Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ހިމޭން 5

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
July 2, 2026 6 Mins Read
0 Comments

“ތި ދެން ބޮޑުވަރެއް ޝަރާ..! ތިހެން ހެދީމަ ނަޝާޔާ ކިހާ ދެރަވާނެ.” ވިޔާމް ހިތްހަމަ ނުޖެހުނެވެ.

“ހެވޭ ދެރަވިޔަސް. ދެރަވާނީ މި ވަގުތު…. އެއްފަހަރު. ފަހުން އިނގޭނެ ބޮޑު ވީމަ ވެސް ތަންތަން ސާފު ކުރަން..” ޝަރާ ގޮތްދޫ ނުކުރާން ބަހަނާއެއް ދެއްކިއެވެ.

ހޮޑު ލެވިފައިވާ ތަން އިނާޔާ ސާފު ކުރަމުން ދިޔައިރު އޭނާގެ ފޯނު ހިފައިން ބަނޫން އިނީ ސޯފާގައެވެ. ތަން ސާފުކޮށް ނިންމާލުމަށް ފަހު މަޑުމަޑުން އިނާޔާ ހުޅުވާލީ ނަޝާޔާ ކޮޓަރީގެ ދޮރެވެ. އިރުކޮޅެއް ވަންދެން ދޮރު ދާރައިގެ ހަނި ދޭތެރެއިން އެތެރެ ބަލަން އިނާޔާ ހުއްޓެވެ. ނަޝާޔާގެ ހަރަކާތްތައް ފެނި އިނާޔާއަށް ހައިރާން ކަން ލިބުނެވެ. އެހެންނަމަ ވެސް ނަޝާޔާގެ ފަރާތުން ފެނުނު އެ ޝައުގުވެރި މަންޒަރުން ބުނެދެނީ ކޮން މާނައެއް ކަން ޚުދު އިނާޔާ އަކަށް ވެސް ނޭނގުނެވެ. ވަގުތުން ދޮރު ލައްޕާލީ ކޮޓަރިން ފެނުނު ކަންތައް އަމިއްލަ ދުލަށް ސިއްރު ކުރުމުގެ ނިޔަތުގައެވެ.

**************

މެންދުރު ކައިގެން އަމީލު ބޭރަށް ނުކުތެވެ. އެ މަންޒަރު ބަލަން ފާރަ ލައިން ހުރި ޝިޔާމް ގޮސް ހުއްޓުނީ ތަށި ދޮންނަން ހުރި މިންހާ ގާތުގައެވެ.

“މަންމާ! މަންމަ ކީއްވެ ބައްޕަގެ ބަސް އަހަނީ؟ ބައްޕަ ބުނާ ހުރިހާ ކަމެއް ކުރަނީ؟ އެކަމު ބައްޕަ އެހާ ގޯސް…” ދޮންނަން ހުރި ތަށިތައް ބެހެއްޓުމަށް ފަހު ހައިރާން ވެފައިވާ މިންހާ ފަސް އެނބުރި ބަލައިލީ ޝިޔާމްގެ ލޮލަށެވެ.

މިންހާ ވަރަށް ފުންކޮށް ޝިޔާމްގެ ލޮލަށް ބަލަން ހުއްޓެވެ. އެވަގުތު މިންހާގެ ސިކުނޑި އޭނާގެ ޒަމީރާ ވާހަކަ ދައްކަމުން ދިޔައެވެ. އެ ކުޑަކުޑަ ޝިޔާމް މިފަދަ ސުވާލެއް ކުއްލިޔަކަށް ކުރުމަކީ މިއަދު ލިބުނު ބޮޑު ހައިރާން ކަމެކެވެ. އެހެން ނަމަވެސް މިންހާއަށް ގަބޫލު ކުރެވޭ ހަގީގަތެއް ވެއެވެ. ދަރިން ބޮޑު ވަމުން އަންނަ ވަރަކަށް އެ ދަރިންނަށް އިވޭ އަޑު ތަކާއި ފެންނަ މަންޒަރުތައް އެކުދިން ނަގައިގަނެ އެއަށް އިންސާފު ކުރަން ބޭނުން ވާނެއެވެ.

“ޝިޔާމް!…. ދަރިފުޅާ!… އެހެން ބުނާކަށް ނުވާނެއްނު. އެއީ ދަރިފުޅުމެންގެ ބައްޕަ އެއްނު.” ހިތަށް ކުރި އަސަރު ފޮރުުވާލަމުން މިންހާ ބެލީ ހިނިތުން ވެވޭތޯއެވެ.

މިންހާގެ އެ ނުސީދާ ހިނިތުން ވުމަށް ޝިޔާމް ފަރުވާލެއް ނުބެހެއްޓިއެވެ. އެހާވެސް ބޮޑަށް ޝިޔާމް ހުރީ ހިތްހަމަ ނުޖެހިފައި ކަން މިންހާއަށް ވިސްނުނެވެ.

“ޝިޔާމަށް ފެނުނޭ ރޭގަ ބައްޕަ ރުޅި އައިސްގެން މަންމަ ވާރެއަށް ނެރުނުތަން. ޝިޔާމް ބޭނުމެއް ނޫން ބައްޕަ އާއި އެކީ އުޅޭކަށް..” ނިއްކުރިޔަށް ރޫ އަރުވާލަމުން ހިތްހަމަ ނުޖެހިފައި ހުރެ ޝިޔާމް ބުނެލިއެވެ.

ޝިޔާމްގެ އެ ވާހަކައަށް މިންހާއަށް ދެކޮޅު ހެދޭނެ ޖާގައެއް ނެތެވެ. އެއީ ކަންވީ ގޮތެވެ. އެ މަންޒަރު ނުފެންނަ ނަމަ ޝިޔާމަށް އެހާ ރީތިކޮށް އެހެން ބުނެލާކަށް ނޭނގުނީހެވެ.

“ދަރިފުޅާ! ތިހެން ނުބުނޭ. ބައްޕަ ނެތިއްޔާ ކިހިނެއް ދަރިފުޅު މެންނަށް އެއްޗިހި ގަންނާނީ؟ ދެން ބައްޕަ ދޫކޮށްލާފަ އަހަރުމެން ދިޔައިމަ… ކާކުތަ ބައްޕަ ބަލާނީ؟ ބައްޕަ ބަލާނެ މީހަކު ނެތިއްޔާ އޭރުން ކިހާ ދެރަވާނެ. އޭރުން ބައްޕަ މުޅިން އެކަނި ވާނެއްނު؟” ހިތު ތެރެއިން ރޮވެމުން ދިޔަސް މިންހާ ބެލީ ޝިޔާމަށް ވިސްނައި ދެވޭތޯއެވެ.

“ޝިޔާމް މާ ދެރަވޭ މަންމަ އެހާ ގިނައިން ހޮޑު ލާއިރު ބައްޕަ އެހެން ހަދާތީ.” އެހެން ބުނުމަށް ފަހު ހިތްހަމަ ނުޖެހިފައި ހުރެގެން ޝިޔާމް ނުކުމެގެން ދިޔައީވެ.

ހަފްތާއެއް ފަހެވެ. ޝަރާ ފުރާތީ އިނާޔާ ހުރީ ހަފްތާ އަކަށް މާލެ ބަދަލުވެއެވެ. އޭރު ވިޔާމް ވެސް ރިޒޯޓަށް ދިޔަތާ ދެ ދުވަސް ވަރު ވީއެވެ. ބަނޫންގެ ކަންކަން ބެލެހެއްޓުމާއި ހަވާލުވީ ރަށުގައި ދިރިއުޅޭ އިނާޔާގެ މަންމައެވެ. ނަޝާޔާގެ އެންމެހާ ކަންކަމުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާ ކުރުމަށް އިނާޔާ ނެގި ފިޔަވަޅުގެ ފަހަތުގައި ވަނީ ކޮންކަމެއް ބާއެވެ؟

އިނާޔާ ހުރީ ނަޝާޔާ ސުކޫލަށް ގެންދަން ޖެހޭ ގަޑިއެއްގެ އިންތިޒާރުގައެވެ. ނަޝާޔާއާ ނުލާ ގޭތެރޭގައި މުހިއްމު ފުރުސަތެއް ހޯދުމަށް ހަމަ އެކަނި އިނާޔާއަށް އޮތް ހަނި މަގަކީ ނަޝާޔާ ގެއިން ނުކުންނަ ވަގުތު ކޮޅެވެ. އެހެންވެ ސުކޫލަށް ގެންދިއުމަށްޓަކާ ހުރިހާ ކަމެއް ތައްޔާރުކޮށް ނިންމާ ލުމަށްފަހު އިނާޔާ އުޅުނީ އެންމެ ފަހުގެ މަސައްކަތުގައެވެ. އެއީ ނަޝާޔާގެ ބޮލުގައި ފުނާ އެޅުވުމެވެ.

ނަޝާޔާގެ ކޮޓަރީގައި ހުރެ އޭނާގެ ބޮލުގައި ފުނާ އަޅުވަމުން ދިޔަ ވަގުތު އިނާޔާގެ ނަޒަރު ކޮޓަރީގެ އެކި ދިމަ ދިމާލަށް ހުއްޓާލައެވެ. ހީވަނީ ކޮންމެސް އެއްޗެއް ހޯދާހެނެވެ. ނުވަތަ ކޮންމެސް އެއްޗެއް ގެއްލިގެން އުޅޭހެނެވެ.

“ނަޝާޔާ!… އަބަދު ވެސް ނަޝާޔާ ހުންނަނީ ތިހެން ވަރަށް މަޑުންތަ؟” ނަޝާޔާ ބޮލުގެ އިސްތަށިގަނޑު ގަތަން ހުރެ އިނާޔާ ސުވާލު ކުރީ ނަޝާޔާގެ އެނދުމައްޗަށް ބަލައި ލަމުންނެވެ.

“ކީއްވެ އެއްޗެއް ނުބުނީ؟ އަސްލު ބުނެބަލަ ކީއްވެތަ ތިހާ މަޑުން ތި ހުންނަނީ؟ މިހާރު މިގޭގަ އުޅޭއިރު ވެސް އިނާޔާ ދައްތައާ ވާހަކަ ވެސް ނުދައްކާ” ރިބަން ފަށް އައްސާލަމުން އިނާޔާ އަނެއްކާވެސް އަހާލީ ނަޝާޔާގެ ޖަވާބެއް ނުލިބުމުންނެވެ.

“އެއްވެސް ކަމެއް ނުވެ. ހިނގާ ދާން” އެއްވެސް ހިނިތުން ވުމެއް ނެތި މައުސޫމު ގޮތަކަށް ބަލައިލަމުން ނަޝާޔާ ޖަވާބުދިނީ ލުއި އަޑަކުންނެވެ.

އިނާޔާ އިތުރަށް އެއްވެސް ވާހަކައެއް ނުދައްކައެވެ. ނަޝާޔާ ގެންގޮސް ސްކޫލަށް ލުމަށްފަހު ގެއަށް އައި ގޮތަށް އަވަސް ވެގަތީ ނަޝާޔާގެ ކޮޓަރިއަށް ވަނުމަށެވެ. އެ ކޮޓަރިއަށް ވަނުމަށް ފަހު މުޅި ކޮޓަރި ދިއްލާލައިން ބަލަން ހުއްޓެވެ. އެނދުގައި ބައިންދާފައި އިން ނަޝާޔާގެ ‘ބެއަރ’ އަށް ދެލޯ ހަނި ކޮށްލައިން ބަލައިލުމަށް ފަހު ވަރަށް ޝައުގުވެރި ކަމާއެކު އެނދު މަތީ އިށީނެވެ. އަދި އެ ‘ބެއަރ’ ގެ ކޮލުގައިވާ މަޑު ފުށްކޮޅެއް ފަދަ ކެހެރިތަކުގައި ފިރުމާލިއެވެ.

ހަށިގަނޑަށް ވެރިވަމުން ދިޔަ ވަރުބަލި ކަމާއި އެކު މިންހާ އޮތީ އެނދުގައި އޮށޯއްވެ ލައިންނެވެ. ކޮޓަރީގައި ހުރި މޭޒު ކައިރީ އިށީންދެ ލައިން ތިބި ޝިޔާމް އާއި ލިޔަމް ފޮތެއްގައި ކުލަ ޖައްސަމުން ދިޔައެވެ. އެއީ އެކުދިންނަށް ލިބޭ ހުސް ވަގުތު ތަކުގައި ކުރާ މަސައްކަތެކެވެ. މިންހާ އެހެން އޮތް ވަގުތު ތަކުގައި ހޮޑު ލެވުނީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ. އެއިން ކޮންމެ ފަހަރަކު ވެސް ލިޔަމް ނޫނީ ޝިޔާމް، މިންހާއަށް ފެން ފުޅި އާއި ޓިޝޫ ދިއްކޮށްލައެވެ. އެއީ އެފަދަ ވަގުތެއްގައި ދެ ކުދިންގެ ފަރާތުން ފެންނަ ލޯބިވެތި އަމަލެކެވެ.

ކުލަޖައްސަން އިނަސް ޝިޔާމްގެ ސިކުނޑީގައި ދުވަމުން ދަނީ އަމީލް ގަދަކަމުން ގެންގޮސް މިންހާ ވާރޭގެ ތެރެއަށް ލީ މަންޒަރެވެ. އެއާއި އެކު ސިއްރު ސިއްރުން ޝިޔާމަށް އޭނާގެ ދަތްޕިލާ ޖައްސާ ފިއްތާލެވެއެވެ. އެ ހަނދާންތައް އަންނަ ކޮންމެ ފަހަރަކު އެ ކުޑަކުޑަ ޝިޔާމުގެ ހަށިގަނޑުގައި ރުޅިވެރިކަން އުފެދެއެވެ. ނޫނީ އަމީލުގެ އެ އަމަލުތަކާއި މެދު އެތައް ސުވާލެއް އެ ސިކުނޑީގައި އުފެދެއެވެ. އެ ހުރިހާ ސުވާލެއް މިންހާގެ ކުރިމަތީ ހާމަ ކުރަން ޝިޔާމް ބޭނުން ވިޔަސް އެކަން ކުރަން އުނދަގޫ ވަނީއެވެ. އުފެދޭ ހުރިހާ ސުވާލަކަށް މިންހާ ޖަވާބު ނުދީ ފާނެތީއެވެ. ނޫނީ އަމީލުގެ ދިފާއުގައި މިންހާ ތެދުވެ ދާނެތީއެވެ.

“މަންމާ!..  އެހާ ގިނައިން ހޮޑު ލެވެންޏާ ޑޮކްޓަރަށް ދައްކަން ވީއެއްނު؟” ލިޔަމްގެ އެ އަޑަށް ޝިޔާމްއަށް ބަލައިލެވުނީ މިންހާއަށެވެ. ލިޔަމް ކުރި ސުވާލުން އެވަގުތު މިންހާ ގަދަ ކަމުން ހިނިތުން ވިޔަސް އެކަމާ ހިތާމަ ކުރަން ވެސް ޖެހެއެވެ.

ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ ލިޔަމް ފަދަ ކުޑަ ކުއްޖަކަށް ވިސްނޭ ވަރަށް އަމީލަށް ނުވިސްނެނީ ކީއްވެ ބާއެވެ؟ ބަލިވީމަ ދާން ވާނީ ހޮސްޕިޓަލަށް ކަން އެކުދިންނަށް އިނގޭއިރު، އަނބިމީހާ ބަލިވެ އިނުމުން ފަރުވާ ކުރަން ޖެހޭކަން އަމީލަކަށް ނުވިސްނެއެވެ. ނޫނީ ވިސްނުނަސް އެކަމާ އަޅާލަން ބޭނުން ނުވަނީއެވެ.

ޝަރާ ތުރުކީއަށް ދިޔަފަހުން ގާތް ގަނޑަކަށް ތިން ދުވަސް ވީއެވެ. ސޯޝަލް މީޑިއާގެ އެކި މަންސަ ތަކުގައި ހަރަކާތްތެރިވެ ފޮޓޯ އާއި ވީޑިއޯ ޕޯސްޓްކޮށް އަޕްލޯޑް ކުރަމުން ދިޔަ ޝަރާ އަކީ ކެތް ގަދަ މަންމަ އެކެވެ. އެހެން ނުބުނެވޭނެ ސަބަބެއް ނެތެވެ. ދިޔަ ގޮތަށް ނަޝާޔާ ކޮބައިތޯ ބަލައި ނުލައެވެ. ނަޝާޔާއަށް ގުޅައިން ވާހަކައެއް ނުދައްކައެވެ.

ނަޝާޔާގެ މިޒާޖު މަޑުމަޑުން ބަދަލު ވަމުން ދިޔައެވެ. ސޯފާގައި އައިޕެޑް ހިފައިން ކުރިން އޮތަސް މިހާރު އޮންނަނީ ކޮޓަރި އެނދުގައެވެ. އޭރު ވެސް އެވަރަށް ވާހަކަ ނުދައްކާ ހުންނަ ނަޝާޔާ އަމުދުން މިހާރު ވާހަކަ ދައްކާކަށް ނޫޅެއެވެ. ނަޝާޔާއަށް އަންނަމުންދާ އެ ބަދަލު އެންމެ ގާތުން ދެކޭ މީހަކީ އިނާޔާއެވެ.

ނަޝާޔާ ކޮޓަރީގެ ދޮރު ހުޅުވާލުމަށް ފަހު އިނާޔާ އެތެރެއަށް ވަނީ ވިޔާމްގެ ފޯނެއް އައިސްގެންނެވެ. އާދައިގެ މަތިން ކޮންމެ ދުވަހަކު ވެސް ވިޔާމް އެއް ފަހަރު ގުޅައެވެ. މިއަދު ވެސް ނަޝާޔާ އާއި ވާހަކަ ދައްކާލަން ވިޔާމް ގުޅީއެވެ. އޭރު ނަޝާޔާ އޮތީ ބަނޑު މަތީ އައިޕެޑް ބާއްވާލައިންނެވެ. އޭރު އަތުގައި އޮތީ ކިޔަމުން ދިޔަ ދިވެހި ވާހަކަ ފޮތެވެ.

ސްޕީކަރަށް ލަމުން އިނާޔާ އެ ފޯނު ނަޝާޔާއާ ކައިރި ކޮށްލިއެވެ. އެވަގުތު ނަޝާޔާގެ ނަޒަރު އަމާޒުވީ އިނާޔާއަށާއި ފޯނުގެ ޑިސްޕްލޭ އަށެވެ.

“ދަރިފުޅު! ކިހިނެއްތަ؟… ކޮންމެ ދުވަހަކު ސްކޫލަށް ދަންތަ؟” ވިޔާމް ސުވާލު ކުރިއެވެ.

“ހޫމް…” އަތުގައި އޮތް ފޮތަށް ބަލަން އޮވެ އަނގަ ހުޅުވާ ވެސް ނުލާ ނަޝާޔާ އަޅުވާލީ ރާގެކެވެ.

“ކައިފިންތަ؟ ކޯއްޗެއް ކެއީ؟” އަނެއްކާ ވެސް ވިޔާމް ކުރީ ސުވާލެކެވެ.

“ނޯ… ޕެކެޓް ބުއީ.” މާ ބޮޑު އުފާވެރިކަމެއް ނެތް އެ މައުސޫމު ކުއްޖާ ބުނެލިއެވެ.

“ނަޝާ!… މަންމި ގުޅިތަ؟” ވިޔާމްގެ އެ ސުވާލާ އެކު ނަޝާޔާ ފޯނު ދުރު ކޮށްލިއެވެ. އެއަށް ފަހު ބާލީހުގައި އޮށޯއްވެ އިނާޔާއަށް ފުރަގަސް ދެމުން އަނެއް ފަޅިއަށް އެނބުރުނެވެ.

‘ހަލޯ’ އޭ ބުނަމުން ފޯނު ހިފައިން އިނާޔާ ނުކުތީ ބޭރަށެވެ. ދޮރު ލައްޕާލަމުން އެއްފަހަރު ނަޝާޔާއަށް ބަލައިލީ އިނާޔާގެ ހިތަށް ވެރިވި މޮޅިވެރި އިހްސާސްގެ ސަބަބުންނެވެ.

“ފޯނު ހަވާލު ކުރީދޯ؟ ކުޅެންތަ އިނީ މިގަޑީގަ؟” ވިޔާމް ސުވާލު ކުރީ ވީގޮތް އޮޅުންފިލުވަން ބޭނުން ވާތީއެވެ.

“ނޫނޭ. ހީވަނީ ވިޔާމް ބުނީ ކޮންމެ ހެން ނަޝާޔާ ދައްކަން ބޭނުން ވާހަކައެއް ނޫންހެން. އެމަންޖެ އެ ހުންނަނީ ވަރަށް ދެރަވެފަ. ޝަރާ އެއީ ކޮންކަހަލަ މީހެއްތަ؟ ދިޔަ ގޮތަށް ގުޅާވެސް ނުލާ… ނުވިތާކަށް، އެމަންޖެ އުޅޭ ހާލު ބަލާލަން މެސެޖެއް ވެސް ކޮށްނުލާ. އެހެން ވީމަ އެ ކުއްޖާ ވެސް ދެރަވާނެދޯ؟” އެއް ވެސް ދޮގު ހެދުމެއް ނެތި އިނާޔާ ބުނެލީ ހިތްހަމަ ނުޖެހިފައިވާ ރާގުގައެވެ.

“އާނ! ތި ވާނީ އެކަމާ ދެރަވީ ކަމަށް.” ވިޔާމްގެ މަޑުމައިތިރި އަޑުން ބުނެލިއެވެ.

“ވާނީ އެއްނޫން… ޔަގީނެއްނު.. ދެން ކުޑަ ކުޑަ ކުއްޖެއްގެ ހާލު ބަލާލަން ގުޅަން ވާނެދޯ؟ އަހަރެން މިގެއަށް އައި އިރު ނަޝާޔާ ވާހަކަ ދެއްކި ކޮންމެސް ވަރަކަށް. އެކަމު މިހާރު އެއް ވަރަކަށް ވެސް ވާހަކައެއް ނުދައްކާ.. ކާން ބުންޏަސް އެ ބުނަނީ ކާހިތެއް ނުވެޔޭ. ދެން ކިހިނެއް ހަދާނީ؟ އަދި ވެސް ނޫޅޭތަ ޝަރާ އަންނާކަށް.؟” ދިގު ހާސަރެއް ދަމައިލަމުން އިނާޔާ ބުންޏެވެ.

“އެހެންތަ؟ އާނ! ޝަރާ މިއަދު ގުޅި. ބުނި އަދި ހަފްތާއެއް ވަރު ވާނެއޭ.. އިނާޔާ ގާތު ބުނާށޯ މަޑުކޮށްލަ ދޭށޭ.” ވިޔާމްގެ ލުއިލުއި އަޑުން ބުނެލިއެވެ.

“ޕިސްޕިސް… ސުބްހާނަﷲ!… އަދި ވެސް ހަފްތާއެކޭ؟… މިހުރީ ތިން ދުވަސް ވީމަ ނަޝާޔާއަށް އައި ބަދަލު. އަނެއްކާ އެކުއްޖާއަށް ކިހިނެއް ވާނީ އިތުރަށް ހަފްތާއެއް ވީމަ. އެހެން ނޫނަސް އޭރުން މަވެސް ބަނޫންއާ ދުރުގަ ހާދަ ދުވަހެކޭ އުޅެން ޖެހޭނީ.” އިނާޔާ ހިތްހަމަ ނުޖެހިފައި ހުރެ ވިޔާމް އާއި ވާހަކަ ދައްކަމުން ދިޔައެވެ.

“މަ ގަބޫލު ކުރަމޭ… ޝަރާ ނެތީމަ އޭނަގެ ސްޓާފުން ވެސް އުޅެނީ ވަރަށް ކަންތައް ބޮޑުވެގެން. ކީއްކުރާނީ އިނާޔާ.. މަ މިކަހަލަ ވާހަކަ ދެއްކިޔަސް ބުނާނެ، މީ އަހަރެން ހިންގާ ތަނެކޭ. ވިޔާމަކަށް ނުބެހެވޭނެއޭ.” ވިޔާމް ކިޔައިދިން ވާހަކައިން އެނގެނީ ޝަރާގެ ކަންކަން ހައްލު ކުރުމުގައި ވިޔާމްގެ އެއްވެސް ބާރެއް ނެތްކަމެވެ.

އިނާޔާ ވާހަކަ ދައްކާ އަޑު އިވިގެން ނަޝާޔާ މަޑު މަޑުން ދޮރު ހުޅުވާލިއެވެ. ބޭނުމަކީ އިނާޔާ އާއި ވިޔާމް ދައްކަނީ ކޮން ވާހަކައެއްތޯ އަޑު އަހާލުމެވެ.

“ހޫމް… އެކަމު މަށަކަށް ނުހުރެވޭނެ މަސް ދެމަސް ވަންދެން ޝަރާގެ ނިންމުންތަކަށް އެއްބަސް ވެގެނެއް. ދެން ވިޔާމް މެން ނަޝާޔާ ބަލަން އެހެން ގޮތެއް ހޯދާ. ޝަރާ ޗަރުކޭސް ކުޅެން ނަޝާޔާ ދޫކޮށްލާފަ ގޮސް ހުއްޓަސް، އަހަންނަށް އަހަރެންގެ ބަނޫންއާ ދުރުގައެއް ނުހުރެވޭނެ. ބާއްވަނީ.” ފޯނު ކަނޑާލުމަށް ފަހު އިނާޔާ ގޮސް ކޮޓަރިއަށް ވަނެވެ.

އިނާޔާގެ ފަރާތުން އަޑު އިވުނު ބަސްތަކުން ނަޝާޔާގެ ހިތުގައި ޖެހުނެވެ. ވަގުތުން ދެ ލޯ ފެންކަޅިވެ ދޮރު ލައްޕާ ތަޅުލުމަށް ފަހު ނޯޓް ފޮތާއި ފަންސޫރެއް ނަގައިން އެނދަށް އަރާ އިށީނެވެ. ލޮލުން ވެއްޓެމުން ދިޔަ ކަރުނައިގެ ފުސް ކަމުގެ ތެރެއިން ނަޝާޔާ އޭނާގެ އެންމެ ލޯބިވާ ‘ޑައިރީ’ އާ ދިމާލަށް ބަލަން އިނެވެ.

– ނުނިމެ –

* ނަޝާޔާގެ މަންމަ ނަޝާޔާއާ ދޭތެރޭ އެގޮތަށް ޢަމަލު ކުރަނީ ކީއްވެބާ؟

* އަމީލުގެ އެ ރުޅިވެރި ކަމުގެ ފަހަތުގައި ފޮރުވިފައިވާ ހަގީގަތަކީ ކޮބައިބާ؟

* އިނާޔާ އެހާ ސިއްރުން އެ ކުރަނީ ކޮން ކަމެއްބާ؟

*ނަޝާޔާ އާއި އޭނާގެ ‘ބެއަރ’ އާ ދެމެދުގައި ވަނީ ކޮން ގުޅުމެއްބާ؟

މި ސުވާލު ތަކުގެ ޖަވާބު ހޯދުމަށް ކުރިޔަށް ހުރި ބައިތަކަށް އިންތިޒާރު ކޮށްލައްވާ!

މި ސުވާލުތަކާއި ދޭތެރޭ ތިޔަ ކިޔުންތެރިންގެ ޚިޔާލު ހުރި ގޮތް ކޮމެންޓް ސެކްޝަންގައި ހިއްސާ ކޮށް ލިޔުންތެރިޔާއަށް ހިނިތުން ވުމެއް ހޯދައި ދެއްވާ..

📖📔📒📃 “ކިޔުންތެރިންގެ ޚިޔާލުތަކަކީ ލިޔުންތެރިންގެ ހިތްހަމަ ޖެހުމާއި ހިއްވަރެވެ. 🖋️✒️✏️💌

 

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ނޭދެން ވަކިވާކަށް 21 ވަނަ ބައި

Previews
July 2, 2026

ނޭދެން ވަކިވާކަށް 21 ވަނަ ބައި



All Right Reserved!