Skip to content
އެސްފިޔަ

މަންޝާ (ދިހަވަނަ ބައި)

“ކީކޭ…. މީހަކާ އިންނާށޭ… ކިޔަވާ ނުނިމެނީސް އިންނަނީތަ؟… އަދި މާ އަވަހެއްނުން… ދެން ދަރިފުޅު ބޭނުން ގޮތެއްދޯ އޮންނާނީ…” ނޫނެކޭ ބުނަން އުޅެފައިވެސް މަދީހާ އެކަމާ އެއްބަސްވާން ހިތަށް އެރިއެވެ. އޭނާގެ ދިރިއުޅުމުގައި ވީފަދަ ގޮތެއް މަންޝާއަށް ވެދާނެތީއެވެ. މީހަކާ އިންނަން ބޭނުންވި ދުވަހު އެކަމާ ދެކޮޅު ނުހަދާ އިންނާށޭ ބުނީ މަޑުކޮށްފިއްޔާ މަންޝާ ޅަ އެއްޗެއް އަޅާފާނެތީއެވެ.

މަންޝާއަށް އިތުރު އެއްޗެކޭ ނުބުނެވެނީސް އަނެއްކާވެސް ވާހަކަ ދައްކަން ފެށީ މަދީހާއެވެ. “ކޮންރަށަކު ކާކުކަން އިނގޭތަ؟… މާލެ ކުއްޖެއްތަ؟… ކޮން ނަމެއް ކިޔާ ކުއްޖެއް؟؟…. މަންމައަށް ތި ކުއްޖާ ދައްކާނީ ކޮން ދުވަހަކުން؟؟…”

“މަންމާ… އޭނައަށް ކިޔަނީ އަޒީމް… ހުޅުލޭގަ ވަޒީފާ އަދާ ކުރަނީ…. ވަރަށް ރަނގަޅު ކުއްޖެއް އެއީ…. އޭނާ އެއީ ސީނު ހުޅުދޫ ކުއްޖެއް… އައްޑު އޮތޮޅު…”

“ކީކޭ؟؟؟…… އައްޑޫ މީހެކޭ!!!!…” މަންޝާގެ ޖުމްލަ މެދުނުކެނޑެނީސް އަޑަށް ބާރުލަމުން މަދީހާއަށް އެހެން ބުނެވުނީ ލިބުނު ހައިރާންކަމެއްގެ ބޮޑު ކަމުންނެވެ.

“އާން މަންމާ.. އައްޑޫ… އެކަމު އެގޭ މީހުން މިކައިވެންޏާ ވަރަށް ނުރުހޭ… އަހަރެންމީ ބައްޕަ ނެތް ކުއްޖަކަށް ވީމަ…” ނާއުންމީދުން ފުރިގެންވާ ރާގަކަށް މަންޝާ އެހެން ބުނެލީ އޭނާގެ ބަދުނަސީބުކަން ހިތަށް ވެރިވުމުންނެވެ.

މަދީހާއަށް އިތުރު އެއްޗެއް ބުނާކަށް ނޭނގުނެވެ. މަންޝާ ދައްކަމުން ދިޔަ އެތައް ވާހަކައެއް އަޑުއަހަން ހުރިކަމުގައި ވީނަމަވެސް އެ ދައްކަމުންދާ އެއްވެސް ވާހަކައެއް މަދީހާގެ ކަންފަތާ ހަމައަށް ވާސިލް ނުވާކަހަލައެވެ. މަދީހާގެ ފަރާތުން އިތުރު އަޑެއް ބަޑެއް ނީވުމުން މަންޝާ ދެބުރަކަށް މަންމާއޭ ކިޔާ ގޮވާލިއެވެ. މަދީހާއަށް ސިހުމެއްލިބި ވިސްނަމުން ދިޔަ މާޒީގެ ކަންތައްތަކުން ބޭރުވުމުން އޭނާގެ ދުލުން އެންމެ ފަހުގެ ޖުމްލަ ބޭރުކޮށްލިއެވެ.

“މަންމަ ތި ކައިވެންޏަކާއި ގަބޫލެއްނޫން…. އައްޑޫ މީހުންނަކީ ވަރަށް ނުބައި ބައެއް… އަހަރެން ބޭނުމެއް ނޫން ތި ކިޔާ އަޒީމަކާ މަންޝާ ވާހަކަ ދައްކަންވެސް… ތި ކަންތައް މަތިން ހަނދާން ނައްތާލާ…. އަނެއްކޮޅުން އެ އާއިލާވެސް ގަބޫލެއް ނޫނެއްނު… މާދަމާވެސް ދަރިއެއް ދީފަ ވަރިކޮށްލައިފިއްޔާ މަންޝާ އުޅޭނެ ގޮތް ވިސްނާލަބަލަ… އެމީހެއްގެ މަންމަަގެ ބަސް ނާހާ މީހަކު ވަކި މަންޝާގެ ބަސް އަހާނެތަ؟… މަންމަަ ބަދަލެއް ނުކުރެވޭނެ.. އެކަމު އަނބިން ބަދަލުކޮށްލެވޭނެ… މަންޝާ މަންމަ ބުނާ ބަހެއް އަހަންޏާ ތިކަން ކުރާނެކަމެއް ނެތް…” އައްޑޫ މީހަކާ ގާތްގުޅުމެއް ބާއްވަން ބޭނުން ނުވާ މަދީހާ ހުރީ ކަންތައްބޮޑުވެފައެވެ.

“އެކަމަކު މަންމާ… މަންމަވެސް އޭނައާ ބައްދަލު ކުރީމަ އިނގޭނެ އޭނަގެ ރަނގަޅުކަން…. ޕްލީސް މަންމާ.. އެންމެ ފަހަރަކު ވިޔަސް އޭނަޔާ ބައްދަލު ކޮށްލަބަލަ…” ކުރުނުކޮށް މަންމަ ގާތު އަޒީމާ ބައްދަލުކުރަން މަންޝާ އެދެމުން ދިޔައެވެ.

“ނޫން…. މަށެއް ނޫޅެން އައްޑޫ މީހަކު ހުރި ތަނެއްގައި މަޑުކުރަންވެސް… މިހާރު ކިތަންމެ ރަނގަޅުވެގެން އުޅުނަސް… މާދަމާ ހަދާނީ ކިހިނެއް ކަމެއް ނޭނގޭނެ… މަންމައަށް ތި ކައިވެންޏަކާއި ގަބޫލެއް ނުވެވޭނެ… މަންޝާ އޭނަޔާ ކައިވެނި ކުރަން ވިސްނަންޏާ…. މިއަދުން ފެށިގެން މީ މަންޝާގެ މަންމައެއް ނޫން….” މަދީހާ ފޯނު ކަނޑާލިއިރު ޖޯލީގައި ހަދީޖާ އޮތީ ނިތްކުރި މައްޗަށް އަތްއަރުވައި މަދީހާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ހަދީޖާ އޮތީ މަދީހާ ކަންތައް ކުރިގޮތް ފެނި އެކަމާ ހައިރާންވެފައެވެ. ރަހިމުގެ ގުޅުން އެހާ ފަސޭހައިން މަދީހާ ކަނޑާލަން އެބަސް ބޭނުން ކުރުމުން އެކަމާ ހިތްހަމަނުޖެހިފައެވެ.

“މަދީހާ… އެންމެން އެއްގޮތެއް ނުވާނެދޯ… އެ މަންޖެ ބޭނުންވާ މީހަކާ ކައިވެނި ކުރެވުނީމަ އެމަންޖެއަށް ވެސް އުފަލުގަ އުޅެވޭނީ… މަދީހާ ބޭނުންވި މީހާ ނުލިބިގެން މުޅި އުމުރު މީހަކާ ނީންދެ ތި ހުންނަނީ… މަދީހާއަށް ގުޅުން ކަނޑާލަން ތިހެން ބުނަން ކެރުނީތީ ހައިރާންވަން…. ތިހެން ބުނި އިރު އެއީ މަގޭ މާމަ ދަރިއޭ… އޭނަ ދެން މިރަށަކަށް ނާންނާނެ… އަހަރެންގެ މާމަ ދަރި ދެން ފެންނާނެ ދުވަހެއްވެސް ނޭނގޭ…” ހަދީޖާ ދައްކަމުން ދިޔަ ވާހަކައަށް ބީރު ކަންފަތެއް ދެމުން މަދީހާ ގޮސް ގޭތެރެއަށް ވަނެވެ.

މީހާ ރުޅި ގަދަވެގެން ތުރުތުރު އަޅަމުން ދިޔުމުން މަދީހާ ބޭނުންވީ ރުޅި މަޑުކޮށްލާށެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ އިނގިލިތަކުން ފުހެލަމުން މަދީހާގެ ކޮޓަރި ތެރެއިން ވަދެވޭގޮތަށް ހުރި ގިފިއްޔަށް ވަދެ ދާނި ފުރާ ފެންނަގާ އެ ދާނިން ފެން ގޮށްޓެއް ނަގާ މަދީހާ މޫނު ދޮވެލިއެވެ.

*** *** *** *** *** ***

އައި.ޖީ.އެމް.އެޗްގެ އަވަސް ފަރުވާދޭ ކޮޓަރި ކައިރިއަށް ގޮސް އާމިނަ އޮތްތޯ ބެލިއިރު މިހާރު އާމިނަ ވީ އައި.ސީ.ޔޫއަށް ބަދަލު ކުރެވިފައިކަމަށް އަަވަސް ފަރުވާދޭ ކޮޓަރީގެ ޖަގަހައިގައި ހުރި ނަރުސް ކުއްޖާ ބުންޏެވެ. އެހެންކަަމުން މަންޝާއާއި އެކީ އަޒީމް މިސްރާބު ޖެހީ އައި.ސީ.ޔޫއާ ދިމާލަށެވެ. ސިޑިން މައްޗަށް އެރިއިރު އައި.ސީ.ޔޫ ކައިރީ ހުރި ގޮނޑިބަރީގައި އިށީނދެގެން އިން ޟިރާރު ފެނުމުން އަޒީމް އެދިމާލަށް ދިޔުމަށް އަވަސްވެގަތެވެ. އަޒީމް ފެނުމުން ޟިރާރު ލުއި ހިނިތުންވުމަކާއި އެކީ ވާހަކަ ދެއްކި ނަމަވެސް އޭނާގެ މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. ހިތްވަރުދެމުން އަޒީމް ވާހަކަ ދެއްކީ ޟިރާރުއާއި ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުންނެވެ.

“ޟިރާރުބޭ ހިއްވަރޮ ކެރާހެތި… މިއައީ އެޚަބަރޮ ލިބިގެން…. މާތް ﷲ އެއްވެސް މީހަކަށް ދެރަގޮތަށް މެދެވެރި ނިކެރަށްވާހެއް…. ދިރިއުޅުމަކީ އިމްތިހާނަށް… އަފިރިން ވޭހެއް ކެތްތެރިވޭ… ބޭބޭ… ރިޔާޒް ކޮބާ؟…” (ޟިރާރުބޭ ހިތްވަރު ކުރާތި… މިއައީ އެ ޚަބަރު ލިބިގެން… މާތްﷲ އެއްވެސް މީހަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ… ދިރިއުޅުމަކީ އިމްތިހާނެއް… އަހަރެމެން ޖެހޭނެ ކެއްތެރިވާން…. ބޭބޭ.. ކޮބާ ރިޔާޒް؟..)

“ހަމަ ދެނަކަށް އެކަލޯ ގެއު އެގެއި… ރެއިކޯކަދުން އެކަަލޯ ވަރަށް ބުރަކޮށް ވޭނޑިފެއި އެގެއި… ވަރަށް ވަރޮބަލިވެފެއި ނުނީ އެކަލޯ ހިންނަނނެއި… ގެއް ނިއަސް އޭއްވެގެން ހިނގީ.. ފެނޑުވީއަސް ގަދަކަމުން…. މީރާ ބެނާވަރުން މިކޯ ގެއު އެބެގެ…” (ހަމަދެންމެ އެ ސޮރު ގެއަށް އެ ދިޔައީ… ރޭ ހަތަރުދަމު އެ ސޮރު ވަރަށް ބުރަކޮށް އުޅެފައި އެ ދިޔައީ… ވަރަށް ވަރުބަލި ވެފައެއްނުން ހުންނާނީ… ގެއަށް ނުދާންވެގެން އުޅުނީ… ފޮނުވީވެސް ގަދަކަމުން… މީރާ ކިޔާވަރުން މިހާރު ގެއަށް ހިނގައްޖެ…)

ޟިރާރު ވާހަކަ ދައްކަމުން ދިޔައިރު ދެފަހަރަކު މަތިން ބޯއަރި ކޮށްލަމުން މަންޝާއާއި ދިމާލަށް ބަލާލިއެވެ. މަންޝާއާ ދިމާލަށް އަޒީމް އިޝާރާތް ކޮށްލަމުން ޟިރާރުއަށް އޭނާ ތައާރަފް ކޮށްދިނެވެ. “މީ މަ އަންހެނުން…. މަންޝާ…”

މަންޝާއާއި ސަލާމްކޮށްލަމުން ފުން ނަޒަރަކުން މަންޝާއާއި ދިމާލަށް ޟިރާރު ބަލަންއިނެވެ. “ކިހިނެއް؟… އަދި ކިރިޔާދޯ މިދިމާވީ…” ލުއި ހިނިތުންވުމަކާއި އެކީ މަންޝާއާއި މުޚާތަބުކޮށް ޟިރާރު ވާހަކަ ދެއްކީ މާލެ ބަހުންނެވެ.

ޖަވާބުގައި ރަނގަޅުކަމަށް މަންޝާ ބުނުމުން ދެން ޟިރާރު ވާހަކަ ދެއްކީ އަނެއްކާވެސް އަޒީމާއެވެ.

“ބަދޫރާމެން ބެނި ކޮންމެސް ކޫދަކާއި އަޒީމް އިން ވާހަކަ… ކިޔަންވީ ރަށަށް ނިއެނީ؟… ރޫހީ ވަރަށް ސަކަރާށްވެގެން އަފިރިންނަސް މާލެ އޭއް މި ޖެހެނެއި…” (ބަދޫރާމެން ބުނި ކޮންމެވެސް ކުއްޖަކާ އަޒީމް ކައިވެނި ކުރި ވާހަކަ… ކީއްވެ ރަށަށް ނާންނަނީ.. ރޫހީ ވަރަށް ސަކަރާތްވެގެން އަހަރެމެންވެސް މާލެ އަންނަން މި ޖެހުނީ)

ވާހަކައިގެ ތެރެއިން ރޫހީގެ ނަން ގެނެވުނު ހިސާބުން ޟިރާރުގެ މޫނުމަތީގެ ކުލަވަރު މުޅިންހެން ބަދަލުވެއްޖެއެވެ.

“ހާނ… ރަށަށަސް އޭއްވީ… މަންމާ ވަރަށް ހިއްހަމަނިޖެހެއި މެއި… އެހެންވެގެން މާސް ރަށަށް ނިއޭއްވެގެން މިހިންނެއި… މަންޝާއި އިންނަކަށް މަންމާ ގަބޫލަށް ނޫން…” (ހާނ… ރަށަށްވެސް ދާންވީ… މަންމަ ވަރަށް ހިތްހަމަނުޖެހޭ ވިއްޔާ… އެހެންވެގެން މަވެސް ރަށަށް ނުދާން މި ހުންނަނީ… މަންޝާއާ އިންނާކަށް މަންމަ ޤަބޫލެއް ނޫން..)

އަޒީމް ގޮނޑިން ތެދުވެ ޖީބަށް އަތްޖަހާލަމުން ވާހަކަ ދެއްކިއެވެ.

“ޟިރާރުބޭ ދެން މަ އެބޭނީ ވާ… އިރާދަކުރެއްވިފެހޭ އަދި އޭށުން… ރިޔާޒް އެއިކެހި ބެނާހެތި މަ އާ ވާހަކަ…” (ޟިރާރުބޭ ދެން އަަހަރުން މިދަނީ އިނގޭ… އިރާދަކުރެއްވިއްޔާ އަދި އަންނާނަން… އަަހަރެން އައި ވާހަކަ ރިޔާޒް ކައިރީ ބުނާތި…) ޟިރާރުއާ ސަލާމް ކުރުމަށްފަހު އަޒީމް ގޮނޑިން ތެދުވެގެން މަންޝާއާއި އެކީ ސިޑިއާ ދިމާލަށް ހިނގައިގަތީ ތިރިއަށް ފައިބާށެވެ.

އަޒީމްގެ މަންމަގެ ވާހަކަ ދެއްކުމުން މަންޝާވެސް އެވަގުތު ހުރީ އިންތިހާއަށް މަންމަ މަތިން ހަނދާންވެފައެވެ. މިއިން ދުވަހަކު މަދީހާ ނުގުޅާތީ މަންޝާ އެ ހުންނަނީ އިސްނަގައިގެން މަންމައަށް ގުޅާލަން ވެސް ނުކެރިފައެވެ. އައި.ޖީ.އެމް.އެޗް އިން ބޭރަށް ނުކުތް ތަނުން މަންޝާގެ ފޯނު ރިންގްވިއެވެ. ފޯނަށް ބަލާލީ މިވަގުތު އެގުޅަނީ ޒުހާ ކަމަށް ހީކޮށް ހުރެއެވެ. ނަމަވެސް ފޯނުގެ ޑިސްޕްލޭއިން ފެންނަމުން ދިޔައީ މަންޝާ ނުދަންނަ ނަންބަރެކެވެ. ފޯނު ނެގުމުގެ ކުރިން އަޒީމާ ދިމާލަށް ބަލާލިއެވެ. އެވަގުތު ކުއްލިއަކަށް ކަމެއްމަތިން ހަނދާންވެގެން މަންޝާ ގާތުގައި އެބަ އަންނަމޭ ބުނަމުން އަޒީމް ހޮސްޕިޓަލް ތެރެއަށް ވަންނަން ހިނގައިގަަތެވެ.

ހޮސްޕިޓަލް ތެރެއަށް ވެދެގެން ދިޔަ އަޒީމާ ދިމާލަށް ބަލަން މަންޝާއަށް ހުރެވުނެވެ. މަންޝާގެ ފޯނަށް އައި ކޯލް ނުނެގިގެން އުޅެނިކޮށް އެކޯލް ކެނޑިއްޖެއެވެ. ލޮލުކޮޅުން އަޒީމް ގެއްލުނުތަނާ މަންޝާއަށް އޭނާގެ ނަމުން މީހަކު ގޮވާލިހެން ހީވިއެވެ. ސިހިފައި އަޑު އައި ދިމާލަށް މަންޝާއަށް ބަލާލެވުނެވެ. އެއީ ހޮސްޕިޓަލް ތެރޭއިން ކެފޭއާ ދިމާލަށް ދެވެން އޮތް މަގެވެ. އެދިމާލުގައި މީހަކު ހުރިހެން މަންޝާއަށް ހީވިއެވެ. ނޭނގޭ ބަރަކާއި އެކީ އެ ދިމާލަށް ދިޔުމަށް މަޑުމަޑުން މަންޝާ ފިޔަވަޅު އަޅާލިއެވެ. އަނެއްކާވެސް މަންޝާއަށް އިވުނީ ވައި އަޑުން ގޮވާލިއަޑެވެ. ގަސްތަކުގެ ތެރެއިން މީހަކު ހަނާއަޅާލިކަން އެނގުނެވެ. މަންޝާގެ ސަމާލުކަން ހުރީ އެމަގާ ދިމާލަށެވެ. ހީވަނީ ވަށައިގެން އުޅޭ މީހުންތައްވެސް މަންޝާގެ ލޮލަށް ނުފެންނަނީ ހެންނެވެ.

ކުއްލިއަކަށް އަތުގައި އޮތް ފޯނު ވައިބްރޭޓްވަމުން ރިންގްވީ އަޑަށް މަންޝާއަށް ހޭވެރިކަންވިއެވެ. ފޯނަށް ބަލާލިއިރު އެއީ ކުރިންވެސް ގުޅި ނުދަންނަ ނަންބަރެވެ. ފޯނު ނަގާ ކަންފަތުގައި ޖެހުމަށްފަހު މަންޝާ ހަލޯއޭ ބުނެލީ މަޑު ހިނގުމެއްގައި ހޮސްޕިޓަލު ގޭޓާ ދިމާލަށް ދަމުންނެވެ. މަޑުމަޑުން ހިނގަމުން އަޒީމްގެ ސައިކަލް ޕާކްކޮށްފައިވާ ޒޯނާ ހަމައަށް ދިޔުމަށް މަންޝާގެ ފިޔަވަޅު އަވަސްކޮށްލިއެވެ.

ފޯނުން އަނެއްކޮޅުގައި ހުރި މީހާގެ ޖަވާބެއް ނުލިބުނެވެ. ދެވަނަ ފަހަރަށްވެސް ހަލޯއޭ ބުނެލީ ޖަވާބެއް ލިބޭނޭ ކަމުގެ އުންމީދުގައެވެ. ނަމަވެސް އެއްވެސް އަޑެއް ބަޑެއް ނީވުނެވެ. ކަންފަތުން ފޯނު ދުރުކޮށްލުމަށްފަހު ސްކްރީނަށް ބަލާލީ އަނެއްކާ އޮޅިގެން އެކޯލު ‘ހޯލްޑަށް’ ނޫނީ ‘މިއުޓަށް’ ލެވިފައި އިންތޯއެވެ. ނޫނެކެވެ. ފޯނުގެ އެއްވެސް މައްސަލައެއް ނެތެވެ.

ތުންފަތް އަނބުރާލަމުން މަންޝާ ކަންފަތުގައި ދެވަނަ ފަހަަރަށް ފޯނު ޖައްސާލަމުން ހަލޯއޭ ބުނަން އަނގަހުޅުވާލި ވަގުތު އެކޮޅުން މީހަކު ވާހަކަ ދެއްކި އަޑު އިވުނެވެ. އެއީ އަަންހެނެއްގެ އަޑެވެ. އެއިވުނު އަޑަކީ މަންޝާ ދަންނަ އަޑެކެވެ. އެތައް ދުވަހަކަށްފަހު އެއަޑު ކަންފަތުގައި ޖެހުމުންވެސް މަންޝާއަށް އެ އަަޑު ދެނެގަަންނަން އެނގުނެވެ. މަންޝާގެ ލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ.

ތުރުތުރުލާ އަޑަކުން މަންޝާއަށް ގޮވާލެވުނެވެ. “މަންމާ….”

*** *** *** *** *** ***

މަންޝާގެ ކުރަކި އަޑު އިވުމުން ހީވީ މަދީހާގެ ހިތަށް ހަންޖަރެއް ހަރާލިހެންނެވެ. ހިތްވަރުކޮށްގެން ނުރޯން މަސައްކަތް ކޮށްކޮށް ހުރި މަދީހާއަށް ނުހިފޭއްޓި ބަޑިފަޅައިގެންގޮސް އަޑުން އަޑުނަގާ ރޯން ފެށުނެވެ. “ދަރިފުޅާ… މަންޝާ….”

މަދީހާއަށް އޭނާގެ ރުއިން ހުއްޓުވޭ ގޮތެއް ނުވިއެވެ. މަންޝާގެ ހާލަކީވެސް އެއީއެވެ. ދެމައިން އެކަކު އަނެކަކުގެ ހާލުއަހުވާލު އޮޅުން ފިލުވާލިއެވެ. ހަމައަކަށް އެޅި ވާހަކަ ދެއްކޭ ވަރުވުމުން މަދީހާއަށް ކުރިން ރޭ ފެނުނު ހުވަފެން ކިޔައިދިނެވެ. އެހެންވެ މަންޝާގެ ހާލު ނުބަލާ ނުހުރެވިގެންް ގުޅީކަމަށްވެސް ބުންޏެވެ.

“ކޮބާތަ އަޒީމް؟.. އޭނަ ރަނގަޅުތަ؟… ތި ދެކުދިންނާ ދޭތެރޭ މަންމަގެ ހިތުގައި އެއްވެސް ބުރައެއް ނެތް…. މަންމަ ބޭނުމީ ތިދެކުދިން އުފަލުގައި އުޅޭތަން ދެކެން…” މަދީހާ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެލަމުން ވާހަކަ ދައްކަމުން ދިޔައެވެ.

“އަޒީމް އެވަނީ ހޮސްޕިޓަލް ތެރެއަށް…. އޭނަގެ ރައްޓެއްސެއްގެ މަންމަ އެޑްމިޓްކުރިކަން އެނގިގެން ހޮސްޕިޓަލަށް މިއައީ… މަންމާ މާމަ ރަނގަޅުތަ؟ ރަށަށް ނުދާތާ ވަރަށް ދުވަސްވެއްޖެ… ޢީދު ބަންދަށް ދާންވީދޯ ރަށަށް…” މަންޝާ އެހެންބުނުމުން މަދީހާ ވަރަށް އުފާވިއެވެ. އަވަހަށް ދެކުދިން އެކީގައި ރަށަށް އައުމަށް މަދީހާ އެދުނެވެ. މަދީހާގެ ދެލޯ ފަދަ މަންޝާ ދެކޭހިތުން ކެތްވަނީކީ ނޫނެވެ.

ފޯނު ބޭއްވުމަށްފަހު މަދީހާ އަވަސްވެގަތީ ނަމާދުކުރަން އަޅައިގެން އިން ދޮޅި ބާލާ، ފަތްޖަހާލާށެވެ. ދޮޅި މުސައްލަ ތެރެއަށް ލުމަށްފަހު މުސައްލަ އޮޅާލިއެވެ. އެނދުމަތީގައި މުސައްލަ ބޭއްވުމަށްފަހު ކޮޓަރިން ނުކުމެގެން މަދީހާ ދިޔައީ އޭނާގެ މަންމަ ހަދީޖާ ހޯދާށެވެ. ހަދީޖާގެ ކޮޓަރިއަކީ އެންމެ ބިއްދޮށުގައި ހުންނަ ކޮޓަރިއެވެ. އެ ކޮޓަރި ދޮރު މައްޗަށް އެރުމަށްފަހު ދޮރު ހުޅުވާލިއިރު ހަދީޖާވެސް ނަމާދުކޮށް އަވަދިވަނީއެވެ. ގޮނޑީގައި އިށީނދެގެން އިން ހަދީޖާ ގާތަށް ގޮސް މަދީހާ ވާހަކަ ދައްކަން ފެއްޓިއެވެ.

“އަމާ….. މި އައީ އެ މަންޖެއަށް ގުޅާފަ… އެ ދެމަފިރިންވެސް ރަނގަޅު… ބުނި ޢީދަށް އަންނާނަމޯ….” މަދީހާގެ އުޖާލާވެފައިވާ މޫނު ފެނުމުން ހަދީޖާ ވަރަށް އުފާވިއެވެ.

“އަލްހަމްދުލިއްﷲ…. ވަރަށް އުފާވެއްޖެ… މަދީހާ… އަމާ ބުނަމެއްނު އެންމެން އެއްގޮތެއް ނުވާނޭ… ދެން މާދަމައަށް އަވަހަށް ހަދިޔާތައް ތައްޔާރު ކުރަމާ… ހަމަ އެކަނި މުނީރާމެން ގެއަށްތަ ހަދީޔާ ފޮނުވާނީ…” ހަދީޖާ ގޮނޑިން ތެދުވަމުން ދޮޅިނަގާ ފަތްޖަހާލިއެވެ.

“މަންޝާއަށް އެންމެ މީރު ކުދި ގުޅައާއި ކުޅި ކާޖާ ތައްޔާރު ކުރަންވާނެ…. އަހަރެން މިދަނީ ބަދިގެއަށް… ފާޒިރާ މެންނަށްވެސް ގުޅައިފިން މިގެއަށް ހަދިޔާތައް ހަދަން އަންނަން… އެމީހުންވެސް އެބައާދޭ….” މަދީހާ އެކޮޓަރިން ނުކުމެގެން ދިޔަތަން ބަލަން ހުރުމަށްފަހު މޭޒުމަތީގައި އޮތް ޚަތިމް ނަގައިގެން އައިސް އެނދުގައި އިށީނދެ ހަދީޖާ ޤުރުއާން ކިޔަވަން ފެށިއެވެ.

*** *** *** *** *** ***

އައި.ޖީ.އެމް.އެޗް އިން އަޒީމް ނުކުތް އިރު މަންޝާ އެހިސާބުގައި ފެންނަން ނެތުމުން މަގު ހުރަސްކޮށް ސައިކަލު ޕާކްކޮށްފައިވާ ޒޯނާ ދިމާލަށް ދިޔުމަށް ހިނގައިގަތީ ކަރު އެލުވާލައިގެން ހުރެއެވެ. ސައިކަލް ޕާކްކޮށްފައިވާ ޒޯން ކައިރީގައި ދެއަތަށް ހިނގާލަ ހިނގާލަ ހުރި މަންޝާ ފެނުމުން އަޒީމްގެ ފިޔަވަޅު އަވަސްކޮށްލިއެވެ.

އަޒީމާ ކުރިމަތިލުމަށް މަންޝާ އެނބުރިލި ވަގުތު މަންޝާގެ މޫނު މައްޗަށް އުޖާލާކަން ގެނެސްދީފައިވާ ބޮޑު ހިިނިތުންވުން ފެނުމުން އަޒީމް ދައްކަން އައި ވާހަކަވެސް މުޅިން ހަނދާން ނެތުނު ކަހަލައެވެ. “ކިހިނެއްވީ؟… ހާދަ ހެޕީވެފަ..” ޒޯނުން ސައިކަލު ނެރެމުން މަންޝާ ގާތު އަޒީމް އަހާލިއެވެ.

“ޒީމް… ޔޫލް ބީ ސަރޕްރައިޒްޑް… ޖަސްޓް ނައު މަންމަ އެ ގުޅީ…. އޯ ގޯޑް.. އައިމް ސޯ ހެޕީ…. މަންމަ ވަރަށް ވާހަކަ ދެއްކި ބުނި ދެކުދިން އެކީ ރަށަށް އަންނާށޯވެސް… މަންމަ ރުޅިއައިސްފައެއް ނޫނޯ… އޯ ޒީމް…. އައިމް ސޯ ސޯ ސޯ ހެޕީ….”

ސައިކަލް ފަހަތަށް އަރާ އަޒީމްގެ އުނަގަނޑުގައި ދެއަތް ވަށާލާ ބައްދާލަމުން މަންޝާ ވާހަކަ ދެއްކިއެވެ. ހުއްޓުމެއްނެތި މަންޝާ ވާހަކަ ދައްކަމުން ދިޔައެވެ. މަންމަ ގުޅުމުން އޭނާއަށް ކުރި އިހްސާސްތައް ބަޔާން ކޮށްދެމުން ދިޔައެވެ. މަންޝާ އިނީ އުފަލުން ފޮޅިފައެވެ. ނަމަވެސް އެވާހަކަތައް އަޑުއަހަން އިން އަޒީމްގެ ތުންފަތް މައްޗަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ.

މަޑު ދުވެއްޔެއްގައި ސައިކަލް ދުއްވަމުން ގޮސް އަޒީމް ސައިކަލު މަޑުކޮށްލީ ނަވާފްމެންގެ ދެމަފިރިން ދިރިއުޅޭ ގޭގެ ދޮރު މައްޗަށެވެ.

ސައިކަލުން ފައިބައިގެން އެގޭތެރެއަށް ވަންނަން ހިގައިގެން މަންޝާ ހުރީ އިންތިހާއަަށް އުފާވެފައެވެ. އަޒީމް ސައިކަލު ޕާކު ކުރުމަށްފަހު މަންޝާގެ ފަހަތުން އެގޭތެރެއަށް ވަނެވެ. އެގެއަކީ މާގިނަ މީހުން އުޅޭ ގެއެއް ނޫނެވެ. ޒުހާ ވިހަން ކައިރިވުމުން އޭނާގެ މަންމަ މާލެ އައީ ފަސް އަހަރުގެ ޒައިކް ބަލާދޭނެ މީހަކު ނެތުމުންނެވެ.

ސިޓިންގް ރޫމް ތެރޭގައި ކުޅޭ ހައިމާރކެއް ހިފައިގެން ކުޅެން އިން ޒައިކް ފެނުމުން މަންޝާ އެންމެ ފުރަތަމަ ގާތްވެލީ އެ ސޮރު ގާތަށެވެ. “ހެ ލިލް މޭން…. ގިވްމީ އަ ފައިވް….” ޒައިކްއާ ދިމާލަށް ދިއްކޮށްގެން އިން މަންޝާގެ އަތުގައި ޒައިކް ޓަޗެއް ޖަހާލިއެވެ. ޒައިކް ކައިރީ އިށީނދެގެންް ޓީވީއަށް ބަލަހައްޓައިގެން އިން ޒުހާގެ މަންމަ މަންޝާމެން ފެނުމުން ހިނިތުންވެލިއެވެ.

“ހާދަ ބޮޑުވެއްޖޭ ޒައިކް…. ދައްތައަށް ވުރެއް ދިގުވާނެ ދުވަސްކޮޅަަކުން…. ކޯއްޗެއްތަ ކަނީ؟….”

“ޒައިކް ކަނީ ފިޝްއާ ބަތާ… ކްރަމްޕީއާ ޕާނާ….” އުފަލުން ފޮޅިފާ އިނދެ، ދެއަތް ޖޯޑުކޮށްލަމުން، ޅަ ގޮތަކަށް ޒައިކް ޖަވާބުދިނެވެ.

“މަންމާ…. ވަރަށް ދުވަސް ފަހުންދޯ މިދިމާވީ…. ހާލު ރަނގަޅުތަ؟..” އުޑުފައިން ޒައިކް ގާތު އިށީނދެގެން އިން މަންޝާ ޒުހާގެ މަންމައާއި ވާހަކަ ދައްކަމުން ތެދުވެ މަންމައާއި ސަލާމްކޮށްލިއެވެ. ފެށުނީއްސުރެއް ޒުހާގެ މަންމައަށް މަންޝާ މުޚާތަބު ކުރަަނީ މަންމައޭ ކިޔައިގެންނެވެ.

“ރަނގަޅު… ދަރިފުޅުމެން ރަނގަޅުދޯ!…. ޒުހާއާ ނަވާފް ވެއްޖެ އެތެރޭގަ…” ޒުހާގެ މަންމަ ވަދީފާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. މަންޝާގެ އަތުގައި ފިރުމާލަމުން އެތެރެއިން ފެންނަން ހުރި ކޮޓަރިއާއި ދިމާލަށް އިޝާރާތް ކޮށްލިއެވެ.

“އޯހް… ކޮބާތަ ބޭބީ؟… ޒައިކަށް އިނގޭތަ… ދައްތަ މިއައީ ކޮއްކޮ ބަލައޭ… އޯކޭތަ ކޮއްކޮ ގެންދިޔަސް!!!….”

ޒުހާމެންގެ ކޮޓަރިއާ ދިމާލަށް ހިނގައިގަންނަމުން މަންޝާ މިހެން ބުނުމާއި އެކީ ތުއްތު ޒައިކް ކުޅެން ހުރިތަނުން ތެދުވެ މަންޝާ ފަހަތުން ކޮޓަރިއ ދިމާލަށް ދުއްވައިގަތެވެ. އަޒީމް ހިނގައިގަތީ މަންޝާގެ ފަހަތުންނެވެ. މަންޝާގެ ފަހަތުން ދުވެފައި ދިޔަ ޒައިކް އުރާލާ އެސޮރު ގައިގާ އަޒީމް ބައްދާލަމުން ޒައިކްގެ ކަންފަތު ބުޑުގައި މަޑުމަޑުން ދަތް އަޅާލިއެވެ. މަންޝާ އެކޮޓަރިއަށް ވަދެ ބޭބީ އެނދު ކައިރިއަށް ދިޔައިރު އެ ތުއްތު ކުއްޖާ އޮތީ ތަންމިނަށް ލޯ ހުޅުވައިގެންނެވެ. މަންޝާގެ ފަހަތުން އައި އަޒީމް ކޮޓަރިއަށް ވަންނަމުން ނަވާފަށް ގޮވާލިއެވެ.

އެވަގުތު ކޮއްކޮ ނުގެންދާށޭ ކިޔާ ޒައިކް ބޮޑާހާކަން ފެށިއެވެ. “ކޮއްކޮ ނުގެންދާތި.. ތީ ޒައިކްގެ ކޮއްކޮއެއް… ބައްޕީ… މި ބޭބެ ޒައިކްގެ ކަންފަތް ކާލީ….” އެންމެން އެއްފަހަރާ ބާރަށް ހީގަތީ ޒައިކް މޫނަށް ޖައްސަމުން ދިޔަ ވައްތަރު ފެނުމުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (22)

  1. AAA

    Ziraru ei manshaa ge bappa dhw..

    1. Shax Lyn
      AAA

      mansha akee bappa neiy kujjeh so adhi neynge va gotheh… 🙂 kuriyah huri bai thah kiyamun dhiyaima ingeyne…. 🙂 thanks for reading.. hope u liked it

  2. AAA

    Jinni hunnany ziraaru ge family avalavaafa.. ruhi ves maraaly ziraaru dharieh veema.. ehnve manshaa aa ves dhimaa e kry.. dhaw shaax

    1. Shax Lyn
      AAA

      hope u will read this story nimen dhen… 🙂 🙂

  3. Shaax

    Awww jst wow…if im nt wrng shaaz u wrote on ur page dat u r not frm addu right…den hw u knw addu language so perfectly….jst curious to knw..heheheheeeee…??????????✌

    1. Shax Lyn
      Shaax

      my husband is from addu… but he never speaks to me in addu… hehehe but am learning.. gey meehun vaahaka dhakkaa adu ahaigen… so I wirte the dialogues and they correct it for me… baeh faharu varah majaakoh ves liyevey… varah dhimaaves kuraane… but its fun… we shud learn new things.. 😉

  4. Jermy

    Shaxoo hama habeys ingey cash aka. I love it

    1. Shax Lyn
      Jermy

      thanks jermy…. 🙂

  5. Anonymous

    Shaax husband is from addu

    1. Shax Lyn
      Anonymous

      yes he is from ADDU… 🙂

  6. AdduKujja

    thee hama best ingey shax.. vaahaka varah reethi. avahah up vaathy varah varah happy. sofa kurunthah varah kamudhey. avahah biruveri koh dhee :*

  7. Zully

    Wow…. Varah salhi vaahaka….. Thank u for bringing such. Beautiful stories… KANDUFEN was amazing… Mansha ves

  8. me ava

    vara bali* habara*

  9. Siha

    V kiyaahithun mi bai mi kiyaalee.. v interesting.. addu bas ves eba dhasvey. Thnkq shaz..

  10. Eynaa

    Story v habeys. Thnx story writer ah..

  11. ken?

    i guess thrz a deep connection between mansha n ziraaru n jinni kanthah mee family kameihen heevanee…hope at de end thr ll b a big surprise for de readers…☺

  12. zee?

    So she’s seeing supernatural things dhw….. Wow….. E handi avalee dhw….. Happy that Mansha mom gulheema… I have experienced that feeling

  13. ???

    foohi. mibaiga nuvey ehves aa kameh

    1. mary
      ???

      Kon kamehththa nuvaneee….. Hehehe

  14. Shaax ge fan

    shaax ge fb page ge name?

    1. hehe
      Shaax ge fan

      Shaz Ge vaahaka

  15. shimayaa

    Shax! Next part lass vani kivve tha? Can’t wait, kiyaa thithunn mihaaru 3 faharu chek kurevijjeh. Ummydhu kurann v avass vaane kamah.

Comments are closed.