ހިމޭން 12
“މަންމީ…! ނަޝާޔަށް ކޯއްޗެއް ގެނައީ؟”
ކެތްތެރިކަން ކުޑަވެގެން ނަޝާޔާ ބުނެލިއެވެ. އެއާއި އެކު ޝަރާ ތެދުވެގެން ގޮސް ނަޝާޔާ ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ.
“ސޮރީ މަންމި ލޯބީ…! އެއްޗެއް ނުގެންނަން… އެކަމު މަންމަ ދޭނަން ނަޝާޔާއަށް ފައިވް ރުފިޔާ.. އޯކޭނު؟… މަންމައަށް އެނގޭ ނަޝާޔާ މަންމަ ބުނީމަ ވަރަށް އަވަހަށް އޯކޭ ވާނެކަން. ތި ނުލާހިކު ބަސް އަހާ ކުއްޖެއް.. އުމްމްމްމަމަ” ނަޝާޔާ ހަމަ ޖައްސައިލަން އޭނާގެ ކޯތާފަތަށް ޝަރާ ދޮނެއް ދިނެވެ.
************
އެ ކުޑަކުޑަ މައުސޫމު މޫނުގައި ކުރިން ހުރި އުފާވެރި ކަން ހިނދުކޮޅެއްގެ ތެރޭގައި ފަނޑުވިއެވެ. ގިނަ ދުވަސް ތަކެއް ވަންދެން ޝަރާއާ ދުރުގައި ހުރެ، މިއަދު ލިބިދާނެ ހަދިޔާއެއްގެ އިންތިޒާރުގައި ހުރި ނަޝާޔާއަށް ކުޑަ ނަމަވެސް އެއްޗެއް ނުގެނައިމަ ވީދެރައިން ނަޝާގެ ހަށިގަނޑުގެ ހަރަކާތްތަކާ އެކު މުޅި މީހާ ހަމަ ހިމޭންވިއެވެ.
ނަޝާޔާގެ ހިތުގައި އޭނާގެ މަންމައަށް ޓަކައި ދެވިފައިވި ލޯތްބަށް ފެން ބޮވައިގަނެފައި ވާވަރު ހާމަވިޔަސް، އެ މާހައުލު ދިޔައީ ނަޝާޔާއަށް މަލާމާތް ކުރަމުންނެވެ.
“ނަޝާޔާ…! ކޮބާ ކުރިންވެސް ބުނީމެއްނު… ލަގްޒަރީ ތަންތަން ފެނުނީމަ މަންމަ ނަޝާޔާ މަތިން ހަނދާނެއް ނުވާނެއޭ.” ސޯފާގައި އިން ޝާހު ބުނެލިއެވެ.
“އަޅޭ އެކަމަކު ޝަރާ!… ރަނގަޅު މީހެއްތީ… އެކުއްޖާއަށް ގުޅާ ނުލިތާ ތިޔަ އައީ ހަދިޔާ ގަނޑެއް ވެސް ނުލާވިއްޔަ… ވިސްނާލަބަލަ އަޅެ. ބަނޑު އަޅާ ވިހޭ ދަރި ވިއްޔަ އެއީ.” ސަކީބާއަށް ނީންދެވިގެން ބުނީ ޝަރާގެ އެ އަމަލު ކަމު ނުދިޔުމުންނެވެ.
“އަޅެ މަންމާ!.. ހަމަ އެކަނި ނަޝާޔާ އެއް ނޫނޭ… އަހަރެން ނުގެންނަން މަންމަ މެނަށް ވެސް އެއްޗެއް… އަދި ވިޔާމަކީ ފިރިމީހާ… އޭނައަށް ވެސް ނުގެންނަން. މޮޅުކަމަކީ…. އޭނަ އަކަށް ނޭނގޭނެ މަ ރާއްޖެ އައި ކަމެއް ވެސް..” ޝަރާގެ ކޫލް ކަމުގައި އޭނާ ވާހަކަ ދައްކަމުން ދިޔައެވެ.
“މާލެ ދާށޭ…؟ އެ ކީއްކުރަން…؟ މިހާރު ދަރި ވެއްޓިއްޖެ އެއްނު؟” ޑޮކްޓަރ ކޮޓަރީގައި އިން އަމީލު ސުވާލު ކުރީ އެކަމަށް އިންކާރު ކުރާ ކަހަލަ ގޮތަކަށެވެ.
“ލައްބަ… އެހެން ވީމަ މާލެ ގޮސް އެބަ ޖެހޭ ސްކޭނެއް ހަދާލަން.. އޭރުން ޔަގީން ވާނީ މިންހާގެ ބަނޑުތެރެ ސާފުވީ ކަމެއް. މިކަން ދިމާވި އިރު ބަނޑަށް އަށް ހަފްތާ…. އެތެރެ ހަށީގެ ކަމެއް ވީމަ އެބަ ޖެހޭނޫންތޯ ޔަގީން ކޮށްލަން.” ވަރަށް ފަރުވާތެރި ކޮށް ބަލަން އިނދެ ޑޮކްޓަރ ކިޔައިދިނެވެ.
“މާލެ ނުދިޔައްޔާ؟….” އަމީލު ކޮށްލީ ގޮތްދޫ ނުކުރުމުގެ ސުވާލެކެވެ.
“އޭރުން މިންހާގެ ސިއްހަތަށް ގެއްލުމެއްވެ، ފަހުން ކަމެއް ގޯސް ވިއްޔާ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ތިބޭފުޅާ.. ދެންމެ އަޅުގަނޑުމެން ފުރާލި ފޯމުގަ ސޮއި ކުރީމެއް ނޫންތޯ؟” ޑޮކްޓަރ ހަނދާން ކޮށްލަދިނެވެ.
އެވަގުތު މިންހާ އޮތް ވޯޑުގެ އެނދު ކައިރިއަށް ޖެހިލަމުން ނަރުސް ކުއްޖާ މިންހާގެ އަތުގައި އިން ކެނިއުލާ ނައްޓާލިއެވެ.
“ޑޮކްޓަރ އެބެން ސްކޭނެއް ހަދަންް އެޑްވައިސް ކޮށްލާފަ. މާލެ ގޮސް އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް ދައްކާލީމަ ކުރިޔަށް ދާންވީ ގޮތް ކިޔާލަދޭނެ. ދެން މީ ބޭސް ސިޓީ.. މިއަދުން ފެށިގެން މި ބޭސްތައް ގަވައިދުން ބޭނުން ކޮށްލާތި.. އެމްބިއުލާންސް އޮތީ ރެޑީގަ” ނަރުސް ކުއްޖާ ހިނގައިގަތެވެ.
“ވާހަކައެއް އަހާލަންތަ؟…” މިންހާގެ އަޑަށް ނަރުސް ކުއްޖާ މަޑުޖެހިލިއެވެ.
“އަހަރެން… އަހަރެން މަރުކަޒަށް ގެނެސްދިނީ ކާކު؟” އޭރު ހޭބުއްދި ނެތުމުގެ ސަބަބުން ޔަގީން ނުވާ ކަމެއް އޮޅުން ފިލުވާލަން މިންހާ ބޭނުން ވިއެވެ.
“އާމިރު ކިޔާ މީހެއް… އެކަމު މިރަށު އާމިރެއް ނޫން” ހިނިތުން ވެލަމުން ނަރުސް އެތަނުން ނުކުތެވެ.
މިންހާ ގެއަށް އައިސް ވަނުމާއި އެކު ޝިޔާމް އާއި ލިޔަމް “މަންމަ” އޭ ކިޔާ ގޮވާލިއެވެ. މިންހާގެ ފަހަތުން މާބާރަށް ވަދެގެން ދިޔަ އަމީލުގެ އެއްވެސް ޝައުގުވެރިކަމެއް އެ ދެކުދިންނަކަށް ނެތެވެ. މިންހާގެ މޫނު މަތިން ފެންނަ ބަލި ކަމާއި ހިތާމައިން ފުރިފައިވާ ކުލަވަރު އެކުދިންނަށް އިހްސާސްވީ ފަދައެވެ. މަޑުމަޑުން ހިނގާފައި އައި މިންހާ ސޯފާގައި އިށީނުމާއި އެކު ދެ ކުދިންވެސް މިންހާގެ ދެ ފަރާތުގައި އިށީންދެލިއެވެ.
މިންހާގެ އަތަށް ކުޑަކުޑަ އެއްޗެއް ދިއްކޮށްލަމުން ލިޔަމް ބަލައިލިއެވެ. ވަގުތުން މިންހާ އޭނާގެ މުށު ތެރޭގައި އެ ފޮރުވާލިއެވެ. ކޮޓަރިން ނުކުމެގެން އައި އަމީލު ފެނުމާއި އެކުގައެވެ. އޭނާ އައިސް ހުއްޓުނީ ސޯފާ ކައިރީގައެވެ. އެ މޫނު މަތިން ފެންނަނީ ހިތްހަމަ ނުޖެހުމާއި ނުތަނަވަސް ކަމުގެ ކުލަވަރެވެ. އަމީލުގެ އެ މަޑުކޮށްލުމަށް ދެކުދިންނަށް ވެސް މިންހާ އާއި ގާތްވެލެވުނެވެ. އެއް ކުއްޖަކު މިންހާ ހެދުމުގެ ފަސް ބައިގައި ހިފައްޓާލި އިރު އަނެއް ކުއްޖަކު މިންހާގެ އަތުގައި ތަންކޮޅެއް ބާރަށް ހިފައްޓާލިއެވެ.
“ސްކޭން ހަދަން މާލެ ދާން ބުނެފަ އޮތީ… މިހަފްތާގަ އަހަންނަކަށް ނުދެވޭނެ. މިއަދު ހަވީރު އެބަ ޖެހޭ އާމިރުމެން ރަށަށް ގޮސްލަން.” ޖީބުން ފޯނު ނަގަމުން އަމީލު ބުނެލިއެވެ.
“ކާކާ އެކީ ދާންވީ؟” ބަލި އަޑަކުން މިންހާ ބުނެލިއެވެ.
“ލަސް ކުރާނެ ކަމެއް ނެތް.. އިނާޔާ ރަނގަޅު ވާނެ..”
އަމީލުގެ ޖަވާބުން މިންހާ ހައިރާން ވިއެވެ. ދެބުމަ ގޮށް ޖަހާލެވުނީ އެހެން ވެއެވެ. މިހުރިހާ ކަމެއް ހިނގަން މެދުވެރިވީ އިނާޔާ މިގެއިން ފެނިގެން އަމީލު އައި ރުޅީގެ ސަބަބުންނެވެ. އެކަމަކު މިހާރު ކިހާ މޮޅު ހެއްޔެވެ؟ މިކަމުގެ ހައްލަކީ ވެސް އިނާޔާ ހެއްޔެވެ؟ އަނެއްކާ އެއީ އަމީލު ހިތުން ރުހުމުން ބުނި ވާހަކައެއް ބާއެވެ؟ އެ ހިޔާލުގައި އިނދެ މިންހާ ކުޑަކޮށް ވިސްނާލިއެވެ.
“ކޮން…. ކޮން ދުވަހަކު ދާންވީ؟” މިންހާ އަހާލީ ޖެހިލުންވެ އިނދެއެވެ.
“ބަލަ.. މަށެއް ނޫން ދޯ ބަލީކީ… އަމިއްލައަށް ތިވަރުގެ ވޭނެއް އެޅީމަ ދާނެ ދުވަހާ ހުންނާނެ ތަން ވެސް ހޯދާނީ ކަލޭ.. އިނާޔާ އާ ވާހަކަ ދައްކާފަ މަށަށް ހެޔޮ މާދަމާ ދިޔަސް… ކަލޭގެ ހާލު ބަލަން މަ ގުޅާނަން އިނާޔާއަށް.” އަމީލު އޭނާގެ ޖީބުން ވޮލެޓް ނެގުމަށް ފަހު އެއްހާސް ރުފިޔާ ދިއްކޮށްލިއެވެ.
ޝިޔާމް އާއި ލިޔަމް އެވަގުތު ލޮލުގެ ހަނިކޮޅުން މިންހާއަށް ބަލައިލިއެވެ. އަމީލުގެ މުއާމަލާތް ކުރުން ހުންނަ ގޮތުން އެ ކުދިންނަށް އެގޮތް ކަމުނުދަނީއެވެ. އެއްވެސް އިހްތިރާމެއް ނެތެވެ. ބަލިވެފައިވާ މިންހާއަށް އެއްވެސް އޯގާތެރި ކަމެއް ނެތްކަން އެ ކުދިންގެ ޅަ ސިކުނޑިއަށް ނަގައިގަނެވެއެވެ. ފެންނަ މަންޒަރުތަކަށް އެކުދިންގެ ލޯ ހެކިދެއެވެ.
ފައިސާގައި ހިފަމުން މިންހާ ފުން ނޭވާއެއް ދޫކޮށްލި އެވެ. އެހެން ނަމަވެސް ކޮންމެހެން މަޝްވަރާ ކޮށްލަން ޖެހޭ ވާހަކައެއް އޮތުމުން މިންހާ އަނެއްކާ ވެސް އަނގަ ހުޅުވާލިއެވެ.
“ކުދިންނަށް ކިހިނެއް ހަދާނީ؟ ކޮންމެސް މީހަކާ ހަވާލު ކުރަން ވާނެއްނު؟.” މިންހާ ސުވާލު ކުރީ އަމީލުގެ ސިކުނޑި އެކަމަށް ހޭލުންތެރި ނުވާނެކަން އެނގޭތީއެވެ.
“އަހަރެން ބުނާ ތާކު ބަހައްޓަން ދޯ، އަމިއްލައަށް ގޮތް ނުނިންމާ ތި އެހީ….؟ އެހެން ވީމަ ރީމް ރަނގަޅު ވާނެ… އޭނަ އަހަރެންގެ ކުދިން ބަލާދޭނެ. މަ އޭނައާ ވާހަކަ ދައްކާނަން.” މިންހާއަށް އަނގައިން ބުނަން ފުރުސަތު ނުދީ އަމީލު ގެއިން ނުކުމެގެން ދިޔައެވެ.
“އެހެން ވީމަ ރީމް ރަނގަޅު ވާނެ”…. “އެހެން ވީމަ ރީމް ރަނގަޅު ވާނެ”…… މިންހާގެ ސިކުނޑި ތަކުރާރު ކޮށްލިއެވެ. ޖެހި ބުދެއްހެން ހިމޭން ވެފައި އިން މިންހާގެ ލޮލުން ވަގުތުން ކަރުނަ ފާއްދަމުން ދިޔައެވެ. އެހެން ނަމަވެސް އަވަސް އަވަހަށް އެސްފިޔަތައް ތަޅުވާލީ ދަރިން ކުރިމަތީ މިންހާ ކުރާ ހިތާމަތައް ފޮރުވާލުމަށެވެ.
ކޮޓަރި ތެރޭގައި ގުގުމަމުން ދަނީ ކުރީގެ ހިންދީ ލަވައެއްގެ އަޑެވެ. ފޯނުން ޖަހާފައިވާ އެ ލަވަޔާއި އެއްވަރަށް މަޑުމަޑުން ނަށާލަ ނަށާލާ ހުރި ޝަރާ ދިޔައީ ލޯގަނޑު ކުރިމަތީގައި ހުރެ ރީތި ވަމުންނެވެ. ޝޯލް އަޅަމުން ދިޔައިރު އެކި ދިމަ ދިމާލުން ޕިން ހަރުކުރަމުން ދިޔައީ ލަވަ އާއި އެއްވަރަށް ތުން ވެސް ތަޅުވަމުންނެވެ.
ކައިރީގައި އިން “ނޯޓް” ބްރޭންޑްގެ ލިޕްސްޓިކް ނަގާ ތުންފަތުގައި ހާކައިލިއެވެ. މަޑުމަޑު ފިޔާތޮށި ކުލައިން ޝަރާގެ ތުންފަތް އިތުރަށް ޒީނަތްތެރި ކޮށްދެމުން ދިޔައެވެ. އެވަގުތު ވައިބްރޭޝަންގެ އަޑާއި އެކު ރިންގް ވަމުން ދިޔަ ފޯނުގެ ސަބަބުން ލަވައިގެ އަޑު މުޅިން ކެނޑުނެވެ.
“ހަލޯ!.. އާދެ… ކިހާއިރަކަށްތޯ؟…. އިރުކޮޅަކުން ގޮސްލާނަން..” ވާހަކަ ދެއްކުމަށް ފަހު ޝަރާ ފޯނު ބޭއްވިއެވެ.
“އަނެއްކާ އަނެއް ކަންތައް… ޓީޗަރުން ވެސް ހީވާނީ ފާރަލާ ބައެއްހެން… މަ ރާއްޖެ ނައިސްގެން ސްކޫލު ނުހިންގިފަ…. ޕިސްޕިސް….. ހަމަ ރާއްޖެ އައި އިރަށް އެ ގުޅާލީ ސްކޫލަށް ދާން.. ބަރާބަރަށް ދަރި ސުކޫލަށް ފޮނުވާ އިރު ދެން ކޮން ވާހަކައެއްތަ ދައްކަން އޮންނާނީ…؟” އަމިއްލައަށް ކުދި ކިޔަމުން ދިޔަ ޝަރާ އިރުކޮޅެއް ތެރޭ ރީތިވެ ނިންމާލިއެވެ.
އެންމެ މީހުން މަދު ހިސާބުގެ ރީތި ދޮންވެ ތުނޑީގެ އަތިރިމައްޗެވެ. ކޮންކްރީޓް ބެންޗެއްގައި އިށީންދެލައިން އިން ރީމް ބަލަމުން ދަނީ މާދުރުން ކުރިމަތިން ފެންނަ ބިޔަ ކަނޑުގެ ރާޅުތަކަށެވެ. ރީމްގެ މޫނުން އެއްވެސް ހިތްހަމަ ޖެހުމެއް ނުފެނެއެވެ. އުފާވެރި ކަމެއް ނުފެނެއެވެ.
“ރީމް.. ލޯބީ….! ބަލާވެސް ނުލާންތަ ތި އިންނަނީ؟… ސޮރީ ދޫނީ…. ކުޑަކޮށް ލަސްވީއޭ.” ރީމްގެ ފަހަތުގައި ހުއްޓި ހުރެ އަމީލް ވާހަކަ ދެއްކިއެވެ.
“އޭތް.. ދޫނީ…! ކިހިނެއް ވެފަތަ އަޅެ ތި އިނީ؟” ރީމް ގާތުގައި އިށީންނަމުން އަމީލު ބުންޏެވެ.
“ކަމެއް ނުވެއޭ ބުނިއްޔާ ބުނާނެ.. ދެން ހަމަ ކަމެއް ނުވެ ތިހެން އިންނާނެހޭ؟… އެކަމު ވީކަމެއް ބުނިއްޔާ ބުނާނީ… ދެން އެކަމާ އަޅާނުލާށޭ… އެކަން އެއޮތީ ނިމިފަ ނޫންހޭ..” ރީމް ބަލައިލީ އަމީލުގެ ލޮލަށެވެ.
“ކޮން ވާހަކައެއް ތި ދައްކަނީ؟… ލޯބި މިއަދު ހާދަ ތަފާތޭ!.. ވީގޮތެއް ބުނެބަލަ.” ދެ ލޯ ހަނިކޮށްލަމުން އަމީލު ބަލައިލީ ރީމްގެ ލޮލަށެވެ.
“އަސްލު އެންމެ ކުރިން ގުޅާފަ މިތަނަށް އަންނަން ބުނީ އަމީލެއްނު… އެހެންވީމަ އެންމެ ކުރިން އަމީލު ބުނެބަލަ. ކީއްކުރަން އަހަރެން މިތަނަށް ތި ގެނައީ؟” މޫދާ ދިމާލަށް ނަޒަރު ހިންގާލަމުން ރީމް ބުންޏެވެ.
“ވަރަށް ބޮޑު ކަމަކު ކިޔަން.. ހިތަށް އަރަނީ ރީމް އަހަންނަށް މިކަން ކޮށްދޭނެ ބާއޭ..؟” އަމީލުގެ އަޑަށް ރީމް ބަލައިލިއެވެ.
“ކޮން ކަމެއް؟” ލުއިލުއި އަޑަކުން ރީމް ބުނެލިއެވެ.
“މިންހާ ކޮއްކޮ އުޅެނީ ސްކޭނެއް ހަދަން މާލެ ދާން.. ދާނީ އޭނާގެ ރައްޓެހި އިނާޔާއާ އެކީ… އެހެންވެ މިންހާގެ ކުދިން ކޮޅު ބަލައިލަ ދެވިދާނެތޯ އަހާލަން… ރީމް އެހާ އަވަހަށް ނުވެސް ފުރަމެއްނު. އެކަމު މިއަދު އަހަރެން ހަވީރު މި ފުރަނީ އާމީރުގެ ރަށަށް.. އާދެވޭނީ ހަފްތާއެއް ފަހުން. ހީވަނީ އެހާ ތަނަށް މިންހާ ވެސް ނިމިގެން އަންނާނެހެން…” އަމީލު ވާހަކަ ދައްކާ ނިމިގެން މަޑުމަޑުން ރީމްގެ އަތް ތިލައިގައި ހިފާލިއެވެ.
“ކިހިނެއްވީ ލޯބީ؟ ރުޅި އައީތަ؟ އަތުގަ ހިފީމަ ކަމު ނުދިޔައީތަ؟ ނޫނީ އެ ކުދިން ނުބެލޭނީތަ؟” ކުއްލިޔަކަށް ރީމްގެ އަތްތިލަ ދުރަށް ޖައްސާލުމުން އަމީލު ދިޔައީ ސިއްސައިންނެވެ.
– ނުނިމެ –
4 Comments!
Comments are closed.







Maashaa Allah mi part vx varah varah reethi…..
Alheyy ameel dhw 😐😐
Rahumeh vx nethey 😭😭
When next??
Mi part vx vvv Furihama & MA!💗 Sis,It is hama habeyys..💗✨ idk what to suggest for it!
Alheyyy Habeyyhah wure mi story ga coming up scenario’s vv rlf as gulheyy dhw.
I’m rapid about her situation so sad Anyways, When’s next?✨
Curiously waiting for the next part✨
Ly
Tc ✨
@Black
Not Kol’hu
Alheyy…Ameel eaee Animal ehh
He didn’t deserve to be a dad or a H.b
He didn’t deserve to be Bf her..
He deserves to be destroyed!
Sorry Alhugandhu cmnt baehh