ހިތުގެ ސިއްރު (1ވަނަ ބައި)
ނޫކުލައިން ފިޔާތޮށި ކުލައަކަށެވެ. ފިޔާތޮށި ކުލައިން އޮރެންޖު ކުލައަކަށެވެ. އޮރެންޖު ކުލަ ފަޑުވަމުން ގޮސް ކަޅު ކުލައަކަށެވެ. ފަޒާއަށް އަރައި ފައިބަމުން ދިޔަ ކުލަވަރަށް ބަލަން ވަށައި ފާރާއި އިންވެގެން ހުރި ޖޯލިފަތީގައި އަހަރެންނަށް އޮވެވުނީ ގެއްލިފައެވެ. އެއިން ކޮންމެ ކުލައަކުން ވެސް ބުނެދެނީ ތަފާތު ކަމެކެވެ. ކުރުވައިދެނީ ތަފާތު އިހްސާސެކެވެ. ހަމަ އެ ބީދައިން އިންސާނުންގެ ހަޔާތަށް އަންނަ ބަދަލުތަކުގެ ކުލަ އާއި ކުރެވޭ އިހްސާސް އާއި މުޅިން ތަފާތެވެ.
ދިރިއުޅުމުގައި ކުރިމަތިލާން ޖެހޭ ބަދަލުތަކަށް ހިތް ކިތަންމެ ބޭގަރާރުވާން އެދުނަސް، އެ ދަނޑިވަޅަކަށް އިންސާނާ ފެތެން މަޖުބޫރު ކުރުވައެވެ. ގަރާރު ކުރުވައެވެ. މިއަދު އަހަރެންނަކީ ހިތް ކިތަންމެ ބޭގަރާރުވާން އެދުނަސް މަޖުބޫރުކަންމަތީ ގަރާރުވެފައިވާ މީހެކެވެ. މީހެއްގެ ހައްގެކެވެ. ކުޑަކުޑަ 3 އަހަރަށްދާ ފިރިހެން ކުއްޖެއްގެ މަންމައެކެވެ. މައިދައިތަ އާއި ބަފައިބެގެ ޅީދަރިއެކެވެ. އެ މީހުންގެ އެއް ފުރާޅޭއްގެ ދަށުގައި އުޅެންޖެހިފައިވާ ނިކަމެތި މަންމައެކެވެ. އަމިއްލަ އާއިލާގެ މީހުންގެ އަޅާލުމަށް ބޭނުންވެ، އެކަމުން މަހްރޫމުވެފައިވާ އިންސާނަކީމެވެ.
މި ދިރިއުޅުމަށް މަޖުބޫރު ވުމުން، ދަރިފުޅަށް ޓަކައި ކައިވެނި ދަމަހައްޓަން ޖެހިފައިވާ މިތުރެކެވެ. އެ ދަރިފުޅަށް ބޭނުންވާ ބައްޕައެއްގެ ލޯތްބަށް ޓަކައެވެ. އެ ލޯބިން ދަރިފުޅުގެ ހިތް ކަތިނުލުމަށް ޓަކައެވެ. އެ ދަރިފުޅަށް ޓަކައި ގުރްބާންވާން ސިކުނޑި އެދޭތީއެވެ.
“މަންމީ!” ފަޔާ ސައިކަލު މަޑުކޮށްލުމާއެކު ސައިކަލު ފަހަތުގައި އިން ފާޒް ސައިކަލުން ދެމިގަނެގެން ފޭބިއެވެ. އަހަރެންނަށް އެ ވަގުތު ސިހިގެން ގޮސް އެ މައުސޫމު ފުރާނައަށް ބަލާލެވުނެވެ.
“ދަރިފުޅު ހާދަ އުފާވެފަ، ކިހިނެތްވީ!” ފާޒްގެ މޫނުމަތީގައިވާ އުފާވެރިކަމުގެ ހިނިތުންވުން ފާޅުވޭވޭ ހުއްޓެވެ.
“މިއައި ބައްޕި އެކީ ވެލިގަނޑަށް ކުޅެން ގޮސްފައި” ފާޒް އަހަރެންގެ އުގަށް ވަންނަމުން ބުންޏެވެ.
“އަސްލު! މަންމި ވަރަށް އުފާވެއްޖެ ދަރިފުޅު ހިނިތުންވެ ހުންނާތީ! މާޝާ ﷲ. ހިނގާ ވުޟޫކުރަން ބަންގި ގޮވާ އަޑު އެ އިވެނީ! ދަރިފުޅު ބައްޕި އާއިއެކު މިސްކިތަށް ދާންވާނެ” ފާޒްގެ ކޮލުގައި އަހަރެންނަށް ފިރުމާލެވުނެވެ.
އަހަރެންނާއި ފާޒްގެ ފަހަތުން ފަޔާ ގޯތިތެރެއަށް ވަދެގެން އައެވެ.
……
ފަޔާ އާއި ފާޒް ނަމާދަށް ފޮނުވާލުމަށްފަހު އަހަރެން އަވަސްވެގަތީ ނަމާދަށް އަރާށެވެ. އަވަސްއަވަހަށް ފާހާނާއަށް ވަދެ ވުޟޫކޮށްގެން ނުކުމެ އަލަމާރި މަތީގައި އޮތް މުސައްލަ ނަގާ ބިންމަތީގައި އެޅީމެވެ. އަދި ދޮޅި އަޅައި އިސްޓާކީނަށް އަރާ ހަށިގަނޑުގެ އައުރަ ފޮރުވާލީމެވެ. ނަމާދުކޮށް ނިންމާލުމަށްފަހު ދުޢާއަށް އަތް ނެގީ އުއްމީދުގެ ހުޅުކޮޅު ނިއްވާލަން އެއްގޮތަކަށް ވެސް ހިތް ނޭދޭތީއެވެ. ކަލާނގެ ހަޞްރަތަށް އެދި ދެންނެވުމަކީ އެންމެ މޮޅު ފަރުވާކަން އެނގޭތީ ވެސް މެއެވެ.
“އޫނ. ކޮން ދުޢާއެއް ކުރާކަށް. ހަމަމިހާރު އާދޭ ކާން ހަދަން.” މައިދައިތަގެ ހަރުކަށި އަޑު ކަންފަތުގައި ޖެހުމާއެކު ދުޢާއަށް އަތްނަގައިގެން ލޯ މެރިފައިއިން އަހަރެންގެ ލޯ ހުޅުވާލެވުނެވެ.
ދުޢާ އަވަހަށް ނިންމާލީ މައިދައިތަގެ އެދުން ފުއްދައިދިނުމަށް އަވަސްވެގަތުމަށެވެ. އެ ލޯތްބަށް ބޭނުންވާތީ ކޮށްދެވޭން އޮތް ކަމަކަށް ފުރަގަސް ނުދޭށެވެ. މުސައްލަމަތިން ތެދުވެ ދޮޅި އާއި އިސްޓާކީނު އެއަށްލައި އޮޅާލީމެވެ. އަދި އަލަމާރި މައްޗަށް މުސައްލަ ލުމަށްފަހު ކޮޓަރިން ނުކުތީމެވެ. އޭރު މައިދައިތަ އުޅެނީ ކާން ހަދާށެވެ. އަހަރެން ގޮސް އެހީތެރިވާން ފެށީމެވެ.
“މަންމާ! މިއަދު ހުންނާނީ މަންމަ ބުނެގެން މިރުސް ނާޅާ ޓޮމާޓޯ ބަތް ކައްކާފަ!” އޯގާތެރި ރާގަކަށް އަހަރެން ބުނީމެވެ. ނަމަވެސް އެއްވެސް ރައްދެއް ނުދެއެވެ. އަޑު އިވޭކަމަކަށް ވެސް ނެހެދިއެވެ. އަޑު ނީވުނީކަމެއް ނޫނީ ނީވޭ ކަމަށް ހެދީކަމެއް ވެސް ނޭނގެއެވެ. ވީދެރައިން އަހަރެންނަށް އަނގައިން ބުނަން ވެސް ނުކެރުނެވެ. ނަމަވެސް ދެލޮލުން ކަރުނަ ތިއްކެއް ނުފޭއްދުމަށް ހިތްވަރު ލިބުނީ ހެއްދެވި ފަރާތަށް އިތުބާރު ކުރެވޭތީއެވެ. އެ ފަރާތުން އެއްވެސް މީހަކަށް ދެރަގޮތެއް މިންވަރު ނުކުރައްވާނެކަން ޔަގީން ވާތީއެވެ.
“މަންމީ! ކޮބާ ފާޒްގެ ބަތްތަށި!” ކާގެއަށް ވަދެގެން އައި ފަޔާގެ އަތުން ފާޒްގެ އަތް ދޫކޮށްލަމުން ގޮނޑީގައި އިށީނެވެ.
“މާމަގެ ލޯބި. މާމަ ހުއްޓާ ދަރިފުޅަށް ބަތްތަށި ލިބެން ލަސްވާނެތަ. މި އަޅައިދެނީ” މައިދައިތަ ތައްޓެއް ނެގުމަށްފަހު، އަހަރެންނަށް ބަލައިލާފައި ބުންޏެވެ.
“ޝުކުރިއްޔާ މާމަ!” ބަތްތަށި ގެނެސްދިނުމުން ފާޒް ސަމްސާ ނަގައި ކާން ފެށިއެވެ.
އެރޭ ސުފުރާމަތީގައި އެއްވެސް މީހަކު އަނގަޔަކުން ނުބުނެއެވެ. ފާޒް ފިޔަވައި އެންމެން ވެސް ދޭތެރެދޭތެރެއިން އަހަރެންނަށް ބަލާލައެވެ. ހީވަނީ އަހަރެންނަށް ބޮޑު ކުށެއް ކުރެވިގެން އޭގެ އަދަބު ދެނީ ހެންނެވެ. ނޫނީ ކޯޓަށް ހާޒިރު ކުރަން ލަސްވެފައި ތިބި ހެންނެވެ. ޝައްކެއް ވެސް ނެތެވެ. ޔަގީނެވެ. ފާޒް ނިދުން ލަސްވާނެއެވެ. ފިރިމީހާގެ ކޯޓަށް އަހަރެން ހާޒިރު ކުރުވާނެއެވެ. ނަމަވެސް އަހަރެން ކުރީ ކޮން ކަމެއް ހެއްޔެވެ؟ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އޭނާގެ ސުވާލުތައް އަހަރެންނާއި ކުރާނީ ހަމައެކަނި އަނގަޔަކުން ނޫނެވެ. އަތުން ވެސް ކުރާނެކަން ޔަގީނެވެ. އެއީ ކޮންމެ ފަހަރަކު ވެސް އާދައެވެ. އަހަރެންނަށް އަލެއް ނޫނެވެ.
ފާޒް ނިންދެވުމަށްފަހު އަހަރެން ކޮޓަރިން ނުކުތީ ފިރިމީހާ މެސެޖުކޮށްފައި ގޯތިތެރޭގައި ހުރި އަށި ކައިރިއަށް އައުމަށް ބުނުމުންނެވެ. އޭރު މައިދައިތަ ރުޅިވެރި ގޮތަކަށް ބަލާލުމަށްފަހު، ކޮޓަރިއަށް ވަންނަނީއެވެ. ފަހަތުން ބަފައިބެ ވަދެގެން އާދެއެވެ. އިސްއުފުލާލާ ބަލާ ވެސް ނުލައެވެ. އެނގެއެވެ. ބަފައިބެގެ އެއްވެސް ބާރެއް ފޯރުވިޔަކަ މައިދައިތަ ނުދޭނެއެވެ. މައިދައިތަގެ ގޮތްދޫނުކުރުން ބަފައިބެއަށް އެނގެއެވެ.
އަހަރެން ގޯތިތެރެއަށް ނުކުމެގެން ދިޔައީމެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

MA 1st part v reethi
Alhey hama gina anhenun ge life dhanee mihen arranged marrige nooniyya forced
CW4THENEXTP
TC
insha’Allah mi week nimenvaairah part 2 laanan. Kiyaaladhehche