އާއެކޭ ލޯބިވޭ… ސާޅީސް ތިންވަނަބައި ( ހިތްދަތިކަމާއި ނިމުންނެއް އިމްތިޚާނުތައް)
މި ނާޒުކު ހާލަތުގައި އެ އުފާވެރިކަން ވަޔާއެކު އެކު ވެއްޔަށް ވެދާނެއެވެ. އެހެން ވެއްޖެނަމައީ ބިކަވާނީ އެ ދެ ކުޑަ ކުޑަ ފުރާނައެވެ. ކޮންމެވެސް އެއްލޯބިން މަހުރޫމު ވާނެއެވެ. މަންމަ ނޫނީ ބައްޕަގެވެ. ބޮޑަށް ލަފާކުރެވެނީ ވާނީ ބައްޕައަށެވެ. ބޮޑު ޒިންމާއަކާއި މަސްއޫލިއްޔަތެއް ބޮލު އަޅައިގެން އުޅޭ ޒިންމާދާރު ސިފައިންގެ އޮފިސަރަކަށް ވާތީއެވެ. ދަރިންނާއި އުޅެން ވަގުތު ހުސްކުރަން ދަތިވާނެ ތީވެސް އެކުއެވެ. ދަރިން ބަލަން ވަޒީފާއިން ކެނޑިދާނެހެން ހިއެއް ނުވެއެވެ. އޭނާ އެއީ މާ ގަދަރުދޭ ވަޒީފާއެކެވެ. ލޯބިކުރާ މަސައްކަތެކެވެ.
ހީރާޔައި ހިލައިގަވެސް ހާދަ ތަފާތުތަކެއް ހުންނާނެއެވެ. އެފަދައިން މިއަދު ހުއްބާ އާއި މުލްހަމުގެ ލޯތްބަށްވެސް ބަދަލު އަތުވެއްޖެއެވެ. ކޫރުން އެޅި ޖެހި ބާރުގޮށުގައި ރެނދުލައިފިއެވެ. ” މުލްހަމް: ފުރާނައިން ލޯބިވޭ! އިރާއިރުގެ ހަނދު ވަރަށްވެސް މި ލޯބި ދުރުނުކުރެވޭނެ.” ލޯބީގެ ދާސްތާތައް އިއްވަމުން ވީ ވަޢުދުތައް ކޮބައި ހެއްޔެވެ؟ އިރު އަރާއި އޮއްސޭހެން އެގުޅުންވެސް ނިމެނީ ހެއްޔެވެ؟ ހިމަފޮދު ވާރެއާއި އެއްވެ ވެލިތައް ޗަކަވާހެން އެ ލޯބި ކިލަނބުވެގެން ދާނީ ހެއްޔެވެ؟
********************************************************************
ރޭގަނޑުގެ އަނދިރިކަމުގައި އިވެމުންދިޔައީ ގަޑީގެ ސިކުންތުކަށީގެ އަޑެވެ. އެއަޑު ޚުބާބުގެ ކަންފަތުގައި ޖެހެމުންދިޔައީ ހަރު ބެރު ޖަހާ ފަދައިންނެވެ. އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮތްއިރު، އޭނާގެ ސިކުނޑީގައި އެނބުރެމުންދިޔައީ އެހުވަފެނެވެ. އެ ހުވަފެނުގައިގެ މިލީހަމް ބުނެލިފަހު ބަސްތަކެވެ. އެއީ ހަމައެކަނި ބަސްތަކެއް ނޫނެވެ. މިލީ އޭނާއަށް ދިން އިންޒާރުގެ ފުރުސަތެއް ހެއްޔެވެ؟
“ޚުބާބު: މީ… އަޅެ ކޮން ކަންތައް ގަނޑެއް. މިލީއަށް މިވަނީ ކިހިނެއްބާ؟” ޚުބާބު އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ. އޭނާގެ އެކުވެރިންގެ، ހަނދާންތައް އާވުމުން ހިތަށް އިތުރު ބަރުކަމެއް ލިބުނެވެ. އެ ގުރޫޕުގެ އެކަކުވެސް ޚަބަރެއް ނުވެއެވެ. އެތެރޭގައި ބޮޑު އޮޅުން ބޮޅުން ގަނޑެއްވަނީ އުފެދިފައެވެ. ސިއްރުތައް ގިނަވީއެވެ. މި ރަހުމަތްތެރިކަން އިމާރާތެއް ހެން އަރިއަޅާލީއެވެ. ތެދު ނުކުރެވޭ ވަރަށް ބަޅުވީއެވެ. ތަޅާލަން މަޖުބޫރުވަނީއެވެ. މިހާރު މިއީ ފަހުމްނުވާ ފަރުދާއެކެވެ. ކަސްވެފައިވާ ކެހިދާއެކެވެ.
ޚުބާބު ތެދުވެގެން ގޮސް އަލަމާރި ކައިރީގައި ހުއްޓުނެވެ. އަލަމާރި ތެރެއިން އޭނާ ނެގީ ފޮތެކެވެ. މަޑު ނޫކުލައިގެ ތަޅު އަޅުވާފައި އޮތް ފޮތެކެވެ. ކުޑަ ފޮއްޓެއް ތެރެއިން ނެގި ކުޑަ ތަޅުދަނޑި އަކުން އެ ހުޅުވާލިއެވެ. އެތެރޭގައި ގަލަން އޮތީ ތައްޔާރުގައެވެ. އިތުރު ވިސްނުމަކަށް ވެސް ނުގޮސް ހުރިތައި ހުރެ ޚުބާބު ލިޔަން ފެށިއެވެ. “އޮޔާދިޔަ ފަތެންހެން މަގޭ ވިންދު ހުއްޓުން… އޮޔާބެހި ވަޔާއެކު މަ ކަނޑުވެވި ހިގައްޖޭ…”
“ޚުބާބު: އަހަރެންގެ ނަވު، ހަމަ އޮޔާ ވަޔާއެކުވެ ކަނޑުވީދޯ” ޚުބާބު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. “ޚުބާބު: އެކަމަކު މިއީ ކުށެއްބާ؟ ލޯބިވާކަށް ނުވާނެދޯ؟”
ހަމަ އެވަގުތު އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަމުން ދިޔައީ ނުދައްނަށް ނަންބަރަކުންނެވެ. ފޯނު ނެނގުމާއެކު އެކޮޅުން ހަލޯ ބުނެފިއެވެ. އެއަޑުގައި ދަންނަށް ގޮތް ގަނޑެއް ހުރިހެން ވެސް ހީވެއެވެ. މާ ބޮޑަކަށް ފާހަގައެއް ނުވިއެވެ.
” ސާއިލު: ހަލޯ! ޚުބާބު، ބައްދަލުކޮށްލަން އެބަޖެހޭ. ވަރަށް މުހިންމު.” ބާރު ބާރަށް އެމީހަކު ބުނެލިއެވެ.
ކިއްކުރާ މީހެއް ހެއްޔެވެ؟ ޚުބާބުގެ ނަންބަރު ލިބުނީ ކޮން ގޮތަކުން ހެއްޔެވެ؟ ޖަވާބެއް ނުދީ ޚުބާބު ވިސްނަން ހުއްޓާ އޭނާ މީ ސާއިލޭ ބުނެފިއެވެ.
” ސާއިލު: ސާބަހޭ ޚުބޭ. އެއްޗެއް ނުބުނެ ތިހުރީ އޯ. މީ ސާއިލޭ.”
ސާއިލުގެ އަޑު ކަންފަތުގައި ޖެހުމާއެކު ފިނިވާ ގޮތް ވިއެވެ. ޚުބާބުގެ މުޅި ހަށިގަނޑަށް ހީވީ ފިނި ރާޅުއް ބާނީއެއް ފެތުރިގެން ދިޔަހެންނެވެވެ. އެތައް ދުވަހެއްގެ ހަނދާންތަކެއް އާކޮށްދިން ފަދައެވެ. އެ އަޑުގައި މިހާރު ކުރިން ނުހުންނަ ފަދަ މަޖާ ގޮތެއްނެތެވެ. އެކުލެވިގެން ވީ ސީރިއަސް ގޮތެކެވެ.
“ޚުބާބު: ސާއިލު؟ ތީ ހަމަ އީއްލޭތަ؟” ޚުބާބަށް އަހާލެވުނީ ގަބޫލުކުރަން ދަތިވެފައި ކަހަލަގޮތަކަށެވެ.
” ސާއިލު: އާނއެކޭ. މަމީ ސާއިލޭ. ޚުބޭ ކައެ، ހަމަތަ އަނެއްކާ. ހާދަ ގޮތަކަށޭ.” ހެވިފައި އިއްލެ ބޯ އަނބުރާލިއެވެ.
“ޚުބާބު: ކިހިނެއް ހަމަވާނީ. މަ މިހިރަގެން މަރުވަނީއޭ.” ކެތްނުވެގެން އޭނާއަށް ބުނެވުނެވެ.
” ސާއިލު: ކަމަކުއޭ މިގުޅީވެސް. ވަގުތެއް ނެތް ގިނަ ވާހަކަ ދައްކާކަށް މިހެންވެސް. މިރޭ ނުވައެއް ޖަހާއިރު ލެމަން ގުރާސްއަށް އާދޭ.” ވާންވީ ގޮތާއި ހަދަންވީ ގޮތް ކިޔައިދިނެވެ.
” ޚުބާބު: އާ ދެވޭތޯ ބަލާނަން.” ފޮތް ހިފައިގެން އެނދުގައި އިށީނދެލިއެވެ. ފޯނު ސުޕީކަރު ޖައްސާލިއެވެ.
” ސާއިލު: ހާދަ ގޮތަކަށް. މީ ވަރަށް މުހިންމު ކަމެއް ކައެއަށް އެންގެންވާނެ. ދައްކަން ޖެހިފަވީ ބޮޑު ވާހަަކައެއް. ” އިންޒާރެއް ދޭހޭން ބާރަށް ސާއިލު ބުނެލިއެވެ.
ދެން ފޯނު ކެނޑުނީއެވެ. ލިބުނީ މެސެޖެކެވެ. “ސިރޫގެ އުރީދޫ ނަންބަރުން އެ ގުޅީ. އަންނައްޗޭ ހަނދާންކޮން.” ޚުބާބު އިރުކޮޅެއް ވަންދެން ފޯނަށް ބަލަން ހުރެފައި ޖަވާބުދިނެވެ.
ޚުބާބު ވިސްނާލަން އިނީއެވެ. އެހެން އިނދެފައި އަނެއްކާ ގަލަން ނަގައި ލިޔަން ފެށިއެވެ. ” ނާޒުކީ މިހިތުގެ ރިހުން، ކިހިނަކުން އަންގަދޭނީ މިރޭ…”
ކަޅު ކުލައިގެ ގަމީހެއް މަހާލައިގެން ޚުބާބު ނުކުތެވެ. އޭނާ ނުކުތްއިރު، ގޭތެރެއިން ހިލަމެއްވެސް ނުވެއެވެ. ސިޓިންގްރޫމް ސޯފާގައި މަންމަ އިނެވެ. އެ މަންޒަރު ފެނުމުން ޚުބާބުގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައެވެ. އެ މޫނުމަތީގައި ވަނީ ވަރުބަލިކަމެވެ. ފާރުގައި ހުރި ޓީވީން އޭރުވެސް މަޑުމަޑުން ” ނޭވާ މިހިތުގައި ހިނގާތީ ދިިރހުރީމޭ” ގެ ރާގު އިވިއިވި ހުއްޓެވެ. ކުދިވެރިން ގޮވައިގެން ހުއްބާގެ ދެމަފިރިން ދިޔަފަހުން މަންމަގެ ހާލަކީ އެއީވެ. އެކަހެރިވެ އެކަނި އުޅުމެވެ. ބައްޕަ ކޮޓަރީގައި ވިއްޔާ މަންމަ އިންނާނީ ބޭރުގައެވެ. ބޭރުގައި ވިއްޔާ ކޮޓަރީގައެވެ.
” ޚުބާބު: މަންމާ… އެ އިއްލެ ކިޔާވަރުން، ލެމަން ގުރާސްއަށް މިދަނީ.” ޚުބާބު މަންމައަށް ބުނެލިއެވެ.
ބޭރަށް ނުކުތްއިރު މަގުމަތީ މީހެއްގެ ހިލަމެއްވެސް ނުވެއެވެ. މުޅި މަގު އޮތީ ފަޅުވެފައެވެ. ބުޅާ ގަނޑެއްހައި ހިސާބުވެސް ނެތެވެ. ޖެހެމުންދިޔަ ލުއި ވައިރޯޅިތަކުން ހީވަނީ ގޯނާއެއް ލިބޭ ހެންނެވެ. ވާހަކަތަކެއް އިވަން އުޅޭ ފަދައެވެ. ޚުބާބު އޭނާގެ ސައިކަލަށް އަރާ ދުއްވާލިއެވެ. އޭނާ މަޖީދީ މަގުން އަޅައިގެން ކުރިއަށް ދިޔައެވެ. އޭނާ ހުރީ ސާއިލް ބުނި ތަނަށް ދާށެވެ. ފަހަތުން މީހަކު އަންނަ ކަހަލަ އިހްސާސެއް ވުމާއެކު “ސުޕީޑް” ބާރުކޮށް ލިއެވެ.
“ލެމަން ގުރާސް” ރެސްޓޯރެންޓް ކައިރިއަށް ދިޔަ ބާރު މިނުގައި ގޮސް މަޑުކޮށްލިއެވެ. ފޯނު ނަގައި ސާއިލާއި ގުޅިއެވެ. އޭނާ ބުނީ އެތެރެއަށް ވަދެ މައްޗަށް އަރާށެވެ. އަނދިރި ކަނެއްގައި އިން މޭޒެއް ދަށުގައި އިށީނދެ މީހަކު އިނެވެ. އެވީ ސާއިލަށެވެ. ސާއިލު ކަން ޔަގީވުމާއެކު ގޮސް އިށީނދެ ހަމަޖެހުނީމެވެ. ބިތްދަށުގައި އަނދިރިގަނޑު ތެރޭ އިން ބާސީލު ފެނުނީ އިރުކޮޅެއް ވީތަނާ އެވެ.
” ޚުބާބު: އަހާ ބާސީ ވެސް އެބައިން ތަ؟” އެއްޗެއް ނުބުނެ ބާސީލު ހަމައެކަނި ބޯޖާހާލީއެވެ.
” ޚުބާބު: ކޮން ވާހަކައެއް ދައްކަން؟ އިއްލޭ ތިއުޅެނީ؟” ޚުބާބު ސުވާލު ފެށީ ސަމާސާކޮށްލަމުންނެވެ.
ސާއިލް ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު ވަށައިގެން ބަލާލިއެވެ. “ސާއިލު: ޚުބާބު، އިނގޭތަ ހާދަ ބޮޑު ކަންތަން ގަނޑެއް ހިގައިފިކަން. ލިނީގެ ޚަބަރެއް ނުވާތާއި ވެސް ބަރާބަރު މަހެއް ވަނީ މިއޮތް ފޯނަކަށް ނުގުޅޭ. ހުއްބާ ފެމެލީ ކޯޓުން ފޯމުތަކެެއް ހިފައިގެން ދަނިކޮން ދިމާވި. ނޫސާފުކޮންވެސް އަހަންނަށް ކިޔާލެވުން. ” ކޮފީ ބޯމުން ކިޔައިދެމުން ސާއިލު ދިޔައެވެ.
” ޚުބާބު: ދޮންތަ ފެމެލީ ކޯޓުން ނޭ. ކޮންކަހަލަ ލިޔުންތަކެއްބާ؟ ” އެ ކޯޓުގެ ނަން އިވިފަވެސް ޚުބާބަށް ޖެހިލުން ވެވުނެވެ.
” ސާއިލު: އެއީ ވަރިއަށް އެދޭ ފޯމު ތަކެއް.” ދެރަވި ޔަސް ސާއިލް ކުރާނީ ކީއްހެއްޔެވެ؟ އެކުވެރިޔާ ދެރަވާނެ ކަން ވެސް އޭނާއަށް އެނގެއެވެ. ބުނަން ޖެހުނީތީ ބުނީއެވެ. އެނގުނީތީ ސިއްރު ނުކުރަން ވެގެންއެވެ
ޚުބާބުގެ ބޮލުގައި ބާރު އެތިފަހަރެއް މީހަކު ޖެހި ފަދައެވެ. މީހާ އެނބުރުން އަރައިގެން ދިޔައެވެ. އޭނާގެ ސިކުނޑި ވަށައިގެން އެނބުރެން ފެށިއެވެ.
“ޚުބާބު: ދޮންތަމެގެން އުފާވެރި ދިރިއުޅުން ހަލާކުވަނީއޭ. މީހުސް އަހަރެންގެ ސަބަބުން ވާ ކަންތައް” ތިރިކުރި ބޯ ނަގާކަށްވެސް ނުކެރުނެވެ. ދުނިޔެއާއި ކުރި މަތިލާނީ ކިހިނެއް ހެއްޔެވެ؟ މައިންބަފައިން ކައިރީ ބުނާނީ ކީކޭ ހެއްޔެވެ؟
” ސާއިލު: ޚުބޭ އާއި ހެދިހޭ.” އެސުވާލާއެކު ކަންތައް ވަމުންދާ ގޮތް ޚުބާބު ކިޔައިދިނެވެ. ދެ އެކުވެރިން ވެސް ތިބީ ބުނާނެ އެއްޗެއްވެސް ނޭނގި ބަސް ހުއްޓިފައެވެ.
” ބާސިލު: ތި ކަމުގައި ގޯހެއް އެބަ އުޅޭ.” ފުރަތަމަވެސް އެއްޗެއް ބުނެލީ ބާސިލެވެ. މިއޮތް ހުރިހާ ދުވަހު އޭނާ އުޅުނީ ހިތާމަ ކުރުމުގައެވެ. ބިރުވެރި ހުވަފެން ފެނި ފެނިވެސް މިހާ ހުންނަނީ އޭތިވެފައެވެ. އެކަނި އިންދާ މީހަކު ގޮވާލިޔަސް ސިހިގެންދާނެވެ.
“ޚުބާބު: ކޮން ގޯހެއް އުޅެނީއޭ ކީކޭ ބާސީ ކީކޭ؟” ޚުބާބު އަހާލިއެވެ.
ބާސިލް އިސްއުފުލާލިއެވެ. އޭނާގެ ދެލޯ ވަނީ ރަތްވެފައެވެ. “ބާސިލު: އިއްލޭ އެބުނި ވަރީގެ ފޯމުތަކުގެ ވާހަކަ… އަހަންނަށް ހުވެފުންވެސް ފެނުން ދޮންތަމެން ވަރިވާތަން. ހުއްބާ ދޮންތައް ވަރަށް ރޮއެ ހެދި.” ޚުބާބުގެ މެއަށް ހީވީ ތޫނު ތަދެއް އެރިހެންނެވެ.
” ޚުބާބު: ނޫން ނޫން. ކިހިނެއް ތަ މިވަނީ. މަ މޮޔަވެދާނެ ހުވާ!” ވީ ދެރައިން ދެލޯ ތެމިގެން ދިޔައެވެ.
” ބާސިލު: އަހަރުމެންނަށް ވެސް ޚުބޭ ދެރަވާނެ ވަރު އިނގޭތީ. އެއްޗެއް ނުބުނެ މިތިބެނީ ދޯ އިއްލޭ.” ބާސިލް ކުރިއަށް ގެންދިޔައެވެ.
” ބާސިލު: ހުއްބާއަކީ މަގޭވެސް ދޮންތަ އެވަރު ދެރައެއް ލިބޭކަށް މިހިތެއް ހަމަ ހިލާ ނޭނދެން.”
ސާއިލް މޭޒުމަތީގައި އިން ބެލް ޖަހާލިއެވެ. ” ސާއިލު: މިއީ ގޮތް ނޭނގޭ ކަންތައް ގަނޑެއް . އަނޑި ނޭނގޭ ރާޅެއް އަރައިގެން މިއުޅެނީ.”
ޚުބާބުގެ ބޮލުގައި އުފެދުނީ ބޮޑު ތޫފާނެކެވެ. އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ ނަސާހަތް ދޭން ދާންވީއެވެ. މުލްކުމެން ދެކުދިންނަށްޓަކައިވެސް ވަކި ނުވާން އެދި އާދޭސްކުރަން ތީއެވެ.
“ޚުބާބު: ނޫން… ދޮންތާ ތިކަން ނުކުރާތި” ޚުބާބަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.
“ސާއިލު: މި ހާލަތުގައި ވަރަށް ކެތްކުރާތި؟ ” ސާއިލް ސީލިންގަށް ނަޒަރުދީ ބަލާލިއެވެ.
ސާއިލު އިރުކޮޅަކު މަޑުޖެހިލިއެވެ. “ސާއިލު: އަބަދުވެސް އަހަރުމެން ޚުބާބާއި އެކުގައި ތިބިކަން ހަނދާންކުރާތި!”
” ބާސިލު: ތެދެއް، ކަމެއް ޖެހި ނުބުނެ ނުހުންނާތި!” ބާސިލް ބުނެލިވެ.
” ސާއިލު: މިރޭ ޚުބާބު ގެއަށް ގޮސް މަންމަމެން ގާތު ބުނާތި. މިކަން ހުއްޓުވަން ފިޔަވަޅު ނަގާތި. ލަސްނުކުރާތި!” ޚުބާބު އިސްޖަހާލިއެވެ.
އޭނާގެ ދަތުރުކުރަމުން އެދާ ނަވު މިހާރު ވަނީ ތެޔޮހުސްވެފައެވެ. ދާނެއް ކޮޅެއް ނޭނގި އެވަނީ ކަނޑު މެދަށް ހުއްޓިފައެވެ. އެހީވާނެ މަދަދުގާރަކާއި ދިމާވީ އަދި ދެންމެއެވެ. ދެދުވަހެއްގެ ތެރޭ ދެން ރަނގަޅު ފާލަމެއް ފެނިދާނެއެވެ.
އެއްފަރާތުގައި ވަނީ އާއިލާގެ އުފާވެރިކަމެވެ. ދޮންތަގެ ކުޑަ އާއިލާއެވެ. ނިވީއާއި މުލްކުއެވެ. އަނެއް ފަރާތުގައި އެވަނީ ލޯބިވާ މިލީހަމްއެވެ. މިލީ އެވެ.
ގެއަށް ވަދެވުނުއިރުވެސް، މަންމަ އިނީ ސޯފާގައި ކުރިން އެއިން ހެންނެވެ. އަތަކުން ފަޔަކުން ގުޑުވާވެސް ނުލައެވެ. ޓީވީން އޭރު ދައްކަމުން ދިޔައީ ޑުރާމާއެކެވެ. ” ފަހު ފިޔަވަޅު” އެވެ.
ޚުބާބު މަޑުމަޑުން ގޮސް މަންމަ ކައިރީ އިށީނދެ ލިއެވެ. ފަނޑު އަލިކަމެއް ޓީވީން އެޅިފައި ހުއްޓެވެ.
ޚުބާބު މަންމައަށް ބަލާލާފައި ގަދަކަމުން ހީލިއެވެ. އެއްޗެއް ބުނެވޭތޯ އަނގަ ހުޅުވާލާފަވެެސް ލައްޕާ ލެވެނީއެވެ. ބުނަން ޖެހޭ އެއްޗަކުން މަންމައަށް ރޮވޭނެތީއެވެ. އެހެން އިނދެ ޚުބާބު އޭނާގެ އަމިއްލަ ނަފްސާ ވާހަކަދައްކަމުން ދިޔައެވެ.
“ޚުބާބު: މަންމާ! ދޮންތަ ވަރިވާން ފޯމު ނަގައިފި!” ވަރަށް ކެތް ކުރަމުން ޚުބާބަށް ބުނެލެވުނެވެ. ސިހުމާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިއީ ޚުބާބު ކުރާ ސަމާސެއް ބާއެވެ؟ ހުއްބާ ވަރިވެއްޖެއްޔާ އެދެކުދިންނަށް ވަނީ ކިހިނެއް ބާއެވެ؟ ސަމާސާ ކުރަންވެސް ވަގުތެއް ވަގުތެއް ނެތީ ހެއްޔެވެ؟
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






Wow
Thank you for the lovely comment Exxo 🥰🫶🥀❤️