ނޫރައިން ވަތް ގޮތަށް އަވަސްވީ މެހެކުގެ ޓެސްޓުތައް ހެދުމަށްށެވެ. ފަސް އަހަރު ކުރިން ވެސް މެހެކުގެ މިކަހަލަ ޙާލަތެއް ކުރިމަތިވުމުން ވެސް މެހެކުގެ ހުރިހާ ޓެސްޓުތަކެއް ހެދީ ނޫރައިންގެ ބެލުމުގެ ދަށުންނެވެ. އަދި މިހާރު ވެސް ޓެސްޓުތަށް އެ ހަދަނީ ހަމަ ނޫރައިންއެވެ. މެހެކަށް ވަމުންދާ ގޮތްތަށް އެނގޭނެ ހުރި ހަމައެކަނި މީހަކީ ނޫރައިންއެވެ. އޭރު ވެސް މެހެކާއި އެންމެ ގާތުގައިވީ ނޫރައިން މިހާރު ވެސް ބޭނުން ވަނީ އޭނާގެ އެހީތެރިކަން އެންމެ ފުރިހަމައަށް މެހެކަށް ދޭށެވެ. އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ.
ނަރުހުންނަށް އިރުޝާދުދެމުން މެހެކަށް ވެސް ނަޒަރު ހިންގަމުން ނޫރައިން އަވަސް ފަރުވައިދޭ ކޮޓަރީގައި ޙަރަކާތްތެރިވަމުންދެއެވެ. މެހެކަށް އެހެން ދިމާވީ ކުއްލިއަކަށް މާ ގިނަ ކަންތައްތަކާއި އެއްފަހަރާ ވިސްނައިގަތީމަކަން އޭނާއަށް އިނގެއެވެ. ނަމަވެސް އެކަމުގެ ތަފުޞީލު ބޮޑަށް ދެވޭނީ އާއިލާ މީހުންނަށްކަން އެނގޭތީ ނޫރައިން މިސްރާބުޖެހީ މެހެކުގެ ޙާލަތާއި ގުޅޭ ގޮތުން ޝެހެނާޒުމެންނާއި ވާހަކަދައްކާށެވެ.
އަވަސްފަރުވާދޭ ކޮޓަރިން ނިކުތް ނޫރައިން ފެނުމުން އެންމެން ފަޔަށް ހިނިއަރައިގެން އުޅޭ ފަދައިން އަވަސް އަވަހަށް ނޫރައިން ވަށާލިއެވެ. އަދި އެއްފަހަރާ ސުވާލުތައް އޮއްސާލިއެވެ. ނޫރައިން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. “އަސްލު އެންމެ ފުރަތަމަ ވެސް އަހާލާނީ ގޭތެރޭގައި ވީ ކިހިނެއްތޯ؟…” ނޫރައިން ފަހަރަކު މީހެއްގެ މޫނަށް ކަޅި ހިންގަމުން އަހާލިއެވެ. އެއާއިއެކު އެންމެން އެންމެން އެކަކު އަނެކެއްގެ މޫނަށް ބަލާލިއެވެ. ނަމަވެސް ޖަވާބުދިނީ ޝަރުއާނެވެ. ޝަރުއާނު ނޫރައިނަށް ވީގޮތް ކުރުކޮށް ކިޔައިދިނީ އެއީ މެހެކާއި ގާތް އެކުވެރިއެއްކަން އެނގޭތީއެވެ. ނޫރައިން އަށް ވީ ގޮތް އެނގުމުން އަނެއްކާ ވެސް ދޫކޮށްލީ ފުން ނޭވާއެކެވެ. ދެން ޝެހެނާޒަށް ބަލާލިއެވެ.
“އަސްލު މި ވާހަކަތައް ސިއްރުކުރުން އެހާ ބުއްދިވެރިއެއް ނޫންހެން ހީވަނީ….ބިކޯޒް…..ހާ ސިޓުއޭޝަން އިޒިންޓު ސްޓޭބަލް ނައު…” ނޫރައިން ބުނެލިއެވެ. އެންމެންގެ މޫނުތަކުން ފެނުނީ ސުވާލު މާކުތަކެވެ. “ތިބުނީ؟….” ޝަދާން އަހާލިއެވެ. އޭނާގެ މޭ ހީވަނީ ނިކުންނަން ތައްޔާރަށް އިން ހެންނެވެ. ޑަންޑަންލާފައި ތެޅޭ އަޑު ކައިރީ ތިބި މީހުންނަށް ވެސް ނީވި ނުދާނެކަން ގައިމެވެ. “އައިމް ސޯ ސޮރީ އަންކަލްސް އާންޓު….” ނޫރައިން އެންމެ ފުރަތަމަ ވެސް މައާފަށް އެދުނެވެ. “މައާފަށް މި އެދުނީ މިކަން ފަސް އަހަރުވަންދެން ސިއްރު ކުރެވުނީތީ….އެކަމަކު އައި މޭޑް އަ ޕްރޮމިސް….އައި އެމް ސޮރީ މެހެކު…” ނޫރައިން އެންމެ ފަހު ބަސް ރައްދުކުރީ މެހެކަށްށެވެ.
“މެހެކަށް ކިހިނެއްވީ؟….ދެން ސިއްރުނުކޮށް ކިޔައިދީބަލަ….” ޝެހެނާޒަށް އަވަސް އަވަހަށް ބުނެވުނެވެ. “އާންޓު…މި ފަސް އަހަރު ތެރޭ މެހެކު ވެސް ވަރަށް ސަފާރ ކޮށްފި….އަޅުގަނޑަށް މެހެކު ވަނީ އެއްވެސް ކަމެއް ސިއްރުނުކޮށް ހުރިހާ ކަމެއް ވެސް ކިޔައިދީފައި…” ނޫރައިން ބުނެލިއެވެ. “އެންމެ ފުރަތަމަ އަޅުގަނޑުމެން ދިމާވީ ލަންޑަނިން….މެހެކަކީ ރާއްޖެކަން ކުއްޖެއްކަން އެނގުމުން ދެމީހުން ރަޙުމަތްތެރިވީ…އެގޮތުގެ މަތިން އެކަކު އަނެކަކާ ވާހަކަދެކެވި ބެސްޓު ފްރެންޑްސަށް ވެސް ވީ…..މެހެކު އަޅުގަނޑަށް ވަނީ ފެމިލީގައި ވަރަށް ބޮޑު ހާދިސާއެއް ދިމާވި ވާހަކަ ބުނެފައި….މީސަމް… ޝަދާން….އަންކަލް އާންޓު މާމަ މިހެން ގޮސް އެންމެންގެ ވާހަކަ ވެސް ކިޔައިދީފައި….މެހެކުގެ ވާހަކަ ގަބޫލުނުކޮށް މަންމަމެން ވެސް އޭނާ ބާކީކޮށްލި ވާހަކަ….އެންމެ އެއްކޮށް އުޅުނު އެކުވެރިން ފައިނާ ނީރާ މެން ވެސް އިސްކުރީ ޝަދާން ކަން….އެކަމަކު ވެސް އެންމެންގެ މަތިން ހަނދާންވާ ވާހަކަ ވެސް އެ ދުވަސްކޮޅު ކީ….ދެން މެހެކަށް ރޭގަނޑު ނުނިދޭނެ….އަބަދުވެސް ވިސްނުމާއި ފިކުރު ކުރުމުގައި މުޅި ރޭގަނޑު ހޭދަކުރާނީ…އެހެންވެ އެއިރު އަޅުގަނޑު ވެސް މެޑިސިން ކިޔަވަމުން ދިޔަ ދުވަސްކޮޅު ވީމާ އަޅުގަނޑު އައީ މެހެކަށް އެހީވަމުން…..” ނޫރައިން ވާހަކަ މެދުކަނޑާލިއެވެ. އެއަށްފަހު ދެން ދެއްކީ މެހެކުގެ މެޑިކަން ހުރިހާ އެއްޗެއްލާފައި އޮތް ފައިލެކެވެ. އޭގެން ފަހަރަކު ކަރުދާހެއް ޝެހެނާޒުމެންނަށް ދައްކަމުންދިޔައެވެ.
“މިއީ މެހެކުގެ މެޑިކަލް ރިޕޯޓު….މެހެކު ތަޙައްމަލު ކުރަމުންދަނީ ޑިޕްރެޝަން ބަލި….ނަފުސާނީ ގޮތުން މެހެކު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައި….ޑިޕްރެޝަނަށް ބޭސްކާތާ ވެސް ފަސް އަހަރު ވެއްޖެ…..” ނޫރައިން ތަފުޞީލުކޮށްދިނެވެ. އެއާއިއެކު އެތަނުގައި ހީވީ ކުޑަވަރެއްގެ ބޮމެއް ގޮވިހެންނެވެ. “ސުބްޙާނައްالله…ޑިޕްރެޝަނޭ؟….” އާލިޔާ ބުނެލިއެވެ. ޝެހެނާޒަށް ގޮނޑީގައި އިށީނދެވުނެވެ. މީހާ ގަބުވެފައި އިނދެވުނީ އޭނާގެ ދޮށީ ދަރިފުޅު އެހާ ވޭނުގައި ވެސް އުޅުނު އިރު އެކަން ނުވެސް އެނގުނީމައެވެ. ނޫރައިން އަނެއްކާ ވެސް ގޮޕސް އަވަސްފަރުވާދޭ ކޮޓަރިއަށްވަނެވެ.
ޝަދާންގެ އަތުގައި އޮތް މެހެކުގެ ފޯނަށް މިހާރު ނަވީން އެ ގުޅަނީ ފަންސަވީސް ވަނަ ފަހަރަށްށެވެ. ޝަދާން ރުޅި އައިސް ރަތްވެފައި ހުރީ ނަވީންގެ ލަދުވެތިކަމެއް ވެސް ނެތީމައެވެ. މެހެކަށް އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލި އިރު ވެސް ކަހެރުވަކެކޭ ވެސް ހިތަށް ނޭރި ވިއްޔާއެވެ. މީހަކަށް އަމިއްލަ އެދުން އިސްކުރެވޭނީ އެހާވަރަށްތާއެވެ.
ނާމާންކަމުން ފުރިގެންވާ ޖިފުޓި ގަނޑުގެ ތެރެއިން ހުރި ހަމައެކަނި ކޮޓަރި ތެރޭގައި ވަނީ ފަނޑު އޮރެންޖު އަލިކަމެކެވެ. އެ ކޮޓަރި ތެރޭގައި ވަނީ އެންމެ އުއްބައްތިއެއްގެ އަލިކަމެކެވެ. ނިވިދިއްލޭ އެ އުއްބައްތީގެ ހުޅުކޮޅުގެ އަސަރު އެވަގުތު އެ ކޮޓަރި ތެރޭގައި ހުރި އިސްކޮޅުން ދިގު ޒުވާނާގެ ހިތަށް ކުރެއެވެ. އެ ޒުވާނާގެ ހިތުގައިވާ އަލިފާނުގެ ހުޅުކޮޅު އެތައް ގުނައެއް ބޮޑެވެ. އޭނާގެ އެއް އަތުގައި ކަޓަރެއް އޮތެވެ. އަދި އަނެއް އަތުގައި އަންހެން ކުއްޖެއްގެ ތަސްވީރެއް އޮތެވެ. ފުރަގަސްދީގެން ހުރި ޒުވާނާ އުއްބައްތި އާއި ދިމާލަށް އެނބުރުނެވެ. އެއާއިއެކު އޭނާގެ މޫނު އުއްބައްތީގެ އޮރެންޖު އަލިން ފާޅުވެގެންދިޔައެވެ. އެއާއިއެކު ފެނުނީ ރުޅިން ރަތްވެފައިވާ ނަވީންގެ ރުޅިވެރި ސޫރައެވެ.
ނަވީންގެ އަތުގައި އޮތް ތަސްވީރުގެ އެއް ކަން އުއްބައްތި އާއި ދިމާކޮށްލިއެވެ. އިސާހިތަކު އެ ތަސްވީރުގެ ކަނުން ފެށިގެން މުޅި ތަސްވީރު އަނދަންފެށިއެވެ. ނަވީން އެ ގެންގުޅެނީ މެހެކުގެ ޅަ ދުވަސްވަރުގެ ތަސްވީރެކެވެ. އޭރުގެ މެހެކު މީސަމާއި އެހާ ވެސް ވައްތަރެވެ. “މެހެކު ވެއާރ އާރ ޔޫ؟….” ދަތްކުނޑިވިކައިގަންނަމުން ނަވީން ބުނެލިއެވެ. އޭނާ ހުރީ ނުހަނު ބޮޑަށް ހާސްވެފައެވެ. އަނގައިން ހުތުރު ބަސްތަކެއް ވެސް ބޭރުކުރެވުނު އަދަދެއް ވެސް އެ ފަކީރަކަށް ނޭނގުނެވެ. އޭނާގެ އަނދިރި ފަރާތް ވަންހަނާވެފައިވާ ހަމައެކަނި މީހަކީ މެހެކެވެ. ނަމަވެސް މެހެކުގެ ފުށުން ފެންނަ އަސަރުތަކުން ނަވީން ހުރީ ބިރުންގެންފައެވެ. މީސަމްގެ ގާތިލަކީ އޭނާކަން އެނގުމުން މެހެކަށް ވާނީ ކިހިނެއް ހެއްޔެވެ؟.
އެ ތަސްވީރުން ނައަނދާ އޮތް ބައި ނަވީން ބިންމައްޗަށް ވައްޓާލިއެވެ. ދެން ވައަތުގައި އޮތް ކަޓަރުން ކަނާތުގައި މެހެކުގެ ނަން އިނގިރޭސި އަކުރުތަކުން ކަނޑާ ނަގާލިއެވެ. އިސާހިތަކު ނަވީން ހުރި ދިމާލުން ބިންމައްޗަށް ލޭގެ ކޯރެއް ދެމިގެންދިޔައެވެ. މިހާރު ނަވީން ޖަހަނީ މޮޔަވެފައިވާ އިންސާނެއްވައްތެރެވެ. އޭނާ ފެނުނު މީހަކު ބިރުން ފިލަން ދުއްވައިގަންނާނެއެވެ. ނަވީން ހިނގަމުން ގޮސް މީސަމްގެ ތަސްވީރުތައް ހުރި ބޯޑާއި ދިމާލަށް ދިޔައެވެ. އަދި އެތަނުން މީސަމްގެ ތަސްވީރެއް ނަގާ އެ ތަސްވީރު ބޮޑިކޮށްލާފައި ކޮޓަރިތެރެއަށް އެއްލާލިއެވެ.
ނަވީން އެފަދަ ޙާލެއްގައި ހުއްޓާ އެ ކޮޓަރީގެ ދޮރު ހުޅުވާފައި ދެން ވަނީ ހަމަ ނަވީންގެ އިސްކޮޅުވަރު ޒުވާނެކެވެ. ނަވީނާއި ވައްތަރުގޮތެއް ވެސް އެ ޒުވާނާގެ ގައިގައި ހުރެއެވެ. އޭނާ އައި ގޮތަށް އައިސް ނަވީންގެ ކޮނޑުގައި އަތްޖައްސާލިއެވެ. އޭރު ނަވީން ހުރީ އިސްޖެހިގޮތަށް ލޭގެ އަސަރު ހުރި އަތަށް ބަލަހައްޓައިގެންނެވެ. “ނަވް؟…” އެ ޒުވާނާ ނަވީނަށް ގޮވާލިއެވެ. އެ އަޑު ޖެހުމުން ނަވީން އިސްއުފުލާ އެ ޒުވާނާއަށް ބަލާލިއެވެ. “ނަވް….ތިއީ ކޮން ކަމެއް؟….” އެ ޒުވާނާ ބުނެލިއެވެ. “ޝީ ޑިޑިންޓް އާންސާރ މައި ކޯލްސް….” ނަވީން ފެށީ އެހެން ވާހަކައެކެވެ. އެ ޒުވާނާއަށް ފުންކޮށް ނޭވާއެއް ބޭރުކޮށްލެވުނެވެ. “ނަވް….ވެދާނެއްނުން މެހެކަށް ކަމެއްވީ ކަމަށް ވެސް….” އެ ޒުވާނާ ބުނެލިއެވެ.


