Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

މި ހަމަހިމޭންކަން…ހިލަމެއް އެބަވޭ މަށަށް (22)

River Writes
River Writes Level 110 Stories100 Login
April 22, 2026 9 Mins Read
0 Comments

“ވިސްނެނީއެވެ. ސިފަވަނީއެވެ. ލޯ މަރާލިޔަސްމެއެވެ. ލޯ ހުޅުވާލިޔަސްމެއެވެ. އެ ނޫން ސޫރައެއް ނުފެންނަނީއެވެ. އެ ނޫން ސޫރައެއްގެ ތަސްވީރު ހިތުގައި ނުކުރެހެނީއެވެ…”

****

އެޕިސޯޑް 33 އަދި 34

މާހިރު އެއް ޕެރެގްރާފަކަށް ބަލަހައްޓައިގެން ހުންނަތާ މާ ގިނައިރު ވެއްޖެއެވެ. ލިޔެފައިވާ ލަފްޒުތަކުގެ މާނަ އޮޅި، ލޯކުރިމަތިން ކޮންމެ ފޮޅުވަތެއް ފުސްވާން ފެށީ އޭނާގެ ހިތް އޭނާއަށް ކެހިދެމުން ދާތީއެވެ. ކިތަންމެ ވަރަކަށް ސަމާލުކަން ދޭން އުޅުނަސް، އޭނާގެ ހިޔާލުތައް ދިޔައީ އޭނާގެ ހަނދާންތަކުގެ ތެރެއަށް ގެނބެމުންނެވެ. އެއީ ރާމިޔާގެ އަޑާއި، އެ ދެލޮލާއި، އޭނާ ހުރި ބަނިޔާދަންކަމާއި، މަޑުމައިތިރިކަމާއި، ސާބިތުކަމާއި، އޭގެ ފަހުން އޭނާ މާހިރަށް ބަލައިލި ގޮތެވެ. އެ ތޫނު ނަޒަރުގައިވީ ޖާދުވީ އަސަރުގަދަކަމެވެ. ހިތް ދަމައިގަތުމުގެ އަޖައިބުކުރުވަނިވި ބާރެވެ.

މާހިރް ގޮނޑީގައި ހަމަޖެހިލަމުން، މަޑުމަޑުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ހަގީގީ ދުނިޔެއަށް އެނބުރި އައުމަށް މަސައްކަތް ކުރަމުން އަލުން ފޮތުގެ ސަފުހާއަށް ނަޒަރު ހުއްޓާލިއެވެ. ނަމަވެސް، ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް، އޭނާގެ ހިޔާލުތައް ދިޔައީ އަތްތިލައިގައި ހިފަހައްޓައިނުލެވޭ ވެލިމުށެއް ފަދައިން ބޭރުވަމުންނެވެ. ނޭނގި ހުރެ އޭނާގެ އިނގިލިތަކުން އިސްތަށިގަނޑުގައި  މޮޑެލިއެވެ. “ތި އޮތީ އެންމެ ސަފުހާއެއްގައި ހުއްޓިފައިތަ؟” ވައިރޯޅިއަކާ އެކުވެގެން އައި ކަހަލަ މަޑުމައިތިރި އަޑެއް އޭނާގެ ކަންފަތް ކައިރިން އިވުނެވެ. އެއީ މީހަކު ވަރަށް ކައިރީގައި ހުރެ ސިއްރުން ބުނެލި ކަހަލަ އަޑެކެވެ. އޭނާއަށް އެއީ ކާކުކަން އެނގުމާއެކު، ނޭވާ ހިފަހައްޓާލެވުނެވެ.

ރާމިޔާ.

ބުއްދިއަށް ވުރެ ކުރިން އޭނާގެ ހިތް އެކަމަށް އިޖާބަދީފިއެވެ. އާދަޔާ ހިލާފަށް ހިތުގެ ތެޅުން އަވަސްވެ، ބާރުވިއެވެ. އޭނާ މަޑުމަޑުން ބޯ އަނބުރާލީ، ބަލާލާއިރަށް އެ މަންޒަރު ގެއްލިދާނެ ކަމުގެ ބިރު އޮތް ވަރުންނެވެ.

ނަމަވެސް ރާމިޔާ އެތަނުން ނުދެއެވެ. އޭނާ އެތަނުގައި ހުއްޓެވެ. އަތުގައި ކިރު ތަށްޓެއް ހިފައިގެން، އެތަނަށް ނުހަނު ފަރިތަވެފައި ހުރި ކަހަލައެވެ. ފެންތިކިތައް ނުހިކި ހުރި އިސްތަށިގަނޑު ކޮނޑުމައްޗަށް ދޫކޮށްލާފައި އޮތްއިރު، އޭނާގެ ތުންފަތްމަތީގައިވަނީ މާނަފުން ހިނިތުންވުމެކެވެ.

“ކިޔަވަންތަ ތި އުޅެނީ” އޭނާ އަހާލިއެވެ. އެ އަޑުގައި ހުރި ލާނެތް މަޑުމައިތިރިކަމުން މާހިރުގެ ހިތަށް ބަޔާންކުރަން ނޭނގޭ ފަދަ އުނދަގުލެއް ކުރެވުނެވެ. މާހިރަށް ޖަވާބެއް ނުދެވި އުޅެނިކޮށް، އޭނާ މާހިރުގެ ކައިރިއަށް ޖެހިލިއެވެ.

އޭނާގެ އިނގިލިތަކުން މާހިރުގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އެ ބީހިލުމަކީ ވަރަށް އާދައިގެ ކަމެއްހެން ހީވިޔަސް، އެކަމުގެ ސަބަބުން މާހިރުގެ މުޅި ހަށިގަނޑަށް ކަރަންޓު އައި ކަހަލަ އިހުސާސެއް ކުރެވުނެވެ.

“ކިޔެވޭތޯ މި މަސައްކަތްކުރަނީ… އެކަމަކު އަހަރެންގެ ސިކުނޑިއަކު މިވަގުތަކު ނެތް ކިޔަވުމަށް ސަމާލުކަންދޭނެހާ ޖާގައެއް..” މާހިރު ބުނެލިއެވެ. ނަމަވެސް އޭނާގެ އަޑުގައި ހުރި ތުރުތުރުން އޭނާގެ މުޅި ސަމާލުކަން މިހާރު ހުރީ ރާމިޔާއަށްކަން ހާމަވެއެވެ. ރާމިޔާ މާހިރްގެ ކޮނޑުގައި އަތް ބާއްވާލާފައިއޮތްއިރު އެ އަތުގެ ހޫނުކަމާއި، އޭނާގެ ގައިން ދުވާ މީރުވަހުން މާހިރުގެ ބުއްދި ގޯސްވާން ފެށިއެވެ. އާވާރާވެ ޖަޒުބާތުގައިޖެހެން ފެށިއެވެ.

ރާމިޔާ މާހިރްގެ ކައިރިއަށް ގުދުވެލިއެވެ. އެވަގުތު އެހެން ހުރިހާ ކަމެއް ދުނިޔެއިން ފޮހެވިގެން ދިޔަ ކަހަލައެވެ. “ހޫމް… އަހަރެންނަށްވެސް އެބަ ހީވެޔޭ މާހިރް އެހެން ކަމަކާ އެބަ ބޯ ގާނާހެން.. ތި ހިތުގައިވާ ރާގު އަހަރެންނަށްވެސް އިއްވާލަދީބަލަ… އަހަރެން ކައިރީ ބުނީމަ ދޯ އެނގޭނީ..” ރާމިޔާ މާހިރްގެ ކަންފަތްކައިރީގައި މަޑުމަޑުން ސިއްރުސިއްރުން ބުނެލިއެވެ. އޭނާގެ އިނގިލިތަކުން އަނެއްކާވެސް މާހިރުގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.

މާހިރުގެ ކަރު ބެދޭ ގޮތްވިއެވެ. އެ ސުވާލުގެ ޖަވާބު އޭނާގެ ހިތުގައި އޮތީ ނުހަނު ބަރުކޮށް، އިންކާރު ނުކުރެވޭ ފަދަ ގޮތަކަށެވެ. ނަމަވެސް އެ ބަސްތައް ދުލުން ބޭރުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

އެއީ ހަމަ ‘ކަލާ’ އެވެ.

އެ ބަސް މާހިރްގެ ދުލުން ބޭރުވުމާއެކު ރާމިޔާ އޭނާގެ އިނގިލި ގެނެސް މާހިރްގެ ތުންފަތުގައި ޖައްސާލިއެވެ. “ޝްޝްހ”

“މާހިރް، ކޮން އިރަކުންތަ އަހަންނަށް ވަގުތު ދޭނީ؟” ރާމިޔާ މަޑުމަޑުން އަހާލިއެވެ. މިފަހަރު އޭނާ އެ ބުނި ގޮތުގައި ތަފާތު ގޮތެއް ހުއްޓެވެ. އެއީ ހަމައެކަނި ސުވާލެއް ނޫނެވެ. އެ ސުވާލު މާހިރުގެ ހިތުގެ އެންމެ ފުނަށް ފޭދިގެން ދިޔައެވެ.

ހިނދުކޮޅަކަށް ނަމަވެސް، މާހިރް އެ ބަލިކަށި ވަހުމުގެ ތެރެއަށް ގެނބިގެންދިޔައެވެ. އެއީ އޭނާގެ ކުރިމަތީގައި ރާމިޔާ ހުރިހެން ހީވި، އެ އަތުގެ ބީހުމަކީ ހަގީގަތެއް ކަމަށް ގަބޫލުކުރެވުނު ވަގުތެކެވެ. ހިޔާލާއި ހަގީގަތުގެ ދެމެދުގައިވާ ފަރަގު ކުޑަވެ، ނުރައްކާތެރި މިންވަރަކަށް އެއީ ތެދެއްކަމަށް އޭނާއަށް ގަބޫލުކުރެވުނެވެ.

“އަހަރެން…”

އެ ބަސް ދުލުން ބޭރުވުމުގެ ކުރިން، އެ ހުރިހާ ކަމެއް ފުނޑުފުނޑުވެގެން ދިޔައެވެ. ވަށައިގެންވާ މާހައުލު ބަދަލުވެ، އެހުރި ހޫނުކަން ފިލައިގެން ދިޔައެވެ. އަދި އޭނާ އަނބުރާ ބަލާލިއިރު، ކައިރީގައި އެއްވެސް މީހަކު ނެތެވެ. ކިރުތަށިވެސް ފެންނާކަށް ނެތެވެ. އެ އޯގާތެރި އިހުސާސްތަކުގެ ބަދަލުގައި، އޭނާގެ ވަށައިގެންވީ މަރުހިމޭންކަމެވެ. އެ ހިމޭންކަން އޭނާގެ ނޭވާ ހާސްކުރުވާ ފަދަ ބަރުދަނެއްގެ ގޮތުގައި އިހުސާސް ކުރެވުނެވެ.

އިހުތިޔާރުން ބޭރުގައި އޭނާގެ އަތް ބޮލުގެ އިސްތަށިގަނޑާ ދިމާލަށް ގެންދެވުނެވެ. މީގެ މަދު ސިކުންތުކޮޅެއް ކުރިން ރާމިޔާގެ އަތުގެ ބީހުން އިހުސާސްވި ދިމާލުގައި އޭނާގެ އިނގިލިތައް ޖައްސާލިއެވެ. ރާމިޔާ ނެތްކަން އިހުސާސްވުމުން، ހިތްނުތަނަވަސްވެ، އޭނާގެ މޭގެ ތެޅުން އަވަސްވާން ފެށިއެވެ. އެ ޙިޔާލީ ދުނިޔެއަށް އަލުން އަނބުރާ ދާން ބޭނުންވިއެވެ.

އޭނާ ފަހަތަށް ލެނގިލަމުން މޫނުގައި އަތް ހާކާލިއެވެ. ގަބޫލުކުރަން ދަތިވެފައިވާ ހާލު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ސަބަބަކީ މިއީ މިހާރު ހަމައެކަނި ސިކުންތުކޮޅެއްގެ ހިޔާލެއް ނޫނެވެ. މިއީ އޭނާގެ ހިތުގެ ފުންމިނަށް ވަދެ، ކޮންޓްރޯލުން ނެއްޓެން ފަށާފައިވާ ކަމެކެވެ. ހަގީގަތުގައިވެސް މާހިރަށް ރާމިޔާދެކެ ލޯބިވެވިއްޖެއެވެ. އެ ލޯބި ވެވުނީ ފުރަތަމަ ނަޒަރުންނެވެ. އެ ހިތް ލެނބުނީ އެންމެ ފުރަތަމަ ފެނިލި ފެނިލުމުންނެވެ. އެ ދެ ހިތް ގުޅޭނެބާއެވެ. މާހިރް އަނެއްކާވެސް ޙިޔާލީ ދުނިޔެއަކަށް ޣަރަގުވާންފެށިހެން ހީވިއެވެ. އެކަމަކު މާހިރް ބޭނުންވީ އޭނާގެ ނަފްސު މަތަކުރާށެވެ. ކައިރީގައި ހުރި ފެންތަށިން ފެންފޮދެއް ނަގާފައި މޫނަށް ބުރުވާލީ އެ ޙިޔާލުތަކުން މިންޖުވެވޭތޯއެވެ.

“އަހަރެންނަށް އިޝްޤީ ބަލި ޖެހެނީ ބާ…” އޭނާ މަޑުމަޑުން އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ. އެހެން ބުނި ނަމަވެސް، އޭނާގެ ނަޒަރު އަދިވެސް ހުއްޓިފައި ހުރީ ކޮޓަރީގެ ދޮރާ ދިމާލަށެވެ. ހަގީގަތުގައިވެސް އެކަނބަލޭގެ ފެނިދާނެ ކަމަށް އޭނާގެ ހިތުގެ ކޮންމެވެސް ކަނެއްގައި އަދިވެސް އުއްމީދު އޮތް ކަހަލައެވެ.

****

ރާމިޔާގެ ހަށިގަނޑުގައި ފިނިފެންތިކިތައް ބީހެމުން ދިޔައިރު، އޭނާއަށް އެ ފިނިކަމުގެ އިހުސާސެއް ނުކުރެވެއެވެ. އޭނާގެ ސިކުންތަކަށްފަހު ސިކުންތެއް ފާއިތުވަމުން ދިޔައީ އެއް ހިޔާލެއްގައި ބަންދުވެފައިވާ ހާލުގައެވެ. ކިތަންމެ ވަރަކަށް އެ ހިޔާލުތަކާ ދުރުވާން އުޅުނަސް، އޭނާގެ ސިކުނޑި އެކަމަށް ތަނެއް ނުދިނެވެ.

އޭނާ އިސްއުފުލާލައި ލޯ މަރާލުމުންވެސް، އޭނާއަށް ސިފަވަނީ ކްލާސްރޫމްގައި އެ ޒުވާނާ ހުރި ގޮތެވެ. އެންމެން ހަނު ތިބި ވަގުތު، އެއްވެސް ޖެހިލުމެއް ނެތި އޭނާގެ ދިފާއުގައި ވާހަކަދެއްކި ގޮތެވެ. އެ މަންޒަރުތައް އޭނާގެ ސިކުނޑީގައި ތަކުރާރުވަމުން ދިޔަވަރަކަށް، ހިތަށް ބުނެދޭން ނޭނގޭ ފަދަ އަސަރުތަކެއް ކުރަމުން ދިޔައެވެ. މީގެ ކުރިން އެއްވެސް މީހަކު އޭނާއަށް އެފަދަ އަޅާލުމެއް ދީފައެއް ނުވެއެވެ. އެފަދަ ހިމާޔަތެއް މީހެއްގެ ފުށުން ލިބިފައިނުވެއެވެ. އޭނާއަކީވެސް މުހިންމު މީހެއްކަން އިހުސާސްކޮށްދީ، ނިންމުންތައް ނިންމުމުގައި އެކަނިވެރި ނުކުރީ ހަމައެކަނި އެ ޒުވާނާއެވެ.

“މިކަމާ އަހަރެން މިހާ ބޮޑަށް މި ވިސްނަނީ ކީއްވެބާ؟” އޭނާ މަޑުމަޑުން ބުނެލިއެވެ. އެހެންނަމަވެސް އެ ސުވާލުގެ ހަގީގީ ޖަވާބު ހޯދަން އޭނާ އަދި ތައްޔާރެއް ނޫނެވެ. ފެންވަރައިގެން ނުކުމެ، އިސްތަށިގަނޑުވެސް ރަނގަޅަށް ނުހިއްކައި އޭނާ އަވަސްވެގަތީ އެހެން ކަމަކަށެވެ. އެނދުގައި އިށީނދެ ފޯނު ހުޅުވާލުމަށްފަހު، ކޮންމެވެސް ވަރެއްގެ ޖެހިލުންވުމަކާއެކު ފޭސްބުކް އިން އެ ޒުވާނާގެ ނަން ޖަހައި ހޯދާލިއެވެ. އެ ޒުވާނާއަކީ އިތުރު އެހެން މީހެއް ނޫނެވެ. އެއީ މާހިރެވެ.

އޭނާގެ ހިތުގެ ތެޅުން ކޮންމެވެސް ވަރަކަށް އަވަސްވެލިއެވެ. އެއީ ކީއްވެގެން ކަމެއް ޚުދު އޭނާއަށްވެސް ބުނެދޭކަށް ނޭނގެއެވެ. ވަރަށް ފަރުވާތެރިކަމާއެކު އޭނާ ހޯދަމުން ދިޔައީ މާހިރް ފެނިދާނެ ކަމުގެ ކޮންމެވެސް ނިޝާނެއް ނުވަތަ މައުލޫމާތެއް ލިބޭތޯއެވެ. ނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. މާހިރްގެ އެއްވެސް ފޭސްބުކް އެކައުންޓެއް ނުފެނުނެވެ. އިންސްޓަގުރާމަކުވެސް ފެންނާކަށް ނެތެވެ.

ނިތްކުރިއަށް ރޫއަރުވައިލަމުން، އޭނާ އަލުން މަސައްކަތް ފެށިއެވެ. ނަން ލިޔެފައިވާ ގޮތް ބަދަލުކޮށް، ދަންނަ މީހުންގެ ތެރެއިންވެސް ހޯދޭތޯ ބެލިއެވެ. އަދި އުންމީދު ކުރި ވަރަށްވުރެ މާ ގިނަ ވަގުތު މިކަމުގައި ހޭދަކުރިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. އޭގެ ސަބަބުން އޭނާގެ ހިތުގައި ނުތަނަވަސްކަމެއް އުފެދުނެވެ. “މިކަމާ އަހަރެން މިހާ ބޮޑަށް މި އުޅެނީ ކީއްވެބާ؟” މަޑުމަޑުން އޭނާއަށް އަނެއްކާވެސް ބުނެލެވުނެވެ. އެ ސުވާލުގެ ޖަވާބު އޭނާގެ އަމަލުތަކުން މިހާރުވެސް އޮތީ ފެންނާށެވެ.

އުންމީދު ކަނޑާލަން އުޅެނިކޮށް، ފޯނަށް އައި ނޮޓިފިކޭޝަނަކާއެކު އޭނާގެ ސަމާލުކަން އަލުން އެއަށް ހުއްޓުނެވެ. އެއީ އެމީހުންގެ ކްލާހުގެ ވަޓްސްއެޕް ގްރޫޕެކެވެ. އޭނާ ވަރަށް ފަރުވާތެރިކަމާއެކު ގްރޫޕްގައި ތިބި މީހުންގެ ނަންތައް ބަލަމުން ދަނިކޮށް، އެންމެ ފަހުން މާހިރްގެ ނަން ފެނިއްޖެއެވެ. އެވަގުތު އޭނާގެ ހިތަށް ބަޔާންކުރަން ނޭނގޭ ފަދަ ލުއިކަމެއް ލިބިގެންދިޔައެވެ. އަދި ކުއްލިއަކަށް އޭނާގެ ސިކުނޑިއަށް އައީ އަމިއްލަ ނަފްސުވެސް ސިއްސައިގެންދާ ފަދަ ޚިޔާލެކެވެ.

މާ ބޮޑު ވިސްނުމަކާ ނުލައި، ރާމިޔާ އޭނާގެ ފޯނުގައި އޮތް ދެވަނަ ނަންބަރު ބޭނުންކޮށްގެން މާހިރަށް ގުޅަން ތައްޔާރުވިއެވެ. ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. އެއީ އެކަން ހުއްޓާލުމަށް އަމިއްލަ ނަފްސަށް ދިން ފަހު ފުރުސަތު ކަހަލައެވެ. ނަމަވެސް އޭނާ އެކަމެއް ނުހުއްޓުވިއެވެ. ފޯނު ރިންގުވާން ފެށުމުން، ކޮންމެ ސިކުންތެއްވެސް ހީވީ ވަރަށް ދިގު އިންތިޒާރެއް ހެންނެވެ. ހާސްކަމާއި ފޯރި އެއްވަގުތެއްގައި އިހުސާސް ކުރެވެމުން ދިޔައިރު، އޭނާގެ ހިތުގެ ތެޅުން ދިޔައީ ބާރުވަމުންނެވެ.

އެވަގުތު އެކޮޅުން މާހިރް ފޯނު ނެގިއެވެ. “ހެލޯ؟”

އެއީ ހަމަ މާހިރްގެ އަޑެވެ. އެ އަޑުގައި ވަނީ މަޑުމައިތިރިކަމާއި ކޮންމެވެސް ވަރެއްގެ ހައިރާންކަމެކެވެ. އެއަޑު އިވުމުން ރާމިޔާއަށް އޭނާގެ ނޭވާ ކުޑަކޮށް ހިފަހައްޓާލެވުނެވެ. ނަމަވެސް ހިތްވަރުކޮށްފައި، އަޑަށް ބަދަލު ގެންނަމުން، ވަރަށް މަޑުމައިތިރިކަމާއެކު ވާހަކަ ދައްކަން ފެށިއެވެ. “ހައި… މިއީ މާހިރުތަ؟”

ކުޑަވަގުތުކޮޅެއްގެ ހިމޭންކަމަށްފަހު، “އާނ… ތިއީ ކާކު؟” އޭނާ ސުވާލު ކުރިއެވެ.

ރާމިޔާ އެނދުގައި ލެނގިލައިގެން އިނދެ، އިނގިލިން އިސްތަށިގަނޑާ ކުޅެމުން ދިޔައީ ހިނިތުންވުމަކާއެކުއެވެ. މިކަމުގެ ސަބަބުން އޭނާއަށް ކުރިން އުންމީދު ނުކުރާ ފަދަ އުފާވެރިކަމެއް އިހުސާސް ކުރެވެމުން ދިޔައެވެ. “މިއީ މިއަދު ތިބާ ފާހަގަވި މީހެއް،” އޭނާ ވަރަށް ޝައުގުވެރިކަމާއެކު ބުނެލިއެވެ. “މިއަދު ތިބާ ފެނުނީ ވަރަށް ތަފާތުކޮށް.”

އަލުން ހިމޭންކަން ވެރިވިއެވެ. “ތިބުނީ ކީކޭ؟” މާހިރު ސުވާލު ކުރިއެވެ. އޭނާގެ އަޑުގައި މިހާރު ހުރީ ކޮންމެވެސް ވަރެއްގެ ޝައްކެކެވެ.

“މިއަދު އެންމެން ހަނު ތިއްބާ، ތިބާ ތެދުވެ އަހަރެންގެ ހައްގުގަ، އަހަރެންގެ ދިފާއުގަ ވާހަކަ ދެއްކި. އެހެން މީހުންނާ މާ ތަފާތު،” އޭނާ ކިޔައިދިނެވެ.

ދެމެދަށް ވެރިވި ހިމޭންކަން މިފަހަރު މާ ބޮޑެވެ. އޭނާއަށް މިކުރެވޭ ކަންތަކުގެ ބޮޑުކަން އިހުސާސްވާން ފެށިއެވެ. “ހީވަނީ ނަންބަރު އޮޅުނީހެން،” މާހިރު އެންމެ ފަހުން ބުންޏެވެ. ނަމަވެސް އޭނާގެ އަޑުގައި ވަނީ ޔަގީންކަމެއް ނެތް ގޮތެކެވެ.

“ނޫން، ނަންބަރު އޮޅުނީކީ ނޫން،” ރާމިޔާގެ އަޑުގައި މިހާރު ހުރީ ސާބިތުކަމެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވެފައިވީ ނަމަވެސް، މަޑުމައިތިރިކަމާއެކު ބުންޏެވެ. “އަހަރެން ހަމައެކަނި ބުނެލަން ބޭނުންވީ… އަހަރެންނަށް ތިބާ ވަރަށް ކަމުދެޔޭ.”

އެ ބަސްތައް ޖައްވުގެ ތެރޭގައި ހަރުލާފައި ހުރި ކަހަލައެވެ. އެއީ މާބޮޑަށްވެސް ހަގީގަތާ ގާތް، ބޭޒާރުވެފައިވާ ބަސްތަކެކެވެ.

ހިނދުކޮޅަކަށް ނަމަވެސް، މިއީ ހަގީގަތެއް ނޫންކަން އޭނާ ހަނދާން ނެތުނެވެ. އެހެނީ، ފޯނުގެ އަނެއްކޮޅުން އިވުނު ހަމަހިމޭންކަމުގެ ތެރޭގައި ކޮންމެވެސް ނާޒުކު ކަމެއް ފޮރުވިފައިވާ ކަހަލައެވެ. އެއީ އެންމެ ޖަވާބަކުން މުޅި މަންޒަރު ބަދަލުކޮށްލާފާނެ ފަދަ ނާޒުކު ވަގުތުކޮޅެކެވެ.

“ތީ ކާކު؟” ކުރިއަށްވުރެ މަޑުމައިތިރި އަޑަކުން މާހިރް އަނެއްކާވެސް އެހިއެވެ. އޭނާގެ އަޑުގައި ހުރި ގޮތަކުން، ރާމިޔާގެ ހިތް ނުތަނަވަސްކަމާއެކު ތަޅުވައިގަތެވެ. ރާމިޔާ އެއީ ރާމިޔާކަން މާހިރަށް އަދި އަންގާކަށް ބޭނުމެއްނޫނެވެ.

ރާމިޔާ އުނދަގޫ ގޮތަކަށް ހިންދިރުވާލާފައި އޭނާގެ ކަރުތެރެ ހިއްކާލިއެވެ. އަދި އެއްވެސް އަމާޒެއް ނެތި ދުރު ބަލަހައްޓައިގެން ހުރެ، މަޑުމަޑުން ބުންޏެވެ. “އެއީ މުހިންމު ކަމެއްތަ..؟ އަހަރެންގެ ޝަހުސު ކޮންމެހެން އެނގުން މަޖުބޫރުތަ؟” މިފަހަރު އޭނާގެ އަޑުގައި ސަމާސާގެ އެއްވެސް އަސަރެއް ނެތެވެ.

****

ހަވީރު ފިންޏަށް ގޮނޑުދޮށުގައި އިން ޖޫލީގެ އިނގިލިތަކަށް އަތިރިމަތީގެ ދޮންވެލިގަނޑުގެ މަޑުކަން އިހުސާސްވަމުން ދިޔައެވެ. ދެކަކޫ ގައިގާ ޖައްސާލައިގެން އިންއިރު، އޭނާގެ ނަޒަރު ހުރީ އުދަރެހަށެވެ. އުޑުމަތީގެ ރަންދަޅަތަކާއި ޖައްވަށް ފެތުރިފައިއޮތް އޮރެންޖާއި ރީނދޫ ކުލަތައް ގުޅިލާމެހިފައިވީ ނަމަވެސް، އެ ރީތިކަމުން އޭނާގެ ހިތަށް އެއްވެސް އުފާވެރިކަމެއް ނުލިބެއެވެ. ހީވަނީ އޭނާގެ ހިތުގެ ނުތަނަވަސްކަން އެ ރީތި ކުލަތަކަށްވުރެ ގަދަވެފައިވާ ހެންނެވެ.

ޒުނާމަށް އެކަން ވަގުތުން ފާހަގަކުރެވުނެވެ. އޭނާ ކިތަންމެ ވަރަކަށް ސިއްރުކުރަން އުޅުނަސް ޒުނާމަށް އަބަދުވެސް އެކަން އެނގެއެވެ. މޫދުގެ ރާޅުފެންފަށަށް ވުރެ ދެތިން ފިޔަވަޅު ދުރުން، މޫދުގެ ތިލަ ފެންގަނޑުގެ ތެރެއަށް ފިޔަވަޅު އަޅަމުން ޒުނާމު ބުންޏެވެ. “އަނެއްކާވެސް ތި ސަކަރާތްވަނީއޭ…. ދުނިޔެ ނިމެނީއޭ ހިތާ މާ ބޮޑަށް ވިސްނަނީ  ތި… އިޓްސް ޖަސްޓް އަ ބޭޑް ޑޭ ބޭބް… ނޮޓް އަ ބޭޑް ލައިފް… ލައިފްގަ އަންނަ ކޮންމެ ދުވަހެއް ނުވާނެ އެހާ އުފާވެރި ދުވަހަކަށް… ކޮންމެ މީހަކަށްވެސް ލައިފްގަ އެކި ކަހަލަ ކަންކަން ދިމާވަމުންދާނީ.. އެއީ މާތްﷲ އަހަރެމެން އިމްތިހާނުކުރައްވަވާ ގޮތް… ދިމާވާ ހިތާމަތަކުގަ ކެތްކޮށްފަ މާތްﷲއަށް ވަކީލުކޮށްލީމަ އެ ނިމުނީ… ޖޫ ތިގޮތަށް މާޔޫސްވެ ދުނިޔެ މަތިން ފޫހިވެފަ އިނީމަ އަހަރެންގެ ހިތަށް ވަރަށް އަސަރުކުރޭ… އަހަރެންގެ ހިތްމަރުވޭ…” ޒުނާމްވެސް މާޔޫސްވެފައިވާ ހާލު ޖޫލީގެ އުދާސްކަމަށް ކުޑަނަމަވެސް ލުޔެއް ގެނެސްދެވޭތޯ މަސައްކަތްކުރިއެވެ.

ޖޫލީ އިނީ ޒުނާމް ދެމުންދިޔަ ނަސޭހަތް ކަނުލާ އަޑުއަހާށެވެ. ޒުނާމް ދެއްކީ މުޅިންވެސް ރަނގަޅު ވާހަކަކަން ޖޫލީއަށް ވިސްނެއެވެ. އެހެނަސް އޭނާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، ވެލިގަނޑުގައި އިނގިލިން ކުރަހަން އިނދެ ބޯ ހޫރުވާލިއެވެ. އަދިވެސް ޖޫލީގެ ހިތުގެ ބަރުކަމަކަށް އެއްވެސް ބަދަލެއް ނައެވެ. އެއްޗެއް ބުނަން އުޅެނިކޮށް، ކުއްލިއަކަށް އޭނާގެ އަތަށް ފިނި ފެންފޮދެއް ބޭރުވިއެވެ. އޭނާ ސިހިފައި ޒުނާމާ ދިމާލަށް ބަލާލީ ކުޑަކޮށް މޫނު ހަދާލަމުންނެވެ.

“ޒުނާމް، ތިއީ ކޮން ކަމެއް؟” ކުޑަކޮށް ރުޅި އައިސްފައި ހުރެ އޭނާ ބުންޏެވެ. “ތި އުޅެނީ ހަމަ ކުޑަކުއްޖެއްހެން.”

ޒުނާމު އެއްވެސް ފަރުވާލެއް ނެތި ހިނިތުންވެލަމުން، އަނެއްކާވެސް ފެންފޮދެއް އޭނާގެ ގަޔަށް ޖެހިއެވެ. “މިއީ ތެރަޕީއެއް ކަމަށް ބަލާބަލަ،” ވަރަށް އާދައިގެ ގޮތަކަށް ޒުނާމު ޖަވާބުދިނެވެ.

ޖޫލީ ރުޅި އަންނަން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޒުނާމުގެ އެ ސަމާސާ އަމަލުގެ ސަބަބުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

“ތި އަތް އަދި ރަނގަޅެއްވެސް ނުވެއެއްނު،” އޭނާގެ އަޑުގައިވާ އޯގާތެރިކަން ފޮރުވަން މަސައްކަތް ކުރަމުން ބުންޏެވެ. “ޑޮކްޓަރު ބުނީ އަރާމުކުރާށޭ، މިކަހަލަ ކަންތައް ކުރާކަށް ނޫން.” އެކަމަކު ޒުނާމު އެ އަޑެއް ނޭހިއެވެ. އޭނާއަކީ ދުވަހަކުވެސް އެހެން މީހުން ބުނާ ގޮތް ހަދާ މީހެއް ނޫނެވެ.

އިތުރު ފެންފޮދެއް އަމާޒުވުމާއެކު، ޖޫލީއަށް ހިފަހައްޓައެއް ނުލެވުނެވެ. ބާރަށް ހިނިގަނޑެއް ޖަހާލެވުނެވެ. ޒުނާމު އޭނާ ދެރަވެފައި އިންނަން ފުރުސަތު ނުދިނުމުން، އިތުރަށް މަޑުން ހުންނަން އުނދަގޫވިއެވެ.

“ދެން އޯކޭ،” ތެދުވަމުން އޭނާ ބުންޏެވެ. “ދެން ޝަކުވާ ނުކުރާތި.” މިހެން ބުނެ ދުވެފައިއަސް އޭނާ ޒުނާމު ކޮށްޕާލިއެވެ.

އެކަން ހިނގީ ދެމީހުންނަށްވެސް ރޭކާލުމަށްވުރެ މާ އަވަހަށެވެ. ޒުނާމުގެ ބެލެންސް ކަޓައިގެން ފަހަތަށް ވެއްޓުނު ވަގުތު، އޭނާ ޖޫލީގެ އަތުގައި ހިފާ ދަމައިގަތެވެ. މުޅި މަންޒަރު ބަދަލުވެގެން ދިޔަ ކަހަލައެވެ. ދެމީހުން މޫދުގެ ލޮނުގަނޑުގެ ތެރެއަށް ވެއްޓި، ފެންގަނޑު ބުރައިގެން ދިޔަ ވަގުތު، ޖޫލީއަށް އޮވެވުނީ ޒުނާމްގެ މޭމަތީގައެވެ. ދެމީހުންގެ މޫނާއި މޫނުވަނީ ޖެހިފައެވެ. ޖޫލީއަށް ޒުނާމްގެ ދެލޮލުގެ ކަޅިން ޖޫލީގެ ތަސްވީރު ފެންނަމުންދިޔައެވެ. އެވަގުތު އެކަކު އަނެކަކަށް ދެމީހުންގެ ހޫނުނޭވާ ވެސް އިހުސާސްވަމުންދިޔައެވެ.

“މީހަކަށް ފެނިދާނެ،” މަޑުމަޑުން ޖޫލީ ބުންޏެވެ. އޭނާގެ އަޑުގައި މިހާރު ހުރީ އޯގާތެރިކަމެވެ.

“މިތަނަކަށް އެކަކުވެސް ނާންނާނެ،” ޒުނާމް ބޯ ހިއްލާލާފައި ދެކޮޅަށް ބަލައިލުމަށްފަހު، އޭނާގެ ތޫނު ނަޒަރު ޖޫލީގެ މޫނަށް ހުއްޓާލަމުން މަޑުމަޑުން ބުނެލިއެވެ. ޒުނާމް ބަލަހައްޓައިގެން އޮތް ގޮތުން ޖޫލީގެ ހިތް ނުތަނަވަސްވެ، މޭ ފިތޭގޮތްވިއެވެ. “ރަށުގެ މި ފަރާތު ބީޗަކަށް މީހުންނެއް ނާންނާނެ.”

ދެމީހުންގެ ދެމެދަށް ފުން ހަމަހިމޭންކަމެއް ވެރިވިއެވެ. އިވެމުންދިޔައީ ހަމައެކަނި ރާޅުޖަހާ އަޑާއި، ޖޫލީގެ އަވަސްވެފައިވާ ނޭވާގެ އަޑެވެ. ކުއްލިއަކަށް އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ، ދެލޮލުން ސީރިއަސްކަމާއި މާޔޫސްކަން ފާޅުވާން ފެށިއެވެ.

“ޖޫލީ،” ކުރިއަށްވުރެ މަޑު އަޑަކުން އޭނާ ބުންޏެވެ. “އަހަރެން މިތާ ނެތްނަމަ… އަހަރެންގެ މަގާމުގަ އެހެން ފިރިހެނަކު ހުރިނަމަ އެމީހަކު އިޚްތިޔާރު ކުރާނަންތަ؟”

މި ސުވާލުން ޖޫލީއަށް ސިހުމެއް ލިބުނެވެ. ނަމަވެސް، އެ ސުވާލުގެ ފުންމިނާ މެދު ވިސްނުމުގެ ބަދަލުގައި، ސަމާސާވެރި ހިނިތުންވުމަކާއެކު އޭނާ އެކަން ފަސޭހަކޮށްލިއެވެ. ޒުނާމް ގާތުގައި އެފަދަ ސުވާލުތައް ތަކުރާރުނުކުރުމަށް ބުނެވުނު އަދަދެއްވެސް ޖޫލީއަކަށް ނޭނގެއެވެ.

“ފަހަރުގައި،” ކޮނޑު އަރުވާލަމުން ޖޫލީ ބުންޏެވެ. ޒުނާމް އަމަލުކުރާގޮތެއް ބަލާށެވެ. އޭނާ ކަންތައްކުރާގޮތެއް “އަބަދު އެއްތަނެއްގައި ތާށިވެފައެއް ނުހުރެވޭނެއެއްނު.”

އެއާއެކު ޒުނާމްގެ މޫނު މަތީގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. އޭނާގެ ލޮލުގައި ހުރި އޯގާތެރިކަން ކުއްލިއަކަށް ފިލައިގޮސް، ނުރައްކާތެރި ކުލަވަރެއް ފާޅުވިއެވެ. ޖޫލީއަށް އެކަން ވިސްނައިގަނެވުނީ މާ ލަސްވި ފަހުންނެވެ.

ޒުނާމްގެ އޭނާގެ އަތް ހަރަކާތްކޮށްލިއެވެ. ޖޫލީއަށް އެއްޗެއް ވިސްނުމުގެ ކުރިންނެވެ. ކަންތައް މިވަނީ ކިހިނެއްކަން ދެނެގަނެވުމުގެވެސް ކުރިންނެވެ.

ޒުނާމް އެއްވެސް ރަހުމެއްނެތި ޖޫލީގެ އިސްތަށިގަނޑުގައި ހިފާފައި ޖޫލީގެ މޫނު ލޮނުގަނޑުގެ އަޑިއަށް ގަންބާލިއެވެ. ފިނިވެފައި ނޭވާ ހާސްވާފަދަ ގޮތަކަށް، ފެންގަނޑު ޖޫލީގެ މޫނު ފޮރުވާލިއެވެ. ނޭވާ ނުލެވިގެން ހަށިގަނޑު ތެޅިފޮޅެއް ފެށިއެވެ. ސަލާމަތްވާން ޖޫލީގެ އަތުން މަސައްކަތް ކުރަމުން ދިޔައިރު، ފުއްޕާމޭގައި ރިއްސައި، ނޭވާއަކަށް އެދި މުޅި ސިކުނޑި ގޮވަމުން ދިޔައެވެ. އެންމެ ނޭވާއަކަށްއެދި ޖޫލީގެ ހުރިހާ ގުނަވަނެއް ރޮއެ އާދޭސްކުރަމުންދިޔައެވެ.

ކެތްނުކުރެވޭ ފަދަ ސިކުންތުކޮޅަކަށްފަހު އޭނާ ދޫކޮށްލުމުން، ޖޫލީ އަވަސް އަވަހަށް މައްޗަށް އަރައި، ބާރަށް ނޭވާލާން މަސައްކަތް ކުރިއެވެ. ބިރުން ގޮސް މުޅި ހަށިގަނޑު ތުރުތުރުލަމުން ދިޔައެވެ. ޖޫލީގެ ދެލޯވެސް ރަތްކަމުން ހީވަނީ އަނގުރުއަލިފާންހެންނެވެ.

“ވަޓް ދަ ހެލް ޒުނާމް!! ކީއް ތިކުރީ؟؟ އަހަރެން މަރާލަންތަ ތި އުޅުނީ؟؟” ހިތް ބާރަށް ތެޅެމުންދިޔަ ހާލު، ޖޫލީ ރޮމުން ރޮމުން އުނދަގުލާއެކު ހަޅޭއްލަވައިގަތެވެ.

އެހެނަސް ޒުނާމްގެ ދުލުން އެ ސުވާލަށް އެއްވެސް ޖަވާބެއް ބޭރެއްނުވިއެވެ. ޒުނާމް ހަނުހުރުމުން ޖޫލި އިތުރަށް ރުޅިއައެވެ. ކުއްލިއަކަށް ޒުނާމް ކޮށްފަ ނުކޮށްފާނެ ކަމެއް ނޭނގެއޭ ހިތަށްއަރާފައި ޖޫލީގެ ސިކުނޑިސުމަކަށް ދިޔައެވެ. ބިރުން ފިއްކަނޑައިގެންދިޔައެވެ.

ޒުނާމް ހަމައެކަނި ޖޫލީގެ މޫނަށް ބަލަހައްޓައިގެން ހުރީއެވެ. އެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. އޭނާ ކުރިކަންތަކުގެ އެއްވެސް ހިތާމައެއް މާޔޫސްކަމެއް އެ މޫނުން ފެންނާކަށްނެތެވެ.

ގަންނާކުރެއްވި ބިރުން، ފުރާނައިގެ ސަލާމަތަށްޓަކައި ޖޫލީ ގައިގައި ހުރި ބާރެއްލާފައި ދުއްވައިގަތެވެ. ފަހަތަށް ޒުނާމް ކޮށްޕާލަމުންނެވެ. އެވަގުތު އިރުވެސްގޮސް އުދަރެހަށް އޮއްސުނެވެ. އަނދިރިވެސް ވާންފަށައިފިއެވެ.

ޖޫލީ ވިސްނުމުގެ ކުރިން އޭނާގެ ފައި ހަރަކާތްކުރިއެވެ. ޒުނާމާ ދުރަށް، މޫދާ ދުރަށް، ބޯކެޔޮ ގަސްތަކުގެ ތެރެއަށް އޭނާ ވަދެގެން ދުވެ ގަޑަގަޑައަޅާފައި ދިޔައެވެ. އިރުއޮއްސުމުން، ގަސްތަކުގެ ހިޔަނިތައް ދިގުވެ، ވަލުތެރޭގައި ބިރުވެރިކަން އިތުރުވަމުން ދިޔައެވެ. ގަނެފައި ހުރި ބިރުން ދެވޭ ނުދެވޭ ދިމާލެއްވެސް ޖޫލީއަކަށް ނޭނގެއެވެ. ޖޫލީ ދުވަމުންދިޔައީ އެއްވެސް މިސްރާބެއް ނެތިއެވެ. އެއްވެސް މަންޒިލެއް ނެތިއެވެ. އެވަގުތު އޭނާ ބޭނުންވީހާވެސް އެއްޗަކީ ސަލާމަތުގެ އައްސޭރިއެކެވެ. އޭނާއަށް ޒުނާމްގެ ކިބައިން ރައްކާތެރިކަމާ ހިމާޔަތް ދޭނެ މީހެކެވެ.

ގަސްގަހުގެ ކުރިތައް އޭނާގެ ގައިގައި ޖެހެމުން ދިޔައިރު، ބިރުން ގޮސް އޭނާއަށް ދުވެވެނީ ކިހާ ބާރަކަށް ކަންވެސް ނޭނގެއެވެ.

ކުއްލިއަކަށް ރުކަކުން ވެއްޓުނު ކާއްޓަކުން ދުވެފައިދިޔަ ޖޫލީގެ ބޮލުގައި ޖެހުނެވެ. އެއާއެކު ޖޫލީގެ މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ. ހަޅޭއްލަވައިގަންނަންވެސް ނޭނގި ހުއްޓާ، ކަނު އަނދިރިކަން އޭނާ ވަށާލިއެވެ. އެ ކާށި ވެއްޓުނުލެއް މަތިކަމުން ޖޫލީގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާގެ ހަށިގަނޑުން ބާރުދޫވެ، ޙަބަރުހުސްވެ، ވަލުތެރޭގައި މީހަކު ކޮނެފައިހުރި އަނދަވަޅަކަށް ވެއްޓުނެވެ. ހަމައެވަގުތު އެ އަނދަވަޅުމައްޗަށް އެތަނުގައި ހުރި ކުނިފުންޏެއް ވެރި ޖޫލީގެ ހަށިގަނޑު އެކީއެކަށް ނިވާކޮށްލިއެވެ.

އެ އަޑު އިވުމާއެކު ފަހަތުން ދުވެފައިއައި ޒުނާމްގެ އަޑު އިވުނެވެ.

“ޖޫލީ!”

އޭނާ ބިރުން ހާސްވެފައި ހުރެ ގަސްތަކުގެ ތެރެއިން ދުވަމުން ދިޔައެވެ. ތުރުތުރު އަޅާ އަޑަކުން ތަކުރާރުކޮށް ޖޫލީގެ ނަމުން ގޮވަމުން ދިޔައެވެ.

“އަހަރެން ގަސްތުގައެއް ނޫން… ޖޫލީ، ޖަވާބެއް ދީބަލަ…”

އިރުގެ ފަހު ދޯދިތައް އޮއްސި، މުޅި މާހައުލަށް ބަރު ހަމަހިމޭންކަމެއް ވެރިވިއެވެ. އޭނާގެ އަމިއްލަ އަޑުގެ އިތުރުން އެހެން އެއްވެސް ވަލުތެރޭގައި އަޑެއް ނީވެއެވެ.

ޒުނާމް އޭނާގެ ކަކޫ މައްޗަށް ބިންމައްޗަށް ތިރިވިއެވެ. ދެލޮލުން ކަރުނަ ފައިބަމުން ދިޔައިރު، މުޅި މީހާ ހަލާކުވެފައިވާ ކަހަލައެވެ.

“ޖޫލީ… އާދޭސްކޮށްފަ ބުނަން. ތިހެން ނަހަދަބަ. އަހަރެންނަށް މާފުކޮށްބަލަ ޖޫލީ… އައި ސުވެއަރ އެއީ އަހަރެންނަށް ބޭއިހްތިޔާރުގަ ކުރެވުނުކަމެއް.. އަހަރެން ގަސްދުގަ ކިހިނެއް އަހަރެން އެންމެ ލޯބިވާ އިންސާނާ މަރާލަން މަސައްކަތްކުރާނީ.. ޖޫލީ ޕްލީސް އެއީ އަހަރެންގެ އިހުތިޔާރުން ބޭރުންވީކަމެއް…” އަނދިރިވަމުންދިޔަ ވަގުތު ޒުނާމް ގިސްލަގިސްލާފައި ބާރުބާރަށް ހަޅޭއްފަޅޭއްޖަހަމުން ގޮވަމުންދިޔައެވެ. “ޖޫލީ.. ޑޯންޑް ވޮރީ… އެއްވެސް ކަމެއް ނުވާނެ… އަހަރެން އެއްވެސް ކަމެއް ނުކުރާނަމޭ އައޭމް ސޭފް ފޯ ޔޫ ބޭބް…”

ނަމަވެސް އެ ރޭގަނޑުގެ ހަމަހިމޭންކަން ފިޔަވައި އެހެން އެއްވެސް ޖަވާބެއް ނުލިބުނެވެ. އޭނާއަށް ކުރެވުނު ކަންތަކުގެ ބަރުދަން އިހުސާސް ކުރެވުން ފިޔަވައެވެ. ޒުނާމް ހޯދާ ހޯދާވެސް ޖޫލީއެއް ނުފެނުނެވެ. އެއާއެކު އޭނާގެ ހިތްވަރު އެލެންފެށިއެވެ.

ލިޔުންތެރިޔާގެ ނޯޓު

ތިރީގައި އެވަނީ މި ވާހަކައާއި ގުޅޭގޮތުން ތިޔަ ބޭފުޅުންގެ ހިޔާލު ހޯއްދެވުމަށް ހަދާފައިވާ ޕޯލެކެވެ. ހުރިހާ ކިޔުންތެރިންވެސް ޕޯލަށް ވޯޓު ލެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ، އެއީ ވާހަކަ އިތުރަށް ރަނގަޅުކުރުމަށް މަގުފަހިވެގެންދާނޭ ކަމެކެވެ.

ވާހަކައާ ގުޅޭ ޕޯލަށް ވޯޓު ލެއްވުމަށް މި ޖުމްލައަށް ފިއްތަވާލައްވާ!

މި ވާހަކައަށް ހާއްސަކުރެވިފައިވާ ފޭސްބުކް ޕޭޖަށް ފޮލޯކޮށްލުމަށް ނޫކުލައިން ނުވަތަ ރަތްކުލައިން ފެންނަ ލިޔުންކޮޅު “ފޭސްބުކް ޕޭޖް” އަށް ފިތާލުމަށްފަހު ފޮލޯކޮށްލައްވާ!

Facebook Page – Mi Hamahimeynkan

މި ވާހަކައަކީ ޙިޔާލީ ކޮންސްޕްޓްއެއްގެ މައްޗަށް ބިނާކޮށް ލިޔަމުންދާ ވާހަކައެވެ. މި ވާހަކަގެ މި އެޕިސޯޑް ކަމުދިޔަކަމުގައިވާނަމަ ކޮމެންޓެއްގެ ޒަރީއާއިން ތިބޭފުޅުންގެ ޝުއޫރުފާޅުކުރެއްވުމަކީ އަޅުގަނޑުމެންނަށް މި ވާހަކަ ކުރިއަށް ގެންދިއުމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރު. ބިނާކުރުވަނިވި ފާޑުކިޔުމަކީ ކުރިއަށް އޮތްތަނުގައި ވާހަކަ އިތުރަށް ރަނގަޅުކުރުމަށް ލިބިގެންދާނެ ފުރުސަތެއްކަމުގައި ފާހަގަކޮށްލަން.

ކުރިއަށްހުރި އެޕިސޯޑުތައްވެސް ކިޔާލާނެކަމަށް އުންމީދުކުރަމުން ވަކިވެލަން. ބާއްޖަވެރިދުވަހަކަށް އެދެން..

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

River Writes
Follow Me Written By

River Writes

Level 110 Stories100 Login

Hello dear reader! I’ve always been drawn to stories that don’t feel ordinary. The kind of love that is intense, a little confusing, sometimes even frightening… but impossible to ignore. I don’t really write the kind of love you see every day. My stories live somewhere between reality and something unknown...where emotions are stronger, choices are harder, and nothing is ever simple. There’s always a touch of mystery in what I write. A sense that something deeper is happening beneath the surface. And sometimes, a bit of thrill… the kind that makes your heart race without fully understanding why. Happy reading 😊 - Arooj

Other Articles

Previous

ހަގީގަތަކީ ކޮބައިހޭ؟…19

Next

ހަގީގަތަކީ ކޮބައިހޭ؟…20

Next
April 22, 2026

ހަގީގަތަކީ ކޮބައިހޭ؟…20

Previews
April 22, 2026

ހަގީގަތަކީ ކޮބައިހޭ؟…19



All Right Reserved!