Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredލޯބި

މި ހަމަހިމޭންކަން… ހިލަމެއް އެބަވޭ މަށަށް (27)

River Writes
River Writes Level 110 Stories100 Login
May 6, 2026 60 Mins Read
0 Comments

ފާހާނާގެ ދޮރު ލެއްޕުމާއެކު އިވުނު މަޑު އަޑަކީ ރާމިޔާއަށް މުޅި އުމުރަށްވެސް ކަމެއް ނިމިގެންދިޔަ ކަމުގެ އިހުސާސް ކުރުވި އަޑެކެވެ. އިސްކުރު ދޫކޮށްލުމާއެކު އޮހިގަތް ފެނުގެ އަޑުން އޭނާގެ ސިކުނޑީގައި އެނބުރެމުންދާ ހަލަބޮލި ޚިޔާލުތައް ފޮރުވާލަން މަސައްކަތް ކުރި ނަމަވެސް، އެ ހިތްނުތަނަވަސްކަމުގެ މައްޗަށް ގަދަވެވޭވަރެއް ނުވިއެވެ.

ހޫނު ފެންތިކިތައް އޭނާގެ ހަށިގަނޑުގައި ބީހެމުންދިޔައިރު، ލައިގެން ހުރި އަންނައުނު ތެމި ފޯވަމުން ދިޔަ ނަމަވެސް އެކަމަކަށް އޭނާ ފަރުވާލެއް ނުބެހެއްޓިއެވެ. މިފަދަ ހިތްދަތި ވަގުތެއްގައި ހަމަޖެހުމަކީ އޭނާގެ ހައްގެއް ނޫންކަމަށް ގަބޫލުކުރެވޭ ކަހަލައެވެ. މޫނުބަލާ ލޯގަނޑު މަޑުމަޑުން ދުންފިނީގެ ސަބަބުން ފުސްވަމުން ދިޔައިރު، އޭނާގެ ނޭވާ އަވަސްވެ، މޭތެރޭގައި އުފެދެމުންދިޔަ ބާރުގަދަ ތޫފާނާ ކުރިމަތިލުމަށް އުނދަގޫވަމުން ދިޔައެވެ.

އިވުނު ބަސްތައް ސިކުނޑީގައި ތަކުރާރުވަމުން ދިޔައީ ކުރިއަށްވުރެ ބާރަށެވެ. އެ ބަސްތަކުގެ ހަގީގީ މާނަ ވިސްނުނު ވަރަކަށް އޭނާގެ ހިތަށް ލިބެމުންދިޔަ އަނިޔާ ބޮޑުވަމުން ދިޔައެވެ. ފާރުގައި ބޯ ޖައްސާލައިގެން، އަތުގެ އިނގިލިތައް ބާރުކޮށްލައިގެން ހުރިއިރު، އޭނާގެ ކުރިމަތީގައި އޮތީ ބިރުވެރި ހަގީގަތެކެވެ. އެއީ ހާނިމް އޭނާގެ ގޭންގު މީހުންނަށް ދަރާފަހުރި ހުރިހާ ފައިސާއެއް އަނބުރާ ދެއްކުމެވެ. ނޫންނަމަ، އޭނާގެ އަތުގައި ބާކީ އޮތް ކޮންމެ އެއްޗެއް ބީވެގެން ދިއުމެވެ.

ކެތްތެރިކަން ކޮޅުންލައި، އޭނާގެ އަރުތެރެއިން ވޭނީ އާހެއް ބޭރުވިއެވެ. ހަށިގަނޑު ތުރުތުރުލާން ފެށީ ފެނުގެ ފިނިކަމަކުން ނޫނެވެ. ނަމަވެސް އުފުލަން ޖެހިފައިވާ ތަކުލީފުތަކުގެ ބުރަކަމުންނެވެ. ކަކޫމައްޗަށް ތިރިވެ، ފާރުގައި ލެނގިލައިގެން އިށީނދެވުނީ އަމިއްލަ ނަފްސު ދުނިޔެއަށް ފޮރުވާލަން ބޭނުންވެފައިވާ ފަދަ ގޮތަކަށެވެ.

މާޒީގެ ހިތްދަތި ހަނދާންތަކާއި، އޭނާގެ އަތެއް ނެތް ކަންކަމުގައި އުފުލަންޖެހުނު ޒިންމާތަކުން ސިކުނޑި ސުމާރެއް ނެތް މިންވަރަށް ގަޑުބަޑުވިއެވެ. މި ހުރިހާ ކަމަކުން ސަލާމަތްވުމަށް އޭނާއަށް ފެނުނު ހަމައެކަނި މަގަކީ، އަމިއްލަ ދިރިއުޅުން ނިންމާލުމެވެ. އެއީ އެންމެ ފަސޭހަ ހައްލު ކަމުގައި އޭނާގެ ނުތަނަވަސްވެފައިވާ ސިކުނޑިއަށް ވިސްނުނެވެ.

މަޑުމަޑުން ބޯ ހިއްލާލައި، ފުސްވެފައިވާ ލޮލަކުން ކުރިމައްޗަށް ބަލައިލިއެވެ. އެއްވެސް އިޚުތިޔާރެއް ނެތް ފަދަ ގޮތަކަށް، ތުރުތުރުލާ އަތަކުން އިސްކުރުގެ ކައިރީގައި ހުރި ފޮށިމަތީގައި އިން “ބްލީޗް” ފުޅިއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. އެ ފުޅީގައި ބާރަށް ހިފަހައްޓާލީ، ފަހަރެއްގައިވެސް ޖެހިލުންވެ، މި ނިންމުން ބަދަލުވެދާނެތީ ބިރުން އުޅޭ ފަދަ ގޮތަކަށެވެ.

އެ ފުޅީގެ މަތި ނަގައި ހުޅުވާލި ވަގުތު، އޭނާގެ ނޭވާ ތާށިވި ކަހަލައެވެ. އެ ވަގުތު އިވުނު މަޑު އަޑު، އޭނާގެ ސިކުނޑީގައި ގުގުމައިގެން ދިޔައީ ބިރުވެރި އަޑެއްގެ ގޮތުގައެވެ. ފުޅި ކުޑަކޮށް ހިއްލާލި ވަގުތު، އިޚްތިޔާރަކާ ނުލައި އޭނާގެ ތުންފަތް ތުރުތުރުއަޅަމުން  ދިޔައެވެ. މުޅި ހަށިގަނޑު ގަނޑުވެ، ވަގުތު ހުއްޓުނު ފަދަ އިހުސާސެއް ކުރެވުނެވެ.

ދެން ކުއްލިއަކަށް ހުރިހާ ކަމެއް ބަދަލުވިއެވެ. ބޭރުފުށުންނެއް ނޫނެވެ. އޭނާގެ ނަފްސުގެ އެތެރެއިންނެވެ.

ހަނދާންތައް އައިސް އޭނާގެ ވަށާލީ، އޭނާ ދޫކޮށްލަން އުޅޭ ދުނިޔޭގެ މުހިންމުކަން އަންގައިދޭ ފަދަ ގޮތަކަށެވެ. އެންމެ ފުރަތަމަ އޭނާގެ ލޯމަތިން ފެނުނީ ފަސީހްގެ މޫނެވެ. އޭނާއާ ދިމާލަށް ފަސީހް ބަލައިލާ ކޮންމެ ފަހަރަކު އެ ލޮލުން ފެންނަ އޯގާތެރިކަމެވެ. އެއީ އޭނާ ބަލިކަށި މީހެއްގެ ގޮތުގައެއް ނޫނެވެ. ނުވަތަ މަރާމާތު ކުރަންޖެހޭ އެއްޗެއްގެ ގޮތުގައެއްވެސް ނޫނެވެ. އެއީ އަދިވެސް އަގުހުރި، ލޯބިލިބެންޖެހޭ އިންސާނެއްގެ ގޮތުގައެވެ. އެއަށްފަހު ފެނުނީ އޭނާގެ ބައްޕަ ގަފޫރުގެ މޫނެވެ. އެ މޫނުމަތިން ފެންނަނީ މަޑުމޮޅިކަމާއި، އޭނާއަށްޓަކައިވާ ބޮޑު ލޯތްބެވެ. ކޮންމެފަދަ ހާލަތެއްގައިވެސް އޭނާއަށް ރައްކާތެރިކަން އިހުސާސްކޮށްދެނީ އެ ބައްޕަގެ ލޯތްބެވެ. އޭނާ ސަލާމަތް ނުކުރެވުނުކަމުގެ ހިތާމައިގައި، ބައްޕަ އެކަނިވެރިވާނެ މިންވަރު ހިތަށް އެރުމުން، އޭނާގެ ހިތަށް ކެތްނުވާވަރުވިއެވެ.

އެއާއެކު އޭނާގެ އަތުން ފުޅި ދޫވިއެވެ.

ބިންމައްޗަށް ފުޅި ވެއްޓި ޖެހުނު އަޑާއެކު، އޭނާގެ ސިކުނޑީގެ ހަމަޖެހުން އަލުން އެނބުރި އައި ކަހަލައެވެ. ކަކޫ މައްޗަށް ތިރިވެ، މުޅި ހަށިގަނޑު ބިންމައްޗަށް ދެމުނެވެ. ހިފެހެއްޓުމެއް ނެތި އޭނާއަށް ރޮއިގަނެވުނެވެ. މިހާތަނަށް ހިތުގައި ފޮރުވައިގެން އުޅުނު ހުރިހާ ހިތާމަތަކެއް ކުއްލިއަކަށް ބޭރުވެގަތެވެ.

ތުރުތުރުލާ ދެއަތުން މޫނު ނިވާކުރަމުން، އުނދަގުލުން ނޭވާލަމުން ދިޔައިރު، މަޑުމަޑުން އޭނާ އިސްއުފުލާލިއެވެ. ކުރިމަތީގައި ހުރި ލޯގަނޑުން އޭނާގެ ސޫރަ ފެނުނެވެ. އެ ސޫރައިގެ ދެލޮލުން ފެންނަނީ މަރުވެފައިވާ މީހެއްގެ ފަދަ ހުސްކަމެކެވެ. އެ ވަގުތު އޭނާގެ އަމިއްލަ ސޫރަކަން ގަބޫލުކުރަންވެސް އުނދަގޫވިއެވެ. އެއީ އޭނާ ދެކެން ބޭނުންވި ސޫރައެއް ނޫނެވެ.

އެހެންނަމަވެސް، އޭނާއަށް ނަޒަރު ވަކިކޮށްލާކަށް ނުކެރުނެވެ.

ލޯގަނޑުން ފެންނަ ސޫރަ އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރީ ސާބިތުކަމާއެކުގައެވެ. ހިމޭންކަމުގެ ތެރެއިން، އޭނާގެ ހިތުގެ ފުންމިނުން އަޑެއް އިވެން ފެށިއެވެ. “މިއީ ހަމަ ކަލޭގެ ނިމުން ހެއްޔެވެ؟” އެއީ އޭނާގެ އަމިއްލަ އަޑެވެ. އެކަމަކު އެ އަޑު މިފަހަރު މާ ވަރުގަދައެވެ. “އެހާ ގިނަ ކަންތައްތަކެއް ތަހައްމަލު ކުރުމަށްފަހު، ހަނގުރާމަ ހުއްޓާލަން ނިންމި ހިސާބަކީ މިއީ ހެއްޔެވެ؟”

އައު ކަރުނަތަކަކާއެކު ލޯ ފުސްވި ނަމަވެސް، މިފަހަރު ކުރެވުނީ ތަފާތު އިހުސާސެކެވެ. މާޔޫސްކަމުގެ ބަދަލުގައި ހިތަށް ހަމަޖެހުމެއް ލިބުނެވެ. “ދިރިއުޅުމަކީ ދުވަހަކުވެސް ފަސޭހަ އެއްޗެއްގެ ގޮތުގައި ލެއްވި އެއްޗެއް ނޫނެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ ބަލިކަށި މީހުންނާ ކުރިމަތިނުކުރައްވާ ފަދަ ބޮޑެތި އިމްތިހާންތައް ވަރުގަދަ މީހުންނާ ކުރިމަތިކުރައްވާ” އެ އަޑު ބުނަމުން ދިޔައެވެ. “ކަލޭ އިމްތިހާން ކުރެއްވެނީ، މިކަމުން އަރައިގަތުމުގެ ގާބިލުކަން ކަލޭގެ ކިބައިގައި ވާތީ. އެއްވެސް އިންސާނަކަށް އެ އިންސާނަކަށް ކުޅަދާނަވެގެންވާ ކަމެއް މެނުވީ ނުޖައްސަވާނެ…”

އޭނާގެ ނޭވާ ހަމައަކަށް އެޅެން ފެށިއެވެ. ފިނި ބިންމަތީގައި އަތް ވިއްދާލަމުން، ހަގީގަތާ ކުރިމަތިލާން އޭނާ ތައްޔާރުވިއެވެ.

“ދުޢާ ކުރޭ… މާތް ﷲއަށް ވަކީލު ކުރޭ… ކެތްތެރިވޭ… ސަބަބަކީ ކެތްތެރިކަމާއެކު ހިފަހައްޓައިފި ނަމަ، އެއްވެސް ކަމެއް އަބަދަކަށް ހަލާކުވެފައެއް ނޯންނާނެ..”

އެ ކަރުނުން ފުރިގެންވީ ގިސްލުމުގެ އަޑު އޭނާގެ އަރުން ބޭރުވިއެވެ. މިފަހަރު އެ އަޑު ކުރިއަށްވުރެ މަޑެވެ. ހީވަނީ އޭނާގެ ހިތުގެ ތެރޭގައި އުފެދިފައިވާ ތޫފާން މަޑުމަޑުން މައިތިރިވަމުން އަންނަ ހެންނެވެ. ކޮނޑުމަތިން ބުރަކަން ކުޑަވެ، ހަށިގަނޑު ހަމައަކަށް އެޅުމާއެކު، އޭނާގެ ދުލުން ބޭއިޚްތިޔާރުގައި ބަސްތަކެއް ނުކުތެވެ.

“އަހަރެން އުންމީދު ކަނޑާލާކަށް ބޭނުމެއް ނޫން…”

އެއީ ވަރުގަދަ ޢަޒުމަކުން ބުނި ބަސްތަކެއް ނޫނެވެ. އަމިއްލަ ނަފްސަށް އޮތް ފުރިހަމަ އިތުބާރެއްވެސް އޭގައި ނެތެވެ. އެހެނަސް، މި ވަގުތުގެ ގޮތުން އެ މިންވަރުވެސް ފުދެއެވެ.

ފާޚާނާއިން ބޭރުގައި ހުރި މެހެކަށް، ހިނގަމުންދާ ކޮންމެ މިނެޓަކީ ވަރަށް ބަރު ވަގުތުތަކެކެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެ، އެކަން އިތުރަށް އޮއްބައެއް ނުލެވުނެވެ. އިރުއިރުކޮޅާ ދޮރާ ދިމާލަށް ބަލަހައްޓައިގެން ހުރިއިރު، ކަންބޮޑުވުމާއެކު އޭނާގެ އިނގިލިތަކުން އަމިއްލަ އަތުގައި ޓަކިޖަހަމުން ދިޔައެވެ.

“ރާމިޔާ… ހާދަ އިރެއްވެއްޖޭ.. އިޒް އެވްރީތިންގ އޯލް ރައިޓް؟” ކަންބޮޑުވުން އިންތިހާއަށް ދިއުމުން މަޑުމަޑުން އަމިއްލަ ނަފްސާ ވާހަކަދައްކަމުން އޭނާ ކޮޅަށް ތެދުވިއެވެ. އަދި އަވަސް ހިނގުމެއްގައި ދޮރު ކައިރިއަށް ގޮސް، ކުރިއަށްވުރެ ބާރަށް ދޮރުގައި ޓަކިޖަހާލިއެވެ.

“ރާމިޔާ… އިޒް އެވްރީތިންގ އޯކޭ؟ އާޔޫ އޯކޭ..” މެހެކްގެ އަޑުގައިވާ ކަންބޮޑުވުން މިފަހަރު ސިއްރެއް ނުކުރެވުނެވެ. “ފާޚާނާއަށް ވަން ފަހުން މިހާރު ގަޑިއެއްހާއިރު ވެއްޖެ…”

ފާޚާނާ ތެރޭގައި ހުރި ރާމިޔާ އަވަސްއަވަހަށް މޫނު ފޮހެލިއެވެ. އޭނާގެ އަތް ތުރުތުރުލަމުން ދިޔަ ނަމަވެސް، ނޭވާ ހަމައަކަށް އަޅުވައި، އާދައިގެ ގޮތަކަށް ވާހަކަދެއްކޭތޯ މަސައްކަތް ކުރިއެވެ. އޭނާގެ ހިތަށް ލިބިފައިވާ އަނިޔާތަކާ ހަނގުރާމަކުރަމުން ދިޔަ ނަމަވެސް، ހިތްވަރު އެލުވައެއް ނުލައެވެ.

“މި ނުކުންނަނީ…” ހީކުރި ވަރަށްވުރެ ސާބިތުކަމާއެކު އޭނާ ޖަވާބު ދިނެވެ.

ލޯގަނޑުން ފެންނަން ހުރި އަމިއްލަ ސޫރައަށް އޭނާ ފަހު ފަހަރަށް ބަލާލިއެވެ. އޭނާގެ މޫނުމަތިން އަދިވެސް ހާސްކަމާއި ވަރުބަލިކަން ފެންނަން ހުއްޓެވެ. ނަމަވެސް، ކުރިން ހުރި ފަސްޖެހުމާއި ބިރުވެރިކަން މިހާރު ކޮންމެވެސް ވަރަކަށް ފިލައިފިއެވެ. ދޮރު ހުޅުވާލުމާއެކު ބޭރުން ޖެހުނު ފިނިވައިރޯޅިން އޭނާއަށް ހަމަޖެހުމެއް ލިބުނެވެ.

ރާމިޔާ ފެނުމާއެކު މެހެކްގެ މޫނުމަތިން ފުރަތަމަ ފެނުނީ ހިތްހަމަޖެހުމެވެ. އެހެނަސް، ވަގުތުން އެ މޫނުމަތީގައި ސުވާލުތަކެއް އުފެދުނެވެ. ރާމިޔާ ސިއްރުކުރަން އުޅޭ ކަންތައްތަކެއް އޭނާގެ މޫނުމަތިން ދެނެގަނެވޭތޯ މެހެކް ވަރަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ.

“މާ ގިނައިރުވީމަ އަހަރެން ވަރަށް ކަންބޮޑުވި” އޯގާތެރިކަމާއެކު މެހެކް ބުންޏެވެ.

ރާމިޔާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، ހިނިތުންވުމެއް ދައްކާލިއެވެ. އެއީ ފަނޑު ހިނިތުންވުމެއް ކަމުގައިވިޔަސް، މެހެކަށް އެވަރުން ފުދުނެވެ.

“އަހަރެން ވަރަށް ލައިކްވޭ ގިނައިރު ފެންވަރަން… ވަކިން ހާއްސަކޮށް ފިނި ރޭރޭ..” ރާމިޔާ ވަރަށް އާދައިގެ ގޮތަކަށް ބުންޏެވެ. އެހެނަސް، އޭނާގެ ހިތުގެ ތެރޭގައި އަދިވެސް އެ ބިރުވެރިކަން އޮތެވެ.

މެހެކް އިރުކޮޅަކު ރާމިޔާއާ ދިމާލަށް ބަލަން ހުރުމަށްފަހު، އެނދުމަތީގައި ގޮސް އިށީންދެލާފައި ހަމަޖެހިލަމުން އެނދުގެ ފަޑިމަތީގައި ބާއްވާފައި އޮތް ފޯނު ނެގިއެވެ. އަދި އެއްވެސް ވިސްނުމެއް ނެތި ފޯނު ހާވަމުން ދިޔައެވެ. ކުއްލިއަކަށް އޭނާގެ އަތުގެ ހަރަކާތްތައް މަޑުޖެހުނެވެ.

ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ހުރިއިރު، އޭނާގެ ނިތްކުރިއަށް ރިލިތަކެއް އެރިއެވެ. ފޯނުން ފެންނަން އޮތް އެއްޗަކަށް އޭނާގެ ފުރިހަމަ ސަމާލުކަން ހުއްޓުނެވެ.

“ރާމިޔާ…” މެހެކްގެ އަޑަށް އައި ބަދަލާއެކު ރާމިޔާގެ ހިތް ނުތަނަވަސްވިއެވެ. މެހެކަށް ފެނުނީ ކޯއްޗެއްކަން ރާމިޔާއަށް ކުރިންވެސް އޮތީ އިހުސާސް ކުރެވިފައެވެ.

“ސުވާލެއް ކޮށްލަންތަ؟” ވަރަށް ފަރުވާތެރިކަމާއެކު މެހެކް އަހާލިއެވެ.

ރާމިޔާ މަޑުމަޑުން ބޯޖަހާލިއެވެ. “މިއީ ކާކު؟” ފޯނު ރާމިޔާއާ ދިމާލަށް އަނބުރާލަމުން މެހެކް ސުވާލުކުރިއެވެ. ފޯނުގެ ފަނޑު އަލިން އެ ފޮޓޯ ސާފުކޮށް ފެންނަން އޮތެވެ.

އެ ފޮޓޯ ފެނުމުން، އޭނާއަށް ކުރެވުނީ ތައްޔާރުވެގެން ހުއްޓާ ނޫނީ ނައިސް ބޮޑު ރާޅެއްގައި ޖެހުމުން ކުރެވޭ ފަދަ ކުއްލި އަސަރެކެވެ.

އެއީ މިހާރު އޭނާއަށް އަމިއްލަ ނަފްސުވެސް ވަކިކުރަން ދަތި، އުފާވެރިކަމާއެކު ހިނިތުންވެފައި ހުރި ޒުވާން ދުވަސްވަރެވެ. އޭނާއަށް ހުރިހާވެސް މީހަކީ އެއީ ކަމުގައި ދެކުނު މީހަކަށް ލެގިލައިގެން ހުރި ވަގުތެކެވެ. އޭރު ދުނިޔޭގެ ހިތްދަތިކަމެއް އެއިން އެކަކަށްވެސް ފޯރާފައެއް ނުވެއެވެ.

އޭނާގެ ފިރިމީހާއެވެ. އޭނާގެ މާޒީއެވެ. އޭނާ ކުރި ކުށެވެ. އޭނާގެ ހަގީގަތެވެ.

ރާމިޔާ މަޑުމަޑުން އިށީނދެލިއެވެ. އޭނާގެ އިނގިލިތަކުން ނޭނގި ހުރެ އަތްތިލައާ ކުޅެވެމުން ދިޔައީ ހާސްވެފައި ހުރި ވަރުންނެވެ. ހަނދާންތައް އައުވަމުން ދިޔަ ވަރަކަށް، އޭނާގެ ނޭވާ ކުރުވަމުން ދިޔައެވެ. އެއީ މަޑުމަޑުން ނަމަވެސް، އިންތިހާއަށް ވޭންދެނިވި ހަނދާންތަކެކެވެ.

“އެއީ އަހަރެންގެ ކުރީގެ ފިރިމީހާ…” އެންމެ ފަހުން ރާމިޔާ ބުނެލިއެވެ. އޭނާގެ އަޑުގައި ވަނީ މާޔޫސްކަމެވެ. އޭނާ ހިފަހައްޓަން އުޅުނު ހުރިހާ ހިތްވަރެއް އެލުނު ކަހަލައެވެ.

މެހެކްގެ މޫނުމަތިން ވަގުތުން ހަމްދަރުދީގެ އަސަރު ފެންނަން ފެށިއެވެ. “އެ ވާހަކަ ދައްކަން އުނދަގޫވާނަމަ، ދައްކާނެ ކަމެއް ނެތް،” މަޑުމައިތިރިކަމާއެކު އޯގާތެރި އަޑަކުން މެހެކް ބުންޏެވެ.

ރާމިޔާ ބޯ ހޫރާލިއެވެ. އޭނާގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. ކޮންމެ ބަހަކާއެކު އޭނާގެ ހިތަށް ބާރުވަމުން ދިޔައެވެ.

“އަހަރެން އޭނާއާ ކައިވެނިކުރީ އާއިލާގެ ނުގަބޫލުގަ. މަންމަވެސް ބައްޕަވެސް ބޭބެވެސް އެއްވެސް މީހެއް ގަބޫލެއްނޫން… ބިކޯޒް ހާނިމްއަކީ ޕާޓޭއެއްވީމަ.. ފަތްބޯ މީހެއްވީމަ… އަހަރެން ހީކުރީ އަހަރެމެންގެ ދެމެދުގަވީ ލޯބިން ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް. އަހަރެން ކެތްކޮށްގެން ހުރެއްޖެނަމަ، އޭނާ އިސްލާހުވާނެ ކަމަށް ގަބޫލުކުރެވުނީ… އެހެންވެ އައި ޗޯސް ޓު މެރީ ހިމް އެކްސްޕެކްޓިން ދެޓް ހީ ވުޑް ޗޭންޖް ފޯ ދި ގުޑް ބަޓް ހީ ބިކޭމް ވޯރސް..” ތުރުތުރުއަޅާ އަޑަކުން އޭނާގެ ހަޔާތުގެ ސަފުހާތައް ކިޔައިދޭން ފެށިއެވެ. “ނަމަވެސް އޭނާއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައި ހުރި މީހެއްވީމަ… އޭނާ އަހަރެންދެކެ ކިތަންމެ ލޯބިވިޔަސް، އޭނާއަކަށް އަހަރެން ބޭނުންވި ފަދަ ފިރިއަކަށް ނުވެވުނު. އަދި އަހަރެންގެ ބައްޕަ އުންމީދުކުރި ފަދަ މީހަކަށްވެސް ނުވެވުނު.”

އޭނާގެ އިނގިލިތަކަށް އިތުރަށް ބާރުވަމުން ދިޔައެވެ.

“ކޮންމެ ދުވަހަކު ޒުވާބުކުރަން ޖެހޭ. ގޭތެރޭގެ ހަމަހިމޭންކަން އަބަދު ގެއްލިފަ އޮންނަނީ…އިތުބާރާއި، ކެތްތެރިކަމާއި، ހުރިހާ ކަމެއް ދިޔައީ ފުނޑުފުނޑުވަމުން.”

މެހެކް އެއްވެސް އެއްޗެކޭ ނުބުނެ، ކަނުލާ އަޑުއަހަން އިނީ އޭނާގެ ހިތާމައިގައި ބައިވެރިވާ ހާލުގައެވެ.

“ކަންތައްތައް ގޯސްވަމުން ގޮސް، އަހަރެންގެ ބައްޕަ…” ރާމިޔާގެ އަޑު ބެދޭގޮތްވިއެވެ. “އަހަރެންގެ ހާލަތާ މެދު ފިކުރުބޮޑުވެ، ބައްޕައަށް ހާޓް އެޓޭކެއް ޖެހުނީ. ބައްޕަ އަހަންނާ ދިމާލަށް ބަލަހައްޓައިގެން ހުރި ގޮތް އަދިވެސް ހަނދާން އެބަހުރި. ބައްޕަ ބޭނުންވިޔަސް އެކަން ހައްލު ނުކުރެވޭނެކަން އެނގޭތީ ވީ ދެރަ އެ މޫނުމަތިން ފެނުނު.”

އޭނާގެ އަޑު އިތުރަށް މަޑުވިއެވެ.

“އަދި އެއް ރެއަކު… އޭނާއަށް ބޮއެ އޮނަށް ހަދައިގެންގޮސް އަމިއްލައަށް މަރުވީ.”

އެ ބަސްތަކާއެކު މުޅި މާހައުލަށް ބަރުހެލިކަމެއް ވެރިވެ، ނޭވާލާންވެސް އުނދަގޫވި ކަހަލައެވެ.

“އޭނާ މަރުވުމުން އަހަރެންގެ ހިތަކަށް އެއްވެސް އެއްޗެއް ނޭރި… އަހަރެން ހީކުރީ ހާނިމް ނެތް ދުނިޔެއެއްގަ ނޫޅެވޭނެ ކަމަށް… ބަޓް އައި ވޯސް ރޯންގް… އަހަރެން އުޅެ އުޅެވެސް އަހަރެންގެ ލޮލުން ކަރުނައެއް ނައި… އައި ވޯންޓެޑް ޓު ކްރައި.. ބަޓް މައި އައިސް ވޯސް ޑްރައި އެންޑް ނޯ ޓިއާސް ކޭމް…” މަޑުމަޑުން ކަރުނަ އޮހޮރެމުން ދިޔަ ހާލު އޭނާ އިތުރުކުރިއެވެ. “ސަބަބަކީ އަހަރެމެންގެ މެދުގައި އޮތް ގުޅުން އޭގެ މާ ކުރިންވެސް އޮތީ މަރުވެފައި… އިޓް ވޯސް އޯލް ޑެޑް… އިޓް ވޯސް އޯލް ހޯޕްލެސް…. އިންފެކްޓް އައި ހޭޑް ގިވެން އަޕް އޮން މައި ލައިފް… ބައްޕަވެސް ހުރިހާ ރުޅިއެއް ބާލަމުންދިޔައީ އަހަރެންނަށް… އަހަރެންނަށް އެ ވޭންތަކަށް ބަރުދާސްތު ނުކުރެވޭހާ އުނދަގޫވެފަ ހުރީ…”

މެހެކް އޯގާތެރިކަމާއެކު ރާމިޔާގެ އަތުގައި ހިފާލީ އޭނާއަށް ހިތްވަރު ދިނުމަށެވެ.

“އަހަރެން ހީކުރީ އޭނާ ދިޔުމުން ކަންތައްތައް ރަނގަޅުވާނެ ކަމަށް. އެންމެ ގޯސް ހާލަތާ ކުރިމަތިލެވިއްޖެ ކަމަށް ގަބޫލުކުރެވުނު..” ރާމިޔާގެ އަޑުގައި ވަނީ ހުސްކަމެކެވެ. “އެކަމަކު އަދިވެސް ހުރިހާ ކަމެއް ދަނީ އަހަންނާ ދެކޮޅަށް. ކިތަންމެ މަސައްކަތެއް ކުރިޔަސް، ކޮންމެވެސް އައު ކަމެއް ދިމާވެ އަހަރެން ބަލިކޮށްލަނީ.”

ދެމީހުންގެ މެދުގައި ކުޑަ ވަގުތުކޮޅަކަށް ހިމޭންކަން ވެރިވިއެވެ.

“މިހާރުވެސް އަހަރެން ކުރިމަތިލަމުންދާ ބައެއް ކަންތައްތައް އެބަހުރި… މީހެއްގެ ގާތުގައި ބުނަން ބޭނުންވާ ކަންތައްތައް… އެކަމަކު ނުބުނެވޭނެ،” އިސްދަށަށް ޖަހައިގެން ހުރެ އޭނާ މަޑުމަޑުން ބުންޏެވެ.

މެހެކް މަޑުމަޑުން އޭނާގެ އަތަށް ފިތާލީ، ސާބިތުކަމާއެކު އޭނާއާ އެކު ހުރިކަން ހާމަކޮށްދެމުންނެވެ.

“ހުރިހާ ކަމެއް އެކަނި އުފުލާކަށް ނުޖެހޭނެ، އެއީ ކުރަންޖެހޭ ކަމެއް ކަމަށް ހީވިޔަސް،” އޭނާ ބުންޏެވެ. އޭނާގެ ބަސްތަކުގައި ވަނީ ފުން މާނައަކާއި ވިސްނުންތެރިކަމެކެވެ. “އަޑުއަހާނެ މީހަކަށް ބޭނުންވުމަކީ އެއްވެސް މައްސަލައެއް ނޫން.”

ރާމިޔާ މަޑުމަޑުން އިސްއުފުލާ ބަލައިލިއެވެ. އޭނާގެ ދެލޮލުން ފެންނަމުންދިޔައީ ނާޒުކު އަސަރުތަކެކެވެ.

“އަހަރެންނާ މެދު ގޯސް ގޮތަކަށް ނުދެކޭތި…” އޭނާ ސިއްރުސިއްރުން ބުންޏެވެ.

“އެހެނެއް ނުވާނެ،” މެހެކް ވަގުތުން ޖަވާބުދިނެވެ. އޭނާގެ އަޑުގައި ވަނީ ސާބިތުކަމެވެ. “މީހުންނަށް ކުށް ކުރެވޭނެ، އެކަމަކު ކުރެވޭ ކުށަކީ އެއީ އެމީހާގެ އަސްލު ސިފައެއް ނޫން.”

ރާމިޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ކޮނޑުމަތިން ބޮޑު ބުރައެއް ލުއިވި ފަދައެވެ.

“ކޮލެޖްގައި އެކުދިން އަހަރެންނަށް މަލާމާތްކޮށް ދިމާކުރަނީ އަހަރެންނަކީ ބަދުނަސީބު މީހެއް ކަމަށް ބަލައިގެން. އެމީހުން ބުނަނީ އަހަރެންނާ ގާތްވާ ކޮންމެ މީހަކަށްވެސް ލިބޭނީ ހިތާމައޭ،” އޭނާގެ އަޑުގައި ވަނީ ހިތްދަތިކަމެވެ. “އެއީ ހިތަށް ވަރަށް ތަދުވާ ކަމެއް، އިޓް ހާޓްސް މީ އަ ލޮޓް… އައި ކުރައިޑް ސޯ ބޭޑްލީ…އެމީހުންނަށް ނުދެއްކިޔަސް އަހަރެން މިހާރު ދަސްކޮށްފިން އެ ހިތްދަތިކަން ސިއްރުކޮށް ހިނިތުންވާން… ނޮޓް ބިކޯޒް އޭމް ސްޓްރޯންގް.. ބަޓް ބިކޯޒް އައި ވޯންޓް ޓު ލިވް އެން ސޯލްވް އޯލް ދި ޕްރޮބްލެމްސް އިން މައި ލައިފް ދެޓް އައި ކްރިއޭޓެޑް މައިސެލްފް ބައި ޓޭކިންގް ރޯންގް ދެސިޝަންސް..”

އޭނާގެ މޫނުމަތިން މަޑުމޮޅިކަމެއް ފެނިގެންދިޔައެވެ.

“އެކަމަކު… ކޮލެޖްގަ އެހެން މީހުންނާ ތަފާތު މީހަކު އެބަހުރި. އެހެން މީހުން އަހަރެންނާ ދިމާކުރާއިރު އޭނާ އަހަރެންގެ ދިފާއުގައި ތެދުވޭ،” އޭނާގެ އަޑު މަޑުވަމުން ދިޔައެވެ.

އޭނާ އެމީހެއްގެ ނަމެއް ނުގަނެއެވެ. ނަމަވެސް އޭނާގެ ވާހަކަދެއްކުމުގެ ރޫހުން އެކަން ހާމަވެއެވެ. މެހެކަށް އެކަން ފާހަގަވިއެވެ. އަދި ލޯތްބާއެކު ހިނިތުންވެލިއެވެ.

“ފަހަރެއްގައި، އަމިއްލަ ނަފްސާ މެދު ބަލަން ރާމިޔާ ވަރުބަލިވެފައިވާ އުޖާލާ ސިފަތައް އޭނާއަށް ފެންނަނީ ކަމަށް ވެދާނެ،” އޭނާ މަޑުމަޑުން ބުންޏެވެ.

ރާމިޔާ އިސްޖަހާލިއެވެ. އޭނާގެ ހާސްކަން ފުރަތަމަ ފަހަރަށް ފިލައިދިޔަ ކަހަލައެވެ. “އަހަރެންނަށް ނޭނގެ އޭނާ އަހަރެންނާ މެދު އެހާ އަޅާލަނީ ކީއްވެގެން ކަމެއް… އެހާ ސަމާލުކަން ދެނީ ކީއްވެގެން ކަމެއް.. އަހަރެންގެ ކިބައިން ކޮންކަމެއް ފެނިގެންކަމެއް… އެއީ އަހަރެންނަށް މީގެ ކުރިން ދުވަހަކުވެސް ފެނުނު މީހެއްނޫން… ދަންނަވެސް މީހެއްނޫން…” އޭނާ މަޑުމަޑުން ބުންޏެވެ.

“އެއީ ރާމިޔާއަކީ އަޅާލުން ހައްގު މީހަކަށް ވާތީ… ރާމިޔާއަށް އެކަން ގަބޫލު ނުކުރެވުނަސް،” މެހެކް ލޯތްބާއެކު ޖަވާބުދިނެވެ.

އަނެއްކާވެސް ދެމީހުންގެ ދެމެދަށް ހިމޭންކަން ވެރިވިއެވެ. ނަމަވެސް މިފަހަރު އެ ހިމޭންކަމުގައި ވަނީ ލުއިކަމެކެވެ. ރާމިޔާގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނު ކަހަލައެވެ. އެތައް ދުވަހަކަށްފަހު ފުރަތަމަ ފަހަރަށް އޭނާގެ ހިތަށް ހަމަޖެހުން ލިބުނު ނަމަވެސް، ހިތުގެ ކޮންމެވެސް ކަނެއްގައި އާ ބިރުވެރިކަމެއް އުފެދެން ފެށިއެވެ. ދިރިއުޅުމުގައި އުއްމީދުތައް އާވާވަރަކަށް، ބިރުވެރިކަން އިތުރުވަނީއެވެ. އެއީ ލިބޭ އުފަލެއް ބީވެގެން ހިނގައިދާނެތީއެވެ.

***

މެންދަމުގެ ހަމަހިމޭންކަން މުޅި ގޭތެރެއަށް ވެރިވެފައިވަނީ އުފުލަން ދަތި ބުރައެއްގެ ގޮތުގައެވެ. ގަފޫރުގެ ހިތަށް ބާރުވަމުންދިޔައީ ހަނދާންތަކުގެ ސަބަބުން ނޭވާލާންވެސް އުނދަގޫވާ ފަދަ ގޮތަކަށެވެ. އެކަނިމާއެކަނި ފަނޑު އަލިކަމެއްގެ ތެރޭގައި އިންއިރު، އޭނާގެ ސިކުނޑީގައި އެނބުރެމުންދިޔައީ އެތައް އަހަރެއް ވަންދެން ފޮރުވަން މަސައްކަތްކުރި އިހުސާސްތަކެވެ.

ދޮންދީދީގެ މަތިން ހަނދާންވީ ހަމައެކަނި ޚިޔާލެއްގެ ގޮތުގައެއް ނޫނެވެ. އެއީ ބޭސް ނުކުރެވި ހުރި މާޒީގެ ފުން ޒަޚަމެއް އަލުން ހުޅުވުނު ކަހަލަ ކަމެކެވެ. އެތައް އަހަރެއް ވެފައިވީ ނަމަވެސް، އޭނާގެ ސިފަ ކުރިމަތިން ފެންނަ ފަދައެވެ. މާޒީގެ އެ ހިތްދަތި ވަގުތުތައް އޭނާ އަލުން އެ ހާދިސާގެ ތެރެއަށް ގެންދިޔައެވެ.

އެއީ އޭނާގެ މަންމަ ވަދީފާގެ ޖަނާޒާގެ ދުވަހެވެ.

އެދުވަހު ޖައްވުގައި ވަނީ އާދަޔާ ހިލާފު ބަރުކަމެކެވެ. ވަށައިގެން ތިބި މީހުންގެ ދެއްކުންތެރި ވާހަކަތަކަށްވުރެ ބޮޑަށް އޭނާގެ ކަންފަތުގައި ގުގުމަމުންދިޔައީ އަމިއްލަ ހިތުގެ ތެޅުމެވެ. އެއީ ހަގީގަތެއް ކަމަށް ގަބޫލުކުރަން އޭނާއަށް އުނދަގޫވިއެވެ. އޭނާގެ މަންމަ ވަކިވެގެން އެދިޔައީއެވެ. އަދި އެންމެ ފަހު ވަގުތު މަންމައަށް އޭނާގެ ފަރާތުން ފެނުނީ ރުޅިވެރިކަމެވެ. އެވަގުތު މަންމައާ ވާހަކަ ދެއްކުނީ ވަރަށް ހަރުކަށިކޮށެވެ. ރުޅިއައިސް ރަތްވެފައި ހުރެއެވެ.

އެ ހަނދާންތައް މިއަދު އޭނާގެ ހިތުގައި ކުރިއަށްވުރެ ބޮޑަށް ބަދަލުވެ، ތޫނު ތަދެއް ފަދައިން އިހުސާސް ކުރެވެމުންދެއެވެ. އެންމެންގެ ކުރިމަތީގައި އޭނާގެ ކެތްތެރިކަން ކޮޅުންލައި، މުޅި ހަށިގަނޑު ތުރުތުރުލަމުން ދިޔަ މަންޒަރު އޭނާގެ ލޯމައްޗަށް ސިފަވަމުންދެއެވެ. މަންމަ ނެތް ދުނިޔެއެއްގައި އުފުލަންޖެހިފައިވާ ހިތާމައިގެ ބޮޑުކަމުން، މީގެ ކުރިން ދުވަހަކުވެސް އިހުސާސް ނުކުރެވޭ ފަދަ ފުން އަސަރެއް އޭނާއަށް ކޮށްފައިވެއެވެ. އޭނާގެ ހިތް ކުދިކުދިވަމުން ދިޔަ އެ ނުތަނަވަސް ވަގުތުކޮޅުގެ ތެރޭގައި، މީހަކު އައިސް އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

އެއީ ދޮންދީދީއެވެ.

ފުރަތަމަ އޭނާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެއީ އެ ވަގުތު ބުނާ ބަސްތަކުން އޭނާގެ ހިތުގެ ރިހުން އިތުރުވެދާނެކަން އިހުސާސް ކުރެވޭތީއެވެ. ނަމަވެސް، ވަރަށް ސާބިތުކަމާއެކު އޭނާގެ އަތުގައި ހިފަހައްޓައި، މީހުންގެ ތެރެއިންނާއި އެންމެންގެ ނަޒަރުތަކުން އޭނާ ދުރަށް ގެންދިޔައެވެ. އެ ނުތަނަވަސް މާހައުލުން ދުރުވެ، އެކަނިވެލަން ލިބުނު ފުރުސަތަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވިއެވެ.

އެކަނިވެލަން ލިބުނު ފުރަތަމަ ސިކުންތުގައިވެސް، ގަފޫރަށް ދޮންދީދީގެ ގައިގައި އޮޅުލައިގަނެވުނެވެ. އެއީ އެއްވެސް އިޚްތިޔާރެއް ނެތި، މުޅިން ހިތްފަޅައިގެން ގޮސްފައިވާ ހާލަތެއްގައެވެ.

ދޮންދީދީ ވަގުތުން ގަފޫރުގެ ބޮލުގައި ފިރުމާލަމުން އޭނާގެ ގައިގައި ބާރަށް ބައްދާލިއެވެ. އެއީ އޭނާގެ ހިތާމަތަކުގައި ބައިވެރިވެ، އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އޭނާގެ ބޯ ދޮންދީދީގެ ކޮނޑުގައި ބާއްވާލައި، މަޑުމަޑުން ބޮލުގައި ފިރުމާލުމުން، އޭނާގެ ހިތުގެ ރިހުން އިތުރަށް ގަދަވެގެން ދިޔައެވެ.

“މަންމަ ވަކިވެއްޖެ ދޮންދީދީ… އަހަރެން އެކަނިވެރިވީ ދޮންދީދީ… އަހަރެންގެ ފުރާނަފަދަ މަންމަ އަހަރެންނާ ވަކިވެދިޔައީ ދޮންދީދީ… ދެން އަހަރެން ކިހިނެތް ދިރިއުޅޭނީ…” ގިސްލާފައި ރޮމުން، ވަރަށް އުނދަގުލުން ގަފޫރު ބުންޏެވެ. “މަންމަ ނެތި އަހަރެން ދިރިއުޅޭނީ ކިހިނެއް ކަމެއްވެސް ނޭނގެ… މިހާރު އެއްވެސް ކަމެއް އަހަންނަކަށް ނޭނގެ…”

އޭނާގެ މުޅި ހަށިގަނޑު ދިޔައީ ތުރުތުރުލަމުންނެވެ. ކޮންމެ ނޭވާއެއް ލަމުން ދިޔައީ ވަރަށް އުނދަގުލުން، ހީވަނީ ނޭވާ ހާސްވަނީ ހެންނެވެ.

އެ ވަގުތު، ދޮންދީދީއަށްވެސް ރޮވުނެވެ. އޭނާ އެކަން ހަނދާން އެބަހުއްޓެވެ.

އެއީ އަޑުގަދަކޮށް މީހުންގެ ސަމާލުކަން ހޯދުމުގެ ގޮތަކުން ނޫނެވެ. ނަމަވެސް، އޭނާގެ ހާލަތު ފެނިފައި ދޮންދީދީއަށްވެސް ކެތް ނުކުރެވުނީއެވެ. ދޮންދީދީ އޭނާގެ ގައިގައި ކުރިއަށްވުރެ ބާރަށް ބައްދާލަމުން، ތުރުތުރު އަޅާ އަޑަކުން އޭނާގެ ކަންފަތް ކައިރީގައި ބުންޏެވެ. “ގަފޫރްގެ ތިޔަ ހިތާމަ އަހަންނަށް މުޅިން އިހުސާސް ނުކުރެވުނަސް، މި ހިތާމައިގައި ގަފޫރު އެކަނިވިޔަކަ ނުދޭނަން. އަހަރެން އަބަދުވެސް ގަފޫރު ގާތުގައި ހުންނާނަން… އަހަރެންގެ ހަށީގަ ނޭވާ ހުރިހާ ހިނދަކު ގަފޫރު މިދުނިޔެއަށް ގިނަވެ ބާކީއެއް ނުވާނެ…”

އެ ބަސްތަކުން ގަފޫރުގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. “އަހަރެމެން ވަރަށް އަވަހަށް ކައިވެނި ކުރާކަންނު މިއުޅެނީ…” ދޮންދީދީ މަޑުމަޑުން ބުންޏެވެ. “އަހަރެން ވަޢުދުވަން، ގަފޫރު އުފަލުގައި ބެހެއްޓުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން. ގަފޫރު ތިޔަހެން އެކަނިވިޔަކަ ނުދޭނަން.”

އެއާއެކު އޭނާ ދޮންދީދީގެ ގައިގައި ކުރިއަށްވުރެ ބާރަށް ބައްދާލިއެވެ. އެއީ އޭނާގެ ހަޔާތުގައި ހުރި ހަމައެކަނި އުންމީދަކީ އެއީ ކަމުގައި ދެކިގެންނެވެ.

“އަހަރެން ދޫކޮށްލާފައި ނުދާތި ދޮންދީދީ…” ވަރަށް ނިކަމެތިކަމާއެކު އޭނާއަށް ބުނެވުނެވެ. “އާދޭސްކޮށްފައި ބުނަން، ދުވަހަކުވެސް އަހަރެން އެކަނިކޮށްނުލާތި…”

ދޮންދީދީ އޭނާ ދުރެއް ނުކުރެއެވެ. އޭގެ ބަދަލުގައި އިތުރަށް ގާތްކޮށްލާފައި، އެ ބުނި ބަސްތަކުގައި ސާބިތުވެ ހުންނާނެކަން އަންގައިދިނެވެ.

“އަހަރެން ދުވަހަކުވެސް ދުރަކަށް ނުދާނަން.. އަބަދުވެސް އެކުގަވާނަން… އަހަރެން މީ ހަމައެކަނި ގަފޫރުގެ މީހެއް… ހަމައެކަނި ގަފޫރުގެ ހައްގެއް…” އޭނާ މަޑުމަޑުން ބުންޏެވެ.

ކުއްލިއަކަށް އެ ހަނދާންތައް މެދުކެނޑި، އެހެން މަންޒަރެއް ސިފަވާން ފެށިއެވެ.

ދެ ރޭ ފަހެވެ.

ކައިވެނީގެ އުފާވެރިކަމާއި ފޮނި އުންމީދުތަކުން ދޮންދީދީގެ މުޅި ގޭތެރެ އޮތީ ދިއްލި، އުޖާލާވެފައެވެ. ކައިވެނީގެ ހަލަބޮލިކަމުގެ ތެރޭގައި ދޮންދީދީ ހުރީ ނުހަނު ފުރިހަމަ، ރީތި ދިވެހި ލިބާހެއްގައެވެ. ފިނިފެންމަލުގެ ފިޔަކަރުތަކުން ގަތާލެވިފައިވާ ކަސަބަކުން ޖަރީކޮށްފައިހުރި ޝާހީ ލިބާހެކެވެ. އޭނާ އަޅާފައިވާ ރަން ގަހަނާތަކާއި ފައްޓަރުބައިން މޫނުމަތީގެ އުފާވެރިކަން އިތުރަށް ފާޅުވެ، މުޅި މީހާ ހީވަނީ ފޮނި ހުވަފެނެއް ހެންނެވެ. ނޫނެކެވެ، އެއަށްވުރެވެސް މާ ނާޒުކު އުންމީދެއް ފަދައެވެ. ކޮންމެ ސިކުންތަކާއެކު އޭނާގެ ހިތުގެ ތަޅުން އަވަސްވަމުން ދިޔައީ، އޭނާ އިންތިޒާރު ކުރަމުންދިޔަ މީހާ އަންނާނެ ވަގުތަކަށެވެ. އެމީހުން އެކުގައި ބިނާކުރަން ރޭވި އާ ދިރިއުޅުމުގެ ފެށުމަށެވެ.

ނަމަވެސް ހަމަ އެވަގުތު، އެހެން ގެއެއްގައި ކަންތައްތައް ވަމުންދިޔައީ މުޅިން ތަފާތު ގޮތަކަށެވެ. ގަފޫރުގެ ހަނދާނުގެ ތެރޭގައި އެ ބިރުވެރި ވަގުތުކޮޅު އާވެ، އޭނާގެ ހިތް ދަތިކުރުވަމުން ދިޔައެވެ. އޭނާގެ ކޮންޓްރޯލުން ނެއްޓިފައިވާ ރުޅިވެރިކަމުގެ ތެރޭގައި، އަމިއްލަ ގޭގައި ހުރި މަންޒަރު އޭނާއަށް ސިފަވަމުން ދިޔައެވެ. “މަގޭ ކުރިމަތިން ދާން އުޅޭ…” އޭނާގެ ބަރު އަޑު ޒުހުރާއަށް އަމާޒުވީ ހިތް ކަފާލާ ފަދަ ތޫނު ގޮތަކަށެވެ. އެ ވަގުތު ޒުހުރާގެ ހާޒިރުވުމަކީ އޭނާއަށް ކެތްކުރެވޭނެ ކަމަކަށް ނުވިއެވެ.

ޒުހުރާ ހުރީ ހައިރާންކަމާއި ހިތާމައިން ފުރިފައިވާ ދެލޮލާއެކު ގަނޑުވެފައެވެ. ދާނެ އެހެން ތަނެއް، ވަންނާނެ އެހެން ހިޔާވައްސެއް ނެތް އެ ނިކަމެތި އަންހެން ކުއްޖާ، އޭނާގެ މުޅި އުމުރު ދަންނަ އިންސާނާގެ ފަރާތުން އެފަދަ އިހާނެތިކަމެއް ލިބިދާނެ ކަމަކަށް އުންމީދެއް ނުކުރެއެވެ. އެތަނުގައި ފާތުމަ މަޑުމައިތިރިކަމާއެކު ވަމުންދިޔަ ކަންތައް ބަލަން ހުއްޓެވެ. އެހެނަސް ޒުހުރާއާމެދު ބޭބެ ކަންތައްކުރަމުން ދިޔަގޮތް ބަލާކަށް ފާތުމައަކަށް ކެތެއްނުވިއެވެ. “މިވަގުތު ޒުހޫ ބޭރުކޮށްލައިފިނަމަ، އޭނާ ދާނީ ކޮންތާކަށް؟ ބޭބެ އެކަމާ މެދު ކުޑަކޮށްވެސް ވިސްނާލިންތަ؟”

އެކަމަކު ގަފޫރަކަށް އެ އަޑެއް ނީވުނެވެ. އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައީ އޭނާގެ މަންމަގެ އެންމެ ފަހުގެ ވަސިއްޔަތެވެ. އެ ވަސިއްޔަތް އޭނާއަށް އިހުސާސް ކުރެވެނީ އޭނާގެ މުސްތަގުބަލު ފޭރިގަންނަ ބުރައެއްގެ ގޮތުގައެވެ.

ޒުހުރާ ކަކޫޖަހައި ގިސްލަމުން އާދޭސް ކުރަން ފެށިއެވެ. “އާދޭސްކުރަން… ދޮންދީދީއާ ކައިވެނިކުރޭ… އޭނާއަށް ތިހެން ނަހަދާ… އޭނާ ހަލާކުވެދާނެ…” ޒުހުރާގެ އެ އާދޭހުގައި ވަނީ އަމިއްލަ އެދުމެއް ނެތް ސާފު ތެދުވެރިކަމެވެ. “އެކަމަކު މިގޭން ނެރެލާފީޔާ މަގޭ ދާނެ ތަނެއް ނެތް… އަހަރެން މިގޭގަ ހުއްޓަސް ގަފޫރުގެ ދިރިއުޅުމަށް އެއްވެސް ބާރެއް ނުފޯރުވާނަން… އެއްވެސް ގެއްލުމެއް ނުދޭނަން..” އޭނާ އާދޭސްކުރަމުންދިޔައެވެ.

ގަފޫރު މޫނު އަނބުރާލިއެވެ. އެ މޫނަށް ބަލަން އޭނާއަށް ކެތްނުވީއެވެ. އޭނާގެ ރިހުމަށް ފުރަގަސްދިނުމަކީ، އޭނާ ކުރަން ބޭނުންނުވާ އިޚްތިޔާރުތަކަށް ފިލުމެވެ. އަދި އެންމެ ފަހުން، އޭނާ ކުރީ، ދުވަހަކުވެސް މާފު ނުކުރެވޭނެ ފަދަ އަމަލެކެވެ. ޒުހުރާ ގެއިން ނެރެ ބޭރުކޮށްލީއެވެ. ހަމައެކަނި އޭނާއެއް ނޫނެވެ. އޭނާގެ ހުރިހާ އެއްޗެއްވެސް މަގުމައްޗަށް އުކާލިއެވެ. އެ ނިކަމެތި ކުއްޖާ ރޮމުން ގިސްލަމުން އެ އެއްޗެހި ހޮވަން އުޅުނުއިރުވެސް، ގަފޫރުގެ ހިތަކަށް އަސަރެއް ނުކުރިއެވެ. އެންމެ ފަހުން ޒުހުރާ ރޮމުންރޮމުން ހިނގައިގަތީ ބަނދަރާ ދިމާލަށެވެ. ދާނެ ވަކި މަންޒިލެއް ނެތް ހާލުގައެވެ.

ހަނދާންތައް އަނެއްކާވެސް ބަދަލުވިއެވެ. ކައިވެނީގެ މަޖިލީހެވެ. ދިއްލުންތަކެވެ. މީހުންތަކެވެ. އިންތިޒާރުގައި ހުރި ދޮންދީދީއެވެ. އަދި ވަދީފާގެ އެންމެ ފަހުގެ، ބަލިކަށި އަޑެވެ. ވަދީފާ ގަފޫރަށް ކުރި ވަސިއްޔަތެވެ. “ޒުހުރާއާ ކައިވެނިކުރޭ… އޭނާއަށް ބަލާ… މަންމަ ނެތް ދުނިޔެއެއްގައި ދަރިފުޅު ފިޔަވާ އޭނައަށް އަޅާލާނެ އެކަކުވެސް ނުހުންނާނެ.. ޔަތީމަކު ވީމަ އޭނައާ އިންނާނެ މީހަކުވެސް ނުވާނެ..”

ކުއްލިއަކަށް ގަފޫރުގެ ނިންމުން ބަދަލުވެ، ހުރިހާ ކަމެއް ބިއްސާލައި، އެއްވެސް އިންޒާރެއް ނެތި ކައިވެނި ހުއްޓާލި ވަގުތު ހަނދާނަށް އައުމާއެކު، އޭނާގެ މޭ ފިތި ބާރުވާން ފެށިއެވެ.

މުޅި ތަނަށް ހައިރާންކަން ވެރިވެގެން ދިޔައެވެ. އަޑުގަދަވެ، އެކި ސުވާލުތައް ކުރިމަތިވިއެވެ. ނަމަވެސް އޭނާ އެއްވެސް ޖަވާބެއް ނުދެއެވެ. އެއީ ކުށްވެރިކަމުގެ އިހުސާސުން އޭނާގެ ނަފްސު މުޅިން ވަށާލާފައިވުމުންނެވެ.

އޭނާ ދޮންދީދީއާ ދިމާލަށް ބަލައިވެސް ނުލައެވެ. މާފަށްވެސް ނޭދެއެވެ. އެތަނަކު މަޑެއްވެސް ނުކުރެއެވެ. އޭނާ އެތަނުން ފިލައިގެން ދިޔައީއެވެ.

އޭނާއަށް ޒުހުރާ ހޯދަމުން ބަނދަރާ ހަމައަށް ދެވުނުއިރު ބޯކޮށް ވާރޭ ވެހެނީއެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ހައިޖާނަށް ދުނިޔެ އިޖާބަދޭ ކަހަލައެވެ. އުޑުމަތިން ވިދުވަރު ކަނޑަމުން ދިޔައެވެ. އެވަގުތު ޒުހުރާ އިނީ ޖޯއްޔެއްގައެވެ. އޭނާގެ އަންނައުނުތަކުގައި ބާރަށް ހިފަހައްޓާލައިގެން، ވާރޭގެ އަޑާއެކު ގިސްލާ ރުއިމުގެ ތެރޭގައި މުޅި މީހާ ތުރުތުރުއަޅައެވެ.

“މާފުކުރޭ…” އޭނާގެ އަޑު ތުރުތުރު އަޅާ ހާލު ޒުހުރާއާ ގާތްވެލަމުން ބުންޏެވެ. އޭނާ ކުރި ކަންތަކުގެ ކުރިމަތީގައި އެ ބަސްތަކަކީ އެއްވެސް މާނައެއް ނެތް، އަދި ނުފުދޭ ބަސްތަކެކެވެ. “ހިނގާ ދާން… އަހަރެންނާއެކު ގެއަށް ހިނގާ…”

ނަމަވެސް، ކަރުނުން ފުރިފައިވާ ހާލު ޒުހުރާ ބޯހޫރުވާލިއެވެ. “އަހަރެންގެ ސަބަބުން ދޮންދީދީގެ ދިރިއުޅުން ހަލާކުވާކަށް އަހަރެން ބޭނުމެއް ނޫން… އޭނާގެ އުފާތައް ފޭރިގަންނާކަށް އަހަރެން ބޭނުމެއްނޫން….” ރޮމުން، އަދި ވޭނީ އަޑަކުން އޭނާ ބުންޏެވެ. “އަހަރެން ބޭނުމެއް ނޫން އޭނާގެ ދިރިއުޅުން ބަރުބާދުކޮށްލާ މީހަކަށް ވާކަށް…”

ހަމަ އެވަގުތު، ދޮންދީދީގެ ގޭގައި، ދޮންދީދީގެ ދުނިޔެ ދިޔައީ ބިއްސާލަމުންނެވެ.

އޭނާގެ ގިސްލުމުގެ އަޑު މުޅި ގޭތެރޭގައި ގުގުމަމުން ދިޔައެވެ. އޭނާގެ މައިންބަފައިން އޭނާ ހަމައަކަށް އެޅުވޭތޯ ނުހަނު މަސައްކަތް ކުރަމުން ދިޔައިރު، އެމީހުންގެ އަޑުގައި ވަނީ ރުޅިވެރިކަމާއި ހައިރާންކަމެވެ. އެންމެ ހިނދުކޮޅެއްގެ ތެރޭގައި އެމީހުންގެ ދަރިފުޅުގެ މުސްތަގުބަލު ބިމާ ހަމަކޮށްލި މީހާއަށް ނުހަނު ބަދުދުޢާ ކުރަމުންނެވެ.

އެއަށްފަހު ދޮންދީދީ ހޭނެތިގެން ވެއްޓުނެވެ. އެ ބަރުދާސްތު ނުކުރެވޭ ފަދަ ހިތާމައިގެ ސަބަބުން އޭނާގެ ހަށިގަނޑުން ވަރުދޫވީއެވެ. އަދި ދުވަހަކުވެސް އޭނާ އަލުން ހޭނޭރިއެވެ. ގަފޫރަށް އެންމެ ފަހުން ދޮންދީދީ ފެނުނު އިރުވެސް، އޭނާއެކޭ މަރުވެފައި އޮތް މައްޔިތެކޭ އެއްވެސް ތަފާތެއް ނެތެވެ. އޭނާގެ ނާރުތަކުގައި ވިންދު ހުއްޓަސް، ހަށީގައި ފުރާނަ ހުއްޓަސް، އޭނާ އޮތީ އެއްވެސް ދިރުމެއްނެތް މަސްގަނޑަކަށް ބަދަލުވެފައެވެ. ދެލޮލެއް ނުހުޅަވައެވެ. ހަރަކާތެއްނުކުރެއެވެ. އޮތީ ދިރިހުރެ މަރުވެފައޭ ބުންޏަސް އެއީ ދޮގަކަށް ނުވާނެއެވެ.

އެ ހިތްދަތި ހަނދާންތައް އެހިސާބުން ނިމުނަސް، އެ ވޭނަކަށް ނިމުމެއް ނެތެވެ.

މިހާރުގެ ހާލަތަށް ބަލާއިރު، ގަފޫރުގެ ނޭވާ ވަނީ އަވަސްވެފައެވެ. އަލުން އެ ހާދިސާ ތަހައްމަލު ކުރަން ޖެހުނު ފަދަ އިހުސާސެއް އޭނާއަށް ކުރެވެމުން ދިޔައެވެ. އޭނާގެ ދެލޮލުން ހުއްޓުމެއް ނެތް ކަރުނަ އޮހެމުން ދިޔައިރު، އަތްފައި ދިޔައީ ބާރަށް ތުރުތުރު އަޅަމުންނެވެ. ދޮންދީދީއަށް ދެވުނު އަނިޔާގެ ބޮޑުކަން އިހުސާސްވާތީއެވެ. އެ ވޭން އެނގޭނީ އެ ވޭން ތަހައްމަލުކުރަން ޖެހުނު އިންސާނާއަށް އެކަނިން ކަމުގައި ވާތީއެވެ. އެ ހާދިސާއަށް ތިރީސް ނުވަ އަހަރު ފާއިތުވެދިޔަ ނަމަވެސް، އެ ކުށްވެރިކަމުގެ އިހުސާސް ފަނޑެއް ނުވެއެވެ. ދުވަހަކަށްވުރެ ދުވަހެއް އެ ވޭން ދަނީ ބޮޑުވަމުންނެވެ.

އަމިއްލަ ނަފްސު އެއްކޮށް ބިއްސާލުމުގެ ކުރިން، އަމިއްލަ ހިޔަނި ގާތުގައި ނަމަވެސް އެ ވާހަކަ ބުނަން ބޭނުންވެފައިވާ ކަހަލައެވެ. ފޯނުގައި އޮތް ފާތުމަގެ ނަމަށް ފިތާލުމުގައި އޭނާ ފަހެއް ނުޖެހުނެވެ. ކޯލް ގުޅިއްޖެއެވެ. “ހަލޯ؟” ނިދީގެ އަސަރު ހުރި ނަމަވެސް، ވަގުތުން ސަމާލުވެފައިވާ އަޑަކުން ފާތުމަ ޖަވާބުދިނެވެ.

ކަރުބެދިފައި ހުރުމުގެ ސަބަބުން، އިރުކޮޅެއް ވަންދެން ގަފޫރަށް އެއްޗެކޭ ނުބުނެވުނެވެ.އެ ވޭން އޭނާއަށް ކެތްކުރެވޭ ވަރަށްވުރެ ބޮޑެވެ.

“ބޭބޭ!” ފާތުމަގެ އަޑުގައި ކަންބޮޑުވުން އިތުރުވިއެވެ. “ކިހިނެއްވީ؟ މިހާ ދަންވެފަ ހުއްޓަ ތި ގުޅީ ކީއްވެ؟”

އެވަގުތު ގަފޫރުގެ ކެތްތެރިކަން ކޮޅުންލައި، މުޅި މީހާ ރޮއިގަތެވެ. ހިފެހެއްޓުމެއް ނެތް އެ ރުއިމުގެ އަޑު ފޯނުން އިވެމުން ދިޔައެވެ.

“ދޮން… ދީދީ…” ގިސްލުމުގެ ތެރެއިން އޭނާގެ އަނގައިން އެ ނަން ބޭރުވީ ވަރަށް އުނދަގުލުންނެވެ. ނަމަވެސް އެއީ ފޯނުގެ އަނެއްކޮޅުގައި ހުރި ފާތުމަ ހުއްޓުން އަރުވާލަން ފުދޭވަރުގެ ނަމެކެވެ.

ހިމޭންކަން ވެރިވިއެވެ. ހައިރާންކަމާއި ބިރުވެރިކަން ވަށާލިއެވެ.

“ބޭބޭ… ތި ބުނަނީ ކީކޭ؟ ކިހިނެއްވީ؟” އެއްވެސް ކަމެއް ދެނެގަންނަން ނޭނގިފައި ހުރި ފާތުމަގެ އަޑުވެސް ތުރުތުރު އަޅަން ފެށިއެވެ.

ނަމަވެސް އެކަން ކިޔައިދޭނެ ހަކަތައެއް ގަފޫރުގެ ކިބަޔަކު ނެތެވެ.

އެފަދަ ބޮޑު ކުށްވެރިކަމުގެ އިހުސާސެއް ބަޔާންކޮށްދެވޭނެ އެއްވެސް ބަހެއް ދުނިޔެއަކު ނެތެވެ.

ފޯނު ކެނޑިގެން ދިޔައީ ކުއްލިއަކަށެވެ. އޭނާގެ އަތުން ފޯނު ދޫވެގެން ދިޔަ ވަގުތު، ދެއަތުން މޫނު ނިވާކޮށްލިއެވެ. މާޒީގެ ހިތްދަތި ހަނދާންތަކުގެ ވަރުގަދަ ކަމުން، އޭނާގެ މުޅި ހަށިގަނޑު ދިޔައީ ތުރުތުރުލަމުންނެވެ.

އަނެއްކޮޅުން ފާތުމާ އިނީ ގަނޑުވެފައެވެ. ފޯނު ކެނޑުނު ފަހުންވެސް އޭނާ ފޯނު ކަންފަތުގައި ޖައްސައިގެން އިނީ، ހިތް ނުތަނަވަސްވެ ބިރުގަންނަން ފަށާފައެވެ. ފަސީހުގެ ފަރާތުން ދުވަހަކުވެސް މިފަދަ އަސަރެއް އޭނާއަށް ފެނިފައެއް ނުވެއެވެ. ދުވަހަކުވެސްމެއެވެ.

****

ފަސީހަށް ހެނދުނު އިހުސާސުކުރެވުނީ އާދައިގެ ގޮތަކަށް ނޫނެވެ. ލޯ ހުޅުވާލުމުގެ ކުރިން، ހަގީގަތުގެ ބަރުދަން އޭނާގެ ބޮލުގައި އެޅުމުގެ މާ ކުރިން، އެ ސޫރައަކުން އޭނާގެ މުޅި ހިތާއި ސިކުނޑި ފުރާލައިފިއެވެ. އޭނާގެ ކޮންމެ ނޭވާއެއްގެ ތެރޭގައި ހަމަހިމޭންކަމާއެކު ވަނީ އެ ހަނދާންތަކެވެ.

އެއީ މެހެކް އެވެ.

އެ ނަމަކީ ހަމައެކަނި ނަމެއް ނޫނެވެ. އެއީ އޭނާގެ ހަށިގަނޑުގެ ތެރޭގައި ހިނގައިގަތް އާދަޔާ ހިލާފު އިހުސާސެކެވެ. ކުޑަދޮރުން ފޭދިގެން އައި ހެނދުނުގެ ފަނޑު އަލިކަމަށްވުރެ، އޭނާގެ ލޮލުގެ ކުރިމަތީގައިވަނީ މެހެކްގެ ސާފު ސޫރައެވެ.

އޭނާގެ ތުންފަތްމައްޗަށް މަޑުމަޑުން ހިނިތުންވުމެއް ވެރިވިއެވެ. ރޭގަނޑުގެ އެ ހަނދާންތައް އެއްޗަކަށްފަހު އެއްޗެއް އާވަމުން ދިޔައިރު، ހިތަށް ވަމުންދިޔަ ގޮތް ބަޔާންކުރަންވެސް އުނދަގުލެވެ. އޭނާ ދެއްކި ވާހަކަތަކަށް މެހެކް ދިން ސަމާލުކަމާއި، އެ ހިމޭންކަމުގެ ތެރެއިން އޭނާއަށް ލިބުނު ހިތްހަމަޖެހުމެވެ. އަމިއްލަ ނަފްސުގެ އެންމެ ފުން އިހުސާސުތައް އޭނާއަށް ހާމަކުރެވުނު ގޮތެވެ.

އެކަން އިހުސާސުވުމުން އޭނާ ކުޑަކޮށް ލަދުގަންނަ ގޮތްވިއެވެ. ހިފަހައްޓާލައިގެން އޮތް ކަންނޭލުގެ ތެރެއަށް ބޮނޑިވެލީ އެ ލަދުވެތިކަމުން ސަލާމަތްވުމަށްށެވެ. މީގެ ކުރިން ދުވަހަކުވެސް އޭނާގެ ހިތުގެ ދޮރުތައް މިހާ ބޮޑަށް މީހަކަށް ހުޅުވާލެވިފައެއް ނެތެވެ.

“އޭނާ އަހަރެންނާ މެދު ދެކޭނީ ކިހިނެއްބާ؟” މި ސުވާލު އޭނާގެ ހިތުގައި އެނބުރެމުން ދިޔައެވެ. އެއީ ނުތަނަވަސްކަމެއް ނަމަވެސް، އޭގައި އޮތީ އޯގާތެރިކަމެކެވެ. އަމިއްލަ ނަފްސު މީހަކަށް ހާމަވުމުން ކުރެވޭ އިހުސާސެވެ.

އެހެންނަމަވެސް، އެކަމާ އޭނާ ދެރައެއް ނުވެއެވެ. މެހެކްގެ ކުރިމަތީގައި އެއީ ބަލިކަށިކަމެއް ނޫނެވެ. އެއީ ހިތަށް ލިބުނު ބޮޑު ލުޔެކެވެ.

އޭނާގެ ކައިރީގައި އޮތް ހުސްތަނަށް ނަޒަރު ހުއްޓާލުމަށްފަހު، އެތަނުގައި އޮތް ބާލީހުގައި އަތް ޖައްސާލިއެވެ. އަދި ބާލީސް އޭނާގެ މޭގައި ޖައްސާ ބާރުކޮށްލިއެވެ. އޭނާގެ ލޯ މެރުނީ ނިދި އައިސްގެންނެއް ނޫނެވެ. އެއީ އެ އިހުސާސަށް ކުރެވޭ އިންތިޒާރެއްގެ ބޮޑުކަމުންނެވެ.

އެ އަނދިރިކަމުގެ ތެރޭގައި، ޚިޔާލީ ދުނިޔެއަކަށް ގެއްލި ދިޔުމަކީ މާ ފަސޭހަ ކަމެކެވެ. ޙަޤީޤަތާއި އޭނާ އުންމީދުކުރާ ކަންތައްތަކާ ދެމެދުގައިވާ ފަރަގު ފުހެވި، ވަށައިގެންވާ މާޙައުލު މަޑުމަޑުން އޭނާގެ ލޯމަތިން ފަނޑުވާން ފެށިއެވެ.

އެންމެ ފުރަތަމަ ބަދަލުވީ ވަށައިގެންވާ ވައިރޯޅިތަކެވެ. ވައިގެ ތެރޭގައި ތާޒާކަމާއި ފިނިކަން އެކުލެވިގެން ދިޔައެވެ. އެ ފިނިކަމުގެ އަސަރު އޭނާގެ ހަށިގަނޑަށް އިޙްސާސްވަމުންދިޔައީ ނުހަނު ހިތްގައިމު ގޮތަކަށެވެ. އޭނާ ނޭވާ ދޫކޮށްލާ ކޮންމެ ފަހަރަކު، ފިނީގެ ސަބަބުން އަނގައިން ނިކުންނަ އާވިތައް ކުދި ވިލާކޮޅުތަކެއް ފަދައިން ފެތުރި، މާޙައުލުގެ ހިމޭންކަމުގެ ތެރެއަށް ގެއްލިދެއެވެ.

ފައިދަށުން ފެންނަން އޮތީ ނިމުމެއް ނެތް ހުދު ސާފު ސުނޯއެވެ. އެއްވެސް އިންސާނެއްގެ ފިޔަވަޅެއްގެ ނިޝާންވެސް ނެތް، ބަލާލަން ނުހަނު ހިތްގައިމު މަންޒަރެކެވެ. އެއީ ހުވަފެނީ ދުނިޔެއެއް ފަދަ ރީތި މަންޒަރެކެވެ.

ކުއްލިއަކަށް، އޭނާގެ ކުރިމަތިން މެހެކް ފެނިލިއެވެ. އޭނާއާ މާ ދުރު ނޫން ހިސާބެއްގައި މެހެކް ހުއްޓިލައިގެން ހުރިއިރު، އެ މަންޒަރުން އޭނާގެ ނޭވާ މަޑުޖެހުނު ކަހަލައެވެ. މި ޚިޔާލީ ދުނިޔޭގައި މެހެކް ފެންނަނީ މާ ފުރިހަމަކޮށެވެ. އޭނާގެ އިސްތަށިގަނޑަށް ވެހެމުންދިޔަ ސުނޯގެ ތިކިތަކާއި، ފިނިގަދަވުމުގެ ސަބަބުން ކޮލަށް އަރާފައިވާ ފިޔާތޮށި ކުލައިން އޭނާގެ ރީތިކަން އިތުރުކޮށްދެއެވެ. ވަށައިގެންވާ ހުދުކަމުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވަނީ އޭނާގެ ދެލޮލުގެ އުޖާލާކަމެވެ.

މެހެކް ހީލި އަޑު އިވުމާއެކު، އޭނާގެ ހިތަށް ބުނެދޭން ނޭނގޭ ފުން އަސަރުތަކެއް ކުރިއެވެ. އެ ހިތްގައިމު ހިމޭން މާޙައުލުގައި އެ ހުނުމުގެ އަޑު ގުގުމާލިއެވެ. މެހެކް ތިރިވެލައި، އޭނާގެ ދެއަތުން ސުނޯތައް އޮޅާލައި ބޯޅައެއް ހަދަން ފެށި މަންޒަރު ބަލަން އޭނާ ހުރީ އާޝޯޚުވެފައެވެ. މި ވަގުތުކޮޅަކީ ނުހަނު ހިތްގައިމު އަދި އެހާމެ އަސަރުގަދަ ވަގުތުކޮޅެކެވެ. އޭނާގެ ޚިޔާލީ ދުނިޔޭގައި މެހެކްގެ ހަރަކާތްތައް ފެންނަނީ ނުހަނު ތާޒާކޮށް، ހިތްގައިމު ގޮތަކަށެވެ.

އޭނާ އެއްޗެކޭ ބުނަން އުޅުނު ވަގުތު، މެހެކް ކުއްލިއަކަށް ތެދުވެ، އޭނާއާ ދިމާލަށް ލާނެތް ހިނިތުންވުމަކާއެކު ބަލާލިއެވެ. އެއާއެކު، މެހެކްގެ އަތުން ސުނޯ ބޯޅައެއް އޭނާއާ ދިމާލަށް އެއްލިއެވެ. އެ ސުނޯ ބޯޅަ އޭނާގެ ކޮނޑުގައި ޖެހި، ފިނިކަން އިޙްސާސްވި ނަމަވެސް، އޭނާގެ މުޅި ސަމާލުކަން ހުރީ މެހެކްގެ ލޮލުން ފެންނަން ހުރި އުފާވެރިކަމަށެވެ.

“ތިހެން ހަދާފައި ސަލާމަތްވެވޭނެ ކަމަށްތަ ތި ހީކުރަނީ؟” މަޑުމައިތިރި އަދި ލާނެތް ރާގަކަށް އޭނާ ބުންޏެވެ. މެހެކް އެއްވެސް ޖަވާބެއް ނުދީ، އަނެއްކާވެސް ހީލަމުން ދުއްވައިގަތެވެ.

މެހެކް ދުވެފައި ދާތަން ފެނުމުން، އޭނާވެސް އެއްވެސް ވިސްނުމަކާ ނުލައި މެހެކްގެ ފަހަތުން ދުއްވައިގަތެވެ. ދުވަމުން ސުނޯތައް އަތަށް ނަގައި، މެހެކާ ދިމާލަށް އެއްލިއެވެ. މެހެކް އެއިން ރެކުމަށް މަސައްކަތް ކުރަމުން ދިޔައިރު، މުޅި މާޙައުލުގައި ވަނީ އޭނާގެ ހުނުމުގެ އަޑެވެ.

“މެހެކް… މަޑުކޮށްބަލަ…” ނޭވާ ކޮޅަށް ގޮސްފައި ހުރި ނަމަވެސް، އޭނާގެ އަޑުގައި ވަނީ އުފާވެރިކަމެވެ. އޭނާ މެހެކްގެ ފަހަތުން ދުވަމުން ދިޔައީ، އެ ހިތްގައިމު ވަގުތުކޮޅުގެ ތެރެއަށް މުޅިން ގެނބިފައިވާ ހާލުގައެވެ. އޭނާ ފަސްއެނބުރި ބަލައިލިއެވެ.

އެއާއެކު މުޅި މާހައުލުގެ ތަރުތީބު ބަދަލުވެގެން ދިޔަ ކަހަލައެވެ. އެ ކުރު ސިކުންތުކޮޅުގެ ތެރޭގައި، ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ހިނދު، ދުލުން ބަޔާންނުކުރެވޭފަދަ ފުން އިހުސާސްތަކެއް ދެމީހުންގެ ދެމެދުގައި ބަދަލުވެގެން ދިޔައެވެ. ކުރިން ހުރި މަޖާ ސަކަރާތުގެ ބަދަލުގައި، މިހާރު އުފެދުނީ މާ ހިމޭން އަދި މާ ފުން ގުޅުމެކެވެ. އޭނާގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައި އެ ކުޑަހިނދުކޮޅުގެ ތެރޭގައި، އޭނާގެ އަތްދަށަށް އެ އަންހެން ކުއްޖާ އަތުވެއްޖެއެވެ.

ވިސްނާލުމެއް ނެތި އޭނާގެ ދެއަތުން މެހެކްގެ އުނަގަނޑުގައި ހިފަހައްޓާލިއެވެ. ކުއްލިއަކަށް ހަރަކާތްތަކަށް އައި ބަދަލާއެކު ދެމީހުންގެ ފައިދަށުގައި ހުރި ގަނޑުފެންތަކުގެ މަތީގައި ހަމަޖެހިލުމަށްޓަކައި އޭނާ މެހެކް ގަޔާ ކައިރިކޮށް، ބާރުކޮށްލިއެވެ. މިހާރު މެހެކް އެވަނީ އޭނާގެ އަތުތެރޭގައެވެ. ނުހަނު ގާތުގައެވެ. ބަޔާންކުރަން ނޭނގޭހާ ކައިރީގައެވެ.

ކުރިން އިވުނު ހުނުމުގެ އަޑު މަޑުވެ، މެހެކްގެ ނޭވާގެ އިހުސާސް ފަސީހުގެ ހަންގަނޑަށް ކުރެވެން ފެށިއެވެ. މުޅި ދުނިޔެ ހުއްޓިފައިވާ ކަހަލައެވެ. ހީވަނީ އެވަގުތު ޖެހެމުންދިޔަ ވައިރޯޅިވެސް އެ މަންޒަރު ބަލަން މަޑުޖެހުނުހެންނެވެ. އޭނާގެ އަތްތިލަ ހުރި ގޮތަށް ހުއްޓެވެ. ބާރުގަދަ ނަމަވެސް އޯގާތެރިކަމާއެކުގައެވެ. މެހެކް ދޫކޮށްލުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫން ކަހަލައެވެ. އޭނާ އެ ކުއްޖާގެ މޫނަށް ފުންކޮށް ބަލައިލި ހިނދު، ހިތުގެ ފުންމިނުން ބަޔާންކުރަންދަތި އަސަރުތަކެއް ކުރިއެވެ.

މަޑުމަޑުން ގަނޑުފެން ފައިބަން ފެށިއެވެ. އެދެމީހުންގެ ވަށައިގެން ފައިބަމުންދިޔަ ކުދިކުދި ކޮޅުތައް އޭނާގެ އިސްތަށިގަނޑާއި އެސްފިޔަތަކުގައި ބީހެމުންދިޔައެވެ. އެއިން އެތިކޮޅެއް އޭނާގެ ތުންފަތާ ކައިރިއަށް ވެއްޓުނު ހިނދު، ފިރިހެން ކުއްޖާގެ ނޭވާ ހުއްޓުނު ކަހަލައެވެ.

“ކީއްވެ ތި ދުވީ…” އޭނާގެ އަޑު މިހާރު މާ މަޑެވެ. މާ ސީރިއަސްއެވެ. އޭގެ ފަހަތުގައި ސިއްރުވެފައިވާ މާނަތަކެއް ވާ ކަހަލައެވެ.

އޭނާ ވަގުތުން ޖަވާބެއް ނުދެއެވެ. އޭނާގެ ނަޒަރު ކުޑަކޮށް ބަދަލުވެލިއެވެ. އޭނާގެ އަތުން ފަސީހުގެ ކޮނޑުގައި ބާރަށް ހިފަހައްޓާލީ އަމިއްލަ ނަފްސު ހަމަޖައްސާލުމަށްޓަކައެވެ. އަދި ނުހަނު މަޑުމައިތިރި އަޑަކުން ބުންޏެވެ. “ފަސީ އަހަރެންގެ ފަހަތުން އަންނާތީ…”

އެ ބަސްތައް ވައިގެ ތެރޭގައި ހަރުލާފައި ހުއްޓެވެ. އާދައިގެ ބަސްތަކެއް ނަމަވެސް، އޭގެ މާނަ ނުހަނު ފުންވެފައި ބަރެވެ. އޭނާ އެ ކުއްޖާ ގަޔާ މާ ބޮޑަށް ކައިރިކޮށްލިއެވެ. ކުރިން ހުރި ދުރުމިން މިހާރު ކެތްނުކުރެވޭ ފަދައެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވެ، ކޮންޓްރޯލް ނުކުރެވޭ ފަދަ އިހުސާސްތަކެއް އުފެދެން ފެށިއެވެ.

“އަހަރެން ދުވަހަކުވެސް ހުއްޓާނުލައިފިއްޔާ ވާނީ ކިހިނެއް؟” އޭނާއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

އޭނާގެ ނޭވާ ތާށިވި ކަހަލައެވެ. އަދި ދެމީހުންކުރެ އެކަކުވެސް ހަރަކާތެއް ނުކޮށް މަޑުޖެހިލިއެވެ. މުޅި ދުނިޔެވެސް މި ހިނދުކޮޅަށް ހުއްޓިފައިވާ ކަހަލައެވެ. އަތުތެރޭގައި ހުރި މެހެކްއާއި، ވަށައިގެން ފައިބަމުންދާ ގަނޑުފެނެވެ. ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ގުޅުން އިތުރަށް ވަރުގަދަވެގެން ދިޔައެވެ. އޭނާ މެހެކްގެ އުނަގަނޑުގައި ހިފަހައްޓާލުމުން، މެހެކްވެސް އިތުރަށް ފަސީހުގެ ގަޔާ ކައިރިވެލިއެވެ.

ވިސްނާލުމެއް ނެތި، އޭނާ މެހެކް އުފުލާލިއެވެ. އެއީ ނުހަނު ތަބީއީ އަދި ހިތް އެދޭފަދަ ހަރަކާތެކެވެ. މެހެކްގެ ފައި ބިމުން ނެއްޓުމާއެކު، ހައިރާންކަމުގެ މަޑު އަޑެއް ބޭރުވިއެވެ. އަދި އޭނާގެ ކޮނޑުގައި ބާރަށް ހިފަހައްޓާލުމުން، އޭނާ މަޑުމަޑުން މެހެކް ގޮވައިގެން އެނބުރެންފެށިއެވެ.

އެއާއެކު އަލުން މެހެކްގެ ހުނުމުގެ އަޑު އިވެން ފެށިއެވެ. ނަމަވެސް މިފަހަރު އެ އަޑު ތަފާތެވެ. މާ މަޑެވެ. މާ އަސަރުގަދައެވެ.

އެމީހުންގެ ވަށައިގެންވާ މާހައުލު ހުދު ކުލައިގެ ފުސްގަނޑެއްގެ ތެރެއަށް ގެއްލި، ފައިދަށުގައިވާ ސިހުރުވެރި ފިނިކަން އިހުސާސްނުވާ މިންވަރަށް އޭނާގެ މުޅި ސަމާލުކަން ހުއްޓިފައިވަނީ އޭނާގެ އަތްދަނޑިމަތީގައިވާ މެހެކްއަށެވެ. އޭނާގެ ހިތުގެ ހުސްކަން މެހެކްގެ ވަޖޫދުން ފުރާލަދީފައިވަނީ، އެއީ ކުރިން އޭނާއަށް އިހުސާސްވެސް ކުރެވިފައިނުވާ ފަދަ ފުން އަސަރަކުންނެވެ.

ވަގުތު ހުއްޓުނު ކަހަލައެވެ. ނުވަތަ ވަގުތުގެ އިހުސާސް މުޅިން ފިލައިދިޔައީއެވެ. އެގޮތުގައި އޭނާ މެހެކް އޭނާގެ އަތްދަނޑިމަތީގައި ބާއްވައިގެން ހުރީ ކިހާ އިރަކު ކަމެއް އޭނާއަކަށް ނޭނގެއެވެ. އެނބުރުންތައް މަޑުޖެހި، ހުނުމުގެ އަޑު ފަނޑުވެގެން ދިޔައިރު، ހިމޭންކަން ވެރިވެ، އެ ފިނި މާހައުލުގައި ހަމައެކަނި އިވެމުންދަނީ އެ ދެމީހުންގެ ނޭވާގެ ހަމަހިމޭން ރިދަމެވެ.

އޭނާ މެހެކް ވަގުތުން ބިމުގައި ބައިންދާކަށް ބޭނުމެއް ނުވިއެވެ. އެއީ މެހެކް ދޫކޮށްލުމަކީ ދާދި ދެންމެއަކު ލިބުނު އަގުބޮޑު ނިޢުމަތެއް ގެއްލިގެންދިއުން ފަދަ ކަމަކަށް ވާތީއެވެ.

ހަގީގީ ދުނިޔެއަށް ހޭލެވުނުއިރު، އޭނާއަށް އޮވެވުނީ ނޭނގި ނަމަވެސް ބާލީހުގައި ވަރަށް ބާރަށް ބައްދާލައިގެންނެވެ. ލޯ މަރައިގެން އޮތްއިރު، އެ ހިޔާލީ އުފާވެރިކަމުގެ ހޫނުކަން އަދިވެސް އޭނާގެ ހިތުގައި ބަދަލުނުވެ އެބަހުއްޓެވެ.

އަދި އެއަށްފަހު އޭނާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ލަސްލަހުންނެވެ. ފުންކޮށެވެ.

އެ ފޮތިގަނޑުން އޭނާގެ ވަސް ދުވަނީއެވެ. ނޫނީ އެއީ ހަމަ އޭނާގެ ސިކުނޑީގެ ކުޅިވަރެއް ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެ ވަސް ނޭފަތުގައި ޖެހުމާއެކު، އޭނާގެ ހިތުގެ އިހުސާސްތައް ކޮންޓްރޯލުން ނެއްޓިގެން ދިޔައެވެ.

އޭނާގެ ނޭވާ އަވަސްވިއެވެ. ބާލީހުގައި ބައްދާލާފައިވާ ބާރުމިން އިތުރުވިއެވެ.
އޭނާ އަނެއްކާވެސް ފުންކޮށް ނޭވާލިއެވެ. އެއީ އެ އިހުސާސްތައް އޭނާގެ އަތުން ބީވެގެން ހިނގައިދާނެތީ ބިރުގަންނަ ފަދަ ގޮތަކަށެވެ. އެ އަންހެން ކުއްޖާ އޭނާގެ ހަށިގަނޑާ ވަރަށް ކައިރީގައި ހުރި ފަދަ އިހުސާސެއް ކުރެވެމުން ދިޔުމާއެކު، އޭނާގެ މޭގެ ތެޅުން އަވަސްވެ، ނޭވާލުމަށް އުނދަގޫވާން ފެށިއެވެ.

“މެހެކް…” އޭނާގެ ދުލުން އެ ނަން ބޭރުވީ މަޑުމަޑުންނެވެ. ނަމަވެސް އެ އަޑުގައި ވަނީ ފުން އަސަރާއި ބޭނުންޖެހިފައިވާ މިންވަރެވެ.

އޭނާގެ އިނގިލިތައް ބާލީހުގެ ތެރެއަށް ބާރުކޮށްލަމުން، އޭނާގެ މޫނު އޭގައި ޖައްސާލައިގެން އޮވެ، ތަކުރާރުކޮށް ނޭވާލަމުން ދިޔައީ އެ ހަނދާންތައް ހިތުގައި ބަހައްޓަން މަސައްކަތް ކުރާ ފަދައިންނެވެ.

މިއީ ބުއްދި ގަބޫލުކުރާ ފަދަ ކަމެއް ނޫނެވެ. މިއީ އޭނާއަށް ކެތްކުރަން ދަތި އިހުސާސެކެވެ. އެކަމަކުވެސް އޭނާއަށް އެކަން ހުއްޓައެއް ނުލެވުނެވެ.
އޭނާގެ މުޅި ހަށިގަނޑާއި ފުރާނަ އެހެން އިންސާނެއްގެ ހަނދާންތަކުން ފުރިފައިވާ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެކަމަކު މިކަމުގެ ސަބަބުން އޭނާ ބިރުގަންނަން ޖެހުނު ނަމަވެސް، އޭނާއަށް އެ ބިރެއް އިހުސާސެއް ނުވެއެވެ.

އޭގެ ބަދަލުގައި، އެ އިހުސާސްތައް އޭނާ އިތުރަށް އެ ހިޔާލުތަކުގެ ތެރެއަށް ގެންދެއެވެ.
އެ އަންހެން ކުއްޖާގެ ވަސް އޭނާގެ ހަށިގަނޑަށް ދަމައިގަންނަނީ އެއީ އޭނާގެ ދިރިހުރުމުގެ އަސްލު ކަމުގައި ދެކިގެންނެވެ.
އޭނާގެ ހިތުގެ ތެޅުން މަޑުޖެހުމެއް ނެތި ކުރިއަށްދާއިރު، އެއް ހިޔާލެއް އޭނާގެ ހިތުގައި ގުގުމަމުން ދިޔައެވެ. އެއީ ހިތްގައިމު ނަމަވެސް ބިރުވެރި ހިޔާލެކެވެ. އޭނާ މިހާރުވެސް މެހެކްގެ ލޯތްބާއި ހަނދާންތަކުގެ ތެރެއަށް މުޅިން ގެނބި ހުސްވަނީއެވެ.

ފަތިސް ނަމާދުގެ ހަމަހިމޭން އަސަރު މުޅި ގޭތެރޭގައި ހިފާލާފައި ހުއްޓެވެ. ފަސީހު ކޮޓަރިން ބޭރަށް ނުކުތީ ބޯ ތެތްކޮށް ހުރެއެވެ. ފަތިހުގެ ފިނިވައިރޯޅިތައް އޭނާގެ ހަށިގަނޑުގައި ބީހިލުމުން، ނަމާދުގެ ސަބަބުން އޭނާގެ ހިތަށް ލިބުނު ތާޒާކަމާއި ލުއިކަން އިތުރަށް އިހުސާސްވެގެން ދިޔައެވެ. އޭނާގެ ހިތުގައިވި ބަރުކަން އެއްކޮށް ފިލައިގެން ނުދިޔަ ނަމަވެސް، ހިތަށް ބޮޑު ހަމަޖެހުމެއް ލިބިފައިވެއެވެ.

****

ފަތިހު ފަހެއް ޖަހާ ބޮޑުވި ވަގުތެވެ. އެއީ ރޭގަނޑުގެ ހިމޭންކަމާއި ދުވާލުގެ އަލިކަމާ ދެމެދު، ދުނިޔެ ހުއްޓިފައިވާ ކަހަލަ އާދަޔާޚިލާފު ވަގުތެކެވެ. އެ ވަގުތުގެ ހިމޭންކަމަކީ ފަޅުކަމެއް ނޫނެވެ؛ އެއީ ހިތަށް ތަސައްލީއެއް ލިބޭ ފަދަ އަމާން ހިމޭންކަމެކެވެ. އޭނާ ކަންނެތްގޮތަކަށް ސިޓިންގ ރޫމާ ދިމާލަށް ހިނގައިގަތްއިރު، އަދިވެސް ސިކުނޑީގައި ވަނީ ރޭގައި މެހެކްއާއެކު ހޭދަވި ވަގުތުތަކުގެ ހަނދާންތަކެވެ. އޭނާގެ ހިނިތުންވުމާއި، އެ އާދަޔާޚިލާފު އަޑުގެ ހަނދާންތައް އޭނާގެ ހިތުން ފިލައިގެން ނުދެއެވެ. ނިދީގެ ތެރެއަށް ގެނބިގެން ދިޔައިރުވެސް، އޭނާގެ ޚިޔާލުތައް ހުރީ އެކަމުގެ ތެރޭގައެވެ.

ނަމަވެސް، ކުއްލިއަކަށް އޭނާގެ ފިޔަވަޅުތައް މަޑުޖެހުނެވެ.

މޭޒުމަތިން ފެނުނު ކަމަކުންނެވެ. މޭޒުގެ ސީދާ މެދުގައި ކޮފީ ތަށްޓެއް ހުއްޓެވެ. އެއިން އަދިވެސް މަޑުމަޑުން ހޫނު އާވި އަރަމުންދެއެވެ. މުޅި ހިސާބުގައި ވަނީ ކޮފީގެ މީރު ވަސް ހިފާލާފައެވެ. ނަމަވެސް އޭނާގެ ހައިރާންކަން އިތުރުވީ ހަމައެކަނި އެ ކޮފީ ތަށީގެ ސަބަބަކުން ނޫނެވެ.

އެ ތަށި ކައިރީގައި ވަރަށް ފަރުވާތެރިކަމާއެކު ބާއްވާފައި އޮތް ކަރުދާސްކޮޅުގެ ސަބަބުންނެވެ. ވަރަށް ރީތިކޮށް ފަތްޖަހާލާފައި އޮތް އެ ކަރުދާސްކޮޅު އޮތީ މީހަކު ގަސްދުގައި އެތަނުގައި ބާއްވާފައިވާ ފަދަ ގޮތަކަށެވެ. އޭނާގެ ހިތުގައި އުފެދުނު ޝައުގުވެރިކަމާއެކު، މަޑުމަޑުން އެދިމާލަށް ހިނގައިގަތެވެ. އެ ކަރުދާސްކޮޅުން ނަޒަރު ވަކިކޮށްލައިފިނަމަ، ފަހަރުގައި އެ ގެއްލިދާނެ ކަމުގެ ބިރު އޭނާގެ ހިތުގައި އޮތް ކަހަލައެވެ.

“މިއީ ކާކުގެ ކަމެއްބާ؟…” އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް ހިތުގެ ކޮންމެވެސް ކަނެއްގައި އެއީ ކާކުގެ ކަމެއްކަން އޭނާއަށް ވަނީ އިހުސާސް ކުރެވިފައެވެ.

އޭނާ ވަރަށް ޖެހިލުންވެ ހުރެ އެ ކަރުދާސްކޮޅުގައި އަތްލިއެވެ. އެ ކަރުދާހުގައި ލިޔެފައިވާ އެއްޗަކުން އޭނާގެ މުޅި ދިރިއުޅުމަށް ބޮޑު ބަދަލެއް އަތުވެދާނެކަމުގެ އިހުސާސް ކުރެވޭ ފަދައެވެ. އޭނާ މަޑުމަޑުން އެ ކަރުދާސްކޮޅު ނިއުޅާލިއެވެ.

އަދި އޭގައިވާ އަތުލިޔުމަށް އޭނާގެ ނަޒަރު ހުއްޓުނު ހިނދު، ހައިރާންކަމުން މުޅި މީހާ ހުއްޓުން އެރިއެވެ. އެއީ އޭނާގެ މުޅި އުމުރުގައިވެސް ދުށް އެންމެ ފުރިހަމަ، އެންމެ ރީތި އަތުލިޔުމެވެ. ކޮންމެ އަކުރެއްވެސް ލިޔެލާފައިވަނީ ހިތްގައިމު ގޮތަކަށެވެ. އެއްވެސް އަވަސް އަރުވާލުމެއް ނެތި، އޭނާ އެ ލިޔުންކޮޅަށް ބަލަހައްޓައިގެން ހުރީ އޭގެ ފުރިހަމަކަމަށް ހިތާހިތުން ތައުރީފު ކުރާ ހާލުގައެވެ. އެކަމުގެ ސަބަބުން އޭނާގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ.

ދެން އޭނާ ކިޔަން ފެށިއެވެ:

“ބާއްޖަވެރި ހެނދުނެއް، ފަސީހު…

މި ލިޔުންކޮޅު ފަސީއަށް ފެންނާނީ އާ ދުވަހަކަށް ތައްޔާރުވާން ފަށާ ވަގުތު ކަމެއް ނުވަތަ ފަސީގެ ހަލުވި ވިސްނުންތަކުން ސިކުނޑި ބަރުވެފައިވާ ވަގުތެއްގައި ކަމެއް އަހަންނަކަށް ނޭނގެ.. ނަމަވެސް، ފަސީއަށްޓަކައި ކުޑަ ނަމަވެސް ހަދިޔާއެއް ބާއްވަން އަހަންނަށް މަޖުބޫރުވީ. މިއީ ފަހަރުގައި ކުޑަ، އާދައިގެ ކަމެއް ކަމަށް ހީވެދާނެއެވެ. އެކަމަކު މިއީ ހަމައެކަނި ބަސްތަކަކުން ކިޔައިދެވޭނެ ވަރަށްވުރެ މާ ފުން މާނައެއް އެކުލެވޭ ކަމެއް…

ރޭގައި… ފަސީ ދެއްކި ވާހަކަތަކަކީ އާދައިގެ ވާހަކަތަކެއް ނޫން…

އެއީ ކޮންމެ ކޮންމެ މީހެއްގެ ކުރިމަތީގައި ދައްކަން ނުކެރޭނެ، ހިތުގެ އެންމެ ފުންމިނުގައިވާ ސިއްރުތަކެއް.. އެއީ ގިނަ ދުވަސްތަކެއް ވީނަމަވެސް ހިތުން ފިލައިނުދާ، ބަރުދަން ހުރި ހަނދާންތަކެއް…. ފަސީ އެހާ ބޮޑަށް އިތުބާރުކޮށް، ހިތުގެ އެ ބައި އެހެން މީހަކަށް ހުޅުވާލުމަކީ ކިހާ ވަރުގަދަ ކަމެއްކަން ކަލެއަށް އިހުސާސް ނުކުރެވެނީ ކަމަށްވެސް ވެދާނެ..

އަދި އަހަރެން ބޭނުންވަނީ ފަސީ މިކަން ދެނެގަތުމަށް… އެހެން ހުރިހާ ވާހަކައެއް ހަނދާން ނެތުނަސް، މިކަން ހަނދާން ބަހައްޓާތި… ރޭގައި ފަސީގެ ފަރާތުން އަހަންނަކަށް އެއްވެސް ބަލިކަށިކަމެއް ނުފެނޭ.. އެންމެ ހިނދުކޮޅަކަށްވެސް އެހެންނެއް އިހުސާސެއް ނުކުރެވުނެވެ. އޭގެ ބަދަލުގައި އަހަންނަށް ފެނުނީ ފަސީގެ ހިތްވަރުގަދަކަން…”

އެއީ ހުރިހާ ކަމެއް ރަނގަޅުކަމަށް ދައްކައިގެން ހޯދާ ކަހަލަ ހިތްހަމަޖެހުމެއް ނޫން.. އެކަމަކު އެއީ އިންސާނާ މުޅިން ހަލާކުކޮށްލާފަދަ ހިތްދަތި ކަންތައްތަކުން ސަލާމަތްވެ، އެ ތަދުތަކާއި ބޭއިންސާފު އިހުސާސްވީ ނަމަވެސް، ކުރިއަށް ދާނެ މަގެއް ހޯދުމުން ލިބޭ ކަހަލަ ހިތްވަރެއް…

ފަސީ ހިއްސާކުރީ ހަމައެކަނި ތަދުތަކެއް ކަމަށް ފަސީއަށް ހީވެދާނެ… ނަމަވެސް އަހަންނަށް އެއީ މުޅިން ތަފާތު އެއްޗެއް…އެއީ ތެދުވެރިކަމެވެ. އަދި ތެދުވެރިކަމަކީ ދުވަހަކުވެސް އެކަމާ ލަދުގަންނަންޖެހޭނެ ކަމެއް ނޫން… ފަސީ ތަހައްމަލުކުރި ހުރިހާ ކަމެއް އަހަންނަކަށް ނޭނގޭ… އަދި ކޮންމެ ދުވަހަކު ޔޫ އުފުލަމުންދާ އެ ބުރަދަން ފުރިހަމައަށް އިހުސާސްކުރެވޭ ކަމަކަށް އަހަރެން ދައުވާއެއް ނުކުރާނަން… ސަބަބަކީ ބައެއް ތަދުތަކަކީ ބަޔާންކޮށްދޭން ދަތި، އެހާމެ ޒާތީ ކަންކަމަށްވާތީ..

އެހެންނަމަވެސް އަހަންނަށް އެނގޭ ކަމަކީ، ފަސީއަކީ އެ ހިތްދަތިކަމާއި، އެ އެކަނިވެރިކަމާއި، އަދި ހުރިހާ ކަމެއް ބަރުބާދުވުމުން އަންނަ އެ ހަމޭހިމޭންކަމަށް ހައްގުވާ މީހެއް ނޫންކަން.. އެހެންނަމަވެސް، އެ ހުރިހާ ކަމަކާ އެކުވެސް، ފަސީ ތިޔަހުރީ ސާބިތުކަމާއެކުގަ.. ހިތްވަރު ދޫނުކޮށް މަސައްކަތް ކުރުމުގަ… އަމިއްލަ ނަފްސަށް އެކަން އިހުސާސް ނުވީ ނަމަވެސް… ހަމައެކަނި އެކަމުންވެސް ފަސީގެ ވަރުގަދަކަން ހާމަވޭ….

އަހަންނަށް ފަސީ ބައެއް ކަންކަން ފާހަގަކުރެވުނެވެ. ކުޑަކުޑަ ހިނިތުންވުމެއްގެ ފަހަތުގައި ކަންތައްތަކެއް ފޮރުވަން ކުރާ މަސައްކަތެވެ. ކަމަކާ މާ ބޮޑަށް ގާތްވުމުން ވާހަކަ އޮޅުވާލާ ގޮތް.. އަދި ދުލުން ބަޔާން ނުކުރާ އެތައް ވާހަކަތަކެއް ތިބާގެ ދެލޮލުން ފެންނަން ހުންނަ ގޮތް.. އަހަރެންގެ ހިތަށް އަރައެވެ؛ މިހާ ގިނަ ދުވަސްވަންދެން ތިބާ އެކަނިމާ އެކަނި މި ހުރިހާ ބުރައެއް އުފުލީ ކިހިނެއް ހެއްޔެވެ؟ އެއްވެސް މީހަކު އެކަނި އެފަދަ ބުރައެއް އުފުލާކަށް ނުޖެހޭނެ. ފަސީވެސް، އަދި އެހެން މީހަކުވެސްމެ..

ފަސީއަށް ހައްގުވަނީ، ފަސީގެ ވާހަކަތަކަކީ މާ ބޮޑު ކަމެއް ކަމަށް އިހުސާސްވިޔަނުދީ، ކަނުލައި އަޑުއަހާނެ މީހެކެވެ. ކަންތައްތައް އުނދަގޫވާ ވަގުތުވެސް ފަސީގެ ގާތުގައި ހުންނާނެ މީހެއް.. އެއްވެސް ސަބަބަކާ ނުލައި ހިތަށް ބަރުވާ ވަގުތުތަކުން ސަލާމަތްވުން ފަސީއަށް ހައްގެވެ. އަދި ފަހަރެއްގައި… އަހަންނަށް އެ ހުރިހާ ކަމެއް ކޮށްދެވިދާނެ ކަމެއް ނޭނގެ.. ފަސީގެ ހަޔާތުގައި އަހަރެން އަދާކުރަންވީ ކޮން ދައުރެއް ކަމެއްވެސް އަހަންނަކަށް ނޭނގެ.. އެކަމަކު އަހަންނަށް ޔަގީންވާ ކަމަކީ، މީގެ ފަހުން ފަސީ އެކަނިވެރި ނުވާނެ ކަން.. އަހަރެން ހުރިހާ ހިނދަކު..

އަހަރެން މިހެން މިބުނަނީ ހަމައެކަނި އަޑުއަހަން ރީތި ބަސްތަކަކަށް ވާތީއެއް ނޫން… އަހަރެންގެ ހިތުގެ އަޑިން އެކަން ގަބޫލުކުރާތީ.. ފަސީ އެއްވެސް އެއްޗެއް ނުބުނި ކަމުގައިވިޔަސް، ހުރިހާ ކަމެއް ރަނގަޅު ކަމަށް ދެއްކި ނަމަވެސް، ނުވަތަ އަބަދުވެސް ކުރާހެން ކަންކަމާ ދުރުވާން އުޅުނަސް، އަހަންނަށް އެކަން ފާހަގަވާނެ… އަދި އަހަރެން ފަސީގެ ގާތުގައި ހުންނާނަން.. ސަބަބަކީ ބައެއް މީހުންނަށް ބޭނުންވަނީ ބާރު އަޑުންވާ ވައުދުތަކެއް ނޫން.. އެކަމަކު ބޭނުންވަނީ ހިމޭންކަމާއެކު ދެމިހުންނަ އެހީތެރިކަން… އަހަރެން ބޭނުމީ ފަސީއަށްޓަކައި އެފަދަ މީހަކަށް ވާން…

އަދި… އަހަރެން ފަސީއަށް ކޮފީއެއް ތައްޔާރުކުރީން… ފަސީ ބޭނުންވާ ފަދަ ރަހައެއް އޭގައި ހުރިކަމެއް ނޭނގެއެވެ. ތެދަށް ބުނާނަމަ، އެ ތައްޔާރުކުރިއިރު އަހަރެން ހުރީ ކުޑަކޮށް ޖެހިލުންވެފަ. އެއީ ރަހަ ނުބައިވެގެން ފަސީ މި ކޮފީތަށި ބޮއެފައި، ދިރިއުޅުމުގެ އެއްވެސް ކަމެއްގައި އަހަންނަށް ދެން އިތުބާރު ނުކޮށްފާނެތީ… އެކަމަކުވެސް އަހަރެން އެ ތައްޔާރުކުރީ…ސަބަބަކީ މިއަދުގެ ހެނދުނަކީ ފަސީއަށް ތަފާތު ހެނދުނަކަށް ހަދައިދޭން ބޭނުންވާތީ. ކުޑަކޮށް ނަމަވެސް ހިތްހަމަޖެހޭ، ލުއި، އަދި އުފާވެރި ހެނދުނަކަށެވެ. އެކަމުގެ ސަބަބުން ތިބާގެ މޫނުމައްޗަށް ކުޑަވެސް ހިނިތުންވުމެއް އަތުވެއްޖެނަމަ، އެއީ އަހަންނަށް ފުދޭ މިންވަރެއް..

މިއަދު ފަސީގެ ނަފްސަށް ސަމާލުކަން ދީ. އަދި އާދައިގެ މަތިން ހުރިހާ ބުރައެއް އެކަނި އުފުލަން މަސައްކަތް ނުކުރޭ… މީގެ ފަހުން އެކަން އެގޮތަށް ކުރާކަށް ނުޖެހޭނެ…

— މެހެކް.”

އެ ބަސްތައް އޭނާގެ ހިތުގެ ތެރެއަށް ފީނައިގެން ދިޔައެވެ. ވަރަށް ފުންކޮށް، ވަރަށް މަޑުމަޑުންނެވެ. ކޮންމެ ޖުމްލައަކުންވެސް އޭނާގެ ހިތުގެ ހުސްވެފައިވާ ތަންތަން ފުރެމުންދާ ކަހަލައެވެ. އޭނާގެ އިނގިލިތަކުން އެ ކަރުދާސްކޮޅުގައި ބާރަށް ހިފަހައްޓާލެވުނުއިރު، ނޭވާލުމަށްވެސް ބަދަލުތަކެއް އައީ އޭނާގެ އިހުތިޔާރުން ބޭރުގައެވެ.

އޭނާ އެ ލިޔުންކޮޅު ދެވަނަ ފަހަރަށްވެސް ކިޔައިލިއެވެ. އެއީ ފުރަތަމަ ފަހަރު ކިޔައިގެން އޭގައިވާ އެއްޗެއް ފަހުމްނުވެގެނެއް ނޫނެވެ. ނަމަވެސް، އެ ލިޔުމުން ލިބުނު އަސަރުގަދަ އިހުސާސްތައް އަލުން ތަޖުރިބާކޮށްލަން ބޭނުންވީއެވެ. ކޮންމެ ލަފުޒެއްގައިވާ ފުން މާނައާއި، އޭގެ ފަހަތުގައިވާ މަތިވެރި މަގުސަދެވެ. އެ އާދައިގެ ލިޔުންކޮޅުގައި އޭނާ ހިމަނާފައިވާ އިންތިހާ ދަރަޖައިގެ އޯގާތެރިކަމާއި އަޅާލުމެވެ.

މީގެ ކުރިން ދުވަހަކުވެސް އެއްވެސް މީހަކު އޭނާއަށްޓަކައި މިފަދަ ކަމެއް ކޮށްދީފައެއް ނުވެއެވެ. މިހާ ގާތްކޮށް، މިހާ ފުންކޮށް ވިސްނައިގެން، އަދި މިހާ ހާއްސަ ގޮތަކަށް އޭނާއަށްޓަކައި ކަމެއް ކޮށްދިން މިއީ ފުރަތަމަ ފަހަރެވެ.

އޭނާގެ ނަޒަރު އެ ލިޔުންކޮޅުން ވަކިވެ، މޭޒުމަތީގައި ހުރި ކޮފީ ތަށްޓަށް ހުއްޓުނެވެ. އެ ތަށިން އަދިވެސް މަޑުމަޑުން އާވި އަރަމުންދަނީ، ހީވާގޮތުން އޭނާގެ އިންތިޒާރުގައި އެތައް އިރަކު ހުރި ފަދައަކުންނެވެ. އޭނާ އެ ތަށީގައި އަތްލުމާއެކު، އޭގެ ހޫނުކަން އިހުސާސްވެ، ހިތުގެ ކޮންމެވެސް ދިމާއަކަށް އަނެއްކާވެސް ބަދަލެއް އައި ފަދަ އިހުސާސެއް ކުރެވުނެވެ.

އޭނާ އެއިން ކޮފީ ފޮދެއް ބޯލިއެވެ. އެއީ ހަމައެކަނި ކޮފީއެއް ނޫނެވެ. އެއަށްވުރެ މާ މަތިވެރި އެއްޗެކެވެ. އެ ކޮފީގެ ރަހައިގައި މެހެކްގެ ހާޒިރުކަމާއި، އޭނާގެ އޯގާތެރިކަމާއި، އޭނާ ކުރި ފުން ފިކުރު އެކުލެވިގެންވާ ކަހަލައެވެ. އެ ވަގުތު އޭނާގެ ހިތަށް ބާރުވެ، ބުނެދޭން ނޭނގޭ ފަދަ އަސަރެއް ކުރިއެވެ. ސަބަބަކީ، މިފަދަ ގޮތަކަށް އެހެން މީހަކު އޭނާއާ މެދު ވިސްނާފާނެ ކަމަށް އޭނާ ދުވަހަކުވެސް އުއްމީދުކޮށްފައި ނުވާތީއެވެ. ހެނދުނު ހޭލާއިރު، އޭނާއަކީ މީހަކު ބޭނުންވާ، މީހެއްގެ ލޯބި ލިބިގެންވާ މީހެއްކަން އިހުސާސްވުމަކީ އޭނާއަށް މުޅިން އާ ކަމެކެވެ.

ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ ކޮފީ ތަށީގައި ބާރަށް ހިފަހައްޓާލިއެވެ. އަދި އަނެއްކާވެސް އޭނާގެ ނަޒަރު އަތުގައި އޮތް ލިޔުންކޮޅަށް ހުއްޓުނެވެ. އެ ވަގުތު، އޭނާގެ ވަށައިގެންވާ މާހައުލާއި، މުޅި ދުނިޔެވެސް ހުއްޓުނު ފަދައެވެ. ގޭތެރެއާއި، ހެނދުނުގެ ވަގުތާއި، ބޭރު ދުނިޔޭގެ އެއްވެސް ކަމަކީ މިހާރު މުހިންމު ކަމެއް ނޫނެވެ.

ސަބަބަކީ، މި ހަމަހިމޭން ވަގުތުކޮޅުގައި އޭނާއަށް ކުރެވެމުންދަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އިހުސާސް ނުކުރެވި އޮތް ކަމެކެވެ. އޭނާއަކީ “ހާއްސަ” މީހެއްކަމުގެ އިހުސާސެވެ. އެ ހަގީގަތް އޭނާގެ ހިތުގައި ބަދަލުނުވެ ހަރުލާފައި ހުއްޓެވެ. ލިޔުމުގައިވާ އޭނާގެ އަތުލިޔުމުގައި އިނގިލި ހިންގާލަމުން، އެ އުފާވެރި އިހުސާސް ދޫކޮށްލަން އޭނާ ބޭނުންނުވިއެވެ. އެ ކުޑަކުޑަ އަމަލުން އޭނާގެ ހިތުގެ ފުންމިނަށް ދާއިމީ ބަދަލެއް ގެނުވައިފި ކަހަލައެވެ.

 

 

 

****

ރާޒިގަށް ހެނދުނުގެ އިރު އެރީ މާ އަމާން އޮމާން ގޮތަކަށް ނޫނެވެ. ލޯ ހުޅުވާލުމާއެކު، ސިކުނޑީގެ ތަރުތީބު ރަނގަޅަށް ގާއިމުވުމުގެ ކުރިންވެސް، ކުޑަ ނަމަވެސް ވަރަށް ފުން ކަމަކަށް އޭނާގެ ސަމާލުކަން ހުއްޓުނެވެ. އެއީ މުޅި ދުނިޔެ އޭނާއަށް ކަމެއް ހަނދާންކޮށްދޭން އުޅޭ ކަހަލަ ގޮތަކަށެވެ. އެނދު ކައިރީގައި، އޭނާ ތެދުވެ ފައި ބާއްވާލާ ހިސާބުގައި، ވަރަށް ފަރުވާތެރިކަމާއެކު ދެ ފައިވާން ބަހައްޓާފައި ހުއްޓެވެ. އެއީ އިއްތިފާގަކުން އޮތް އޮތުމެއް ނޫނެވެ. އޭނާ ހޭލުމުގެ ކުރިން މީހަކު އެތަނުގައި ހުއްޓި، އޭނާގެ އަރާމަށްޓަކައި ވިސްނައި، އެ ތަރުތީބުކޮށްފައިވާ ފައިވާނެވެ. އޭނާއަށް އެއަށް ބަލަހައްޓައިގެން ހުރެވުނީ އެއީ މިއަދު އަލަށް ފެނުނު މަންޒަރަކަށް ވެގެންނެއް ނޫނެވެ. ފާތުމަ ކޮންމެ ދުވަހަކުވެސް އެއްވެސް ފޫހިކަމެއް ނެތި ކުރާ ކަމެކެވެ. ނަމަވެސް، މިއަދު އެ މަންޒަރު އޭނާއަށް އިހުސާސް ކުރެވުނީ މާ ބަރު، އަދި އޭނާގެ ކުށްވެރިކަން ހަނދާންކޮށްދޭ ފަދަ އޯގާތެރިކަމެއްގެ ގޮތުގައެވެ.

ފައިވާނަށް ފައި މަހާލުމާއެކު، އެއިން ލިބުނު މަޑުމޮޅި އާވިކަމުން އޭނާގެ ހިތަށް ބަޔާންކުރަން ނޭނގޭ ފަދަ ތަދެއް އިހުސާސްވިއެވެ. އެއީ އޭނާއަށް މިހާރު އިހުމާލު ނުވެވޭނެ ފަދަ ބަރުދަނެއް ހުރި އޯގާތެރިކަމެވެ. މަޑުމަޑުން އެނދު ކައިރީ ހުރި ކުޑަ މޭޒާ ދިމާއަށް ބަލާލިއިރު، އޭނާގެ ނޭވާ މަޑުޖެހުނެވެ. ބޮކީގެ ކައިރީގައި އާވި އަރައަރާ ހުރި ގްރީން ޓީ ތައްޓެކެވެ. އެ ސައިތަށީގެ މީރުވަސް އޭނާގެ ނޭފަތުގައި ޖެހުމާއެކު، އެއީ އޭނާގެ ހިތަށް އުނދަގޫވާ ވަރުގެ ކަމަކަށް ވިއެވެ. އޭނާ ބޭނުންވާ މިންވަރާއި، އޭނާއަށް އެންމެ ހިތްހަމަޖެހޭ ހޫނުމިނާއި، އޭނާގެ ދުވަސް ފަސޭހަކަމާއެކު ފެށުމަށްޓަކައި އެ ބަހައްޓަންވީ ތަންވެސް ފާތުމައަށް އެނގެއެވެ. ބޭއިޚްތިޔާރުގައި އޭނާގެ އިނގިލިތައް އެ ތަށީގައި ޖެހުނެވެ. ވަރަށް ނާޒުކު އެއްޗެއް ހިފަހައްޓާ ފަދައިން އޭނާ އެ ތަށި ނެގިއެވެ. އަތަށް ލިބުނު ހޫނުކަމާއެކު އޭނާގެ ހިތުގައި ރިހުމެއް އުފެދުނެވެ. މިއީ އެއްވެސް ޝަރުތެއް ނެތް، ދެގޮތެއް ނުވާ، ސާފު އޯގާތެރިކަމެވެ. ސާފުސީދާ ކުލުނާއި ލޯތްބެވެ. މިއީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެފަދަ އެއްވެސް އޯގާތެރިކަމަކަށް ހައްގުވެގެން ނުވާ މީހަކަށް ލިބުނު އަޅާލުމެކެވެ.

ލަސްލަހުން އޭނާ ނޭވާ ދޫކޮށްލިއެވެ. ކަންތައްތަކުގެ ހަގީގަތް އޭނާ ވަށާލުމުން ކަރުބުޑުގައި ގޮށެއް ޖެހުނު ކަހަލަ އިހުސާސެއް ކުރެވުނެވެ. އޭނާގެ އަމަލުތައް ހުރި ގޮތާއި، ބޭވަފާތެރިކަމާއި، އިތުރުފުޅުތަކާއި، ފާތުމައަށް ކުރިމަތިކުރި ނިކަމެތިކަމަށް ބަލާއިރުވެސް، އޭނާގެ އަނބިމީހާ ކޮންމެ ދުވަހަކު ހޭލައި އޭނާގެ ޒިންމާތައް އެއްވެސް އުނިކަމެއް ނެތި އަދާކުރެއެވެ. ފާތުމަގެ ހިތް ކިތަންމެ ވަރަކަށް ކުދިކުދިވެފައިވީ ނަމަވެސް، އޭނާގެ ލޯބި އިޚްތިޔާރުކޮށްފައިވަނީ ވަފާތެރިކަމެވެ. އެ ވިސްނުން އައުމާއެކު، އަތުގައި ހުރި ސައިތަށި ތެޅިގަތެވެ. ކުށްވެރިއެއް ފަދައިން އޭނާ ވަރަށް ފަރުވާތެރިކަމާއެކު އެ ތަށި ބެހެއްޓިއެވެ. އެއީ އެ ސައިތަށީގައި އަތްލުމުގެ ހައްގުވެސް މިހާރު އޭނާއަށް އޮތް ކަމަކަށް ނުފެންނާތީއެވެ.

ކޮޓަރިން ބޭރަށް ނުކުތްއިރު، ހިތަށް ލިބުނު ބަރުކަން އިތުރުވިއެވެ. އޭނާ ލާން ތައްޔާރުކޮށްފައި ހުރި ގަމީސް ފެނުމާއެކު، ހިތުގެ ފުންމިނުގައި ކަމެއް ބަދަލުވެގެން ދިޔަ ކަހަލައެވެ. ފާތުމަގެ ވަފާތެރިކަމުގެ ހަނދާންތައް މުޅި ދުނިޔެ އޭނާގެ ކުރިމައްޗަށް އަތުރާލި ކަހަލައެވެ. އޭނާ އެންމެ ގަޔާވާ ހެދުން ހުރީ ވަރަށް ފުރިހަމައަށް އިސްތިރިކޮށްފައެވެ. އެންމެ ރޮއްޖެއްވެސް ގުޅަވެފައި ނެތެވެ. އެއީ ވަރަށް ވަގުތު ދީގެން، ވަރަށް ފަރުވާތެރިކަމާއެކު ކޮށްފައިވާ ކަމެކެވެ. އޭނާ ކުރި ހުރިހާ ނޭދެވޭ ކަންތައްތަކަށް ފަހުވެސް، އޭނާއަކީ ފެންނަފެނުމަށް ރީތި މީހެއްގެ ގޮތުގައި ބެހެއްޓުމަށް ފާތުމަ އިސްކަންދީފައިވާ މިންވަރު އެއިން ހާމަވެއެވެ.

އޭނާގެ ގާތުގައި، ދަބަސް ވަނީ ވަރަށް ފަރުވާތެރިކަމާއެކު ތަރުތީބުކޮށް ތައްޔާރުކޮށްފައެވެ. އެއީ އޭނާ އެދިގެން ކުރި ކަމެއް ނޫނެވެ؛ އޭނާއަށް ވިސްނާލަންވެސް ނުޖެހި، ކޮންމެ ކުޑަކުޑަ ކަމަކަށްވެސް ވަނީ ސަމާލުކަން ދީފައެވެ. މިކަމުން އޭނާގެ ހިތަށް އިތުރު ތަދެއް އިހުސާސްވީ، މިއީ ހަމައެކަނި ޒިންމާއެއްގެ ގޮތުން ކުރި ކަމެއް ނޫންކަން އެނގޭތީއެވެ. މިއީ އެތައް އަހަރެއްގެ އިޚުލާޞްތެރި ލޯބީގެ ނަތީޖާއެވެ. ނަމަވެސް އޭނާއަށް އެ ލޯބީގެ ބަދަލު ދެވުނީ ބޭވަފާތެރިކަމުންނެވެ.

އޭނާގެ އިނގިލިތައް ގަމީހުގެ އަތްކުރީގައި ބީހިލިއެވެ. އެހާ އޯގާތެރިކަމަކާއި، އެހާ ބޮޑު ސުންޕާ އަމަލެއް އެކުގައި ފައިތަޅާލާނީ ކިހިނެއްތޯ އޭނާގެ ހިތަށް އެރިއެވެ. ހަގީގަތް އިހުސާސްވުމުން އޭނާގެ މޭގައި ރިހުމެއް އުފެދުނެވެ. އޭނާއަށް ކުރެވުނީ ހަމައެކަނި ކުށެއް ނޫނެވެ؛ އޭނާ އެވަނީ އެތައް އަހަރަކުން ބިނާކުރި މާތް ގުޅުމެއް ފުނޑުފުނޑުކޮށްލާފައެވެ. އެއީ ކިތަންމެ ބޭނުންވިޔަސް، ހަމައެކަނި މާފަށް އެދުމަކުން ނުވަތަ ދައްކާ ވާހަކައަކުން އަލުން އިއާދަނުކުރެވޭނެ ފަދަ ބޮޑު ގެއްލުމެކެވެ.

ކެއުމަށް ހާއްސަކުރެވިފައިވާ ބަޔަށް ދެވުނުއިރު، އޭނާއަށް ކުރެވުނު އިހުސާސްތައް ބަޔާންކުރަންވެސް ދަތިވިއެވެ. ސުފުރާމަތި ތައްޔާރުކޮށްފައިވަނީ އޭނާއަށް އެންމެ މީރު ކާތަކެތިންނެވެ. އޭނާއާ ދުރުވާން އެތައް ސަބަބެއް އޮތްއިރުވެސް، އަދިވެސް އޭނާއަށް ހިދުމަތްކުރުމުގައި ދެމިހުރި އޯގާތެރި އަތަކުން ތައްޔާރުކޮށްފައިވާ އެ ކާތަކެތި ފެނުމުން އޭނާގެ ނޭވާ ކުރުވިއެވެ. އަމިއްލަ އަމަލުތަކުގެ ބުރަދަން އިހުސާސްވެ، އޭނާގެ ނަފްސު އެތެރެއިން ރޫޅިގެންދާ ފަދަ އިހުސާސެއް ކުރެވުނެވެ.

އެވަގުތު އޭނާއަށް ފާތުމަ ފެނުނެވެ.

ފާތުމަ ހުރީ ދޮރު ކައިރީގައެވެ. އޭނާގެ ހަރަކާތްތަކުން ފެންނަނީ މަޑުމައިތިރިކަމެވެ، ނަމަވެސް އެއީ ބީރައްޓެހި މަޑުމައިތިރިކަމެކެވެ. ފާތުމައަށް ގޮވާލިއިރު އޭނާގެ އަޑުގައިވަނީ ނުތަނަވަސްކަމެވެ. ކުރިން އޮތް ހައްގު މިހާރު އޮތްކަމާ މެދު އޭނާ ޝައްކުކުރާ ކަހަލައެވެ.

“އަހަރެން މިދަނީ ރިސޯޓަށް… ވަރަށް އަވަސް ބޯޑު މީޓިންއެއް އެބައޮތް،” އަޑު ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން އޭނާ ބުންޏެވެ. ނަމަވެސް އެ އަޑުގައިވާ ނުތަނަވަސްކަން ފޮރުވޭގޮތެއް ނުވިއެވެ.

ފާތުމަ އެއްފަހަރުވެސް އޭނާއާ ދިމާލަށް ބަލައެއް ނުލިއެވެ.

“ނާސްތާ ތައްޔާރުކޮށްފަ އެހުރީ… ގޮސްލުމުގެ ކުރިން ކައިލައިގެން ދޭ…” އޭނާގެ ޖަވާބުގައި އެއްވެސް އޯގާތެރިކަމެއް ނެތެވެ. ބަލާވެސް ނުލާ ދިން އެ ޖަވާބު ކޮންމެ ހަރުކަށި ބަހަކަށްވުރެ ބާރަށް އޭނާގެ ހިތަށް ހެރުނެވެ.

އޭނާގެ ނަފްސު އެ ދުރުކަމާ ދެކޮޅު ހެދިއެވެ. ކޮންމެވެސް ވަރެއްގެ މަސައްކަތެއް ނުކޮށް އެކަން ގަބޫލުކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާ މަޑުމައިތިރިކަމާއެކު ބުންޏެވެ، “އަހަރެން ނުކާނަން… ފާތުމަ މާފު ނުކުރަނީހެއް ނުކާނަން.”

ފާތުމަގެ ހިނގުން މަޑުޖެހިލިއެވެ. ދޮރުގެ އަތްގަނޑުގައި ހިފަހައްޓާލައިގެން ހުރިއިރު، މުޅި ދުނިޔެ ހުއްޓުނު ކަހަލައެވެ.

“އަހަރެން ހިތްބަރުކޮށްގެން ނުހުންނަން..” އިރުކޮޅަކު މަޑުކޮށްލުމަށްފަހު އޭނާ ބުންޏެވެ. އެ އަޑުގައިވަނީ ވަރުބަލިކަމެވެ. “އެކަމަކު ރާޒިޤުގެ ހަޤީޤަތް ހަނދާން ނައްތައެއް ނުލެވޭނެ.”

އެ ބަސްތައް އޭނާގެ ހިތުގެ ފުނަށް ފޭދިގެން ދިޔައެވެ. އޭނާ ހިފަހައްޓައިގެން ހުރި އުންމީދުތައް ފުނޑުފުނޑުވިއެވެ. ފާތުމަގެ ވާހަކަ ކުރިއަށް ގެންދިޔައިރު، އޭނާގެ މޭ ފަޅާލާފައި ހިތް ނަގާފަދަ އިހުސާސެއް ކުރެވުނެވެ.

“އެފަދަ ތަދެއް ފޮހެލެވޭނެ އެއްވެސް މީހަކު ނުހުންނާނެ… އެއީ ހަމައެކަނި އަނބިމީހާއަށް އިހުސާސްވާނެ ކަމެއް. މުޅި ދުނިޔެއަށްވުރެ ބޮޑަށް ލޯބިވި ފިރިމީހާ، އަމިއްލަ އިޚުތިޔާރުގައި ބޭވަފާތެރިވުމުން ކުރާނެ އަސަރު ފިރިހެނަކަށް ނޭނގޭނެ އަންދާޒާކޮށްލަންވެސް…”

ފާތުމަ ހަޤީޤަތް ހާމަކުރުމާއެކު ރާޒިޤުގެ ނޭވާ ކުރުވެ، މޭބޮޑުވާން ފެށިއެވެ. ކުރެވުނު ކުށުގެ އިހުސާސްތަކުން ހިތް ފުރިބާރުވެ، އެ ހިތްދަތިކަން ކެތްކުރެވޭ ވަރަށްވުރެ ބޮޑުވިއެވެ. އޭނާ ކުރި ކަންތަކުގެ ބުރަދަން އުފުލަން ނުކުޅެދިފައިވާ ހާލު، ބިނދިފައިވާ އަޑަކުން މަޑުމަޑުން ބުންޏެވެ. “މިހެން އުޅޭކަށް މަށަކަށް ކެތެއް ނުވާނެ… ތިހާ ބޮޑު ތަދެއްގައި ފާތުމަ އުޅޭތަން ބަލާކަށް… މާ ރަނގަޅުވާނެ އަހަރެން މަރުވީޔާ… އަހަރެން ދެން އަމިއްލައަށް މަރުވާންވީ…”

“އޯކޭ… އެކަންވެސް ކޮށްލާ… އެޔެއްނު ނުކުރެވިފަ ބާކީ އޮތް ފާފައަކީ…”

ފާތުމަގެ އެ ޖަވާބު އައީ ވަރަށް އަވަހަށެވެ. އެ އަޑުގައި ހުރި ތޫނުކަމާއި ފިނިކަމުން ރާޒިޤު ހުރިތަނަށް ގަނޑުވި ކަހަލައެވެ. ފާތުމަ މަޑުމަޑުން އެނބުރިލިއިރު، އެ ދެލޮލުން ފެންނަން ހުރި ރިހުމަކީ ދެން އިތުރަށް ފޮރުވޭނެ އެއްޗެއް ނޫނެވެ. އެ ދެލޮލުގެ ފުންމިނުގައި ހުރި ހިތާމަ ފެނުމުން، އޭނާގެ މޭގައި އުފެދުނު ރިހުން ކެތްނުކުރެވޭ މިންވަރަށް ބޮޑުވިއެވެ.

“ރާޒިޤު ތިހުރީ ކުރެވެން ހުރި ހުރިހާ ފާފައެއް ކޮށް ނިންމާފައި،” ރުޅިވެރިކަމަށްވުރެ ބޮޑަށް ހިތްދަތިކަމާއި ނަފުރަތުން ފުރިފައިވާ އަޑަކުން އޭނާ ބުންޏެވެ. “ވީއިރު، އަމިއްލަ ނަފްސު ދުއްވާލައިގެން ތި ފާފަތަކުގެ ލިސްޓު އެއްކޮށް ފުރިހަމަކޮށްލަންވީނު.”

ރާޒިޤަށް އެއްޗެއް ބުނެވުމުގެ ކުރިން، އަދި އެ ބަސްތަކުގެ މާނަ ރަނގަޅަށް ދޭހަވުމުގެ ކުރިންވެސް، އޭނާ ނުކުމެގެން ހިނގައްޖެއެވެ. އޭނާގެ ފަހަތުގައި އޮތީ ހިމޭންކަމާއި ނޭވާ ހާސްވާފަދަ މާހައުލެކެވެ. ފާތުމަ ތިޔަދަނީ ކޮންތާކަށްތޯ އަހައި އޭނާ ގޮވައިލުމުން، އެއްވެސް ޖެހިލުމެއް ނެތި، އަދި ފަސް އެނބުރި ބަލައިލުމެއްވެސް ނެތި ފާތުމަ ޖަވާބު ދިނެވެ.

“އަހަރެން ދާ ތަނަކާއި، ކުރާ ކަމަކާއި، އަދި ބައްދަލުކުރާ މީހަކީ މިހާރު ރާޒިޤާ ބެހޭ ކަމެއް ނޫން.”

އެއާއެކު ދޮރު ލެޕްޕުނެވެ. ރާޒިޤުގެ އެތެރެހަށިން ކޮންމެވެސް އެއްޗެއް މުޅިން ބިނދިގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ.

އޭނާގެ ދެފައިން ވަރުދޫވެ، މަޑުމަޑުން ސޯފާ މައްޗަށް ތިރިވެވުނެވެ. މޫނުގައި ދެއަތް އަޅައި ފޮރުވައިލީ، މިހާ ހިސާބަށް ހިފަހައްޓަމުން އައި އިހުސާސްތައް ކޮންޓްރޯލުން ނެއްޓުމުންނެވެ. ދެން ދައްކާނެ ދަޅައެއް، ނުވަތަ ފޮރުވޭނެ މީހަކުވެސް ނެތެވެ. އޭނާއަށް ކުރެވުނު ކަންތަކުގެ ހަގީގަތް އޭގެ އެންމެ ހިތްދަތި ގޮތުގައި އައިސް އޭނާގެ މުޅި ހަށިގަނޑުގައި ބީހިލިއެވެ.

އޭނާގެ ކޮނޑު ތޮޅެލައި، ފުރަތަމަ ގިސްލުމުގެ އަޑު މުޅި ތަނަށް ފެތުރިގެން ދިޔައެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި އެކަކު އަނެކަކަށް ފަހު ގިސްލަމުން ދިޔައިރު، އެ ގޭގެ ހިމޭންކަން މުޅިން ފޫދުއްވާލައިފިއެވެ. އެއީ އޭނާގެ އަމިއްލަ އަމަލުތަކުގެ ނަތީޖާއާ ކުރިމަތިލާން ޖެހިފައިވާ މީހެއްގެ ވޭނީ އަޑެވެ. އެއްވެސް އަގަކާ ނުލައި ލިބިފައިވާ ލޯތްބަކީ އޭނާގެ މުޅި ދިރިއުޅުން ފުރިހަމަކޮށްދިން އެންމެ މުހިންމު އަސާސްކަން އޭނާއަށް އެނގުނުއިރު ވަގުތު އޮތީ ފާއިތުވެފައެވެ.

****

ފަތިހުގެ ހަމަހިމޭންކަން ފިލައި، ދުނިޔެ ހޭލަން ފަށައިފިއެވެ. ދުރުދުރުން އިވޭ ކާރެއްގެ އިންޖީނުގެ އަޑާއެކު މަގުމަތީގެ މަޑުމައިތިރިކަން މުގުރާލައިފިއެވެ. ނަމަވެސް، މިހާ ހެނދުނަކާ އެ އަޑު އިވުމުން ހިތަށް ކޮންމެވެސް ނުތަނަވަސްކަމެއް ވެރިވިއެވެ. އެއީ އާދައިގެ ކަމެއް ނޫންކަން އިހުސާސް ކުރެވެއެވެ.

ކާރުގެ ދުވެލި މަޑުވަމުން ގޮސް، ގަފޫރުމެންގޭ ދޮރުމައްޗަށް މަޑުކޮށްލައިފިއެވެ.

ކާރުގެ އިންޖީނު ނިވުމާއެކު، ފާތުމަ އިރުކޮޅަކު މަޑުން އިނެވެ. އޭނާގެ އިނގިލިތަކުން ބޭއިޚްތިޔާރުގައި ކަތީފާގެ ކޮޅުގައި ހިފަހައްޓާލެވުނެވެ. ކުރިމަތީގައި ހުރި ފަރިތަ ފާރަވެރި ގޭޓަށް ބަލަހައްޓައިގެން ހުރިއިރު، މިއީ އެތައް ފަހަރަކު އައިސްފައިވާ ތަނެއް ނަމަވެސް، މިއަދު އެތަނުގެ މާހައުލު ތަފާތެވެ. ހީވަނީ ބުނަން ނޭނގޭ ފުން އަސަރެއް ނުވަތަ ބަރުދަނެއް އެ ވަޔަށް ވެރިވެފައިވާ ހެންނެވެ.

އޭނާއަށް ރޭގައި ހަމަނިންޖެއް ނުލިބެއެވެ. ގަފޫރުގެ އެ ފޯނު ކޯލަށް ފަހުގައެވެ. އޭނާގެ ބޭބެގެ އަޑު އެފަދަ ގޮތަކަށް ބެދި، ރިހުމުން ފުރިގެންވާ ގޮތަކަށް މީގެ ކުރިން ދުވަހަކުވެސް އޭނާ އަޑެއް ނާހައެވެ. ދޮންދީދީގެ ކަންތަކުގައި މެނުވީއެވެ.

އެ ހަނދާންތައް އޭނާގެ ހިތުގައި ބިންވަޅު ނެގިފައި ވަނީ ނުތަނަވަސް ގޮތަކަށެވެ. ކާރުން ފޭބުމުގެ ކުރިން ފުން ނޭވާއެއް ދޫކޮށްލަމުން، އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން އޭނާ މަސައްކަތް ކުރިއެވެ. އެހާ ދަމެއްވެފައި ހުއްޓާ ކޮއްކޮ ގުޅީ އާދައިގެ ކަމެއްގައި ނޫންކަން އޭނާއަށް ޔަގީނެވެ.

އެވަގުތު، މަގުގެ އަނެއްކޮޅުން ސްކޫޕީއެއްގެ މަޑު އަޑު އިވޭން ފެށިއެވެ. ކޮލެޖަށް ދިއުމުގެ ރޫޓީނަށް ތައްޔާރުވެގެން، ދަބަސް ކޮނޑުގައި އަޅުވައިގެން ރާމިޔާ އަންނަނީ ގޭޓާ ދިމާލަށެވެ. އޭނާގެ ހިތާއި ސިކުނޑި ވަނީ ކޮލެޖުގެ ކިޔެވުމުގެ ކަންކަމަށް ހުސްވެފައެވެ.

ކުއްލިއަކަށް އޭނާއަށް އެ ކާރު ފެނުނެވެ. ހައިރާންކަމާއެކު ސްކޫޕީގެ ދުވެލި މަޑުކޮށްލަމުން، ގޭޓާ ތަންކޮޅެއް ދުރުގައި މަޑުކޮށްލިއެވެ. ކާރުގެ ނަންބަރު ބޯޑަށް ބަލާލުމާއެކު، އެއީ ކާކުގެ ކާރެއްކަން އޭނާއަށް އެނގުނެވެ.

މި ކާރަކީ ޖޫލީ ނުވަތަ ފާތުމަގެ ކާރެކެވެ. ރާމިޔާގެ ނިތްކުރިއަށް ރޫތަކެއް އެރިއެވެ. މިހާ ހެނދުނަކާ، އެއްވެސް ޚަބަރެއް ނުވެ މިތަނަށް އަންނަންވީ ކީއްވެބާވައޭ އޭނާގެ ހިތަށް އެރިއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގެ އިހުސާސް އޭނާއަށް ކުރެވެން ފެށިއެވެ.

ކާރުގެ ދޮރު ހުޅުވުނެވެ. ކާރުން ފޭބި ފާތުމަ ފެނުމާއެކު، ރާމިޔާގެ ހިތުގައި އުފެދުނު ސުވާލުތައް ފިލައި، ގާތްކަމުގެ އިހުސާސެއް ލިބުނެވެ. އޭނާ ވަގުތުން ސްކޫޕީ ނިވާލުމަށްފަހު، ހިނިތުންވުމަކާއެކު ފާތުމައާ ދިމާލަށް ހިނގައިގަތެވެ.

“ބޮޑުދައިތާ..” ހައިރާންކަމާއެކު ރާމިޔާ ގޮވާލިއެވެ. ގާތަށް ގޮސް އޭނާ ފާތުމަގެ ގައިގައި ލޯތްބާއެކު ބައްދާލިއެވެ. އެއީ އޯގާތެރިކަމުން ފުރިގެންވާ، ހިތަށް ފިނިކަން ލިބޭ ބައްދާލުމެކެވެ. ފާތުމަވެސް އެ ބައްދާލުމުގެ ތެރޭގައި ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. މިވަގުތު އޭނާއަށް އެންމެ ބޭނުންވެފައިވަނީ އެފަދަ އޯގާތެރިކަމަކަށް ކަން އޭނާއަށް އިހުސާސްވިއެވެ.

“ކިހިނެއް ހާލު، ދަރިފުޅާ؟” ފާތުމަ މަޑުމައިތިރިކަމާއެކު އަހާލިއެވެ. އޭނާ ރާމިޔާގެ ކޮނޑުގައި އަތް ބާއްވައިގެން ހުރެ، ނުހަނު ލޯތްބާއެކު އޭނާގެ މޫނަށް ބަލައިލިއެވެ.

“ރަނގަޅު… އެންމެންގެ ހާލު ކިހިނެއް؟” ރާމިޔާ ލުއި ގޮތަކަށް އަހާލިއެވެ. ނަމަވެސް، އޭނާގެ ފަރުވާތެރި ނަޒަރު ހުރީ ފާތުމަގެ މޫނަށެވެ. ފާތުމަގެ ހަމަޖެހިފައިވާ ސޫރައިގެ ފަހަތުގައިވާ ކުޑަ ނުތަނަވަސްކަމެއް ރާމިޔާއަށް ފާހަގަވިއެވެ.

ފާތުމަ ކުޑަ ހިނދުކޮޅަކަށް މަޑުޖެހިލިއެވެ.

“ޖޫލީ…” އޭނާ ވަރަށް މަޑުމަޑުން ބުނަން ފެށިއެވެ. “އޭނާއަށް އަނިޔާއެއް ވެއްޖެ… މިދިޔަ ދުވަހު ހިނގި ކުޑަ ހާދިސާއެއްގައި…”

އެ ޚަބަރާއެކު ރާމިޔާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވިއެވެ. އޭނާ ކޮނޑުގައި އޮތް ދަބަހުގެ ފަށް ބާރުކޮށްލަމުން، ހާސްކަމާއެކު އަވަސްއަވަހަށް އަހާލިއެވެ. “އަނިޔާވީއޭ؟ ކިހިނެއްވީ؟”

“މާ ސީރިއަސް ކަމެއް ނޫން،” ފާތުމަ އޯގާތެރިކަމާއެކު ހިތްހަމަޖައްސައިދޭން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އޭނާގެ އަޑުގައިވާ ނުތަނަވަސްކަމުން ކަމެއް ގޯސްވެއްޖެކަން ދޭހަވެއެވެ. “އޭނާ ބޭނުންވަނީ ކުޑަކޮށް އަރާމުކޮށްލަން… މިހާރު އަންނަނީ ރަނގަޅުވަމުން.”

ރާމިޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ނަމަވެސް އޭނާގެ ހިތަކަށް މުޅިއަކުން ހަމަޖެހުމެއް ނުލިބުނެވެ. “އަހަރެން ވަރަށް އަވަހަށް ޖޫއަށް ގޮވާލަން ދާނަން.. ކޮލެޖު ފެށުނީމަ މާ ބިޒީވެގެން މި އުޅެނީ…” އޭނާ ސާބިތުކަމާއެކު ބުންޏެވެ. ޖޫލީއަށް އަނިޔާއެއްވި ޚަބަރުން އޭނާގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ.

ފާތުމަ ލޯތްބާއެކު ބޯޖަހާލިއެވެ. ނަމަވެސް އިތުރު ވާހަކައެއް ދެއްކުމުގެ ކުރިން، ރާމިޔާގެ ހިތުގައި އުފެދުނު ސުވާލުތަކާއެކު، އޭނާ ގޭގެ ފަރާތަށް ބަލައިލިއެވެ. “އެކަމަކު… މިހާ ހެނދުނާ މިގެއަށް ތި އައީ ކީއްވެ؟” އޭނާ މަޑުމައިތިރިކަމާއެކު، ނަމަވެސް ކަމެއް އޮޅުންފިލުވަން ބޭނުންވެފައި ހުރެ އަހާލިއެވެ.

ފާތުމަގެ ކުލަވަރު ކުޑަކޮށް ބަދަލުވެލިއެވެ. ނަމަވެސް ވަގުތުން ހަމަޖެހިލަމުން، ހިފަހައްޓާލެވިފައިވާ ހިނިތުންވުމެއް އިސްކުރިއެވެ. “ދަރިފުޅުގެ ބައްޕަ ދެކިލަން މިއައީ،” އޭނާ މަޑުމައިތިރިކަމާއެކު ޖަވާބުދިނެވެ. “ބޭބެ މަތިން ވަރަށް ހަނދާންވާތީ… އެއީ މަގޭ ހުރި ހަމައެކަނި ބޭބެވިއްޔާ. އަދި ބޭބެ ބޭނުންވީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމަކު އަހަރެންނާ ބައްދަލުކުރަން.”

އެ ދެއްކި ވާހަކަ އެ ދެމެދުގައި އާދައިގެ ގޮތަކަށް އޮތް ނަމަވެސް، އެއީ ފުރިހަމަ ޖަވާބެއް ނޫންކަން ރާމިޔާއަށް އިހުސާސްވިއެވެ. ކޮންމެވެސް ސިއްރުކުރެވިފައިވާ ކަމެއް އުޅޭކަމުގެ ވަހެއް އޭނާއަށް ދުވިއެވެ. އޭނާގެ ހިތުގައި އެކި ސުވާލުތައް އުފެދެން ފެށިއެވެ. މިހާ ހެނދުނާ ފާތުމަ އަންނަންޖެހުނު ސަބަބަކީ ކޮބައިބާވައެވެ؟ އެކަމަކު އޭނާ އިތުރަށް ސުވާލެއް ނުކުރެއެވެ. ފާތުމަގެ ރާގު ހުރިގޮތުން އެއީ އެކަމާ ވާހަކަދައްކަން އެންމެ ރަނގަޅު ވަގުތު ނޫންކަން އޭނާއަށް ވިސްނުނެވެ.

“އެންމެ ރަނގަޅު…” އޭނާ މަޑުމަޑުން ބުނެލިއެވެ. އެހެނަސް އޭނާގެ ހިތުގައި އެ ސުވާލުތައް ހިމޭންކަމާއެކު އެނބުރެމުން ދިޔައެވެ. ގަޑިއަށް ބަލައިލުމަށްފަހު އޭނާ ސަމާލުކަން އަނބުރާލިއެވެ. “ކޮލެޖަށް ދާން ގަޑިޖެހިދާނެ،” އޭނާ ބުނެލިއެވެ. އަދި އޭނާގެ ދަބަސް ރަނގަޅުކޮށްލަމުން ސައިކަލާ ދިމާލަށް ހިނގައިގަތެވެ. ނަމަވެސް އޭނާގެ ނަޒަރު އަދިވެސް ހުރީ ފާތުމައަށެވެ.

“ދޭ، ދޭ… ބަސްއަހައިގެން އުޅޭތި..” ފާތުމަ އޯގާތެރިކަމާއެކު ބުނެލިއެވެ.

ރާމިޔާ ކުޑަކޮށް ހިނިތުންވެލުމަށްފަހު، ސައިކަލު ސްޓާޓްކޮށްލައިގެން ދުއްވާފައި ދިޔައެވެ. އޭނާ އެތަނުން ދިޔަ ނަމަވެސް، އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ޖަވާބު ނުލިބި ހުރި، އެހެނަސް އަހަން ބޭނުންވި އެތައް ސުވާލުތަކެކެވެ.

ގޭތެރޭގައި ހުއްޓާ ގޭޓު ހުޅުވުނު އަޑަށް ގަފޫރު ބޭރަށް ނިކުތެވެ. އޭނާގެ ހިނގުން ކުރިއަށްވުރެ ލަސްވެފައި، ހަށިގަނޑުން ވަރުބަލިކަން ފެންނަން ހުއްޓެވެ. ހީވަނީ ރޭގެ ނާމާންކަމުގެ ސަބަބުން އޭނާގެ ކިބައިން ހަކަތަ ހުސްވެ، އަދިވެސް އެކަމުން އަރައިނުގަނެވިގެން އުޅޭހެންނެވެ.

އެތަނުގައި ފާޠުމަ ހުއްޓާ ފެނުމާއެކު، ގަފޫރުގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔައެވެ. ހިތްހަމަޖެހުމާއި، ވޭނާއި، ކުށްވެރިކަމުގެ އިހުސާސްތައް އެކުވެގެން އައިސް އޭނާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވާން ފެށިއެވެ.

“ފާޠުމަ…” އޭނާ ކައިރިއަށް ޖެހިލަމުން ވަރަށް މަޑުމައިތިރިކަމާއެކު، ނަމަވެސް އުނދަގޫވެފައިވާ އަޑަކުން ގޮވައިލިއެވެ.

ފާޠުމަ ވަގުތުން އެނބުރި ބަލައިލިއެވެ. އޭނާގެ ލޯ ގަފޫރަށް އަމާޒުވި ވަގުތު، ނޭވާ ހިފަހައްޓާލެވުނެވެ. އެއީ އޭނާ ދަންނަ ބޭބެއެއް ނޫނެވެ. އޭނާގެ ސިފައަށް ބަދަލުތަކެއް އައިސްފައިވާ ކަހަލައެވެ. މޫނުމަތިހުރީ އެކަށް މިލާފައެވެ. ދެލޯ ހުރީ ދުޅަވެފައެވެ. ހީވަނީ ކަމަކާ ވަރަށް ރޮއެފައި ހުރިހެންނެވެ. އެހެންކަމުން ކޮންމެވެސް ބޮޑު ކަމެއް ގޯސްވެފައިވާކަން ޔަގީނެވެ.

“ކިހިނެއްވީ؟” ވަރަށް ކަންބޮޑުވެފައި ހުރެ ގާތަށް ޖެހިލަމުން ފާޠުމަ އެހިއެވެ. އޭނާގެ ނަޒަރު ހުރީ ގަފޫރުގެ މޫނަށެވެ. އެ މޫނުމަތިން ކޮންމެވެސް ކަހަލަ ޖަވާބެއް ލިބޭތޯ އޭނާ މަސައްކަތް ކުރަމުންދިޔައެވެ.

“ބޭބެ ރޭގަ އެހާ ދަންވެފަ ހުއްޓަ އެގުޅީ ކީއްވެ؟” ފާޠުމަގެ އަޑުގައި ތުރުތުރެއް ހުއްޓެވެ. އޭނާ ހަމަޖެހެން މަސައްކަތް ކުރި ނަމަވެސް، އިހުސާސްތައް ކޮންޓްރޯލެއް ނުކުރެވުނެވެ. “ބޭބެ މާބޮޑަށް އަހަރެން ބިރުގަންނުވާލައިފި. އެގޮތަށް ރޯން ފެށީމަ އަހަރެން ހީކުރީ… އަހަރެން ހީކުރީ ކޮންމެވެސް ބޮޑު ކަމެއް ދިމާވީ ކަމަށް. އެއަށްފަހު ރޭގަ ލޮލު ފިޔައެއްވެސް ޖަހައެއް ނުލެވުނު.”

ފާޠުމަގެ ބަސްތަކުން އޭނާގެ ހިތުގައި އޮތް ބިރުވެރިކަން ހާމަވެގެން ދިޔައެވެ. ގަފޫރު އޭނާއަށް ވަރަށް ފުންކޮށް ބަލައިލިއެވެ. އެވަގުތު އޭނާގެ ދުލުން ބަހެއް ބޭރެއް ނުވިއެވެ. ހިތުގައި ފޮރުވާފައި ހުރި ހުރިހާ އުދާސްތަކެއް އެއްފަހަރާ ބޭރުވެދާނެހެން ހީވުމުންނެވެ.

ގަފޫރުގެ މޭގައި އަނެއްކާވެސް ރިއްސަން ފެށިއެވެ. އެއީ ހަމައެކަނި ނަފްސާނީ ރިހުމެއް ނޫނެވެ. ޖިސްމާނީ ގޮތުންވެސް މޭގައި ވަރަށް ބޮޑަށް ރިއްސައި، ނޭވާލާން އުނދަގޫވާން ފެށިއެވެ. އޭނާ މަޑުމަޑުން ނޭވާ ދޫކޮށްލަމުން އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ.

“އަހަރެން…” އުނދަގުލުން ވާހަކަ ދައްކަން ފަށަމުން، އޭނާގެ އަތް އަމިއްލައަށް މޭގައި ޖައްސާލެވުނެވެ. ފާޠުމައަށް އެކަން ފާހަގަވެ، ކަންބޮޑުވެފައި ބަލައިލެވުނެވެ.

“ކިހިނެއްވީ؟” ފާޠުމަ އަވަސް އަވަހަށް ކައިރިއަށް ޖެހިލަމުން އެހިއެވެ. ގަފޫރު މަޑުމަޑުން ބޯހޫރުވާލިއެވެ. ނަމަވެސް އެކަމުންވެސް އޭނާގެ ހަށިގަނޑުގައި ހުރި ވަރުބަލިކަން ހާމަވެއެވެ.

“އަހަރެން ހޮސްޕިޓަލަށް ދާން ބޭނުން…” ވަރަށް ސާބިތުކަމާއެކު ގަފޫރު ބުންޏެވެ. އެއީ އޭނާ ކުރިންވެސް ނިންމާފައި އޮތް ނިންމުމެއް ކަހަލައެވެ. އެ ބަސްތައް އިވުމާއެކު ފާޠުމަ ހުއްޓުން އެރިއެވެ. “ހޮސްޕިޓަލަށޭ؟” އޭނާގެ މޫނުމަތިން ހައިރާންކަމާއި ކަންބޮޑުވުން ފާޅުވެގެން ދިޔައެވެ. “ކީއްވެ؟ ކިހިނެއްވީ؟”

ގަފޫރު ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ލޮލުން ފެންނަން ހުރީ ހަމައެކަނި ހަށިގަނޑަށް ވަމުންދާ ތަދެއް ނޫނެވެ. އެއަށްވުރެ މާ ފުން، މާ އުނދަގޫ އިހުސާސްތަކެކެވެ.

“މޭގައި ވަރަށް ބޮޑަށް ރިއްސަނީ،” އޭނާގެ އަޑުގައި ހުރި ނުތަނަވަސްކަމާއެކު ބުންޏެވެ. “މިއީ ހަމައެކަނި ޖިސްމާނީ ތަދެއް ނޫންކަން އަހަންނަށް އެނގޭ…”

ފާޠުމަ ވަރަށް ފަރުވާތެރިކަމާއެކު ބަލަން ހުއްޓެވެ. މިއީ އަދި ކަމުގެ ފެށުންކަން އޭނާއަށް އިހުސާސް ކުރެވެއެވެ.

“އަހަންނަށް މިހެން ވަނީ ކީއްވެގެންކަން އެނގޭ…” ގަފޫރު ވަރަށް އުނދަގުލުން ބުންޏެވެ. “އަހަރެން މިހާ ބަލިކަށިވެ، ހިތްނުތަނަވަސްވެ، އަބަދު މިހާ ބޮޑު ފިކުރެއްގައި އުޅެންޖެހޭ ސަބަބު އަހަންނަށް އެނގޭ…”

އޭނާގެ އަތުގެ އިނގިލިތައް އަތްތިލަ ތެރެއަށް ބާރުކޮށްލިއެވެ.

“އަދި މިއަދު…” އޭނާގެ ނަޒަރު ފާތުމަގެ ލޮލާ ސީދާކޮށްލި ގޮތުން ފާތުމަގެ ނޭވާވެސް ހުއްޓުނު ކަހަލައެވެ. “…އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނަން.”

އެ ބަސްތަކުން ހިތަށް ބަރުދަނެއް އިހުސާސްވިއެވެ. އެއީ ފަހުގެ ނިންމުމެކެވެ. އެއިން ރެކިގަނެވޭކަށް ނެތެވެ.

އެ ވާހަކަތައް އަޑުއިވުމުން ފާތުމަގެ ހިތް ނުތަނަވަސްވާން ފެށިއެވެ. އޭނާގެ ސިކުނޑީގައި ތަފާތު ޚިޔާލުތައް އެނބުރެން ފެށި ނަމަވެސް، އެއިން އެއްވެސް ކަމަކީ ހިތްހަމަޖެހުމެއް ލިބޭނެ ކަމެއް ނޫނެވެ. ގަފޫރުގެ އަޑުގައި ހުރި ސީރިއަސްކަމުން، އެއީ ކުޑަ ކަމެއް ނޫންކަން އޭނާއަށް ޔަގީންވިއެވެ. އެއީ ގަފޫރު ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިތުގައި ބަރުލައިގެން އުޅޭ ބޮޑު ސިއްރެކެވެ.

” ކޮން ހުރިހާ ވާހަކައެއް…؟” މަޑުމަޑުން، އަމިއްލަ ނަފްސާ ސުވާލުކުރާ ކަހަލަ ގޮތަކަށް ފާތުމާ އަހާލިއެވެ. އޭނާގެ އަޑު ނުކުތީ ކިރިޔާ އިވޭވަރަށެވެ.

ގަފޫރު މަޑުމަޑުން ބޯޖަހާލިއެވެ. “އެކަމަކު…” އޭނާގެ ލޮލުން ފެންނަނީ އިންތިހާ ދަރަޖައިގެ ވަރުބަލިކަމެއް ނަމަވެސް، އޭނާގެ ރާގު ވަރުގަދަކޮށްލިއެވެ. “ފަސީހަށާއި ރާމިޔާއަށް މިކަމުގެ އެއްވެސް މައުލޫމާތެއް އެނގިގެން ނުވާނެ.”

އޭނާގެ އަޑުގައި ހުރި ސާބިތުކަމުން ފާތުމަ ހައިރާންވިއެވެ. އެއީ އެދުމެއް ނޫނެވެ. އެއީ ނިންމުމެކެވެ.

ފާތުމަ ކުޑަވަގުތުކޮޅަކަށް ގަފޫރަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ހިތް ވަނީ ކަންބޮޑުވުމާއި ހަމްދަރުދީން ފުރިފައެވެ. ގަފޫރު ހާމަކުރަން އުޅޭ ސިއްރަކީ ކޮންމެ އެއްޗަކަށް ވީނަމަވެސް، އެއީ އަދި ދަރިންނާ ހަމައަށް ގެންދަން އޭނާ ބޭނުންވާ ކަމެއް ނޫންކަން ފާތުމައަށް ވިސްނުނެވެ.

“ރަނގަޅު…” ހިތުގައި ނުތަނަވަސްކަން އުފެދިފައިވީ ނަމަވެސް، ސާބިތުކަމާއެކު އޭނާ ބުންޏެވެ.

އެވަގުތު އެމީހުންގެ މެދުގައި ހިމޭންކަން ފެތުރިގެން ދިޔައެވެ. އެއީ ފަޅު ހިމޭންކަމެއް ނޫނެވެ. އެއީ ދެން ކުރިމަތިލާން ހުރި ބޮޑެތި ކަންތައްތަކުގެ ސަބަބުން އުފެދުނު ބަރު ހިމޭންކަމެކެވެ. ގަފޫރު ދާން ތައްޔާރުވިއިރު، ކުރިން ފެނުނު އަމާން ހެނދުނުގެ އިހުސާސް މުޅިން ބަދަލުވެ، އޭގެ ބަދަލުގައި ތަފާތު ބަރުދަނެއް އިހުސާސްވާން ފެށިއެވެ. ސަބަބަކީ ބައެއް ހަގީގަތްތަކަކީ އެއްފަހަރު ބުނެވިއްޖެނަމަ އަނބުރާ ގެނެވޭނެ އެއްޗަކަށް ނުވާތީއެވެ. މިއަދަކީ ހުރިހާ ކަމެއް ބަދަލުވާނެ ދުވަހެއްކަން އެ ދެމީހުންނަށްވެސް ހިތުގެ އަޑިން ގަބޫލުކުރެވެއެވެ.

ހޮސްޕިޓަލަށް ދިއުމަށްޓަކައި ހިމޭން މަގުމަތިން ކާރު ދުއްވާލި ނަމަވެސް، ކާރުތެރޭގައި އޮތް ހިމޭންކަމަކީ ހިތްހަމަޖެހުމެއް ލިބޭނެ ހިމޭންކަމެއް ނޫނެވެ. ފާތުމަގެ ނަޒަރު ގަފޫރަށް ހުއްޓެމުން ދިޔައީ އޭނާގެ އިހުތިޔާރުން ބޭރުގައެވެ. އޭނާއަށް ފެންނަމުންދާ މަންޒަރަކީ ހަމައެކަނި ފިކުރުބޮޑުވުމެއް ނޫންކަމާއި، އެއީ މާ ފުން، މާ ބޮޑު ކަމެއްކަން އޭނާގެ ހިތް ބުނަމުންދިޔައެވެ.

ގަފޫރު އިނީ ކާރުގެ ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެންނެވެ. ނަމަވެސް އޭނާ ބޭރުގެ މަންޒަރުތަކަށް ސަމާލުކަން ދޭހެނެއް ހީއެއް ނުވެއެވެ. އޭނާގެ ލޮލުން ފެންނަނީ މިވަގުތުގެ މަންޒަރުތަކެއް ނޫނެވެ. އޭނާގެ ސިކުނޑި ވަނީ ކޮންމެވެސް ހިތްދަތި ތަނެއްގައި ބަންދުވެފައެވެ.

ކުޑަވަގުތުކޮޅެއްގެ ތެރޭގައި، ގަފޫރުގެ މޫނުމަތިން އަންނަމުންދިޔަ ބަދަލުތައް ފާތުމައަށް ފާހަގަވިއެވެ. އޭނާގެ ކަތުރުކަށިގަނޑަށް ބާރުވެލާފައި ދޫވެގެން ދިޔައީ ހިތުގައި އުފެދެމުންދާ ޖަޒުބާތުތައް ކޮންޓްރޯލް ކުރަން އުޅޭ ކަހަލަ ގޮތަކަށެވެ. އަދި ސިއްރުސިއްރުން އޭނާގެ ލޯ ފޮހެލިތަން ފާތުމައަށް ފެނުނެވެ. އެއީ އެއްފަހަރަކު ނޫނެވެ. އޭނާގެ އިނގިލިތަކާއި ކޮނޑަށް އަންނަމުންދިޔަ ތުރުތުރުލުމުން، އެ ހިތާމަ ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ބޮޑުވެފައިވާކަން ހާމަވެއެވެ.

ގަފޫރު އެފަދަ ހާލަތެއްގައި ހުއްޓާ ފާތުމައަށް މީގެ ކުރިން ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. ދިރިއުޅުމުގެ އެންމެ ދަތި އުނދަގޫ ވަގުތުތަކުގައިވެސް އޭނާ އެފަދަ ގޮތަކަށް ފެނިފައި ނުވާތީ، ފާތުމަގެ ހިތް ނުތަނަވަސްވެ، ކަންބޮޑުވުން ދިޔައީ އިތުރުވަމުންނެވެ. ގަފޫރުގެ ލޮލުން ހިމޭންކަމާއެކު ފައިބަމުންދިޔަ ކަރުނަތައް ފެނުމުން، އަމިއްލަ އިޚްތިޔާރަކާ ނުލައި ފާތުމައަށް ގަފޫރާ ދިމާލަށް ކުޑަކޮށް ޖެހިލެވުނެވެ. އެއްޗެއް ބުނަން އުޅުނު ނަމަވެސް، އަރުތެރެ ބެދިފައިވާ ފަދަ އިހުސާސެއް ކުރެވުމުން އޭނާއަށް ބަހެއް ބުނަން ނުކެރި މަޑުކޮށްލެވުނެވެ.

“ބޭބޭ…” ފާތުމަ ވަރަށް މަޑުމަޑުން ގޮވާލިއެވެ. ނަމަވެސް، އޭނާގެ ނަން އިވުނު ކަމެއްވެސް ނޭނގޭހާ ގަފޫރު އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އިރުކޮޅެއް ފަހުން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، އަލުން މޫނު ފޮހެލައި، ހަމަޖެހެން މަސައްކަތް ކުރަމުން އޭނާ ފާތުމައާ ދިމާލަށް ކުޑަކޮށް އެނބުރިލިއެވެ.

އެހެންނަމަވެސް، އެވަގުތުވެސް އޭނާގެ ދެލޯ ވަނީ ރަތްވެފައެވެ. ބަޔާންކުރަން ދަތި، ހިތުގެ ފުންމިނުގައި ފޮރުވައިގެން އުޅޭ ބަރުދަސްތީ އިހުސާސްތަކެއް އޭނާގެ ދެލޮލުން ފާޅުވާން ހުއްޓެވެ.

ފާތުމަ ވަރަށް ފަރުވާތެރިކަމާއެކު ގަފޫރަށް ބަލަހައްޓައިގެން އިނެވެ. ގަފޫރު އެ އުފުލަމުންދާ ހިތާމައަކީ މިއަދު އަލަށް ދިމާވި ކަމެއް ނޫންކަން ފާތުމައަށް އިހުސާސްވުމުން އޭނާގެ ހިތަށް ނުހަނު އަސަރުކުރިއެވެ. އެއީ ގިނަ ދުވަސްތަކެއް ވަންދެން ހިތުގައި ފޮރުވައިގެން އުޅުމުގެ ސަބަބުން، ކެތްތެރިކަމުގެ ކޮޅުބެދި، އަމިއްލަ ނަފްސުގެ މައްޗަށް އޮތް ކޮންޓްރޯލް ގެއްލޭ ހިސާބަށް ގޮސްފައިވާ ކަމެއްކަން އޭނާއަށް ވިސްނުނެވެ.

ކުރިއަށް ބަލަހައްޓައިގެން އިނދެ، ގަފޫރު އެއްވެސް އެއްޗެއް ނުބުނެ ގިނައިރުތަކެއް ހޭދަކުރިއެވެ. ކާރު ހޮސްޕިޓަލާ ދިމާލަށް ދަތުރުކުރަމުން ދިޔައިރު، އޭނާ ހަމައެކަނި ކުރި ކަމަކީ ހިމޭންކަމާއެކު ކަރުނަ ފޮހެލުމެވެ. ކޮންމެ ސިކުންތަކާއެކު އޭނާގެ ހިތަށް ކުރަމުންދިޔަ ބަރުދަން އިތުރުވަމުން ދިޔައިރު، އޭނާއަކީ ހުރިހާ ކަމެއް ރަނގަޅަށް ހުރި މީހެއްކަމަށް ދެއްކުމަށް ކުރަމުންދިޔަ މަސައްކަތް އެންމެ ފަހުން މުޅިން ނާކާމިޔާބުވީއެވެ.

ކޮލެޖުގެ ދޮރާށިތައް ކުރިއެކޭވެސް އެއްފަދައިން ހުޅުވިފައި ހުރި ނަމަވެސް، ރާމިޔާއަށް އެތަން އިހުސާސްވަމުން ދިޔައީ އާދައިގެ ވަނުމެއްގެ ގޮތުގައެއް ނޫނެވެ. އެއީ އޭނާގެ އަމިއްލަ ނަފްސު މަޖުބޫރުކޮށްގެން ހުރަސްކުރަން ޖެހިފައިވާ ހުރަހެއް ފަދަ ތަނެކެވެ. އޭނާގެ ސައިކަލުގެ ދުވެލި މަޑުކޮށްލަމުން ޕާކިންގް ޒޯނަށް ވަންއިރު، ހިތަށް ބަރުވެފައިވާ މިންވަރުން ސައިކަލު މަޑުކޮށްލުންވެސް ވީ އުނދަގޫ ކަމަކަށެވެ. ސައިކަލުގެ އިންޖީނު ނިވާލުމާއެކު ފެންނަމުންދިޔަ މަންޒަރުތައް މާ ބޮޑަށްވެސް އާދައިގެ ކަމަށް ހީވިއެވެ. ކިޔަވާ ކުދިން ގުރޫޕު ހަދައިގެން އައުމާއި، އެކުދިންގެ ހުނުމާއި ވާހަކަތަކުން މުޅި މާހައުލު އޮތީ ހަލަބޮލިވެފައެވެ. ނަމަވެސް، އޭނާގެ ހިތުގެ ހާލަތާއި އެ މާހައުލާ ދެމެދު އޮތް ތަފާތުން، އޭނާއަށް އިހުސާސްވީ އޭނާގެ އިހުސާސްތަކާ މުޅިން ބީރައްޓެހި، އިއްޔެ އޭނާއަށް ކުރިމަތިވި ކަންތައްތައް ބަލައިގަންނަން ދެކޮޅު ހަދާ ދުނިޔެއަކަށް ވަދެވުނު ކަމެވެ.

މަޑުމަޑުން ހެލްމެޓް ނަގައި، އޭނާގެ ހަށިގަނޑުގައި ހުރި ނުތަނަވަސްކަން ކުޑަކުރެވޭތޯ ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ. އޭނާގެ ދެލޯ މުޅި މާހައުލަށް އަމާޒުވެފައި ހުރީ ކޮންމެފަދަ ނުރައްކަލަކަށްވެސް ތައްޔާރުވެގެން ހުރި ފަދަ ގޮތަކަށެވެ. މީގެ ކުރިން ކުރިމަތިވި ތަޖުރިބާތަކުން އޭނާއަށް ދަސްވެފައިވަނީ، ނުރައްކަލަކީ އަންގާލުމެއް ނެތި، ވަރަށް އާދައިގެ ކަމެއްގެ ސިފައިގައި ކުއްލިއަކަށް ކުރިމަތިވެދާނެ އެއްޗެއް ކަމެވެ.

އަމިއްލަ ނަފްސަށް އެއްބަސްވާން ބޭނުން ނުވި ނަމަވެސް، އޭނާގެ ދެލޯ އެ މީހުންގެ ތެރެއިން ހޯދަމުން ދިޔައީ ދަންނަ މޫނެކެވެ. މާހިރު ފެންނަން ހުރުމަކީ އޭނާއަށް ލިބޭ އަމާންކަމެއް ކަމުގައި ގަބޫލުކުރަން އުނދަގޫވިއަސް، އޭނާގެ އިންތިޒާރަކީ އެއީއެވެ. ނަމަވެސް މާހިރު ފެންނަން ނެތުމުން، އޭނާއަށް އިހުސާސްވީ ބުނެދޭން ނޭނގޭ އެކަނިވެރިކަމެކެވެ. އޭނާ އަމިއްލަ ނަފްސަށް ވިސްނައިދެމުން ދިޔައީ އެއްވެސް މީހެއްގެ އެހީތެރިކަމާ ނުލައިވެސް މިއަދު ކެތްކޮށްލެވޭނެ ކަމަށާއި، ހަމައެކަނި ބޭނުންވަނީ އެއްވެސް މީހެއްގެ ސަމާލުކަން ނުލިބޭ ގޮތަށް އުޅުން ކަމަށެވެ. އެހެންނަމަވެސް އެއީ ފަސޭހަ ކަމެއް ނޫންކަން އޭނާއަށް ވިސްނެއެވެ.

ހިތުގެ ތެޅުން އަވަސްވަމުން ދިޔަ ނަމަވެސް، ބޭރުފުށުން ހަމަޖެހޭ ގޮތް ދައްކައިގެން އޭނާ ކޮލެޖް އިމާރާތާ ދިމާލަށް ހިނގައިގަތެވެ. ކޮރިޑޯތަކުން ފެންނަމުންދިޔަ އަމާންކަމުން، މިއަދު އެއްވެސް ހާދިސާއެއް ނުހިނގާނެ ކަމަށް އޭނާގެ ހިތުގެ ކޮޅަކުން އުއްމީދު ކުރިއެވެ. އެކަމަކު އެ އުއްމީދު ދެމިއޮތީ މަދު ސިކުންތުކޮޅަކަށެވެ.

މައި ބްލޮކް ކައިރީގައި ތިބި ކުދިންތަކެއްގެ ކައިރިން އޭނާ ހުރަސްކުރި ވަގުތު، މީހަކު ގަސްދުގައި އޭނާގެ މަގަށް ފައި ދިއްކޮށްލިއެވެ. އެއީ އޭނާއަށް އެކަމުން ސަލާމަތްވުމަށް އެއްވެސް ފުރުސަތެއް ނުލިބޭހާ ކުއްލި ގޮތަކަށް ކުރި ކަމެކެވެ. އޭނާގެ ފައި އެމީހާގެ ފައިގައި އަޅައިގަނެ، ކޮންޓްރޯލުން ނެއްޓިގެން ބިންމައްޗަށް ވެއްޓެން ދިޔައެވެ.

ވެއްޓުމުން ސަލާމަތްވުމަށްޓަކައި، އިޚްތިޔާރަކާ ނުލައި އޭނާގެ ދެއަތް ދިއްކޮށްލެވުނެވެ. ނަމަވެސް އެ ކުއްލި ބާރުމިނާއެކު އޭނާ މާ ބާރަށް ބިންމަތީގައި ޖެހުނެވެ. އޭނާގެ އުޅަނބޮށި ރާޅު ބިމުގައި ކޭއްތި، މުޅި އަތަށް ތޫނު އަދި ދިލަ ތަދެއް އަރައިގެން ދިޔައެވެ. އެ ޖެހުނު ބާރުމިނާއެކު ހިނދުކޮޅަކަށް އޭނާގެ ނޭވާ ހުއްޓުނު ކަހަލައެވެ. ވީގޮތް ރޭކާލުމުގެ ކުރިން، އޭނާގެ ވަށައިގެން މަލާމާތުގެ ހިނިގަނޑެއް ފެތުރިގެން ދިޔައެވެ. އެއީ ހަމައެކަނި އެކްސިޑެންޓަކުން ވީކަމަކަށް ވާތީ ޖެހި ހިނިގަނޑެއް ނޫނެވެ. އެއީ ގަސްތުގައި، އޭނާގެ ނިކަމެތިކަމަށް މަލާމާތްކޮށް، އެހެން މީހެއްގެ ވޭނާއި ހިތްދަތިކަމުން އުފާ ހޯދުމަށް ޖެހި ބާރު ހިނިގަނޑެކެވެ. އެ އަޑު ހުރިހާ ދިމާލަކުން އިވޭ ކަހަލައެވެ. ކައިރީގައި ތިބި ދަރިވަރުންގެ ސަމާލުކަން އެ ދިމާލަށް ހުއްޓުނެވެ. ބައެއް ކުދިން ބަލަމުން ދިޔައީ ކިހިނެއްވީތޯ ބަލާލުމުގެ ޝައުގުވެރިކަމުގައެވެ. އަނެއް ބަޔަކު ފާޅުގައި މަލާމާތް ކުރަމުން ދިޔައިރު، އޭނާއަށް އެހީތެރިވުމުގެ ނިޔަތުގައި ބަލާލީ ވަރަށް މަދު ކުއްޖެކެވެ.

ރާމިޔާ މަޑުމަޑުން ތެދުވާން މަސައްކަތް ކުރިއެވެ. އޭނާގެ މަށައިގެން ގޮސްފައިވާ އުޅަނބޮށީގައި އަޅަމުންދިޔަ ތަދާއެކުވެސް، ތެދުވާން އުޅުމުން އަތް ތުރުތުރުލަމުން ދިޔައެވެ. މަށައިގެން ގޮސްފައިވާ ތަނުން ތުނިކޮށް ލޭ އަންނަން ފަށާފައިވާތަން އޭނާއަށް ފެނުނެވެ. އަތުގައި އަޅަމުންދިޔަ ދިލަ ތަދަށްވުރެ ބޮޑަށް، އޭނާއަށް އިހުސާސް ކުރެވެމުން ދިޔައީ އެތައް ބައެއްގެ ކުރިމަތީގައި އޭނާ ލަދުގަންނަން ޖެހުނު ކަމުގެ އިހުސާސެވެ. އޭނާގެ ލޮލުން ކަރުނަ ހިލުނީ ހަމައެކަނި ލިބުނު ޖިސްމާނީ އަނިޔާގެ ސަބަބަކުން ނޫނެވެ. އެއަށްވުރެ ބޮޑަށް އެވަގުތު އޭނާ އިހުސާސް ކުރަން ޖެހުނު ނިކަމެތިކަމާއި، އެހެން މީހުންގެ ކުރިމަތީގައި ތިރިވެގެން ދިޔަ ދިއުމުގެ ސަބަބުންނެވެ.

އޭނާ ވައްޓާލުމުގައި އިސްކޮށް ތިބި ފިރިހެން ކުދިންތައް އެއްވެސް ޖެހިލުމެއް ނެތި ކުރިއަށް ޖެހިލިއެވެ. އެކުދިންގެ މޫނުމަތިން ފެންނަމުން ދިޔައީ އެކުރެވުނީ ކިހާ ނުބައި، ރަހުމުކުޑަ ކަމެއްކަން އިހުސާސް ނުވާ ފަދަ އާދައިގެ ގޮތްތަކެކެވެ. ރާމިޔާ އޭނާގެ ދަބަހަށް އަތް ފޯރުވުމުގެ ކުރިން، އޭގެ ތެރެއިން އެއް ކުއްޖަކު ހަލުވިކަމާއެކު ދަބަސް ނެގިއެވެ. އަދި ރާމިޔާއަށް އަތް ނުފޯރާ ހިސާބުގައި ބަހައްޓައިގެން، އޭނާގެ ރަހުމަތްތެރިންނަށް ބަލާލީ އިތުރު ތަފްސީލަކަށް ބޭނުންނުވާ ފަދަ ނުލަފާ ހިނިތުންވުމަކާއެކުގައެވެ.

“ތިޔަ ދަބަސް އަނބުރާ ދީ.. ޕްލީސް ގިވް މީ މައި ބޭގް…” ރާމިޔާ މަޑުމަޑުން ބުންޏެވެ. އޭނާގެ އަޑުގައި ތުރުތުރެއް ހުއްޓެވެ. ކަންކަން އޭނާގެ ބާރުގެ ދަށުން ބޭރުވަމުންދާކަން އިހުސާސް ކުރެވުނު ނަމަވެސް، އޭނާ ދިޔައީ އަމިއްލަ ނަފްސުގެ ކަރާމާތް ހިފެހެއްޓުމަށް ހިތްވަރު ކުރަމުންނެވެ.

ނަމަވެސް އެ ކުދިން އޭނާގެ އާދޭހަށް އެއްވެސް ސަމާލުކަމެއް ނުދިނެވެ. ބާރަށް ދަބަހުގެ ޗޭނު ދަމައިގަނެ، އޭގެ ތެރޭގައި ހުރި ފޮތްތައް އެކި ދިމާލަށް އުކާލަން ފެށިއެވެ. އެއީ އެއްވެސް އަގުހުރި އެއްޗެއް ނޫން ފަދަ ގޮތަކަށެވެ. އެ ފޮތްތަކުގެ ގަނޑުތައް އުކަމުން ދިޔަ ވަގުތު، އެކުދިންގެ ކިބައިން ފެންނަމުން ދިޔައީ އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމް ކުރުމުގެ އެއްވެސް ސިފައެއް ނެތް ކަމެވެ. އެ ފޮތްތަކަކީ އޭނާގެ އުންމީދުތަކާ ގުޅިފައިވާ ތަކެތިކަން އެކުދިންނަށް ނޭނގެނީއެއް ނޫނެވެ. އެނގި ތިބެމެ، އެކަން ކުރަމުން ދިޔައީ އޭނާގެ ހިތުގައި ޖެއްސުމުގެ ނިޔަތުގައެވެ.

ފުރަތަމަ ގަނޑު ވީދާލި އަޑު މުޅި މާހައުލުގައި ގުގުމައިގެން ދިޔައެވެ. އެއީ ހަމައެކަނި ކަރުދާސް ގަނޑެއް ވީދާލި އަޑެއް ނޫނެވެ. ރާމިޔާއަށް އިހުސާސް ކުރެވުނީ އޭނާގެ އަމިއްލަ ނަފްސުގެ ކޮންމެވެސް ބައެއް ވީދައިގެން ދިޔަ ކަހަލަ ތަދެކެވެ. އެއީ އޭނާ ރެޔާއި ދުވާލު ހޭލާ ހުރެގެން، ކުރިމަގަށްޓަކައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ.

“އާދޭސްކުރަން، ތިހެން ނުހަދާ،” ރާމިޔާގެ އަޑު ކުރެހިގެން ދިޔައެވެ. އޭނާ ފޮތް އަތުލަން އުޅުނު ނަމަވެސް، އެކުދިން މަލާމާތް ކުރަމުން ފޮތް ދުރަށް ޖެއްސިއެވެ. އަދި އެއް ގަނޑަށްފަހު އަނެއް ގަނޑެއް ވީދަމުން، އޭގެ ކަރުދާސްކޮޅުތައް ރާމިޔާގެ ވަށައިގެން ބިންމައްޗަށް އުކަމުން ދިޔައެވެ. “ކަލޭ ތިޔަ ކިޔަވަނީ ކީއްކުރަން؟” އެކުދިންގެ ތެރެއިން އެކަކު މަލާމާތުގެ ރާގަކަށް އެހިއެވެ. “ކަލޭ ހީކުރަނީ ކިޔަވައިގެން ކާކަށް ވެވޭނެ ކަމަށް؟” އެކުދިންގެ ހިނިގަނޑު ދިޔައީ ބާރުވަމުންނެވެ. އޭނާގެ ފައިބުޑަށް ފެތުރިފައިވާ ވީދާލާފައިވާ ގަނޑުތަކަކީ، އޭނާ ކުރި ބުރަ މަސައްކަތް ކިހާ ފަސޭހައިން ނެތިކޮށްލެވިދާނެކަމުގެ ހިތްދަތި ހެއްކެކެވެ. އެ މަންޒަރު ފެނި ރާމިޔާގެ ހިތަށް ކެތްނުކުރެވި، އޭނާގެ ކަރުނަތައް ކޮންޓްރޯލުން ނެއްޓިގެން ބޭރުވާން ފެށިއެވެ.

މުޅި މާހައުލުގައި އޮތީ ހިމޭންކަމާއި މަލާމާތުގެ އަޑެވެ. އެކަކުވެސް އެހީގެ އަތެއް ދިއްކޮށްލާކަށް ބޭނުމެއް ނުވިއެވެ. ކޮންމެ މީހަކުވެސް ބަލަމުން ދިޔައީ ތިމާގެ އަމިއްލަ ސަލާމަތަށެވެ. އެފަދަ އަނިޔާވެރި ބައެއްގެ ކުރިމަތީގައި ރާމިޔާއަށްޓަކައި ބަހެއް ބުނެފިނަމަ، ދެން ޖެހޭނީ އޭނާގެ ހާލުކަން އެންމެންނަށްވެސް އެނގެއެވެ. މިކަމުގެ ސަބަބުން ރާމިޔާގެ ހިތުގައި އުފެދުނު އެކަނިވެރިކަމުގެ އިހުސާސް ކުރިއަށްވުރެ ބޮޑުވެގެން ދިޔައެވެ. އޭނާގެ އަމިއްލަ ވަޒަނުގައި، އަމިއްލަ ކިޔަވައިދޭ މަރުކަޒުގައި، އޭނާވީ އެއްވެސް ހިމާޔަތެއް ނެތް މީހަކަށެވެ.

ވީދާލާފައިވާ ކަރުދާސްތައް ވަޔާ އެކު އެކި ދިމާލަށް ބުރައިގެން ދިޔައެވެ. އެއީ ހަމައެކަނި ފޮތެއްގެ ގަނޑުތަކެއް ނޫނެވެ. އެއީ އޭނާ ދެކެމުން އައި ފޮނި ހުވަފެންތަކާއި، އޭނާގެ އާއިލާއަށްޓަކައި ވާން އުޅުނު ގުރުބާނީގެ ހަނދާންތަކެވެ. ކޮންމެ ގަނޑެއް ވީދައިލެވުނު ހިނދު، ރާމިޔާގެ ހިތުގައި އުފެދެމުން ދިޔައީ ބަޔާންކުރަން ދަތި ރިހުމެކެވެ. އެކުދިންގެ މޫނުމަތިން ފެންނަމުން ދިޔަ އެ ކާމިޔާބީގެ ހިނިތުންވުމަކީ އިންސާނިއްޔަތުކަމެއް ނެތްކަމުގެ ދިރިހުރި މިސާލެކެވެ.

އެންމެ ފަހުން، އެކުދިންގެ ޝައުގުވެރިކަން ކެނޑުމުން، ދަބަސް ބިންމައްޗަށް އެއްލާލާފައި އެމީހުން ހިނގައިގަތެވެ. ހިނގަމުން ދިޔައިރުވެސް އެކަކު އަނެކަކަށް ބަލާފައި ހެމުން ދިޔައެވެ. ރާމިޔާ އެތަނުގައި އިށީނދެގެން އިނީ ހަދާނެ ގޮތެއް ނޭނގިފައެވެ. ވަށައިގެން ފެންނަން ހުރީ އޭނާގެ ފޮތްތަކުގެ ކުނިބުންޏެވެ. އޭނާގެ އަތުގެ ޒަޚަމުން ލޭ އޮހޮރެމުން ދިޔަ ނަމަވެސް، އޭނާއަށް އެކަން އިހުސާސެއް ނުވެއެވެ. އޭނާގެ މުޅި ދުނިޔެ ބަދަލުވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

ކުޑައިރުކޮޅަކަށްފަހު، އެއްވެފައި ތިބި މީހުންތައްވެސް އެކި ދިމާލަށް ދާން ފެށިއެވެ. ރާމިޔާ އެކަނިވިއެވެ. އޭނާ މަޑުމަޑުން ގުދުވެ، ބިންމަތީގައި ހުރި ކަރުދާސްކޮޅުތައް އެއްކުރަން ފެށިއެވެ. ކޮންމެ ކަރުދާސްކޮޅެއް ނަގާއިރު، އޭނާގެ ލޮލުން އޮހޮރެމުންދިޔަ ކަރުނައިން އެ ކަރުދާސްތައް ތެމެމުން ދިޔައެވެ. އޭނާގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. ކިޔަވަން ބޭނުންވުމަކީ ކުށެއް ހެއްޔެވެ؟ ރަނގަޅު މީހަކަށް ވާން އުންމީދު ކުރުމަކީ މަލާމާތް ކުރަންޖެހޭ ކަމެއް ހެއްޔެވެ؟

ނަމަވެސް އެ ހިތްދަތި ވަގުތުގައިވެސް، އޭނާގެ ހިތުގެ ކަނެއްގައި އާ ހިތްވަރެއް އުފެދެން ފެށިއެވެ. އެކުދިން ބޭނުންވީ އޭނާ ބަލިކޮށްލާށެވެ. އޭނާގެ އުންމީދުތައް ފުނޑުފުނޑުކޮށްލާށެވެ. އެކަމަކު، އެ ވީދާލެވުނު ގަނޑުތަކަކީ އޭނާގެ ސިކުނޑީގައި ހުރި އިލްމެއް ނޫނެވެ. އެއީ ހަމައެކަނި ކަރުދާހެވެ. އޭނާގެ އަޒުމަކީ އެއަށްވުރެ މާ ވަރުގަދަ އެއްޗެކެވެ. އޭނާގެ ކަރުނަތައް ފޮހެލަމުން، ތުރުތުރުލާ އަތަކުން ދަބަސް ނަގައި ކޮނޑުގައި އަޅުވައިލިއެވެ. އަދި ހިތްދަތިކަމާއެކުވެސް، ސާބިތުކަމާއެކު ކުރިއަށް ހިނގައިގަތެވެ. އެދުވަހު އޭނާއަށް ލިބުނު އަނިޔާއަކީ އޭނާގެ ހަޔާތުގައި އައި އެންމެ ބޮޑު އިމްތިހާނެވެ. އެކަމަކު އެއީ އޭނާގެ ކާމިޔާބީގެ ސަފުހާގައި ލިޔެވޭނެ އެންމެ މުހިންމު ފިލާވަޅަށް ވާނެކަން އޭނާއަށް ޔަގީނެވެ.

އިންސާނުންގެ ހިތްތަކުގައިވާ ނުބައިކަމާއި، ރަހުމުކުޑަކަން ފެނި އޭނާ ދެރަވިއެވެ. ނަމަވެސް އެކަމުގެ ސަބަބުން އޭނާގެ ކިޔެވުމަށް އޮތް ލޯބި އިތުރުވެގެން ދިޔައެވެ. އޭނާ ބޭނުންވީ އެކުދިންނަށް ދައްކައިދޭށެވެ. ކިޔަވައިގެން އޭނާ ވާނީ ކާކަށްކަން ސާބިތުކޮށްދޭށެވެ. އެއީ ހަމައެކަނި އޭނާގެ އަމިއްލަ ނަފްސަށްޓަކައެއް ނޫނެވެ. އެފަދަ އަނިޔާ ލިބޭ ކޮންމެ ކުއްޖަކަށްޓަކައި އުންމީދުގެ ދަންމަރަކަށް ވުމަށްޓަކައެވެ. އޭނާ ހިނގަމުން ދިޔައިރު، އޭނާގެ ފަހަތުގައި ބިންމަތީގައި ބާކީ ހުރި ކަރުދާސްކޮޅުތައް ވަޔާ އެކު އުދުހެމުން ދިޔައެވެ. އެއީ މާޒީގެ ހިތްދަތި ހަނދާންތަކެއްގެ ގޮތުގައެވެ. އޭނާގެ މިސްރާބު ހުރީ އާ ފެށުމަކަށެވެ. މާ ވަރުގަދަ، މާ ސާބިތު އަޒުމަކާއެކުގައެވެ. އޭނާގެ ހިތުގައި އޭރުވެސް އޮތީ އެންމެ ވާހަކައެކެވެ. “ކަލޭމެންނަށް އަހަރެންގެ ފޮތްތައް ވީދާލެވިދާނެއެވެ. އެކަމަކު އަހަރެންގެ ހުވަފެންތަކުގައި އަތެއް ނުލެވޭނެއެވެ.”

ރާމިޔާ ކޮއްޅައް ތެދުވެ ހިނގައިގަންނަން އުޅެނިކޮށް އަނެއްކާވެސް ފަހަތުން އައި ކުއްޖަލި އޭނާ ކޮއްޕާލިއެވެ. މިފަހަރުވެސް ވެއްޓުމުން ސަލާމަތްވުމަށްޓަކައި، އިޚްތިޔާރަކާ ނުލައި އޭނާގެ ދެއަތް ދިއްކޮށްލެވުނެވެ. ނަމަވެސް އެ ކުއްލި ބާރުމިނާއެކު އޭނާ މާ ބާރަށް ބިންމަތީގައި ޖެހުނެވެ. އޭނާގެ އުޅަނބޮށި ރާޅު ބިމުގައި ކޭއްތި، މުޅި އަތަށް ތޫނު އަދި ދިލަ ތަދެއް އަރައިގެން ދިޔައެވެ. އެ ޖެހުނު ބާރުމިނާއެކު ހިނދުކޮޅަކަށް އޭނާގެ ނޭވާ ހުއްޓުނު ކަހަލައެވެ. ވީގޮތް ރޭކާލުމުގެ ކުރިން، އޭނާގެ ވަށައިގެން މަލާމާތުގެ ހިނިގަނޑެއް ފެތުރިގެން ދިޔައެވެ. އެއީ ހަމައެކަނި އެކްސިޑެންޓަކުން ވީކަމަކަށް ވާތީ ޖެހި ހިނިގަނޑެއް ނޫނެވެ. އެއީ ގަސްތުގައި، އޭނާގެ ނިކަމެތިކަމަށް މަލާމާތްކޮށް، އެހެން މީހެއްގެ ވޭނާއި ހިތްދަތިކަމުން އުފާ ހޯދުމަށް ޖެހި ބާރު ހިނިގަނޑެކެވެ. އެ އަޑު ހުރިހާ ދިމާލަކުން އިވޭ ކަހަލައެވެ. ކައިރީގައި ތިބި ދަރިވަރުންގެ ސަމާލުކަން އެ ދިމާލަށް ހުއްޓުނެވެ. ބައެއް ކުދިން ބަލަމުން ދިޔައީ ކިހިނެއްވީތޯ ބަލާލުމުގެ ޝައުގުވެރިކަމުގައެވެ. އަނެއް ބަޔަކު ފާޅުގައި މަލާމާތް ކުރަމުން ދިޔައިރު، އޭނާއަށް އެހީތެރިވުމުގެ ނިޔަތުގައި ބަލާލީ ވަރަށް މަދު ކުއްޖެކެވެ.

ރާމިޔާ މަޑުމަޑުން ތެދުވާން މަސައްކަތް ކުރިއެވެ. އޭނާގެ މަށައިގެން ގޮސްފައިވާ އުޅަނބޮށީގައި އަޅަމުންދިޔަ ތަދާއެކުވެސް، ތެދުވާން އުޅުމުން އަތް ތުރުތުރުލަމުން ދިޔައެވެ. މަށައިގެން ގޮސްފައިވާ ތަނުން ތުނިކޮށް ލޭ އަންނަން ފަށާފައިވާތަން އޭނާއަށް ފެނުނެވެ. އަތުގައި އަޅަމުންދިޔަ ދިލަ ތަދަށްވުރެ ބޮޑަށް، އޭނާއަށް އިހުސާސް ކުރެވެމުން ދިޔައީ އެތައް ބައެއްގެ ކުރިމަތީގައި އޭނާ ލަދުގަންނަން ޖެހުނު ކަމުގެ އިހުސާސެވެ. އޭނާގެ ލޮލުން ކަރުނަ ހިލުނީ ހަމައެކަނި ލިބުނު ޖިސްމާނީ އަނިޔާގެ ސަބަބަކުން ނޫނެވެ. އެއަށްވުރެ ބޮޑަށް އެވަގުތު އޭނާ އިހުސާސް ކުރަން ޖެހުނު ނިކަމެތިކަމާއި، އެހެން މީހުންގެ ކުރިމަތީގައި ތިރިވެގެން ދިޔަ ދިއުމުގެ ސަބަބުންނެވެ.

އޭނާ ވައްޓާލުމުގައި އިސްކޮށް ތިބި ފިރިހެން ކުދިންތައް އެއްވެސް ޖެހިލުމެއް ނެތި ކުރިއަށް ޖެހިލިއެވެ. އެކުދިންގެ މޫނުމަތިން ފެންނަމުން ދިޔައީ އެކުރެވުނީ ކިހާ ނުބައި، ރަހުމުކުޑަ ކަމެއްކަން އިހުސާސް ނުވާ ފަދަ އާދައިގެ ގޮތްތަކެކެވެ. އެ ހާލަތުގައި ރާމިޔާއަށް ހަމްދަރުދީވެ، އިންސާނިއްޔަތަށްޓަކައިވެސް އެހީވާނެ މީހަކު ނުވިއެވެ. އެއްވެސް ރަހުމެއްނެތި އެތަނުގައި ތިބި ކުދިންތައް ހީހީފައި ފޯނުން އެމަންޒަރު ވީޑިއޯކުރަމުންދިޔައީ އެއީ އެމީހުން މުނިފޫހި ފިލުވުމަށް ކުރަމުންދިޔަ ކަމެއް ފަދައިންނެވެ.

ކުޑައިރުކޮޅަކަށްފަހު، އެއްވެފައި ތިބި މީހުންތައްވެސް އެކި ދިމާލަށް ދާން ފެށިއެވެ. ރާމިޔާ އެކަނިވިއެވެ. އޭނާ މަޑުމަޑުން ގުދުވެ، ބިންމަތީގައި ހުރި ކަރުދާސްކޮޅުތައް އެއްކުރަން ފެށިއެވެ. ކޮންމެ ކަރުދާސްކޮޅެއް ނަގާއިރު، އޭނާގެ ލޮލުން އޮހޮރެމުންދިޔަ ކަރުނައިން އެ ކަރުދާސްތައް ތެމެމުން ދިޔައެވެ. އޭނާގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. ކިޔަވަން ބޭނުންވުމަކީ ކުށެއް ހެއްޔެވެ؟ ރަނގަޅު މީހަކަށް ވާން އުންމީދު ކުރުމަކީ މަލާމާތް ކުރަންޖެހޭ ކަމެއް ހެއްޔެވެ؟

ނަމަވެސް އެ ހިތްދަތި ވަގުތުގައިވެސް، އޭނާގެ ހިތުގެ ކަނެއްގައި އާ ހިތްވަރެއް އުފެދެން ފެށިއެވެ. އެކުދިން ބޭނުންވީ އޭނާ ބަލިކޮށްލާށެވެ. އޭނާގެ އުންމީދުތައް ފުނޑުފުނޑުކޮށްލާށެވެ. އެކަމަކު، އެ ވީދާލެވުނު ގަނޑުތަކަކީ އޭނާގެ ސިކުނޑީގައި ހުރި އިލްމެއް ނޫނެވެ. އެއީ ހަމައެކަނި ކަރުދާހެވެ. އޭނާގެ އަޒުމަކީ އެއަށްވުރެ މާ ވަރުގަދަ އެއްޗެކެވެ. އޭނާގެ ކަރުނަތައް ފޮހެލަމުން، ތުރުތުރުލާ އަތަކުން ދަބަސް ނަގައި ކޮނޑުގައި އަޅުވައިލިއެވެ. އަދި ހިތްދަތިކަމާއެކުވެސް، ސާބިތުކަމާއެކު ކުރިއަށް ހިނގައިގަތެވެ. އެދުވަހު އޭނާއަށް ލިބުނު އަނިޔާއަކީ އޭނާގެ ހަޔާތުގައި އައި އެންމެ ބޮޑު އިމްތިހާނެވެ. އެކަމަކު އެއީ އޭނާގެ ކާމިޔާބީގެ ސަފުހާގައި ލިޔެވޭނެ އެންމެ މުހިންމު ފިލާވަޅަށް ވާނެކަން އޭނާއަށް ޔަގީނެވެ.

އިންސާނުންގެ ހިތްތަކުގައިވާ ނުބައިކަމާއި، ރަހުމުކުޑަކަން ފެނި އޭނާ ދެރަވިއެވެ. ނަމަވެސް އެކަމުގެ ސަބަބުން އޭނާގެ ކިޔެވުމަށް އޮތް ލޯބި އިތުރުވެގެން ދިޔައެވެ. އޭނާ ބޭނުންވީ އެކުދިންނަށް ދައްކައިދޭށެވެ. ކިޔަވައިގެން އޭނާ ވާނީ ކާކަށްކަން ސާބިތުކޮށްދޭށެވެ. އެއީ ހަމައެކަނި އޭނާގެ އަމިއްލަ ނަފްސަށްޓަކައެއް ނޫނެވެ. އެފަދަ އަނިޔާ ލިބޭ ކޮންމެ ކުއްޖަކަށްޓަކައި އުންމީދުގެ ދަންމަރަކަށް ވުމަށްޓަކައެވެ. އޭނާ ހިނގަމުން ދިޔައިރު، އޭނާގެ ފަހަތުގައި ބިންމަތީގައި ބާކީ ހުރި ކަރުދާސްކޮޅުތައް ވަޔާ އެކު އުދުހެމުން ދިޔައެވެ. އެއީ މާޒީގެ ހިތްދަތި ހަނދާންތަކެއްގެ ގޮތުގައެވެ. އޭނާގެ މިސްރާބު ހުރީ އާ ފެށުމަކަށެވެ. މާ ވަރުގަދަ، މާ ސާބިތު އަޒުމަކާއެކުގައެވެ. އޭނާގެ ހިތުގައި އޭރުވެސް އޮތީ އެންމެ ވާހަކައެކެވެ. “ކަލޭމެންނަށް އަހަރެންގެ ފޮތްތައް ވީދާލެވިދާނެއެވެ. އެކަމަކު އަހަރެންގެ ހުވަފެންތަކުގައި އަތެއް ނުލެވޭނެއެވެ.”

ރާމިޔާގެ ހިތުގެ ތަޅުމުގައި އުފެދިފައިވާ ބިރުވެރިކަމާއި ނުތަނަވަސްކަން އޭނާގެ މުޅި ހަށިގަނޑަށް ފެތުރިގެން ދިޔައެވެ. އޭނާ ހުރި ފިޔަވަޅުމަތީގައި ހުރެފައި، އެތަނުން ދުރަށް ދިއުމަށްޓަކައި ފިޔަވަޅެއް ފަހަތަށް އެޅިއެވެ. އެ ވަގުތު އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައީ، އެތަނުން ފިލައިގެން ދިއުމަށް ގޮވާލާ ފަދަ އިހުސާސަކުންނެވެ. އޭނާއަށް އިހުސާސް ކުރެވެމުން ދިޔައީ އެތަނުގައި ހޭދަކުރާ ކޮންމެ ސިކުންތަކީ އޭނާގެ ކެތްތެރިކަން ކޮޅުންލާނެ ވަގުތެއްގެ ގޮތުގައެވެ. އޭނާގެ ދިރިއުޅުމުގެ އެންމެ ނިކަމެތި، އެންމެ ބަލިކަށި ވަގުތުކޮޅު އެންމެންގެ ކުރިމަތީގައި ބޮޑު މަންޒަރެއްގެ ގޮތުގައި ހާމަވެފައި އޮތުމަކީ، އޭނާގެ ރޫހަށް ލިބުނު ވަރަށް ބޮޑު އަނިޔާއެކެވެ. އިތުރަށް އެފަދަ ނަޒަރުތަކަކަށް ކެތްކޮށް، އެފަދަ ހިތްދަތި ކަމަކާ ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ހަށިގަނޑަކު ނެތެވެ. އޭނާ ބޭނުންވީ ހަމައެކަނި ފަރުދާގެ ފަހަތަށް ވަދެ، އެންމެންގެ ލޯތަކުން ސަލާމަތްވާށެވެ.

ކުއްލިއަކަށް މާހިރު އައެވެ. އަދި އެތަނުގައި އެ މަންޒަރު ވީޑިއޯކުރަންހުރި އަންހެންކުއްޖެއްގެ ފޯނު ޖަހައިގަނެފައި ހޫރުވާލިއެވެ. އެވަގުތު އެ ފޯނު ކުދިކުދިވެގެން ދިޔައެވެ.

ރާމިޔާ ދުރަށް ދިއުމަށް ހަރަކާތްތެރިވި ވަގުތު، މާހިރުގެ ހުޝިޔާރުކަން ފާހަގަވިއެވެ. އޭނާ މާދުރަށް ދިއުމުގެ ކުރިން، މާހިރު އޭނާގެ އަތުގައި ހިފެހެއްޓިއެވެ. މާހިރުގެ އެ ހިފެހެއްޓުމަކީ ބާރުގަދަ ނަމަވެސް، އޭގައި އެއްވެސް ކަހަލަ އަނިޔާވެރިކަމެއް ނެތެވެ. އެއީ ހަމަ އެކަނި ރާމިޔާ މަޑުޖެއްސުމަށްޓަކައި، އޯގާތެރިކަމާ އެކު ކުރި ހަރަކާތެކެވެ. މާހިރުގެ އަތުގެ ބީހުން ރާމިޔާގެ ހަމަށް އިހުސާސްވި ހިނދު، މުޅި މާހައުލުގައި އެހެން ކަހަލަ އަސަރެއް ފެތުރިގެން ދިޔަ ކަހަލައެވެ. އެއީ ކުރު ވަގުތުކޮޅެއްގެ ބީހުމެއް ނަމަވެސް، އޭގައި އެކުލެވިގެންވާ ފުން އިހުސާސްތަކާއި އަޅާލުމުގެ ސަބަބުން ރާމިޔާގެ މުޅި ހަށިގަނޑު ތުރުތުރުލައިގެން ދިޔައެވެ.

ރާމިޔާ ވަގުތުން އޭނާގެ އަތް ފޮޅުވާލިއެވެ. އޭނާގެ ހަރަކާތްތަކުގައި ހުރީ ހަރުކަށިކަމެވެ. އޭނާ މާހިރާ ދިމާލަށް ބަލާލިއިރު، އެ ދެލޮލުން ފެންނަން ހުރީ ހަމައެކަނި ރުޅިވެރިކަމެއް ނޫނެވެ. އެއަށްވުރެ މާ ފުން، މާ އުނދަގޫ އިހުސާސްތަކެއް އެ ދެލޮލުގެ ތެރޭގައި ފޮރުވިފައި ހުއްޓެވެ. ހިތާމައާއި، ލަދުވެތިކަމާއި، އަދި ބަޔާންކުރަން ދަތި އެތައް ވޭނެއް އެ މޫނުމަތިން ފާޅުވާން ހުއްޓެވެ.

“މާހިރު، އަހަރެންގެ ހުއްދަނެތި އަހަރެންގެ ގައިގައި އަތްލުމުގެ ހައްގު މާހިރަށް ދިނީ ކާކު؟” ރާމިޔާގެ އަޑު ބާރުވިއެވެ. އެ އަޑުގައި ހުރި ތުރުތުރުލުމުން އޭނާގެ ހިތުގެ ހާލަތު ބަޔާންކޮށްދެއެވެ. “މާހިރުގެ މައްސަލައަކީ ކޮބައިތަ؟ އަހަރެންގެ ދިރިއުޅުމާ ދުރަށް ދިއުމަށް އަހަރެން ކިތައް ފަހަރު ބުނަންޖެހޭނީ؟” އޭނާގެ ކޮންމެ ބަހެއް މާހިރުގެ ހިތަށް ތީރެއް ފަދައިން ހެރެމުން ދިޔައެވެ. އެ ބަސްތައް ގަސްތުކުރި ވަރަށްވުރެ ހަރުކަށިވި ނަމަވެސް، އެ ބަސްތައް އިސްލާހުކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާ ގަބޫލުކުރި ގޮތުގައި، މާހިރާ މެދު އޯގާތެރިކޮށް ހިތުމަކީ، ދިގު މުއްދަތަކަށް ބަލާއިރު ދެމީހުންނަށްވެސް ލިބޭނެ އިތުރު ހިތްދަތިކަމެކެވެ.

“އަހަރެން މި އެދެނީ، އާދޭސްކޮށްފައި މި ބުނަނީ… އަހަރެން އެކަނި ދޫކޮށްލާ،” ރާމިޔާގެ އަޑު އެންމެ ފަހުން ބެދުނެވެ. އޭނާގެ ހިތުގެ ތެރޭގައި ހިފަހައްޓައިގެން ހުރި ހުރިހާ ޖަޒުބާތުތަކެއް ކުއްލިއަކަށް ބޭރަށް ބޮޑުވެގަތެވެ. އޭނާގެ އެތެރެހަށީގައި ވަނީ ބަޔާންކުރަން ދަތި ހައިޖާނެކެވެ. އެއްފަރާތުން މާހިރުގެ އެހީތެރިކަމަށްޓަކައި ލިބުނު ޝުކުރުވެރިކަމާއި، އޭނާގެ ގާތުގައި ހުރުމުން ލިބުނު ރައްކާތެރިކަމުގެ އިހުސާސެވެ. އަނެއްކޮޅުން، މާހިރު އޭނާއާ ގާތްވުމުން މާހިރަށް ލިބިދާނެ ގެއްލުމަކަށް އޮތް ބިރުވެރިކަމެވެ. މި ހުރިހާ އިހުސާސްތަކެއް އޭނާގެ މޭގައި ފިތެމުން ދިޔަ ނަމަވެސް، އޭނާ ނިންމީ އެ ހުރިހާ ކަމެއް ފޮރުވާށެވެ.

މާހިރު އެއްވެސް ހަރަކާތެއް ނުކޮށް، ހިމޭނުން ހުއްޓެވެ. އޭނާ ރާމިޔާގެ ކޮންމެ ބަހެއް ހިތުގެ އަޑީގައި ރައްކާކުރަމުން ދިޔައެވެ. މާހިރުގެ މޫނުމަތިން ފެނުނު ހަރުކަށިކަން މަޑުމަޑުން ފިލައިގޮސް، އޭގެ ބަދަލުގައި ފުން ހިތާމައަކާއި ހަމްދަރުދީއެއް ފާޅުވާން ފެށިއެވެ. އޭނާ ރާމިޔާގެ އަތުން މުޅިން ދޫކޮށްލިއެވެ. ރާމިޔާ އެދުނު ފަދައިން، އެ ދެމީހުންގެ ދެމެދުގައި އޮތް ދުރުމިން ބޮޑުކުރަން އޭނާ ފުރުސަތު ދިނެވެ.

ރާމިޔާ ވަގުތުން އެނބުރި ހިނގައިގަތެވެ. އޭނާގެ ހިނގުން ހުރީ ހަމަޖެހުމެއް ނެތް ގޮތަކަށެވެ. ކޮންމެ ފިޔަވަޅަކީވެސް އެ ހިތްދަތި ވަގުތާ ދުރަށް ދިއުމަށް އަޅާ ފިޔަވަޅެކެވެ. އޭނާގެ ލޮލުން ކަރުނަ އޮހެމުން ދިޔައިރު، އެ ކަރުނަތައް ފޮހެލުމަށްވެސް އޭނާ މަޑެއް ނުކުރެއެވެ. އެހެނީ މަޑުކޮށްލާ ކޮންމެ ސިކުންތަކީ، އޭނާ ފިލަން މަސައްކަތްކުރާ ހަގީގަތްތަކާ ކުރިމަތިލާން ޖެހޭނެ ވަގުތެއް ކަމަށް އޭނާ ދެކެއެވެ.

އޭނާގެ ފަހަތުން އަނެއްކާވެސް މީހުންގެ ވައި އަޑުން ދައްކާ ވާހަކަތައް އިވެން ފެށިއެވެ. އެއީ އޭނާގެ އަބުރާއި އިއްޒަތަށް އަރައިގަންނަ، ނުބައި ނަޒަރުތަކަކުން ފުރިފައިވާ ވާހަކަތަކެވެ. މި މުޖުތަމައުގެ ހަރުކަށި ނިންމުންތަކާއި، ބޭއިންސާފު ފާޑުކިޔުންތަކެވެ. މާހިރަށް މި ހުރިހާ އަޑުތަކެއް އިވެމުން ދިޔައެވެ. ނަމަވެސް އޭނާ އެކަމަށް އެއްވެސް އިޖާބައެއް ނުދެއެވެ. އޭނާގެ މުޅި ސަމާލުކަން ހުރީ ރާމިޔާ ދިޔަ ދިމާލަށެވެ. އޭނާގެ ހިތަށް ކުރަމުންދިޔަ ބަރުކަމާއި، ހިނގައިދިޔަ ހާދިސާގެ ސަބަބުން ލިބުނު ހިތްދަތިކަން އޭނާގެ މޫނުމަތިން ފެންނަން ހުއްޓެވެ.

މާހިރުގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ. އޭނާ ކުރި ކޮންމެ ކަމަކީ ރާމިޔާއަށްޓަކައި، އޭނާގެ ރައްކާތެރިކަމަށްޓަކައި ކުރި ކަމެކެވެ. އެހެން މީހުން ކޮންމެ އެއްޗެކޭ ބުނި ކަމުގައިވިޔަސް، އަދި ކޮންމެ ގޮތަކަށް އެކަން މާނަކުރި ކަމުގައިވިޔަސް، މާހިރުގެ ހިތުގައި އޮތް ސާފު ހަގީގަތަކީ ބަދަލުވާނެ އެއްޗެއް ނޫނެވެ. އޭނާގެ ލޯތްބާއި ކެތްތެރިކަމަކީ އެއްވެސް މީހެއްގެ ބަހަކަށް ގުޑާނެ އެއްޗެއް ނޫންކަން އޭނާއަށް ޔަގީނެވެ.

****

ވެއްޓުނު ހާދިސާއަށްފަހު، އޭނާގެ ފައިތިލަ މިސްރާބުޖެހީ ކޮން ދިމާއަކަށް ކަމެއް ރާމިޔާގެ ހަނދާނަކު ނެތެވެ. ސަބަބަކީ އެ ވެއްޓުމަށްފަހު ހިނގައިދިޔަ ކޮންމެ ކަމަކީ އޭނާގެ އިޚްތިޔާރުން ބޭރުގައި، ވަރަށް ބާރު މިނެއްގައި ހިނގަމުންދިޔަ ކަންތައްތަކަކަށް ވުމެވެ. އިވެމުންދިޔަ އަޑުތަކާއި، ހަށިގަނޑަށް އަންނަމުންދިޔަ ހަރަކާތްތަކާއި، ސިކުނޑީގައި އެނބުރެމުންދިޔަ ޚިޔާލުތައް ވަނީ އެއްވެ މަސްހުނިވެފައެވެ. އެއީ އޭނާގެ ހުއްދައަކާ ނުލައި، ބާރު އޮއިވަރެއް ފަދައިން އޭނާ ކުރިއަށް ކޮއްޕަމުން ދިޔަ އިހުސާސެކެވެ. އަންހެން ކުދިންގެ ފާޚާނާއާ ހަމައަށް ފޯރައި، ދޮރު ހުޅުވާލިއިރު، އޭނާގެ މޭ އޮތީ އިންތިހާއަށް އަވަސްވެފައެވެ. ނޭވާލެވެނީ ވަރަށް ކުރުކޮށް އަދި އުނދަގުލުންނެވެ. ހީވަނީ ނޭވާ އެތެރެއަށް ދަމާލާ ކޮންމެ ފަހަރަކު، މޭގެ ކަށިގަނޑުތަކުގެ ތެރޭގައި ތާށިވެފައިވާ ބޮޑު ގަނޑަކާ ހަނގުރާމަ ކުރަން ޖެހޭ ހެންނެވެ. އެތަނުގެ ތެރޭގައި އޮތް ކުއްލި ހިމޭންކަމުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުމުގެ ބަދަލުގައި، އެ ހިމޭންކަން އިތުރުކޮށްދިނީ އޭނާ ހިފަހައްޓަން މަސައްކަތް ކުރަމުންދިޔަ ހައިޖާނެވެ. ހިމޭންކަމުގެ ސަބަބުން، އޭނާގެ ސިކުނޑީގައި ހުރި ވޭނީ ޚިޔާލުތައް ގުގުމަން ފެށުމަށް އިތުރު ފުރުސަތެއް ލިބުނެވެ.

ލޯގަނޑުން އަމިއްލަ ސޫރަ ފެނިދާނެތީ، ރާމިޔާ އިންސްޓިންކްޓިވްކޮށް އިސްޖަހައިގެން ހުރެ ކުރިއަށް ދިޔައެވެ. މޫނު ދޮންނަ ތަށިތަކުގެ ކައިރީގައި ބައެއް ކުދިން އެމީހުންގެ އިސްތަށިގަނޑާއި މޭކަޕް ރީތިކޮށްލަން ތިއްބެވެ. އެކުދިންގެ ދެމެދުގައި ދެކެވެމުންދިޔަ މަޑުމައިތިރި ވާހަކަތަކަކީ ރާމިޔާ ތަހައްމަލު ކުރަމުންދިޔަ ހިތްދަތި ހަގީގަތާ އެއްވެސް ގުޅުމެއް ނެތް ވާހަކަތަކެކެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ބޮޑު ތޫފާނުގެ ހިލަމެއްވެސް އެއިން އެކަކަށް ނުވެއެވެ. ނުވަތަ އެކުދިން ގަސްތުގައި އެކަން ނުފެންނަ ކަމަށް ހެދީއެވެ. އެކުދިންނާއި އޭނާއާ ދެމެދު އޮތް އެ ބޮޑު ދުރުމިނުގެ ސަބަބުން، ރާމިޔާއަށް ކުރެވުނު އެކަނިވެރިކަމުގެ އިހުސާސް ދިޔައީ އިންތިހާއަށް އިތުރުވަމުންނެވެ. އޭނާ މަޑުމަޑުން ހިނގާފައި ގޮސް އެންމެ ފަހު ވޮޝްރޫމަށް ވަދެ، ތުރުތުރުލާ އަތަކުން ދޮރު ތަޅުލިއެވެ. އެ ތަޅުގެ އަޑު އޭނާއަށް އިވުނީ އާދަޔާ ޚިލާފަށް ބާރަށެވެ. އެއީ މުޅި ދުނިޔެއާއި އެހެން އެންމެންނާ އޭނާ ވަކިވެ، އަމިއްލަ ނަފްސާ އެކަނިވި ވަގުތެވެ.

އެތައް އިރަކުއްސުރެ އަމިއްލަ ނަފްސުގެ މައްޗަށް ހިންގަމުންދިޔަ ކޮންޓްރޯލް އެވަގުތު މުޅިން ބިންދައިގެން ދިޔައެވެ.

ފިނިވެފައިވާ ފާރުގައި ބުރަކަށި ޖައްސާލައިގެން ހުރެ، އޭނާގެ ކަކޫމައްޗަށް ބާރުނެތި، މަޑުމަޑުން ތިރިވެ ބިމުގައި އިށީނދެވުނެވެ. ކޮނޑުގައި އޮތް ދަބަސް ކައިރިއަށް ވެއްޓުނު އަޑުވެސް އިވުނީ ވަރަށް ދުރުން އިވޭ ފަނޑު އަޑެއް ފަދައިންނެވެ. އެއީ އޭނާގެ މޭގެ ތެރޭގައި އުފެދިފައިވާ ހައިޖާނާ އަޅާބަލާއިރު މާ ކުޑަ އަޑެކެވެ. އިށީނދެ ހަމަޖެހިލަން އުޅުމުގެ ތެރޭގައި، ވެއްޓުނު ވަގުތު އުޅަނބޮއްޓަށް ލިބުނު އަނިޔާ ފާރުގައި ޖެހުމުން، މުޅި އަތަށް ތޫނު ވޭނެއް އަރައިގެން ދިޔައެވެ. ނަމަވެސް އެ ޖިސްމާނީ ތަދަކީ، އޭނާގެ ހިތަށް ކުރަމުންދިޔަ ބަރުދަނާ އަޅާބަލާއިރު އޭނާއަށް އިހުސާސްވެސް ނުވާ ފަދަ ކުޑަ ކަމެކެވެ.

އޭނާގެ ނޭވާ މޭގައި ތާށިވިއެވެ. އަދި ހިތުގެ ފުންމިނުން އައި ފުރަތަމަ ގިސްލުމުގެ އަޑު ބޭރުވިއެވެ.

އެއީ އެއްވެސް އިންޒާރަކާ ނުލައި، ރޫހު ފޫއަޅުވާލާފައި އައި، ހިތްދަތި ގިސްލުމެކެވެ. އެކަން ފެށުމާއެކު، ހުއްޓުވުމަކީ އޭނާގެ އިޚްތިޔާރުގައި އޮތް ކަމަކަށް ނުވިއެވެ. ކަރުނަތައް އޮހިގަތީ އިންތިހާއަށެވެ. ފެނުން ފުސްވަމުން ދިޔައިރު، އޭނާގެ ދެއަތުން ކަރުނަ ފޮޮހެލަން މަސައްކަތް ކުރިއެވެ. ނަމަވެސް ކޮންމެ ސިކުންތަކާއެކު އޮހެމުންދިޔަ ކަރުނަވީ އިތުރެވެ. ގިސްލުމުގެ އަޑު ބާރުވަމުން ދިޔަވަރަކަށް، އޭނާގެ ދެކޮނޑު ތުރުތުރުލާން ފެށިއެވެ. ކޮންމެ ގިސްލުމަކީ އޭނާގެ މޭގެ ތެރޭގައި އެތައް ދުވަހަކު ވަޅުލާފައިވާ ހިތްދަތިކަން ބޭރަށް ނެރެލަން ކުރާ މަސައްކަތެއް ފަދައެވެ.

މިއީ ހަމައެކަނި މިއަދު ވެއްޓުނު ވެއްޓުމުގެ ސަބަބުން ވީ ކަމެއް ނޫނެވެ.

މިއީ ހަމައެކަނި ވީދައިލެވުނު ފޮތްތަކާއި، އޭނާގެ ވަށައިގެން އިވުނު މަލާމާތުގެ ހިނިގަނޑުތަކުގެ ސަބަބުން ވީ ކަމެއްވެސް ނޫނެވެ. މިއީ ހުރިހާ ކަމެއް އެއްވުމެވެ.

އޭނާއާ ދިމާލަށް ސިއްރުސިއްރުން ބުނެފައިވާ ކޮންމެ އިހާނެތި ބަހެކެވެ. ކޮންމެ މަލާމާތުގެ ބެލުމެކެވެ. އޭނާއަކީ އެތަނަށް ނިސްބަތްވާ މީހެއް ނޫން ކަމުގެ އިހުސާސް ކުރަން ޖެހުނު ކޮންމެ ފަހަރެކެވެ. އޭނާގެ ދިރިއުޅުމަކީ މީހުން ފާޑުކިޔަން ޖެހޭ އެއްޗެއްގެ ގޮތުގައި ދެކުނު ކޮންމެ ވަގުތެކެވެ. މި ހުރިހާ ހަނދާންތަކެއް އެއްފަހަރާ އޭނާގެ ސިކުނޑީގައި ބިރުވެރި ތޫފާނެއް ފަދައިން އެނބުރެން ފެށިއެވެ. އެއްވެސް ހަމަޖެހުމެއް، އެއްވެސް އަރާމެއް ނެތް އެ ހަނދާންތަކުގެ ސަބަބުން، އޭނާގެ މޭ ބާރުވެ، ނޭވާލާން އިންތިހާއަށް އުނދަގޫވިއެވެ. ކޮންމެ ނޭވާއެއްވެސް އިހުސާސުވަމުން ދިޔައީ ކުރީގެ ނޭވާއަށްވުރެ ބަރު، ވޭނީ ކަމެއްގެ ގޮތުގައެވެ.

އޭނާގެ މުޅި ހަށިގަނޑު ބިމަށް ދޫވެފައި އޮތްއިރު، އެ ކުޑަ ގޮޅީގެ ތެރޭގައި އޭނާގެ ރުއިމުގެ އަޑު މަޑުމަޑުން ގުގުމަމުން ދިޔައެވެ. އެއީ ހަމައެކަނި ކަރުނައެއް ނޫނެވެ. އެއީ އަހަރުތަކެއްގެ ވަންދެން ހިތުގައި ފޮރުވައިގެން ހުރި، އެކަކަށްވެސް ފެނުމެއް ނެތް ޒަޚަމްތަކެއްގެ އަޑެވެ. ބޭރުފުށުން އޭނާ ދައްކަމުން އައި ހިތްވަރުގަދަ ސޫރަ ވަނީ މުޅިން ފުނޑުފުނޑުވެފައެވެ. އެކަނިވެރިކަމުގެ އެ ފުން ކަނޑުގެ ތެރޭގައި އޭނާ ދިޔައީ ޣަރަގުވަމުންނެވެ. އެހެން މީހުންނަށް ފެންނަނީ ހަމައެކަނި އޭނާގެ މޫނުމަތީގައި ހުންނަ ހިނިތުންވުން ކަމަށް ވިޔަސް، އޭގެ ފަހަތުގައި ވަނީ ކިހާ ބޮޑު ތަދެއްކަން އެނގެނީ ހަމައެކަނި އޭނާއަށެވެ.

ވޮޝްރޫމުގެ ބޭރުން އިވޭ ކުދިންގެ އަޑުތަކާއި، ފެން އިސްކުރުތަކުން ފައިބާ ފެނުގެ އަޑަކީ އޭނާ މިހާރު ހުރި ދުނިޔެއާ މުޅިން ތަފާތު އަޑުތަކެކެވެ. އެކުދިންނަށް އޭނާގެ ރުއިމުގެ އަޑު އިވިދާނެތީ، އޭނާ އަތުން އަނގަ މަތީގައި އަތްއަޅައި ފިއްތާލިއެވެ. ނަމަވެސް އެއިން ކޮންމެ ފިއްތުމަކާއެކު އޭނާގެ ހިތުގައި އުފެދިފައިވާ ރިހުން ވީ އިތުރެވެ. އޭނާ ބޭނުންވީ އެތަނުން ދުވެފައި ނިކުމެ، އެއްވެސް މީހަކަށް ނުފެންނަ ހިސާބަކަށް ދާށެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގައި އެފަދަ ހިތްވަރެއް ނެތެވެ. އޭނާ އިނީ ހަށިގަނޑުން ވަރުދޫވެ، އަމިއްލަ ނަފްސުގެ މައްޗަށް މުޅިން އިތުބާރު ގެއްލިފައެވެ.

ކޮންމެ މީހަކީވެސް ދިރިއުޅުމުގައި އިމްތިހާނުތަކާ ކުރިމަތިލާން ޖެހޭނެ ބައެކެވެ. ނަމަވެސް ރާމިޔާއަށް އިހުސާސުވަނީ އޭނާގެ މައްޗަށް އަންނަ ކޮންމެ ރާޅަކީ ކުރީގެ ރާޅަށްވުރެ ބާރުގަދަ ރާޅެއްގެ ގޮތުގައެވެ. އޭނާ ކިތަންމެ ވަރަކަށް ތެދުވާން މަސައްކަތް ކުރި ނަމަވެސް، ކޮންމެވެސް ކަމެއް މެދުވެރިވެ އޭނާ އަނބުރާ ބިމަށް ވައްޓާލައެވެ. މިއަދު އެ ވައްޓާލީ ހަމައެކަނި އޭނާގެ ހަށިގަނޑެއް ނޫނެވެ. އޭނާގެ ރޫހާއި، އޭނާގެ އުންމީދުތައްވެސް މެއެވެ. އެ ކުޑަ ފާޚާނާ ގޮޅީގެ ތެރޭގައި އިށީނދެގެން އިންއިރު، އޭނާގެ ހިތަށް އަރަމުންދިޔައީ، މިކަމުން ސަލާމަތްވެ، އަލުން ހިނިތުންވެވޭނެ ދުވަހެއް އަންނާނެބާވައެވެ؟ ނުވަތަ މިއީ އޭނާގެ މުޅި އުމުރަށް ތަހައްމަލު ކުރަން ޖެހޭނެ ތަދެއްބާވައެވެ؟

މި ހުރިހާ ޚިޔާލުތަކަކާއެކުވެސް، އޭނާގެ ކަރުނަތަކަކަށް ހުއްޓުމެއް ނައެވެ. އެއީ އޭނާގެ ހިތުގެ ވޭނުގެ ބަހެވެ. އެއްވެސް މީހަކަށް ނޭނގޭ، އެއްވެސް މީހަކަށް ނުފެންނަ، އެކަމަކު އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލާފައިވާ ހިތްދަތި ބަހެވެ. އޭނާގެ ހިތް އެދެނީ ހަމައެކަނި އެންމެ ކަމަކަށެވެ. އެއީ އޭނާގެ އިހުސާސްތައް ދެނެގަންނާނެ، އޭނާއަށް އޯގާތެރިކަމުގެ އަތެއް ދިއްކޮށްލާނެ އިންސާނަކަށެވެ. ނަމަވެސް އެވަގުތު އޭނާގެ ވަށައިގެން އޮތީ ހަމައެކަނި ހިމޭންކަމާއި، ފިނިވެފައިވާ ފާރުތަކެވެ.

އޭނާގެ ގިސްލުމުގެ އަޑު އެ ކުޑަކުޑަ ތަންކޮޅުގެ ތެރޭގައި ގުގުމަމުން ދިޔައެވެ. ފާރުގައި ޖަހާފައި ހުރި މުށިތަކުގައި އެ އަޑު ޖެހިފައި ފަނޑުކޮށް އިވެމުން ދިޔައިރު، މީހަކަށް އެ އަޑު އިވިދާނެކަމުގެ ބިރުވެރިކަން އޭނާގެ ހިތުގައި ކުއްލިއަކަށް އުފެދުނެވެ. އެހެންކަމުން، ގިސްލުމުގެ އަޑު ކަނޑުވާލުމަށްޓަކައި އޭނާ އަވަސްއަވަހަށް ތުންފަތުގައި އަތް އެޅިއެވެ. އަމިއްލަ ނަފްސު ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުން ދިޔައިރު އޭނާގެ އިނގިލިތައް ދިޔައީ ތުރުތުރުލަމުންނެވެ. އެ މަސައްކަތުގެ ސަބަބުން ނޭވާލާން އިތުރަށް އުނދަގޫވެ، ކަރުތެރޭގައި ނޭވާ ތާށިވާގޮތް ވިއެވެ. އެހެންނަމަވެސް އޭނާ އަނގަމަތިން އަތެއް ދުލެއް ނުކުރެއެވެ. ސަބަބަކީ، މިފަދަ ހާލަތެއްގައި އޭނާ ހުއްޓާ މީހަކަށް ފެނިދާނެތީ ނުވަތަ އަޑު އިވިދާނެތީ އޭނާ އިންތިހާއަށް ބިރުގަންނާތީއެވެ.

ބޯކޮށް އޮހެމުންދިޔަ ކަރުނަތަކުގެ ސަބަބުން އޭނާގެ ލޮލުގައި ދިލަ ނަގައި، ލޯ ވަށައިގެންވާ ހަންގަނޑު ރަތްވެ ދުޅަވާން ފެށިއެވެ. ކުރިމަތި ފެންނަވަރު ކުރުމަށްޓަކައި އޭނާ އަވަސްއަވަހަށް އެސްފިޔަ ޖަހަމުން ދިޔަ ނަމަވެސް، ހުރިހާ އެއްޗެއް ފެންނަނީ ފުސްކޮށެވެ. އޭނާ ފާރުގައި ބޯ ލައްކޮށްލުމަށްފަހު، ބާރަށް ލޯ މަރާލިއެވެ. އެވަގުތުވެސް އެސްފިޔަތަކުގެ ދޭތެރެއިން ކަރުނަތައް ފައިބަމުން ދިޔައެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް ނޭވާލުން ހަމައަކަށް އަޅުވައި، އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވޭތޯ އޭނާ މަސައްކަތް ކުރިއެވެ.

ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.

ސަބަބަކީ އޭނާގެ ހިތަށް އަރަމުންދިޔަ ޚިޔާލުތައް ހުއްޓުމެއް ނެތި އަންނަމުން ދިޔުމެވެ. އެ ޚިޔާލުތައް އޭނާގެ ސިކުނޑި ވަށާލައި، އިތުރަށް ބިރުގަންނުވަމުން ދިޔައެވެ.

ކަންތައްތައް އަބަދުވެސް މި ހިސާބަށް ދަނީ ކީއްވެ ހެއްޔެވެ؟

ކޮންމެ ފަހަރަކުވެސް މީހަކަށް ފެނުމުގެ ކުރިން، ކޮންމެވެސް ހިމޭން ކަނެއްގައި އިނދެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މި މަސައްކަތް ކުރަން ޖެހެނީ ކީއްވެ ހެއްޔެވެ؟

އޭނާ އިނީ އެހީތެރިކަމަކަށް ބޭނުންވެފައިވާ ފަދަ ގޮތަކަށް، އަމިއްލަ ހެދުމުގައި ބާރަށް ހިފަހައްޓައިގެންނެވެ. ނަމަވެސް އެ ނުތަނަވަސްކަމުން އޭނާ ސަލާމަތްކޮށްދޭނެ އެއްވެސް ކަމެއް އެވަގުތަކު ނެތެވެ. އޭނާގެ އުޅަނބޮށީގައި އަޅަމުންދިޔަ ވޭން މުޅި އަތަށް ފެތުރެމުން ދިޔަ ނަމަވެސް، ހިތަށް ކުރަމުންދިޔަ އަސަރާއި އަޅާބަލާއިރު އެއީ މާ ބޮޑު ކަމެއް ނޫނެވެ. ހިތަށް ކުރަމުންދިޔަ ބަރުދަނުގެ ސަބަބުން ނޭވާލާން އުނދަގޫވެ، ދުނިޔޭގައި ހުރުންވެސް އޭނާއަށް ބުރައަކަށް ވިއެވެ.

އެ ކުޑަ ގޮޅީގެ ތެރޭގައި ވަގުތު ހުއްޓިފައިވާ ކަހަލައެވެ. ކޮންމެ ސިކުންތެއްވެސް ފާއިތުވަމުން ދިޔައީ އާދަޔާޚިލާފު ލަސްމިނެއްގައެވެ. އޭނާގެ ގިސްލުމުގެ އަޑާއި ހިތުގެ ތެޅުން ބާރުވަމުން ދިޔަވަރަކަށް، މުޅި މީހާ ވަރުބަލިވާން ފެށިއެވެ. ކަރުނަތައް ހުއްޓުމެއް ނެތި އޮހެމުން ދިޔައިރު، އޭނާގެ ހަށިގަނޑުން ހަކަތަ ހުސްވަމުން ދިޔައެވެ.

ބޭރު ދުނިޔޭގައި އެއްވެސް ކަމެއް ނުހިނގާ ފަދައިން ކަންތައްތައް ހިނގަމުން ދިޔަ ނަމަވެސް، އެތެރޭގައި އޭނާ ދިޔައީ ނަފްސާނީ ގޮތުން ފުނޑުފުނޑުވަމުންނެވެ.

ހަމައެވަގުތު، މާހިރު އިންތިހާއަށް ކަންބޮޑުވެފައި ހުރެ ކޮލެޖުގެ ތެރޭގައި އޭނާ ހޯދަމުން ދިޔައެވެ. އޭނާ ދުރަށް ދިއުމަށް ބުނެ ރޮވިފައިވާ އަޑަކުން ވާހަކަދެއްކުމަށްފަހު ހިނގައިގަތް ވަގުތުން ފެށިގެން، މާހިރުގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާގެ ލޮލުން ފެނުނު ކުލަވަރާއި ވާހަކަދެއްކި ގޮތުން، އޭނާ އިންތިހާއަށް ދެރަވެފައިވާކަން މާހިރަށް އިހުސާސް ކުރެވުނެވެ. އަދި އޭނާ އެ ދެއްކި ހިތްދަތިކަމަކީ، ހަގީގަތުގައި އޭނާ އުފުލަމުންދާ ބޮޑު ތަކުލީފުގެ ކުޑަ މިންވަރެއްކަން މާހިރަށް ޔަގީންވިއެވެ.

އޭނާގެ ހޯދުން ފެށީ ކޮރިޑޯތަކުންނެވެ. ދަރިވަރުންގެ ގްރޫޕްތައް ފަހަނައަޅައި ހަލުވިކަމާއެކު ކުރިއަށް ދިޔައިރު، ކޮންމެ މޫނަކަށާއި، ކޮންމެ ކަނަކަށާއި، އޭނާ ހުރެދާނެ ކަމަށް ލަފާކުރެވޭ ހުރިހާ ދިމާލަކަށް ފަރުވާތެރިކަމާއެކު ބަލަމުން ދިޔައެވެ. ނަމަވެސް އޭނާގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. ރާމިޔާ ބިންމަތީގައި އިށީނދެގެން އިންއިރު، އޭނާގެ އުޅަނބޮށިން ލޭ އަންނަމުންދިޔަ މަންޒަރާއި، ވީދިފައިވާ ފޮތްތައް ވަށައިގެން ބެހެއްޓިފައި ހުރި ގޮތާއި، އަދި ހިފެހެއްޓުމެއްނެތި އޮހެމުންދިޔަ ކަރުނަތަކުގެ ހަނދާންތައް މާހިރުގެ ސިކުނޑީގައި އާވަމުންދިޔައެވެ. އެ ހިތްދަތި ހަނދާންތަކުން އޭނާގެ ހޯދުން އަވަސްކުރުމަށް ބާރުއެޅިއެވެ. އެކަނިވެރިވެ، އެހީތެރިވާނެ މީހަކު ނެތި ރާމިޔާ ހިތާމަކުރަން ހުންނާނެކަން މާހިރަށް ގަބޫލެއް ނުކުރެވުނެވެ.

ދެން އޭނާ މިސްރާބު ޖެހީ ކެންޓީނާ ދިމާލަށެވެ. އެތަނަށް ވަދެ، ކޮންމެ މޭޒަކަށާއި ދަރިވަރުންގެ ގްރޫޕްތަކަށް ފަރުވާތެރިކަމާއެކު ބެލި ނަމަވެސް، ރާމިޔާ އެތާކުވެސް ނެތެވެ. ވަށައިގެން ދަރިވަރުންގެ ވާހަކަދެއްކުމާއި ހިނިތުންވުމުގެ އަޑުތައް އިވެމުންދިޔަ ނަމަވެސް، މާހިރުގެ މުޅި ސަމާލުކަން ހުރީ ހަމައެކަނި އެންމެ ކަމަކަށެވެ. މީހުން މަދުންދާ ތަންތަނާއި ވަންނަ ދޮރުތައް ބެލި ނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބުނެވެ.

އޭނާ އެތާކު ނެތެވެ.

މާހިރުގެ ހާސްކަމާއި ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ. އިސްތަށިގަނޑުގައި އަތް ހާކާލުމަށްފަހު، ކެމްޕަހުގެ ހިމޭން ސަރަހައްދުތަކާއި، ލައިބްރަރީ އަދި ފަހަތު ކޮރިޑޯތައް ބަލަން ފެށިއެވެ. ކޮންމެ ތަނެއް ބަލަމުން ދިޔައީ ނުތަނަވަސްކަމާއެކުގައެވެ.

ކުއްލިއަކަށް އޭނާގެ ހިތަށް ޚިޔާލެއް އައެވެ. ވަގުތުން ޕާކިންގް ސަރަހައްދަށް މިސްރާބު ޖެހިއެވެ. ރާމިޔާގެ ސްކޫޕީ ކުރިން ހުރި ތަނުގައި ހުރިތަން ފެނުމުން، އޭނާ ކެމްޕަހުން ބޭރަށް ނުދާކަން މާހިރަށް ޔަގީންވިއެވެ.

އޭނާ އަދިވެސް ހުރީ މިތަނުގައެވެ.

މި ޔަގީންކަމާއެކު، އޭނާއަށް ނުބެލި ހުރި ތަންތަނާ މެދު ވިސްނަން ފެށިއެވެ. ކުއްލިއަކަށް އަންހެން ކުދިންގެ ފާޚާނާގެ މަތިން ހަނދާންވިއެވެ. އެއީ އޭނާ ވަދެގެންވާނެ ތަނެއް ނޫންކަން އެނގުނު ނަމަވެސް، ރާމިޔާ އެތަނުގައި އެކަނި މާޔޫސްވެފައި ހުރެދާނެ ކަމުގެ ބިރުވެރިކަން އެ ހުރިހާ ކަމަކަށްވުރެ ބޮޑުވިއެވެ.

ފަސްޖެހުމެއް ނެތި އޭނާ ދޮރު ހުޅުވާލައި އެތެރެއަށް ވަނެވެ.

އެވަގުތު އެތަނުގައި ތިބި އަންހެން ކުދިންނަށް ލިބުނީ ބޮޑު ސިހުމެކެވެ. އެކުދިންގެ މޫނުމަތިން ރުޅިވެރިކަން ފެންނަން ހުއްޓެވެ. “ބްރޫ މީ އަންހެން ކުދިންގެ ވޮޝްރޫމޭ… ތިއީ ކޮންކަހަލަ ކަމެއް؟ އާރ ޔޫ އަ ޓްރާންސް އޯރ ސަމްތިން.. މިއީ ކަލޭ އަމަޔާ ބަފަޔާގެ ތަރިކަ މުދަލެއްނޫނޭ…” އެތަނުން އެއް ކުއްޖަކު ހަރުކަށި ރާގަކަށް ބުންޏެވެ. “މިއީ އަންހެން ކުދިންގެ ފާޚާނާއެއް، މިގޮތަށް މިތަނަށް ނުވަދެވޭނެ.”

ނަމަވެސް މާހިރުގެ ސަމާލުކަން އެ އަޑުތަކަކަށް ނެތެވެ. އޭނާގެ ދެލޯ ހޯދަމުން ދިޔައީ ހަމައެކަނި ރާމިޔާއެވެ. ހާސްވެފައި ހުރުމުގެ ސަބަބުން އޭނާގެ ނޭވާ އަވަސްވެފައިވާއިރު، އޭނާ އެތަނަށް ވަނީ ވަރަށް މުހިންމު ބޭނުމެއްގައިކަން އޭނާގެ ހަރަކާތްތަކުން ހާމަވެއެވެ.

“މިއީ އިންސާނެއްގެ ފުރާނައާ ގުޅިފައިވާ ކަމެއް،” އޭނާ ބުންޏެވެ. އޭނާގެ އަޑުގައި ހުރި ސާބިތުކަމާއި ސީދާކަމުން، އެ ބަސްތަކުގެ ފަހަތުގައިވާ ސީރިއަސްކަން އިހުސާސްވެއެވެ. ވަށައިގެން ތިބި މީހުންގެ ނުރުހުމުގެ ބަސްތަކަށް ފަރުވާލެއް ނުބަހައްޓައި އޭނާ އެތެރެއަށް ވަދެގެން ދިޔައީ، ރާމިޔާ އެކަނިމާ އެކަނި އެތަނުގައި ހާލުގައި ޖެހިފައި ހުރެދާނެ ކަމުގެ ބިރު، އެހެން ހުރިހާ ކަމަކަށްވުރެ ބޮޑުވުމުންނެވެ.

އެތަނުގައި ތިބި އަންހެންކުދިނ މާހިރާ ދިމާލަށް ހަރުކަށި އިބާރާތުން އެއްޗެހި ބުނަމުން ދިޔަ ނަމަވެސް، އޭނާގެ ސަމާލުކަން ހުރީ ރާމިޔާ ހޯދުމަށެވެ. މާހިރް އެމީހުންނަށް ދިނީ ބީރު ކަންފަތެކެވެ. އޭނާގެ ނަޒަރު މުޅި އެ ސަރަހައްދަށް ހިންގާލައި، ފެންނަން ހުރި ކޮންމެ ދިމާލެއް ބަލަމުން ދިޔައެވެ. ނަމަވެސް ހުރިހާ ވޮޝްރޫމެއް ހުރީ ބަންދުކޮށްފައެވެ. އެތަންތަނަށް ވަދެގަންނަން ވެއްޖެނަމަ އިތުރު ހަމަނުޖެހުމެއް އުފެދިދާނެތީ، އޭނާ ކުޑަކޮށް ފަސްޖެހުނެވެ. އެކުއްޖާ އޭނާއާ ކިތަންމެ ގާތުގައި ހުރެދާނެ ކަމަށް ހީވިޔަސް، އޭނާއަށް ކުރެވޭނެ ކަމެއް ނެތުމުން އޭނާގެ ހިތުގައި ނުތަނަވަސްކަން އުފެދުނެވެ.

އޭނާ ފިޔަވަޅެއް ކުރިއަށް ޖެހިލައި، ކުޑަވެސް އަޑެއް އިވޭތޯ ކަންފަތް ސުމާލުކޮށްލިއެވެ. ނަމަވެސް އެތަނުން އިވެނީ ވަށައިގެން ތިބި މީހުންގެ ނުރުހުމުގެ އަޑުތައް އެކަންޏެވެ. ކުރިއަށް ދާނެ ގޮތެއް ނޭނގި އޭނާ ހާސްވިއެވެ. އެކަމަކު، އެއިން ދޮރެއްގެ ފުރަގަހުގައި އެކަނިވެ، އެހީއަކަށް ބޭނުންވެފައި ރާމިޔާ ހުރެދާނެ ކަމުގެ ޝައްކު އޭނާގެ ހިތުން ފިލައިގެން ނުދެއެވެ.

އިރުކޮޅަކު އެތަނުގައި މަޑުކުރުމަށްފަހު، އޭނާ އެތަނުން ނުކުތުމަށް ނިންމިއެވެ. އެއީ އިތުރަށް އެތަނުގައި ހުރެއްޖެނަމަ މަސްލަހަތު ގޯސްވެދާނެތީއެވެ. އޭނާ ހަލުވިކަމާއެކު އެތަނުން ނުކުމެ ކޮރިޑޯއަށް ނުކުތްއިރުވެސް، އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ރާމިޔާ ނުފެނުމުގެ މާޔޫސްކަން އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އެކުއްޖާ އަދިވެސް ކޮންމެވެސް ތަނެއްގައި އެކަނި ހުންނާނެކަން ހިތަށް އެރުމުން، އެ ހޯދުން ހުއްޓާލުމަކަށް އޭނާގެ ޟަމީރު އެއްބަހެއް ނުވިއެވެ.

މާހިރު އެތަނުން ނުކުތީ ނުހަނު އަވަސް ފިޔަވަޅުތަކެއްގައެވެ. ކޮރިޑޯގެ ހުސްކަމުން އޭނާގެ ހާސްކަން އިތުރުވިއެވެ. އޭނާގެ އަމިއްލަ ފިޔަވަޅުގެ އަޑު މުޅި ތަނުގައި ގުގުމަމުން ދިޔައިރުވެސް، އޭނާގެ ހުރިހާ ފިކުރެއް ހުރީ ރާމިޔާ މި ކެމްޕަސް ތެރޭގެ ކޮންމެވެސް ތަނެއްގައި ހުންނާނެ ކަމުގެ ޔަގީންކަމުގެ މައްޗަށެވެ. އަދި ރާމިޔާ ހުރި ހާލެއް ނޭނގޭތީ އޭނާ އިންތިހާއަށް ކަންބޮޑުވިއެވެ. އޭނާ ކުޑަހިނދުކޮޅަކަށް މަޑުޖެހިލާފައި، ފުން ނޭވާއެއް ލުމަށްފަހު ފެކަލްޓީ ބްލޮކާ ދިމާލަށް މިސްރާބު ޖެހިއެވެ. އޭނާގެ ހިތުގައި އޮތީ ސާބިތު ނިންމުމެކެވެ. އަމިއްލައަށް ހޯދައިގެން ނުފެނުމުން، ދެން އޮތް ގޮތަކީ ކަމާބެހޭ އިސް ފަރާތްތަކުގެ އެހީތެރިކަން ހޯދުމެވެ. އެއީ މިކަމުގައި ފިޔަވަޅެއް އަޅައި، އޭނާގެ ވާހަކަ އަޑުއަހާނެ ބަޔަކު ބޭނުންވާތީއެވެ.

ފެކަލްޓީގެ ކޮރިޑޯގެ ތެރެއިން ފެންނަނީ އާދަޔާ ހިލާފު ހަމަހިމޭންކަމާއި، މާހައުލު ކޮންޓްރޯލް ކުރެވިފައިވާ ކަމުގެ އިހުސާސެކެވެ. އެތަނުގެ ތަރުތީބުކަމާއި، މާހިރުގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ވަނީ ވަރަށް ބޮޑަށް ފުށުއަރާފައެވެ. ހުއްދައަކަށް މަޑުކުރުމެއް ނެތި އޭނާ ޑީންގެ އޮފީހުގެ ދޮރު ކުއްލިއަކަށް ހުޅުވާލިއެވެ. ދޮރު ހުޅުވުނު އަޑާއެކު އެތެރޭގައި ތިބި އެންމެންގެ ސަމާލުކަން މާހިރަށް ހުއްޓުނެވެ. ކޮންމެވެސް ކަމެއް ވާން އުޅޭކަމުގެ އިހުސާސާއެކު މުޅި ތަނަށް ބަރު ހަމަހިމޭންކަމެއް ވެރިވިއެވެ. ބައެއް މީހުންގެ މޫނުމަތިން ހައިރާންކަން ފެންނައިރު، އަނެއް ބަޔަކު ތިބީ އޭނާގެ މި އަމަލުން އުނދަގޫވެ، ހިތްހަމަނުޖެހިފައެވެ.

ޑީން މަޑުމަޑުން އޭނާގެ މޭޒުން އިސްއުފުލާ ބަލާލިއެވެ. ކުރިމަތީގައި ހުރި މާހިރުގެ މޫނުމަތިން ފެންނަ ނުތަނަވަސްކަމާއި އަވަސް އަރުވާލާފައިވާ މިންވަރު ފެނިފައި ޑީންގެ މޫނުމަތީގެ ކުލަވަރު ކޮންމެވެސް ވަރަކަށް ބަދަލުވިއެވެ. މާހިރު ހުރީ އާދައިގެ ދަރިވަރަކު ކަމަކު އަންނަ ގޮތަށްވުރެ ބޮޑަށް ހާސްވެ، ކަންބޮޑުވެފައެވެ. ރަސްމީ އުސޫލުތަކަކަށް ނުވަތަ ސަލާމް ގޮވުމަކަށް މާހިރު މަޑެއް ނުކުރެއެވެ. ސަބަބަކީ ރާމިޔާ ނުފެނިގެން ހޭދަވާ ކޮންމެ ސިކުންތަކީ އޭނާއަށް ކެތްކުރަން އުނދަގޫ، ބޭކާރުވެގެންދާ ވަގުތުކޮޅަކަށް ވާތީއެވެ.

“އަޅުގަނޑަށް ތިޔަބޭފުޅާގެ އެހީތެރިކަން ބޭނުންވޭ،” އޭނާ ވަގުތުން ބުންޏެވެ. އޭނާގެ އަޑުގައި ހުރި ސާބިތުކަމާއެކުވެސް، ހިތުގައި އުފެދިފައިވާ ބިރުވެރިކަން ސިއްރުކުރެވޭ ގޮތެއް ނުވިއެވެ. މިހާރު އެ ކަންބޮޑުވުމަކީ އޭނާއަށް ކޮންޓްރޯލް ކުރެވޭވަރަށްވުރެ މާ ބޮޑު ކަމެކެވެ.

ޑީން ގޮނޑީގައި ލެނގިލަމުން، މާހިރުގެ ވާހަކަ މާބޮޑު ކަމަކަށް ނުހަދައި ދޫކޮށްލުމަށް ތައްޔާރުވެލިއެވެ. “މިއީ އޮފީހެއް،” އޭނާ ވަރަށް މަޑުމައިތިރިކަމާއެކު ބުންޏެވެ. އޭނާގެ ރާގުން ދޭހަވަނީ ކޮންމެ ހާލަތެއްގައިވެސް އަދަބުވެރިކަމާއި އުސޫލުތައް ހިފަހައްޓަން ޖެހޭނެ ކަމެވެ.

މާހިރު އެކަމަށް ސަމާލުކަމެއް ނުދެއެވެ. އޭނާއަށް މިވަގުތު އުސޫލުތަކަށްވުރެ މުހިންމީ އިންސާނިއްޔަތެވެ. އޭނާ މޭޒާ ކައިރިއަށް ފިޔަވަޅެއް އެޅިއެވެ. “ދަރިވަރަކު ގެއްލިގެން މިއުޅެނީ،” އޭނާގެ އަޑު މިފަހަރު ކުރިއަށްވުރެ ބާރުވިއެވެ. ހިތުގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމާއެކު ވާހަކަތައް އޮހިގަތެވެ. “މިއަދު އެންމެންގެ ކުރިމަތީގައި އެކުއްޖާއަށް ފުރައްސާރަކޮށް، އަނިޔާކުރި. އޭނާ އެތަނުން ދިޔަގޮތަށް، މި ކެމްޕަހުގެ އެއްވެސް ތަނަކުން އޭނާއެއް ނުފެނުނު.”

އޮފީހުގައި ތިބި ބައެއް މުވައްޒަފުން އެކަކު އަނެކަކަށް ބަލާލިއެވެ. ނަމަވެސް ޑީންގެ ފަރާތުން ފެނުނީ ހަމަހިމޭންކަމެވެ. އޭނާ މަސައްކަތް ކުރަމުންދިޔައީ މިކަމަށް އިހުސާސީ ގޮތުން ބަލުމުގެ ބަދަލުގައި، އިދާރީ އުސޫލަކުން މިކަން ނިންމާލެވޭތޯއެވެ. “ދަރިވަރުން ބައެއް ފަހަރު މިފަދަ ކަންކަމާ ދިމާވުމުން އެކަހެރިވާނެ،” ޑީން ބުންޏެވެ. “އޭގެ މާނައަކީ އެކުއްޖާ ގެއްލުނީއެކޭ ނޫން.”

މި ބަސްތަކުން މާހިރުގެ ހިތް ނުތަނަވަސްވިއެވެ. ރާމިޔާ ޒަޚަމްވެފައި، ރޮމުން ބިމުގައި އިށީނދެގެން އިން މަންޒަރު އޭނާގެ ލޯމައްޗަށް ސިފަވިއެވެ. އެއީ އޭނާގެ ހިތަށް ވަރަށް ބޮޑަށް ތަދުވި މަންޒަރެކެވެ. “އަޅުގަނޑު މިދައްކާ ވާހަކަ ތިޔަބޭފުޅާއަށް ފަހުމެއް ނުވޭ،” އޭނާގެ އަޑު ދަށްވި ނަމަވެސް، އެ އަޑުގައި ހުރީ ހަރުކަށިކަމެވެ. “އޭނާ ހުރީ ހަމައެކަނި ދެރަވެފައެއް ނޫން. އޭނާ ހުރީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވެފައި. އަޅުގަނޑު ހުރިހާ ތަނެއް ބަލައިފިން، އެކަމަކު އޭނާއެއް ނުފެނުނު.”

ޑީން އިރުކޮޅަކު މާހިރާ ދިމާލަށް ބަލަން އިނުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ. “ތިޔައީ މާ ބޮޑުކޮށްލައިގެން އުޅޭ ކަމެއް،” އޭނާ ބުންޏެވެ. “ކޮންމެ ކަމަކީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ނުބެލޭނެ. ދަރިވަރުންނަށް އެކި ކަންކަމާ ދިމާވާނެ، އެކަންކަން އެކުދިން އަމިއްލައަށް ހައްލުކުރަން ދަސްކުރަންވާނެ.”

މި ބަސްތައް މާހިރުގެ ކަންފަތަށް އިވުނީ ވަރަށް ނޭދެވޭ ގޮތަކަށެވެ. އެއީ ހަމައެކަނި ހިޔާލު ތަފާތުވުމެއް ނޫނެވެ. އެއީ އޭނާ ދުށް ހަގީގަތާ މުޅިން ޚިލާފު، ފަރުވާކުޑަ ބަސްތަކެކެވެ. މާހިރުގެ މޫނުމަތިން ރުޅިވެރިކަން ފާޅުވާން ފެށިއެވެ. އޭނާ ދެކޭގޮތުގައި ރާމިޔާގެ ހާލަތަކީ އާދައިގެ ކަމެއް ނޫނެވެ. މުޅި ކޮޓަރި ތެރެއަށް ބަރު ހަމަހިމޭންކަމެއް ވެރިވެފައި އޮތީ މާހިރުގެ ހިތުގައި އުފެދިފައިވާ އިހުސާސްތަކާއި ޑީންގެ ފަރުވާކުޑަ ބަސްތައް ފުށުއަރާތީއެވެ.

“އޭނާއަށް ކަމެއް ވެއްޖެނަމަ… އޭނާ އަމިއްލައަށް މަރުވެއްޖެނަމަ ކަލޭ އޭގެ ޒިންމާ ނަގާނަންތަ؟” މާހިރު މަޑުމައިތިރިކަމާއެކު، ނަމަވެސް މުޅި ތަނަށް ނުތަނަވަސްކަން ފެތުރޭފަދަ ހަރުކަށި ރާގަކަށް ބުންޏެވެ. “އެކަން އެގޮތަށް މެދުވެރިވާނީ، ތިޔަ ފަދަ ބޭފުޅުންގެ ކުރިމަތީގައި ހިނގަމުންދާ ކަންކަމަށް ލޯ މަރާލައިގެން ތިއްބެވީމައެވެ.”

އެހިސާބުން ޑީންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ، އޭނާގެ ކެތްތެރިކަން ކޮޅުންލައިފިކަން ހާމަވިއެވެ. އަދި ދޮރާ ދިމާއަށް އިޝާރާތް ކުރަމުން، ކުރިއަށްވުރެ ބާރުލާފައި އޭނާ ބުންޏެވެ. “ކަލޭމެންނަކީ ދަރިވަރުން. ކިޔަވައިދޭ މުދައްރިސުންނާ ތިޔަފަދަ ގޮތަކަށް ވާހަކަ ދައްކައިގެން ނުވާނެ. މިހާރުން މިހާރަށް މި އޮފީހުން ނުކުމޭ.”

މާހިރު ވަގުތުން އެތަނަކުން ގުޑައެއް ނުލައެވެ. އޭނާ ޑީންއާ ދިމާއަށް ބަލަހައްޓައިގެން ހުރީ، އިތުރަށް ދައްކާ ވާހަކައަކުން އެއްވެސް ނަތީޖާއެއް ނުކުމެދާނެތޯ ވިސްނާ ފަދަ ގޮތަކަށެވެ. ނަމަވެސް، ވަގުތު ފާއިތުވަމުންދާކަން އިހުސާސްވުމާއެކު، އެތަނުގައި މަޑުކޮށްގެން ހުރުމަކީ ރާމިޔާއަށް ލިބޭނެ އެއްވެސް އެހީއެއް ނޫންކަން އޭނާއަށް ވިސްނުނެވެ.

އެއްވެސް ބަހެއް ބުނުމެއް ނެތި، އޭނާ އެނބުރި ހިނގައިގަތެވެ. ކޮރިޑޯއަށް ނުކުމެގެން ދިޔައިރުވެސް، އޭނާގެ ހިތާއި ސިކުނޑީގައި ވަނީ ރާމިޔާ ވީތަނެއް ނޭނގުމުގެ ނުތަނަވަސްކަމެވެ. އޮފީހުން ބޭރަށް ނުކުތުމާއެކު، ފެކަލްޓީގެ އަޑުތައް ކެނޑި، އަނެއްކާވެސް އޭނާގެ ހޯދުންތަކުގެ ބިރުވެރި ހަމަހިމޭންކަން މުޅި ތަނަށް ފެތުރިގެން ދިޔައެވެ. މާހިރު ފުން ނޭވާއެއް ދޫކޮށްލަމުން ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލިއެވެ. އޭނާގެ ހިތުގައި އުފެދިފައިވާ މާޔޫސްކަމާއި ނިކަމެތިކަން، ހަމައަކަށް އެޅޭގޮތެއް ނުވިއެވެ.

ހަމަ އެ އިމާރާތުގެ ކޮންމެވެސް ހިސާބެއްގައި، އެއްވެސް މީހަކަށް ނުފެނި އަދި އަޑު ނީވޭގޮތަށް، ރާމިޔާ އަދިވެސް އިނީ އެ ކުޑަ ގޮޅީގައެވެ. އޭނާގެ ލޮލުން ފައިބަމުންދާ ކަރުނަތަކަކަށް ހުއްޓުމެއް ނެތެވެ. ނޭވާލުމުގެ ތަރުތީބު ވަނީ ގެއްލިފައެވެ. އޭނާ ހޯދުމުގައި ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުންދާ ހަމައެކަނި މީހާއަށް، ދެން ހޯދާނެ އިތުރު ތަނެއް ނެތިގެން އެދަނީ އުއްމީދު ކެނޑެމުންކަން އޭނާއަށް އެއްވެސް ވަރަކަށް ނޭނގެއެވެ.

މާހިރު ފެކަލްޓީ އިމާރާތުން ބޭރަށް ނުކުތީ ދެވޭ ނުދެވޭ ތަނެއް ނޭނގޭ ފަދަ ހާލަތެއްގައެވެ. އޮފީސް ތެރޭގައި ހުރި ގަދަ އަޑުފަށާއި، ޑީންގެ ފަރުވާކުޑަ ވާހަކަދެއްކުމުގެ ރޫހުގެ އިތުރުން، ރާމިޔާ ގެއްލުމުގެ ހާދިސާއަށް އެކަށީގެންވާ ސަމާލުކަމެއް އެއްވެސް މީހަކު ނުދޭކަން އިހުސާސްވުމުން، އޭނާގެ ސިކުނޑި ވަނީ ވަރަށް ބޮޑަށް ސުވާލުތަކުން ފުރިފައެވެ. ވަށައިގެންވާ މާހައުލަކީ އޭނާއާ ބީރައްޓެހި ތަނެއް ފަދައިން އިހުސާސްވާން ފެށިއެވެ. ކޮރިޑޯ ތެރޭގައި ދަރިވަރުންގެ ހަރަކާތްތައް ހުރީ ކުރިއެކޭވެސް އެއްފަދައިންނެވެ. އެކި ގްރޫޕްތަކުގެ ވާހަކަތަކާއި، އާންމު ދިރިއުޅުމުގެ ހަލަބޮލިކަމެވެ. ނަމަވެސް، މާހިރަށް މި މަންޒަރުތައް ފެންނަނީ ހަގީގަތެއް ނެތް ކަންތައްތަކެއްގެ ގޮތުގައެވެ. އޭނާގެ ހިތާއި ސިކުނޑި ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ފެނުނު މަންޒަރެއްގައި ހައްޔަރުވެފައެވެ. އެއީ ރާމިޔާ ބިމަށް ވެއްޓި، އަނިޔާވެފައި އޮވެ ކަރުނަ އަޅަމުންދިޔަ މަންޒަރެވެ. އެހެން މީހުން އެ މަންޒަރު ބަލައި ހީނ މަޖާކުރަމުން ދިޔައީ، އެއީ އެމީހުންނަށް ލިބުނު މުނިފޫހިފިލުވުމެއް ފަދައިންނެވެ.

ކެމްޕަހުގެ ތަންކޮޅެއް ހަމަހިމޭން ސަރަހައްދަކަށް ދެވުނުއިރު، އޭނާގެ ފިޔަވަޅުތައް މަޑުޖެހެމުން ދިޔައެވެ. ހިޔާކޮށްފައިވާ ކޮރިޑޯއެއްގެ ދަށުގައި ހުރި ހުސް ބެންޗެއްގެ ކައިރީގައި އޭނާ މަޑުޖެހިލިއެވެ. އެއީ ގަސްތުގައި ނިންމި ނިންމުމަކަށްވުރެ ބޮޑަށް، އޭނާގެ ހަށިގަނޑު ވަރުބަލިވެ އިތުރަށް ކުރިއަށް ދިއުމަށް އިންކާރުކުރީ ކަހަލައެވެ. އެތަނުގައި ހުއްޓި ހުރިއިރު، އޭނާގެ ނޭވާ އަވަސްވެ، މޭމައްޗަށް ބަރުވެފައިވާ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ. އެންމެފަހުން، ހިތްވަރު އެލިފައިވާ މީހަކު ފަދައިން، މަޑުމަޑުން އެ ބެންޗުގައި އިށީނދެއްޖެއެވެ.

އޭނާ އިށީނދެގެން އިނީ އެއްވެސް ހަރަކާތެއް ކުރަން ނޭނގިފައެވެ. ކަކޫމަތީގައި އުޅަނބޮށި ވިއްދާލައިގެން އިނދެ، ދެއަތުން މޫނު ފޮރުވާލިއެވެ. ނިތްކުރީގައި އަތުން ބާރަށް ފިތާލުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނު ނަމަވެސް، ހިތުގައި އުފެދިފައިވާ ތޫފާނަކަށް ބަދަލެއް ނައެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު، ރާމިޔާގެ ސޫރަ އޭނާގެ ލޯމައްޗަށް ސިފަވަނީ ނުހަނު އަސަރާއެކުގައެވެ.

ރާމިޔާއެވެ.

އޭނާއަށް ސިފަވަނީ ހަމައެކަނި މިހާރު ގެއްލިފައިވާ އަންހެން ކުއްޖެއްގެ ގޮތުގައެއް ނޫނެވެ. އޭނާގެ ލޯމަތިން ފެންނަނީ މީގެ އިރުކޮޅެއް ކުރިން ބިމަށް ވެއްޓިފައި އޮތް ރާމިޔާއެވެ. ކޮންޓްރޯލް ނުކުރެވޭ ކަރުނަތަކުން ފުރިފައިވާ ދެލޮލާއި، ލޭ ހިލިފައިވާ އަތާއި، އަދި އަމިއްލަ ނަފްސު ބަލިކަށިވެފައިވާ ހާލުގައިވެސް އޭނާ ހުއްޓުވަން ކުރި މަސައްކަތެވެ. އެ ހަނދާންތައް އޭނާގެ ސިކުނޑިއަށް ބާރުފޮނުވަނީ ވަރަށް ވޭނީ ގޮތަކަށެވެ. އެ މަންޒަރުތަކުން ސަލާމަތްވުމަށް ކުރާ ކޮންމެ މަސައްކަތެއް ވަނީ ނާކާމިޔާބެވެ.

އެހިނދު، އޭނާގެ ސިކުނޑީގެ ފުންމިނުން ލަވައެއްގެ ރާގު އިވެން ފެށިއެވެ. އެއީ ވަށައިގެންވާ މާހައުލުން އިވޭ އަޑެއް ނޫނެވެ. އެއީ އޭނާގެ ހިތުގެ ވޭނާއި ހަނދާންތަކާ ގުޅިފައިވާ އަސަރުގަދަ އަޑެކެވެ.

އެ ލަވައިގެ ކަޑިތައް އޭނާގެ ހިތުގައި ގުގުމާލިއެވެ.

“ތުމް އިތުނާ ޖޯ މުސްކުރާ ރަހޭ ހޯ…” (ތިހާ ބޮޑަށް ތިޔަ ހިނިތުންވަނީ ކީއްވެ ހެއްޔެވެ؟)

އެ ބަސްތައް އޭނާގެ ހިތަށް ގެނެސްދިނީ ބަޔާންކުރަން ދަތި ބަރުދަނެކެވެ. އޭނާއަށް އިހުސާސްވީ އެއީ ރާމިޔާއާ މުހާތަބުކޮށް ބުނެވޭ ބަސްތަކެއްގެ ގޮތުގައެވެ. ހުރިހާ ކަމެއް ބުރަބަދަލުވެފައިވާ ހާލުގައިވެސް، އޭނާގެ ހިތާމަތައް ފޮރުވަން މަސައްކަތްކުރި ގޮތެވެ. އޭނާއާ ދިމާލަށް ހަރުކަށިކޮށް ވާހަކަދެއްކީ ނަފުރަތު ކުރާތީއެއް ނޫނެވެ. އޭނާގެ ހަޔާތުގައިވާ ހިތްދަތިކަމުން މާހިރު ދުރުކުރުމުގެ ނިޔަތުގައެވެ. އެ ޚިޔާލުތަކުން މާހިރުގެ މޭގައި ރިއްސާލިއެވެ.

“ތުމް އިތުނާ ޖޯ މުސްކުރާ ރަހޭ ހޯ…”

އެ ބަސްތައް އޭނާގެ ހިތުގައި އަނެއްކާވެސް ގުގުމާލިއެވެ. މިފަހަރު މާ މަޑުމައިތިރިކޮށެވެ. އޭނާގެ އަމިއްލަ ނަފްސު ހަމަޖައްސަން މަސައްކަތްކުރާ ފަދަ ބާރުމިނެއްގައި، މޫނުމަތީގައި އަތްއަޅައި ބާރުކޮށްލިއެވެ. އޭނާގެ ކުރިމަތިން ފެނުނު އެ އަންހެން ކުއްޖާގެ ނާޒުކު ސިފައާއި، އޭނާގެ އަޑުން ދައްކަން އުޅުނު ހިތްވަރުގަދަކަމާ ދެމެދު ހުރި ތަފާތުތައް ގަބޫލުކުރަން އޭނާއަށް ދަތިވިއެވެ. އެކުއްޖާގެ ކޮންމެ ހަރަކާތަކުން ފެންނަނީ ހައްލުކުރަން ނޭނގޭ ފަދަ އޮޅުންބޮޅުން ބޮޑު ސިފަތަކެކެވެ.

“ތިޔަ ފޮރުވަން އުޅެނީ ކޮންފަދަ ހިތާމައެއް ހެއްޔެވެ؟”

އެ ބަސްތައް އޭނާގެ ސިކުނޑީގައި ކުރަހާލެވުނީ ދެންމެދެންމެ ވާން އުޅޭ ކަމެއްގެ ސިފައެއްގައެވެ. މިއަދު ހުރިހާ ކަމެއް ބޮއްސުންލައިގެން ދިއުމުގެ ކުރިން، އެހެން މީހުންގެ ކުރިމަތީގައި ރާމިޔާ ހިނިތުންވެ ހުރި ގޮތް އޭނާ ހަނދާންވިއެވެ. މުޅި ދިރިއުޅުން ބިމާ ހަމަވަމުން ދިޔައިރުވެސް، އާދައިގެ ގޮތެއް ދައްކަން ރާމިޔާ ކުރި މަސައްކަތް އޭނާގެ ހިތަށް އެރިއެވެ. އެހެން މީހުންނަށް ފެންނަ ވަރަށް ވުރެ މާ ބޮޑު ތަކުލީފެއް އެކުއްޖާ އުފުލަމުންދާކަން އެނގުމުން މިހާރު އޭނާއަށް އެއްވެސް ހައިރާންކަމެއް ނުލިބެއެވެ. ނަމަވެސް، އެކަން އިހުސާސްވާ ކޮންމެ ފަހަރަކު އޭނާގެ ހިތުގައި އަޅާ ވޭން ދަނީ އިތުރުވަމުންނެވެ.

ހަނދާންތައް އާވުމާއެކު އޭނާގެ ނޭވާ އަވަސްވެ، ހަމަޔަކުން ނެއްޓުނެވެ. އޭނާ ދާން ބުނި ވަގުތު ރާމިޔާ އަޑުގައި ހުރި މަޑުމޮޅިކަން އޭނާގެ ކަންފަތުގައި ގުގުމަން ފެށިއެވެ. ބާރު އަޑުން ވާހަކަ ދައްކަން އުޅުނަސް، އެ އަޑުގައި ހުރި ތުރުތުރުލުން އޭނާއަށް ފާހަގަވިއެވެ. އެއީ އެހެން މީހުންނަށް ހީވާ ފަދަ ނުރުހުމެއް ނޫނެވެ. އެއީ އިންތިހާއަށް ބިރުގަނެފައި ހުރި މީހަކު، އެހެން މީހުން ސަލާމަތްކުރުމަށްޓަކައި ދުރުވާން ކުރި އާދޭހެކެވެ. އަމިއްލަ ނަފްސުގެ ސަބަބުން އެހެން މީހަކަށް ގެއްލުމެއް ލިބިދާނެތީ އުފެދުނު ބިރުވެރިކަމެކެވެ.

“ލޮލުގައި ކަރުނައެވެ. ތުންފަތުގައި ހިނިތުންވުމެކެވެ.”

ލޯ މަރައިގެން ހުރި ނަމަވެސް، ރާމިޔާގެ މޫނު ހިތަށް ސިފަވުމާއެކު އޭނާގެ މޫނުމަތިން ނުތަނަވަސްކަން ފެނުނެވެ. މީހުންގެ ކުރިމަތީގައި ރާމިޔާ ހިތްވަރުގަދަވާން އުޅޭ ގޮތާއި، ލޮލުން ކަރުނަ ފާޅުވާން ހުއްޓާ ގަދަކަމުން ތުންފަތަށް ގެންނަ ހިނިތުންވުން އޭނާގެ ހިތް ކުދިކުދިކޮށްލިއެވެ. އެފަދަ ކިތައް މަންޒަރު އޭނާއަށް މާނަ ނޭނގި ފެނިފައި ހުންނާނެބާވައޭ ހިތަށް އެރުމުން އޭނާ އިންތިހާއަށް ކަންބޮޑުވިއެވެ.

“ތިޔަ އުޅޭ ހާލަކީ ކޮބައިހެއްޔެވެ؟ އަދި ތިޔަ ދައްކަނީ ކޮން ސިފައެއް ހެއްޔެވެ؟”

އެ ސުވާލުގެ ޖަވާބު އޭނާއަށް މިހާރު ވަރަށް ރަނގަޅަށް އެނގެއެވެ. އެހެން މީހަކަށް އެކަން އިހުސާސް ނުވި ނަމަވެސް، ރާމިޔާގެ އުޅަނބޮށިން އޮހެމުންދިޔަ ލޭތަކާއި، ކޮޅަށް ތެދުވަން އުޅުނު ހާލާއި، އޭނާ ދާން އެދި ރޮމުން ކުރި އާދޭސް އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވެއެވެ. މި ހުރިހާ ކަމެއް އެއްފަހަރާ ހިތަށް އެރުމުން، އޭނާއަށް އުފުލަން ދަތި ބަރުދަނެއް ހިތަށް އިހުސާސްވަމުން ދިޔައެވެ.

“ތިޔަ ބޮމުންދާ ކަރުނަތައް، މަޑުމަޑުން ވިހައަކަށް ވެދާނެއެވެ.”

މި ޚިޔާލުތަކާއެކު އޭނާގެ ހިތުގައި ފުރަތަމަ ފަހަރަށް ބިރުވެރިކަން އުފެދުނެވެ. އެއީ ހަމައެކަނި ރާމިޔާއަށް ބޭރުފުށުން ކުރިމަތިވަމުންދާ ކަންކަމަކަށް ނޫނެވެ. ނަމަވެސް، އެއްވެސް މީހެއްގެ އެހީތެރިކަމެއް ނެތި މި ހިތްދަތިކަމެއްގެ ތެރޭގައި އެކަނިމާ އެކަނި ރާމިޔާ ބަންދުވެފައި ހުރެއްޖެނަމަ، އެތެރެހަށީގައި އުފެދޭނެ ވޭނާ މެދުގައެވެ. މީހަކު މެދުކެނޑުމެއްނެތި ކުރިމަތިވާ ފިއްތުންތަކާއި، އިހާނެތިކަމާއި، އެކަހެރިކަމުގެ ތެރޭގައި މަޑުމަޑުން ހަލާކުވެގެންދާނެކަން އިހުސާސްވުމުން، އޭނާއަށް ކުރެވުނީ ބިރުވެރި އަދި ބަރުދަން ބޮޑު އިހުސާސެކެވެ.

“ތިޔަ ބޮމުންދާ ކަރުނަތަކެވެ.”

އޭނާ ވަރަށް ދަތިކަމާއެކު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އޭރުވެސް އޭނާގެ މޫނު އޮތީ ދެއަތުން ފޮރުވައިގެންނެވެ. އެ ހިތާމަތައް އޭނާގެ ހަށިގަނޑުގެ ވަރުބަލިކަމަށްވުރެ މާ ބޮޑަށް ބަރުވެއްޖެއެވެ. އެއީ ހަމައެކަނި ރުޅިވެރިކަމެއް ނޫނެވެ. އަދި ހަމައެކަނި ކަންބޮޑުވުމެއްވެސް ނޫނެވެ. އެއީ އެއަށްވުރެ މާ ބޮޑަށް އޮޅުންބޮޅުންވެފައިވާ، އެހީތެރިކަމެއް ނުފޯރުވޭ ފަދަ ގާތްކަމަކާއި، އޭނާ ދުވަހަކުވެސް އެދިފައިނުވާ ނަމަވެސް މިހާރު ދޫކޮށްލެވެން ނެތް މަސްއޫލިއްޔަތެއްގެ އިހުސާސެކެވެ.

“ވަގުތާއެކު ފަސޭހަވާން ފަށާފައިވާ ޒަޚަމްތަކެވެ.”

އޭނާގެ ސިކުނޑި އަނެއްކާވެސް ރާމިޔާއަށް ލިބިފައިވާ އަނިޔާތަކަށް ހުށަހެޅުނެވެ. އެއީ ހަމައެކަނި ލޮލަށް ފެންނަން ހުރި ޒަޚަމްތަކެއް ނޫނެވެ. މީހުންނަށް ދައްކާ ސިފައިގެ އަޑީގައި ފޮރުވިފައިވާ، އޭނާއަށް މިހާރު އިހުސާސްވާން ފަށާފައިވާ ފުން ޒަޚަމްތަކެވެ. ހަމައެކަނި ވަގުތާއެކު ފަސޭހަ ނުކުރެވޭނެ ފަދަ ނަފްސާނީ އަނިޔާތަކެއް މީހަކު އުފުލަމުންދާކަން އެނގުމުން އޭނާ ވަރަށް ބޮޑަށް ނުތަނަވަސްވިއެވެ. ސަބަބަކީ، މިއަދު އޭނާއަށް ފެނުނު ކަންތައްތަކަކީ ހަމައެކަނި އެއްފަހަރު ދިމާވި ކަމެއް ނޫންކަމާއި، އެއީ މެދުކެނޑުމެއްނެތި ހިނގަމުންދާ ކަމެއްގެ ބައެއްކަން އޭނާއަށް ޔަގީންވާތީއެވެ.

“މި ބިންމަތީ ދިރިހުރުމުގެ އަގެއް ނެތީ ހެއްޔޭ؟”

ރާމިޔާގރ  ވަށައިގެން ތިބި މީހުން އޭނާއާ މެދު ކަންތައް ކުރި ގޮތް ހަނދާންވުމުން މާހިރުގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އެހީތެރިވުމުގެ ބަދަލުގައި މީހުން މަލާމާތްކޮށް ހޭތަނާއި، ކަމާބެހޭ ފަރާތްތަކުން ވެސް އެ ފެންނަ ބޮޑު ގޯހަށް ފަރުވާކުޑަކޮށްލި ގޮތް އޭނާގެ ހަނދާނަށް އައެވެ. އޭނާގެ ހިތުގައި އުފެދުނީ ހަމައެކަނި ނުރުހުމެއް ނޫނެވެ. އަމާން ތަނެއްގެ ގޮތުގައި އޮންނަންޖެހޭ މާހައުލެއްގައި މިފަދަ ކަންކަން ހިނގާއިރު، އެއީ އާދައިގެ ކަމެއްގެ ގޮތުގައި ބަލައިގަންނަން އޭނާގެ ޟަމީރު ދެކޮޅުހެދިއެވެ.

“ތިޔަ ފޮރުވަން އުޅެނީ ކޮންފަދަ ހިތާމައެއް ހެއްޔެވެ؟”

އެ ސުވާލު އޭނާގެ ހިތުގައި އަނެއްކާވެސް ގުގުމާލިއެވެ. މިފަހަރު އެއީ ހަމައެކަނި ހިތަށްއައި ޚިޔާލެއް ނޫނެވެ. އެއީ ރާމިޔާ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން އޭނާގެ ފަރާތުން ފާހަގަވި ކަންކަމުގެ މައްޗަށް ބިނާވެފައިވާ ފުން އިޙްސާސެކެވެ. އޭނާ މާހިރު ދުރުކުރަން މަސައްކަތްކުރާ ކޮންމެ ފަހަރަކީ އޭނާގެ ހިތުގައި އެއްވެސް އިޙްސާސެއް ނެތުމުން ކުރާ ކަމެއް ނޫންކަން މާހިރަށް މަޑުމަޑުން ވިސްނެން ފެށިއެވެ. އެއީ އޭނާގެ ސަބަބުން އެހެން މީހުންނަށް ދެރައެއް ލިބިދާނެ ކަމަށް އޭނާ އަމިއްލައަށް ގަބޫލުކުރާތީ ކުރާ ކަމެކެވެ.

އެ ވިސްނުމާއެކު މާހިރު އިރުކޮޅަކު ހިމޭންވިއެވެ. އަދި އޭނާގެ ހިތުގައި އުފެދިފައިވާ ރިހުން އިތުރަށް ފުންވިއެވެ.

މާހިރަށް ފުރަތަމަ ފަހަރަށް ވިސްނުނު ގޮތުގައި، ހަމައެކަނި ޖިސްމާނީ ގޮތުން އޭނާ ހޯދުމަކުން ނުފުދެއެވެ. މި ކެމްޕަސް ތެރެއިން އޭނާ ފެނުނަސް، ނަފްސާނީ ގޮތުންނާއި އިޙްސާސްތަކުގެ ގޮތުން އޭނާ ގެއްލިފައިވާ ފުން ވަޅުގަނޑުން އޭނާ ނެރުމަކީ މާ އުނދަގޫ ކަމެކެވެ. މާހިރު އޭނާގެ މޫނުމަތިން އަތް ނެގި ނަމަވެސް، ވަގުތުން އިސްއުފުލައެއް ނުލިއެވެ. އެވަގުތު އޭނާގެ ހިތަށް ކުރަމުންދިޔަ ބަރުދަނުގެ ސަބަބުން އަވަސް ހަރަކާތެއް ކުރާނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ.

އެ ބެންޗުގައި އޭނާ އިނީ އެއްވެސް ހަރަކާތެއް ނެތި، ނޭވާލާން ވެސް އުނދަގޫވެފައިވާ ހާލެއްގައެވެ. އޭނާގެ ހިތުގައި އެ ލަވައިގެ ކަޑިތައް އަދިވެސް ގުގުމަމުންދެއެވެ. ކޮންމެ މަޖުބޫރު ހިނިތުންވުމެއްގެ ފަހަތުގައި، އެއްވެސް މީހަކަށް ސާފުކޮށް ނުފެންނަ، ކުދިކުދިވަމުންދާ ހިތެއް ފޮރުވިފައިވާކަން އެ ލަވައިން ހަނދާންކޮށްދޭ ކަހަލައެވެ.

****

ޖޫލީ ބަދިގޭގައި ހުރީ ވަރަށް ހިމޭންކަމާއެކުގައެވެ. ހެނދުނުގެ މަޑު އަލިކަން ކުޑަދޮރުގެ ފޮތިގަނޑުތަކުގެ ތެރެއިން ވަދެ، އޭނާ ހުރި މޭޒުމައްޗަށް އެޅިފައި ހުއްޓެވެ. އޭނާ ވަރަށް ފަރުވާތެރިކަމާއެކު ޒުނާމަށް ކޮފީ ތައްޔާރުކުރަމުން ދިޔައީ، އަމިއްލަ ދިރިއުޅުމުގެ ހުރިހާ ކަމެއް އަތުން ބުރޫއަރަމުންދާ ކަމުގެ އިހުސާސް ކުރެވޭތީ، މިފަދަ ކުދިކުދި އާދަކާދަތަކުން ނަމަވެސް ހިތްހަމަޖެހުމެއް ހޯދުމުގެ ނިޔަތުގައެވެ. ފެން އޮއްސާލާ އަޑާއި، ސަމުސާ ޖެހޭ އަޑުން ހެނދުނުގެ ހިމޭންކަމަށް ދިރުމެއް ލިބުނު ނަމަވެސް، ޖޫލީގެ ހިތުގައި ވަނީ ބަޔާންކުރަން ދަތި ބަރުދަނެކެވެ. އެއީ އެއްވެސް މީހަކަށް ކިޔައިދޭން ނުކެރިފައިވާ ފުން ޚިޔާލުތަކަކުން އުފެދިފައިވާ ނުތަނަވަސްކަމެކެވެ.

ބަދިގެއަށް މީހަކު ވަން އަޑު އިވުމާއެކު ޖޫލީގެ އިނގިލިތައް ސަމުސަލުގައި ބާރުކޮށްލިއެވެ. ފަހަތަށް އެނބުރި ބަލާނުލި ނަމަވެސް، އެއީ ކާކުކަން އޭނާއަށް ވަގުތުން އެނގުނެވެ. އެއީ ފާއިތުވި ވަގުތުތަކުގައި އޭނާ އާދަވެފައިވާ ނުތަނަވަސްކަމެއް އެކުލެވިގެންވާ ހާޒިރީއެކެވެ. ހެލީ ވަރަށް މަޑުމަޑުން އެތެރެއަށް ވަދެ، ޖޫލީއަށް އުނދަގޫނުވާނެހެން މަޑުކޮށްލިއެވެ. ނަމަވެސް، ޖޫލީގެ ނަޒަރު ހެލީއަށް ހުއްޓުމާއެކު، އޭނާގެ ހިތުގައި ނުރުހުންތެރިކަން އުފެދުނެވެ. އަދި އެއްވެސް ފަރުވާލެއް ނެތްކަން ދެއްކުމުގެ ގޮތުން ލޯ އަނބުރާލުމަށްފަހު، އަލުން ކޮފީ ތައްޔާރުކުރުމަށް ސަމާލުކަން ދިނެވެ. އޭނާ ބޭނުންވީ ހެލީގެ ހާޒިރީއަކީ އަޑުއިވޭ ބޭކާރު އަޑެއް ފަދަ އެއްޗަކަށް ހަދާށެވެ.

ހެލީ މޭޒު ކައިރީގައި މަޑުކޮށްލައި، ޖޫލީގެ މޫނުމަތީގެ ކުލަވަރު ދެނެގަތުމަށް މަސައްކަތް ކުރިއެވެ. އަދި ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ދުރުމިން ކުޑަކުރުމުގެ ނިޔަތުގައި، ވަރަށް މަޑުމައިތިރިކަމާއެކު ޖޫލީއަށް ގޮވާލިއެވެ. “ޖޫލީ،” އޭނާ ވަރަށް އޯގާތެރިކަމާއެކު ބުންޏެވެ. ނަމަވެސް ޖޫލީ އެއްވެސް ޖަވާބެއް ނުދިނެވެ. އޭނާގެ އެ ހިމޭންކަމަކީ ގަސްތުގައި ކުރި ކަމެކެވެ. ހެލީއަށް ސަމާލުކަން ދިނުމަކީ އޭނާގެ ހަކަތަ ބޭކާރުކޮށްލުން ކަމުގައި އޭނާ ދެކުނެވެ.

ޖޫލީގެ ހަށިގަނޑުން ފެންނަނީ ހަރުކަށިކަމެވެ. އޭނާ ކޮފީ ތައްޔާރުކުރަމުން ދިޔައިރު، ކޮނޑުމަތިންނާއި ހަރަކާތްތަކުން ނުތަނަވަސްކަން ފާޅުވެއެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ރުޅިވެރިކަމަކީ ހަޅޭއްލަވައިގަންނަ ފަދަ ބާރު ރުޅިއެއް ނޫނެވެ. އެއީ ހިތުގެ ފުނުގައިވާ، ދާއިމީ ތަދަކާއި ވޭނަކުން އުފެދިފައިވާ ހިމޭން ޝަކުވާއެކެވެ. އޭނާގެ މި ރުޅިވެރިކަން ހަމައެކަނި ކައިރީގައި ހުރި ހެލީއަކަށް ނޫނެވެ. އެއީ އޭނާގެ ދިރިއުޅުމުގެ ހަގީގަތަކަށް ވެފައިވާ ހިތްދަތި ކަންތައްތަކަކަށް އަމާޒުވެފައިވާ ރުޅިއެކެވެ.

މި ހުރިހާ ކަމެއްގެ އަސްލަކީ ފަސޭހައިން ހަނދާން ނައްތާލެވޭނެ ކަންތައްތަކެއް ނޫނެވެ. ހެލީ ބަނޑުބޮޑުވުމާއި، ބައްޕަ ރާޒިގު ވީ ހިޔާނާތުގެ ސަބަބުން މުޅި އާއިލާގެ ބިންގާ ވަނީ ބައިބައިވެފައެވެ. ހެލީ އޭނާގެ ކުރިމަތީގައި ހުރި ނަމަވެސް، ޖޫލީގެ އަސްލު ރުޅިވެރިކަން އަމާޒުވަނީ އެތަނުގައި ނެތް މީހަކަށެވެ. އެއީ އޭނާގެ ބައްޕަ ރާޒިގަށެވެ. ބައްޕަގެ އަމަލުތަކުގެ ސަބަބުން އިތުބާރު މުގުރާލައި، އާއިލީ ދިރިއުޅުމުގެ އޮނިގަނޑު ވަނީ ބަދަލުވެފައެވެ. އަދި މިކަމުގެ ސަބަބުން ފާތުމައަށް ކުރިމަތިލާން ޖެހިފައިވާ ހިތްދަތި ހާލަތަކީ އޭނާ ދުވަހަކުވެސް ހައްގުވާ ކަމެއް ނޫނެވެ.

ޖޫލީގެ ފަރާތުން އެއްވެސް އިޖާބައެއް ނުލިބުމުން، ހެލީއަށް އެކަން ފާހަގަކުރެވިގެން ކަންނޭނގެއެވެ. އޭނާ ކުޑަކޮށް ގުޑިލުމަށްފަހު އަލުން ވާހަކަދައްކަން މަސައްކަތް ކުރިއެވެ. އޭނާގެ އަޑުގައި މަޑުމައިތިރިކަން ހުރި ނަމަވެސް، ބަދިގެތެރެއަށް ނަޒަރު ހިންގާލިއިރު ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ފާޅުވާން ހުއްޓެވެ. “އަހަރެން ހިތަށްއެރީ،” މާހައުލުގެ ގޮތް ބަލަމުން ވަރަށް ބަލައިގެން ބަސްތައް އަތުރާލަމުން އޭނާ ބުންޏެވެ. ” ބައްޕަ އެހާ ރިޗުއިރު މިގޭގައި މަސައްކަތްކުރާނެ މީހުން ނުބައިތިއްބަނީ ކީއްވެބާވައޭ؟ މިއީ ވަރަށް ބޮޑު ގެއެއް، މިތަން ބެލެހެއްޓުމަކީ ޖޫލީއާއި ފާތުމައަށް ވަރަށް ބުރަ ކަމަކަށް ވާނެކަން ޔަގީން.”

މި ސުވާލާއެކު މުޅި މާހައުލަށް ކުޑަވަގުތުކޮޅަކަށް ހިމޭންކަން ވެރިވެގެން ދިޔައެވެ. ޖޫލީ ކުރަން ހުރި މަސައްކަތް ހުއްޓާލުމަށްފަހު، އަތުގައި އޮތް ސަމުސާ ބޭއްވީ ވަރަށް ބޮޑަށް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަމުންނެވެ. އޭނާ ހެލީއާ ދިމާއަށް އެނބުރުނުއިރު، މޫނުމަތިން ރުޅިވެރިކަން ނުދެއްކި ނަމަވެސް، އޭނާގެ ބެލުމުންނާއި ހަރަކާތްތަކުން އެތައް ދުވަހެއް ވަންދެން ހިތުގައި ފޮރުވައިގެން ހުރި ޝުއޫރުތަކެއް ބޭރުވާން އުޅޭކަން ސާފުކޮށް އެނގެއެވެ.

އޭނާ ވާހަކަދައްކަން ފެށިއިރު އަޑުގައި ހަމަޖެހުން ހުރި ނަމަވެސް، ފޮރުވަން މަސައްކަތް ކުރި ނުރުހުމުގެ އަސަރުތައް ހުއްޓެވެ. “މިއީ ބޮޑު ގެއަކަށްވެފައި، އަހަރެމެންނަކީ މުއްސަނދި ބައެއް ކަމަށް މީހުންނަށް ފެނުނަސް، އޭގެ މާނައަކީ އަހަރެމެންނަށް ޚިދުމަތްކުރަން އެހެން ބަޔަކު ތިބެންޖެހޭނެއެކޭ ނޫން،” ވަރަށް ސާބިތުކަމާއެކު އޭނާ ބުންޏެވެ. “މިގޭގައި މަސައްކަތު މީހުން ބައިތިއްބަން އަހަރެމެން ބޭނުމެއް ނޫން. ސަބަބަކީ އަރާމުގައި ދިރިއުޅުމާއި، އަމިއްލަ ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ކުރަން ނޭނގޭ މިންވަރަށް ކަންނެތްވުމާ ދެމެދު ވަރަށް ބޮޑު ތަފާތެއް އޮވޭ.”

ޖޫލީގެ ނަޒަރު ހެލީއަށް ހުއްޓިފައި ހުރިއިރު، އޭނާގެ އަޑުގެ ބާރުމިން ބޮޑު ނުވި ނަމަވެސް ދައްކާ ވާހަކައިގެ ބަރުދަން އިތުރުވަމުން ދިޔައެވެ. “އަހަރެންނާ މަންމައާ އަބަދުވެސް ހުރިހާ ކަމެއް ކުރަނީ އަމިއްލައަށް. އެކަމުގެ ސަބަބުން އެއްވެސް އެއްޗެއް މަދުވާ ކަމުގެ އިހުސާސެއް އަހަރެމެންނަކަށް ނުކުރެވޭ. ކޮންމެ ކުޑަކަމަކަށް އެހެން މީހުންނަށް ބަރޯސާނުވެ، އަމިއްލަ މަސައްކަތް އަމިއްލައަށް ކުރުމުގައި ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އޮވޭ. މިއީ ފަހަރެއްގައި ހުރިހާ އެންމެންނަށް ދޭހަވާނެ ކަމަކަށް ނުވެދާނެ.”

ހެލީ ވަރަށް މަޑުމައިތިރިކަމާއެކު މި ވާހަކަތައް އަޑުއަހަން ހުއްޓެވެ. އޭނާގެ މޫނުމަތިން ރުޅިވެރިކަމުގެ ބަދަލުގައި ފެންނަނީ ޖޫލީގެ ބަސްތަކުގެ ފަހަތުގައިވާ އަސްލު އިހުސާސްތައް ދެނެގަންނަން މަސައްކަތްކުރާ ފަދަ އަސަރެކެވެ. އޭނާ އެގޭގައި ހުރި ނަމަވެސް، ޖޫލީގެ ހިތުން އޭނާއަށް ޖާގައެއް ނެތްކަން ހެލީއަށް އިހުސާސްވަމުން ދިޔައެވެ.

ޖޫލީ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، މޭޒުގެ އަރިމަތީގައި ބާރަށް ހިފަހައްޓާލިއެވެ. އޭނާ ހިފަހައްޓައިގެން ހުރި ނުތަނަވަސްކަން މިހާރު ދިޔައީ ބޭރުވަމުންނެވެ. “އަދި އެއްކަމެއް ވަރަށް ސާފުކޮށް ބުނަން ބޭނުން،” މިފަހަރު އޭނާގެ އަޑު ދަށްވި ނަމަވެސް ބަސްތައް މާ ތޫނެވެ. “މިގޭގައި ދިރިއުޅޭތީ، ހުރިހާ ކަމެއް ހިތުހުރި ގޮތަކަށް ކުރެވޭނެ ކަމަށް ހީނުކުރާތި. އަހަރެންނާއި ކަލެއާ ދެމެދުވެސް، އަދި މަންމައާ ކަލެއާ ދެމެދުވެސް އޮންނަންޖެހޭ އިންތަކެއްވޭ. އެ އިންތަކުން ބޭރުނުވުމަކީ ވަރަށް މުހިންމު ކަމެއް.”

އޭނާ ކުޑަވަގުތުކޮޅަކަށް ހުއްޓާލިއެވެ. “އަހަރެން ކަލެއާ ވާހަކަދައްކާކަށް ބޭނުމެއް ނޫން. އަދި ނެތް ގުޅުމެއް އުފައްދަން މަސައްކަތް ކުރުމުގެ ބަދަލުގައި، އަހަރެންގެ މި ނިންމުމަށް އިހުތިރާމް ކުރުމަށް އަހަރެން އެދެން.” މިހެން ބުނެ ޖޫލީ އެ ވާހަކަ ނިންމާލީ އެކަމާ ބެހޭގޮތުން އިތުރަށް ބަހެއް ބުނަން ބޭނުންނުވާ ފަދަ ގޮތަކަށެވެ.

ކޮފީ އަޅާ އަޑު ފިޔަވައި މުޅި ބަދިގެތެރެއަށް ކުޑަވަގުތުކޮޅަކަށް ބަރުދާސްތު ކުރަން އުނދަގޫ ހިމޭންކަމެއް ވެރިވެއްޖެއެވެ. ހެލީ އިސްޖަހާލީ އޭނާގެ ހިތަށް ކުރި އަސަރު ފޮރުވަން މަސައްކަތް ކުރަމުންނެވެ. ބޭރުފުށުން ހަމަޖެހިލައިގެން ހުރި ކަމަށް ދެއްކި ނަމަވެސް، އޭނާގެ މޫނުމަތިން ފާޅުވަމުންދިޔަ މާޔޫސްކަމާއި ނުތަނަވަސްކަން މުޅިއަކުން ފޮރުވައެއް ނުލެވުނެވެ. ބަދަލު ނުކުރެވޭނެ ހަގީގަތެއް ގަބޫލުކުރާ ފަދަ ގޮތަކަށް މަޑުމަޑުން ބޯޖަހާލުމަށްފަހު، އިތުރު އެއްޗެއް ނުބުނެ އޭނާ ފަހަތަށް ޖެހިލިއެވެ.

ޖޫލީ އޭނާ ދާތަން ބަލާކަށް ނުހުރެއެވެ. އޭގެ ބަދަލުގައި، އެ ވަގުތު އިތުރަށް އެތަނުގައި ހުރެއްޖެނަމަ ހިތުގެ ޝުއޫރުތައް ބޭރުވެދާނެތީ އޭނާ ވަގުތުން މޫނު އަނބުރާލިއެވެ. މަޑުމަޑުން ހިނގާފައި ގޮސް ކޮޓަރިއާ ދިމާލަށް ހިނގައިގަތް އިރު، ކޮންމެ ފިޔަވަޅަކާއެކު ހިތުގެ ބަރުކަން ދިޔައީ އިތުރުވަމުންނެވެ. ބޭރުފުށުން ސާބިތުކަމާއެކު ވާހަކަ ދެއްކި ނަމަވެސް، އޭނާގެ ހިތުގެ އެތެރޭގެ ހަމަޖެހުން ވަނީ މުޅިން ގެއްލިފައެވެ.

ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމަށްފަހު، ކުޑަވަގުތުކޮޅަކަށް އޭނާ ހުއްޓުން އަރާފައި ހުއްޓެވެ. ބަދިގެތެރޭގައި ހުރި އިރު އޭނާގެ ކިބައިން ފެނުނު ރުޅިވެރިކަން މިހާރު ވަނީ އޮޅުންބޮޅުން ބޮޑު، މާ ނާޒުކު އިހުސާސްތަކަކަށް ބަދަލުވެފައެވެ. އެއީ ގިނަ ދުވަސްތަކެއް ވަންދެން އޭނާ ފޮރުވަން މަސައްކަތް ކުރަމުން އައި ނުތަނަވަސްކަމެކެވެ.

އޭނާގެ ނަޒަރު ހުއްޓުނީ މޭޒުމަތީގައި ހުރި ލޯގަނޑާ ދިމާލަށެވެ. ފަރުވާތެރިކަމާއެކު މޭޒުގެ ވަތްގަނޑު ހުޅުވާލިއެވެ. އެތަނުގައި ހުރި ސާމާނުތަކުގެ ތެރޭގައި ފޮރުވާފައި އޮތީ “ސޯޑިއަމް ޕެންޓޯތަލް” ޖަހާފައިވާ ކުޑަ ފުޅިއެކެވެ. އެ ފުޅީގައި އަތްލުމާއެކު އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ، އާދަޔާ ހިލާފު ސާބިތުކަމެއް ފެންނަން ފެށިއެވެ. އޭނާގެ މުޅި ވިސްނުން މިހާރު ހުރީ އެހެން ދިމާލަކަށް ހުއްޓިފައެވެ.

އިރުކޮޅަކު އެ ފުޅި ހިފަހައްޓައިގެން ހުރި އިރު، އޭނާގެ ވިސްނުން ހުރީ ވަރުގަދަ އަޒުމެއްގައެވެ. އޭނާ ރާވަމުންދާ ކަންތައް އެއްވެސް މީހަކަށް، ހާއްސަކޮށް ޒުނާމަށް އެނގޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ޒުނާމަށް އޭނާގެ ވިސްނުން ކުޑަވެސް މިންވަރަކަށް އެނގިއްޖެނަމަ، މެދުކެނޑުމެއްނެތް ސުވާލުތަކުން އޭނާ ބަލިކޮށްލާނެކަން ޔަގީނެވެ. ޖޫލީ އެ ފުޅީގެ މަތި ނަގާލުމަށްފަހު އޭގެން ސޯޑިއަމް ޕެންތޯތަލް ފޮދެއް އޭނާ ޒުނާމްއަށް ގިރައިގެންއައި ކޮފީ ޖޯޑަށް އަޅައިލިއެވެ. އެއަށްފަހު ވަރަށް މަޑުމަޑުން ވަތްގަނޑު ހުޅުވާލުމަށްފަހު އެ ފުޅި ވަތްގަނޑަށްލައި ފޮރުވިއެވެ.

ވަތްގަނޑު ލައްޕާލި އިރު އޭނާ އެ ފުޅީގައި ބާރަށް ހިފަހައްޓައިގެން ހުއްޓެވެ. އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނުނު ނަމަވެސް، އެ ހިމޭންކަމުގެ ތެރޭގައި އޭނާ ތައްޔާރުވަމުން ދިޔައީ ފަސް އެނބުރި ބެލުމެއް ނެތިއެވެ.

ވަތްގަނޑު ލެއްޕުމަށްފަހު، ޖޫލީ އިރުކޮޅަކު މޭޒުކައިރީގައި މަޑުކޮށްލިއެވެ. އޭނާގެ އިނގިލިތައް އަދިވެސް ހުރީ މޭޒުގެ ފިލާގަނޑާ ވަރަށް ކައިރީގައެވެ. ހީވަނީ ކުރަން އުޅުނު ކަންތައް ފުރިހަމަވިކަމާ މެދު އޭނާގެ އަމިއްލަ ނަފްސަށް އަދިވެސް ޔަގީންކަމެއް ނެތް ހެންނެވެ. މުޅި ކޮޓަރިތެރެއަށް ވެރިވެފައިވަނީ އާދަޔާ ހިލާފު ބަރު ހިމޭންކަމެކެވެ. އެއީ ހިތަށް ފަސޭހަކަމެއް ގެނެސްދޭ ހިމޭންކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ކަންފަތަށް ބާރުކުރާ ކަހަލަ ނުތަނަވަސް ހިމޭންކަމެކެވެ. ކުޑަކުޑަ ހަރަކާތެއް ކުރި ނަމަވެސް އެ އަޑު ގުގުމައިގެންދާހާ ބޮޑަށް އެތަން އޮތީ މަޑުމައިތިރިވެފައެވެ. ލޯގަނޑުން ފެންނަން ހުރި އޭނާގެ އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުރިއިރު، އެ ދެލޮލުން ފެންނަނީ ދުރު، ބީރައްޓެހި އަސަރެކެވެ. ހީވަނީ އޭނާ ހުރީ ބޮޑު ނިންމުމެއްގެ ތުންފަތްމަތީގައި، އެ ނިންމުމަކާ މެދު އަމިއްލައަށް އެއްބަސްނުވެވިފައި ހެންނެވެ.

އޭނާގެ އަތް އަލުން ހަރަކާތްކުރަން ފެށިއެވެ. މިފަހަރު މާ ލަސްލަހުންނެވެ. އޭނާ އަލުން ވަތްގަނޑު ހުޅުވާލީ ކެތްތެރިކަމާއެކުގައެވެ. ކުރިން ބެހެއްޓި ކުޑަ ފުޅި އެތަނުގައި އޮތް ނަމަވެސް، މިފަހަރު އޭނާގެ ސަމާލުކަން އެއަކަށް ނުހުއްޓުނެވެ. އޭގެ ބަދަލުގައި، އޭނާގެ އަތް ވަތްގަނޑުގެ ތެރެއަށް ބާލައި، އެއަށްވުރެ ބަރު، ފިނި އަދި ތޫނު އެއްޗެއްގައި ހިފެހެއްޓިއެވެ. އެއީ ވަޅިއެކެވެ. އޭނާ އެ ވަޅި ނެގި ވަގުތު، ކޮޓަރީގެ ފަނޑު އަލިކަން އޭގެ މިޔައަށް އެޅި، ވިދާލި ގޮތުން މުޅި މާހައުލުގެ ނުތަނަވަސްކަން އިތުރުވެގެން ދިޔައެވެ.

އޭނާ އެއްވެސް ކަހަލަ ކުއްލި ސިހުމެއް ނުވަތަ ހާސްކަމެއް ފާޅެއް ނުކުރެއެވެ.

އެ ވަޅީގައި ހިފަހައްޓައިގެން އޭނާ އެހެން ހުރީ އެއާ މެދު އެއްޗެއް ވިސްނާ ފަދަ ގޮތަކަށެވެ. އެ ވަގުތުކޮޅުގެ ސީރިއަސްކަމާ އޭނާގެ ހަށިގަނޑުން ފެންނަ މަޑުމައިތިރިކަމާ ދިމައެއް ނުވެއެވެ. އޭނާ އެ ވަޅިއަށް ބަލަހައްޓައިގެން ހުރި ގޮތުން އެއީ އިއްތިފާގަކުން ކުރެވުނު ކަމެއް ނޫންކަން ހާމަވެއެވެ. އޭނާގެ ނަޒަރު ވަޅީގެ ތޫނު މިޔައަށް ހުއްޓިފައި ހުރިއިރު، ކޮޓަރީގެ އެހެން ހުރިހާ އެއްޗެއް އޭނާގެ ހަނދާނުން ފުހެވިގެންދިޔަ ކަހަލައެވެ.

ދެން، ވަރަށް މަޑުމަޑުން އޭނާގެ ނަޒަރު އެހެން ދިމާއަކަށް އެނބުރުނެވެ.

ފުރަތަމަ ޒުނާމްއާ ދިމާއަށެވެ. ޒުނާމް އޮތީ އަރާމު ނިންޖަކުން ނިދާފައެވެ. މާހައުލުގައި އުފެދިފައިވާ އެ ބިރުވެރި ނުތަނަވަސްކަމުގެ އެއްވެސް އިހުސާސެއް އޭނާއަކަށް ނުވެއެވެ. ޖޫލީގެ މޫނުމަތީގެ ކުލަވަރަށް ބަދަލެއް ނައި ނަމަވެސް، ޒުނާމްއަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ދެލޮލުން ފެންނަނީ ވަރުގަދަ އަސަރެކެވެ. އެއީ ހީވަނީ އޭނާގެ ހިތުގައި ހިނގަމުންދާ ފުން ވިސްނުންތަކެއްގެ ނަތީޖާއެއް ހެންނެވެ.

އޭނާގެ އަތުގައި އޮތް ވަޅި އެއްވެސް ހަރަކާތެއް ނެތި ހުއްޓިފައި ހުއްޓެވެ. ހިމޭންކަން އިންތިހާއަށް ދިގުލައިގެން ދިޔަ ކަހަލައެވެ. އެއަށްފަހު، އެއްވެސް ބަހެއް ބުނުމަކާ ނުލައި އަދި މޫނުމަތީގެ އަސަރަށް ބަދަލެއް ގެނައުމެއް ނެތި، އޭނާގެ އަތް ތިރިކޮށްލުމަށްފަހު އަލުން ވަތްގަނޑާ ދިމާއަށް އެނބުރުނެވެ. އެ ވަޅި އަނބުރާ ވަތްގަނޑުގެ ތެރެއަށް ލިއެވެ. ވަތްގަނޑު ލެއްޕުމާއެކު އިވުނު މަޑު އަޑާއެކު، ބޭރުފުށުން ފާޅުނުވި ނަމަވެސް ހިތުގައި އުފެދުނު ބޮޑު ނުތަނަވަސްކަން ނިމުމަކަށް އައެވެ.

އޭނާ އިރުކޮޅަކު އެތަނުގައި މަޑުކޮށްލައިގެން ހުއްޓެވެ. އޭނާގެ ނޭވާލުން ހަމައަކަށް އަޅުވަން މަސައްކަތް ކުރި ނަމަވެސް، ކުރިއަށްވުރެ ބާރަށް ނޭވާލެވެމުންދިޔައެވެ. ދެން، ބަޔާންކުރަން ބޭނުންނުވާ ކަމަކުން ދުރުވާ ފަދަ ގޮތަކަށް، އޭނާ މޭކަޕް މޭޒާ ދުރަށް ފިޔަވަޅެއް އެޅިއެވެ.

އެވަގުތު މުޅި މާހައުލުގެ ތަރުތީބު ބަދަލުވެގެން ދިޔައެވެ.

އެނދުމަތިން ފެނުނު ކުޑަ ހަރަކާތަކަށް އޭނާގެ ސަމާލުކަން ހުއްޓުނެވެ. އޭނާ އެނބުރި ބަލާލި ވަގުތަކީ ޒުނާމް ނިދިން ހޭލައި، މަޑުމަޑުން ލޯ ހުޅުވާލަން ފެށި ވަގުތެވެ. އެ ހުރިހާ ކަމެއް ހިނގަމުން ދިޔައީ ނުހަނު އާދައިގެ، އަމާން ގޮތަކަށެވެ. އެތަނުގައި އެއްވެސް ނުތަނަވަސްކަމެއް އޮތް ކަމުގެ އެއްވެސް އިހުސާސެއް ނުކުރެވެއެވެ. ޖޫލީ ވަގުތުން އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލިއެވެ. މޫނުމަތިން މަޑުމޮޅިކަން ދައްކަމުން، މޭޒުމަތީގައި ހުރި ކޮފީ ތަށި ނަގައިގެން އޭނާ ޒުނާމްއާ ދިމާލަށް ހިނގައިގަތެވެ.

ޒުނާމް މަޑުމަޑުން ތެދުވެ އެނދުގައި އިށީނެވެ. އޭނާ އަދިވެސް ހުރީ ނިދިބަރުކޮށް ކަމަށް ވިޔަސް، ޖޫލީ ކައިރިއަށް އައުމުން އޭނާގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އެތަނުގައި އޮތް ބަރު ހަމަހިމޭންކަމާ، އޭނާގެ މޫނުމަތިން މިހާރު ފެންނަ ހިތްހަމަޖެހުން މުޅިން ތަފާތެވެ. ޖޫލީ ކޮފީ ތަށި ދިއްކޮށްލުމުން، ލުއި ހިނިތުންވުމަކާއެކު ޒުނާމް އެ ތަށީގައި ހިފިއެވެ. އެވަގުތު އޭނާގެ އިނގިލިތައް ޖޫލީގެ އަތުގައި ކުޑަކޮށް ބީހިލިއެވެ.

“ތިޔައީ އަހަންނަށް މާފުކުރިކަން އަންގައިދޭން ކުރި ކަމެއް ދޯ؟” މަޑުމައިތިރި އަޑަކުން އޭނާ ބުންޏެވެ. އޭނާގެ އަޑުގައި އުއްމީދާއި ހިތްހަމަޖެހުން އެކުލެވިގެންވިއެވެ. އޭނާ ބޭނުންވި ފަދަ މާނައެއް އެ އަމަލުން ހޯދަން މަސައްކަތް ކުރާ ފަދައެވެ.

ޖޫލީ ހިނދުކޮޅަކަށް މަޑުޖެހިލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ކޮން ކަހަލަ އަސަރެއްކަން ދެނެގަންނަން އުނދަގުލެވެ. ދެން، ލުއި ހިނިތުންވުމަކާއެކު، ސަމާސާ ގޮތަކަށް ދެކޮނޑު އަރުވާލިއެވެ.

“ވެދާނެ ދޯ…” ވަރަށް ލުއި ގޮތަކަށް އޭނާ ޖަވާބު ދިނެވެ. އޭނާގެ ވާހަކަ ދެއްކުމުގައި ހުރި މަޑުމައިތިރިކަމުން އެއީ ތެދެއް ކަމަށް ގަބޫލުކުރެވުނު ނަމަވެސް، އޭނާގެ ދެލޮލުގެ ފުންމިނުގައި ކޮންމެވެސް އެހެން ކަމެއް ފޮރުވިފައިވާ ކަހަލައެވެ.

ޒުނާމް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އެންމެ ބަހަކުންވެސް އޭނާގެ ހިތަށް ބޮޑު ލުޔެއް ލިބުނު ކަހަލައެވެ. އޭނާ އެއްވެސް ޖެހިލުމެއް ނެތި ކޮފީ ތަށިން ކޮޅެއް ބޯލިއެވެ. އެވަގުތު މުޅި މާހައުލަށް އަމާންކަން ވެރިވެފައިވާ ކަހަލައެވެ.

ފުރަތަމަ ފޮދު ބޯލުމަށްފަހު އޭނާ ބޯޖަހާލިއެވެ. “ވަރަށް މީރު،” ހިނިތުންވެލަމުން އޭނާ ބުންޏެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ އެ އުފާވެރި ވަގުތުކޮޅު ދަމަހައްޓާށެވެ.

ޒުނާމް ދެވަނަ ފޮދު ބޯލި އިރުވެސް ޖޫލީ ހުރީ ވަރަށް ފަރުވާތެރިކަމާއެކު އޭނާއަށް ބަލާށެވެ. ޖޫލީގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. އޭނާ ޒުނާމަށް ބަލަހައްޓައިގެން ހުރީ ބިރުވެރި ހަމަހިމޭންކަމެއްގެ ތެރޭގައެވެ.

ނަމަވެސް، ކުޑައިރުކޮޅެއްގެ ތެރޭގައި ޒުނާމްގެ މޫނުމަތީގެ ކުލަވަރު ބަދަލުވާން ފެށިއެވެ. މިއީ އެއްފަހަރާ އައި ބަދަލެއް ނޫނެވެ. ވަރަށް މަޑުމަޑުން އައި ބަދަލެކެވެ. އޭނާގެ ހަރަކާތްތައް ލަސްވާން ފެށިއެވެ. ކޮފީ ތަށީގައި ހިފަހައްޓައިގެން ހުރި އަތަށް ބާރުވިއެވެ. އޭނާއަށް އިހުސާސު ކުރެވެމުންދިޔަ އާދަޔާ ހިލާފު ވަރުބަލިކަމުގެ ސަބަބުން، ވާނުވާ އޮޅުންފިލުވަން އުޅޭ ފަދަ ގޮތަކަށް ލޯ މަރާލެވުނެވެ. ނޭވާލާން އުނދަގޫވެ، ހަށިގަނޑުން ވަރުދޫވާން ފެށިއެވެ. ޒުނާމަށް މިކަން ފާހަގަ ނުކުރެވުނަސް، ޖޫލީއަށް އެކަން ވަގުތުން ފާހަގަވިއެވެ.

އޭނާގެ ނަޒަރު ހުއްޓިފައިވަނީ ސީދާ ޒުނާމަށެވެ. މޫނުމަތިން މާބޮޑު ބަދަލެއް ނުފެނުނު ކަމުގައި ވިޔަސް، އޭނާ ހުރި ގޮތަށް އައި ކުޑަކުޑަ ބަދަލަކުން، ކަމެއް ފެށިގެން ކުރިއަށްދާކަން ކަށަވަރުކޮށް، އެކަމަކަށް އިންތިޒާރުކުރަމުންދާ ފަދައެވެ.

ޒުނާމް އަނެއްކާވެސް އެއްޗެކޭ ބުނަން އުޅުނެވެ. އޭނާގެ ތުންފަތް ކުޑަކޮށް ހުޅުވުނު ނަމަވެސް، ބަސްތަކެއް ބޭރެއް ނުވިއެވެ. އޭގެ ބަދަލުގައި އޭނާ މަޑުޖެހިލިއެވެ. ކުރިން މޫނުމަތިން ފެންނަން ހުރި ހަމަޖެހުމުގެ ބަދަލުގައި، މިހާރު ފެންނަމުންދަނީ ހައިރާންކަމެވެ. އަތުގައި އޮތް ތަށި މަޑުމަޑުން ތިރިވަމުން ދިޔައިރު، އޭނާއަށް ނޭނގި އަތުގެ ބާރު ދޫވަމުން ދިޔައެވެ. ކޮޓަރީގެ ހިމޭންކަން ދިޔައީ ވަގުތާއެކު އިތުރަށް ބަރުވަމުންނެވެ.

ދެން ފެނުނީ ކުއްލިއަކަށް އޭނާގެ ހަށިގަނޑުން ބާރުދޫވި ތަނެވެ.

އަތުން ތަށި ދޫވެގެން ކުޑަކޮށް އަރިއަކަށް ވެއްޓުނެވެ. އޭނާގެ ހަށިގަނޑު ފަހަތަށް ލެނބެމުން ގޮސް، ލޯ މެރި، ހޭނެތިއްޖެއެވެ. މި ހުރިހާ ކަމެއް ހިނގަމުން ދިޔައީ ވަރަށް ލަސްލަހުން ކަމަށްވާތީ، އެއީ ހަގީގަތެއް ނޫން ފަދަ އިހުސާސެއް ކުރެވުނެވެ.

ޒުނާމް ހޭނެތިގެން އެނދުމައްޗަށް ވެއްޓުނެވެ. މުޅި ތަން ހަމަހިމޭންވިއެވެ.

ޖޫލީ އެ ހުރި ފިޔަވަޅު މަތީގައި ގުޑިވެސް ނުލާ ޒުނާމަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ނޭވާލުން މިހާރު ހަމައަކަށް އެޅިފައިވީ ނަމަވެސް، އެ ނޭވާތައް ކުރިއަށްވުރެ ފުންވެފައިވެއެވެ. އެއީ އޭނާގެ ހިތުގެ ތެޅުން މަޑުޖެހި، ނިންމުމަކަށް އާދެވުމުން ލިބުނު ހަމަޖެހުމެއް ފަދައެވެ. ކޮޓަރީގެ ހިމޭންކަން މިހާރު އިހުސާސްވަނީ ތަފާތު ގޮތަކަށެވެ. އެއީ ހުރިހާ ކަމެއް ނިމުމަކަށް އައިސް، ވަގުތު ހުއްޓިފައިވާ ފަދަ ހިމޭންކަމެކެވެ.

އޭނާ ވަރަށް ފުންކޮށް ނޭވާއެއް ބޭރުކޮށްލިއެވެ.

އެއީ އެ ވަތްގަނޑު ހުޅުވި ވަގުތުން ފެށިގެން އޭނާ ހިފަހައްޓައިގެން ހުރި ނުތަނަވަސްކަން ދޫކޮށްލުމަށްޓަކައި ބޭރުކޮށްލި ނޭވާއެކެވެ. މިއަދު ހެނދުނުން ފެށިގެން ފުރަތަމަ ފަހަރަށް އޭނާގެ ކޮނޑުލަނބައިލާ، ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އެއީ ހިތާމައެއް ނުވަތަ ބިރުގަތުމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ލިބުނު ލުޔެކެވެ. ކުރިމަތީގައި ހޭނެތިފައި އޮތް ޒުނާމަށް ބަލަހައްޓައިގެން ހުރިއިރު، މުޅި ތަނުގައި ވަނީ ހަމަހިމޭންކަމެވެ.

****

ފަސީހު ކޮޓަރިއަށް ވަދެފައި، އެތެރެއަށް ފިޔަވަޅެއް އަޅަން މަޑުޖެހުނެވެ. އެތަނުގެ ހަމަހިމޭންކަމުގެ ތެރެއިން އޭނާއަށް ކުރެވެމުންދިޔައީ އާދައިގެ ހިމޭންކަމަކަށްވުރެ ތަފާތު އިހުސާސެކެވެ. މެހެކްގެ ސިޓީ އޭނާގެ ހަޔާތާ ގުޅުނު ހިސާބުން ފެށިގެން، ވަށައިގެންވާ މާހައުލުގެ ތަރުތީބު ބަދަލުވެފައިވާ ކަހަލައެވެ. ކޮޓަރީގެ ފިޒިކަލް އެއްވެސް ކަމެއް ބަދަލު ނުވި ކަމުގައިވިޔަސް، އޭނާގެ ނަފްސަށް އައިސްފައިވާ ބަދަލެއްގެ ސަބަބުން، ވަށައިގެންވާ ވައިރޯޅިތަކުގައިވެސް ތަފާތު ބަރުދަނެއް ހުރިހެން ހީވެއެވެ. އޭނާ ވަރަށް ފަރުވާތެރިކަމާއެކު ދޮރު ލެއްޕިއެވެ. އެއީ ހެނދުނުން ފެށިގެން އޭނާގެ ހިތުގައި އުފެދިފައިވާ ނާޒުކު އިހުސާސްތަކަށް ކުޑަވެސް ގުޑުމެއް އަރަން ބޭނުން ނުވާތީއެވެ.

މެހެކް ދިން ސިޓީ އަދިވެސް އޮތީ އޭނާގެ އަތުގައެވެ. އެތައް ފަހަރަކު ކިޔައިފި ނަމަވެސް، އަލުން އެ ސިޓީ ކިޔަން އޭނާ ބޭނުންވީ، އޭގައިވާ ކޮންމެ ލަފުޒެއްގެ މާނަ އިތުރަށް ފުންކޮށް ދެނެގަތުމަށެވެ. އެ ސިޓީގައިވާ އަތުލިޔުމުން އެކަނިވެސް ކުރިން ދުވަހަކުވެސް ނުކުރާ ފަދަ ތަފާތު އަސަރެއް ކުރެއެވެ. އެއީ ހަމައެކަނި ރީތި ލިޔުމަކަށް ވީތީއެއް ނޫނެވެ. ނަމަވެސް، ކޮންމެ އަކުރެއްގެ ފަހަތުގައިވާ މަޑުމޮޅިކަމާއި، ކޮންމެ ލަފުޒެއް އޭނާގެ ހިތާ ހަމައަށް ފޯރާނެ ގޮތް އިހުސާސްކޮށްގެން ލިޔެފައިވާކަން އެނގޭތީއެވެ. އަލުން އެ ސިޓީ ކިޔަމުން ދިޔައިރު، އޭނާއަކީ އެކަނިވެރިއެއް ނޫން ކަމާއި، ބަލިކަށިވުމަކީ ހަލާކުވުން ނޫން ކަމަށް ބުނެފައިވާ ބައިތަކަށް އޭނާގެ ލޮލުގެ ނަޒަރު ހުއްޓުނެވެ. އެވަގުތު އޭނާގެ މޭތެރޭގައި އުފެދުނު ބާރުވުމަކީ ތަދުވާ ކަމެއް ނޫނަސް، މުޅިން އާ އިހުސާސެކެވެ.

ނޭނގި ހުރެ އޭނާ އެނދުގެ އަރިމަތީގައި އިށީނެވެ. ހީވަނީ އޭނާގެ ހަށިގަނޑުވެސް މި ވަގުތުކޮޅުގެ ހަމަހިމޭންކަމަށް އެދިގޮވަނީހެންނެވެ. އެތައް އިރަކު ސިޓީ އަތަށް ލައިގެން އިނުމަށްފަހު، ވަރަށް ފަރުވާތެރިކަމާއެކު އެނދުމަތީގައި ބޭއްވިއެވެ. އެކަމަކު އޭނާއާ މާ ދުރު ނޫން ހިސާބެއްގައެވެ. އެއީ އެ ސިޓީއާ ދުރަށް ދިޔުމަކީ އޭގެ މާނަ ކުޑަވެދާނެ ކަމެއް ކަމަށް އޭނާއަށް ހީވާތީއެވެ. ދެން އޭނާ ތެދުވެގެން ގޮސް، އޭނާގެ ހަޔާތުގައި ބަޔާންކުރަން ނޭނގޭ ފަދަ މުހިންމު ތަކެތި އަޅާފައިވާ ކުޑަ ލަކުޑި ފޮށި ކައިރިއަށް ހުއްޓުނެވެ. އެއީ މާއްދީ ގޮތުން އަގުބޮޑު އެއްޗެއް ނޫނަސް، އޭގައިވާ އިހުސާސްތަކުގެ ސަބަބުން އެހެން އެއްޗަކަށް ބަދަލު ނުކުރެވޭނެ ފަދަ އަގުހުރި އެއްޗެކެވެ.

މަޑު އަޑަކާއެކު އެ ފޮށި ހުޅުވާލިއެވެ. އޭގެ ތެރޭގައި ހުރީ އޭނާގެ ހަޔާތުގެ ބައެއް ހަނދާންތަކެވެ. އެއީ އާންމުކޮށް އޭނާ އެހެން މީހުން ގާތު ދައްކާ އުޅޭ ވާހަކަތަކެއް ނޫނެވެ. މުހިންމު ނޫން ކަމަށް ބޭރުފުށުން ދެއްކި ނަމަވެސް، ދުވަހަކުވެސް ބާކީކޮށްލަން ބޭނުން ނުވާ ކުދިކުދި ހަނދާންތަކެވެ. އޭނާ ވަރަށް ފަރުވާތެރިކަމާއެކު މެހެކްގެ ސިޓީ އެ ފޮށީގެ ތެރޭގައި ބޭއްވިއެވެ. ސިޓީގައި އަތްޖައްސާލައިގެން އޭނާ އިރުކޮޅަކު މަޑުކޮށްލީ، އެއީ އޭނާގެ ހަޔާތަށް އައި މުޅިން އާ އަދި މުހިންމު ބަދަލެއްކަން ގަބޫލުކުރާ ފަދަ ގޮތަކަށެވެ. އެ ފޮށި ލައްޕާލުމުގެ ކުރިން އޭނާ ކުޑަކޮށް ފަސްޖެހުނެވެ. އެއީ އޭނާގެ އިހުސާސްތަކުގެ ދުނިޔެއަށް ވަތް މި އާ ކަންތައްތަކަކީ ފަސޭހައިން ބޭރުވާނެ ކަންތައްތަކެއް ނޫންކަން އޭނާއަށް އިހުސާސް ކުރެވޭތީއެވެ.

އެންމެ ފަހުން ފޮށި ލައްޕާލުމަށްފަހު، އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެވަގުތު އޭނާއަށް ނޭނގުނު ކަމުގައިވިޔަސް، އޭނާގެ މޫނުމަތީގެ ކުލަވަރު ވަނީ މަޑުމޮޅިވެ އޮމާންވެފައެވެ. ދެން އޭނާ ކޮޓަރިން ބޭރަށް ނިކުތެވެ.

ހެނދުނުގެ ވަގުތު ކަމުން ފެންޑާ އޮތީ ވަރަށް ހަމަހިމޭންކޮށެވެ. ކޮންމެ އަޑެއްވެސް ވަރަށް ސާފުކޮށް އިވެއެވެ. ފަސީހު ކުރިއަށް ހިނގައިގަތްއިރު، އޭނާގެ ހިތުގައި ބަޔާންކުރަން ނޭނގޭ ފަދަ އުންމީދެއް އުފެދެމުން ދިޔައެވެ. އެއީ އަވަސް އަރުވާލުމެއް ނޫނެވެ. އަދި ހާސްކަމެއްވެސް ނޫނެވެ. އެއީ ހަމަހިމޭން އިންތިޒާރެއް ފަދަ އޮމާން އިހުސާސެކެވެ. ގޯޅިން އަނބުރާލި ވަގުތު، އޭނާގެ ލޮލުގެ ނަޒަރު އޭނާއަށް ނޭނގި ނަމަވެސް ވަކި ދިމާލަކަށް ހުއްޓުނެވެ. އެވަގުތު އޭނާއަށް މެހެކް ފެނުނެވެ.

މެހެކް އެތަނުގައި ހުއްޓިގެން ހުއްޓެވެ. ނަމަވެސް އޭނާ ހުރީ ފަސީހާ ދިމާލަށް ބަލާކަށް ނޫނެވެ. މެހެކް ފެންނަ ހިސާބަށް ދެވުމާއެކު، ފަސީހުގެ ހިތުގެ ހިނގުން އަމިއްލަ އިޚްތިޔާރުން ބޭރުގައި މަޑުޖެހިލި ކަހަލައެވެ. މެހެކް ހުރީ ފެންނަ ފަށުގައި ނަމަވެސް، ދެމެދުގައިވާ ޖަޒުބާތީ ދުރުމިނުން އިހުސާސް ކުރެވެނީ ފެންނަން ނެތް އިންފާރެއް ލެވިފައިވާ ކަމެވެ. މެހެކްގެ ހަށިގަނޑު ބަހައްޓާފައި ހުރި ގޮތުން ފަސީހުގެ ހާޒިރީ އިހުސާސްވާކަން އެނގުނަސް، އަދި ކުރިމަތިލާން ތައްޔާރު ނޫންކަން ހާމަވެއެވެ. މި ކުދިކުދި ކަންކަމުން ފަސީހުގެ ހިތުގައި ބަޔާންކުރަން ނޭނގޭ ފަދަ އޯގާތެރިކަމެއް އުފެދިގެން ދިޔައެވެ.

އެ ވަގުތުގެ ނާޒުކުކަން ގެއްލިދާނެތީ ފަސީހު އޭނާގެ ފިޔަވަޅުތައް މަޑުޖައްސާލިއެވެ. މެހެކްގެ ހިމޭންކަމުގެ ތެރޭގައި ލަދުވެތިކަން ފޮރުވިފައިވާ ފަދައިން، ފަސީހު ވެސް ހުރީ އޭނާގެ ޚިޔާލުތަކުގައި ބަނދެވިފައެވެ. އިޙްތިރާމާއެކު ދުރުގައި މަޑުކޮށްލުމުން، ދެމެދަށް ވެރިވެފައިވަނީ ފުން ހިމޭންކަމެކެވެ.

އެ ހިމޭންކަމަކީ ހުސްކަމެއް ނޫނެވެ. އޭގެ ތެރޭގައި ރޭގައި ނުބުނެވި ހުރި އެތައް ވާހަކައަކާއި، މިހާރުވެސް ދުލާ ހަމައަށް ނައިސްފައިވާ އެތައް އިހުސާސެއް ފޮރުވިފައިވެއެވެ.

އެންމެ ފުރަތަމަ ހިމޭންކަން މުގުރާލީ ފަސީހެވެ. އެއީ ހަމައެކަނި ވާހަކަ ދައްކާލުމުގެ ބޭނުމަކު ނޫނެވެ. ނަމަވެސް މިވަގުތު އިތުރަށް އޮޅުންބޮޅުން ވުމުގެ ކުރިން، ތެދުވެރިކަމާއެކު ބަހެއް ބުނަން އޭނާ ބޭނުންވިއެވެ. އާދަޔާ ޚިލާފަށް މަޑުމައިތިރި އަދި އިޚްލާޞްތެރި އަޑަކުން އޭނާ ބުންޏެވެ. “ރޭގެ ކަންތަކާ ބެހޭގޮތުން… އަހަރެން ބުނެލަން ބޭނުންވަނީ، އަހަރެންގެ ސަބަބުން އެއްވެސް އުނދަގުލެއް ވީނަމަ މަޢާފުކުރާށޭ. ހީވަނީ އަހަންނަށް މާ ގިނައިން ވާހަކަ ދެއްކުނީހެން. އަދި އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ނުކުރެވުނީ، އެކަމުން އަނެކާއަށް ކުރާނެ އަސަރަކަށް ނުވިސްނާ.”

ފަސީހު ވާހަކަ ދައްކަމުން ދިޔައިރު މެހެކްގެ ހަރަކާތްތަކަށް ސަމާލުކަން ދިނެވެ. މެހެކް މޫނު އަނބުރާނުލި ނަމަވެސް، އޭނާގެ އަތުގެ އިނގިލިތަކަށް އައި ބަދަލުން ފަސީހުގެ ވާހަކަތަކަށް ފުރިހަމައަށް ސަމާލުކަންދޭކަން އެނގެއެވެ.

“މީގެ ކުރިން ދުވަހަކުވެސް އެއްވެސް މީހެއްގެ ކުރިމަތީގައި އަހަރެންގެ ހިތް މިހާ ބޮޑަށް ހުޅުވާލައެއް ނުލަން،” ފަސީހު އިތުރަށް ކިޔައިދިނެވެ. “އެއްވެސް ޖެހިލުމެއްނެތި ހިތުގެ ވާހަކަތައް ބޭރުކުރެވުނީ، ތިޔައީ އިތުބާރު ކުރެވޭ ފަދަ އަމާން މީހަކަށް ވާތީ.”

އަނެއްކާވެސް ދެމެދަށް ހިމޭންކަން ވެރިވިއެވެ. ނަމަވެސް މިފަހަރު އެއީ ފުން ވިސްނުމަކަށް ގެންގޮސްދިން ހިމޭންކަމެކެވެ. “އަދި އެ ސިޓީއަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ. އެއީ ކުރަން މަޖުބޫރު ކަމަކަށް ނުވިޔަސް، އެ ސިޓީގެ ސަބަބުން އަހަންނަށް ކިހާ ބޮޑު ހިތްވަރެއް ލިބުނުކަން ފަހަރެއްގައި މެހެކްއަށް އިހުސާސް ނުކުރެވިދާނެ،” މަޑުމައިތިރިކަމާއެކު އޭނާ ބުންޏެވެ.

މެހެކް މޫނު އަނބުރާނުލި ނަމަވެސް، އެ މޫނުމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އެކަން ފޮރުވުމަށްޓަކައި އިސްދަށަށް ޖަހާލަމުން، ނާޒުކު އަޑަކުން ބުންޏެވެ. “ޝުކުރު އަދާކުރާނެ ކަމެއް ނެތް. އަދި އަބަދުވެސް ކޮންމެ ފިޔަވަޅެއްގައިވެސް އަހަރެން ހިތްވަރު ދޭން ހުންނާނަން.”

އޭނާގެ ބަސްތަކުގެ ސާދާކަމުން ގެނެސްދޭ އަސަރު، ކިތަންމެ ފުރިހަމަ އިބާރާތްތަކަކަށް ވުރެ ވެސް މާ ފުންވެފައި ބަރުދަން އިތުރެވެ. އެ ބަސްތަކުގައި އެއްވެސް ދެއްކުންތެރިކަމެއް ނެތެވެ. އޭގައި ވަނީ ހަމައެކަނި ތެދުވެރިކަމެވެ. ފަޞީޙަށް އެ އިޚްލާޞްތެރިކަން ވަގުތުން އިޙްސާސްވިއެވެ. އަދި އޭނާގެ ހިތުގެ އެންމެ ފުންމިނުން އެކަމަށް އިޖާބަދެވުނީ، އޭނާއަށް ވެސް އަދި ބަޔާންކުރަން ނޭނގޭ ފަދަ ގޮތަކަށެވެ.

އޭނާ މަޑުމަޑުން ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އެއީ ކުއްލިއަކަށް ނުވަތަ މަޖުބޫރުކަމާއެކު ކުރި ކަމެއް ނޫނެވެ. ހަމައެކަނި ދެމެދުގައިވާ ދުރުމިން ކުޑަކޮށްލުމަށްޓަކައެވެ. އެއަށްފަހު، ވަރަށް ފަރުވާތެރިކަމާއެކު އޭނާގެ އަތުގައި ހިފާލިއެވެ.

އެ ބައްދަލުވުމަކީ ނުހަނު މަޑުމޮޅި، ރައްކާތެރިކަމާއެކު ކުރެވުނު ކަމެކެވެ. އެއީ އެއްވެސް ކަމަކަށް އުންމީދުކުރުމުގެ ބަދަލުގައި، ހަމައެކަނި ހުއްދައަކަށް އެދޭ ފަދަ އިޙްސާސެކެވެ. ދެމީހުންގެ އަތް ޖެހުނު ހިނދު، އެ ދެމެދުގައިވާ ޖައްވަށް ބަދަލެއް އައި ފަދައެވެ. ބަޔާންކުރަން ނޭނގޭ ހިމޭން މެސެޖެއް ދައުރުވެގެން ދިޔަ ކަހަލައެވެ. އެ ވަގުތު މެހެކްގެ ނޭވާ މަޑުޖެހިލިއެވެ.

އޭނާ އަތް ފޮޅުވައެއް ނުލައެވެ. ނަމަވެސް އެނބުރި ބަލައެއްވެސް ނުލައެވެ. ލަދުވެތިކަމުގެ ސަބަބުން އޭނާ ހުރީ އެއްފަރާތަކަށް އެނބުރިގެންނެވެ. އެހެނަސް އޭނާގެ އިނގިލިތައް ފަޞީޙްގެ އަތުން ދުރުކޮށްލުމެއް ނެތި، އެ ގުޅުމުގައި ދެމިހުއްޓެވެ. މި އާދައިގެ ބައްދަލުވުމުން ވެސް، މިހާތަނަށް ދެކެވުނު ހުރިހާ ވާހަކައަކަށް ވުރެ ބޮޑު މާނައެއް ދޭހަކޮށްދިނެވެ.

ފަޞީޙް ކުޑަހިނދުކޮޅަކަށް އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރުމަށްފަހު، މަޑުމައިތިރިކަމާއެކު އަހާލިއެވެ. “އަހަންނާ ދިމާލަށް އެނބުރިލެވިދާނެތަ؟” އެއީ އަމުރެއް ނޫނެވެ. އޯގާތެރި އެދުމެކެވެ. އެމީހުންގެ ދެމެދުގައިވާ އެ މަޑުމޮޅިކަމަށް ބުރޫއަރާފާނެތީ އޭނާ ޖެހިލުންވާ ފަދައެވެ.

މެހެކް ފަސްޖެހުނުކަން ސާފުކޮށް އެނގެއެވެ. އޭނާގެ ކޮނޑު ހަރަކާތްވެލިއެވެ. އަތުގެ އިނގިލިތަކަށް ލޮޅުމެއް އަޔެވެ. ނަމަވެސް އޭނާ މުޅިން އެނބުރި ބަލައެއް ނުލިއެވެ. ފަޞީޙަށް އެ ފަސްޖެހުމުގެ މާނަ ވިސްނުނެވެ. އެހެންކަމުން އޭނާ މާ ބޮޑަށް ބާރުއެޅުމުގެ ބަދަލުގައި، އޯގާތެރިކަމާއެކު އޭނާ އެނބުރިލުމަށް މަގުދައްކައިދިނެވެ. އެ ހަރަކާތްތަކަކީ ނުހަނު އިޙްތިރާމާއެކު ކުރެވުނު ކަންކަމެވެ. މެހެކް މުޅިން އެނބުރިލި ވަގުތު، ދެމީހުންގެ މެދުގައިވާ ކައިރިމިން އިޙްސާސްވުމުން އޭނާގެ ލޯ ބޮޑުވެގެން ދިޔައެވެ.

ނަމަވެސް އެ ވަގުތުކޮޅު މާ ގިނަ އިރަކަށް ދެމިއެއް ނުއޮތެވެ. ލަދުވެތިކަން އޭނާގެ މައްޗަށް ގަދަވެގަތެވެ. އޭނާ ފަހަތަށް ފިޔަވަޅެއް އެޅިއެވެ. އަދި އަތް ދޫކޮށްލުމަށްފަހު އަވަސްއަވަހަށް ހިނގައިގަތެވެ. އެތަނުން ދަމުން، އޭނާ ދިޔައީ ހިތްގައިމު ހަނދާންތަކެއް އެތަނަށް ދޫކޮށްފައެވެ.

ފަޞީޙް އޭނާ ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ. އޭނާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހިމޭންކަމާއެކު ހުއްޓެވެ. އެ ވަގުތުކޮޅު ނިމިގެން ދިޔަ ނަމަވެސް، އޭނާގެ ހިތުގައި އެ ބައްދަލުވުމުގެ އަސަރު ބިންވަޅު ނެގިފައި ހުއްޓެވެ. އަދި ހުރިހާ އިޙްސާސަކީ ބަހުން ބަޔާންކޮށްދީގެން ނޫނީ ޙަޤީޤަތަކަށް ނުވާނެ އެއްޗެއް ނޫންކަން އޭނާއަށް ފުރަތަމަ ފަހަރަށް ވިސްނުނެވެ.

ލިޔުންތެރިޔާގެ ނޯޓު

ތިރީގައި އެވަނީ މި ވާހަކައާއި ގުޅޭގޮތުން ތިޔަ ބޭފުޅުންގެ ހިޔާލު ހޯއްދެވުމަށް ހަދާފައިވާ ޕޯލެކެވެ. ހުރިހާ ކިޔުންތެރިންވެސް ޕޯލަށް ވޯޓު ލެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ، އެއީ ވާހަކަ އިތުރަށް ރަނގަޅުކުރުމަށް މަގުފަހިވެގެންދާނޭ ކަމެކެވެ.

ވާހަކައާ ގުޅޭ ޕޯލަށް ވޯޓު ލެއްވުމަށް މި ޖުމްލައަށް ފިއްތަވާލައްވާ!

މި ވާހަކައަށް ހާއްސަކުރެވިފައިވާ ފޭސްބުކް ޕޭޖަށް ފޮލޯކޮށްލުމަށް ނޫކުލައިން ނުވަތަ ރަތްކުލައިން ފެންނަ ލިޔުންކޮޅު “ފޭސްބުކް ޕޭޖް” އަށް ފިތާލުމަށްފަހު ފޮލޯކޮށްލައްވާ!

Facebook Page – Mi Hamahimeynkan

މި ވާހަކައަކީ ޙިޔާލީ ކޮންސްޕްޓްއެއްގެ މައްޗަށް ބިނާކޮށް ލިޔަމުންދާ ވާހަކައެވެ. މި ވާހަކަގެ މި އެޕިސޯޑް ކަމުދިޔަކަމުގައިވާނަމަ ކޮމެންޓެއްގެ ޒަރީއާއިން ތިބޭފުޅުންގެ ޝުއޫރުފާޅުކުރެއްވުމަކީ އަޅުގަނޑުމެންނަށް މި ވާހަކަ ކުރިއަށް ގެންދިއުމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރެވެ. ބިނާކުރުވަނިވި ފާޑުކިޔުމަކީ ކުރިއަށް އޮތްތަނުގައި ވާހަކަ އިތުރަށް ރަނގަޅުކުރުމަށް ލިބިގެންދާނެ ފުރުސަތެއްކަމުގައި ފާހަގަކޮށްލަމެވެ.

ކުރިއަށްހުރި އެޕިސޯޑުތައްވެސް ކިޔާލާނެކަމަށް އުންމީދުކުރަމުން ވަކިވެލަމެވެ. ބާއްޖަވެރިދުވަހަކަށް އެދެމެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

River Writes
Follow Me Written By

River Writes

Level 110 Stories100 Login

Hello dear reader! I’ve always been drawn to stories that don’t feel ordinary. The kind of love that is intense, a little confusing, sometimes even frightening… but impossible to ignore. I don’t really write the kind of love you see every day. My stories live somewhere between reality and something unknown...where emotions are stronger, choices are harder, and nothing is ever simple. There’s always a touch of mystery in what I write. A sense that something deeper is happening beneath the surface. And sometimes, a bit of thrill… the kind that makes your heart race without fully understanding why. Happy reading 😊 - Arooj

Other Articles

Previous

އާއެކޭ ލޯބިވޭ… ތިރީސްނުވަވަނަބައި (ކަޅުތެލުގެ ބަނަ ނަޒަރުގައި)

Next

ނޭދެން ވަކިވާކަށް 10 ވަނަ ބައި

Next
May 6, 2026

ނޭދެން ވަކިވާކަށް 10 ވަނަ ބައި

Previews
May 6, 2026

އާއެކޭ ލޯބިވޭ… ތިރީސްނުވަވަނަބައި (ކަޅުތެލުގެ ބަނަ ނަޒަރުގައި)



All Right Reserved!