ހިމޭން 24
“މިންހާ..! ވަރަށް ދުވަސް ވެއްޖެ ކަންނޭނގެ ނަޝާޔާ ގެއިން ބޭރަށް ނުނިކުންނަތާ… އެހެން ގޭގަ އަބަދު ބައިންދަން ވެސް ނުވާނެ. އަންނާނަން އިނގޭ ނަޝާޔާ ގޮވައިން ފިހާރައަށް ގޮސްލާފަ.” އިނާޔާ ހިނިތުންވެލިއެވެ.
މިންހާ ބޯ ޖަހާލީ އާނ އެކޭ ބުނުމުގެ ގޮތުންނެވެ. އެހެނަސް މިންހާގެ ސިކުނޑީގައި އުފެދިފައިވާ ބާރުގަދަ ހަނގުރާމައިގެ ސަބަބުން އެއްވެސް ވާހަކައެއް ނުދައްކާން އިނީއެވެ.
“އޭތް!… މަށަށް ހީވަނީ ނަޝާޔާ ހުރީ ދަބަހަށް އެއްޗިހި ވެސް އަޅާފަހެން. އެބެން އެ ގެންގުޅޭ ބެއަރ ވެސް ދަބަސް މަތީ ބައިންދާފަ.” އިނާޔާ އެހެން ބުނި އަޑަށް މިންހާ ދިޔައީ ސިއްސައިންނެވެ.
“އެހެންވީމަ ތި މީހުން ދޭ ބޭރަށް… އޭރުން ނަޝާޔާ ގެއަށް އައުމުގެ ކުރިން އަހަރެން މިދަނީ އިނާޔާ ކުރިން ދުވަހު ދެއްކި ވާހަކަ އެއީ ތެދެއްތޯ ޔަގީން ކޮށްލަން…” މިންހާ ކުއްލިޔަކަށް ތެދުވިއެވެ. މިންހާގެ ޖަވާބުން އިނާޔާ ކޮޓަރިން ނުކުތީ ނަޝާޔާ ގޮވައިން ބޭރަށް ދިއުމަށެވެ.
*************
ވިޔާމް ޑިއުޓީގައި ވުމާއި އެކު ކޮޓަރީގައި ވަނީ އިންތިހާއަށް ފަޅުކަމެވެ. އެކަމުގެ ސަބަބުން ޝަރާއަށް ހިތްހަމަ ޖެހުމެއް ނުލިބެއެވެ. އެނދުގައި އޮށޯއްވެ އޮތް ޝަރާގެ ފޯނަށް މިރޭ އެކަނި ވެސް ވިއްސަކަށް މިސްޑ ކޯލް އައިސްފައި ވެއެވެ. މުޅިން ވެސް ގުޅާފައި ވަނީ ފަހާ ތަނުގެ މުއައްޒަފުންނެވެ. ޝަރާ ދެކޭ ގޮތުގައި އެމީހުން ގުޅަނީ އެކި ކަހަލަ ކޫސަނި މައްސަލަތަކާއެވެ. އެހެންވެ ފޯނު ނިވާލުމަށް ފަހު ޝަރާ ބޭނުންވީ ބޯ ހަމަ ޖައްސާލާނެ ވަގުތު ކޮޅެކެވެ.
ނިދަން ލޯ މަރާލިޔަސް ޝަރާއަށް ހީވާ ކަހަލައެވެ. ފެންނަނީ ނަޝާޔާގެ އެ ހިނިތުންވުމެއް ނެތް މޫނެވެ. އެ ކުއްޖާކާގެ މައުސޫމު މަޑުމައިތިރި ކަމެވެ. އެ މޫނުގައިވާ ހިމޭން ކަމެވެ. ހީވާކަހަލައެވެ. އެ މޫނުން އެތައް ވާހަކައެއް ބުނެދެއެވެ. ހީވެއެވެ. ނަޝާޔާ ކޮންމެސް ކަމަކަށް އިންތިޒާރު ކުރަނީއެވެ. އެކަމަކު އެއީ ކޮން ކަމެއްކަން ޝަރާ ދެނެގަންނާނީ ކިހިނެއްހެއްޔެވެ؟
މައިންނަކީ ފިސާރި އަވަހަށް އެމީހުންގެ ދަރިންނަށް އަންނަ ބަދަލުތައް ފާހަގަ ކުރާ ބައެކެވެ. ވީއިރު މަސައްކަތު މާހައުލުގައި އެވަރަށް ބުރަކޮށް އުޅެމުން ނަޝާޔާއަށް ވަގުތެއް ހުސްކޮށް ނުދެވޭ ނަމަ ޝަރާއަށް ފާހަގަ ކުރެވޭނެ ކަމެއް އޮންނާނެ ހެއްޔެވެ؟ ދިރިއުޅުމުގެ އަސްލާ އަސާސްތަކަށް ވުރެ ބޮޑަށް ޝަރާއަށް މުހިއްމުވީ މަސައްކަތެވެ. ލޯބި ކުރެވުނީ މަޝްހޫރު ވިޔަފާރި ވެރިއަކަށް ވުމަށެވެ. ޅަ އުމުރުގައި ފައިސާ އެއް ކުރުމަށެވެ. އެއީ ޝަރާގެ އަމިއްލަ އުފާތަށް ޤުރުބާން ކޮށްލަން އަމިއްލައަށް ކުލަ ޖެއްސި ހުވަފެންތަކެވެ. އެ ހުވަފެން ތަކާއި އެކު ޝަރާ މިއަދު ކާމިޔާބު ހޯދައިފިއެވެ. އެހެނަސް ދިރިއުޅުމުގައި ހަޔާތަށް ލިބުނު އެންމެ އަގު ބޮޑު މުތެއް ފަދަ ނިޢުމަތުގެ އަގު ވަޒަން ކުރަން ނޭނގި ޝަރާ އެވަނީ ފެއިލް ވެފައެވެ. ޝަރާއަށް އެނގޭނީ ކިހިނެއްހެއްޔެވެ؟
އިނާޔާ އާއި ނަޝާޔާ އައިސް ގެއަށް ވައިން އިރު ސިޓިންގް ރޫމް މޭޒު ކައިރި އިށީންދެލައިން މިންހާ އިނެވެ. އަތުގެ ނުފުށުން ދެލޯ ފުހެލަމުން ތެދުވެގެން ގޮސް ކުއްލިޔަކަށް ނަޝާޔާގެ ގައިގައި ނުހަނު ބާރަށް ބައްދާލުމަށް ފަހު ދެ ކަކޫ ޖަހައިން ތިރި ވެލީ ނަޝާޔާއާ އެއް ހަމައެއްގައި، އެއް ވަރުގެ އިސްކޮޅެއްގައި ހުރެ ވާހަކަ ދެއްކުމުގެ ބޭނުމުގައެވެ.
“ނަޝާޔާ..! މިންހާ ދައްތައަށާ އިނާޔާ ދައްތައަށް އިނގިއްޖެ ނަޝާޔާ ތި ފޮރުވައިން އުޅޭ ހުރިހާ ސީކްރެޓެއް. ނަޝާޔާތީ ވަރަށް ލޯބި ކުއްޖެއް.. ލައިފްގަ ވަރަށް މުހިއްމު ކުއްޖެއް.. ނަޝާޔާއަށް ބައިވަރު އެއްޗިހި ވިސްނޭކަން ދައްތަމެނަށް އެނގިއްޖެ.” ފެންކަޅި ވެފައިވާ ދެ ލޮލާއި އެކު ނަޝާޔާގެ ކޮލުގައި ދޮނެއް ދެމުން މިންހާ ވާހަކަ ދެއްކީ އިރުއިރުކޮޅާ ބައްދާލަމުންނެވެ.
ވީގޮތް ނަޝާޔާއަށް ވިސްނުނެވެ. ވަގުތުން މިންހާގެ ކޮނޑުގައި ބޯޖަހާލައިން މިންހާގެ ކަރުގައި ދެއަތް އަޅުވައިން އޮވެ ރޯން ފެށިއެވެ. ނަޝާޔާއަށް ގިސްލެެވެމުން ދިޔައެވެ. މިންހާގެ ދެއަތުގެ ހިމާޔަތުގައި އޮވެ އެ ކޮނޑުގައި ބޯ އަޅާލައިން ކިތަންމެ އިރަކު އޮންނަން ވެސް ނަޝާޔާ ބޭނުމެވެ. މަޑުމަޑުން ނަޝާޔާގެ ބުރަކަށީގައި ފިރުމަމުން ދިޔަ އިނާޔާ ވެސް އެމީހުންނާ އެއްވަރަށް ތިރި ވެލިއެވެ. ނަޝާޔާގެ އެ ގިސްލުމުގެ އިހްސާސް އެންމެ ގާތުން ދެނެގަތުމަށެވެ.
“ނަޝާޔާ..! ބޭނުން ވަރަކަށް މިއަދު ރޯލާ..” މިންހާ ބުނެލިއެވެ.
“ނަޝާގެ ފީލިންގްސް މަންމައަށް ނޭނގޭތީ ދެރަވަނީ.” މިންހާގެ ކޮނޑުން ބޯ ހިއްލާލުމަށް ފަހު ނަޝާޔާ ބުނެލީ ލޯ ފުހެލަމުންނެވެ.
“ނަޝާޔާ! ދައްތައަށް ވެސް ނަޝާޔާގެ ބައެއް ކަންކަން އިނގޭ.. އެހެން ވީމަ، ކޮންމެ ގޮތެއް ހަދާފަވެސް ތިކަން މަންމަ މެނަށް އަންގަން ވާނެ.. މާދަން ދައްތަމެންގެ ރަށަށް ދިއުމުގެ ކުރިން…. މި ބުނީ…. މިރޭ އިނާޔައްތަ ބުނާގޮތެއް ހަދަން ވީނު..؟ އޭރުން ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ އިންޝާﷲ.” އިނާޔާ ހިއްވަރު ދެމުން ބުނެލިއެވެ.
“ކިހިނެއް؟… ކޮންގޮތަކަށް ބުނާނީ…؟ މި ހުރިހާ ވާހަކަ ބުނަން ނަޝާޔާ ބިރުގަނޭ… މަންމަ ނޭނގެ ނަޝާޔާއަށް ހަދާލާނެ ގޮތެއް ވެސް” ދެބުމަ ކައިރި ކޮށްލަމުން ނަޝާޔާ ތެދުވެލީ އާނއެކޭ ބުނާގޮތައް ބޯ ޖަހާލަމުންނެވެ. އިނާޔާއާ މިންހާގެ ވާހަކަ ތަކަށް އެއްބަސް ވަމުންނެވެ.
އާ ދުވަހަކަށް އިރުގެ އަލިކަން މަރުހަބާ ކިޔަމުން ދިޔައެވެ. ޖައްވާއި ފަޒާގެ ތެރޭގައި އުފެދިފައިވާ ތެތް ފިނި ކަމުގެ އަސަރުން މުޅި ވެށި ވަނީ ގައިދު ވެފައެވެ.
މިންހާ އާއި އިނާޔާގެ އިތުރުން ނަޝާޔާ ލޯންޗުން ފޭބި އިރު ހެނދުނު އަށްގަޑި ބައި ވަނީއެވެ. އޭރު ބަނދަރު މަތީގައި ރީމްއާ އެކު ޝިޔާމްގެ އިތުރުން ލިޔަމް ވެސް ހުއްޓެވެ. ލޯންޗުން ފޭބި އިރުު ނަޝާޔާ ހުރީ މިންހާގެ އަތުގައި ހިފައްޓާ ލައިންނެވެ.
މިންހާ ފެނުމާއި އެކު ތަންކޮޅެއް ދުރުގައި ތިބި ލިޔަމް އާއި ޝިޔާމް ވަގުތުން ދުއްވައިގަތެވެ. އުފަލުން ފޮޅިފައިވާ އެ ދެކުދިން ހީވަނީ އެހެން ކަމެއްހެނެވެ. ލޯބިން ގޮސް ބައްދާލި އިރު އެކުދިންގެ އިހްސާސްތައް އުތުރިގެން ދިޔައެވެ.
ފެނުނު މަންޒަރުން ނަޝާޔާ ވަގުތުން މިންހާގެ އަތުން ދޫކޮށްލިއެވެ. މިންހާގެ މޫނު މަތިން ފެންނަމުން ދިޔަ އާދަޔާ ޚިލާފު ލޯތްބާއި ކުލުނުވެރިކަން ފެނި ނަޝާޔާގެ މުޅި ހަށިގަނޑު ހިމޭންވިއެވެ. އެއްވެސް ޚަރަކާތެއް ނުކޮށް އެ މަންޒަރު ބަލަމުން ދިޔަ ނަޝާޔާ ހުރީ ޖަޒްބާތުގައި ޖެހިފައެވެ.
ނަޝާޔާގެ ހަމަހިމޭން ކަން ފެނި އިނާޔާ އައިސް އެ ކުޑަކުޑަ އަތުގައި ހިފާލިއެވެ. މިވަގުތު ނަޝާޔާއަށް ވެސް ބޭނުން ވަނީ ހިމާޔަތް ދޭނެ އަތެކެވެ. އެ އަތުގައި ހިފަހައްޓާ ލުމާއި އެކު ނަޝާޔާއަށް ބަލައިލެވުނީ އިނާޔާގެ ލޮލަށެވެ.
“ހިނގާ ދާން… ބަނޫން ހުންނާނެ މިހާރު ގޭގަ.. ބަނޫންގެ މާމަ ބުނި ނަޝާޔާ އަންނާތީ ވަރަށް އުފަލުންނޯ ހުރީ.” ހިނިތުން ވުމާއި އެކު އިނާޔާ ބުނެލިއެވެ.
“މިންހާ ދައްތަ އަންނާނެތަ؟” ނަޝާޔާ ބޭނުން ވަނީ މިންހާ ވެސް ކޮންމެސް އިރަކުން ދިމާވާނެ ގޮތެކެވެ.
“ނޫން.. އުމމމ…. އެކަމު ފަހަރެއްގަ ދޯ؟ ދެން މިންހާ ދައްތަ އައިސްފިއްޔާ ނަޝާޔާއަށް ފެންނާނެއްނު.” ދަބަސް ހިފައިން ރީމްއާ ދިމާލަށް ހިނގައި ގަންނަމުން އިނާޔާ ބުނެލިއެވެ.
ބައިވަރު މީހުންގެ ތެރެއިން މިންހާ ވެސް ކުދިންނާއި އެކު ކުރިޔަށް ހިނގަމުން ދިޔައެވެ. މިންހާގެ މިސްރާބު ވެސް ހުރީ ރީމްއާ ދިމާލަށެވެ. ދުރުގައި ހުއްޓަސް ރީމްގެ މޫނު މަތިން ފެންނަނީ ހިތްހަމަ ޖެހުމުގެ އަސަރެވެ. އުފާވެރި މޫނަކާއެކު ރީމް ފެނުމުން މިންހާ އާއި އިނާޔާ ވެސް ހިނިތުން ވެލިއެވެ. އޭރު ލިޔަމް އާއި ޝިޔާމް އެމީހުން ވަށައިގެން ކައިރީގައި ހިނގާލަ ހިނގާލާ ތިއްބެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ ރީމް…! ތި ކޮށްދިނީ ވަރަށް ބޮޑު ކަމެއް. އަމީލު ބުނެގެން ވިޔަސް އަހަރެންގެ ދަރިން ބަލަން މިހާ ދުވަހު މިރަށުގެ މަޑުކޮށް ދިނީމަ…” ރީމްގެ ކޮނޑާ ދިމާލުން އަތުގައި ފިރުމާލަމުން މިންހާ ބުންޏެވެ.
“އަހަރެން އެކަން މި ކުރީ އަމީލަށް ޓަކައެއް ނޫން. މިންހާއަށް ކޮށްދިން ކަމެއް އެއީ… އަހަރެން މިއަދު ފުރާނަން.. މިހާރު ބޭނުން ވަނީ… އަހަންނާ އަމީލުގެ ގުޅުން އެއްކޮށް ކަނޑާލަން…. އަހަރެން އަމީލުއާ ދައްކަން ވަރަށް ބައިވަރު ވާހަކަ އެބަހުރި… މިންހާ! އަހަރެން ވަރަށް އުފާވާނެ މިންހާ ވެސް އޭނަގެ ކިބައިން ސަލާމަތް ވިއްޔާ..” ތަންކޮޅެއް ދުރުގައި ހިނގާލަ ހިނގާލާ ތިބި ލިޔަމްއާ ޝިޔާމަށް ބަލައިލަމުން ރީމް ފުން ނޭވާއެއް ދޫކޮށްލިއެވެ.
“މިއަދު ކޯޓަށް ކިޔާފަ އޮތީ… އެކެއް ޖަހާއިރަށް…” މިންހާ އެހެން ބުނުމާއި އެކު ރީމްގެ ތުންފަތުގައި ދުވެލީ ލުއި ހިނިތުން ވުމެކެވެ.
“އެހެންތަ؟ ގުޑް ލަކް މިންހާ…! އަދި މިރަށަށް އަމީލު ނާދެ.. އާދެވޭނީ ބާރަ ގަޑި ބަޔަށޭ ބުނި… ދެން ނޭނގެ ދުވަހަކު ވެސް އަހަރުމެން ބައްދަލު ވާނެކަމެއް. އެކަމު އަހަރެން އަބަދު ވެސް މިންހާ މަތިން ވަރަށް ހަނދާން ވާނެ. އަހަރެން އަބަދު ވެސް އެދެނީ ދިރިއުޅުމުގެ ކޮންމެސް ހިސާބަކުން މިންހާއަށް އުފާވެރިކަން. ދަނީ މިންހާ… ދަނީ އިނާ..” ސަލާން ކޮށްލަން އަތް ދިއްކޮށް ލަމުން ރީމް ބުނެލިއެވެ.
މެންދުރުގެ ވަގުތެވެ. ރަށަށް އައުމަށް ފަހު އަމީލު ވަނީ ފެންވަރާށެވެ. ކޯޓަށް ދިއުމުގެ ކުރިން ތާޒާ ވެލަން ބޭނުން ވާތީއެވެ. އެއް ކޮޓަރިއެއް ގައި ހުރެ މިންހާ ރީތި ވަމުން ދިޔަ އިރު ވެސް، ޒާތަކަށް ހިމޭން ވެފައި ހުރި އަމީލު، މިންހާ ފެންނަ ކަމަށް ހަދާ ވެސް ނުލައެވެ. އަމީލު އައި ފަހުން މިންހާގެ ހިތް ހީވަނީ މޭ ފަޅާފައި ނުކުމެ ދާނެ ހެނެވެ. ނަމަވެސް މިންހާ އެކަން ނުދައްކާން ވަރަށް މަސައްކަތް ކުރިއެވެ. މިންހާގެ ވިސްނުން ގޯސް ވާހެން ހީވާ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ ވެސް ﷲ މަތިން ހަނދުމަ ކޮށްލައެވެ. އެއަށް ފަހު އިނާޔާ އާއި ރީމް ދިން ނަސޭހަތުގެ މަތިން ހަނދާންކޮށް ހިއްވަރު ކޮށްލަނީއެވެ.
ދަރިންނަށްޓަކާ ގުރުބާން ވާން ފިރިމީހާގެ އަނިޔާ ތަކަށް ބޯލަނބާކަށް ނުޖެހެއެވެ. ހަމަ އެގޮތަށް އަނބި މީހާގެ ފަރާތުން ފިރިމީހާއަށް ލިބޭ ހިތްދަތި ބަސްތަކުގެ ސަބަބުން ދިރިއުޅުމުގައި ދާންވާ މަންޒިލް ނޭނގިފައި ހުންނާކަށް ވެސް ނުޖެހޭނެއެވެ. އާނއެކެވެ. ކޮންމެ މީހަކު ވެސް ހޯދަންވީ އެމީހެއްގެ މުސްތަގުބަލް އުޖާލާ ވާނެ ފަހި މާދަމާ އެކެވެ. އެގޮތުގައި މިންހާ ވެސް ހިއްވަރު ކޮށްފައި މިއަދު ތެދުވަނީ އެވެ.
ރިޒޯޓުގެ ހިތްގައިމު ފާލަން މަތީ ވިޔާމް އާއި ޝަރާ ހުއްޓެވެ. ޖެހެމުން ދިޔަ ފިނި ވައި ރޯޅީގެ ސަބަބުން މުޅި ހަށިގަނޑުގައި ވަނީ ތެތް ފިނި ކަމެވެ. ނިންޖަށް ބަލި ވެފައިވާ ޝަރާގެ ދެ ލޮލުގައި ވަނީ ނިދީގެ އަސަރެވެ. ޝަރާގެ ދަބަސް ލޯންޗަށް ލުމަށްފަހު ވިޔާމް އައިސް ޝަރާ ގާތު މަޑުކޮށްލިއެވެ.
“އަވަހަށް އެރަށަށް ދައްޗެ ނަޝާޔާ ބަލާ…” މުޅި ހަށިގަނޑު މައިތިރި ވެފައި ހުރި ޝަރާގެ އަތް ތިލައިގައި ހިފާލަމުން ވިޔާމް ބުނެލިއެވެ.
“ހޫމް… ދެން އެކަމު މާލެ ގޮސް ރަނގަޅަށް ނިދާލާ ރެސްޓް ކޮށްލާފަ ދާނީ..” ނިދި ވެރި ވެފައި ވުމުގެ ސަބަބުން ފޫހި ގޮތަކަށް ހުރެ ޝަރާ ބުނެލިއެވެ.
“އޯކޭ.. އަވަހަށް ދޭ އަރަން… ނައްޓާލާ ގަޑި ޖެހުނީ.” އަތުން ދޫކޮށްލުމަށް ފަހު ވިޔާމް ހުރީ ޝަރާ ލޯންޗަށް އަރާތަން ބަލާށެވެ.
އަމީލު ކޯޓުން ނުކުތް އިރު މިންހާ ހުރީ ބޭރުގައެވެ. ކޯޓު ތެރޭގައި ވެސް އަމީލުގެ މިޒާޖު ހީނުކުރާހާ ތަފާތެވެ. މިންހާ ދެއްކި ވާހަކަ ތަކުގެ ސަބަބުން ގަދަބާރު ހުރި އަމީލު ކޯޓުގައި އިނީ އިސްޖެހިފައެވެ. އަމީލު ފަދަ މީހަކަށް އެ ހިމޭންކަން މެދުވެރިވީ ކުއްލިޔަކަށް ހެއްޔެވެ؟ އެއީ ހާދަހާ ނާދިރު ކަމެކޭ މިންހާގެ ހިތަށް އަރަމުން ދިޔައެވެ. ވޭތުވެ ދިޔަ ދުވަސް ތަކުގައި މިންހާއަށް ކުރި އަނިޔާއާ ދިންހާ ވޭންތައް އަމީލު ހަނދާން ނެތީހެއްޔެވެ؟ ނޫނީ މިހާރު އަމީލަށް އެކަމާ ދެރަވާން އެނގުނީ ބާއެވެ؟
މައުސޫމު ގޮތަކަށް ހުރެ އަމީލު މަޑުމަޑުން އައިސް ހުއްޓުނީ މިންހާ ގާތުގައެވެ. މިންހާ ވެސް އެވަގުތު ދުރަށް ދާން މަސައްކަތެއް ނުކުރެއެވެ.
– ނުނިމެ –
އުންމީދު ކުރަން މި ބައި ވެސް ކިޔުންތެރިންނަށް ކަމުދިޔަ ކަމަށް. ދެން އޮންނާނީ މިވާހަކައިގެ އެންމެ ފަހު ބައި. އިންތިޒާރު ކުރާނެ ކަމަށް އުންމީދު ކުރަން.
2 Comments!
Comments are closed.







Alhe detail koh kiyaa dheynan nashaya eh v gotheh buneli nama
Hi
V ufaavejje ingey comment libuneema.
Shukuru haggu. 🤗❤️
Dhen Nashaaya ge details mi baiga maabodah ves kuru dho?
Ekam Nimey ( next) part ah inthizaaru kurahchey.
Eyrun dhen hurihaa kamei ves ingidhaane.
Ummeedhu kuran vaahaka nimuneema comment kollaanee kamah.
Shaleen beynunvanee vaahaka liyumuga huri massalathah ingi, ithurah rangalhu kollanvaa kankan ves ingen.
Ehenveema ummeedhu kuran Monday ge part ga comment kollaanee kamah overall kh vhk aadheytherey ehchei bunelan. 🙏
Thankssssss
Luv yu