Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

ވުމޭ އެދެނީ ތިބާޔާ އެކީ (ފަހު ބައި)

Lamtty
Lamtty Level 710 Stories100 Login100 Comments500 Login100 Stories
June 26, 2026 16 Mins Read
0 Comments

ހޮސްޕިޓަލުން ނުކުމެގެން ދުއްވާ ގޮނޑީގެ އެހީގައި ޝަހީމް އެމްބިއުލާންސާއި ހަމައަށް ގެނެސްދިނީ އާތިޔާއެވެ.އެ ދެލޮލުގައިވާ އަސަރުތަކުން އެއީ ޝަހީމާއި ކުރާނޭ ވަދާޢުގެ ސަލާމް ކަމުގައި އޭނާ ނިންމައިގެން ހުރި ކަހަލައެވެ.އަދިވެސް ޝަހީމަކަށް އެ ކައިވެނި ރޫޅިފައިވާކަމުގެ ހިލަމެއް ނުވެއެވެ.އޭނާ ހިތުން އާތިޔާ އެއީ އަދިވެސް އޭނާގެ އަނބިމީހާއެވެ.

”ދަރިފުޅާ…މަންމަ ދެން ދަނީ އިނގޭ… ދަރިފުޅުމެން ބައްޕަ ގެޔަށް ގެންގޮސް ގޭތެރޭގެ ކަންކަން ހަމަ ޖައްސާލަދީބަލަ އިނގޭ…ބޮޑު ކަމެއް ޖެހިއްޖިއްޔާ ގުޅާލާ…“ ފުރޮޅު ލީ ގޮނޑިން އަތް ދޫކޮށްލުމަށްފަހު ޝަފްކާގެ ކަންފަތް ކައިރީގައި އާތިޔާ އަސަރާއި އެކުގައި ބުނެލިއެވެ.އެއާއެކު ކަންބޮޑުވެފައި ޝަފްކާ އާތިޔާގެ އަތުގައި ހިފަހައްޓާލިއެވެ.އަހަންނަށްވެސް ކުއްލިއަކަށް އާތިޔާގެ މޫނަށް ބަލައިލެވުނެވެ.އެ މޫނުމަތިވަނީ އިންތިހާ މާޔޫސްކަމެވެ.

”އެކަމަކު މަންމަ ތިހެން ހެދީމައޯ؟!!އޭރުން ކިހިނެއްވާނީ…؟ ބައްޕަ ހާދަ ސުވާލެއް ކުރާނޭ މަންމާ… އަހަރެމެން ކީކޭ ކިޔާފަތަ ޖަވާބު ދޭނީ؟!ބައްޕައަކަށް ނުވެސް އެނގެއެއްނު ޑިވޯސްވެފައިކަމެއްވެސް…“ ޝަފްކާގެ އަޑުގައި އެކުލެވިފައިވީ އިންތިހާ ކަންބޮޑުވުމެވެ.

”ކަން އޮތީ ތިހެންނޭ…އެކަމަކު މަންމަ ކިހިނެއް މިހާރު ގޮސް ތިގޭގަ އުޅޭނީ؟ ކިހިނެއް ހިލޭ ފިރިހެނަކާ އެކީ އެއް ކޮޓަރީގަ އުޅޭނީ…؟އެއީ ދަރިފުޅުމެންގެ ބައްޕައަކަސް މިހާރު އެއީ މަންމަގެ ފިރިމީހާއެއް ނޫނެއްނު…އަނެއްކާ މާމަމެންވެސް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭނެ އޭރުން…މިހާރުވެސް ކަމުނުގޮސްފައި އެ ތިބެނީ މަންމަ ބައްޕަ ކައިރިއަށް ހޮސްޕިޓަލަށް އަންނާތީވެސް…“ ފުން ނޭވާއެއް ދޫކޮށްލަމުން އާތިޔާ ބުނެލިއެވެ.އަހަންނަށް އާތިޔާގެ އެ އުޒުރުތައް ގަބޫލު ކުރެވުނެވެ.ހިތި އެހެނަސް ހަގީގަތަކީ އެއީއެވެ.

ޝަފްކާގެ މާމަގެ ގޮތް އެގެއަށް ކާން ދިޔަ ދުވަހު އަހަންނަށް ވަނީ ވަަރަށް ރަނގަޅަށް އެނގިގެން ގޮސްފައެވެ.އެއީ ފިސާރި ޒީލަގަދަ މީހެކެވެ.ޝަފްކާ ކީހެން ނިކަން ކަންކަމަށް ފާޑު ކިޔަން ދަންނަ  ގޮތްބޮޑު މީހެކެވެ.

”ގެސްޓު ރޫމްވެސް ހުންނާނެއެއްނު…މިހާރު ދެން އެ ދެޔޯއެއް ވެސް ނޫޅޭއެއްނު…މަންމައަށް ދެން އެތަން ކަމުނުދަންޏާ ދޮންބެ ރޫމްވެސް ހުންނާނެއެއްނު… އަހަރެން ގެއަށް ގޮސްފަ ހަމަ ޖެހިލައިގެން ބައްޕައަށް ކިޔައިދޭނަން އާކިއަކީ އަހަރެންގެ ފިރިމީހާކަމާ ނޫކްއަކީ އަހަރެންގެ ދަރިފުޅުކަން… އެކްސިޑެންޓްގެ ސަބަބުން ބައްޕަގެ ބައެއް ހަނދާންތައް ދިޔައީކަން…މަޑުމަޑުން އެހެން ކަން ކަން ކިޔައިދެނިކޮށް ބައްޕަގެ ހަނދާންތައް ހަމަ އަނބުރާ އަންނަން ފަށައިފާނެއެއްނު…އެކަމަކު ޑިވޯސްވި ވާހަކަ އަދި ބުނާކަށް އަހަންނަކަށް ހަމަ އަދި އެއް ގޮތަކަށްވެސް ނުފެނޭ…އައި ޑޯންޓް ތިންކް އިޓްސް އެ ގުޑް އައިޑިއާ މަންމާ…އެހާ ބައިވަރު ކަންކަން އެއްފަހަރާ ޕްރޮސެސް ކުރާކަށް ބައްޕައަކަށް ފަސޭހައެއް ނުވާނެ…ސޯ ޕްލީޒް ޕްލޭ އެލޯންގް އިހަށް … ރައިޓް ނައު ހީ ރިއަލީ ނީޑް ޔޯރ ސަޕޯޓް…ބައްޕައަށްޓަކައި ނޫނަސް އަހަންނަށްޓަކައި ނަމަވެސް މަންމަ އަހަންނަށް މިކަންތައް ކޮށްދީ…އަހަރެން ދުވަހަކުވެސް ނުބުނާނަމޭ މަންމަ އަލުން ބައްޕައާ އިންނާށެކޭއެއް…އައި އަންޑަސްޓޭންޑް ދެޓް ހީ ހާރޓް ޔޫ ޑީޕްލީ…އެންޑް ޔޫ ހޭޑް އެވްރީ ރީޒަން ޓު އެންޑް ދެޓް މެރިޖް…އަަހަންނަށް އެނގޭ ވަރަށް ބޮޑު ކަމަކުކަން މި ކިޔެނީވެސް…އެކަމަކު އެއީ އަހަރެންގެ ބައްޕަ…މަންމައަށްވުރެ ބައްޕަގެ ގޮތްގަނޑު ރަނގަޅަށް އެނގޭނެ އިތުރު މީހަކު ނުހުންނާނެ…ބައްޕަގެ ރިކަވަރީއަށް މަންމަގެ އެހީ ވަރަށް ވަރަށް ބޭނުންވާނެ…ދެން ރޫމް ކަންތައް ދޯ.އަހަރެން ކޮންމެވެސް ބަހަނާއެއް ދައްކައިގެން ބައްޕަ ކައިރީ ވާހަކަ ހަމަ ޖައްސާލަފާނަން…އަދި އަހަރެން އެ ގެއަށް ގޮސްފަވެސް ލަައްކަ ކަންތައް ކުރަން އޮންނާނެ…މިހާރު އުޅޭ އެޕާޓްމަންޓް ދޫކޮށްލަން ކިޔާތީ އެތާ ހުރި އެއްޗެހިތައްވެސް ޕެކް ކުރަން ފަށަންވެސްވެފަ…އެކަމަކު އެއްފަހަރަކާ ނުވެސް ވާނެއެއްނު…މާދަމާ ދެން އެކަމާ އުޅެވޭނީ… މިރޭ ދެން ވަގުތީ ގޮތުން އޯވަރ ނައިޓް ހަދާލާނީ ބައްޕަމެން ގޭގަ“ ޝަފްކާ ބުނެލިއެވެ.

”ދަރިފުޅު ވަކި ކީކޭތަ ބުނާނީ…؟ތިގޮތަކާ ބައްޕަ އެއްބަސްވާނެހެން ހީވޭތަ؟ މިހާރުވެސް ލޯމަތިން ކިރިޔާ ކެހިލާއިރަށް އެބަ މަންމަ ހޯދަން ފަށާ…ބައްޕަގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ މަންމައަށް ދޯ…މަންމަގެ ދެލޮލުން ނޫނީ އަމިއްލަ މީހާ ގެންގުޅޭ އެއްޗެހިވެސް ގިނަ ފަހަރު ނުފެންނަ މީހެއް ބައްޕައަކީ…އަދި އަމުދުން ބަލިވެއްޖިއްޔާ ވަކިން ކަންތައް ހުންނާނެ“ މާޔޫސީ ރާގަކަށް އާތިޔާ ބުނެލިއެވެ.

އެންމެފަހުން ޝަފްކާ ތަކުރާރުކޮށް ކިޔަން ފެށުމުން އޭނާގެ އާދޭސްތަކުގައި ކޮޅު ފައިން ޖަހާފައި ދާކަށް  ހަމަ ހިލަ އާތިޔާއަކަށް ނުކެރުނެވެ.ހަތިޔާރު ބަހައްޓާފައި އެންމެ ފަހުން އޭނާވެސް އެމްބިއުލާންސަށް އަރައިފިއެވެ.އޭނާ ކިތަންމެ ހިތްވަރު ކޮށްގެން ޝަހީމާއި ދުރުގައި ހުންނަން މަސައްކަތް ކުރި ނަމަވެސް ތަގުދީރު ދަމަނީ ދެމީހުން ހައްތަހާ ގާތަށް ކަހަލައެވެ.އެ ދެލޮލުން އެކަނިވެސް ޝަހީމަށްޓަކައި އެ ހިތުގައިވާ ފުން ލޯބި ފެނެެެއެވެ.

ޝަފްކާ ގާތުގައި ނުހައިކު ގޮވައިގެން ޓެކްސީއެއްގައި އެގެއަށް ދިޔުމަށް ބުނެފައި އަހަރެންވެސް އެރީ އާތިޔާއާއި އެކުގައި އެމްބިއުލާންސަށެވެ.

”ގޭގަ ގެންގުޅެންވެސް ވީލް ޗެއަރއެއް ބޭނުންވާނެއްނު،!“ އަހަރެން ހަނދާންވީ ހަމަ ކުއްލިއަކަށެވެ.އެވަރަށް ހަނދާން ކޮށްގެން ހުއްޓައި ވެސް ވީލް ޗެއަރ އެއް ގަންނަން ޖެހޭނެކަން އަހަރެންގެ ހަނދާނުން ކަހާލީއެވެ.

”ހެނދުނު ނިދަން ދަމުން އަތީދު ބުނި ގަނެފަ ގެއަށް ލާފަ ވެއްޖޭ….ސީދާ އޭނަ އެ ބެހެއްޓީ ކޮންތާކު ކަމެއް އަހަރެން ކައިރިއަކުވެސް ނުބުނޭ… އެމީހުން ތިބި އެޕާޓްމަންޓުގައިވެސް އެ ވެދާނެ…ނޭނގެ ދެން ޝަފްކާ ކައިރީ އޭނާ ނުބުނާކަމެއް..އޭނާއަށްވެސް އެނގޭނެ މިއަދު ޑިސްޗާޖުކުރާކަން… މިގަޑީގައި ދެން ގުޅިޔަކަސް ފޯނެއްވެސް ނުނަގާނެ އޭނައެއް…ގެއަށް ގޮސްފައި ދެން ހޯދާލާނީ ދޯ…“ އާތިޔާ ބުނެލިއެވެ. އަހަރެން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލީމެވެ.

އަތީދަކީ ޝަފްކާގެ ބޮޑުބޭބެއިންގެ ތެރެއިން އެ ގޯތި އެންމެ ހަގު މީހާއެވެ.ޝަފްކާ ކިޔާ ގޮތުން ނަމަ އޭނާގެ ކުޑަބެއެވެ.

****

އަހަރެމެން ދިޔައިރު ގޭ ކައިރީގައި މަޑުކޮށްލައިގެން އަހަރެމެންގެ އިންތިޒާރުގައި ޝަފްކާ ހުއްޓެވެ.ނުހައިކު އޮތީ އޭނާގެ ކޮނޑުމަތީގައި ބޯ އަޅާލައިގެން ނިދިފައެވެ.

”އަހަރެން ގުޅައިފިން ކުޑަބެއަށް…އެބަ ފައިބާ ވީލް ޗެއަރ ހިފައިގެން… އެމީހުން ކައިރީ ބުނޭ ކުޑަ ވަގުތުކޮޅަކަށް މަޑުކޮށްލަދޭށޭ…“ އަހަރެން އެމްބިއުލާންސުން ފޭބިތަނާ  އަހަންނާ ގާތަށް ޖެހިލާފައި ޝަފްކާ ބުނެލިއެވެ.އަހަރެން އާއެކޭ ބުނެފައި އެމްބިއުލާންސުގައި އިން މީހާ ގާތުގައި އެވާހަކަ ބުނެލުމުން އެންމެ ރަނގަޅޭ އެމީހާ ބުނެލައިފިއެވެ.

މާ ލަސްތަކެއް ނުވެ ވީލް ޗެއަރ ހިފައިގެން އަތީދު ތިރިއަށް ފައިބައިފިއެވެ.އޭނާ ހީވަނީ އަދިވެސް ނިދާފައި ހުރި ހެންނެވެ.

”ސޮރީ ދޮންބެދައްތާ…އަހަރެން ހަނދާންވެސް ނެތުނީ.މި ޝައްކޮ ގުޅީމަ ހޭލެވުނީވެސް.“ ނިދި ބަރު އަޑަކުން އަތީދު ބުނެލިއެވެ.އެ އޯކޭވާނޭ ބުނެ އާތިޔާ ހިނިތުންވެލިއެވެ.

އަތީދު ވީލް ޗެއަރ ސެޓް ކޮށްލުމުން އަހަންނާއި އެމްބިއުލާންސްގައި ހުރި މީހާއާއި ދެމީހުން ވެގެން ޝަހީމް ނަގައިގަނެގެން ގެނެސް ވީލް ޗެއަރގައި ބޭންދުމުން އޭނާ ފަރާތް ފަރާތަށް ބަލަން ފެށީ ހައިރާން ކަމާ އެކުގައެވެ.އެ ހިސާބުން އަނެއްކާވެސް އޭނާގެ ހުއްޓުމެއް ނެތް ސުވާލުތަކާ ކުރިމަތިލާން ޖެހުނެވެ.މިފަހަރު އެ ހުރިހާ ސުވާލަކަށް ޖަވާބުދާރީވީ އަތީދެވެ.

”އަތީ ދޭ ނިދާލަން ދެން…އާކިލާ ޝަފްއާވެސް މިހުރީނު…“ޝަހީމްގެ ސުވާލުތައް ނުހުއްޓޭނެކަން އެނގޭތީ އާތިޔާ އަވަސް އަވަހަށް ބުނެލިއެވެ.އަތީދުވެސް އެނބުރި ނިދަން ދާން ބޭނުންވެފައި ހުރިކަން އެ މޫނުމަތިން އެނގެއެވެ.

”އޯކޭ ގޮސްލީ އިނގޭ…ކަމެއް ބޭނުންވެއްޖިއްޔާ ދޮންބެދައްތަ ގުޅާލާ އިނގޭ…“ ދެލޮލުގައި ނިދީގެ އަސަރު ހުރިލެއް ބޮޑު ކަމުން ދެކޮޅު ހެދުމެއް ނެތި އަތީދު އަވަސް އަވަހަށް ބުނެލިއެވެ.ފުރަތަމަ ފަންގިފިލާއަށް ލިފްޓް ހުއްޓުމާއެކު އޭނާ ފައިބައިފިއެވެ.ޝަހީމް އުޅެނީ ދެވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައެެވެ.ދިހަ ބުރީގެ އެ އިމާރާތުގައި ބާކީ ހުރި ހުރިހާ ފަންގިފިލާއެއްގެ އެޕާޓްމަންޓުތައް ހުންނަނީ ކުއްޔަށް ދީފައެވެ.

ޝަހީމްއުޅޭ އެޕާޓްމަންޓުގެ ދޮރު ހުޅުވާލި ވަގުތު ދުވައިގަތް ނުބައި ވަހުން އަހަރެން އޯކަށް ދެމި ނުގަތީ ހަމަ ކިރިޔާއެވެ. އާތިޔާއާއި ޝަފްކާވެސް ވަގުތުން މޫނު ކުނިކޮށްލާފައިނޭފަތް މަތީގައި އަތް އަޅައިފިއެވެ.ޝަހީމްގެ ހާލަކީވެސް އެއީއެވެ.

”އައްޗީޑި ހާދަ ނުބައި ވަހެކޭ…އޮލްލް“ ޝަފްކާ ފަކުރުން ހުރެ ބުނެލިއެވެ.

އަހަރެން ނޭފަތުގައި އަތްު އަޅައިގެން  އެތެރެއަށް ވަދެ ސިޓިން ރޫމުގެ ބޮކި ޖައްސާލީމެވެ.ތަނުގެ ހާލަތު ރަނގަޅަށް ފެނުނީ ދެނެވެ.

މުޅި ސިޓިން ރޫމް ހީވަނީ ގޮނޑެއް ހެންނެވެ.އެނަރޖީ ޑްރިންކް ހުސްކުރި ދަޅުތަކާ ހުސްވެފައިވާ ލުއި ކާނާ ޕެކެޓްތަކާ،ޕިއްޒާ ހުސްކުރި ފޮށިތައް އެތައް މިތަނަށް އުކާފައި އޮތެވެ.ކޮފީ މޭޒުމަތީގައި ބަހައްޓާފައި ހުރި ޓޭކް އަވޭ ތަށިތަކުގައި ހުސްނުކޮށް ހުރި ކާއެއްޗެހި ހުރީ ކުނިވެގެން ގޮސް ވާ ދެމޭގޮތްވެފައެވެ.ފަކުރުގަތް ވަރުން އަހަންނަށް ހުރެވުނީ މޫނު ހަދައިގެންނެވެ.އެ ލެއޯރާގެ ހުރި ފެންވަރު ލޯ ކުރިމަތިން މިހިރަ ފެންނަނީތާއޭ ހިތަށް އެރިއެވެ.ކަންނެތްކަމާއި މުޑުދާރުކަމުގެވެސް އިންތިހާއެވެ.ދުވާ ކުނި ވަހުން ހީވަނީ އެހެންފަދަ ކަމެއްހެންނެވެ.

އެތަން އޮތް ހާލަތު ފެނިފައި ޝަހީމް ރުޅި އައިސް ރަތްވިއެވެ.ވާނުވާ ނޭނގޭ ހާލުގައި އޭނާ ކަމުގެ މަތި އަޅުވައި އެއްޗެހި ގޮވަން ފެށީ ނުހާޒަށެވެ.

”އަދިވެސް އެ ވިޔާނުދާ ގޮތްގަނޑޭ އެސޮރުގެ އެ ހުންނަނީ… ކޮބާތަ އެސޮރު؟! ތަން ތަން މުޑުދާރު ކުރަން ދަންނާނެ.އެ ނޫންކަމެއް ކުރާކަށް ނޭނގޭނެ…ދުވާ ވަހުން ނޯއް ދަމާލަން ނުކެރެޔޭ!“ ނުހާޒަށް އަމާޒުކޮށް ޝަހީމް އެއްޗެހި ކިޔަން ފެށުމުން އަހަންނާ އާތިޔާއަށްވެސް ބަލައިލެވުނީ އެކަކު އަނެކެއްގެ މޫނަށެވެ.ޝަފްކާ އެއަށް ރައްދުގައި އެއްޗެކޭ ބުނެފާނެތީ އަހަރެން އިޝާރާތުން އެކަން މަނާކޮށްލީމެވެ. އާތިޔާވެސް މަޑު މަޑުން ދެފަރާތަށް ބޯ ހޫރާލައިފިއެވެ.ރައްދުގައި އެއްޗެކޭ ބުނުމުގެ ބަދަލުގައި އަހަރެމެން ތިން މީހުންވެސް ޝަހީމް ކިޔަމުން ދިޔަ އެއްވެސް އެއްޗަކަށް ރައްދު ނުދީ ހަމަހިމޭނުން ތިބީއެވެ.ނުހައިކަށްވެސް ނިދިފައި އޮތީ ހަމަ ނަސީބެކޭ ހިތަށް އެރިއެވެ.

”އަހަރެން ސާފުކޮށްލާނަމޭ އެތަން…ޝަހީމް ދެން ތި ރުޅި މަޑުކޮށްބަލަ….ދެމީހުން އިހަށް ދޭބަލަ ބައްޕަ ގޮވައިގެން ކޮޓަރިއަށް… އަހަރެން މި އެއްޗެހިތައް ނަގާލާނަން…“ އާތިޔާ ވެސް ފަކުރުން ނޭފަތް މަތީގައި އަތް އަޅާލައިގެން ހުރެ އަހަރެމެން ދެމީހުނަށް މުޚާތަބުކޮށް ބުނެލިއެވެ.

ކޮޓަރިއަށް ވަދެފައި ޝަފްކާ އަހަރެންގެ އަތަށް ނުހައިކު ލައިދީފައި އެނދުމަތީގައި އޮތް ޝީޓުތައް ނަގައި ބަދަލު ކުރަން ފެށިއެވެ.ކޮޓަރިތެރެވެސް މާ ބޮޑަކަށް ހަޑިވެފައެއް ނެތެވެ.އޭރު ވަރަށް ފަރުވާތެރިކަމާއެކު އެ ހުރިހާ މަންޒަރެއް ބަލަން ޝަހީމް އިނެވެ.ނުހައިކަށް ނިދިފައި އޮތްކަން އެނގުނީމާ ތޯއްޗެކެވެ.އިތުރު ސުވާލުތަކެއް ނުކޮށް އޭނާ މަޑުމަޑުން އިނެވެ.

އެނދު ތަންމަތި އަޅާ ނިންމާލާފައި އައިސް ޝަފްކާ އަހަރެންގެ އަތުން ނުހައިކު ނަގައިގެން ގޮސް ދެފަރާތުން ބާލިސް ޖައްސައި އެކުއްޖާ ރީތިކޮށް އެނދުގައި ބާއްވާލިއެވެ.އެއަށްފަހު އައިސް ވީލް ޗެއަރގައި އިން ޝަހީމްގެ މަގަތަށް ވާނޭހެން އެނދުގައި އިށީނދެ ހަމަޖެހިލިއެވެ.އެއަށްފަހު ލޮލުގެ އިޝާރާތުން އަހަންނަށް އައިސް އޭނާގެ ގާތުގައި އިށީނުމަށް އަންގާލިއެވެ.

****

”ބައްޕާ…އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އެބައޮތް…“ އަހަރެންގެ މޫނަށް ބަލާލާފައި އަހަރެން ބޯޖަހާލުމުން ޝަފްކާ މަޢުޟޫ ހުޅުވާލިއެވެ.

”ކޮން ވާހަކައެއް؟“ ޝަހީމްގެ ސަމާލުކަން ނިކަން ފަސޭހައިން ލިބުނެވެ.

”ބައްޕައަށް އެނގޭތަ ބައްޕައަށް އަސްލުވީ ގޮތް..؟“ ޝަފްކާ ކޮށްލީ ސުވާލެކެވެ.އެއާއެކު ޝަހީމް މަޑު މަޑުން ދެފަރާތަށް ބޯ ހޫރާލައިފިއެވެ.އޭރު ޝަފްކާ އިނީ އޭނާ ލަމުން ދިޔަ ނޭވާވެސް ހިފަހައްޓާލައިގެން އިން ކަހަލަ ގޮތަކަށެވެ.

”ބައްޕާ…ބައްޕަ ސައިކަލު ދުއްވާފައި ދަނިކޮށް ވަރަށް ބޮޑު އެކްސިޑެންޓެއް ހިނގީ…އެ އެކްސިޑެންޓްގެ ސަބަބުން ބައްޕަގެ ބޮލަށް ވަރަށް އަނިޔާވި…އެހެންވެ  ވަރަށް ގިނަ ހަނދާންތަކެއް ވަނީ ބައްޕަގެ ހަނދާނުން ފުހެވިފަ….ބައްޕާ… އަހަރެން… އަހަރެން މިހާރު ބޮޑުވެއްޖޭ…އަމް ނޮޓް ފިފްޓީން އޯރ ސިކްސްޓީން އެނީމޯރ… އަހަންނަށް މިހާރު ވިހި އަހަރު ފުރިއްޖެ… ބައްޕާ…މީ…މީ…އާކިލް…މީ އަހަރެންގެ ފްރެންޑެއް ނޫން…މީ އަހަރެންގެ ފިރިމީހާ…ބައްޕާ…ނޫކް އަކީ…ނޫކްއަކީ އަހަރެންމެންގެ ދަރިފުޅު…“ ޝަހީމްގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރުތައް ދިރާސާ ކުރަމުން ޝަފްކާ ބުނެލީ ނިކަން ލަސް ލަހުންނެވެ.

ޝަހީމަށް ވެފައި އިން ގޮތުން އެއީ އޭނާ މުޅީންހެން ހަނދާން ނެތިފައިވާ ކަންތައްތަކެއްކަން ޔަގީންވާހާވެއެވެ.

”ކީކޭ؟! ދަރިފުޅު ކޮން އިރަކު ކައިވެނި ކުރީ؟!އެއީ..އެއީ ހަމަ ބައްޕަގެ ކާފަ ދަރިފުޅުތަ؟! ކީއްވެ ކުރިން ނުބުނީ؟! ސިހުން ލިބުނުވަރުން ޝަހީމްގެ އަޑުގައި ތޫލިކަމެއް އެކުލެވިފައިވިއެވެ.

”އަޅޭ ބައްޕަ ބަލިކޮށް އުޅޭތީއޭ އޭރު ނުބުނީ… މިހާރު ކުޑަކޮށް އޯކޭވީމަ މީ ބުނީނުން…“ އަޑަށް ދަމާލާފައި ޝަފްކާ ބުނެލި ގޮތުން އަހަންނަށް ހިސާބަކަށް ހައިރާންވެފައި އޭނާގެ މޫނަށް ބަލައިލެވުނެވެ.ޝަހީމް ބަލިވި ފަހުން ޝަފްކާގެ ފަރާތުން އެފަދަ ކުލުނުވެެރި އެތައް ސިފަތަކެއް އަހަންނަށް ވަނީ ފާހަގަ ކުރެވިފައެވެ.ޝަހީމާ ދޭތެރޭ މިހާރު އޭނާ އުޅޭ ގޮތުން އެ ދެމެދުގައި ބޮޑު ކުންޏެއް ޖެހިފައިވާ ކަމުގެ ހިލަމެއްވެސް ނުވެއެވެ.

”ދަރިފުޅާ އެސޮރު ހޭލީމާ އަޅެ ބައްޕަ ކައިރިއަށް ގެނެސްދީބަލަ… ވަރަށް ތޮޅެލާ ހިތްވޭ…ކޮބާތަ މިހާރު އެ އާތިޔާ؟ އަދިވެސް ސާފުކޮށް ނުނިމެނީބާ؟“ ޝަހީމް ބުނެލިއެވެ.

”ބައްޕާ…އަދި އެބައޮތް އެއް ވާހަކަ…މަންމަ ނިދާނީ ގެސްޓް ރޫމްގަ އިނގޭ…ބައްޕަ ކައިރީ ނިދާނީ އާކިލް… ފާޚާނާއަށް ގެންގޮސް ހަދަން ފަސޭހަވާނެއެއްނު…“ މާ ބޮޑު ކަމަކަށް ހަދަން ބޭނުންނުވާ ކަހަލަ ރާގަކަށް ޝަފްކާ ބުނެލި ނަމަވެސް އޭނާ އިނީ އެކަމާ ޝަހީމް ޝަކުވާ ކުރަން ފަށައިފާނެތީ ނިކަން ޖެހިލުންވެފައެވެ.ކަން ވީ ވެސް އެހެންނެވެ.

ޝަހީމް ވަގުތުން ސުވާލުތައް އަމުނަން ފެށިއެވެ.އާތިޔާ ވަކިން ކޮޓަރިއެއްގައި ނިދާކަށް އޭނާ ހިތްހަމައެއް ނުޖެހުނެވެ.

”ބައްޕަ ދެން އަޅެ ގަބޫލުކޮށްބަލަ… މަންމައަކަށް ބައްޕަ އުފުލައެއް ނުހެދޭނެ ދޯ…އަދި އެހާ ބޮޑު އިމްޕްރޫވްމަންޓެއްވެސް ނާދެއެއްނު… އަނެއްކާ އިތުރަށް އަނިޔާއެއް ވެދާނޭ…“ ޝަކުވާގެ ރާގެއްގައި ޝަފްކާ ބުނެލިއެވެ.އަހަރެންވެސް އެ ތެދެކޭ ކިޔައި ޝަފްކާއާއި އެއްކޮޅަށް ހިފުމުން ނަސީބަކުން ޝަހީމް އިރުކޮޅަކުން ހަތިޔާރު ބަހައްޓައިފިއެވެ.އެވަގުތުވީ އާތިޔާވެސް އައިސް ކޮޓަރިއަށް ވަތް ވަގުތަށެވެ.

”ދުވަސްކޮޅަކުން މި ކޮޓަރިއަށް ބަދަލުވާންވާނެ…އާތިޔާ ނެތިއްޔާ އަހަންނަށް ވަރަށް އުނދަގޫވާނެ…“ އާތިޔާ ހަމަ ފެނުނުހާއިރަކަށް ޝަހީމް ބުނެލައިފިއެވެ.އެއާއެކު އާތިޔާ ހީވީ ހުރިތަނަށް ގަނޑުވިހެންނެވެ.އަހަންނާ ޝަފްކާއަށްވެސް ހާސްވެފައި އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނެވެ.އެހެނަސް ކުއްލިއަކަށް އިވެންފެށި ކުޑަ ކުޑަ ނުހައިކުގެ ރުއިމުގެ އަޑުން މާހައުލުގައި ހިފަމުން އައި ނުތަނަވަސް އަސަރުތައް ނެތިކޮށްލިއެވެ.އެންމެންގެ ސަމާލުކަން ގޮސް ހުއްޓުނީ ރޮމުން ރޮމުން ތެދުވި ނުހައިކަށެވެ.

”އޯނ މަންމި ދޫނި ހޭލެވުނީ ދޯ… އަވަހަށް ހުއްޓާލާ.. މަންމި މީނީޔޭ…“ ޝަފްކާ އަވަސް އަވަހަށް ގޮސް ނުހައިކު ނަގާ އުރާލަމުން އެކުއްޖާ މަސަލަސް ކުރެވޭތޯ މަސައްކަތް ފެށިއެވެ.

”އަނހާ ކޮން ކުއްޖެއްތަ މީ…ކާފަ ދޫނި އާދެބަލަ ކާފަ ކައިރިއަށް….“ ނުހައިކުގެ ރުއިން މަތަވެލުމުން ވަރަށް ލޯބިން ޝަހީމް ބުނެލިއެވެ.އެ އަޑަށް ކުއްލިއަކަށް ޝަފްކާވެސް ޝަހީމްގެ މޫނަށް ބަލައިލިއެވެ.ލަސް ލަހުން އެ ތުންފަތަށް ވެރިވި ހިނިތުންވުން އޭނާގެ ހަގީގީ އިހުސާސްތަކަށް ހެކިވިއެވެ.

”ދަރިފުޅު ދޭބަ ކާފަ ކައިރިއަށް…ކާފަ އޭނދީ ވަރަށް ދެރަވެފައޭ ދަރިފުޅަށް ރޮވޭތީ“ ޝަފްކާ ބުނެލިއެވެ.އެއާއެކު އަނެއްކާ ވެސް ތުން ފިތާލަފައި ނުހައިކު ބާރަކަށް ރޯކަމަށް ހެދުނެވެ.އެހެނަސް އެކުއްޖާ އަސްލު ރޮނީ ނޫންކަން އެނގުމުން ދެން އެކޮޓަރި ތެރޭގައި ގުގުމާލީ އެންމެންގެ ހުނުމުގެ އަޑެވެ.

”ބަލާބަލަ ފޭކު ރޯވަރު ބައްޕި ދޫނި…ހާދަ މޮޅުވެއްޖޭ މިހާރު އެކްޓުކޮށްލަންވެސް…ހެހެ“ ހެމުން އަހަރެން ބުނެލީމެވެ.ނުހައިކުގެ އެ މޮޅު އުކުޅުން ހަގީގަތުގައިވެސް އަހަންނަށް ވަރަށް މަޖާވިއެވެ.

”ހަމަ ކާފަޔާ ރުޅިން ދޯ ދަރިފުޅު…ހެހެ.“ޝަހީމްވެސް ހީލިއެވެ.

”ހެހެ ނޫން ދޯ… ދަރިފުޅު ނިދާ ހޭލި ގަޑިވީމަ ކުޑަކޮށް ފީވީއޭ ދޯ؟“ޝަފްކާ ވަރަށް ލޯބިން ނުހައިކުގެ މޫނުގައި ބޮސްދީފައި ބުނެލިއެވެ.

*****

އެގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަހަރެމެން ޝަހީމްގެ ގެއަށް ބަދަލުވިތާ މިހާރު ހަ މަސް ވާން އުޅެނީއެވެ.އޭރު ޝަހީމްގެ ކޮއްކޮމެންވެސް އެނބުރި އެކޮޅަށް ފުރިތާ ކިތަންމެ ދުވަހެކެވެ.ގަވާއިދުން ފިޒިއޮތެރަޕީއަށް ގެންދާތީ ޝަހީމްގެ ފަރާތުންވެސް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ފެންނަމުން ދިޔައެވެ.އަސާގަނޑެއްގެ އެހީގައި ކޮންމެވެސް ވަރަކަށް އޭނާ ހިނގާ ބިނގާވެ އުޅެން ފެށިއެވެ.

އާތިޔާވެސް އޭނާގެ އާއިލާގެ ނުރުހުމުގައ ޝަހީމްގެ ގެއަށް ބަދަލުވުމުން އެކަމާ ރުޅިއައިސްގެން އޭނާގެ މަންމަ އިރު އިރު ކޮޅާ ގުޅައިގެން އޭނައާ ދިމާލަށް އެއްޗެހި ނުކިޔާ އެންމެ ދުވަހެއް ނުދެއެވެ.އާތިޔާ ހުންނަނީ އެކަމާ ބޯ ގޮވާވަރުވެފައެވެ. އަމިއްލަ ނަފްސުގެ ހަމަ ޖެހުން ނަގާލައިގެން މީހަކަށްޓަކައި ކޮށްދޭ ކަމަކަށް އަދި އެހެން މީހަކު އެވަރަށް ނުރުހުން ފާޅު ކުރަންޏާ އަދި ވަކިން އިތުރަށް ބޯ ގޮވާނެ ނޫންހެއްޔެވެ؟އެންމެ ފަހުން ކެތްނުކުރެވިގެން އެކަންވެސް ހުއްޓުމަކަށް ގެނައީ ޝަފްކާއެވެ.އޭނާގެ ގާތަށް އަރައިގެން ރުޅިން އޭނާގެ މާމައަށް ގުޅާފައި ރަނގަޅަށް ފޮޅައިލީއެވެ.އެކަމާ އާތިޔާ ހިތްހަމަ ނުޖެހުނު ނަމަވެސް އެކަމާ ޝަފްކާގެ އެއްވެސް ފަރުވާލެއް ނެތް ކަހަލައެވެ.އޭނާ އާތިޔާއާއި ދިމާލަށް ބުނިހާވެސް އެއްޗަކީ ބޭނުންހާ އެއްޗެއް އެމީހުން ކިޔަން ދެން އޭނާ ހިމޭނުން ނުހުންނާނެ ވާހަކައެވެ.

****

*އެއް އަހަރު ފާސް*

ހަ މަސް ފުރިފައިވާ ބޮޑު ބަނޑާ އެކީ ބަރުހެލި ގޮތަކަށް ހިނގަމުން އައިސް ޝަހީމްގެ ކުރިމަތީގައި އިން ގޮނޑީގައި ޝަފްކާ އިށީނދެލިއެވެ.އެ ދެލޮލުގައިވަނީ އިންތިހާ މާޔޫސްކަމެވެ.ބަފަޔަކު ކަރުނަ އަޅާ ރޯތަން ފެނުމުން ދެރަ ނުވާނީ ކާކު ހެއްޔެވެ؟އަހަރެންވެސް އިނީ ޝަހީމް ހަމަ ޖައްސާލަން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

ދުވަހަކީ އާތިޔާގެ ކައިވެނި އެހެން މީހަކާ ކުރެވިގެން ދިޔަ ދުވަހެވެ.ރޫޅިފައި އޮތް ކައިވެނި އަލުން ނަގާ ކޮޅަށް ޖެހުމުގެ ބަދަލުގައި އާތިޔާ ބޭނުންވީ މުޅިން އެހެން ދިރިއުޅުމެއް ބިނާކުރާށެވެ.ޝަހީމްގެ ސަބަބުން އެ ހިތުގައި ލެވުނު ޒަޚަމްތައް ފަސޭހައެއް ނުވިއެވެ.އަހަރެއް ކުރިން އާތިޔާ ޝަހީމްގެ ގެއިން ނުކުމެގެން ދިޔައީ އެ ހިތަށް ވީ ތަދުން ކެތް ނުކުރެވިގެންނެވެ.އަހަރެން ދުވަހަކުވެސް އެކަމަކާ އާތިޔާ ކުށްވެރިއެއް ނުކުރާނަމެވެ.ގެއްލުނު އިތުބާރު އަލުން ހޯދޭތޯ ބެލުމުގެ ބަދަލުގައި ޝަހީމް ދެންވެސް ކަންތައް ކުރީ ރަނގަޅަކަށް ނޫނެވެ.މީގެ އަހަރެއްހާ ދުވަސްކުރިން އޭނާގެ ހަނދާންތައް މަޑު މަޑުން އިއާދަވި އިރު އޭނާ އުޅުނީ އެކަން އަހަރެމެން އެންމެނަށްވެސް ސިއްރުކޮށްގެންނެވެ.ނުހާޒުވީ ޖަލުގައި ކަމާއި،ކޯޓަށް ގޮސްގެން އާތިޔާ ވަރިކުރިކަންވެސް އޭނާ ހަނދާންވިއެވެ.އެހެނަސް އެއްވެސް ކަމެއް ހަނދާން ނުވާކަމަށް ހެދިގެން އޭނާ އާތިޔާގެ ހަމްދަރުދީއާ ލޯބި އަނބުރާ ހޯދޭތޯ މަސައްކަތް ކުރީ އެންމެނަށްވެސް ހަގީގަތް އޮޅުވާލައިގެންނެވެ.ޚުދު އަހަންނަށްވެސް ޝަހީމަށް އަންނަމުން ދިޔަ ބަދަލުތައް ފާހަގަކުރެވުނެވެ.އަހަންނަކީ ކާކުކަމާއި، ދެމެދުގައި ކަންތައްވީ ގޮތް ހަނދާންވި ފަހުން ކަންނޭނގެއެވެ.އޭނާ އަހަންނާ ހަތަރުކަޅި ހަމަކޮށް ވާހަކަ ދައްކައި އުޅުން ހުއްޓައިލިއެވެ.އެކަންވެސް ފަހުން ޔަގީންވީ ޝަހީމް ތެދަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނީމައެވެ.އޭނާ ވަަރަށް ދެރަވެ ރޮއެފައި އަހަރެންގެ ކިބައިން ނިހާޔަތަށް މާފަށް އެދުނެވެ.ބައެއް ކަން ކަން ހިތުން ފިލުވާލަން ދަތިވި ނަމަވެސް އަހަރެން އޭނައަށް ހިތުން ރުހުމުން މާފު ދިނީމެވެ.އެހެނަސް އާތިޔާއަށް ހަގީގަތް އެނގުނު ދުވަހު އޭނާ ރިއެކްޓު ކުރީ ހީކުރެވުނު ގޮތާ މުޅިން ޚިލާފަށެވެ.ޝަހީމަށް މާފުކޮށް އާތިޔާ އޭނައަށް އިތުރު ފުރުސަތެއް ދޭނޭ ހީކުރެވުނު ނަމަވެސް ބަދަލުގައި އޭނާގެ ގާތަށް އައީ އިންތިހާ ދަރަޖައިގެ ރުޅިއެވެ.ޝަހީމް އޭނާއަށް ހަދާލިގޮތުން ނަފްސާނީ ގޮތުން އެހާ ނާޒުކު ފައްތަރަކަށް އޭނާ ވެއްޓިފައި ވަނިކޮށް އެފަދަ ގޮތަކަށް އޭނާގެ އިހުސާސްތަކުގެ ފައިދާ ނެގީކަން އެނގުނީމައި އޭނާގެ ކެތްތެރިކަންވެސް ކޮޅުންލީއެވެ.ކިތަންމެ ލޯބިވިޔަސް އެފަދަ އަނިޔާއެއް ދިން މީހަކާ އެކުގައި ދެން އިތުރަށް އުޅޭކަށް އާތިޔާވެސް ބޭނުމެއްނުވިއެވެ.ޝަހީމް ތެދަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން އެދުވަހުން އެދުވަހަށް އާތިޔާ އޭނާގެ އެތިކޮޅު ހިފައިގެން އެގެއިން ނުކުމެގެން ގޮސްފިއެވެ.

****

އަހަރެމެން ކިތަންމެ ނޫންކަމަށް ހެދިގެން އުޅުނަސް ޝަހީމްގެ ކަންފަތާ ހަމައަށްވެސް އާތިޔާ ކައިވެނި ކުރި ޚަބަރު ފޯރީއެވެ.މިއަދު އޭނާ ކަރުނަ އަޅާ އެރޮނީ އެއީ އަމިއްލަ މީހާގެ ސަބަބުން ކަންވީގޮތްކަން ގަބޫލުކުރާ ހާލުގައެވެ.އާތިޔާ އޭނާ ދެކެ ވީ ލޯބީގައި ކޮޅުފައިން ޖަހައި، ބޭވަފާތެރިވީވެސް ޚުދު އޭނާކަން މިއަދު އޭނާ ގަބޫލު ކުރެއެވެ.އެހެނަސް ވަގުތު ފާއިތުވީއެވެ.މިއަދު މުޅި އުމުރަށްވެސް އާތިޔާ އޭނާއަށް ގެއްލުނީއެވެ.

”ދަރިފުޅުމެން ހާދަ ރަނގަޅޭ… ކީއްވެތަ ބައްޕަ އެގޮތަށް ދަރިފުޅުމެންނާ ދޭތެރޭ ކަންތައް ކުރީމައިވެސް ދަރިފުޅުމެން ބައްޕައަށް ތިހާ ރަނގަޅީ…؟ބައްޕައަށް ތި ހެޔޮކަން ހައްގެއްވެސް ނޫން…ކީކޭ އެދުވަހު ބައްޕަ ދަރިފުޅާ ދިމާލަށް ބުނެލީ….މި ދަރިޔާ އިންނަންޏާ ބައްޕަ މީ ބައްޕަ ނޫން ކަމަށޭ އިންނަންޖެހޭނީ….ސުބުޙާނަالله! އަހަރެން މީ ހާދަ ނުބައި ބައްޕައެކޭ…!މިއަދު ބަލާބަލަ ހަމަ ތި ދަރިއޭ ބައްޕަ ތި ބަލަނީ… ބައްޕައަށް މާފުކުރޭ ދަރިފުޅުމެންނޭ..“ އަހަންނަށް އިޝާރާކޮށް ރޮމުން ޝަހީމް ބުނެލިއެވެ.އޭނާގެ ހިތަށް ކޮށްފައިވާ ފުން އަސަރުތައް ފެނި އަހަރެންވެސް ހުރީ ފެންކަޅިވެފައެވެ.

”ބަައްޕާ ދެން ތި ވާހަކަތައް އިތުރަށް ނުދައްކަބަލަ…. އަހަރެމެން ދެމީހުންވެސް ބައްޕައަށް ހެޔޮހިތުން މާފުކޮށްފީމޭ… ދެން ނުރޮއެ ހުއްޓާލާ… އަހަރެމެން މި ތިބީ ބައްޕައާއެކީގައޭ… ދުވަހަކުވެސް ބައްޕަ އެކަނި ކޮށެއް ނުލާނަމޭ…އިނގޭ…ދެން ނުރޮއެ ހުއްޓާލާ… ބައްޕަ ތިގޮތަށް ރޯތީވެ އަހަރެން ވަރަށް ދެރަވޭ “ ޝަހީމްގެ އަތްތިލާގައި ފިރުމާލަމުން ރޮވިފައިވާ އަޑަކުން ޝަފްކާ ބުނެލިއެވެ.ބަނޑުބޮޑުވިފަހުން ކުޑަ ކުޑަ ކަމެއްވިޔަސް ވެސް އޭނާ އެހާ އަވަހަށް ޖަޒުބާތީވެއެވެ.އަދި އަމުދުން ޝަހީމް އެވަރަށް ރޮންޏާ އޭނައަށް ވަކި ނުރޮއެ ކެތްވާނެ ހެއްޔެވެ؟

*****

*ދެ އަހަރު ފަސް*

މިއަދަކީ މުހުސިނުމެންގެ މައްޗަށް އުފުލިފައިވާ ދައުވާގެ ފަހު އަޑުއެހުންތައް ނިމި ހުކުމް އިއްވުމަށް ކަނޑައެޅިފައިވާ ދުވަހެވެ.ޝާމިނާ އެކުގައި ކޯޓުގެ ގޯތި ތެރެއަށް ވަނީއްސުރެ އަހަަންނަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ.ހިތް އޮބި ނޯންނަހާ ބާރަށް ތެޅެމުން ދިޔައެވެ.އަހަންނަށް ކޭސް ކާމިޔާބުވާނޭ ކަމުގެ ޔަގީންކަން ޝާމިން ކިތަންމެ ފަހަރެއްގެ މަތިން ދިން ނަމަވެސް އަހަރެންގެ ހިތަކަށް ހަގީގީ ހަމަ ޖެހުމެއް ނުލިބެއެވެ.އަބަދުމެ ހުރެވުނީ ހިތް ނުތަނަވަސްވެފައެވެ.ނުވާންވީވެސް ސަބަބެއް ނެތެވެ.ރާއްޖޭގައި އެފަދަ މައްސަލަތައް ބަލާ ނިންމަން އެ ނަގަނީ ހާދަހާ ދުވަހެކެވެ.މައްސަލަ ވަކި ގޮތަކަށް ނުނިންމާތީ ކުށްވެރިން މިއޮއް ހުރިހާ ދުވަހު އެ އުޅުނީ ނިކަން ހަމަ ޖެހިލައިގެން މިނިވަންކަން މަތީގައެވެ.ޕާސްޕޯޓު ހިފަހައްޓާފައި ވާތީ ބޭރު ގައުމުތަކަށް ދަތުރު ނުކުރެވުނެއް ކަމަކު މުހުސިނާއި ޚަލީސާ ރާއްޖެ ވަށާ ބުރު ޖެހިއެވެ.ހިތް އުފާ ކުރިއެވެ. މިފަދަ އެހެން މައްސަލަތައް ފަދައިން މި މައްސަލަވެސް ވަކި ކޮޅެއްގައި ނުޖެހި ދިގު ދެމިފައި އޮންނާނީއޭ އެމީހުން ހީކުރީ ކަހަަލައެވެ.އެހެނަސް ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ޝާމިން ކުރި މިންނެތް ބުރަ މަސައްކަތުން މިއަދު މިކަންވެސް ކޮޅެއްގައި ޖެހެން އުޅޭކަމުގޭ މަލަމަތި މިއޮއްގެން ފެންނަނީއެވެ.

****

މުހުސިނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ޙުކުމެއް އޭނާއަށް އިއްވުނެވެ.މުއާޒާއި ޚަލީސާ، ޖަލު އޮފިސަރުން އަދި ނަރުސް ކުއްޖާގެ މައްޗަށްވެސް އެ ޖަރީމާތަކުގައި ބައިވެރިވެ ވާގިވެރިވިކަމުގެ ކުށް ސާބިތުވެ ޖަލު ހުކުމް އިއްވުނެވެ.އެވަގުތުގައި އެމީހުންގެ މޫނުތަކަށް އަރައިގެން ދިޔަ މާޔޫސީ ކުލަވަރުތައް އަބަދަށްވެސް އަހަރެންގެ ހަނދާނުގައި ހަރުލާފައި ހުންނާނެއެވެ.އެއީ އަހަރެން އުފަލުން ހެއްވައިލި ވަގުތުކޮޅެކެވެ.ބަޔާންވެސް ނުކުރެވޭނޭފަދަ ތަސައްލީއެއް ހިތަށް ލިބިގެން ދިޔަ ވަގުތުކޮޅެކެވެ.ޚާއްސަކޮށް ކޯޓު ރޫމު ތެރޭ ޚަލީސާ ރޯން ފެށި ޑުރާމާ ބޮޑު ގޮތްގަނޑު ފެނި އަހަރެން އަދި ވަކިން އުފާވިއެވެ.ލޭގެ ގުޅުން ހިނގާ މީހެއް ކަމަކު އޭނާގެ އެ ރުއިން ފެނި އަހަރެންގެ ހިތަކަށް ކުޑަވެސް އަސަރެއް ނުކުރިއެވެ.އަހަރެންގެ މައިންބަފައިންނަށް ޣައްދާރުވެ އެމީހުންގެ ބުރަ މަސައްކަތުން އާރާސްތުކުރި މުޅި ދިރިއުޅުން ބަރުބާދުކޮށްލި މީހަކަށް މިއަދު އަހަރެންގެ ހިތުގައި އިހުތިރާމުގެ ޒައްރެއްގެ މިންވަރުވެސް ނެތެވެ.މުހުސިނާއި މުއާޒު އަދި ލެއޯރާ އެއީ އަދި މުޅިން އެހެން ލެވެލްއެކެވެ.އެ އެންމެންނަށްވެސް ހައްގު އަދަބު ލިބުނީތީ އަހަންނަށް ފަށް ފަށުން މާތް ރަސްކަލާނގެ ކިބަޔަށް ހަމްދުކުރެވުނެވެ.

****

ނުހައްގުން ފޭރިގަނެފައިވާ އަހަރެންގެ ބައްޕަގެ ހުރިހާ މުދަލަކާއި ބިމަކާއި ވިޔަފާރިއެއްވެސް އަހަރެންގެ މިލްކުވެރިކަމުގެ ދަށަށް އައެވެ.މިހާރު އަހަންނަކީ އަމިއްލަ ވިޔަފާރިއެއް ކުރަމުން އަންނަ ވަރަށް ފުދުންތެރި ދިރިއުޅުމެއް އުޅޭ މީހަކީމެވެ.އަހަރެން ސްޓޫޑިޔޯގެ ވަޒީފާއިން ވަކިވީ ހިތާއި ދެކޮޅަށެވެ.ބައްޕަގެ ’އެމްޕަޔަރ‘ ނެގެހެއްޓުމަކީ އަހަރެންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ގަބޫލުކުރެވޭތީ އެ ވިޔަފާރިތަކުގެ މަސްއޫލިއްޔަތުތައް އިސްވެ ދެކޮނޑުގައި އަޅަން އަހަރެން ބޭނުންވީއެވެ.އެކަމުގެ ސަބަބުން ބިޒީވިނަމަވެސް ވަގުތުވީ ވަރަކުން ހޮބީއެއްގެ ގޮތުގައި އަހަރެން އާރޓުގެ މަސައްކަތްވެސް ކޮންމެވެސް ވަރަަކަށް ކުރެވޭތޯ ބެލީމެވެ.އެހާ ހިތް ޖެހިފައި ހުރި ކަމެއް މުޅިން ދޫކޮށްލާކަށް އަހަރެންގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ.

ދެވަނަ ދަރިފުޅު ލިބުނު ފަހުން އަހަރެންގެ ގިނަ ވަގުތުތަކެއް އާއިލާއަށްޓަކައި ހުސްކުރެވޭތޯ އަހަރެން  ވަރަށް މަސައްކަތް ކުރީމެވެ.އެކަމާ ޝަފްކާވެސް ހުންނަނީ ނުހަނު ހިތްހަމަޖެހިފައެވެ.މިފަހަރު އަހަރެމެންނަށް ލިބުނީ ލޯބި ލޯބި އަންހެން ކުއްޖެކެވެ.ނަމަކަށް ކީ ކަޝަފެވެ.ޝަފްކާއާއި ގުޅުވާލާފައެވެ.އަނެއްކާ އެހާ ކުޑައިރުވެސް އެ ކުއްޖާ ހީވަނީ ހަމަ ޝަފްކާގެ ތައްގަނޑެއްހެންނެވެ.ނުހައިކަށް ހަަތަރު އަހަރު ފުރި ފަސް އަހަރަށް އޮތް އިރު ހަގު ދަރިފުޅު ކަޝަފަށްވެސް މިހާރު ދެ އަހަރު ފުރިއްޖެއެވެ.ދެބެންވެސް ވައްތަރީ ޝަފްކާއާއި ކަމުން  އަހަރެން ޝަކުވާ ކުރާތީ ދެރަނުވާށޭ ކިޔައި އޭނާ އެވަރަށް އަހަންނާ ދިމާވެސް ކުރެއެވެ.

އަހަރެން ބިޒީކޮށް އުޅޭ ވަގުތުތަކުގައި ޝަހީމްގެ ކަންތައްތަކުގައި އެހީވާނެ މީހަކުވެސް މިހާރު ގެންގުޅޭތީ ވަގުތު މެނޭޖްކުރަންވެސް ތަންކޮޅެއް ފަސޭހައެވެ.އޭނާ ބަލިވިފަހުން އޭނާގެ އާއިލާގެ މީހުންވެސް ތަންކޮޅެއް ގިނައިން ރާއްޖެއަށް ޒިޔާރަތްކޮށް ހަދާތީ ޝަހީމްވެސް ހުންނަނީ ތަންކޮޅެއް ހިތްހަމަ ޖެހިފައެވެ.ދުރުގައި ދިރިއުޅުނަސް އާއިލީ ގުޅުމަކީ ވަރުގަދަ ގުޅުމެއްކަން އެމީހުން ސާބިތުކޮށްދިނެވެ.ޝަހީމްވެސް އޭނާގެ ކޮއްކޮމެންނާއި ބޮޑުބޭބެ ކިޔާ ކުދިން ދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ.

****

”ބަލާ ނޫކް ދަރިފުޅޫ އަވަސްކުރޭ….ދެން ފަހުން ޔޫޓިއުބް ބަލާނީ… މިހާރު ސްކްރީން ޓައިމް ވެސް ހަމަވެއްޖެ އިނގޭ…ބައްޕި އަންނައިރު ދަރިފުޅު ރެޑީ ނުވެ އޮތީމަ ކިހިނެއް ވާނީ؟.މަންމި އަދި ކޮއްކޮ ވެސް ރެޑީ ކުރަން ޖެހޭނެއެއްނު… މިހާރު އެއޮއް ގަޑި ޖެހެނީ…ދަރިފުޅު ބަސްނާހަންޏާ މާދަމާ މާމަ ގެއަށް ދިޔުން ކެންސަލް ވާނެ އިނގޭ…“

އަހަރެން އައިސް ކޮޓަރިއަށް ވަތްއިރު ޝަފްކާ އުޅެނީ ޓެބްލެޓް ހިފައިގެން އެއަށް ގެއްލިފައި އޮތް ނުހައިކު އެ އޮތް ތަނުން ގުޑާ ނުލައިގެންނެވެ.ބޮޑުވި ބޮޑުވިހެން ނުހައިކުގެ ބޯހަރުވާތީ ޝަފްކާއަށް އޭނާ ގެންގުޅޭކަށް އެހާ ފަސޭހައެއް ނޫނެވެ.ބައެއްފަހަރު އެ ކުއްޖާ ބަސްނާހައިގެން ޝަފްކާ ހުންނަނީ ރޮވޭވަރުވެފައެވެ.އަދި އަމުދުން ހަގު ދަރިފުޅު ލިބުނު ފަހުން ނުހައިކުގެ ކަންތައް ބޮޑުހެން ހީވެއެވެ.އަހަންނަށް ގަބޫލުކުރެވުނީ ކުއްޖާއަށް ދެމުން އައި ސަމާލުކަން ކުރިއަށްވުރެ ކުޑަވެގެން ދިޔުމުން އެކަމުގެ ސަބަބުން އަންނަން ފެށި ބަދަލުތަކެއް ކަމުގައެވެ.މިހާރަކަށް އައިސް ގިނަ ފަހަރަށް އޭނާ ކިޔަމަން ވިއްޔާވެސް ވަނީ އަހަންނަށެވެ.

”ބޭބް…އައި ގޮޓް އިޓް…“ ގަޑިއަށް ނުދެވިދާނެތީ ޝަފްކާ ހާސްވެފައި ހުރިވަރު ފެނި އަހަރެން އަމިއްލައަށް ނުހައިކާއި ހަވާލުވީމެވެ.އޭރު ހަގު ދަރިފުޅު ކަޝަފްވެސް ހުއްޓާ ނުލައި ރޮމުން ދިޔައެވެ.

”ދަރިފުޅޫ…ބައްޕި ބުނީމެއްނު ވަން އަވަރ ވަންދެންނޭ ދަރިފުޅަށް ޓެބް ބެލޭނީ… މިހާރު ކިހާ އިރެއްވެއްޖެ…؟ ދަރިފުޅު ބޭނުންތަ ދަރިފުޅުގެ އައިޒް އެހާ ކުޑައިރު ހަލާކުވާން…؟“ އަހަރެން ވަަރަށް ވިސްނާލާފައި އޯގާތެރިކަމާއި އެކުގައި ބުނެލީމެވެ.އެއާއެކު ވަރަށް ފަސޭހައިން ނުހައިކުގެ ސަމާލުކަން ދަމައިގަނެވިއްޖެއެވެ.

”ނޯ ނޫކް ބޭނުމެއްނޫން އައިޒް ހަލާކުވާކަށް!“ އަޑަށް ބާރުލާފައި ނުހައިކު ބުނެލީ އަހަންނާ ދިމާލަށް ކަޅި އަޅާލަމުންނެވެ.

”އެހެންވީމަ ދެން ކިހިނެއް ދަރިފުޅު ހަދާނީ…؟ ގިނައިން ޓެބް ބެލީމަ ކިހިނެއް ވާނީ؟“ އަހަރެން ވަރަށް ލޯބިން އަހައިލީމެވެ.

”ލޮލަށް…ތަދުވާނެ…“ ދެބުމަ ކައިރިކޮށްލައިގެން އިނދެ ވަރަށް ވިސްނާލާފައި ނުހައިކު ޖަވާބު ދިނެވެ.

”މްމްމް… އެހެންވީމަ ލޮލަށް ތަދުނުވާނީ ދަރިފުޅު ކިހިނެއް ހެދީމަބާ؟“ އަހަރެން ވަރަށް ވިސްނާލާ ކަމަށް ހެދި އެކްޓު ޖައްސާލާފައި ބުނެލީމެވެ.

”ބައްޕި ޓެބް ގެންދިޔާމަ… ބައްޕި އެކަމަކު އަބަދު ޓެބް ގެންދަނީ…“ ނުހައިކު ތުންފިތައި، ޝަކުވާކޮށްލާފައި ޖަވާބު ދިން ގޮތުން އަހަރެންގެ ގާތަށް ހިނިވެސް އައެވެ.

”އަހަނ…ބައްޕި ޓެބް ގެންދަނީ ބައްޕި ބުނީމަވެސް ދަރިފުޅު އަމިއްލައަށް ޓެބް ނުބޭއްވީމައެއްނު… އެހެންވީމަ ބައްޕި ޓެބް ނުގެންދާނީ ދަރިފުޅު ކިހިނެއް ހެދީމަބާ؟“ އަހަރެން ނުހޭންވެގެން އަނގަމަތީގައި އަތް ހިންގާލަމުން ބުނެލީމެވެ.

”ނޫކް ޓެބް ބޭއްވީމަ…“ ގަޔާނުވެފައި ނުހައިކު ބުނެލިއެވެ.

”ޔެސް.އޭރުން ބައްޕި ނުޖެހޭނެއެއްނު އަބަދު ޓެބް އަތުލާކަށްވެސް.. ދަރިފުޅު ބަސް އަހައިގެން އަމިއްލައަށް ބާއްވާފަ ދެން އަނެއް ދުވަހު ވަން އަވަރ ވަންދެން ބަލާނީއޭ…“ އަހަރެން ބުނެލީމެވެ.

”ނޫކް ބޭނުން ބައިވަރު ޓައިމް ބަލަން…“ ނުހައިކު ކުސް ތަޅައިގަތެވެ.

”އަހާނ..އެހެންވީމާ ބައްޕި ދެން ޖެހޭނީ ދަރިފުޅަށް ޓެބް ބަލަންވެސް ޓައިމް ޓޭބަލެއް ހަދަން އިނގޭ…ސްކޫލުގަ ވެސް އިނދެއެއްނު ޓައިމް ޓޭބަލް ދޯ…ދެން އަވަހަށް ބަސް އަހައިގެން ހިނގާ…މިހާރު ކޮއްކޮއަށްވެސް ރޮވެނީ އެޔޮއް… ދަރިފުޅު ހިނގާ ބައްޕިއާ އެކީ ރެޑީވާން ފަށަން…އަދި ބައްޕިވެސް ރެޑީވާން ޖެހޭނެއެއްނު ދޯ… ބައްޕި ލަސްވެއްޖެއްޔާ މާހިން ބޭބެ ކިހާ ދެރަވާނެ…“ އަހަރެން ނުހައިކަށް ވިސްނައިދެވޭތޯ މަސައްކަތް ކުރީމެވެ.އޭނާވެސް ބޮޑާހާކަން ފަށައިފިއްޔާ މަަސަލަސްކުރަން އެހާ އުނދަގޫވާނެއެވެ.

މިއަދކީ މާހިންއާއި އެނާގެ ލޯބިވެރިޔާ އީރާގެ އަލަތު ކައިވެނި ކުރެވޭ ދުވަހެވެ.އެ ދެމީހުން ރައްޓެހިވެގެން އުޅޭތާ މިހާރު އަހަރަކަށްވުރެ ވަނީ ގިނަވެފައެވެ.ލަސްނުކޮށް ކައިވެނި ކުރަން ދެމީހުންވެސް ނިންމީ ދެފަރާތުގެ އާއިލާގެވެސް ރުހުމާއި އެެެއްބާރުލުމާއިވެސް އެކުގައެވެ.އެ ކައިވެނީގެ ހަފްލާއަށް ހެކިވެރިއެއްގެ ގޮތުގައި ދަޢުވަތު ލިބިފައިވާތީ އަހަރެން ތަންކޮޅެއް ކުރިން ދާންވެސް ޖެހެއެވެ.ހެކިވެރިންގެ ގޮތުގައި މާހިން ކަނޑައެޅީ އަހަންނާއި ޝާމިނެވެ.އެއީ ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމުގައި އަހަރެން ގަބޫލު ކުރަމެވެ.އަހަރެން މިހުރީ އޭނާއަށްޓަކައި ނުހަނު އުފަލުންނެވެ.ދުޢާއަކީ އޭނާއަށްވެސް އުފާވެރި ފާގަތި ދިރިއުޅުމެއް މާތް ރަސްކަލާނގެ މިންވަރު ކޮށްދެއްވުމެވެ.

މާހިންގެ ހޮވުން ވަރަށްވެސް ފުރިހަމައެވެ.އީރާއަކީ ވަަރަށް އަޚުލާޤު ރަނގަޅު ހިތްހެޔޮ ކުއްޖެކެވެ.އަަލަށް އީރާއާއި ދިމާވި ދުވަހުވެސް އެފަަދަ އެތައް ރަނގަޅު ސިފަތަކެއް އަހަންނަށް ވަރަށް ފާހަގަ ކުރެވުނެވެ.ޝަފްކާވެސް އީރާގެ ރަނގަޅު ވާހަކަ އަހަރެންގެ ގާތުގައި ވަރަށް ގިނައިން ދައްކައެވެ.އަލަށް ޑަބަލް ޑޭޓަކަށް ދިޔަ ދުވަހު ދިމާވެގެން އެ ޓިއުނު ދިމާވި ގޮތަށް އެދެމީހުން މިހާރު ގާތް ދެ ރަހުމަތްތެރިންނަށްވެ ނިމިއްޖެއެވެ.

****

އަހަރެން އަވަސް އަވަހަށް ފެންވަރައިގެން ނުކުމެ ތައްޔާރުވެލައިގެން ނުހައިކު ތައްޔާރު ކުރަން ފެށީމެވެ.ނަސީބަކުން ޝަފްކާ ހުރީ އެކުއްޖާ ފެންވަރުވައި ހުރިހާ އެއްޗެއްވެސް ކުރިޔާލައި ތައްޔާރުކޮށްފައެވެ.އޭރު ޝަފްކާ އުޅެނީ ކަޝަފްގެ އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކުރުމުގެ މަސައްކަތުގައެވެ.ކަޝަފަށް ހިމޭނުން ނީނދެވޭތީ އެކަންވީ އޭނާއަށް ތަންކޮޅެއް އުނދަގޫ ކަމަކަށެވެ.މަޑު ނޫކުލައިގެ ފުއްޕި ފަސްބައެއް ލާފައިވާ ޕާޓީ ހެދުމުގައި އެކުއްޖާ ފެންނަލެއް ނިކަން ލޯތްބެވެ.ނުހައިކުވެސް ލެއްވީ ހަމަ އެކުލައިގެ ފަޓުލޫނަކާއި ހުދު ގަމީހެކެވެ.

”އާކި ޕްލީޒް ދޭބަ މި ދެ މީހުން ގޮވައިގެން އިހަށް ސިޓިން ރޫމަށް…އަހަރެން ފެންނަން ހުރިއްޔާ މި ކަޝަފް ނުނެއްޓޭނެ އަހަރެން ފަހަތަކުންނެއް.ބައްޕަ ރެޑީވެއްޖެތޯވެސް ބަލައިލަދެއްޗޭ…“ ޝަފްކާ ހުރީ މައިނޭވާ ލެވިފައެވެ.އެ ދެކުދިންނާ ހިފަން ހަދައިގެން އޭނާ ހުރީ އެކަށް ވަރުބަލިވެފައެވެ.

”މުޅިން ވަރުބަލި ކޮށްލައިފިދޯ…ޓޭކް ޔޯރ ޓައިމް ލަވް…އަދި އެބަ އޮތޭ ވަން އަވަރ ޓްވެންޓީ ފައިވް މިނެޓްސްވަރު ޕާޓީ ފެށެން.އަވަހަށް ރެޑީވައްޗޭ އަހަރެން ބުނީ ހެކިވެރިއެއް ގޮތަށް އަހަރެން ދާން ޖެހޭތީ…ކައިވެނިކުރަން ފަށަންވާއިރަށް އަހަރެން ޖެހޭނެވިއްޔަ އެތާ ހުންނަން..ބައްޕަޔާ ދެކުދިންނާ ގޮވައިގެން އަހަރެން ނުލައި ދާން ޝަފްއަށް އުނދަގޫވާނެތީ އަހަންނާ އެކީ ދާން ރެޑީވެވޭހާ ޓައިމް ދޭންވެގެން އަސްލު އެހާ އަވަހަށް ރެޑީވާށޭ ބުނީ. މުޅިން ޕެނިކް މޯޑަށް ދުއްވާލެވިއްޖެ  ދޯ؟…ސޮރީ ލަވް…އަދި އެބައޮތް ޝަފްއަށް މާ ބޮޑަށްވެސް ރީތި ވެވޭނެހާ ޓައިމް…ހަމަ ޖެހިގެން ރެޑީވެލާ އިނގޭ ލަވް…އަލް ޓޭކް ދެމް…“ އަހަރެން ބުނެލީމެވެ.އެއާއެކު ޝަފްކާ ދޫކޮށްލީ ހަމަޖެހުމުގެ ނޭވާއެކެވެ.

”އޯހ ތެންކް ގުޑްނެސް! އަހަރެން މިހުންނަނީ އާކި އެހާ އަވަހަށް ރެޑީވާން ބުނީމަ ހަމަ އަސްލުވެސް ވަރަށް ހާސްވެފައި.ނަސީބެއްނު.“ މޭގައި އަތް އަޅާލަމުން ފުން ނޭވާއެއް ދޫކޮށްލާފައި ޝަފްކާ ބުނެލިއެވެ.

އަހަރެން އެ ދެކުދިން ގޮވައިގެން ސިޓިން ރޫމަށް ނުކުތްއިރު ޝަހީމް އޭނާގެ އެހީތެރިޔާގެ ގޮތުގައި ގެންގުޅޭ ބިދޭސީ މީހާގެ އެހީތެރިކަމާއި އެކުގައި ތައްޔާރުވެލައިގެން ނުކުމެ ސިޓިން ރޫމް ސޯފާގައި އިނެވެ.އެތައް އެތައް ކަސްރަތީ ފަރުވާއަކާއި ބޭހަކަށްފަހުވެސް މުޅިއަކުން އޭނާއަށް ލިބިފައި އެވާ އަނިޔާތަކަކަށް ދާއިމީ ފަރުވާއެއް ނުހޯދުނެވެ.ހިނގުމުގައި އެ ހުރި އައިބުކަމެއް ނުކެނޑުނެވެ.އުމުރަށްވެސް އެ  އަސާގަނޑުގެ އެހީ ހޯދަން އޭނާއަށް މަޖުބޫރުވީއެވެ.

****

”އަނހާ ކާފަ ދޫނިތައް ހާދަ ލޯތްބޭ… އަވަހަށް އާދޭ.!“އެ ދެބެން ފެނުމުން ޝަހީމްގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.އޭނާ އުފަލުން ދެއަތް ހުޅުވާލައި އެ ދެކުދިންނަށް އޭނާގެ ގާތަށް އައުމަށް އިޝާރާތްކޮށްލިއެވެ.އެ ދެ އަތުގެ ތެރެއަށް ވަދެގަންނަން އެންމެ ކުރިން ދުއްވައިގަތީ ނުހައިކެވެ.ކަޝަފަށް ނުހައިކާއި އެއްވަރަށް ނުދެވުނެއް ކަމަކު އެ ކުޑަ ކުއްޖާވެސް އޭނާގެ އެންމެ ބާރު ދުވެލީގައި ޝަހީމާ ދިމާލަށް ދުއްވައިގަތެވެ.އެ ދެބެންވެސް ޝަހީމް ދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ.އާތިޔާ ފެނުނަސް ހަމަ އެވަރެވެ.

އިރުކޮޅަކުން ތައްޔާރުވެ ނިމިގެން ޝަފްކާވެސް ނުކުމެއްޖެއެވެ.މަޑު ނޫކުލައިގެ ގަޔަށް ފިޓުކޮށް ހުރި ސާދާ މެކްސީގައި އޭނާ ފެންނަލެއް ނުހަނު ޗާލެވެ.ދެ ކުދިން ލިބުނު ފަހުންވެސް އެ ރީތިކަމަކަށް ކުޑަވެސް ފަނޑުކަމެއް އައިސްފައެއް ނެތެވެ.އިހު އޮތް ވަރަށް ދިގުކޮށްލާފައި އޮތް ފަން އިސްތަށިގަނޑު އޮތީ އެއްފަރާތަކަށް ވާނެހެން ގެނެސް ކޮނޑުމަތިން ކުރިމައްޗަށް ވައްޓާލައި، ރީތިގޮތަކަށް ސްޓައިލްކޮށްލާފައެވެ.ލުއި ގޮތަކަށް ކޮށްފައިވާ މޭކަޕްވެސް އެ މޫނާއި އެހާމެ ގުޅެއެވެ.

”ޔޫ ލުކް ސޯ ގޯޖަސް…!“ އަހަރެން ޝަފްކާއާއި ގާތަށް ޖެހިލައިފައި އޭނަގެ ކަންފަތް ބުޑުގައި ވައި އަޑުން ބުނެލީމެވެ.އެއާއެކު އެ ކޯތާފަތަށް އިސާހިތަކު ޖަންބުކުލަ ފާއްދާލައިފައެވެ.އެކުގައި އެހާ ދުވަސް ހޭދަ ކުރެވުނު އިރުވެސް އަހަރެން އެހެން ކޮށްލާ ތަޢުރީފަކުންވެސް އަދިވެސް އޭނާ ލަދުން މޯޅިވެދެއެވެ.

”ދެން އަޅެ އާކި.. ބައްޕަވެސް އެބައިނޭ!“ އަހަރެންގެ އެ ގާތްކަމުން ލަދުން ޝަފްކާ ބުނެލިއެވެ.

”ކީއްތަވީ…؟“ އަހަރެން އޭނާ އިތުރަށް ލަދު ގަންނަވާ ލާންވެގެން އެއްލޯ މަރާލާފައި ބުނެލީމެވެ.ޝަފްކާ އަހަންނާ ދިމާލަށް ލޯ އަޅާލިއެވެ.ގައިމު ޝަހީމަށް އެމަންޒަރު ފެނުނީކީވެސް ނޫނެވެ.އެ މީހާ އިނީ އެ ދެބެން ގާތްކޮށްލައިގެން ކޮންމެވެސް މޮޅު ވާހަކައެއް ދައްކާށެވެ.

****

ކައިވެނީގެ ހަފްލާ އޮތް މާލަމަށް ދެވުނުއިރު އެތަން ޖަރީކޮށްލާފައި އޮތް ވަރު ފެނި ނުހައިކާއި ކަޝަފްގެ  މޫނުން ފެންނަމުން ދިޔައީ އިންތިހާ ޝައުގުވެރިކަމެވެ.އަދި ޚާއްސަކޮށް އެތާ ހުރި ފްލޯރަލް ޑެކަރޭޝަންތަކުގައި އަތްލަން ބޭނުން ވެގެން ކަޝަފް ވަރަށް ފޯރި ދައްކާލިއެވެ.

އަހަރެމެން އެ ހަފްލާއަށް ދިޔައީ ޝަހީމްވެސް ގޮވައިގެންނެވެ.ނުކުޅެދުންތެރިކަމެއް ހުއްޓެއް ކަމަކު އެފަދަ އެއްވެސް ކަމަކުން އަހަރެމެން އޭނާ ބާކީއެއް ނުކުރަމެވެ.އަސާގަނޑުގެ އެހީގައި އުނދަގޫ ގޮތަކަށް ނަމަވެސް ހިނގާ ބިނގާވެ އުޅެވޭތީ ޝަހީމްވެސް ހުންނަނީ އެފަދަ ފުރުސަތެއް ލިބިއްޖިއްޔާ އެހާ ބޭރަށް ދާން  ބޭނުންވެފައެވެ.އަބަދު އެގޮތަށް ގޭގައި ހުންނަންވީމާ އޭނާވެސް ފޫހިވާނެތާއެވެ.

ހަފްލާ ތެރެއިން ޝާމިން އާއި އޭނާގެ ލޯބިވެރިޔާ އައިނާއާއި ވެސް ދިމާވި އެވެ.އެ ދެމީހުންވެސް ރައްޓެހިވެގެން އުޅޭތާ މިހާރު ދެތިން މަސް ވެދާނެއެވެ.އެހެނަސް އަދި އައިނާގެ ކިޔެވުން ނުނިމޭތީ އެހާ އަވަހަށް ކައިވެނި ކުރާކަށް އެ ދެމީހުންވެސް ވިސްނާހެނެއް ހިޔެއް ނުވެއެވެ.

****

އަހަރެމެންގެ ކުޑަ ކުޑަ އާއިލާ ފެނުމުން މާހިނާއި އީރާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.އަލަތު ދެމަފިރިންނަށް މަރުހަބާ ކިޔައި ހަދިޔާ ދިނުމަށް ފަހު ފޮޓޯ ނެގުމަށް ހުއްޓިލުމުން ކެމެރާމަނުން އެމީހުންގެ މަސައްކަތް ފެށިއެވެ.ފްލޭޝް އަޅުވާލާފައި ދެތިން ގަނޑު ފޮޓޯ އެ ފުލު ފުލުން ނަގާ ނިންމާލިއެވެ.

”އަޅޭ ކޮންގްރާ ލަވްސް…“ ޝަފްކާ އީރާގެ އަތުގައި ހިފާލަމުން އަދިވެސް އެއްފަހަރު ބުނެލިއެވެ.

”ތެންކްޔޫ ލަވް…އަޅޭ…އާދެބަ އަދި އީރާ ދައްތީއާ އެކީ ފޮޓޯއެއް ނަގާލަން ދެކުދިން…ތިމީހުން އިހަށް އެކޮޅަށް ޖެހިލަަބަ.“ ނުހައިކާއި ކަޝަފާއެކީ ވަކިން ފޮޓޯ ނަގަންވެސް އީރާ ބޭނުންވިއެވެ.އޭނާއަކީ ވަރަށް ކުޑަކުދިންނާ ހެދި ވަރު ހުންނަ ކުއްޖެކެވެ.ނުހައިކާއި ކަޝަފް ދެކެވެސް އޭނާ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ.

”އެހެމް…މާހިން…ބުރޯ…ދެން ލަސްކުރާނެ ކަމެއް ނެތް އިނގޭ…ދެވަނަ ހަރުފަތަށް ތި ދިޔައީ…ދެން ލަސް ނުކޮށް ތިންވަނަ ހަރުފަތަށްވެސް ގެންދަންވީ…“ އީރާ އެ ދެކުދިންނާ ހެދި އުޅުނުވަރު ފެނިފައި އަހަރެން މާހިނާއި ދިމާކޮށްލީމެވެ.އެ ބަސްތައް އަހަރެން މާނަ ކުރި ގޮތް ވިސްނި މާހިން ދެލޯ ބޮޑުކޮށްލިއެވެ.ދެވަނަ ސިކުންތުގައި ކިހާ ދެރަކަމެއްހޭ ކިޔައި އޭނާ އަހަރެންގެ ބުރަކަށީގައި ވަރަށް ނޫންކަމަށް ހަދާފައި ބޮނޑިއެއް އަޅައިފިއެވެ.

ހިނިތުންވެފައިވާ މޫނުތަކުން ފެންނަމުން ދިޔައީ އިންތިހާ އުފާވެރިކަމެވެ. އުފާ ފާގަތި މުސްތަގުބަލަކަށްޓަކައި ކުރެވޭ ފޮނި ފޮނި އުންމީދުތަކެވެ.އެ އުފާވެރި  މާހައުލުގައި ވަގުތުތައް ހޭދަ ވެގެން ދިޔައީ ކިހިނެއް ކަމެއްވެސް އަހަންނަކަށް ނޭނގުނެވެ.

****

އިރު އޮއްސުމަށް ދުނިޔެ ތައްޔާރުވަމުން ދިޔަ ހިތް ގައިމު ވަގުތެވެ.ރަތާއި އޮރެންޖު އަދި ދަނބުގެ އެކި ޝޭޑުތަކުން މުޅި އުޑުމަތި ޖަރީވެފައިވާއިރު އެ ހިތްގައިމުކަމުން އުފާ ލިބިގަތުމަށް އެތައް ބަޔަކު ހޭލަމޭލަވާތީ ފެނެއެވެ.ރިޒޯޓެއްގެ ރީތި ގޮނޑުދޮށުގައި، ރާޅު ޖަހާ ފަށުގައި އަހަންނާއި ޝަފްކާ އެއް ހަމައެއްގައި ފިޔަވަޅު އަޅަމުން ކުރިއަށް ދިޔައިރު ނުހައިކާއި ކަޝަފް އުފާވެރި ހުނުމުގެ އަޑުން މުޅި މާހައުލަށް ދިރުން ގެނެސްދީފައިވިޔެވެ.ކުޑަ ކުޑަ ކަޝަފްގެ އަތުގައި ހިފައިގެން ރާޅަށް އަތު ނުވާން އެ ގޮނޑުދޮށުގައި ނުހައިކު ދުވަމުން ދިޔައިރު އޭނާޔާ އެއް ހަމައެއްގައި ފައި ހަމަ ނުކުރެވިގެން  އެތައް ފަހަރަކު ކަޝަފް ވެއްޓޭތީ ފެނެއެވެ.އެހެނަސް އެއިން ކޮންމެ ފަހަރަކުވެސް އެ ކުޑަ ކުއްޖާގެ ހިމާޔަތުގައި ހުރި ހަށިފާރަވެރިއެއް ފަދައިން ނުހައިކު އެކުއްޖާގެ އަތުގައި ހިފައި ކޮޅަށް ނަގައެވެ. އަދި ވަރަށް ލޯބިން ބޯ އަރިކޮށްލާފައި ކަޝަފްގެ ގާތުގައި އިޓްސް އޯކޭއޭ ބުނެލައެވެ.ދެން  ފެންނަނީ އަނެއްކާވެސް އެކުއްޖާގެ އަތުގައި ހިފައިގެން ދުއްވައިގަންނަ މަންޒަރެވެ.އެ މަންޒަރު ބަލަން އަހަންނާ ޝަފްކާވެސް ތިބީ އުފަލުން ހިނިތުންވެފައެވެ.

”ނޫކް ހާދަ ލޯބިވެޔޭ ދޯ ކަޝަފް ދެކެ…“ހިނިތުންވެފައި ހުރެ ޝަފްކާ ބުނެލިއެވެ.

”އޮފްކޯޒް އެއީ ކަޝަފްގެ ބިގް ބްރަދަރ އެއްނު…ހީ އިޒް ސޯ ޕްރޮޓެކްޓިވް އޮފް ހާރ އޯލްރެޑީ…ޕްރައުޑް ޑެޑީ ހިއަރ…“ މޭގައި އަތް ޖަހާލާފައި އަހަރެން ބުނެލީމެވެ.

”ހެހެ…. ކަޝަފްވެސް ހަމަ އެހާ ލޯބިވެޔޭ ނޫކް ދެކެ.އަހަރެން ނޫކް އުޅޭ ގޮތުން ހިތްހަމަ ނުޖެހިގެން އެއްޗެއް ބުންޏަސް މި ކަޝަފް އަންނާނެ އޭނަ ޑިފެންޑު ކުރަން…ހެހެ…އެހާ ކުޑައިރުވެސް ބުއްދިވެސް ހުރެޔޭ އަހަރެން ހިތަށް އަރާ…“ ހީލަމުން ޝަފްކާ ބުނެލިއެވެ.

”ބަލަ ބަލަ…ދަރިފުޅު ނޫކް އެހާ ބާރަށް ނުދުވޭ..ކޮއްކޮއަކަށް ނުދެވޭނެ އެހާ ބާރަކަށް އިނގޭ…ބަލައިގެން…“ ނުހައިކާއި އެއްވަރަށް ނުދުވެވިގެން ކަޝަފް ކުސްތަޅައިގެން އަޑު އިވިފައި ޝަފްކާ އޯގާތެރިކަމާއި އެކުގައި ބުނެލިއެވެ.

ހުދުކުލައިގެެ އަތްކުރު މެކްސީއެއްގައި ޝަފްކާ ހުރިއިރު އޭނާގެ ދިގު އިސްތަށިގަނޑު އޮތީ ވަޔާ ވިހުރޭން އެއްވެސް ތަރުތީބެއް ނެތި ދޫކޮށްލާފައެވެ.ދިލަކަން މަޑުވެފައިވާ އިރުގެ ރަން ދޯދިތައް އެއްވެސް ހުރަހެއް ނެތި އައިސް އެ ރީތި އޮމާން މޫނަށް އެޅިފައިވާ މަންޒަރުގެ ހިތްގައިމުކަން ފެނި އަހަންނަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގި އާޝޯޚުވެފައެވެ.ހިތަށް އަރަމުން ދިޔައެވެ. އަހަރެން މިހާ ނަސީބު ގަދަ ވީ ކޮން އިރަކު ކިހިނެއް ބާވައެވެ.ޝަފްކާއަކީ އަހަރެންގެ އަލަތު ލޯތްބެވެ.އަދި އަހަންނަކީ ޝަފްކާގެވެސް އަލަތު ލޯތްބެވެ.އެ ލޯބީގައި ހަގީގީ ކުލަ ޖެހި ކައިވެނީގެ މަތިވެރި ގުޅުމުން މިއަދު އަހަރެމެން ދެމީހުން މިވަނީ ގުޅި ލާމެހިފައެވެ.މީހުން ބުނެ އުޅޭތީ އަހަރެންވެސް އަހަމެވެ. އަލަތު ލޯބި ހާސިލުވާނީ ނަސީބުވެރިންނަށެވެ. އެހެންވިއްޔާ އެ ނަސީބުވެރިންގެ ލިސްޓުގެ އެންމެ ކުރީގައި އަހަންނާއި ޝަފްކާގެ ނަންވެސް ލިޔެވިގެން  ދާނެތާއެވެ.

އަހަރެން ބަލަން ހުރި ތަން ފެނި ޝަފްކާ އަހަންނަށް ބަލާލާފައި ނިއް އަރުވާލިއެވެ.

”މި ހިތަށް އަރަނީ އަހަރެން މިހާ ނަސީބު ގަދަ މީހަކަށްވީ ކޮން އިރަކުބާއޭ؟ މީ ކިހާ ބޮޑު ނިޢުމަތެއް…ޔޫ އަރ ދި އޮންލީ ވަން އައި އެވަރ ފެލް އިން ލަވް ވިތް….ތީ މިހާރު އަހަރެންގެ ލޯބި ލޯބި ވައިފް އެން މަދަރ އޮފް މައި ޓޫ ގޯޖަސް ބޭބީޒް… އެހެންވީމަ އަހަރެން މީ ކިހާ ނަސީބު ގަދަ މީހެއް… އިތުރަށް ކޮން ކަމެއްތަ ދެން އަހަރެން ބޭނުންވާނީ…ދިސް އިޒް އޯލް އައި އެވަރ ވޯނެޑް ލަވް…“އެއްލި އަތުން ޝަފްކާގެ އުނަގަނޑުގައި އަތް އަޅުވާލައި ގަޔާ ކައިރިކޮށްލާފައި، ދެއަތުން އެ ލޯބި ލޯބި މޫނުކޮޅު ޖޯޑު ކޮށްލަމުން އަހަރެން ބުނެލީމެވެ.އެއާއެކު އުފަލުން ގޮސް ޝަފްކާގެ ދެލޯ ފެންކަޅިވިތަން އަހަރެން ދުށީމެވެ.

” އަހަރެންވެސް….އައި..އައި ލަވް ޔޫ ސޯ މަޗް އާކިލް…ދިސް ވޯޒް މައި ޑްރީމް…އިޓް އޯލް ކޭމް ޓްރޫ…އަބަދުވެސް ބޭނުމީ ހަމަ މިހާ އުފަލުގައި އާކިއާ އެކީގައި މުޅި އުމުރުވެސް ހޭދަކޮށްލަން..“ ޝަފްކާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ އޮހޮރެމުން ދިޔަ ހާލުގައި ބުނެލިއެވެ.

”އައި ލަވް ޔޫ މޯރ.. އަހަރެންވެސް…އައި ވޯނަ ބީ ވިތް ޔޫ ފޯރއެވަރ….ދެން ނުރޮއެ…“ ޝަފްކާގެ ނިތުގައި ބޮސް ދެމުން އަހަރެން ބުނެލީމެވެ.އެއާއެކު ހިނިތުންވެލަމުން ދެލޯ ފުހެލާފައި އޭނާ އަހަރެންގެ މޭގައި ލެއްވެލިއެވެ.އެހެނަސް މާ ގިނައިރަކު  އަހަރެންމެންނަކަށް އެހެނެއް ނުތިބެވުނެވެ.ނުހައިކާއި ކަޝަފް ދުވެފައި އައިސް އަހަރެމެން ދެމީހުންގެ ފައިގައި އެލިގެންފައި އުރާށޭ ކިޔައި ކުސްތަޅަން ފަށައިފިއެވެ.ދެކުދިންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އިންތިހާ ވަރުބަލިކަމެވެ.ކަޝަފް ދެލޯ އުނގުޅަން ފެށިގޮތުން އެކުއްޖާ ހުރީ ނިދިވެސް އައިސްފައިކަން އެނގެއެވެ.

”އަނހަ ކޮބާ! މާ ގިނައިން ދުވުނީމަ މާބޮޑަށް ޓަޔަޑްވީއެ…ދެކުދިން މައިނޭވާ ލެވިފައެއްނު ތިހުރީ…“ އަހަރެން ބުނެލީމެވެ.އަހަރެން ނުހައިކު ނަގާ އުރާލަމުން ޝަފްކާވެސް ކަޝަފް ނަގާ އުރާލިއެވެ.

އެ ދެކުދިން އުރާލައިގެން އެކުދިންނާ ސަމާސާ ކުރަމުން، އަޑު ވީއްލައި ހެމުން އަހަންނާއި ޝަފްކާ  ކުރިއަށް ހިނގައިގަތީ އުފަލުން ދެ ހިތް ފުރިފައިވާ ހާލުގައެވެ.އެ ރީތި ހިތްގައިމު އިރު އޮއްސޭ މަންޒަރަށް އިތުރު ފުރިހަމަކަމާއި ދިރުން ގެނެސްދެމުންނެވެ.

(ނިމުނީ)

 

*މި ވާހަކަވެސް ހުރިހާ ކިޔުންތެރިންނަށްވެސް ކަމުދިޔަ ކަމަށް އަޅުގަނޑު އުންމީދުކުރަން.އިންޝާ الله މުސްތަގުބަލުގައި އަދި އިތުރު އާ ވާހަކަތަކަކާއެކީ ތިޔަ ކިޔުންތެރިންނާ ބައްދަލުކޮށްލާނަން…ސަލާމް ❤️

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Share Article

Lamtty
Follow Me Written By

Lamtty

Level 710 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

(ޗެޕްޓަރ 1) …ލޯބިވާތީ

Previews
June 26, 2026

(ޗެޕްޓަރ 1) …ލޯބިވާތީ



All Right Reserved!