ޖަވާހިރުގެ ބާރު 2 – 8
އިސާހިތަކު ގަނޑުވަރުގެ ދޮރު ހުޅުވިގެން ދިޔައެވެ. ދޮރުން ވަދެގެން އައީ ޝަވްތާއާއި ޝާރާއެވެ. އަދި ޖަވާސުރު ގަނޑުވަރުގެ ޖާދޫގަރުންވެސް މެއެވެ. ލަަވީން ގޮނޑިން ތެދުވުމަށްފަހު، ޝަވްތާއާ ސުވާލުކުރިއެވެ. “ޥަޓެފް ޖަވާހިރު ސަލާމަތްކުރެވުނުތަ؟” ޝަވްތާގެ މޫނުގައިވާ އުފާވެރިކަން ފޭދިގެން ދިޔައެވެ. “ޖަވާހިރުވެސް ރަސްގެފާނުވެސް ސަލާމަތެއް ނުކުރެވުނު. ނަމަވެސް އެ ނުލަފާ މީހާ ހަދާ ޖާދޫތައް ފެނިއްޖެ.”
“އޭނާ ބޭނުންކުރަނީ ކަޅުކުލައިގެ ޖާދޫ ފުއްތަކެއް. އަދި ފާޑެއްގެ ސަމުގާއެއްވެސް ގެންގުޅޭ.” ޝާރާ ކިޔައިދިނެވެ. “އޭނާ އެ ބޭނުންކުރާ ޖާދޫގެ ވައްތަރު އިނގޭނީ ކިހިނެތް؟” ލަވީން ސުވާލުކުރިއެވެ. “ކިޒަންއަށް އިނގޭތަ މި ޖާދޫތައް؟” ޒަނީން ސުވާލުކުރިއެވެ. ކިޒަަން އޭނަގެ މާޒީއަށް ވެރިވެ ދިޔައެވެ.
~~~~~~~~~~~~~~~~~~~~~
“ޖާދޫގެ ވައްތަރުތައް ބެހިގެންވަނީ މައިގަނޑު ހަ ބަޔަކަށް. އެއީ ނުރް، ޖިފެ، ޥިރިމް، ސޫރް، ޥަޓެފް، އެއަފްޓިޚް. މިއިން ކޮންމެ ޖާދޫއަކީ އާންމުގޮތެއްގައި މީހުން ބޭނުންކުރަމުން އަންނަ ބާރުތަކެއް. ނުރް އަކީ އިރުގެ ބާރުތައް ބޭނުންކޮށް އުފައްދާ ޖާދޫ. ޖިފެ އަކީ އަލިފާނާ ބެހޭ ޖާދޫތައް. ޥިރިމް އަކީ ވަޔާ ބެހޭ ޖާދޫ. މިއާ ޚިލާފަށް ސޫރް އަކީ ހަނދުގެ ބާރުތައް ބޭނުންކޮށް އުފައްދާ ޖާދޫއެއް. ޥަޓެފް އަކީ ފެނާ ބެހޭ ޖާދޫ. އަދި އެއަފްޓިޚް އަކީ ބިމުގެ ޖާދޫތައް. އަދި މީގެ އިތުރުންވެސް ޖާދޫތައް ވާކަމަށް ކުރީގެ އިލްމުވެރިން ބުނެފައިވޭ. ނަމަވެސް އެ ބާރުތަކުގެ އެއްވެސް މައުލޫމާތެއް ހޯދިފައެއް ނުވޭ. އަދި އޭގެން ޖާދޫއެއް ހުރި މީހަކުވެސް ފެނިފައެއްނުވޭ.” ޜަވީނާ ފޮތުގެ ސަފުހާތަކުން ކިޒަންއަށް ޖާދޫތައް ދަށްކާލިއެވެ.
“ޖާދޫއެއް ވަކިކުރާނީ ޖާދޫގެ ފުއްތައް ހުންނަ ކުލައަކުން. މިސާލަކަށް ނުރް އެއީ ރަތްކުލަ. ޖިފެ އަކީ ނާރިނގުކުލަ. ޥިރިމްގައި ފަނޑު ރީނދޫއެއް ހުރިކަމަކު ފަހަރެއްގައި ނުފެނިދާނެ. ސޫރްގެ ކުލައަކީ ގަދަ ނޫކުލަ. ޥަޓެފް ގެ ކުލައަކީ މަޑު ނޫކުލައެއް. އެއަފްޓިޚް އަކީ މަޑު މުށިކުލައެއް. މިއިން ކޮންމެ ކުލައެއް ފެނުމުން އެއީ ކޮން ޖާދޫއެއްކަން ވަކިކުރަން އިނގެންވާނެ. އަދި މި ކުލަތަކާ ޚިލާފަށް އެހެން ކުލައެއް ފާޅުކުރިނަމަ އެއީ އެހެނިހެން ޖާދޫއެއް.” ޜަވީނާ އެ ޖާދޫތައް ކިޔައިދެމުން ދިޔައިރު ޖާދޫގެ ފުއްތައް ފާޅުކޮށް ދައްކަމުން ދިޔައެވެ.
~~~~~~~~~~~~~~~~~~~
“އެއީ އެހެނިހެން ޖާދޫއެއް. އޭނާ ހަދާ ޖާދުލުގައި ހުރީ ކަޅުކުލަނަމަ މިހާރު އަހަރެމެންނަށް އިނގޭ ހަ ޖާދޫއާ ޚިލާފުވާނެއެއްނު.” ކިޒަން ވިސްނާލުމަށްފަހު ބުންޏެވެ. “އެއީ ކިހިނެތް މަސައްކަތްކުރާ ޖާދޫއެއްތޯ ބަލާނީ ކިހިނެތް؟” ލަވީން ގޮނޑީގައި އިށީންނަމުން ބުންޏެވެ. “ފެނުގެ ސިޓީގެ އުޑުމަތީގައި ވަރަށް ބޮޑު ދަނބުކުލައިގެ ވިލާގަނޑެއް ފުރަތަމަ ފާޅުވީ. އެއަށްފަހު މަކުނުތަކެއް ވެހިގެން އެ ވިލާގަނޑުން ފޭބި. އޭގެފަހުން ކުއްލިއަކަށް ހުރެފައި އެ ވިލާގަނޑު ފަނޑުވެ ކުނޑިތަކެއް އޭނާ ހުރި މިސްރާބަށް ދިޔަ.” ޝާރާ ކިޔައިދިނެވެ.
“ތި ޖާދޫއެއް އިނގުމުގެ ކުރިއަށް އޭނާ ޖަވާހިރުތައް ވަގަށް ނަގާފާނެ. ހިނގާ އަވަހަށް ދަތުރު ފަށަމާ.” ކިޒަން ބުންޏެވެ. “މިހާރު ކޮންބައެއް ދާނީ؟” ލަވީން ސުވާލުކުރިއެވެ. ހުރިހާ އެންމެން ކަހަލަ ގޮތަކަށް އެއްފަހަރާ ދާނަމޭ ބުންޏެވެ. ލަވީން، އަދި އުޔީންއަށް ނުދެވޭ ވާހަކަ ބުންޏެވެ. ބާކީތިބި ހުރިހާ އެންމެން ދަތުރަށް ތައްޔާރުވުމަށް ގަނޑުވަރުގައިވާ ހަރުގެއަށް ދިޔައެވެ. ދަބަހަށް ތަކެތި އެޅުމާއި، ކަނޑިތައް ހޯދުމުގައި އުޅުނެވެ. އެއަށްފަހު އެއަފްޓިޚް ޖަވާހިރު ހޯދުމަށް ދާނެގޮތަކާއިމެދު ވިސްނިއެވެ.
****************
ބާތިޘް އޭނާގެ ސަމުގާއަށް ބަލަމުން ކުރިއަށް ދިޔައެވެ. ކުރިމަތީގައިވާ ބޯ ޖަންގަލީގެ ތެރެއިން ބޮޑު އިމާރާތެއް ފެނުނެވެ. އަހުރާމެއްގެ ބައްޓަމަށް ހުރި އެ އިމާރާތުގެ އެކި ހިސާބުތަކުގައި ގަސްތަކާއި ވެޔޮތައް ހެދިފައިވެއެވެ. ވީރާނާވެ ރޫޅެމުން ދިޔަ އެ އިމާރާތުގައި މައްޗަށް ދިޔުމަށް ސިޑިބަރިއެއް ހުއްޓެވެ. މަޑުމަޑުން ބާތިޘް އެ ސިޑި ބަރި މައްޗަށް އަރަމުން ދިޔައެވެ. މާގިނައިރުތަކެއްނުވެ އެކި ދިމަދިމާލުން ތީރުތަކެއް އައެވެ. ބާތިޘް ހުޝިޔާރުކަމާއެކު އެ ހުރިހާ ތީރެއް ކަޅު ޖާދޫގުޅައެއް ބޭނުންކޮށް ފުނޑުކޮށްލިއެވެ. އަދި ވަކި ހިސާބަކަށް ދިޔުމާއެކު އެ އިމާރާތުގެ މަތިން ބޮޑު ވަށް ގާބުރިއެއް ސިޑިބަރިއާ ދިމާލުން ފުރޮޅެމުން އައެވެ. ނިތްކުރިއަށް ރުލެއް އަރުވާލުމަށްފަހު ބާތިޘް އޭނާގެ ކަޅު ޖާދޫގެ ގުޅައެއް އެ ގަލާ ދިމާއަށް އަމާޒުކުރިއެވެ. ޖާދޫގެ ފުއްތައް ޖެހުމާއެކު ވަގުތުން އެ ގާގަނޑު ފަޅި ފަޅިއަށް ކުދިކުދިވިއެވެ. އަދި ވެއްޓިގެންއައި ކުދި ގާކޮޅުތައް ދުރަށް ވިއްސުވާލިއެވެ. ސިޑިބަރިން ދުވެފައި މައްޗަށް އެރިއެވެ.
އިމާރާތުގެ މައްޗަށް ބާތިޘް އެރިއެވެ. އަދި އެ އިމާރާތުގެ އެތެރެއަށް ދިޔުމަށް ތިރިއަށްވާގޮތަށް ސިޑިބަރިއެއްވެސް ހުއްޓެވެ. ބާތިޘް މަޑުމަޑުން އެތެރެއަށް ފޭބިއެވެ. އަދި ކުރިއަށް ދާން އޮތް ދެ މަގަށް ބެލުމަށްފަހު، ސަމުގާ ފާޅުކުރިއެވެ. އެއަފްޓިޚް ޖަވާހިރު ހޯދުމަށް އަމުރުކުރިއެވެ. ވަގުތުން ދެ މަގާ އިދިކޮޅަށް ފަހަތުގައި ހުރި ފާރާ ދިމާއަށް އެ ސަމުގާގެ ކަށި ހުއްޓުނެވެ. އެއީ ކީއްވެތޯ އޭނާގެ ހިތާހިތުން ސުވާލުކޮށްލިއެވެ. ނަމަވެސް ލަސްތަކެއްނުކޮށް އެ ފާރު ފަޅާލިއެވެ. އަދި ކުނޑިތައް ހަމަނުޖެހެނީސް ފާރާ ދިމާއިން ރީނދޫ ކުލައިގެ ޖާދޫގުޅައެއް ބާތިޘްއާ ދިމާއަށް އައެވެ. އެއާ ދިމާއަށް ބާތިޘް ކަޅު ޖާދޫ ގުޅައެއް އެއްލިއެވެ. އަދި ބޮމެއް ގޮވިހެން ބާތިޘް ފަހަތުގައި ހުރި ފާރަށް ވިއްސައިގެން ދިޔައެވެ.
ވައިގެ ތެރޭގައިވާ ކުނޑިތައް ހަމަޖެހުމާއެކު، ފާރުގައި އުފެދިފައިވާ ބާގަނޑުން ނިކުތީ ކިޒަންއާއި ޒަނީންއެވެ. އަދި އޭގެ ފަހަތުގައި މިނާލްއާއި، ޝަވްތާއެވެ. ބާތިޘްއާ ދިމާއަށް ރަނގަޅަށް ބަލައިލުމަށްފަހު، ކިޒަން ބާރަށް ހިނިގަނޑެއް ޖަހާލިއެވެ. “ކަލޭ! ކަލޭ ހަހަހަ. ކަލޭ ކީތްކުރަން ތިއުޅެނީ މިތާގައިހަހަހަ؟” ކިޒަންއާ ދިމާއަށް ބަލަންހުރެ ބާތިޘް ހަޅޭއްލަވައިގަތެވެ. “ކަލެއާ ކޮން ބެހޭކަމެއް!” ކިޒަން އަދިވެސް ހެނީއެވެ. “ކީތްކުރަން ކަލޭ މި ކަންތައް ތިކުރަނީ؟”
ބާތިޘް އޭނާގެ އަތް މުށްކަރުވާލުމަށްފަހު، ކަޅުކުލައިގެ ޖާދޫގެ ފުއްތަކެއް ފާޅުކުރިއެވެ. އަދި ކިޒަންއާ ދިމާއަށް އެ ޖާދޫގެ ގުޅަ އެއްލިއެވެ. ކިޒަން އޭނާގެ އަތުން ބާތިޘް އެއްލި ޖާދޫގުޅައިގައި އަތްލުމާއެކު ކަނިބުރައިގެންގޮސް ކަޅުކުލަ ގެއްލި ހުދުކުލައިގެ ޖާދޫއަށް ބަދަލުވިއެވެ. ބާތިޘްއާ ދިމާއަށް އެ ހުދު ކުލައިގެ ޖާދޫތައް އަމާޒުކުރިއެވެ. ބާތިޘްގެ ގައިގަ ހުދުކުލައިގެ ޖާދޫ ޖެހުމާއެކު، އޭނާގެ ހަށިގަނޑު ފޭދެން ފެށިއެވެ. އަދި ކަޅުކުލައިގެ އަލިފާންތައް ރޯވެ އަނދަން ފެށިއެވެ. އޭނާ ކިޒަންއާ ދިމާއަށް ފާޑަކަށް ބަލައިލިއެވެ. މާ ގިނައިރުތަކެއްނުވެ އޭނާގެ ފަހަތުން ކަޅު ބުޅަލެއް ފާޅުވިއެވެ. ވަރަށް ބާރަށް އޭތި ހަޅޭއްލަވައިގަތެވެ. އަނގަ ހުޅާ ކުރުމަށްފަހު ކަޅުކުލައިގެ ކުނޑިތަކެއް މުޅި އެތަނުގެތެރެއަށް ފާޅުކުރިއެވެ. ވަގުތުން ކިޒަން ހުރިހާ ދިމާއަކަށް ހުދުރީނދޫކުލައިގައި ހުރި ވަޔެއް ފާޅުކުރިއެވެ. އެއާއެކު ހުރިހާ ކަޅު ޖާދޫތަކެއް ގެއްލި ދިޔައެވެ. ނަމަވެސް އެ ވަގުތުކޮޅުގެ ތެރޭގައި އެ ކަޅު ބުޅަލާއި ބާތިޘް އެތަނުން ގެއްލުނެވެ.
“މި ގެނައި ހުރިހާ އާލާތެއް ބޭކާރުވީއެއްނު!” ކިޒަން މަޑުމަޑުން ހިނގަމުން ބުންޏެވެ. “ނޫން. ކޮންމެ ކަމަކަށްވެސް އެންމެ ފުރިހަމައަށް ތައްޔާރުވާން ޖެހޭނެ.” މިނާލް ކިޒަންއާ ދިމާއަށް ބަލައިލަމުން ބުންޏެވެ. “ނަސީބެއް މިނާލްގެ ބައްޕަ މިތަނަށް އަހަރެެމެން ޓެލިޕޮފްޓި (ޖާދޫ ދަތުރު)ކޮށްދިންކަން. އެހެން ނޫންނަމަ މި ޖަވާހިރުވެސް އޭނާ ވައްކަންކުރީސް.” ޝަވްތާ ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. މިނާލްގެ އަތުގައި އޮތް އެއަފްޓިޚް ޖަވާހިރު ރައްކާތެރިކަމާއެކު ދަބަހަށްލިއެވެ. އަދި އެނބުރި ޖަވާސުރް ގަނޑުވަރަށް ހުރިހާ އެންމެން ޓެލިޕޮފްޓި (ޖާދޫގެ ދަތުރު)ވިއެވެ.
****************
“ކަލޭ ކައިރީ ކިތައް ފަހަރު ބުނާނީ އެ ކަހަލަ ގޮތެއް ވަންޏާ އަވަހަށް އެތަނުން ގެއްލޭށޭ!” ކަޅު ބުޅާ ހަޅޭއްލަވައިގަތެވެ. “ހަނދާން ނެތުނީ. ދެންމެ އެފެނުނީ އަހަރެންގެ ކޮއްކޮއޭ. އަހަރެން ހީކުރީ އޭނާ ވީ މަރުވެފަކަމަށް.” ބާތިޘް އޭނާގެ އަނދާފައިވާ އަތަށާއި މޭމައްޗަށް ބަލައިލުމަށްފަހު ބުންޏެވެ. އަނދާފައިވާ ތަންތަނަށް ކަޅު ޖާދޫގެ ފުއްތައް އަޅަމުން ދިޔައެވެ. ހުރިހާ ބައެއް ފުރިހަމަވުމާއެކު، އެ ބުޅާ އޭނާއަށް އަމުރުކުރިއެވެ. “އަހަންނަށް ހެޔޮ ކޮންމެ ބާރެއް ބޭނުންކޮށްގެން ވިޔަސް އޭނާގެ އަތުން އެ ޖަވާހިރު އަތިލަންވާނެ. އެހެން ނޫންނަމަ ކަލެއަކަށް އަޒްޓިޝްގެ ވެރިކަމެއް ނުލިބޭނެ.”
******************
ޖަވާސުރް ގަނޑުވަރުގެތެރެއަށް ފާޅުވި މިނާލްއާ ކިޒަން ދެމީހުން ވާހަކަ ދައްކަމުން ދިޔައެވެ. އަދި އޭގެ ފަހަތުން ޒަނީންއާއި ޝަވްތާ ފާޅުވިއެވެ. ޝަވްތާ ޒަނީންއަށް ބަލައިލުމަށްފަހު ބުންޏެވެ. “މި ދެ މީހުން ހާދަ ގާތްކޮށް މިއުޅެނީ.” މިއާއެކު ޒަނީން މިނާލްއާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ލޯބިވާ ދަރިފުޅު އެހާ އުފާވެފައި ހުއްޓާ މީގެ ކުރިއަކުން ނުފެނެއެވެ.
“ކިޒަން ކީއްވެ އޭރު ހިނިއައީ؟” މިނާލް ހައިރާންވެ ހުރެ އެހިއެވެ. “ހަހަހަ. އެއީ އަހަރެންގެ ދޮށީ ބޭބެ. ހަނދާން އެބަހުރިތަ އަހަރެންގެ ގައިގަ ކަނޑިން ކަނޑާނެގި މީހާ.” ކިޒަން ހީލަމުން ބުންޏެވެ. “ދެން އޭނާ އެހެދީ ކޮން ޖާދޫއެއްތަ؟ އެކީއްވެ ކިޒަންގެ ގައިގަ ޖެހުމުން ހުދުކުލައަށް ބަދަލުވީ؟” މިނާލް ސުވާލުކުރަން ފެށިއެވެ. “އޭނާ އެހެދި ޖާދޫއެއް އަހަންނަކަށް ނޭނގެ. އެކަމު އަހަރެންގެ ހަށިގަނޑުގައި ޖާދޫއެއް ޖެހިއްޖެނަމަ، އެއަކުން ގެއްލުމެއްނުވާނެ. ކޮންމެވެސް ގޮތަކުން އެ ޖާދޫއެއް ހަލާކުވެގެން ދާނެ.” ކިޒަން ކިޔައިދިނެވެ. އޭރު ޝަވްތާއާއި ޒަނީންވެސް އެ ވާހަކަތައް އަޑުއަހަން ހުއްޓެވެ.
އިރުކޮޅަކުން ލަވީން އޭނާގެ ކޮޓަރިން ނިކުމެ ތަޚުތު ހުރި އިމާރާތައް ވަނެވެ. އޭރު އުޔީންވެސް ތަޒުމީރާ އަދި އެޒާރާއާއެކު ފަރުވާދޭ ކޮޓަރިން ނިކުންނަނީއެވެ. ހުރިހާ އެންމެންވެސް ހާޒިރުވުމާއެކު، ދެންމެ ހިނގާދިޔަ ކަންތައްތައް ތަފުޞީލުކޮށް ކިޔައިދޭން ފެށިއެވެ.
*******************
އަނދިރިކަން ވެރިވެފައިވާ މަންޒިލެކެވެ. ފަނޑު ނޫކުލައެއް މުޅި މާހައުލަށް ވެރިވެފައިވެއެވެ. މަޑު ހިނގުމެއްގައި ގޮސް ގަދަފެހި ކުލައިން ދިއްލިފައިވާ ގަނޑުވަރަކަށް ނޫކުލައިން ފަނޑުކޮށް ދިއްލިފައިވާ ކަޅު ބުޅަލެއް ވަނެވެ. ތަޚުތުގައި އިށީނދެ އިން މީހާއާ ދިމާއަށް ބަލައިލިއެވެ. އަދި އެ ބުޅާ ވާހަކަ ދައްކަން ފެށިއެވެ. “މިހާރު ޥިރިމް އަދި ޥަޓެފް ޖަވާހިރު ވަނީ އަތުލައިގަނެވިފައި. ނަމަވެސް އެއަފްޓިޚްގެ ޖަވާހިރު ވަރުގަދަ ބަޔަކު މީހުން ފޮރުވައިފި. ދެން ކިހިނެތްތޯ ހަދަންވީ؟” ތަޚުތުގައި އިށީނދެ އިން މީހާ ކޮޅަށް ތެދުވިއެވެ. އަދި ވައިގެ ތެރޭގައި ކަޅު ވިލާކޮޅެއް ފާޅުކޮށް މަންޒަރުތައް ބަލައިލިއެވެ. އެ މަންޒަރުތަކުގައި މިނާލް، ކިޒަން، ޒަނީން އަދި ޝަވްތާ ހުރިތަން ފެނިގެން ދިޔައެވެ. އެ ހުރިހާ މަންޒަރެއް ފެނިގެން ދިޔައީ ބާތިޘްގެ ލޮލަށް ފެންނާނެ ފަދައިންނެވެ. ވަރުގަދަ ހިނިގަނޑެއް ޖަހާލިއެވެ. “މިވަރު މީހަކާ ހަނގުރާމަ ނުކުރެވިގެން އެއުޅެނީ. ގައިމު ކަލެއާ ހަވާލުކޮށްފައި އޮންނާނީ ރަނގަޅު ބާރުގަދަ މީހެއް އިޚުތިޔާރު ކުރުމަށް. ނަމަވެސް މީނާއަށް ބާރެއް ދެވިދާނެ. އޭރުން އެ މީހުންނާ ހަނގުރާމަކުރެވޭނެ.” އެހެން ބުނުމަށްފަހު، ކަޅުކުލައިގެ ކުނޑިތަކެއް އޭނާގެ އަތުން ފާޅުކުރިއެވެ. އޭނާގެ އަތުގައި އޮތީ ކަޅުކުލައިގެ ކުޑަ ފުޅިއެކެވެ. “އަން އޭނާއަށް މީތި ދީ!” އެ މީހާ އެ ބުޅަލާ ދިމާއަށް އަމުރުކުރިއެވެ. “ލައްބަ ރަސްގެފާނު ޠިލްޒާ.” އިސް އުފުލާލުމަށްފަހު އެ ބުޅާ ގަނޑުވަރުން ނިކުމެ، ކިޔެވެލިތަކެއް ކިޔެވުމަށްފަހު އެތަނުން ގެއްލުނެވެ.
ބާބު – 5 ނިޕިފިޓިންގެ ދުނިޔެ
ޖަވާސުރް ގަނޑުވަރަށް އެޅިފައިވާ ރީތި ހަނދުވަރުން ގަނޑުވަރުގެ ބައިތައް ދިއްލިފައިވެއެވެ. ދަޅައަޅަމުން ދިޔަ ބަގީޗާތެރޭގައި މާމަލުން ވަސްބަލަން ހުރި މިނާލް ސިއްސައިގެން ދިޔައީ ފަހަތުން އައި މީހަކު އޭނާގެ ލޯމަތީގައި އަތް އެޅުމުންނެވެ. ވަގުތުން މިނާލް އޭނާގެ ސޫރް ނެޕްޓަފް (ހަނދުގެ ޖާދޫ ދަނޑިކޮޅު)ނެގުމަށްފަހު، ފަހަތަށް އެނބުރިފައި “ޝިޚައޮން” އޭ ބުނެލިއެވެ. އޭރު ފަހަތުގައި ހުރީ ކިޒަންއެވެ. ޖާދޫގެ ދަނޑިކޮޅުން ނިކުން ޖާދޫގެ ފުއްތައް ކިޒަންގެ މޫނުގައި ޖެހި ފަނޑުވެ ދިޔައެވެ.
“އެގޮތަށް ނުސިއްސުވައްޗޭ. ކިހިނެތް އިނގޭނީ ކާކު ކަމެއް. ކީތްކުރަން މިތަނުގައި؟” މިނާލް ސުވާލުކުރިއެވެ. “މިއައީ މިނާލް މަތިން ހަނދާންވެގެން.” ކިޒަން މިނާލް ގައިގަ ފަހަތުން އައިސް ބައްދާލިއެވެ. މިނާލް ސޫރް ނެޕްޓަފް (ހަނދުގެ ޖާދޫ ދަނޑިކޮޅު) ބުރަކަށި ފަހަތުގައިވާ ކަމަރަށް ލިއެވެ. އަދި ކިޒަންއާ ދިމާއަށް އެނބުރި އޭނާގެ ގައިގެ ވަށައިގެން ދެ އަތް ބަނދެލިއެވެ. އެތައް އިރެއް ވާންދެން އެގޮތުގައި ދެ މީހުން ވާހަކަ ދައްކަން ތިއްބެވެ.
“މިނާލް ނެތްއިރު އަހަރެންގެ ހިތައް ވެރިވި މާޔޫސްކަމަކީ ދުވަހަކުވެސް އަހަރެން ތަހައްމަލު ކޮށްފައިވާ ވޭނެއް ނޫން. އެކީއްވެ، އެ ދުވަހު ޖާދޫގެ ވަށްބުރު ހަލާކުކޮށްލީ؟” ކިޒަން މިނާލްގެ އިސްތަށިގަނޑުގައި ފިރުމާލަމުން ސުވާލުކުރިއެވެ. “ޖާދޫގެ ވަށްބުރުގެ އަނެއް ފަރާތުން ކޮންމެވެސް ހިޔަންޏެއް ފެނުނު. އެ ވަށްބުރު މައްޗަށް އެރި އިރު އެ ހިޔަނި ދިޔައީ ގާތްވަމުން. ނަމަވެސް އެ ޖާދޫގެ ވަށްބުރު ހަލާކުކޮށްލުމާއެކު އެ ހިޔަނިގަނޑު އެއްކޮށް ގެއްލިދިޔަ. އެއީ ކާކުކަމެއް އަހަންނަކަށް ނޭނގެ.” މިނާލް ކިޒަންގެ މޭމަތީގައި ބޯ އަޅާލަމުން ބުންޏެވެ.
“މިނާލް. އަހަންނާއެކު ދިރިއުޅުމެއް ފަށަން ބޭނުންތަ؟” ކިޒަންގެ އަތުން ރީނދޫކުލައިގެ ޖާދޫގެ ފުއްތަކެއް ފާޅުކުރަމުން ބުންޏެވެ. މިނާލްގެ ހިތް ތެޅިގަތެވެ. މޫނުމަތި ރަތްވާން ފެށިއެވެ. “ތިބުނީ ކައިވެނިކުރަން؟” މިނާލް ކިޒަންގެ މޭމަތިން ބޯ ނެގުމަށްފަހު، ބުންޏެވެ. “އާނ. މިނާލްއާ ނުލައި އަހަންނަކަށް ނޫޅެވޭނެ. އަހަރެން މިނާލްދެކެ އިންތިހާއަށް ލޯބިވޭ. އަހަރެންގެ ސުވާލަށް އާނއެކޭ ބުނާނަމަ އަހަރެންގެ ކަނާތުގައި އުފައްދާފައިވާ ރަނުގެ އަނގޮއްޓި މިނާލްގެ އިނގިލީގައި އަޅުވާ. ނޫނެކޭ ބުނާނަމަ މި އަނގޮއްޓި ދުރަށް އެއްލާލާ.”
އިރުކޮޅަކު ވިސްނަން ހުރުމަށްފަހު، އެ އަނގޮއްޓި ނަގާ މިނާލް އަމިއްލައަށް ކަނާއަތުގެ ކަށި އިނގިލީގައި އަޅުވާލިއެވެ. އަދި ކިޒަންގެ ކޮލަށް ބޮސްދީފައި ބުންޏެވެ. “ލައްބަ. އަހަރެންވެސް ކިޒަންދެކެ ވަރަށް ލޯބިވޭ.” އޭރު ޒަނީންވެސް ބަގީޗާއަށް ނިކުތެވެ. ވަގުތުން މިނާލް ދުވެފައި އޭނާ ބައްޕަ ކައިރިއަށް ދިޔައެވެ. އޭނާގެ ކަނާއަތް ދައްކާލިއެވެ. ކިޒަންވެސް ފަހަތުން އައިސް ދެ މީހުންނާ ބައިވެރިވިއެވެ. ޒަނީންއަށް ދެންމެ ވީކަންތައް މިނާލް ކިޔައިދިނެވެ.
******************
ބާތިޘް އޭނާގެ ނިދިން ހޭލެވުމާއެކު ކަޅު ބުޅާ އޭނާގެ ކުރިމައްޗަށް ފާޅުވިއެވެ. އޭރު އެ ކަޅުބުޅާ ކުޑަ ކަޅުކުލައިގެ ފުޅިއެއް ހިފަހައްޓައިގެން ހުއްޓެވެ. އޭތި ބުޔުމަށް ބާތިޘްއަށް އަމުރުކުރިއެވެ. އެ ފުޅީގެ މަތިނެގުމުން ކުނިވަހެއް ދުވަން ފެށިއެވެ. ކަޅުކުލައިގެ ދުންތަކެއްވެސް އޭގެން ނިކުތެވެ. ތުންޖަހާފައި އެ ފުޅީގައި ހުރި ދިޔަތައް ބޯންފެށިއެވެ. އެ ބުޔުމަށްފަހު، އޭނާގެ ހަށިގަނޑުގައި ހަލާކުވެފައިހުރި ތަންތަން ރަނގަޅުވެ، ހަށިގަނޑު ފުރިހަމަވެގެން ދިޔައެވެ. އަދި އޭނާގެ ސަބިޝް ރެރިޑެން (ޖާދޫގެ ނާރުތައް)ކަޅުކުލައިން ފާޅުވެފައި ހުއްޓެވެ. އެ ކަޅުބުޅާ ނުލަފާ ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ. “ކަލޭ ތި ބާރުގެ ބޭނުން ރަނގަޅުގޮތުގައި ހިފާތި!”
“މީ ކޮން ބާރެއް؟ ކާކު ކަލެއަށް ދިން ފުޅިއެއް އެއީ؟” ބާތިޘް ސުވާލުކުރިއެވެ. “ފުޅި ދިން މީހެއް މިހާރު ބަލާކަށް ނުޖެހޭ. ނަމަވެސް ކަލޭގެ ބާރުތައް ތިހުރީ ފުރިހަމަވެފައި. އަދި އެ މީހުންނަށްވުރެ ދެ ގުނަ ބާރުގަދަވާނެ.” ކަޅު ބުޅާ މަޑު ހިނގުމެއްގައި ދަމުން ބުންޏެވެ. ބާތިޘް ހިނިގަނޑެއް ޖަހާލުމަށްފަހު އެތަނުން ގެއްލުނެވެ.
*******************
ޒަނީން ކިޒަންގެ ހުށަހެޅުމާމެދު މައްސަލައެއް ނެތްކަމަށް ބުނެ މިނާލް ގޮވައިގެން ދުރަށް ޖެހުނެވެ. ގިނަ ދުވަހު ސިއްރުނުކޮށް ބުނީތީވެ، ޒަނީން ހުރީ އުފާވެފައެވެ. “ދަރިފުޅު ކިޒަންއާއެކު އުޅެންވީ، ނަމަވެސް އޭނާގެ ފަރާތުން އެއްވެސް ހިތްހަމަނުޖެހޭ ކަމެއް ފެންނަނަމަ ބައްޕައަށް އަންގާތި!” ޒަނީން މަޑުމައިތިރިކަމާއެކު ބުންޏެވެ. “އާދޭ ކިޒަން، ލަވީން ބައްދަލުވުމަކަށް ގޮވައިފި.” ތިން މީހުންވެސް ލަވީން ކައިރިއަށް ދިޔައެވެ.
އޭރު މޭޒުކައިރީ ހުރިހާ އެންމެން ހާޒިރުވެ ތިއްބެވެ. އުޔީންވެސް މިފަހަރު ލަވީން ކައިރީ އިނެވެ. “މިހާރު އެއަފްޓިޚް (ބިމުގެ)ޖަވާހިރު ވީ ސަލާމަތްކުރެވިފައި. ނަމަވެސް ޖިފެ ޖަވާހިރު އަދިވެސް ރައްކާތެރިއެއް ނުކުރެވޭ. އެގޮތުން މިރޭ އަލިފާނުގެ ސިޓީއަށް ދިޔުމަށް ކިޒަން، މިނާލް، އުޔީން އަދި ތަޒުމީރާވެސް ޒަނީންއާއެކު ދިޔުމަށްވަނީ ހަމަޖެހިފައި. އަދި ޝަވްތާމެންވެސް ފެނުގެސިޓިއަށް މިރޭ ދާނެ!” ލަވީން ބައްދަލުވުމުގައި ބުންޏެވެ. “މިހާރު ޓެލިޕޮފްޓި ވީމަ، ފަސޭހައިން ޖަވާހިރު ހޯދޭނެއެއްނު؟” ޒަނީން ބުނެލިއެވެ. “އެ ޖަވާހިރު ރައްކާކުރެވިފައިވާނީ ބިންގަރާހެއްގެ ތެރޭގައި. ގަނޑުވަރުގެ ވަލުދޮރޯށީގެ ބޭރަށް ވާގޮތަށް ބިންގަރާހަށް ފައިބަން ފޮރުވިފައިވާ ދޮރެއް ހުންނާނެ.” ލަވީން ކިޔައިދިނެވެ. މާ ގިނައިރުނުކޮށް ޒަނީން އަލިފާނުގެ ސިޓީގައި ހުރި ގަނޑުވަރު ސިފަކޮށް ޓެލިޕޮފްޓި(ޖާދޫ ދަތުރު)ގެ ބާރު ބޭނުންކޮށް ފަސް މީހުން އެއްކޮށް އަލިފާން ގަނޑުވަރާ ދިމާއަށް ފާޅުވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


