Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ނަން މި ހިތުގާ 25

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
June 21, 2026 6 Mins Read
1 Comment

“ރީން ކައިރީ ބުނަން ވީނު؟” އަޝްދާއަށް ފެނުނު ގޮތުގައި އެންމެ ފަސޭހައިން ޝަދާއަށް އަޒްޔަންއާ ވާހަކަ ދައްކާލެވޭނެ ގޮތެއް ހަދައިދެވޭނީ ނޫރީންއަށެވެ.

“ނުކެރޭނެ..” ޝަދާ ބުންޏެވެ.

“ތިހާ ފިނޑިވެގެން ކަމެއް ނުވާނެ. ރީން ކައިރީ ބުނަން ނުކެރެންޏާ ޝަދާ އަމިއްލައަށް އަޒްޔަންއާ ވާހަކަ ދައްކަބަލަ. ތި ބުނީނު ދިމާވެޔޭ؟ ދެން ދިމާވާ ފަހަރަކު ކޮފީއަކަށް ދާން ބުނެބަލަ” އަޝްދާ ޚިޔާލެއް ދިނެވެ.

“އާނ..!” އެ ޚިޔާލު ޝަދާއަށްވެސް ކަމުދިޔައެވެ. ޔޫލީ ގޮވައިގެން އަޝްދާ ކޮޓަރިއަށް ވަން އިރުވެސް ޝަދާ އޮތީ އަޒްޔަންގެ ޚިޔާލަށް ގެއްލިފައެވެ.

އަޒްޔަންމެން ފުރަން އުޅޭ ކަން އެނގުނު ފަހުން ޝަދާ ހުރީ އޭގެ ކުރިން ފުރުޞަތެއް ލިބޭތޯ ބަލަބަލައެވެ. ނޫރީން ގާތު ބުނަން ނުކެރިފައި ހުރެ، ޝަދާ ނިންމީ އަމިއްލައަށް އަޒްޔަންއާ ވާހަކަ ދައްކާށެވެ. ޝަދާއަށް މާ ދިގު އިންތިޒާރެއް ކުރާކަށް ނުޖެހުނެވެ. އެ ދުވަހުގެ ހަވީރު އަޒްޔަންއަށް އާދެވުނީ އަޝްދާއާ ޝަދާ ބޭރަށް ދާން ނިކުންނަނިކޮށެވެ.

“ހާއި، މިއަދު ޔޫލީ ކޮބާ؟” އަޝްދާ ފެންނަ ނަމަ ގިނަ ފަހަރު ފެންނާނީ ޔޫލީއާ އެކުގައި ކަމުން ޔޫލީ ނެތުމުން އަޒްޔަން އަހާލިއެވެ.

“މިއަދު ޔޫލީއާ ޔޫލީގެ ބައްޕައާ ދެކުދިން ގޭގަ ބައިތިއްބާފަ ޝޮޕިންގއަކަށް ގޮސްލަން މި އުޅެނީ” އަޒްޔަންއަށް ޖަވާބު ދިނީ އަޝްދާއެވެ.

“އަޒްޔަންމެން ފުރަނީ ކޮން އިރަކުން؟” ޝަދާ އެހިއެވެ.

“މިހާރުވެސް ފުރަންވީ. ޑޮކްޓަރސްގެ ހުއްދަ ލިބިފަ އޮތީ. އެކަމަކު ނޫރީން އެކަނި ހުންނާތީ މަންމަ މަޑުކުރަން ބޭނުން ވާތީ އަދި ތިބީ. އެކަމަކު ދެން ގިނަ ދުވަހެއް ނުވާނެ. މަންމަމެން މަޑު ކުރިޔަސް އަހަރެން ދާނަން” އަޒްޔަން ބުންޏެވެ.

ޓެކްސީއެއްގެ އިންތިޒާރުގައި އިމާރާތުގެ ކުރިމަތީ މަޑުކޮށްލައިގެން ތިބި ނަމަވެސް ޓެކްސީއެއް ނާންނާތީ ތިން މީހުން ވާހަކަ ދައްކަމުން އެ މަގުން ކުރިއަށް ހިނގަމުން ދިޔައެވެ.

“މިއަދު ޓެކްސީތައްވެސް މާ ބިޒީ ދުވަހެއް ކަންނޭނގެ” ފަނަރަ ވަރަކަށް މިނަޓް ވީ އިރުވެސް އެ މީހުންނަށް ޓެކްސީއެއް ނުލިބުމުން ޝަދާ ބުންޏެވެ.

“އިހަށް ކޮފީއެއް ބޯލަން ވީނު؟” މަގުގެ އަނެއް ފަރާތުގައި ހުރި ކެފޭ ދައްކާލަމުން އަޝްދާ ބުނެލީ އަޒްޔަންއާ ވާހަކަ ދެއްކުމަށް ޝަދާއަށް ފުރުޞަތެއް ހޯދާދިނުމަށެވެ.

އަޒްޔަން ދެކޮޅު ހެދުމެއް ނެތި އެއްބަސްވެ، އެ ދެ އަންހެން ކުދިންނާ އެކު މަގު ހުރަސްކޮށް ކެފޭއަށް ވަނެވެ.

“ސޯ.. ވެޑިންގއަކަށް ތައްޔާރު ވާންވީ ދޯ؟” ތިން މީހުން ކޮފީއަށް އޯޑަރ ދީފައި އަޒްޔަން ވާހަކަ ފެށީ ދާނިޝްއާ ނޫރީންއާ ބެހޭ ގޮތުން އޮޅުން ފިލުވާށެވެ.

“ދޮންބެއާ ރީން ނޫޅޭ ކަންނޭނގެ އެހާ އަވަސް ކުރާކަށް. އަވަހަށް މެރީ ކުރާ ނަމަ ކިހާ މަޖާވާނެ، ދޯ ދޮންތާ؟” އެ ވާހަކައާ ޝަދާ ވަރަށް ގަޔާވިއެވެ.

އެ ލިބުނު ކުޑަކުޑަ މަޢުލޫމާތުކޮޅުންވެސް އަޒްޔަން ހިތްމަޖެހުނެވެ. ނޫރީންއާ ދާނިޝްގެ ގުޅުމާ ބެހޭ ގޮތުން މާބޮޑު އެއްޗެއް އޮޅުންނުފިލި ނަމަވެސް އެހާ ވަރުން ނޫރީންއާ ދާނިޝް އެހާ އަވަހަށް ކައިވެނި ނުކުރާނެކަން އަޒްޔަންއަށް އެނގުނެވެ. އެ ވަރުން އަޒްޔަންގެ ހިތަށް އެ ވަގުތަށް ހަމަޖެހިލާނެ ފުރުޞަތު ލިބުނެވެ.

އަޝްދާއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ފޯން ރިންގްވިއެވެ. ކަންފަތުގައި ފޯން ޖައްސާލި ގޮތަށް ދެތިން ބަސް ބުނެލުމާއެކު މި ދަނީއޭ ބުނެފައި އަޝްދާ ބަލާލީ ޝަދާއަށެވެ.

“ކިހިނެއްވީ؟” ޝަދާ އެހިއެވެ.

“ޖައިލަމް ކުއްލިއަކަށް އޮފީހަށް ދާން ޖެހުނީ” އަޝްދާ ބުންޏެވެ.

“ކޮފީ ބޯލައިގެން ދާންވީނު؟” ޝަދާ ބުންޏެވެ.

“މަޑު ކުރެވޭކަށް ނެތޭ. ވަރަށް އަވަހަށް ދާން ޖެހިގެން.. އަހަރެން ދިޔަޔަސް ޝަދާއާ އަޒްޔަން ކޮފީ ބޯލައިގެން އާދޭ. ސޮރީ އަޒްޔަން، އެހެން ދުވަހަކުން އަދި ވާނެ މި ތަނަށް އަންނަން އިނގޭ” އަޝްދާ އެހެން ބުނެފައި މަޑުނުކޮށް ނިކުތެވެ.

“ޝަދާއަށް އޯކޭތަ؟ ކޮފީ ހިފައިގެން ގެއަށް ދާނީތަ؟” ޝަދާއާ ދެ މީހުން އެކަނި ވުމުން އަޒްޔަން އަހާލިއެވެ.

“ކޮފީ ބޯލައިގެން ދާނީ ދޯ؟” ޝަދާ ބުންޏެވެ. އަޒްޔަން ދެކޮޅު ނުހަދާ ބޯ ޖަހާލިއެވެ.

އެ ދުވަހު ދެ މީހުން އެކުގައި ގަޑިއެއްހާ އިރު ހޭދަކުރިއެވެ. އެ ވަގުތުކޮޅުގެ ތެރޭގައި ޝަދާ އަޒްޔަންއާ އެކިއެކި ސުވާލު ކުރިއެވެ. މާ ބޮޑު ވިސްނުމެއް ނެތި އަޒްޔަންވެސް ވީ ވަރަކުން ޖަވާބުދިނެވެ. ގެއަށް ދާން ތެދުވި އިރު ޝަދާގެ ތުންފަތުގައި ހިނިތުންވުމެއް ވީ އަޒްޔަންއާ އެކުގައި ހޭދަވި ވަގުތުކޮޅުގެ ސަބަބުންނެވެ. ހިތުގައި ވާ އެއްޗެއް ފާޅު ނުކުރި ނަމަވެސް ޝަދާއާ އެކު އަޒްޔަން އެ ވަގުތު ހޭދަ ކުރީތީ ޝަދާއަށް ހިތްވަރު ލިބުނެވެ.

ގެއަށް ދެވުމާއެކު ޝަދާ ވިސްނީ ދެވަނަ ފަހަރަށް އަޒްޔަންއާ އެކު އެފަދަ ވަގުތުކޮޅެއް ހޭދަ ކުރުމަށް ފުރުޞަތު ހޯދާނެ ގޮތަކާ މެދުއެވެ. ކުރީ ދުވަހު އަޝްދާ ބުނި ހެން ނޫރީންގެ އެހީ ހޯދުމަށް ޝަދާ ނިންމީ އަޒްޔަން މާލެއަށް ދިޔުމުގެ ކުރިން ޝަދާގެ ހިތުގައި ވާ އެއްޗެއް އަޒްޔަންއަށް އަންގަން ބޭނުން ވާތީއެވެ. އަދި އެފަދަ ފުރުޞަތެއް ޝަދާއަށް ހޯދާދެވޭނީ ނޫރީންއަށް ހެން ހީވާތީއެވެ.

 

ނުކެރި ހުރެވެސް އަނެއް ދުވަހު ޝަދާ ނޫރީންއާ ވާހަކަ ދެއްކިއެވެ.

ދާނިޝްގެ އެދުމަށް އެ ދުވަހުވެސް މެންދުރުފަހު ނޫރީން އެ އެޕާޓްމެންޓަށް ދިޔައެވެ. އޭރު ދާނިޝް ވީ ކޮޓަރީގައެވެ. އަޝްދާއާ ޖައިލަމްއާ ޝަދާ ސިޓިންގްރޫމްގައި ތިބުމުން ކޮޓަރިއަށް ވަންނަން ނުކެރިގެން އެ މީހުން ކައިރީ އިށީނެވެ. ދިހަ ވަރަކަށް މިނަޓް ވީ ތަނާ ޔޫލީ ހޭލައިގެން ޖައިލަމް ދިޔައެވެ.

“ރީން..” ޝަދާ ގޮވާލުމުން ނޫރީން ބަލާލިއެވެ.

“ހާދަ ފާޑަކަށް ތި ގޮވާލީ؟ ކިހިނެއްވީ؟” ނޫރީން ހިނިއައިސްފައި އަހާލިއެވެ.

“އެއްޗެއް އަހާލަންތަ؟” ދެންވެސް ފަސްޖެހިފައި އިނދެ ޝަދާ އެހިއެވެ.

ނޫރީން ބޯޖަހާލިއެވެ.

“އަޒްޔަން މެރީ ކުރާކަށް ނޫޅޭތަ؟” ޝަދާ އަހާލިއެވެ.

ޝަދާގެ ސުވާލުން ނޫރީން ސިހިގެން ދިޔައެވެ. ނޫރީންއާ އަޒްޔަންގެ ކައިވެނީގެ ވާހަކަ ޝަދާއަށް އެނގުނީ އޭ ހީވިއެވެ. ދާނިޝް އެ ވާހަކަތައް ޝަދާއާ އަޝްދާއަށް ކިޔާދިނީ ހެއްޔެވެ؟ އެހެން ނަމަ ނޫރީން ގާތު ފުރަތަމަ އަހާނުލީ ކީއްވެ ހެއްޔެވެ؟

އެފަދަ ސުވާލުތައް ހިތަށް އައި ނަމަވެސް، ދެވަނަ ސިކުންތުގައި އެހެން ނުވާނެޔޭ ނޫރީންގެ ހިތަށް އެރިއެވެ. އެހާ ދުވަސް ވަންދެން ނުބުނި އިރު، ނޫރީން ގާތު ނުބުނެ ދެންވެސް އެއްވެސް ކަމެއް އެހެން ބަޔަކު ކައިރީ ދާނިޝް ނުބުނާނެއެވެ.

“ކީއްވެ ތި ކަހަލަ ސުވާލެއް ތި ކުރީ؟” ނޫރީންއަށް އަހާލެވުނެވެ.

ޝަދާ އެއްޗެއް ނުބުނެ ބަލާލީ އަޝްދާއަށެވެ. އެ ދެ މީހުންގެ މެދުގައި ބަދަލު ކުރެވުނު ބަލާލުމުން ނޫރީންގެ ހިތުގެ ތެޅުން ބާރުވެލިއެވެ. އަޒްޔަންއާ ބެހޭ ގޮތުން ޝަދާ ސުވާލު ކުރީ ކީއްވެ ކަން، އިތުރު މީހަކު ބުނުމަކާ ނުލާ ނޫރީންއަށް ވިސްނުނެވެ.

“މިހާ ދުވަސް ވީ އިރު ކަމުދާ މީހަކާ ދިމާ ނުވެގެން އުޅުނު މީހާއަށް މީހަކު މާ ބޮޑަށް ކަމުދިޔައީ.. ރީންއަށް އެނގޭތަ؟ މި ނޫނީ ފިރިހެން ކުއްޖަކު ފެނިގެން މިހާ ލަދުންނެއް މި ޝަދާ ނޫޅޭ. އަޒްޔަން ހެދީ ކޮން ޖާދުލެއް ކަމެއް ނޭނގެ، އަހަރުމެންގެ ޝަދާއަށް އޭނަ ވަރަށް ކަމުގޮސްފި” ޝަދާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް އަޝްދާ ދިމާކޮށްލިއެވެ.

“ބުނެބަ ރީން.. އަޒްޔަން އިޒް ލައިކް ޔޯރ ކަޒިންއެއްނު؟ ރީންއަށް އެނގޭނެއެއްނު؟ އޭނަ ނޫޅޭތަ މެރީ ކުރާކަށް؟ އޭނަގެ ލައިފްގަ އަންހެން ކުއްޖަކު އެބަ ހުރިތަ އަނެއްކާ؟ ނޫނީ ކުރިން މެރީ ކުރިތަ؟ އަނެއްކާ.. އިޒް ހީ މެރިޑް؟ މިހާރުވެސް މީހަކާ އިނދެގެންތަ އުޅެނީ؟” އެންމެ ފަހު ސުވާލު ކޮށްލުމާއެކު ޝަދާ އަނގަމަތީ އަތް އަޅާލައިގެން ޖަވާބެއްގެ އިންތިޒާރުގައި ނޫރީންއާ ދިމާއަށް ބަލަން އިނެވެ.

“އަޒްޔަން މެރީ ކުރި، އެކަމަކު މިހާރު ޑިވޯސްޑް” ނޫރީންއާ އަޒްޔަންގެ ގުޅުން ޝަދާއަށް ސިފަވި ގޮތާ ގަޔާނުވެ އިނދެ ނޫރީން ބުނެލިއެވެ.

“އޯހ، ތޭންކް ގޯޑް!” މޭގައި އަތް އަޅާލަމުން ޝަދާ ބުންޏެވެ.

ޝަދާއަށް ވީ ގޮތުން އަޝްދާ ހޭން ފެށިއެވެ.

“ޝަދާ ކިރިޔާ ހިތް ނުހުއްޓި އެއިނީ” އަޝްދާ ބުންޏެވެ.

“ރީން.. ދެން..؟ މިހާރު އަޒްޔަން ހުހަށްތަ ހުރީ؟” ޝަދާ އަނެއްކާވެސް އަޒްޔަންއާ ބެހޭ މައުލޫމާތު ހޯދުމަށް ނޫރީންއާ ސުވާލު ކުރިއެވެ.

“ޝަދާ އަޒްޔަން ދެކެ ލައިކް ވަންޏާ އަޒްޔަން ކައިރީ އަހަންވީނު؟ އަސްލު އަހަންނަކަށްވެސް މާ ބޮޑަކަށް ނޭނގޭ” އަޒްޔަންގެ ވާހަކަ ޝަދާ ގާތު ދައްކަން ވުމުން ނޫރީންއަށް އުނދަގޫވިއެވެ.

“އަހަރެން—” ޝަދާއަށް އިތުރު އެއްޗެއް ނުބުނެވެނީސް ކޮޓަރީގެ ދޮރު ހުޅުވާލާފައި ދާނިޝް ނިކުތެވެ.

“މިތާތަ ތި އިނީ؟ އަހަރެން ހީކުރީ އަދި ނާންނަނީ ކަމަށް” ނޫރީންއާ ޖެހިގެން އިށީންނަމުން ދާނިޝް ބުންޏެވެ.

 

ޝަދާ އަޒްޔަންގެ ވާހަކަ ދެއްކުމުން ނޫރީންގެ ހިތަށް އުނދަގޫވި ނަމަވެސް، އެހެން މީހަކު އަޒްޔަންގެ ޙަޔާތަށް އައުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ގަބޫލު ކުރެވުނެވެ. ނޫރީންއަށް ދާނިޝްއާ އެކު ކުރިއަށް ދާން ފަސޭހަ ވާނީ އަޒްޔަންވެސް އެހެން މަގަކުން ކުރިއަށް ދިޔުމުންނެވެ. ފުރަތަމަ ނޫރީން ހުރީ އަމިއްލައަށް ޝަދާގެ ވާހަކަ އަޒްޔަން ގާތު ދައްކާކަށް ނޫނެވެ. ޝަދާގެ ދުލުން އަޒްޔަންގެ ވާހަކަ ގިނައިން އިވުނު ވަރަކަށް ނޫރީންގެ ހަމަޖެހުން ގެއްލެމުން ދިޔައެވެ. އެންމެ ފަހުން އެ ވާހަކަ އަޒްޔަން ގާތު ދެއްކުނީ ދާނިޝްއަށްވެސް އެކަން އެނގި، ޝަދާއާ އަޒްޔަން ގުޅުމަށް ދާނިޝްވެސް ބާރު އަޅާ އެވާހަކަ ނޫރީން ގާތު ދެއްކުމުންނެވެ.

ރާއްޖެއަށް ދާން ތައްޔާރު ވަމުން ދިޔަ ޔާސިރުއާ ޝަފަގު އެ ދުވަސްކޮޅު ހޭދަ ކުރީ މެލޭޝިއާގެ ތަންތަން ބަލާލުމާ ބާޒާރު ކުރުމުގައެވެ. އެއީވެސް ޝަފަގުއާ ޔާސިރު ބޭރަށް ދިޔަ ދުވަހެކެވެ. މެންދުރުކުރި އެކީ އޮންލައިން ކޮންފަރެންސްތަކުގައި ހޭދަކޮށްފައި ދޭއް ޖަހަން އުޅެނިކޮށް އަޒްޔަން އެ ގެއަށް ދިޔަ އިރު ޝަފަގުމެން ނޫޅޭ ކަމެއް ނޭނގެއެވެ.

ދާނިޝް އެ ދުވަހު ނޫރީންގެ އެޕާޓްމެންޓަށް ދިޔައީ ޝަފަގުމެން ނޫޅޭ ކަން އެނގިގެންނެވެ. ކޮލެޖުން އައިސް ނޫރީންއަށް ގުޅާލި އިރު، ގޭގައި ނޫރީން އެކަނި އުޅޭކަން އެނގުމުން ވަގުތުން އެ ގެއަށް ދިޔައީ ފަހަކަށް އައިސް އެހާ މިނިވަން ގޮތެއްގައި ނޫރީންއާ ބައްދަލު ނުކުރެވޭތީއެވެ.

“އަޒްޔަން މަންމަމެން ދާ އިރު ޗުއްޓީއަކަށް ކުޑަ ދުވަސްކޮޅަކަށް ދާން މިއުޅެނީ.. މަންމަ ވަރަށް ކިޔާތީ” ވާހަކައިގެ ތެރެއިން ނޫރީން ބުންޏެވެ.

“އަހަރެން ދާ އިރު ދާން މަޑު ކުރަންވީނު؟ އޭރުން ރީންއަށް އަހަރެންގެ މަންމަމެންނާވެސް މީޓް ކުރެވޭނެއެއްނު؟” އަޒްޔަންމެންނާ އެކު ނޫރީން ދާ ވާހަކަ ބުނުމުން ދާނިޝް ހިތްހަމަނުޖެހުނު ނަމަވެސް އެކަން ނުދައްކާ ބުންޏެވެ.

“އެ މީހުންނާ އެކީ ދިޔަޔަސް އަދި ދާނިޝް ދާ އިރުވެސް ދެވިދާނެ. ވަރަށް ދުވަސް ވެއްޖެ ނުދާތާ.. ޝަބާގެ ބޭބީވެސް އަދި ނުދެކެން. އެހެންވެ ޝަބާވެސް އަންނާށޭ ކިޔާތީ” ނޫރީން ބުންޏެވެ.

“ރީން ބޭނުމިއްޔާ އޯކޭ.. އެކަމަކު ވަރަށް މިސް ވާނެ..” އެހެން ބުނުމާއެކު ކައިރީގައި އިން ނޫރީންގެ އުނަގަނޑުގައި ހިފާލަމުން ގެނެސް ދާނިޝްގެ އުނގުގައި ނޫރީން ބޭންދިއެވެ.

“ދާނިޝް..!” ވަގުތުން ނޫރީން ދުރަށް ޖެހިލަން އުޅުނެވެ. ނަމަވެސް ދާނިޝް އެ ފުރުޞަތު ނުދީ ނޫރީން ގައިގައި ބައްދާލިއެވެ.

“އެއްވެސް މީހަކު ނެތެއްނު؟ ދެން ކޮން ކަމަކާ ތިހާ ކަންބޮޑުވަނީ؟” ހިނިއައިސްފައި އިނދެ ދާނިޝް އަހާލިއެވެ.

“އެހެން ވިޔަސް—” ނޫރީން ދެކޮޅު ހަދަން އުޅުނު ނަމަވެސް ދާނިޝް އެ ފުރުޞަތެއް ނުދިނެވެ. ދާނިޝްގެ ހިތުގައި ޝަކުވާއެއް އަދި ނުރުހުމެއްވެސް އުފެދެން ބޭނުން ނުވާތީ ދާނިޝް އެދޭ ގޮތަކަށް ކަންތައް ވުމަށް ދޫކޮށްލި ނަމަވެސް ނޫރީންގެ ނަފްސު އެ ގޮތަކާ ނުރުހުނެވެ. ދާނިޝްގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށްލައިގެން އިން ނަމަވެސް ނޫރީންގެ ހަނދާނަށް އެ ވަގުތު އައީ ކައިވެނީގެ ކުރީރޭ އަޒްޔަންއާ އެކު ހޭދަކުރެވުނު ވަގުތުކޮޅެވެ. ދާނިޝްއަށްވެސް އެ ދިނީ އެފަދަ ފުރުޞަތެއް ނަމަވެސް އެރޭ އަޒްޔަންގެ އަތްމައްޗަށް ނަފްސު ދޫކޮށްލެވުނު ގޮތާ އަޒްޔަންއަށް ކުރެވުނު އިތުބާރު ހަނދާންވިއެވެ. އަޒްޔަންގެ އަތުތެރޭގައި ހޭދަވީ ވަގުތުކޮޅުގައި ހިތާ ސިކުނޑީގައި އެހެން އެއްވެސް ޚިޔާލެއް ނެތް ނަމަވެސް އެރޭ ދާނިޝްގެ އަތުތެރޭ ހަމަ އެފަދަ ވަގުތުކޮޅެއް ހޭދަވަމުން ދިޔަ އިރު ނޫރީންގެ ހިތާ ނަފްސު އެކަމަށް ހުސްކޮށެއް ނުލެވުނެވެ. އަޒްޔަންއާ ދާނިޝްގެ ތަފާތު ފާހަގަކުރެވެމުން ދިޔަ އިރު ނޫރީންގެ ހިތް ބުރަވީ އަޒްޔަންގެ ކޮޅަށެވެ.

“ރީން..” އެވަގުތުވެސް ނޫރީންގެ ސަމާލުކަން އެހެން ކަމެއްގައި ވާހެން ހީވެ ދާނިޝް ގޮވާލިއެވެ. އެފަދަ ގޮތަކަށް ވިސްނަން ބޭނުން ނުވި ނަމަވެސް އަޒްޔަން އައި ފަހުން ނޫރީން ބަދަލުވެއްޖެ ކަން ދާނިޝްއަށް ފާހަގަ ކުރެވެއެވެ. ކުރިންވެސް ދެމީހުން މާ ގާތްކޮށް އުޅުމަށް ނޫރީން އެހާ ނުރުހޭކަން ދާނިޝްއަށް އެނގެއެވެ. ނަމަވެސް ފަހަކަށް އައިސް ދާނިޝްއަށް އެކަން މާ ބޮޑަށް ފާހަގަ ކުރެވެއެވެ.

“ސޮރީ..” އިސްޖަހައިގެން އިނދެ ނޫރީން މާފަށް އެދުނީ ދާނިޝް ބޭނުންވި ފަދަ ގާތްކަމެއް ނޫރީންގެ ފަރާތުން ނުދެވުނީތީއެވެ. ދާނިޝް އެދޭ ފަދަ މީހަކަށް ނުވެވޭތީއެވެ.

“ވަޓްސް ރޯންގް ރީން..؟” ނޫރީންގެ ދަތްދޮޅީގައި އިނގިލި ޖައްސާ އުފުލާލަމުން ދާނިޝް އެހިއެވެ.

“ކަމެއް ނުވޭ..” ދާނިޝްގެ އުނގުން ފައިބާ ސޯފާގައި އިށީންނަމުން ނޫރީން ބުންޏެވެ.

ދާނިޝް އެއްޗެއް ނުބުނެ އިރުކޮޅަކު ނޫރީންއާ ދިމާއަށް ބަލަން އިނެވެ. އެ ދެމެދަށް އައި ދުރުކަމުގެ ވާހަކަ ދައްކަން ބޭނުންވި ނަމަވެސް އެކަން އެ ވަގުތަށް ދޫކޮށްލަމުން ދާނިޝް ބޭނުންވީ ވާހަކަ ބަދަލުކޮށްލާށެވެ.

“ރީންއަށް އެނގޭތަ؟ ޝަދާ ލައިކްސް އަޒްޔަން!” ދާނިޝް ބުނެލިއެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ހަގީގަތަކީ ކޮބައިހޭ؟…28

Previews
June 21, 2026

ހަގީގަތަކީ ކޮބައިހޭ؟…28

One Comment

  1. Mar Sha Mar Sha says:
    June 21, 2026 at 1:24 pm

    hello everyone, heres 25, sorry for being so late, 1 ep late koh dhen dhaany, but time vegen ithuru ep eh upload kurevey varah type kurevijjeyya will upload one more ep, so hope u understand. dhen kiyaalaafa let me know what u think inge, 26 InshaAllah on Wednesday

Comments are closed.



All Right Reserved!