ޖަވާހިރުގެ ބާރު 2 – 7
ބާބު – 4 ޖާދޫ ނެތް ކުއްޖާ
ބާތިޘް އަނދިރި ގަނޑުވަރަށް ފާޅުވިއެވެ. ބާތިޘްގެ އަތުގައި އޮތް ޥަޓެފް (ފެނުގެ)ޖަވާހިރު ފެނި ކަޅު ބުޅާ އުފަލުން ހެވި ދިއްލުނެވެ. އަދި ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ. “އަވަސްކުރޭ ބާތިޘް، އޭރުން މުޅި މި އަޒްޓިޝްގެ ވެރިކަން ލިބޭނެ. ރޫހީ ދުނިޔެއިން ރަސްގެފާނުގެ އަސްލު ހަށިގަނޑު ގެނައުމަށް ތިޔަ ޖާދޫގެ ވަށްބުރު ފުރިހަމަކުރޭ!” ޖާދޫގެ ވަށްބުރުގައި ޥަޓެފް (ފެނުގެ) ޖަވާހިރު ހަރުކުރަމުން ބާތިޘް ބުންޏެވެ. “އާނ. އޭރުން މަށާ ކަލެއާ މުޅި މި ދުނިޔެ ވެރިކަން ކުރެވޭނެ!” ނުލަފާ ހިނިގަނޑެއް ދެ މީހުން އެއްފަހަރާ ޖަހާލިއެވެ.
**************
އެޝްލިޕްނިއާއިން ނިކުމެ ފެނުގެ ސިޓީއަށް އެނބުރި ދިޔައިރު ބާކީ ތިބީ މަދު މީސްކޮޅެކެވެ. އެ ހުރިހާ އެންމެންނަށް ހިޔާވަހިކަން ފޯރުކޮށްދިނުމަށް ވަގުތީ ފޮތި ގެގަނޑުތައް ހެދިއެވެ. އަދި ހަނގުރާމައިގަ މަރުވެ ދިޔަ މީހުންގެ ހަށިތައް ވަޅުލުމައިގެން ކުރިއަށް ދިޔައެވެ. އަދި ހުރިހާ އެންމެންނަށް ކާތަކެތި ލިބޭނޭ ގޮތް ހޯދައިދިނުމަށް ހުރިހާ ޖާދޫގަރުން ޖަންގަލިތަކުގެ ތެރެއަށްވަދެ މޭވާއާއި ތަރުކާރީގެ ބާވަތްތައް ހޯދައިދިނެވެ. ޝަވްތާ އާއި ޝާރާއާ ދެމީހުން ވެގެން އަނިޔާ ލިބިފައިވާ މީހުންނަށް ފަރުވާދެމުން ދިޔައެވެ. ބިމުގައިވާ ލޭގެ ނިޝާންތައްވެސް ޥަޓެފް (ފެނުގެ ޖާދޫ)ބޭނުންކޮށް ސާފުކުރިއެވެ. މި ހުރިހާ ކަންތައްތައް ކޮށްދިނުމަށްފަހު، ޝަވްތާއާއި ޝާރާ ޖަވާސުރް ގަނޑުވަރުގެ ޖާދޫގަރުން އެނބުރި ރަށަށް ގެންދިޔުމަށް އިސްވިއެވެ. އަދި ވައިގެ ތެރޭގައިވާ ފެނުގެ ތިކިތައް ގަނޑުކޮށް އޭގެ މަތީ ކިރިއްސަމުން ވައިގެ ތެރޭގައި ޖަވާސުރް ގަނޑުވަރަށް ދިޔުމަށް ދަތުރު ފެށިއެވެ.
****************
ޖާދޫގެ ވަށްބުރަށް ބަލައިލުމަށްފަހު، ބާކީ ހޯދަންޖެހޭ ދެ ޖަވާހިރުގެ ތެެރެއިން އެއަފްޓިޚް (ބިމުގެ)ޖަވާހިރު ހޯދަން ދިޔުމަށް ބާތިޘް ވިސްނަމުން ދިޔައެވެ. ކަޅުކުލައިގެ ކުނޑިފުއްތަކާއެކު، ބިމުގެ ސިޓީއަށް ފާޅުވިއެވެ. އަދި އެހެން މީހެއްގެ ސިފައިގައި އެއަފްޓިޚް (ބިމުގެ)ޖަވާހިރު ވީތަން ހޯދުމުގައި އުޅުނެވެ. ކަޅުކުލައިގެ ސަމުގާ ފާޅުކޮށްލުމަށްފަހު އެއަފްޓިޚް (ބިމުގެ)ޖަވާހިރު ހޯދުމަށް ބާތިޘް އަމުރު ކުރިއެވެ. އެއާއެކު އެކި ކޮޅުކޮޅަށް ސަމުގާގެ ކަށި އެނބުރުމަށްފަހު، ބިމުގެ ސިޓީގެ އުތުރަށް އޮތް ޖަންގައްޔާ ދިމާއަށް ހުއްޓުނެވެ. މަޑު ހިނގުމެއްގައި ބާތިޘް ޖަންގަލި ހުރި ދިމާއަށް ހިނގައިގަތެވެ. އޭނާގެ އަސްލު ސޫރައަށް ބަދަލުވެސްވިއެވެ.
******************
ކިޒަންގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުވަމުން ދިޔައެވެ. މިނާލް ކޮންމެ ދުވަހަކުވެސް ކިޒަންއާއެކު ވަގުތުކޮޅެއް ހޭދަކުރެއެވެ. ވާހަކަދެއްކުމާއި، ސޫރް ނެޕްޓަފް (ހަނދުގެ ޖާދޫ ދަނޑިކޮޅު)ގެ ބާރުތައް ދެއްކުމުގައެވެ. އެނދުން ތެދުވެވޭ ވަރުވުމުން މިނާލް އަޒްޓިޝްގެ ހާލަތު ކިޒަންއަށް ކިޔައިދިިނެވެ. އަލަށް ފާޅުވެގެން އުޅޭ މީހާއާއި، އެ ކަޅު ބުޅަލުގެ ވާހަކައެވެ. ކުރިން ދުވަހު ހަވަނަ މިނުން ފެނުނު ކަންތައްތައް ކިޔައިދިނެވެ. މި ހުރިހާ ވާހަކައެއް އަޑު އެހުމަށް ކިޒަން ޝައުޤުވެރިވެ އިނެވެ. އެ ކަޅު ބުޅަލަކީ އެޝްލިޕްނިއާގެ ކަންތައްތަކާއި ގުޅިފައިވާ މަޚްލޫޤެއްކަމަށް މިނާލް ބުންޏެވެ. އަދި އެ މަންޒަރުތަކާއެކު ފެނުނު އަންހެން ކުއްޖާއާ ބެހޭގޮތުން ސުވާލުކުރިއެވެ. ނަމަވެސް މިނާލް ބޭނުންވި ޖަވާބެއް ކިޒަންއެއް ނުދިނެވެ.
“ކިޒަންގެ ބައްޕަ އާއި މަންމަ ކޮބާ؟” މިނާލް ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން ސުވާލުކުރިއެވެ. “ކޮން ވާހަކައެއް ތި ފެށީ؟” ސުވާލަށް ޖަވާބުނުދީ ކިޒަން އަނެއްކާވެސް ކުރީ ސުވާލެކެވެ. “މިދިޔަ ފަހަރު އެހުމުންވެސް ކިޒަން ސާފު ޖަވާބެއް ނުދިންވިއްޔަ. އެހެންވީމަ އެހޭނެއްނު.” މިނާލްގެ ރަތް އިސްތަށިގަނޑު އެއްފަރާތްކޮށްލިއެވެ. “އަހަރެން ދަނީ” މިނާލް ގޮނޑިން ތެދުވިއެވެ.
ހިނގައިގަންނަން ދިޔަ މިނާލްގެ އަތުގައި ކިޒަން ހިފެހެއްޓިއެވެ. “މިނާލް މަޑުކުރޭ! އަހަރެން ކިޔަދޭނަން.” ކިޒަންގެ އަޑުގައި މަޑުމައިތިރިކަން ވެއެވެ. ކިޒަން އޭނާގެ މާޒީގެ ސަފުހާތައް ނުރް (އިރުގެ ޖާދޫ) ބޭނުންކޮށް މަންޒަރުތަކެއް ދައްކާލިއެވެ.
~~~~~~~~~~~~~~~~~~~~~
“އޭތް! ކިޒަން ތެދުވޭ ހަމަ މިހާރު.” ނާޒިފާ ގޮވަމުން ދިޔައެވެ. އަދި އަލިފާނުން ދޮންކޮށްފައި އޮތް ޗާބޫކަކުން ކިޒަންގެ ހަށިގަނޑުގައި، އެތައްފަހަރަކު ޖެހިއެވެ. މުޅި ހަށިގަނޑުގައި ލޭގެ ނިޝާންތައް ހުއްޓެވެ. އަދި އެކި ތަންތަނުގައި ދަނބުކުލަ އަރާފައިވުމާއެކު ދޮސްވެސް ފައިބައެވެ. އެކި ތަންތަނުން އިރައިގެންގޮސް އޮތް ސޯޓުބުރިއެއް ލައިގެން، ތަޅުންގަނޑުމަތީގައި އޮތް ކިޒަންއަށް ހޭވެރިކަންވިއެވެ. ރޭގައި އޭނާގެ ބައްޕަގެ ރުޅިގަނޑު ބޭލީ ކިޒަންއަށެވެ. ބައްޕަ މުށްކަރުވާފައި ޖެހުމުން މުޅި މޫނުމަތި ހުރީ ދުޅަވެފައެވެ. އަދި ކަރުދޮށުގައި ހުރި ނިޝާންތަކުން ކަރުގައި ވަރަށް ބާރަށް ހިފަހައްޓަފައި ހުރިކަން އެނގެއެވެ. ވަރަށް އުނދަގުލުން އޭނާ ތެދުވެގެން ގޮސް ބަދިގެއަށްވަދެ ކައްކަން ފެށިއެވެ. މޭވާއެއް ކޮށަންހުރިއިރު ނާޒިފާ އައިސް ކިޒަންގެ ބުރަކަށީގައި ޗާބޫކުން ތަޅައިގަތެވެ. “އަވަސްކުރޭ! ކަލޭގެ ބޭބެމެން އެބަތިބި ބަނޑުހައިވެފައި.” ނާޒިފާ ބާރަށް ހަޅޭއްލަވައިގަތެވެ.
ފަސްއަހަރު ފުރި ކިޒަންގެ އަތުގައި ޖާދޫއެއް ނެތްކަން ހާމަވުމާއެކު، މިއަކީ ކިޒަންގެ ކޮންމެ ދުވަހެއްގެ ދިރި އުޅުމެވެ. އުމުރުން ފަނަރަ އަހަރު ވާންދެން އުޅެން ޖެހުނީ އެހާލުގައެވެ. އަޅާލާނެ ފަރާތްތައްވެސް އޭނާ ގެންގުޅެނީ ނޯކަރެއްގެ ގޮތުގައެވެ. އޭނާ ހުންނަނީ ދެރަވާންވެސް، ރުޅިއަންނަންވެސް ނޭނގިފައެވެ. ކުރެވޭ ކޮންމެ ކަމަކަށް މަޢާފަށް އެދުން ނޫންކަމެއް އެ އާއިލާ ތެރެއަކުން ކިޒަންއަށް ދަސްވެފައެއްނެތެވެ. މަންމަ އާއި ބައްޕަގެ ލޯބިން މަހުރޫމުވެ، ކިޒަންގެ ޖަޒުބާތުތައްވަނީ ހިތުގެ އެންމެ ފުނުގައި ވަޅުލެވިފައެވެ. މަގުމައްޗަށް ނިކުތުމުން ރައްދުވަނީ މަލާމާތެވެ. ‘ޖާދޫ ނެތް ކުއްޖާ’ގެ ނަމުން ކިޒަންއާ ދިމާއަށް ހުރިހާ އެންމެން ގޮވަމުން ދިޔައެވެ. އެތަނުން އަދި ވަކިން އަރާހުރީ އޭނާގެ ދޮށީ ބޭބެއެވެ. ކިޒަންގެ ހަށިގަނޑުގައި ކަނޑި އަޅާފައި ހަދާނެގޮތެއް ހަދައެވެ.
ފިނި މޫސުންތަކުގައިވެސް ސޯޓުބުރިއަކާއި ތުނި ފޮތިގަނޑެއް ފިޔަވާ އިތުރު އަންނައުނެއް ނުދެއެވެ. އެ ތުނި ފޮތިގަނޑުން މަތީ ހަށިފޮރުވައިގެން އުޅެވުނެއްކަމަކު ވަމުން ދިޔަ ފިންޏަކަށް އެ ފޮތިގަނޑު އެހީތެރިއެއް ނުވެއެވެ. މިފަދަ ހަރުކަށި އަދަބުތަކުން އަރައިގަނެވޭނެ ދުވަހަކަށް އެދިއެދި ހުއްޓާ، އެއްދުވަހަކު އޭނާގެ ބޭބެ ގެންގުޅުނު ކަނޑިއެއް ހަލާކުކުރިކަމަށްބުނެ ދޮގު ތުހުމަތުތަކެއްކޮށް ގެއިން ބޭރަށް ނެރެލިއެވެ. އަދި ދުވަހަކުވެސް އެ ގޭތެރެއިން ފެނިގެން ނުވާނެކަމަށްބުނެ ކިޒަންގެ ސޯޓުގައި ހިފާ އިރާލިއެވެ. އަދި އެ ހާލުގައި މަގުމައްޗައް އެއްލާލިއެވެ. އަތުގައި އޮތް ތުނި ފޮތިގަނޑު ފަށްޖަހާލުމަށްފަހު ފޫޅުން ތިރި ނިވާކުރިއެވެ.
މާދުރުނޫން ހިސާބެއްގައި މި މަންޒަރުތައް ބަލަން ކެތްނުކުރެވި ހުރި ޜަވީނާ ދުވެފައި ކިޒަން ކައިރިއަށް އައެވެ. ކިޒަންއަށް ކޮޅަށްވެސް ނުތެދުވިފައި މަގު މެދުގައި އޮތެވެ. އެ ފަކީރަށް ލޯވެސް ހުޅުވެނީ އެހާ ހާލުންނެވެ. ޜަވީނާ މަޑުމަޑުން ކިޒަން ކޮޅަށް ނެގުމަށްފަހު، އޭނާ ގޮވައިގެން އެތަނުން ދުރަށް ދިޔައެވެ. ހަށިގަނޑުގައި އެއްވެސް މަސްކޮޅެއްނެތޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. ހަންގަނޑުވަނީ ކަށިގަނޑުގައި ހިފާފައެވެ. ކަރުގައި ހިފާފައިވާލެއް ގިނަކަމުން އަޑުފޮށިވެސް ވަނީ ހަލާކުވެފައެވެ. ހަށިގަނޑުގެ ބޮޑުބައެއްގައި ދަނބުކުލަ ހުއްޓެވެ. އޭނާއަށް ތުހުމަތުކޮށް ގެއިން ނެރެވުނު ކަނޑިން ޚުދު އޭނާގެ ގައިގަ އޭގެ ނިޝާންތައް ވަޅުނެގިފައިވެއެވެ.
ޜަވީނާ ކިޒަން ގޮވައިގެން ޖަންގަލީގެ ތެރެއިން ލައިފައި ބޮޑު ގަހެއްގެ ދޮށަށް ދިޔައެވެ. އެ ގަހުގެ މައިގަނޑުގައިވާ ދޮރުން އެތެރެއަށްވަނެވެ. އަދި ބަރިބަރިއަށް އަޅާފައިވާ އެކި ފޮތްތައްފެނި، ކުތުބުޚާނާއެއްކަން ކިޒަންއަށް ދޭހަވިއެވެ. އޭރު ޜަވީނާ ކޮޓަރިއަށް ވަދެއެވެ. އިރުކޮޅަކުން އޭނާ ކޮޓަރިން ނިކުމެ ކިޒަންއަށް ގޮވާލިއެވެ. އޭނާގެ ކައިރީގައި އަންހެން ކުއްޖެއް ހުއްޓެވެ. “މިއީ ކިޒަން. ކިޒަން ދެން އުޅޭނީ އަހަރެމެންނާއެކު.” ޒައިލީއަށް ބަލައިލަމުން ޜަވީނާ ބުންޏެވެ.
ކިޒަންގެ ބަނޑުން އަޑުފަށްގަނޑު އިވުނެވެ. ވަގުތުން ކިޒަން ބިންމައްޗަށް ވެއްޓިގަނެ މަޢާފަށް އެދުނެވެ. “ނޫން ކިޒަން ތިހެން ނުހަދާނެ. ބަނޑުހައިވުމަކީ ގުދުރަތީކަމެއް. އަޅެ މިކުއްޖާއަށް ކިހިނެތްތަ ހަދާފަ މިހުރީ؟” ޜަވީނާ ތިރިވެ ކިޒަން ކޮޅަށް ތެދުވުމަށް އެހީތެރިވިއެވެ. އަދި ކާމޭޒު ކައިރިއަށް ގެންގޮސް މޭވާއެއް ކާންދިނެވެ. އޭރު ޒައިލީ ފޮތެއް ކިޔުމަށް އިނެވެ.
އިރުކޮޅަކުން ކޮޓަރިން ނިކުމެ ޜަވީނާ ކިޒަންއަށް ލާނެ ހަރުވާޅަކާއި، ކޯޓެއް ދިނެވެ. އަދި ފެންވެރުވުމަށް އެތަނުގެ ކައިރީގައިވާ ކޯރަކަށް ކިޒަން ގެންދިޔައެވެ. އަނދެގެން ހުރި ފޮތިގަނޑު ވަރުގަދައަށް އެއްސުމަށްފަހު، މަލެއްގެ ދިޔަ ކިޒަންގެ ގައިގަ އުނގުޅާލިއެވެ. ކިޒަންގެ ގައިގަ ދިލަނަގާވަރުން ނުހުރެވިގެން ތިރިވިއެވެ. މުޅިގައިގެ އެތައްމިތަނުގައި ހުރި ދޮސްތައް ފައިބައިގެން ދިޔައެވެ. ފެންވަރައިގެން އެއްޗެހި ބަދަލުކުރުމަށް ބުނުމުން ކިޒަންއަށް ވާނުވާ ނޭނގިފައި ހުއްޓެވެ. ނަމަވެސް ގެނައި ކޯޓާއި ހަރުވާޅާ ދިމާއަށް އިނގިލި ދިއްކޮށްލުމުން ދޭހަވިއެވެ.
އެކި ދުވަސްތަކުގެ މަތިން ޜަވީނާ ކިޒަންއަށް ދިރިއުޅުމުގެ ކަންތައްތައް ދަސްކޮށްދިނެވެ. ހުނަރުތަކާއި އެކި އުކުޅުތަކެވެ. ސޯލްއާއި ލުނައީގެ ދެބަހުރުވަ ދަސްކޮށްދިނެވެ. އަކުރު އަޅާ، ބަސްތައް ދެނެގަންނަން ކުޑަކުއްޖަކަށް ކިޔައިދޭ ފަދައިން ކިޔައިދިނެވެ. ކިޒަންއަށް ޖާދޫ ނެހެދުނު ކަމުގައިވީނަމަވެސް ޖާދޫގެ ވައްތަރުތައްވެސް ކިޔައިދިނެވެ. ހަނގުރާމަކުރުމާއި، ކަނޑި ގެންގުޅެން ދަސްކޮށްދިނެވެ. އެކި ފަހަރުމަތިން ވާހަކަ ދައްކަން އުޅުނު ނަމަވެސް އަޑުފޮށި ހަލާކުވެފައިވުމުން ކޮންމެ ފަހަރަކުވެސް އަޑު ނިކުންނަނީ ވަރަށް މަޑުންނެވެ. މާގިނަ ދުވަސްނުކޮށް، ޜަވީނާ ސަބިޝަލް މޮޝްޓަފް (ޖާދޫގެ ހަކީމެއް)އެއް ގެނައެވެ. ކިޒަންގެ ހަލާކުވެފައިވާ އަޑުފޮށި މަޑުމަޑުން ބޭސްދީގެން ރަނގަޅުކުރިއެވެ. މިގޮތަށް ބޭސްކުރުމުގައި އަހަރެއް ވޭތުވެދިޔައެވެ.
އެކިފަހަރުމަތިން ޒައިލީއާއެކު ޖަންގަލި ތެރޭގައި ކިޒަން މަޖާނަގަމުން ދިޔައެވެ. ކުޅިވަރުތައްކުޅެ، ސަކަރާތް ޖެހުމުގައެވެ. ނަމަވެސް މާގިނަދުވަހަކު އެ ހަމަޖެހޭ ދިރިއުޅުމަކު ނޫޅެވުނެވެ. ރިޒުއާނާގެ އުނދަގޫތައް މުޅި އަޒްޓިޝްއަށް ވެރިވަމުން ދިޔައެވެ. އެއްދުވަހަކު ރިޒުއާނާ ސަބިޝަލް ލިއަޣްފަފައި (ޖާދޫގެ ކުތުބުޚާނާ)އަށް އައެވެ. އޭރު ޜަވީނާ ޒައިލީ ގޮވައިގެން ގަހުގެ ކުރިމަތީގައި ހުއްޓެވެ. އަދި ކިޒަން ފެނުމާއެކު، ކިޒަންއާއެކު ކުޅެން ދާށޭ ކިޔާ ޜަވީނާ ޒައިލީ ފޮނުވާލިއެވެ. ދެ ކުދިންވެސް ޖަންގަލީގެ ގަސްބޯ ހިސާބުގައި ކުޅެން ތިއްބެވެ. ކުއްލިއަކަށް ރިޒުއާނާ އެތަނަށް ފާޅުވިއެވެ. އަދި ޒައިލީއާ ދިމާއަށް ދަނބުކުލައިގެ ޖާދޫ ގުޅައެއް އެއްލިއެވެ. ޒައިލީގެ ގައިގަ ޖެހުމުގެ ކުރިއަށް ކިޒަން އޭގެ ކުރިމައްޗަށް އެރިއެވެ. އެ ޖާދޫގެ ގުޅަ ޖެހުމާއެކު، ކިޒަންގެ މުޅި ހަށިގަނޑުން ކަނި ބުރައިގެން ދިޔައެވެ. ސަބިޝް ރެރިޑެން (ޖާދޫގެ ނާރުތައް) ރަންކުލައިން ދިއްލުނެވެ. އަދި ރީނދޫ ޖާދޫގެ ފުއްތައް ކިޒަންގެ ހަށިގަނޑު ވަށައިގެން އުފެދެން ފެށިއެވެ.
ޜަވީނާ ކިޔައިދިން ޖާދޫތައް ހަނދާންކޮށް އަތުގެ ބަނޑުފުށުގައި ކުޑަ ހުޅުކޮޅެއް ރޯކުރިއެވެ. އަލިފާނުގެ ބާރު ގަދަކޮށް ރިޒުއާނާއާ ދިމާއަށް އެއްލުމާއެކު އޭނާގެ ހަށިގަނޑުގައި ރޯވާން ފެށިއެވެ. ކުއްލިއަކަށް ރިޒުއާނާ ހުރިތަނަށް ގެއްލުނެވެ. ރިޒުއާނާ ގެއްލުމާއެކު، ދެ ކުދީންވެސް ދުވެފައި ސަބިޝަލް ލިއަޣްފަފައި (ޖާދޫގެ ކުތުބުޚާނާ)އަށް ދިޔައެވެ. އޭރު ޜަވީނާ ފެންނަ ހިސާބަކު ނެތެވެ. ކިޒަންއާއި ޒައިލީ ޜަވީނާ އަންނާނެ ދުވަހަކަށް އިންތިޒާރު ކުރަމުން ދިޔައެވެ. ދެ އަހަރު ދުވަސް ފާއިތުވިއިރުވެސް ޜަވީނާ އެނބުރި ނާދެއެވެ. ސަބިޝަލް ލިއަޣްފަފައި (ޖާދޫގެ ކުތުބުޚާނާ)ބެލެހެއްޓުމުގައި ކިޒަންއާއި ޒައިލީ އުޅުނެވެ. ފޮތްތައް ތަރުތީބު ކުރުމާއި، އާ ފޮތްތައް ލިޔުންފަދަ ކަންކަން ކުރިއެވެ. ސަބިޝަލް ލިއަޣްފަފައި(ޖާދޫގެ ކުތުބުޚާނާ)އާ މާ ދުރުނޫން ހިސާބުގައި ޖޮފިޝެ ޖަވާހިރުވީ ގަސް ކިޒަން ބަލަހައްޓަމުން ދިޔައެވެ.
~~~~~~~~~~~~~~~~~~~
ނުރް (އިރުގެ ޖާދޫ) ފަނޑުކޮށްލަމުން ކިޒަން ބުނެލިއެވެ. “ދެން އޭގެފަހުން އެނގުނީ ރިޒުއާނާ ޜަވީނާ އަޅުވެތިކޮށްގެން ގެންދިޔަކަން. އެއަށްފަހު ޒައިލީ ޖޮފިޝެ ޖަވާހިރު ސަލާމަތްކުރަން އުޅެނިކޮށް މި ދުނިޔެއާ ވަަކިވީ.” މިނާލްގެ ދެ ލޮލުން ފައިބައިފަވާ ކަރުނަތައް ފުހެލުމަށްފަހު، ކިޒަންގެ އަތުގައި ބާރަށް ހިފާލިއެވެ. “ތިހާ ރަހުމުކުޑަކޮށް ކަންތައް ކުރި އިރުވެސް މަންމައާއި ބައްޕައަށް އެއްޗެކޭ ނުބުނީ ކީއްވެ؟” މިނާލް ގިސްޖެހެމުން ބުންޏެވެ. “މަންމައާއި ބައްޕަ އަހަރެން ފަސް އަހަރު ވާންދެން ބަލާބޮޑުކުރި. އެހެންނޫނަސްވެސް އަހަރެންގެ އެއްވެސް ޖަޒުބާތެއް އެއިރަކު ނެތް.” ކިޒަން އެނދުން ތެދުވެ މިނާލްގައިގަ ބައްދާލިއެވެ. “މިހާރު ޒައިލީ މި ދުނިޔެ ދޫކޮށްފި. މިނާލްވެސް ދިޔައީކަމަށް ހީކޮށް އަހަރެން ވަރަށް ދެރަވި. އަހަރެންގެ ހަޔާތައް ޖަޒުބާތުތައް ގެނުވީ މިނާލް. އެއީ އުފާވެރިކަންވިޔަސް ދެރަވުންކަމުގައި ވިޔަސް އަހަރެންގެ އަނދިރި ހަޔާތަކަށް ފާޅުވި އަލިކަމަކީ ތިއީ.” މިނާލްގެ އިސްތަށިގަނޑަށް ބޮސްދެމުން ބުންޏެވެ.
“އެންމެ ފުރަތަމަ މިނާލް ސަބިޝަލް ލިއަޣްފަފައިއަށް އައި ދުވަހު އަހަރެން ދިޔައީ ސިހިގެން. އެއީ ޒައިލީގެ މަރަށްފަހު އިންސާނެއްގެ ހިލަމެއްވީ ފުރަތަމަ ފަހަރު. އަހަރެން ހީކުރީ އަދިވެސް އެ ރިޒުއާނާ މީހުން ފޮނުވަނީކަމަށް. އެ ދުވަހުންސުރެ އަހަރެންގެ ހަށިގަނޑުގައި އާދަޔާ ޚިލާފު އިހުސާސްތަކެއް ވެރިވި. އެއީ ބުނެދެން ނޭނގޭ ކަހަލަ އިހުސާސެއް. އެ ދުވަހަށްފަހު ކަންކަމުގައި އުފާވުމާއި ދެރަވާންވެސް ފެށި.” ކިޒަން މިނާލްއާ ކައިރީގައި ހުރެ ބުންޏެވެ.
“މިނާލް ހަނދާން އެބަހުރިތަ، ޓެފަސޫރް (ހަނދުގެ ބިން)އަށް ދިޔައިރު އަވަށެއްގައި މަޑުކުރި ހަނދާން؟” މިނާލްގެ އިސްތަށިގަނޑާ ކުޅެލަމުން ކިޒަން އެހިއެވެ. “ނޫން، މިހާރު ވަރަށް ގިނަ ކަންތައްތައް ހަނދާން ނެތް. ހަމައެކަނި ހަނދާންހުރީ ޓިފުޓިޚް ފެންގަނޑުން ފެނުނު އެއްޗެހި އެކަނި.” މިނާލް އިސް އުފުލާލުމަށްފަހު ކިޒަންގެ މޫނަށް ބަލައިލަމުން ބުންޏެވެ. “އެކަމު އަހަރެން ހަނދާން އެބަހުރި، މިނާލް އެރޭ، އަހަރެން ނިދާފަ އޮތްކަމަށް ބުނި އެއްޗެއް!” ކިޒަން މައްލަވަކުރާ ރާގަކަށް ބުންޏެވެ. “ކޯއްޗެއް އަހަރެން ބުނީ؟” މިނާލް ސުވާލުމާކެއްގެ ތެރޭގައިހުރެ ބުންޏެވެ. “އަހަރެން ލޯބި ވާހަކަ ބުނީމެއްނު. އޭރު އަހަރެންވެސް ނުނިދިއޮތީ. ހަމައެކަނި ލޯ މަރައިގެން.” ކިޒަންގެ މޫނު މިނާލްގެ މޫނާ ގާތްކޮށްލަމުން ބުންޏެވެ. މިނާލްގެ ކޯތާފަތްމަތި ރަތްވާން ފެށިއެވެ.
އަވަސް ހިނގުމެއްގައި ކޮޓަރިއަށް އުޔީން ވަނުމާއެކު، ކިޒަން މިނާލްއާ ދުރަށް ޖެހުނެވެ. “ކިޒަން، މިނާލް ބައްދަލުވުމަކަށް، ތަޚުތު ހުރި ކޮޓަރިއަށް. ވަރަށް އަވަހަށް އާދޭ!” އުޔީން ކޮޓަރިން ނިކުންނަމުން ދައުވަތު ދިނެވެ. އަވަސް ހިނގުމެއްގައި ދެ މީހުންވެސް ތަޚުތު ހުރި ކޮޓަރިއަށް ދިޔައެވެ.
އޭރު ލަވީން، އުޔީން، އެޒާރާ، ތަޒުމީރާ އަދި ޒަނީންވެސް ތިއްބެވެ. މަޑުމަޑުން އައިސް ދެ މީހުންވެސް މޭޒުދޮށުގައި އިށީނެވެ. “މިހާރު އަހަރުމެންނަށް ދިމާވެފައިވާ އުނދަގުލެއް ހިއްސާކުރުމަށް. މިދިޔަ ދުވަސްތަކުގައި ފެނުގެ ސިޓީގައި، ޥަޓެފް (ފެނުގެ)ޖަވާހިރު ވަގަށް ނަގަން އުޅެފި. އޭގެފަހުން އަދި ޚަބަރެއް ނުވޭ. އެ ރަށުގެ ބޮޑުބައެއް މަރާލާފައިވޭ. އަދި މި ގަނޑުވަރުގައި މަސައްކަތްކުރަމުން ދިޔަ ބައެއް ޖާދޫގަރުން ވާނީ ހަނގުރާމައަށް ފޮނުވާފައި.” ލަވީން ވާހަކަދައްކަން ފެށިއެވެ.
“ވައިގެ ގަނޑުވަރުގައިވެސް ހަމަ އެފަދައިން ޖަވާހިރު ފޭރިގަނެގެން ދިޔަ. ވަރަށް ގިނަ މީހުން މަރުވެދިޔަ. ރިޒުއާނާއަށްވުރެ އޭނާގެ އުކުޅުތައް މާ ނުބައި. ފާޑެއްގެ ބޮޑު ހަރުފައެއް ވައިގެ ގަނޑުވަރު ކައިރީ ފާޅުކުރި.” އެޒާރާ ކިޔައިދިނެވެ. “އޭނާގެ ނަން އެކަކަށްވެސް އިނގޭތަ؟” ކިޒަން ސުވާލުކުރިއެވެ. ހުރިހާ އެންމެންވެސް އަޑުމަޑުވެފައި ތިއްބެވެ. ކިޒަން އެއްޗެކޭވެސް ނުބުނެ މިނާލްގެ މޫނަށް ގެއްލިފައި އިނެވެ. “އޭނާގެ ނަން ނޭނގޭ މިކަމަށްބެލީ.” ލަވީން ގޮތް ނިންމިއެވެ. “މިހާރު އޭނާގެ މިސްރާބު ހުންނާނީ އެއަފްޓިޚް (ބިމުގެ) ނުވަތަ ޖިފެ (އަލިފާން)ގެ ޖަވާހިރަށް. އެހެންވުމާއެކު އަހަރެން މިވިސްނަނީ ދެ ބަޔަކަށް ބަހައިގެން ދެތަނަށް އެއްފަހަރަކާ ދިޔުމަށް. އޭރުން ކޮންމެ ތާކަށް އޭނާ ދިޔަކަމުގައި ވީނަމަވެސް، އޭނާ ހުއްޓުވޭނެ.” ލަވީން އޭނާގެ ޚިޔާލު ހާމަކުރިއެވެ. “ތިގޮތްވެސް ރަނގަޅު އެކަމު އޭނާއާ ހަނގުރާމަކުރުމަށްވުރެ، އެ ޖަވާހިރުތައް ސަލާމަތްކުރުން މާ މުހިއްމު.” ކިޒަންގެ ރައުޔު ހިއްސާކުރިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



varah fahkaa ingey aslu vx hama
ޝުކުރިއްޔާ! ދެން އޮތް ބަޔަށް އިންތިޒާރު ކުރައްވާ