އެހީގެއަގު
ތިންވަނަބައި
އިރުއޮއްސުމާއެކުރަށުތެރޭން ފެންނަމުންދިޔަ ހަމަހިމޭންކަމާއި ފަޅުކަން އިތުރުވެގެން ދިޔައެވެ. މަގުތަކުން މީހުން ފެނުން
މަދުވެފައިވާއިރު މަގެއް މަތިން ކުއްޖަކު ނުވެސް ފެނެއެވެ. ލޮލުންދެކި އަތުން ހިފުމުގެ ނަސީބު ލިބުނު ލަންމާގެ އަނިޔާވެރި މަރުގެ ސަބަބުން ގިނަބަޔަކަށްވަނީ ނަފްސާނީގޮތުން އަސަރު ކޮށްފައެވެ. މައިންބަފައިންނާއި ބެލެނިވެރިން އެބައިމީހުންގެ ދަރީންތައް ހަމަކޮށް ދުރައް ނުދާނެހެން ހިފަހައްޓަމުން ދިޔައެވެ.
އާދުވަހަކަށް އިރުއަރައި ރަށުތެރެއަށް އަލިކަން ވެރިވެގެން ދިޔައިރު ޕޮލިހުން އެބޭކަލުންގެ މަސައްކަތާއިގެން ކުރިޔަށް
ދިޔައެވެ. އެހެނަސް އަދި މިހާތަނަށް އެއްވެސް ކާމިޔާބެއް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
ލަންމާގެ މަރާބެހޭގޮތުން ނާއިލް ދައްކަމުންދިޔަ ވާހަކަތައް ޕޮލިހުންނަކަށް ގަބޫލެއް ނުކުރެވުނެވެ. އެހެންވެ އަދިވެސް
އޭނާއާ ބައްދަލުކުރުމަށް ޕޮލިހުން ނިންމިއެވެ. ހަމައެހެންމެ ހެނދުނު ހެނދުނާ ގޮސް ނާއިލާއި ބައްދަލު ކުރިއެވެ.
ޕޮލިހުން ކުރަމުން ދިޔަ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ނާއިލް ވާހަކަ ދައްކަމުން ދިޔައެވެ.
” އަހަރެން އަހަރެންގެ އަންހެނުން ދެކެ ނުލާހިކު ލޯބިވޭ. އަހަރެން އޭނާއާ ކައިވެނިކުރީ އިންނާނެ މީހަކު ނުވެގެނެއްނޫން.
އަހަރެންނަށް އޭނާއަށްވުރެ މުހިންމު މީހެއް ނެތީމަ. އަހަރެމެން ދިރިއުޅެމުން ދިޔައީ ނުހަނު އުފަލާއި ހިތްހަމަ ޖެހުމާއެކު. ދުވަހަކު ވެސް އަހަރެމެން ދެމީހުން ދޭތެރޭ މައްސަލައެއް ނުޖެހޭ. އަހަރެން ކީއްކުރާން އޭނާއަށް އެހެން ހަދާންވީ. ތިޔަ ބޭކަލުން އެއްފަހަރު އެހިޔަސް ސަތޭކަ ފަހަރު އެހިޔަސް އަހަރެން ބުނާން އޮތީ ލަންމާގެ މަރާބެހޭ އެއްވެސް މަޢުލޫމާތެއް އަހަރެންނަކަށް ނޭނގެއޭ. އަހަރެންނަށް އެކަން އެނގުނީ ތިޔަބޭކަލުންގެ ފަރާތުންނޭ. ” މަޑުމައިތިރިކަމާއެކު ނާއިލް ވާހަކަ ދެއްކިއެވެ.
” ތިޔަބުނީ ތެދެއް ނޫން. ކަލޭމެން ދެމީހުން އަބަދުވެސް މައްސަލަޖެހޭކަން މިހިސާބު މީހުންގެ ފަރާތުން އަހަރެމެންނަށް
އިނގޭ. ” ނާއިލް ވާހަކަދައްކާ ނިމުމުން އިނިސްޕެކްޓަރ ޖިނާނު ވާހަކަ ދެއްކިއެވެ.
” ކީއް މިވަނީ ؟ އެއްވެސް ހެއްކެއް ނެތި ކޮން އުނދަގުލެއް ތި ކުރަނީ ؟ ” ނުރުހުމާއެކުގައި ނާއިލްގެ ޤާނޫނީ ވަކީލް
ސާހިލް ސުވާލުކުރިއެވެ.
” ރުޅި އަޔަސް ހިނި އަޔަސް އަހަރެމެން ކުރަމުންދާ މަސައްކަތާއި ގުޅިގެން ސުވާލުކުރާންޖެހޭ ފަރާތްތަކާއި ސުވާލު ކުރާ
ނަން. އަހަރެމެންނަށް އެނގޭ ނާއިލާއި ލަންމާގެ މެދުގައި މައްސަލައެއް އުޅޭކަން. މިއީ ދޮގެއްތަ ؟ ” ނާއިލަށް ބަލާންހުރެ ޖިނާނު އަނެއްކާ ވެސް ސުވާލު ކުރިއެވެ.
” އޭނާ ދައްކާ ވާހަކަތައް އަޑުނާހާ އޭނާ ކުރާ ސުވާލުތަކަށް ޖަވާބު ނުދީ އަހަރެން ނުހުންނަން. އެކަމު ވެދާނެ އަހަރުމެން
ދެމަފިރިންގެ މެދުގައި ޒުވާބެއް ހިނގި އަޑު އެމީހުނަށް އިވުނީ ކަމަށް. ކޮންމެ ދެމަފިރިއެއްގެ މެދުގައި ވެސް އެކަހަލަ ކުދިކުދި މައްސަލަތައް ހުންނާނެ. ” ދުނިޔެމަތީގެ އާދައަށް އިޝާރާތް ކޮށް މަޑުމައިތިރިކަމާއެކު ނާއިލް ވާހަކަ ދެއްކިއެވެ.
” ކަލޭމެން ދެމީހުންގެ ޓީވީ ޕްރޮގްރާމެއް އަހަރުމެން ބެލިން. އެހެން އުޅުނު އިރު ކަލެއަކަށް ހިޔެއް ނުވޭތަ ކަލެއަށް ވުރެ
ކަލޭގެ އަންހެނުން އުޅެނީ އުފަލުގައި ކަމެއް. ” މާޒީން ކަމެއް ހަނދާންކުރާ ފަދައަކުން ނީސާމް ވާހަކަ ދެއްކިއެވެ.
ލަންމާގެ މަރާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށްޓަކައި ޕޮލިހުން ހޯދަމުންދިޔަ މީހުންތެރޭގައި ނާއިލްގެ އޮފީހުގައި މަސައްކަތް
ކުރަމުންދާ އަދުހަމް ވެސް ހިމެނެއެވެ. އަދުހަމް އަކީ ނާއިލްގެ އޮންލައިން ނޫހުގައި ވެސް މަސައްކަތް ކުރަމުންދާ މީހެކެވެ.
ޕޮލިހުން އެދުނުފަދައިން އަދުހަމް ޕޮލިސްސްޓޭޝަނަށް އައުމުން އޭނާއާ ބައްދަލު ކުރީ ނީސާމާއި ޖިނާނު އެވެ.
” އަދުހަމް! ކަލެއަކީ ނާއިލްއާއެކު އޭނާގެ ސޫރައޮންލައިން ނެރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ މީހެއްނުދޯ ؟ ”
އަދުހަމަށް ބަލާލަމުން ޖިނާނު ސުވާލު ކުރިއެވެ.
” އާން. އަހަރެން މަސައްކަތް ކުރަނީ އެތަނުގައި. ” އަދުހަމް ޖަވާބު ދިނެވެ.
” އެ ކީއްވެ ؟ ” ނީސާމް އަހާލިއެވެ.
” އެތަނުގައި އަހަރެން މަސައްކަތް ކުރާތީ އަހަރެންނަށް މުސާރަ ދޭ. އެތަނުގައި ހިނގާ ހުރިހާ ކަމެއް ވެސް އަހަރެންނަށް
އިނގޭ. ދިމާވާ މައްސަލަތަކާއި މީސްމީހުން ބޭރަށް ގޮސް އައިސް ވުން ވެސް އިނގޭ. އެކަމު ދެން ބޭރުގެ ކަންތައްތައް ދޫކޮށްލާ. އެތެރޭގެ ހުރިހާ ކަމެއް ވެސް އަހަރެންނަށް ވަރަށް ރަނގަޅަށް އިނގޭ. ނާއިލްއަކީ އަހަރުމެންގެ ބޮސް. އޭނާ ….. ” އަދުހަމް ދައްކަމުން ދިޔަ ވާހަކަތައް މެދުކަނޑާލީ ނީސާމް އެވެ.
” ހުއްޓާލާ. އެތަނުގެ ހުރިހާބަޔެއްގެ ތަޅުދަނޑި އޮންނަނީ ކަލޭގެ އަތުގައެއްނު. އެވާހަކަ ދައްކަބަލަ. ” އަދުހަމްގެ ވާހަކަތައް
މެދުކަނޑާލަމުން ނީސާމް ވާހަކަދެއްކިއެވެ.
” ނޫން. ތަޅުދަނޑިފަތި އޮންނަނީ ބޮސްގެ އަތުގަ. އަހަރެން އަތަށް ތަޅުދަނޑި ލިބެނީ ޑިސެމްބަރ އެއްތިރީސްގައި އެކަނި.
އެ ވެސް އެތަނުގެ ތަރުތީބު ބަދަލުކޮށްލާ އިތުރަށް ސާފުކޮށްލުމަށްޓަކާ. ” ޙަޤީޤަތް ހާމަ ކުރަމުން އަދުހަމް ވާހަކަ ދެއްކިއެވެ.
” މިދިޔަ ޑިސެމްބަރު މަހު އެއްތިރީހުގަ އޮފީސްތެރެ ސާފުކުރަމުން ދަނިކޮށް ނަވާރަސަތޭކައެކާވީސް ނަންބަރު ކަބަޑުން
ކަލެއަށް ތަފާތު އެއްޗެއް ނުފެނޭތަ ؟ ” ވަރަށް ޝައުޤުވެރިކަމާއެކު އަދުހަމަށް ބަލާލަމުން ނީސާމް ސުވާލު ކުރިއެވެ.
” އެއީ ބޮސްގެ ކަބަޑު. އެކަބަޑު ހުޅުވާލިތަނުން އަހަރެންނަށް ފެނުނީ ވިދާ އެއްޗެއް. ރަނގަޅަށް ބަލާލިއިރު އެއީ ވަޅިއެއް.
ވަރަށް ތޫނުކޮށްފައިވާ އެވަޅީގަ ހަތްވަރަކަށް އިންޗި ހުންނާނެ. ކީސްތިލައެއްހެން އެވަޅީގެ އެއްފަރާތުގަ ތުނޑުތަކެއް ވެސް ލައްވާ ފައި ހުރި. ” އަތުން ހަރަކާތްތަކެއް ދައްކަމުން އަދުހަމް ކިޔައިދިނެވެ.
އަދުހަމްގެ ފަރާތުން ޕޮލިހުން ހޯދާން ބޭނުންވި މަޢުލޫމާތުތައް ހޯދުމަށްފަހު އަދުހަމް ފޮނުވާލިއެވެ.
ލަންމާގެ މަރުގެ މައްސަލަ ދައުލަތުގެ ފަރާތުން ކޯޓަށް ހުށަހުޅައިގެން ކުރިޔަށް ގެންދާން ފެށިއެވެ.
ދައުލަތުގެ ފަރާތުން ދައުވާ ކުރަމުންދާ މީހުންގެ ތެރޭގައި ނާއިލް ހިމެނޭތީ އާއި އެކަމުގައި އޭނާ ދައްކަމުންދާ ވާހަކަ
ތަކުގެ ސަބަބުން ޕޮލިހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެވުނެވެ.
ޕޮލިހުން ކުރަމުންދިޔަ ސުވާލުތަކަށް ނާއިލް ޖަވާބު ދެމުން ދިޔައިރު ދެ ފަރާތުން ވެސް ފެންނަމުން ދިޔައީ ހިތްހަމަ
ނުޖެހުމުގެ އަސަރު ތަކެވެ.
” އަހަރެން ބުނެފީމެއްނު ފައިލްތައް ބަލަހައްޓަނީ އޭނާއޭ. އަހަރެން ކުރާ ކަމަކީ ކަންތައްތައް ހޯދުން. ” ޖިނާނަށް
ބަލާލަމުން ނާއިލް ޖަވާބު ދިނެވެ.
” ނާއިލް! ” ނާއިލާއި ދިމާއަށް އަންނަމުން ނީސާމް ގޮވާލިއެވެ.
” ކަލޭ ކޮންއިރަކު ސިކާރަ ކުރާން ފެށީ. ” ނީސާމް އައިސް ނާއިލްގާތަށް ހުއްޓެމުން އަހާލިއެވެ.
” ކީކޭ ؟ ” ހައިރާންކަމާއެކު ނާއިލް އަހާލިއެވެ.
” އެއްވެސް އިރެއްގައި އެކަހަލަ ކަމެއް ކުރިންތަ ؟ ” ނާއިލްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަނެއްކާ ވެސް
ނީސާމް އަހާލިއެވެ.
” ނުކުރަން. ” އަވަސް އަވަހަށް ނާއިލް ބުނެލިއެވެ.
” އެކަން ކުރާ ކަހަލަ ވަޅިއެއް ގަތިންތަ ؟ ” ނީސާމް އޭނާގެ ސުވާލުތައް އިތުރުކުރަމުން ދިޔައެވެ.
” ނުގަންނަން. ” ނީސާމަށް ބަލާލަމުން ނާއިލް ޖަވާބު ދިނެވެ.
” ކަލޭގެ ނުވަތަ ކަލޭގެ ރައްޓެއްސެއްގެ ވަޅިއެއް އޮފީސް ކަބަޑުގަ ބޭއްވިންތަ ؟ މީގެ ޖަވާބު ދީބަލަ. ” މިފަހަރު ނީސާމް
ސުވާލު ކުރިއިރު އަޑާއި ހަރަކާތުން ފާޅުވެގެން ދިޔައީ ނުރުހުމުގެ އަސަރުތަކެވެ.
” އަހަރެން ބުނެފީމެއްނު ނޯއްނާނެޔޭ. ” ހަޅޭލަވައިގަންނަ ފަދައަކުން ނާއިލް ބުންޏެވެ.
” ހަޅޭ ނުލަވާ …. ” ނީސާމްގެ އަޑު ވެސް ބާރުވެގެން ދިޔައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



ވަރަށް ރީތި ވާހަކައެއް
ނީރު ތިކުރާ މަސައްކަތަށް އައްސަރިބަހާ ސާބަސް ދެން. ވާހަކަތައް ވަރަށް ރީތި.