ލޯބިން ބުނާތީ 13
ހަފްތާއެއް ފާއިތުވެގެން ދިޔައީ އާދައިގެ ގޮތަކަށެވެ. ބަދަލު އައީ ގޭތެރޭގެ ތާވަލަށް އެކަންޏެވެ. ޝަރީފާ ވަޒީފާއަށް ދާން ފެށުމާއެކު ގޭތެރޭގެ މަސައްކަތުގައި ހޭދަކުރެވޭ ވަގުތު މަދުވިއެވެ. އެންމެ އެހީތެރިކަން ލިބުނީ ލިއާގެ ފަރާތުންނެވެ. ޝަމްނާއާއި ޝައުރާގެ ފަރާތުން އެހީތެރިކަން ލިބެނީ ރޭގަނޑުގެ ކެއުން ތައްޔާރުކުރާ ފަހަރުތަކުގައެވެ. އެވަރުވެސް ވާކަމަށްޓަކާ ޝަރީފާ ހިތްހަމަޖެހުނެވެ. މެންދުރު ހާލަކުން ފަހަރަކު އެއިން ކުއްޖެއް ބަދިގެޔަށް ވަދެލައެވެ. ނަމަވެސް ހެނދުނު އެ ދެމީހުން ބަދިގެއިން ފެނުމަކީ މުސްތަހީލުކަމެކެވެ. ގޭތެރޭގެ ގިނަ މަސައްކަތް ކުރަމުން ލިއާ ކިޔެވުމައިގެން ހިތްވަރު ކުރިއެވެ. އެ ދުވަސްތަކުގައިވެސް އަލީޝާގެ ނުސީދާ ރުޅިވެރިކަމުގެ ބަސްތައް ލިއާއަށް ރައްދުކުރެއެވެ. ލިއާ ވަނީ މިހާރު އެކަމަށް ހޭނިފައެވެ. ކައިރާ އާއި ދެކުދިންގެ ގުޅުން ވަނީ ކުރިޔަށްވުރެ ގާތްވެފައެވެ. ހަފްތާއެއް ފާއިތުވެގެން ދިޔައީ މިކަހަލަ ގޮތަކަށެވެ.
ހަފްތާ ނިމި ޖެހިގެން އައި ދުވަސްވެސް ވީ ވިއްސާރަ ދުވަހަކަށެވެ. ހައެއް ޖެހިއިރު ޝަރީފާ އުޅުނީ ބަދިގޭގައެވެ. ލައިގެން ކާނެ އެއްޗެއް ތައްޔާރުކުރުމަށެވެ. ހަގަޑި ބައިވާން ވީއިރަށް އޭނާ ނިމިގެން ނިކުންނަނިކޮށް ލިއާ ބަދިގެޔަށް ވަންނަން އަންނަނީއެވެ.
“ދައްތަ އެހުރީ ކުޅިމަސް ހަދާފަ…ލިއާ ދެން ރޮށި ފިހެލާ…މިދަނީ ވަރަށް ލަސްވެގެން…” ޝަރީފާގެ ހަރަކާތްތަކުގައިވީ އަވަސްއަރުވާލުމެވެ. ލިއާ ބޯ ޖަހައިލުމާއެކު މަސައްކަތް ފަށަން އަވަސްވެގަތެވެ.
ރޮށި ފިހެ ނިންމާލާފައި މިލްކް ކޮފީ ތައްޓެއް ގިރައިގެން ލިއާ ދޮރުމައްޗަށް ނިކުމެލިއެވެ. އޭރު ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ލިއާގެ މަސައްކަތުން އިންދާފައިވާ މާގަސްތަކާއި, ގިތެޔޮ މިރުސް ގަހުގެ ފަތްތައް މި ވާރޭތެރޭގައި ފެންނަމުންދަނީ ކުލަގަދަވެފައި ވަނިކޮށެވެ. ވެހެމުން ދިޔަ ވާރޭއިން ގަސްތައް ފެންވަރުވަމުން ދިޔައީ އެ ތަކެއްޗަށް ތާޒާކަން ގެނުވަމުންނެވެ. އުޑުގައިވި އަޅި ކަޅު ބޯ ވިލާތަކަށް ބަލާލުމުން އެކަނިވެސް ހަށިގަނޑަށް ކަންނެތްކަން ވެރިކުރުވާ ލޯތަށް ބަރުކޮށްލާ ކަހަލައެވެ. ކޮންމެ މީހަކުވެސް އަރާމު ރަޖާތެރޭގައި ފޮރުވިގެން އޮންނަން ބޭނުންވާ ކަހަލަ ދުވަހެކެވެ.
ފިނީގެ އަސަރު ދޮރުމަތީ ހުރި ލިއާގެ ހަށިގަނޑަށް ކުރުމާއެކު އޭނާ ރޫރޫ އަޅައިގަތެވެ. އަވަސްއަވަހަށް ހޫނު ކޮފީތަށީގައި ޖައްސާލައިގެން ހުރި އަތް ނައްޓުވާލަމުން ކޯތާފަތުގައި ޖައްސާލީ ފިނިކަން ކުޑަކުރުމަށެވެ. އެވަގުތު ވީ އަރާމަކުން އޭނާއަށް ލޯވެސް މަރާލެވުނެވެ. ކޮފީތަށީގެ މީރުވަހާއި ގުޅިގެން މާހައުލުގައި ހިފާފައިވާ ބިންގަނޑުގެ ތެތްފިނިވަހުން ސިކުނޑިއަށް އަރާމު ގެނުވައެވެ. ލިއާ އެތަނުން ދުރަށް ދާހިތްނުވިއެވެ. ނަމަވެސް ހުރެވޭނީވެސް ކިހިނެއް ހެއްޔެވެ؟
ސްކޫލަށް ދާން ރެޑީވާން ވަގުތުކޮޅެއް އޮތުމުން ލިއާ އޭނާގެ ބައްޕައަށް ގުޅާލިއެވެ. ޝަރީފް ނޭހިޔަސް ލިއާ އޭނާގެ ސްކޫލް ފުރަތަމަ ހަފްތާ ފާއިތުވެގެން ދިޔަ ގޮތް ހިއްސާކުރިއެވެ. އަދި ސްކޫލުގައި ކަންކަން ހުންނަ ގޮތް ކިޔައިދިނެވެ. ނަމަވެސް ކުދިންގެ ހަނގާކުރުމާ ކުރިމަތިލާންޖެހޭ ވާހަކައެއް ނުބުނެއެވެ. ޝަރީފްގެ ވާހަކަތަކުގައި ހުރީ އާދައިގެ ގޮތެކެވެ. ލިއާ އޭނާގެ ދޮންމަންމައާއިވެސް ވާހަކަ ދެއްކިއެވެ. ހާލުއަހުވާލު އަހާ އޮޅުންފިލުވާފައި އޭނާ މާ ގިނަ ވާހަކައެއް ލިއާއަކާ ނުދައްކައެވެ. އެއީ އަބަދުވެސް އާދައެވެ. މާ ގިނައިރު ނުކޮށް ޝަރީފްވެސް ފޯނު ބާއްވައިފިއެވެ.
ފެންވަރައިގެން ނިކުމެ ސްކޫލަށް ދާން ތައްޔާރުވީއިރު ލިއާ ހުރީ ގަނޑުވާހާ ފިނިވެފައެވެ. ނަމަވެސް އެންމެ ދުވަހެއްވެސް ފެން ނުވަރާ ސްކޫލަށް ދިއުމަކީ އޭނާ ކުރާނެ ކަމެއް ނޫނެވެ. އަދި އެވަރުން ނުވެގެން ސްކޫލުން އައުމަށްފަހުވެސް ފެންވަރާނެއެވެ. ރޭގަނޑު ނިދުމުގެ ކުރިންވެސް މެއެވެ.
ދަބަސް އަޅައިގެން ނިކުތް އިރު ޝަމްނާ ކޮޓަރިން ނިކުތީއެވެ ޝައުރާ ފެންނާކަށް ނެތެވެ. “ސައިނުބޮއި ދަނީތަ…؟” ލިއާ ސްޓާކީނަށް އަރަނިކޮށް ޝަމްނާ އެހިއެވެ. އާނއެކޭ ބުނެފައި ކުޑަ ހިފައިގެން ލިއާ ނިކުތީ ބަސް ސްޓޮޕަށް ދިއުމަށެވެ. ޝަމްނާ ލަވައެއްގެ ރާގު އަޅުވަމުން ވަނީ ބަދިގެއަށެވެ. އޭނާ ސްކޫލަށް ދިއުމުގެ ކުރިން ސައިބުޔުމަށެވެ.
ތާރު ނާޅާ އޮތް މަގުތައް ވަނީ ފެންގަނޑު ހެދި ޗަކަވެފައެވެ. ދުއްވާ އެއްޗެއްގައި ނޫން ގޮތަކަށް އެ މަގުތަކުން ދިއުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ހާއްސަކޮށް ސްކޫލަށް ދާ ކުދިންނަށެވެ. ސްކޫލް ދޮރުމައްޗަށް ބަސް ހުއްޓުމާއެކު އާދައިގެ މަތިން ސެކިއުރިޓީއަށް ސްޓޫޑެންޓް ކާޑް ދައްކާލާފައި ހުރިހާ ކުދިންވެސް އެތެރެއަށް ވަދެގެން ދިޔައެވެ.
ކްލާހާ އަރާ ހަމަވިއިރު އަލީޝާއާއި އޭނާގެ ބައިވެރިން ދޮރުމަތީ އޮލަ ވާހަކައެއްގައި ތިއްބެވެ. އެމީހުންނަށް ބެލުމެއް ނެތި ލިއާ ގޮސް އެތެރެއަށް ވަނެވެ. އެވަރުންވެސް ލިއާއަށް ނިސްބަތްކޮށް ކޮންމެސް އެއްޗެކޭ އަލީޝާ ބުނެލިއެވެ. އިފާ އަދި މީޝާގެ ނުލަފާ ހުނުމުގެ އަޑު އިވުނެވެ. ލިއާ އެކަންކަމަށް ސަމާލުކަން ނުދީ ވޭތޯ މަސައްކަތް ކުރި ނަމަވެސް ހިތުގައި ޖެހޭ ފަހަރު މަދެއް ނޫނެވެ. އޭނާގެވެސް ބާރެއް އެކަމުގައިވާނަމަ އޭނާވެސް ދުނިޔެއަށް އަންނާނީ އަލީޝާ ފަދައިން މުއްސަންޖެއް ގޮތުގައެވެ.
ވާހަކައިގަ ތިއްބާ ސިޑިބަރި ކައިރިން ގްރޭޑް ދިހައެއްގެ އަންހެން ގްރޫޕެއް ފެނި އަލީޝާގެ ދެބުމަ ގޮށްޖެހުނެވެ. އެކުދިންނަށްވެސް އަލީޝާ ފެނުމާއެކު ލިބުނީ ސިހުމެކެވެ.
“މިއަދުވެސް އައީ އޭ ދޯ…؟ މީ ދެން ބޮޑުވެއްޖެ ކަމެއްނު…؟! ގޮސް އަމިއްލަ ކްލާހުގަ ތިބެބަލަ…އަދި ކުރާނެ ކަމެއް ނޭނގިގެން ކޮންމެ ދުވަހަކު ކައިލް ދެކެން އެބަ އާދެޔޭ…ކިތައް ފަހަރު ބުނާނި ކައިލް ނޫޅޭ ކަލޭމެންނަށް ސަމާލުކަން ދޭ ހިތަކުން…ރީތި ސިފައެއް ލިބިފަ ހުރިނަމަވެސް ރަނގަޅޭ…! ކަލޭމެން ކްލާހުގަ ފިރިހެނުން ނޫޅެނީތަ…؟ ދެން މި ކްލާސް ކައިރިން ފެނިއްޖިއްޔާ މި ސްކޫލްގަ އުޅެން ނުކެރޭވަރު ކުރާނަން…!!” އަލީޝާ އިންޒާރު ދިނުމާއެކު އެކުދިން ގަތް ބިރުން އަވަހަށް ސިޑިން ފައިބެގެން ދިޔައެވެ. އޭރު ރުޅިއައިސް ހުރިވަރުން އަލީޝާގެ މޫނު ހުރީ ރަތްވެފައެވެ.
އަލީޝާއަށް ފުރަތަމަ އެކުދިން ފެނުނީ އެގާރައިގެ ކްލާހުގެ ކުދިން ބްރޭކް ގަޑިޔަށް ކެންޓީނަށް ދިޔަ ވަގުތު ސިޑިބައިރި ކައިރި ތިއްބައެވެ. އެދުވަހުވެސް އެމީހުން ކައިލްއަށް ބަލަބަލާފައި ތުއިވަމުން ދިޔަ ގޮތުން އޭނާއަށް ވީގޮތް ނަގައިގަނެވުނެވެ. ލޯ އަޅާލާފައިވެސް އެއްޗެކޭ ބުނަން ނުކެރުނީ ކައިލްގެ ރަހުމަތްތެރިން ކުރީގައި ތިބުމުންނެވެ. ނަމަވެސް ދެވަނަ ދުވަހު އެކުދިން ފެނުމުން އޭނާ އިންޒާރު ދިނެވެ. ހީވަނީ ކައިލްއަކީ އަމިއްލަ ހައްގެއްހެންނެވެ. އޭނާ ދެކެ ގަންނާކުރައްވާ ބިރުން ދެތިން ކުއްޖެއް އައުން ހުއްޓާލި ނަމަވެސް ބައެއް ކުދިން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކައިލް ކްލާހަށް ވަންނަ ގަޑީގައި ކައިލް ދުށުމަށް އާދެއެވެ. އެކުދިން އަލީޝާދެކެ ގަންނަ ބިރަށްވުރެ ކައިލްއަށްޓަކާ އުފެދިފައިވާ ‘ކްރަޝް’ މާ ވަރުގަދައެވެ. ނަމަވެސް މިފަހަރު އަލީޝާ ދިން އިންޒާރުން އެކުދިން ކުރިން ނުގަންނަވަރަށް ބިރުގަތެވެ. އަލީޝާގެ އާއިލާގެ އާރާއި ބާރުގެ ނުފޫޒުން އޭނާ އެބުނާ ކަންތައް ކުރުމަކީ ފެންފޮދެއް ބޯލުންހާ ފަސޭހަ ކަމެއްކަން އެންމެންވެސް ދަނެއެވެ.
ކުދިކިޔަމުން ކްލާސްތެރެއަށް ވަދެ އަލީޝާ އޭނާ ހިތް އެދޭ ބައިވެރިޔާއަށް ސިއްރުން ނަޒަރު ހިންގާލިއެވެ. އެވަގުތު ހިތަށް ފޮނި ތަދެއް އިހުސާސްވިއެވެ. ކައިލްގެ ކިބައިގަ ވަނީ ކިތައްމެ ވަރަކަށް އެ މޫނަށް ބެލިޔަސް ބަލާ ފޫހިނުވާނެހާ ފިރިހެންވަތަކަމެކެވެ. މިހާރުވެސް އިޝާންއާއި ވާހަކައެއްގައި އިންއިރު އެއްފަރާތަކުން އެ މޫނު ފެންނައިރު ހިތް ހުއްޓޭހާ ފުރިހަމައެވެ. މި ވޭތުވެދިޔަ ދުވަސްތަކުގައި އޭނާ ވަނީ ސޯޝިއަލް މީޑިއާގެ ވަސީލަތްތަކުން ކައިލްގެ އެކައުންޓްތައް ހޯދަން މަސައްކަތްކޮށްފައެވެ. އަދި ކުރި މަސައްކަތުން ކައިލެގް އިންސްޓަގްރާމް އެކައުންޓް ފެނުނެވެ. ޕަބްލިކް އައިޑީއެއްކަމުން އޭގައިވި ކައިލްގެ ފުރިހަމަ ތަސްވީރުތަކަށް ބަލަން އޭނާއަށް އޮވެވުނީ ކިހާއިރެއް ވަންދެންކަމެއްވެސް ނޭނގެއެވެ.
ފަހަރަކު މާއްދާއެއްގެ ގަޑިތައް ނިމެމުން ގޮސް ދިވެހި ގަޑި ޖެހުނެވެ. އެދުވަހުގެ ފިލާވަޅު ނަގައިދިނުމަށްފަހު ދިވެހި ޓީޗަރު ނަހުލާ ވާހަކަދެއްކިއެވެ. “މިސް ބޭނުންވަނީ މި ފިލާވަޅާ ގުޅޭ ގޮތުން ތިކުދިން ޕްރޮޖެކްޓެއް ތައްޔާރުކުރަން…މި މަސައްކަތް ކުރަން ޖެހޭނީ ހަތަރު ކުދިން ހަތަރު ކުދިންގެ ގްރޫޕަކުން…ޖުމްލަ ވިހި ކުދިން މި ތިބީ…އެހެންވީމަ ފަސްކުދިން އިސްނަގައިގެން މިސް ކައިރިއަށް އާދޭ…އެކުދިން ބޭނުން އިތުރު ތިން ކުއްޖަކު ހިޔާރުކުރެވޭނެ…އެކުއްޖަކު ވާނީ ގްރޫޕް ލީޑަރަށް…” ނަހުލާގެ ވާހަކަ ނިމުމާއެކު ކުދިންތައް ވާހަކަ ދައްކަން ފެށި ގޮތުން ކްލާސް ހަލަބޮލިވިއެވެ. އިރުކޮޅެއްފަހުން ތިން ކުއްޖެއް ތެދުވެގެން އައެވެ.
“އައި ސްވެއަރ އިފް ޔޫ ޑޯންޓް ޕިކް މީ……!!” އަންފް ތެދުވެގެން ދާން އުޅެނިކޮށް ކައިލް އިންޒާރު ދިނެވެ. އަނަފް ހެމުން ހެމުން ކައިލްގެ އަތުގައި ޖަހާލިއެވެ.
އަނަފް ތެދުވެގެން ދިއުމާއެކު ހިތްހަމަޖެހިފައި އިން ކައިލްގެ މޫނުގެ ކުލަވަރު ބަދަލުވީ ތެދުވެގެން ދިޔަ އަލީޝާ ފެނުމުންނެވެ. އޮޅިގެންވެސް އަލީޝާގެ ބަޔަށް ދާކަށް ކައިލް ބޭނުމެއް ނޫނެވެ. އެތަނަށް ދިޔައިރު ކައިލްއަށް ބަލާލާފައި ރައްދުކޮށްލި މާނަފުން ހިނިތުންވުން ފެނި ކައިލް ފޫހިވެގެން ހަލާކުވާވަރުވިއެވެ. އަނަފްއަށް ވުރެ ކުރިން އަލީޝާއަށް އިހްތިޔާރު ކުރަން ލިބިއްޖެނަމަ އޭނާ ކައިލް އިހުތިޔާރުކުރާނެކަން ކައިލްއަށް ގާތްގަނޑަކަށް ޔަގީންވެއެވެ. “ފަ*…” ކައިލްއަށް ބުނެވުނީ ވީ ފޫހިންނެވެ.
ރިސްކެއް ނަގަން ބޭނުން ނުވުމުން ކައިލް އެންމެ ފަހުން ގޮނޑިން ތެދުވެގެން ގޮސް ނަހުލާ ދެއްކި ތަނުގައި ހުއްޓުނެވެ. އޭރު އަލީޝާގެ މޫނުގެ ކުލަ އޮއްސިއްޖެއެވެ. ނަމަވެސް ރަކި ނުވާންވެގެން އޭނާއަށް އެނބުރި ދާކަށް ނުކެރުނެވެ. ކައިލް އައުމުން ހައިރާންވެފައި ހުރި އަނަފްއަށް ވާނުވާ އެނގުނީ އަލީޝާ ފެނުމުންނެވެ. އޭނާއަށް ހެވުނެވެ. އޭރު އިށީނދެގެން އިން އިޝާންވެސް ހިނިގަނޑު ހިފަހައްޓަން އުޅެގެން ކޮށިނޭރީ ކިރިޔާއެވެ. “މައި ބްރޯ އެސްކޭޕްޑް ފޯރ ހިޒް ލައިފް…” މަޑުމަޑުން ގާތު އިން އާލިފް ގާތު މިހެން ބުނުމާއެކު އޭނާވެސް ހޭންފެށިއެވެ. އޭރު ގިނަ ކުދިންވެސް ތިބީ އަލީޝާއަށް މި ލިބުނު ލަނޑާ ހެދި އެތެރެއަށް ހިނިނގަނޑު ހިންދާލައިގެންނެވެ.
“ކޮބާ ކައިލް އަވަހަށް ކުއްޖަކު އިހުތިޔާރު ކުރޭ…!” ނަހުލާ ހިނިއައިސް ހުރެ ބުނެލިއެވެ. ކައިލް ފާޑަކަށް ރަކިވާގޮތްވީ ނަހުލާ ހިނިއައިސްހުރި ގޮތުންނެވެ. އަލީޝާގެ ސަބަބުން އޭނާ ތެދުވެގެން އައި ގޮތުން ހިނި ނާންނަވަރެއް ނޫނެވެ.
“އިޝާން…!” ކައިލްގެ ފުރަތަމަ އިހުތިޔާރު އިއްވާލިއެވެ.
“އޮބްވިއަސްލީ…” އިޝާން އަތްޖަހާލަމުން ތެދުވެ މޭ ފުއްޕާލައިގެން ހުރެ ކައިލް ގާތަށް ދިޔައެވެ.
ފަހަރަކު ކުއްޖަކު އިހުތިޔާރު ކުރަމުން ގޮސް އަނެއްކާވެސް ކައިލް އާއި ޖެހުނެވެ. އަނަފް ލީޑަރަކަށް ހުރުމުން ކައިލްއަށް އޭނާ އިހްތިޔާރު ކުރެވޭކަށް ނެތެވެ. އެވަގުތު އިޝާން ކައިލްގެ ކަންފަތް ކައިރި ވާހަކައެއް ބުނެލިއެވެ. “ބްރޯ މީ ދިވެހި ޕްރޮޖެކްޓެއް އިނގޭ…!! އެހެންވީމަ މަށަށް އިތުބާރު ނުކުރާތި…ތަންކޮޅެއް ކަންކަން އެނގޭ، މި ސަބްޖެކްޓަށް ފަރިތަ މީހަކު ޗޫޒް ކުރޭ…!” އިޝާން ބުނެލިއެވެ.
ކައިލްގެ ނަޒަރު ކްލާސްތެރެއަށް ހިންގާލިއެވެ. ބައެއް އަންހެންކުދިން ކުދި ކުދި އިޝާރަތްތަކުން އެމީހުން އިހުތިޔާރުކުރުމަށް ކައިލްއަށް ސިގްނަލްދެމުން ދިޔައެވެ. ކައިލް ފިރިހެން ބަރިއަށް ކަޅިއެއް އެއްލިއެވެ.އެއަށްފަހު އަނެއްކާވެސް މުޅި ކްލާހަށް ނަޒަރު ހިންގާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި ވަކި ފަރާތެއް އަޅައިގަތެވެ.
“ޔޫ…!” ކައިލް އިނގިލިން އިޝާރަތްކޮށްލި ފަރާތް ފެނުމުން އެންމެންނަށް ލިބުނީ ޝޮކެކެވެ. އެންމެން އަނގަ ހުޅުވިފައި ތިބިއިރު ޙުދު ލިއާވެސް އިނީ ޝޮކެއްގައެވެ ގާތު ތިބި ކުދިންނަށް ނަޒަރު ހިންގާލާފައި އޭނާ ކައިލްގެ މޫނަށް ބަލައިލިއެވެ. އަދި އަމިއްލަ މޭގައި އިނގިލި ޖައްސާލީ ގަބޫލު ނުކުރެވިގެންނެވެ.
“ޔެސް ޔޫ…! ލިއާ…!” ކައިލްގެ ބަރު އަޑުން ބުނެލިއެވެ.
ކައިލްގެ ދުލުން ލިއާގެ ނަން އިވުމާއެކު ގިނަ ކުދިން ހަސަދައިން އަނދައިގަތެވެ. އެ ކްލާހުގައި ކައިލް މި ވޭތުކުރި ދުވަސްތަކުގައި އަންހެންކުއްޖެއްގެ ނަން އެ ކިއީ އަލަށެވެ. އެ ނަސީބު ލިއާއަށް ލިބުމުން ހަސަދަވެރި ނުވާނީ ކާކުހެއްޔެވެ؟ ހާއްސަކޮށް ކައިލްއަކީ އެ ކްލާހުގެ ގިނަ އަންހެންކުދިންގެ ހިތްތަކުގައި ރަސްކަންކުރަމުންދާ ފަރާތެވެ.
ފަސްޖެހިފައި އިނދެ ލިއާ ގޮނޑިން ތެދުވިއިރު ކައިރާ ސިއްރުން ދިމާކުރާ އަޑު އިވެމުން ދިޔައެވެ. ފަރާތަކަށް ނުބެލި ނަމަވެސް އަންހެންކުދިންތަކުގެ ހަސަދައިގެ ހޫނުކަން ލިއާއަށް އިހުސާސްވަމުން ދިޔައެވެ. ހާއްސަކޮށް އަލީޝާގެ ރުޅިވެރި ނަޒަރުގެ އަލިފާންފަދަ ހޫނުކަން މުޅި ހަށިގަނޑަށް ވެރިވެފައި ވެއެވެ. މަޑު ހިނގުމެއްގައި ލިއާ ގޮސް ކައިލް އާއި އިޝާން ގާތު ހުއްޓުނެވެ. އިޝާން ލާނެއް ގޮތަކަށް ހެވިފައި ހުރުމުން ލިއާ ވަކިން ލަދުގަތެވެ.
އިރުކޮޅެއް ކުރިން، އެއްވެސް މީހެއްގެ ފުރަތަމަ އިހުތިޔާރަށް ލިއާ ނުވާނެކަމުގެ ޔަގީންކަމުގައި އިންދާ، ކައިލް މިކުރި ކަމަކުން ލިއާ ހައިރާންވެ އަންތަރީސްވިއެވެ. އަދި ކްލާހުގެ އެންމެންގެ ސަމާލުކަން ހުއްޓިފައި ހުރުމުން އޭނާ ހުރީ ލަދުން މަރުވާވަރުވެފައެވެ. އެއްވެސް މީހަކު އަމިއްލައަށް ފެނިގެން ލިއާ އިހުތިޔާރުކުރުން އެއްކިބާގައި އޮއްވާ ކައިލްފަދަ ކްލާހުގެ ވިދާ ތަރިއެއް ލިއާ އިހުތިޔާރު ކުރުމުން ޝޮކެއް ނުލިބޭ ވަރެއް ނޫނެވެ. ލިއާ ހީކޮށްގެން އިނީ ގުރޫޕްތަކަށް ކުދިން ހަމަވުމާއެކު ދެން އިތުރު ގޮތެއް ނެތި ދާން ޖެހޭ ގްރޫޕަކަށް ދާން މިފަހަރުވެސް ޖެހޭނެކަމުގައެވެ. މީގެ ކުރިން ކަންތައް ހިނގާފައި ވަނީވެސް އެހެންނެވެ.
ކައިލް ދެން އިހުތިޔާރުކުރި ފަރާތުގެ ނަން އިވުމުންވެސް ކުދިން ހައިރާންވިއެވެ. ކައިލްގެ ގްރޫޕަށް ކުދިން ހަމަވުމާއެކު އިންތިޒާރުގައި ތިބި ބައެއް ކުދިންގެ ކަރު އެލުނީ މާޔޫސްކަމާއެކުއެވެ. ކައިރާ ފުޅާ ހިނިތުންވުމެއްގައި ހުރެ އައީ ލިއާއާއި އެއް ގްރޫޕަކަށް ޖެހުމުން އެ އުފަލުގައެވެ. އޭރު އަލީޝާގެ މޫނު ބަނަކަމުން ބޭރުތެރޭގައި އުފެދިފައިވާ ތޫފާނަށްވުރެ މާ ބިރުވެރިއެވެ. ކައިރާ ހުރީ ހެވިދާނެތީ ތުންފަތުގައި ދަތް އަޅައިގެންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.




Goossshhhh..
I looooovvvvveeeeeewe hiiimmmmmmm… 😭😭 This is soooooo goooood…. Can’t wait for the next parrtttttttt….
Lysmmmmmmm… 🫶🏻🫶🏻
Thank you so muchhh 💗 so happy you loved it!! ☺️
OH MY GOOOOOOOOOOOOOSHHHHHHHHHHHH
I MISSED YOU GURLLLYYY
LIAa is falling deeep
WHATTTTTTTTT is wrong with aleeshaa
She doesn’t own Kail N never will
Sheex v hinigadu hindhan masahkaiy kurin but
FAIL VEEE 💯
OMG first time kail calling a girl and by there name
Wow liaa is lucky
Sheex ah ves mi jehenii hama liaa ah jehey kahala ehchehi dhww
Sheex ge ves experience ah balaafa
4 me it’s was annoying boy eh govaaleema
V REETHI MI PART MA BTW
CW4THENEXTP
TC
Thank you so much 💗 I’m so happy you enjoyed this part. More coming soon!!☺️
Woow mi part vx hama v reethi too gud Masha Allah 😍 alisha ge moonu fenna kahala hama 🤭 kyle is soo lwbi alheyh 🫠 curiously waiting for the next part… ♥️ Tc 🫶
I’m glad you liked it 💗 Thank you so much 💗