ފަސީހަށް މެހެކް ގާތުގައި ދެއްކުނު ވާހަކައަށްފަހު އޭނާގެ ނޭވާ ތާށިވާންވެށިއެވެ. އެންމެ ނޭވާއަކަށް އެދި އޭނާގެ ހަށިގަނޑު އާދޭސްކުރަމުން ދިޔައެވެ. ނޭވާ ލާން އުޅެއުޅެވެސް ނޭވާ ލެވޭ ގޮތެއް ނުވިއެވެ. އޭނާގެ އެސްފިޔައިގައި ހަރުލާފައިހުރި ކަރުނަތައްވެސް އެއް ވާމަކަށް ކޯރެއްގެ ފެން އާރު ފައިބާހެން ފައިބައިގަތެވެ. އެވަގުތުވެސް ފުސްވެފައިވާ ނަޒަރަކުން ފަސީހުގެ ކަޅި އަމާޒުވެފައިހުރީ މެހެކްއަށެވެ. އެހެނަސް އެ ދެލޮލަށް ސިފަވަމުންދިޔައީ މާޒީގެ ހިތި ހަނދާންތަކެވެ. ޖޫލީގެ ހިނިތުންވުމެވެ. ޖޫލީދެކެ އޭނަ ވީ ލޯތްބެވެ. ދެމީހުން އެކުއެކީގައި ދެކުނު ހުވަފެންތަކެވެ. ބިނާކުރަން ބޭނުންވި ލޯބީގެ ގަނޑުވަރެވެ.
ފަސީހު ހިތުގެ އެންމެ ފުންހިސާބުގައި ފޮރުވައިގެން ހުރި އިހުސާސްތަކާއި، ޒަމާންތަކެއް ވަންދެން އެ ހިތުގައި ބައްކޮށްގެން ހުރި ވޭނީ އުދާސްތަކުގެ ފުންމިން މެހެކްއާއި ހިއްސާކުރެވުމުން އެދެމެދަށް ވެރިވި ހިމޭންކަމަކީ ހުސްކަމެއް ނޫނެވެ. އެ ހިމޭންކަން ހީވީ ނޭވާ ހިފަހައްޓާލަން ދަތިވާ ވަރަށް ބަރުވެ ފިތިގެންދިޔަ ހިމޭންކަމެއް ހެންނެވެ. ހަމަ އެ ވަގުތު ބޭރުވި ތަދާއި ހިތްދަތިކަން ވައިގެ ތެރޭ ހިފެހެއްޓިފައިވާ ހެންނެވެ. ފަސީހުގެ ހިތް ކޮންޓްރޯލެއް ނެތި ޑަންޑަންލާފައި ތެޅެމުން ދިޔައިރު، އޭނާގެ އެސްފިޔަތަކުގައި ތިކިތިކިވެ ހިފެހެއްޓިފައި ހުރި ކަރުނަތައް އަދިވެސް ދިޔައީ ހިފެހެއްޓުމެއް ނެތި ކޯތާފަތުގެ ތިރިއަށް ދެމިގަންނަމުންނެވެ. ހީވަނީ އޭނާގެ މޫނުމަތީގައި ކަރުނަތައް ރޭހެއް ޖަހަމުންދިޔަހެންނެވެ. ނަމަވެސް “ހިތުގެ” ލޮލުން ފަސީހު ބަލަހައްޓައިގެން ހުރީ ވަރަށް ދުރަށެވެ. ދޫކޮށްލަން ދެކޮޅު ހަދަމުންދިޔަ މާޒީގެ ހަނދާންތަކުގެ ތެރޭ ގެނބިފައި ހުރި ހެންނެވެ.
މެހެކް ހަރަކާތް ހުއްޓިފައިހުރި ގޮތަކަށް، އެ ހުރި ފިޔަވަޅުމަތީގައި ހުއްޓިހުރީ، ފަސީހުގެ ޖަޒުބާތުތަކަށް އިހުތިރާމްކުރުމުގެ ގޮތުންނެވެ. މެހެކްއަށް ފަސީހުގެ ހިތުގައި އެހާ ގިނަ އަހަރުތަކެއް ވަންދެން ފޮރުވައިގެން ހުރި ވޭން އިހުސާސްކުރެވުމުން އޭނާގެ ގައިންވެސް ހީބިހި ނަގައިގަތެވެ. ލޯބީގައި ފަސީހުގެ ބަދުނަސީބާއި ނާކާމިޔާބުން ފުރިގެންވީ ހަޔާތާއި އޭނާގެ އެކަނިވެރިކަމުގެ ވާހަކަ މީގެ ކުރިން އެއްވެސް މީހަކާ ހިއްސާކޮށްފައި ނުވާކަން، ފަސީހު އެވާހަކަ ހިއްސާކުރި އިރު އޭނާގެ އަޑުގައި ހުރި ކެކުޅުމުން ދަލީލުކޮށްދިނެވެ. މެހެކްގެ ހިތަށް ކުއްލިއަކަށް ވެރިވި ތަދުން އޭނާގެ ހިތް ފިއްތާލިއެވެ. ހީވީ ބަރު ހިލަގަނޑެއް ވެއްޓި އޭނާގެ ހިތް ފިސްފިސްވެ ޗިސްޗިސްވީހެންނެވެ. އެ އިހުސާސް މެހެސޫސްވުމާއެކު އޭނާގެ އެތެރެހަށިން ވޭނީ އާހެއް ބޭރުވިއެވެ. އެއާއެކު އުނދަގޫ ގޮތަކަށް ހިންދިރުވާލާފައި އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލެވޭތޯ މެހެކް މަސައްކަތްކުރިއެވެ. އެހެނަސް އޭނާގެ ދެ އަތްތިލަ ބޭއިހްތިޔާރުގައި ތުރުތުރު ލިއެވެ. ދިމާވިތާ ދުވަހެއް ވެސް ނުވި ނަމަވެސް، ފަސީހުގެ ތަދާއި ވޭން ބަލަން ކެތްނުވި ސަބަބެއް ހިތަށް ވިސްނައިދޭކަށް ނޭނގުނެވެ. ސިކުނޑިއަށް ވިސްނައިލަން ވެސް ފުރުސަތެއް ނުލިބި ހިތް ތެޅިގަތެވެ. ފަސީހާއި ގާތްވާން ބޭނުންވިއެވެ. ފަސީހުގެ އެ ތަދަށް ޝިފާއެއް ދޭން ބޭނުންވިއެވެ. އެ ހަށީގައި އަޅަމުންދިޔަ ވޭން ލުއިކޮށްދިނުމަށް ކޮންމެވެސް ކަމެއް ކޮށްދޭން ބޭނުންވިއެވެ. ހިތަށް ތަދުވާ ވަރަށް ބޭނުންވިއެވެ. ނަމަވެސް ހިތް ހިފެހެއްޓިއެވެ.
ފަސީހު އެބުނާ އަންހެން ކުއްޖާ ދެކެ އެހާ ލޯބިވާއިރު، އެނޫން އަންހެނެއްގެ ފުށުން އަރާމެއް ހިތްހަމަޖެހުމެއް އޭނާ ހިތުންރުހުމުން ބޭނުންވާނެ ހެއްޔެވެ؟ އެ ނޫން އަންހެނެއްގެ ފަރާތުން އޯގާތެރިކަމެއް ލިބުނަސް އެ އޯގާތެރިކަމުން އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަ ހުއްޓޭނެ ހެއްޔެވެ؟ އެނޫން އަންހެނެއްގެ ބީހުމުން ފަސީހަށް ވާނީ އުނދަގޫ ނޫންހެއްޔެވެ؟ އެނޫން އަންހެނަކު އޭނައާ ކައިރިވުމުގެ ހައްގު އޭނާ ދޭނެ ބާއެވެ. ފަހަރުގައި ކުރެވޭ ކަމަކުން އެއީ ކުށަކަށްވެސް ވެދާނެއެވެ. އޭނާގެ ހިތުގައި އަހަރެންނަށް ދީފައިވާ އިމެއް އިމެއް އޮވެދާނެއެވެ. އެ އިން ނުވަތަ ހައްދު ފަހަނައަޅައި ދިއުމުގެ ހައްގެއް އަހަރެންނަށް ލިބިގެންވޭ ހެއްޔޭވެސް މެހެކްގެ ހިތް ސުވާލު ކުރިއެވެ.
ހިތަށް ޖަވާބެއް ނުލިބުނެވެ.
“އަހަރެންނަށް މިވަނީ ކިހިނެއް… މިއީ ލޯބި ނޫން ކޮން އިހުސާސެއް… ކުލުނަކީ މިހާ ވޭންދެނިވި އެއްޗެއްތަ؟” ހިތާ ހިތުން ވަރަށް ހިތްވަރާ އެކު މެހެކް ބުންޏެވެ. ނަމަވެސް ފަސީހުގެ ކޮނޑު ތުރުތުރު ލި ތަން ފެނި އޭނާގެ ހިތް ތޮޅިލިއެވެ. ލޯތްބަށް ވާނީ ކިހިނެތް ހެއްޔެވެ؟ ދިމާވިތާ ހިނދުކޮޅެއް ވެސް ނުވެ، ހިތިތަދާއި ހިތާމައިގެ ފަށްތަކުން ހިތްދަތިކަން ފިލައިދިޔަ ހިތެއްގެ ވެރިއަކު ދެކިލީ ކިހިނެތް ހެއްޔެވެ؟ “މިއީ ހަމްދަރުދީބާ؟” މެހެކްގެ ހިތް ވިސްނައިދިނެވެ. ތަދެއް ލޮލަށް ފެނި ހިތް ތެޅިގަތީ ހަމްދަރުދީ ހިތަށް ވެރިވުމުން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ހިތުގެ ތެޅުން “ހަމްދަރުދީ” އޭ އެކިޔާ ތަދަށްވުރެ ފުންވިއެވެ. ހަމްދަރުދީ ހިތަށް ވެރިވިޔަސް، ހިތް ތެޅިގަންނަ ވަރަށް ތަދެއް ނުވާނެ ނޫން ހެއްޔެވެ؟ ނަމަވެސް ފަސީހު ހިމޭންކަމުގައި ހިތްދަތިވެ ހުއްޓި ހުރި ތަން ބަލަހައްޓައިގެން ހުންނަ ކޮންމެ ހިނދެއްގައި، މެހެކްގެ ހިތް ފަޅައިގެންދާ ހެން ހީވިއެވެ.
ފަސީހުގެ ލޮލުން ފޭބި ކޮންމެ ކަރުނަ ތިއްކަކާއެކު މެހެކްގެ ހިތްވަރު އެލެން ފެށުމުން އޭނާގެ ނޭވާ ކުރުވިއެވެ. އެ ނުފެންނަ ރޮނގު ކައިރީގައި އެތައް އިރަކު ހުރުމަށްފަހު، ވަރަށް ފަރުވާތެރިކަމާއެކު އޭނާ ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އެއީ އެ ދެމެދުގައިވާ ނާޒުކު ގުޅުމަށް ބުރޫއަރާފާނެތީ ބިރުން އުޅޭ ކަހަލަ ގޮތަކަށެވެ. އެންމެ ފަހުން އޭނާގެ އަތް އުފުލާލައި، ފަސީހުގެ ކޮނޑުގައި ބާއްވާލިއެވެ. އެ ވަގުތު އޭނާގެ ހަށިގަނޑަށް ކުރެވުނު އާދަޔާ ހިލާފު އިހުސާސަކުން ހިތަށް ހަމަޖެހުމާއި ނުތަނަވަސްކަން އެއްފަހަރާ ވެރިވިއެވެ.
“ފަސީއަށްޓަކާ އެއްވެސް އަހައްމިއްޔަތުކަމެއް ނުދިން ލޯތްބެއްގައި، ތިހާ ގިނަ ދުވަސްވަންދެން ތިޔަ ހިފަހައްޓަނީ ކީއްވެ..؟”
މެހެކްގެ އަޑު ނިކުތީ އުންމީދު ކުރިވަރަށްވުރެ މަޑުމައިތިރިކޮށެވެ. ނަމަވެސް އެ އަޑުގައި ވަރުގަދަ އަސަރެއް ހުއްޓެވެ. އޭނާ ދައްކަމުންދިޔަ ކޮންމެ ވާހަކައަކީ، ފަސީހު ގަބޫލުކުރަން ބޭނުންނުވެގެން އުޅުނު ހަގީގަތްތަކެވެ.
“ތި ބުނާ އަންހެން ކުއްޖަކު ދެއްކި ހުވަފެންތަކަކީ އަބަދަށް ދެމިގެންވާނެ އެއްޗެއް ކަމަށް ފަސީ ގަބޫލުކުރިޔަސް، ހަގީގަތަކީ ވަރަށް ސާދާ އަދި އެހާމެ ހިތްދަތިއެއްޗެއް… އެންމެ ބޭނުންވި ވަގުތު އެ އަންހެން ކުއްޖާ އިހުތިޔާރު ކުރީ ހިމޭންކަމާއި ދުރުމިނެވެ. ނުވަތަ އެހެން މީހެކެވެ. އެކަމަކުވެސް ފަސީ ތިޔަ އުޅެނީ ހަމައެކަނި ފަސީގެ ހިތުގައި އޮތް ވާހަކައެއްގެ ބުރަ އުފުލައިގެންނެވެ… ފަސީ ދެއްކި ވާހަކައިން އެނގޭ ތިބުނާ ކުއްޖާ މިހާރު މޫވް އޮން ވެއްޖެކަން… ދެން ފަސީ ކީއްވެ އޭނަ ދެކެ ލޯބިވެޔޭ ކިޔާފަ ކަރުނަ ތިޔަ އަޅަނީ.. ކީއްވެ ތިޔަހެން ފަސީގެ ލައިފް ތިޔަ ބޭކާރު ކޮށްލަނީ… ފަސީއަށްޓަކާ ގުރުބާން ނުވި މީހަކަށްޓަކާ ކީއްވެ ތިޔަ އުމުރު ހުސްކޮށްލަނީ… ކީއްވެ މޫވް އޮން ނުވެ މިހާ ދުވަސްވަންދެން ތިޔަ ހުރީ؟ 7 އަހަރަކީ ގައިމު ކުރު މުއްދަތެއް ނޫން.. ދެހާސް ފަސްސަތޭކަ ފަންސާސް ފަސް ދުވަސް… ފަސްދޮޅަސް އެއްހާސް ތިންސަތޭކަ ވިހި ގަޑިއިރު… އާދޭސްކޮށްފަ ބުނަން ފަސީ…. ތިގޮތަށް ބޭކާރު މީހަކަށްޓަކާ ކަރުނަ ނާޅާ… ތި ކަރުނައިގެ އަގު އޭނާ ދަންނަ ނަމަ އޭނާދެކެ ފަސީ ވާ ލޯބީގަ ކޮޅުފައިންޖަހާފަ އޭނާ ނުދިޔައީސް…”
މެހެކްއަށް އޭނާގެ އަތް އޮތް ފަސީހުގެ ކޮނޑަށް ބާރުވެލިކަން އިހުސާސްވިއެވެ. އެހެނަސް އޭނާ ވާހަކަ ހުއްޓައެއް ނުލައެވެ. އެއީ މި ވާހަކަތަކުން ފަސީހުގެ ހިތަށް ތަދުވިޔަސް، މިއީ އޭނާ އަޑުއަހަން ޖެހޭ ހަގީގަތްކަން އޭނާއަށް އެނގޭތީއެވެ.
” ފަސީ އަހަރެން މި ދައްކާ ވާހަކަ ކަނުލާ އަޑުއަހާތި… ލޯތްބަކީ މީހެއްގެ ގާތުގައި މަޑުކުރުމަށް އެދި އާދޭސްކުރުމެއް ނޫނެވެ. އަދި ކޮންމެ ރެއަކު ތިމާގެ އަމިއްލަ ނަފްސާ މެދު ސުވާލު އުފެދޭ ފަދަ ކަމަކަށްވެސް ލޯބި ވެގެން ނުވާނެ..”
އޭނާގެ އަތުގެ ބާރު ކުޑަކޮށް ގަދަކޮށްލީ، ފަސީހަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
“ހަގީގީ ލޯތްބަކީ ފަސްޖެހުމެއް، ފޮރުވުމެއް، ނުވަތަ ކަންކަން އުނދަގޫވުމުން ފިލައިގެން ދިއުމެއް ނޫން… އެއީ ސާބިތުކަމާއެކު ހުރުން…. އިހުތިޔާރު ކުރުން.. ލޯތްބައްޓަކާ، ލޯބީގެ ހައްގުގައި ސާބިތުވެ ހުރުން.. ކުރިމަތި ލާންޖެހޭ ކޮންމެ ތޫފާނެއްގަ އެކުގައިވުން…. އަދި އެކުގައިވުމަށް ގަދައަޅާ މަސައްކަތްކުރުން..”
ވާހަކަ ދައްކާ ނިމުނުއިރު އޭނާގެ ހިތަށްވެސް ބަރުވެ، މޭތެޅުން އަވަސްވެފައިވެއެވެ. ފަސީހުގެ ލޮލުން ކަރުނަ އޮހެމުން ދިޔައިރުވެސް، އޭނާ ދުރަކަށް ނުޖެހެއެވެ. އެއީ އެ ވަގުތުގެ ނާޒުކުކަމުންނެވެ.
ދެން، އެއްވެސް ވިސްނުމަކާ ނުލައި އޭނާގެ އިނގިލިތަކުން ފަސީހުގެ ކޯތާފަތްމަތިން ފައިބަމުންދިޔަ ކަރުނަ ތިއްކެއް ފުހެލަދިނެވެ. އެއީ ހަމައެކަނި ފެންތިއްކަކަށްވުރެ ބޮޑު މާނައެއް އެކުލެވިގެންވާ ކަމެއް ފަދައިންނެވެ.
“ފަސީހު، މި ކަރުނަތިކި ފެނޭތަ؟ މޫނު އަނބުރާނުލާ ބަލާބަ. ރަނގަޅަށް ބަލާބަ.”
އޭނާގެ އަޑު ކުރިއަށްވުރެ ވެސް މަޑުވެފައި، އެހާމެ އަސަރުގަދައެވެ. “މިއީ ވަރަށް ކުޑަ އެއްޗެއް ދޯ؟ އެހެން މީހަކަށް މިއީ ހަމައެކަނި ފެންތިއްކަކަށް ވެދާނެއެވެ. އެކަމަކު މިއީ ހަމައެކަނި ފެންތިއްކެއް ނޫނެވެ.”
އޭނާގެ ކަރުބުޑު ބެދި، ބުނަން އުޅޭ ވާހަކައިގެ ބުރަދަން އަމިއްލައަށްވެސް އިހުސާސްވަމުން ދިޔަ ހާލު، އޭނާ އުނދަގުލުން ކަރުތެރެއަށް ކުޅުބޯލިއެވެ.
“މި ކުޑަކުޑަ ކަރުނަފޮދުގެ ތެރޭގައި ފަސީގެ ހިތުގައި ފޮރުވައިގެން ތިއުޅޭ ހުރިހާ އިހުސާސްތަކެއް އެކުލެވިގެންވޭ… ހިތްދަތިކަމާއެކު ދިރުވާލި ކޮންމެ ބަހަކާއި، ފަސީއާ މެދު ދުވަހަކުވެސް ވިސްނާނުލާ މީހަކަށްޓަކައި ނިދިނަގާލި ކޮންމެ ރެއެއްގެ ހަނދާންތައް…”
މެހެކްގެ އިނގިލީގެ ކުރީގައި ތަޅުތަޅުން އޮތް އެ ކަރުނަތިކި ތިރިއަށް ފޭބުމުގެ ކުރިން، ބަސްނުބުނެ އެއަށް ބަލަހައްޓައިގެން އިރުކޮޅަކު އޭނާ ހުއްޓެވެ. އެއީ ހިތް ނޭދޭ ހަގީގަތެއް ހާމަކޮށްދިން ފަދަ ގޮތަކަށެވެ.
“ފަސީ އަސްލު ތި ރޮނީ ތިބުނާ އަންހެން ކުއްޖާ ގެއްލިގެންނެއް ނޫން… ފަސީ ތި ރޮނީ، އެކުއްޖާ ހިފަހައްޓަން އުޅުމުގެ ތެރޭގައި ފަސީގެ އަމިއްލަ ނަފްސު ގެއްލުނީމާ.”
އެ ހިސާބުން ހުރިހާ ކަމެއް ނިމުނީއެވެ. އޭނާގެ ހިތުގެ އެންމެ ފުންމިނުން ކޮންމެވެސް އެއްޗެއް މުޅިން ބިނދިގެންދިޔަ ކަހަލައެވެ.
އޭނާގެ މޫނުމަތިން ފެނުނު ބަދަލުތަކާ މެދު ވިސްނާލުމުގެ ފުރުސަތެއް ލިބުމުގެ ކުރިން، ފަސީހު ކުރިއަށް ޖެހިލައި، ކުއްލިއަކަށް އޭނާގެ ގައިގައި ބައްދާލިއެވެ. އެއީ އެހީތެރިކަމަށް އިންތިހާއަށް ބޭނުންވެފައިވާ ފަދަ ބާރުގަދަ ބައްދާލުމެކެވެ. އޭނާގެ ނޭވާވެސް ހުއްޓުނު ފަދައެވެ. ފަސީހު އޭނާގެ ގައިގައި ބައްދާލައިގެން ހުރީ، މުޅިން މާޔޫސްވެ ހަށިގަނޑުން ވަރުދޫވެގެން ވެއްޓިދާނެތީ ހިފަހައްޓާލައިގެން ހުރި ފަދަ ގޮތަކަށެވެ.
ހިނދުކޮޅަކަށް އޭނާ ހުއްޓުން އެރިއެވެ. އެއީ އޭނާ ދުރުކޮށްލަން ބޭނުންވެގެންނެއް ނޫނެވެ. އެހޭނަމަވެސް، އޭނާގެ ހަށިގަނޑަށް ކުރެވުނު އިހުސާސްތަކަށް ދޭނެ ރައްދެއް ނޭނގުނީއެވެ. ފަސީހުގެ ހަށިގަނޑުގެ ހޫނުކަން އޭނާގެ ގައިގައި ބީހިލުމުން، ހިތުގެ ތެޅުން އިންތިހާއަށް އަވަސްވެ، މުޅި މީހާ ހާސްވިއެވެ. އެއީ ކުރިން ދުވަހަކުވެސް އިހުސާސް ކުރެވިފައި ނުވާ ފަދަ އާދަޔާ ހިލާފު، އަދި ބަލައިގަންނަން އުނދަގޫ އިހުސާސެކެވެ. އެބީހުން ދެވަނަ ފަހަރަށް ނުލިބިއްޖެނަމަ ދެން ދެރަވާނެކަން މެހެކްއަށް ޔަގީންވިއެވެ. ލިބެން ނެތް ލޯތްބަކަށް އުންމީދުކުރުންވެސް ވާނީ އަމިއްލަ މީހާގެ ހުރި އުނިކަމަކަށެވެ. އަމިއްލަ މީހާގެ ހުރި މޮޔަކަމަކަށެވެ. ނަމަވެސް ފަސީހު ބައްދާލައިގެން ހުރި ގޮތުން، އޭނާގެ ބަލިކަށިކަމާއި ހިތްދަތިކަން ފެނި، އޭނާ ދުރުކޮށްލުމަކީ ކުރެވޭނެ ކަމަކަށް ނުވިއެވެ.
އެހެންކަމުން އޭނާ ފަސީހު ދުރެއް ނުކުރިއެވެ. ލަސްލަހުން، ޖެހިލުންވެ ހުރެ، އޭނާގެ ދެއަތް އުފުލާލައި ފަސީހުގެ ބުރަކަށީގައި ބާއްވާލިއެވެ. ސިކުނޑި ކިތަންމެ އިންޒާރެއް ދިން ނަމަވެސް، އޭނާގެ ހިތް އެކަން ގަބޫލެއް ނުކުރިއެވެ. ފަސީހުގެ ހިތާމައިގައި ބައިވެރިވެ، އޭނާއަށް ހިތްހަމަޖެހުން ހޯދައިދިނުމަށްޓަކައި އޭނާ އެ ފުރުސަތު ދިނެވެ.
ފަސީހުގެ ނޭވާތައް އޭނާގެ ކޮނޑުމަތީގައި ތަރުތީބެއް ނެތި ތަޅަމުން ދިޔައެވެ. ދޫކޮށްލައިފިނަމަ އޭނާ ގެއްލިދާނެތީ ބިރުން އުޅޭ ފަދައަކުން ފަސީހު އޭނާގެ ގައިގައި ބާރަށް ހިފަހައްޓާލިއެވެ. މަހެކް އޭނާގެ ދެލޯ މަރާލައި، އެ ވަގުތުގެ އިހުސާސްތަކުގެ ތެރެއަށް ގެނބިގެންދިޔައެވެ. އޭނާއަށް މިވަމުންދާ ކަންތައްތަކުގެ ފުންމިނެއް ނުވިސްނުނެވެ. ސަބަބަކީ، މި ކުރެވޭ އިހުސާސަކީ އަދި ނަންދޭން ނޭނގޭ، ނަމަވެސް ނުރައްކާތެރި މިންވަރަކަށް ގާތްކަމެއް ކަމަށް އޭނާއަށް ގަބޫލުކުރެވުނެވެ.
ވަގުތުތައް ފާއިތުވަމުން ދިޔަ ގޮތެއްވެސް ނޭނގުނެވެ.
އެގޮތުގައި ތިބެވުނީ ކިހާ އިރަކު ކަމެއްވެސް އެދެމީހުންނަކަށް ނޭނގުނެވެ. ނަމަވެސް، ފަސީހުގެ ހިފެހެއްޓުން ދޫވެ، ނޭވާލުން ހަމައަކަށް އެޅުމާއެކު، މެހެކް މަޑުމަޑުން ފަހަތަށް ޖެހިލިއެވެ. ދެމީހުންގެ ދެމެދުގައި އަލުން ދުރުމިން އުފެދުމުގެ ކުރިން، ބޭނުންވާ މިންވަރަށްވުރެ އިރުކޮޅަކަށް މެހެކްއަށް އޭނާގެ އަތްތިލަ އެހަށިގަނޑުގައި ބޭއްވުނެވެ.
މެހެކް ފަސީހަށް ބަލަހައްޓައިގެން ހުރިއިރު، އެ ލޮލުން ފެންނަމުންދިޔަ ކުލަވަރު މަޑުމޮޅިވެގެން ދިޔައެވެ. ނަމަވެސް، މިފަހަރު މެހެކް އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެއީ ބައެއް ކަންކަމަކީ ބަހުން ބަޔާންކުރަން ނުޖެހޭ ފަދަ އަސަރުގަދަ އިހުސާސްތަކަކަށް ވާތީއެވެ. އޭނާގެ ދުލުގައި ވަނީ ގޮށެއް ޖެހިފައެވެ.
އޭނާ ފަހަތަށް ޖެހިލުމާއެކު، އަމިއްލަ ޚިޔާލުތަކުގެ ތެރެއަށް ގެނބިގެން ދިޔައެވެ. ހިތުގައި އުފެދެމުންދިޔަ، އަދި ހަނދާނުން ފޮހެލަން ބޭނުންވި އިހުސާސްތަކެއް އޭނާގެ ސިކުނޑީގައި ގުގުމަން ފެށިއެވެ. އެއީ އަދި ކުރިމަތިލާން އޭނާ ތައްޔާރުވެފައިވާ ކަންކަމެއް ނޫނެވެ.
ޔާ ﷲ…
އަލުން މެހެކް ފަސީހަށް ބަލައިލުމާއެކު، އޭނާގެ މޭ ފިތިގެންދާ ފަދަ އިހުސާސެއް ކުރެވުނެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރި ނިކަމެތިކަމާއި މާޔޫސްކަން ފެނި، ބަޔާންކުރަން ދަތި ވޭނެއް އޭނާގެ ހިތަށް ލިބުނެވެ.
ފަސީހުގެ ނަސީބުގައި ވަނީ ކޮންފަދަ ގޮތެއް ބާވައެވެ؟
މި ސުވާލު އޭނާގެ ހިތުގައި ބަރުލެވިފައި އޮތެވެ. އެއާއެކު، ކުރިން ނުކުރެވޭ ފަދަ އާދަޔާޚިލާފު ދަމާބާރެއް އޭނާގެ ހިތުގައި އުފެދުނެވެ. މިފަހަރު އެ އިހުސާސް ކުރިއަށްވުރެ ވަރުގަދަވެފައި، ނުރައްކާތެރިވެސްމެއެވެ.
ފަސީހަކީ ހާދަހާވާ މަޑުމައިތިރި، ސާފު ހިތެއްގެ ވެރިއެކެވެ.
މެހެކްއަށް އޭނާގެ އަތުގެ އިނގިލިތައް ބާރުކޮށްލެވުނީ، ފެންނަން ނެތް އެއްޗެއްގައި ބާރަށް ހިފަހައްޓައިގެން ހުރި ފަދައަކުންނެވެ.
އިލާހީ! އޭނާއަށް ހެޔޮގޮތްތައް މިންވަރުކުރައްވާށިއެވެ.
ހިތުގެ ފުންމިނުގައި، ހުރިހާ ހަމަބުއްދިއަކާއި ޖެހިލުންވުންތަކެއްގެ ފުރަގަހުގައި، މަޑުމަޑު ބިރުވެރިކަމެއް އުފެދެން ފެށިއެވެ. އެއީ އަމިއްލަ ނަފްސަށް އެއްބަސްވާން އޭނާ އަދި ތައްޔާރުނުވާ ހަގީގަތެކެވެ.
އެއީ އޭނާއަށް މިހާރުވެސް އެކަން އެނގޭތީއެވެ. މިއީ ހަމައެކަނި ހަމްދަރުދީއެއް ނޫންކަން އޭނާއަށް ޔަގީންވާތީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


