ލޯބިން ބުނާތީ 25
ތަޅުލާފައި ހުރި އެޕޯލޯ ތަޅުގައި ހިފާ އަނބުރާލުމާއެކު ކުޑަކޮށް ދޮރު ހުޅުވުނެވެ. ލިއާއަށް ބޮޑަށް ދޮރު ނުހުޅުވިގެން އުޅެނިކޮށް ސިހިގެން ދިޔައީ ދޮރު ކޮށްޕާލާފައި މީހަކު އެތެރެއަށް ދެމިގަތުމުންނެވެ. އެހާމެ އަވަހަށް އެމީހަކު ދޮރު ލައްޕާ ލިއާއާއި ކުރިމަތިލިއެވެ.
“ރި…ހާ…ން…!” ފަހަތަށް ޖެހެވުނު ލިއާގެ ދެލޯ ބޮޑުވެފައިވެއެވެ. އޭނާއަށް ގަބޫލުކުރަން ދަތިވިއެވެ. އޭރު ނުލަފާ ހިނިތުންވުމެއްގައި ހުރެ ރިހާން ދޮރު ތަޅުލީއެވެ. ކޮފީކުލައިގެ އޯވަރސައިޒް ޓީޝާޓަކާއި ކަޅު ޖިންސެއްގައި ހުރިއިރު ރިހާންގެ އިސްތަށިގަނޑު ކުރިއަށް ވުރެ ދިގެވެ.
ލިއާއަށް ހޭވެރިކަންވެ ތެޅިގަނެވުނީ ރިހާން ގާތަށް އަންނަން ފެށުމުންނެވެ. އޭރު ހާސްވެގެން ގޮސް އަތްތިލައިގައި ތުރުތުރު އެޅުމެއް އުފެދިފައިވެއެވެ. އޭނާއަށް ދެފައި ފިއްތާލަމުން، ލައިގެން ހުރީ ޓީޝާޓްކޮޅަށް ދެމެން ފެށުނީ އެ އެއްޗެހި ކުރުކަމުންނެވެ. އޭރު ލިއާއަށް ރިހާން ބަލަމުން ދިޔައީ ކަރުހިއްކައިގަނެފައިވާ މީހަކަށް ފެންފޮދެއް ފެނުމުން ބަލާހެންނެވެ.
“ރިހާން…! ކިހިނެއް…މި ރޫމްއަށް…އައީ…؟” ރިހާން ގާތްވާން ފެށުމުން ތެޅިގަނެފައި ލިއާ ދުރަށް ޖެހިލިއެވެ. ރިހާން އެ ހިނިތުންވުމުގައި ހުރެ ގޮސް ލިއާގެ އެނދުގައި އިށީނެވެ. ލިއާ ބަލަން ހުރީ ދެލޯ ބޮޑުވެފައެވެ.
“ރިހާން…! ތި ކުރެވުނު ކަމެއް އެނގޭތަ…؟ މީހަކަށް ފެނުނިއްޔާ ކިހިނެއް ވާނީ…؟ އަދިވެސް އަހަރެންގެ ނަން ހަޑިކުރެވިފައިހުރިވަރު ކުޑަވެގެންތަ މިތަނަށް ތިއައީ…؟ ދައްތައަށް އެނގުނިއްޔާ އަހަރެން މިގެއިންވެސް ނެރެފާނެ…! އޭރުންވެސް ހާލުގަ ޖެހޭނީ ރިހާނެއް ނޫނޭ…! އަހަންނާ ދޭތެރޭ ނުވިސްނިޔަސް މީ ތަންފުކެއް ބޮޑުވަރު…!” ބިރުން ހުރިނަމަވެސް އެންމެފަހުން ލިއާގެ ނުރުހުން އެކުލެވިގެންވި އަޑު އިވިގެންދިޔައެވެ. ރިހާން ބުމަ ހިއްލާލާ މޫނަށް ޖައްސާލި ވައްތަރުން އޭނާ ލިއާ ދެއްކި ވާހަކައަށް އަޅާލުމެއް ނުދޭކަން ހާމަވިއެވެ.
“އަހަރެން އައިމަވެސް ފޮނުވާނުލެވިގެން ތިއުޅެނީ…އެހެން ނޫނަސް ކޮން ދައްތަ އެކޭ ކިޔާކަށް…؟ ދައްތަ ހުރީ ޑިއުޓީގަ…މިގޭގަ ދެން އުޅޭ ދެމީހުން އެބަތިބި ކުޅެން…ބަލަ މިރަށުގައިވެސް އަހަރެންގެ ރައްޓެހިން ތިބޭ…އަހަންނަށް ކަންކަން ބެލޭނެ ގޮތްގޮތް ހުންނާނެ…! އެހެން ނޫނަސް މީޓްކުރަން އައިނަމަ މިހެން ނުވީހެއްނު…އެނީވޭ، އަހަރެން ގަދަ ދޯ…އަހަރެމެންނާއެކު މިރަށަށް އައި ކުރީގެ ކްލާސްމޭޓެއް ލައްވާ، ލިއާ އަށް ގުޅައިގެން މޮޔަ ހައްދާލީ…” ރިހާން ވާހަކަ ދައްކަމުން ދިޔައީ ކުރެވުނު ކަންތަކާ ފަހުރުވެރިވެފައި ހުރި ފަދައަކުންނެވެ. އެ މޫނުމަތީގައި ކަންބޮޑުވުމެއް ނެތެވެ. އަދި އޭގެ އިތުރުން ގޭތެރެއަށް ވަދެގެން އިނީވެސް އަރައިގެން ހުރި ފައިވާނާ އެއްކޮށެވެ.
ލިއާގެ ރުޅި ދެގުނަވިއެވެ. ނަމަވެސް ދުވަސްގަނޑަކަށް ފަހު ރިހާން ފެނުމުން ހިތަށް އަސަރު ކުރަމުންދިޔައީވެސް ކެތް ނުވާވަރަށެވެ. ލިއާގެ ހިތުގެ ފުނުގައި ރައްކާ ކޮށްފައިވާ ލޯބި ހޭލަން އުޅޭކަމުގެ އިޝާރާތެއް ވުމާއެކު، އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަން އުޅުނެވެ.
“ރިހާން ޕްލީޒް…ދެންވެސް މީހަކު ނާންނަނީސް ނިކުމެގެން ދޭބަލަ…!” ލިއާ ކަންބޮޑުވެފައި ހުރެ ރިހާން ގާތަށް ޖެހުނެވެ. ރިހާން ލިއާ ދައްކަމުން ދިޔަ ވާހަކައަކަށް ސަމާލުކަމެއް ނުދިނެވެ. އޭގެ ބަދަލުގައި އޭނާ ލިއާގެ ބޮލުން ފެށިގެން ފަޔާއި ހަމަޔަށް ނަޒަރު ހިންގާލިއެވެ. ލިއާއަށް އެކަން ފާހަގަވެ، މުޅި ހަށިގަނޑުގައި ފިނިގަނޑެއް ދައުރުކޮށްލިކަހަލައެވެ. އޭނާއަށް ކުރިޔަށް ވުރެ ބޮޑަށް ޓީޝާޓަށް ދަމާލެވުނެވެ. އޭރު ރިހާން ދަހިވެތިކަމާއެކު ބަލަމުން ދިޔައީ ލިއާގެ ހާމަވެފައިވާ އޮމާން ދެފަޔަށެވެ. ލިއާ ހުރީ ލަދުން ހަދާނެ ގޮތް ހުސްވެފައެވެ. މިހާ ނިވާކަން ކުޑަކޮށް ހުއްޓާ، ފިރިހެނަކަށް އޭނާ ފެނުން މީ ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ހިތް ބިރުން ތެޅެމުން ދިޔައީ ރިހާން މިތަނުގައި ހުއްޓާ ޝަރީފާ ނޫނީ ޝަމްނާ އާއި ޝައުރާ އަތުވެދާނެތީއެވެ.
ލިއާ ނުވިސްނާ ހުއްޓާ ރިހާން ކުއްލިއަކަށް ލިއާގެ އަތުގައި ހިފާ ކުއްލިއެއް ޖެހުމުން ލިއާ ވެއްޓުނީ ރިހާންގެ އުނގަށެވެ. ހަމަ އެ ސިކުންތުގައި ރިހާން، ލިއާ އެނދުމައްޗަށް ވައްޓާލުމާއެކު، ލިއާގެ ދެކޮނޑުގައި ހިފާ، ލިއާގެ ދެފަރާތުން އެނދުގައި ކަކޫ ވިއްދާލަމުން އެ މޫނާއި ދިމާލަށް ތިރިވެލިއެވެ. ލިއާއަށް ސިހިފައި ހަޅޭއްލަވައިގަނެވުނެވެ. އެ ހުރިހާ ކަމެއް ހިނގީ މަދު ސިކުންތުކޮޅެއް ތެރޭގައެވެ.
“ލިއާ…!” ކުއްލިއަކަށް ކޮޓަރި ބޭރުން ޝައުރާ ގޮވާލި އަޑު އިވުމާއެކު ލިއާއަށް ހީވީ މޭގަނޑު އަނގަޔަށް އައިހެންނެވެ. ރިހާން އަވަސްއަވަހަށް ލިއާގެ ތުންފަތްމަތީ ޝަހާދަތް އިނގިލި ޖައްސާލުމާއެކު ދޮރާދިމާލަށް ބަލާލިއެވެ. އެ މޫނުގައިވެސް ވަނީ ކަންބޮޑުވުމެވެ. ލިއާ އޮތީ ގުޑިލަން ނުކެރިފައެވެ.
“ލިއާ…! ހަޅޭއްލަވަނީ ކީއްވެތަ…؟ އޯކޭތަ އަނެއްކާ…؟ ނިކުމެބަލަ ސަންސެޓަށް ދާން…މިއަދު ސަންސެޓް ވަރަށް ރީއްޗޭ…! އަހަރެމެން ދަމުން ދަމުން މި އައީވެސް ލިއާ ގޮވައިގެން ދާން ވެގެން…ދެން ނިކުމެބަލަ…!” ޝަމްނާ ވާހަކަދެއްކި އަޑު އިވުނެވެ. އޭރުވެސް ލިއާއަށް އޮވެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ރިހާންގެ ނަޒަރު މަޑުމަޑުން ލިއާއަށް ހުއްޓުނެވެ. އޭނާ އެ ލޮލުން ލިއާއަށް މެސެޖެއް ދިންކަހަލައެވެ. މަޑުމަޑުން ލިއާގެ ތުންފަތުގައި ޖައްސާލެވިފައިވާ އިނގިލި ދުރުކޮށްލުމާއެކު ލިއާއަށް އުނދަގުލާއެކު ނޭވާއެއް ދޫކޮށްލެވުނެވެ. ރިހާން ތިރިވެ ލިއާ ކަންފަތާ ގާތްވެލަމުން ވާހަކައެއް ބުނެލިއެވެ.
“އައި…އައި އެމް ފައިން…! ދެންމެ ނިދިނިދި އޮވެފަ، އެނދުން ވެއްޓެން އުޅުނީމަ ހަޅޭއްލަވައިގަނެވުނީ…!” ލިއާ ހަމަޖެހެން މަސައްކަތް ކުރަމުން ޝައުރާމެންނަށް އިވޭވަރަށް ވާހަކަ ދެއްކިއެވެ. އޭރުވެސް އެ ބިރު އެކުލެވުފައިވާ ނަޒަރު ވަނީ ރިހާންއަށް ހުއްޓިފައެވެ. އަތުގައިވި ތުރުތުރު އެޅުމަށް ބަދަލެއް ނާދެއެވެ.
“ދެން އަވަސްކޮށްލައިގެން ނިކުމެބަލަ…” ޝަމްނާ ބުނެލި އަޑުއިވުނެވެ.
“މިއޮތީ ވަރަށް ބޮލުގަ ރިއްސާތީ…މިގަޑީ ނުދެވޭނެ…!” މަޖުބޫރުވެފައި ހުރި މީހަކު ފަދައިން ލިއާ ވާހަކަ ދެއްކިއެވެ. އިރުކޮޅެއް ވީއިރުވެސް ޝަމްނާއާއި ޝައުރާގެ އަޑެއް ނީވުނެވެ. ލިއާ އޮތީ ބިރުން އަޑެއް ލައްވާލަން ނުކެރިފައެވެ. ރިހާނަށް އެކަން ނަގައިގަނެވުނެވެ. ބޭޒާރުވެދާނެތީ، ލިއާ އަޑުގަދަ ނުކުރާނެ ކަމުގެ ޔަގީންކަން އޮތުމުން ރިހާން މަޑުމަޑުން ލިއާގެ މޫނާއި ދިމާލަށް ތިރިވެލިއެވެ. ރިހާންގެ ނޭވާ މޫނަށް އެޅުނު ވަގުތު ލިއާ ތެޅިގަތް ނަމަވެސް އޭނާ އޮތީ ރަނގަޅަށްވެސް ރިހާންގެ އަތުތެރޭ ހައްޔަރުވެފައެވެ. ލިއާގެ ދެއަތުގައި ހިފަހައްޓާލަމުން، ރިހާން މަޑުމަޑުން ލިއާގެ ތުރުތުރު އަޅަމުންދިޔަ ދެތުންފަތް ގައިދުކޮށްލައިފިއެވެ. ލިއާ ބޭނުންނުވި ނަމަވެސް މާ ބޮޑަށް ގަދަ ނުހެދުނީ ގޭތެރޭގައި މީހަކު ހުރެ، އެ މީހަކަށް ބޭޒާރުވެދާނެކަމުގެ ބިރަށެވެ. އެކަމުގެ ފައިދާ ރިހާން ނެގީ ވަރަށް ފުރިހަމައަށެވެ.
ރިހާން މޫނު ދުރުކޮށްލިއިރު ލިއާގެ ތުންފަތަށް ލޭކުލަ އަރާފައިވެއެވެ. ރިހާންގެ މޫނުމަތިން ފެންނަނީ ބޭނުންވާ އެއްޗެއް ހާސިލުވުމުން ފެންނާނެފަދަ ހިނިތުންވުމެކެވެ. ލިއާ ދެލޯމަރާ ފިއްތާލައިގެން އޮތީ ރިހާނަށް ނުބަލަންވެގެންނެވެ. “އައި މިސްޑް ދެޓް…!” ރިހާން ގާތްވެލަމުން މަޑުމަޑުން ބުނެލީ ލިއާއަށް އަޑުއިވޭ ވަރަށެވެ. ލިއާ ދަތްކުނޑިވިކާލިކަން އެނގުނެވެ. ރިހާންގެ ނަޒަރު، ހިސާބަކަށް ހާމަވެފައިވި ލިއާގެ ހިނދިހިނދި ބަނޑަށް ހުއްޓުނެވެ.
“ކާކު މެސެޖު ކުރަނީ އެ…؟” ލިއާގެ ފޯނު ވައިބްރޭޓް ވާތަން ފެނި ރިހާންގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. ރިހާން އެހެން ބުނުމާއެކު ލިއާގެ ލޯ ހުޅުވުނެވެ. ނަމަވެސް ދެއަތް ހައްޔަރުވެފައި ހުރުމުން ފޯނު ނެގޭ ގޮތެއް ނުވިއެވެ. ރިހާން ބަލާލުމާއެކު ފެނުނީ އިންސްޓަގްރާމުން ގިނަ ނޯޓިފިކޭޝަންތަކެއް އައިސްފައިވަނިކޮށެވެ. ނަމަވެސް ފޯނު ލޮކްކޮށްފައި އޮތުމުން މެސެޖު ފެންނާނެ ގޮތެއް ނުވިއެވެ.
“އެއްކަލަ ފިރިހެނާ……ކައިލް…އޭނާ ދޯ އެ މެސެޖު ކޮށް ނަގަނީ…؟” ކައިލްގެ ނަން ހަނދާންކުރަމުން ރިހާން ނުރުހުމާއެކު ވާހަކަ ދެއްކިއެވެ. ނަމަވެސް ބޭރަށް އަޑު އިވިދާނެތީ އޭނާ ބޭނުންވާ ގޮތަކަށް ވާހަކައެއް ނުދެއްކުނެވެ.
“ކޮންމެ މީހަކު މެސެޖު ކުރިޔަސް ކީއްތަ…؟ އަހަރެން ދޫކޮށްލަންވީ…!” ލިއާ ދަތްކުނޑި ވިކާލައިގެން އޮވެ ވާހަކަދެއްކީ ނުރުހުމާއެކުއެވެ. ނަމަވެސް އޭނާ އޮތީ ރިހާން ކަންތައް ކުރާނެ ގޮތަކާމެދު ބިރުން ހަލާކުވާވަރުވެފައެވެ. ރިހާނަށް އެ ބިރު ފާހަގަވެ، އޭނާއަށް އިތުރު ހިތްވަރެއް ލިބޭކަށް ލިއާ ނޭދެއެވެ.
ލިއާގެ ރުޅިވެރިކަން ފެނި ރިހާންގެ ތުންފަތަށްވެރިވީ ހިނިތުންވުމެކެވެ. ބާރު އޮތީ އޭނާގެ އަތުގައި ކަހަލައެވެ. އޭނާ އަނެއްކާވެސް ގާތްވާން އުޅުމާއެކު ލިއާ ދެތުންފަތް ބައްދާލާ ފިއްތާލިއެވެ. ރިހާން ކައިރިވެލާ ބޮސްދިނީ ލިއާގެ ކަނދުރާއާ ދިމާލަށެވެ. ލިއާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގަތެވެ. ރިހާންއަށް އެ ގާތްކަމުން ނުފުދޭ ކަހަލައެވެ. އޭނާ ބޭނުންވަނީ މިއަށްވުރެ ދުރަށް ދިއުމަށެވެ. ނަމަވެސް އަދި މިފަދަގޮތަކަށް އެކަން ވާކަށް ނެތެވެ. އެހިސާބަށް ގޮސްފިނަމަ ލިއާވެސް މަޑުން އޮންނާނެހެން ހިއެއް ނުވެއެވެ.
“ޕްލީޒް ސްޓޮޕް…” ރިހާނަށް ދުރުވެވުނީ ލިއާގެ މަޑު ރުއިމުގެ އަޑު އިވުމުންނެވެ. އޭނާ ކުޑަކޮށް ކަންބޮޑުވެފައި ހުރެ ލިއާގެ އަތުން ދޫކޮށްލާ ދުރަށް ޖެހިލުމާއެކު ލިއާ މަޑުމަޑުން ތެދުވިއެވެ. ރިހާނަށް ބަލަމުން ލިއާ އެނދުގައި ދެއަތް ވިއްދާލާ ފަހަތަށް ޖެހިގޮސް އެނދުގެ ކަނަށް އަރާ އިނެވެ. އެ ދެލޯ ފުރިފައިވީ ކަރުނައިންނެވެ.
“ރިހާން ޕްލީޒް ލީވް…! އަހަންނަށް އެނގޭ ރިހާންއަށް، އަހަރެންނަށް ކޮންމެ ކަމެއް ވިޔަސް ވަރިހަމަކަން…އަހަންނަށް ދެރަ ގޮތެއް ވިޔަސް ރިހާންއަށް މައްސަލައަކަށް ނުވާނެކަންވެސް…އެކަމަކުވެސް އާދޭސްކޮށްފަ މިބުނީ…މިތަނުން އިހަށް ދޭ…! އަހަރެން ރިހާން ގުޅީމަ ފޯނަށް އާންސަރ ކުރާނަން…!” ލިއާ ގަދަކަމުން ރުއިން ކޮންޓްރޯލްކޮށްގެން އިނދެ، މަޑުމަޑުން ވާހަކަ ދެއްކިއެވެ. ހީވަނީ ގޮތް ހުސްވެފައިވާހެންނެވެ.
“ޔަގީންތަ…؟” ރިހާން އަހާލިއެވެ. ލިއާ މަޑުމަޑުން ބޯ ޖަހާލިއެވެ. އެވަގުތު ރިހާން ފުން ނޭވާއެއް ދޫކޮށްލާ، އެނދުން ތެދުވިއެވެ. އެވަގުތު ލިއާ އެދުނީ މަޑުކުރުމަށެވެ. ރިހާން ބަލަން ހުއްޓާ ލިއާ އެނދުން ފައިބެގެން ގޮސް، ލައިގެން ހުރި ނިދަން ލާއެއްޗެހި މަތިން ދިގު ސްވެޓަރ އަކާއި ހަރުވާޅެއް ލިއެވެ. އެއަށްފަހު ކޮޓަރި ދޮރު ހުޅުވާލާ، މަޑުމަޑުން ބޯ ދިއްކޮށްލަމުން ކޮޓަރިން ނިކުމެ ދޮރު ލައްޕާލިއެވެ. ޝަރީފާގެ ކޮޓަރި ބަލާފައި ޝަމްނާއާއި ޝައުރާގެ ކޮޓަރި ބަލާލުމަށްފަހު ދެން ނިކުތީ މަގުމައްޗަށެވެ. ނަމާދު ވަގުތު ގާތްވާތީ އެހިސާބުގައި މީހުން ވަރަށް މަދެވެ.
“ދެން ދޭ…!” އެނބުރި ކޮޓަރިއަށް އައިސް ދޮރު ގާތްކޮށްލަމުން ލިއާ ބުނެލިއެވެ. ރިހާން ހިނިތުންވުމެއްގައި ހުރެ އައިސް ލިއާގެ ކުރިމައްޗަށް ހުއްޓުނެވެ. ލިއާ ހުރީ ރިހާން ނިކުތުން ލަސްވެފައެވެ. ލިއާ ނުވިސްނާ ހުއްޓާ ރިހާން ލިއާގައިގަ ބައްދާލައިފިއެވެ. “ޔޫ ލުކް ސޯ ހޮޓް އިން ދޯޒް ޔެލޯ ޕިޖާމާސް…” ލިއާގެ ކަންފަތް ކައިރި މިހެން ބުނެފައި ރިހާން ލިއާ ގައިން ދޫކޮށްލިއެވެ. ރަތްވެގެން އައި ލިއާގެ މޫނު ރިހާނަށް ނުފެނުނީ އަވަހަށް ނިކުމެގެން ދިއުމުންނެވެ.
ރިހާން މަގަށް ނިކުތްތަން ބަލަން ހުރެފައި ފުން ނޭވާއެއް ދޫކޮށްލަމުން ލިއާ ގޮސް ވަނީ ފާހަނައަށެވެ. މޫނު ދޮވެލައިގެން ނިކުމެ އެނދުގައި އޭނާ އިށީނދެލިއެވެ. އެ މޫނުމަތިން ފެންނަނީ ހުސްކަމެވެ. ދާދި ދެންމެއަކު ހިނގައިދިޔަ ކަންތައް ސިކުނޑިއަށް ނަގައިގަންނަން ދަތިވެފައިވާކަހަލައެވެ.
ބޭރަށް ނިކުމެ އުޅުނު ކައިލް، ލިއާމެންގެ ގޭ ފެންނަ ހިސާބަށް ސައިކަލު ގާތްކޮށްގެން އިނީ ލިއާ ފެނޭތޯއެވެ. ލިއާ އޮންލައިންގަ ކަމަށް ދެއްކިޔަސް ރިޕްލައި ނުދޭތީ، އެންމެފަހުން އެ ބަސްނާހާ ހިތް މަޖުބޫރުކޮށްގެން އެތަނަށް އޭނާ ގެނައީއެވެ. ސައިކަލުމަތީ އިނދެ، ފޯނާ ކުޅެމުން އިސްއުފުލާލި ގަޑީ އޭނާ ހައިރާންވީ ލިއާމެން ގެއިން ނިކުތް ފިރިހެނެއް ފެނުމުންނެވެ. ކައިލްއަށް އެ މޫނުމަތިން ދަންނަ ވައްތަރު ޖެހިއެވެ. އަތުގައިވި ފޯނު ތިރިކޮށްލަމުން އޭނާ ފަރުވާތެރި ކަމާއެކު ބަލާލިއެވެ. އެމީހަކު ނިކުމެ، ދެފަރާތް ބަލާލާފައި ހިނގައިގަތެވެ. ކުއްލިއަކަށް ކައިލްގެ ހަރަކާތްތައް ހުއްޓުނެވެ. އެ މޫނު އޭނާއަށް ފާހަގަވެއްޖެއެވެ. ހޭވެރިކަންވެ، އަވަސް ހަރަކާތަކާއެކު އޭނާއަށް ހުޅުވާލެވުނީ ލިއާ ފޮނުވާފައި އިން ފޮޓޯއެވެ.
“ނޫން…” ކައިލްއަށް ބުނެވުނެވެ. އޭނާއަށް ސައިކަލުން ފޭބުނު ގޮތެއްވެސް ނޭނގުނެވެ. އޭރު އޭނާއަށް އިހުސާސްވަމުން ދިޔައީ، މޭފަޅާ ހިތް ނުކުންނަން އުޅޭހެންނެވެ. އޭރު ރިހާން ޖެހިގެން އޮތް ގޯޅިއަށް އަޅައިފިއެވެ. ކައިލް ގޮސް ލިއާގޭ ދޮރުކުރިމަތީ ހުއްޓުނެވެ. އަވަސް ނޭވާތަކެއް ދޫކުރަމުން ދިޔައިރު، އޭނާ ދިޔައީ އަތުގައި އޮތް ފޯނުން ލިއާއަށް ގުޅަމުންނެވެ. ޝަމްނާއާއި ޝައުރާއަށް އާދެވުނީ އެވަގުތުއެވެ. އެންމެ އިރުކޮޅެއް ލަސްވި ނަމަވެސް ކައިލް ގޭތެރެއަށް ވަނީހެވެ.
“އޯ މައި ގޯޑް…!” ޝަމްނާއަށް ތޫލި އަޑަކުން ހަޅޭއްލަވައިގަނެވުނު އިރު ޝައުރާ ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. މަޑު ނޫކުލައިގެ އަތްކުރު ގަމީހަކާއި ހުދު ޖީންސެއްގައި ކައިލް ހުރިއިރު ގަމީހުގެ އަތުކުރިވަނީ އެ ބާރުގަދަ މުލައްދަނޑިއަށް ހިފާލާފައެވެ. ޝަމްނާއާއި ޝައުރާއަށް ހީވަމުން ދިޔައީ ހޭލާ ތިއްބާ ރީތި ހުވަފެނެއް ފެންނަހެންނެވެ. ކައިލްގެ ފިރިހެންވަންތަކަމުން އެކުދިންގެ ހިތްތައް ކަތިލެވުން ކަހަލައެވެ.
“ލިއާއަށް ގޮވާލަދީބަ…!” އެމީހުންގެ ނަޒަރުތަކަށް ސަމާލުކަން ދިނުމެއް ނެތި ކައިލް އެދުނެވެ. އޭނާގެ ހިތާއި ސިކުނޑީގައި ތޫފާނެއް އުފެދިފައިވާކަހަލައެވެ. މޫނުމަތިން ސީރިއަސްކަން ފެންނަމުން ދިޔައިރު ނުރައްކާތެރި ދަރަޖައަކަށް ފުރިހަމައެވެ. ޝަމްނާއާއި ޝައުރާ ހޭވެރިކަންވި މީހެއް ފަދައިން އަވަސްއަވަހަށް ގޮސް ލިއާގެ ކޮޓަރި ދޮރުގައި ޓަކި ޖެހިއެވެ.
“ލިއާ ވަރަށް އަވަހަށް ނުކުމެބަލަ…އެބަހުރި މީހަކު ހޯދަން އައިސް…!” ލިއާއަށް ގޮވިއިރުވެސް ޝަމްނާއާއި ޝައުރާގެ ނަޒަރު ހުރީ ބޭރުގައި ހުރި ކައިލްއަށެވެ. ކައިލްގެ މޫނުމަތިން ފެންނަނީ ކެތްތެރިކަން ކުޑަކަމެވެ.
ލިއާ ސިހުނެވެ. އޭނާ ހީކުރީ ރިހާން އައީ ކަމަށެވެ. ތެޅިގަނެފައި ގޮސް ދޮރު ހުޅުވިއިރު ޝަމްނާ އާއި ޝައުރާގެ މޫނުމަތީގެ ކުލަވަރު ހުރިގޮތުން ހައިރާންވާގޮތްވިއެވެ. އޭނާ ބޭރަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ބަލަން ހުރި ކައިލް ފެނުމާއެކު ލިއާ ހުއްޓުން އެރިއެވެ. ކައިލްގެ މޫނުގެ ކުލަވަރު ފެނިފައި ގަޔަށް އަރައިގެން ދިޔައީ ފާޑެއްގެ ފިނިގަނޑެކެވެ.
“ލިއާ…ކެން ޔޫ ކަމް ވިތް މީ…؟ އައި ނީޑް ޓު ޓޯކް…!” ޝަމްނާއާއި ޝައުރާއަށް ސަމާލުކަމެއް ނެތި ކައިލް ވާހަކަ ދެއްކީ ސީރިއަސް ރާގަކަށެވެ. ލިއާއަށް އިންކާރު ކުރަން ނުކެރުނީ ކައިލްގެ ރާގު ހުރިގޮތުންނެވެ. ކައިލްއަށް ބޮޑުކަމެއް ވެއްޖޭ ލިއާގެ ހިތް ބުނެލިއެވެ. ޝަމްނާމެންނަށް ބަލާލާފައި ލިއާ އެތެރެއަށް ވަނީ އެއްޗެހި ބަދަލުކުރާށެވެ. އޭރުވެސް އަޑިން ނިދާހެދުން ލައިގެން ހުރުމުންނެވެ. ޝަމްނާ އާއި ޝައުރާއަށް އެކަކު އަނެކަކަށް ބަލާލެވުނީ، ލިއާގެ ނަސީބު ރަނގަޅުވަރުން، އެކަމާއި ހައިރާންވެފައި ހުރި ފަދައަކުންނެވެ.
ނުނިމޭ
One Comment
Comments are closed.



wow masha allah vrh reethi plus vrh dhera vx vey eba i hate that reehan Eww
and yea i want kail ah leena gulhen insha allah ehen vaane kamah unmeedhu kuran
when is nest part?? can’t wait