Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަގީގަތަކީ ކޮބައިހޭ؟…30

Mysterious Woman Level 310 Stories100 Comments
June 26, 2026 4 Mins Read
1 Comment

އެއާއިއެކު އެ ޒުވާނާއަށް އަނެއްކާ ވެސް ނަވީން ބަލާލިއެވެ. “ނިކް….ކީކޭ ތިބުނީ؟…” ނަވީން ބުނެލިއެވެ. ފައިނާގެ ފަރާތުން ނުހައިކަށް ލިބުނު މަޢުލޫމާތު ނަވީނާއި ހިއްސާޖޮށްލިއެވެ. މިހާރު މެހެކު އޮތީ ހޮސްޕިޓަލުގަކަމާއި މެހެކަށް ފަރުވާ ދެމުންދާކަން ނުހައިކު ބުންޏެވެ. ނަވީން އެއްޗެއް ނުބުނެ ކުރިއަށް ހިނގަންފެށިއެވެ. ނުހައިކު ވަށައިގެން އެ ކޮޓަރީގެ އެކި ތަންތަނަށް ބަލަމުންދިޔަވަރަކަށް އެމޫނުމަތިން ތަފާޓު ޝުޢޫރުތައް ދިޔައީ ފެންނަމުންނެވެ. ނުހައިކުގެ ބުމަ ގޮށްޖެހިގެންދާހިނދު ނަވީނަށް ބަލާލައެވެ. އޭރު ނަވީން ހުރީ މެހެކުގެ ތަސްވީރެއްގެ ކުރިމަތީގައެވެ.

“ނަވް….މިކަންތައް ހުއްޓާލާކަށް ނުވޭތަ؟….ކިތައް އަހަރުމިވީ….ތާއަބަދު ހުރިހާ ކަމެއް ސިއްރެއްނުވާނެ އެއްނުން….” ނުހައިކު ބުނެލިއެވެ. އެއާއިއެކު ނަވީން ޖަހާލީ ހިނިގަޑެކެވެ. “ހުއްޓާލާށޭ؟……އަހަރެންވީ ފަޟީހަތްވާންތަ؟….ފަސް އަހަރު ފަސްއަޅާ ފޮރުވި ގޮތަށް ދެން ވެސް ފޮރުވޭނެ….މެހެކަށް ހަގީގަތް އެނގުނަސް ހެޔޮ…..ކާކު ގަބޫލުކުރާނީ….މަށަކީ ނައިބު ރައީސް ނަބީނުގެ ދަރިއެއް…..” ނަވީން ބޮޑާވެރިކަމާއިއެކު ބުނެލިއެވެ. ނުހައިކު މަޑުމަޑުން ނަވީން ކައިރިއަށް ޖެހިލިއެވެ. “ނަވް….އިނގޭ ދޯ މަށާއި ފައިނާގެ ގުޅުން…..މަ ބޭނުމެއްނޫން އަނެއްކާ ވެސް އަހަރުމެން ރުޅިވާން….ޝަދާން ގަބޫލެއް ވެސް ނުވާނެ އަހަރުމެން ދެމީހުން ގުޅޭކަށް….” ނުހއިކު އޭނާގެ ކަންބޮޑުވުން ހިއްސާކުރިއެވެ. ނަވީން ނުހައިކަށް ބަލާލިއެވެ. އަދި ނުލަފާ ހިނިގަޑެއް ޖަހާލިއެވެ.

“ކިހިނެއް؟….ނަވީނާއި މެހެކުގެ ގުޅުމަށް އެ އާއިލާ އިން ރުހޭނެކަމަށްތަ ހީކުރަނީ؟…..ޝަދާން އާއި މެހެކުގެ ކައިވެނި ވަރަށް އަވަހަށް ކުރެވޭނެ….” ނުހައިކު ބުނެލިއެވެ. ނަވީންގެ މޫނުމަތިން އެކަމާ ކަންބޮޑުވުމެއް ނުވަތަ ހާސްވުމެއް ވެސް ފެންނާކަށްނެތެވެ. ކުރިން ވެސް އެކަން އެނގޭކަހަލައެވެ. “އެނގޭ ދޯ؟…” ނުހައިކު އަހާލިއެވެ. އެއާއިއެކު ބަހަކުން ބަހެއް ނުބުނެ ނަވީން ޖަހާލީ ބޮލެވެ. އޭގެ އިރުކޮޅެއްފަހުން ނަވީން މިސްރާބުޖެހީ ކޮޓަރިން ނިކުންނާށެވެ. ނަވީންގެ ފަހަތުން ނުހައިކު ވެސް ނިކުންނަން ހިނގައިގަތެވެ.

ހޮސްޕިޓަލުގެ ޕްރައިވެޓު ކޮޓަރި ތެރޭގައި މެހެކު އޮތީ ފުން ނިންޖެއްގެ ތެރޭގައެވެ. އެ ކޮޓަރި ތެރޭގައި އާއިލާގެ އެންމެން ތިއްބެވެ. ނޫރައިންގެ ފަރާތުން އެނގުނު މަޢުޟޫމާތުން އެ އެންމެން ތިބީ ދެރަވެފައެވެ. މާޔޫސްވެފައެވެ. ފަސް އަހަރު އެ ފަކީރު އުފުލި ވޭނާއި ތަކުލީފު ވިސްނާލިޔަސް އެމީހުންގެ ގައިން ހީބިހިނަގައިގަނެއެވެ.

މެހެކުގެ އަތުގައި މަޑުމަޑުން ފިރުމާލަ ފިރުމާލަ ޝަދާން އިނެވެ. ޝަދާން އަދި ވެސް މެހެކުގެ ދެކެ ލޯބިވާކަން އެނގެއެވެ. އެ ލޯބި ކަފުންކޮށް ވަޅުލެވޭހާ ބޮޑަށް ވަނީ މެހެކު ދެކެ ލޯބިވެވިފައެވެ. ނަމަވެސް އެ ހިތް ހަރު ހިލަގަޑަކަށް ހެދީ ހުދު އޭނާއެވެ. ފަސް އަހަރު ކުރިން މެހެކު އޭނާއަށް ދިން ދެރަ އާއި ވޭނުގެ ބަދަލު ހިފަން އޭނާ ބޭނުންވިއެވެ. ނަމަވެސް ޙާލަތު އެކަމަށް ތަން ނުދީ މެހެކު ވެސް އޭނާގެ ލޯމަތިން ގެއްލި އޭގެ ފަސް އަހަރު ފަހުން ދެން ފެނުނު އިރު ދެ މީހުންނަކީ ދެ ހަތުރުންނެވެ. އެހެނަސް ހަގީގަތަކީ ކޮބައިކަން މިހާރު އޭނާއަށް އެނގެއެވެ. މަޖުބޫރީއެއްގައި ކަސްތޮޅު އެޅުވިފައިވާވަރު އިހުސާސުވެއްޖެއެވެ. މެހެކު ވެސް ބޭނުންވަނީ މީސަމަށް އިންސާފު ހޯދައިދޭށެވެ. އެއީ ހުދު އޭނާ ވެސް އެދޭ ގޮތެވެ.

ހުވަފެނަކުން ހޭލެވުނު ފަދައިން މެހެކު މަޑުމަޑުން ދެ ލޯ ހުޅުވާލިއެވެ. ދެ ލޯ ހުޅުވާލުމާއިއެކު ފެނުނީ ތަރަތަރަޖަހައިގެންދާފަދަ ގަދަ އަލިކަމެކެވެ. މެހެކަށް ވަގުތުން ދެ ލޯ މަރާލެވުނެވެ. ދެން އަނެއްކާ ވެސް ލޯ ހުޅުވާލީ އޭގެ މިނިޓެއްވަރު ފަހުންނެވެ. ދެން ވަށައިގެން ބަލާލިއެވެ. އޭރު އާއިލާގެ އެންމެން ވެސް ތިބިތަން މެހެކަށް ފެނުނެވެ. ހައިރާންކަމާއިއެކު އެންމެންނަށް ބަލާލި މެހެކަށް ގޭގެ ޓެރަހުގައި ހިނގި ކަންކަން ފަނޑު މަންޒަރުތަކެއް ހެން ވަށައިގެން އައިސް ސިކުނޑީގައި ހަރުލިއެވެ. އިސާހިތަކު މެހެކު ލޯ ފުރުނީ ތާޒާ ކަރުނައިންނެވެ.

އާލިޔާ ޝެހެނާޒުގެ އަތުގައި ހިފައިގެން އައިސް މެހެކު ބާއްވާފައި އޮތް އެނދުގެ ވާތް ފަރާތުގައި މަޑުކޮށްލިއެވެ. އަދި މެހެކުގެ އަތާއި ޝެހެނާޒުގެ އަތާ ގުޅުވައިދިނެވެ. މެހެކު ޝެހެނާޒަށް ބަލާލިއެވެ. އޭރު ޝެހެނާޒު ހުރީ އިސްޖަހައިގެންނެވެ. ޝެހެނާޒު ވެސް ރޮނީކަން އޭނާގެ ލޮލުން ފައިބާފައި ހުރި ކަރުނަތަކުން ރަމްޒުކޮށްދެއެވެ. އެ ދެމީހުންނަށް ވަގުތުކޮޅެއް ދޭން އެހެން އެންމެން ބޭރަށް ނިކުތެވެ. އެއާއިއެކު މުޅި ކޮޓަރި ތެރެ ހަމަހިމޭންވިއެވެ. ހަމައެކަނި އިވޭ އަޑަކީ މެހެކާއި ޝެހެނާޒުގެ ގިސްލުމުގެ އަޑެވެ.

“ދަރިފުޅާ…މަންމައަށް މައާފުކުރޭ…..އެވަރުގެ ކަމެއް ހިނގި އިރު ވެސް މަންމައަށް މެހެކު ބާކީ ކޮށްލެވުނީ…..މެހެކަށް ކުރާނެ އަސަރާއި ވާނެ ދެރަ އޭރު މަންމައަށް ނުވިސްނުނީ….މައެއްގެ ހައިސިއްޔަތުން ބޭރުކުރަން ނުޖެހޭފަދަ ބަސްތަކުން މެހެކަށް މުޚާތަބުކުރެވުނީ…މީސަމްގެ ވަކިވެ ދިޔުމަށް މަންމައަށް ކެތްކުރަން ދަތިވީ…އެހެންވެ މެހެކަށް އެހާ ބޮޑަށް އަޅާ ވެސް ނުލެވުނީ….” ޝެހެނާޒު ބުނެލިއެވެ. ފަސް އަހަރަށްފަހު ފުރަތަމަ ފަހަރަށް އެހާ ލޯބިން މަންމަ އޭނާއާއި ވާހަކަދެއްކި ގޮތުން މެހެކަށް ވަރަށް އަސަރުކޮށްފިއެވެ. މައެއްގެ ލޮތްބަށް ފެން ބޮވައިގަނެފައިވާ މެހެކަށް ޝެހެނާޒުގެ ގައިގައި ބާރަށް ބައްދާލެވުނެވެ. ދެން އަޑުން އަޑުނަގާ ރުއީ މިއިން ދުވަހަކު ވެސް ނުރޯހާ ބާރަށްށެވެ.

ޝެހެނާޒު މެހެކުގެ ބުރަކަށީގައި ފިރުމާލަން ހުއްޓެވެ. މެހެކު ހިތް ފުރެންދެން އެ ފުރުސަތު ދީގެން ހުރީއެވެ. އެއީ އޭނާގެ އެންމެ ފުރަތަމަ ދަރިފުޅެވެ. މަންމާއޭ ކިޔާ ގޮވާލި ފުރަތަމަ ނޫރެވެ. އެ ދަރިފުޅުގެ ހިތުގައި އޭނާއަށް ވަރަށް ބޮޑަށް ޖެއްސިއްޖެއެވެ. މެހެކާއި އެއްވަރަށް ޝެހެނާޒު ވެސް ރޮނީއެވެ.

އިރުކޮޅެއްފަހުން ދެ މައިން ހަމައަކަށް އެޅުނެވެ. ޝެހެނާޒުގެ އެދުމަށް ލަންޑަނުގައި އުޅުނުއިރު މެހެކުގެ ދުވަސްތައް ދިޔަ ގޮތް ކިޔައިދިނެވެ. ނޫރައިން އާއި ދިމާވިގޮތުން ފެށިގެން އެ ދެ މީހުންގެ މަޖާ ދުވަސްތަކަށްދާންދެނެވެ. ޝެހެނާޒު އިނީ ކުޑަ ކުއްޖަކު އޭނާގެ ދުވަސް ނިމިދިޔަ ގޮތް ކިޔައިދޭހެން މެހެކުގެ ވާހަކަތައް ކަނުލާ އަޑުއަހާށެވެ. މެހެކުގެ އަދާތަކުން މީސަމްގެ ހަނދާންތައް ވަރަށް ބޮޑަށް ވެސް އާދެއެވެ. މެހެކުގެ އުޅުން މި ވަގުތު އެހެރީ ހަމަ މީސަމްގެ އުޅުމެވެ. އެހާ އަނގަގަދަ ވެފައި ނިކަން ލޯބި ގޮތަށަކަށްށެވެ.

އެގޮތުގައި ދެ މައިން ތިއްބާ މީކާއިލު އައިސް ވަނެވެ. މެހެކަށް ބައްޕަ ފެނުމުން ލޮލުން ކަރުނަ ފޭބިއެވެ. “ދަރިފުޅާ ބައްޕަމެންނަށް މައާފުކުރޭ…” މީކައިލު ބުނެލިއެވެ. “އަހަރެން މަންމައަށް ވެސް ބައްޕައަށް ވެސް މައާފުކޮށްފިން….” މެހެކު ހިނިތުންވެލަމުން ބުނެލިއެވެ. “ކޮބާތަ މާމަގެ ރަންކޮޅު….” ފަހަތުން އާލިޔާގެ އަޑު އިވުނެވެ. މަޑު ހިނގުމެއްގައި އާލިޔާ އައިސް މެހެކުގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. އެއާއިއެކު އެންމެންގެ ހުނުމުގެ އަޑު އިވިލިއެވެ.

އާލިޔާ ޝެހެނާޒަށް ލޮލުން އިޝާރާތެއްކޮށްލިއެވެ. ދުރުގައި ހުރި ޝަދާނަށް ކަޅިއެއް އެއްލާފައި އެންމެންނަށް ލޮލުން އެންގީ އެހަށް ބޭރަށް ނިކުތުމަށްށެވެ. އާލިޔާގެ އެ އިޝާރާތަށް އެންމެން އަނެއްކާ ވެސް ނިކުތީ ޝަދާނަށާއި މެހެކަށް ވަގުތު ދޭންވެގެންނެވެ.

ކޮޓަރި ތެރެއިން އިވެނީ ސަކަރާތާއި މަޖަލުގެ އަޑެވެ. ދެ ޖިންސު މަސްސުނިވެ ހަޅޭއްލަވާ ހީ ސަމާސާކުރުމުގެ އަޑެވެ. ޖަހާފައި ހުރި މިއުޒިކާއި އެއްވަރަށް އަންހެނުން ބަޑިބަޑިލައްވާ މަންޒަރު ބަލަން ފިރިހެނުން ތިބީ ތަލިން ކުޅު ހިކިފައެވެ.  ކިރިޔާ ބުޑު ފޮރުވޭ ވަރަށް ލާފައި ހުރި ހެދުންތަކުން ހަމަހޭގައި ހުރި އިންސާނަކު ލަދުން އިސްތިރިކޮށްލާނެއެވެ. ނަމަވެސް އެ ކޮޓަރީގައި ތިބީ އެއަށްވުރެން މާ ޖާހިލު ބައެކެވެ. އެތަނުގައި ގިނައީ ސަރުކާރުގެ މަތީ ފަންތީގެ މީހުންނެވެ. ހައްތަހާ ވެސް ނަބީންގެ ވަތުކިބަތަކެވެ. އޭނާ ބުނިހާ ކަމެއްކުރަން ތިބި އަޅުންތަކެކޭ އެމީހުން ވަކި ތަފާތެއްނެތެވެ.

އެތަނުގައި ބިސްބުރަށް ހުރި މޭޒުގެ ކޮޅުގައި ނަބީހު އިނެވެ. އޭނާގެ ވާތްފަރާތުގައި މުޖުތަބާ އިން އިރު ކަނާތް ފަރާތުގައި ޅަ ޒުވާން އަންހެން ކުއްޖަކު އިނެވެ. ނަމަވެސް އޭނާގެ މޫނު ވަނީ މާސްކަކުން ވަންހަނާ ކޮށްފައެވެ. އެއިން ކޮންމެ މީހެއްގެ އަތުގައި ބިއްލޫރި ތައްޓެއްގައި މަސްތުވާ ޒާތުގެ ބުއިމެއް ހުއްޓެވެ. އިރުއިރުކޮޅުން އެއިން އެތިފޮދެއް ކަރުން އެތެރެކޮށްލައެވެ. އެ ކޮޓަރީގައި ޔަގީނުން ވެސް ހަމަހޭގައި ހުރި އެކަކު ވެސް ނެތެވެ.

ބެލްކަނީގައި ހުރި މަލްޝަބާގެ ލޮލުގައި ވަނީ ހުސް ކަރުނައެވެ. އޭނާގެ އަތުގައި ކުޑަވަރެއްގެ ފޮތެއް އޮތެވެ. އެ ފޮތް ވަނީ ގިނަ ދުވަސްވުމުގެ ސަބަބުން ބާވެ ހަފުސްވެފައެވެ. އެ ފޮތުގެ ކުލަ ވަނީ ފަނޑުވެފައެވެ. އޭނާ އެ ފޮތް ހިފައިގެން ހުރެ އެ ރޮނީ ގައިމު ވެސް ނަބީހުގެ ބޮޑު ސިއްރެއް ފަޅާއެރުމުންނެވެ. ނަބީހުގެ އަނދިރި ފަރާތް މިރޭ މަލްޝަބާގެ ކުރިމަތީ ވަނީ ނިއުޅިފައެވެ. އެ ފޮތުގެ ހަގީގަތަކީ ކޮބައިބާއެވެ. އެ ފޮތުގައި ވާނީ ކޮން ވާހަކަތަކެއްބާއެވެ. އެއީ ކޮން ކަމެއްގެ ހަގީގަތެއް އޮތް ސިއްރުވެރިޔާއެއް ހެއްޔެވެ؟             

 

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ލޯބިން ބުނާތީ 27

Next

(ޗެޕްޓަރ 1) …ލޯބިވާތީ

Next
June 26, 2026

(ޗެޕްޓަރ 1) …ލޯބިވާތީ

Previews
June 26, 2026

ލޯބިން ބުނާތީ 27

One Comment

  1. foohi says:
    June 26, 2026 at 12:32 pm

    haadha kurey

Comments are closed.



All Right Reserved!