ގާތުގާ… 30
އިސްކޮޅުގައި ބޮޑު ތަފާތެއް ހުރުމުން އަހަރެން ޒާނާގެ އުނަގަނޑުގައި ހިފައި އަހަރެންގެ މޫނާއި ހަމައަށް އުފުލައިލީމެވެ. ޒާނާގެ އެއްފައި އަހަރެންގެ އުނަގަނޑާއި ދިމާއަށް އުފުލައިލިއެވެ. ކެތްތެރިކަމުގެ އެންމެ ފަހު އިމްތިހާނު ކުރެވުނު ވަގުތަކީ އެއީއެވެ. ބޯކޮށް ވެހެމުން ދިއަ ވާރޭގައި ދެޖިސްމު ތެމި ފޯވަމުން ދިޔައިރު އެ ވާރޭވެސް…….. އެ ފިނިކަން ވެސް……. އަދި އެ ހިނދުކޮޅުވެސް އަހަރެމެން ދެމީހުން އެކަތިގަނޑަކަށް ހަދަން ދައުވަތު ދެމުން ދިއައެވެ. ކަނާތުން އަހަރެން ޒާނާގެ މޫނުގައި އަތް ޖައްސައިލީމެވެ. މަޑުމަޑުންނެވެ. ވާރޭގައި ތެމި ފޯވަމުން އެދާ އެ މަލުގެ އެންމެ ފިޔައަކަށްވެސް ގުޑުމެއް ނާރާނެހާ ފަރުވާތެރި ކަމާއިއެކުގައެވެ. މިވަގުތަށް އަހަރެން އިންތިޒާރު ކުރާތާ ކޮން ދުވަހެއް ހެއްޔެވެ؟ މިއީ ކިހާ ދިގު އިންތިޒާރެއްގެ ނިމުން ހެއްޔެވެ.؟ އެންމެ ފަހުން އެ ހަންހާރަވެތި ވަގުތުވެސް އައިސް މިއޮތީ ޖެހިފައެވެ. އެ ދިގު އިންތިޒާރަށް މިއޮތީ ނިމުމެއް ވެސް އައިސްފައެވެ.
*****
އަހަރެން ކުއްލިއަކަށް ޒާނާގެ އުނަގަނޑުން ދޫކޮށްލީމެވެ. ޒާނާއާއި ދުރަށް ޖެހިލުމަށްޓަކައި ފަހަތަށް ފިޔަވަޅެއް އެޅީމެވެ. ނިއްކުރީގައި ދެ އިނގިލިން ހިފައިލަމުން ލޯމަރައިލީމެވެ. ފުންކޮށް ނޭވާއެއް ލީމެވެ. ކުރެވެން އުޅުނު ކަންތަކުން އަހަރެން ބަރީއަ ވީމެވެ. އެންމެ ފަހު ވަގުތު ކަށިން ހިތްވަރު ނެރެގެން އަމިއްލަ ނަފްސުގެ ލަގަން އަހަރެންގެ ހަވާނަފްސުގެ އަތުން އަހަރެން އަތުލީމެވެ.
ސުވާލު އުފެދިފައި ހުރި ފަދައިން ޒާނާ ހުއްޓުން އަރާފައި ހުރިކަން އަހަރެންނަށް އެނގުނެވެ. މީގެ ހިނދުކޮޅެއް ކުރިން އަހަރެންނަށް އެ މޫނުމަތިން ފެނުނު ކުލަވަރުތަކުން އަހަރެން ޖެހިލުން ވިއެވެ. އެ އޮއެގަދަ ކަނޑުގައި އޮޔާއި ވަޔާއިއެކު ބެހިގެން ގޮސް، ދެން އެނބުރި ނާދެވޭނެ ފަދަ ހިސާބަކަށް ގޮސްދާނެތީ އަހަރެން ކަންބޮޑުވިއެވެ. އެ އަންހެން ކުއްޖާގެ އިއްޒަތާއި ކަރާމާތަށް އަހަރެންނަށް އަރައި ގަނެވިދާނެތީ އަހަރެންނަށް ފަސްޖެހެވުނެވެ. އެ އަންހެން ކުއްޖާއަށްޓަކައި އަހަރެންގެ ހިތުގައި އެ އަންހެން ކުއްޖާއަށްޓަކައި އޮތް އިޚުތިރާމަށް ޤަދަރުކުރަން އަހަރެން ބޭނުން ވިއެވެ. އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެކަން އަހަރެން ދެނެގަތީމެވެ.
*********
ޗެޕްޓާ 11
ޒާނާ
ނަވީން އަހަރެންގެ ކުރިމަތީގައި އިސްދަށަށް ޖަހައިގެން ހުއްޓެވެ. ނިއްކުރީގައި ދެއިނގިލިން ހިފަހައްޓައިލައިގެން ހުރި ގޮތުން އަމިއްލަ ނަފްސުގެ ކޮންޓްރޯލް ހޯދަނީކަން އަހަރެންނަށް އެނގުނެވެ. އެ ތަނަވަސް ފުޅާ މޭމަތި އުފުލި އުފުލިފައި ތިރިވާ ގޮތުން ފުންކޮށް ނޭވާ ލަނީކަން ދޭހަވެއެވެ. ވަންހަނާ ވުމެއް ނެތި އަހަރެންގެ ކުރިމަތިން ނަވީން އަހަރެންނަށް ކުރި ޤަދަރު ފެނިގެން ދިއައެވެ. އަދި ހަމަ އެހެންމެ ޝަހުވާނީ އެދުން އައިސް ދޮރުގައި ޓަކިޖެހި ހިނދު އޭނާ އެއަށް ކިޔަމަން ނުވެ، ނިޔަރޮއްޖެއްހައި އަހަރެންނާއި ގާތް ވެފައިވެސް އަމިއްލަ ނަފްސުގެ ލަގަން ހޯދިގޮތް އަހަރެންގެ ހިތުގައި ވިކައިލިއެވެ. ނަވީންއަށް އަދިވެސް އިތުބާރު ކުރެވިދާނެކަން އޭނާ ސާބިތު ކޮށްދިނެވެ. ބޭނުން ނުވިޔަސް އަހަރެންނަށް ރުހާމްއާއި ނަވީން އަޅާ ކިޔުނެވެ. އަދި ތިލަފަތުން ބަރުވީވެސް ނަވީންގެ ކޮޅެވެ.
މީގެ ހިނދުކޮޅެއް ކުރިން އަހަރެންވީ ނަވީންގެ އަތު ތެރޭގައެވެ. އެ ބިޔަ، ފިރިހެން ހަށިގަނޑާއި ޖެހި ފިތިގެންނެވެ. އެ ތަނަވަސް މޭމަތީގައި އަތް އަޅައި ލެވުނު ހިނދު އެ އިހުސާސްވި ރައްކާތެރިކަމާއި ހިމާޔަތް އަހަރެން ބަޔާން ކޮށްދޭނީ ކޮން ގަލަމަކުން ކިހިނެއް ހެއްޔެވެ؟ އަހަރެމެން ދެމީހުންގެ ދެމެދުގައި އަހަރުތަކެއް ރާސްތާއެއް ވޭތުވެގެން ދިއަ ކަމުގައި ވިޔަސް އެ އިހުސާސް ތަކަށް، އެ އަސަރުތަކަށް ދެގޮތެއް ނުވެ ބަދަލެއް ނުވެ ހުރިކަން، އެއަތުގެ ތެރޭގައި ވީ މަދު މިނެޓުކޮޅު ހެކި ދިނެވެ.
ނިއްކުރިން އަތް ނަގަމުން ނަވީން އަހަރެންނަށް ބަލައިލިއެވެ. ދެމެދުގައި ހުރި ދެ ފޫޓު ވަރުގެ ދުރުމިނާއި ވެހެމުންދިއަ ބޯވާރޭގައިވެސް އެ ލޮލުން ދެމުން ދިއަ ތޫނު ނަޒަރު ސިއްރެއް ނުވިއެވެ. އެ ނަޒަރުގެ ތޫނު ކަމުން ރަކި ވެގެން އިސްޖަހައިލަން ޖެހުނީ އަހަރެންނަށެވެ. އެތަށް އެއްޗެއް އަހަރެންގެ ހިތަށް އަރައި ފައިބަމުން ދިއައެވެ. ނަވީން ވެސް އަހަރެންނަށް ބޭނުންވާކަން އަހަރެންނަށް ޔަޤީންވި ވަގުތެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް އަހަރެންނަށްވެސް އެ އިހުސާސް ތަކަށް ހިތް އެދެވުނެވެ. އެ ލޯތްބަށް ކަރުހިއްކައި ގަތެވެ. ހަމަ އެހިނދުން އަހަރެންގެ ކަޅު މާޒީވެސް އައިސް އަހަރެން ވަށައިލި ހިނދު ފަސްޖެހެވުނު ގޮތެވެ. އެ އިން ހުރަސް ކުރަން ޖެހިލުންވިއެވެ. ނަވީންގެ ދެއަތުން އެކުޑަ ހިނދުކޮޅުގެ ތެރޭގައި ވެސް އެ އިހުސާސްވި ހިމާޔަތާއި އެކުވެސް، ރުހާމްގެ ވަކިތަކުގެ ދަށުވެ ހައްޔަރުވެފައިވީ ޒަމާނުގައި ލިބިފައި ހުރި ޒަޚަމްތައް އަހަރެންގެ ސިކުނޑީގައި ވަކި ހިއްޕާލިއެވެ.
ނަވީން ކުއްލިއަކަށް އަހަރެންގެ ގައިން ދޫކޮށްލި ވަގުތު ހުސްކަމާއި އެކު މާޔޫސްކަން ވެސް އަހަރެންނަށް ލިބިގެން ދިއައެވެ. އެވަގުތުކޮޅު ދިގު ދެމިގެންދާން އެދުނު ކަމުގައި ވިޔަސް، އެވަގުތު ކޮޅުގައިވެސް އަހަރެންނަށް ފަސްޖެހެވުނެވެ. ހުރިހާ ކަމެއްގައިވެސް އަދި ކޮންމެ ހާލަތެއްގައި ވެސް ނަވީންއާއިއެކު އަހަރެންނަށް ކޮންމެ ކަމެއް ކުރަންވެސް ފަސޭހަ ވެފައި ވިއެވެ. ނަމަވެސް މިރޭ، މިވަގުތު އަހަރެންނަށް އެހެން ހަޤީގަތް ތަކެއް ހާމަކޮށްދީފިއެވެ. އެއީ ނޭނގި ހުއްޓައި ރުހާމްގެ އަނިޔާވެރިކަމުން އަހަރެން ފުންމިން ނޭނގޭ އަނދިރި ވަޅުގަނޑަކަށް ވެއްޓިފައިވީ ކަމެވެ. އަދި ހަމަ އެހެންމެ އެވަޅުގަނޑުން އަރައި ގަންނަން އަހަރެންނަށް އެހީ ވެވޭނީ ވެސް ހަމަ އެކަނި ނަވީންއަށް ކަމެވެ. ނަމަވެސް ނަވީންގެ ފަރާތުން އަހަރެން އެހީއަށް އެދޭނީ ކޮން ޙައިސިއްޔަތަކުން ހެއްޔެވެ؟ މިހާ ދުވަސް ފަހުންވެސް ނަވީން އެގޮތަށް އައިސް އަހަރެން ކުރިމަތީގައި ހުއްޓި އެހުރީ އެހިތުގައި ކަނޑައި ބިންވަޅު ނެގިފައި އަހަރެންނަށްޓަކައި އިހުސާސް ތަކެއް ވާތީ ކަން ޔަޤީނެވެ. އެކަމަށް އޭނާގެ ދޫ ވެސް ހެކި ވިއެވެ. ހަމަ އެހެންމެ އޭނާގެ އަމަލުތައް ވެސް ހެކިވިއެވެ. އުޑާއި ކަނޑަށް ހެކިވެވޭނެ ނަމަ އެ އެއްޗެހި ވެސް ހެކިވީސްކަން ޔަޤީނެވެ. ނަމަވެސް އަހަރެން އެންމެ ބޭނުންވި އިންސާނާ އައިސް އަހަރެންގެ ކުރި މައްޗަށް ހުއްޓުނު އިރު އަހަރެން މިހުރީ ކޮންފަދަ ހާލަތެއްގައި ހެއްޔެވެ؟ އަހަރެން ބޭނުންވި ލޯބި އައިސް އަހަރެންގެ ހަޔާތުގެ ދޮރުގައި ޓަކިދިން އިރު އަހަރެން މިހުރީ އެދޮރު ހުޅުވޭ ފަދަ ހާލަތެއްގައި ހެއްޔެވެ؟ އަހަރެން މިހުރީ މީހަކު ދެކެ ލޯބި ވެވޭ ފަދަ ފައްތަރެއްގައި ހެއްޔެވެ؟ އަހަރެންނަށް އެފަދަ މާތް ކެތްތެރި އިންސާނެއްގެ ލޯބި ހައްޤުވޭ ހެއްޔެވެ؟ އެފަދަ ލޯތްބެއް ލާއިޤު ވޭ ހެއްޔެވެ؟ އަހަރެންގެ ހިތް އަހަރެންނާއި ސުވާލުކުރިއެވެ. އަހަރެންގެ އަމިއްލަ ނަފްސުގެ އަގާއި މެދު ސުވާލު އުފެއްދިއެވެ.
” ހިނގާ ދާން… ”
އަހަރެން ޒާނާ ގެންގޮސްދޭނަން…” އަހަރެންގެ ހިޔާލު ތަކުގެ ވާފަށް ބުރިވީ ނަވީންގެ އަޑުންނެވެ. ބޮލުން އިޝާރާތް ކޮށްލި ގޮތުން ދާންވީ ކަން އަހަރެންނަށް އެނގުނެވެ. މައްސުނި ހިޔާލު ތަކެއްގައި ހުރެ އަހަރެން ހިނގައި ގަތީމެވެ.
ވެހެމުން ދިއަ ބޯ ވާރޭގެ ތެރޭގައި އަހަރެން މަޑުމަޑުން ހިނގާލާފައި އައީމެވެ. ނަވީންވެސް މަޑުމަޑުން އަހަރެންނާއި އެއް ފިޔަވަޅު ފަހަތުގައި ހުރެ އައެވެ. ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވި ހަމަހިމޭން ކަމުގައި ތިބެ އަހަރެންގެ ކޮޓަރިއާއި ހަމައަށް އޭނާ އަހަރެން ގެނެސް ދިނެވެ. އަހަރެން ކޮޓަރީގެ ދޮރު ހުޅުވައި ލަމުން ފަސްއެނބުރި ނަވީން އަށް ބަލައިލީމެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން އެ ލޮލުން ފެންނަން ހުރި މަސްތުކަމާއި ޝަހުވަތުގެ ކުލަވަރެއް މިހާރަކު ނެތެވެ. ނަމަވެސް އެދެލޮލުގައިވި ބޭޤަރާރުކަން ސިއްރެއް ނުވިއެވެ. ވެހެމުން ދިއަ ހިމަފޮދު ވާރޭގައި އެއް އަތް ޖީބަށް ޖަހައިލައިގެން ހުރެ އަނެން އަތުން ތެމިފައިވީ އިސްތަށިގަޑު ފަހަތަށް އޮމާން ކޮށްލި ފިރިހެންވަންތަ ގޮތުން އަހަރެންގެ ހިތް ވެސް ލޭކޮށި ފޮތިފޮތި ވެދާނެހެން ހީވިއެވެ. އަހަރެން ބަލައި ލުމުން އަހަރެންނަށް ލުއި ހިނިތުންވުމެއް ނަވީން ދިނެވެ.
” ގުޑް ނައިޓް…..” އެތެރެއަށް ވަދެ ދޮރު ލައްޕަން ނޭގިފައި ހުއްޓައި ރޭގަނޑުގެ ސަލާމް އިސްވެ ކޮށްލީ ނަވީނެވެ.
” ގުޑް ނައިޓް….” އަހަރެންވެސް މަޑުމަޑުން ބުނެލީމެވެ. ދިއުމަށްޓަކައި ނަވީން އެނބުރިލި ވަގުތު އަހަރެންގެ ހިތް ތެޅި ފޮޅި ގަތެވެ. ހީވީ އޭގެ މަޤާމުވެސް ދޫކޮށްފައި ނިކުންނަން އުޅުނު ހެންނެވެ. ދެން ދިމާ ނުވެދާނެތީ ހިތް ހާސްކުރުވިއެވެ. އަހަރެންގެ އެ ހަރަކާތް ދެނެގަނެވިގެން ކަންނޭނގެއެވެ. ނަވީންވެސް ހުއްޓުނެވެ.
” އަދި ދިމާވާނޭ….. އިނގޭ…” ހީވީ އަހަރެންގެ ހިތުގައި އޮތް އެއްޗެއް އެނގިގެން ނަވީން ބުނި ހެންނެވެ. ނަމަވެސް އެ ޔަޤީން ކަމަކުންވެސް އަހަރެންގެ ހިތެއް ނުފުރުނެވެ. ފެނުން ނަގާފައި އޮތް ރޯމަހެއް ތެޅޭހެން، ތެޅެމުން ފޮޅެމުން ދިޔަ ހިތެއް ހަމައެއް ނުޖެހުނެވެ. އެހެން ކަމުން އަހަރެން ކޮޓަރިން ނިކުމެގެން ނަވީންގެ ގާތަށް އައީމެވެ. ނަވީންގެ ކުރިމަތީގައި ހުއްޓިލަމުން އިސްއުފުލައި އެ ކަނޑެއްފަދަ ފުން، ވަޅީގެ މިޔައަށް ވުރެންވެސް ތޫނު ދެލޮލަށް ބަލައިލީމެވެ. ނަމަވެސް ދުލުން ބަހެއް ބުނާނޭހާ ހިތްވަރެއް ނެތިފައި ބަލަހައްޓައިގެން ހުރުން ނޫން ކަމެއް އަހަރެންނަކަށް ނުވިއެވެ. ބައްދަލުވިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވަކިވާކަށް އަހަރެންގެ ހިތެއް ހަމަ ހިލާ އެއްބަހެއް ނުވިއެވެ. ނަމަވެސް އެނޫން ގޮތެއްވެސް ނެތް ކަން އަހަރެންނަށް އެނގުނެވެ.
” ޒާނާ…. ކިހިނެއް ވީ…؟” އަހަރެން އެއްޗެއް ނުބުނެ ހުންނަން ފެށުމުން ނަވީން އަހައިލިއެވެ. އެ ރޭގަނޑެއްގެ ފުން އަނދިރިކަން ފަދަ ކަޅު ދެލޮލުން އަހަރެންނަށް ބަލަން ހުއްޓެވެ.
” ޔަޤީންތަ…. ހަމަ ދިމާވާނެކަން….؟” ހިތުގައި އުފެދެމުން ދިއަ ހިތްދަތިކަމާއި އެކުވެސް އަހަރެން ހިތްވަރު ކޮށްފައި ހިންދިރުވައިލަމުން އަހައިލީމެވެ.
” އާން…. ކިހިނެތް ވީ..؟….”
” ޒާނާ ބޭނުންތަ ދިމާވާން…” ނަވީން އަހައިލިއެވެ. އަހަރެން އަވަސް އަވަހަށް ބޯޖަހައިލީމެވެ.
” އެހެންވީމަ ހަމަ ޔަޤީނުންވެސް ދިމާވާނެ… ” ނަވީން ޔަޤީންކަން ދިނެވެ. ކުޑަކޮށް ހިތްހަމަ ޖެހުނު ކަމަށް ވިއަސް ހަމަ ދުރަށް ދާ ހިތް ނުވެފައި އަހަރެންނަށް ހުރެވުނެވެ. އަހަރެންގެ ހިތް އަދި މިރެއަށް ފުރެން ގާތްވެސް ނުވެއެވެ.
” ދޭ އެތެރެއަށް… މާދަމާ ދެން ދިމާވާނީ… ނޫނީ މާލެއިން… އެގޮތް ކިހިނެއް ވާނެ…؟” ނަވީން ބުނެލިއެވެ. އޯގާތެރި ކަމާއި އެކުގައެވެ. އަހަރެން ބޭނުން ނުވެ ހުރެވެސް ބޯ ޖަހައިލީމެވެ. ނަމަވެސް ހިނގައިގަންނަން ނޭނގިފައި ހުރެވުނެވެ. ހަމަ އެއްގޮތަކަށް ވެސް ދުރަށް ދާން ބޭނުން ނުވަނީ އެވެ. ވާހަކަ ތަކެއް ބުނެދޭން ބޭނުން ވަނީ އެވެ. ނަވީން އަށް ކޮންމެހެން އެނގުން ހައްޤު ވާހަކައެއް އަންގައިދޭން ބޭނުން ވަނީއެވެ. އެ ހަޤީގަތް އެނގުމަށް ފަހު ނަވީން ދެން ކަންތައް ކުރާނީ ކިހިނެއް ބާއެވެ. އެ ސުވާލު ހިތަށް ހެރެމުން ދިއަ ކައްޓެއްހެން ހެރިލަ ހެރިލާ ހުއްޓެވެ. އެ ސުވާލު ހިތުގައި އުތުރި އަރަމުން ދިއައެވެ. ހަމަ ހިމޭން ކަމާއިއެކު ވޭތުވަމުން ފާއިތުވަމުން ދިއަ ކޮންމެ ހިނދުކޮޅެއް އެ ވާހަކަ ނަވީންއަށް އެނގުމަށް އަހަރެންގެ ހިތް ހަޅޭލެވިއެވެ.
” ނަވީން… އަހަރެން ބޭނުމެއް ނޫން ދާކަށް…” އަހަރެންނަށް ބުނެވުނެވެ. އަހަރެންގެ މޫނު މަތިން އަހަރެން ބޭނުން ވާވަރު އެނގޭނެ ކަމަށް ޔަޤީން ކުރީމެވެ.
” އެނގެޔޭ ޒާނާ… އެކަމަކު އަހަރެންނަށް ޒާނާގެ ކުރިމަތީގައި ހުންނަން އެހާ ފަސޭހައެއް ނޫނޭ…”
“އަހަރެންނަށް ހިތެއް އަހަރެންގެ ބަހެއް ނާހައޭ…..” ނަވީން ފާޅުކޮށްލިއެވެ.
” އަހަރެން ޒާނާއަށް އިޚްތިރާމް ކުރަން.. އެހެންވެ މިބުނަނީ މިރޭ ދާށޭ… ގޮސް ނިދާލެވޭތޯ ބަލާ.. އިނގޭ… އަހަރެން ބޭނުމެއް ނޫން ހަލާލު ނޫން ގޮތުގަ ދެން ޒާނާގެ ހަށިގަނޑުން ދެން އުފާ ހޯދާކަށް.. އަހަރެންގެ އަމިއްލަ ނަފްސު އަހަރެންނަށް ނުހިފެހެއްޓިދާނެ… މިހާރުވެސް ވަރަށް ހިތްވަރު އެބަ ކުރަން… ” އަހަރެންގެ މޫނުގައި ދެއަތުން ހިފައިލަމުން ނަވީން ބުނެލިއެވެ. އަރާރުން ވަމުން ދިއަ ނިޔަތާއި އެކުވެސް ނަވީން ސާބިތުވެ ހުއްޓެވެ. މިފަދަ ޒަމާނެއްގައި އެފަދަ މާތް މީހުން އުޅޭ ހެއްޔެވެ.؟ އަހަރެންނަށްޓަކައި އޮތް އިޚުތިރާމް ނަވީން ބުނެދީފިއެވެ. ނަވީން އަހަރެންގެ ނިއްކުރީގައި ބޮސްދިނެވެ. ވަކިވުމުގެ ސަލާމެއްގެ ގޮތުންނެވެ. ނިއްކުރީގައި ތުންފަތް ޖައްސައިލަމުން ނޭފަތް އެތެރެއަށް ދަމައިލި ގޮތުން އަދި އެހިނދު ނަވީންގެ އަތުން ނަގައިގެން ދިއަތަން ފެނުނު ހީބިހި ތަކުން އޭނާއަށް ކުރަމުންދާ އަސަރު ރީއްޗަށް ހާމަވެ ފެންނަމުން ދިއައެވެ.
ބަސްއަހައިގެން އަހަރެން ނަވީން ބުނި ގޮތަށް ކޮޓަރިއަށް ވަނީމެވެ. އަހަރެން ދޮރު ލައްޕަންދެންވެސް ނަވީން ބަލަހައްޓައިގެން ހުއްޓެވެ.
ފާހާނާއަށް ވަދެ ފެންވަރާލައިގެން ނިކުމެ އަހަރެން އެނދުގައި އޮށޯވެލީ މެވެ. މޭމައްޗާއި ހަމައަށް އޮޅާލެވިފައިވީ ތުވާލި ކޮޅާއިއެކު އަހަރެން އޮތީ ނިދާހެދުން ލުމަށްވެސް ކަންނެތް ވެފައި ހުރިވަރުންނެވެ. ޕާޓީގައި އެވަރަށް ތެޅިތެޅިފައި ހުރުމުންނާއި ވާރޭގައި ތެމުމުގެ ސަބަބުން އަހަރެން ހުރީ ވަރަށް ވަރުބަލިވެފައެވެ. އެނދުގައި ޖެހުމާއިއެކު ދެލޮލަށް ނިދި ސަވާރުވީ ކިހިނެތް ކަމެއްވެސް ނޭނގެއެވެ. ނިދީގެ ފުންކަމުގެ ތެރެއަށް އަހަރެން ގެނބިގެން ދިއައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ.
ނުނިމޭ

