Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަޤުދީރު-10

Vaahaka_by_Az
Vaahaka_by_Az Level 110 Stories
June 15, 2026 6 Mins Read
1 Comment

”ހެއި ލޯބީ….“ އަޒާން މަޑުމަޑުން ގޮވާލީ ދޮރުގެ ހަނި ޖާގައިން ބޯދިއްކޮށްލި އަންހެން ކުއްޖާއަށެވެ. ދޮރު ކިރިޔާ ހުޅުވާލައިގެން ހުރި އަންހެން ކުއްޖާ ބާރު ހިނގުމެއްގައި އެތެރެއަށް ވަދެގެން ދިޔައީއެވެ. އަނދިރި ކިއްލާއެއްހެން އޮތް އެކޮޓަރި ތެރެއަށް ވަދެގެން ދިޔަ އަޒާން މުޅި ތަނަށް ނަޒަރު ހިންގާލިއެވެ. ކޮޓަރިތެރެ ހީވަނީ ތޫފާނެއް އަރާފައި އޮތް ތަނެއްހެނެވެ. ބާލިސް ތަކާއި  ރީތިވާ މޭޒު ގައި ހުރި ހުރިހާ އެއްޗެއް ހުރީ ބިންމަތީގައެވެ. އެނދުގެ ބިއްދޮށް ފަރާތުގައި ފުރަގަސްދީގެން އިން ކުއްޖާ ގާތުގައި ގޮސް އަޒާން އިށީނެވެ. ބަލާބެލުމަށް އެކުއްޖާއަށް ވާނީ  ސައުވީހަކަށް އަހަރެވެ. އަނދިރިގަނޑުގެ ތެރެއިން މާބޮޑަށް ސިފަ ވަކިވާވަރެއް ނުވެއެވެ.

”ރުޅި އައިސްފަ ތަ؟“ ކުއްވެރިއަކުފަދައިން އިސް ޖަހާލައިގެން އިނދެ އަޒާން ވާހަކަދެއްކިއެވެ. ”ބައިވަރު ފަހަރު ގުޅިން……އެކަމް ފޯނު ނުނެގީ ކީއްވެ؟“ އެ އަންހެން ކުއްޖާ ޝަކުވާކޮށްލިއެވެ. ”ސޮރީ…..ދޫނީ…..ބިޒީކޮށް އުޅުނީ އެހެންވެ ނޭގުނީ ގުޅިކަން… ދެން އެހެނެއް ނުވާނެ އިނގޭ“ އެކުއްޖާ ގެނެސް އަޒާންގެ މޭގައި ލައްކޮށްލިއެވެ.

…………………

ސިޓިންރޫމުގެ ސޯފާގައި  އިށީންދެގެން  ތިބި ޔުވާން އާއި ނޭޕާލު އަންހެން މީހާ ތެދުވީ ކޮޓަރީގެ ދޮރު ހުޅުވާލާފައި އަޒާން ނުކުތުމުންނެވެ. ” އޯލް ގުޑް؟“ ކަންބޮޑުވެފައި ޔުވާން ސުވާލުކޮށްލިއެވެ.

”މި ވަގުތަށް އޯކޭ ވެފައި ހުރީ….. ވަރަށް ވަރުން ގޮތްދޫކުރީ…..ފަހަކަށް އައިސް ވަރަށް ރަނގަޅު ވެފައި ހުރެފައި އަނެއްކާވެސް އެ ގޯސްވީ މިއަދު….. ނީލޫ ވާނެ އިނގޭ ހައި ރަނގަޅަށް ބަލަން….ހައި އަށް ކަމެއް ވެއްޖިއްޔާ އަހަރެން ވަރަށް ދެރަވާނެ….އެއީ އަހަރެންގެ ފުރާނަ“ އަޒާން ވާހަކަ ދެއްކީ ޔުވާން އަދި  ނޭޕާލު އަންހެން މީހާ އަށް މުހާތަބުކޮށެވެ.

”ލައްބަ އަޅުގަނޑު މެޑަމް ބަލަނީ ބަރާބަރު“ ނީލޫ އަޒާން އަށް ޔަޤީންކަން ދިނެވެ. ނީލޫ އަކީ އަޒާން ވަރަށް ބޮޑަށް އިތުބާރު ކުރާ މީހެކެވެ.

”އަޒާން…… ދަރިފުޅު އެބައުޅެންތަ އައިސް؟“ ގޭގެ ބޮޑު ދޮރު ހުޅުވާލާފައި ވަދެގެން އައި ނަސްރާ އަށް އަޒާން ފެނި އެ މޫނު އުޖާލާވެގެން ދިޔައެވެ.

”އަހަރެން އައިތޯ ބަލަނީ ކީއްކުރަން؟ ހައި އެކަނި ބަހައްޓާފަ ތިދަނީ އަބަދު …..ނުބެލެންޏާވެސް ބުނެބަލަ އޭރުން އަހަރެން ހައި ގެނަދާނަމޭ އަހަރެންގެ އެޕާޓުމެންޓަށް“ އަޒާންގެ އަޑުގައި ވީ ރުޅިވެރިކަމާއި ނަފްރަތެވެ.

”ދަރިފުޅު މަންމަ ދިޔައީ  ފިހާރައަކަށް…..އަދި ނުވާނެ މަންމަ ދިޔަތާ ގަޑިއިރެއް ވެސް……އެހެން ނޫނަސް މަންމަ ދިޔައިރު ހައިކާ ހުރީ ހަމަ ރަނގަޅަށް“ އިސް ޖަހާލަމުން ނަސްރާ އެހެން ބުނެލީ އަޒާންގެ  އެ ރުޅިވެރި ބަސްތައް އެއީ އޭނައަށް އާބަސްތަކަކަށް ނުވާތީއެވެ.

އަޒާން އިތުރަށް އެއްޗެކޭ ބުނަން ހުޅުވާލި އަނގަ ލައްޕާލީ ނަސްރާގެ ފަހަތުން ގެއަށް ވަދެގެން އައި ޒާހިރު ފެނިފައެވެ. އަޒާންގެ ބައިންބަފައިންނަށް ކިތަންމެ ނަފްރަތެއް ކުރިޔަސް ބައްޕަ ކުރިމަތީގައި އަޑުހަރުކޮށް ބަސްބުނަން އަޒާން ޖެހިލުންވެއެވެ.

”އަޒާން ކިހިނެއްވީ؟ …..އަނެއްކާ ހައިކާ ރުޅި އިސްކުރަންފެށީ ދޯ؟“ ޒާހިރު ސުވާލުކޮށްލީ  އެހެންޏާ ހައިކާގެ ކަމަކު ނޫނިއްޔާ އަޒާން އެގެއަށް ނާންނާނެތީއެވެ. ”ހައި….ގަސްދުގަ ކުރާކަމެއް ނޫނޭ މިހާރު ކިތައް ފަހަރު ބުނެފިން“ އަޒާންގެ އަޑު މަޑު ނަމަވެސް އެ އަޑުގައި ރުޅިވެރިކަން ވިއެވެ.

”ހައިކާ އަކީ ވެސް މިހާރު ސައްވީސް އަހަަރު ވެފައި ހުރި މީހެއް….އެއީ ކުޑަކުއްޖެއް ނޫން އެހާ ބޮޑާ ހާކާކަށް…..ވިސްނޭވަރު ވެފައި އެހުރީ“ ޒާހިރު ވެސް ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. އަޒާންއަށް އެއްގޮތަކަށްވެސް  ހައިކާ އާމެދު ޒާހިރުގެ ވާހަކަ ހުރިގޮތް ކަމަކު ނުދިޔައެވެ. އަޒާން ބާރުހިނގުމުގައި ގޮސް ގެއިން ނުކުމެގެން ދިޔައީ  މަންމަ އާއި ބައްޕައަށް ބަލާވެސް ނުލައެވެ. ޔުވާންވެސް އަޒާން ފަހަތުން ނުކުމެގެ ން ދިޔައީ ނަސްރާގެ ކޮނޑުގައި އަތް ބާއްވާލަމުން ބޯޖަހާލާފައެވެ.

ފުން ނޭވާއެއް ބޭރުކޮށްލަމުން ޒާހިރު ގޮސް ސޯފާގައި އިށީނީ އަޒާންގެ އުޅުން ހުންނަ ގޮތުން ފިކުރު ބޮޑުވެފައެވެ. ނަސްރާވެސް އައިސް ޒާހިރު ގާތު އިށީނެވެ.

……………………..

ރޭގަނޑުގެ އިރައިކޮޅުގެ  ވަގުތެވެ. ގޭތެރޭގައި ހިފާލާފައި ހުރީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑެވެ. ކުޑަ ފިރިހެން ކުއްޖަކު ހުރީ ގޮނޑިއެއް މައްޗަށް އަރައި ތުއްތު ކުދިން ނިދަން ގެންގުޅޭ ކުޑަ އެނދުކައިރިއަށް ގުދުވެގެންނެވެ.  އެނދުގެ ވަށައިގެން ޖާލި ޖަހާފައި ހުރުމުން އެނދުގައި އިން ތުއްތު ކުއްޖާ ނެގުންވީ ދަތި ކަމަކަށެވެ. ބަލާބެލުމަށް އެ ފިރިހެން ކުއްޖާގެ އުމުރުން ވާނީ އަށްވަރަކަށް އަހަރެވެ. އަދި އެ ތުއްތު އަންހެން ކުއްޖާގެ އުމުރުން ވާނީ އެންމެ ދެއަހަރެވެ. އޭރު ކޮޓަރީގެ މެދުގައި ހުރި ބޮޑު އެނދުގެ ބެޑުޝީޓުގައި އަލިފާން  ހިފައި އަނދަމުން ދިޔައެވެ. އަލިފާންގަނޑު އައިނައި ތަނެއް ނޭނގި ހުޅުގަނޑު ބާރު އިސްޕީޑުގައި ކޮޓަރި ތެރެއަށް ފެތުރެމުން ދިޔައެވެ. މުޅި ތަނުގައި ދުންތައް ފެތުރެން ނެގީ މަދު ސިކުންތު ކޮޅެކެވެ. ކުޑަ ފިރިހެން ކުއްޖާ ހަދާނެ ގޮތް ހުސްވެ ދޮރުގައި އެތައް ފަހަރަކު ތެޅިއެވެ. ނަމަވެސް އެހީތެރި ކަމުގެ އަތެެއް ދިއްކޮށްލާނެ ދިރިހުރި ފުރާނައެއްވެސް އެތަނުގައި ނެތީއެވެ. އެތައް ފަހަރަކު ތުއްތު އަންހެން ކުއްޖާ ނެގޭތޯވެސް ކުރެވުނު މަސައްކަތްވީ ބޭކާރެވެ. ހާސްވެ އެކި ކޮޅުކޮޅަށް ދުވެ ވަރުބަލިވެފައި ވިއެވެ. އެއްފަހަރު ދޮރުގައި ތަޅައިގަނެފިއްޔާ އަނެއްފަހަރު ދުވެ އައިސް ތުއްތު ކުއްޖާ ނެގޭތޯ އެތައް މަސައްކަތެއް ކުރެވިއްޖެއެވެ.  ކަޅުދުންތައް އެތެރެހައްޓަށް ވަދެ ކެއްސުން ދިޔައީ އިތުރު ވަމުންނެވެ. އެކުއްޖާގެ ނޭވާވެސް ޖެހެނީ ކިރިޔާ އެވެ. އެހާލަތުގައި ކޮޅަށް ހުރުންވެސް ދަތިވެ ބޮލަށް އަރަމުން ދިޔަ އެނބުރުންގަނޑުން އެ ފިރިހެން ކުއްޖާ ތަޅުންގަނޑު މައްޗަށް ވެއްޓުނީއެވެ. އޭރު އަލިފާންގަނޑު ފެތުރެމުން ގޮސް ތުއްތު ކުއްޖާގެ އެނދުގެ ބައެއްގައި ހިފާފައި ހުރިތަން މެރެމުން ދިޔަ ލޮލުން ނުސާފުކޮށް ފެންނަމުން ދިޔައެވެ. ތުއްތު އަންހެން ކުއްޖާގެ ރުއިމުގެ އަޑު އޭރުވެސް މުޅިތަނުގައި ހިފާފައި ހުއްޓެވެ. ކުޑަކުޑަ ފިރިހެން ކުއްޖާގެ ދުލުން ނުކުތްހާވެސް ބަހަކީ މަންމާ އެވެ.

”މަންމާ!!“ ނިދާފައި އޮތް އަޒާންއަށް ތެދުވެވުނީ ބިރުވެރި ހުވަފެނެއްގެ ތެރެއިންނެވެ. އޭސީގެ ފިނި އެންމެ ބާރުކޮށްފައި ހުރިއިރުވެސް މުޅި މީހާ ދާހިއްލާ ފޯވެއްޖެއެވެ. ތެދުވެ އެނދުގެ ހެޑު ބޯޑަށް ލެގިލަމުން ފުންކޮށް ނޭވާލާންފެށީ މީހާ ހަމައަކަށް އެޅޭތޯއެވެ. އޭރުގަޑިން  3 ޖަހަނީއެވެ. އެނދުންތެދުވެ ލައިގެން ހުރި ބޮކްސާ މަތިން ޖިންސެއް ލައި އަލަމާރިން ނެގި ޓީޝާޓު ގަޔަށް ހެޔޮވަރުކޮށްލަމުން ހުޅުވާލީ ބިއްލޫރި ދޮރެއް ލާފައި އިން ކަބަޑެކެވެ.

 ކަބަޑުގެ ތެރެ ޒީނަތްތެރި ވެފައި ހުރީ ހުސް ކާރު ތަޅުދަނޑިތަކުންނެވެ. ފަހުގެ އެކި މޮޑެލްތަކުގެ ކާރު ތަޅުދަނޑިތައް ފެންނަން ހުއްޓެވެ. މާބޮޑު ފިކުރަކާނުލާ އަޒާން އެތަނުން ތަޅުދަނޑިއެއް ނަގައިގެން ގޮސް އެރީ ގަރާޖުގައި އޮތް ’މަރސޭޑިޒް ބެންޒް‘ އަށެވެ. ކާރަށް އަރައި ބާރު އިސްޕީޑުގައި ދުއްވާލީ ސިނަމާލެ ބުރިޖާއި ދިމާލަށެވެ. ދަންވަރުގެ ވަގުތަށް ވުމުން މީހުންގެ މާބޮޑު ހިލަމެއް ނުވެއެވެ. ދެތިން މީހަކު ބުރިޖް މަތިން ދަތުރު ކުރާތަން ފެނިއުޅެއެވެ. އަޒާންގެ މިސްރާބު ހުރީ ހުޅުމާލެއަށެވެ. ބާރުބާރާށް ހުޅުމާލޭގެ މަގުތަކުގައި ދުއްވަމުން ދިޔައީ ބޮލަށް ލުޔެއް ލިބޭތޯއެވެ. މީ ގިނަ ރޭތަކުގައި އަޒާންގެ ހާލެވެ. އަބަދުވެސް ފެންނަ އެ ބިރުވެރި ހުވަފެނުން  ހިތަށް ވެރިވާ ހާސްކަން ފިލުވާލެވެނީ ކާރުގެ  ރޭސް ގިއަރަށެވެ. އަޒާންގެ ހިތަށް ހަމަޖެހުން ލިބޭކަމަކީ އެއީ ކަމަށްވާތީއެވެ.

 އެތަށް އިރަކު ކާރު ދުއްވުމަށްފަހު އައިސް މަގުގެ އެއްފަރާތަށް މަޑުކޮށްލިއެވެ. އަދި ފޯނުނަގައި ގެލެރީއަށް ވަދެ ބަލާލީ  އާޔަތު ކަޕްކޭކު އަނގަޔަށް ލައިގެން ހުރި ދުވަހުގެ ފޮޓޯއަކަށެވެ. ފަހަރަކު ފޮޓޯއެއް ބަލަމުން ދިޔައިރު އެއީ އާޔަތުއަށް ނޭގި ނަގާފައި ހުރި ލޯބި ފޮޓޯތަކެކެވެ. އެއް ފޮޓޯގައި އަޒާންގެ ކެބިން ތެރޭގައި ފުރަގަސް ދީގެން ކާރުތަކަށް ބަލަން ހުރި އިރު އަނެއް ފޮޓޯގައި  ހުރީ އިއްޔެ ދަތުރު ގޮސް އުޅުނު އިރު އާޔަތު ވޮލީކުޅެން ހުއްޓާ ނަގާފައެވެ. ފަހަރަކު ފޮޓޯއެއް ބަލަމުން ދިޔައިރު އަޒާންގެ ތުންފަތް މައްޗަށް ލުއި ހިނިތުން ވުމެއް ވެރިވިއެވެ. އެހާސްކަމުގެ ވަގުތު ކޮޅުގައިވެސް އާޔަތުގެ ފޮޓޯ އަޒާންގެ ހިތްހަމަ ޖެހުމަކަށްވުމީ އަޖައިބެކެވެ. އާޔަތު އެހާ ނަފްރަތު ކުރާކަން އެނގޭއިރުވެސް އަޒާން މާ ބޮޑު ކަމަކަށް ނުހަދައެވެ. ކޮންމެ ކޮންމެ މީހަކަށް އަޒާން އާ މުހާތަބު ކޮށް ހިތުހުރިހާ އެއްޗެއް ކިޔަން ނުވެސް ކެރޭނެއެވެ. ނަމަވެސް މި ލޯބިވެތި އަންހެން ކުއްޖާ ކުރާ ކޮންމެ ކަމަކަށް އަޒާން މަރުހަބާ ކިޔަނީ ހިތުން ރުހުމުންނެވެ. އޭރު އަޒާން މުޅިންހެން ހަމައަކަށް އެޅިފައިވިއެވެ.

ދުރުދުރުން ފުރޭނިގެން ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވެންފެށިއެވެ. އަޒާން އަވަސްވެލީ ފަތިސް ނަމާދު ޖަމާއަތުގައި ކޮށްލުމަށެވެ. އެންމެ ކައިރީގައި ހުރި މިސްކިތް ކައިރީ ކާރު ބާއްވާލަމުން މިސްކިތައް އެރިއެވެ. ދަންވަރުގެ ވަގުތު ގައި ހޭލެވިގެން ކާރު ދުންވަން ނުކުންނަ ރެއެއް ވިއްޔާ އަޒާން އެނބުރި ގެއަށް ދަނީ ޖަމާއަތުގައި ފަތިސް ނަމާދު ކޮށްލައިގެނެވެ.

…………………………

ހެނދުނުގެ 10:30 ވަނީއެވެ. ޔަލްވީ ކެބިންގައި އިނދެފައި ދިޔައީ މެޑިކަލް ވޯޑަށެވެ. ހެނދުނުގެ ވަގުތަށް ވުމުން ނަރުހުން އުޅުނީ ބަލިމީހުންގެ ކަންކަމުގައި އަވަދިނެތިއެވެ. ބަލިމީހުނަށް ބޭސް ދިނުމާއި  ފެންވަރުވާ ގައިން ތާހިރުކޮށްދިނުމުގައެވެ. ޔަލްވީވެސް ވޯޑަށް އައީ އެހީތެރިވެ  މަސައްކަތް ލުއިކޮށްލަދިނުމުގެ ނިޔަތުގައެވެ. ޔަލްވީ ފެނުމާއެކުހެން މަނާލް ހިނިތުން ވެލިއެވެ. އަދި ކުރަންހުރި ކަންކަން ކިޔާލަދިނީ ޔަލްވީގެ އެދުމުގެ މަތިންނެވެ. ޔަލްވީގާތު ބޭސް ދޭންވީ ބަލިމީހުންގެ ޗާޓުތައް ބަހައްޓާފައި މަނާލް އަމިއްލައަށް ކުރަން ހުރި ކަންތަކަށް ރުޖޫއަވިއެވެ.

ފަހަރަކު ބަލިމީހަކަށް ބޭސްދެމުން އައިސް ފަހުމީހާގެ އިންޖެކްޝަން ލޯޑު ކުރަން ޓްރީޓުމެންޓު ރޫމުގައި ފުރަގަސްޖަހައިގެން ހުރި ޔަލްވީގެ ހަރަކާތްތައް ހުއްޓުނީ ފަހަތުން އިވުނު އަޑުންނެވެ.

”މީނައަށް ހީވަނީ މީނަ މީ ދެން ޑޮކްޓަރެއް ކަމަށްތަ؟….. ލިއަމްވެސް ޖެހޭތަ މީނައަށް ވަކިން ކެބިން އަކާ އެއްޗެހި ދޭން…..އަދި މާ މަސައްކަތް ކުރާ މީހަކަށް ވެގެން މިތަނަށް އައިސް އެބައުޅެއެއްނު…..ލިއަމް އިމްޕްރެސް ކުރެވޭނެ ކަމަށްތަ އޭނަ ހީކުރީ…. އެއީ ހަމައެކަނި އަހަރެންގެ ޙައްގެއް….ލިއަމް އަކަށް ކަމަކުވެސް ނުދާނެ އެކަހަލަ އަންހެނުން…..އަމް ހިޒް ޓައިޕް“ އެކަކު ބުނެލިއަޑު ޔަލްވީއަށް އިވުނެވެ.

”ޝްޝް…މެހެކް ތިހެން ނުކިޔާބަލަ…ޔަލްވީ އެބަހުއްޓޭ މެޑިސިން ރޫމްގަ އަޑު އިވިއްޖިއްޔާ ދެރަވާނޭ“ މަނާލްގެ އަޑު ކެނޑުނީ ޔަލްވީ އިންޖެކްޝަން ޓްރޭ ހިފައިގެން ނުކުތުމުންނެވެ. އެމީހުން ކީއެއްޗެހި އަޑު އިވުނެއް ކަމަކު ޔަލްވީ އެއްވެސް އެއްޗެއް ނުބުނެ ދިޔައީއެވެ.

މެޑިކަލް ވޯޑުގެ ކަންކަން ނިނަމާލާފައި ޔަލްވީއަށް ނުކުމެވުން އިރު 2:30 ވެއްޖެއެވެ. ބަނޑުހައި ވެފައި ހުރުމުން ޔަލްވީ ގަސްދު ކުރީ ކެފެޓީރިއަށް ގޮސް އެއްޗެއް ކާލުމަށެވެ. ފޯނު ރިންގުވާން ފެށުމުން ޔަލްވީ ފޯނުނަގައި ބަލާލިއިރު ގުޅަނީ ލިއަމް އެވެ. ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން މޫނަށް ވައްތަރު ތަކެއް ޖައްސާލިއެވެ.

”ހެލޯ ލިއަމް ސަރ؟….ނޫން އަދި ނުކަން ކިހިނެއްތޯ ވީ؟…..އޯކޭ“ ލިއަމް ވާހަކަ ދައްކާ ނިމުމުން ޔަލްވީ ފޯނު ޖީބަށްލިއެވެ. އަދި އެންމެ ތިރީ ފަންގިގިލާގައި ހުރި ވެއިޓިން އޭރިއާގެ ގޮޑިއެއްގައި އިށީނެވެ.

”ލިއަމް ކީއްކުރަން އަހަރެން ކައިރީ ލަންޗަށް ދާން އެބުނީ…. ލިއަމްގެ ފިއޯންސީ ތަ މެހެކް އަކީ؟ މެހެކް މިއަދު ކީ އެއްޗެހިން އެހެން ހީވަނީ ދޯ؟؟….އަހަރެންނަށް ކޮންކަމެއް ދޯ އެދެމީހުންގެ ކޮންމެ ގުޅުމެއް އޮތަސް….ހީއިޒް ޖަސްޓް މައި ބޮސް….ޔަޕް….ދެޓްސް އިޓް“ އަމިއްލަ ނަފްސާ ވާހަކަ ދައްކަން އިން ޔަލްވީ ސިހުނީ ލިއަމް އައިސް ކަރު ކެހިލުމުންނެވެ.

ލިއަމް ޔަލްވީ ގޮވައިގެން ގޮސް ވަނީ ހޮސްޕިޓަލާއި މާދުރުނޫން ހިސާބެއްގައި ހުރި ބޮޑު ރެސްޓޯރެންޓަށެވެ. މަގުމަތި ފެންނަހެން ހުރި މޭޒެއްގައި ގޮސް ދެމީހުން އިށީނެވެ. ”ލިއަމް ސަރ…..ކިހިނެއްވީ ލަންޗަށް އަންނަން ބުނީ އަޅުގަނޑު ކައިރީ؟“ ވެއިޓަރު އައުމުން އޯޑަރު ދީފައި ޔަލްވީ ހިތުގައި އޮތް ސުވާލު ލިއަމް އާއި ކޮށްލިއެވެ.

”އެނގޭ ޔަލްވީ ބްރޭކެއް ނުނަގާނެކަން އަދި …..ކުރިންވެސް ގުޅީމަ ފޯނު ނުނެގީމަ ހީވީ ބިޒީ ވީއޭ….ދެން އަހަރެންނަށްވެސް މިގަޑީގަ މިލިބުނީ ބްރޭކެއްވެސް“ ލިއަމް ޔަލްވީއަށް ބަލަން އިނދެ އާދައިގެ ގޮތަކަށް ބުނެލިއެވެ.

”ސިފައިންގެ ޑިއުޓީގަ އުޅެފަދޯ ތި އައީ…..އެހެންވެ ދޯ ޔުނީފޯމުގައި ތިހުރީ …..ސަރ“  ޔަލްވީގެ ނަޒަރު ދަތުރު ކުރީ ލިއަމްގެ ވާތުގެ ކަށި އިނގިލީގައި އަޅާފައި އިން ރިހި އަނގޮޓިއަށެވެ.

”އާން…..ވަރަށް ބުރަކޮށް ދިޔަ ދުވަހެއް ވީމަ ހޮސްޕިޓަލަށްވެސް ނާދެވުނީ“ ލިއަމް ބޮލުގައި އިން ތޮފި ނަގައި މޭޒުމަތީގައި ބާއްވާލިއެވެ.

”ބައިދަވޭ…..ފިއޮންސޭ ގޮވައިގެން ކީއްވެ ލަންޗަށް ނައީ….ސަރ“ ލިއަމްގެ އަތުގައި އިން އަނގޮޓިއަށް ޔަލްވީ އިޝާރާތް ކޮށްލިއެވެ.

”ޔަލްވީ….މައްސަލަ އެއްނެތޭ ސަރ ނުކިޔަސް….. ޔޫ ޑޯންޓް ހޭވްޓު…އެންޑް އަހަރެން ބޭނުންވާ މީހާ ގޮވައިގެން ކާން މިއައީ“ ޔަލްވީގެ ސުވާލަށް ލިއަމްއަށް ފުރިހަމަ އަށް ޖަވާބެއް ނުދެވުނެވެ.

 ވެއިޓަރު އައިސް  ކާއެއްޗެހި ބެހެއްޓުމުން ދެމީހުން ވެސް އިތުރު ވާހަކަ އެއް ނުދައްކާ ކާންފެށިއެވެ. ”ޔަލްވީ؟؟….ކިހިނެއްވީ؟…..އާ ޔޫ އޯކޭ؟“ ޔަލްވީގެ މޫނު ރަތްވެ ނޭވާލާން އުނދަގޫ ވެގެން އުޅެން ފެށުމުން ލިއަމް ހާސްވާން ފެށިއެވެ. ”އައި ތިންކް މީގަ ސީފުޑް އެބަހުރި“ ޔަލްވީ ކާން އިން ތައްޓަށް އިޝާރާތް ކޮށްލިއެވެ.

”ވަޓް؟؟….ވެއިޓަރ….އާދެބަލަ…. މީގަ ސީފުޑް ހުންނާނެތަ؟…..ހައުކުޑް ޔޫ ނޮޓް ސޭ“ ލިއަމް ރުޅިއައިސްގެން ވެއިޓަރު ކުއްޖާގެ ގަމީހުގެ ގިރުއާނުގައި  ހިފިއެވެ. ” ސަރ…. މިކްސްޑް ރައިސް އެއްވީމަ ސީފުޑް ހުންނާނެ ނޫންތޯ؟“ ޖެހިލުން ވެފައި ހުރެ އެ ވެއިޓަރު ޖަވާބު ދިނެވެ.

”ސްޓޮޕް އިޓް ލިއަމް…. އަހަރެންގެ ފޯލްޓް އޭ އެއީ….އަހަންނަށް ވިސްނާނުލެވުނީ މިކްސްޓް ރައިސްގަ ސީފުޑް ހުރެދާނޭ…..އެކުއްޖާ ދޫކޮށްބަލަ“ ލިއަމްގެ އަތުގެ މުލައްދަނޑީގައި ހިފަމުން ޔަލްވީ ބުނެލިއެވެ.

”ޔަލް….ޔަލްވީ…. މޫނު ތިޔޮއް ދުޅަވަނީ…..ހިނގާ އަވަހާ ހޮސްޕިޓަލަށް“ ލިއަމް ހާސްވެފައި ހުރިވަރު އެމޫނުމަތިން ފެނެއެވެ.

ޔަލްވީ އަތުލަފި ކޮށްގެން ގެނެސް ހޮސްޕިޓަލް އީއާރުގެ އެނދެއްގައި ބާއްވަމުން ލިއަމް ދުރަށް ޖެހިލީ ޑޮކްޓަރުން ފަރުވާދޭން ފެށުމުންނެވެ. ހާސްވެފައި ލިއަމް ދެކޮޅުން ދެކޮޅަށް ހިނގަމުން ދިޔައީ ޔަލްވީއަށް ބޮޑު ކަމެއް ނުވުމަށް އެދި ހިތާހިތުން ދުއާ ކުރަމުންނެވެ.

………………………….

”ލިއަމް ތިއުޅެނީ ކިހިނެއް ވެގެންތަ….އެއީ ހިލޭ އަންހެނެކޭ….އޭނައަށް މާބޮޑަށް ކީއްވެތަ ތި ކެއަރ ކުރަނީ؟“ މެހެކްގެ ރުޅިވެރި އަޑަށް ޔަލްވީއަށް ހޭލެވުނެވެ. މެހެކް ވާހަކަ ދައްކަމުން ދިޔައީ ފާރަށް ލެގިގެން ހުރި ލިއަމް އާއެވެ. ލިއަމްގެ މޫނުމަތިން އެއްވެސް ކަހަލަ އަސަރެއް ފެންނާކަށްނެތެވެ. ޔަލްވީ އެސްފިޔަ ތަޅުވާލަމުން އުނދަގޫ ގޮތަކަށް ލޯހުޅުވާލިއެވެ. ލިއަމް އަވަސް އަވަހަށް ޔަލްވީގެ ގާތަށް އައެވެ. މެހެކް ޔަލްވީއަށް ރުޅިވެރި ނަޒަރެއް ދީފައި އެތަނުން ދިޔައީއެވެ.

”ޔަލްވީ…. ހައު އާ ޔޫ؟؟“ ޔަލްވީގެ  ގާތަށް ޖެހިލަމުން ލިއަމް މަޑުމަޑުން އަހާލިއެވެ. ”ބެޓަރ……“ ޔަލްވީގެ ޖަވާބު ކުރެވެ. މެހެކްގެ ވާހަކަތައް އަޑު އިވުމުން ޔަލްވީގެ މޫޑު ސަކަރާތް ވީއެވެ.

މާގިނަ އިރެއް ނުވެ ޔަލްވީ ރަނގަޅު ކަމަށް ބުނެ ގެއަށް ދޫކޮށްލެވުނެވެ.  ލިއަމް އާއެކު ދިއުމަށް ޔަލްވީ އިންކާރު ކުރުމުން ލިއަމް އަށް ޖެހުނީ ޔުވާންއަށް ގުޅައިގެން ޔަލްވީ ގެއަށް ފޮނުވާށެވެ.

………………………

މައުރާގެ ނިޔަފަތި ކަނޑައިދޭން އިން މަހީރް ގާތުގައި އިޒްޔަން ވެސް ކުޑަ ކާރެއް ހިފައިގެން ކުޅެމުން އެކި ވާހަކަތައް ދައްކަމުން ދިޔައެވެ. ”ޑޮންތީ……ޑޮންތިގެ ފޯން“ އިޒްޔަން އައިސް ދިއްކޮށްލީ މަހީރްގެ ފޯނު ރިންގު ވާތީއެވެ.

”ހެލޯ…..ލިއަމްބެ….ލައްބަ މިންމި އޭ އެއީ…..އަސްލުތަ؟ އޯކޭ މަދަމާ ހެނދުނު ދާނަން“ މަހީރް ފޯނު ބޭއްވިއިރު ހުރިހާ ދަތެއް އެކީ ފެންނަ ވަރަށް ހިނިތުން ވެލައިގެން ހުއްޓެވެ.

”މަންމާ…..މިންމިއަށް ޖޮބް ލިބިއްޖެ….. ލިއަމްބެ ގެ ހޮސްޕިޓަލްގެ  ޕިޒިއޯތެރަޕީ ޑިޕާޓުމެންޓުން“ މަހީރް ދުވަމުން ގޮސް ފަރީދާއަށް އުފާވެރި ހަބަރު ދިނެވެ.

(ނުނިމޭ)

*ކިޔުންތެރިންގެ ސަމާލުކަމަށް! މިވާހަކަ އަކީ އަޅުގަނޑުގެ އަމިއްލަ ޙިޔާލީ ވާހަކައެކެވެ. އެއްވެސް ހާލަތެއްގައި އެއްވެސް ތާކުން ކޮޕީކޮށްފައި ނުވާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވާލަމެވެ.*

Share Article

Vaahaka_by_Az
Follow Me Written By

Vaahaka_by_Az

Level 110 Stories

Pages that feel like alternate realities, where every chapter feels personal!

Other Articles

Previous

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 20)

Previews
June 15, 2026

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 20)

One Comment

  1. bb says:
    June 15, 2026 at 1:38 am

    OMG VARAH REETHI!!! Mehek gives negative energy!! Anywaysss yallu is liam’s type!!!!

Comments are closed.



All Right Reserved!