Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ހިމޭން 4

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
June 29, 2026 6 Mins Read
0 Comments

އިޝާ ނަމާދު ފަހެވެ. ނަމާދުކޮށް ނިމިގެން އިނާޔާ އާއި އެކު ބަނޫން ވެސް ނުކުތީ ކާމޭޒު ކައިރިއަށެވެ. އޭރު އިނާޔާ ހުރީ މޭޒުމަތީގައި ތަށިތައް އަތުރާ ތައްޔާރު ކޮށްފައެވެ. ގޮނޑިއެއް ދަމާލަމުން ބަނޫން އިށީނީ އޭނާގެ އުނގުގައި ‘ބެއަރ’ ވެސް ބައިންދާލައިންނެވެ.

“ބަނޫން! ތި ގެންގޮސް ކޮޓަރިއަށް ލާފަ އާދޭ. ތީ ނަޝާޔާގެ އެއްޗެއްނު؟ މިހާރު އުޅޭނެ ނަޝާޔާ އަންނަން.” ނަޝާޔާ އެހާ ލޯބިން ގެންގުޅޭ އެއްޗެއްކަން އިނގޭތީ އިނާޔާ ބުނެލިއެވެ.

ދޮރު ހުޅުވާލާފައި ޝަރާގެ ފަހަތުން ނަޝާޔާ އާއި އެކު ވިޔާމް ވެސް ވަނެވެ. ދަރު ދަބަސްތައް ހިފައިން އެތެރެއަށް ވައިން އިރު ނަޝާޔާގެ ލޮލުގައި އަޅައިގަތީ ބަނޫންގެ އުނގުގައި އިން ‘ބެއަރ’ އެވެ.

“ކީއްވެ ނަޝާގެ ‘ޑައިރީ’ ނެރުނީ؟ އެއްވެސް މީހެއް މި ނުނަގާތި. ގެނޭ.. މި ނުނެރެއްޗެ.” ފުރަތަމަ ފެނުމާއި އެކު ވެސް ނަޝާޔާ ބަނޫން ދެކެ ހިތްހަމަ ނުޖެހުނީ އެހާ ލޯބިން ގެންގުޅޭ ‘ބެއަރ’ ނެރުނީމައެވެ.

އެ ބެއަރއަށް ނަޝާޔާ ލޯބިން ދީފައިވާ ނަމަކީ ‘ޑައިރީ” އެވެ.

************

ނަޝާޔާ ކޮޓަރިއަށް ގޮސް ވަރަށް ލޯބިން އެނދުގައި ‘ބެއަރ’ ބައިންދާ ލުމަށް ފަހު ބާލީސްތައް ޖައްސާލަމުން އެއަށް ހިމާޔަތް ދިނެވެ. އޭރު ނަޝާޔާގެ ފަހަތުގައި އެ މަންޒަރު ބަލަން ބަނޫން ހުއްޓެވެ.

ފޮށިތައް ކޮޓަރިއަށް ލުމަށް ފަހު ޝޯލް ގައި ޖަހާފައިވާ ޕިންތައް ނައްޓަމުން ޝަރާ ސިޓިންގް ރޫމަށް ނުކުތެވެ. އޭރު ކާމޭޒު ކައިރީގައި އިނާޔާ އިނީ އެމީހުންގެ އިންތިޒާރުގައެވެ.

ކާން ހަދާފައި ވަނީ ބިއްލޫރި މޭޒެއްގައެވެ. މޭޒުގެ އެއް ފަރާތުން ފާރާ ދިމާ ބިތުގައި ބަހައްޓާފައި ހުރީ ޓިޝޫ ޕެކެޓެއްގެ އިތުރުން އުލާއި ސަމުސާ އަޅާފައިވާ ފިޔާތޮށި ކުލައިގެ ރީތި ވަށިގަނޑެކެވެ. މޭޒުގެ މެދު ތެރެއިން އަތުރާފައި ވަނީ އެކި ކަހަލަ ކާނާ އަޅާފައިވާ އެކި ސައިޒުގެ ތަށި ތަކެވެ. ކޮންމެ ގޮނޑި އަކާއި ދިމާލުން ވާގޮތަށް ޖުމްލަ ފަސް ތަށި އަތުރާފައި ވާއިރު އެއިން ކޮންމެ ތައްޓެއް ކައިރީ ފެން އަޅަން ޚާއްސަ ތައްޓެއް ބަހައްޓާފައި ހުއްޓެވެ.

“ޝަރާ! ކާން ވީނު؟” އަތުގައި އޮތް ފޯނު މޭޒު މަތީގައި ބާއްވާލަމުން އިނާޔާ ބުންޏެވެ.

އެވަގުތަކީ ކޮޓަރިން ނުކުމެގެން އައިސް ކާމޭޒާ ދިމާލުން ތަންކޮޅެއް ދުރުގައި ހުރި ސޯފާގައި ނަޝާޔާ އިށީން ވަގުތެވެ. އޭރު ނަޝާޔާގެ އަތުގައި އޭނާގެ އައިޕެޑް އޮތެވެ. އެއީ ނަޝާޔާގެ މުނިފޫހި ފިލުވުމަށް ޝަރާ ގަނެދީފައިވާ އެންމެ ފަހުގެ އައިޕެޑެކެވެ. އެ މަންޒަރު ފެނުމާއި އެކު ބަނޫން ވެސް ނަޝާޔާ ގާތުން ސޯފާގައި އިށީނީ ޝައުގުވެރި ކަމާއެކުގައެވެ.

“އިނާ!.. ވެއްޖެ ކަމެއް ކޮށްދޭން.. ވީ އެއްނު ބަނޫން ރަށުގަ ބަހައްޓާފަ އައިސް ނަޝާޔާ ބަލައި ދޭން… ދުވަސް ކޮޅަކަށް މިބުނީ..” މޭޒު ކައިރިން ގޮނޑި އެއްގައި ހަމަޖެހިލައިން ޝަރާ އިށީނެވެ.

“ބަނޫން ބަހައްޓާފަ މާލެ އަންނާށޭ؟… ކިހާ ދުވަހަކަށް؟” ކަމުގެ އުނދަގޫ ކަމުން ހައިރާން ވެފައި އިނދެ އިނާޔާ އަހާލިއެވެ.

“ކޮން ކަމަކާތަ ހާސްވާނީ؟.. އިނާ ނުޖެހޭނެއޭ އެއްވެސް ކަމަކާ ހާސްވާކަށް. ހަފްތާ އަކަށް ވާވަރަށް އަހަރެން ފައިސާ ދޭނަން. ދެން ޖެހޭނީ ނަޝާޔާ ސުކޫލަށް ގެންގޮސް ގެންނަން. އަނެއްހެން މާގިނައިން ނުކެއްކިޔަސް ރަނގަޅު ވާނެ. ނަޝާޔާއަށް ބޮޑަށް ރަނގަޅު ވާނީ ޕިއްޒާ، ބާގާ، ފްރައިޑް ޗިކަން ކަހަލަ އެއްޗިހި. އޯޑަރު ކޮށްލައިން އެ ގެނެވޭނެއްނު.” ޝަރާ ފަތި ފައްޗަށް އަމުނާ ލަމުން ދިޔައީ ނަޝާޔާގެ ތާވަލެވެ.

“ދެން ގުރްއާން ކްލާހާއި ޓިއުޝަނޯ؟” ޝައުގުވެރި ކަމާއެކު އިނާޔާ އަހާލިއެވެ.

“ނުޖެހޭނެ ގެންދާކަށް. އަހަންނަށް ދެން އުނދަގޫ ވިޔަފާރި މަސައްކަތުގަ އުޅެމުން ނަޝާޔާ ގޮވައިން ތި ހުރިހާ ތާކަށް ދުވަން. ސައިކުގަ އުޅުނަސް ތި ބުނާ ތަންތަނަށް ގެންގޮސް ގެނެސް ހެދުމަކީ ހާދަ ވަގުތެކޭ.” ތަށި ކައިރި ކޮށްލަމުން ޝަރާ ވާހަކަ ދައްކަމުން ދިޔައެވެ.

ޝަރާ ބުނި ޖުމްލައާ އެކު ނަޝާޔާ އެދިމާލަށް ބަލައިލިއެވެ. އެ ބަސްތައް އިވުމުން ހަމަ އެ ވަގުތު އިނާޔާއަށް ވެސް ބަލައިލެވުނީ ނަޝާޔާގެ މޫނަށެވެ. އެހެންވެ ނަޝާޔާ ނުވާ ކަމަކަށް ހަދައި ލަމުން އަނެއްކާ ވެސް އައިޕެޑް ބަލަން ފެށީއެވެ.

“ޝަރާ!… ތި ބުނާހެން ބަނޫން ބަހައްޓާފަ މާލެ އަންނަން ވީމަ އަސްލު އެހާ ފަސޭހައެއް ނުވާނެ. ބަނޫން ވެސް އެއީ ކިޔަވާ ކުއްޖެއްނު. އަހަރެން ދެން ޖެހޭނީ ތިކަމާ ވިސްނާލަން.” އިނާޔާ ވެސް އެވަގުތު ކާން ފެށިއެވެ.

ރޭގަނޑުގެ ދަން ވަގުތެވެ. ވެހެމުން ދިޔަ ވާރޭ ތެރޭ ހިނގަމުން އައިސް އަމީލު ގެއަށް ވަނެވެ. ލައިން ހުރި ގަމީހާއި ފަޓްލޫނު ތެމިފައި ވުމުގެ ސަބަބުން ކޮޓަރިއަށް ވަދެ އެއްޗިހި ބަދަލު ކޮށްގެން ސިޓިން ރޫމަށް ނުކުތެވެ. އޭރު ސޯފާގައި އިން މިންހާގެ މޫނު މަތިން ކޮންމެސް ވަރަކަށް ފިކުރު ބޮޑުވެފައި ވާކަން ހާމަވެއެވެ. އަމީލު ގޮސް ސޯފާގައި އިށީނދެ ޓީވީ ހުޅުވާލިއެވެ.

އެވަގުތު ސިއްރު ސިއްރުން ކަހަލަ ގޮތަކަށް ލޮލުގެ އެއްކޮޅުން އަމީލާ ދިމާލަށް ބަލައިލުމަށް ފަހު މިންހާ އިސްޖަހާލިއެވެ. މިންހާއަށް އެންމެ ބޮޑަށް ވިސްނެނީ މިންހާގެ ފައި ކައިރީގައި ހުރި ކޮތަޅު އަމީލުގެ ލޮލުގައި އަޅައިގަނެ ފާނެތީއެވެ.

“ކިހިނެއްވެފަ ތިއިނީ؟ ހާދަ މަޑުން؟” ޓީވީ އަށް ބަލަން އިނދެ އަމީލު ވާހަކަ ދައްކަން ފެށިއެވެ.

“ކަމެއް ނުވެ.” އިސް ޖަހާލަމުން މިންހާ ދިނީ ކުރު ޖަވާބެކެވެ.

“އެކަމު ހީވަނީ މަ ދެކެ ބިރުން އިންހެން… ރަނގަޅަށް ވިއްޔާ ދަރިންނަށް ވެސް އެތިބެނީ އެހެން ވެފަ.” އަމީލު ވިސްނާލަމުން ބުނެލި ޖުމްލަ އާއި އެކު ކުއްލިޔަކަށް މިންހާގެ ނަޒަރު ހުއްޓުނީ އަމީލަށެވެ.

އެހެނަސް، މިންހާ އެއްވެސް އެއްޗެއް ނުބުނެއެވެ. ކޮންމެހެން އެ ވާހަކައަށް މިންހާ ބުނަން އޮތީ ކީކޭ ހެއްޔެވެ؟ އެހެން މީހަކު ނަމަވެސް އަމީލަށް ވިސްނާ ދޭނީ އެހެނެވެ. މައްސަލަ އަކީ ކޮބާ ހެއްޔެވެ؟ އެވާހަކަ އެއޮތީ އަމީލަށް މިހާރު ވެސް ވިސްނިފަ ނޫން ހެއްޔެވެ؟ ވީ އިރު އެނގި ހުރެ، ދެނެ ހުރެ އެވަރުގެ ކަންކަން އަމީލު އެކުރަނީ ގަސްތުގައި ނޫނީ ދެން އަޅެ ކީއްވެ ހެއްޔެވެ؟

“ފައި ކައިރި ތިރީގަ ތިހުރީ ކޮން ކުންނާރު ކޮތަޅެއް؟ އޭނ….!” ކުޑަކޮށް ހުޅުވިފައިވާ ކޮތަޅަށް ބަލައިލަމުން އަމީލު ސުވާލު ކުރީ ނުރުހުން ވެފައެވެ. އޭރު އަމީލުގެ ދެލޯ ވަނީ މިންހާއާ ހަތަރު ކަޅި ހަމަވެފައެވެ.

“ކޮން ތާކުން ގެނައި އެއްޗެއްތީ؟ ކޮން ތާކުންހޭ ތި ގެނައީ؟” އަމީލު ރުޅިއައި ވަރުން މިންހާގެ ކޮލުގައި ހިފާ ބާރު ކޮށްލިއެވެ.

“އެ…އެ… ގެއަކުން… އަހަރެން ކާ ހިތް…” ބިރުން އިން ވަރުން މިންހާއަށް ބުނެވުނީ އެ ވަރަށެވެ. އެއާއި އެކު ވަގުތުން މިންހާގެ ކޮލުގައި އަމީލު ނިކަށް ބާރަށް ޖެހިއެވެ. އެ ހޫނު އިހްސާސާއި އެކު ވަގުތު މިންހާއަށް ރޮވެން ފެށިއެވެ.

“ބަލަ ކާހިތް ވިޔަސް ކަލޭ ނުޖެހެޔޭ ތަންތަނަށް ގޮސް ގެން އެއްޗިހި ހޯދާކަށް. ކަލެއަށް އިނގޭތަ އޭރުން އަނެއްކާ މުޅި ރަށަށް ތިއަޑު ފެތުރޭނެ ކަން.. މަ ބޭނުމެއް ނޫން އެހެން ވާކަށް… އިނގިއްޖެ…؟” ކައިރީގައި ހުރި ޑަސްޓްބިނަށް ކުންނާރު ކޮތަޅު ވައްޓާލުމަށް ފަހު އަމީލު ހިފީ މިންހާގެ އަތުގައެވެ.

“ކޮބާ ކަލެއަށް ގެނައި އަލަނާސިތައް؟ އެނ!… އެ ކޭންތަ؟” އަމީލު ސުވާލު ކުރީ މިންހާ ރޮއެރޮއެ ހުއްޓާ ވެސް ދެއަތުގައި ހިފައްޓައިން ހުރެއެވެ.

“އަމީ… ތިހެން ނުހަ… އަޅެ އަހަންނަށް ތަދުވެއ…” މިންހާ ދިޔައީ ސަލާމަތަށް އެދި ރޮއެ އާދޭސް ކުރަމުންނެވެ.

“އެ ކޭންހޭ؟” އަމީލުގެ ބާރު އަޑަށް މިންހާއަށް ނޫނެކޭ ބުނެ ބޯ ހޫރާލެވުނެވެ. ދެން ވެދާނެ ގޮތަކަށް ކުޑަކޮށް ވެސް މިންހާ ވިސްނައެއް ނުލައެވެ. އަމީލުގެ ކުރިމަތީ ވަގުތުން ބޯ ހޫރާލީ އަލަނާސި ނުކާ ކަމަށް އިޢުތިރާފު ވަމުންނެވެ.

“ހިނގާ… މަ ބުނާ ގޮތް ނުހެދެންޏާ ކަލޭ ހުންނަން ވާނީ މިރޭ ވާރޭގަ.” މިންހާގެ އަތުގައި ހިފާ ދަމައިގެން ގެންގޮސް ވެހެމުން ދިޔަ ބޯ ވާރެގެ ތެރެއަށް ލީއިރު އަމީލުގެ ހިތުގައި އެއްވެސް އޯގާތެރި ކަމެއް ނެތެވެ. ކުޑަ ނަމަ ވެސް ހަމްދަރުދީއެއް ނެތެވެ.

ކޮޓަރީގެ ދޮރު ކުޑަކުޑަކޮށް ހުޅުވާލައިން ހުރި ޝިޔާމަށް އެމަންޒަރު ފެނުމާއި އެކު ދަތްޕިލާ ޖައްސާ ފިއްތާލަމުން މަޑުމަޑުން ދޮރު ލެއްޕިއެވެ. ހަށިގަނޑަށް ވެރިވި ހިމޭން ކަމާއި އަލިފާން ފަދަ ގަދަ ރުޅިއާ އެކު ގޮސް، ލިޔަމް ގާތުގައި އިނދެ އޭނާއަށް ރޯން ފެށުނީ ބޭއިޚްތިޔާރުގައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ޝިޔާމާއި ލިޔަމް އަކީ އަމީލުގެ އެ މިޒާޖުގެ ކުރިމައްޗަށް އަރަން ކެރޭ ވަރަށްވުރެ ކުޑަކުޑަ ދެ ކުދިންނެވެ.

އާދައިގެ މަތިން އިރު އެރުމާއި އެކު އިނާޔާ ތެދުވެ ގޭތެރޭގެ އެކި މަސައްކަތްތައް ކުރަމުން ދިޔައެވެ. ޝަރާ ހިފާފައިވާ އެޕާޓްމަންޓެއް ނަމަވެސް އިނާގެ ހީވާގި ކަމުން އެހެން މީހަކަށް ބަރޯސާއެއް ނުވެއެވެ. އަތްމަތި އަވަސް ކަމާއެކު އިނާޔާގެ އަތުން ތައްޔާރުކުރާ ކާނާގައި ގިނަ ފަހަރަށް އައިބު ރަހައެއް ނުހުރެއެވެ. ކެއްކުމަށް އެހާވެސް ކުޅަދާނައެވެ. މަސައްކަތަށް އެހާ މުރާއްޔެވެ.

ހެނދުނު އަށެއް ޖެހީއްސުރެ ހޭލާ ހުރި ނަޝާޔާ އެއްވެސް އެއްޗެއް ނުކައެވެ. ޝަރާ ނުތެދުވާތީ އެކަން އުޒުރެއްގެ ގޮތުގައި ދައްކަމުން ކާން ނޫޅެނީއެވެ. ކިތަންމެ ވަރަކަށް ނަސޭހަތް ދީގެން ވެސް އިނާޔާއަށް އެކަން ވާގޮތެއް ނުވިއެވެ. ކާން ބުންޏަސް, ނަޝާޔާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބެއެވެ. ވެދާނެއެވެ. ނަޝާޔާ ބޭނުންވަނީ ޝަރާގެ އަތުން ލިބޭ ޚިދުމަތެވެ. އެ ލޯތްބާއި އެ ގާތްކަމެކެވެ. އެހެނަސް ކުރާނީ ކީއްހެއްޔެވެ؟ ބޮޑާ ހާކަން ނޭނގޭ ނަޝާޔާ މަޑުމަޑުން ކެތްތެރި ވެލައިން ކިތަންމެ އިރަކު އިނެވެ.

“ނަޝާޔާ!… މިހާރު ބަނޫން ވެސް ސައި ބޮއެގެންނު އެހުރީ.. ދެން ހިނގާބަލަ ސައިބޯން. މިހާރު އެއްޗެއް ނުކައި އިންދަ އެއޮއް ބާރަ ގަޑި ބައިވަނީ.” އިނާޔާއަށް އެކަން ބޮޑުވެގެން އިރުކޮޅަކާ އާދޭސް ކުރަމުން ދިޔައެވެ.

މޭޒު މަތީގައި މެންދުރުގެ ކެއުން ތައްޔާރު ކުރަމުން ދިޔަ އިރު އިނާޔާ ވިސްނަމުން ދިޔައެވެ. ޝަރާގެ އުޅުމާއި މެދުގައެވެ. ޝަރާ އާއި ނަޝާޔާގެ ގުޅުމާއި މެދުގައެވެ. ކުއްލިޔަކަށް އިނާޔާ ސިއްސައިން ދިޔައީ ނަޝާޔާއަށް ހޮޑު ލެވުނު އަޑަށެވެ. އެ އަޑު އިވުމާއި އެކު ވަގުތުން ޝަރާ ނިދާ ކޮޓަރީގެ ދޮރުގައި އިނާޔާ ޓަކި ޖަހަން ފެށިއެވެ.

“ކިހިނެއްތަ ވީ؟ އަޅެ ސޮރީ ވަރަށް ލަސްވެއްޖެ ދޯ؟” ނިދި މޫނުގައި ހުރެ ދޮރު ހުޅުވާލުމަށް ފަހު ޝަރާ ބުނެލިއެވެ.

“ބަލާބަލަ.. ޝަރާ ނާންނާތީވެ ނުކާން އިނދެ އިނދެ ނަޝާޔާ ހޮޑުލައިފި. ވާތާވީ ކަންނޭނގެ.” އިނާޔާގެ އަޑު އިވުމާއި އެކު ޝަރާ މޫނު ކުނި ކޮށްލަމުން ނަޝާޔާ ކައިރިއަށް ދިޔައެވެ. އޭރު ވިޔާމް ވެސް ކޮޓަރިން ނުކުމެއްޖެއެވެ.

“ކޮބާ ނަޝާޔާ؟… އަޅެ މަންމި ނިދާފަ އޮތަސް ވާނެ ދޯ ކާން. މިހާރު ވަރަށް ރީތި ވެއްޖެ އެއްނު. އިނާޔާ އެތަން ސާފު ނުކުރާތި. ހަމަ ނަޝާޔާ އަތުން ސާފު ކުރާނީ..” ވަރު ދެރަވެފައި އިން ނަޝާޔާއަށް ނިސްބަތްކޮށް ޝަރާ ދެއްކި ވާހަކަ ތަކުން އިނާޔާ ހައިރާންވެ ހިތްހަމަ ނުޖެހުނެވެ.

“ސާބަސް ޝަރާއަށް.. އެއީ ކުޑަކުޑަ ކުއްޖެކޭ… ހޮޑު ލެވުނީމަ މިހާރު އެމަންޖެ ގައިގަ ވަރުވެސް ނުހުންނާނެ. ޝަރާ ސާފު ނުކުރަންޏާ، އަހަރެން އެތަން ސާފު ކޮށްފާނަން.” ޝަރާގެ އަމަލުތައް ހުރި ގޮތުން ހިތްހަމަ ނުޖެހިފައި ހުރެ އިނާޔާ ވާހަކަ ދެއްކިއެވެ.

“މި ބުނީނު… މަގޭ ދަރި އަބަދު ވެސް ހަދާނެ މަ ބުނާގޮތެއް. ބަހައްޓަބަލަ. މަ ބުނިއްޔާ އޭނަ ސާފު ކުރަންޖެހޭނީ. މިގޭގަ ހުރިއްޔާ އިނާޔާ ވެސް ހަދަން ވާނީ މަ ބުނާ ގޮތް.” އެއްވެސް ބަހެއް ނުބުނެ ފަހަތުގައި ބަލަން ހުރި ވިޔާމްއާ ދިމާލަށް ބަލައިލުމަށް ފަހު ޝަރާ ގޮސް އޭނާގެ ކޮޓަރީގެ ދޮރު ލެއްޕިއެވެ.

“އާދޭ ދޫނީ.. ހިނގާ ކޮޓަރިއަށް ރީތި ވާން. ދެން ވެސް ވާނެ އިނގޭ ބަސް އަހައިން ގަޑިން ގަޑިއަށް ކާން. މަންމަ ނެތަސް އިނާޔާ ދައްތަ ހުރިއްޔާ ކާން ދޭނެއްނު.” ވިޔާމްގެ އަޑާއި އެކު މައުސޫމު ގޮތަކަށް އިނާޔާގެ މޫނަށް ބަލައިލަމުން ނަޝާޔާ ހިނގައިގަތެވެ. އެ ކުޑަކުޑަ ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ތިކިތައް އަމިއްލަ އަތުން ފުހެމުންނެވެ.

ނަޝާޔާ ފާޚާނާއިން ނުކުންނަން ދެން ކޮޓަރީގައި ވިޔާމް އިނެވެ. ނަޝާޔާ ފާޚާނާއިން ނުކުތުމާއި އެކު ވިޔާމް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ނަޝާޔާއަށް އެކަނި ހުރެ ރީތި ވުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ވިޔާމް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. އޭރު ޝަރާ އޭނާގެ ގައި މަތީގައި ރަޖާ އަޅައިން ފޯނާ ކުޅެލަ ކުޅެލާ އޮތެވެ. ހަމަ ޖެހިލައިގެން އޮތް ޝަރާގެ މޫނު މަތިން އެއް ވަރަކަށް ވެސް ހާސްކަމެއް ނުފެނެއެވެ. މީގެ ދެތިން މިނެޓް ކުރިން ހިނގާ ދިޔަ ކަންކަން ޝަރާގެ ހަނދާނުން މުޅިން ހެން ފިލާފައި ވާފަދައެވެ.

“ޝަރާ!.. ތި ދެން ބޮޑުވަރެއް.. ތިހެން ހެދީމަ ނަޝާޔާ ކިހާ ދެރަވާނެ. ކޮންމެ ގޮތެއްގަ ވިޔަސް ތީ ނަޝާޔާގެ މަންމަ. ކޮންމެސް ރަހުމެއް ހުންނަން ވާނެ ދޯ؟” ވިޔާމް ހިތްހަމަ ނުޖެހުނަސް ޝަރާގެ ކުރިމަތީ އެއްވެސް އެއްޗެއް ބާރަށް ބުނަން އަބަދުވެސް ޖެހިލުން ވެއެވެ.

“ހެވޭ ނަޝާޔާ ދެރަ ވިޔަސް. ދެރަވާނީ މި ވަގުތުކޮޅު…. އެންމެ ފަހަރަކު.. އެކަމު ފަހުން އިނގޭނެ ބޮޑު ވީމަ ތަންތަން ސާފު ކުރަން ވެސް.. މި ކިހާ ސަޅި ތަރުބިއްޔަތެއް.” ފޯނު ތިރި ކޮށްލަމުން ގޮތްދޫ ނުކުރާން ޝަރާ ބަހަނާއެއް ދެއްކިއެވެ.

ހޮޑު ލެވިފައިވާ ތަން އިނާޔާ ސާފު ކުރަމުން ދިޔައިރު އޭނާގެ ފޯނު ހިފައިން ބަނޫން އިނީ ސޯފާގައެވެ. ނަޝާޔާ މާބޮޑަށް ދެރަވެފައި ހުރުމުން ބަނޫންއާ ވާހަކަ ނުދައްކާނެ ކަމަށް ގަބޫލުކޮށް އެކޮޓަރިއަށް ނުވަނީއެވެ.

ތަން ސާފުކޮށް ނިންމާލުމަށް ފަހު މަޑުމަޑުން އިނާޔާ ހުޅުވާލީ ނަޝާޔާ ކޮޓަރީގެ ދޮރެވެ. ނަޝާޔާ ކޮބައިތޯ ބަލައިލުމުގެ މަގްސަދުގައެވެ. އިރުކޮޅެއް ވަންދެން ދޮރު ދާރައިގެ ހަނި ދޭތެރެ އިން އެތެރެ ބަލަން އިނާޔާ ހުއްޓެވެ. ނަޝާޔާގެ ހަރަކާތްތައް ފެނި އިނާޔާއަށް ހައިރާން ކަން ލިބުނެވެ. އެހެން ނަމަ ވެސް ނަޝާޔާގެ ފަރާތުން ފެނުނު އެ ޝައުގުވެރި މަންޒަރުން ބުނެދެނީ ކޮން މާނައެއް ކަން ޚުދު އިނާޔާ އަކަށް ވެސް ނޭނގުނެވެ. ވަގުތުން ދޮރު ލައްޕާލީ ކޮޓަރިން ފެނުނު ކަންތައް އަމިއްލަ ދުލަށް ވެސް ސިއްރު ކުރުމަށް އަޒުމު ކަނޑައަޅައިގެންނެވެ.

– ނުނިމެ-

ވާހަކައިގެ މި ބައިވެސް ކަމުދިޔަ ކަމަށް އުންމީދު ކުރަން.. “ހިމޭން” ގެ 5 ވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ!!!…..

 

 

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ތަޤުދީރު -14

Previews
June 29, 2026

ތަޤުދީރު -14



All Right Reserved!