Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredލޯބި

މި ހަމަހިމޭންކަން… ހިލަމެއް އެބަވޭ މަށަށް (28)

River Writes
River Writes Level 110 Stories100 Login
May 13, 2026 8 Mins Read
0 Comments

ރާޒިޤު ރިސޯޓުގެ ފާލަމުން އަރައިގެން އޮފީހާއި ދިމާލަށް ހިނގަމުންދިޔައިރު ރިސޯޓުގެ މުޅި މާހައުލު އިހުނާއި ހިލާފަށް އޮތީ ނުހަނު ހަމަހިމޭންވެފައެވެ. ފަތުރުވެރިއެއްގެ ހިލަމެއްވެސް، އެ ރިސޯޓުގައި މަސައްކަތްކުރަން ލާފައި ތިބި މުވައްޒަފުންގެވެސް ހިލަމެއްނެތެވެ. އެހެންޏާ ރާޒިޤު ރިސޯޓަށް އަންނަން ވާއިރަށް އޭނާ ބަލައި އިލެކްޓްރިކް ބަޖީއެއްގައި މީހަކު އައިސް ހުންނާނެއެވެ. އެކަމަކު މިއަދު އޭނާ ލައްޕަންވެސް އެކަކުވެސް އައިހެއްނެތެވެ. އެ ބޮޑު ބަދަލާއެކު ރާޒިޤު ހިތަށްއެރިއެވެ. މިއީ އިއްތިފާގެއްބާއެވެ. ނޫނީ އެމީހުން އެހެން ކަމެއްގައި މާ ބިޒީވީބާއެވެ. ނޫނީ އޭނާއަށް ނޭނގި ބޮޑުކަމެއް ހިނގީބާއެވެ. ހޫނު ގަދަ ދުވަހެއްކަމުން އެހާ ދުރައް ހިނގާފައި ދާންޖެހުމުން ރާޒިޤުގެ ނިއްކުރިން ފައިބަމުންދިޔަ އޮށްދާތައް ފިލުވައިލުމަށް އޭނާގެ ޖީބުން ރުމައެއް ނެގިއެވެ. އެވަގުތު އޭނާގެ އަތުގައި ފޯނު ޖެހުމާއެކު، މިއިން އިރަކުވެސް ފޯނުގައި އަތްނުލެވޭކަން އޭނާ ހަނދާނަށް އައެވެ. އިއްޔެއާއި ރޭ، ގޭގައި ހިނގި ކާރިސާތަކުން އޭނާއަށް ކުރި އަސަރުން އޭނާ މުޅި ދުނިޔެއާއި އެކަހެރިވެ ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވުމުން އެހާ ގިނައިރު ވީއިރުވެސް ފޯނު އޮތީ ނިއްވާލާފައެވެ. ފޯނު ހުޅުވާލުމާއެކު އޭނާގެ ދެލޯ ބޮޑުވެގެންދިޔައެވެ. ރިސޯޓުގެ ޖެނެރަލް މެނޭޖަރު 15 ފަހަރު ރާޒިޤުގެ ނަންބަރަށް ގުޅާފައިއޮތެވެ. އަދި ޗީފް ފައިނޭންޝަލް އޮފިސަރގެ 12 ކޯލުވެސް މިސްވެފައި އޮތެވެ. ރިސޯޓުގެ މެނޭޖްމަންޓުގެ މީހުން ތިބޭ ވަޓްސްއެޕް ގުރޫޕްވެސް އޮތީ މެސެޖުތަކުން ބަރާވެ ފުނިޖެހިފައެވެ. އެ މަންޒަރު ފެނިފައި ރާޒިޤުގެ ދެލޯ ބޮޑުވިއެވެ. ހާސްވިއެވެ. ހިތް ނުތަނަވަސްވިއެވެ. އެހާވަރަށް އެމީހުން ގުޅާފައި އޮންނާނީ، އަދި ގުރޫޕްތަކަށް މެސެޖުކޮށްފައި އޮންނާނީ ކޮންމެވެސް ބޮޑު ކަމެއް ވީމައެވެ. އެއްވެސް ކަމަކާ ނުލާ އެހާ ވަރަށް ގުޅަން އެމީހުންނަށް ނުވެސް ކެރޭނެކަން ރާޒިޤަށް އެނގެއެވެ. އަދި އަމުދުން އޭނާގެ ޗުއްޓީ ދުވަހެއްގައި، ކަމަކާ ނުލައި އެމީހުން އޭނާއަށް އުނދަގޫ ނުކުރާނެކަން އޭނާއަށް އެނގެއެވެ.

ދިގު ރާސްތާއަކަށްފަހު ރާޒިޤުގެ ފިޔަވަޅުތައް އޮފީހުގެ ތެރެއަށް އެޅުނު ވަގުތުން ފެށިގެން، މުޅި މާހައުލަށް އާދަޔާ ހިލާފު ނުތަނަވަސްކަމެއް ވެރިވެފައިވާކަން އޭނާއަށް އިހުސާސްވިއެވެ. ރިސޯޓުގެ އިދާރީ ގޮފީގެ ތެރޭގައި ރަސްކަންކުރަމުންދިޔަ މަރުހިމޭންކަން އޭނާގެ ކަންފަތަށް ބަރުވަމުން ދިޔައީ، އަމިއްލަ ހިތުގެ ވިންދުވެސް އިތުރު އުނދަގުލަކަށް ވާ ފަދަ ގޮތަކަށެވެ. ކޮންމެ ދުވަހަކު ފެންނަ ހަލަބޮލިކަމާއި، ފައިލުތައް ހިފައިގެން ދުވާ މުވައްޒަފުންނާއި، ފޯނުތަކުގެ އަޑު މިއަދު ވަނީ ކެނޑިފައެވެ. އޭގެ ބަދަލުގައި ފެންނަން އޮތީ ބަޔާންކުރަން ނޭނގޭ ފަދަ ފަޅުކަމެކެވެ. އޭނާގެ ކެބިންގެ ދޮރު ހުޅުވާލީ އާންމު ހާލަތަކާ ބައްދަލުވާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް އެތެރެއިން ކުރިމަތިލާންޖެހުނު ހަމަހިމޭންކަމުގެ ސަބަބުން، ހިތުގައި އުފެދެމުންދިޔަ ބިރުވެރިކަން މުޅި ހަށިގަނޑަށް ފެތުރިގެން ދިޔައެވެ.

އޭނާ މަޑުމަޑުން އެތެރެއަށް ވަދެ، ހައިރާންކަމާއެކު މުޅި ތަނަށް ނަޒަރު ހިންގާލިއެވެ. ހުސްކޮށް އޮތް މޭޒާއި، އަތްލާފައި ނުވާ ފަދަ ތަރުތީބެއްގައި ހުރި ފައިލުތަކުން ކޮންމެވެސް ބޮޑު ކަމެއް ގޯސްވެއްޖެކަން އޭނާއަށް ޔަގީންވިއެވެ. އެ ވަގުތު ކުއްލިއަކަށް ފަހަތުން ދޮރު ހުޅުވާލާފައި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ކަރީމް އެތެރެއަށް ވަނީ ނޭވާހާސްވެފައިވާ ހާލުގައެވެ. އޭނާ ހުރީ ކޮންމެވެސް ބޮޑު ކާރިސާއަކުން ސަލާމަތްވާން ދުވެފައި އައި މީހަކު ފަދައިންނެވެ. ލަހިވެފައި ހުރުމުން އޭނާ ދިޔައީ މައިނޭވާ ލަމުންނެވެ. އޭނާގެ ފަހަތުން ރިސޯޓުގެ ސީ.އެފް.އޯ ރަމީޒު ވެސް އެތެރެއަށް ވަނީ ހަމަ އެފަދަ ހާސްކަމެއްގެ ތެރޭގައެވެ. އޭނާގެ އަތުގައި ހުރި ލިޔުންތައް ތުރުތުރުލާ ހާލު ބިންމައްޗަށް ފެތުރިގެން ދިޔަ މަންޒަރުން، ރާޒިގުގެ ހިތުގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވިއެވެ.

ކަރީމް މޭޒުގެ ކަނުގައި ހިފަހައްޓައިގެން ހުރީ އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އޭނާގެ އަޑު ނުކުތީ ބިރުވެރިކަމުން ފުރިގެންވާ ގޮތަކަށެވެ. “ސާރ… އެކަކުވެސް ނެތް.. މިއަދު މި ރިސޯޓުގެ އެއްވެސް މުވައްޒިފަކު މަސައްކަތަކަށް ނުނިކުމޭ.. ހުރިހާ މުވައްޒަފުން ތިބޭ ހިމޭން ހަޅުތާލެއްގަ…” އޭނާ ރިސޯޓުގެ ހާލަތު ބަޔާންކުރަމުން ދިޔައިރު އޭނާގެ އަޑު ދިޔައީ ތުރުތުރުލަމުންނެވެ. އެއީ ކުރު ޖުމްލަތަކެއް ނަމަވެސް، އެ ބަސްތަކުން މުޅި މާހައުލުގެ ވައިވެސް ހުސްވި ފަދަ އިހުސާސެއް ކުރެވުނެވެ. ރާޒިގު އެއްޗެއް ބުނަން އުޅުނު ނަމަވެސް، ކަރީމް އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. މުވައްޒަފުން ވަޒީފާއަށް ނައުމާއި، އެއްވެސް އިންޒާރަކާ ނުލައި ހަޅުތާލުކުރުމާއި، މުސާރަ ނުލިބުމުގެ ޝަކުވާތައް އޭނާ ކިޔައިދެމުން ދިޔައީ ވަރަށް އަސަރާއެކުގައެވެ. އާނއެކެވެ. ރިސޯޓުގެ މަދު މުވައްޒިފުން ކޮޅަކަށް މެނުވީ މިދިޔަ ދެމަހުގެ މުސާރަ އަދިވެސް ނުލިބެއެވެ. ރިސޯޓުގައި ހުރި ލާރީގެ ދަތިތަކަށް ހައްލެއް ނުލިބުމުގެ ސަބަބުން ރިސޯޓުގެ ހުރިހާ ކަމެއް އޮތީ ބޮއްސުން ލައިގެންގޮސްފައެވެ. އެ ވަގުތު ސީ.އެފް.އޯ ވެސް ހުރީ ބުނާނެ އެއްޗެއް ނޭނގި، އެ ބޮޑު ހަގީގަތުގެ ކުރިމަތީގައި ގަނޑުވެފައެވެ.

ކުރު ހިނދުކޮޅެއްގެ ހަމަހިމޭންކަމަށްފަހު ސީ.އެފް.އޯ ރަމީޒުވެސް އޭނާ ހިފައިގެން އައި މައުލޫމާތުތައް ރާޒިޤަށް ކިޔާދޭން ފެށިއެވެ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ނަން އެމީހުންގެ މެދުގައި ގުގުމާލީ، ކުރެވިފައިވާ ހުކުމެއް ފަދައިންނެވެ. ނުދައްކާ ހުރި ޓެކުހާއި، އާންމުންނަށް ހާމަވެފައިވާ މާލީ އިނދަޖެހުންތަކުގެ ވާހަކަ އިވުމުން، ރާޒިގަށް އިހުސާސް ކުރެވުނީ އޭނާގެ އެތެރެހަށި ކުދިކުދިވެ، މާޔޫސްކަން ވަށާލި ކަމެވެ.

“ރިސޯޓު އެންމެ ފުރަތަމަ ހަދަންވެގެން މީގެ 20 އަހަރު ކުރިން، އިންޑިއާގެ ބޭންކަކުން ނެގި ލޯނުގެ ޖުމްލަ އަދަދު އިންޓަރެސްޓާއެކު މިހާރު ހުރީ 558 ބިލިއަނުގަ. މިހާރު 5 އަހަރު މިވީ އޭގެން އެއްވެސް ލޯނެއްގެ އެއްވެސް ރީޕޭމެންޓެއް ނުދައްކާތާ… ހުރިހާ ބޭންކަކުން އަހަރެމެން ފަހަތުން އެބަ ދުވޭ… ހުރިހާ ބޭންކަކުން މިހާރު އަހަރެމެންގެ މައްސަލަތައް ކޯޓުތަކަށް ހުށަހަޅައިގެން އުޅޭތާ އެތަކެއް ދުވަހެއް ވެއްޖެ… ކޮމްޕެނީގެ ލޯޔަރުންވެސް އެތިބީ ކޯޓުތަކު ދޭތެރޭ ދުވެދުވެ ވަރުބަލިވެފަ.. މިހާރު ބޭންކުން އެބައޮތް މި ރިސޯޓާއި މި މި ރިސޯޓު ހަދަން ނެގި ހުރިހާ ލޯނަކާ ގުޅުން ހުރި ހުރިހާ ރަހުނެއް ވިއްކާލަން ލިސްޓުކޮށްފަ… ދިސް ކޮމްޕެނީ އިޒް ޑެޑް ބޮސް… ވީ ހޭ ނޯ ހޯޕް ހަވް ލޯންގް ވީ ކޭން ކޮންޓިނިޔު ދިސް ވޭ…”

ކުރިން ކޮންޓްރޯލް ކުރެވޭނެ ކަމަށް ހީކުރި ހުރިހާ ކަމެއް އަތުން ބީވެ، ރިސޯޓަކީ ހިންގާ ވިޔަފާރިއަކަށް ވުރެ ބޮޑަށް، އިންސާނުންނާއެކު ފުނޑުފުނޑުވަމުންދާ ތަނެއްގެ ގޮތުގައި ސިފަވާން ފެށިއެވެ. ރާޒިޤުގެ ލޮލުން ކަރުނަ ހިލުނެވެ. ދުވަހަކުވެސް އިހުސާސް ނުކުރެވޭ ފަދަ ތޫނު ދިލަ ވޭނެއް އޭނާގެ މުޅި އެތެރެ ހަށި ގައިދުކޮށްލިއެވެ. ބާރުބާރަށް މޭގައިވެސް ރިއްސަން ފަށައިފިއެވެ. ޅަ ދުހުންސުރެ ހަރުފަތަކަށްފަހު ހަރުފަތަކަށް އަރަމުން، ހިތްވަރާއި މިންނަތާއިއެކު ލެޔާއި ދަލާއި އޮހޮރުވައި ބުރިބިންދައިގެން ބިނާކުރި ދިރިއުޅުން ހިނދުކޮޅެއްގެ ތެރޭގައި ސުންނާފަތިވެ، ބިމާއި ހަމަވެ ވެއްޔާއި މޮޑެވިގެން ދިޔަ އިހުސާސަށްވުރެ ހިތްދަތި އިހުސާސެއް ރާޒިޤުގެ ހަޔާތުގައި އަދި ދުވަހަކުވެސް ތަހައްމަލް ނުކުރެއެވެ.

ސީ.އެފް.އޯ ރަމީޒް ދިން ހިތްދަތި ހަބަރުން ރަނގަޅަށް އަރައިނުގަނެވިގެން އުޅެނީސް، އެވަގުތު ކަރީމް ދިން ޚަބަރަކީ ވޯޓާ ވިލާއެއް ކަނޑަށް ގިރައިގެން ދިޔަ ވާހަކައެވެ. އެއީ ހަމައެކަނި ހިނގި ހާދިސާއެއް ނޫނެވެ؛ އެއީ މަރާމާތު ނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން ދިމާވި، އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެކެވެ. އެކަމުގެ ސަބަބުން ތިން ފަތުރުވެރިން ކަނޑުގެ ތެރެއަށް ޣަރަގުވެގެން ދިޔައީ، އެތަނުގެ ބަލިކަށިކަން އެނގިތިބެ އެކަން އިސްލާހުކުރަން އެއްވެސް ބަޔަކު މަސައްކަތް ނުކޮށް އޮއްވައެވެ.

އިތުރު ތަފްސީލުތައް ލިބެމުން ދިޔައިރު، ރާޒިގު ހުރީ ބުނާނެ އެއްޗެއް ނޭނގި ހިމޭންވެފައެވެ. ކަރީމް ކިޔައިދެމުންދިޔަ ވާހަކަތަކުން ފެންނަނީ ބިރުވެރި މަންޒަރެކެވެ. ފަތުރުވެރިން ބަނޑުހައިހޫނުކަމުގައި ރޮއި، އެމީހުންގެ ހާލަތު ވީޑިއޯ ކުރަމުން ދިޔައީ އެއީ ކުންފުންޏަކަށް ހައްލުކުރެވޭނެ ވަރަށް ވުރެ ބޮޑު ކާރިސާއަކަށް ވެފައިވާތީއެވެ. ރެސްޓޯރެންޓުތަކާއި ޑައިނިން ސަރަހައްދުތައް ހުރީ ހުސްކޮށެވެ. އެއްވެސް ޝެފަކުވެސް މަސައްކަތަކަށް ނުނިކެމެއެވެ.

ރިސޯޓުގެ ބުކިންގްސްތައްވެސް ކުރިން ދުވަހަކުވެސް ދަށަށް ނުދާވަރަށް މިހާރު ވަނީ ދަށަށްގޮސްފައިކަންވެސް ކަރީމާއި ރަމީޒު ބުނަމުންދިޔައެވެ. ނަމަވެސް، އެއީ މިހާރު އެއްވެސް މާނައެއް ހުރި ވާހަކަތަކެއް ނޫނެވެ. ރޭގަނޑުވުމުގެ ކުރިން މީހުން ހުސްކުރުމަށް ކަރީމް ދިން އިންޒާރަކީ ހަމައެކަނި ލަފައެއް ނޫނެވެ؛ އެއީ ކުރަންޖެހޭ އެންމެ ފަހުގެ އަމުރެވެ. ރިސޯޓުގެ ހުރިހާ ވޯޓާ ވިލާތަކެއްގެ ބިނާރުތައްވެސް ހުރީ ނުވަދިހަ އިންސައްތަ ހަލާކުވެފައެވެ. އެތަންތަންހުރީ ފަތުރުވެރިން ބައިތިއްބަން ނުވާވަރަށް ބާވެފައިހުރި ނުރައްކާތެރި ހާލަތެއްގައެވެ.

އެތައް އިރެއްގެ ހިމޭންކަމަށްފަހު، ރާޒިގަށް ވަރަށް ސާފުކޮށް ވިސްނުނީ، މިއީ ހަމައެކަނި ނާކާމިޔާބުވަމުންދާ ވިޔަފާރިއެއް ނޫން ކަމެވެ. މިއީ ސަލާމަތް ކުރެވޭނެ ކަމަށް ދައްކައިގެން ތިއްބާ، މާކުރިން ފުނޑުފުނޑުވެ މަރުވެފައިވާ ނިޒާމެއްގެ ހިތްދަތި ނިމުންކަމެވެ.

****

ޖޫލީ، އޭނާގެ ރަހުމަތްތެރިޔާ އަދި މަޝްހޫރު ނަފްސާނީ ބަލީގެ ޑަކްޓަރު ގިނީގެ އެޕާޓްމަންޓަށް ވަންއިރު، އެތަނުގައި ވަނީ ތަފާތު ހިމޭންކަމެކެވެ. ހިތްނުތަނަވަސްކަމާއެކު ސޯފާގައި ގިނީގެ އިންތިޒާރުގައި އިށީނދެލައިގެން އިންއިރު، ޖޫލީގެ ކޮނޑުމަތީގައި ހުރި ބުރަދަން ލުއިވާގޮތެއް ނުވިއެވެ. އެތައް ހަފްތާއެއްގެ ހާސްކަން ބޭރުވެދާނެތީ، އޭނާ އިނީ އަމިއްލަ ނަފްސު ހިފަހައްޓާލައިގެންނެވެ.

ގިނީ، އޭނާގެ ދެމަހަށް ދާ އަންހެން ދަރިފުޅަށް ބުއްދިނުމަށްފަހު އެކުއްޖާ އުރާލައިގެން ލިވިންރޫމަށް ނިކުތެވެ. އެ ކުޑަކުޑަ މައުސޫމް ފުރާނަ ފެނުމާއެކު ޖޫލީގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ބަލާކަށް ނުއިދެ ޖޫލީ ގޮސް ގިނީގެ އުރުގައިއިން ކުއްޖާ ނަގާފައި މައްޗަށް ނަގާލިއެވެ. އަދި އުރާލަމުން އެކުއްޖާގެ ކޮލުގައި ހިފާލަމުން ލޯބި ލޯބި ދޮނެއް ދިނެވެ.

ގިނީގެ ކެތްތެރި ބަލާލުމުން ޖޫލީގެ ހިތުގެ އުދާސްތައް އިތުރަށް ބޭރުވާން ބޭނުންވިއެވެ. އެ ދެމެދުގައި އޮތް ހިމޭންކަމަކީ ޖޫލީގެ ހިތުގައި ހުރި ވާހަކަތައް އަމިއްލައަށް ބޭރުވަންދެން މަޑުކޮށްލައިގެން އޮތް ވަގުތުކޮޅެކެވެ.

“މި ބޭބީ އަބަދު އިންނަނީ މަންމިވެފަ… އެހެން މީހަކަށް ބޭބީ މަތަކުރެވޭ ކަމަކަށްނުވޭ… އެހެންވެ އަހަރެން ޖޮބުންވެސް ކެނޑެން ޖެހުނީ.. އަހަރެންވެސް މިހާރު ބޭނުންވަނީ ބޭބީ ކައިރީގަ ހުންނަން.. މިގޭގަ ބޭބީ ބަލަން އިތުރު މީހަކުވެސް ހުންނަނީއެއް ނޫން… އަހަރެން ބޭނުންނުވީ ބޭބީ ސިޓާއެއް ގެންނަން ނޫނީ އެހެން މީހަކު ކައިރީގަ ބަހައްޓާފަ ދާން… ދެން އިރާދަކުރެއްވީޔާ ބޭބީ ކުޑަކޮށް ބޮޑުވެލީމަ އަލުން ޖޮބަށް ނިކުންނަން ފަށާނީ…”

ގިނީ އޭނާގެ ހާލަތު ޖޫލީއަށް ކިޔައިދެމުންދިޔައެވެ.

“އަސްލު ދަރިއަކު ލިބުން މިއީ ލައިފްއަށް ވަރަށް ގުޑް ޗޭންޖެސް އަންނަ ކަމެއް… އޭމް ހެޕީ މި ޑެސިޝަން ނެގުނީތީ… އެންމެ ފުރަތަމަ ހީކުރީ ދަރިއަކު ލިބުނީމަ ކެރިޔާ ހަލާކުވާނެއޭ.. މަސައްކަތެއް ނުކުރެވޭނެއޭ…. އެކަމަކު މިހާރު ވިސްނިއްޖެ އަސްލު އެހުރިހާ އެއްޗަކަށް ވުރެވެސް އެންމެ މުހިންމީ ފެމިލީއާއެކު ސްޕެންޑް ކުރެވޭ ޓައިމްކަން… ނަވް އައި ޑޯންޓް ވަންނަ ލުކް ބެކް ބިކޯޒް އައި ޑޯންޓް ހޭވް އެނީތިންގ ޓު ރިގްރެޓް… ކެރިޔާ ބިލްޑް ކުރެވިދާނެ ކޮންމެ އިރަކުންވެސް.. އެކަމަކު ކޮންމެ ކޮންމެ އިރަކު އާއިލާއެއް ބިނާ ނުކުރެވޭނެ… އެކަމަށް ވަކި ޑެޑްލައިންއެއްވޭ… ޖޫއަށް ވިސްނޭ ދޯ އަހަރެން މިބުނަން އުޅޭ ވާހަކަ..”

ގިނީ ވަރަށް ނުސީދާކޮށް ވިޔަސް އެ އަހަނީ ޖޫލީއާއި ޒުނާމް ދަރިއަކު ހޯދާނީ ކޮން އިރަކުންތޯކަން ޖޫލީއަށް ވިސްނެއެވެ.

“އައި ނޯ… އައި ކޭން އަންޑަސްޓޭންޑް އިޓް… އެކަމަކު އަހަރެން ބޭނުން ލައިފްގަ ވަރަށް ސްޓެބަލް ވެފަ ހުރިހާ ކަމެއް ހަމައަކަށް އެޅުނީމަ ދަރިއަކު ހޯދަން… ޖޫގެ ޖޮބްވެސް އަދި ހަމަޖެހެން ދުވަސްކޮޅެއް އެބައޮތް.. އައި ހޭވް ނޯ ވާކް އެކްސްޕީރިއަންސް އޭސް އަ ޑޮކްޓަރ… އަހަރެން ފުރަތަމަ ބޭނުމީ ކޮންމެވެސް ވަރެއްގެ ތަޖުރިބާއެއް ހޯދަން… ސެޓްލް ވެލާފަ ދަރިއަކު ހޯދަން ބޭނުމީ.. ޕްލަސް.. ގިނީއަށް ނޭނގިދާނެ ބަޓް މި ފަހަކަށް އައިސް ލައިފްގެ ވަރަށް ގިނަ ކަންކަން ބަދަލުވެއްޖެ… އިޓްސް ނޮޓް ހަވް އިޓް ވޯސް ނޫނީ އެހެން މީހުންނަށް ފެންނަ ފެނުމަށް ފެންނަ ނޫނީ ހީވާކަހަލަ ހެޕީ ލައިފެއް ނޫން އަހަރެން މިއުޅެނީ…”

ޖޫލީ ވާހަކަދައްކަން ފެށިއިރު، އެ ބަސްތައް ބޭރުވަމުންދިޔައީ ވަރަށް އުނދަގޫ ގޮތަކަށެވެ. އެއީ ގިނަ ދުވަސްތަކެއް ވަންދެން ހިތުގެ ފުންމިނުގައި ފޮރުވައިގެން ހުރި ޝުޢޫރުތަކެއް، ކެތްނުކުރެވިގެން ބޭރުވަމުންދާ ކަހަލަ ގޮތަކަށެވެ. އޭނާ ޒުނާމްގެ ވާހަކަ ކިޔައިދެމުންދިޔައީ ތަރުތީބުވެފައިވާ ވާހަކައެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި، އޭނާއަށް އޮޅުންބޮޅުންވެފައިވާ ޒުނާމްގެ އަމަލުތަކުގެ ސަބަބުން، ލޯތްބާ މެދު އޭނާ ކުރިން ދެކެމުން އައި ގޮތް ބަދަލުވަމުންދާކަން ހާމަވަމުންދިޔައެވެ. ކުއްލި ކުއްލިއަށް ދުރުހެލިވުމާއި، އޭނާއަށް ނޭނގި ހުރެ މަޅިތަކަކަށް ފެތޭފަދަ ނަފްސާނީ އިމްތިހާނުތަކެއް ކުރިމަތިކުރުވުމާއި، އަދި އޭނާގެ ފަރާތުން ޒުނާމް ބޭނުންވާ ފަދަ އިޖާބައެއް ނުލިބޭ ކޮންމެ ހިނދަކު ޒުނާމްގެ ލޯތްބާއި އަޅާލުން ކުއްލިއަކަށް ބަދަލުވެގެންދާ ގޮތް އޭނާ ކިޔައިދިނެވެ.

“ޔޫ ނޯ… މިވާހަކަތައް އެކަކަކު ކައިރީގަވެސް ނުކިޔައްޗޭ… ޒުނާމް… ވަރަށް ބަދަލުވެއްޖެ… ނޫނީ މޭބީ ވެދާނެ އޭނަ އެއީ އަބަދުވެސް އެކަހަލަ މީހެއް ކަމަށް އެކަމަކު އަހަރެންނަށް ކުރިން އޭނަ ދަސްވީ ނުބައިކޮށް ކަމަށްވެސް… އިޓްސް ނޮޓް ދެޓް ހީ އެބިއުސް މީ ޕިސިކަލީ…. ބަޓް އެވާނީ މެންޓަލް ޓޯޗަރއަށް.. ނަފްސާނީ ގޮތުން ދެވޭ އަނިޔާއަކަށް… ޒުނާމް އަބަދު އަހަރެންނާ ސުވާލުކުރަނީ… އެކި އިމްތިހާނުތައް ކުރިމަތިކުރުވަނީ.. އެއްރޭ އޭނާގެ އަތުގައި ވަޅިއަޅާފަ މަރުވާންވެސް އުޅުން… ހަމަ ކިރިޔާ ސަލާމަތްވީ ﷲގެ އިރާދަފުޅުން…. ދެން ހީ ޓޯލްޑް މީ ހީ ޑިޑް އޯލް ދެޓް ޓު ސީ އިފް އައި ލަވް ހިމް އޯ ނޮޓް… އައި މީން… ހަވް ކުޑް ހީ… އޭނަ ކީއްވެ އަހަރެންގެ ލޯތްބާ މެދު ސުވާލު އުފައްދަންވީ… އަހަރެންގެ ލޯބީގަ ހުރީ ކޮން އުނިކަމެއް…. އަހަރެންނަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއް؟ އެގޮތަށް ކަންތައް ކުރެވުނީމަ ތިމަންނަ ދެރަވެޔޭ ކިޔާފަ އަހަރެން ކައިރިން މާފަށްވެސް އެދުނު.. ވަރަށް ރޮއެފަ މާފަށް އެދުނީމަ އަހަރެން ހީކުރީ ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނެއޭ… ބަޓް ދެން… އިއްޔެގަ ހީ ކްރޮސްޑް އޯލް ދި ލިމިޓްސް… ހުރިހާ އިމެއް ފަހަނައަޅާ ދިޔައީ… އިއްޔެ ހަވީރު މޫދުގަ ހުރީ ވަރަށް ރަނގަޅު މޫޑެއްގަ… ދެން ކުއްލިއަކަށް އަހަރެން ކައިރީ އެހީ އޭނަ ނެތް ދުނިޔެއެއްގަ އަހަރެން އޭނަ ނޫން އެހެން މީހަކު ދެކެ ލޯބި ވެދާނަންހޭ… ދެން އަހަރެން މަޖަލަކަށް، އޭނަ ބުނާ އެއްޗެއް ބަލާލަންވެގެން ބުނީ އާންއެކޭ، ފަހަރެއްގަ ހަމަ އެހެން މީހަކު ދެކެ ލޯބި ވެވިދާނެޔޭ… އެހެން ބުނުމާއެކު އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެފަ މޫޑު ބަދަލުވެފަ ހީ ކޮމްޕްލީޓްލީ ޗޭންޖްޑް އިން ދިސް ސްކޭރީ ވައިލްޑް އެބިއުސާ އެންޑް އޭނަ ޖޫގެ މޫނު މޫދުގެ ލޮނުގަނޑުގެ ތެރެއަށް ގަންބާލާފަ ޖޫގެ ނޭވާ ހާސްކޮށްލީ… އިޓް ފެލްޓް ލައިކް ހީ ވޯސް ގޮނަ ކިލްމީ އެލައިވް… އަހަރެން ގަން ބިރުން ދުވެފަ ގޮސް ވަނީ ވަލަށް.. އައި ސޯ ހީ ވޯސް ކަމިން ރަނިން ޓޮވާޑްސް މީ މާފަށް އެދެމުން… އެން ހީ ވޯސް ކްރައިން… ޖޫއަށް ނޭނގޭ އެއްޗަކީ، ނަފްސާނީ ކަމެއް ނަމަ ހަމަ ކުއްލިއަކަށް ނޫނޭ ހުރެފަ ފާޅުވާނީ… މަޑުމަޑުން އެހެން ގޮސްފައޭ ފެންނާނީ… އެކަމަކު މި ކޭސްގަ އިޓްސް ނޮޓް ލައިކް ދެޓް.. ހިސް ބިހޭވިޔަރ ޗޭންޖްޑް ސޯ އިންސްޓެންޓްލީ…”

މި ހުރިހާ ވާހަކައެއް އޭނާގެ ދުލުން ބޭރުވަމުންދިޔައީ ތުރުތުރުލަމުންދިޔަ އަޑަކުންނެވެ. ބައެއް ފަހަރު އަޑު މަޑުވެ، އަނެއްބައި ފަހަރު އަޑު ބެދޭގޮތްވިއެވެ. ހަމަޖެހިލައިގެން ވާހަކަދައްކަން އޭނާ މަސައްކަތް ކުރި ނަމަވެސް، އޭނާގެ ހަށިގަނޑުގެ ހަރަކާތްތަކާއި، ކުރުވެފައިވާ ނޭވާޔާއި، އަދި ކަރުނުން ފުރިފައިވާ ދެލޮލުން އޭނާގެ ހިތުގެ ހާލަތު ސާފުކޮށް ހާމަވަމުންދިޔައެވެ.

ގިނީ އެއްވެސް މެދުކެނޑުމެއް ނެތި ވަރަށް ކެތްތެރިކަމާ އެކު އަޑުއަހަން އިނެވެ. އޭނާގެ މޫނުމަތިން ފެންނަމުންދިޔައީ ހަމައެކަނި ބަލަން އިން އިނުމެއް ނޫނެވެ. އޭގެ ބަދަލުގައި ކަންކަން ދެނެގަނެވޭ ކަމުގެ ނިޝާންތަކެވެ. ގިނީ ވާހަކަދައްކަން ފެށިއިރު އޭނާގެ ރާގު ހުރީ ވަރަށް ފަރުވާތެރިކަމާ އެކުގައެވެ. އެކަމުގެ ސަބަބުން ޖޫލީއަށް އިހުސާސްވީ އޭނާގެ ނަފްސު މީހަކު ތަހުލީލު ކުރަނީ ނޫން ކަމަށާއި، އޭގެ ބަދަލުގައި އޭނާއަށް މީހަކު ވަރަށް ގާތުން އަޅާލަނީ ކަމަށެވެ. ގުޅުމެއްގެ ތެރޭގައި އުފެދޭ ނުތަނަވަސްކަމާއި، ބާކީވެދާނެތީ އޮންނަ ބިރުވެރިކަމާއި، އަދި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުމުގެ ސަބަބުން ކުރިމަތިވާ ނަފްސާނީ މައްސަލަތަކުގެ ތަފްސީލު ގިނީ މަޑުމަޑުން ކިޔައިދިނެވެ.

“ޖޫ އޭމް ސޯ ސޮރީ ފޯ ޔޫ… އަހަރެންނަށް ސިފަވެސް ނުކޮށްލެވޭނެ ޖޫ ތި ތަހައްމަލް ކުރަން ޖެހުނު ކަންތައްތަކެއް… އެކަމަކު ބުނަންތަ.. ޖޫއަށް އަސްލު ނަފްސާނީ ކަންކަމާ ބެހޭގޮތުން އެނގިފަ ތިއޮތީ ވަރަށް ނުބައިކޮށް… ކޮންމެ ކޮންމެ މީހަކު ނަފްސާނީ ވާނީކީއެއް ނަފްސާނީ ވަމުން ވަމުން ގޮސްފައެއްނޫން… ބަޓް އިޓް ކޭން ބީ ސްޕޮންޓީނިއަސް ޓޫ… ތިކަހަލަ ކޭސެސް ތީ ވަރަށް މަދުން ނޫނީ ނާންނަ ކޭސްތަކެއް.. ހާއްސަކޮށް ރާއްޖޭގަ… އެކަމަކު ދުނިޔޭގަ، އިޓް އިޒް އޭން އެމާޖިންގ ސިޓުއޭޝަން… އޭން އެމާޖިންގ ކްރައިސިސް… ވަރަށް ދެރަވޭ ބުނަން.. އެކަމް ތި ކިޔާދިން ވާހަކަތަކުން އަހަރެންނަށް ފަހުމްވީ ޒުނާމްއަކީ ނަފްސާނީ ބަލީގެ ޕޭޝަންޓެއްކަން… އޭނައަށް ބޭނުންވަނީ ޖޫލީގެ ލޯބި. އެވެސް އިންތިހާއަށް… އޭނައަށް ޖޫއާ ނުލާ އެންމެ ހިނދުކޮޅަކުވެސް އުޅެން އުނދަގޫވާނެ… ޖޫ ފެންނަން ނެތީޔާ އުނދަގޫވާނެ.. އޭނާ ނެތް ދުނިޔެއެއްގަވެސް ޖޫ އެހެން މީހަކާ އެކު އުޅެން އޭނަ ބޭނުންނުވާނެ… އެ ބައްޔަށް ކިޔަނީ އެބަންޑަންޓްމެންޓް ފިއަރ.. ނޫނީ ލޯބިވާ އެއްޗެއް ނުވަތަ މީހަކު ގެއްލިދާނެތީ އެގަންނަ ބިރު…”

ގިނީ ޒުނާމްގެ ބޮލުގައި އިލްޒާމެއް އެޅުވުމުގެ ބަދަލުގައި، އޭނާގެ އަމަލުތަކުގެ ފަހަތުގައިވާ ބިރުވެރިކަން ދެނެގަނެ، އޭނާއަށް ލިބިފައިވާ އިލްމާއި ތަޖުރިބާގެ އަލީގައި ޖޫލީއަށް ޒުނާމްގެ ބަލީގެ ހަޤީޤަތް ހާމަކުރިއެވެ. އެ ކަންކަން އޮޅުންފިލަން ފެށުމުން ޖޫލީގެ ހިތަށް އިތުރު ތާށިކަމެއް އިހުސާސްވިއެވެ. މިކަމުގެ ސަބަބުން ކަންކަން ފަސޭހައެއް ނުވިއެވެ. އޭގެ ބަދަލުގައި ހިތަށް ލިބުނު ބުރަދަން އިތުރުވިއެވެ. ސަބަބަކީ، މީހެއްގެ އަމަލުތަކުގެ ފަހަތުގައިވާ ސަބަބު އެނގުމުން އެކަމާ ނުރުހުންވާން އުނދަގޫވި ނަމަވެސް، އެކަމުން ލިބޭ އަނިޔާ ކުޑަނުވާތީއެވެ.

މި ހަގީގަތްތަކާ މެދު ވިސްނަމުންދިޔައިރު ޖޫލީގެ ނޭވާ ތުރުތުރުލަމުންދިޔައެވެ. އޭނާގެ ހިތުގައި އުފެދެމުންދިޔަ ޝުޢޫރުތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރާ ފަދަ ގޮތަކަށް އޭނާގެ ދެލޯ އަމިއްލަ އަތަށް އަމާޒުވިއެވެ. އޭނާގެ އަޑު ބެދުނީ މިހާތަނަށް އޭނާ ޒުނާމް ކުށްވެރިކުރަމުން ދިޔަކަމުގެ އިހުސާސް ކުރެވެން ފެށިލެއް ބޮޑުކަމުންނެވެ. އެއްވެސް އަޑެއްބަޑެއް ނެތި ޖޫލީގެ ލޮލުން ކަރުނަ ފޭދުނެވެ. އެއީ ދެއްކުންތެރިކަމެއް ނޫނެވެ. ނަމަވެސް އެއީ ބަސްތަކުން ބަޔާން ނުކުރެވޭ ފަދަ ފުން އަސަރެކެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ޝައްކުތަކާއި، އޮޅުންބޮޅުންތަކުގެ ސަބަބުން ޒުނާމްއާ މެދު މުޅިން ނުބައިކޮށް ދެކެވުނީކަމަށް އޭނާ އިއުތިރާފުވިއެވެ. މި ހުރިހާ ވާހަކައެއް ދައްކަމުންދިޔައިރު، އޭނާ ހިފަހައްޓައިގެން ހުރި ހިތްވަރު އެލެމުންދާ ކަހަލަ އިހުސާސެއް ކުރެވުނެވެ. ގިނީ މަޑުމަޑުން ޖޫލީގެ އަތުގައި ހިފާލިއެވެ. އެކަމުން ލިބުނު ހިތްހަމަޖެހުމުގެ ސަބަބުން ތަދު ކުޑަނުވި ނަމަވެސް، އޭނާ އެ ތަދުގައި އެކަނިވެފައި ނުވާކަމުގެ އިހުސާސް ކުރެވުނެވެ. ކަންކަން ދެނެގަނެވުމުން ލިބުނީ ހިތްދަތިކަމެކެވެ. ސަބަބަކީ، މީހެއްގެ ހިތުގައިވާ ބިރުވެރިކަން ދެނެގަތުމަކީ އެމީހެއްގެ ފަރާތުން ލިބުނު އަނިޔާތައް ފިލައިދާނެ ކަމެއް ނޫންކަން އޭނާއަށް ޔަގީންވުމެވެ. ކަރުނުން ފުރިފައިވާ ދެލޮލާ އެކު އޭނާ އިނދެ ވިސްނަމުންދިޔައީ، މީހަކު ތިމާ ނުތަނަވަސްކަމުގެ ތެރެއަށް ވައްޓާލަނީ ކީއްވެގެންކަން އެނގުމަކީ، އެ ނުތަނަވަސްކަމުން ސަލާމަތްވުމަށް އޮތް ފަސޭހަ މަގެއް ނޫން ކަމެވެ. ޚާއްޞަކޮށް، ހިތުގެ އެއްބައިގައި އަދިވެސް އެ ހުރިހާ ބިރުވެރިކަމެއް ފެށުމުގެ ކުރިން އޮތް ލޯތްބާއި އުފާވެރިކަން ހަނދާން ހުންނާތީއެވެ.

ލިޔުންތެރިޔާގެ ނޯޓު

އަޅުގަނޑުގެ ވާހަކަތަކާއި ގުޅޭ ވައިބަރ ކޮމިއުނިޓީއާއި ގުޅިލެއްވުމަށް ތިރީގައި ނޫކުލައިން ނުވަތަ ރަތްކުލައިން ފެންނަ ލިޔުންކޮޅު “ކޮމިއުނިޓީ” އަށް ފިއްތަވާލެއްވުމަށްފަހު ފޮލޯކޮށްލައްވާ!

ކޮމިއުނިޓީ

މި ވާހަކައަށް ހާއްސަކުރެވިފައިވާ ފޭސްބުކް ޕޭޖަށް ފޮލޯކޮށްލުމަށް ނޫކުލައިން ނުވަތަ ރަތްކުލައިން ފެންނަ ލިޔުންކޮޅު “ފޭސްބުކް ޕޭޖް” އަށް ފިއްތަވާލެއްވުމަށްފަހު ފޮލޯކޮށްލައްވާ!

Facebook Page – Mi Hamahimeynkan

މި ވާހަކައަކީ ޙިޔާލީ ކޮންސްޕްޓްއެއްގެ މައްޗަށް ބިނާކޮށް ލިޔަމުންދާ ވާހަކައެވެ. މި ވާހަކަގެ މި އެޕިސޯޑް ކަމުދިޔަކަމުގައިވާނަމަ ކޮމެންޓެއްގެ ޒަރީއާއިން ތިބޭފުޅުންގެ ޝުއޫރުފާޅުކުރެއްވުމަކީ އަޅުގަނޑުމެންނަށް މި ވާހަކަ ކުރިއަށް ގެންދިއުމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރެވެ. ބިނާކުރުވަނިވި ފާޑުކިޔުމަކީ ކުރިއަށް އޮތްތަނުގައި ވާހަކަ އިތުރަށް ރަނގަޅުކުރުމަށް ލިބިގެންދާނެ ފުރުސަތެއްކަމުގައި ފާހަގަކޮށްލަމެވެ.

ކުރިއަށްހުރި އެޕިސޯޑުތައްވެސް ކިޔާލާނެކަމަށް އުންމީދުކުރަމުން ވަކިވެލަމެވެ. ބާއްޖަވެރިދުވަހަކަށް އެދެމެވެ.

= ނުނިމޭ =

Share Article

River Writes
Follow Me Written By

River Writes

Level 110 Stories100 Login

Hello dear reader! I’ve always been drawn to stories that don’t feel ordinary. The kind of love that is intense, a little confusing, sometimes even frightening… but impossible to ignore. I don’t really write the kind of love you see every day. My stories live somewhere between reality and something unknown...where emotions are stronger, choices are harder, and nothing is ever simple. There’s always a touch of mystery in what I write. A sense that something deeper is happening beneath the surface. And sometimes, a bit of thrill… the kind that makes your heart race without fully understanding why. Happy reading 😊 - Arooj

Other Articles

Previous

ހަގީގަތަކީ ކޮބައިހޭ؟…27

Next

ދެވުނީ ވޭނޭ 66

Next
May 14, 2026

ދެވުނީ ވޭނޭ 66

Previews
May 13, 2026

ހަގީގަތަކީ ކޮބައިހޭ؟…27



All Right Reserved!