Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ލޯތްބޭ ތީ 14

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
April 6, 2016 9 Mins Read
11 Comments

“އެވެސް މީހެއްގެ ދަރިއެކޭ… އޭނަވެސް އުފަލާ ހިތްހަމަ ޖެހުން ބޭނުން ވާނެ، ލޯބިވެސް ބޭނުން ވާނެ… އޭނަ ޒިހާންއާ އިނުން އެއީ ގޯހެއްތަ؟ ލޯތްބާ އުފަލާ ހިތްހަމަ ޖެހުމާ ލިބެން ވަނީ ހަމަ އެކަނި މަންމަގެ ދަރިންނަށްތަ؟ މިގޭގަ އޭނަ ހަތް އަހަރު ދުވަހު ހުރި އިރު ރުޅި އައިސްގެން ނޫނީ އެއް ދުވަހުވެސް މަންމަގެ ދުލުން އޭނަގެ ނަން ބޭރުވިތަ؟ ޝަމްހާއަށް ޓަކާ މަންމަ ޒިހާންއާ އަނޫ ވަކި ކުރި އިރު ޒިހާން އެގޮތް ބޭނުން ވޭތޯ އެއްފަހަރުވެސް ވިސްނާލިންތަ؟ އެސުވާލު ކުރިންތަ؟ އެހެން ނޫނީ ޝަމްހާއަށް ނުލިބުނު އުފަލެއް އަނޫއަށް ލިބުނަ ނުދޭންތަ އެހެން ހެދީ؟” ޝިޔާޒް އެތައް ސުވާލުތަކެއް އެއްފަހަރާ ކޮށްލިއެވެ.

“އެ އަނޫޝާ ޝިޔާޒް ކައިރީގަ ކީކޭ ކިޔައިގެންތަ ތިއުޅެނީ؟” ޝިޔާޒްގެ ސުވާލު ތަކުން ޝަރީފާގެ ވިސްނުމަށް އެއްވެސް ބަދަލެއް ނައެވެ. އަނޫޝާ ދެކެ އައި ރުޅި ހައްތަހާ ވީގަދައެވެ.

“އަނޫ ނުބުނޭ އެއްވެސް އެއްޗެއް، މަންމައާ ޝަމްކޮ ހުރިހާ ކަމެއް ކޮށްފަ އަދިވެސް ތިއުޅެނީ އަނޫގެ ބޮލުގަ އަޅުވަންތަ؟ އަހަންނަށް ނޭނގޭތީއެއް ނޫނޭ މަންމަ ކައިރީގަ މިއެހީ… އަހަންނަށް ހުރިހާ ކަމެއް އެނގިއްޖެ، މަންމަ އަނޫއަށް މިޝާލްއާ އިންނަން މަޖުބޫރު ކުރީ ކީކޭ ކިޔައިގެން ކަންވެސް އެނގިއްޖެ. މަންމަޔާ އެސުވާލު ކުރިއިރުވެސް އެނގޭ މިޒޫ މަންމަ އެހެން ނުބުނާނެ ކަން. މަންމަ ބުނަނީ ކީކޭތޯ ބަލަން ވެގެން އެހީ….

އަހަންނާ މިޒޫގެ ކައިވެންޏަށް މިޒޫމެންގޭ މީހުން ގަބޫލު ވާނީ އޭނަ މިޝާލްއާ އިންނަން އެއްބަސް ވިއްޔާއޭ މަންމަ އަނޫ ކައިރީގަ ބުނި ވާހަކަ ބުނީކީ އަނޫއެއް ނޫން، އެކަން އެނގުނީ ޝަމްހާގެ ފަރާތުން، ކުރެވުނީ މާމޮޅު ކަމެއް ކަމަށް ހީކޮށް އޭނަ މިއަދު މިޒޫ ކައިރީގަ އެހެން ކީ އަމިއްލައަށް…

މިގެޔަށް މިޝާލް ވައްދާ ކަންވެސް މަންމަ ހުރީ އަހަންނަށް ސިއްރު ކޮށްގެނެއްނު؟ އެކަމަކު އެކަންވެސް އެނގުނީ… މަންމައާ ހެދި އަހަރެން ހަމަ ހައިރާން ވެއްޖެ… މަންމަ ލަދު ގަންނަން ޖެހޭނެ ދަރިޔަކު މަންމައަށް އެނގި ހުރެ އެކަހަލަ ކަމެއް ކުރާތީ، މަންމަ ޖެހޭނެއެއްނު އޭނަ ހުއްޓުވަން؟ އަހަރެން މިހެން މިވާހަކަ މަންމަ ކައިރީގަ ދައްކާކަށް ނުވެސް ޖެހޭ، އެކަމަކު ދައްކަން ޖެހުނީ މަންމަ އެކަމާ ނުވިސްނާތީ…

އަނޫ އެދިޔައިއްޔޭ މަންމަމެން ބޭނުންވި ގޮތަށް، އޭނަ މަންމަމެންގެ މަގުން އެއްފަރާތް ވީމަވެސް ކީއްވެތަ އޭނަގެ ދިރިއުޅުމާއިގެން އޭނަ ދޫކޮށް ނުލެވުނީ؟ ޒިހާން އެވަރުންވެސް ޝަމްހާއާ އިންނަން ބޭނުން ނުވީމަ އެއީ އަނޫގެ ކުށެއް ނޫނޭ، އެކަން މަންމަމެންނަށް ނުވިސްނުނީތީ ހަމަ ހައިރާން ވޭ…

އަހަންނަށް އެނގޭ މަންމަ އަނޫ ދެކެ ރުޅި އަންނަ ކަން، ހަތް އަހަރު ވަންދެން އެމަންޒަރު ދުށިން، އެކަމަކު މަންމަ ރަނގަޅަށް ވިސްނާލާފަ ބުނެބަލަ އޭނަ ދެކެ ރުޅި އަންނަން އެއްވެސް ސަބަބެއް އެބަ އޮތްތަ؟ މަންމައާ ޝަމްހާ އޭނަދެކެ ތިހާ ރުޅި އަންނަން އޭނަގެ ފަރާތުން ދުވަހަކުވެސް މަންމަމެންނަށް އުނދަގުލެއް ދައްޗެއް ވިތަ؟ އެއް ފަހަރުވެސް މަންމަ ބުނެބަލަ އަނޫގެ ކުށަކީ މިޔޭ… އޭރުން އަހަރެންވެސް ގަބޫލު ކުރާނަން އޭނައަކީ ތިހާ ރުޅި އައުން ހައްގު މީހެއްކަން…”

ޝިޔާޒް އެހުރިހާ ވާހަކައެއް ދެއްކި އިރު ޝަރީފާ އެއްވެސް އެއްޗެއް ނުބުނެ ހުއްޓެވެ. ޝިޔާޒް ކުރި ކޮންމެ ސުވާލެއް ޝަރީފާ އަމިއްލަ ނަފްސާ ކުރިއެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. އަނޫޝާ ދެކެ އެވަރަށް ރުޅި އަންނަންވީ ސަބަބެއް ނުވިސްނުނެވެ. އުމުރުން އެގާރަ އަހަރުގައި އަނޫޝާ އެގެޔަށް އައި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ދުވަހަކުވެސް އަނޫޝާގެ ފަރާތުން ޝަރީފާއަށް އުނދަގުލެއް ވެފައެއް ނެތެވެ. ވިއްޔާ ވީ ފަސޭހައެވެ. އަމިއްލަ ދެ އަންހެން ދަރިންގެ ފަރާތުން ނުވި އެތައް ފަސޭހައެއް އަނޫޝާގެ ފަރާތުން ވިއެވެ. އަމިއްލައަށް ވިސްނާވިސްނާވެސް އަނޫޝާ ދެކެ އެހާ ރުޅި އަންނަންވީ ސަބަބެއް ޝަރީފާއަކަށް ނުވިސްނުނެވެ.

“މިއަދު އަހަރެން ލަދު ގަނެއްޖެ ތީ އަހަރެންގެ މަންމައޭ ބުނަންވެސް… ޝަމްހާއަކީ އަހަރެންގެ ކޮއްކޮއެކޭ ބުނަންވެސް ލަދު ގަނޭ… މާރަނގަޅު ވީސް އަހަރެންގެ ކޮއްކޮއަކީ އަނޫއަށް ވީނަމަ… އަނޫއާ ދޭތެރޭ މަންމަ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ޝަމްހާ އެއުޅޭ އުޅުމަށް މަންމަ ހިތްވަރު ދޭނެ ކަމަކަށް އަހަރެން ހިއެއް ނުކުރަން”

އެހެން ބުނެފައި ޝިޔާޒް އެރީ މައްޗަށެވެ. މިޒްނާވެސް ޝަރީފާއާ ދިމާއަށް ބަލާލާފައި ޝިޔާޒްގެ ފަހަތުން ދިޔައެވެ.

“އަހަންނަކަށް ނޭނގެ އަނޫ ކައިރީގަ މިވާހަކަ ބުނާނެ ގޮތެއްވެސް…” ޝިޔާޒް އެނދުގައި އިށީނދެފައި ދެއަތުން މޫނު ފޮރުވާލަމުން ބުންޏެވެ.

“ޝިޔާޒް! އަނޫ ކައިރީގަ ނުބުނާތި!” މިޒްނާއަށް ބުނެވުނެވެ. އެވަގުތު މިޒްނާއަށް ވިސްނުނީ އެކަން އެނގުމުން އަނޫޝާއަށް ވާނެ ގޮތަކާ މެދުއެވެ.

“އޭނައަށްވެސް އެނގެން ވާނެއެއްނު އޭނަގެ ފިރިމީހާ އުޅޭ ގޮތް؟” ޝިޔާޒް ބުންޏެވެ.

“ނޫން… އޭރުން އަނޫ ކިހާ ދެރަވާނެ؟ ވިސްނާލަބަލަ ޝިޔާޒް، ދޮންބެ އަނޫއާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އޭނަ އެ އިންނަނީ އަނގައިންވެސް ނުބުނެ، ދެރަ ނުވާތީކީ ނޫން، އެކަމަކު ދޮންބެއާ ޝަމްހާގެ ކަންތައް އެނގިއްޖެއްޔާ… ނުބުނާތި! ޝަމްހާއަކީ އަނޫގެ ދައްތައެއް… އެކަހަލަ ގުޅުމެއް އެދެމީހުންގެ އޮންނަ ކަން އެނގިއްޖެއްޔާ އަނޫ ވަރަށް ދެރަވާނެ، އިހަށް ނުބުނާތި، ޕްލީޒް، ފަހުން ކޮންމެސް ގޮތެއް ވިސްނާނީ” މިޒްނާ ޝަޔާޒްގެ އަތުގައި ހިފާލަމުން އެދުނެވެ. މިޒްނާ އެގޮތަށް ވިސްނައި ދިނުމުން އެވަގުތަށް އަނޫޝާއަށް އެކަން ސިއްރު ކުރަން ޝިޔާޒް އެއްބަސް ވިއެވެ.

އަނޫޝާއަށް ޝައްކުވެއެވެ. ނަމަވެސް އަނޫޝާ ބޭނުންވީ އެއީ ތެދަކަށް ނުވާށެވެ. މިޝާލްއަށްވެސް އަދި ގޭ އެހެން މީހުންނަށްވެސް އަނޫޝާ އެކަން ސިއްރު ކުރީ އެހެންވެއެވެ. އެއްވެސް މީހަކަށް އެނގެން އަނޫޝާ ބޭނުން ނުވާތީއެވެ.

އަނޫޝާ ނުބުނި ނަމަވެސް ގޭ މީހުންނަށް ކޮންމެވެސް ދުވަހަކުން އެނގޭނެއެވެ. އެކަން އަނޫޝާ ގަބޫލު ކުރެއެވެ. ނަމަވެސް އެއީ އަނޫޝާ އެމީހުންނަށް ދޭ ހަބަރަކަށް ވާކަށް އަނޫޝާ ބޭނުމެއް ނޫނެވެ.

ސިއްރު ކުރަން ބޭނުންވި ނަމަވެސް ބައެއް ދުވަސް ދުވަހު ކަންތައް ވާ ގޮތުން ދެން އެނގިދާނެޔޭ އަނޫޝާއަށް ހީވާ ދުވަސްތައްވެސް މަދެއް ނޫނެވެ. ކިތަންމެ ދުވަހަކު ބަދިގޭގައި ކައްކަން އުޅެފައި އަނޫޝާ ދުފެފައި ކަހަލަ ގޮތަކަށް ނިކުމެގެން ދާން ޖެހޭ ފަހަރުވެސް އާދެއެވެ. ކެތް ނުކުރެވިގެންނެވެ. ވަރުބަލި ވާތީ މެންދުރުވާ އިރަށް އޮށޯވެނުލާ ކެތްނުވާ ދުވަސްވެސް ދެއެވެ. ބޯއަނބުރާ ވަރުން ކޮޅަށް ނުހުރެވުމުން އަވަސްއަވަހަށް އިށީންނަން ޖެހޭ ފަހަރު ފަހަރު ނަސީރާވެސް އަދި މަޒްނާއާ މިލްނާވެސް ސުވާލު ކުރެއެވެ. ނަމަވެސް އަނޫޝާ ޖަވާބެއް ނުދީ ފުއްދާލައެވެ. އެމީހުން އިތުރަށް ސުވާލު ނުކުރަނީ އަނޫޝާއަކީ ބަސްމަދު ކުއްޖަކަށް ވާތީއެވެ. ސުވާލު ކުރިޔަސް އަނޫޝާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބޭނެކަން އެނގޭތީއެވެ. ބޮޑު ކަމެއް ނަމަ އަނޫޝާ ސިއްރު ނުކުރާނެހެން ހީވާތީއެވެ.

މިޝާލްގެ ދަރިއަކަށް ބަލިވެ އިންނާކަށް އަނޫޝާ ބޭނުމެއް ނޫނެވެ. އެފަދަ މީހަކަށް ބައްޕަ ކިޔާނެ ކުއްޖަކު ދުނިޔެއަށް އުފަން ކުރާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ބަލިވެ އިންކަން ޔަގީންވި ދުވަހުން ފެށިގެން އަނޫޝާއަށް އެދަރިފުޅުގެ ރައްކާތެރިކަމަށް އެދި ދުޢާ ކުރެވެއެވެ. އެދަރިފުޅަށް ގެއްލުމެއް ވެދާނެތީ ބިރު ގަނެއެވެ.

އަނޫޝާއަށް އެކަން ޔަގީން ވީ ދުވަހުން ފެށިގެން މިޝާލް އަނޫޝާއަށް ބޭނުންވާ ރޭރޭ އަނޫޝާއަށް ފަސްޖެހެވެއެވެ. އަމިއްލަ ހަށިގަނޑު މިޝާލްއާ ހަވާލުކުރަން ޖެހިލުންވެއެވެ. ނަމަވެސް މިޝާލްއަށް ނޫނެކޭ ބުނާނެ ހިތްވަރެއް އަނޫޝާގެ ގަޔަކު ނެތެވެ. ބަލިވެ އިންކަން ޔަގީން ވިފަހުން މިޝާލްއަށް އިންކާރު ކުރި ފުރަތަމަ ރެޔަކީ މިޝާލްގެ ފަރާތުން އަނޫޝާއަށް އެފަދަ އަނިޔާއެއް ލިބުނު ދެވަނަ ފަހަރެވެ. އެރޭގެ ފަހުން އަނޫޝާ މިޝާލްގެ އެދުމަށް ދެކޮޅެއް ނަހަދައެވެ.

އެއި ވާން އެދުނު ކަމަކަށް ނުވިޔަސް ބަލިވެ އިންކަން އެނގުނު ފަހުން އަނޫޝާއަށް އަބަދު ވިސްނެނީ އެދަރިފުޅާ މެދުއެވެ. އަބަދު ހުރެވެނީ ބަނޑުގައި އުފެދެމުން އެދާ ތުއްތު ދަރިފުޅާ މެދު ހާސްވެ ފިކުރު ބޮޑުވެފައެވެ. އެފުރާނަ ރައްކާތެރި ކުރެއްވުން އެދި ދުޢާ ކުރުމުގައެވެ. މިޝާލްގެ ދަރިއެއް ދުނިޔެއަށް އުފަން ކުރަން ބޭނުން ނުވި ކަމުގައި ވީނަމަވެސް އެދަރިފުޅަށް ގެއްލުމެއް ވާކަށް އަނޫޝާއަކަށް ނޭދެވެއެވެ. އެހެން އެއްވެސް ކަމަކަށް ވުރެން އަނޫޝާއަށް އެދަރިފުޅު މުހިންމު ވިއެވެ.

ދެމަސް ވީ އިރު އަނޫޝާއަށް އިތުރަށް އެކަން ސިއްރު ނުވާނެކަން ޔަގީން ވިއެވެ. ދިރިއުޅުމާ މެދު ހިތުގައިވާ ޝަކުވާތަކުގެ ސަބަބުން ހިތްހަމަ ނުޖެހުމާ، ކާއެއްޗެއްސާ ދުރު ވުމުގެ ސަބަބުން މީހާގެ ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލު އެހެން މީހުންނަށް ސިއްރު ނުކުރެވޭނެތީއެވެ.

ފުރަތަމަ ޝައްކުވީ ނަސީރާއަށެވެ. އެދުވަހު ހެނދުނު ބަދިގޭގައި ސައި ހަދަން އުޅެފައި ނަސީރާ ރިހަ ކައްކަން ފިޔާ މީރުކުރަން ފެށުމުން އަނޫޝާ އަވަސް އަވަހަށް ބަދިގެއިން ނިކުންނަން ދިޔައެވެ. ނަމަވެސް ދޮރާ ހަމައަށް ގޮސްފައި އަނގަމަތީ އަތް އަޅާލަމުން އަނެއްކާވެސް ބަދިގެއަށް ވަނީ ކޮޓަރިއާ ހަމައަށް ނުދެވޭނެކަން ޔަގީން ވުމުންނެވެ.

ސިންކާ ހަމައަށް ދެވުނު އިރަށް އަނޫޝާއަށް ހޮޑުލެވުނެވެ. އަނޫޝާ އުޅުނު ގޮތުން ހައިރާން ވެފައި ބަލަން ހުރި ނަސީރާ އުނދުނުގެ ހުޅުގަނޑު ކުޑަކޮށްލާފައި އައިސް އަނޫޝާގެ ބުރަކަށީގައި ފިރުމާލިއެވެ.

“މަންމާ، އިހަށް އުނދުން ނިވާލެވިދާނެތަ؟” އަނޫޝާ ނަސީރާއަށް ބަލާލަމުން އެހެން ބުނެފައި އަނެއްކާވެސް ސިންކާ ދިމާއަށް ގުދުވެލިއެވެ.

ނަސީރާއަށް ޝައްކުވިއެވެ. ފަހަކަށް އައިސް އަނޫޝާއަށް ބަދަލު ތަކެއް އަންނަމުން ދާކަން ނަސީރާއަށް ވަނީ ފާހަގަ ކުރެވިފައެވެ. ބަދިގޭގައި ނަސީރާއަށް އެހީ ވުމުގައި އުޅުނު ނަމަވެސް އެއްޗެއް ކައްކާ ވަގުތު އަނޫޝާ ބަދިގެއިން ނިކުންނަ ކަމާ، ދޭތެރެއަކުން ކޮޓަރިއަށް ދާކަން ހަނދާން ވިއެވެ.

ނަސީރާ އުނދުން ނިއްވާލާފައި ފެންތައްޓެއް ހިފައިގެން އައިސް އަނޫޝާއަށް ދިނެވެ.

ކޯދޮވެލާފައި ފެންފޮދެއް ބޯލާފައި އަނޫޝާ ސިންކު ކައިރީގައި އެހުރި ގޮތަށް އިރުކޮޅަކު ހުރެފައި ނަސީރާއަށް ބަލާލިއެވެ. ނަސީރާއަށް ދެން ސިއްރު ނުވާނެކަން އަނޫޝާއަށް އެނގެއެވެ.

“އަނޫ ބަނޑުބޮޑު ދޯ؟” ނަސީރާ އެހިއެވެ.

ޖަވާބުގައި އަނޫޝާ ބޯޖަހާލިއެވެ.

“ކީއްވެ މަންމަ ކައިރީގަ ނުބުނީ؟” ނަސީރާ އެހިއެވެ.

ނަސީރާގެ ސުވާލަށް ޖަވާބު ނުދީ އަނޫޝާއަށް ރޮވުނީއެވެ.

“އަނޫ، ކިހިނެއްވީ؟” އަނޫޝާ ރޯން ފެށުމުން ކަންބޮޑުވެފައި ނަސީރާ އަހާލިއެވެ. އަދި އަނޫޝާގެ ބުރަކަށީގައި ފިރުމަން ފެށިއެވެ.

“މަންމާ، އަހަރެން ބޭނުމެއް ނޫން މިޝާލްގެ ކުއްޖެއް… އެކަހަލަ މީހެއްގެ ދަރިއެއް ވިހާކަށް ބޭނުމެއް ނޫން… އެކަމަކުވެސް މިހާރު ބިރު ގަނޭ މިކުއްޖާއަށް ކަމެއް ވެދާނެތީ…” ރޮމުން އަނޫޝާ ވާހަކަ ދެއްކޭތޯ ބެލިއެވެ.

“އަނޫ، ނުރޮއެ ދަރިފުޅާ… ހުރިހާ ކަމެއްވެސް ރަނގަޅު ވެދާނެ… މިޝާލްއަށް އެނގޭތަ އަނޫ ބަނޑުބޮޑު ކަން؟” ނަސީރާ އެހިއެވެ.

އެސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އަނޫޝާ ދެފަރާތަށް ބޯހަލުވާލިއެވެ.

“އޭނައަށް އެނގުނީމަ އޭނަ ބަދަލު ވެދާނެއެއްނު؟ އަނޫ ބުނެބަލަ އޭނަ ކައިރީގަ. މިކަހަލަ ކަމެއްގެ ވާހަކަ ނުބުނެ ސިއްރު ކުރާކަށް ނުވާނެ… މީ ކިހާ އުފާވެރި ހަބަރެއް؟ ގައިމުވެސް މަންމަ ވަރަށް އުފާ ވެއްޖެ، ޔަގީން މިޝާލްވެސް އުފާވާނެ އޭނަ ބައްޕައަކަށް ވާން އުޅޭކަން އެނގުނީމަ، ފަހަރެއްގަ މިކަހަލަ ހަބަރެއް ލިބުނީމަ އޭނަ ރަނގަޅުވެސް ވެދާނެ، އެއުޅުން ބަދަލު ކުރަން މަސައްކަތްވެސް ކޮށްފާނެއެއްނު؟ އަނޫ ބުނެބަލަ އޭނަ ކައިރީގަ. އެހެން ނޫނަސް ގޭ މީހުންވެސް ކިހާ އުފާ ވާނެ؟” ނަސީރާ އަނޫޝާއަށް ހިތްވަރު ދެވޭތޯ މަސައްކަތް ކުރިއެވެ.

“ނޫން މަންމާ، މިޝާލް ނުވާނެ އުފަލެއް، އޭނަ ނުވާނެ ރަނގަޅެއް… އޭނަ ބަދަލެއް ނުވާނެ… ބައްޕައަކަށް ވާތީ އޭނަ އުފަލެއް ނުވާނެ، މިދަރިފުޅެއް ބޭނުމެއް ނުވާނެ… ލޯބިން ކުރި ކައިވެންޏެއް ނަމައެއްނު އޭނަ ކުއްޖަކު ބޭނުން ވާނީ؟” އަނޫޝާ ރޮމުން ދެފަރާތަށް ބޯހަލުވަމުން ވާހަކަ ދެއްކިއެވެ.

“އަނޫ. ކީކޭތަ ތިކިޔަނީ؟ ކީއްވެތަ މިޝާލް ކުއްޖަކު ބޭނުން ނުވާނީ؟ މަންމައަށް އެނގޭ އޭނަ އެއުޅެނީ ރަނގަޅަކަށް ނޫންކަން، މަންމަ ގަބޫލު ކުރަން އެކަން، މަންމައަށް އެނގޭ ފުރަތަމަ އަނޫ މިޝާލްއާ އިންނަން ދެކޮޅު ހެދީވެސް އޭނަ އުޅޭ ގޮތުން ކަން… އެކަމަކު ފަހުން އަނޫ އެއްބަސްވީ މިޝާލް އަނޫ ދެކެ ލޯބިވާތީއެއްނު؟ އޭނަ އެހެން އުޅުނަސް އަނޫ ދެކެ ލޯބި ވެޔޭ ދަރިފުޅާ” ނަސީރާ އަދިވެސް މަސައްކަތް ކުރަމުން ދިޔައީ އަނޫޝާ ހަމަޖެއްސޭތޯއެވެ. ނަސީރާ ދެއްކި ވާހަކަތަކަކީ އޭނައަށް އެނގިފަވާ ގޮތުގައި ތެދު ވާހަކައެވެ. އެހެން ކަމުން ނަސީރާ ބޭނުންވީ އަނޫޝާއަށް ކުރެވިފައިވާ ޝައްކު ފިލުވާށެވެ.

“ނޫން މަންމާ… އަހަރެން ދެކެ ލޯބިންނެއް ނޫން… އޭނަ އުޅޭ ގޮތުން އޭނަޔާ ވާހަކަ ދައްކަންވެސް ބޭނުމެއް ނުވެޔޭ ބުނީމަ… މިޝާލް ބޭނުން ކަމެއް ވިއްޔާ ކުރާނެ ކަން ދައްކަން ވެގެން މިޝާލް އަހަންނާ އިނީ…” އަނޫޝާ ބުންޏެވެ.

ނަސީރާއަށް އަނޫޝާގެ މޫނަށް ބަލަހައްޓައިގެން އިނދެވުނެވެ. އަނޫޝާ އެދައްކާ ވާހަކަ ގަބޫލު ނުކުރެވިފައެވެ. މިޝާލް ކޮންމެ ގޮތަކަށް އުޅުނު ނަމަވެސް އެފަދަ ކަމެއް ކޮށްފާނެ ކަން ގަބޫލު ކުރަން ބޭނުން ނުވެފައެވެ.

“އަނޫ، ތީ އަނޫއަށް ހީވާ ގޮތެއް ނޫންތަ؟” ނަސީރާ އަނޫޝާގެ އަތުގައި ހިފާލަމުން އަހާލިއެވެ.

“ނޫން މަންމާ…” އެތައް ދުވަހެއް ވަންދެން ހިތުގައި ފޮރުވައިގެން އުޅުނު ހުރިހާ ވާހަކައެއް އަނޫޝާގެ ދުލުން ބޭރުވާން ފެށިއެވެ. ނަސީރާއާ ބެހޭ ގޮތުން ޝަރީފާ ދެއްކި ވާހަކައަށް ފަހުވެސް އަނޫޝާއަށް ނަސީރާއަށް އިތުބާރު ކުރެވުނީއެވެ. އެއަތުގެ އޯގާތެރި ފިރުމުންތައް އަނޫޝާއަށް އިހުސާސް ކުރެވިފައި ވާތީއެވެ. ހަޔާތުން އުނިވެފައިވާ، އެހެނަސް އަބަދު އަބަދު އެ ލޯތްބަށް އެދެވެމުން ދާ މަންމައެއްގެ ލޯބި ނަސީރާގެ ކިބައިން އަނޫޝާއަށް ލިބެމުން ދާތީއެވެ. މަންމައެއްގެ ގޮތުގައި ނަސީރާއަށް އަނޫޝާގެ ހިތުން ޖާގައެއް ހޯދުނީތީއެވެ.

ހުރިހާ ވާހަކައެއް ދެކެވެމުން ދިޔަ ވަރަކަށް އަނޫޝާގެ ހިތަށް ކޮންމެވެސް ވަރަކަށް ލުއި ވަމުން ދިޔައެވެ. އަނޫޝާ އެއްވެސް ކަމެއް ސިއްރެއް ނުކުރެއެވެ. ފުރަތަމަ މިޝާލްއާ ދިމާވިރޭ މިޝާލް ދެއްކި ވާހަކައެވެ. އޭގެ ފަހުން ޝަރީފާ އައިސް ދެއްކި ވާހަކައެވެ.

އެހިސާބަށް ކިޔާދެވުނު އިރަށް އަނޫޝާގެ ވާހަކަ ނުނިމެނީސް މެދުކަނޑާ ނުލާން އިން ނަސީރާއަކަށް ހިމޭނުންނެއް ނީނދެވުނެވެ.

“ޝަރީފާ ހަމަ ތިހެން ބުނިތަ؟” ނަސީރާއަށް އަހާލެވުނެވެ.

އަނޫޝާ ބޯޖަހާލިއެވެ.

“އަނޫ، މަންމަ ނުބުނަން އެހެންނެއް… މިޒޫގެ އުފަލަށް މަންމަ ހުރަސް އަޅާނެތަ؟ މަންމަ ބުނިހާވެސް އެއްޗަކީ ކޮންމެވެސް ގޮތަކުން މިޝާލްއާ އިންނަން އަނޫ ރުއްސައިދޭށޭ. އޭރު ކަންތައް ވެފަ އޮތީ ތިގޮތަށް ކަން އެނގޭނަމަ މަންމަ އެހެންވެސް ނުބުނީމުސް… މަންމަ ހީކުރީ އަނޫއާ މިޝާލް އެކަކު އަނެކަކު ދެކެ ލޯބިވާ ކަމަށް… އެކަމަކުވެސް މިޝާލްގެ އުޅުން ހުންނަ ގޮތުން އަނޫ އޭނަޔާ ވަކިވީ ކަމަށް…” އެވަރަށް ބުނެފައި ނަސީރާ ދެފަރާތަށް ބޯހަލުވާލީ އެވަރުގެ އޮޅުވާލުމެއް އެކަމުގައި ވިތީ އެކަން ގަބޫލު ކުރަން އުނދަގޫ ވީވަރުންނެވެ.

“ޔާރައްބީ! އަހަންނަށް މިކުރެވުނީ ކޮން ކަހަލަ ކަމެއް؟” ނަސީރާ އަމިއްލަ ނަފްސަށް ބުނެލިއެވެ. އަދި އަނޫޝާގެ ދެއަތުގައި ހިފާލިއެވެ. “ހަމަ ތެދެއް މިބުނަނީ ދަރިފުޅާ، ދަރިފުޅު އެހެން މީހަކު ދެކެ ލޯބިވާކަން އެނގުނު ނަމަ މަންމަ އެގޮތަކަށް ވާހަކައެއް ނުދެއްކީމުސް… މިޝާލް ކިތަންމެ ލޯބި ވިޔަސް އެހެން މީހެއްގެ ދިރިއުޅުމުގެ ތެރެއަކަށް ނުވަނީމުސް… މަންމަ ހަމަ އެއްގޮތަކަށްވެސް ނުދެނެހުރިން… އަނޫ ގަބޫލެއްވެސް ނުކުރާނެ ކަންނޭނގެ މަންމަ މިހެން ބުންޏަސް—” ނަސީރާ އަނޫޝާއަށް ޔަގީން ކޮށްދޭން މަސައްކަތް ކުރިއެވެ. ހަގީގަތުގައިވެސް ނަސީރާ ދެރަވިއެވެ. އޭނައަށް ބުނެވުނު އެއްޗެއްގެ ސަބަބުން އަނޫޝާއަށް އެގޮތަށް ކަންތައް ދިމާ ވީތީއެވެ. ކުރަން ނޭދޭ ކައިވެންޏެއް ކުރުމަށް މަޖުބޫރު ވީތީއެވެ. އަދި އެކައިވެނިން އަނޫޝާއަށް އެއްވެސް އުފަލެއް ނުލިބުނީތީއެވެ.

“ނޫން މަންމާ، އަހަރެން ގަބޫލު ކޮށްފިން… މިގޭގަ މިވީ އަހަރެއްހާ ދުވަސް ތެރޭ އަހަންނަށް މަންމަ ދަސްވެއްޖެ، އެތައް ފަހަރަކު ހިތަށް އެރި މަންމަ އެހެންނެއް ނުބުނާނޭ… މަންމަ ކޮށްފާނެ ކަހަލަ ކަމެއް ނޫނޭ އެއީކީ… އެކަމަކުވެސް އޭރު އެހެން ގަބޫލު ކުރުން ނޫން ގޮތެއް ނެތީ… ހިތަށް އެރީ މިޝާލް ދެކެ ވާލޯބިން މަންމައަށް އެގޮތަށް ކަންތައް ކުރެވުނިއްޔޭ… ދެން އަޅާނުލާ… މިހާރު ގަބޫލު ކޮށްފިން” ނަސީރާގެ އަތަށް ފިތާލަމުން އަނޫޝާ ބުންޏެވެ.

“އެކަމަކު ވެދާނެއެއްނު މިޝާލް އަނޫ ދެކެ އަސްލުވެސް ލޯބިވާ ކަމަށް؟ އޭނައަކީ ރުޅި ގަދަ މީހެއް، އެހެންވެ ކަންނޭނގެ މިހާރު އެހެން އެހަދަނީ” ނަސީރާއަށް އަދިވެސް ގަބޫލު ކުރަން ދަތިވިއެވެ.

“ނޫން، އިން ދުވަހުގެ އަނެއް ދުވަހު މިޝާލް އެހުރިހާ އެއްޗެއް އަހަންނާ ދިމާއަށް ބުނި… އޭނަ ނުވޭ ލޯތްބެއް…” އަނޫޝާ އަނެއްކާވެސް ކިޔާދޭން ފެށިއެވެ. ހިތުގައިވާ ހުރިހާ ޝަކުވާއެއް ކޮންމެވެސް މީހަކާ ހިއްސާ ކުރަން ބޭނުންވެފަ އިން އަނޫޝާ އެދުވަހު އެހުރިހާ ވާހަކައެއް ނަސީރާއަށް ކިޔާދިނެވެ.

ޝައުފާ ވިހޭ ދުވަހު ޒިހާންއާ ދިމާވި ވާހަކަޔާ، އެކަން މިޝާލްއަށް އެނގުމުން އެރޭ މިޝާލް ކަންތައް ކުރި ގޮތާ، އޭގެ ފަހުންވެސް ކަންތައް ވަމުން އަންނަ ގޮތުގެ ވާހަކައެވެ.

އަނޫޝާ ވާހަކަ ދައްކާ ނިމުނު އިރު އަނޫޝާއެކޭ އެއްގޮތަށް ނަސީރާއަށްވެސް އިނީ ރޮވިފައެވެ.

“މަ ހިޔެއް ނުކުރަން ވިހޭ ދުވަހުން ފެށިގެން އެހާ ލޯބިން ބޮޑުކޮށް، މިއަދުވެސް އޭނަ ކުރާ ކަންތައްތަކަށް އަޅާނުލާ މިގެންގުޅެވެނީ ޖަ—” ނަސީރާއަށް އެޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

“މަންމާ، އަނޫ…؟ ކިހިނެއްވީ؟” ބަދިގެއަށް ވަދެގެން އައި މިލްނާއަށް އަނޫޝާއާ ނަސީރާ ފެނުމުން އަހާލެވުނެވެ. ނަމަވެސް އެކަކުވެސް ޖަވާބެއް ނުދިނެވެ.

“މަންމާ… ބުނެބަލަ، ކިހިނެއްތަ ވީ؟” އެދެމީހުން ރޯތަން ފެނުމުން މިލްނާގެ ލޯވެސް ފެންކަޅިވިއެވެ.

މިޝާލްއާ ކައިވެނި ކުރި ފަހުން އަނޫޝާ އުޅެމުންދާ ގޮތް އެނގުމުން ނަސީރާގެ ލޮލުންވެސް ކަރުނަ އައީއެވެ. ރޮއެރޮއެ އިން އަނޫޝާ ގެނެސް މޭގައި ޖައްސާލައިގެން އިނދެ ނަސީރާއަށްވެސް ރޮވެނީއެވެ.

“މަންމާ…” މިލްނާއަށްވެސް ރޮވުނެވެ.

“ކަމެއް ނުވެޔޭ ދަރިފުޅާ. މަންމައަށް ކުރެވުނު ކަމަކުން އަނޫ—” ދެލޮލުން ކަރުނަ ފޮހެލަމުން ނަސީރާ މިލްނާއަށް ވީގޮތް ކިޔާދޭން އުޅުނެވެ. ނަމަވެސް އަނޫޝާ ކުއްލިއަކަށް ނަސީރާގެ އަތްތިލައަށް ފިތާލީ އެކަން ހުއްޓުވާށެވެ.

އަނޫޝާ އެހެން ހެދުމުން ނަސީރާއަށް އަނޫޝާގެ މޫނަށް ބަލާލެވުނެވެ. މިލްނާއަށް ނުފެންނާނެހެން އަނޫޝާ މަޑުމަޑުން ދެފަރާތަށް ބޯހަލުވާލީ އެކަން އިތުރު މީހަކަށް ނާންގާށޭ ބުނާފަދަ ގޮތަކަށެވެ.

“އަނޫއަށް ކިހިނެއްވީ؟” މިލްނާ ހާސްވެފައި އަހާލިއެވެ.

“އަހަންނަކަށް ކަމެއް ނުވޭ… މަންމަ މާއަވަހަށް ކަންބޮޑު ވަނީ… ހިއެއް ނުކުރަން މިކަމަކީ މިހާ އުނދަގޫ ވާނެ ކަމެއް ކަމަކަށް… ވާ އުނދަގުލުން ރޮވުނީ…” ލޯފޮހެލަމުން ހިނިތުން ވެލަން މަސައްކަތް ކުރަމުން ދިޔަ އަނޫޝާ ބުންޏެވެ.

“އުނދަގުލޭ؟ ކޮން އުނދަގުލެއް؟ އަނޫ ބަލީތަ؟” މިލްނާއަށް އަދިވެސް ވާނުވާއެއް ނޭނގެއެވެ.

“ބަލީކީ ނޫން… ބަނޑުބޮޑީ” އަނޫޝާ ބުންޏެވެ.

“އަސްލުވެސްތަ؟ ތެދެއްތަ މަންމާ؟” މިލްނާއަށް އަހާލެވުނެވެ.

ނަސީރާ ބޯޖަހާލިއެވެ.

“އަޅޭ… ދޮންބެ ވަރަށް އުފާ ވާނެދޯ؟” މިލްނާ އުފަލުން ފުންމައިގަންނަމުން އެހިއެވެ.

“އަދި ނޭނގޭނެ މިޝާލްއަކަށް… ނުބުނަން… ތުއްތަވެސް ނުބުނައްޗޭ… މަންމަވެސް އިނގޭ… އަހަރެން ބުނާނީ. މަންމަމެން އަދި އެނގޭ ކަމަށް ނަހަދައްޗޭ” އަނޫޝާ ދެމީހުންގެ މޫނަށް ވަކިވަކިން ބަލާލަމުން އެދުނެވެ.

ދެމީހުންވެސް އަނޫޝާއާ އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. ނަސީރާ ތެދުވެ އަނޫޝާ ކޮޓަރިއަށް ފޮނުވާލިއެވެ. އުނދަގޫ ވާނަމަ ބަދިގެއަށް ނުވަނުމަށް ބުނަމުންނެވެ.

ދެދުވަސް ވަންދެން އަނޫޝާ ވިސްނީ އެވާހަކަ މިޝާލް ގާތު ބުނާނެ ގޮތަކާ މެދުއެވެ. ނަސީރާ ބުނި ނަމަވެސް ބައްޕައަކަށް ވާން އުޅޭ ޚަބަރަކީ މިޝާލްއަށް އުފާވެރި ހަބަރަކަށް ވެދާނެ ކަމަކަށް އަނޫޝާއަކަށް ގަބޫލެއް ނުކުރެވެއެވެ. އެއީ އެވަހަކަ މިޝާލް ގާތު ބުނަން އަނޫޝާ އެންމެ ޖެހިލުންވާ އެއް ސަބަބެވެ.

ނަސީރާ ގާތު އަނޫޝާ އެދުނު ފަދައިން އެކަމާ ބެހޭ އެއްވެސް ވާހަކައެއް ނަސީރާ މިޝާލްއަކާ ނުދައްކައެވެ. އަދި އެދުވަހު އަނޫޝާ ނަސީރާ ގާތު ދެއްކި ވާހަކައާ ބެހޭ ގޮތުންވެސް އެއްވެސް އެއްޗެއް މިޝާލް ކައިރިއަކު ނުބުނެއެވެ. އެހުރިހާ ކަމެއް ނަސީރާއަށް އެނގޭ ކަމަކަށްވެސް ނަހަދައެވެ. މިޝާލްއާ ވާހަކަ ދެއްކުން މަދު ކުރި ނަމަވެސް މިޝާލްއާ ދިމާއަށް ކިޔަން ހުރި އެއްޗެހި ހިތުގައި ފޮރުވައިގެން ހުރީ ހަމައެކަނި އަނޫޝާއަށް ޓަކައެވެ.

“އަނޫ، ބުނިންތަ؟” އޭގެ ފަހުން ތިން ވަނައަށް ވީދުވަހު މެންދުރު ކައިގެން ދުފަން އިނދެފައި ނަސީރާ އެހިއެވެ.

“އަދި ނުބުނަން” އަނޫޝާ ބުންޏެވެ.

“ދަރިފުޅާ، ދެން ބުނޭ… ލަސް ނުކޮށް ބުނޭ” ނަސީރާ އަނޫޝާ އަތަށް ފޯއްކޮޅެއް ދެމުން ބުންޏެވެ.

“ބުނާނަން މަންމާ، ދެން ލަހެއް ނުކުރާނަމޭ” އަނޫޝާ ބޯޖަހާލަމުން ބުންޏެވެ.

އިރުކޮޅަކު ނަސީރާ ކައިރީ އިނދެލާފައި އަނޫޝާ ކޮޓަރިއަށް ދިޔައީ އޮށޯވެލާށެވެ. ނަމަވެސް ކޮޓަރިއަށް ވަންއިރު މިޝާލް ފެންވަރައިގެން ނިކުތްތަން ފެނުމުން އޮށޯންނާކަށް ނުކެރުނެވެ.

މިޝާލް އަނޫޝާއަށް ބަލާލާފައި ބޯހިއްކަމުން ދިޔަ ތުވާލި އެނދުމައްޗަށް އެއްލިއެވެ. އަދި ޑްރެސިންގޓޭބަލް ކުރިމަތީ ހުއްޓުނެވެ. އަނޫޝާ ތުވާލި ނަގާ ހަރުގައި އަޅުވާފައި މިޝާލް ބޭލި އެއްޗެހި ދާވަށިގަނޑަށް ލާފައި އައިސް އެނދުމަތި ރީތި ކުރަންފެށިއެވެ. ގުދުވެލަމުން ބެޑްޝީޓްގައި ހުރި ރޫތައް ރަނގަޅު ކޮށްލާފައި ތެދުވިތަނާ އަނޫޝާގެ މޫނުމައްޗަށް އަނދިރިވިއެވެ. އެއްއަތް ނިތްކުރީގައި ޖައްސާލަމުން އަނެއްއަތް ދިއްކޮށްލީ ތަނެއްގައި ހިފެހެއްޓޭތޯއެވެ. ނަމަވެސް އެއަށް ވުރެން ކުރިން އަނޫޝާ ވެއްޓެން ދިޔައެވެ.

ޑްރެސިންގޓޭބަލް ކައިރީ ހުރި މިޝާލްއަށް އެމަންޒަރު ފެނުނީ ލޯގަނޑުންނެވެ. އަނޫޝާ ވެއްޓެން ދިޔަތަން ފެނުމުން މިޝާލް އެނބުރިފައި އަވަހަށް ގޮސް އަނޫޝާ ހިފެހެއްޓިއެވެ. އަތްމައްޗަށް އަނޫޝާ ނަގައިގެން ގޮސް އެނދުގައި ބާއްވާލާފައި މިޝާލް ދެފަހަރަކު އަނޫޝާއަށް ގޮވާލިއެވެ. ނަމަވެސް އަނޫޝާ ލޯނުހުޅުވުމުން މިޝާލް ފާހާނާއަށް ވަދެ އަތުގައި ފެން އުނގުޅާލައިގެން އައިސް އަނޫޝާގެ މޫނުގައި އަތް ހާކާލިއެވެ.

“އަނޫ…؟” މިޝާލް ގޮވާލިއެވެ.

އަނުޝާ ލޯހުޅުވާލިއެވެ. ކައިރީގައި މިޝާލް އިންތަން ފެނުމުން ފުންމައިގެން ކަހަލަ ގޮތަކަށް އަނޫޝާ ތެދުވިއެވެ.

“ބަލިވެތަ ތިއުޅެނީ؟”

އެނދުން ތެދުވެގެން ދިޔަ އަނޫޝާއަށް މިޝާލްގެ އެސުވާލުގެ އަޑު އިވުމުން އެނބުރި ބަލާލެވުނީ އިވުނު އަޑާ މެދު ޔަގީން ނުވާތީއެވެ. އަނޫޝާއެކޭ އެއްފަދައިން މިޝާލްވެސް އިނީ އެއީ އަމިއްލައަށް ކުރެވުނު ސުވާލެއްކަމާ މެދު ޝައްކުވެފައެވެ. އެނޫނީ މިޝާލް އަނޫޝާއާ މެދު އެފަދަ ސުވާލެއް ކޮށްފައި ނުވާތީއެވެ. ކުރަން ހިތަށްވެސް ނާރާތީއެވެ.

“ބަލިވެހޭ ތިއުޅެނީ؟” އަނޫޝާ ޖަވާބެއް ނުދީ ބަލަން ހުރުމުން މިޝާލް ރުޅިއައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ފުންއަސަރު 21

Next

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 8..

Next
April 6, 2016

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 8..

Previews
April 6, 2016

ފުންއަސަރު 21

11 Comments!

  1. SoMeOnE says:
    April 6, 2016 at 5:51 pm

    Reethi
    Nxt part when
    Thi kuhjage stories vrh kiyaa hihvey :*

  2. Ximee says:
    April 6, 2016 at 6:23 pm

    Woww..vrh reethi marsha ge hurihaa vaahaka eh vx.. adhi alah marsha ge vaahaka thah kiyan mi feshy mi week ga..mihaaru marshaa ge hurrihaa vaahaka ehvx kiyaa nimijje..v reethi..vrh kiyaa hithun kiyaali..mi vaahaka vx v v v salhi..and komme dhuvahaku vx up kohdheythi v happy..thnxx..and keep it up..ur the best..♡♡♡

  3. Bee says:
    April 6, 2016 at 6:53 pm

    Mii story ehn site eh ga indheythr?? I love this story.. Writer too .. ????????????
    ♥♡♡♡♡♡♡♥

  4. anee says:
    April 6, 2016 at 6:53 pm

    Shamha preg vvinama v furihama vees hen heevey…
    AnYways v salhi hama mi part vx

  5. hoa says:
    April 6, 2016 at 8:17 pm

    Keke.. Varah salhi ???

  6. Aimsithu says:
    April 6, 2016 at 8:59 pm

    Mashah heevany shamha ves pref vaane thaoche.. nxt part ga ekan falhaa araane

  7. Aisha says:
    April 6, 2016 at 9:46 pm

    V cute Ned v emotional mi part ? Next part ah inthizaaruga myni hama

  8. wellwell says:
    April 6, 2016 at 9:54 pm

    pis pis , thioh anna rulhieh dhw.. Thi eri rulhyge roalhi baalaany kihineiybaa dhww???!!?!? alhe mihaaru hama image kureveny mishal hunnaane goiy , nd anu preg vaahaka bunefiyya mishalge face reaction, oh my god?, image nukuriyya rangalhuvaany…
    Hehehehe
    Marsha this story ix so nice ingey ,
    waiting 4 nxt part..?

  9. Rutteyy says:
    April 6, 2016 at 11:27 pm

    V nice….

  10. Yu mee says:
    April 7, 2016 at 8:20 am

    V nice. And yes shamha Preg vinama. I’m sure Marsha eyna vx Preg khlaane. Good job Marsha. Please upload the next part soon. Vara love ❤️❤️

  11. kamana says:
    April 7, 2016 at 8:39 am

    avahaa next part up kohdhehchey . v reethi mi bai ves

Comments are closed.

Next Episodeމިހިތުގެ ލޯތްބޭ ތީ 15←


All Right Reserved!