Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ހިމޭން 25 ( ފަހު ބައި )

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
August 31, 2026 9 Mins Read
4 Comments

އަމީލު ކޯޓުން ނުކުތް އިރު މިންހާ ހުރީ ބޭރުގައެވެ. ކޯޓު ތެރޭގައި ވެސް އަމީލުގެ މިޒާޖު ހީނުކުރާހާ ތަފާތެވެ. މިންހާ ދެއްކި ވާހަކަ ތަކުގެ ސަބަބުން ގަދަބާރު ހުރި އަމީލު ކޯޓުގައި އިނީ އިސް ޖެހިފައެވެ. މިންހާ އޭނާގެ ދިފާއުގައި ދައްކަމުން ދިޔަ ކޮންމެ ވާހަކަ އަކަށް އަމީލު ދިޔައީ ޖެހިލުންވެ އިނދެ ވެސް އިޢުތިރާފު ވަމުންނެވެ.

އަމީލު ފަދަ މީހަކަށް އެ ހިމޭން ކަން މެދުވެރިވީ ކުއްލިޔަކަށް ހެއްޔެވެ؟ އެއީ ހާދަހާ ނާދިރު ކަމެކޭ މިންހާގެ ހިތަށް އަރަމުން ދިޔައެވެ. ވޭތުވެ ދިޔަ ދުވަސް ތަކުގައި މިންހާއަށް ކުރި އަނިޔާއާ ދިންހާ ވޭންތައް އަމީލު މިއަދު ހަނދާން ނެތީހެއްޔެވެ؟ ނޫނީ މިހާރު އަމީލަށް އެކަމާ ދެރަވާން އެނގުނީ ބާއެވެ؟

މަޑުމަޑުން ހިނގަމުން އައިސް އަމީލު ހުއްޓުނީ މިންހާ ގާތުގައެވެ. އެހެނަސް މިންހާ އެތަނުން ދުރަށް ދާން މަސައްކަތެއް ނުކުރެއެވެ. ފަހަރެއްގައި އަމީލު ބުނަން ބޭނުންވާ އެއްޗެއް އޮވެދާނެތީއެވެ. ކަން ވީވެސް އެހެނެވެ. މިންހާއާ ގާތް ވެލުމަށް ފަހު އަމީލު ވާހަކަ ދައްކަން ފެށިއެވެ.

*********

“މިންހާ..! މިންހާ އަހަރެން ގާތުން ވަރިވާން މާ ލަސްވެސް ވެއްޖެ.. އިނގޭތަ އަހަރެން އެހެން މިބުނީ ކީއްވެ ކަން؟” އިސް ޖަހައިން ހުރެ އަމީލު މަޑުމަޑުން ވާހަކަ ދައްކަމުން ދިޔައިރު މިންހާ ހުރީ ދެބުމަ ކައިރި ކޮށްލައިންނެވެ.

“އާމިރު އަބަދު ވެސް އަހަންނާ ވަރަށް ވާހަކަ ދެއްކާނެ… އޭނަ މަށަށް ނަސޭހަތް ދޭތާ ވެސް ކިތަންމެ ދުވަހެއް ވެއްޖެ. ދެއްކަނީ މުޅިން ވެސް… އަނބި ދަރިންނާ، ދިރިއުޅުމާ ގުޅުން ހުރި ވާހަކަތައް… އެކަމު އޭރު އެކަންކަމާ އަހަރެން މާ ބޮޑަކަށް ނުވިސްނަން.” މިންހާއާ ދިމާލަށް ބަލައި ވެސް ނުލާ އަމީލު ވާހަކަ ދައްކަމުން ދިޔައެވެ.

“މިންހާއަށް އިނގޭތަ؟… މަށަށް ރޭގަ ހުވަފެނެއް ފެނިއްޖެ.. ވަރަށް ހިތްދަތިވާ ކަހަލަ ވަރަށް ޢިބުރަތްތެރި ހުވަފެނެއް…” އަމީލުގެ ވާހަކަ އިރުކޮޅަކަށް މެދު ކަނޑާލިއެވެ.

“މަށަށް ފެނުނީ… މަށަށް ވަރަށް ބޮޑު ބައްޔެއް ޖެހިގެން އެނދުމަތި ވެފަ އޮއްވަ… އެހާލުގަ އޮވެ އެހީތެރި ކަމަށް އެދި އާދޭސް ކުރާތަން ވެސް ފެނޭ… އެކަމު އެއްވެސް މީހެއް މަށަށް އެހީ ވާކަށް ނެތް… ދެން ބައެއް ފަހަރަށް ފެނޭ ފުރޮޅުލީ ގޮނޑިއެއްގަ އިންދަ ވެސް… އެކަމަކު އެ ގޮނޑި ދުއްވާ ދޭކަށް ގާތުގަ އެއްވެސް މީހަކު ނުހުރޭ. އަހަރެންގެ ބަލި ހާލަށް ވުރެ… ގޮނޑީގެ ހާލަތު ވެސް މާރަނގަޅު.” ހިތާމައިގެ އަސަރުތަކާ އެކު ދުރު ބަލައިލަމުން އަމީލު ދޫކޮށްލީ ފުން ނޭވާއެކެވެ.

އެވާހަކަތައް އަޑުއަހަން ހުރި މިންހާގެ ޝައުގުވެރިކަން އިތުރުވެ އަމީލަށް ބަލައިލިއެވެ. މިންހާއަށް ހައިރާން ކަމާއެކު ބޭއިޚްތިޔާރުގައި ނިއްކުރިޔަށް ރޫ އަރުވާލެވުނެވެ.

“އެނދުގަ އެހާލުގަ އޮންނައިރު ތަންކޮޅެއް ދުރުން ފެނޭ ވަރަށް ވިދާ ދެ އަލިކޮޅު.. ބައެއް ފަހަރަށް އަހަންނަށް ހީވޭ އެ އަލި ކޮޅުތައް އަހަންނާ ކައިރި ވާންް މަސައްކަތް ކުރާހެން. އެކަމަކު ކައިރިއެއް ނުވެވޭ.. ފެންނަނީ އަހަންނާ މާދުރަށް ދާތަން.. ދެން ވަކި ހިސާބަކުން ކޮންމެސް މީހެއްގެ ފަހަތުން ދެއަލިކޮޅު މާ ގަދަޔަށް ވިދާ ބަބުޅަމުން ކުރިޔަށް ދަމުން ގޮސް ގެއްލެނީ. އެ ހިސާބުން އަހަރެން އޮންނަ ތަން އިތުރަށް އަނދިރިވޭ…..” ހިމޭނުން ހުރެ އަމީލު ބަލައިލީ މިންހާގެ މޫނަށެވެ.

“ރޭގަ އެހުވަފެން ތަކުރާރުކޮށް ތިން ފަހަރަށް އަހަންނަށް ފެނުނު… ކޮންމެ ފަހަރަކު ވެސް ހޭލެވުނީމަ އިރުކޮޅަކުން އޮށޯންނަން. އެކަމު ލޯ މެރޭ އިރަށް ހަމަ ތަކުރާރުކޮށް ފެންނަނީ އެ ހުވަފެން. މިންހާ!… މިހާރު…. މިހާރު މަށަށް ވިސްނެނީ… މަށަށް އިހްސާސް ވަނީ… މިންހާއަށް އިނގޭތަ ކޯއްޗެއްކަން؟… މަ ބަލިވިޔަސް… ހާލުގަ ޖެހި ނުތެދުވެވޭ ވަރު ވިޔަސް.. މަގޭ ދެކުދިން މަށާ އަޅައެއް ނުލާނެއޭ…. ހަގީގަތުގަ މަށަށް ވިސްނެނީ.. އެ ދެ އަލިކޮޅަކީ އެއީ އަހަރުމެންގެ ދަރިންނޭ… އެކަމު އެކުދިން އަހަރެން ދޫކޮށްލީ… ދެން ހިތަށް އަރަނީ… އަހަންނާ ނުލާ އެކުދިން މިންހާއާ އެކީ މާއުފަލުގަ ޢުމުރަށް އުޅޭނެއޭ… މަގޭ މި ހުވަފެން ހަގީގަތަކަށް ވާނީ ކިހާ އަވަހަކަށް ކަމެއް މަށަކަށް ނޭނގޭ..” އަމީލުގެ ލޮލުން ވެއްޓެމުން ދިޔަ ކަރުނަ ތިކި އަވަސް އަވަހަށް ފުހެލިއެވެ. އެ ވާހަކަތައް އިވި މިންހާގެ ލޮލުން ފޭދެމުން ދިޔަ ކަރުނަ ތިކިތައް ބަބުޅާ ތަން އަމީލަށް ވެސް ނުހަނު ރީތިކޮށް ފެނުނެވެ.

“މިންހާ..! އަހަރެންގެ އެ ހުވަފެން… މަށަށް ރޭގަ ނިދިޔަކަ ނުދިން.. މަށަށް މާފު ކުރޭ… މުޅި ދިރިއުޅުމުގަ ވެސް މަށަށް މިންހާއަށް ވަރަށް ދޮގު ހެދިއްޖެ.. އަހަންނަކީ ވަރަށް ވިޔާނުދާ މީހެއް.. އަހަރެންގެ މިޒާޖު ބަދަލު ކުރަން އަދި ވަރަށް ވަގުތު ނަގާފާނެ. އެހެން ވީމަ އަހަރެން… އަހަރެން މިންހާ އެދުނު ގޮތަށް އިންކާރު ނުކޮށް މި ވަރިކޮށް ދިނީ.. މަ ހީކުރަން މަށަށް ދެވުނު ހުރިހާ އަނިޔާއަކަށް މިންހާ މާފު ކުރާނެ ކަމަށް.” ހިތަށް އަރައި ފައިބަމުން ދިޔަ ހިތުގެ އުދާސްތައް ބޭރު ކުރަމުން އަމީލު ވާހަކަ ދެއްކިއެވެ.

“މަށަށް އިނގޭ… މަށާ ދިމާލަށް މިންހާ ބުނާނެ އެއްޗެއް ނެތީކީ ނޫންކަން.. މިންހާތީ އަބަދު ވެސް ކެތްތެރި ވެގެން ހުންނަ މީހެއް ވީމަ މަށާ ދިމާލަށް އެއްޗެއް ބުނަން ބޭނުން ނުވަނީ ކަންނޭނގެ.. އަދި އަހަރެން ޖެހޭނެ ދަރިންގެ ކިބައިން ވެސް މާފަށް އެދެން.” ހިމޭން ކަމުގެ ސާލެއް ލައިން ހުރެ އަމީލު ހިނގައިގަތީ މިންހާ އެއްވެސް އެއްޗެއް ނުބުނުމުންނެވެ.

އެއީ އަމީލު ދެއްކި ވާހަކަ ތަކެކެވެ. އޭގައި ތެދުވެރިކަމެއް ހުއްޓަސް މިންހާއަށް ޔަގީން ނުވާ ކަމަކީ އަމީލަށް ދެން ދުވަހަކު ވެސް އިތުބާރު ކުރެވިދާނެ ކަމެވެ. ދެވަނަ ފުރުސަތެއް ދީފި ނަމަ އަމީލުގެ އެ ރުޅިވެރިކަން އަލުން އިއާދަ ވެދާނެއެވެ. ވީއިރު މިއަދު މިނިވަން ވުމަށް ފަހު މިންހާ އަނެއްކާ ވެސް އަމީލު ގާތަށް ދިއުމުގެ އެއްވެސް ބޭނުމެއް ނޯންނާނެއެވެ. ފުން ނޭވާއެއް ލަމުން ކަރުނަ ހިލިފައި ހުރެ، މިންހާ ހިނގައިގަތީ ފަސްއެނބުރި އަމީލުގެ އެ ދިރިއުޅުމަށް ނުދާން ނިޔަތް ގަނެގެންނެވެ.

“މިންހާ..! މަޑުކޮށްބަލަ… އަހަރެން އަހާލަން ބޭނުން…. ދިއުމުގެ ކުރިން މިންހާ އަހަރެން ގާތު އެއްވެސް އެއްޗެއް ބުނަން ބޭނުންތޯ؟” ފަސް އެނބުރި މިންހާއަށް ގޮވާލަމުން އަމީލު ސުވާލު ކުރިއެވެ.

އެ އަޑަށް މިންހާ ވެސް ހުއްޓުނެވެ. ފުން ނޭވާއެއް ލުމަށް ފަހު އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލަމުން އަމީލު ހުރި ހިސާބަށް ދިޔައެވެ.

“އަހަރެން ބޭނުމީ… އަހަރެން ދެކެ އަމީލު އެހާރުޅި އަންނަ ސަބަބެއް އެނގެން..” މިންހާ ކުރީ މުހިއްމު ސުވާލެކެވެ.

މިންހާގެ އެ ސުވާލާ އެކު އަމީލަށް އިސް ޖަހާލެވުނެވެ. ފުރަތަމަ ފަހަރަށް މިންހާގެ ކުރިމަތީގައި އަދަބު ވެރިކަން އިސްކޮށް އެކުރި އިޝާރާތަކީ ހަމަ ގައިމު ވެސް ލަދުވެތި ކަމުގެ އަލާމާތެކެވެ.

“އަހަރެން ދަރިޔަކު ބޭނުން ނުވެހުއްޓަ މިންހާ މާއަވަހަށް ބަނޑު ބޮޑުވި ހިސާބުން ހިތްހަމަ ނުޖެހެން ފެށީ… މިހެން ބުންޏަސް، މަށަށް އިނގޭ މަގޭ ބައިވެރި ވުން ނެތި އެވަރު ކަމެއް ނުވާނެކަން ވެސް. ދެން ނޭނގެ… އެކަމާ އަހަރެން ބޮޑަށް ހިތްހަމަ ނުޖެހުނީ. އެހެންވެ ފަހުން ބަނޑުބޮޑު ވީމަ ވެސް…..” އަމީލުގެ ވާހަކަ ކުއްލިޔަކަށް ހުއްޓާލީ މިންހާގެ އަޑަށެވެ.

“ނިޢުމަތަށް ޝުކުރު ނުކުރެވުނީމަ ދެން ތި ވާހަކަ ނުދައްކާ.. ދަރިންގެ ބޭނުން އެނގޭނީ… ދަރިންގެ މުހިއްމު ކަން ވެސް އިނގޭނީ… ތި ފެނުނު ކަހަލަ ހުވަފެނެއް ހަގީގަތަކަށްވާ ދުވަހަކުން… އޭރުން އޮންނާނީ ވަގުތު ފާއިތުވެފަ. ތިމާ ބަލިވީމަ ބަލާނެ މީހަކު ނެތި… އަޅާލާނެ ދަރިޔަކު ނެތް ކަން ހިތަށް އަރާ ދުވަހަކީ… އަމިއްލަ ހިތް ފަޅައިން ދާނެ ދުވަހެއް… ގައި ބާރު ހުރި ދުވަހު ރުޅި ވެރިކަމުގެ ބާރު ދައްކާފަ… ގޮށްމުށުގެ އަނިޔާ ދީފަ ދެން ހީނުކުރައްޗެ… ތިމާ މީހާ ނިކަމެތި ވާ ދުވަހު އެބާރު އެގޮތުގަ ހުންނާނެ ކަމަށް.” ލިބުނު ފުރުސަތުގައި މިންހާ ބެލީ އަމީލަށް ވިސްނައި ދެވޭތޯއެވެ.

އިސްޖަހައިގެން ހުރި އަމީލަށް ކުޑަކޮށް ވެސް މިންހާއާ ދިމާލަށް އިސް އުފުލާ ބަލާއިލާކަށް ނުކެރުނެވެ.

“އެންމެ ފަހުން އަހަރެންގެ ގައިގަ އެޅި ވަރުގަދަ ވޭން….. އެދަރި މި ދުނިޔެއަށް އުފަން ވުމުގެ ފުރުސަތު ނުދިނުން…. އެއީ އަހަރެން އަމީލު ގާތުން ވަރިވާން ލިބުނު އެންމެ ބާރުގަދަ ގަރީނާ….. އަދި ބުނަން…؟ އަހަރެން ދުލުން އެ ދެކުދިންނަށް އަމީލުގެ މިޒާޖާއި އަމީލުގެ ކަންކަން ހުންނަ ގޮތް ކިޔާދޭކަށް ނުޖެހޭނެ. އަހަރެންގެ ދުލުން ނުކުންނަ ބަހަކަށް ވުރެ، އެކުދިންގެ ލޮލަށް ލިބޭ ހެކިތައް މާވަރުގަދަ ވާނެ. އެކުދިންގެ ސިކުނޑި މާތަނަވަސް ވާނެ. ވަކި ވުމުގެ ކުރިން އަހަރެން އަމީލަށް އަދާ ކުރަންޖެހޭ އެއްވެސް ޝުކުރެއް ނެތް. ދަ…. ދަނީ….” މިންހާ ކުރިޔަށް ހިނގައިގަތީ ހިތް ފަޅައިންދާހާ ވަރަށް ވާހަކަ ދެއްކުމަށް ފަހުއެވެ.

އަމިއްލަ ނަފްސުގެ މައްޗަށް ވަރުގަދަ ހަނގުރާމަ އެއް ކުރަމުން އައި މިންހާ މިއަދު އެ ނެރުނީ އޭނާގެ ހަށިގަނޑުގައި ގައިދުވެ، ވަންހަނާ ވެފައިވާ ހިއްވަރެވެ. އެތައް ދުވަހެއްގެ ވޭނީ ޝަކުވާތަކެވެ.

މިންހާގެ ވިސްނުން ތަކާއި އެކު، އަމީލުގެ މިސްރާބު ހުރީ ރީމް ހުރި ގެސްޓް ހައުސްއަށެވެ. ކުރިޔަށް ހިނގަމުން ދިޔަ ކޮންމެ ފިޔަވަޅެއް އަމީލުގެ އަމިއްލަ ނަފްސައް މަލާމާތް ކުރާ އަޑު އޭނާއަށް އިވޭ ފަދައެވެ. ކަންފަތް ދޮށުގައި ހޮނު ގުގުރި ޖަހާހެން ތަކުރާރުކޮށް އިވެމުން ދަނީ މިންހާ ދެއްކި ވާހަކައިގެ އަޑެވެ.

ރީމް ހުންނަ ކޮޓަރީގެ ދޮރާ ހަމައަށް ދިއުމަށް ފަހު އަމީލު ޓަކި ޖަހާލިއެވެ. އެ އަޑަށް ދޮރު ހުޅުވާ ލުމަށްފަހު އެއްވެސް އެއްޗެކޭ ނުބުނެ ރީމް އެތެރެއަށް ދެމިގަތެވެ. އެހެނަސް، އަމީލުގެ އެ މަޑުމައިތިރި ހިމޭން މިޒާޖު ފެނި ރީމް ހައިރާން ވިއެވެ. ވެދާނެއެވެ. މިއީ އަމީލުގެ ހަޔާތުގައި އައި އެންމެ ހިތްދަތި ވަގުތުކޮޅެވެ. މިންހާ ފަދަ ހެޔޮލަފާ އަތންބެއް ވަރިކޮށްފައި އައުން ވެގެން ދާނީ އަމީލުގެ މުޅި ދިރިއުޅުމަށް ލިބުނު ބޮޑު ފަޅު ކަމަކަށެވެ.

މަރުވެފައި ހުރި މައްޔިތެއްހެން ކޮޓަރިއަށް ވަނުމަށް ފަހު އަމީލަށް ބަލައި ލެވުނީ އެނދު މައްޗަށެވެ. އެނދު މަތީގައި ބައިންދާފައިވާ ދަބަހަށް އަންނައުނުތައް އަޅާ ބަރާކޮށްފައި ވާއިރު އެނދުމަތީގެ އެއް ފަރާތުގައި ރީތިވާން ބޭނުން ކުރާ ސާމާނުތައް ވެސް ހުއްޓެވެ.

“ރީމް..! ރީމް ވެސް އަހަރެން ދޫކޮށްފަ ދަނީތަ؟…” އެއްވެސް ހަރަކާތެއް ނެތި ރީމްއާ ދިމާލަށް ނަޒަރު ހިންގާލަމުން އަމީލު އަހައިލީ އެއްވެސް ޝަކުވާއެއް ކުރުމުގެ ޝައުގުވެރިކަން ނެތިއެވެ.

“އާނ… އަމީލުގެ ދުލުން ނުބުންޏަސް ހުރިހާ ކަމެއް އެނގުނީމަ، އަހަރެން ވެސް ދަނީ.. އަމީލު!.. އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެހާ އަނިޔާވެރި ދިރިއުޅުމެއް… އަމީލުގެ ސަބަބުން މިންހާ އުޅުނު ހާލު އަހަންނަށް އެނގުނީ ރަށުބަޔަކު އެއްވެގެން އެވާހަކަ ދެއްކި ދުވަހު.. މިންހާ އަކީ މަންމަނެއް ނޫން ކަމާ އެއީ އަމީލުގެ އަނބި މީހާކަން ވެސް އެނގުނީ ބަޔަކު އެ ވާހަކަ ދެއްކި އަޑު އިވުނީމަ.. އަމީލުގެ ސަބަބުން މިންހާގެ ދަރިފުޅު ވެސް ބައިގެން ދިޔައީ.. އަހަރެން އެދުވަހު މިންހާ އެތާ އޮއްވަ މަރުކަޒަށް ދިޔައިން. މިންހާއަށް އެދުވަހު ވީގޮތް ފުރަތަމަ ވެސް ޝައްކުވީ އަމީލުގެ އަނގައިން… އެހެން ވީމަ، ތިވަރުގެ މަކަރުވެރި، ރަހުމެއް ނެތް މީހަކު އަހަރެން ކިހިނެއް… އަހަރެންގެ ހަޔާތަށް ގެންނާނީ؟” ރީމް ކުރު ކުރުކޮށް ބޮޑެތި ވާހަކަތަކެއް ކިޔައިދިނެވެ.

“އަމީލުގެ ދަރިން ދެއްކި ވާހަކަ ވެސް މަށަށް އަޑު އިވުނު.. އެއިން އެއްވެސް ދަރިއެއްގެ ހިތުގަ ކަލެއަށްޓަކައި ރަހުމެއް ނެތް.. އެ ކުޑަކުޑަ ދެ ކުދިން ވިސްނަނީ އެކުދިން މިވަގުތު ބޮޑެތި ވެފަ ތިބި ނަމަ މިންހާ ގޮވައިން ފިލަން… އެވެސް އަމީލުގެ އަނިޔާ ތަކުން މިންހާ ސަލާމަތް ކުރުމަށްޓަކާ..” ރީމް ވާހަކަ ދައްކަމުން ދިޔައީ ހިތްހަމަ ނުޖެހިފައި ހުރެއެވެ.

“ތީ… ތީ ހަމަ… ތެދެއްތަ..؟ އެހެން ވީމަ މަގޭ ހުވަފެން ސީދާ ވާން ވަގުތު ކޮޅެއް ވެސް ނުނެގިތާ… މަގޭ އަނިޔާވެރި ކަމުގެ ސަބަބުން އެކުދިން ތިހެން ތި ވިސްނަނީ. އެހެން ވީމަ… މަ ނުކުޅެދުނަސް ކުޅެދުނަސް މަގޭ އެއްވެސް ދަރިޔަކު މަ ނުބަލާނެކަން މަށަށް ވަރަށް ރަނގަޅަށް އެނގިއްޖެ.. ހަގީގަތުގަ އެއީ ކަންނޭނގެ މަ މިންހާއަށާ ދަރިންނަށް ދިން އަނިޔާތަކުގެ ސަޒާއަކީ… މަގޭ އެކަނިވެރި މަރު ކަންނޭނގެ.” ލޮލުން ފެންތިކި ތަޅަމުންދާ ހާލުގައި ވެސް އަމީލު އޭނާގެ ކުށް ގަބޫލު ކުރިއެވެ.

“އާމިރު ވެސް ބުނީ ތެދެއް. އަހަރެންގެ ހަގީގަތް އެނގުނީމަ އެއް މީހަކު މަށާ އެކީ ނުހުންނާނެ. އެހެން ވީމަ ރީމް ވެސް ދެން ދޭ… އަހަރެން ރީމަށް ވަރަށް މަކަރު ހަދާ އޮޅުވާލިން… އަހަރެން ނޭދެން މަގޭ މި ދެއަތުން އިތުރު މީހަކަށް އަނިޔާ ކުރާކަށް.” ކޮޓަރި ދޮރު ލެއްޕުމަށް ފަހު ދެލޯ ފުހެމުން އަމީލު ބޭރަށް ނުކުތެވެ.

މަޑުމައިތިރި ވެފައި ހުރި އަމީލުގެ ހިނގުމުގައި ވަނީ ލަސް ކަމެވެ. އިސް ޖަހާލާފައިވާ އަމީލު އޭނާގެ މޭގައި އެއް އަތް ބާއްވާލައިން ހުރެ ކުރިޔަށް ދިޔަތަން ބަލަން ރީމް ހުރީ ކޮޓަރީގެ ދޮރުފޮތި ގަނޑުގެ ނިވަލުގައެވެ.

ރީމްގެ ލޮލުން ފޭދިގެން ދިޔަ ކަރުނަ ތިކިތައް ކިތަންމެ ރަނގަޅަކަށް ވެސް އޭނާގެ ކޯތާފަތުގައި ފިރުމަމުން ދިޔައެވެ. އެއީ އޯގާތެރި ކަމުގެ ކަރުނަ ތިކިތަކެއް ނަމަ ވެސް އޭގައި ވަނީ ޒަހަރެއް ފަދަ ލޮނު ރަހައެވެ. އެހެން ނުވާނެ ހެއްޔެވެ؟ ރީމްގެ ދިރިއުޅުމުން ބޭކާރު ތިން އަހަރު ފާއިތު ވެގެން ދިޔައީ އަލަތު ލޯބި ވެވުނު ބޭވަފާތެރި އަމީލުގެ ހައްގުގައެވެ.

ލޯތްބަކީ ނިހާޔަތަށް މަކަރުވެރި އެއްޗެއް ނަމަ މިއަދު އެފަދަ ލޯތްބެއްގައި ގައިދުވާން ރީމް ބޭނުމެއް ނުވީހެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަމީލު ދެކެ ރީމް ވަމުން އައި ސާފު ސީދާ ލޯބީގެ ތާޒާކަން އަމީލު ހޯދާފައި ވިޔަސް، އެކަމުގެ އަގު ވަޒަން ކުރަން އަމީލަށް ކުރެވުނު ކަމެއް ނެތެވެ. ވީއިރު، މިއަދު އަމީލު ރީމްގެ ހަޔާތުން ބާކީ ކުރި ބޭކާރު ދުވަސްތަކާ މެދަށް ރީމަށް ކޮށް ދެވޭނެ މާފެއް ނެތެވެ.

ޝަރާ އޭނާގެ ކޮޓަރިއަށް ވަންނަން ހިނގައިގަތް ވަގުތު އޭނާގެ ފައިގައި އަޅައިގަތީ ގަނޑެކެވެ. އަތުގައި އޮތް ދަބަސް މުށިތައް މަތީ ބެހެއްޓުމަށް ފަހު އެ ކަރުދާސް ގަނޑު ނަގާ ވަރަށް ފުން ކޮށް ޝަރާ ބަލައިލިއެވެ.

“ޝަރާ!… ދުނިޔޭގެ އަރާމާ، އުފަލަކީ ހަމައެކަނި ފައިސާގެ ތަނަވަސް ކަމުން މީހާ މަޝްހޫރު ވުމެއް ނޫން.. ދިރިއުޅުމުގެ އެންމެ ފުރިހަމަ ޒިންމާ ނަގަން ދަސް ނުވާ ނަމަ ތިކަމުން ކުރާނީ ކޮން ފައިދާއެއް؟.. ފައިސާ ކިތަންމެ ގިނަޔަސް ޝަރާގެ ހަޔާތަށް މަދުވާ އެއްޗެއް އެބަވޭ.. އިހުމާލުގެ ތެރެއިން ހަގީގީ ފަގީރުކަން ތި ހަޔާތަށް އައި ގޮތް ބަލާލަން ނަޝާ ކޮޓަރީގެ ދޮރު ހުޅުވާލަބަލަ.” ކާކުގެ ލިޔުމެއްކަން ޝަރާއަށް ދެނެގަންނަ ނޭނގޭ ލިޔުމަކުން ގަނޑުގައި ލިޔެފައި ވެއެވެ.

ޝަރާގެ ފިޔަވަޅުތަކާއި ހަރަކާތް އަވަސްވީ އެހިސާބުންނެވެ. ވަގުތުން ގޮސް ނަޝާޔާގެ ކޮޓަރި ހުޅުވައިލީ ހިތުގެ ހަމަޖެހުން ގެއްލިފައި ވުމުންނެވެ. ކޮޓަރި ތެރެއިން މާބޮޑު ކަމެއް ފާހަގަ ވާން ނެތަސް ފެނުނު މަންޒަރުން ޝަރާ އަވަސް އަވަހަށް ޖެހިލީ އެނދު ކައިރިއަށެވެ. އޭރު ނަޝާޔާގެ ‘ޑައިރީ’ ކަމުގައިވާ ބެއަރ އިނީ ޝަރާއަށް ފުރަގަސް ދީފައި ވާގޮތަށް ބައިންދާފައެވެ. އޭގެ ކައިރީގައި އޮތް ގަނޑު ކޮޅު ނަގާ ޝަރާ ކިޔާލިއެވެ.

“މީ ނަޝާގެ ‘ޑައިރީ’… މީގެ ފަހަތުގަ އިން ޒިބު ދަމާލާފަ އެތެރެ ބަލައިލާ… އެއީ ނަޝާގެ ހުރިހާ ސިއްރެއް ކީޕް ކުރާ ތަން. ދެން ކައިރީގަ އެ އޮތީ ސްކޫލު ދިވެހި ފޮތް. ލިޔެފަ ވާނީ މަންމައާ ބެހޭގޮތުން. މަންމާ!. ވަރަށް ބޮޑަށް ސޮރީ… މަންމަ ރުޅި ނާންނައްޗެ. މަންމަ ދެރަވާ ވަރުގެ ވާހަކައެއް ލިޔެވިފައި ވާނަމަ މަންމަ ބޭނުން ގޮތަކަށް ކަންތައް ކުރިޔަސް އެންމެ ރަނގަޅު” ގަނޑު ކޮޅުގައި ވަނީ މާބޮޑު ރީތި ކަމެއް ނެތް ނަޝާޔާގެ އަތުލިޔުމެވެ.

ކައިރީގައި އިން ބެއަރގެ ބުރަކަށިގައިވާ ޒިބު ޝަރާ ވަގުތުން ދަމާލިއެވެ. އެއަށްފަހު އޭގައި ހުރި ކަފަތައް ނަގަމުން ދިޔަ ވަރަކަށް ފަހަރަކު ގަނޑު ކޮޅެއް ގައި އަތް ޖެހެއެވެ. އެއިން ކޮންމެ ގަނޑު ކޮޅެއް ގައި ވަނީ ތަފާތު ވާހަކަ ކޮޅަކާއި އެކި ޖަޒުބާތު އެކުލެވޭ ކުރެހުން ތަކެވެ. ޝަރާގެ ޝައުގުވެރިކަން މުޅިން އެއަށް ހުއްޓާލައިން އިނދެ ފަހަރަކު ގަނޑު ކޮޅެއް ނަގަމުން، ކިޔަމުން ދިޔައެވެ.

“މަންމައާ ބައްޕަ އަބަދު ނަޝާ ދޫކޮށްލާފަ ތި ދަނީ ކީއްވެ؟” 🤷

“ޑައިރީއަށް އިނގޭތަ؟ މަންމަ އާއި ބައްޕައަށް ނަޝާ އިމްޕޯޓެންޓެއް ނޫން.” 🙍

“ކޮންމެ ރެއަކު ނަޝާއަށް ވަރަށް ރޮވޭ.” 😭

“ޑައިރީ’ ނެތް  ނަމަ ނަޝާ މިއަދު ކިހިނެއް މި ވާހަކަ ކިޔައިދޭނީ؟” 🐻

“ކޮންމެ މީހަކަށް ވެސް ނަޝާގެ ކަންކަން ކުރަންވީމަ އުނދަގޫވޭ…”

“ނަޝާއަކީ އެހާ ބޭކާރު މީހެއްތަ؟”

“މަންމާ! ބައްޕާ! ކީއްވެ ނަޝާ ދެކެ ލޯބި ނުވަނީ”🥺

“މަންމައަށް އިމްޕޯޓެންޓީ ބިޒްނަސް، ފްރެންޑްސް. ދެން ޓްރިޕްސް.. ބައްޕައަށް ރިޒޯޓް.” 💰

“ސްކޫލަށް ދިޔަސް ހަމަ ނިދެނީ. ރޭގަނޑު ނުނިދާ އިނދެ އަހަރެން މި ވާހަކަތައް ޑައިރީއަށް ކިޔައި ދޭތީ..”

“ތިހެން ހަދަންޏާ، މަންމަމެން ކީއްވެ ނަޝާ ދުނިޔެއަށް ގެނައީ؟”

“ކޮންމެ ރެއަކު ނިދަން އުނދަގޫ ވަނީ އަބަދު ވިސްނޭތީ.”

“ސްކޫލަށް ދާން ބުންޏަސް ނަޝާ ގެންދަން ވީމަ އެންމެން ވެސް ތިބެނީ ބިޒީ ވެފަ”

“ޑައިރީ! ނަޝާ މިސްޓޭކެއް ނުހަދަން. މިސްޓޭކް ހެދީ މަންމަ. ނަޝާ ސްކޫލަށް ނުފޮނުވުމަކީ މަންމަ ހެދި މިސްޓޭކެއްދޯ؟”

“ދުވާލަކު ސިންގަލް މިނެޓެއް ވެސް މަންމަ މެނާ އެކީ މަޖާކޮށްލާ ހަދާލަން ސްޕެންޑެއް ނުކުރެވޭ.” 🕛

“މަންމަމެން ނަޝާ ބޭނުން ނުވަނީތަ؟”

“ހައި ޑައިރީ..! ނަޝާއަކީ ތިކަހަލަ ބެއަރ އެެއް ނަމަ. ކިހާ ގިނަ މީހުން ލޯބިވާނެ. ފިރުމާ ވެސް ލާނެ. އަދި ބައްދާ ވެސް ލާނެ ދޯ؟.”

“އިނާޔައްތަ ބުނި މި ވާހަކަތައް ކްލާސް ޓީޗަރަށް ކިޔައި ދީފީމޭ. ޑައިރީ ބުނެބަލަ! ހުރިހާ ކަމެއް މިހެން ވީމަ ނަޝާގެ ކުށަކީ ކޮބާ؟”

“ދުވަހަކު ވެސް މަންމަ ނަޝާއަށް ހަދިޔާއެއް ވެސް ނުގެނެސްދެ. މިއަދު ވެސް ބައިވަރު ހަދިޔާ ދިނީ ފަހާ ތަނުގަ އުޅޭ މީހުންނަށް؟ އެއީ މަންމަގެ ދަރިން ވީމަތަ؟”

“ނަޝާޔާއަށް ކުރެވޭ ކަންކަން މަންމައަށް އޮންނަނީ ގޯސްވެފަ. އެހެންވެ ކޮންމެ ކަމެއް ކުރަން ވެސް ނަޝާ ބިރުގަނޭ. ދެން “ބްލޭމް” ވެދާނެތީ އަބަދު މަޑުން އިންނަނީ.. ބައެއް ފަހަރަށް މަންމަ ދެކެ ބިރު ވެސް ގަނޭ..”

“ޑައިރީ!… ނަޝާ ލޯބިން ބައްދާލިޔަސް މަންމަ ކީއްވެތަ އެ ބުނަނީ ދުރަށް ދާށޭ؟ މަންމަ ބައްދާލާ ނަމަ އަހަންނަށް ހާދަ އަރާމު ވާނެއޭ” 🤱

“މަންމަ ރިޗް ވީމަ ނަޝާ ބާކީ ވާތީ ހެޕީއެެއް ނުވޭ. ނަޝާ ބޭނުމީ މަންމަ މެންގެ ލޯބި”

“ކުލާސް ކުދިން ގުރްއާން ކިޔަވާއިރު ނަޝާއަށް އެ ކިޔަވާކަށް ނޭނގެ. ނަމާދު ކުރަން ދަސްކޮށް ނުދިނީ ކީއްވެ؟”

“މިންހާ ދައްތައާ އިނާޔައްތައަށް ނަޝާ މިހުރިހާ އެއްޗެއް ދައްކައިފިން. ސޮރީ މަންމާ!… ނަޝާ ދެކެ ރުޅި ނާންނައްޗެ.”

“ބޭބެމެނާ މާމަ ވެސް ނަޝާ ބަލަން ޖެހުނީމަ އެއްޗިހިކީ” 😡

“ސިމޫ ބޭބެ ސިއްރުން އައިސް ނަޝާގެ ޕްރައިވެޓް ޕާރޓްސްގަ އަތްލީ. މާމަ އާއި ޝާހުބެ ރޭގަނޑު ނިދީމަ. ވަރަށް ތަދުވި.. ސިމޫބެ ބުނީ އެއްވެސް މީހެއް ކައިރި ބުނިއްޔާ މަރާލާނަމޭ. ޑައިރީ! ނަޝާއަށް އެހާ ތަދުވީމަ ކިހިނެއް ހަދަންވީ؟” 🙍

“އައި އޭމް ސޮރީ… މަންމަ މެނަށް އުނދަގޫ ވަންޏާ ކޮންމެސް ދުވަހަކުން ނަޝާ މަރު ވާން ވީތަ؟.” ⚰️

ގަނޑުކޮޅު ތަކުގައިވާ ކުރެހުން ތަކާއި ލިޔުންތައް ފެނި ޝަރާގެ ހިތަށް ކުރި އަސަރު ބުނެދޭކަށް ނޭނގުނެވެ. އެއީ ހަމަ އެކަނި ހުރި ދަރިފުޅުގެ އަތުން އެކިއެކި ގަނޑުކޮޅު ތަކުގައި ލިޔެފައިވާ ކުދިކުދި ލިޔުންކޮޅު ތަކެވެ. އިތުރަށް ހުރި ގަނޑުކޮޅު ތަކާއި ދިވެހި ފޮތް ކިޔުމުގެ ބަދަލުގައި ޝަރާ ގޮސް ބޮޑު ތެއްޔެއް ނެގިއެވެ. އަދި ބެއަރ އެ ތެއްޔަށް ލުމަށް ފަހު ކަބަޑުގައިވާ ލައިޓަރު ނަގާ ބެއަރ ގައި ރޯކޮށްލިއެވެ.

އޭގައި އަނދަމުން ދިޔަ ވަގުތު ޝަރާގެ ހަށިގަނޑުގައި ވަނީ ހިމޭން ކަމެވެ. ބުނަން ނޭނގޭ އެތައް އިހްސާސް ތަކެއް އަރާ ފައިބަމުން ދެއެވެ. ދެލޮލުގައިވާ ކަރުނަތައް ފުހެފުހެފާއި ވެސް ޝަރާ ދިޔައީ ބެއަރ ހުލި ވަންދެން އަންދަމުންނެވެ.

އެ ވަގުތަށް ފަހު ޝަރާގެ ވިސްނުން މުޅިން ބަދަލު ކުރަން ފުރުސަތު ދިނީ ނަޝާޔާ އާއި އޭނާގެ ޑައިރީއެވެ. ޝަރާގެ މޫނު މަތިން ފެންނަމުން ދިޔަ ނުތަނަވަސް ކަން ފިލާނެ އޮތީ އެންމެ ގޮތެކެވެ. އެއީ ނަޝާޔާގެ އިއްފަތް ތެރިކަން ނަގާލުމާއި ގުޅިގެން ސިމޫއަށް އެކަށީގެންވާ އަދަބެއް ދިނުމުގެ އިތުރުން ނަޝާޔާއަށްޓަކައި  ބޭނުންވާ ވަރަށް ލޯބި ދިނުމެވެ. އަދި ނަޝާޔާއަށް އޭނަ ބޭނުންވާ ވަރަށް ވަގުތު ދިނުމެވެ.

އެ އަޒުމުގައި ނަޝާޔާ ބަލާ ދިއުމަށް ޝަރާ ފުރީ ވިޔާމް ރިޒޯޓުން އައުމުން އޭގެ އަނެއް ދުވަހެވެ. “ޑައިރީގެ” ސަބަބުން ޝަރާ އާއި ވިޔާމްގެ ވިސްނުން މުޅިން ބަދަލު ކުރަމުންނެވެ. ދިރިއުޅުމުގައި މަސައްކަތްތައް ފުނި ޖެހިފައި ވިޔަސް މީގެ ފަހުން ނަޝާޔާއަށް ވަގުތު ހޯދުމަށާ ލޯބި ދިނުމަށް ޝަރާ އާއި ވިޔާމް އަޒުމް ކަނޑައެޅިއެވެ. އަދި ނަޝާޔާގެ އަމިއްލަ ނަފުސައް ގެއްލުން ދިނުމުގެ ކުރިން މިކަންކަން އިނާޔާ އާއި މިންހާ މެދުވެރިކޮށް އެނގުނީތީ ޝަރާ އެމީހުންނަށް ޝުކުރު އަދާކުރިއެވެ.

– ނިމުނީ –

މިއީ ދުނިޔެއެވެ. އެއް ބަޔަކު ގިސްލަނީ އެމީހުންގެ ފިރިންގެ ސަބަބުންނެވެ. އަނެއް ބަޔަކު ރޮނީ އެމީހުންގެ އަނބިންގެ ސަބަބުންނެވެ. ދަރިންގެ ސަބަބުން ރޮއި ހޭރޭ މައިން ވަކި މަދެއްނޫނެވެ. ހަމަ އެގޮތަށް މައިންގެ ސަބަބުން ހިތްދަތިކަން ތަހައްމަލް ކުރާ ދަރިން ވެސް މިދުނިޔޭގައި އެބައުޅެއެވެ.

ހަގީގަތުގައި މިއިން ކޮންމެ ހިތާމައަކީ، ހިނދުކޮޅަކަށް ވިޔަސް މީހާއަށް ލިބިދޭ ހިމޭން ކަމެކެވެ. އެ ހިމޭން ކަމުގެ ސަބަބުން މީހާގެ މިޒާޖު ބަދަލުވެއެވެ. ބައެއް ފަހަރަށް އެމީހުންނަކީ ރުޅިގަދަ ބަޔަކަށް ބަދަލު ވާއިރު، އަނެއް ބަޔެއްގެ މިޒާޖަށް ބަދަލު އަންނަނީ މަޑު މައިތިރި މީހެއްގެ ގޮތުގައެވެ. މިއިން ކޮންމެ ކަމަކީވެސް ނަފްސާނީ ގޮތުން އިންސާނާއަށް އެތައް އަސަރެއް ކުރުވާ ކަމެކެވެ. އެތައް ކަރުނައެއް އޮހޮރަން ޖެހޭ ކަމެކެވެ.

ހަގީގަތަކީ، ގިނަ ފަހަރަށް މިފަދަ ހިތްދަތި ކަންކަން ތަހައްމަލް ކުރަން ޖެހެނީ ގާތް މީހުންނާއި ލޯބިވާ މީހުންގެ ފުށުންނެވެ. ހަމަ އެގޮތަށް ނަފްސުގެ އުފަލާއި ހިތްހަމަ ޖެހުންވެސް ލިބެނީ އެންމެ ގާތް މީހުންނާއި އިންތިހާއަށް ލޯބިވާ މީހުންގެ ސަބަބުންނެވެ. އުފަލަކީ، މިފަދަ ބައެއް ހާދިސާ ތަކުގައި އަމިއްލަ ނަފްސަށް އަނިޔާ ނުދީ ސަލާމަތް ވާތަން ވެސް ފެނިފައި ހުރިކަމެވެ.  ނަމަވެސް ހިތާމައަކީ، ގިނަ ފަހަރަށް އަމިއްލަ ނަފްސަށް ގެއްލުންދީ މި ދުނިޔެ ދޫކޮށް ގޮސްފައިވާ މީހުންވެސް ވަކި މަދެއް ނޫން ކަމެވެ.

************

ވާހަކައިން އިބްރަތެއް ހާސިލްވި ކަމުގައި އުންމީދު ކުރަން. ކިޔުން ތެރިންނަށް މި ވާހަކަ ކަމުދިޔަ ކަމުގައި ވެސް އުންމީދު ކުރަން. ވާހަކައާ މެދު ޚިޔާލެއް ނުވަތަ ޝުޢޫރެއް ފާޅުކޮށް ދެއްވާނެ ކަމަށް އުންމީދުކޮށް “ކޮމެންޓް” އަށް އިންތިޒާރު ކުރަމެވެ.

ކިޔުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ހާއްސަކޮށް ކޮމެންޓް ކޮށްދިން ކުދިން ފާހަ ކޮށްލަން.

Kujja , falak , Dhim ,Aula , Anonymous , Fan of shalyy , shalyy’s Fan , Hassan , Black , Divine Mercy , Gurrly Currly , Shaba_17 , Black kolhu , Lilly , Your fav Bestie , Annie , Lala , Toy.D , Lily , ޝނކސ

 

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ހައްލަކީ ކޮބާ؟- ޓްރެއިލާ.

Previews
August 31, 2026

ހައްލަކީ ކޮބާ؟- ޓްރެއިލާ.

4 Comments!

  1. ޝނކސ ޝނކސ says:
    August 31, 2026 at 11:11 am

    Mash allah vrh ibaraiy theri vhk rh vrh asarug adha vrh furi hama vhk rh hoping to get a new story from you sooon keeep up tht hard work

    1. Shaleen says:
      August 31, 2026 at 11:27 am

      Thanks dear
      V ufaavejje vaahaka kamudhiyaima.
      Dhen shaleen break eh nagaalan visnanee. Dhigu vaahaka eh mi aharu kiyaalan nulibunas, kuru vaahaka eh liyeveytho balaanan. In sha Allah.

      Alhugandu ge mi vaahaka ah eki part thakuga comment kolladhineethee v bodah shukuriyyaa.
      V ufaavey.
      V thee loabi reader eh ❤️❤️❤️

  2. Anonymous says:
    August 31, 2026 at 11:39 am

    vrh ibratheri vahakeh👍🙂

    1. Shaleen says:
      August 31, 2026 at 12:03 pm

      Vaahaka kiyaalaafa thihaa reethi comment eh kolladhineema Hithuge emme fun minun Shukuriyyaa..
      V ufaavejje.
      Thee v loabi reader eh ❤️ ❤️ ❤️

Comments are closed.



All Right Reserved!