ތިޔަ ނަން މި ހިތުގާ 27
… އަހަރެން މީހަކާ އިންނަން ވީމަ އެނގޭނީ އަހަންނަށް، އަދި އިންނާނެ މީހަކުވެސް އެނގޭނީ އަހަންނަށް، ނޫރީންއަކަށް ނޫން!” އަޒްޔަން އެނބުރި ނޫރީންއާ ދިމާއަށް ބަލަން ހުރެ ވާހަކަ ދެއްކިއެވެ. އެއަށް ފަހު އިތުރަށް މަޑުނުކޮށް ނިކުތެވެ.
އަޒްޔަން ނިކުމެގެން ދަންދެން ބަލަން ހުރި އިރު ނޫރީންގެ ހިތް ގޮވަމުން ދިޔައީ އަޒްޔަންގެ ފަހަތުން ގޮސް އަޒްޔަން ހުއްޓުވާށެވެ. އަމިއްލަ ނަފްސަށްވެސް ސިއްރު ކުރުމަށް މަސައްކަތް ކުރަމުން ދިޔަ އިހުސާސްތައް އަޒްޔަންގެ ކުރިމަތީ ފާޅު ކުރުމަށް ހިތް ގޮވަމުން ދިޔަ ނަމަވެސް ނޫރީން އެ އަޑަށް ދިނީ ބީރު ކަންފަތެކެވެ. އެހެން ނަމަވެސް ލޮލުން އައި ކަރުނައިގެ މައްޗަށް ނޫރީންއަށް ބާރެއް ނުފޯރުވުނެވެ. ކޯތާފަތް މަތިން ދެމިގެން ދިޔަ ކަރުނަ ތިކި ފޮހެލަމުން ލޯ މަރާލާ ނަފްސު ހަމައަކަށް އަޅުވާލާފައި ނޫރީން ސޯފާގައި އިށީނެވެ. ނަމަވެސް ކުރިމަތީ ހުރި މޭޒުމަތީ އަޒްޔަން ބެހެއްޓި ކޮފީތަށި ފެނުމުން ނޫރީންއަށް އެ އިހުސާސްތަކެއް ނުހިފެހެއްޓުނެވެ. ދެ އަތުން މަގު ނަގާފައި ހިހޫވެފައި ހުރި ކޮފީތަށީގައި ތުންޖަހާ އެއް ފަހަރުން ބޯލެވުނު އިރު ނޫރީންއަށް ރޮވިއްޖެއެވެ.
“ސްޓުޕިޑް! ސްޓުޕިޑް!” އަމިއްލަ ނަފްސާ މުޚާޠަބްކޮށް ނޫރީންއަށް ބުނެވުނެވެ. އެއާއެކު މޫނުގައި ދެއަތް އަޅާލިއެވެ.
އޭގެ އަނެއް ދުވަހު އަޒްޔަން އައިސް ޝަފަގުއާ ޔާސިރުއާ ވާހަކަ ދެއްކުމަށް ފަހު ފަސް ދުވަސް ފަހުން ފުރާ ގޮތަށް ހަމަޖެއްސިއެވެ. އެ މީހުންނާ އެކު ނޫރީންވެސް ދާނެކަން އަޒްޔަންއަށް އެނގުނީ ޝަފަގު ބުނުމުންނެވެ. އެކަމާ އަޒްޔަން އެއްވެސް އެއްޗެއް ނުބުނެއެވެ.
ޖައިލަމްއާއެކު މަސައްކަތް ކުރާ މީހެއްގެ ކައިވެންޏަށް އަހަރު ފުރިގެން ބާއްވާ ޕާޓީއަކަށް އަޝްދާގެ އާއިލާގެ އިތުރުން ޔާސިރުމެންނަށްވެސް ދަޢުވަތު ދިނީ ޔާސިރުމެން ފުރުމުގެ ދެ ދުވަސް ކުރިންނެވެ. އަޝްދާއާ ޖައިލަމްއާ އެކު ޒަފްރާންއާ މިޝެލް އައިސް ދަޢުވަތު ދިނުމުން ދެކޮޅު ހަދާކަށް ޔާސިރުއަކަށް ނުކެރުނެވެ.
ދާނިޝްއާ އެކު ޕާޓީއަށް ދިޔުމަށް ދާނިޝް އެދުނު ނަމަވެސް ނޫރީން ދިޔައީ ޔާސިރުމެންނާ އެކީއެވެ. ޔާސިރުމެން އެނބުރި ރާއްޖެއަށް ދާތީ އޭރު ޒާއިންވެސް އައިސް ހުއްޓެވެ. އެންމެން އެކީ ޕާޓީއަށް ދިޔަ ނަމަވެސް ދިހައެއް ޖެހުމުން ޝަފަގުއާ ޔާސިރު ގެއަށް ދިޔައެވެ. ގިނައިރު ހުންނަން ބޭނުން ނުވި ނަމަވެސް ޒާއިންގެ އެދުމާވެސް އެކު، ނޫރީންވެސް މަޑު ކުރާތީ ނޫރީންއާ އެކު އައުމަށް ޝަފަގު ބާރު އެޅުމުން އަޒްޔަން މަޑުކުރީއެވެ.
އެގާރަ ޖެހިފަހުން ޕާޓީގައި ތިބީ މުޅިންވެސް ޒުވާނުންނެވެ. އެ ހިސާބުން ޕާޓީގެ ފޯރި ކުރިއަށް ވުރެ ގަދަވިއެވެ. ޕާޓީ އޮތީ ހޮޓެލްއެއްގެ ދިހަވަނަ ފްލޯރގައި ހުރި ހޯލްއެއްގައެވެ. ފޫހިވެފައި ހުރި އަޒްޔަން ޖޫސްތައްޓެއް ހިފައިގެން ހޯލުން ނިކުމެ ވަށައިގެން ހުރި ބޮޑު ބެލްކަނީގެ ރެއިލިންގގައި ލެނގިލައިގެން ހުރީ އެކަނިވެލުމަށެވެ.
“އެކަނި މިތާ ތިހުރީ ކީއްވެ؟ ޕާޓީ މާ ބޯރިންގ ވީތަ؟” އަޒްޔަން ކައިރީ ހުއްޓެމުން ޝަދާ އަހާލިއެވެ.
ނޫރީން އަޒްޔަން ގާތު ޝަދާގެ ވާހަކަ ދެއްކި ފަހުން ކުރިޔާ ޚިލާފަށް ޝަދާގެ ފަރާތުން އަޒްޔަންއަށް ތަފާތު ކަމެއް ފާހަގަ ވާން ފެށިއެވެ. ނޫރީންމެން ގޭގައި އަޒްޔަން އުޅޭ ވަގުތެއް ނަމަ ކޮންމެވެސް ގޮތަކުން ޝަދާއަށް އެނގިގެން އެ ގެއަށް އާދެއެވެ. އަޒްޔަންއާ ވާހަކަ ދައްކަން މަސައްކަތް ކުރެއެވެ. އޭގެ އިތުރުން އަޒްޔަން އައިސް އުޅޭ އިރުގައާއި، އަޒްޔަން ނެތަސް ޝަފަގުއާ އެކު ވަގުތު ހޭދަ ކުރެއެވެ. ޝަފަގުވެސް ފަހަކަށް އައިސް ޝަދާގެ ވާހަކަ ގިނަގިނައިން ދައްކައެވެ.
އެއީ އަޒްޔަން ގަޔާވާ ކަމެއް ނޫން ނަމަވެސް އެހާ ދުވަހުވެސް ހުރީ އެހެން ބުނަން ނުކެރިފައެވެ. އަޒްޔަންގެ ފަރާތުން ނުރުހުމެއް ނުފެންނާތީ ޝަދާ ދުށީ އެއީ ފެހި ސިގްނަލްއެއް ކަމުގައެވެ.
“ކުޑަކުދިންގެ ޕާޓީއެއް ހެން ގޭމް ކުޅުން.. ހެހެ.. ދެޓް އިޒް ބޯރިންގ!” ހޯލްތެރެއަށް އިޝާރާތް ކޮށްލަމުން އަޒްޔަން ބުނެލިއެވެ. އޭރު ދެތިން މޭޒި ކައިރި ކޮށްގެން އެތާ ތިބި އެންމެން ހެން ތިބީ ކޮންމެވެސް ކުޅިވަރެއް ކުޅޭށެވެ. އެ ތަނުގައި ގިނައީ ދެމަފިރިންނާ ދާނިޝްއާ ނޫރީން ފަދަ ޖޯޑުތަކެވެ.
“ފޫހި ފިލުވަން ނޫނަސް، އެހެން ގޮތްގޮތުން އެންޖޯއި ކުރެވިދާނެއެއްނު؟ އެ ކަހަލަ ގޭމްސް ކުޅެގެންވެސް އެކަކު އަނެކަކާ ބެހޭ ގޮތުން ކަންތައްތައް ދަސްވާނެއެއްނު؟ އެކީގަ ޓައިމް ސްޕެންޑް ކޮށްލަން ކިހާ ރަނގަޅު ގޮތެއް އެއީ؟” އެ މީހުންގެ މެދުގައި ކައިރި ކައިރީގައި ތިބި އަޝްދާއާ ޖައިލަމް ފެނުމުން ޝަދާ އަތުން އިޝާރާތް ކޮށްލަމުން އަޒްޔަންއަށް ދައްކާލިއެވެ.
އަޝްދާއާ ޖައިލަމް އެކުގައި ފެނުމުން އަޒްޔަންއަށް ބަލާލެވުނީ ނޫރީންއާ ދާނިޝް ފެނޭތޯއެވެ.
“ބަލާބަ ރީންއާ ދޮންބެވެސް.. ސޯ ކިއުޓް، ދޯ؟” އަޝްދާމެންނާ ތަންކޮޅެއް ދުރުގައި ތިބި ދާނިޝްއާ ނޫރީން އަޒްޔަންއަށް ފެނުނު ވަގުތު ޝަދާއަށްވެސް އެ މީހުން ފެނިގެން ބުންޏެވެ.
ދާނިޝް ނޫރީންގެ ކޮނޑުގައި އަތް އަޅުވާލައިގެން އިން އިރު ނޫރީން އިނީ ދާނިޝްގެ ގައިގައި ލެނގިލައިގެންނެވެ. އަޒްޔަން ބަލަން ހުއްޓާ ކޮންމެވެސް މީހަކު ކުރި ސުވާލަކަށް ނޫރީން ދިން ޖަވާބުން ދާނިޝް ބާރަށް ހީގަންނަމުން ނޫރީން އިތުރަށް ދާނިޝްއާ ކައިރި ކޮށްލިއެވެ. އެ މަންޒަރު ބަލަން ހުރި އަޒްޔަންއަށް އަތުގައި ހުރި ޖޫސްތައްޓަށް ބާރު ކޮށްލެވުނެވެ. ވަށައިގެން ހިނގަމުން ދިޔަ އެހެން އެއްވެސް ކަމަކަށް އެ ވަގުތު އަޒްޔަންގެ ކުޑަވެސް ސަމާލުކަމެއް ނެތެވެ. ކައިރީގައި ހުރެ ޝަދާ ދައްކަމުން ދިޔަ ވާހަކަވެސް އަޒްޔަންއަށް އަޑެއް ނީވެއެވެ.
“އަޒްޔަން..!” އަޒްޔަންގެ އަތުގައި ހުރި ޖޫސްތަށީގައި ހިފަމުން ޝަދާ ތަންކޮޅެއް ބާރަށް ގޮވާލީ އެ ތަށީގައި އަޒްޔަން ހިފާފައި ހުރި ގޮތް ފާހަގަ ކުރެވިގެންނެވެ.
ޝަދާއަށް ބަލާލަމުން އަޒްޔަން ދެ ފަރާތަށް ބޯ ހަލުވާލަމުން ތަށިން ދޫކޮށްލިއެވެ.
“ކިހިނެއް ވީ؟” ޝަދާ އަހާލިއެވެ.
“ކަމެއް ނުވޭ” ފެންނަމުން ދިޔަ މަންޒަރަށް ފުރަގަސްދެމުން އަޒްޔަން އެނބުރި ރެއިލިންގގައި ހިފަހައްޓާލިއެވެ.
“އަޒްޔަން.. ރީން ބުނި އަޒްޔަން ކުރިން މެރީ ކުރި ވާހަކަ.. އެ ކަންތައް ހަނދާން ނައްތާލާފަ އަލުން މެރީ ކުރާކަށް ނުވިސްނަންތަ؟” ކުރިންވެސް އަޒްޔަންއާ އެތައް ފަހަރަކު ވާހަކަ ދެއްކި ނަމަވެސް އަޒްޔަންގެ ކައިވެންޏާ ބެހޭ ގޮތުން ޝަދާ އެއްޗެއް ބުނީ ފުރަތަމަ ފަހަރަށެވެ.
“ކަންތައްތައް ހަނދާން ނައްތާލަން އެހާ ފަސޭހަތަ؟ ބައެއް ފަހަރު އަހަރެންވެސް ހިތަށް އަރާ ނޫރީން ހެން އަހަންނަށްވެސް އެހެން މީހަކާ ދިމާވެ ހަނދާން ނައްތާލަން ފަސޭހަވާނެ ނަމައޭ” އަޒްޔަންއަށް ނޫރީންގެ ނަން ބުނެވުނީ ގަސްތުގައެއް ނޫނެވެ. ނަމަވެސް އެހެން ބުނެވުމާއެކު ޝަދާއަށް ބަލާލީ އަޒްޔަން ބުނި އެއްޗަކުން ޝަދާއަށް ކަމެއް ދޭހަވިތޯ ޔަގީން ކުރުމަށެވެ.
“ރީންއަށް ދިމާވި ގޮތާ އަޒްޔަންއަށް ދިމާވި ގޮތާ ތަފާތުވީމަ އެހެން ވެދާނެ. އެކަމަކު އަޒްޔަންވެސް ޓްރައި ކޮށްފިއްޔާ ހަނދާން ނެތޭނެ” އަޒްޔަން ބުނި އެއްޗަކުން ޝަދާއަށް އެއްވެސް ކަމެއް ނޭނގުނެވެ.
“ޝަދާ.. އަހަންނަށް އެނގޭ ޝަދާ..” ޝަދާ ބޭނުންވާ ގޮތް އަޒްޔަންއަށް އެނގޭ ކަމާ، އެހެން ވިޔަސް ޝަދާ ބޭނުން ވާ ގޮތަށް އަޒްޔަންއަށް ކަންތައް ކޮށްދެވެން ނެތްކަން ބުނަން ބޭނުންވި ނަމަވެސް އަޒްޔަން ފަސްޖެހުނެވެ.
“އެނގެންޏާ އަހަންނަށް ޗާންސެއް ދިނުން ކިހިނެއް ވާނެ؟ އަޒްޔަންއަށް ކަންތައް ދިމާވީ ކިހިނެއް ކަމެއް އަހަންނަކަށް ނޭނގެ. އެކަމަކު އަޒްޔަން ކިޔާދޭން ބޭނުމިއްޔާ އަހަރެން އަޑު އަހާނަން. ޓްރައި ކުރުމަކުން ގޯހެއް ނެތެއްނު؟” އަޒްޔަންއާ ކައިރި ވެލަމުން ޝަދާ އަޒްޔަންގެ މޭގައި އަތް ޖައްސާލަމުން ބުންޏެވެ.
“ނޫރީން ކައިރީ ނާހަންތަ؟” ޝަދާއާ ދުރަށް ޖެހިލަމުން އަޒްޔަން އެހިއެވެ.
“އެހިން.. އެކަމަކު ރީން ބުނީ އަޒްޔަން ކައިރީ އަހާށޭ، ރީންއަށްވެސް ހުރިހާ ކަމެއް ނޭނގެޔޭ ބުނީ” އަޒްޔަން ދުރަށް ޖެހިލުމުން ޝަދާއަށް އިތުރަށް އަޒްޔަންއާ ކައިރިވާކަށް ނުކެރުނެވެ.
ޝަދާ ބުނި އެއްޗަކުން އަޒްޔަން ހައިރާންވިއެވެ.
“ނޫރީން ބުނީތަ ނޫރީންއަކަށް ނޭނގެޔޭ؟” އަޒްޔަން އަހާލިއެވެ.
ޝަދާ ބޯ ޖަހާލުމުން އަޒްޔަންއަށް ބާރަށް ހީލެވުނެވެ.
“ނޫރީންގެ ހަޒްބަންޑް.. އެކްސް ހަޒްބަންޑްއާ ބެހޭ ގޮތުން ޝަދާ ސުވާލު ކުރިންތަ؟” ހައިރާންވެފައި އަޒްޔަންގެ މޫނަށް ޝަދާ ބަލަން ހުރުމުން އަޒްޔަން އަހާލިއެވެ.
ނޫނެކޭ ބުނުމަށް ޝަދާ ދެފަރާތަށް ބޯ ހަލުވާލިއެވެ.
“ދާނިޝްވެސް ނުބުނޭތަ؟” އަޒްޔަން އަނެއްކާވެސް ސުވާލެއް ކޮށްލިއެވެ.
އެ ސުވާލަށްވެސް ޝަދާ ޖަވާބު ދިނީ ބޮލުންނެވެ.
“ދާނިޝްއަށް އެނގޭތަ ޝަދާ..؟” އެ ޖުމްލަ ފުރިހަމަ ނުކޮށް އަޒްޔަން އެ ދެ މީހުންގެ މެދުގައި އަތް ހަރަތާކް ކޮށްލި ގޮތުން އަޒްޔަން ބުނަން އުޅުނު އެއްޗެއް ޝަދާއަށް ވިސްނުނެވެ.
“ދޮންބެއަށް އެނގެއޭ ރީން ބުނި. ރީން ކައިރީވެސް ދޮންބެ ބުނި. އެކަމަކު އަހަރެން އޭގެ ކުރިން ރީން ކައިރީ ބުނިން.. އަހަރެން އަމިއްލައަށް އަޒްޔަންއާ ވާހަކަ ދައްކަން ޓްރައި ކުރަން ބުނީ ރީން” ޝަދާ ބުންޏެވެ.
“ދާނިޝްއަށް އެނގޭ އިރުވެސް އޭނަގެ ކޮއްކޮއާ އަހަރެން..” އެ ވަރަށް ބުނެފައި އަނެއްކާވެސް ފުރިހަމަ ނުކޮށް އަޒްޔަން ހުއްޓާލިއެވެ. ނޫރީންއާ އަޒްޔަންގެ ހުރިހާ ކަމެއް ދާނިޝްއަށް އެނގޭ ކަން ނޫރީންގެ ފަރާތުން އަޒްޔަންއަށް ވަނީ އެނގިފައެވެ. އެ ދެމެދުގައި އޮތް ގުޅުމަށް ފަހުވެސް، ނޫރީންއާ ކައިވެނި ކުރަން ދާނިޝް ބޭނުން ވާއިރުވެސް ޝަދާ އަޒްޔަންއާ ގުޅުމަށް ދާނިޝްގެ އެއްވެސް މައްސަލައެއް ނެތީތީ އަޒްޔަން ހައިރާންވިއެވެ.
“ޝަދާ.. ބޭނުންވާ ގޮތަށް ކަންތައް ނުވުމަކީ ބައެއް ފަހަރަށް އެންމެ ރަނގަޅު ގޮތް. ނޫރީންވެސް ދާނިޝްވެސް ހުރިހާ ކަމެއް ޝަދާއަށް ކިޔާނުދިނީ ކީއްވެ ކަމެއް އަހަންނަކަށް ނޭނގެ. އަހަރެން ބޭނުމެއް ނުވޭ ޝަދާ އޮޅުމެއްގެ ތެރޭގަ ބަހައްޓާކަށް. އަހަރެން.. އަހަރެންގެ ކައިވެނި ރޫޅުނީ އަހަރެން ލޯބި ނުވާތީއެއް ނޫން. އަދިވެސް އަހަރެން ލޯބިވޭ، ނޫރީންއަށް އެކަން އެނގޭނެ. ޑިވޯސްއަށް ފަހު ނޫރީން މިކޮޅަށް އައި ފަހުން އަހަރުމެން ދިމާވީ ބައްޕަ ގޮވައިގެން އަހަރެން އައިސްގެން. އޭގެ ފަހުން އަހަރެން އަބަދުވެސް އައީ ނޫރީން ކައިރީ އެހެން ބުނަމުން.. ނޫރީން އެހެން މީހަކާއެކީ އަލުން އާ ފެށުމަކުން ފަށަން ބޭނުން ވިޔަސް އަހަރެން އެ ގޮތެއް ބޭނުމެއް ނޫން.. އަހަރެންގެ ލައިފްއަށް އެހެން މީހަކު ގެންނާކަށް ބޭނުމެއް ނޫން. އައި ސްޓިލް ލަވް ހަރ!” އަޒްޔަން ބުންޏެވެ.
“ނޫރީން ކައިރީ..؟ ކީކޭ އަޒްޔަން ތި ކިޔަނީ؟” އަޒްޔަން ދެއްކި ވާހަކަ ޝަދާއަށް މުޅިން ސާފެއް ނުވިއެވެ.
“ނޫރީން ކުރިން އިން މީހަކީ އަހަރެން!” އަޒްޔަން ބުންޏެވެ.
ހައިރާންވީ ވަރުން ޝަދާއަށް އަޒްޔަންއާ ދިމާއަށް ބަލަން ހުރެވުނެވެ. އެ ހުރިހާ ދުވަހު ނޫރީންއަށް އަޒްޔަންއާ މެދު ޝަދާ ދެކޭ ގޮތް އެނގޭ އިރު އެ ވާހަކަ ޝަދާ ގާތު ނޫރީން ނުބުނި ކަން ގަބޫލު ކުރަން ޝަދާއަށް އުނދަގޫވިއެވެ. ޝަދަގެ ހިތް އެނހޭ އިރު ދާނިޝްވެސް ސިއްރު ކުރީއެވެ. ނޫރީންއާ އަޒްޔަންގެ ކައިވެނީގެ ވާހަކަ ދުވަހަކުވެސް ޝަދާއަށް ނޭނގޭނެއޭ އެ ދެމީހުން ހީކުރީ ހެއްޔެވެ؟ އެ ވަރުގެ ކަމެއް ނޫރީންއާ ދާނިޝް ޝަދާއަށް ސިއްރު ކުރީތީ ޝަދާއަށް ރުޅި އާދެވުނެވެ.
“އަހަންނާ ޝަދާ ގުޅުން އެއީ ރަނގަޅު ގޮތެއް ހެން އަދިވެސް ޝަދާއަށް ހީވޭތަ؟” އަޒްޔަން އަހާލިއެވެ.
“އެ ދެ މީހުން އެކަން އަހަންނަށް ސިއްރު ކުރީ ކީއްވެ ކަމެއް ނޭނގޭ. އަހަރެންގެ ފީލިންގްސް އެނގޭ އިރު ރީން އަސްލު އަހަރެން ކައިރީ ބުނަން ޖެހޭނެ. ދޮންބެވެސް.. އެކަމަކު އެ ކަން އިހަށް ބާއްވާ. ތި ދެ މީހުންގެ ސްޓޯރީ ނިމިފައެއްނު ތިއޮތީ؟ ދެން އަހަންނާ އަޒްޔަން ނުގުޅެންވީ ސަބަބަކީ ކޮބާ؟” އަޒްޔަންއާ ޝަދާ ގުޅުމަށް އެއްވެސް ހުރަހެއް އޮތް ކަމަކަށް ޝަދާއަށް އަދިވެސް ގަބޫލެއް ނުކުރެވެއެވެ.
“ސީރިއަސްލީ؟ އަދިވެސް ނުވިސްނޭތަ؟ އަހަރެން ލޯބިވަނީ އެހެން މީހަކު ދެކެކަން އެނގޭ އިރުވެސް ޝަދާއަށް މައްސަލައަކަށް ނުވޭތަ؟ އަދި އެވެސް ޝަދާގެ ބޭބެ އިންނަން އުޅޭ އަންހެން ކުއްޖާ ދެކެ..؟” އަޒްޔަންއަށް އަހާލެވުނެވެ.
“އަޒްޔަން..” އަޒްޔަންއާ ކައިރި ވެލަމުން ޝަދާ އަނެއްކާވެސް އަޒްޔަންގެ މޭގައި އަތް ޖައްސާލިއެވެ. ނަމަވެސް އަޒްޔަން އެ ފަހަރުވެސް ޖެހުނީ ދުރަށެވެ.
“ނޯ ޝަދާ! އައިމް ސޮރީ! އެނގޭ ޝަދާ ދެރަވާނެ ކަންވެސް.. އެކަމަކު އަހަރެން ދެންމެވެސް ބުނިހެން އެހެން މީހަކާ ގުޅޭކަށް އަހަރެން ބޭނުމެއް ނޫން..” އަޒްޔަން ބުންޏެވެ.
“ކީއްވެ؟ އަދިވެސް ނޫރީންގެ އިންތިޒާރުގަތަ އަޒްޔަން ތި ހުންނަނީ؟ އަޒްޔަންއަށް އަދިވެސް ނޫރީން ލިބޭނެ ހެން ހީވަނީތަ؟ ދޮންބެ ދޫކޮށްލާފަ އަދިވެސް އަޒްޔަން ކައިރިއަށް ނޫރީން އައިސްދާނެ ހެން އަޒްޔަންއަށް ހީވަނީތަ؟ ޝީ ލަވްސް މައި ބްރަދަރ!” އަޒްޔަން ދެކޮޅު ހެދުމުން ވީ ދެރައާއެކު ޝަދާއަށް އިސްކުރެވުނީ ރުޅިއެވެ. އެހެން ބުނެވުނީ އަޒްޔަންގެ ހިތަށް އެފަދަ ހަމަލާއެއް ދޭން ނަމަވެސް ޝަދާ ފަދައިން އަޒްޔަންވެސް އައީ ރުޅިއެވެ.
“އަހަރެން ކައިރިއަށް ނޫރީން އައުމާ ނައުން އެއީ އެހެން ކަމެއް. އަހަރެން މި ބުނަނީ ނޫރީން ނޫން އެހެން މީހަކު އަހަރެންގެ ލައިފްއަށް ގެންނާކަށް އަހަރެން ބޭނުމެއް ނޫނޭ” އަޒްޔަން އެހެން ބުނެފައި އެތާ މަޑު ނުކޮށް ދިޔައީއެވެ.
އަޒްޔަންއާ ޝަދާ ވާހަކަ ދައްކަން ތިބިތަން އޭގެ އިރުކޮޅެއް ކުރިން އަޝްދާއަށް ފެނުމުން ހިނިއައިސްފައި އަޝްދާ އެ މަންޒަރު ޖައިލަމްއަށް ދައްކާލިއެވެ. އެއީ ޖައިލަމްއަށް މުޅިން އާ މަންޒަރެއް ކަމުން އަޝްދާ ޖައިލަމްއަށް ޝަދާގެ ވާހަކަ ކިޔާދިނެވެ.
ޝަދާއާ އަޒްޔަންގެ މެދުގައި ދެކެވެމުން ދިޔަ ވާހަކަ ބަދަލުވެ ދެބަސްވާހެން ހީވާން ފެށުމުން އެ މީހުން ކައިރިއަށް ދިޔުމަށް ތެދުވި އަޝްދާގެ އަތުގައި ޖައިލަމް ހިފާ ހުއްޓުވުމުން އެ ވަގުތަށް މަޑުކޮށްލި ނަމަވެސް އަޒްޔަން ހޯލްތެރެއަށް ވަނުމުން ޝަދާ އެނބުރި ރެއިލިންގައި ހިފަހައްޓާލި ހިސާބުން އަޝްދާ ނިކުތެވެ. އަޝްދާއާ އެކު ޖައިލަމްވެސް ދިޔައެވެ.
“ޝަދާ..” ޝަދާ ކައިރީ ހުއްޓިފައި އަޝްދާ ގޮވާލިއެވެ.
“ދޮންތައަށްވެސް އެނގޭތަ؟” އަޝްދާއަށް ބަލާލަމުން ޝަދާ ކުރި ސުވާލެއް އަޝްދާއަކަށް ނުވިސްނުނެވެ.
“ކޯޗެއް؟” އަޝްދާ އެހިއެވެ.
“ރީންގެ ކުރީގެ ފިރިމީހާއަކީ އަޒްޔަން ކަން ދޮންތައަށްވެސް އެނގޭތަ؟” ޝަދާ ސުވާލު ފުރިހަމަ ކުރިއެވެ.
ނުނިމޭ
One Comment
Comments are closed.








ސަލާމް ކުދިން.، މިއޮތީ 27 އަޕްލޯޑް ކޮށްލެވިފަ، އަވަހަށް ކިޔާލާފަ ވާހަކައާ މެދު ދެކޭ ގޮތް މާޝާއަށް އަންގާލަދެއްޗޭ. 28ވަނަ ބައި ބުދަ ދުވަހު ގެނެސްދޭނަން