ގާތުގާ… 28
” އަމް…. ނަވީން މެރިޑްއެއް ނޫން ދޯ…” ވަރަށް ނުކެރިފައި އިނދެ، ދެކޯ ރަތް ކޮށްލަމުން ޒާނާ އަހައިލިއެވެ. އަހަރެންގެ ހިތް ޒާނާއާއި ސަމާސާއެއް ކޮށްލާ ކުޑަކޮށް ތަޅުވައިލަން ހިތަށް އެރިއެވެ.
” އަހަރެން އާއެކޭ ބުނެފިއްޔާ….؟” އަހަރެން އަހައިލީމެވެ. ޒާނާ އަހަރެންނަށް ކުއްލިއަކަށް ބަލައިލިއެވެ.
” މެރީޑް ވިޔަސް ކޮބާ މައްސަލައަކީ…” އަހަރެން ބުނެލީމެވެ. އަހަރެންގެ ޖަވާބުން ޒާނާގެ މޫނުމަތީގެ ކުލަވަރު އެކަށް އޮއްސިގެން ދިއަތަން އަހަރެންނަށް ފެނުނެވެ.
**********
ޝޮކެއް ލިބިފައި އިންހެން ޒާނާ އިނެވެ. އެމޫނުމަތި ހުދުވާ ތަން ފެނުމުން އަހަރެން ކުޑަކޮށް ކަންބޮޑުވާން ފެށިއެވެ. ހީކުރި ގޮތާއި ހިލާފަށް އަނގައިން ނުބުނެ ޒާނާ އިންނަން ފެށުމުން ކުރެވުނު ކަންތަކާއި ދޭތެރޭގައި އަހަރެންގެ ހިތް ސުވާލު އުފައްދަން ފެށިއެވެ.
” ހަހް…. ނަވީންވެސް ތަ….؟” ޤަބޫލު ނުކުރެވިފައި އިން ފަދަ ރާގަކަށް ޒާނާ އަހަރެންނަށް ބަލައިލަމުން ބުނެލިއިރު ޒާނާގެ މައުސޫމު ބޮޑު ދެލޮލުގައި ބަބުޅަމުން ދިއަ ކަރުނަތަށް އަހަރެންނަށް ފެނުނެވެ. ކުރެވުނީ ކޮށްގެން ނުވާވަރުގެ ސަމާސާއެއް ކަން އަހަރެންނަށް ދޭހަވީ އެވަގުތުއެވެ. ޒާނާ ރޮއެދާނެ ކަމަކަށް އަހަރެން ހަމަ އެއްގޮތަކަށް ވެސް ހިއެއް ނުކުރަމެވެ.
” ހަމަ ހުރިހާ ފިރިހެނުން ވެސް ހަމަ އެހެންދޯ އެހެންވީމަ….؟” އަހަރެން ކުރި ސަމާސާ ވިހަވިއެވެ. ރުޅިއާއި ހިތާމައިން ފޯވަމުން ޒާނާ ފާލަން މައްޗަށް ކޮށްޅަށް ތެދުވިއެވެ. އަހަރެންނަށް ވެސް ޒާނާގެ ފަހަތުން ތެދުވެވުނެވެ.
” ނަވީން މެރީޑް ވިއްޔާ ކީއްކުރަން އަހަރެން ކުރި މައްޗަށް ތިއައީ….؟ އަހަރެން ނަވީންގެ ހިތުގަ ޖެއްސީތީ އަހަރެންގެ ހިތުގައި ވެސް ޖައްސާލަންތަ ނަވީން ބޭނުން ވަނީ…؟ ” ޒާނާގެ ލޮލުން ވެއްޓުނު ކަރުނަ ތިއްކެއް އެ ކޯތާފަތުގައި ބޮސްދިނެވެ.
” މީހަކާއި އިނދެގެން އުޅެންޔާ ކީއްވެ ލޯބިވެޔޭ ބުނީ…؟ ކީއްވެ އަދިވެސް ބޭނުމޭ ބުނީ…؟” ޒާނާ އަހަރެންނާއި ހަތަރުކަޅި ހަމަކޮށްލަމުން އަހައިލިއެވެ. އެއަޑު ތުރުތުރު އަޅަމުން ދިއައީ ރުޅީންނާއި ހިތާމައިންނެވެ. ޒާނާގެ ހިތް ކުދި ކުދި ކޮށްލެވުނު ފަދަ އިހުސާސަކުން އަހަރެންގެ ހިތާއި މުޅީ ނަފްސު ބަނދެވެމުން ދިއައެވެ.
“ރުހާމްވެސް އަހަރެންނަށް ހެދީ ތިހެން…….” ޖެހި ގުގުރީގެ އަޑަށް ވުރެން އަހަރެންނަށް ޒާނާ ބުނެލި ބަސްތަކުގެ އަޑު ބާރުހެން ހީވިއެވެ. އެ ބަސްތަކުން އަހަރެންގެ ހިތަށް ހެރުނު ވިހަ ތީރުތަކަށް ވުރެން އެ ޖުމްލައިގައިވި ޒާނާގެ ރިހުން މާ ފުންކަން އަހަރެންނަށް ފަހުމްވިއެވެ. އެއީ އެތަށް ދުވަހެއްގެ އުދާސްތަކެކެވެ. އެތަށް ވޭނަކުން އުފެދުނު އާތްވެވެ. ނޭނގި ނަމަވެސް ޒާނާގެ ރޯ ފާރުގަނޑަށް އަހަރެންނަށް ލޮނު އެޅިއްޖެއެވެ. އެ ހިތުގައި ވީ ބިރު އަހަރެންނަށް ހޭލައްވާލެވިއްޖެއެވެ. އަޑުކުރެހިގެން ގޮސް ޒާނާ ރޯން ފެށިއެވެ. ކަރުނަތަށް އެ ކޯތާފަތް މައްޗަށް ހޯސްލާފައި ފައިބަން ފެށިއެވެ. އިސް އުފުލައި އަހަރެންގެ މޫނަށް ބަލަން ހުރެ ހިތުގައި ޖެހިފައި ހުރެ ޒާނާ އަހަރެންނާއި ދިމާއަށް ބުނެލިއެވެ.
” މިހާރު ނަވީން، ނަވީންގެ އަންހެނުންނަށް ތިހަދާހެން ހަމަ ރުހާމް އަހަރެންނަށް ވެސް ހެދީ……” ޒާނާ ގިސްލަ ގިސްލާފައި ރޯންފެށިއެވެ. އެދެލޮލުން ފައިބަމުން ދިއަ ކަރުނައިގެ ސަބަބުން އަހަރެންގެ އަމިއްލަ ޛަމީރު އަހަރެން ކުށްވެރި ކުރަމުން ދިއައެވެ. ޒާނާ އަހަރެންގެ ބޮލުގައި އަޅުވަމުން ދިއަ ތުޙުމަތު ތަކުގެ ބުރަދަނަށް ވުރެން އަހަރެންނަށް ފެންނަމުން އަދި ހާމަވަމުން ދިއައީ ޒާނާއަށް ނަފްސާނީ ގޮތުންވެސް ރުހާމްގެ ސަބަބުން ކޮށްފައިވީ އަސަރު ތަކެވެ. އޭނާ ޒާނާއަށް ވެފައިވީ އަނިޔާވެރި ކަމެވެ. އެބަސްތަކުގައި ފަރުދާވެ ވަންހަނާ ކުރެވިފައިވީ ސިއްރުތަކެވެ. ވޭން ތަކެވެ.
އަހަރެން ހީކުރީ އަހަރެން އެ ސަމާސާ ކޮށްލުމުން ޒާނާ ރުޅިއައިސް ތުން އަނބުރާފައި އަހަރެން ކުރިމަތިން ދާނީ ކަމަށެވެ. އެއްގޮތަކަށްވެސް ޒާނާ ހިތުގައި ޖެއްސުމުގެ ނިޔަތެއް އަހަރެންގެ ނެތެވެ. އަދި ޒާނާ ރޮއެދާނެ ކަމަކަށްވެސް އަހަރެން އެއްގޮތަކަށްވެސް ހިއެއް ނުކުރަމެވެ. ނަމަވެސް ކަންކަން ވެގެން ދިއައީ ހީކުރި ގޮތާއި މުޅީން ހިލާފަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ވަރަށް ގިނަ ކަންތައްތަކެއް ވެސް އެގި ހާމަ ވެގެން ހިނގައްޖެއެވެ.
” ޒާނާ….. އަހަރެން…” އަހަރެން އަވަސްވެލީ ޒާނާއަށް ހަޤީގަތް އޮޅުން ފިލުވައި ދިނުމަށެވެ. އަރާފައިވީ އޮޅުން ފިލުވާލަ ދިނުމަށެވެ. އަހަރެން ޒާނާގެ އަތުގައި ހިފާލަން އުޅުމުން ޒާނާ އަތް ފޮޅުވާލައި ފަހަތަށް ޖެހިލިއެވެ.
” އަހަންނަކަށް…………. އަހަރެންގެ ދިރިއުޅުން ހަލާކުވެގެން ދިއަހެން އެހެން އަންހެނެއްގެ ދިރިއުޅުން އަހަރެންގެ އަތަކުން ހަލާކު ކޮށެއް ނުލެވޭނެ ނަވީން…..އަހަރެން ހީވެސް ނުކުރަން ނަވީން ތީ ރުހާމް ކަހަލަ……” ރޮވޭވަރުން، ގިސްލެވޭ ވަރުން ޒާނާއަށް ޖުމްލަ ފުރިހަމައެއް ވެސް ނުކުރެވުނެވެ.
“ފަހަރެއްގަ އަހަރެންނަށް ނަވީންއަށް ދެވުނު ހިތްދަތިކަން ބޮޑީ ކަންނޭނގެ ނަވީން ވެސް ތިކަހަލަ މީހަކަށް ތިވީ…..” އެންމެ ފަހުން ޒާނާ އޭނާގެ އަމިއްލަ ނަފްސު ވެސް ކުށްވެރިކުރަން ފެށިއެވެ. އަހަރެންނަށް ކުށްވެރިކަމުގެ އިހުސާސް ވަރަށް ބޮޑަށް ކުރެވެން ފަށައިފިއެވެ. ފާޑުފާޑުގެ ސަމާސާ ކުރަން ހިތަށް އެރުވި އިރު އޭގެން ޒާނާ އަށް ކޮށްފާނެ ނޭދެވޭ އަސަރަކާއި ދޭތެރޭގައި އަހަރެން އަޅެ ނުވިސްނި ކީއްވެ ހެއްޔެވެ؟ އަހަރު ތަކަކަށްފަހު ބައްދަލުވުމުން ވެފައި ހުރި އުފަލާއި ހިތްހަމަ ޖެހުމުގައި އަހަރެންގެ ހަނދާނުން އެކަންކަން ކައްސާލީ އަޅެ ކީއްވެ ހެއްޔެވެ.؟
” ހޭ ދޫނީ…… ބަލާބަ… އަޑު އަހާބަ…” އަހަރެންގެ ފައިބުޑަށް ތިރިވެފައި އިން ޒާނާގެ ކޮލުގައި ހިފާލައި އަހަރެންނާއި ދިމާއަށް އަނބުރައި ލަމުން އަހަރެން ވާހަކަ ދެއްކޭތޯ އުޅުނީމެވެ.
” ނޫން ނަވީން … ނަވީން އަހަރެން ދޫކޮށްލާ… އަހަރެން ހޯދަން ވެސް ނާދޭ… އަހަން.. އަހަންނަކަށް ދެން އިތުރު އަނިޔާ ތަކަކަށް ކެތެއް ނުކުރެވޭނެ… އަހަންނަށް ވާވަރު ވެއްޖެ މިހާރު….” ޒާނާ ރޮމުން ރޮމުން އަހަރެންނާއި ދުރަށް ދާން މަސައްކަތް ކުރިއެވެ. އެދެލޮލުން އަދިވެސް އަހަރެންނަށްޓަކައިވީ ވީ އިންތިހާ ދަރަޖައިގެ ލޯބި އޮތީ ސާފުކޮށް ފެންނާށެވެ. އެއަންހެން ކުއްޖާ އަހަރެންދެކެ މިދަރަޖައަށް އަދިވެސް ލޯބިވޭ ހެއްޔެވެ.؟ އެފަދަ މަތިވެރި ދަރަޖައެއް އަހަރެންނަށް އެހިތުގައި އޮތްކަން އެނގުމުން އަހަރެން އުފާވެސް ވިއެވެ. ނަމަވެސް އޮޅުމެއްގެ ތެރޭގައި ވިޔަސް ޒާނާގެ ހިތުގައި ޖެއްސުނީތީ އަހަރެންގެ ހިތުގައި ވެސް ޖެހިއްޖެއެވެ.
ޒާނާގެ ގާތުގައި ކުޑަކަކޫ ޖަހައިލަމުން އަހަރެން ގަދަކަމުން ކަހަލަ ގޮތަކަށް ޒާނާ ގެނެސް އަހަރެންގެ އުނގު ތެރެއަށް ލީމެވެ. އަދި އެމޫނުގައި ދެއަތުން ހިފައި އަހަރެންނަށް ބަލަން މަޖުބޫރު ކުރުވީމެވެ. އަހަރެންގެ ސަބަބުން އެ ރީތި ދެލޯ ވަނީ ތެމިފައެވެ. މާ ގިނައިން ރުއިމިގެ ސަބަބުން ނޭފަތް ކުރިއާއި މުޅި މޫނަށްވެސް ވަނީ މަޑު ރަތް ކަމެއް ވެރިވެފައެވެ. ޒާނާއަށް ކުރި އަސަރު ހުރީ ހަމަ ރީއްޗަށް ފެންނާށެވެ.
” ޒާނާ…. އަހަރެން މެރީޑް އެއް ނޫނޭ….” އަހަރެންގެ ޖުމްލައިން ޒާނާގެ ރުއިން ކުއްލިއަކަށް ހުއްޓުނެވެ. އަދި އަހަރެންނަށް ސުވާލު އުފެދިފައި ބަލަން ފެށިއެވެ.
” ހަމަ ހުވާ އަހަރެން މެރީޑް އެއް ނޫން.. އަހަރެން އުޅުނީ ސަމާސާއެއް ކޮށްލަން… އަހަރެން ހީކުރީ ކުރީގައިހެން ރުޅި އައިސް ތުން އަނބުރާފަ ދާނީ ކަމަށް… ހިއެއް ނުކުރަން ވިހަވާނެ ކަމަކަށް… ހިއެއް ނުކުރަން ޒާނާ ރޯނެ ކަމަކަށް…ހިތުގަ ޖެހޭނެ ކަމަށްވެސް…..” އަހަރެން ހުރިހާ އެއްޗެއް ކިޔައި ދިނީމެވެ. ޒާނާގެ ނަފްސަށް ވެރިވި ހަމަ ހިމޭން ކަމުން އޭނާ ހަމަޖެހުނު ކަން އަހަރެންނަށް ދޭހަ ވިއެވެ. ހިތްހަމަ ޖެހުނު ކަން އެމޫނު މަތިން ދޭހަ ވިއެވެ.
” ސޮރީ ވަރަށް ބޮޑަށް ސޮރީ… ދުވަހަކުވެސް ދެން އެކަހަލަ ސަމާސާއެއް ނުކުރާނަން….” އަހަރެން ވައުދުވީމެވެ.
” ސޮރީ… އަހަރެންނަށް ވަރަށް އެއްޗެހި………” ޒާނާ ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް ޒާނާ ބުންނަން އެއުޅެނީ ކީކޭކަން އެނގޭތީ ޒާނާގެ ޖުމްލަ ފުރިހަމަ ނުވަނީސް އަހަރެން ވާހަކަ ދައްކަން ފެށިމެވެ.
” އިޓްސް އޯކޭ ޒާނާ…. މީ އަހަރެންގެ ކުށުން ވީ ކަމެއް ހަމަ… ޒާނާގެ އެއްވެސް މައްސަލައެއް ނެތް ހަމަ މިކަމުގައެއް….” އަހަރެން ޒާނާގެ ނިއްކުރީގައި ބޮސްދެމުން ބުނީމެވެ.
” އަހަރެން ދުވަހަކުވެސް ޒާނާއަށް ދެރައެއް ދޭކަށް ހިތަކަށްވެސް ނާރުވާން….” އަހަރެން ޒާނާގެ ނިއްކުރީގައި އަހަރެންގެ ނިއްކުރި ޖައްސައިލަމުން، ލޯމަރައިލަމުން ބުނީމެވެ.. ޔަޤީންކަން ދިނީމެވެ. ޒާނާ ހިތްހަމަ ޖައްސައި ދިނީމެވެ. ވެގެން ވާނެ ނަމަ ދުނިޔޭގެ ހުރިހާ އުފަލެއް ގެނެސް ޒާނާގެ ފައިބުޑަށް ހަމަ އެވަގުތު އަޅައިލަ ދިނީމުހެވެ. ހިތްދަތި ކަމުގެ އެ ހުރިހާ ސޮފުހާތަކެއް އަހަރެންގެ ލޯބިން ދޮވެ ސާފުކުރީމުހެވެ.
” ދުވަހަހަކުވެސް އަހަރެންގެ ހަޔާތަށް ތި ނޫން އަންހެން ކުއްޖެއް ނާދޭ….” އަހަރެން ބުނީމެވެ. ޒާނާ އަހަރެންނަށް ބަލައިލިއެވެ. އެދެލޮލުން ބުނެދެނީ ކީކޭކަން ބަސްތަކަކާއި ނުލައިވެސް އަހަރެންނަށް ދޭހަވިއެވެ.
” ޔެސް… ޒާނާއަށް ފަހުވެސް، އެއްވެސް މީހެއް އަހަރެންގެ ހަޔާތަކަށް ނުގެންނަން….” އަހަރެން ޔަޤީން ކަން ދިނީމެވެ. ހައިރާން ވެފައި ޒާނާ އަހަރެންނަށް ބަލައިލިއެވެ. ވާނީވެސް އެހެންނެވެ. މިވީ ހަތް އަހަރު ދުވަހު އަހަރެންގެ ހަޔާތަށް މީހަކު ގެނެސްފައި ނެތުން އެއީ ޤަބޫލު ކުރަން ދަތި ކަމަކަށް ކޮންމެ މީހަކަށްވެސް ވާނެއެވެ.
ޒާނާގެ ބޯ އަހަރެންގެ މޭމަތީގައި ޖައްސައިލަމުން އަހަރެން ޒާނާގެ މުޅި ގައިގާ އަހަރެންގެ ދެ އަތް ވަށުވައިލައި ޒާނާގެ ގައިގާ ބައްދާލީމެވެ. އަދި ޒާނާގެ ބޮލުގައި އަހަރެންގެ ދަތް ދޮޅި ޖައްސައިލަމުން ހަމަޖެހިލީމެވެ. އެވަގުތު އެ ކުރެވުނު އިހުސާސެއް ބުނެދޭންވެސް ނޭނގުނެވެ. މުޅި ކާއިނާތުވެސް ހުއްޓުނު ކަހަލައެވެ. ދުނިޔެމަތީގެ ހުރިހާ އުފަލަކާއި ހިތްހަމަ ޖެހުމެއް އަހަރެންގެ އަތުތެރެއަށް ޖަމާވި ކަހަލައެވެ. ޒާނާ ލައިގެން އިން އަހަރެންގެ ކޯޓު މަތިން ވެސް އެ ހަށިގަނޑުގެ މަޑުކަން އަހަރެންނަށް ފާހަގަ ވިއެވެ. އަދި އެ އިސްތަށިގަނޑުން ދެމުން ދިއަ މީރުވަހުން އަހަރެންގެ މޭފުރުނު ކަހަލައެވެ. އެ މަޑު ކަމާއި އެ މީރުވަހުން އަހަރެންގެ ހިއްސުތަށް ހޭލަން ފެށިއެވެ. އެހިނދު އިންޒާރެއް ފަދައިން ވާރޭގެ ތިކިތަށް އެ ރީތި ހިނދުކޮޅަށް ހަމަލާ ދޭން ފަށައިފިއެވެ. އެ ޖާދުވީ ވަގުތު ކޮޅަށް ނިމުމެއް ގެނެސްފިއެވެ.
ދެމީހުންނަށް ދުރު ވެވުނީ ކުއްލިއަކަށެވެ. ބޯކުރަން ފެށި ވާރޭގެ ތިކިތަކުން ސަލާމަތް ވުމަށްޓަކައި އަހަރެން ޒާނާގެ އަތުގައި ހިފައިގެން ދުއްވައިގަތީމެވެ.
އެންމެ ފުރަތަމަ ޖެހުނު ވޯޓާ ވިލާ ރޫމުގެ އަސްކަނި ދަށަށް އަހަރެމެންނަށް ވަދެވުނު އިރު ވެސް ކުޑަކޮށް ތެމިއްޖެއެވެ. ތެމި ހޭވިފައިވީ އިސްތަށިގަނޑު ފަހަތަށް ވާގޮތަށް އޮމާން ކޮށްލަމުން އަހަރެން ޒާނާއަށް ބަލައިލީމެވެ. އަހަރެންނާއި ދެތިން ފޫޓު ދުރުގައި ހުރި ޒާނާ ވެސް އޭރު މޫނަށް އެޅިފައިވީ ކުރު އިސްތަށިތައް އެއްފަރާތް ކޮށްލަމުން އަހަރެންނަށް ބަލައިލަނީއެވެ. އެ މޫނު މަތީގައި ޝަބުނަމް ތިކިތަކެއް ފަދައިން ފެންތިކިތަށް ވީ ފިނިފެން މަލެއްގައިވެސް ފެންތިކިތަށް ނުވާހާ ފުރިހަމަ ކޮށެވެ. ކުޑަކޮށް ތެމިފައިވީ އިސްތަށިގަނޑާއި އެކު ޒާނާ ފެންނަނީ ކައިރިއަށް ގެނެސް ބޮސްދޭން ބޭނުންވާހާ، ހިއްސުތަށް ކިޔަމަން ނުވާ ފަދަ މަސްތީ ގޮތަކަށެވެ. ހިސާބަކަށް ތެމިފައިވީ ހެދުން ޒާނާގެ ގައިގާ ތަތް ވެފައިވީތަން އަހަރެންނަށް ފެނުނެވެ. އެމަންޒަރަށް އަހަރެން ދަހިވިއެވެ. އެއްކޮށް ތެމިފައި ހުންނައިރު ހުންނާނެ ގޮތް ބަލައިލަން އަހަރެން ނުހަނު ބޭނުން ވިއެވެ.
ދަށަށް ޖަހާފައިވީ ގަމީސް ނައްޓައިލަމުން އަހަރެން އުޑުމައްޗަށް ބަލައިލީމެވެ. ބޯ ކުރަން ފެށި ވާރޭ ހުއްޓަން އުޅޭ ކަމުގެ އެއްވެސް އަލާމާތެއް ނުފެނުނެވެ.
” ނުހުއްޓާނެ ކަންނޭނގެ އަވަހަކަށް….” އަހަރެން ޒާނާއަށް ބަލައިލަމުން ބުނީމެވެ. ޒާނާވެސް ވެހެމުން ދިއަ ވާރޭއަށް ނަޒަރެއް ދެމުން އަހަރެންނަށް ބަލައިލިއެވެ.
ހަމަ ހިމޭން ކަމުގައި ހޭދަވަމުން ދިއަ ކޮންމެ ސިކުންތަކާއިއެކު ދެމީހުންގެ ހިތުގެ ތެޅުންވެސް ދިއައީ އިތުރު ވަމުންނެވެ. ދެމެދުގައިވީ “ޓެންޝަން” ދިއައީ އިތުރު ވަމުންނެވެ. އެ ރީތި ފަތްމިންޏެއް ފަދަ އަންހެން ކުއްޖާ ގެނެސް އަހަރެންގެ އަތުތެރެއަށް ލައި ހީ ފިލުވާލަ ދޭން، އަހަރެންގެ ހިތް ދިއައީ އިންތިހާއަށް އެދި ގޮވަމުންނެވެ. ހަމަ އެއާއި އެކު ވެހެމުން ދިއަ ވާރޭވެސް ދިއައީ ބޯކުރަމުންނެވެ. އެ ވާރެއިން އަހަރެންގެ ނުސިޔާނު ހިތް ދޮވެ ސާފުކުރަން އުޅޭ ކަހަލައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

