ތިޔަ ނަން މި ހިތުގާ 18
އަޒްޔަންއަށް ހީވީ އިރުކޮޅަކަށް ހިތުގެ ހިނގުންވެސް ހުއްޓުނު ހެންނެވެ. ބައްޕައާ މެދު ކަންބޮޑުވީ ވަރުން ނޫރީންގެ ވާހަކަ ނުނިމެނީސް އަޒްޔަން ތެދުވެގެން ކޮޓަރިއަށް ވަނެވެ.
“މި ދަނީ..” ފޯން ސްޕީކަރަށް ލާފައި ޓީޝާޓެއް ލަމުން އަޒްޔަން ބުންޏެވެ.
“އަޒްޔަން، އަހަންނަށް ވާނުވާ އަންގައިދެއްޗޭ” ނޫރީން އެދުނެވެ.
“އޯކޭ، ފަހުން ގުޅާނަން” އެހެން ބުނި އިރު އަޒްޔަން ހުރީ ލިފްޓް ކުރިމަތީގައެވެ. އަދި އެ ކޯލް ކަނޑާލުމާއެކު ފުރަތަމަ ގުޅީ އެމްބިއުލާންސަށެވެ. ޝަފަގުއަށް ގުޅީ އޭގެ ފަހުންނެވެ.
އަޒްޔަންއަށް ގޭ މަގަށް އަޅާލެވުނީ އެމްބިއުލާންސާ އެކީގައެވެ. ހޮސްޕިޓަލަށް ދިޔުމާއެކު ޔާސިރުއަށް ފަރުވާ ދޭން ފެށިއެވެ. ޑޮކްޓަރުން ނިކުމެ ދޭނެ ޚަބަރެއްގެ އިންތިޒާރުގައި ހުރި އަޒްޔަން ނޫރީންއަށް ގުޅާފައި ހޮސްޕިޓަލަށް އައި ވާހަކަ ބުންޏެވެ. ޒާއިންއަށް ގުޅަން އުޅެފައިވެސް އަޒްޔަން މަޑުކޮށްލީ ޑޮކްޓަރުންގެ ބަހެއް ލިބެން ދެނެވެ.
ޑޮކްޓަރުގެ އިންތިޒާރުގައި ހުރި އިރު އަޒްޔަންގެ ހިތުގައި ތަކުރާރުވަމުން ދިޔައީ އެންމެ ފަހުން ޔާސިރުއާ އަޒްޔަންގެ މެދުގައި ހިނގި ކަންތަކެވެ. އެ ދުވަހު އެދެމެދުގައި ކަންތައް ވީ ގޮތެވެ. އެހާ ދުވަސް ވަންދެން ބައްޕައާ ވާހަކަ ނުދައްކާ ހުރެވުނީތީ އެކަން އަޒްޔަންގެ ހިތުން ސިކުންތަކަށްވެސް ފިލައިގެން ނުދެއެވެ. ޔާސިރުގެ ޙާލު އެނގޭނެ ވަގުތެއްގެ އިންތިޒާރުގައި ހުރި އިރު ކޮންމެ މިނަޓެއް އެތައް އަހަރެއް ފަދައެވެ.
އަށެއް ޖެހިތަނާ ޑޮކްޓަރ އަޒްޔަންއާ ޝަފަގުއާ ބައްދަލުކޮށްފައި ޔާސިރުގެ ޙާލަތު ކިޔާދިނެވެ.
ޔާސިރުއަށް ސްޓްރޯކެއް ޖެހުނީއެވެ. ލަސްނުކޮށް ފަރުވާ ދެވުނީތީ ކަންތައް މާ ގޯސްނުވެ އެ ވަގުތަށް ސަލާމަތްވިއެވެ. ނަމަވެސް އަދި ޔާސިރުގެ ޙާލަތު މުޅިން ޔަގީންކޮށް ބުނެދޭކަށް ޑޮކްޓަރުންނަކަށް ނޭނގެއެވެ. ހުރިހާ ކަމެއް އެންމެ ކައިރިން ބެލުމަށާ، އިތުރަށް ބޭނުންވަނީ ކޮން ފަރުވާއެއްތޯ ޔަގީން ކުރުމަށް ޔާސިރު ހޮސްޕިޓަލުގައި އޮތުން މުހިންމު ކަމުގައި ޑޮކްޓަރުން ބުނެއެވެ. ހަށިގަނޑުގެ ވައަތްފަޅީގެ މަސައްކަތް ނުކުރެވޭ އިރު ޔާސިރުގެ ވާހަކަ ދެއްކުން ލަސްވެ ބުނާ އެއްޗެއް ސާފެއް ނުވެއެވެ. ޔާސިރުގެ ޙާލު އިތުރަށް ގޯސްވުމުގެ ފުރުޞަތު އޮތް ކަމަށްވެސް ޑޮކްޓަރުން ބުނެއެވެ.
ރާއްޖެއިން ބޭރަށް ފަރުވާއަށް ގެންދަން ބޭނުން ކަމަށް އަޒްޔަން ބުނުމުން، އެ ޙާލަތުގައި އެ ހުއްދަ ދެވެން ނެތް ކަމުގައި ޑޮކްޓަރ ބުންޏެވެ. ދަތުރު ކުރުމުގެ ހުއްދަ ދެވޭނީ ޔާސިރު “ސްޓޭބަލް” ވުމުން ކަމަށާ، އެކަމަށް ދެ ހަފްތާ ވަރު އަދި މަޑުކުރަން ޖެހޭނެ ކަމުގައި ބުންޏެވެ.
އަޒްޔަން ޒާއިންއަށް ގުޅީ ޑޮކްޓަރާ ވާހަކަ ދެއްކުމަށް ފަހުއެވެ. ސީދާ ފްލައިޓްއަކުން ޖާގަ ނުލިބުމުން ޓްރާންސިޓްކޮށް ޒާއިންއަށް އެންމެ އަވަހަށް ރާއްޖެއަށް އާދެވޭނީ ދެ ދުވަސް ފަހުން، އަނެއް ދުވަހުގެ ރެއަށް ނަމަވެސް ވީ އެންމެ އަވަހަކަށް އަންނަން ބޭނުން ވެގެން ޒާއިން ވަގުތުން ދަތުރު ފެށިއެވެ.
އެންމެ އަވަހަށް ޖާގަ ލިބުނު ފްލައިޓުން ނޫރީން މާލެއަށް އައެވެ. ހޮސްޕިޓަލާ ހަމައަށް ނޫރީންއަށް ދެވުނީ އެރޭގެ ދިހަގަޑިބައި ވާން އުޅެނިކޮށެވެ. ނޫރީން ހޮސްޕިޓަލަށް އައީ ޝަބާއާ ޔޫޝައުއާ އެކީއެވެ. ޝަފަގުއަށް ގުޅައިގެން ހުރެ އެ ހިސާބަށް އައި ނޫރީން ފޯން ކަނޑާލީ ޝަފަގު ފެނުމުންނެވެ. ނޫރީން އައި ގޮތަށް ޝަފަގު ގައިގައި ބައްދާލިއެވެ.
“މަންމަ ދެރަ ނުވޭ. އިރާދަ ކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ، ބައްޕަ ރަނގަޅު ވާނެ” ނޫރީން ބުންޏެވެ.
ދޮޅު އަހަރެއްހާ ދުވަސް ފަހުން ނޫރީން ފެނުމުން އަޒްޔަންއަށް އެ މޫނަށް ބަލަން އިނދެވުނީ ކަރުހިއްކައިގެންފައިވާ މީހަކު ދުރުގައި ހުރި ފެންއާރަކަށް ބަލާ ފަދައިންނެވެ. ހަމައެކަނި ބަލާލައިގެން ހިތް ނުފުރުނު ނަމަވެސް އެ ނޫން ގޮތެއް ނެތްކަން އެނގޭތީ، އެ ވަގުތަށް އެވަރުން ފުއްދާލެވޭތޯ ބެލި ނަމަވެސް އެހެން ނުވާނެ ކަންވެސް އަޒްޔަންއަށް އެނގެއެވެ.
“އަޒްޔަން..” ޝަފަގު ގައިން ދޫކޮށްލާފައި ނޫރީން އަޒްޔަންއަށް ގޮވާލިއެވެ. އަދި އަޒްޔަންއާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެ އަޒްޔަންގެ އަތުގައި ހިފާލިއެވެ.
“މިހެން ބުނާ އިރުވެސް އެނގޭ މީ އުނދަގޫ ކަމެއް ކަން. އެކަމަކު އަޒްޔަން ހިތްވަރު ކުރަން ވާނެ. މަންމައަށް ހިތްވަރު ދެވޭނީ އޭރުން. އަދި ޒާއިން އައިއްސަ ހީ ވިލް އޯލްސޯ ނީޑް ޔޫ.. އިރާދަ ކުރެއްވިއްޔާ ބައްޕަ ރަނގަޅުވާނެ” އަޒްޔަންގެ އަތުގައި ހިފާލައިގެން އިނދެ ވާހަކަ ދައްކަމުން ދިޔަ އިރު ނޫރީން ހަނދާން ވީ ޝާމިހް ބަލިވެގެން ނިޔާވުމާ ހަމައަށް އަޒްޔަންގެ ފަރާތުން ނޫރީންއަށް ލިބުނު ހިތްވަރާ އަޅާލުމެވެ. ޙާލަތު ބަދަލުވެފައި ވީ ނަމަވެސް އެ ދުވަހު އަޒްޔަންގެ ފަރާތުން ލިބުނު އެހީތެރިކަން، އެކުވެރިއެއްގެ ގޮތުން ވިޔަސް އަޒްޔަންއަށް ދޭން ނޫރީން ބޭނުންވިއެވެ.
އެހާ އިރު ވަންދެން ޝަފަގުއަށް ޓަކާ ހިތްވަރު ކޮށްގެން ހުރި އަޒްޔަންއަށް ނޫރީންގެ އޯގާތެރި ބަސްތައް އަޑު އިވުމުން އިހުސާސްތައް ހިފަހައްޓައިގެން ހުރުން ދަތިވިއެވެ. އެހާ ދުވަސް ވަންދެން ޔާސިރުއާ އެއްވެސް ގުޅުމެއް ނުބޭއްވުނީ ޔާސިރު އެ ފުރުސަތު ނުދިނުމުން ކަމަށް ވިޔަސް، އެދެމެދުގައި އުފެދުނު ދުރުކަން ނައްތާލާނެ ފުރުސަތެއް ނުލިބި ބައްޕައާ ވަކިވާން ޖެހިދާނެކަމަށް ހިތުގައި އޮތް ބިރު އަނެއްކާވެސް ގަދަވެގެން ދިޔުމާއެކު އެހާ ދުވަސް ފަހުން ނޫރީން ފެނުމުން އެ ހިތް ނޫރީންއަށް އެދި ގޮވާލި ގޮވުމަށް ދެކޮޅު ހަދަން ނުކުޅެދިފައި ހުރި އަޒްޔަންއަށް ރޮވުމާއެކު ނޫރީން ގައިގައި ބައްދާލެވުނީ އެކަމުގައި އަމިއްލަ އިޚްތިޔާރެއް ނެތް ފަދައިންނެވެ.
“ޝްޝް.. ހުއްޓާލާ.. އިންޝާﷲ، ދެރަ ގޮތެއް ނުވާނެ.. ޝްޝް..” ހިތުގައި ފޮރުވާފައި އޮތް ލޯތްބާއެކު އަޒްޔަންއަށް ޓަކާ އުތުރިގަތް ހަމްދަރުދީގެ ސަބަބުން އަޒްޔަން ދުރުކޮށްނުލެވި ނޫރީންއަށްވެސް އަޒްޔަން ގައިގައި ބައްދާލެވުނެވެ. ލޯ މަރާލަމުން އަވަސްވެގެން ދިޔަ ހިތުގެ ތެޅުން ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުން އަޒްޔަން ކައިރީ ހުއްޓާލުމަށް ބުނަމުން ދިޔައެވެ.
އެ މަންޒަރު ބަލަން ހުރި ޝަފަގުއަށްވެސް ވަކިން ބޮޑަށް ރޮވުނެވެ. އަޒްޔަންގެ މޮޔަކަމުން އަމިއްލަ ދިރިއުޅުން ހަލާކުކޮށްނުލެވުނު ނަމަ މިއަދު އެ އާއިލާ އެހާ ބަލިކަށި ނުވީހޭ ޝަފަގުގެ ހިތަށް އެރިއެވެ.
“ދަރިފުޅު..” އަޒްޔަންގެ ބުރަކަށީގައި އަތް ޖައްސާލަމުން ޝަފަގު ގޮވާލިއެވެ.
ނޫރީންގެ ގައިން އަޒްޔަން ދޫކޮށްލީ ޝަފަގު ގޮވާލުމުންނެވެ.
“އެބަ އަންނަން..” އެހެން ބުނެލި ގޮތަށް އަވަސް ފިޔަވަޅުތަކެއްގައި އަޒްޔަން ދުރަށް ދިޔައީ އެ ވަގުތު އެތާ ހުރުން އުނދަގޫ ވެގެންނެވެ. ނޫރީންއާ ވަކިން ހަމަޖެހިލުމަށް ވަގުތުކޮޅެއް ބޭނުން ވީތީއެވެ.
ބައިގަޑިއެއްހާ އިރު ފަހުން އަޒްޔަން އައިސް ޝަފަގުއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. އެ ތިބި ގޮތަށް އެ ތިން މީހުންވެސް އެރޭގެ ބާރަޖެހުމާ ކައިރި ވަންދެން އެތާ ތިއްބެވެ. ޝަބާއާ ޔޫޝައު އެހާ އިރު ވަންދެން ތިބެފައި ދާން ތެދުވުމުން އެތާ މަޑުކޮށްގެން ހުރި ސައިފް އަޒްޔަން ކައިރީ އިށީނެވެ.
“އަޒްޔަން، ޔޫޝައުމެން ދާ އިރު އެ މީހުންނާ އެކީ މަންމައާ ނޫރީން ގެއަށް ފޮނުވަންވީނު؟ އަހަރެން މަޑު ކުރާނަން އަޒްޔަންއާ އެކީ” ސައިފް ބުންޏެވެ.
ހެނދުނު ޔާސިރު ގޮވައިގެން އައި ފަހުން ދެތިން ފަހަރަށް ޝަފަގު ހުސް ސައިތައްޓެއް ބޯލުން ފިޔަވާ މެންދުރު ލީލާ ގެނައި ކާ އެއްޗެހިން ރަހަ ބަލާލާހާ އެތިކޮޅެއް ކާލީވެސް އަޒްޔަން އާދޭސް ކޮށްގެންނެވެ. އޭގެ އިތުރުން ދޭތެރެއަކުން ތެދުވެ ހިނގާލި ވަގުތެއް ފިޔަވާ އެ އިނީ އެ ގޮނޑީގައެވެ. އެ ހުރިހާ ކަމަކާ ވިސްނަމުން އަޒްޔަންއަށްވެސް ސައިފްގެ ވާހަކައާ އެއްބަސްވެވުނެވެ.
“މަންމާ، ނޫރީންއާ ދެ މީހުން ގެއަށް ދާންވީނު؟ ކައިގެން ނިދާލާފަ ހެނދުނު އަންނާނީ” ޝަފަގުގެ އަތުގައި ހިފާލަމުން އަޒްޔަން އެދުނެވެ.
“އުހުނ، މަންމަ މަޑު ކުރާނީ. ދަރިފުޅު ދޭ ނިދާލާފަ އަންނަން. ދާ އިރު ނޫރީންވެސް ގެންދޭ. ގެއަށް ދިޔަޔަސް މަންމައަކަށް ނުނިދޭނެ” ޝަފަގު ވަގުތުން ދެކޮޅު ހެދިއެވެ.
“އެކަމަކު—” އަޒްޔަންއަށް އެ ގޮތް ކަމުނުގޮސްގެން އެއްޗެއް ބުނަން އުޅެފައި ހުއްޓާލީ ނޫރީންގެ އިޝަރާތަށެވެ.
“މަންމާ، އަޒްޔަން އެ ބުނީ ރަނގަޅަށް. މިއަދު އެކީ މަންމަ ތި އިންނަނީ ތިހެން. ރަނގަޅަށް ނުވެސް ކައި. ބައްޕައަށް ހޭލެވޭ އިރު މަންމަ މާ ވަރުދެރަވެފަ އިނީމަ ބައްޕަ ސުވާލު ކުރާނެއެއްނު؟ ހިނގާ ގެއަށް ގޮސް އެއްޗެއް ކާލައިގެން ރެސްޓް ކޮށްލަން. ނުނިދުނަސް އިރުކޮޅަކު ރެސްޓް ކޮށްލީމަ ކޮންމެވެސް ވަރަކަށް ވަރުބަލިވެސް ފިލާނެއެއްނު؟ ބައްޕަގެ ޚަބަރެއް ވާ އިރަށް އަޒްޔަން ގުޅާނެ. އޭރުން ވަގުތުން އާދެވޭނެއެއްނު؟” ޝަފަގުގެ އަނެއް އަތުގައި ހިފާލަމުން ނޫރީން ބުންނެވެ.
“ތެދެއް މަންމާ. ޑޮކްޓަރ އެއްޗެއް ބުނާ އިރަށް އަހަރެން މަންމައަށް ގުޅާނަން” ބޯ ޖަހާލަމުން އަޒްޔަން ނޫރީންގެ ވާހަކައަށް އެއްބަސްވިއެވެ.
ދެ ފަރާތުގައި ތިބި ދެ ކުދިންނަށް ބަލާލާފައި ޝަފަގު ބޯ ޖަހާލިއެވެ. އަދި އަޒްޔަންގެ ބޮލުގައި ފިރުމާލާފައި ނޫރީންއާ އެކު ތެދުވިއެވެ.
ނޫރީންވެސް ޝަފަގުއާ އެކީ ދިޔައީ ޝަފަގުމެން ގެއަށެވެ. އޭރު ނޫރީން ގުޅާފައި އެދުނު ފަދައިން ލީލާ ހުރީ ޝަފަގުއަށް ކާން ތައްޔާރު ކޮށްފައެވެ.
“ކޮންމެވެސް އެއްޗެއް ކައިގެން އޮށޯވެލާނީ، ދޯ މަންމާ؟” މޭޒު ކައިރިއަށް އައިސް ގޮނޑިއެއްގައި ޝަފަގު ބައިންދަމުން ނޫރީން ބުންޏެވެ. އަދި ޝަފަގުއަށް ތައްޓަށް ކާއެއްޗެހި އަޅައިދީފައި ނޫރީންވެސް އިށީނދެ އަމިއްލައަށްވެސް ތައްޓަށް ބަތް އެޅިއެވެ. ބަނޑުހައިވީ ނަމަވެސް ކާހިތް ނުވެފައި ހުރި އިރު ނޫރީން މަސައްކަތް ކުރީ އެ ގޮތަށްވެސް ޝަފަގުއަށް ކެއުމަށް ހިތްވަރު ދިނުމަށެވެ.
ކައިގެން ޝަފަގު ކޮޓަރިއަށް ވަނުމުން ނޫރީން ދޮރުމަތީ މަޑުކޮށްލިއެވެ. ޝަފަގު ކައިރީ މަޑު ކޮށްލުމަށް އައި ނަމަވެސް އެ ގޭގައި ހުރުމުން ކުރެވެމުން ދިޔަ އިހުސާސްތަކުގެ ސަބަބުން އުނދަގޫވެފައި ނޫރީން ހުއްޓާ ޝަފަގު ނޫރީންގެ އަތުގައި ހިފާލިއެވެ.
“މިރޭ މަންމަ ކައިރީ މަންމަ ކޮޓަރީގަ މަޑުކޮށްލަދެވިދާނެތަ؟” ޝަފަގު އެހިއެވެ.
ހިތަށް ވެރިވެފައިވި ނުތަނަވަސްކަން ޝަފަގުގެ އެ ޖުމްލައިން ފިލައިގެން ދިޔުމާއެކު ބޯ ޖަހާލަމުން ނޫރީން ޝަފަގުއާ އެކު ކޮޓަރިއަށް ވަނެވެ.
ފެންވަރައިގެން ނިކުމެ ޝަފަގު އޮށޯތެވެ. ނުނިދޭނެ ކަމުގައި ހީވި ނަމަވެސް ވެފައި ހުރި ވަރުބަލިކަމުގައި ޝަފަގުއަށް ނިދޭކަށް ގިނަ އިރެއް ނުނަގައެވެ. ނޫރީން ފެންވަރައިގެން ނިކުތް އިރު ޝަފަގުއަށް ނިދިފައި އޮއްވާ ފެނުމުން އައިސް ރަޖާ އަޅައިދީފައި ފޯން ހިފައިގެން އެ ކޮޓަރީގައި ހުރި ސޯފާގައި އިށީނެވެ. ދިހަ ވަރަކަށް މިނަޓް ވީ ތަނާ އަޒްޔަންގެ ކޯލެއް އައެވެ.
“މަންމައަށް އުނދަގޫ ނުކުރަން ވެގެން ނޫރީންއަށް މި ގުޅީ. މަންމަ ކޮބާ؟” އަޒްޔަން އެހިއެވެ.
“ނިދިފަ އޮތީ” ނޫރީން ޖަވާބު ދިނެވެ.
“ނޫރީން.. އުނދަގޫ ނުވަންޏާ އިހަށް މަންމަ ކައިރީ މަޑުކޮށްލަދެއްޗޭ” އަޒްޔަން އެހެން ބުނި އިރު އެ އަޑުގައި ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް ވިއެވެ.
“އަޒްޔަން ނުބުންޏަސް މަންމަ ކައިރީ މީނީ. ކަންބޮޑުނުވޭ” ނޫރީން ބުންޏެވެ.
“އޯކޭ.. ފަހުން ގުޅާނަން” އެއްޗެއް ނުބުނެ ދިޔަ ސިކުންތުކޮޅަކަށް ފަހު އެހެން ބުނެލުމާއެކު އަޒްޔަން އެ ކޯލް ކަނޑާލިއެވެ.
އަނެއް ދުވަހުގެ ހެނދުނު ޔާސިރުއާ ބައްދަލު ކުރުމަށް ހުއްދަ ލިބުމުން އަޒްޔަން ގުޅުމުން ޝަފަގު ގޮވައިގެން ނޫރީން އައެވެ. ފުރަތަމަ ޔާސިރު ކައިރިއަށް ދިޔައީ ޝަފަގުއެވެ. ހޭލާ އޮތް ނަމަވެސް ޔާސިރުއަށް ވާހަކައެއް ނުދެއްކުނެވެ. ކަނާއަތް ހިއްލާލާ ޝަފަގުގެ އަތުގައި ހިފާލި ޔާސިރުގެ ލޮލުން ކަރުނަ އައީ އަމިއްލަ ޙާލު އެނގޭތީއެވެ. ޝަފަގުއާ ސުވާލު ކުރަން ބޭނުންވި ނަމަވެސް ޔާސިރުއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. ޔާސިރު ބުނަން އުޅޭ އެއްޗެއް ޝަފަގުއަށް ސާފުނުވާ ކަން އެނގޭތީ އަމިއްލަ ނަފްސަށް ރުޅި އާދެވުނެވެ.
“ޔާސިރު..” ޔާސިރުއަށް ގޮވާލުން ފިޔަވާ އިތުރު ވާހަކައެއް ޝަފަގުއަކަށްވެސް ނުދެއްކުނެވެ.
“އަޒްޔަން އެބަހުރި ބޭރުގަ.. އަހަރެން ނިކުތީމަ އޭނައަށް ވަދެވޭނީ” ޔާސިރުގެ އަތުގައި ފިރުމާލާފައި ޝަފަގު ބުންޏެވެ.
އެއާއެކު ޔާސިރު ދެފަރާތަށް ބޯ ހަލުވާލިއެވެ. އެ އިޝާރާތުގެ މާނަ ޝަފަގުއަށް ވިސްނުނެވެ.
“ޔާސިރު.. ތިހެން ނުހަދާ..” ރޮވިފައި އިނދެ ޝަފަގު އެދުނެވެ.
“ޒް.. ޒް.. ޒާ.. ންން” ޔާސިރުއަށް ފުރިހަމަ ނުކުރެވުނު ނަމަވެސް ބުނަން އުޅުނީ ކީކޭކަން ޝަފަގުއަށް ވިސްނުނެވެ.
“ޒާއިންއަށް އާދެވޭނީ މިރޭ.. ޔާސިރު.. އަޒްޔަން—” ޒާއިންއަށް އަދި ނާދެވޭ ވާހަކަ ބުނެދީފައި ދެންވެސް އަޒްޔަންގެ ވާހަކަ ދައްކަން ޝަފަގު އުޅުނެވެ. ނަމަވެސް ޔާސިރު އަޒްޔަންގެ ވާހަކަ އަޑުއަހާކަށް ބޭނުމެއް ނުވިއެވެ.
“ނޫން.. ނޫން..” ދެންވެސް އަޒްޔަންއާ ބައްދަލު ކުރުމަށް ޔާސިރު ދެކޮޅު ހެދިއެވެ.
ނަރުސް އައިސް ޝަފަގު ގާތު ބޭރަށް ނިކުމެލުމަށް ބުނުމުން ޝަފަގު ނިކުތް އިރު އަޒްޔަން ދޮރުމަތީ ހުއްޓެވެ.
އެތެރެއަށް ވަންނަން އުޅުނު އަޒްޔަންގެ އަތުގައި ހިފަހައްޓަމުން ޝަފަގު ގޮވާލިއެވެ. އަޒްޔަން ޝަފަގުއަށް ބަލާލިއެވެ.
“ދަރިފުޅު.. ބައްޕަ.. ބައްޕަ ބޭނުމެއް ނުވޭ އަޒްޔަން..” ޝަފަގުއަށް އެ ޖުމްލަ ފުރިހަމަ ކުރަން ނުކެރިގެން އިސްޖަހާލިއެވެ. އެވަރުން އަޒްޔަންއަށް ވިސްނުނެވެ.
ޝަފަގުގެ އަތުން ދޫކޮށްލި ގޮތަށް އަޒްޔަން ބާރަށް ހިނގާފައި އެ ތަނުން ދުރަށް ދިޔައެވެ. އަޒްޔަން ދިޔަ ދިމާއަށް ބަލަން ހުރެފައި ނޫރީން ޝަފަގު ގޮވައިގެން އައިސް ގޮނޑީގައި އިށީނެވެ.
“ލީލާ، މަންމައަށް ބަލައްޗޭ..” އިރުކޮޅަކު ޝަފަގު ކައިރީ އިނދެފައި ނޫރީން ލީލާއަށް ގޮވާލާފައި އަޒްޔަން ހޯދަން ދިޔައެވެ.
ހޮސްޕިޓަލްގެ ގޯތިތެރޭގައި ހުރި ބެންޗްތަކުން ބެންޗެއްގައި، ދެ އަތުން މޫނު ފޮރުވައިގެން އަޒްޔަން އިނެވެ. ދުރުގައި އިރުކޮޅަކު ހުރެފައި ނޫރީން އެއްވެސް އެއްޗެއް ބުނުމެއް ނެތި އަޒްޔަން ކައިރީ އިށީނެވެ.
ކައިރީގައި އިށީނީ ނޫރީން ކަން އަޒްޔަންއަށް އެނގުނީ ދުވި ލުއިލުއި ވަހުންނެވެ. މޫނުން އަތް ނަގާ ދެ އަތުން މޫނު ފޮހެލާފައި އަޒްޔަން ނޭފަތް ދަމާލިއެވެ. ދެންވެސް އެއްޗެއް ބުނުމެއް ނެތި ނޫރީން ދަބަހުން ދެތިން ޓިޝޫ ނަގާ އަޒްޔަންއަށް ދިއްކޮށްލިއެވެ.
“އައިމް ސޮރީ!” އަޒްޔަން ހަމަޖެހިއްޖެ ހެން ހީވުމުން ނޫރީން ބުންޏެވެ.
“ހުރިހާ ކަމެއް ވީ ދާނިޔާލް ދުނިޔެއަށް އައީތީ.. އެކަމަކު ދާނިޔާލް ވަކިވެގެން ދިޔައިރު އަހަންނަށް އެހެން ހުރިހާ އެއްޗެއްވެސް ގެއްލުނީ.. ނޫރީންވެސް، އަހަރެންގެ ފެމިލީވެސް.. މިއަދު ބައްޕަ އެ ހާލުގަ އޮތް އިރުވެސް އަހަރެން ދެކެންވެސް ބައްޕަ ބޭނުމެއް ނުވި.. ނޫރީން އުފަލެއްނު ވާންވީ؟ އަހަރެން ނޫރީންއަށް ހެދި ގޮތުގެ ބަދަލެއްނު މީ؟” އަޒްޔަން ބުންޏެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.








އުފާވެރި އަޟްޙާ ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ ހުރިހާ ކިޔުންތެރިންނަށް!
މީ މާޝާގެ ފަރާތުން ދޭ ޢީދު ހަދިޔާ، ކަމުދާނެ ކަމަށް ހީކުރަން.
Alheyyyy haadha curious hisaabakunneyy thi nimmaalanee…. can’t wait for the next part….
Curiously waiting….
! E I D M U B A R A K ! Marsha ah vx…
baeh faharah readers kudakoh dhahikollaafa ninmaaleveny dho, next kiyaaleveyne mirey inshaAllah
Can’t wait for next episode!
Whn nxt????
mirey upload kolleveytho mi ulheny
Vrh salhi mi part vx. Waiting for the next part. Lots of love.
thank u Aiha, mirey 19 upload kollaanan
When next?
hopefully tonight