“އައުޗް. ލަދުގަންނުވާކަށް ނޫނޭ، ހަމަ އަސްލު ތެދު މިބުނީ. ތީ ހަމަ ލޯބި ހޫރު ޕަރީއެއް. މުޅި ދުނިޔޭގައިވެސް ތިހާ ރީތި ކުއްޖަކު ނޫޅޭނެކަން ކަށަވަރު” ހީނލަމުން އެޒިކިއެލް ބުނެލިއެވެ.
(65 ވަނަ ބައި)
މާފުށީ ޖަލަކީ، އެތަނުގެ ހަތަރު ފާރުން އެތެރޭގައި ތަފާތު ދުނިޔެއެއް އޮތް ތަނެކެވެ. ޖަލުގެ މައި ދޮރާށިން އެތެރެވުމާއެކު، އެންމެ ފުރަތަމަވެސް އިހުސާސްވަނީ މުޅި މާހައުލަށް ވެރިވެފައިވާ ހިމޭންކަމާއި، ވަށައިގެންވާ ހަރުކަށި ސަލާމަތީ ފިޔަވަޅުތަކެވެ. ކޮންމެ ދިމާލަކުން ފެންނަނީ ފޯރިމަރަން ތިބޭ އޮފިސަރުންނާއި، މަތީގައި ހުންނަ ވޮޗްޓަވަރުތަކުން މުޅި ސަރަހައްދަށް ފާރަވެރިވާ މީހުންނެވެ.
ޖަލުގެ އެތެރޭގައިވާ ގޮޅިތަކަކީ އެތައް ބައެއްގެ ދިރިއުޅުމުގެ ބޮޑު ބައެއް ހޭދަކުރަންޖެހޭ ހަނި ސަރަހައްދެކެވެ. ހިމަ ކޮރިޑޯތަކުގެ ދެފަރާތުގައި ހުންނަ ދަގަނޑު ދޮރުތަކުން ބަންދުކުރެވިފައިވާ ކުދި ގޮޅިތަކުގެ ތެރޭގައި ވަނީ ސިމެންތި އެނދުތަކާއި، އަސާސީ ބޭނުންތަކަށް ބޭނުންވާ މަދު ސާމާނުކޮޅެކެވެ. އެ ތަނުގެ ތެރޭގައި ދުވާލުގެ ވަގުތުތަކުގައި ގުގުމަމުންދަނީ ދަގަނޑު ތަޅުދަނޑިތަކުގެ އަޑާއި، ބޫޓުތަކުގެ އަޑެވެ. ކޮންމެ ދުވަހެއްގެ ތާވަލު ރޭވިފައިވަނީ ވަރަށް ހަރުކަށި އުސޫލުތަކެއްގެ މަތިންނެވެ. ހެނދުނު ހޭލުމަށްފަހު ގުނާލުމާއި، ކެއުމުގެ ވަގުތުތަކާއި، ކަސްރަތު ކުރުމަށް ދެވޭ ވަގުތުކޮޅަކީ ޖަލުގެ ހަލަބޮލިކަން ކުޑަކޮށް ނަމަވެސް އިހުސާސްވާ ވަގުތުތަކެވެ.
އެތަނުގައި ދިރިއުޅޭ މީހުންގެ މޫނުމަތިން ފެންނަނީ ތަފާތު އަސަރުތަކެކެވެ. ބައެއް މީހުންގެ ލޮލުން ފެންނަނީ ކުރެވުނު ކުށަށްޓަކައިވާ ދެރައާއި ހިތާމައެވެ. އަނެއް ބައެއްގެ މޫނުމަތިން ފެންނަނީ ދިގު އިންތިޒާރަކަށްފަހު މިނިވަންކަމުގެ އައްސޭރިއަށް ދިއުމަށް ކުރާ އުންމީދެވެ. ޖަލުގެ ގޯތިތެރޭގައި ހުންނަ ހުސްބިންތަކުގައި ހިނގާލަން ލިބޭ ވަގުތުކޮޅަކީ އެމީހުންނަށް އުޑުމަތީގެ ސާފުކަން ފެންނަ، އަދި ދުރުން އިވޭ ރާޅުޖަހާ އަޑުން މިނިވަންކަމުގެ އިހުސާސް ކުރެވޭ ހަމައެކަނި ވަގުތެވެ. ނަމަވެސް، އެ ވަގުތު ނިމުމާއެކު އަނެއްކާވެސް އެނބުރި ދާންޖެހެނީ އެ ހަނި ގޮޅިތަކަށެވެ.
އެތަނުގެ ތެރޭގައި ކިޔަވައިދޭ ކުލާސްތަކާއި، މަސައްކަތްތެރިކަން ދަސްކޮށްދޭ ވޯކްޝޮޕްތައް ވެސް ހުރެއެވެ. ގިނަ މީހުން އެތަނުގައި ވަގުތު ހޭދަކުރަނީ ފޮތް ކިޔުމުގައާއި، ދީނީ އަޅުކަންތަކުގައެވެ. ނަމަވެސް، ރޭގަނޑުގެ ވަގުތުތަކުގައި ޖަލަށް ވެރިވާ ހިމޭންކަމުގެ ތެރެއިން އިވެނީ ގާތްތިމާގެ މީހުންނާއި އާއިލާގެ މަތިން ހަނދާންވެގެން ކުރާ އާހުގެ އަޑުތަކެވެ. އެއީ ހަތަރު ފާރުން ބަންދުވެފައިވާ، އެކަނިވެރިކަމާއި ފިކުރުތަކުން ފުރިފައިވާ ދުނިޔެއެކެވެ. ކޮންމެ މީހަކުވެސް އެތަނުގައި އުޅެމުންދަނީ އެމީހެއްގެ އަމިއްލަ ނަފުސާ ހަނގުރާމަކުރަމުން، އާ ފެށުމަކަށް ތައްޔާރުވަމުންނެވެ.
ޖަލުގެ ބޯ ދަގަނޑު ތޭރިތަކުގެ ފަހަތުގައި، ތޭރި ތަކުގައި ހިފަހައްޓައިގެން އިން އިމްރާންގެ ސިފަ މިއަދު ފެންނަނީ ވަރަށް ބިރުވެރިކޮށެވެ. އޭނާގެ މޫނުމަތިން ފެންނަނީ ނުރުހުމާއި އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ކޮންމެ ބަލައިލުމަކުންވެސް ހީވަނީ ކުރިމަތީގައި ހުރި ކޮންމެ އެއްޗެއް އަންދާލަން އުޅޭ ހެންނެވެ. ދަތްކުނޑިވިކާލައިގެން އިން އިރު، އެ ހިތުގެ ތެރޭގައި އަދަމުންދާ ރުޅިވެރިކަމުގެ ހުޅުގަނޑު ސިފަވެއެވެ.
އިމްރާންގެ ބޯ އިސްތަށިގަނޑު ވަނީ ތަރުތީބެއް ނެތި އޮޅި، ދިގުވެގެން ގޮސް ކޮނޑާ ހަމައަށް ފައިބާފައެވެ. އެ އިސްތަށިގަނޑުގެ ތެރޭގައި ވަނީ މިނިވަންކަމަށް އެދި ކުރާ ހަނގުރާމައިގެ ހިރަފުހެވެ. އޭނާގެ ތުނބުޅިވެސް ވަނީ ކޮށައި ސާފުނުކުރާތާ އެތައް ދުވަހެއް ވެފައިވާތީ، މުޅި ކަތުރުކަށިގަނޑާއި ހަމައަށް ދިގުވެ، ބޯވެފައެވެ. އެ ބޯ ތުނބުޅީގެ ސަބަބުން އޭނާގެ މޫނުމަތީގެ ކުލަވަރު އިތުރަށް ބިރުވެރިކޮށްދެއެވެ. މީހާ ހިކި އަނަރޫފަ ވެފައިވީ ވަރުންވެސް ސިފަ ބަދަލުވެފައިވާ ފަދައެވެ.
ދެއަތް މުށްކަވާލައިގެން، ތޭރިތަކުގައި ބާރަށް ހިފަހައްޓައިގެން އިން އިރު، އެ މުށްކަވާފައިވާ އަތުގެ ނާރުތައް ހުރީ ފުއްޕާފައެވެ. އޭނާގެ މުޅި ހަށިގަނޑުން ދައްކުވައިދެނީ ބަންދުވެފައި ހުންނަން ޖެހުމުން އުފެދިފައިވާ، ބަދަލުހިފުމުގެ ރޫހެވެ. ކައިރިވެލާ ކޮންމެ މީހަކަށްވެސް އޭނާ ބަލައިލަނީ މުޖުތަމައުދެކެ އައިސްފައިވާ ފޫހިކަމާއެކުގައެވެ.
ޖަލުގައި މަސައްކަތް ކުރާ ޒުވާނަކު އައިސް އިމްރާން ކުރިމަތީގައި ހުއްޓި ޖަލުގެ ދަގަނޑު ދޮރު ހުޅުވާލިއެވެ. “އިމްރާން… އިސްތަށިގަނޑު ކޮށާލާ، ތުނބުޅި ބާލަން ދާންވީނު؟” އަދަބުވެރި ކަމާއި އެކު ޖާވިދު ބުނެލިއެވެ.
“ކިހާ ދެރަ ކަމެއްތަ؟ އަހަރެން ބޭނުމެއް ނޫނޭ ބޯ ކޮށާކަށް” ނުދާން ވެގެން އިމްރާން އަނެއްކާވެސް ގަދަ ހަދާލިއެވެ.
“އިމްރާން-”
“ކޮން އިމްރާނެކޭ ކިޔާކައްތަ؟ ބަލަ މީ މަގޭ ހަށިގަނޑޭ. މަގޭ ހަށިގަނޑު ބަހައްޓާނެ ގޮތް އެނގޭނީ މަށަކަށްނުން؟ ކަލޭތި ކާކު މިތަނަށް ބޯ ކޮއްޕަން؟ މަގޭ އަންހެނުން މިތާ ހުރި ނަމަވެސް ރަނގަޅު ދޯ ތިއްތި ދެއްކުމުގެ ނިޔަތުގައި އެކަން ކުރަންވެސް” ޖާވިދުގެ ވާހަކަ މެދުކަނޑުވަމުން އިމްރާން ބުނެލިއެވެ.
“އިމްރާން-”
“ކޮން އިމްރާނެކޭ ކިޔާކައްތަ؟؟ އޭނ؟؟؟ މަގޭ ނަން މާ ރީތީތަ؟ ނޫނީ ކަލޭ މަށަށް ހިތްކީތަ؟ ކޮންމެ ދުވަހަކު އައިސް ތި ގޮވާ ބާލަނީ؟ ކަލެއަށް މަންޖެއެއް ނުލިބުނީތަ މަގޭ ފަހަތުން އައިސް ތި ޗުކު ޗުކު ތަޅުވަނީ؟” މިފަހަރުވެސް ޖާވިދުގެ ވާހަކަ އިމްރާން ހުއްޓުވިއެވެ.
ބޯ ކަހައިގަންނަމުން އިމްރާން އޭނާގެ އެނދުގައި އިށީނެވެ. މޭގައި ފިރުމަމުން ކެއްސާލަ ކެއްސާލާ އޭނާ އިނެވެ. ޖާވިދު ދުރަށް ޖެހިލީ އިތުރު މީހަކަށް އެހީއަށް އައިސް ދިނުމަށް ގޮވާލުމަށެވެ. ނަމަވެސް ކުއްލިއަކަށް އިވިގެން ދިޔައީ ބިންމައްޗަށް ދިޔާ އެއްޗެއް ވެރުމުން އިވޭ ކަހަލަ އަޑެކެވެ. ޖާވިދު ފަހަތައް އެނބުރުނު އިރު ކަމަކު ދާކަށް ނެތެވެ. ހޮޑު އަންނަހެން އިމްރާންގެ އަނގައިން ހޯސް ލާފައި ލޭ އަންނަމުން ދިޔައެވެ.
“އިމްރާން!!!”
ނިދިފައި އޮތް ލަޝްކާއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ފަހަކަށް އައިސް އޭނާ ވަރުބަލި ވަނީ މާވަރަކަށެވެ. އަބަދުހެން އޮންނަނީ ނިދިފައެވެ. އެނދުގައި ދާއިޔަލް ނެތިފައި، މިސްކިތުގައި ނަމާދު ކުރާ އަޑު އިވޭތީ، އޭނާ ވާނީ މިސްކިތުގައިކަން އޭނާއަށް އެނގުނެވެ. ކައިރީގައި އޮތް އޭނާގެ ފޯނު ނަގާފައި ކަންފަތުގައި ޖަހާލީ ކާކުތޯ ވެސް ބަލާ ނުލައެވެ. އެއްއަތުން އިސްތަށިގަނޑުގައި އަތް ފުނަ އަޅާޅަމުން އެހެން ބުނި ލަޝްކާގެ ދެލޯ އޭރުވެސް ހުރީ މެރިފައެވެ. ނަމަވެސް އެކޮޅުން އިވުން ޙަބަރާއި އެކު އޭނާގެ ނިދިގަނޑު ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގެޔެވެ.
(ނުނިމޭ)
ފަސްދޮޅަސްފަސްވަނަބައިގެ ތެރެއިން:
“އޯހްހް. ތީ ދޯ އިމްރާން ރޭޕް ކުރި ކުއްޖާ؟ މިހާރު ބަނޑުވެސް ބޮޑުވީ ދޯ؟ ޔަގީންތަ ތިއީ އަމިއްލަ ބައްޕަގެ ދަރިއެއްނޫންކަން؟ ހަހަހަހަ” އޭނާގެ އެޖުމްލަ އިވި ލަޝްކާގެ ދެލޯ ކަރުނުން ފުރި ބާރުވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






