއްވެގެންކަން އެނގޭތަ..؟ އެކަން ކުރި ބަޔަކު އެ ކޭސް ޑްރޮޕްކުރަން ކޯޓަށް ލާރި ދިނީ! އެވަރުން ނުވެގެން އެ ކޭސްއާ ހަވާލުވެގެން ހުރި އަހަރެންގެ ސީނިއަރ ޕްރޮސެކިޔުޓަރއަށް ބިރު ވެސް ދެއްކީ! ޝީ ވޯޒް ފޯރސްޑް ޓު ޑްރޮޕް ދަ ކޭސް!” އަޒަލް ހާމަކޮށްލި ހަގީގަތާ އެކީގައި ރައިހާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
“ރައިހާންގެ ބައްޕަ ނިޔާވުމުން ކޮމްޕެނީއަށް ލިބުނު ލޮސްއާ އެކީ ކިހިނެއް އެ ކޭސްއާ އިތުރަށް ފައިޓްކުރާނީ..؟ ދެން ވިސްނާލާފަ ބުނެބަލަ.. އެއީ މަރޑަރއެއް ނޫން ނަމަ ބަޔަކު ލާރިތަކެއް ދީގެން އެ ކޭސް ގަދަކަމުން ޑްރޮޕްކޮށްލަން އުޅޭނެތަ..؟ އެ ކޭސްއާ ހަވާލުވެގެން ހުރި ވަކީލަށް ބިރުދައްކައިގެން، ގަދަކަމުން އޭނަ ލައްވާ ކޭސް ދޫކޮށްލަން އުޅޭނެތަ..؟” އަޒަލްގެ ދުލުން ހާމަވަމުން ދިޔަ ކޮންމެ ހަގީގަތަކާ އެކީ ރައިހާންގެ ހަށިތެރޭގައި އުފެދެމުން ދިޔަ ހައިޖާނުގަނޑު އިތުރުވަމުން ދިޔައެވެ. ގާތުގައި އިން ޒާމިންއަށް ވެސް އިރުއިރުކޮޅާ ރައިހާންއަށް ބެލެމުން ދިޔައީ މިވަގުތު ރައިހާންއަށް ކުރާނެ އަސަރު އެނގޭތީއެވެ.
“އެދުވަހު އަހަންނަކީ އެއްވެސް ބާރެއް ނެތް ހަމައެކަނި އިންޓަރންއެއް.. އަހަރެންގެ ސީނިއަރ ޕްރޮސެކިޔުޓަރއަށް އެ ކޭސް ދޫކޮސްލަން މަޖުބޫރުވީ އިރު އަހަންނަށް ކުރެވުނުހައި ވެސް ކަމަކީ ދުރުގަ ބަލަން ހުރުން.. އެކަމަކު މިއަދު އަހަންނަކީ ޖަސްޓް އެން އިންޓަރން އެއް ނޫން.. އަހަންނަށް މިކަމުގަ އެހީވެވޭނެ.. ރައިހާން އެގޮތް ބޭނުންވަންޏާ އަހަރެން މިހުރީ އަލުން އެ ކޭސް ކޮނެގެން ނަގަން ވެސް ތައްޔާރަށް!” އަޒަލްގެ އަޑުގައިވީ ޔަގީންކަމެވެ. އެޔާއެކު ރައިހާން ބޯޖަހައިލީ އިތުރު ވިސްނުމަކަށް ނުގޮހެވެ. މަންމައާއި ބައްޕަގެ އަނިޔާވެރި މަރުގެ ބަދަލު ހިފުމުގެ ރޫހު އެހެން ހުރިހައި ކަމަކަށް ވުރެ އެހިތުގައި ބޮޑުވިއެވެ.
“އަހަރެންގެ މަންމައާ ބައްޕަ އެހައި ވޭންދެނިވި މަރަކުން މަރައިލި ބަޔަކަށް ހައްގު ސަޒާ ދޭން އަހަރެން ބޭނުން!” ރައިހާންގެ އަޑުގައިވީ ސާބިތުކަމުން އަޒަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
“އެކަމަކު.. އެކަމާ މިކަމާ… ކޮން ގުޅުމެއް..؟” ރައިހާންއަށް އަހައިލެވުނީ އަދި ވެސް ނާއިފްއާ ނިމްޝާގެ މައްސަލައާ، އޭނާގެ މައިންބަފައިންގެ މަރުގެ މައްސަލައާ އޮތް ގުޅުމެއް ނޭނގޭތީއެވެ.
“މި ހުރިހައި ކަމެއް ހިނގާފަ އޮތް ގޮތާ ވަގުތާ ދޭތެރޭ ވިސްނައިލީމަ ކޮންމެވެސް ގުޅުމެއް ހުރިކަން އަހަންނަށް ޔަގީން.. އެކަމަކު.. އަދި އެކަމެއް ނޭނގެ.. އެކަން އަހަރެން ހޯދާނަން..” އަޒަލްގެ އަޑުގައިވީ ޔަގީންކަމުން ރައިހާންއަށް އެވާހަކަ ގަބޫލުކުރާކަށް އުނދަގުލެއް ނުވިއެވެ. ހާމަވެގެން ދިޔަ ހަގީގަތާ އެކީ ރައިހާންގެ ސިކުނޑިގައި އުފެދުނު ހައިޖާނުގަނޑާ އެކީ ވެސް ހުރިހައި ކަމެއް އަޒަލްގެ އަތްމައްޗަށް ދޫކޮށްލީ މިކަމުގައި އަޒަލްއަށް ވުރެ ކުޅަދާނަ ވަކީލަކު ނުހުންނާނެކަން ޔަގީންވާތީއެވެ.
އެ ކުޑަ ބައްދަލުވުން ނިންމައިލާފައި ރައިހާންގެ އޮފީސް އިމާރާތުން ތިން މީހުން ނުކުތީ އެކީގައެވެ. އެ ކޭސްއާ ގުޅުން ހުރި ވާހަކަތަކެއް ރައިހާންއާ ދައްކަމުން ނުކުތް އަޒަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ބޭރުގައި ތިބި މީހުން ފެނިފައެވެ.
“ރައިހާން.. މީޓް މައި ހަސްބެންޑް ޔައިލް..” އަޒަލް ބުނެލުމާ އެކީ ރައިހާން ހީލަމުން އެންމެ ކުޑަކުއްޖާ އުރާލައިގެން ހުރި ފިރިހެން މީހާއާ ސަލާމްކޮށްލިއެވެ. އިސްކޮޅުން ރައިހާންއާ ދާދި އެއްވަރު ވިޔަސް އެ މޫނުމަތީގައި ވަނީ ހަރުކަމާއެކު ވެސް ހިނިތުންވުމެކެވެ.
“މަންމީ! މިއަދު މަންމިގެ ބަރތްޑޭ ވީމަ ބައްޕި ބުނީ މަންމި ވޯރކް ނިމޭ ގޮތަށް ލަންޗަށް ދާނީއޭ!” ޔައިލްގެ ގާތުގައި ހުރި އަސް ވަރަކަށް އަހަރުގެ އަންހެން ކުއްޖާ އަޒަލްގެ އަތުގައި އެލިގަންނަމުން ބުނެލިލެއް ލޯބިކަމުން ރައިހާންއަށް ވެސް ހިނިތުންވެވުނެވެ. އެ ކުޑަކުޑަ އާއިލާ އެކުގައި ހިނިތުންވެފައި ތިބިލެއް ލޯބިކަމުން އެވަގުތު ވެސް ރައިހާންގެ ހިތަށް ވެރިވީ ލިވްޔާއެވެ.
“މީ ޔަޒާ.. ދެން މިހުރީ ޔަޒާލް..” ގާތުގައި ތިބި ޔަޒާއާއި ޔަޒާލް އިތުރަށް ގަޔާ ކައިރިކޮށްލަމުން އަޒަލް ރައިހާންއަށް އެދެކުދިން ވެސް ތައާރަފުކޮށްދިނެވެ.
“ދެން މީ ޔަޒްދާން..” ޔައިލްގެ އަތުތެރޭގައި އިން ތިން އަހަރުގެ ޔަޒްދާން އަޒަލްގެ އަތުތެރެއަށް ގެންނަމުން ބުނެލި އިރު އަޒަލްގެ އަޑުގައި ވަނީ ލޯބީގެ އިންތިހާއެވެ.
“ހެލޯ ހުރިހާ ކުދިން..” ހިނިތުންވުމެއް ރައްދުކޮށްލަމުން ތިން ކުދިންނާ ވެސް ރައިހާން ސަލާމްކޮށްލިއެވެ. ޔަޒާލް ލަދުން ހުރެ ސަލާމް ކޮށްލި އިރު، ޔަޒާ އާއި ޔަޒްދާން ނިކަން އެކުވެރިކަމާ އެކީ ވާހަކަ ވެސް ދެއްކިއެވެ.
“ރީން ގާތު ބުނައްޗޭ އަދި ކުދިން ގޮވައިގެން ރީންއާ މީޓްވެލަން ދާނަމޭ..” ޔަޒްދާން ތިރީގައި ބަހައްޓަމުން އަޒަލް ބުނެލުމާ އެކީ ރައިހާން ބޯޖަހައިލިއެވެ.
“އެންޑް ޔެސް.. ނެކްސްޓް މީޓިން މަންޑޭގަ.. އޭގެ ކުރިން މިކޮޅުން ނިންމަން ޖެހޭ ހުރިހައި ކަމެއް ނިންމާނަން..” އަޒަލް ބުނެލުމާ އެކީ ރައިހާން މިފަހަރު ވެސް ބޯޖަހައިލީއެވެ. އެޔާއެކު ޔައިލްގެ އަތުގައި ހިފައިލަމުން ތިން ކުދީންނާ އެކީ އަޒަލް ގޮސް ކާރަށް އެރި މަންޒަރު ބަލަން ރައިހާންއަށް ހުރެވުނެވެ.
އަޒަލް އާއި ޔައިލް އެކަކު އަނެކަކަށް ދޭ ނަޒަރުގައި އެކަނި ވެސް އެކުލެވިގެންވާ މާތް ދަރަޖައިގެ ލޯބި ރައިހާން ދުއްޓެވެ. ލޯބިލޯބި ތިން ކުދީންނާ އެކީ އެއީ ފުރިހަމަ އާއިލާއެއްގެ ލޮބުވެތި މިސާލެވެ. ލިވްޔާއާ އެކީ ވެސް އޭނާއަށް އުއްމީދުކުރެވެނީ އެފަދަ ދުވަހަކަށެވެ. އިތުރަށް ކެތް ކުރާކަށް އޭނާގެ ހިތެއް ނުރުހެއެވެ. ބޭނުންވަނީ މިހާރު ވެސް ލިވްޔާ ގެނެސް އެ އަތުތެރޭގައި ފޮރުވައިލާށެވެ. ޔޫކޭއަށް ޔާނިއުގެ ބަދަލުގައި ދާން އުޅެފައި ވެސް އެ ރޭވުން ބަދަލުކޮށްލަން ޖެހުނީ ރައިހާން ދިޔަކަން އެނގިއްޖެ ނަމަ އެމީހުންނަށް ޝައްކެއް ވެދާނެތީއެވެ. މިހާރުން މިހާރަށް ވެސް ޔާނިއުއަށް ގުޅާފައި ލިވްޔާއާ ވާހަކަ ދެއްކުމަށް އެހިތް އެދެއެވެ. އެހެނަސް ކަށީގައި ނެތް ހިތްވަރު ލައިގެން ކެތް ކުރަމުން އޭނާ އެދަނީ އެންމެ ރަނގަޅު ވަގުތު ޖެހެން ދެނެވެ.
*** ** ***
އެ އަނދިރި ގުދަނުގެ ތެރޭގައި އައްސާފައި އިން ނާއިފްގެ މެރެމުން ދިޔަ ދެލޯ ހުޅުވުނީ ދޮރު ހުޅުވުނު އަޑަށެވެ. ހިތަށް ވެރިވި އުއްމީދުގެ ހުޅުކޮޅު ކަނިވީ އެތެރެއަށް ވަން ރައިހާން ފެނުމުންނެވެ.
“ކަލޭ އަދި ކިހައި ދުވަހެއް ވަން ދެން ގަދަ ހަދާނަން..؟” ސީދާ ނާއިފްގެ ކުރިމަތީގައި ހުއްޓެމުން ރައިހާން އަހައިލީ ދެޖީބަށް އަތްޖަހައިލަމުންނެވެ.
“މިގޮތަށް އަހަރެން މިތާ ބަންދުކޮށްގެން ކަލޭމެންނަށް އެއްވެސް މޮޅެއް ވާނެޔޭ ހީނުކުރައްޗޭ.. ގިނަ ދުވަސްވީ ވަރަކަށް ނިމްޝާމެންނަށް މިކަން އެނގޭނެ.. ކަލޭ ހީކުރާ ވަރަށް ވުރެ އޭނަ މާ ކުޅަދާނަ ވާނެ!” އެހާލުގައި ވެސް ނާއިފް ބެލީ ގަދަ ދެއްކޭތޯއެވެ.
“އާނ ކަލޭގެ ލޯބިވާ ކޮއްކޮގެ ކުޅަދާނަކަން އަހަންނަށް އެނގޭ ވަރަށް ރަނގަޅަށް.. އެކަމަކު ބުނަން؟ ބޮޑާވެ ކިބުރުވެރިވީ ވަރަކަށް އަނިޔާ ވެސް ލިބޭނީ ހަމަ ކަލެއަށް! ކަލޭ ބޭނުމިއްޔާ ހަމަ ޗުއްޕު ވެސް ނުބުނެ އިންނަންވީ.. މިހާރު ވެސް އަހަރެން ބޭނުމިއްޔާ ގަދަކަމުން ކަލޭގެ އަނގައިން ހުރިހައި ވާހަކައެއް ބޭރު ކުރެވިދާނެ.. ހީނުކުރައްޗޭ އަހަރެން ކަމެއް ނުކޮށް މި ހުންނަނީ ނުކެރޭތީއޭ.. ކަލޭގެ ކިބައިން ހިފަން އޮތް ބަދަލު ބޮޑީ.. އެކަން ކުރާ ދުވަހަކުން ކަލޭ ވެސް ޖެހޭނީ ކުޑަކަކޫ ޖަހަން!” އިންޒާރުގެ ވަރުގަދަ ބަސްތައް އިއްވައިލުމަށް ފަހު ރައިހާން އެތަނުން ނުކުތުމާ އެކީ ނާއިފްގެ މޫނުމަތީގައިވީ ހިތްވަރުގެ ކުލަވަރު ފަނޑުވެގެން ދިޔައެވެ. ކަރުބުޑުން އަޑެއް ލައްވައިލަމުން މިނިވަންވޭތޯ ތެޅިގަތް ނަމަވެސް، އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.
*** ** ***
“ހުރިހާ ކަމެއް ވެސް ރަނގަޅުތަ..؟” ރައިހާން ވާހަކަ ދައްކަމުން ދިޔައީ ޔާނިއުއާ ގުޅައިގެން ހުރެއެވެ.
“ހުރިހާ ކަމެއް ވެސް ބަރާބަރު.. މިކޮޅުން ހަމަ ބަރާބަރަށް ކަންތައްތައް ދަނީ.. ރެންއޯ..؟ އަޒަލް ކީކޭ ބުނީ..؟” ޔާނިއު ވެސް ސުވާލުކުރަމުން ދިޔައެވެ.
“މާދަން އަދި މީޓް ކުރާނަން.. އަޒަލް.. ވަރަށް ފާޑެއްގެ ވާހަކައެއް ދެއްކީ.. ޝީ ތިންކްސް.. ނިމްޝާއާ ނާއިފްގެ ކަންތައްގަނޑާ.. އަހަރެންގެ ޕޭރެންޓްސްގެ މަރާ ވެސް ގުޅުމެއް އޮވެޔޭ.. ޔާންއަށް އެނގޭތަ..؟ އިޓް ވޯޒް އެކްޗުލީ އަ މަރޑަރ..” އަޒަލް ކިޔައިދިން ހުރިހައި ވާހަކަތަކެއް ރައިހާން ޔާނިއުއާ ހިއްސާކުރަމުން ދިޔައެވެ. އެ ވާހަކަތައް އަޑުއަހަމުން ދިޔަ ވަރަކަށް، ފެންމަތިވަމުން ދިޔަ ކަންތައްތަކުގެ ސަބަބުން ޔާނިއުގެ ސިކުނޑި ވެސް ސުމަކަށް ދިޔައެވެ.
“ޔާން.. ލިވްޔާ…” އެހައި ހިސާބަށް ބުނެފައި ރައިހާން ހުއްޓައިލީ އަރު ބެދޭ ގޮތް ވުމުންނެވެ.
“ޝީޒް ފައިން.. ރެންގެ ވާހަކަ ވަރަށް އަހާ.. އޭނަ-” ޔާނިއުގެ ވާހަކަ މެދުކެނޑުނީ ރައިހާންގެ ފޯނަށް އިތުރު ކޯލެއް އަންނަން ފެށުމުންނެވެ. ލިވްޔާގެ ވާހަކަ އަޑު އަހަން ކިތަންމެ ބޭނުންވެފައި ހުރެ ވެސް ރައިހާން އެ ކޯލަށް ޖަވާބު ދޭން ނިންމީ އަޒަލްގެ ކޯލެއް މުހިއްމުވާނެތީއެވެ.
“ޔާން.. އަޒަލް އެބަ ގުޅާ.. އަހަރެން ފަހުން ގުޅާނަން އިނގޭ.. ޕްލީޒް ޓޭކް ކެއަރ އޮފް ލިވްޔާ..” ޔާނިއު ގާތު ފަހުން ގުޅާނަން ކަމަށް ބުނެފައި ރައިހާން އަޒަލްގެ ކޯލަށް ޖަވާބު ދެމުން ކަންފަތުގައި ފޯނު ޖަހައިލިއެވެ.
“ރައިހާން! އަހަންނަށް އެނގިއްޖެ ހުރިހާ ކަމެއް! ވަރަށް އަވަހަށް އަހަރެންގެ އޮފީހަށް އާދޭ! ހަމަ މިހާރު!” އަޒަލްގެ އަޑުގައިވީ ހާސްކަމުން ރައިހާންގެ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފަކައި ނޫނެވެ. މި ދަނީއޭ ބުނެފައި ވަގުތުން ސައިކަލުގެ ތަޅުގަނޑި ހިފައިގެން ރައިހާން ނުކުތް އިރު މަންޒިލަކަށް ވެފައިވީ ‘ޖަސްޓިސް’ ލޯވ ފަރމެވެ.
ނުނިމޭ
3 Comments!
Comments are closed.






Maashaa Allah mi part vx varah varah reethi…
When next.?
Curiouly waity…
Vrhh salhi masha Allah !! Curiously waiting for the next part🫶🏻 avahah upload kohla dhehchey inge nayu ,, appreciate your hard work💗
Lysm💋
Alheyyyy…Masha Allah..varah kiyaa hithun e kiyaalevunee…varah reethi ingey 🫶🤍
Mihaa dhuvas kohffa ves kiyaalan libuneethee hamdhukuran 🤲
Bless u Nayaa