ޒާޔާ (ކުރު ޚުލާސާއެއް)
މި ވާހަކައަކީ 2020 ވަނަ އަހަރުގެ މޭ މަހު 26 ގައި މި ސައިޓަށް ލިޔަން ފެށި ވާހަކައެއް. މި ވާހަކަ ލިޔެ ނިމިފައި ވަނީ އެ އަހަރު އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު.
މި ވާހަކައިގެ ދެވަނަ ސީޒަނެއް ކިޔުންތެރިންނާ ހަމައަށް ގެނެސްދޭން ބޭނުންވާތީ މި ބައިގައި މި ޚިއްޞާ ކޮށްލަނީ ‘ޒާޔާ’ މި ވާހަކައިގެ ކުރު ޚުލާސާއެއް.
**********
ފަރިވެ ފޮޅެމުން އަންނަ މަލެއް ފަދައިން ޒާޔާގެ ދިރިއުޅުން އާރާސްތުވަމުން ދިޔައިރު، ޒާޔާގެ ކިޔެވުން ނިމުމަކާ ގާތްވެފައި އޮއްވައި، އޭނާގެ ދިރިއުޅުން ފުނޑުފުނޑުވެގެން ދިޔައެވެ. އަބުރާ ޢިއްޒަތް ކަތިލެވި، ބައްޕަގެ (ނިހާންގެ) ލޯބިން މަޙުރޫމުވެގެން ދިޔައީއެވެ.
ފުރާވަރު އުމުރުގައި، ޒާޔާގެ މަންމަ، ޒިޔާނާ ވަނީ މި ދުނިޔެ ދޫކޮށްފައެވެ. ދެބަފައިންނަށް އެ ކުރިމަތިވި އިމްތިޙާނުގައި ވެސް، ކެތްތެރިވިއެވެ. ޒިޔާނާ ނިޔާވެ، މާ ގިނަ ދުވަސްތަކެއް ނުވެ، ނިހާން ޖަމީލާއާ ކައިވެނި ކުރިއެވެ.
އެ ކުރެވުނު ކައިވެނި ވެގެން ދިޔައީ، ޒާޔާގެ ދިރިއުޅުން ޒަހަރުން ފުރިގެންވި ދިރިއުޅުމަކަށް ބަދަލުވެގެން ދިޔަ ކައިވެންޏަކަށެވެ.
ޖިނާނާއި މަތީނާއި، އާލިޔާ ގެ އެހީތެރިކަމާ އެއްބާރުލުން ހޯދައިގެން ޖަމީލާ މަސައްކަތް ކުރަމުން ދިޔައީ ޒާޔާ މުޅި ދުނިޔެއަށް ބޭޒާރުކޮށް، ނިހާނާއި ޒާޔާ ވަކިކުރާށެވެ.
ޖިނާނާއި މަތީނަކީ، ނިހާން ޒިޔާނާއާ ކައިވެނިކޮށްގެން އުޅުނު ދުވަސްކޮޅު ޒިޔާނާއަށް ގޯނާ ކުރި ދެމީހުނެވެ. އެ ދެމީހުނަކީ އެކަމާ ގުޅިގެން ޖަލުގައި ދުވަސްތަކެއް ހޭދަކުރަން ޖެހުނު ދެމީހުނެވެ. އެހެންކަމުން އެދެމީހުން އެކަމަށް ޒިޔާނާގެ ކިބައިން ބަދަލު ހިފުމަށް ނިންމިއެވެ. އެހެންނަމަވެސް އެމީހުނަށް އެ ކަންތައް ކާމިޔާބުވުމުގެ ކުރިން ޒިޔާނާ މި ދުނިޔެ ދޫކޮށްފިއެވެ. ދެން، އެ ދެ މީހުންގެ އަމާޒަކަށްވީ ޒިޔާނާގެ ދަރިފުޅު، ޒާޔާއެވެ.
އާލިޔާއަކީ، ފަވާޝަތު (ޒާޔާގެ އެންމެ ގާތް އެކުވެރިޔާ) ގެ ބޮޑުދައިތައެވެ. އަދި ޖަމީލާގެ އެންމެ ގާތް އެކުވެރިޔާވެސް މެއެވެ.
ޒާޔާގެ އެންމެ ގާތް އެކުވެރިއަކީ ފަވާޝަތު ކަމުގައި ވިޔަސް، އެ މަޤާމަށް އެހެން ފަރާތެއް ވެސް ވަނީ އިތުރުވެފައެވެ. ނަމަވެސް، އެއީ އިންސާނެއް ނޫނެވެ. އަހަރުމެނާ ޚިލާފަށް އެތައް ބާރުތަކެއް ލިބިގެންވާ މަޚުލޫޤެކެވެ.
ޒާޔާއަށް ކުރިމަތިވި ކޮންމެ އުނދަގުލެއްގައި މަލައިކާ (ޖިންނި) ގެ އެހީތެރިކަން ޒާޔާއަށް ލިބެމުން ދިޔައެވެ. ނަމަވެސް، ޒާޔާގެ ދިރިއުޅުން ހަލާކުވާން އުޅުނު ދުވަސްކޮޅު ދިމާވި ކަމެއްގެ ސަބަބުން މަލައިކާއަށް ޒާޔާ ދޫކޮށް ދާން ޖެހުނީއެވެ. އެ ފަހުން ޒާޔާއަށް ކުރިމަތިވި ބޮޑު އިމްތިޙާނުގައި، އެހީތެރިކަމުގެ އަތެއް ދިއްކޮށްލާކަށް މަލައިކާއެއް ނެތެވެ.
ޒާޔާއަށް ކުރިމަތިވި އެންމެ ބޮޑު އިމްތިޙާނަކީ، އޭނާގެ ދޮންމަންމަގެ ޙަސަދައާ، ނަފްރަތާ، ރުޅިވެރިކަމާ ކުރިމަތިލާން ޖެހުމެވެ. އެ ކުރާ ނަފްރަތުގައި ޒާޔާއަށް އެތައް އަނިޔާއެއް ދީފައިވެއެވެ. އެ ކަންތައް ކުރަނީ ނިހާނަށް ނޭނގިއެވެ. ނިހާން، ޒާޔާ ދެކެ އެހާ ލޯބިވާތީ އެކަމާވެސް ޖަމީލާ ޙަސަދަވެރިވެ، ރުޅިއާދެއެވެ.
ޒާޔާ ބަދުނާމުކުރުމުގެ މަސައްކަތުގައި އުޅުމުގެ ތެރޭ އެއް ރޭ ދަންވަރު، މަތީނަށާ އާލިޔާއަށް ދިމާވި ބިރުވެރި ޙާދިޘާއަކާ ގުޅިގެން މަތީނަށް ފަހުން ހެޔޮ ވިސްނުން ވިސްނުނެވެ. އާލިޔާއަށް ހެޔޮ ވިސްނުން ލިބުނީ އޭގެ މާ ފަހުންނެވެ. އެ ދެމީހުނަށް އެ ދިމާވި ޙާދިޘާގެ ފަހަތުގައިވީ މަލައިކާއެވެ.
ޖަމީލާ، ޒާޔާ ބަދުނާމުކުރުމަށް ޓަކައި، ޒާޔާގެ ނަމުގައި ލިއަމްއާ ވާހަކަ ދެއްކިއެވެ. ޒާޔާގެ ރީތި ފޮޓޯތަކެއް ވެސް ފޮނުވިއެވެ. އަނެއްކޮޅުން ލިއަމްއަށް މި ވާހަކަދެއްކެނީ ޒާޔާއާ ނޫންކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ.
ކޮންމެއަކަސް، ޒާޔާ ހުން އައިސް ބަލިވެ އުޅުނު ދުވަސްކޮޅު ޖިނާން، އެ ޗެޓްގެ ސްކްރީންޝޮޓްތައް އެ ރަށުގައި ހިންގާ މަޝްހޫރު ފޭސްބުކް ޕޭޖަކާ ޚިއްޞާ ކުރިއެވެ. އެއީ މަތީނަށް އެ ފޮޓޯތައް ޑިލީޓް ކޮށްލެވުމުގެ ކުރިން ޖިނާން ސިއްރުން މަތީންގެ ފޯނު ނަގައިގެން ކުރި ކަމެކެވެ. މަތީނަށް އެކަން ރޭކައިލީ އޭނާ ރާއްޖެއިން ބޭރަށް ދިޔަތާ ތިންވަނައަށް ވީ ދުވަހުގައެވެ.
އެންމެނަށް އެ ފޮޓޯތައް ފެންނަމުން ގޮސް، އެންމެ ފަހުން ނިހާނަށް ވެސް އެ ފޮޓޯތައް ފެނިއްޖެއެވެ. ޖަމީލާއަށެވެ. ނިހާން ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. އޭނާގެ ދަރިފުޅު އެފަދަ ކަމެއް ނުކުރާނެޔޭ އޭނާގެ ހިތް ބުންޏަސް ޖަމީލާ އިތުރަށް ނިހާނާ ވާހަކަދައްކަމުން ދިޔައެވެ. ޒާޔާއަށް ޓަކައި ނިހާންގެ ހިތުގައި ނަފްރަތު އުފެއްދުމުގެ ބޭނުމުގައެވެ. އެކަން އޭނާއަށް ކާމިޔާބުވެސް ވިއެވެ. އިސާހިތަކު އޭނާގެ ދަރިފުޅު ވަރަށް ބަލިވެ އުޅޭކަން ވެސް ނިހާން ހަނދާން ނެތިއްޖެއެވެ. ޒާޔާގެ އެއްޗެހިތައް ފޮށްޓަށް އަޅައި އެގެއިން ޒާޔާ ބޭރުކުރިއެވެ.
ޒާޔާގެ ޙަޔާތް ކަޅު އަނދިރި ވިލާތަކުން ބަނަވެގެން ދިޔަ ހިނދު ޖަމީލާ ހީވީ ޖަވާހިރެއް ހޮވިގެން އުޅޭހެނެވެ.
ޒާޔާ ގެއިން ބޭރުކުރެވުނު ދުވަހު މަގުމަތިން ހިނގަމުން ދަނިކޮށް މީހުން ކިޔަމުން ދިޔަ އެއްޗެއްސަށް ކެތް ނުކުރެވިގެން، އަމިއްލައަށް މަރުވުމުގެ ބޭނުމުގައި ކަނޑަށް ފުންމައިލިއެވެ. ޒާޔާގެ ނަޞީބު ރަނގަޅުކަމުން އެ މަންޒަރު ޒާޔާގެ ދެ އެކުވެރިންނަށް (ހަސްނައިން، ނޫމާން) ފެނުނެވެ. ބަލާކަށް ނުހުރެ ހަސްނައިން ކަނޑަށް ފުންމާލާފައި ޒާޔާ ސަލާމަތްކޮށްދިނެވެ. އެކަމަކު، ޒާޔާގެ ޙާލަތު ހުރީ މާ ދަށުގައެވެ.
ނޫމާންމެންގެ އެހީތެރިކަމާއެކު ޒާޔާއަށް ފަރުވާ ކުރުމަށް ސީ އެންބިއުލެންސްގައި މާލެ ގެންދެވުނެވެ. ޒާޔާގެ ހުރިހާ ކަމަކާ ޙަވާލުވީ އުސްމާން، (ނޫމާންގެ ބައްޕަ، ޖަމީލާގެ ބޮޑުބޭބެ، ނިހާންގެ އެންމެ ގާތް އެކުވެރިޔާ) އެވެ.
އެ ޚަބަރު ލިއަމްއާ ހަމައަށް ފޯރީ، ލިއަމް މާލޭގައި ހުއްޓައެވެ. ލިއަމް މާލެ ބަދަލުވީ އޭނާއަށް ކުރެވުނު ކަންތައް ރަށަށް ބޭޒާރުވެ މައުސޫމް ކުއްޖެއްގެ ދިރިއުޅުން ހަލާކުވާން ދިޔަ ހިނދުގައެވެ. އެ ކުއްޖާ މިއަދު ޙާލު ދެރަވެގެން މާލެ ގެނެވުމުން ލިއަމް ޢަޒުމް ކަނޑައެޅީ އެކުއްޖާއަށް ވީ ހުރިހާ ކަމެއް ކޮށްދިނުމަށެވެ.
ކޮންމެއަކަސް، ލިއަމް އުސްމާންގެ ކިބައިން ބޮޑު ވަޢުދެއް ވިއެވެ. ޒާޔާއަށް ދެރައެއް ނުދީ ޒާޔާ ބަލަހައްޓައިދޭނެކަމަށެވެ. ބަދަލުގައި އުސްމާންވެސް ވަޢުދުވީ، ޒާޔާގެ ބައްޕައަށް، ޒާޔާ ބެލެހެއްޓުމަށް ލިއަމް ހަވާލުވިކަން ނޭންގުމަށެވެ.
ދެ އަހަރު ފަހުން އަނެއްކާވެސް ޒާޔާގެ ދިރިއުޅުން އެކީ ބަދަލުވެގެން ދިޔައެވެ. ލިއަމްގެ އެހީތެރިކަމާ އަޅައިލުމާ އޯގާތެރިކަމުގެ ސަބަބުން ޒާޔާއަށް ދިމާވި ކަންތައްތަކުން އަރައިގަނެ، ރަނގަޅަށް ކިޔެވުން ނިންމައިލެވުނެވެ. ކޮލެޖް ދައުރު ވެސް ޒާޔާ ހޭދަކުރަމުން ދިޔައީ ލިއަމްއާ އެކުގައެވެ.
ޒާޔާގެ ދިރިއުޅުން އުފާވެރި ދިރިއުޅުމަކަށް ބަދަލުވެފައިވިޔަސް، ނިހާން މަތިން ހަނދާން ނުވާ އެންމެ ދުވަހެއްވެސް ނުދެއެވެ. ބައްޕަ މަތިން އެހާ ހަނދާންވެއެވެ. އެކަމާ ދެރަވިޔަސް ކުރިޔާ ޚިލާފަށް ޒާޔާ އެކަމާ ހިތާމައެއް ނުކުރެއެވެ. އެކަންކަމަށް ކެތްތެރިވާން ޒާޔާއަށް އޮތީ ދަސްވެފައެވެ.
ޒާޔާއާ ނުލައި ދެއަހަރު ފާއިތުވެގެން ދިޔައިރު، ނިހާނާ ޖަމީލާއަށް ވަނީ ކުއްޖަކު ލިބިފައެވެ. ނިހާ އެވެ. ނިހާގެ ކިބައިން ޒާޔާއާ ގުޅޭ އެތައް ސިފަތަކެއް ފެންނަމުން ދިޔައެވެ. އެކަން ވެގެން ދިޔައީ ނިހާންގެ ހިތަށް އުނދަގޫކުރުވަމުން ދިޔަ ކަންތަކަށެވެ. އަނެއްކާ، ޒާޔާއާ ދޭތެރޭ ނުވިސްނޭ އެންމެ ދުވަހެއް ވެސް ވޭތުނުވެއެވެ. ދަރިއަކާ ދޭތެރޭ ބައްޕައެއްގެ ހިތުގައި އޮންނަ ވަރުގަދަ ލޯބި އަދިވެސް ނިހާންގެ ހިތުގައި ޒާޔާއަށް ޓަކައި ވެއެވެ.
ބައެއް މީހުންގެ ފަރާތުން ނިހާނަށް ނުރުހުން ފާޅުވެގެން ދިޔައެވެ. އެއީ އަމިއްލަ ދަރިފުޅު އެގޮތަށް އެއްލައިލުމުންނެވެ. ވަކިން ޚާއްޞަކޮށް، އަންހެން ކުއްޖެކެވެ. ޒާޔާ އެފަދަ ކަމެއް ނުކުރާނެއޭ އެތައް ފަހަރަކު ނިހާންގެ ހިތަށް އަރަމުން ދިޔައެވެ. ޒާޔާގެ ހަނދާންތަކުން ނިހާނަށް އުނދަގޫކުރަމުން ދާތީ ނިހާނަކަށް ކެތެއް ނުކުރެވެއެވެ. ދަރިފުޅާ ދޭތެރޭ ކަންތައްކުރެވުނު ގޮތުން ދެރަވެ ހިތުގައި ޖެހެއެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވެއެވެ. އެންމެ ފަހުން ހިތަށް ކުޅަދާނަ ނުވެ ޒާޔާ ހޯދަން މާލެ ދާން، ނިހާން ނިންމިއެވެ.
ޒާޔާ ހޯދަން ނިހާން މާލެ ދިޔުމުން ޖަމީލާ ހުރީ އެކަމާ ނުރުހުންވެފައެވެ. އޭނާ ދެންވެސް ރާވަމުން ދިޔައީ ޒާޔާއަށް ދޭނެ ދެރައަކާ މެދުގައެވެ.
އެ ދުވަސްކޮޅަކީ މަލައިކާ ދުނިޔޭގެ ބިމުގައި އުޅެމުން ދިޔަ ދުވަސްކޮޅެވެ. ނިހާން ދިޔުމުން ފުރުޞަތުގެ ބޭނުން ހިފައި، މަލައިކާ ޖަމީލާއަށް އުނދަގޫކުރަން ފެށިއެވެ. ޖަމީލާ ބިރުގަންނަވަރު ކުރެވުމުން ނޫނީ މަލައިކާ ހިތްހަމައެއް ނުޖެހެއެވެ.
ނިހާން މާލެ ގޮސް އުޅެނިކޮށް މަތީނާ ދިމާވެއެވެ. މަތީން ހުރިހާ ކަމެއްގެ ޙަޤީޤަތް ނިހާނަށް ކިޔައިދިނުމުން ޖަމީލާ ދެކެ އޭނާ ވަރަށް ނުރުހުންވިއެވެ. އަދި ދަރިފުޅު ގާތަށް ގޮސް މަޢާފަށް އެދެން ބޭނުންވިއެވެ.
ނިހާންގެ ރައްޓެއްސެއްގެ ފަރާތުން ނިހާނަށް ލިއަމްއާ ބައްދަލުވިއެވެ. އަދި ލިއަމްއަށް ހާސްފަހަރު ޝުކުރު އަދާކޮށް، ލިއަމް ވެސް ޒާޔާގެ ކަންތައްތައް މި ދެއަހަރު ތެރޭ ހުރިގޮތް ނިހާނަށް ކިޔައިދިނެވެ.
އެންމެ ފަހުން ނިހާން ޒާޔާއާ ބައްދަލުވެއެވެ. ދެބަފައިން ބައްދަލުވެ އުފަލުގެ ކަރުނައާއެކު އެތައް ވާހަކަތަކެއް ޚިއްސާ ކުރިއެވެ. ޒާޔާގެ ހިތުގައި ބައްޕައާމެދު ކިތަންމެ ޝަކުވާއެއް އޮތް ކަމުގައި ވިޔަސް، ބައްޕަ އަށް ޓަކައި އެ ހިތް ސާފުވެފައިވީތީ ޒާޔާ ނިހާނަށް މަޢާފު ކުރިއެވެ.
އެންމެ ފަހުން ނިހާން، ޒާޔާ ގޮވައިގެން ރަށަށް ދެއެވެ. ޒާޔާ ރަށަށް ގެނައިކަމެއް، އަދި ޒާޔާ ފެނުނު ވާހަކައެއް ވެސް ނިހާން، ޖަމީލާ ގާތުގައި ނުބުނެއެވެ. ނިހާން، ޒާޔާ ބެހެއްޓީ ޒާޔާގެ އެކުވެރިއެއްގެ (ނޫމާން) ގޭގައެވެ. ހުރިހާ އެކުވެރިން އަނެއްކާވެސް ބައްދަލުވެ އެ އެކުވެރިންގެ ޅަ ދުވަސްތައް އަނެއްކާވެސް އިއާދަވެގެން ދިޔަ ފަދައެވެ.
ނިހާން ޖަމީލާ ‘ހައްލައިލައިގެން’ ބީޗަށް ގެންދެއެވެ. ދެމީހުން އެކުގައި ވަގުތު ހޭދަކޮށްލުމުގެ ނަމުގައެވެ. އެހެނެއްކަމަކު ނޭނގި ހުއްޓާ ޖަމީލާއާ ބައްދަލުވީ ޒާޔާއެވެ. ބުނާނެ އެއްޗެއް ނޭނގި ހުއްޓާ ޒާޔާ ޖަމީލާ ގޮވައިގެން ބަނދަރަށް ގޮސް އެންމެން ކުރިމަތީ ޖަމީލާ ކުރި ކަންތައް ބޭޒާރުކޮށްލައެވެ. އެ ވަގުތުކޮޅުގައިވެސް، މަލައިކާގެ ބާރު ޒާޔާއަށް ފޯރިއެވެ. އެހިނދަކީ، ޖަމީލާ ޒާޔާއާ ދިމާލަށް ފުރޭތައޭ ކިޔުނު ހިނދު ދުރުގައި ހުރި ނިހާންގެ ލޭ ކެކުނު ވަގުތެކެވެ. އެވަގުތު ނިހާން، ވަގުތުން ޖަމީލާ ވަރިކުރިއެވެ.
ނިހާން ގެއަށް ދިޔައީ ނިހާ ވެސް ގޮވައިގެންނެވެ. ނިހާން ހުރީ ދުވަހަކުވެސް އެ ދަރިފުޅު ޖަމީލާއަށް ނުދޭން ނިންމައިގެންނެވެ. އެހެނަސް، ޒާޔާގެ ސަބަބުން ނިހާން އަށް މަޖުބޫރުވީ ނިހާ ޖަމީލާއާ ޙަވާލުކުރާށެވެ.
ޖަމީލާގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔައީ އޭނާގެ ދަރިފުޅު އޭނައަށް ދިނީ ނިހާން ނޫންކަން އެނގުމުންނެވެ. އުސްމާން، ހުރިހާ ވާހަކައެއް ކިޔައިދިނުމުން ޖަމީލާގެ ހިތުގައި ޒާޔާއާ މެދު އުފެދިފައިވާ ޙަސަދައިގެ އަލިފާނަށް ފެން އެޅިގެން ދިޔަ ކަހަލައެވެ. ހާސް ފަށުން އޭނާ ޒާޔާއަށް ޝުކުރު އަދާކުރިއެވެ.
ޒާޔާގެ ދިރިއުޅުން އަނެއްކާވެސް އިހު، އޮތް ގޮތަށް އުފަލުގައި ކުރިއަށް ދިޔައެވެ. އެކަމަކު މި ފަހަރު ކުރިއަށް ވުރެ ވެސް ހަމަޖެހިގެންނެވެ. އެންމެންގެ ލޯބި އޭނާއަށް ލިބިގެނެވެ. މަލައިކާ ވެސް ޒާޔާއާ ވަކިވެލީ ޒާޔާގެ ފައިގައި އަޅުވަން ކެވެލި ކޮޅެއް ޙަވާލުކޮށްފައެވެ. އެއީ ދެ އެކުވެރިން ބައްދަލުވުމަށް އޮތް ނިޝާނެއް ކަމުގައި ވާތީއެވެ.
*******
ޒާޔާ- ސީޒަން 2 ވަރަށް އަވަހަށް އަންނަނީ
4 Comments!
Comments are closed.

OMG, SO GOOD TO SEE YOU AGAIN MY FAVV HAFSATH NOORA 😍😍😍
Mihaaru ves kiyaa hithun halaaku vany. Kihineh vhk upload kurumuge schedule othy???? The more frequent the BETTAH 🥹🥹🥹
LYSM 💋💋💋
THANK YOU SO MUCH <3 Varah avahah In Sha Allah.. Vaahakaige first episode submit kollaanan. Keep waiting <3 <3 <3 <3
OMG THIS STORY WAS PEAK. Wrh ufaa wehje. Avahah up kolladheveytho balahchey.
💗
Yess.. <3
Thank youuu <3 <3 <3