Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ނަން މި ހިތުގާ 31 (ފަހުބައި)

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
July 8, 2026 7 Mins Read
13 Comments

“ޖަސްޓް ގޮޓް މެރިޑް! އަދި މަންމަމެންނަކަށް ނޭނގޭނެ، ސަޕްރައިޒްއެއް އެއީ! ޒާއިންވެސް ނުބުނާތި!” މެސެޖް ފޮނުވާފައި އަޒްޔަން ނޫރީންއަށް ފޯން ދައްކާލިއެވެ.

“އެއީ ނޫރީންތަ؟ ދޮންބޭ! އަންގާވެސް ނުލާ.. ފިލައިގެން ގޮސްތަ މެރީ ކުރީ؟” ޒާއިންގެ ރައްދު އައެވެ. ހަމަ އެ ވަގުތު ނޫރީންގެ ފޯނަށްވެސް މެސެޖެއް އައި އަޑު އިވުނެވެ. ނޫރީން ފޯން ނުބަލަނީސް އެއީ ޒާއިންގެ މެސެޖެއް ކަން އެނގުނެވެ. ފޯން ބަލާލާފައިވެސް ނޫރީން އެ ވަގުތު ޒާއިންއަށް ރައްދެއް ނުދެއެވެ.

“ނޫރީން ރިޕްލައިއެއްވެސް ނުދިނޭ.. ދެން ބުނެބަލަ ދޮންބޭ، ނޫރީން ދޯ އެއީ؟” ނޫރީން ޖަވާބު ނުދިނުމުން ޒާއިން ޝަކުވާ ކުރިއެވެ.

“ތިހެން ހަދާކަށް ނުވާނެ އަޒްޔަން، ފޮޓޯއެއް ފޮނުވި އިރު އަދި ސާފު ނުވާނެހެން ފޮނުވާފަ މެރީކުރި ވާހަކަ ތި ބުނީ” ޒާއިންގެ މެސެޖް ކިޔާފައި ހިނިއައިސްފައި އިނދެ ނޫރީން ބުންނެވެ.

އަޒްޔަން ހެމުން ނޫރީންގެ މޫނު ސާފުކޮށް ފެންނާނެހެން އަނެއްކާވެސް ސެލްފީއެއް ނަގާ ޒާއިންއަށް ފޮނުވާލިއެވެ.

“ނޫރީން އާނއެކޭ ބުނީމަ ދެން މަޑު ކުރަން ބޭނުން ނުވީ. މަންމަ ކައިރީ އަދި ނުބުނާތި! ވީކްއެއްހާ ދުވަސް ފަހުން މާލެއަށް ދާނަން. އެހާ ދުވަސް ވަންދެން ޒާއިން ޖެހޭނެ ސިއްރު ހިފަހައްޓަން” ފޮޓޯއާ އެކު އަޒްޔަން މެސެޖް ކުރިއެވެ.

“ޔޫ ފައިނަލީ ގޮޓް ދަ ގަރލް! ކޮންގްރެޗުލޭޝަންސް ބްރަދަރ!” ޒާއިންގެ ޖަވާބު އައެވެ.

ޒާއިންއަށް ޝުކުރު އަދާ ކޮށްފައި އަޒްޔަން ފޯން ބާއްވާފައި ނޫރީންއަށް ބަލާލިއެވެ. ނޫރީންވެސް ހިނިއައިސްފައި އިނދެ އަޒްޔަންއަށް ބަލާލިއެވެ.

“ތެދެއް.. އައި ފައިނަލީ ގޮޓް މައި ގަރލް ބެކް!” އަޒްޔަން ބުންޏެވެ.

“ސާބަސް!” އަޒްޔަންގެ މޫނުގެ އެއްފަރާތުގައި އަތް ޖައްސާ މަޑުމަޑުން ކޮއްޕާލަމުން ނޫރީން ބުންޏެވެ.

އަޒްޔަން ހެމުން ދެ އަތުން ނޫރީންގެ މޫނުގައި ހިފަހައްޓާލިއެވެ. އެ ގޮތަށް އިރުކޮޅަކު އިނދެފައި އަޒްޔަން ކައިރިވެލިއެވެ. އެއަށް ފަހު ދެން ދެ މީހުން ދުރަށް ޖެހިލީ އެތައް އިރެއް ފަހުންނެވެ.

“އައި ލަވް ޔޫ..” ދެ އަތުގެ ތެރެއަށް ނޫރީން ގެނެސް ހަމަޖެހިލަމުން އަޒްޔަން ބުންޏެވެ.

“ލަވް ޔޫ ޓޫ..” ނޫރީން ޖަވާބުގައި ބުންޏެވެ.

އަޒްޔަން ކުއްލިއަކަށް ތެދުވެ ނޫރީންގެ ދެ ކޮނޑުގައި ހިފާ ނޫރީންވެސް ނެގިއެވެ.

“ފުރަތަމަ ފަހަރަށް ޑައިރެކްޓްކޮށް ނޫރީން ތި ބުނީ.. އަދި ބުނެބަލަ..!” އަޒްޔަން ހީވީ ނޫރީން ބުނި އެއްޗެއް ގަބޫލު ކުރަން ދަތިވެގެން އުޅުނު ހެންނެވެ.

“އައި ލަވް ޔޫ..” އަޒްޔަންގެ މޫނުގައި ދެ އަތުން ހިފާލަމުން ނޫރީން ތަކުރާރު ކޮށްލިއެވެ. އަޒްޔަން ލޯ މަރާލަމުން ނޫރީންގެ ނިތްކުރީގައި ނިތްކުރި ޖައްސާލިއެވެ.

އެހެން ތިބި އިރު ކުރީގެ ހަނދާންތައް ދެ މީހުންގެ ހިތުގައިވެސް އާ ވެލިއެވެ. އެހެން ނަމަވެސް އެއްވެސް ކަމަކާ ޝަކުވާ އުފެދުމުގެ ބަދަލުގައި، އެ ހުރިހާ ކަމަކަށް ފަހުވެސް ދެ މީހުންނަށް އަލުން ގުޅުމުގެ ފުރުޞަތު ލިބުނީތީ ދެ ހިތުގައިވެސް ވީ ޝުކުރެވެ.

އެހެން ހުރެފައި އަޒްޔަން ދެ އަތް މައްޗަށް ނޫރީން ނަގައިގެން އެނދާ ދިމާއަށް ދިޔައެވެ. އެއާއެކު އަނެއްކާވެސް ދެ މީހުން އެކަކު އަނެކަކަށް ގެއްލުނެވެ.

 

ނޫރީން ޝަބާއަށް ގުޅި އެރެއެވެ. އަޒްޔަންއާ ނޫރީން ކައިވެނި ކުރި ވާހަކަ ބުނުމުން ފުރަތަމަ ޝަބާ ގަބޫލެއްވެސް ނުކުރިއެވެ. އެންމެ ފަހުން ނޫރީން ޖެހުނީ ކައިވެނީގެ ސެޓްފިކެޓްގެ ފޮޓޯއެއް ޝަބާއަށް ފޮނުވާށެވެ.

“ބަލާބަލަ! އަންގާވެސް ނުލާ މެރީ ކުރީއޭ! އަހަރެން ކައިރީ އަބަދު އަބަދު ކަންކަމުގަ އައިޑިއާ ހޯދަން އަހާ އިރު މެރީ ކުރަން ވީމަ ބުނެވެސް ނުލާ.. ހުރެބަލަ ނިކަން، މިކޮޅަށް އައީމަ ތީގެ ބަދަލު އަތުލާނަން” ޝަބާއަށް އަންގާނުލާ ނޫރީން ކައިވެނި ކުރުމުން ޝަކުވާ ކުރިއެވެ.

“މިހެން ހެދީމަ ޝަބާއަށް ކަމުނުދިޔައީތަ؟” ޝަކުވާ ކުރި ނަމަވެސް ޝަބާ ހިތުގެ އަޑިން ނޫރީންއަށް ޓަކާ އުފާވާނެ ކަން ނޫރީންއަށް އެނގެއެވެ.

“ނޫނޭ. ކަމުނުދިޔައީ މެރީ ކުރުމެއް ނޫން، އަހަރެން ކައިރީ ނުބުނުން. އަހަރެން މީ ބެސްޓް ފްރެންޑޯ! އެކަމަކު ލައިފްގެ އެންމެ ބޮޑު ކަންތައް ނިންމާލި އިރު އަންގާވެސް ނުލާ، އަދި އެވެސް ފިލައިގެން ގޮސް! ދެން އެކަން ބާއްވާ. އަނގައިންވެސް ބުނަން ބޭނުން ނުވެފަ ތިބި ދެމީހުން ކުއްލިއަކަށް މެރީ ކުރާ ހިސާބަށް ދިޔައީ ކިހިނެއް؟ އެއްވެސް މީހެއް ކައިރީ ބުނެލަންވެސް ވަގުތު ބޭކާރު ނުކޮށް އެހާ އަވަހަށް ގޮސް މެރީ ކުރަން ޖެހުނީ ދެ މީހުންނަށް ދެން ދުރުގަ ހަމަ ކެތް ނުކުރެވިގެންތަ؟ އެވަރުގެ ކޮން ވާހަކައެއް އެރޭ ރީން ގޮސް އަޒްޔަން ކައިރީ ދެއްކީ؟” ޝަކުވާ ކުރި ނަމަވެސް ހަގީގަތުގައި ނޫރީންއަށް ޓަކާ ޝަބާ އިންތިހާއަށް އުފާވިއެވެ. އެ ކަންތައް ވީ ގޮތުގެ ތަފްޞީލް ޝަބާ ބޭނުންވިއެވެ. ނޫރީންއާ ދިމާ ނުކޮށްވެސް ޝަބާއަކަށް ނުހުރެވުނެވެ.

ނޫރީން އެ ވާހަކަތައް ކިޔާދިނެވެ. ބޭރަށް ނިކުމެލާފައި އަޒްޔަން އައިސް ވަނީ އެ ވަގުތުއެވެ. އިރުކޮޅަކު ޝަބާއާ ވާހަކަ ދައްކާފައި ނޫރީން ފޯން ކަނޑާލިއެވެ.

“ޝަބާ.. އޭނަ ކައިރީ ނާހާ މެރީ ކުރީމަ ވަރަށް ޝަކުވާ ކޮށްފި” އަޒްޔަން އައިސް އިށީނުމުން ނޫރީން ބުންޏެވެ.

“ސައިފްއަށްވެސް ތިހާވަރު ކަންނޭނގެ ވާނީ. މަންމަވެސް ވަރަށް ޝަކުވާ ކުރާނެ” އަޒްޔަން ހިނިއައިސްފައި އިނދެ ބުންޏެވެ.

 

މެލޭޝިއާއަށް އައި ފަހުން ކޮންމެ ދުވަހަކުވެސް އަޒްޔަން ޝަފަގުއާ ޔާސިރުއަށް ގުޅައެވެ. ނަމަވެސް އަޒްޔަން ހުރީ މެލޭޝިއާގައި ކަމެއް އެ މީހުން ގާތު ނުބުނެއެވެ. ޝަފަގު ނޫނީ ޔާސިރު އެފަދަ ސުވާލެއް ކުރާ އިރަށް އަޒްޔަން ކޮންމެވެސް އެއްޗެއް ބުނެ އޮޅުވާލުމަށް ފަހު ފޯން ކަނޑާލައެވެ. ކައިވެނި ކުރި ފަހުންވެސް އަޒްޔަން ކަންތައް ކުރީ އެހެންނެވެ. މާލެއަށް ދެވުމުގެ ކުރިން އެ ކައިވެނީގެ ވާހަކަ އެ މީހުންނާ ހިއްސާ ކުރާކަށް އަޒްޔަންގެ ވިސްނުމުގައެއް ނެތެވެ.

ނޫރީންވެސް ކޮންމެ ދުވަހަކު ޝަފަގުއަށް ގުޅަމުން އައި ނަމަވެސް ކައިވެނި ކުރި ދުވަހު ހެނދުނު ގުޅި ފަހުން ދެ ދުވަސް ވީ އިރުވެސް ނުގުޅައެވެ. ޝަފަގުއަށް ސިއްރުކުރަން ވުމުން ނޫރީންއަށް އުނދަގޫވީއެވެ. އަދި ޝަފަގުއަށް ދޮގެއް ހަދަން ޖެހިދާނެތީ ކަންބޮޑުވީއެވެ. އަޒްޔަން ގާތު އެހެން ބުނާ ކޮންމެ ފަހަރަކު ކޮންމެވެސް އެއްޗެއް ބުނެ އަޒްޔަން ނޫރީންގެ ހިތްހަމަ ޖައްސައިދެއެވެ.

މެލޭޝިއާގައި ހަތް ދުވަހު ތިބެފައި ދެ މީހުން އަލުން މާލެއަށް ދާން ތައްޔާރުވިއެވެ. އަޝްދާއާ ނޫރީން ދިމާވީވެސް އެ ދުވަހުއެވެ. އޭރު ދާނިޝްއާ ޝަދާވީ ރާއްޖޭގައެވެ. އެއްވެސް ކަމެއް އަޝްދާއަށް ސިއްރު ކުރާކަށް ނޫރީން ނޫޅެއެވެ. އަޒްޔަންއާ އެކު ނުފެނުނު ނަމަވެސް މާލެއަށް ދިޔަ ފަހުން ކަންތައް ވީ ގޮތް ވީހާވެސް ކުރުކޮށް އަޝްދާއަށް ނޫރީން ކިޔާދިނެވެ.

އެ އެކުވެރިޔާއަށް ޓަކާ އަޝްދާ އުފާވިއެވެ. ހެޔޮ ހިތުން ނޫރީންއާ އަޒްޔަންއަށް މަރުޙަބާ ކިއެވެ. ދާނިޝް އަހައިފި ނަމަ ތެދަށް ބުނުމަށާ، ނާހާ ނަމަ އެއްވެސް އެއްޗެއް ނުބުނުމަށް ނޫރީން އެދުމުން އަޝްދާ އެއްބަސްވިއެވެ.

 

ނޫރީންއާ އަޒްޔަންއަށް ގެއަށް އާދެވުނީ އެ ދުވަހުގެ މެންދުރު އެކެއް ޖެހި ފަހުންނެވެ. އަޒްޔަން އަންނަ ވާހަކަ ބުނުމުން މެންދުރު އަޒްޔަންއާ އެކު ކެއުމަށް ޔާސިރުއާ ޝަފަގު މަޑުކޮށްގެން ތިއްބެވެ. ދެ މީހުން ހަމަޖެއްސި ގޮތަށް އަޒްޔަން ގޭތެރެއަށް ވަން އިރު ނޫރީން ދޮރު ކައިރީ މަޑުކޮށްލައިގެން ހުއްޓެވެ.

އަޒްޔަން ވަން އިރު ޝަފަގުއާ ޔާސިރު ސިޓިންގްރޫމްގައި ތިއްބެވެ.

“ވަކި ތަނެއްވެސް ނުބުނެ އެހާ ކުއްލިއަކަށް އަޒްޔަން ދާން ޖެހުނީ ކޮން ކަމަކު؟ ތި ދިޔަ ކަމެއް ނިންމާފަތަ ތި އައީ؟” ޔާސިރު އަހާލިއެވެ.

“މަންމަމެންނަށް ހަދިޔާއެއް ބަލާ ދިޔައީ” ހިނި އައިސްފައި ހުރެ ބުނި ނަމަވެސް އަޒްޔަންގެ ހިތުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއްވެސް ވިއެވެ.

“ކޮން ހަދިޔާއެއް..؟” ހައިރާންވެފައި ޝަފަގު އަހާލިއެވެ.

“މި ގެންނަނީ..” އެހެން ބުނެފައި އަޒްޔަން ދޮރާ ހަމައަށް ގޮސްފައި އިރުކޮޅެއް ވިއެވެ.

ނޫރީން ހާސްވެފައި ހުރުމުން ނޫރީން ހަމަޖެއްސުމަށް އަޒްޔަން އިރުކޮޅަކު މަސައްކަތް ކުރަން ޖެހުނެވެ. އަޒްޔަންގެ އަތުގައި ހިފައިގެން ނޫރީން ވަނީ އިސްޖަހައިގެން ހުރެއެވެ.

“ނޫރީން..؟” ވާނުވާ ނޭނގި ހުރެ ޝަފަގު ގޮވާލިއެވެ. ޔާސިރުވެސް ސުވާލު އުފެދިފައި ހުރެ ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ.

“މަންމާ، ބައްޕާ.. މީޓް މައި ވައިފް!” އަޒްޔަން ބުންޏެވެ.

“އަޒްޔަން!” ހިތްހަމަނުޖެހުމާއެކު ޝަފަގުއަށް ގޮވާލެވުނީ އަޒްޔަން ސަމާސާއެއް ކުރަނީ ކަމުގައި ހީވެ އެ ސަމާސާ ކަމުނުދިޔައީތީއެވެ.

“ތެދެއްތަ ނޫރީން؟ ދެ ކުދިން ކައިވެނި ކުރީތަ؟” އަޒްޔަން އެ ފަދަ ސަމާސާއެއް ކޮށްފާނެ ހެން ހީނުވާތީ ޔަގީން ކުރުމަށް ޔާސިރު ސުވާލު ކުރީ ނޫރީންއާއެވެ.

ޔާސިރުގެ ސުވާލަށް ޖަވާބު ދިނުމަށް ނޫރީން ބޯ ޖަހާލިއެވެ. ނަމަވެސް އެކަން ގަބޫލު ކުރަން ދަތިވެފައި އެ ދެމަފިރިންނަށް އިރުކޮޅަކު ތިބެވުނެވެ. ދެން އެކަކު އަނެކަކަށް ބަލާލި ގޮތަށް ހިނިއައިސްފައި ޔާސިރު އަޒްޔަން ގައިގައި ބައްދާލި އިރަށް ޝަފަގު ނޫރީން ގައިގައި ބައްދާލިއެވެ.

“މަންމަ ވަރަށް އުފާވެއްޖެ.. އެކަމަކު ރުޅިވެސް އައިއްސި އިނގޭ! ނުބުނެ ތި ވަރުގެ ކަމެއް ކުރީ ކީއްވެ؟ މަންމަ ހީކުރީ ޒާއިން ކަމަށް މި ކަހަލަ ކަންތައް ކުރާނީ.. އެކަމަކު އަޒްޔަން މި އުޅެނީ ޒާއިންއަށްވެސް ފިލާވަޅު ދޭ ހިސާބުގަ. އަހަރެންގެ ދެ ދަރިން އަހަންނަށްވެސް އޮޅުނީ ކަންނޭނގެ، ދޯ ޔާސިރު؟” ނޫރީން ގައިން ދޫކޮށްލާފައި ޝަފަގު ވާހަކަ ދައްކަމުން އައިސް އަޒްޔަންގެ ކަންފަތުގައި ހިފާލިއެވެ.

“ކޮންމެ ގޮތަކަށް ކުރިޔަސް މި ފަހަރު އަޒްޔަންގެ ތި ނިންމުމަށް ބައްޕަ ހަންޑްރެޑް ޕަރސެންޓް ސަޕޯޓް ދެން. އިރާދަ ކުރެއްވިއްޔާ ދެން އެއްވެސް ކަމެއް ގޯހެއް ނުވާނެ.. ދެން ބައްޕަ ދުނިޔޭގަ ހުއްޓާ އަވަހަށް ކާފަ ކިޔާނެ ކުއްޖަކު..” އެ ވަރަށް ބުނެފައި ޔާސިރުގެ ވާހަކަ ހުއްޓުނެވެ. އަޒްޔަން އިސްޖަހާލި އިރު ދެން ތިބި ތިން މީހުންގެ ނަޒަރު އަމާޒުވީ އަޒްޔަންއަށެވެ. ނޫރީން އެއްޗެއް ނުބުނެ އަޒްޔަންގެ އަތްތިލައިގައި ހިފާ ބާރުކޮށްލިއެވެ. ރައްދުގައި އަޒްޔަންވެސް ނޫރީންގެ އަތަށް މަޑުމަޑުން ފިތާލިއެވެ.

“އެ ދުވަހު ދަރިފުޅު އެހާ ދެރަވެފަ ހުއްޓާ ބައްޕައަށް ކަންތައް ކުރެވުނު ގޮތަށް ބައްޕައަށް މާފު ކޮށްދީ އަޒްޔަން..” ޔާސިރު އިސްޖަހާލަމުން ބުންނެވެ.

“އިޓްސް އޯކޭ ބައްޕާ.. އެއްވެސް ކަމަކާ ބައްޕަ މާފަށް އެދޭކަށް ނުޖެހޭނެ.. ބައްޕަވެސް ދެން ތި ކަހަލަ ވާހަކަ ނުދައްކާ. އިރާދަ ކުރެއްވިއްޔާ ބައްޕަ ކާފައަކަށްވެސް އަދި ވާނެ” ތަނަށް ވެރިވި ނުތަނަވަސްކަން ކަނޑުވާލަން މަސައްކަތް ކުރަމުން އަޒްޔަން ބުނެލިއެވެ.

“ޔާސިރު، ދެން އާދޭ ކާން. އެ ކުދިންވެސް ބަނޑުހައި ވެފަ މިހާރު ތިބޭނީ” އެ ވަގުތު ޝަފަގު ބުންޏެވެ.

އެންމެން އެކުގައި ކައި ނިމިގެން ސިޓިންގްރޫމަގއި އިށީނދެފައި ޝަފަގު ޒާއިންއަށް ގުޅާލިއެވެ. އަޒްޔަންއާ ނޫރީން ކައިވެނި ކުރިކަން އެ މީހުންނަށް ވުރެ ކުރިން ޒާއިންއަށް އެނގުމުން ޝަފަގުގެ ނަޒަރުގައި ދެ ފިރިހެން ދަރިން ކުށްވެރިންނަށް ވީ އިރު ނޫރީން ސަލާމަތްވިއެވެ.

“މި ފަހަރުވެސް ދެ ކުދިން ވަކިންތަ އުޅޭނީ؟ އެޕާޓްމެންޓް ހުސްކޮށް ހުންނާނީ، އެކަމަކު އަންގާނުލީމަ ސާފުކޮށްލާކަށްވެސް ނޭނގޭނެއެއްނު؟” ޝަފަގު ބުންޏެވެ.

“ނޫރީންއަށް އެނގޭނީ. ނޫރީން ބޭނުމިއްޔާ މާދަމާވެސް ސާފުކޮށްލާފަ ބަދަލު ވެވިދާނެ” އަޒްޔަން އެކަން ދޫކޮށްލީ ނޫރީންއަށެވެ.

“މި ފަހަރު މަންމަމެން ކައިރީ އުޅޭނީ” ނޫރީން ބޭނުންވާ ގޮތް ބުންޏެވެ.

“އެ ނިމުނީނު؟” އެއީ ޝަފަގުވެސް ބޭނުން ވާނެ ގޮތް ކަން އެނގޭތީ އަޒްޔަން ހިނިއައިސްފައި ޝަފަގުއަށް ބަލާލިއެވެ.

“މަންމައަށް އެނގެޔޭ ނޫރީން ކޮންމެ ކަމެއްވެސް ނިންމާނީ ރަނގަޅަށް ކަން” ނޫރީންއަށް ބަލާލި ޝަފަގު ހަގީގަތުގައިވެސް ނޫރީންގެ އެ ނިންމުމާ މެދު އުފާވިއެވެ.

“ބައްޕަ އަދި އޮފީހަށް ގޮސްލަން އެބަ ޖެހޭ. އަޒްޔަން މިއަދު ދެން އޮފީހަށް ދާނަންތަ؟” ޔާސިރުއާ އެކު ދާން އަޒްޔަން ބޭނުންތޯ އަހާލިއެވެ.

“މި އަންނަނީ.. ނޫރީން..” ސޯފާއިން ތެދުވެ ކޮޓަރިއާ ދިމާއަށް ދަމުން އަޒްޔަން ނޫރީންއަށް ގޮވާލިއެވެ.

އަޒްޔަންގެ ފަހަތުން ނޫރީން ދިޔަތަން ބަލަން ޝަފަގުއާ ޔާސިރު ތިއްބެވެ.

“އަޒްޔަން އެ ގޮތަށް ގޮސް ނޫރީންއާ ކައިވެނި ކޮށްގެން އައިސްދާނެ ކަމަކަށް އަހަރެން އެއްގޮތަކަށްވެސް ހިއެއް ނުކުރަން” އެހެން އިނދެފައި ޔާސިރު ބުންޏެވެ.

“ޔާސިރު، ހިތްހަމަ ނުޖެހުނީތަ؟” ޔާސިރު ބުނި ގޮތުން ޝަފަގު ކަންބޮޑުވިއެވެ.

“ނޫނޭ.. އެހެންވެސް އެ ދެ ކުދިން ކައިވެނި ކުރީތީ އަހަރެން ވަރަށް އުފާވެއްޖެ. ކުރިން ކޮންމެ ގޮތަކަށް ވިޔަސް، ދެވަނަ ފަހަރަށް އެ ގުޅުނީ ދެން އެހެން ނުވާނެ ކަން އެ މީހުންނަށްވެސް ޔަގީން ވާތީތާ! އަހަރުމެން ބުނެގެން ކުރީމަ ކަންނޭނގެ ކުރިން ކަންތައް ގޯސްވީ. ޝާމިހްއާ އަހަރެން ބޭނުން ވެގެން ކުރުވީމަ ނުވިޔަސް، އަޒްޔަންއާ ނޫރީން އަމިއްލައަށް ބޭނުން ވެގެން ކައިވެނި ކުރީމަ އިރާދަ ކުރެއްވިއްޔާ ދެން ހުރިހާ ކަމެއް ރަނގަޅު ވާނެ” ޔާސިރު ބުންޏެވެ.

“އާނ، އަހަރެންވެސް ވަރަށް އުފާވެއްޖެ. އެ ކޮޅުގަ ތިބި އިރުވެސް އެ ދެމީހުން ހާދަ ދުރުދުރުންނޭ އުޅުނީ. ދެން ނޫރީން އަޒްޔަންއާ ގުޅެން ބޭނުން ވެދާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަން. ޔާސިރު، ނުބުނެ ވިޔަސް މިހާރު އެ ކުދިން އެތިބީ ކައިވެނި ކޮށްގެން. ކޮންމެވެސް ވަރެއްގެ ކެއުމެއް ނޫނީ ސައެއް ވިޔަސް ބާއްވަން ވާނެއެއްނު؟” އަޒްޔަންއާ ނޫރީން އަންގާނުލާ ކައިވެނި ކުރީތީ އެ ޝަކުވާ ކުރެވުނު ނަމަވެސް، އެ ކައިވެނީގެ ސަބަބުން ޝަފަގުއަށް ލިބުނު އުފާ އެއަށްވުރެ ބޮޑެވެ.

“އަޒްޔަންއާ ނޫރީންއާ ވާހަކަ ދައްކައިގެން ޝަފަގު ތި ކަން ނިންމާ. އެ ކުދިން ބޭނުން ގޮތަކަށް ކުރިއަށް ގެންދިޔައިމަ ރަނގަޅު ވާނެ” ޔާސިރު ބުންޏެވެ.

ކުރީ ފަހަރާ ޚިލާފަށް އެ ފަހަރު އަޒްޔަންއާ ނޫރީން ބޭނުންވީ ހަމައެކަނި އާއިލާއާ ގާތް އެކުވެރިންނަށް ދަޢުވަތު ދީގެން ކެއުމެއް ބާއްވާށެވެ. އެ މީހުންގެ އެދުމާ ޔާސިރުއާ ޝަފަގު އެއްބަސްވިއެވެ. ޖެހިގެން އައި ހުކުރު ދުވަހުގެ ރޭ އާއިލާއާ އެންމެ ގާތް ރައްޓެހިންނަށް އަޒްޔަންއާ ނޫރީން ދިން ކެއުމަކުން އެ ހަފްލާ ނިންމާލިއެވެ.

 

ނޫރީންއާ އަޒްޔަން ދިރިއުޅެމުން އައީ ޝަފަގުއާ ޔާސިރުއާ އެކުގައެވެ. ނޫރީން އަލުން އޮފީހަށް ދާން ފެށިއެވެ. ކައިވެންޏަށް އަހަރެން ވާން އުޅެނިކޮށޮ އެ މީހުންގެ ފުރަތަމަ ދަރިފުޅަށް ނޫރީން ބަލިވެ އިނެވެ. މުޅި އާއިލާ އެކުގައި އެ ދަރިފުޅުގެ އިންތިޒާރުގައި ދުވަސްތައް ގުނަން ފެށިއެވެ. ދާނިޔާލް މަތިން ހަނދާންވެ ދެރަވި ނަމަވެސް ނޫރީންގެ އެހީއާއެކު އެ ހަނދާން ހިތުގެ ކަނެއްގައި ފޮރުވާލަމުން އަޒްޔަން ދެވަނަ ދަރިފުޅު އުރާލެވޭނެ ވަގުތަކަށް ކެތްތެރިކަމެއް ނެތި ވަގުތު ގުނަމުން ދިޔައެވެ.

ނޫރީން ވިހެއުމުގެ ކުރިން ކިޔެވުން ނިންމާފައި ޒާއިންވެސް އެނބުރި ރާއްޖެއަށް އައެވެ. އަހަރުތަކެއް ފަހުން މުޅި އާއިލާ އެކުވުމުން އެ އާއިލާގެ އުފާވެރިކަން އެތައް ގުނައެއް އިތުރުވެފައި ވިއެވެ.

 

ނޫރީން ވިހެއީ ހޯމަދުވަހެއްގެ ހެނދުނުއެވެ. ލޯބިލޯބި ފިރިހެން ދަރިފުޅު އުރާލައިގެން އަޒްޔަން ބޭރަށް ނިކުތް އިރު ޝަފަގުއާ ޔާސިރުގެ އިތުރުން ޒާއިން، ޝަބާއާ ޔޫޝައު، އަދި ސައިފްގެ ދެމަފިރިންވެސް ނޫރީންއާ އަޒްޔަންގެ ދަރިފުޅުގެ މޫނު ފެންނާނެ ވަގުތަކަށް ބަލަބަލާ ތިއްބެވެ.

ހަތްދުވަސް ފަހުން ދަރިފުޅަށް ނަން ކިޔުން އޮތެވެ. ޢަލީ ޔާދިން އަޒްޔަންގެ ނަމުން އަޒްޔަންއާ ނޫރީންގެ ދަރިފުޅަށް ނަން ކިޔުނެވެ. އެއީ ނޫރީންއަށް ރީތި ވެގެން ކިޔުނު ނަމެކެވެ. ނޫރީންއަށް އެންމެ ކަމުދިޔައީ ދާނިޔާލްއާ ކޮންމެވެސް ވަރަކަށް އެ ނަން ގުޅޭތީއެވެ. އަޒްޔަން އެ ވާހަކަ ނުދެއްކި ނަމަވެސް އެއީ އަޒްޔަން އަލަށް ބައްޕައަކަށް ހެދި ދަރިފުޅު ކަން ނޫރީން ހަނދާނެއް ނުނެތެއެވެ.

ކުރިން ކަންތައް ވީ ގޮތް ހަނދާންކޮށް ހިތުގައި އެއްވެސް ކަހަލަ ނުސާފުކަމެއް ބޭއްވުމުގެ ބަދަލުގައި އަޒްޔަންގެ އެ މާޒީއާ އެކު އަޒްޔަން ދެކެ ލޯބިވާ ކަން ނޫރީން ސާބިތު ކޮށްދިނެވެ. އޭރު ކޮންމެ ގޮތަކަށް ކަންތައް ވީ ނަމަވެސް، އަޒްޔަންގެ ހިތް ނޫރީންއަށް ދެވުނު ފަހުން ނޫރީންގެ ލޯބި ނޫން އެހެން ކަމެއް ބޭނުން ނުވާކަން އަޒްޔަން ނޫރީންއަށް ޔަގީންކޮށްދިނެވެ. އަޒްޔަންގެ ލޯބިން ނޫރީންގެ އިތުބާރު އަލުން ހޯދިއެވެ. އެކަކު އަނެކަކާ ނުލާ އަޒްޔަންއާ ނޫރީންގެ ދިރިއުޅުން ފުރިހަމަ ނުވާނެ ކަން ދެ މީހުންގެ އިތުރުން ކައިރީގައި ވި އެންމެންނަށްވެސް ޔަގީން ކޮށްދިނެވެ.

ނިމުނީ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ހިޔަނިހެން (ފުރަތަމަ ބައި)

Next

ހިޔަނިހެން 1

Next
July 8, 2026

ހިޔަނިހެން 1

Previews
July 8, 2026

ހިޔަނިހެން (ފުރަތަމަ ބައި)

13 Comments!

  1. Mar Sha Mar Sha says:
    July 8, 2026 at 1:16 pm

    ސަލާމް، މި ހިސާބުން މި ވާހަކަ މި ނިމުނީ. އަޒްޔަންއާ ނޫރީން ތި ހުރިހާ ކުދިންނާ ވަކިވީ. ވާހަކަ ފެށިގެން ނިމުމާ ހަމައަށް، އަދި ނިމުނު ގޮތްވެސް ކިޔުންތެރިންނަށް ކަމުދިޔަ ކަމަށް މާޝާ ހީކުރަން.
    ވާހަކަ ނިމެންދެން ލިޔުމަށް ކިޔުންތެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނުކަން ފާހަގަ ކޮށްލަން. ކިޔުންތެރިން ވާހަކަ ކިޔާލާފަ ކޮމެންޓް ކޮށްލަން ހޭދަކޮށްލާ ވަގުތުކޮޅަށް ޓަކާ ފަށްފަށުން ޝުކުރުވެރިވަން. އެ ކޮމެންޓްތަކަކީ މާޝާއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް.
    އިރާދަ ކުރެއްވިއްޔާ އަދިވެސް އާ ވާހަކައާ އެކު ކިޔުންތެރިންނާ ބައްދަލު ކުރާނަން. އެކަމަކު ދެން ބައްދަލުވާނީ ދުވަސްކޮޅެއް ފަހުން. އަނެއްކާވެސް ބައްދަލުވާނެ ކަމުގެ އުންމީދުގައި ވަކިވެލަން. ބާއްޖަވެރި، އުފާވެރި ދުވަސްތަކަކަށް އެދެން! ވަޢަލައިކުމުއްސަލާމް!

  2. Koklila modi says:
    July 8, 2026 at 1:30 pm

    Varah furihama but zaain ves meehakaa dhevi nama. Ekam ves vaahaka vara reethi abadhuves emme kiyaa hithun kiyani mar sha ge vaahaka thah new story eh avaha genesdheybe kamah umeedhu kuran

    1. Mar Sha Mar Sha says:
      July 10, 2026 at 1:59 am

      thank u so much Kokila. InshaAllah Marsha ge vaahaka adhi fennaane, Kokila ge comment ah inthizaaru kuraanan inge

  3. 🥀 says:
    July 8, 2026 at 1:32 pm

    Finally ahappy ever after!
    Vrh reethi mi story MA!
    Marsha ge ehn stry akah inthizaaru kuran

    1. Mar Sha Mar Sha says:
      July 10, 2026 at 2:00 am

      thank u dear, adhi fennaane, your comments libeyne kamah Marsha hykuran

  4. Aami says:
    July 8, 2026 at 2:15 pm

    Varahreethi

    1. Mar Sha Mar Sha says:
      July 10, 2026 at 2:01 am

      thank u dear for reading and comment kollaathyves

  5. 🦋 says:
    July 8, 2026 at 4:05 pm

    Im suree vrh rythi vaane kan mi vaahaka ves. Vagutheh nuvaathyve vaahaka eh bai kiyaali gothah nukiyun aneh baeh, miadhu site ah vain iru fahubai jahaafa inthan fenunyma hithah ery comment eh kollaany ey. Ekam in sha allah vhk ekkon kiyaalaanan. Kurin liyefa huri vaahaka thah ves dhuvas kolheh kohlaafa alun kiyaalevey. Hama ehaa ves furihama allahumma baarik. One of the best author thy hama. Kuriyah huri vaahaka thakah all the best mar sha!! 🩷

    1. Mar Sha Mar Sha says:
      July 10, 2026 at 2:03 am

      thank u so much 🦋, nuves kiyaa thi kuri thaureefah, thi kuraa ithubaarah vvv shukuiyya.. kiyaalaafaves comment kollahchey

  6. Gurrly currly says:
    July 9, 2026 at 12:38 pm

    Maashaa allah mi vhk vx varah varah reethi ehn vhk thakekey ehfadhain..
    Marsha aa vhk eh ge inthizaaruga…..

    1. Mar Sha Mar Sha says:
      July 10, 2026 at 2:04 am

      thank u Gurrly, aa vaahakaige work ga miulheny dear, ninmaafa upload kuran fashaanan

  7. 🦋 says:
    July 19, 2026 at 3:08 pm

    Hi marsha just finished reading thiss storyy. Bunymennu rythi vaane ey. Hama ufalun folhijje mi vaahaka kiyaafa. Heekuri varah vureh ves rythi maasha allah. Vrh vrh realistic ingey hama. Keep going. Next story ge inthizaaruga mihury 🩷

    1. Mar Sha Mar Sha says:
      July 21, 2026 at 8:09 pm

      thank u so much butterfly 🦋, your comments dhen anna storythakunves fennaane kamah hykuran,

Comments are closed.

Next Episodeތިޔަ ނަން މި ހިތުގާ 31 (ފަހުބައި)←


All Right Reserved!