Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ހިމޭން 6

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
July 6, 2026 6 Mins Read
0 Comments

“ހޫމް… އެކަމު މަށަކަށް ނުހުރެވޭނެ މަސް ދެމަސް ވަންދެން ޝަރާގެ ނިންމުންތަކަށް ކިޔަމަން ވެގެނެއް. ދެން ވިޔާމް މެން ނަޝާޔާ ބަލަން އެހެން ގޮތެއް ހޯދާ. ޝަރާ އެހެން ދުރުގަ ހުއްޓަސް، އަހަންނަށް އަހަރެންގެ ބަނޫންއާ ދުރުގައެއް ނުހުރެވޭނެ. ދެން ބާއްވަނީ.” ފޯނު ކަނޑާލުމަށް ފަހު ކުރިމަތީ ހުރި ކޮޓަރިއަށް އިނާޔާ ވަނެވެ. އޭރު ފަހަތުގައި ނަޝާޔާ ހުރިކަމެއް އިނާޔާ އަކަށް ނޭނގެއެވެ.

އަޑު އިވުނު ބަސްތަކުން ނަޝާޔާގެ ހިތުގައި ޖެހުނެވެ. އެ ކުޑަކުޑަ ދެލޯ ވަގުތުން ފެންކަޅި ވިއެވެ. ސިއްރު ސިއްރުން ދޮރު ލައްޕާ ތަޅުލުމަށް ފަހު ނޯޓް ފޮތާއި ފަންސޫރެއް ނަގައިން މަޑުމަޑުން އެނދަށް އަރާ އިށީނެވެ. ލޮލުން ވެއްޓެމުން ދިޔަ ކަރުނައިގެ ފުސް ކަމުގެ ތެރެއިން ނަޝާޔާ ދިޔައީ އޭނާގެ އެންމެ ލޯބިވާ ‘ޑައިރީ’ އާ ދިމާލަށް ބަލަމުންނެވެ.

************

ދަރިންކޮޅު ނިންދެވުމަށް ފަހު އަމީލުގެ އެދުމަށް މިންހާ ތައްޔާރުވަމުން ދިޔައެވެ. އަތުގައި އޮތް އެންމެ އާހެދުން ލައިން ހުރެ ލޯގަނޑުން މޫނު ބަލައިލި އިރު، އަމިއްލަ ނަފްސުގެ މައްޗަށް މިންހާއަށް މިރޭ ފަޚުރުވެރި ވެވުނެވެ. މޫނު މަތިން ފެންނަމުން ދިޔަ އަމިއްލަ ހިނިތުން ވުމުގެ ސަބަބުން މިންހާގެ ހިތް ވަނީ އުފަލުން ފުރިފައެވެ.

ހަޔާތުގައި ވެސް މުޅިން އަލަށް އަމީލުގެ އެދުމަށް ކެފޭއަކަށް ކާން ދެވޭތީ މިންހާގެ މޫނު މަތިން މިރޭ ފެންނަނީ އުޖާލާ ކަމެކެވެ. ވަރުބަލި ކަމުގެ ތެރޭގައި ގައިދު ވެފައިވީ ނަމަވެސް މިރޭ މިންހާގެ ހިތުގައި ޖަހަނީ އުފާވެރިކަމުގެ އަވަސް ވިންދެވެ. ފޫހިކަމާއި ލޮޑު ކަމުގެ ތެރެއިން ހަށިގަނޑަށް ވެރިވި މުރާލި ކަމާއި އެކު މިންހާގެ މުޅި ނަފްސު ތާޒާވެ އާރޯވީ ދުވަސް ތަކަކަށް ފަހުއެވެ.

ވަރަށް ހިތްހަމަ ޖެހިލައިން ހުރެ މިންހާ ގޭގެ ގޯތި ތެރެއަށް ނިކުތެވެ. އޭރު އަމީލު ޖޯލިފަތީގައި އޮވެ ބަލަމުން ދިޔައީ މިންހާގެ އެ އުފާވެރި މޫނަށެވެ. އަމީލަށް ވިސްނެން ފެށިއެވެ. “އެ ހިނިތުން ވުން އެތައް ވާހަކައެއް ބުނެދޭ ފަދައެވެ. އެ ދެލޮލުން ފެންނަނީ އުންމީދީ އަލިކަމެވެ. ޖައްވުގެ ތެރެއަށް މިންހާ ދޫކުރަމުންދާ ކޮންމެ ނޭވާއެއްގެ ސަބަބުން ހީވަނީ ދިރިއުޅުމުގައި އިތުރު އުންމީދެއް އޮތް ހެނެވެ.” އެއީ ހަގީގަތުގައި މިންހާގެ ވެސް އިހްސާސްތައް މިރޭ ރުކުރާލި ގޮތެވެ.

“ހާދަ ހެވިފަ؟ ވަރަށް ދާހިތުންތަ ތިހުރީ؟” ލައިގެން އިން ފަޓުލޫނުގެ ފައިކުރި ރަނގަޅު ކޮށްލަން އިސްޖަހާލަމުން އަމީލު ބުނެލިއެވެ. ވެދާނެއެވެ. މިންހާގެ މޫނު މަތިން އެ ފެނުނު އުފާވެރިކަމުގެ ސަބަބުން އަމީލު އިސްޖަހަން މަޖުބޫރުވީއެވެ.

“ހެހެ.. ދެން ވަރަށް އުފާވެއްޖެ.” އަމީލުގެ ކުރިމަތީގައި މާގިނަ ވާހަކަ ދައްކަން ޖެހިލުން ވެފައި ހުރެ މިންހާ ބުނެލިއެވެ.

މިންހާ އާއި އަމީލު ހިނގަމުން ދިޔައީ ތަފާތު ދުރު މިނެއްގައެވެ. އެކަމާ މިންހާއަށް ކޮންމެސް ވަރަކަށް ވިސްނުނެވެ. މިންހާ އުންމީދު ކުރީ އަމީލު މިރޭ މިންހާގެ އަތުގައި ހިފާ ލައިން ހިނގާނެ ކަމަށެވެ. އެހެނަސް އެ އުންމީދުގައި ކުލައެއް ނުޖެހުނެވެ. ހީވާގޮތުން އަމީލު މިންހާއާ ގާތް ވެގެން ހިނގަން ބޭނުން ނުވަނީއެވެ. ނޫނެކެވެ. މިންހާގެ ސިކުނޑި އޭނާއަށް ވިސްނައިދެނީ މިހާރު މިންހާ އަކީ ބަލި މީހެއް ކަމެވެ. އަމީލާއި އެއް ހަމައަކަށް ފައި ހަމަކުރުމުގެ ކުޅަދާނަކަން މިވަގުތު މިންހާގެ ގައިގައި ނެތީ، ބަނޑު ބޮޑުވުމާއި ގުޅިގެން ހަށިގަނޑަށް ވެރިވަމުން ދިޔަ ވަރުބަލީގެ ސަބަބުންނެވެ.

ކެފޭގެ ހުސް ޖާގައިގައި ހުރި މޭޒު ކައިރީ އަމީލާއި މިންހާ މަޑުކޮށްލައިން ތިއްބެވެ. ދެ މީހުންގެ މި ހާއްސަ ކެއުމަށް އަމީލު އޯޑަރު ދިނީ ތިން މީހުން ކަމަށް ބަލައިންނެވެ. އެއީ އިތުރަށް ކޮން އޯޑަރެއް ބާއެވެ؟ މިންހާ ހިތާއި ހިތުން ކިޔާލެވުނެވެ. ގިނަ ފަހަރަށް އަމީލަކީ ޖަވާބު ދޭން ނޭނގޭ އަރަތެކެވެ. ހަޔާތުގައި މިހާ ދުވަސް ވީއިރު ވެސް އަމީލު ކިޔާ ހިތު ދަސްކުރުމަކީ މިންހާއަށް ވީކަމެއް ނޫނެވެ.

“ތިން ތަށި….؟ އިތުރު މީހަކު އަންނަނީތަ؟” ދެ ބުމަ ކައިރި ކޮށްލަމުން މިންހާ ސުވާލުކުރީ ޖެހިލުން ވެފައި އިނދެއެވެ.

“މާގިނަ ވާހަކަ ނުދައްކާ އިންނައްޗެ..” އަމީލުގެ މޫނަށް ވެރިވި ރުޅިވެރި ކަމާއި ރުންކުރު ޖަވާބުން މިންހާއަށް ހިތްދިރުވައި ލެވުނެވެ. އިރުކޮޅެއް ކުރިން ލިބުނު އުފާވެރިކަން ގެއްލި މުޅި މީހާ ހަމަ ހިމޭން ވިއެވެ. އިސްދަށަށް ޖަހާލެވުނީ މޭގެ ތެރޭގައި ތެޅެމުންދާ ހިތުގެ ވިންދު އަވަސްވެ ބާރުވާން ފެށުމުންނެވެ.

“މިތަނަށް އަންނާނެ އިތުރު މީހެއް. އެކަމު އޭނަ އައުމަށް ފަހު ކަލޭ ވާންޖެހޭނީ މަންމަނަކަށް. އަނގައިން އެންމެ ބަހެއް ވެސް ބުނެގެން ނުވާނެ. އިނގިއްޖެ؟… އެހެންނޫނީ މަށަށް އެނގޭނީ ދެން ކަލެއަށް ދޭނެ ލަގާއެއް.” އަމީލުގެ ވިހަ ގަދަ ބަސްތަކުގެ ސަބަބުން މިންހާގެ ހިތް ކުދިކުދިވިއެވެ.

އެއުޅެނީ ކީއްކުރަން ހެއްޔެވެ؟ އަމީލުގެ މަގްސަދަކީ ކޮބައިހެއްޔެވެ؟ މިންހާ އަކީ މަންމަން ލޯފަން މީހަކަށް ހަދަން އަމީލަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ ރައްޓެހިންގެ ކުރިމަތީގައި އަމިއްލަ އަނބިމީހާ އަކީ އެއްވެސް އަގެއް ނެތް މީހަކަށް ހަދަން އަމީލުގެ ހިތަށް ކުޅަދާނަ ވަނީ ކިހިނެއް ހެއްޔެވެ؟ ހިތުގައި ޖެހިފައިވާ މިންހާގެ އަރުތެރެ ކުއްލިޔަކަށް ބެދުނު ހެން ހީވިއެވެ. މަޑުމަޑު ތުރުތުރެއް އެ ހަށިގަނޑުގައި އަޅަމުން ދިޔައީ ވެފައިވާ ދެރައެއްގެ ސަބަބުންނެވެ.

ކެފޭއަށް ވަދެގެން އައި ރީތި ލޫޅާފަތި އަންހެން ކުއްޖާ އައިސް އަމީލު ގައިގައި ޖެހިގެން ކަހަލަ ގޮތަކަށް އިށީނެވެ. ގައިގޯޅި ގޮތަކަށެވެ. އެމަންޒަރު ފެނި މިންހާއަށް ރުޅި އާދެވުނެވެ. އެހެނަސް އެމީހުންނާއި ސިއްރުންނެވެ. ކޮންމެ ގޮތެއްގައި ވިޔަސް އަމީލު ރޭވި ރޭވުމަށް އިޖާބަދޭން މިންހާ އިނީ ތައްޔާރުގައެވެ. އަމީލުގެ ބަހަށް ތަބާ ނުވެއްޖެ ނަމަ ދެން މިރޭ މިންހާގެ ދުވަސް ދުއްވާލަން ވެސް އަމީލު ފަސް ނުޖެހޭނެ ކަން މިންހާއަށް އެނގޭތީއެވެ. އެހެންވެ ގަދަކަމުން ކަހަލަ ގޮތަކަށް އެކުއްޖާ އާއި ދިމާލަށް މިންހާ ހީލިއެވެ.

އެ ޒުވާން އަންހެން ކުއްޖާ ވެސް ބަދަލުގައި ހިނިތުން ވަމުން މިންހާއަށް އަތް ދިއްކޮށްލިއެވެ. ސަލާމް ކުރުމުގެ ގޮތުންނެވެ. އެވަގުތު މިންހާގެ ކަޅި ފުރަތަމަ ވެސް އަމާޒުވީ އަމީލުގެ ލޮލަށެވެ. އެ ބަލައިލުމުގައި ވަނީ އެތައް ސުވާލަކާއި ވަހުމެއް ފަދަ ޝަކުވާތަކެވެ. ދެވަނަ ސިކުންތުގައި މިންހާ ވަގުތުން އެ ކުއްޖާއާ ސަލާމް ކޮށްލީ ހަތަރުކަޅި ހަމަ ކުރަމުންނެވެ.

“ރީމް!… މީ އަހަރެންގެ ކޮއްކޮއެއް” ރީމްއަށް މިންހާ ދައްކާލުމަށް ފަހު އަމީލު ތަޢާރަފް ކޮށްދިނެވެ.

އިވުނު އަޑުގެ ސަބަބުން ސިއްސައިން ގޮސް މިންހާގެ ލޯ އަމީލުގެ ލޮލަށް އަމާޒު ކޮށްލިއެވެ. އޭރު މިންހާގެ މޭގައިވާ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. އެތައް ސުވާލެއް އުފެދުނެވެ. އެހެނަސް އަމީލުގެ އެދުން ފުރިހަމަކޮށް ދިނުމަށްޓަކައި ހިތާމަވެރި މޫނަކުން ލުއި ހިނިތުން ވުމެއް މިންހާ ހަދިޔާ ކޮށްލިއެވެ.

“ކޮއްކޮއަށް އަހަރުމެން ދައްކާ ވާހަކަ އަޑު އިވޭނެ އެނގޭނެ. އެކަމު ކޮއްކޮއަކަށް ނޭނގޭނެ ވާހަކަ ދައްކާކަށް. ނަމަކީ މިންހާ… މިވަގުތު ބަނޑު ބޮޑު. އެހެންވެ މިރޭ މީރު އެއްޗެއް ކާންދޭން ގެނައީ… ރީމްއާ ވެސް ދެން މި ބައްދަލު ވީނު..” އަމީލުގެ ބުހުތާނު ދޮގުތަކުގެ ސަބަބުން މިންހާގެ ހިތުގައި ފުނޑުފުނޑު ނުވާ އެންމެ ތަންކޮޅެއް ވެސް ނެތެވެ. ނުވިތާކަށް މިންހާއަށް ހަމަ ޖެހިލައިގެން ގޮނޑީގައި ކިރިޔަ ކިރިޔާ އިނދެވޭ ކަމެވެ.

ކާއެއްޗެތި ގެނައުމާއި އެކު ރީމް އާއި އަމީލު ކާން ފެށިއެވެ. ވަރު ނެތި ތުރުތުރު އަޅަމުން ދިޔަ އަތުން މިންހާ ވެސް ބެލީ ކޮންމެސް ވަރަކަށް ކެވޭތޯއެވެ. ރީމް އާއި އަމީލުގެ ކުރިމަތީގައި ނެތް ހިއްވަރު ނެރެން މިންހާ ދިޔައީ މަސައްކަތް ކުރަމުންނެވެ.

މިންހާއަށް އަންނަމުން ދިޔަ ބަދަލުތައް އަމީލަށް ފާހަގަ ވަމުން ދިޔައެވެ. އެ މޫނު މަތިން ކުރިން ފެނުނު ހިނިތުން ވުން ފަނޑުވުމާއި އެ މޫނަށް ވެރިވި ހިތާމައިގެ އަސަރުތަކެވެ. އޭގެ އިތުރުން މިންހާގެ އަތް ތުރުތުރު އަޅަމުން ދާކަމާއި ސާދާ ހިނިތުން ވުމަކުން މިންހާ ފޮރުވަން އުޅޭ ޖަޒްބާތުތަކެވެ. އެހެނަސް, ރީމްގެ ކުރިމަތީ އަމީލު އެކަންކަން އިނގޭ ކަމަށް ހަދަން ބޭނުން ނުވީއެވެ.

“މިންހާ ވަރަށް ލޯބި. އެކަމު ހާދަ ދެރަވެފައޭ ތި އިނީ… މިންހާ!.. މިންހާ ކޮންމެސް ކަމަކާ ވިސްނަނީތަ؟” ރީމް ބުނެލީ އޭނާއަށް އެކަން ފާހަގަ ވުމުންނެވެ. މިންހާއަށް އަމާޒު ކޮށް ރީމް އެ ސުވާލު ކުރީ މިންހާ ބޮލުން ނަމަވެސް ކޮންމެސް އެއްޗެއް ބުނޭތޯއެވެ.

“އާނ…! އަސްލު އެ އިންނަނީ ވަރަށް ދެރަވެފަ. ކޮއްކޮ ފިރިމީހާ އެހާ ރަނގަޅެއް ނުވާނެ. ގިނަ ފަހަރަށް މީނައަށް އަޅާވެސް ނުލާނެ. މިންހާގެ އަދި އެހެން ދެ ފިރިހެން ކުދިން ވެސް އެބަތިބި. އެހެންވެ އެކަންކަމާ ކަންނޭނގެ މިންހާ އެ ވިސްނަނީ. ދޯ؟” އަމީލު ކިޔައިދިނީ އޭނާގެ ހަޔާތުގެ ވާހަކަތަކަވެ. ފިރިމީހާގެ ނަމުގައި ކީ ކޮންމެ އެއްޗަކީ އެއީ އަމީލުގެ ހަގީގަތެވެ.

ކިހާ ސަޅިހެއްޔެވެ؟ ޒުވާން އަންހެން ކުއްޖަކު ވާވައްދާލަން އަމީލުގެ އަނގައިން ބޭރު ކުރި ބަސްތަކުގެ ސަބަބުން އަޑު އަހާ މީހާ ޖަޒްބާތުގައި ޖެހޭނެއެވެ. އޮޅުވާލުމާއި މަކަރާއި ހީލަތާއި ދޮގުވެރި ކަމަކީ އަމީލުގެ ސިފަތަކުގެ ތެރެއިން އެންމެ ދޯހަޅި ސިފަތަކެވެ.

“މިންހާ!.. އެއްވެސް ކަމަކާ ދެރަނުވޭ. ނަސީބެއްނު އަމީލު ކަހަލަ ބޭބެއެއް މިންހާއަށް ލިބުނު ކަން. ނޫނީ ކިހިނެއް މީރު އެއްޗެއް ކާން މިތަނަށް އާދެވޭނީ؟ އިނގޭތަ؟…. ބޭބެ އަބަދު ވެސް ވަރަށް ވިސްނާނެ މިންހާއާ ދޭތެރޭގަ. އަހަންނަށް ގުޅާފަ  ދައްކާ ވާހަކަތަކުން އެކަން އެނގޭ.” މިންހާގެ އަތް ތިލައިގައި ރީމް ހިފާލީ ހިނިތުން ވަމުންނެވެ.

މިންހާ ކުއްލިޔަކަށް އަތް ދުރު ކޮށްލިއެވެ. ހީވަނީ ކަރަންޓެއް ޖެހުނު ހެނެވެ. ވަގުތުން އިސްޖަހާލީ އަމީލު އޮޅުވާލާފައި ވާވަރު މިންހާއަށް ފަޅާ އަރަމުން ދިއުމުންނެވެ. އެވަގުތު މިންހާގެ ކުރިމަތީގައި އަމިއްލައަށް ބޭޒާރު ވަމުން ދިޔައިރު ވެސް އަމީލު އިނީ ބޮޑާ ވެލާފައެވެ.

“ކިހިނެއްވީ؟ އަހަންނާ ރުޅީތަ؟ މިރޭ ކޮންމެހެން މިރަށަށް މި އައީ ވެސް މިންހާގެ ރައްޓެއްސެކޭ ކިޔައިގެން. ދުވަސް ކޮޅަކު މިކޮޅުގަ ހުންނާނަން. ދެން ކުޑަކޮށް ހީލަބަލަ!… މިއުޅެނީ ވަރަށް އަވަހަށް ބޭބެއާ ކައިވެނި ކުރަން.” ރީމްގެ އަޑުން މިންހާގެ ކަންފަތް ހީވީ ބައްވިހެނެވެ.

ބޭއިޚްތިޔާރުގައި މިންހާއަށް އޭނާގެ ބޯ ހޫރާލެވުނީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ހަމަ ގައިމުވެސް އެ މާހައުލުގައި ހިނގާ ކަންކަމަކީ މިންހާ ފަދަ އެހެން އަންހެނަކަށް ނަމަ ވެސް ހަޖަމު ކުރަން ފަސޭހަ ވާނެ ކަމެއް ނޫނެވެ. ބުނާގޮތް ހަދަން ކިތަންމެ މަސައްކަތް ކުރިޔަސް އެއީ ވާނެކަމެއް ހެއްޔެވެ؟ ބޭރަށް ނެރެން އުޅުނު ނޭވާ ހީވީ މިންހާގެ ކަރުތެރޭގައި ތާށިވިހެނެވެ. އެތެރެއިން ހިލެމުން އައި ކަރުނަތައް ހުއްޓުވޭނެ އެއްވެސް ބާރެއް މިންހާގެ ދެލޮލަކު ނުވެއެވެ.

ދުނިޔެއަކީ ކޮންކަހަލަ ތަނެއް ހެއްޔެވެ؟ މިރޭ އެހާ އުފާވެރި ހުވަފެން ތަކަކާއި އެކު ކުރިޔަށް ނެގި ފިޔަވަޅާއި އެކު މުޅި ބިން ކެހިވެރި ކަމުގެ މަންޒިލަަކަށް ވެއްޖެއެވެ. ތެދެކެވެ. އަހަރުމެން ދެކެމުން އަންނަ ކޮންމެ އުފާވެރި ހުވަފެނަކީ ގިނަ ފަހަރަށް ހަގީގަތަކަށް ނުވެއެވެ. ގިނަ ފަހަރަށް ދުނިޔެ އަހަރެމެންނަށް ދަސްކޮށްދެނީ ދުވަހަކު ދެކެފައި ނުވާ ހުވަފެންތައް އެކި ހާލަތުގައި ހަގީގަތަކަށް ބަދަލު ވާކަމެވެ.

ފެންކަޅި ވެފައިވާ މިންހާ މަޑުމަޑުން ގޮނޑި ދުރަށް ޖައްސާލުމަށް ފަހު ކެފޭއިން ނުކުތީ ކެތް ނުވެގެންނެވެ. ހަށިގަނޑު ތެރޭގައި ހިފަހައްޓައިގެން ހުރި ޖަޒްބާތުތަކާއި އެކު ފޮރުވިފާވާ ކަރުނަތައް ހޯސް ލާފައި ނުކުތީ ހުއްޓުމެއް ނެތިއެވެ. އެ ހިތާމައިގައި މަޑުމަޑުން ހުރެ މިންހާ ހިނގަމުން ދިޔައީ ގެއާއި ދިމާލަށެވެ.

“ކުއްލިޔަކަށް އޭނައަށް ކިހިނެއް އެވީ؟ އަޅެ އަމީލް ދޭބަލަ އޭނަ ފަހަތުން.” ދެރަވެފައި އިން ރީމް އަމީލަށް އާދޭސް ކުރީ ހައިރާން ވެފައި އިނދެއެވެ.

“އެވާނީ މިތާ ދެކެވުނު ވާހަކަތަކުން ދެރަވީ ކަމަށް. މަ ބުނީމެއްނު…. އޭނަ އަސްލު ފިރިމިހާ މަތިން ހަނދާން ވަނީ ކަންނޭނގެ. ދެން އަހަރެން ގެއަށް ގޮސްފަ ނަސޭހަތް ދޭނީ. މިވަގުތު ރަނގަޅު ވާނީ މިންހާ ރޯނެ ވަރަކަށް ރޯން ބެހެއްޓީމަ.” އެއްވެސް ރަހުމެއް ނެތް ގޮތަކަށް އަމީލު ބުނި ވާހަކަތަކުން ރީމް ހައިރާން ވިއެވެ.

“އެކަމު އެއީ ބަނޑުބޮޑު މީހެއްނު؟ އެހާލަތުގަ ތިބޭއިރު އެމީހުން ވަރަށް އަވަހަށް ދެރަ ވާނެ. ކޮއްކޮއަށް ތިހެން ހަދާކަށް ވެސް ނުވާނެ. އޭނަ މިވަގުތު ބޭނުން ވާނީ އަމީލުގެ ފުލް ސަޕޯޓެއްނު.” ރީމް ބެލީ އަމީލަށް ވިސްނައި ދެވޭތޯއެވެ.

“ރީމް!… ދެން ބަހައްޓަބަލަ.. ހާދަ ހަމްދަރުދީ އެކޭ ތިވަނީ. ބަނޑު ބޮޑިއްޔާ ޖެހޭތަ ކޮންމެހެން އެމީހުން ގައިގަ ފިރުމަން. އަހަރުމެނަށް ވެސް ކަންކަން ދިމާ ވެއޭ. އެކަމު ހަމަ ހިތްވަރު ކޮށްލާފަ މިތިބަ އުޅެނީ.” އަމީލު ގޮތް ދޫކުރަން ބޭނުމެއް ނުވިއެވެ.

ރީމްގެ ހިތުން ފުރަތަމަ ފަހަރަށް އަމީލާއި ދޭތެރޭ ހިތް ގޯސް ކުރެވުނެވެ. އެއީ މިންހާގެ ބޭބެ ކަމުގައި ވާނަމަ އެވަރުގެ އޯގާތެރިކަމެއް ފެންނަން ވާނެ ކަމަށް ރީމް ގަބޫލު ކުރެއެވެ. ނޫނީ އެއީ ދެން ބަނޑުބޮޑު ކޮއްކޮއަކާ ދިމާލަށް ބޭބެއަކު ބުނަން ވާނެ އެއްޗެއް ހެއްޔެވެ؟ “ބަނޑު ބޮޑިއްޔާ ޖެހޭތަ ކޮންމެހެން އެމީހުން ގައިގަ ފިރުމަން”… ރީމްގެ ސިކުނޑި އުނދަގޫ ކުރީ އަމީލުގެ އެ ރަހުމްކުޑަ ޖުމްލައެވެ. އެހެނަސް އަމީލު ގޮތް ދޫކުރަން ބޭނުން ނުވާ ނަމަ ރީމް ކުރާނީ ކީއްހެއްޔެވެ؟

ދުވަހަކީ އިނާޔާ ރަށަށް ފުރަން އޮތް ދުވަހެވެ. ނަޝާޔާގެ ކަންކަން ބެލެހެއްޓުމަށް އޭނާގެ މާމަގެ އިތުރުން ބޮޑު ވެފައިވާ ދެ ފިރިހެން ކުދިން ވެސް އައެވެ. ފުރައިން ދިއުމުގެ ކުރިން ނަޝާޔާ އާއި ދޭތެރޭ ކަންތައްތައް ކުރަންވީ ގޮތް އިނާޔާ އެމީހުނަށް ކިޔައިދިނެވެ.

“ނަޝާޔާ! ދައްތަ މިއުޅެނީ ދާން. ބަސް އަހައިން މި ބޭބެ މެނާއެކީ ފިލާވަޅުތައް ހަދައިން އުޅޭތި އިނގޭ.” ކާމޭޒު ކައިރި ގޮނޑި އެއްގައި އިން ނަޝާޔާގެ ބޮލުގައި ފިރުމާލަމުން އިނާޔާ ބުނެލިއެވެ.

އެވަގުތު އިނާޔާގެ ފޯނު ރިންގް ވާން ފެށިއެވެ. ގުޅަމުން ދަނީ ނަޝާޔާގެ ކްލާސް ޓީޗަރެވެ. ފޯނު ނެގުމަށްފަހު އިނާޔާ ކަންފަތުގައި ޖައްސާލިއެވެ. އަދި އިރުކޮޅަކު ވާހަކަ ދެއްކުމަށް ފަހު ފޯނު ބޭއްވިއެވެ.

“ނަސީބެއްނު އަހަރެން ފުރުމުގެ ކުރިން ގުޅިކަން. ސްކޫލުން އެ ގުޅީ. ބެލެނިވެރިޔަކާ ބައްދަލު ކޮށްލަންނޯ. އަންނާނަން ގޮސްލާފަ.” ނަޝާޔާގެ މާމަ ގާތު އެހެން ބުނަމުން އިނާޔާ ބޭރަށް ނުކުންނަން ހިނގައިގަތެވެ.

ތިރީސް މިނެޓް ފަހެވެ. ސްޓާފް ރޫމުގެ މޭޒެއް ކައިރި އިނާޔާ އިނީ ނަޝާޔާގެ ކްލާސް ޓީޗަރުގެ އިންތިޒާރުގައެވެ. އެހެން އިންތާވީ އިރުކޮޅެކެވެ. އަންހެން ޓީޗަރެއް އައިސް ގޮނޑީގައި އިށީންދެ ވަރަށް ފުންކޮށް އިނާޔާގެ ލޮލަށް ބަލައިލިއެވެ.

“ކޮބައިތޯ ނަޝާޔާ؟ މިއުޅެނީ ވަރަށް ބޮޑު ކަމެއް ދިމާވެގެން.. މި ފަހުން ނަޝާޔާގެ ފަރާތުން އެއްވެސް ވަރަކަށް.. އެއްވެސް ކަހަލަ ކަމެއް ފާހަގަ ވޭތޯ؟” ޓީޗަރު ސުވާލު ކުރުމާއި އެކު އިނާޔާ ވިސްނާލިއެވެ.

– ނުނިމެ –

ވާހަކަގެ މިހިސާބުން އިތުރަށް ޝައުގުވެރި ވީކަމަށް އުންމީދު ކުރަން. ހުރިހާ ކިޔުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ހާއްސަކޮށް އަޅުގަނޑަށް ކޮމެންޓް ކޮށްލާ ކުދިން ފާހަގަ ކޮށްލާ ޝުކުރު ދަންނަވަން. ❤️🔥❤️

އަދި އިތުރަށް ބުނެލަން ބޭނުންވޭ، އަޅުގަނޑު ކުރިން ޕަބްލިޝް ކޮށްފަ ހުރި ވާހަކަތައް ބައެއް މީހުން މިހާރުވެސް ދަނީ ކިޔަމުން. “ޕްރޯ” ވާހަކައާ “ފްރީ” ކޮށް ކިޔާލެވޭ ވާހަކަތައް މިހާރުވެސް ކިޔަމުން ދާތީ އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ވަރަށް ބޮޑަށް ވެސް އުފާ ކުރަން..  thanks 👍

 

 

 

 

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ދަތުރު-19

Next

ދަތުރު-20

Next
July 6, 2026

ދަތުރު-20

Previews
July 5, 2026

ދަތުރު-19



All Right Reserved!