ފަސީހުގެ ހަށިގަނޑުގެ ބަރުދަން މެހެކްގެ އުނގަށް އިހުސާސްވި ގޮތުން، އެއީ އޭނާއަށް ކުރިން ދުވަހަކުވެސް ތައްޔާރުވެވިފައި ނުވާފަދަ އަސަރުގަދަ ވަގުތެކެވެ. އެއީ އެތައް އަހަރެއް ވަންދެން ފަސީހުގެ ހިތުގެ ފުންމިނުގައި ފޮރުވައިގެން އުޅުނު ހުރިހާ އުދާސްތަކެއް އެއްފަހަރާ ބޭރުވެ، އޭނާ ބަލިކަށިވި ނާޒުކު ވަގުތެކެވެ. ފަސީހުގެ ނޭވާ މެހެކްގެ ހެދުމުގެ ތުނި ފޭރާމަށް އިހުސާސްވަމުން ދިޔައިރު، ތުރުތުރުލަމުންދިޔަ އޭނާގެ އިނގިލިތަކުން ދޭހަވަނީ މި ދުނިޔެއަށް ނޭޅޭ ފަދަ ނާޒުކު ނިންޖަކަށް އޭނާ އަމާންދީފި ކަމެވެ. ފަސީހުގެ ބަރުދަނުގެ ސަބަބުން މެހެކްގެ ފައި އައްސިވަމުން ދިޔަ ނަމަވެސް، އޭނާ ގުޑައެއް ނުލައެވެ. ފަސީހުގެ މޫނުމަތިން ފެންނަމުންދިޔަ އާދަޔާ ހިލާފު މަޑުމޮޅިކަމާއި، އަބަދު ފެންނަ ހިތްވަރު ފިލައިގޮސްފައިވާ މިންވަރުން މެހެކްގެ ހިތަށް ބަޔާންކުރަންދަތި ތަދެއް އިހުސާސްވިއެވެ. އެއީ އެހެން މީހަކަށް ދުވަހަކުވެސް ފެނުމަށް ފަސީހު އެދޭނޭ ސިފައެއް ނޫނެވެ.
މެހެކްގެ އަތްތިލަ ފަސީހުގެ އިސްތަށިގަނޑާ ދިމާލަށް އުފުލާލުމަށްފަހު، ވަރަށް ފަރުވާތެރިކަމާއެކު އޭނާގެ ބޮލުގައި އަތްލިއެވެ. އެއީ އޭނާގެ ކުޑަކުޑަ ހަރަކާތަކުންވެސް ފަސީހަށް ލިބިފައިވާ އެ ހަމަހިމޭންކަން ގެއްލިދާނެތީ ބިރުން އިނދެ ކުރި ކަމެކެވެ. އިސްތަށިގަނޑުގެ ތެރެއަށް މެހެކްގެ އިނގިލިތައް މަޑުމަޑުން މަހާލުމާއެކު، ފަސީހުގެ ނޭވާ ފުންވެ، އޭނާ އިތުރަށް ހަމަޖެހިލިކަން މެހެކަށް އިހުސާސްވިއެވެ. އެއާއެކު މެހެކްގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ.
މިއީ ރަނގަޅު ގޮތެއް ނޫނެވެ.
އެ ޚިޔާލު އޭނާގެ ހިތަށް އައީ ވަރަށް މަޑުމަޑުންނެވެ. ނަމަވެސް އެއީ ފަސޭހައިން ހަނދާނުން ފޮހެލެވޭނެ ކަމެއް ނޫނެވެ. ފަސީހު އެކަނިމާއެކަނި އުފުލަމުންދިޔަ ބުރަ ފެނުމުން މެހެކްގެ ހިތް ހަލާކުވި ނަމަވެސް، މި ވަގުތު އެހެން މީހަކަށް، ފަސީހު މެހެކްގެ އުނގުގައި ނިދާފައިއޮތް މަންޒަރު ފެނިއްޖެނަމަ ވެދާނެ ގޮތަކާމެދު އޭނާ ކަންބޮޑުވިއެވެ. މި ނާޒުކު ގާތްކަމުގެ ސަބަބުން ދެން ދިމާވެދާނެ ކަންތައްތަކާމެދު އޭނާ ވިސްނާލިއެވެ.
ވަގުތުތައް ފާއިތުވަމުން ދިޔައިރު، މެހެކް އިނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. އޭނާގެ ނަޒަރު ފަސީހުގެ މޫނާއި ދޮރާ ދެމެދު ދަތުރުކުރަމުން ދިޔައެވެ. އެތަނުގައި މަޑުކުރަން ބޭނުންވި ނަމަވެސް، އެތަނުން ދާންޖެހޭކަން އޭނާއަށް އެނގެއެވެ. އެންމެ ފަހުން، ވަރަށް ފަރުވާތެރިކަމާއެކު އޭނާގެ އުނގުން ފަސީހުގެ ބޯ ނަގައި، ފަސީހުގެ ބޮލުދޮށުގައި ބާލީހެއް ބޭއްވިއެވެ.
އެ ވަގުތު ފަސީހު ކުޑަކޮށް ހަރަކާތްކޮށްލުމުން މެހެކްގެ ނޭވާ ހުއްޓުނު ކަހަލައެވެ. އޭނާ ހޭލައިފާނެތީ މެހެކް ހިމޭނުން އިނެވެ. ނަސީބަކުން ފަސީހު ނުހޭލައެވެ. ފަސީހު އޮތީ ގަދަ ނިދީގައެވެ. އެކަމުން މެހެކްގެ ހިތަށް ކުރި އަސަރު މާ ބޮޑެވެ.
ކޮޓަރިން ނުކުންނަން ހިނގައިގަތް ވަގުތު، ދޮރުގެ އަތްގަނޑުގައި އަތްލުމަށްފަހު މެހެކް އެނބުރި ފަސީހަށް ބަލާލިއެވެ. އެއީ މީހުންގެ ކުރިމަތީގައި އަބަދުވެސް އޭނާގެ ވަރުގަދަކަން ދައްކާ ފިރިހެނެއްގެ މޫނުމަތިން ފެންނަ ނާޒުކުކަން ދެކިލުމަށް މެހެކަށް ލިބުނު ފަހު ފުރުސަތެވެ. އޭނާ ބާރަށް ދޮރުގެ އަތްގަނޑުގައި ހިފެހެއްޓިއެވެ. އަދި އެތަނުން ނުކުމެގެން ދިޔައެވެ.
****
ޖޫލީގެ ހަށިގަނޑުގައި ހުރި ޒަޚަމުން އަޅަމުންދާ ވޭނަކީ އޭނާ ހަނދާނުން ފޮހެލަން މަސައްކަތްކުރާ ހިތްދަތި ހަނދާންތަކަށްވުރެވެސް ތޫނު ވޭނެކެވެ. ޒުނާމްގެ އިނގިލިތައް އެ ޒަޚަމާ ކައިރިވި ވަގުތު ޖޫލީ ސިހިގެން ދިޔައެވެ. އަދި އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމުގެ ކުރިން، ބިރުވެރިކަމާއެކު ޒުނާމް ދުރަށް ކޮށްޕާލިއެވެ.
“އަހަރެން އަމިއްލައަށް ކޮށްފާނަމޭ ބުނެފީމެއްނު… ޒުނާމް ދެން ދުރަށްދޭބަ.. ޕްލީސް ލީވް މީ އެލޯން…” ޖޫލީގެ އަޑު ނިކުތީ ތުރުތުރުލަމުންނެވެ. އޭނާ ޒުނާމްގެ މޫނަށް ބަލަން ބޭނުމެއް ނުވިއެވެ. ސަބަބަކީ އެ މޫނަށް ބަލައިފިނަމަ އޭނާގެ ހިތް މަޑުވެ، އަނެއްކާވެސް މާފުކުރެވޭނެކަން އެނގޭތީއެވެ. ނަމަވެސް، ޖޫލީ ހީކުރި ގޮތާ ޚިލާފަށް ޒުނާމް އެތަނުން ދުރަކަށް ނުޖެހުނެވެ.
އެއާ ޚިލާފަށް، އޭނާ ވަރަށް މަޑުމައިތިރިކަމާއެކު ޖޫލީގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލިއެވެ. އެއީ ހަރުކަށި ނުވަތަ މަޖުބޫރުކުރުވަނިވި ހިފެހެއްޓުމެއް ނޫނެވެ. ނަމަވެސް އެ ހިފެހެއްޓުމުގައި ހުރި ސާބިތުކަމެއްގެ ސަބަބުން ޖޫލީގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. އޭނާގެ އަޑު މަޑެވެ. އަދި އަސަރާއެކު ބުންޏެވެ. “ގަސްދުގައި އަހަރެން ޖޫއަށް ދެރައެއް ދިން މީހެއް ފަދައިން، އަހަރެން ޖޫގެ ދިރިއުޅުމުން ބޭރުކޮށްނުލާ… އަހަރެން ތިގޮތަށް ޖޫއާ ދުރުނުކުރޭ… އިޓްސް ކިލިންގ މީ އިންސައިޑް… އޭމް ޑައިންގ އިންސައިޑް… ޕްލީސް ރެސްޕެކްޓް މައި ލަވް ފޯ ޔޫ…. އަހަރެން ޖޫ ދެކެ ވާ ލޯތްބައް ޤަދަރުކުރޭ… ޕްލީސް…”
ޒުނާމްގެ މާޔޫސީ އެ ބަސްތަކުން ޖޫލީގެ ހިތަށް އެއްވެސް ހަމަޖެހުމެއް ނުލިބުނެވެ. އޭގެ ބަދަލުގައި، އޭނާގެ ހިތުގެ ކޮންމެވެސް ދިމާއަކަށް ވަރަށް ބޮޑަށް ތަދުވެގެން ދިޔައެވެ.
“އެހެންވީއިރު، ޒުނާ އަހަންނަށް ދެރަދިނީ ގަސްދުގައިހެން އަހަންނަށް އިހުސާސްވަނީ ކީއްވެ؟” އަޑު ތުރުތުރުލާ ހާލު، ނަމަވެސް ހިތްވަރުކޮށްފައި ޖޫލީ ސުވާލުކުރިއެވެ. އެންމެ ފަހުން ޒުނާމްގެ ދެލޮލަށް ބަލާލިއިރު، އެ ދެލޮލުން ފެންނަން ހުރި ފުން އަސަރާއި، މާޔޫސްކަމާއި، ބިރުވެރިކަމުގެ ސަބަބުން ޖޫލީގެ ނޭވާ ހިފަހައްޓާލެވުނެވެ.
ޒުނާމް ވަގުތުން ޖަވާބެއް ނުދެއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ. އޭނާ ވަރަށް ފަރުވާތެރިކަމާއެކު ޖޫލީގެ ހަށިގަނޑުގެ އެކި ތަންތަނުގައި ހުރި ޒަހަމްތަކުގައި ބޭސް އުނގުޅަމުން ދިޔައީ، ކުރެވުނު ކުށަކަށް މައާފަށް އެދޭ ފަދަ މަޑުމައިތިރި ގޮތަކަށެވެ. އެދެމެދުގައި އޮތް ހިމޭންކަން ކޮންމެ ސިކުންތަކާއެކު ދިޔައީ ބަރުވަމުންނެވެ.
ބޭސް އުނގުޅާ ނިމުމުންވެސް އޭނާ ދުރަކަށް ނުދިޔައެވެ. އޭގެ ބަދަލުގައި ކުއްލިއަކަށް ޖޫލީ އޭނާގެ ގަޔާ ކައިރިކޮށް ބާރަށް ބައްދާލިއެވެ. އެ ހިފެހެއްޓުމުގެ ބާރުކަމުން ޖޫލީގެ ނޭވާ ކުރުވިއެވެ. އޭނާގެ މޫނު ޖޫލީގެ ކޮނޑުގައި ފޮރުވާލައިގެން ހުރެ، އަސަރާއެކު ބުންޏެވެ.
“ތިހެން އަހަންނާ ދޭތެރޭ ކަންތައް ނުކުރޭ… އާދޭސްކޮށްފައި ބުނަން…އަހަރެން ތިހެން ބާކީކޮށްނުލާ…”
ޖޫލީގެ ހަށިގަނޑު ވަގުތުން ގަނޑުވި ކަހަލައެވެ. ބިރުގަތްވަރުން އޭނާގެ އަތުން ޒުނާމްގެ މޭގައި އަޅާ ކޮއްޕާލަން މަސައްކަތްކުރިއެވެ. ނަމަވެސް ޒުނާމް އެ ފުރުސަތެއް ނުދިނެވެ. އޭނާ ޖޫލީއާ ވަކިވާން ބޭނުން ނުވާ ފަދައިން ކުރިއަށްވުރެ ބާރަށް ބައްދާލިއެވެ.
“ޒުނާމް، އަހަރެން ދޫކޮށްލާ—”
“ނޫން،” އޭނާގެ ވާހަކަ މެދުކަނޑާލަމުން ޒުނާމް ބުންޏެވެ. އޭނާގެ އަޑު ވަނީ މުޅިން ބަދަލުވެފައެވެ. “އަހަރެން ދައްކާ ވާހަކަ އަޑުއެހީމަ ނޫނީ ދުލެއް ނުކުރާނަން.. ޖޫލީ ތިޔަ ބީރައްޓެސަކު ފަދައިން އަހަންނާ ދިމާލަށް ބަލާލުމުން އަހަންނަށް ނޭވާލާންވެސް އުނދަގޫވޭ..އެކަން ގަބޫލުކުރޭ… މިދެމެދުގައިވާ ދުރުމިނަށް ކެތްކުރުމުގެ ކުޅަދާނަކަމެއް އަހަރެންގެ ގަޔަކު ނެތް…”
ކުރަމުންދިޔަ ހަނގުރާމަ މަޑުމަޑުން ހުއްޓެން ފެށިއެވެ. ޖޫލީގެ ދެކޮޅުވެރިކަން ކުޑަވީ ހިތް ހަމަޖެހިގެންނެއް ނޫނެވެ. ނަމަވެސް އޭނާ ވަނީ ވަރުބަލިވެފައެވެ. މި ތަކުރާރުވާ ހިތްދަތިކަމާއި، ލޯތްބާއި، އަދި ޒުނާމް ދެމުންގެންދާ ހިމޭން ނަފްސާނީ އަނިޔާތަކަށް އޭނާ މުޅިން ފޫހިވެއްޖެއެވެ.
އެގޮތުގައި އެތައް މިނެޓެއް ފާއިތުވެގެން ދިޔައެވެ. ހަމައެކަނި އިވެނީ ދެމީހުންގެ ނޭވާގެ އަޑެވެ. އެންމެ ފަހުން ޖޫލީ ދުރަށް ޖެހިލާފައި ޒުނާމްގެ މޫނަށް ބަލާލިއެވެ. އޭނާގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.
“ޒުނާމް، ޔޫއަށް ކިހިނެއްވެގެން ތިއުޅެނީ މިހާރަކަށް އައިސް…” އޭނާގެ އަޑު މަޑެވެ. ނަމަވެސް އެ ސުވާލުގައި އެތައް ޝަކުވާއެއް އެކުލެވިގެންވެއެވެ. “ކުރިން ޒުނާމްއަކީ ތިކަހަލަ މީހެއް ނޫން…ޒުނާމްގެ ފަރާތުން އަހަންނަށް ކުރިން ދުވަހަކުވެސް ބިރުވެރިކަމެއް އިހުސާސެއް ނުވެ. ލޯތްބަކީ ފުރާނައަށް އެދި ސަލާމަތްވާން މަސައްކަތްކުރަންޖެހޭ ފަދަ ބިރުވެރި ކަމެއް ނޫނެންނު…”
ޒުނާމްގެ ހިތަށް އެ ބަސްތަކުން ވަރަށް ބޮޑަށް އަސަރުކުރިއެވެ.
“ޒުނާމް އަސްލުވެސް ވަރަށް ބޮޑަށް ބަދަލުވެއްޖެ.. ބައެއް ފަހަރު ތީ ކާކުކަން ދެނެގަންނަންވެސް އަހަންނަށް އުނދަގޫވޭ… އަހަރެން އަބަދު ހުންނަން ޖެހެނީ ބިރެއްގެ ތެރޭގަ…” ކަރުނަ ފޮހެމުން އޭނާ ކުރިއަށް ގެންދިޔައެވެ. “ކޮންމެ ފަހަރަކު ވިސްނުމެއް ނެތި ކަމެއް ކޮށްފައި، ހުރިހާ ކަމެއް ހަލާކުކޮށްލާފައި، އެނބުރި އައިސް އަހަރެން މައާފުކުރާނެ ކަމަށް އުއްމީދު ކުރަނީ ކީއްވެ؟ ހީވަނީ އެއްވެސް ކަމެއް ނުވާހެން…އެކަމަކު އެ ހިތްދަތިކަން އަހަރެންގެ ހިތުގައި އަބަދުވެސް އޮވެއޭ… އަހަރެން ނުބުންޏަސް އަހަރެން ހާދަ ރުއިމެއް ރޮމޭ…”
އޭނާގެ ނޭވާ ތުރުތުރުލައެވެ. “އަހަރެން މިހާރު ވަރުބަލިވެއްޖެ ޒުނާމް. އަހަރެންނަކަށް ނޭޏގެ މިގޮތަށް ކެތްކޮށްގެން އުޅެވޭނީ ކިހާ ދުވަހަކު ކަމެއް… ހުރިހާ ކަމެއް މިހާރު މިދަނީ ކެތްތެރިކަން ކޮޅުންލާ ހިސާބަށް…”
އެ ބަސްތައް ޒުނާމްގެ ހިތަށް ހެރުނު ތީރުތަކެއް ފަދައެވެ. އެއީ އޭނާއަށް ކުރިން އިހުސާސްކުރެވިފައި ނުވާ ފަދަ ފުން އަސަރެކެވެ.
“ދެން ދުވަހަކުވެސް އެފަދަ ކަމެއް ނުކުރާނަން..” އޭނާ ވަގުތުން ބުނެލިއެވެ. އޭނާގެ އަޑުގައިވަނީ އާދޭހާއި މާޔޫސްކަމެވެ. އަމިއްލަ ނަފްސު ހަމައަކަށް އެޅުވުމަށް އެހީއަކަށް އެދޭ ފަދައަކުން އޭނާ ޖޫލީގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ. “އަހަރެން ހުވާކޮށްފައި ބުނަން، ދެން އެހެނެއް ނުވާނެ… ޖޫލީ، މިއީ އެންމެ ފަހު ފުރުޞަތު ކަމަށް ބަލައި އަހަރެންނަށް މާފުކޮށްދީ. އަހަރެން ޖޫލީދެކެ އިންތިހާއަށް ލޯބިވޭ. ޖޫލީއާ ވަކިވާން ޖެހިދާނެ ކަމުގެ ޚިޔާލުންވެސް އަހަރެންގެ ހިތް ކުދިކުދިވޭ. އެކަން ކިޔައިދޭންވެސް އަހަރެންނަށް ނޭނގޭ، އަދި އަމިއްލަ ނަފްސު ކޮންޓްރޯލް ކުރާނެ ގޮތެއްވެސް ނޭނގޭ. އެކަމަކު އަހަރެން މަސައްކަތް ކުރާނަން. ހުރިހާ ކަމެއް ރަނގަޅު ކުރާނަން. އަހަރެން އިޞްލާޙުވާނަން.”
ޖޫލީ އިރުކޮޅަކު ޒުނާމްއަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ޒުނާމްގެ ބަސްތަކުގައި ހަގީގީ ކުލަވަރެއް ނުވަތަ އުންމީދެއް ވޭތޯ ބަލާށެވެ. އެންމެ ފަހުން ޖޫލީ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެއީ އޭނާގެ ހިތް އަނެއްކާވެސް ޒަޚަމްވެދާނެ ކަމެއްކަން އެނގި ހުރެވެސް، އެކަމަށް ދީލާލުން ފަދަ ކަމެކެވެ.
“މިއީ އެންމެ ފަހުގެ ފުރުޞަތު… އާފްޓާ ދެޓް ކޮންސިޑަރ އިޓްސް ދި އިންޑް ފޯ އަސް…” ޖޫލީ މަޑުމަޑުން ބުނެލިއެވެ. އޭނާ އެ ބަސްތަކުގައި ހިފެހެއްޓީ އެއީ އޭނާގެ މުޅި ދިރިއުޅުން ކަމަށް ދެކިގެންނެވެ.
****
ރާމިޔާ ސައިކަލު ދުއްވަމުން ދިޔައިރު މޫނުގައި ޖެހެމުންދިޔަ ވައިގެ ސަބަބުންވެސް އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އެ މީހާ ބުނި ކޮންމެ ބަހެއް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައީ ފިލައިގެން ނުދާނެ ބިރުވެރި އިންޒާރެއް ފަދައިންނެވެ. އޭނާ ސައިކަލުގެ ހޭންޑަލްގައި ބާރަށް ހިފަހައްޓާލިއެވެ. ލޮލުން ކަރުނަ ފައިބަމުން ދިޔަ ނަމަވެސް، އޭނާ އެކަން ހުއްޓުވަން މަސައްކަތް ކުރިއެވެ.
މިހާ ބޮޑަށް އޭނާ ބިރުގަންނަން ޖެހުނީ އެހާ ބޮޑު ދަރަންޏެއް އޭނާގެ ބޮލުގަ އެޅުނީމައެވެ. އެހާ ގިނަ ލާރި އޭނަ ހޯދާނީވެސް ކޮންތާކުން ހެއްޔެވެ. ރާމިޔާއަށް ކުރެވެމުންދިޔައީ ހަތަރު އުދަރެސް ފެނުޖެހިފައިވާ ފަދަ އިހުސާސެކެވެ.
ގެއަށް ފޯރުނުއިރު އޭނާގެ މޭ ތަޅެމުންދިޔައީ ނޭވާލާންވެސް އުނދަގޫވާ ފަދަ ގޮތަކަށެވެ. ސައިކަލު ޕާކު ކުރިއިރުވެސް އޭނާގެ ދެލޯ ވަށައިގެން ހޯދަމުން ދިޔައީ ކޮންމެވެސް ގޯސް ކަމެއް ވެދާނެ ކަމުގެ ބިރުވެރިކަމުގައެވެ. އެ މީހާ އޭނާގެ ފަހަތުން އައިސް މިހާރުވެސް ގޭގެ ކޮންމެވެސް ތަނެއްގައި ހުރެދާނެ ކަމުގެ ވަހުމް އޭނާގެ ހިތުގައި އުފެދުނެވެ.
އެ ބިރުވެރި ޚިޔާލުތައް ހިތުން ފިލައިގެންނެއް ނުދިޔައެވެ. އެހެންކަމުން ބޭރުގައި މަޑުކުރުމުގެ ބަދަލުގައި، އޭނާ އަވަސްއަވަހަށް ސައިކަލު ގޭގެ އެތެރެއަށް ވެއްދިއެވެ. އޭނާގެ ހަރަކާތްތަކުގައި ހުރި އަވަސްކަމާއި ފުންމައިގެންދާ ފަދަ ގޮތުން ހީވަނީ ސައިކަލު އެތެރެއަށް ވެއްދުމުން އެހެން ހުރިހާ ކަމެއްވެސް ރައްކާތެރިވާނެ ކަމަށް އޭނާއަށް ގަބޫލުކުރެވޭ ހެންނެވެ.
ދޮރު ލެއްޕުމަށްފަހު އޭނާ މަޑުޖެހިލިއެވެ. މޭގައި އަތް އަޅާލައިގެން ހުރެ ހަމަޖެހިލުމަށްޓަކައި ފުން ނޭވާތަކެއް ލަމުން ދިޔައެވެ. އަދި އެތެރެއަށް ވަނުމުގެ ކުރިން އަވަސްއަވަހަށް ލޮލުން ފޭބި ކަރުނަތައް ފޮހެލިއެވެ.
އެވަގުތު އޭނާއަށް މެހެކް ފެނުނެވެ. އޭނާ އިނީ އެއްވެސް ހަރަކާތެއް ނެތި ލިވިން ރޫމުގައި ހުރި ސޯފާގައި އިށީނދެގެންނެވެ.
“ކިހިނެއްވީ؟.. މެހެކް ކީއްވެ ނުނިދާ ބޭރުގަ ތީނީ… މިހާރު ވަރަށް ދަންވެއްޖެ އެންނު..؟” ރާމިޔާ ވަގުތުން އަހާލިއެވެ. އޭނާގެ އަޑުގައި މިހާރު ވަނީ އޯގާތެރިކަމެވެ. ކުރިން ހުރި ބިރުވެރިކަމުގެ ބަދަލުގައި މިހާރު ހުރީ ކަންބޮޑުވުމެވެ. އޭނާ މެހެކްގެ ކައިރިއަށް ޖެހިލައި، އޭނާގެ މޫނަށް ބަލާލިއެވެ.
“ފަސީ އޮތީ އޭނާގެ ކޮޓަރީގަ ނިދާފަ…” މެހެކް މަޑުމަޑުން ބުންޏެވެ. އޭނާގެ އަޑު މަޑުވި ނަމަވެސް، އޭނާ ހުރީ ކޮންމެވެސް ކަމަކާ ދުރުވެފައި ހުރި ކަހަލަ ގޮތަކަށެވެ. “އަހަރެން ނިދަންވީ ކޮންތާކު ކަމެއް ނޭނގުނީ.”
އެ ޖުމްލައިގެ ސާދާކަމުން ރާމިޔާގެ ހިތަށް އަސަރުކުރިއެވެ. އޭނާ މެހެކްގެ ކައިރީގައި އިށީނދެލިއެވެ.
“އަހަރެންގެ ކޮޓަރިއަށް ދިޔަޔަސް އޯކޭވާނެއެއްނު…” ރާމިޔާ އޯގާތެރިކަމާއެކު ބުންޏެވެ. އޭނާގެ އަޑުގައި ހުރި އެކުވެރިކަމުގެ ސަބަބުން، ކުޑައިރުކޮޅެއް ކުރިން ރާމިޔާ ތަހައްމަލުކުރި ހާސްކަމާއި ނުތަނަވަސްކަން ފިލައިދާ ފަދަ އިހުސާސެއް ކުރެވުނެވެ. “ތިހާ ބޮޑަށް ފަސްޖެހޭނެ ކަމެއް ނެތް. މިއީ މެހެކްގެވެސް ގެއެއް ކަމަށް ބަލައިގެން އުޅޭށޭ ބޭބެވެސް ބުނެފައެންނު އޮތީ… މިގޭގައި އެއްވެސް ކަމެއް ކުރުމަށް އިތުރު ހުއްދައަކަށް އެދޭކަށް ނުޖެހޭނެ.”
މެހެކް ރާމިޔާއަށް ބަލާލިއެވެ. އޭނާގެ ދެލޮލުން ފެންނަނީ ޔަގީންކަމެއް ނެތް ފަދަ ގޮތެކެވެ.
“ތިއީ ހަމަ ތެދެއްތަ؟” މެހެކް މަޑުމަޑުން އަހާލިއެވެ. “އަސްލުވެސް ތަ؟ އަހަރެން ބޭނުމެއް ނޫން އަހަރެންގެ ސަބަބުން އެއްވެސް އުނދަގުލެއް ވާކަށް…”
ރާމިޔާ ކުޑަކޮށް ހީނލިއެވެ. އަދި ބޯ ހޫރާލަމުން، ސަމާސާ ގޮތަކަށް މެހެކްގެ ގައިގައި ކުޑަކޮށް ހިފަހައްޓާލިއެވެ.
“މެހެމާނެއް ފަދައިން އުޅުން ހުއްޓާލާ…” ރާމިޔާ ބުންޏެވެ. “އަހަރެން ވަރަށް އުފަލުން މެހެކް އަހަރެންގެ ކޮޓަރީގައި ނިދަން އައުމަށް ދައުވަތު މިދެނީ… އައި ހޭވް ސްޓާޓެޑް ސީއިން ޔޫ އޭސް އަ ބިގް ސިސްޓާރ… އެކަމަކު އަދިވެސް ތި އަހަނީ ހީވަނީ އަހަރެން މަޖުބޫރުން ކަމެއް ކުރުވަން އުޅޭހެން…”
އެވަގުތު ފުރަތަމަ ފަހަރަށް މެހެކްގެ ތުންފަތަށް ކުޑަ ހިނިތުންވުމެއް އައެވެ. އަދި އެ ވަގުތުކޮޅު، ހުރިހާ ކަމެއްވެސް ރަނގަޅުވަމުން އަންނަ ކަމުގެ އިހުސާސެއް ކުރެވުނެވެ.
****
އެރޭ މާހިރުގެ ދެލޮލަށް ނިދި އައުންވީ ދަތި ކަމަކަށެވެ. އެއީ އޭނާގެ ހަށިގަނޑު ވަރުބަލިވެފައި ނުވާތީއެއް ނޫނެވެ. ނަމަވެސް، ކޮންމެ ފަހަރަކު ލޯ މަރާލުމުން އޭނާއަށް ފެންނަނީ ކަޅު އަނދިރިކަމެއްގެ ބަދަލުގައި، އެ ސޫރައެއް ކަމަށްވާތީއެވެ.
އެއީ ރާމިޔާއެވެ.
އޭނާގެ އެ ހިނިތުންވުމާއި، ހިތުގެ ކަނެއްގައި ބިންވަޅު ނެގިފައިވާ އެ އަޑަކީ މާހިރުގެ ޚިޔާލުތަކުގައި ދިރިހުރި އެއްޗެއް ފަދައިން އުޅެމުންދާ ކަންކަމެވެ. އެ އަޑު އޭނާގެ ސިކުނޑީގައި ގުގުމަމުންދަނީ މަޑުމައިތިރިކަމާ އެކުގައެވެ. އޭނާ އެނދުގައި ފުރޮޅިލާފައި ބާލީހުގައި މޫނު ފޮރުވާލީ ހިތުގައި އުފެދެމުންދާ ރިހުން ކަނޑުވާލެވޭތޯއެވެ. ނަމަވެސް އެކަމުން ވީ އިތުރު ތަދުތަކެވެ. ރާމިޔާއާ ނުލައި މުޅި ދުނިޔެ ފަޅުވެފައިވާ މިންވަރު އޭނާއަށް އިހުސާސް ކުރެވެން ފެށީއެވެ.
އެއީ ވަރަށް ތަފާތު އެކަނިވެރިކަމެކެވެ. ބޭރުފުށުން ހަޅޭއްލަވައި ކަންކަން ހަލާކުކޮށްލާ ކަހަލަ އެކަނިވެރިކަމެއް ނޫނެވެ. އެކަމަކު، ހިތުގެ އެންމެ ފުންމިނުގައި މަޑުމަޑުން އިށީނދެގެން އިނދެ، ނޭވާލާންވެސް އުނދަގޫވާ ފަދަ ބަރުދަނެއް އިހުސާސްކޮށްދޭ ކަހަލަ އެކަނިވެރިކަމެކެވެ. އެ މަޑުމައިތިރި އަދި އެހާމެ ބާރުގަދަ އިހުސާސްގެ ތެރެއަށް އޭނާ ގެނބެމުން ދިޔައިރު، ނިދުމުގެ އުންމީދު މުޅިން ދޫކޮށްލައި، ކޮޓަރީގެ ފަނޑު އަލީގައި އޭނާ ތެދުވެ އިށީނދެލިއެވެ.
މުޅި ތަނަށް އޮތީ ހިމޭންކަން ވެރިވެފައެވެ.
އެ ހިމޭންކަމުގެ ތެރެއިން، އޭނާއަށް ނޭނގި ނަމަވެސް ފޯނާ ދިމާލަށް އަތް ދިއްކޮށްލެވުނެވެ.
ކޮޓަރި ތެރޭގައި މަޑުމައިތިރި ރާގަކުން ލަވައެއް ކުޅެވެން ފެށިއެވެ. އެއީ އޭނާގެ ހިތުގެ އިހުސާސްތައް ދެނެގަނެގެން ކުޅެވެމުންދާ ރާގަކާ ވައްތަރެވެ. ލަވައިގެ ކޮންމެ ބަހެއްގައި އެކުލެވިފައިވަނީ އޭނާގެ ހިތުގެ ޝުއޫރުތަކެވެ. “ކޮންމެ ރެއަކު އަހަރެންގެ ހުވަފެންތަކުގައި ކަލާ ފެނޭ… އިހުސާސް ކުރެވޭ….” މި ބަސްތައް އިވުމާއެކު މާހިރުގެ ތުންފަތަށް ލުއި ހިނިތުންވުމެއް އައެވެ. އެއީ އުފާވެރިކަމަށްވުރެ ބޮޑަށް ހިތާމަޔާއި އުންމީދު އެކުލެވިފައިވާ ހިނިތުންވުމެކެވެ.
“ލަވަތައްވެސް މިރޭ މިވަނީ އަހަންނާ ދެކޮޅަށް…” އޭނާ އަމިއްލަ ނަފްސަށް މަޑުމަޑުން ބުނެލިއެވެ.
އެހެނަސް އޭނާ އެ ލަވަ ހުއްޓައެއް ނުލައެވެ. އެއީ އެ ލަވައިގެ ތެރެއިން ރާމިޔާގެ ސޫރަ އޭނާއަށް އިހުސާސް ކުރެވޭތީއެވެ.
އޭނާ މަޑުމަޑުން އަތް އުފުލާލީ ކުރިމަތީގައި މީހަކު ހުރި ފަދައިންނެވެ. އެއީ އެކަނިވެރިކަމުގެ ވަގުތެއް ނަމަވެސް، އޭނާގެ ހިތުގެ ދުނިޔޭގައި އޭނާ އެކަންޏެއް ނޫނެވެ. އޭނާ ގަބޫލުކުރަން ބޭނުންވާ ހަގީގަތަކީ އެއީއެވެ.
ފަނޑު އަލީގެ ތެރެއިން ރާމިޔާގެ ސޫރަ އޭނާގެ ލޯމައްޗަށް ސިފަވާން ފެށިއެވެ. އެ ހިނިތުންވުމާއި، އޭނާގެ ހިތް މަޑުކޮށްލާ ފަދަ ލޯބިވެތި ބެލުމެވެ. މާހިރުގެ ނޭވާ ހިފަހައްޓާލެވުނީ އެ މަންޒަރުގެ ފުރިހަމަކަމުންނެވެ.
“ރާމިޔާ…”
އެ ނަން އޭނާގެ ދުލުން ބޭރުވީ ނުހަނު ލޯތްބާއެކުގައެވެ. މިއުޒިކުގެ ރާގަށް އޭނާ ފިޔަވަޅެއް ކުރިއަށް އަޅައި، ރާމިޔާގެ އަތުގައި ހިފާލި ކަމުގެ އިހުސާސާއެކު އޭނާގެ ހިތަށް ބަދަލެއް އައެވެ. އެއީ ހަމައެކަނި ޚިޔާލެއް ނޫނެވެ. އޭނާގެ ހިތް ގަބޫލުކުރީ އެއީ ރާމިޔާ ކަމަށެވެ.
ބޭރު ދުނިޔެއާއި ކޮޓަރީގެ ފާރުތައް އޭނާގެ ލޯމަތިން ގެއްލިގެން ދިޔަ ކަހަލައެވެ. އޭނާ ރާމިޔާ ގާތަށް ދަމާލައި، އުނަގަނޑުގައި އަތް އަޅުވާލި ކަމުގެ އިހުސާސާއެކު މަޑުމަޑުން ނަށަން ފެށިއެވެ. އޭނާގެ ހަރަކާތްތައް ހުރީ ނުހަނު ފަރުވާތެރިކަމާއެކުގައެވެ. އެއީ އެ ސޫރަ ގެއްލިދާނެތީ ބިރުން އުޅޭ ފަދައަކުންނެވެ.
“ރާމި ތިޔަ އައީ ވަރަށް ގިނަ ދުވަސް ފަހުންހެން ފީލް ވަނީ… އަހަރެން އެހާވެސް ކެތްމަދުވެފައ ހުރީ….” އޭނާ މަޑުމަޑުން ބުނެލިއެވެ.
ރާމިޔާ ޖަވާބެއް ނުދެއެވެ. ނަމަވެސް އޭނާގެ ހިނިތުންވުމާއި ބޯ އަރިކޮށްލާ ގޮތުން، އެ ދޭން އުޅޭ ޖަވާބު މާހިރަށް އިހުސާސް ކުރެވެއެވެ.
އޭނާ ރާމިޔާގެ އަތުގެ ނުފުށުގައި މަޑުމަޑުން ފިރުމާލިއެވެ. މިއުޒިކުގެ ރާގާއެކު އެނބުރެމުން ދިޔައިރު އޭނާގެ ހިތުގައި އާ އުންމީދެއް އުފެދުނެވެ. އޭނާ ރާމިޔާގެ ނިތްކުރީގައި ބޯ ޖައްސާލަމުން ނުހަނު މަޑުމައިތިރިކަމާއެކު ބުނެލިއެވެ.
“ކަލާ ހަގީގަތުގައިވެސް މިތާ ހުރި ނަމަ…”
އެ ބަސްތަކާއެކު އޭނާގެ ހިތުގެ ފުންމިނުގައިވާ ރިހުން ބޭރުވިއެވެ. އެއީ ހަގީގަތެއް ނޫންކަން އެނގުނަސް، އޭނާ އެ ވަގުތުކޮޅު ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ.
ކުއްލިއަކަށް އޭނާ މަޑުޖެހިލިއެވެ. އަދި ޖެހިލުންވެ ހުރެ ނަމަވެސް، ރާމިޔާއާ ދުރަށް ޖެހިލައި އޭނާގެ މޫނަށް ބަލާލިއެވެ.
“އަހަރެން…” އޭނާ ބުނަން އުޅުނު ވާހަކަ މެދުކަނޑާލިއެވެ. “ނޫން، މިއީ މޮޔަ ކަމެއް…”
ނަމަވެސް އޭނާގެ ހިތް އެކަމަށް ތައްޔާރުވެއްޖެއެވެ. އޭނާ އެއް ކަކޫ މައްޗަށް ތިރިވިއެވެ. އެއީ ހުވަފެނީ ވަގުތުކޮޅެއް ކަމަށް ވިޔަސް، އޭނާގެ ހިތުގެ ތެޅުން ހުރީ ވަރަށް ބާރަށެވެ. އޭނާގެ ޖީބުން އެއްޗެއް ނެގި ކަމަށް ދެއްކިއެވެ. އޭނާގެ އަތުގައި ހަގީގަތުގައި އެއްވެސް އެއްޗެއް ނެތެވެ. ނަމަވެސް އޭނާގެ ސިކުނޑީގައި އެއީ ރީތި ކުޑަ އަނގޮޓިއެކެވެ. އެއީ އޭނާ ރާމިޔާއަށް ކުރާ ވައުދެކެވެ.
“އަހަރެން ދަންނަން މިއީ މިކަން ވާންޖެހޭ ގޮތެއް ނޫންކަން،” އޭނާގެ އަޑު ތުރުތުރުލަމުން ދިޔައެވެ. “އަދި ކަލާ އަހަންނަށް މަލާމާތް ކުރާނެ ކަންވެސް އެނގޭ. އެކަމަކު މިހާރު މި ވާހަކަ ނުބުނެފިނަމަ، ދެން ދުވަހަކުވެސް މި ބުނާކަށް ކެރޭނެ ހެނެއް ހީނުވޭ.”
އޭނާ ރާމިޔާގެ ލޮލަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ. “ރާމިޔާ… ކަލާ ތިއީ އަހަރެންގެ ދިރިއުޅުމުގެ އެންމެ މުހިންމު ބައި. ކަލާ އަހަރެންގެ ގާތުގައި ހުރުމުން މުޅި ދުނިޔެއަށް އަމާންކަން ލިބޭ ކަހަލަ. އަހަރެން ބޭނުމެއް ނޫން ކަލާ ނެތް މުސްތަގުބަލެއް.”
އޭނާގެ ލޮލުން ކަރުނަ ފާޅުވާން ފެށިއެވެ. “ކަލާ މިވަގުތު ހަގީގަތުގައިވެސް އަހަރެންގެ ކުރިމަތީގައި ހުރިނަމަ…”
އޭނާ އަތް ދިއްކޮށްލިއެވެ. “…އަހަރެން އެދޭނީ އަހަރެންގެ ގާތުގައި އަބަދަށް މަޑުކޮށްދިނުމަށް.”
އެ ވަގުތު މުޅި ތަނަށް ވެރިވީ ހިމޭންކަމެވެ. އޭނާ އުންމީދު ކުރީ ރާމިޔާގެ ފަރާތުން އާނބަހެއް ލިބޭނެ ކަމަށެވެ.
ނަމަވެސް…
ކުއްލިއަކަށް އެ ސޫރަ ގެއްލިއްޖެއެވެ.
އެ ހޫނުކަން ކެނޑި، ކުރިމަތީގައި އޮތީ ހުސްކަމެވެ. އޭނާގެ އަތް އަދިވެސް އޮތީ ހަމަ އެގޮތަށް ދިއްކޮށްގެންނެވެ. ހަގީގަތުގެ ފިނިކަން އޭނާގެ ވަށައިގެން އެނބުރިގަތެވެ.
މިއުޒިކް އަދިވެސް ކުޅެވެމުންދެއެވެ. ނަމަވެސް އެއިން މިހާރު އެއްވެސް އަސަރެއް ނުކުރެއެވެ. އެހެނަސް އަނެއްކާވެސް މަންޒަރު ބަދަލުވެއްޖެއެވެ. މިއީ ކޮންފަދަ މަސްތެއްބާއޭ މާހިރް ހިތަށްއެރިއެވެ.
މިއުޒިކުގެ ރާގުތަކުން މުޅި މާހައުލު ގުގުމާލައި، އެ ދެމީހުންގެ ވަށައިގެން ހިތްގައިމު ސިފައެއްގައި އެ އަޑުތަކާއި ރާގުތައް އޮޅިލިއެވެ. މާހިރް ކުޑަކޮށް ރާމިޔާއާ ދިމާލަށް ގުދުވެލިއިރު، ދެމީހުންގެ ނިތްކުރި ވަނީ ޖެހޭނުޖެހޭ ހިސާބުގައެވެ.
އެއަށްފަހު މާހިރް ހަރަކާތް ކުރަން ފެށިއެވެ.
އެއީ މީގެ ކުރިން އޭނާގެ ކިބައިން ފެނުނު ފަދަ ޖެހިލުންވުމެއް ނޫނެވެ. އަދި އެކަނިވެރިކަމުގެ އިހުސާސާއެކު އުފެދޭ ދެބަދޭތެރޭގެ ހަރަކާތެއްވެސް ނޫނެވެ. އޭގެ ބަދަލުގައި އެއީ މާ މަޑުމައިތިރި، އަދި އެހާމެ ފުން އިހުސާސެކެވެ. އެއީ އޭނާގެ ހިތާއި ސިކުނޑި ގަބޫލުކުރަން ބޭނުންވި ހަގީގަތް އޭނާގެ ހަށިގަނޑުވެސް ގަބޫލުކުރަން ފެށި ކަހަލައެވެ. އެއީ އޭނާގެ ކުރިމަތީގައި ރާމިޔާ ހުރިކަމާއި، މި ވަގުތުކޮޅަކީ، އެ މިއުޒިކްގެ ރާގު ނިމެންދެން ނަމަވެސް، އަތްލެވޭ ފަދަ ހަގީގަތެއް ކަމެވެ.
އޭނާގެ އިނގިލިތައް ރާމިޔާގެ އަތްތިލައިގައި މަޑުމަޑުން ބާރުކޮށްލީ ވަރަށް އިހުތިރާމާއެކުގައެވެ. އެއީ ކުޑަކޮށް ނަމަވެސް އަތުން ދޫވެއްޖެނަމަ އޭނާ ގެއްލިދާނެތީ ބިރުގަންނަ ފަދަ ގޮތަކަށެވެ. އޭނާގެ އަނެއް އަތުން ރާމިޔާގެ އުނަގަނޑުގައި ހިފަހައްޓާލިއިރު، އެ ހަރަކާތުގައި ހުރީ އިންތިހާ ދަރަޖައިގެ އޯގާތެރިކަމެވެ. ލޯތްބެވެ. އެތަކެއް ދުވަހެއްގެ އިންތިޒާރުގެ މޭވާ ލިބުނު ކަމުގެ ފޮނި އިހުސާސެވެ. އެ ވަގުތު އޭނާގެ އަނގައިން ލުއި ނޭވާއެއް ބޭރުވިއެވެ. އެއީ މާ ގިނަ ދުވަހު ނޭވާ ހިފަހައްޓައިގެން ހުރުމަށްފަހު ދޫކޮށްލި ފުން ނޭވާއެއް ފަދައެވެ.
“ތިހެން ހަދާ ކޮންމެ ފަހަރަކު އަހަރެން މިވަނީ ކީއްބާ…” މިއުޒިކުގެ އަޑަށްވުރެ މަޑުމަޑުން ސިއްރުސިއްރުން މާހިރް ބުނެލިއެވެ. އެ ބަސްތައް އެ ދެމީހުންގެ ދެމެދުގައިވާ ހުސްކަމުގެ ތެރެއަށް ބޭރުވީ ރާމިޔާއަށް އެ އަޑު އިވޭނެ ފަދަ ގޮތަކަށެވެ.
އަދި ފަހަރެއްގައި، އޭނާ އަމިއްލައަށް އުފައްދާފައިވާ މި ނާޒުކު ދުނިޔޭގައި، ރާމިޔާއަށް އެ އަޑު އިވެނީ ކަމަށްވެސް ވެދާނެއެވެ.
އޭނާ ކުރިއަށް ފިޔަވަޅެއް އެޅިއެވެ. މަޑުމަޑުން މާހިރްގެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ ރާމިޔާ އޭނާގެ ފަހަތުން އާދޭތޯ ބަލާ ފަދަ ގޮތަކަށެވެ. މާހިރްގެ ފަހަތުން ރާމިޔާ ހަރަކާތްކުރަން ފެށުމާއެކު، އޭނާގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ.
“ފެނޭތަ؟” ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިކޮށްގެން ހުރެ އޭނާ ސިއްރުސިއްރުން ބުންޏެވެ. “އަދިވެސް އެނގޭނު އަހަރެންގެ ފަހަތުން ހަރަކާތް ކުރާކަށް… ނޭނގޭ ކަމަށް ހެދިގެން ހުއްޓަސް.”
އޭނާގެ އަޑުގައިވާ ސަމާސާގެ ރާގު އެ މާހައުލުގައި ހަރުލާފައި ހުއްޓެވެ. އެއީ ވަރަށް ގާތް އަދި އާދަވެފައިވާ އަޑެކެވެ. އެ ވަގުތުކޮޅު އޭނާ އެ އިހުސާސްތަކުގެ ތެރެއަށް ގެނބިގެން ދިޔައެވެ. އެއީ އަބަދުވެސް އެކަން އޮންނަ ގޮތް ކަމަށް ގަބޫލުކުރަމުންނެވެ. އެ ދެމީހުން ފިޔަވައި އެހެން އެއްވެސް އެއްޗަކަށް މުހިންމުކަމެއް ނެތް އަމާން މާހައުލެއްގައެވެ.
މިއުޒިކުގެ ރާގާއެކު އެމީހުންގެ ހަރަކާތްތައް އިތުރަށް ފުރިހަމަވަމުން ދިޔައެވެ. އޭނާގެ ހަށިގަނޑު އެ ރާގާ އެކުވެ، ރާމިޔާ ގޮވައިގެން ހަރަކާތްކުރަމުން ދިޔައީ އެއީ އޭނާ އުފެދުނު މަގުސަދު ކަމަށް ދެކޭ ފަދަ ގޮތަކަށެވެ. އޭނާ ޙިޔާލީ ދުނިޔެއިން ބޭރުގައި ހަގީގީ ދުނިޔެއެއްގައި އެކުގައި އުޅެވޭނެ ނަމައޭ ހިތަށް އަރަމުން ދިޔައެވެ. ހަގީގީ ދުނިޔެއެއްގައި އެ ދެހިތް ގުޅޭނެ ނަމައޭ ހިތަށްއެރިއެވެ.
ރާމިޔާ މަޑުމަޑުން ފަހަތަށް އެނބުރިލިއެވެ. މާހިރްގެ ނަޒަރު ރާމިޔާގެ މޫނުން އެންމެ ހިނދުކޮޅަކަށްވެސް ކަސިޔާރެއް ނުވެއެވެ. މާހިރްއަށް ކެތްނުކުރެވިގެން ރާމިޔާގެ އުނަގަނޑުގައި ހިފާފައި އަލުން އޭނާގެ ގަޔާއި ގާތަށް ދަމާލި ވަގުތު، އޭނާގެ ނޭވާ ހުއްޓުނު ކަހަލައެވެ. އޭނާގެ އަތް އިތުރަށް ރާމިޔާގެ ބުރަކަށީގައި ބާރުކޮށްލިއެވެ.
ގާތަށެވެ. އަބަދުވެސް އިތުރަށް ގާތަށެވެ.
“ހީކުރި ވަރަށްވުރެ ފަސޭހައިން ތިޔަ ދޫނީ ހިފިއްޖެ…” މާހިރް މަޑުމަޑުން ބުންޏެވެ. އޭނާގެ ތުންފަތުގެ ކަނުން ހިނިތުންވުމެއް ފެނުނެވެ. “ނޫނީ ރާމިޔާގެ ގާތުގައި ހުރުމުން އަހަރެން މާ ބާރުގަދަވަނީ ކަމަށްވެސް ވެދާނެ… ލޯތްބަކީ ދަމާ ބާރެއް ވާ އެއްޗެއް ދޯ؟…”
ރާމިޔާގެ އަނގައިން ލުއި ހުނުމެއްގެ އަޑު އިވުނެވެ. އެ އަޑު މިއުޒިކުގެ ތެރެއަށް ގެއްލިގެން ދިޔައިރު، އެމީހުން ކޮޓަރީގެ ތެރޭގައި ނަށަމުން ދިޔައީ ހިނގުމުގެ ބަދަލުގައި ވައިގެ ތެރޭގައި އުދުހޭ ފަދަ ގޮތަކަށެވެ.
މާހިރް، ރާމިޔާގެ އުނަގަނޑުގައި އަނެއްކާވެސް ހިފަހައްޓާލިއެވެ. އެއަށްފަހު އަތް ކުޑަކޮށް ބާރުކޮށްލިއެވެ. އެއީ ތަދުވާ ވަރަކަށް ނޫނެވެ. ނަމަވެސް އެއީ ހަގީގަތުގައި ނެތް އެއްޗެއްގައި އަމިއްލަ ނަފްސު ހަރުލެއްވުމަށެވެ. އެ އިހުސާސް އޭނާއަށް މާ ބޮޑަށް ހަގީގީ ކަމަށް ދެއްކިއެވެ. އެ “ލަމްހާ” އޭނައަށް ބީވެދާނެތީއެވެ. އެ ހިނދުކޮޅު ވައިގެތެރެއަށްގޮސް ގެއްލިދާނެތީއެވެ.
“އަހަރެން އެންމެ ފޫހިވަނީ ކޮން ކަމަކާކަން އެނގޭތަ؟” ކުއްލިއަކަށް މާހިރްގެ އަޑު މަޑުވެލިއެވެ. “މިހާ ބޮޑަށް ބޭނުންވާ ވަގުތު، ހުރިހާ އަޑުތަކެއް ގަދަވެފައިވާ ވަގުތު، ރާމި ހަގީގަތުގަ މިތާ ނެތީމަ. ޔޫ އާ ސުލޯލީ ބިކަމިންގ މައި ސޭނިޓީ…. އެން މައި އިންސޭނިޓީ….”
އެ އިހުސާސްތައް ބޭރުވީ ވަރަށް ނާޒުކު ގޮތަކަށެވެ. އެއީ ހިތްގައިމު ނަމަވެސް ނާދިރު ވަގުތުކޮޅެއްކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެކަމަށް އޭނާގެ މައްޗަށް ބާރުފޯރުވިޔަކަ ނުދިނެވެ. އަދި އެ ވަގުތު އެކަމާ ވިސްނާކަށް އޭނާ ބޭނުމެއް ނޫނެވެ.
މާހިރް އަލުން ނަށަން ފެށިއެވެ. ރާމިޔާގެ ކަނާތުއަތް މައްޗަށް ނަގާލުމާއެކު ރާމިޔާ މިއުޒިކުގެ ރާގާއި އެއްވާމަކަށް އެނބުރިލަމުން ލޯ މަރާލިއެވެ. އެވަގުތު ފަންކަލުގެ ފިޔަތަކުގެ މަތީގައި ބަރާކޮށްފައި ހުރި ފިނިފެންމާ ފިޔަކަރުތައް ވެރި އޭނާގެ މޫނުގަތި ފިރުމަމުންދިޔައެވެ.
މާހިރް އޭނާގެ އަތް ރާމިޔާގެ ބުރަކަށީގައި މައްޗަށް ޖައްސާލަމުން، އެމީހުންގެ ދެމެދުގައިވާ ހުސްކަން ކުޑަކޮށްލިއެވެ. އޭނާގެ ލޯ މަރާލިއިރު، ރާމިޔާގެ އިސްތަށިގަނޑުގެ ވަސް އޭނާއަށް އިހުސާސްވާ ކަހަލައެވެ.
މާހިރް ލޯ މަރާލާފައި އަލުން ލޯ ހުޅުވާލި ވަގުތު ރާމިޔާ ހިނިތުންވެލިއެވެ.
އެއީ އާންމުކޮށް އޭނާ ދުނިޔެއަށް ދައްކާ ކަހަލަ ހިނިތުންވުމެއް ނޫނެވެ. އެއީ ހަމައެކަނި މި ވަގުތަށާއި، ހަމައެކަނި މާހިރްއަށް ހާއްސަ ހިނިތުންވުމެކެވެ.
“އަހަރެންގެ ފައި މައްޗަށް ތި އެރީ ދޯ؟” އޭނާ ސަމާސާ ރާގަކަށް ބުންޏެވެ. “އަހަރެންނަށް އެނގޭ… ވަރަށް ފޯރީގައި އުޅެލާފައި މިހާރު ތި ހުރި ގޮތް ބަލާބަލަ.”
އޭނާގެ އަޑުގައި ވަނީ ލޯތްބާއި އޯގާތެރިކަމެވެ. އޭނާ އެ ކުއްޖާގެ އަތުގައި ފިރުމާލީ އެއީ މައްސަލައެއް ނޫންކަން އަންގައިދޭ ފަދަ ގޮތަކަށެވެ. އެތަނުގައި އެއްވެސް މީހަކީ ފުރިހަމަ މީހަކަށް ވާކަށް ނުޖެހެއެވެ.
މިއުޒިކުގެ އަޑު އިތުރަށް ގަދަވެގެން ދިޔައެވެ. އޭނާގެ ހަރަކާތްތައް އިތުރަށް ފުޅާވެ، ހުޅުވިގެން ދިޔައެވެ. ރާމިޔާ އަލުން އެނބުރިލީ ވަރަށް ލަސްލަހުންނެވެ. އަދި އޭނާގެ އަތުގެ ތެރެއަށް ރާމިޔާ އަނބުރާ އައި ގޮތުން، އެއީ ދުވަހަކުވެސް ވަކިވާން ޖެހޭނެ ބައެއް ނޫން ކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ.
އަދި އެ ވަގުތު އޭނާއަށް ކަމެއް ވިސްނުނެވެ.
އެ އިހުސާސް…
އެ ރީތި، ނާޒުކު، އަދި ނާދިރު އިހުސާސް…
އޭނާ ނޭނގި ހުރެ ރާމިޔާގެ ގައިގައި އަނެއްކާވެސް ބާރަށް ބައްދާލިއެވެ. އޭނާގެ ހިތުގެ ވިންދު އެ ރާމިޔާއަށް އިހުސާސްވާ ކަހަލައެވެ.
“ނުދާތި،” އޭނާ ވަރަށް މަޑުން ބުންޏެވެ. އެ ބަސްތައް ބޭރުވީ އޭނާގެ އިހުތިޔާރުން ބޭރުގައެވެ. އޭނާގެ އަޑުގައި ވަނީ މާޔޫސްކަމެވެ. “ހަމައެކަނި… މަޑުކޮށްލަދީ އިރުކޮޅަކު.”
އެ އެދުމުގެ ޖަވާބެއް ނުލިބުނަސް، އޭނާގެ ހިތުގައި އެ ކުއްޖާ ދުރަކަށް ނުދެއެވެ. އެ ކުއްޖާ މަޑުކުރެއެވެ. އަބަދުވެސް މަޑުކުރެއެވެ.
އެހެންކަމުން އޭނާ ނެށުން ކުރިއަށް ގެންދިޔައެވެ.
މިހާރު މާ ލަސްލަހުންނެވެ. މާ މަޑުމައިތިރިކޮށެވެ.
އޭނާގެ ހަރަކާތްތަކުން ވަކި ތަރުތީބެއް ގެއްލި، ހަމައެކަނި އިހުސާސްތަކުގެ މައްޗަށް ބިނާވެގެން ދިޔައެވެ. އޭނާގެ ނިތްކުރި އެ ކުއްޖާގެ ނިތްކުރީގައި ޖައްސާލައިގެން ހުރެ، މިއުޒިކުގެ ރާގާއެކު ދެފަރާތަށް ހަރަކާތް ކުރަމުން ދިޔައެވެ.
ވަގުތު ހުއްޓުނު ކަހަލައެވެ. މުޅި ކޮޓަރި ފަނޑުވެގެން ދިޔައެވެ.
އެތަނުގައި ވަނީ ހަމައެކަނި އެ ކުއްޖާއެވެ. އަދި ބާރުވަމުންދާ ހިތުގެ ވިންދެވެ.
އަދި އެ ނާޒުކު، ކުރު ވަގުތުކޮޅުގެ ތެރޭގައި—
މާހިރު ހަނދާން ނެތުނީ އެއީ އޭނާގެ ހިޔާލީ ދުނިޔެއެއްގެ ސޫރައެއް ކަމެވެ.
މާހިރު އެތައް އިރަކު އެއް ކަކޫ މައްޗަށް ތިރިވެގެން އިނެވެ. އޭނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ.
“…އާނ،” އޭނާ ދެރަވެފައިވާ ރާގަކަށް ބުނެލިއެވެ. އޭނާ މަޑުމަޑުން އަތް ތިރިކޮށްލިއެވެ.
އަދި އެ ރޭ ފުރަތަމަ ފަހަރަށް އޭނާއަށް އެކަނިވެރިކަން އިހުސާސް ކުރެވުނެވެ.
ލިޔުންތެރިޔާގެ ނޯޓު
ތިރީގައި އެވަނީ މި ވާހަކައާއި ގުޅޭގޮތުން ތިޔަ ބޭފުޅުންގެ ހިޔާލު ހޯއްދެވުމަށް ހަދާފައިވާ ޕޯލެކެވެ. ހުރިހާ ކިޔުންތެރިންވެސް ޕޯލަށް ވޯޓު ލެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ، އެއީ ވާހަކަ އިތުރަށް ރަނގަޅުކުރުމަށް މަގުފަހިވެގެންދާނޭ ކަމެކެވެ.
ވާހަކައާ ގުޅޭ ޕޯލަށް ވޯޓު ލެއްވުމަށް މި ޖުމްލައަށް ފިއްތަވާލައްވާ!
މި ވާހަކައަށް ހާއްސަކުރެވިފައިވާ ފޭސްބުކް ޕޭޖަށް ފޮލޯކޮށްލުމަށް ނޫކުލައިން ނުވަތަ ރަތްކުލައިން ފެންނަ ލިޔުންކޮޅު “ފޭސްބުކް ޕޭޖް” އަށް ފިތާލުމަށްފަހު ފޮލޯކޮށްލައްވާ!
Facebook Page – Mi Hamahimeynkan
މި ވާހަކައަކީ ޙިޔާލީ ކޮންސްޕްޓްއެއްގެ މައްޗަށް ބިނާކޮށް ލިޔަމުންދާ ވާހަކައެވެ. މި ވާހަކަގެ މި އެޕިސޯޑް ކަމުދިޔަކަމުގައިވާނަމަ ކޮމެންޓެއްގެ ޒަރީއާއިން ތިބޭފުޅުންގެ ޝުއޫރުފާޅުކުރެއްވުމަކީ އަޅުގަނޑުމެންނަށް މި ވާހަކަ ކުރިއަށް ގެންދިއުމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރެވެ. ބިނާކުރުވަނިވި ފާޑުކިޔުމަކީ ކުރިއަށް އޮތްތަނުގައި ވާހަކަ އިތުރަށް ރަނގަޅުކުރުމަށް ލިބިގެންދާނެ ފުރުސަތެއްކަމުގައި ފާހަގަކޮށްލަމެވެ.
ކުރިއަށްހުރި އެޕިސޯޑުތައްވެސް ކިޔާލާނެކަމަށް އުންމީދުކުރަމުން ވަކިވެލަމެވެ. ބާއްޖަވެރިދުވަހަކަށް އެދެމެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


