Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަޤުދީރު-13

Vaahaka_by_Az
Vaahaka_by_Az Level 110 Stories
June 25, 2026 7 Mins Read
1 Comment

މުޅިތަން އަލިވެގެން ދިޔަ ވަގުތު ފުރަތަމަ ވެސް ލިއަމް ހޯދާލީ ޔަލްވީ ކޮބާތޯއެވެ. އެއްވެސް ތަނަކުން ޔަލްވީ ނުފެނުމުން ޔަލްވީގެ  އެކުވެރިން ގާތުވެސް އެހިއެވެ. އެމީހުން ބުނިގޮތުގައި ޔަލްވީ ކުޑައިރުކޮޅެއް ކުރިން އެމީހުން ގާތުގައި ހުއްޓެވެ. އެއަށްފަހު ކަރަންޓު އައިރު އެއިން އެކަކުވެސް ޔަލްވީ ނުދެކޭކަމަށް ބުންޏެވެ.

ޖަލްސާގެ ބާކީއޮތް ބައި ކުރިއަށް ގެންދިއުމަށް ލިއަމް ހަވާލުކުރީ ޖިހާދު އާއެވެ. ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން ލިއަމް ދުއްވައިގަތީ ޔަލްވީގެ ކެބިން އަށެވެ. ސިޑިން ދުވެފައި އެރި ލިއަމް ގޮސް ޔަލްވީގެ ކެބިން ބެލިއިރު އެތަން އޮތީ އެއްކޮށް ހުހަށެވެ. ފަހަރަކު ފުލޯ އެއް ބަލަމުން އެކި މީހުން ގާތު އަހަމުން ދިޔައިރުވެސް އެތަނުގައި ޔަލްވީ ފެނުން މީހެއް ނެތެވެ. ޔުވާން އަށް ގުޅައިގެން ބެލިއިރު ޔަލްވީ ގެއަށް ނުދާ ކަމަށް ބުންޏެވެ. އެހާ ހިސާބުން ލިއަމްގެ ސިކުނޑިއަށް ކަމެއް ގޯސްވެއްޖެ ކަމުގެ ސިގުނަލް އަޅާލިއެވެ. ސިޑިން އެރުމުގެ ސަބަބުން ދާހިއްލާ ފޯވެފައި ހުރި ލިއަމް ކެބިން ތެރެއަށް ވަދެ ލައިގެން ހުރި ކޯޓު ނަގާ ބިންމައްޗަށް ހޫރާލިއެވެ. އަދި އަތްމަތި އަވަސް ކޮށްލަމުން  ކެމެރާތައް ބެލުމަށް އަވަސްވެލިއެވެ. ކަރަންޓު ދިޔަ ވަގުތަށް ވުމުން  ކެމެރާތަކުން ވެސް އެއްވެސް އެއްޗެއް ނުހޯދުނެވެ.

ބާރު ހިނގުމުގައި ހޮސްޕިޓަލުން ނުކުތް ލިއަމް ކާރަށް އަރައި ދުއްވާލީ ދާނެ ވަކި މަންޒިލެއް ނެތިއެވެ. ފޯނު ނަގައި ނަމްބަރަކަށް ގުޅާލަމުން ފޯނު ކަންފަތުގައި ޖަހާލިއެވެ. ”ހެލޯ އިރުޝާމް…..ހުރިހާ ސެކިއުރިޓީ ޓީމްތަކުގެ ލީޑަރުންނަށް އެލާޓް ކޮށްފަ ބުނޭ ކުރިއަށް އޮތް 10 މިނެޓްތެރޭ  ފޯލްއިން ވާން“

ސިފައިންގެ ހެޑްކުއާޓާ އަށް ވަދެގެން ދިޔަ ލިއަމް ހުރިހާ ސެކިއުރިޓީ ޓީމުގެ އެންމެނަށް ކަންކުރަންވީ ގޮތުގެ އިރުޝާދު ދީފައި  ލިއަމްގެ މައްޗަށް ހުންނަ ކޮމަާންޑަރަށް ވެސް ވާނުވާ އަންގާލިއެވެ.

ކާރަށް އަރައިގެން ބާރު ސްޕީޑުގައި ދުއްވަމުން އެކި ތަންތަން ހޯދާ ބަލަމުން ދިޔައިރު ލިއަމް ހީވީ ދެންމެ ދެންމެ ދުއްވާ އެއްޗެއްގައި ޖައްސަފާނެހެނެވެ. އެއް އަތުން ހުންގާނުގައި ހިފައި އަނެއް އަތުން ރިންގުވަމުން ދިޔަ ފޯނު ނަގާ ބަލާލިއިރު ގުޅަނީ ޔުވާން އެވެ. ޔުވާންއާއި ވާހަކަ ދެއްކުމަށް ފަހު ފޯނު ބާއްވަމުން ކާރު އަނބުރާލީ ޔުވާންމެންގެ ގެއާ ދިމާއަށެވެ.

………………………….

ލިއަމް ގޮސް ވަތްއިރު ސިޓިންރޫމް ސޯފާގައި އާޔަތު އާއި މަހީރް ތިބި އިރު ޔުވާން އިނީ ކާމޭޒު ކައިރީ އިން ގޮނޑިއެއްގައެވެ. މޭޒު ކައިރީ ލެގިލައިގެން އަޒާން ހުރީ ކޮޅަށެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަނީ ހާސްކަމާއި ކަންބޮޑުވުމެވެ.

”ވެއާ ކުޑް ޔަލްވީ ގޯ މިއޮއްފަދަ ރޭގަނޑު….މިހާރު ނުގުޅާ އެކަކުވެސް ނެތް ….ޔަލް ދަންނަ ހުރިހާ ފްރެންޑްސް އަށް ވެސް ގުޅިއްޖެ“ ލިއަމް އައިސް މަޑު ޖެހިލުމާއެކު ޔުވާން ވާހަކަ ދެއްކިއެވެ.

”ވަކި އެއްޗެއް ބުނާކަށް ނޭނގެ ހީވަނީ މީ މީހަކު ގަސްތުގައި ކުރި ކަމެއްހެން…..ހޮސްޕިޓަލުގެ ކަރަންޓު ދިޔަ ވަގުތު ޔަލްވީ ގެއްލުނީ…..ކަރަންޓު ކެނޑުނީމަ ސީސީޓީވީ ފުޓޭޖުތައް ވެސް ހުރީ ކަވާ ނުވެ“ ލިއަމްގެ މޫނުމަތިން ވެސް ހާސްކަމުގެ އަސަރު ފެންނަން ހުއްޓެވެ.

”ކިހިނެއް ލިއަމް އަށް އެނގެނީ މީ މީހަކު ޔަލް އަށް ކުރި ކަމެއް ކަން“ ވިސްނަން އިނދެފައި އާޔަތު ލިއަމްއަށް ސުވާލުގެ ނަޒަރަކުން ބަލާލިއެވެ. ”އެބައުޓް ދެޓް……ޔަލްވީ ގެ ފަހަތުން މިރޭވެސް ބަޔަކު އަޅުވާލިތަން އެބައިން ކެމެރާއަށް އަރާފަ“ ލިއަމްގެ ފޯނުން ފުޓޭޖު އަޅުވާލަމުން އެންމެނަށް ދައްކާލިއެވެ.

”ދެން އަޅެ ކީއްކުރާނީ…..އެމީހުން ޔަލްއަށް ކަމެއް ކުރީތަ؟ ޔަލް ހޯދަން ދާން ހިނގާބަ“ މަހީރް އިނީ ހާސްވެގެން ރޮވެން ކައިރިވެފައެވެ.

”މިހާރުވެސް ސިފައިންގެ ސެކިއުރިޓީ ޓީމުން ދަނީ ޔަލްވީ ހޯދުމުގެ މަސައްކަތް ކުރަމުން…..މާލެ އާއި ހުޅުމާލެ އަދި ވިލިމާލެވެސް ހޯދަމުން ދަނީ….އަހަރެންވެސް މިދަނީ ޓީމް އާއެކު ދާން“ ލިއަމް ފޯނު ޖީބަށް ލަމުން ދޮރުން ނުކުންނަން ހިނގައިގަތެވެ.

”ލިއާ މަޑު ކުރޭ….އަހަރުންވެސް ދާނަން“ އަޒާން ޔުވާންއަށް ބަލާލަމުން ބޯޖަހާލީ ދާން އިޝާރާތް ކޮއްލަމުންނެވެ. ޔުވާން އިނީ ކޮއްކޮއަށް ވީގޮތެއް ނޭނގުމުން ހަދާނެ ގޮތް ހުސްވެފައެވެ. ލިއަމް ބޯ ޖަހާލުމުން ޔުވާން އާޔަތު އަދި މަހީރް ގާތު ދޮރު ތަޅުލައިގެން ތިބުމަށް ބުނެފައި އަޒާން އާއި ލިއަމްގެ ފަހަތުން ނުކުތެވެ.

…………………….

ސިފައިންގެ ސެކިއުރިޓީ ޓީމް އަދި ފުލުހުން ވެގެން މަސައްކަތް ކުރަމުން ދިޔައިރުވެސް ޔަލްވީގެ ހިލަމެއް ވެސް ނުވިއެވެ.

”ކޮބާ އެއްވެސް ކުރިއެރުމެއް ލިބިއްޖެތަ؟“ އިންޑަސްޓްރިއަލް ޒޯނުގައި ހަރަކާތްތެރިވަމުން ދިޔަ ސެކިއުރިޓީ ޓީމުގެ ލީޑަރަކަށް ހުރި އިރުޝާމް ގާތު ލިއަމް އަހާލިއެވެ.

”ސަރ….މުޅި ގްރޭޓާ މާލެ އޭރިއާ ބެލިއްޖެ…..އަދިވެސް ޑަބަލް ޗެކް ކުރަމުން ހުރިހާ ތަނެއް ބަލަމުން މިދަނީ….އަޕްޑޭޓެއް ލިބުނުހާ އަވަހާ އިންފޯމް ކޮށްލާނަން“ އަދަބުވެރިކަމާއެކު އިރުޝާމް ބުނެލިއެވެ. ލިއަމް ބޯ ޖަހާލުމުން އިރުޝާމް އެނބުރި ޓީމް އާއެކު މަސައްކަތުގައި ބައިވެރިވިއެވެ.

ދަންވަރުން އަނބުރާ 3 ޖެހިއިރުވެސް ޔަލްވީގެ ޙަބަރެއް ނުލިބުމުން ލިއަމްގެ އިރުޝާދަށް ސެކިއުރިޓީ ޓީމުން ނިންމީ މަސައްކަތް މެދުކަނޑާލާފައި ހެނދުނު ފެށުމަށެވެ.

އަނދިރިކޮށް އޮތް ސިޓިން ރޫމުގެ ބޮޑު ސޯފާގައި ނިދި ޖެހިފައި އިން މެހެކް އަށް ހޭލެވުނީ ލިއަމް ވަދެ ދޮރު ޖެހި އަޑަށެވެ. ”ލިއާ ކޮންތާކުން ތިއައީ؟….މިހާރު ކޮން އިރެއް އަހަރެން ލިއާގެ އިންތިޒާރުގައި އިންނަތާ….ޕާޓީ ތެރެއިން ގެއްލުނު ގޮތަށް ޙަބަރެއް ވީކީ ނޫން….އަހަރެން ކިތައް ފަހަރު ގުޅައިފިން އެކަމް ފޯނު ބިޒީ ކޮއްލަނީ“ ފުންމައިގެން ތެދުވި މެހެކް ގޮސް ލިއަމްގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ޅަކުއްޖަކު ފަދައިން ޝަކުވާ ކޮއްލިއެވެ. މެހެކްގެ އަތް ފޮޅުވާލަމުން ލިއަމް ގޮސް ކޮޓަރީގެ ދޮރު ހުޅުވާލި ހިނދު މެހެކް އައިސް ލިއަމް ހުއްޓުވިއެވެ.

”ސްޓޮޕް އިޓް މެހެކް….ދެން މިގަޑި އަކު ނޫން“ މެހެކް އުޅޭގޮތުން ލިއަމް ހުރީ ބޮލަށް އުނދަގޫވެފައެވެ. މެހެކް އެ ހުރިތާގައި ހުއްޓާ ލިއަމް ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ.

”އަހްހްހްހް….ޕްރިންސެސް ވެއާ އާ ޔޫ“ ލިއަމް ދެއަތުން އިސްތަށިގަނޑުގައި ހިފަހައްޓާލަމުން ސޯފާ ކައިރިއަށް ތިރިވިއެވެ. އެތައް އިރަކު ބިންމަތީގައި އިނުމަށްފަހު ތެދުވެގެން ގޮސް ލައިގެން ހުރި ގަމީސް ހަށިގަނޑާއި ވަކި ކޮށްލުމަށްފަހު ފާހަނައަށް ވަދެ ފެންމާގަނޑު ދޫކޮށްލީ ފިނިފެން އަންނަ ގޮތަށެވެ. ދަންވަރުގެ އެ ފިނިވަގުތުވެސް ގަނޑުފެންހާ ފިނިފެން ލިއަމްގެ ހަށިގަނޑުން އޮހޮރިގެން ގޮސް ތަޅުންގަނޑު މައްޗަށް ފައިބައިގެން ދާތަން ބަލާލަން ކިތަންމެހާވެސް ހިތްގައިމެވެ. އެތައް އިރަކު ފެންމާގަނޑު ދޮށުގައި ހުރީ އެ ސިކުނޑިއަށް ލުޔެއް ލިބޭތޯއެވެ. ހިތުގައި އަޅާވޭން އެހެން މީހުނާއި ހިއްސާ ކުރުމަށްވުރެ އެކަން އަމިއްލައަށް ހިންދާލައި ހާސްކަން ފިލުވުމަށް ދަންވަރުގެ ވަގުތު ފިނިފެނުން ފެންވެރުން ވަނީ ލިއަމްގެ އާދައަކަށް ވެފައެވެ.

…………………….

މުޅި ތަނައްވަނީ އަނދިރިކަން ވެރިވެފައެވެ. ކުޑަކުޑަ ޖިފުޓި ގަނޑެއްފަދަ އެ ކޮޓަރިތެރޭގައި ކުޑަވެސް އަލިކަމެއް ފެންނަން ހުރީ  މޭޒުމަތީގައި ދިއްލާފައި ހުރި ފާނޫޒުންނެވެ. ބަލާބެލުމަށް އެތަން ހީވަނީ ހަތަރެސްކަން ފޮއްޓެއް ހެނެވެ. ފާރުކައިރީ ކުނަލެއް އަޅާފައި އޮތްއިރު އެކުނާ މަތީގައި މީހަކު އޮތްހެން ހީވެއެވެ. އެ އަނދިރި ކަމުން ރޭގަނޑެއް ދުވާލެއް ވަތްކެއް ނުވެއެވެ.

ދޮރު ހުޅުވާލާފައި ވަދެގެން އައީ ދުވަސްވީ ފިރިހެނަކާއި  ޒުވާން ފިރިހެނެކެވެ. ”ހެއި ބޭބް…..ލޯންގް ޓައިމް؟“ ކުނާ ކައިރިއަށް ތިރިވެލަމުން އެ ޒުވާނާ ބުނެލިއެވެ. ކުނާ މަތީގައި އެއްފަޅިއަކަށް އެނބުރިގެން އޮތް ޔަލްވީ މަޑުމަޑުން އެސްފިޔަތައް ތަޅުވާލަމުން ލޯ ހުޅުވާލިއެވެ.

”ހާޒިމް؟“ ޔަލްވީގެ އަޑު ނުކުތީ ކިރިޔާއެވެ. ކުރިމަތީގައި އެ އިނީ ޔަލްވީ އެ ސޫރައެއް އެންމެ ދެކެން ބޭނުން ނުވާ މީހާއެވެ. ޔަލްވީގެ އަލަތު ލޯބިވެރިޔާއެވެ. ފަސް އަހަރު ފަހުން ހާޒިމް އެހުރީ އަނެއްކާވެސް ޔަލްވީގެ ކުރިމަތީގައެވެ.

……………………..

އެއީ މީގެ ފަސް އަހަރު ކުރިއެވެ. ޔަލްވީގެ އުމުރުން އެންމެ 18 އަހަރެވެ. ރަށުފެންވަރުގައި އޯލެވެލް ނިންމާލީ ރަން ވަނަތަކާއެކުއެވެ. އޯލެވެލް ނިންމައި އޭލެވެލް ހެދުމަށް ޔަލްވީ މާލެ ބަދަލުވިއެވެ. އޭރު ޔުވާންވެސް ކިޔަވަން ރާއްޖެއިން ބޭރު ހުރުމުން މާލޭގައި އާއިލާ މީހެއް ނެތުމުން ޔަލްވީއަށް ޖެހުނީ ބައްޕަގެ ރައްޓެއްސެއްގެ ގޭގައި ހުންނާށެވެ. އޭލެވެލް ކިޔެވި ދުވަސްވަރުގައި ޔަލްވީ މާލެއަށް އާ ވެފައި އޭރު މިޒާޖުގެ ގޮތުން މަޑުން ހުންނާތީ އެކުވެރިއެއްވެސް ނުހުރެއެވެ. އެހެން ކަމުން ފޫހިވެ ގިނަ ވަގުތު ހޭދަކުރެވެމުން ދިޔައީ ސޯސަލް މީޑިއާގައެވެ.

އެހެންދުވަސް ތަކެކޭ އެއްފަދައިން މިއަދުވެސް ސްކޫލުން އައިގޮތަށް ޔަލްވީ ދިޔައީ ފޭސްބުކް ސްކްރޯލު ކުރަމުންނެވެ. ލިބިފައިވާ ފްރެންޑު ރިކުއެސްޓް ތައް ބަލަމުން ގޮސް ހާޒިމްގެ ޕްރޮފައިލަށް ވަދެ ބަލަން ފެށިއެވެ. ހާޒިމް ލާފައިވާ ފޮޓޯގަނޑު ޔަލްވީއަށް އަޅައިގަންނަ ގޮތެއް ހުރުމުން ފްރެންޑު ރިކުއެސްޓު ކޮންފޯމް ކޮއްލިއެވެ. ހަމައެއާއެކު ހާޒިމް ގެ މެސެޖެއް ލިބެން މިނެޓެއްވެސް ނުނެގިއެވެ. ޔަލްވީ ފުރަތަމަ އެއަށް ޖަވާބު ދިނީ ޖެހިލުންވެ ހުރެއެވެ. ނަމަވެސް ފަހަރަކު މެސެޖަކަށް ޖަވާބުދެމުން ޔަލްވީ ވެސް އެތައް ސުވާލެއް ކުރިއެވެ.

ދުވަސްތައް ވޭތުވަމުން ދިޔައީ ޔަލްވީ އާއި ހާޒިމް ޗެޓު ކުރުމުގައެވެ. އެދެމެދުގައިވާ ގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ބަދަހިވަމުންނެވެ. ހާޒިމް ލޯބި ހުށަހެޅުމުން ޔަލްވީ އެ ޤަބޫލު ކުރީ ހިތުން ރުހުމުންނެވެ. ދެމީހުންގެ ބައްދަލުވުން ތަކާއި ލޯބިވެތި މެސެޖުތައް ދިޔައީ އިތުރުވަމުންނެވެ. ދަންވަރުގެ ނިދި ގުރުބާންކޮށް އެކަކު އަނެކަކަށް މެސެޖުތައް ކުރުމުގައި ހޭދަވެގެން ދެއެވެ. ޔަލްވީ ގިނަ ވަގުތު ޗެޓު ކުރުމުގައި ހޭދަ ކުރުމުގެ ސަބަބުން ކިޔެވުން ދިޔައީ ދަށަށެވެ. އިމްތިހާނު ތަކުން ފެއިލްވަމުން ދިޔައެވެ. އާއިލާ އާއި އޮތް ގުޅުންވެސް ހީނަރު ވަމުން ދިޔައެވެ.

ޔަލްވީއަށް އަންނަން ފެށި ބަދަލުތަކުން އާއިލާގެ އެންމެންވެސް އިންތިހާއަށް ކަންބޮޑުވިއެވެ. ޔަލްވީއަށް ވެގެން އުޅޭ ގޮތެއް ބަލަންފެށުނީ އެހިސާބުންނެވެ. ޔަލްވީއާއި ހާޒިމްގެ ގުޅުމަށް ގިނަ ދުވަސް ވީހެން ޒުވާބު ކުރުމާއި މައްސަލަތައް ޖެހޭލެއް ގިނަވިއެވެ. ހާއްސަކޮށް އިމްތިހާނު ތަކާއި ދިމާކޮށް  އަރާރުންވުންތައް ވީ އިތުރެވެ. އެކި ގޮތްގޮތުން ޔަލްވީ އުޅޭގޮތް ބަލަމުން ދިޔަ ޔަލްވީގެ މައިންބަފައިންނަށް ހާޒިމް އާއި ބެހޭ ގޮތުން އެނގުނެވެ. ވަގުތުން ޔާސިރު އެކަމަށް ދެކޮޅު ހެދިއެވެ. ހާޒިމް އާއި ޔަލްވީގެ ގުޅުމަށް އެންމެން ވެސް ނުރުހުނެވެ. ހާޒިމް އަކީ އުޅުން ރަނގަޅު މީހެއް ނޫން ކަމުގައި ބުނެދިނެވެ. ނަމަވެސް ޔަލްވީގެ ބޯހަރުކަމުން އެކަން ޤަބޫލެއް ނުކުރިއެވެ. ޔަލްވީ ދެކުނީ ހުރިހާ އެންމެން ވެސް ޔަލްވީގެ އުފާތަކަށް ހުރަސް އަޅާކަމުގައެވެ.

އާއިލާ އާއި ދެކޮޅަށް މާގިނަ ދުވަހު ޔަލްވީއަކަށް ހާޒިމް އާއި ގުޅުން ބާއްވަން ނުކެރުނީއެވެ. އެތައް ގޮތަކަށް ވިސްނުމަށް ފަހު ޔަލްވީ ނިންމީ ހާޒިމް އާއި ވަކިވާށެވެ. ކޮންމެވެސް ދުވަހަކު އާއިލާގެ ރުހުން ލިބޭނެކަމުގެ އުންމީދުގައެވެ. އެދުވަހު ހާޒިމްވެސް ރުޔެވެ. ހާޒިމްގެ ލޮލުން ވެއްޓޭ ކަރުނަ ތިކިތައް ހީވީ ޔަލްވީގެ ހިތްކުދިކުދި ކޮށްލިހެނެވެ. ހާޒިމް އެތައް ވައުދު ތަކެއްވީ އާއިލާގެ ރުހުމާއެކު ޔަލްވީ އެނބުރި އަންނަންދެން އިންތިޒާރު ކުރާނެކަމުގައެވެ. ޔަލްވީ އެކަން ޤަބޫލުވެސް ކުރިއެވެ.

ހާޒިމްގެ ހަޤީގަތް އެނގުނު ދުވަހަކީ ޔަލްވީގެ މުޅި ދިރިއުޅުން ހުއްޓުނުހެން ހީވި ދުވަހެވެ. އިންތިހާއަށް ލޯބިވި ބައިވެރިޔާ އެހެން އަންހެން ކުއްޖަކާ ގުޅުނީ ޔަލްވީއާއި ވަކިވިތާ އެންމެ ދެ ދުވަސް ތެރޭގައެވެ. އެދުވަހަކީ ޔަލްވީގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔަ ދުވަހެވެ. ދުވަހަކުވެސް ހާޒިމްގެ ކުރިމައްޗަށް ނާރާނެކަމަށް އަމިއްލަ ނަފްސަށް ވައުދު ވިއެވެ. ކިޔެވުން ހަލާކުވުމުގެ ސަބަބުން އަލުން އެކަން ރަނގަޅުކޮށް މައިންބަފައިން ފަޚުރުވެރިވާނޭ ފަދަ ނަތީޖާއެއް ނެރުމަށް އަޒުމު ކަނޑައެޅިއެވެ.

………………..

މާޒީގެ ތެރެއަށް ގެނބިފައި އިން ޔަލްވީ ސިހުނީ ހާޒިމް ފުއްޓަތްކެއް ޖަހާލުމުނެވެ.

”ކީއްކުރަން ހާޒިމް ތިއައީ؟…..ކީއްވެ އަހަރެން މިތަނަށް ގެނައީ“ ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ޔަލްވީ ހާޒިމްއަށް ދިނީ ނަފްރަތުން ފުރިގެންވީ ނަޒަރެކެވެ.

”ހަހަހަހަ…..ހަމަ މިސްވެގެން މިއައީ….ބޭބް މިސްއެއް ނުވޭތަ…..މިހާރު އަދި މާބޮޑަށްވެސް ރީތިހެން ހީވޭ“ ޔަލްވީގެ ކޮލުގައި ފިރުމާލަމުން ހާޒިމް ހީގަތެވެ. ”ޗީ…..އަހަރެންގައިގަ އަތް ނުލާތި….. އަހަރެން ހާޒިމް އަށް ނަފްރަތު ކުރަން“ ޔަލްވީ ހާޒިމްގެ އަތް ފޮޅުވާލިއެވެ.

”މަށަށް ކީއް ޔަލްވީ އަހަރެން ދެކެ ކިތަންމެ ނަފްރަތެއް ކުރިޔަސް…. އަހަރެން އޭރުވެސް ޔަލްވީ ދެކެ ލޯތްބެއް ނުވޭ…. އައި ޖަސްޓް ޔޫސްޑް ޔޫ….ހީކުރީ މަށަށް އަންހެނުން ނުވާނެކަމަށްތަ“ ހެމުން ހެމުން ހާޒިމް ޔަލްވީގެ ދެކޮލުގައި ހިފައި ފިއްތާލިއެވެ. ”އަހްހްހް….ދޫކުރޭ…އަހަރެން ދިޔަ ދީ… އަހަރެން ކީއްތަ ކުރީ…..ކީއްވެ ތިހެން ތި ހަދަނީ“ ޔަލްވީ އަށް ރޮވެން ފެށުނެވެ.

”ކީއްހެއްޔޭ ކުރީ؟….ބުނެބަލަ ކީއްހެއްޔޭ  ނުކުރަނީ… ހަނދާން ވޭތަ އަހަރެން މަތިން؟“ އަނދިރީގައި ހުރި ދުވަސްވީ ފިރިހެން މީހާ ހިފައިގެން ހުރި ފާނޫޒު މޫނާއި ކައިރިކޮށްލުމުން އޭނާގެ ސޫރަ ރީތިކޮށް ޔަލްވީއަށް ފެނުނެވެ.

”ތީ ޖިމުން ފެނުން މީހާ؟“ ޔަލްވީއަށް ލިބުނީ ސިހުމެކެވެ. އެދުވަހު ޖިމުން ޔަލްވީ އާއި ދިމާވެގެން ޔަލްވީ އާއި ވަހުޝީ ފާޑަކަށް ބަލަމުން ވާހަކަ ދެއްކި މީހާ އެހުރީ ކުރިމަތީގައެވެ.

”މާ ބޮޑަށް ޝޮކްވީ ދޯ….ހާސްނުވޭ އަދިވެސް އެބަހުރި ސަޕްރައިޒެސް…އެއީ އަހަރެންގެ ބައްޕަ މުފީދު….ޔަލްވީ އާއި ހެދި ލިއަމް އަހަރެންގެ ބައްޕަ ފުލުންހުންނާއި ހަވާލުކޮށް އަބުރުގެ ދައުވާ ކުރީ….ޖަލުން ސަލާމަތް ވެގެން ވެސް ބައްޕައަށް އެހެން ތަނަކު މަސައްކަތް ނުކުރެވޭނެ ފަދައިން ބޭން ކޮއްފައި އޮތީ….. އަހަރެންގެ ބައްޕަ އެންމެ ޒުވާން އިރުން ފެށިގެންވެސް އެންމެ ގަޔާވެގެން ކުރަމުން އައި އެއް ކަމަކީ ޖިމް އިންސްޓްރަކްޓަރުކަން….ކަލޭގެ ލިއަމްގަނޑާ ހެދި އެކަން ވެސް އެގެއްލުނީ“ ހާޒިމް އެންމެ ފަހު ޖުމްލަ ބުނެލަމުން ޔަލްވީގެ އަތުގެ ކުޑަހުޅުގައި ހިފައި ކޮޅަށް ނަގައި ފާރާއި ދިމާއަށް ހޫރާލިއެވެ.

ދަގަނޑު ފާރުގައި ޖެހުންލެއް ބާރުންކަމުން ޔަލްވީގެ އަނގައިން މަޑު ހަޅޭކެއް ނުކުތެވެ. ޔަލްވީގެ އަތުގައި ހާޒިމް ހިފި ތަނުގައި ދިލަ ނަގަމުން ދިޔައެވެ. އެހިނދު ދޮރު ހުޅުވާލާފައި ވަދެގެން އައީ މެހެކް ނޫން ދެވަނަ މީހެއް ނޫނެވެ. މެހެކް ބޮލުން އިޝާރަތް ކޮއްލުމުން ހާޒިމް އަދި މުފީދު އެތަނުން ނުކުމެގެން ދިޔައީއެވެ.

”ޕުއާ ޔަލްވީ…..ބެގިން ފޯ ހެލްޕް…އެކަމް ކާކު އަންނާނީ ދޯ ޔަލްވީ ހޯދަން….ހަހަހަހަ“ މެހެކްގެ ހުނުން މުޅިތަނުގައި ގުގުމައިގެން ދިޔައެވެ. އުނދަގޫ ގޮތަކަށް ޔަލްވީ ތެދުވެ އިށީނެވެ.

”ބުނަން….ކަލޭ ހީކުރީތަ ލިއަމް އާއި ގާތް ވެވޭނޭ…..ހީ އިޒް އޮންލީ މައިން…. ހީބިލޯންގް ޓު މީ…. ތިކަހަލަ މީހަކާ ލިއަމް ވައިވެސް ނޭޅޭނެ…. ޔޫ އާނޮޓް އިވެން ހިސް ޓައިޕް“ މެހެކް އަރައިގެން ހުރި ހިމަ ކަށި ބޫޓުން ޔަލްވީގެ އަތްތިލައަށް އަރާ ފިތާލިއެވެ. ވީތަދުން ޔަލްވީ މެހެކް ފައިގައި ހިފައި ދަމާލުމުން ނުވިސްނާ ހުރި މެހެކް ބިންމައްޗަށް ވެއްޓުނީއެވެ. ޔަލްވީގެ އެ ހަރަކާތުން މެހެކްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ޔަލްވީގެ އިސްތަށިގަނޑުގައި ހިފައި ދަމައި ގަތެވެ. ޔަލްވީގެ ލޮލުން ކަރުނަ ފައިބައިގެން ދިޔައީ ވީތަދުންނެވެ.

”އަހަރެން ނޫޅެމޭ ލިއަމް ނުލިބިގެނެއް…. މިހާރުވެސް ލިއަމް އެއީ މެހެކްގެ އެއްނު“ ޔަލްވީ ދެރަވެލާފައި ބުނެލިއެވެ. ”ގުޑް….މިހާރު ތި ވިސްނެނީ ރަނގަޅަށް…މީގެ ކުރިން ވެސް ތިހެން ވިސްނި ނަމަ މިތާގައި އޮންނާކަށް ނުޖެހުނީނު….ޓޫ ބޭޑް“ ޔަލްވީގެ ބޮލުގައި ހިފާ ބިންމައްޗަށް ކޮއްޕާލިއެވެ.

”ދެޓްސް އިނަފް…..މާބޮޑުވަރު ނުކުރާތި….އޭނަ މަރުވެއްޖިއްޔާ އަހަރުމެން ޖެހެނީ ޖަލަށްދާން“ އިވުނު ބާރު އަޑުފަށްގަނޑަށް އެތެރެއަށް ވަދެގެން އައި ހާޒިމް ބުނެލިއެވެ.

”އޯހް….ދެރަ ވީތަ ފަސްޓް ލަވް އަށް އަނިޔާވާތީ“ މެހެކް މަލާމަަތުގެ ރާގަކަށް ބުނެލިއެވެ. ”ލުކް މެހެކް އަހަރެން މިކަމުގަ ބައިވެރިވީ މެހެކް ބޭނުން ވެގެން އެންޑް ބައްޕައަށް ޓަކައި ރިވެންޖް ނަގަން ވެގެން…..އެކަމް ކަމެއް ގޯސްވާ ހިސާބުން ރޯޅި އަންނާނެ އަހަރުމެން އެންމެނަށް“ ހާޒިމް ސީރިއަސްވެލިއެވެ.

”ތީނައަށް މިކަން ނުވަންޏާ ބުނޭ މަ ހޯދާނަން އެހެން މީހުންވެސް މިކަމަށް….އެދުވަހު އަހަރެން ޔަލްވީ އާއި ލިއަމް އަށް ރެސްޓޯރެންޓުން ފާރަލަނިކޮށް ފެނުނީ ކަލޭ ޔަލްވީގެ ތައްޓަށް ސީފުޑް އެޅިތަން …….ފެނިގެން ޔަޤީންވީ އަހަރެން ނޫނަސް އެމީހުންގެ ހަލާކަށް އެދޭ އެހެން މީހެއް ވެސް ހުރިކަން….އެހެންވެ އަހަރެން ކަލެއަށް އެދެމީހުން އެކުގައި ތިއްބާ ފޮޓޯތައް ނަގާފައި ފޮނުވީ….އަހަރެންގެ ޕްލޭންގައި ބައިވެރި ކުރުވަންވެގެން އަހަރެން އެހެން ހެދީ…..އެކަކު ދެކެ ނަފްރަތު ކުރާ ދެމީހުން އެއްގަލަކަށް އެރީމަ ސަކްސެސްފުލް ވާނެ ކަމަށް އަހަރެން ދެކުނީ…..އެކަމް ކަލޭ ތިއުޅެނީ މީނައަށް ގޮތެއް ވެދާނެތީ ބިރުން“ ރުޅި އައިސް ހުރެ މެހެކް އެއްފައްޗަކަށް ކިޔާލިއެވެ.

”މެހެކް ބޭނުންތަ އަހަރުމެން ގެ މިހުރިހާ ދުވަހުގެ ޕްލޭން ފަނިވާން….އެހެންވެ މިބުނަނީ ބީ ކެއާފުލް އޭ“ ހާޒިމް ޔަލްވީއަށް ނަޒަރެއް ދީފައި އެތަނުން ނުކުމެގެން ދިޔައީ މެހެކް ގޮވައިގެނެވެ.

ފާރުގައި ލެގިލައިގެން ޔަލްވީ ކުރުގެޅިލީ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނުންނެވެ. އޭނައަށް އޮވެވުނީ ކޮންތާކު ކޮންހިސާބަކު ކަމެއްވެސް ނޭގެއެވެ. ޔަލްވީ ހޯދަން އެންމެން ހާސްވެގެން އުޅޭނެވަރު އޭނައަށް އެނގެއެވެ. ހާޒިމްގެ ބަސްތަކުން ޔަލްވީއަށް އިތުރަށް ރޮވެން ފެށުނެވެ. އެހުރިހާ ދުވަހު ޔަލްވީ ވީ ލޯބީގެ ބަދަލުގައި ހާޒިމް ދެކުނީ ޔަލްވީ އެއީ ޓައިމް ޕާސްއެއް ގޮތުގައެވެ. ތަނަށް ވެރިވެފައިވާ އަނދިރިކަމާއި  ހިތުގައި އަޅަމުން ދިޔަ ވޭނުގައިވެސް ޔަލްވީއަށް ސިފަވީ ލިއަމްގެ ސޫރައެވެ.

Share Article

Vaahaka_by_Az
Follow Me Written By

Vaahaka_by_Az

Level 110 Stories

Pages that feel like alternate realities, where every chapter feels personal!

Other Articles

Previous

ނޭދެން ވަކިވާކަށް 19 ވަނަ ބައި

Previews
June 25, 2026

ނޭދެން ވަކިވާކަށް 19 ވަނަ ބައި

One Comment

  1. zahra says:
    June 25, 2026 at 4:09 pm

    soo pretty.. can’t wait for next

Comments are closed.



All Right Reserved!