ހިމޭން 13
“މިންހާ އުޅެނީ ސްކޭނެއް ހަދަން މާލެ ދާން.. ދާނީ އޭނާގެ ރައްޓެހި އިނާޔާއާ އެކީ… އެހެންވެ މިންހާގެ ކުދިން ކޮޅު ބަލައި ދޭންވީނު؟… މިއަދު އަހަރެން ހަވީރު މި ފުރަނީ އާމީރުގެ ރަށަށް.. އާދެވޭނީ ހަފްތާއެއް ފަހުން. ހީވަނީ އެހާ ތަނަށް މިންހާ ވެސް ނިމިގެން އަންނާނެހެން…” އަމީލު ވާހަކަ ދައްކާ ނިމިގެން މަޑުމަޑުން ރީމްގެ އަތް ތިލައިގައި ހިފާލިއެވެ.
“ކިހިނެއްވީ ލޯބީ؟ ރުޅި އައީތަ؟ އަތުގަ ހިފީމަ ކަމު ނުދިޔައީތަ؟ ނޫނީ އެ ކުދިން ނުބެލޭނީތަ؟” ކުއްލިޔަކަށް ރީމްގެ އަތްތިލަ ދުރަށް ޖައްސާލުމުން އަމީލު ދިޔައީ ސިއްސައިންނެވެ.
***********
“ވިސްނާލާނަން..” ރީމް ބުނީ ކުރު ޖުމްލައެކެވެ.
“ކޮން ކަމަކާ؟… މިއަދު ކިހިނެއް ވެފަތަ ތި އިންނަނީ؟… ހީވަނީ އަހަރެން ދެކެ ފޫހިވެފަ އިންނަހެން.. އަނެއްކާ އަހަންނަށް ކަމެއް ކުރެވުނީތަ؟” ޝައްކުގެ ދެތިން ރޫ ނިއްކުރިޔަށް ޖަމާ ކޮށްލަމުން އަމީލު ބުންޏެވެ.
“އަހަންނަށް އެބަ ފެނޭ އެދާ ދޯނި… އެ ދޯނި އަސްލު އެ ދަނީ ހާދަ އޮމާން… ހާދަ އަމާން ކަނޑެއްގައޭ… އެ ކަނޑު އެހެން އޮތްހާ ހިނދަކު، އޭގަ ތިބޭ މީހުން އެ މީހުންގެ މަންޒިލަަށް ދެވެންދެން ތިބޭނީ ހާދަ ހިތްހަމަ ޖެހިގެނޭ ދޯ.. އަޅެ ނޫންތަ..؟” ކަނޑަށް ބަލަން ހުރެ ވާހަކައިގައި އަމީލު ބައިވެރި ކޮށްލަމުން ރީމް ބުނެލިއެވެ.
“ހެހެހެ… އާނ އެޔެއްނު އެކަން ވާނެ ގޮތަކީ.. ދެންމެ އަހަރެން މިތާ މި ދެއްކީ ދަރިންކޮޅު ބަލާ ވާހަކަ… އެކަމު ރީމް ތި ދައްކަނީ ކަނޑު ދަތުރު ކުރާ މީހުންގެ ވާހަކަ….. އަނެއްކާ ލޯބި މޮޔަވީތަ؟…” ރީމް ދެއްކި ވާހަކަތައް އެއީ މަޖަލަކަށް ހަދަމުން ހިނިއައިސްފައި އިނދެ އަމީލް ހިފާލީ ރީމްގެ ދަތްދޮޅީގައެވެ.
“ހެހެހެ… ދެން ވިސްނާލަބަލަ.. އެހެން ވިއްޔާ އެ މީހުން އެ ދާން އުޅޭ މަންޒިލަަށް ނުދެވެނީސް ކަނޑު ގަދަވެ ވިއްސާރަ ވިއްޔާ ދޯނީގެ ކެޔޮޅު ހާދަ ބޮޑަށް އެކަމާ ވިސްނަން ވާނެއޭ ދޯ… މި ބުނި ކޮޅިގަނޑެއްގަ ޖެހޭ ވަގުތު ކެޔޮޅު އެކަމަށް ނުވިސްނިއްޔާ ދެން ކިހިނެއްވާނީ؟” އަނެއްކާ ވެސް ރީމް ކުރީ ސުވާލެކެވެ.
“އޭރުން އެމީހުން ކަނޑު ވާނީނު؟… ރީމްއަށް ވެސް ދެން އެވަރު އިނގޭނު.؟” މޫދާ ދިމާލަށް ބަލަން ހުރި އަމީލުގެ ނަޒަރު ސީރިއަސް ކަމާއިއެކު ހުއްޓާލީ ރީމްގެ މޫނަށެވެ.
“ހެހެހެ… ނަސީބެއްނު އަމީލަށް އެވަރު ވިސްނުނުކަން. އެކަމު މައްސަލައަކީ ދެން ކަނޑުވެގެން ބެހެމުންދާ ވަގުތު ކަންތައް ކުރަންވީގޮތް ބައެއް މީހުންނަށް ރަނގަޅަށް ނުވިސްނޭތީ… އެހެންނު؟..” އަމީލާ ދިމާލަށް ބަލައިވެސް ނުލާ ރީމް ދިޔައީ އޭނާގެ ވާހަކަ ކުރިޔަށް ގެންދަމުންނެވެ.
“ދެން… ދެން…؟ އެހެންވިއްޔާ އެކަހަލަ ގަޑިއެއްގަ ރީމް ކަންތައް ކުރާނީ ކިހިނެއް؟” އަމީލާ ދިމާލަށް ނުބަލާން ހުރި ރީމްގެ ކުރިމައްޗަށް އަރާ ރީމްއާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
“އޭރުން އަހަރެން ވަރަށް މަސައްކަތް ކުރާނަން ސަލާމަތް ވާން… ފަތަން ނޭނގޭ މީހުން ވެސް ވަރަށް މަދު ފަހަރެއްގަ އެބަ ހުރޭނު ސަލާމަތްވެފަ…. ދޯ؟… އިރާދަ ކުރެއްވިއްޔާ… އަހަރެންވެސް ވިސްނުންތެރި ކަމާއެކު އެކަހަލަ ކަންކަމުން ސަލާމަތް ވާނެ ގޮތެއް ހޯދާނީ…” ގަދަ ކަމުން ހިނިތުން ވަމުން ރީމް ބުނެލީ ދިރިއުޅުމާ ދޭތެރޭ މިހާރު އޭނާގެ ވިސްނުން ހުރި ގޮތެވެ. ތެދެކެވެ. ގަދަ ކަނޑަކުން މިންޖުވާން މަސައްކަތް ކުރުމެކޭ، އަމީލުގެ ހަޔާތުން ދުރުވާން މަސައްކަތް ކުރުމެކޭ މާބޮޑު ތަފާތެއް ނެތެވެ.
ސްކޫލުގެ ކިޔެވުން ނިމުނު ގަޑިއެވެ. ހަލަބޮލި މާހައުލުން ބެލެނިވެރިން އެމީހުންގެ ޒިންމާގެ ދަށުގައިވާ ކުދިން ގޮވައިން ގެއަށް ދިއުމަށް ނުކުންނަމުން ދިޔައެވެ. ކޮންމެ ބެލެނިވެރިއެއްގެ ކޮނޑުގައި ދަބަހެއް އަޅާފައި ވާއިރު ކުދިންގެ އަތުގައި ހިފައިން ހޭލަމޭލަ ވަމުން ދެއެވެ.
ސްޓާފް ރޫމުގެ ދޮރުމަތީ ހުރި ޝަރާގެ ކޮނޑުގައި ނަޝާޔާގެ ދަބަސް އަޅާފައި ވާއިރު އެއް އަތުން ހުރީ ނަޝާޔާގެ އަތްތިލައިގައި ހިފައްޓައިންނެވެ. އެތެރެއިން ނުކުމެގެން އައި އަންހެން ޓީޗަރު އޭނާގެ ސޯލް ރީތިކޮށް ލަމުން ފައިލަކާއި ގަލަމެއް ހިފައިން ނުކުތެވެ.
“މިހާރު މީހުން ތަންކޮޅެއް މަދުވެއްޖެ ނޫންތޯ… މިތާ ދޯ ތިބެލާނީ..” ސްޓާފް ރޫމާ ދިމާ ބޭރުގައި ހުރި ގޮނޑިތައް ދައްކާލަމުން ޓީޗަރު އިށީނެވެ.
ޝަރާ އާއި އެކު ނަޝާޔާ ވެސް އިށީނެވެ. އޭރު ވެސް ޝަރާ އިނީ ގެއަށް ދެވޭނެ އިރެއްގެ އިންތިޒާރުގައެވެ. ވިޔަފާރި މަސައްކަތްތަކުގެ ސަބަބުން ޝަރާގެ ބޮލަށް ވަނީ ބަރުވެފައެވެ. އެހެން ނަމަވެސް ޓީޗަރ ގުޅާފައި ބުނި ބުނުމަށް ފުރަގަސް ދޭން ބޭނުން ނުވާތީ ޝަރާ އެތަނަށް ހާޒިރުވީއެވެ.
“އިނާޔާ ކިޔާ ބެލެނިވެރިއަކާ އަޅުގަނޑު ބައްދަލު ކޮށްލިން…… އޭރު އަޅުގަނޑު ވާނީ ނަޝާޔާގެ ބައެއް ވާހަކަތައް ހިއްސާކޮށްލާފަ. ހަމަ އެގޮތަށް އިނާޔާ ވެސް ވަރަށް މުހިއްމު ވާހަކަތަކެއް އަޅުގަނޑާ ހިއްސާ ކުރި…” ޓީޗަރުގެ ވާހަކަ ދެއްކުން މެދު ކެނޑުނީ ޝަރާގެ އަޑަށެވެ.
“ހަމަ ސީދާ ޕޮއިންޓް ބުނަންވީ ނޫންތޯ؟… އަޅުގަނޑަކަށް ނެތް މިތާ މާ ގިނައިރު އިނދެވޭކަށް.. އެހެން ނޫނަސް މިހިން އައިސް ކިހިނެއްތޯ “ބޮޑުތަކުރުފާނު” ވާހަކަ އަޑު އަހަން އިނދެވޭނީ… މީ ދޮގެއް ނޫންކަން އިނގޭނެ ތި ބޭފުޅާއަށް.” ޝަރާގެ ޖެހިލުން ކުޑަ ކަމާއެކު ބުންޏެވެ.
“އާދެ… މާފު ކުރައްވާ… އެހެން ނަމަވެސް އަޅުގަނޑު މި ދަންނަވާލީ މި ވާހަކަ އިނާޔާ ގާތު ބުނެލާފަ އިނީމަ… އެކަމު އެކަމަށް އެއްވެސް ބަދަލެއް ނައިސް އަދިވެސް ނަޝާޔާގެ ފަރާތުން ތަކުރާރު ވަމުން ދާތީވެ..” ފައިލްގައިވާ މައުލޫމާތުތައް ބަލަމުން ޓީޗަރ ވާހަކަ ދައްކަމުން ދިޔައެވެ.
“އިނާޔާ ތިކަހަލަ ވާހަކައެއް ނުބުނެ… އެހެންވީމަ, ކޮބައިތޯ ނަޝާޔާގެ މައްސަލައަކީ؟… ނަޝާޔާއަކީ ވަރަށް ބަސްއަހާ މަޑުމައިތިރި ކުއްޖެއް.. ދެން ހިއެއް ނުވޭ މައްސަލައެއް ޖެހޭ ވަރު ކަމެއް އޮންނާނެހެން. އަޅުގަނޑު މި ގެންގުޅޭ ގޮތަށް އެހެން މީހަކަށް ނޭނގޭނެ އެމީހުންގެ ދަރިން ބަލާކަށް ވެސް. އަޅުގަނޑުގެ ދަރި އެހާ ބަސްއަހާތީ ވަރަށް ގިނަ މީހުން ހައިރާން ވެސް ވާނެ. އަޅުގަނޑު ބުނާ ގޮތެއް ހަދާނެ. ބުނި އެއްޗެއް ކައިގެން އުޅޭ ކުއްޖެއް މީ. ދޯ މަންމި ލޯބީ!” ފަޚުރުވެރި ކަމާއެކު ޝަރާ ބުނީ ނަޝާޔާގެ ބޮލުގައި ފިރުމާލަމުންނެވެ.
“މިހާރަކަށް އައިސް ނަޝާޔާ ވަރަށް ގިނަ ގަޑިތަކުގަ އިންނަނީ ކްލާހުގަ ނިދާފަ… އޭގެ ސަބަބުން ކޮންމެ ގަޑިއެއްގަ ދެވޭ ފިލާވަޅުތައް ރަނގަޅަށް ނުނިމި ހުންނަނީ.. އަޅުގަނޑު ނަޝާޔާއާ ސުވާލު ކުރީމަ ޖަވާބެއް ނުލިބެ. ހަމަ ވަރަށް މަޑުން އިންނާނީ..” ޓީޗަރ ކިޔައިދެމުން ދިޔަ އިރު ޝަރާގެ ރުޅިވެރި ނަޒަރު ހުއްޓިފައި ވަނީ އިސްޖަހައިން އިން ނަޝާޔާގެ މޫނަށެވެ.
“ކްލާހުގަ އަނެއްހެން ބަސްނާހައެއް ނޫޅޭ.. ވަރަށް ހިމޭނުން އިންނަ ކުއްޖެއް ތީ… ގާތުގަ ތިބޭ ކުދިންނާ ބޭކާރު ވާހަކަ ދައްކާ ވެސް ނުހަދާނެ.. ތި އުމުރު ކުއްޖަކާ ބަލާފަ ވަރަށް ވާހަކަ ވެސް ނުދައްކާ މާބޮޑަށް ވެސް މަޑުން އިންނަނީ.” އަނެއްކާވެސް ޓީޗަރު ބުނެލިއެވެ.
“ތެދެއް؟… ކީއްވެތަ ކްލާސް ގަޑީގަ ނިދަނީ؟… މީގެ ފަހުން ނިމުނީ ކްލާސް ގަޑީގަ ނިދިއްޔާ… އައިޕެޑާ، ‘ޑައިރީ’ އާ އެއްލާ ލާނަން. އަޑު އިވިއްޖެ…؟ މަންމި މިހެން ބުނިއްޔާ މި ބުނާގޮތެއް ހަދާނަން. ނަޝާޔާއަށް އެކަން އިނގޭނެ.” ޝަރާ އޭނާގެ ދަތްޕިލައަށް ބާރުލާފައި ވާހަކަ ދައްކަމުން ދިޔައީ ނަޝާޔާއަށް އިންޒާރު ދެމުންނެވެ.
“ޝަރާ…! ރުޅިގަދަ ވުމަކުން މިކަން ހައްލެއް ނުވާނެ.. އައިޕެޑް ކަހަލަ އެއްޗިހި އެއްލާ ލުމަކީ ވެސް މި ކަމުގެ ހައްލެއް ނޫން.. އެހެން ނޫނަސް ނަޝާޔާގެ މި އަންނަނީ އެންމެ މައްސަލައެއް. އޭގެ ސަބަބުން ނުކުންނަ ނަތީޖާ ރަނގަޅު ކުރެވޭނީ ނަޝާޔާގެ މައްސަލަ ހައްލު ކުރެވިގެން. އެކަން ރަނގަޅު ކުރެވޭނީ ނަޝާޔާގެ އިޚްތިޔާރުން ބޭރުން ޝަރާއަށް…” ޓީޗަރުގެ ވާހަކަތައް އިވި ޝަރާ ގާތު އައި އަމަށަކު ރުޅިއެއް ނޫނެވެ.
އިރު އޮއްސުމާއި އެކު ގޭގެ ބޮޑު ދޮރު ތަޅުލާފައި މިންހާ ވަނީ ކޮޓަރިއަށެވެ. އަމީލު ވެސް ރަށުގައި ނެތުމުގެ ސަބަބުން ދޮރު ހުޅުވާފައި ބެހެއްޓުމުގެ ބޭނުމެއް ނޯންނާނެކަން މިންހާ ވިސްނައެވެ. ލިޔަމް އާއި ޝިޔާމް އެކުދިންގެ ކޮންމެސް ފިލާވަޅެއް ހެދުމުގައި ޝާމިލް ވެގެން ތިއްބެވެ. އެކުދިން ކައިރިއަށް އަޅާލާފައިވާ ފޮތްތަކާއި ގަލަން، ފަންސުރުގެ އިތުރުން އެހެނިހެން ސާމާނު ހުއްޓެވެ.
“ދަރިފުޅާ!… މިއަދު މަންމަ ސޯފާގަ އިންދަ މަންމަ އަތަށް ދިނީމެއްނު ފޯނަށް ލައްވާ ސިމެއް.. ކޮންތާކުން އެ ހޮވީ؟” ވިސްނާލަން އިނދެ މިންހާ ސުވާލު ކޮށްލީ ލިޔަމް އާއެވެ.
“މަންމަ ކޮޓަރި އެނދު ކައިރިން ހޮވީ.. ނޫން.. އަލަމާރި ކައިރިން.” ވިސްނަ ވިސްނާފައި ވެސް ލިޔަމް ބުނީ ހީވާގޮތަށެވެ.
“އެހެންތަ؟… ހިނގާ ކާން ދާން..؟” މިންހާ ބުނެލީ އޯގާތެރި ގޮތަކަށެވެ.
“ނޫން… ހަވީރު މާގިނައިން ކާޖާ ކޭމަ ދެން ނުކާނަން. ނިދަން ބޭނުމީ.” ފޮތްތައް ދަބަހަށް އަޅަމުން ޝިޔާމް ބުނެލިއެވެ.
“އެހެންވީމަ ނިދަން ވީނު ދޯ؟ މަންމަ އިންނާނަން ސޯފާގަ… ބަސްއަހައިން ނިދާލާ..” އެ ކޮޓަރިން މިންހާ ނުކުތީއެވެ.
ދޮރުގައި ޓަކި ޖަހާލި އަޑަށް މިންހާ ދިޔައީ ސިއްސައިންނެވެ. މަޑުމަޑުން ތެދުވެގެން ގޮސް ދޮރު ހުޅުވާލީ ޖެހިލުން ވެފައި ހުރެއެވެ.
“އިނާ!…” މިންހާއަށް އެހެން ބުނެލެވުމާއި އެކު އިނާޔާ އެތެރެއަށް ވަދެގެން ގޮސް ސޯފާގައި އިށީނެވެ.
“އަމީލު ބުނި މިގެއަށް އާދެބަލާށޯ… އަނެއްކާ ކީއްވީ؟ މިންހާ މާ ބަލީތަ؟” ކޮންމެސް ވަރެއްގެ ހާސްކަމެއް މޫނު މައްޗަށް ވެރިވެފައިވާ އިނާޔާ ބުނެލިއެވެ.
“ކޮން އިރަކު އަމީލު ތިހެން ބުނީ؟” އަނެއްކާ ވެސް އިނާޔާ ކޮށްލީ ސުވާލެކެވެ.
“ހަވީރު… ކޮންމެސް ތާކަށް ފުރަން ދަބަސް އަޅައިން ހުރީ ވެސް.. ދެން ބުނި މިންހާ ގާތަށް ގޮސްލައްޗޭ… ކޮންމެސް ވާހަކަ އެއް ބުނާނެއޯ…” އިނާޔާގެ އެ ހާސްކަމަށް ބަދަލެއް ނާދެއެވެ.
“އިނާ…! ޑޮކްޓަރ ބުނެފަ އޮތީ ބަނޑުގެ ސްކޭނެއް ހަދަން މާލެ ދާށޭ.. ބަލާނެއްނު ބަނޑުތެރެ ރީއްޗަށް ސާފުވިތޯ… އަމީލު ބުނި އިނާޔާއަށް ވަންޏާ އިނާޔާއާ އެކީ މާލެ ދާށޯ؟… މިހަފްތާގަ އަމީލު ރަށުގަ ނުހުންނާނެތީވެ…. ދެވޭނެތަ؟” އިނާޔާގެ ކޮނޑުގައި އަތް ބާއްވާލަމުން މިންހާ އަހާލިއެވެ.
މިންހާ ދެއްކި ވާހަކަ އަޑުއެހުމަށް ފަހު އިނާޔާއަށް ބޯ ހޫރާލެވުނެވެ. އެމަންޒަރު ފެނި މިންހާއަށް ލަދުވެތި ވެވުނެވެ.
“ޕިސްޕިސް… މިންހާ! އަމީލު އެއީ ކޮންކަހަލަ މީހެއްތަ އަޅެ؟ މިންހާއަށް ތިވަރު ވީމަވެސް މިންހާ ގޮވައިން މާލެ ނުގޮސް، އެދިޔައީ އެހެން ރަށަކަށް.” ހިތްހަމަ ނުޖެހިފައި ހުރެ އިނާޔާ ބުނީ ހަގީގަތެވެ.
“އިނާއަކަށް ނުދެވޭނޭތަ؟” އިނާޔާ ދެއްކި ވާހަކައަށް އެއްވެސް ޖަވާބެއް ނުދީ އިސްޖަހައިން ހުރެ މިންހާ ކޮށްލީ ސުވާލެކެވެ.
“މަށަށް ދެވިދާނެ. މަ އަބަދު ވެސް މިންހާގެ ކަމެއް ވިއްޔާ ހުންނާނީ ވަރަށް ކޮށްދޭ ހިތުން. އަހަރެން ހިދުމަތް ކުރަން ޖެހޭ ފިރިއަކު ނުހުންނާނެ. ދެން ބަނޫން ބަހައްޓާނީ އޭނަ މާމަ ގާތުގަ. ކޮން އިރަކު ދަނީ؟” އިނާޔާ ވަރަށް ޝައުގުވެރި ކަމާއެކު މިންހާއަށް ބަލައިލިއެވެ.
“މާދަން ނޫން އަނެއް ދުވަހަށް ރެޑީ ވެވިދާނެ. އަދި ޖެހޭނެ އަހަރެންގެ ކުދިން ވެސް ހަވާލު ކުރަން.” ކަންބޮޑު ވެފައިވާ ފަދަ ގޮތަކަށް އިސްޖަހާލަމުން މިންހާ ބުންޏެވެ.
“ކާކާތަ ހަވާލު ކުރާނީ ވެސް..؟ ކުރިން މިންހާ މާލެ ދާއިރު ބޮޑުދައިތަ ގާތަށް ގެންދިޔަސް،… އެ މީހުންނާ ވާހަކަ ދައްކަން އަމީލު ހިތްހަމަ ނުޖެހެންޏާ… ބޮޑުދައިތަ ގާތަށް ވެސް ނުގެންދެވޭނު؟” އިނާޔާ ބުނީ ތެދެކެވެ. އަމީލު ވަނީ ރަށުގައި ތިބި މިންހާގެ އާއިލާގެ މަދު މީހުންނާ އެއްކޮށް ގުޅުން ކަނޑުވާލާފައެވެ.
“އަހަރެން ވިއްޔޯ…… މަންމަން ވެގެން ހުރެ… އެކުދިން ގެންގޮސް ރީމްއާ ހަވާލު ކުރާށޭ އަމީލު ބުނީ… އަމީލު ރީމްއާ ވާހަކަ ދައްކާނަމޯ” މައުސޫމު ގޮތަކަށް މިންހާ ބަލައިލީ އިނާޔާގެ ލޮލަށެވެ.
“އަހަންނަށް ވެސް ފެންނަނީ އެކުދިން ރީމްއާ ހަވާލުކުރަން.”
އިނާޔާގެ އެ ޖުމްލަ އަޑު އިވި މިންހާ ސިއްސައިން ދިޔައެވެ. މިންހާގެ ދެ ބުމަ އެއްފަހަރާ ގޮށް ޖަހާލެވުނީ އިނާޔާ އާއި ދިމާލަށް ޝައްކުގެ ނަޒަރުން ބަލައިލަމުންނެވެ.
– ނުނިމެ –
ކިޔުންތެރިންނަށް ސަލާމް! މިއީ މިނިވަން ދުވަހާއި ގުޅިގެން ތިޔަ ކިޔުންތެރިންނަށް ގެނެސްދިން “ބޯނަސް ޕާޓް” އެކެވެ. 🇲🇻
މި ހަދިޔާ ކަމުދިޔަ ކަމަށް އުންމީދު ކުރަން.
ދެން ހުރި ބައިތައް ހޯމަ އަދި ބުރާސްފަތީގައި ކިޔާލަން ލިބޭނެ. އިންޝާﷲ.
އަޅުގަނޑުމެން ލިޔުންތެރިން ވާހަކަ ސަބްމިޓް ކުރިޔަސް އެޑްމިންގެ އެޕްރޫވަލް ލިބުމުން ޕަބްލިޝް ވާނީ އިނގޭ… ކިޔުންތެރިން ވާހަކައަށް ތި ދެއްވާ އެއްބާރުލުމާއި ބަހައްޓާ ކެތްތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ❤️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Awwwwn… thank u soo much bonus part eh genes dhineema…
Maashaa allah mi part vx varah varah reethi….
Eagerly waiting for the next part…
Keep it up shaleen sis ☺️
Welcome 😊
Alhamdh lillah for this comment.
Next part maadhan submit kollaanan in sha Allah. Dhen admin publish kolladhineema kiyaalan libeyne in sha Allah.
@Gurrly currly ge vaahaka eh kiyaalaafin. v beynun vakin vaahaka dhakkaalan ingey.
Thanks for the support.