Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

މި ހަމަހިމޭންކަން… ހިލަމެއް އެބަވޭ މަށަށް (24)

River Writes
River Writes Level 110 Stories100 Login
April 28, 2026 9 Mins Read
0 Comments

ވަލުތެރޭގައި ހުރި އަނދަވަޅަކަށް ވެއްޓި ހޭނެތިފައިއޮތް ޖޫލީއަށް ހޭވެރިކަމެއް ވުމާއެކު އެންމެ ފުރަތަމަވެސް އިޙްސާސްވީ ބަޔާންކުރަންދަތި ގަދަ ވޭނެކެވެ. އެއީ ކުއްލިއަކަށް އައި ތަދެއް ނޫނެވެ. ނަމަވެސް، އެއީ މުޅި ބޯ ފިތި، ހަށިގަނޑުން ފުރާނަ ދާހާ ބަރު، ނޭވާ ހާސްކުރުވާފަދަ އިޙްސާސެކެވެ. ހޭލެވުނުއިރު ބޯއެނބުރުމުގެ ސަބަބުން މުޅި ދުނިޔެ އެނބުރޭ ކަހަލައެވެ. އޭނާގެ އެސްފިޔަތައް ތަޅުވައިލިއިރު ކުރިމަތީގައި އޮތީ ބިރުވެރި، ކަޅު އަނދިރިކަމެކެވެ. ރޫރޫއަޅާ ހާލުގައި ނިތްކުރީގައި އަތްލުމާއެކު، އަތުގައި އުނގުޅުނީ ތަތްލާފައިވާ ހޫނު އެއްޗެކެވެ. އޭގެ ސިކުންތެއް ފަހުން ލޭގެ ވަސް ދުވަން ފެށުމުން، ބޯ ފަޅައިގެން ގޮސް އަދިވެސް ލޭ އަންނަކަން އެނގި، އޭނާގެ ހިތް ނުތަނަވަސްވެ މޭ ނުބައިކުރަން ފެށިއެވެ.

ބިރުވެރިކަން މުޅި ހަށިގަނޑަށް ސަވާރުވެ، ނޭވާލާން އުނގުޅޫވާން ފެށިއެވެ. ވަށައިގެންވާ ހިމޭންކަން އޭނާގެ ނުތަނަވަސްކަން އިތުރުކުރިއެވެ. އެއީ މުޅި ދުނިޔެ އޭނާ ދޫކޮށްލާފައިވާ ފަދަ ފުން ހިމޭންކަމެކެވެ. ތެދުވާން އުޅުމުން މުޅި ތަން އެނބުރިގަތެވެ. އަމިއްލަ ނަފްސު ހިފަހައްޓާލުމަށްޓަކައި ބިމުގައި އަތް އެޅިއިރު، އިނގިލިތަކަށް އިޙްސާސްވީ ހަރު ސިމެންތިގަނޑެކެވެ. ބޯއެނބުރުން ހުއްޓޭތޯ އޭނާ ދެލޯ ބާރަށް މަރައިލިއެވެ.

“މީހެކޭ… މީހެކޭ…. އަހަރެންނަށް އެހީތެރިވެދީ… އާދޭސްކުރަން…” ޖޫލީގެ އާދޭހުގެ އަޑު ނިކުތީ ވަރަށް ބަލިކޮށެވެ. އެ އަނދިރިކަމުގެ ތެރެއަށް އޭނާގެ އަޑު ގެއްލިގެން ދިޔައިރު، އެއްވެސް ޖަވާބެއް ނުލިބުމުން ބިރުވެރިކަން އިންތިހާއަށް ދިޔައެވެ. އެ ހިމޭންކަން އޭނާގެ ހާލަތަށް މަލާމާތް ކުރާ ފަދައެވެ.

އަނެއްކާވެސް ބާރަށް ގޮވައިލަން އޭނާ މަސައްކަތް ކުރިއެވެ. ކަރުތެރެއަށް ތަދުވެ، އަޑު ގުގުމައިގެން ދިޔަ ނަމަވެސް އެއްވެސް މީހެއްގެ ފިޔަވަޅުގެ އަޑެއް ނުވަތަ އެހީތެރިކަމުގެ ނިޝާނެއް ނުފެނުނެވެ. އެހިސާބުން އޭނާގެ ކެތްތެރިކަން ކޮޅުންލައި، ކަރުނަތައް އޮހިގަތެވެ. ހިތް ހަލާކުވެ، ގިސްލެވެން ފެށުނެވެ.

މިތަނަކު މަޑެއް ނުކުރެވޭނެއެވެ.

އެއީ ހަމައެކަނި ސިކުނޑިން ނިންމި ނިންމުމެއް ނޫނެވެ. އެއީ ފިޠުރީގޮތުން އަމިއްލަ ނަފްސު ސަލާމަތްކުރުމަށްޓަކައި އައި ބާރެކެވެ. ފައިގައި ވަރުނެތި ތުރުތުރުލަމުން ދިޔަ ނަމަވެސް، އޭނާ ކުރިއަށް ފިޔަވަޅު އެޅިއެވެ. ދެއަތް ކުރިއަށް ދިއްކޮށްގެން، ފިނި ރުއްތަކުގައި ބައްދަމުން އޭނާ ހިނގަން ފެށިއެވެ. ފަހަތުން މީހަކު އަންނަހެން ހީވާ ކޮންމެ ފަހަރަކު ނޭވާ އަވަސްވިއެވެ. އެތަނުގައި އެއްވެސް މީހަކު ނެތްކަން އެނގުނަސްމެއެވެ.

ނަމަވެސް، އެ ހިތި ހަނދާންތައް އޭނާގެ ސިކުންތަކަށްވެސް ދޫ ނުކުރެއެވެ. އޭނާގެ އަތެވެ. ޒުނާމް އޭނައާ ކުރި ސުވާލެވެ. އެ ސުވާލަށް ޖަވާބު ދިނުމުން އެއީ ޒުނާމް ބޭނުންވީ ޖަވާބަށް ނުވީތީ، ޖޫލީ މަރާލަން މަސައްކަތްކުރި ގޮތެވެ. ހުރިހާ ކަމެއް ގޯހުން ގޯހަށް ދިޔަ ގޮތެވެ. އެ ހަނދާންތަކާއެކު އޭނާގެ ހިތުގެ ތެޅުން އަވަސްވިއެވެ. ނަމަވެސް މަޑުކޮށްފިނަމަ އެ ހަނދާންތައް އޭނާ ބަލިކޮށްލާނެކަން އެނގޭތީ، ހިތްވަރުކޮށްފައި އޭނާ ކުރިއަށް ހިނގަމުން ދިޔައެވެ. އެހެނަސް ޖެހިލުންވިއެވެ. ޒުނާމް އޭނާ ހޯދަން އެތަނަށް އައިސްފާނެތީއެވެ. އަނެއްކާވެސް ޒުނާމްގެ އެ ބިރުވެރި ސިފަ ފެނިދާނެތީއެވެ. އެއީ ޖޫލީ މީގެ ކުރިން ދަންނަމުންއައި ޒުނާމްއެއް ނޫނެވެ. އެއީ މީގެ ކުރިން ޒުނާމްގެ ކިބައިން ފެނިފައިވާ ސިފަތަކެއް ނޫނެވެ. އެހާ ގިނަ އަހަރުތަކެއް ވޭތުވަންދެން އެކުގައި އުޅުނު އިރުވެސް ޒުނާމްގެ ހަޤީޤަތް ދަސްނުވީ ކަމަށް ހިތާ ޖޫލީ އޭނާގެ އަމިއްލަ ނަފްސުދެކެ ރުޅިއަންނަން ފެށިއެވެ. ޒުނާމްގެ އަސްލު ސިފައަކީ އެއީބާއެވެ؟ އެއޯ އޭނާގެ ހަޤީޤީ ކުލަވަރުބާއެވެ؟ އޭނާއަށް ވެގެން އެއުޅެނީ ކިހިނެއްބާއެވެ؟ އޭނާގެ މައްސަލައަކީ ކޮބައިބާއެވެ؟ ލޯބި ހޯދާށޭ ކިޔާފައި، ލޯބިވޭތޯ ޔަގީންކުރާށޭ ކިޔާފާ ޖޫލީ އެ އިމްތިހާނު ކުރަނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ. އެ ހުރިހާ ސުވާލަކަށްވެސް ޒުނާމްގެ ފަރާތުން ޖަވާބެއް ޖޫލީ ބޭނުންވިއެވެ. ޒުނާމްގެ ދުލުން ޖަވާބެއް ނުލިބިއްޖެނަމަ އޭނާގެ އަމަލުން އެ ޖަވާބު ހޯދާނަމޭ ޖޫލީ ހިތަށްއެރިއެވެ. އަދި އަމަލުން ޖަވާބު ހޯދަން ނުކުޅެދިއްޖެނަމަ އެ ސުވާލަށް ޖަވާބު ދެވޭނެ މަގެއް އަމިއްލައަށް ކޮށައި ހޯދާނަމެވެ.

އެ ޙިޔާލުތަކާއެކު ވަރަށް ގިނަ ވަގުތު ހިނގުނުހެން ހީވި ފަހުން، ޖޫލީގެ ނަޒަރުގައި އަޅައިގަތީ އަލިކަމެއްގެ ނިޝާނެކެވެ. އެއާއެކު އޭނާގެ ހިތުގައި އުންމީދުގެ ދޯއްޖެއް ފިޔަޖަހާލިއެވެ. ޖޫލީ ގައިގައި ހުރި ހުރިހާ ހަކަތައެއް ބޭރުކުރަމުން އެ މަގުން ލާފައި ބާރުބާރަށް ހިނގަމުންދިޔައިރު، އޭނާގެ ނޭވާ ކޮޅަށް ބެދެމުންދިޔައެވެ. ހަށިގަނޑުގައި ހުރި ވަރުބަލިކަމަށްވުރެ، ސަލާމަތްވާން އޮތް ބޭނުން ބޮޑުވުމުން، އޭނާ ހިތްވަރު ދޫކޮށްނުލައި ކުރިއަށް ދިޔައެވެ. ފަސްވަރަކަށް މިނެޓުގެ ހިނގުމަކަށްފަހު ޖޫލީއަށް ވަލުތެރެއިން ބޭރަށް، ރަށުތެރެއަށް ނިކުމެވުނެވެ.

އެއާއެކު މޫނުގައި ޖެހުނު ފިނި ރޯޅިން އޭނާއަށް އާ ދިރުމެއް ލިބުނު ފަދައެވެ. އޭނާ ކޮރަމުން ކޮރަމުން ދުއްވައިގަތެވެ.

****

ފިކުރުތަކަށް ގެއްލިފައި ހުރި ވަރުން، ފުރަތަމަ ރާމިޔާއަށް އެ މީހާއެއް ފާހަގައެއް ނުކުރެވުނެވެ. ނަމަވެސް، ރޭވުމެއްގެ ދަށުން އޭނާގެ މަގު ބަންދުކޮށް، ކުރިމައްޗަށް އެ މީހާ އެރި ވަގުތު، ރާމިޔާގެ ހިތް ނުތަނަވަސްވެ ބިރުގަންނަން ފެށިއެވެ. ބަލާބެލުމަށް އެއީ ނުރައްކާތެރި މީހެއްހެން ހީނުވި ނަމަވެސް، އޭނާގެ ދެލޮލުން ފެންނަން ހުރި ހަރުކަށިކަމާއި ކަމެއް ސިއްރުވެފައިވާ ފަދަ ގޮތަކުން ރާމިޔާގެ ހިތް ބިރުން ގުޑައިގެން ދިޔައެވެ. ރާމިޔާގެ ހިތް ޓަކަޓަކަ ޖަހާފައި ތެޅެމުން ދިޔަދިޔަހެން ގުންފައި ޖަހާފައި ދުއްވާގަންނަން ރާމިޔާ ބޭނުންވިއެވެ. އެމީހާގެ ނަޒަރު ހުރިގޮތުން އޭނާގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާއެއްވެސް ލިބިދާނޭ ހިތާފައި ރާމިޔާގެ ހިތުގެ ތެޅުން އިތުރަށް ބާރުވެގެންދިޔައެވެ. އެ މީހާގެ ކައިރިން ނައްޓާލާފައި ދާން އުޅުނު ވަގުތު، އޭނާގެ އަޑު އިވުމާއެކު ރާމިޔާ މަޑުޖެހުނެވެ.

“ތިޔައީ ރާމިޔާ ދޯ؟”

އޭނާ އެ ނަން ކިޔާލި ގޮތުން އެއީ ސުވާލެއް ނޫންކަން އެނގެއެވެ. އޭނާއަށް ރާމިޔާއަކީ ކާކުކަން އެނގޭކަން ހާމަވެގެންދިޔައެވެ. އެކަމުގެ ސަބަބުން ރާމިޔާގެ ހިތުގެ ތެޅުން އަވަސްވެ، އަތްފައި ފިނިވާން ފެށިއެވެ. އޭނާ އެ މީހާއާ ކުރިމަތިލީ ހިތްވަރުކޮށް، އަޑަށް ބާރުލަމުންނެވެ.

“ތިޔައީ ކާކު؟”

އެ މީހާގެ ތުންފަތްމައްޗަށް ވެރިވި ފަނޑު ހިނިތުންވުމުގައި އެއްވެސް އޯގާތެރިކަމެއް ނެތެވެ. އޭނާ ރާމިޔާއާ ދިމާލަށް ފިޔަވަޅެއް ކުރިއަށް ޖައްސާލުމުން، ރާމިޔާ ފަހަތަށް ޖެހެން ބޭނުންވި ނަމަވެސް، ހިތްވަރުލާފައި އެ ހުރި ފިޔަވަޅު މަތީގައި ހުއްޓެވެ.

“ކަލޭގެ ކުރީގެ ފިރިމީހާ ހާނިމް އަހަރެމެންނަށް ދޭންޖެހޭ ފައިސާތަކެއް އެބަހުރި. އޭނާ އޮތީ އަހަރެންނަށް ދަރާފަ.. އަހަރެންގެ މީހުންގެ އެތަށް ބަޔަކަށް ދަރާފަ…” ވަރަށް އާދައިގެ ގޮތަކަށް އެހެނަސް ހަރުކަށި، އަމުރުވެރި ރާގަކަށް އޭނާ ބުންޏެވެ. އެ ވާހަކަ އިވުމުން ރާމިޔާއަށް ހީވީ މުޅި ދުނިޔެ އެނބުރިގަތް ހެންނެވެ. ރާމިޔާ ހުރީ ހާނިމްގެ ހަނދާން އެކީއެކަށް ނައްތާލައި އައުފެށުމަކުން ދިރިއުޅުން “ރީ ސްޓާޓް” ކޮށްލައިގެންނެވެ. މިހެން ހުއްޓައި މިލައިގަތީ ކޮންފަދަ ބަލާވެރިކަމަކާބާއޭ ރާމިޔާ ހިތަށްއެރިއެވެ. މަރުވިޔަސްވެސް ހިތްހަމަޖެހުމެއް ނެތެވެ. ހާނިމް ކޮށްފައި ހުރި ނުބައި ކަންކަން މި ދުނިޔެމަތީގައި ބޮލު އަޅަން ހުރި މީހަކީ ރާމިޔާއަށް ވެދާނެތީ އޭނާގެ މުޅި ހަށިގަނޑު ތެރެއިން ދިލަ ހޫނު ތަދެއް ދައުރުކޮށްލިއެވެ.

“ފަނަރަ މިލިއަން. އެއީ ހަމައެކަނި ދަރަނީގެ ގޮތުގައި ދޭންޖެހޭ ފައިސާ… އަދި މަސްތުވާ އެއްޗެހި ވިއްކާފަ ލިބެން ޖެހޭ 10 މިލިއަން ރުފިޔާވެސް ނުލިބޭ… ދޭނަމޭ ދޭނަމޭ ކިޔައިގެން އުޅެއުޅެފަ ނުދެވުނީމަ ބޮލަށް ތެޔޮއަރައިގެން އަމިއްލައަށް ދަންޖެހިގެން މަރުވީ… އެކަންކަމުން ރެކިގަންނަން ވެގެން… މަރުވި ދުހު އޮތް އަހަރެންނަށް މެސެޖެއް ކޮށްފަ.. ތިމަންނަގެ އަނބިމީހާ ރާމިޔާ އެ ހުރިހާ ދަރަންޏެއްގަ ހިފާނޭ.. އެ ހުރިހާ ދަރަންޏެއްގަ ބޮލުއަޅާނޭ… އެ ހުރިހާ ދަރަންޏާ ފައިސާ ދައްކާ ޙަލާސްކޮށްދޭނޭ..”

ރާމިޔާގެ ބޯ ސަކަރާތްވާން ފެށިއެވެ. އިވުނު ބަސްތަކުން އޭނާ ފިއްކަނޑައިގެން ދިޔައެވެ. އެކަހަލަ ދުވަހެއް އަންނާނެ ކަމަށް ރާމިޔާ ދުވަހަކުވެސް ހީނުކުރެއެވެ. ދިރިހުރިއިރު ދުނިޔޭގައި އުފަލެއް ނުދެވުނުތާ މަރު އެވީވެސް ރާމިޔާގެ ދިރިއުޅުން ސުންނާފަތިކޮށްލަމުންތާއެވެ. އޭނާގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖަހާލަމުންތާއެވެ. އެވަގުތު ރާމިޔާ ހިތަށްއެރިއެވެ. މިފަދަ ދުވަހެއް ފެނުމުގެ ކުރިން އަހަރެންވެސް މަރުވި ނަމަ ކިހާ ރަނގަޅުވީސްހެއްޔެވެ. ހާނިމްގެ މާޒީގެ ވާހަކަ އިވުމުން، މިއީ ފަސޭހައިން ހައްލުވާނެ ކަމެއް ނޫންކަން ރާމިޔާއަށް ވިސްނުނެވެ. އެ ލާރިތައް ދައްކާ ޙަލާސް ނުކުރަނީސް ރާމިޔާއަށް ހަމަޖެހިލައިގެން އެންމެ ނޭވާއެއްވެސް ނުލެވޭނެކަން އޭނައަށް ޔަޤީންވިއެވެ. އެމީހުން އަބަދު އޭނަ ފަހަތުން ދުވާނެކަން ވިސްނުނެވެ. އަބަދު ފާރަލާނެކަން އިހުސާސްވިއެވެ. ދިރިއުޅުމުގައި ކުރިއަށް ދެން ދެވެން އޮތީ އެ ދަރަނިތައް ދައްކައިގެންކަން އެނގުމުން ރާމިޔާގެ ހިތް ފުނޑުފުނޑުވިއެވެ. މައިންބަފައިންގެ ބަސް އުވާލާފައި މަސްތުވާތަކެތީގެ ޝިކާރަކާ ކައިވެނި ކުރުމުގެ ހިތި ރަހަ މިއަދު ރާމިޔާގެ އަރުގައި މާ ރަނގަޅަށްވެސް ލައިފިއެވެ.

“އޭނާ މިހާރު ދުނިޔެއަކު ނެތެއްނު… އަހަރެންނަކަށް ނޭނގެ އޭނަ ތިބުނާ ފައިސާތަކަށް ކުރީ ކީއްކަމެއް… ތިއީ އަހަރެންނަށް އެނގިގެން ވެފައޮތް ކަންކަމެއްނޫން…” ތުރުތުރުލާ އަޑަކުން ރާމިޔާ ބުންޏެވެ. އޭނާ ހީކުރީ އެ ހަގީގަތް ބުނުމުން އެ މައްސަލަ ނިމޭނެ ކަމަށެވެ. ނަމަވެސް ކަންތައްވީ އެހެންނެއް ނޫނެވެ.

އެ މީހާގެ ހިނިތުންވުން ފުޅާވެ، މޫނުމަތިން ނުރައްކާތެރިކަން ފެންނަން ފެށިއެވެ.

“ތިއީ ހަމަ ރަނގަޅު ވާހަކައެއް..” ވަރަށް މަޑުމައިތިރި ނަމަވެސް ބިރުވެރި ރާގަކަށް އޭނާ ބުންޏެވެ. “އެކަމަކު ރާމިޔާ ތިބުނަނީ ތެދެއްކަމެއް އަހަރެން ކިހިނެއް ގަބޫލު ކުރާނީ… ހާނިމް ކުރި ކޮންމެ ކަމެއް ކަލެޔަށްވެސް އެނގޭނެ… ކަލެޔަށް ހަމަ ރަނގަޅަށް އެނގޭނެ އެ ލާރިތަކަށް ވީ ގޮތެއް… އެހެންވީމަ ހާނިމް ނެތް ދުނިޔެއެއްގަ މިހާރު އެ ޒިންމާ އުފުލަން ޖެހޭނީ ކަލެއަށް… މަށަކަށް ނޭނގެ ކަލޭ އެ ލާރި ހޯދާނީ ކިހިނެއްކަމެއް، ދައްކަން ކުރާނީ ކީއްކަމެއް.. މަށަށް މުހިންމީ ފައިސާ… ތަނެއް ކޮޅާލައިގެންވިޔަސް ކަލޭ ހޯދާ ގޮތަކަށް އެ ފައިސާ ހޯދާފަ މަށަށް ރައްދުކޮށްދީ… އެ ދަރަނިތައް ދައްކާ ޙަލާސްކޮށްދީ.. މަށަށް ހައްޤު ލާރިތައް މަށަށް ހޯދާދީ…”

އެމީހާ އައިސްފައި ހުރި ރުޅިން ހީވަނީ ރާމިޔާ ރޮލައި ކާލަފާނެހެންނެވެ. ރާމިޔާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އޭނާއަށް ލިބުނު ސިހުމެއްގެ ބޮޑުކަމުން ބަހެއް ބުނަންވެސް ނޭނގިފައި ހުރެވުނެވެ.

“ކަންތައް ހިނގަނީކީ އެހެންނެއް ނޫން،” ހިތްވަރުލާފައި ރާމިޔާ ބުންޏެވެ. ނަމަވެސް އޭނާގެ އަޑުގައި ހުރި ތުރުތުރުލުމުން، އޭނާ ބިރުގަނެފައި ހުރި މިންވަރު ހާމަވެއެވެ.

“އަހަރެމެންގެ ގާތުގައި ކަންތައް ހިނގަނީ ހަމަ އެހެން،” އޭނާ ބުންޏެވެ. “އަދި އޭނާ ވިއްކަން ދިން މަސްތުވާތަކެތީގެ ވާހަކަވެސް ހަނދާން ނައްތާލައިގެން ނުވާނެ. އެއަށްވެސް އަހަރެމެންނަށް ފައިސާއެއް ނުލިބޭކަން ކަލޭ ހަނދާންކުރާތި.”

ކަންތައްތައް މުޅިން ގޯސްވެ، ހީކުރި ވަރަށް ވުރެ ހާލަތު ނުރައްކާވުމުން އޭނާގެ ބޯ އެނބުރިގަތް ކަހަލައެވެ. ބިރުވެރިކަން މުޅި ހަށިގަނޑަށް ފެތުރިގަނެ، ހިތުގެ ތެޅުން އިންތިހާއަށް އަވަސްވެ، ކަންފަތް ބުއިމުންދާ ފަދަ އިހުސާސެއް ކުރެވެން ފެށިއެވެ.

“ކަލެއަށް އަދި ވަގުތު އެބައޮތް،” އިންޒާރުގެ ނުރައްކާތެރި އަސަރުތައް ވައިގެ ތެރޭގައި ދޫކޮށްލަމުން، ކުޑަކޮށް ފަހަތަށް ޖެހިލާފައި އޭނާ ބުންޏެވެ. “އެކަމަކު ފައިސާ ނުދައްކައިފިނަމަ… ކަލޭގެ ދިރިއުޅުން އަހަރެމެން ނަރަކައަކަށް ހަދާލާނަން. އެއީ ކަލެއަށް ކެތްކުރެވޭނެ ވަރުގެ ކަމަކަށް ނުވާނެ.. ކަލޭ ދިރިހުއްޓާ ފަނާކޮށްލާނަން.. ކަލޭ އެކަންޏެއްނޫން… ކަލެޔާ ކަލޭގެ މައިންބަފައިންނާ އާއިލާއާ ކަލެޔާ ގުޅުން ހުރި ކޮންމެ މީހެއްގެ ދިރިއުޅުން ހަނާކޮށްލާނަން…”

 

އިންޒާރުގެ ބިރުވެރި ބަސްތައް އެއް ފައްޗަކަށް އަމުނާލުމަށްފަހު އެމީހާ އެތަނުން ދިޔައީ، ސަލާމަތްވާނެ އެއްވެސް ގޮތެއް ނެތް މަރުގެ ހުކުމެއް އިއްވާފައިވާ ފަދަ ހާލަތެއްގައި ރާމިޔާ އެކަނި ދޫކޮށްލާފައެވެ.

—

ރާޒިގުގެ އަތް ތުރުތުރުލަމުން ދިޔައީ ޖޫލީގެ ފޮޓޯގަނޑުގައި ފިރުމަމުން ދިޔަ ވަގުތުއެވެ. އެ ފޮޓޯގަނޑުގައި އޭނާ ބާރަށް ހިފަހައްޓާލީ، މިހާރު ވެފައިވާ ކަންތައްތައް ބަދަލުކޮށް، ހުރިހާ ކަމެއް ކުރީގެ ހާލަތަށް ރުޖޫޢަ ކުރެވޭނެ ނަމައޭ ހިތަށް އަރާ ހާލުގައެވެ.

ހިތާމައާއި މާޔޫސްކަން އޭނާ ވަށާލީ ހިތް ހަލާކުވާ ފަދަ ބާރުމިނެއްގައެވެ. ނޭވާ ހާސްވެ، މޭ ބާރުވާން ފެށީ ޖޫލީގެ ބަސްތައް ކަންފަތުގައި ގުގުމަން ފެށުމުންނެވެ. މިހާރު އެ ބަސްތަކުގެ މާނަ އޭނާއަށް މާ ބޮޑަށް ވިސްނި، އޭގެ ހިތިކަން އިހުސާސް ކުރެވެން ފެށިއެވެ.

މާ ލަސްވެއްޖެއެވެ.

އަމިއްލަ ނަފްސާ މެދު އޮތް ކުށްވެރިކަމުގެ އިހުސާސް ބޮޑުވެ، ހިތް ފަޅައިގެންދާ ފަދަ ރުއިމެއްގެ އަޑު އޭނާގެ އަނގައިން ނުކުތެވެ. އޭނާ އެ ފޮޓޯގަނޑު މޭގައި ޖައްސާލައިގެން އިނީ، ކުރެވުނު ކަންތައްތަކުގެ ބުރަދަން ދެން އުފުލަން ޖެހޭނެކަން ގަބޫލުކުރާ ހާލުގައެވެ.

ހެލީ ކުޑަތަންކޮޅެއް ދުރުގައި ހިމޭނުން ހުރެ ރާޒިގުގެ ހާލަތު ބަލަމުން ދިޔައެވެ. ކުރެވުނު ތުހުމަތުތަކާއި އޮތް ނުތަނަވަސްކަމާ އެކުވެސް، ރާޒިގުގެ މާޔޫސްކަން ފެނި ހެލީގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އޭނާ މިފަދަ ކަމަކަށް އުންމީދެއް ނުކުރެއެވެ. އަދި މިފަދަ ހަމްދަރުދީއެއް އުފެދިދާނެ ކަމަކަށްވެސް ގަބޫލެއް ނުކުރެވެއެވެ.

މީހެއްގެ ފިޔަވަޅުތަކުގެ އަޑާ އެކު އެ ހިމޭންކަން ކެނޑިގެން ދިޔައެވެ. ޒުނާމްގެ އަޑު އިވުނެވެ.

“މިކަން ކުރި މީހަކު އަހަންނަށް އެނގޭ.”

އެ ބަސްތަކުން އެތަނުގައި ތިބި އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. ޒުނާމް ހުރި ގޮތުންނާއި އޭނާގެ ޔަގީންކަމުން، ކޮންމެވެސް ނޭދެވޭ ކަމެއް ވާން އުޅޭކަމުގެ އިހުސާސް އެންމެންނަށް ކުރެވުނެވެ.

ފާތުމަ ކަންބޮޑުވުމާ އެކު ކުރިއަށް ޖެހިލާފައި ސުވާލުކުރިއެވެ. “ތި ބުނަނީ ކީކޭ؟”

ޒުނާމް އެއްވެސް ޖެހިލުމެއް ނެތި ބުންޏެވެ.

“ހެލީ.”

އެ ނަމާ އެކު އެންމެންގެ ނަޒަރު ހެލީއަށް ހުއްޓުނެވެ. ހެލީއަށް ލިބުނު ކުއްލި ޝޮކުން ނޭވާ ހުއްޓުނު ކަހަލައެވެ.

“އޭނާ މިތަނަށް އައީ ބަދަލުހިފަން،” ވަރަށް ޔަގީންކަމާ އެކު ޒުނާމް ކުރިއަށް ގެންދިޔައެވެ. “ބައްޕައަށް ދެވޭނެ އެންމެ ބޮޑު އަނިޔާއަކީ ބައްޕަ އެންމެ ލޯބިވާ މީހާއަށް ދެރައެއް ދިނުން ނޫންތަ؟”

ހެލީއަށް ލިބުނު ޝޮކުން ބޯ ހޫރާލެވުނެވެ. ލޮލުން ކަރުނަ ފޭބީ އޭނާއަށް ކުރެވުނު ނުހައްގު ތުހުމަތެއްގެ ސަބަބުންނެވެ. “ތިޔައީ ތެދެއް ނޫން… އަހަރެން ދުވަހަކުވެސް އެފަދަ ކަމެއް ނުކުރާނަން… އަހަރެންގެ ހިތުގަ ޖޫލީއަށް އެއްވެސް ހިތްބުރަކަމެއް ނަފްރަތެއް ނެތް.. އަހަރެންވެސް ބޭނުންވާނެ ދޯ އަހަރެންނަށް މި ލިބެން އުޅޭ އަލަތު ދަރިފުޅަށް އޭނާގެ އެއްބަފާ ދައްތަގެ ލޯބި ލިބެން… ކަން އެހެން އޮތްއިރު އަހަރެން ކީއްވެ ޖޫލީއަށް އަނިޔާއެއް ދޭންވީ… އޭނާ ގެއްލުވާލަންވީ… އާދޭސްކޮށްފަ ބުނަން ދެފައިގަ ހިފާފަ ސަލާންޖަހާފަ ބުނަން އަހަރެންގެ އެކަނިވެރިކަމުގެ ފައިދާ ތިޔަގޮތަށް ނުނަގާ… އަހަރެންނަށް ތިޔަ ފަދަ ތުހުމަތުތައް ރައްދު ނުކުރޭ.. އަހަރެންގެ ބޮލުގަ ތިޔަފަދަ އިލްޒާމް ނާޅުވާ.. މިއަދު އަހަރެންގެ ދިފާއުގަ ވާހަކަ ދައްކާނެ މީހަކު ނެތީތީ ތިގޮތަށް އަހަރެން ފުރޭމްކޮށްލަން އުޅުނަސް ދަންނާތި އަހަރެންނަކީ އެއްވެސް ކުށެއްނެތް މައުސޫމް މީހެއްކަން..”

“ކަލޭ ތެދަށް އެއްބަސްވާނީ ކީއްވެ؟ އަދި ބުނެފި އެންނު ތިމަންނައަކީ އެއްވެސް ކުށެއްނެތް މައުސޫމެކޭ… ކަލޭ ތި ބުނަނީ ކަލެޔަކީ އެއްވެސް ކުށެއް ނުކުރާ ހުދު ކާފޫރެކޭތަ… ތިހާ ސާލިހު ބަނިޔާދަން މާތް އަންހެނަކު ނަމަ ނަހަލާލަށް ބަލިވެ ނީނީސް…” ޒުނާމް ވަރަށް ހަރުކަށިކަމާ އެކު ހެލީގެ ވާހަކަ މެދުކަނޑާލިއެވެ. ބޮޑެތި ދޮގުތަކެއް ހަދައިގެންވެސް އޭނާ ބޭނުންވީ ޖޫލީ ގެއްލުމުގައި އޭނާގެ އަތެއް ވާކަމަށްވާ ހަޤީޤަތަށް ފަސްއަޅައި ފޮރުވާލާށެވެ. ޒުނާމް ޖޫލީ ދެކެ އިންތިހާއަށް ލޯބިވެއެވެ. ޖޫލީ ނުފެނި، ޖޫލީ ވީ ވަކިތަނެއް ނޭނގި ދައުރުވާ ކޮންމެ ސިކުންތަކުމެ ޒުނާމްގެ އެތެރެހަށި ދިޔައީ ވިރެމުންނެވެ. ހިތްވަރު އެލެމުންނެވެ. އެހެނަސް އޭނާ ނެތް ހިތްވަރު ދައްކާފައި އެންމެންނާ ކުރިމަތިލަމުންދިޔައީ އެއްވެސް މީހަކު އޭނައަށް ޝައްކުގެ ނަޒަރަކުން ދެކެން ބޭނުން ނުވާތީއެވެ.

ޒުނާމް ކުރި ތުހުމަތުތަކާއެކު، ފާތުމަ ޝައްކުގެ ނަޒަރަކުން ހެލީގެ މޫނަށް ބަލާލުމަށްފަހު، ހަގީގަތް ހޯދުމުގެ މަގްސަދުގައި މަޑުމައިތިރިކަމާ އެކު ބުންޏެވެ. “ޒުނާމް… އާދޭސްކޮށްފަ ބުނަން ތި ރުޅި މައިތިރިކޮށްލަބަލަ… މީހުންނާ ތިހާ ހަޑިކޮށް ވާހަކަ ދައްކާކަށް ނުވާނެ… އަނެއްކާ ހެލީއަކީ އަހަރެމެންގެ މެހެމާނެއް… މާޒީގަ އޭނައަށް ގޯސްކޮށް ކަމެއް ކުރެވުނީމަ އޭގެ މާނައެއް ނޫންއެއީ އެމީހަކު ލާ ކޮންމެ ނޭވާއެއްގެ ފަހަތުގަ އޮންނާނީ ފޮރުވިފަ އޮންނަ އެޖެންޑާއެކޭ… ހެލީ ނިކަން ބުނެބަލަ… ޖޫލީ ގެއްލުމުގަ ހެލީގެ އެއްވެސް އަތެއް އެބަވޭތަ…؟”

އެވަގުތު ހެލީގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ހިތަށް ބާރުވެ، ކުރެވެމުންދިޔަ ތުހުމަތުތަކުގެ ބުރަދަން އިހުސާސް ކުރެވި، އަޑުބެދިފައިވާ ހާލު އޭނާ ވާހަކަދެއްކިއެވެ.

“އަހަރެން އެއްވެސް ކަމެއް ނުކުރަން.. މާތް ﷲ ގަންދީ ހުވާކޮށްފަ މިބުނަނީ… ތިކަމުގަ އަހަރެންގެ އަތެއް އޮތްނަމަ އަހަރެންގެ ބަނޑުގައި މިއޮތް ދަރިފުޅުވެސް މަރުވިޔަސް ހެޔޮކަމަށް މިބުނީ…،” ބޯ ހޫރުވަމުން، ނުހަނު އާދޭހާއެކު ސާބިތުވެ ހުރެ ހެލީ ބުންޏެވެ. “ޖޫލީއާ އަހަރެންގެ އެއްވެސް ދެކޮޅުވެރިކަމެއް ނެތް. ބަދަލުހިފުމުގެ ނިޔަތުގައި ވިޔަސް، ނުވަތަ އެހެން ކަމަކާ ހުރެވިޔަސް، އަހަންނަކަށް މީހަކަށް ތިޔަފަދަ އަނިޔާއެއް ނުދެވޭނެ.”

މުޅި ލިވިންރޫމް ވަނީ ނުތަނަވަސްކަމާއި، ޝައްކާއި، ބިރުވެރިކަމުން ފުރިފައެވެ. އެންމެންވެސް ތިބީ ހަރަކާތެއް ކުރަން ނޭނގި ހުއްޓުން އަރާފައެވެ.

އެ ހިމޭންކަން މުގުރާލީ ދޮރުގައި ޖަހައިލި ބާރު އަޑުންނެވެ. ކުއްލި ސިހުމަކާއެކު ދޮރުގައި ޓަކިޖަހަން ފެށިއެވެ. އެ އަޑާއެކު އެންމެންގެ ނަޒަރު ދޮރަށް އަމާޒުވިއެވެ.

ފާތުމަ އަވަސްއަވަހަށް ދޮރާ ދިމާއަށް ދިޔައެވެ. ބިރުން ހިތް ތެޅެމުންދިޔަ ހާލު އޭނާ ދޮރު ހުޅުވައިލިއެވެ.

އެވަގުތު މުޅި މަންޒަރު ބަދަލުވެގެން ދިޔައެވެ. ދޮރުމަތީގައި ހުރީ ޖޫލީއެވެ. އޭނާއަށް ހުރެވުނީ ކިރިޔާއެވެ. މުޅި ހަށިގަނޑު ތުރުތުރުލަމުން ދިޔައިރު، ހަށިގަނޑުގެ އެކި ތަންތަން ވަނީ ނޫފައިގެންފައެވެ. ނިތްކުރިން ފައިބާފައިވާ ލޭތައް ހިކިފައި ހުރި ނަމަވެސް، އޭގެ ތެތްކަން އަދިވެސް ކޮންމެވެސް ވަރަކަށް ހުއްޓެވެ. އޭނާގެ ދެލޯ ވަނީ ބޮޑުވެ، ހުސްކަމެއްގެ ތެރެއަށް ގެއްލިފައެވެ. އެއީ ނުހަނު ބިރުވެރި މަންޒަރެއް ފެނިފައިވާ ފަދަ ގޮތެކެވެ.

“ޖޫލީ!!”

އެވަގުތު ޖޫލީ އަނބުރައިގަނެގެން ވެއްޓުނެވެ. އެންމެ ކުރިން އެ ދިމާއަށް ދިޔައީ ޒުނާމްއެވެ. ޖޫލީ ބިމުގައި ޖެހުމުގެ ކުރިން އޭނާ ހިފަހައްޓައިފިއެވެ. އަދި ނުހަނު އަވަހަށް އޭނާ އުފުލާލައިގެން އެތެރެއަށް ގެންދިޔައެވެ. ޒުނާމްގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ.

ޖޫލީގެ މޫނަށް ފެން ބުރުވައިލިއެވެ. މަޑުމަޑުން އޭނާގެ އެސްފިޔަތައް ތަޅުވައިލިއެވެ. އަދި ދެލޯ ހުޅުވައިލި ވަގުތު، އޭނާގެ ކުރިމަތީގައި ހުރި ޒުނާމް ފެނުނެވެ.

އެވަގުތު ޖޫލީގެ ހިތުގައި ބިރުވެރިކަން އުތުރި އެރިއެވެ. އޮތް ބާރެއްލާފައި ޒުނާމް ދުރަށް ކޮއްޕާލަމުން އޭނާ ހަޅޭއްލަވައިގަތެވެ. ބިރުން ގޮސް މުޅި މީހާ ތުރުތުރުއަޅަމުން، ފާތުމަގެ ގައިގައި ބާރަށް ބައްދާލިއެވެ. އޭނާ ނޭވާލަމުން ދިޔައީ ނުހަނު އުނދަގުލުންނެވެ. އޭނާއަށް ހީވަނީ މި ދުނިޔޭގައި އޭނާއަށް އޮތް ހަމައެކަނި ރައްކާތެރި ތަނަކީ ފާތުމަގެ އަތްދަށެވެ.

“މަންމާ… ޒުނާމް އެހުރީ މޮޔަވެފަ…!” އަޑު ބެދިފައިވާ ހާލު ޖޫލީ ރޮމުން ބުންޏެވެ. “އޭނާ އަހަރެން މަރާލަން އުޅުނީ— އޭނާ އަހަރެން މަރާލަން އުޅުނީ!”

ކޮޓަރިތެރެއަށް މަރުފަދަ ހިމޭންކަމެއް ވެރިވިއެވެ. އެންމެން ތިބީ ޤަބޫލުކުރަން ދަތިވެފައި، ހައިރާންކަމެއްގެ ތެރޭގައެވެ.

“އެއީ ވާނެ ކަމެއް ނޫން،” ކޮންމެވެސް މީހަކު މަޑުމަޑުން ބުންޏެވެ. އެ އަޑުގައި ވަނީ ޝައްކުގެ އަސަރެވެ.

ޒުނާމް މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހިތާމައިގެ އަސަރުތަކެވެ. އޭނާ ޖޫލީއަށް ބަލައިލީ ނުހަނު ލޯތްބާއި ކަނބޮޑުވުމާއެކުގައެވެ.

“ޖޫލީ… ތިހެން ބުނަން ކެރުނީ ކިހިނެއް؟” އޭނާގެ އަޑުގައި ވަނީ މަޑުމޮޅިކަމެވެ. އެއީ ހަމަ ހަގީގަތުގައިވެސް ދެރަވެފައިވާ މީހެއްގެ އަޑެވެ. “އަހަރެން ޖޫލީދެކެ އަހަރެންގެ އަމިއްލަ ފުރާނައަށް ވުރެވެސް ބޮޑަށް ލޯބިވޭ.”

ޖޫލީއަށް ފަހަރުގައި އެއީ ތެދަކަށްވެސް ވެދާނެއޭ ހީވިއެވެ. ނަމަވެސް އެ ލޯތްބަކަށް އޭނާގެ އަމަލުތަކެއް ނުހުއްޓުވުނެވެ.

“ޖޫލީ އޭނީ ވަރަށް ބޮޑަށް ހާސްވެފަ..” އެތަނުގައި ތިބި އެހެން މީހުންނަށް އަމާޒުކޮށް، ވަރަށް އިތުބާރާއެކު ޒުނާމް ބުންޏެވެ. “ޖޫލީއަށް ވަރަށް ގިނަ ކަންތައްތަކާ ކުރިމަތިވެއްޖެ. ޝީ އިޒް ސަފަރިނގް ފްރޮމް އަ ލޮޓް… ބައްޕަގެ ހަގީގަތް އެނގުމުން، އޭނާގެ ސިކުނޑިއަށް އެވަރުގެ ބުރައެއް މިވަގުތު އުފުލަން ދަތިވަނީ.”

ޒުނާމްގެ މި ވާހަކަތަކުން މީހުންގެ ވިސްނުން ބަދަލުވާން ފެށިއެވެ. މަޑުމަޑުން އެންމެންގެ ހިތްތަކަށް ޝައްކު ވަންނަން ފެށިއެވެ.

“އަހަރެން އޭނާއަށް އަޅާލާނަން… އައި ވިލް މޭކް ޝާ ޖޫ ރިކޮވަރ… އައި ވިލް ޓޭކް ދި ބެސްޓް ކެއަރ ފޯރ ހާރ” އޭނާ މަޑުމަޑުން އިތުރުކޮށްލިއެވެ. “އެންމެ ރަނގަޅު ފަރުވާއާއި ނަފްސާނީ އެހީތެރިކަން އޭނާއަށް ލިބޭނެކަން އަހަރެން ކަށަވަރު ކުރާނަން. ޖޫލީއަށް މިވަގުތު ބޭނުންވަނީ އެހީތެރިކަން. އަހަރެމެން އެންމެންގެ ލޯތްބާ އޯގާތެރިކަން… ހަމަހިމޭންކަން…”

ޖޫލީ ބާރަށް ބޯ ހޫރުވަމުން ދިޔައެވެ. އޭނާގެ ލޮލުން ކަރުނަ ފައިބަމުންދިޔައިރު، ބިރުވެރިކަން ދިޔައީ އިތުރުވަމުންނެވެ. އޭނާ ފާތުމަގެ ގައިގައި ބާރަށް ބައްދާލައިގެން އިނދެ އާދޭސް ކުރަމުން ދިޔައެވެ.

“އަހަރެން މިދައްކަނީ ދޮގު ވާހަކައެއް ނޫން މަންމާ… ޖޫ މިބުނަނީ ހައްޤު ތެދު …. މަންމި ޕްލީސް ލިސެން ޓު މީ އެން ޓްރަސްޓް މީ… އައި ނެވާ ލައި…” ތުރުތުރުލާ އަޑަކުން ޖޫލީ ބުންޏެވެ. “އަހަރެން މިއީ މޮޔައެއް ނޫން… އޭނާ އަހަރެން މަރާލަން އުޅުނީ… ހަމަ ހަގީގަތުގައިވެސް އޭނާ މަސައްކަތް ކުރީ އަހަރެން މަރާލަން!”

ފާތުމަ އެއްވެސް ޖަވާބެއް ނުދެއެވެ. ނަމަވެސް، އޭނާގެ ދަރިފުޅު ރައްކާތެރިކުރުމުގެ ގޮތުން ބާރަށް ބައްދާލި ގޮތުން، އޭނާގެ ހިތުގައިވާ އެއްޗެއް ހާމަވެއެވެ.

އެންމެންގެ ފަހަތުގައި ހުރެ ޒުނާމް ބަލަން ހުއްޓެވެ. ޒުނާމް ހުރީ ވަރަށް މާޔޫސްވެފައެވެ. ކަމެއް ކުރަން ނުޖެހޭ ގޮތަކަށް ކުރެވުމުން ނުވަތަ ބޮޑު ކުށެއް ކުރެވުމުން މީހެއްގެ މޫނުގައި ހުންނާނެ އަސަރާއި ކުލަވަރު ޒުނާމްގެ މޫނުން ފެންނަން ހުއްޓެވެ. ކުއްވެރި ވާކަހަލަ ކަމެއް ކުރުމުން ފެންނާނެ ހިތާމައިގެ އުދާސް އޭނާގެ މޫނުގައި ދަޅައަޅަމުންދިޔައެވެ.

ލިޔުންތެރިޔާގެ ނޯޓު

ތިރީގައި އެވަނީ މި ވާހަކައާއި ގުޅޭގޮތުން ތިޔަ ބޭފުޅުންގެ ހިޔާލު ހޯއްދެވުމަށް ހަދާފައިވާ ޕޯލެކެވެ. ހުރިހާ ކިޔުންތެރިންވެސް ޕޯލަށް ވޯޓު ލެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ، އެއީ ވާހަކަ އިތުރަށް ރަނގަޅުކުރުމަށް މަގުފަހިވެގެންދާނޭ ކަމެކެވެ.

ވާހަކައާ ގުޅޭ ޕޯލަށް ވޯޓު ލެއްވުމަށް މި ޖުމްލައަށް ފިއްތަވާލައްވާ!

މި ވާހަކައަށް ހާއްސަކުރެވިފައިވާ ފޭސްބުކް ޕޭޖަށް ފޮލޯކޮށްލުމަށް ނޫކުލައިން ނުވަތަ ރަތްކުލައިން ފެންނަ ލިޔުންކޮޅު “ފޭސްބުކް ޕޭޖް” އަށް ފިތާލުމަށްފަހު ފޮލޯކޮށްލައްވާ!

Facebook Page – Mi Hamahimeynkan

މި ވާހަކައަކީ ޙިޔާލީ ކޮންސްޕްޓްއެއްގެ މައްޗަށް ބިނާކޮށް ލިޔަމުންދާ ވާހަކައެވެ. މި ވާހަކަގެ މި އެޕިސޯޑް ކަމުދިޔަކަމުގައިވާނަމަ ކޮމެންޓެއްގެ ޒަރީއާއިން ތިބޭފުޅުންގެ ޝުއޫރުފާޅުކުރެއްވުމަކީ އަޅުގަނޑުމެންނަށް މި ވާހަކަ ކުރިއަށް ގެންދިއުމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރު. ބިނާކުރުވަނިވި ފާޑުކިޔުމަކީ ކުރިއަށް އޮތްތަނުގައި ވާހަކަ އިތުރަށް ރަނގަޅުކުރުމަށް ލިބިގެންދާނެ ފުރުސަތެއްކަމުގައި ފާހަގަކޮށްލަން.

ކުރިއަށްހުރި އެޕިސޯޑުތައްވެސް ކިޔާލާނެކަމަށް އުންމީދުކުރަމުން ވަކިވެލަން. ބާއްޖަވެރިދުވަހަކަށް އެދެން..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

River Writes
Follow Me Written By

River Writes

Level 110 Stories100 Login

Hello dear reader! I’ve always been drawn to stories that don’t feel ordinary. The kind of love that is intense, a little confusing, sometimes even frightening… but impossible to ignore. I don’t really write the kind of love you see every day. My stories live somewhere between reality and something unknown...where emotions are stronger, choices are harder, and nothing is ever simple. There’s always a touch of mystery in what I write. A sense that something deeper is happening beneath the surface. And sometimes, a bit of thrill… the kind that makes your heart race without fully understanding why. Happy reading 😊 - Arooj

Other Articles

Previous

އާއެކޭ ލޯބިވޭ… ތިރީސްފަސްވަނަބައި (ފެށިގެން އައި ބިންހެލުމުގެ ބިޔަ ރާޅު)

Next

ގޮތް ހުސްވެފައި ހުރީމޭ..10

Next
April 29, 2026

ގޮތް ހުސްވެފައި ހުރީމޭ..10

Previews
April 28, 2026

އާއެކޭ ލޯބިވޭ… ތިރީސްފަސްވަނަބައި (ފެށިގެން އައި ބިންހެލުމުގެ ބިޔަ ރާޅު)



All Right Reserved!