ޖަވާހިރުގެ ބާރު 2 – 6
ކިޒަންއާއި ޒަނީންއަށް ޣިފިމް ރެނިޓު (ދޫނީގެ ހާލިގަނޑު)ގެ ފަރުބަދަތަކާއި ވާދީތަކުގެ ތެރެއިންގޮސް ނިކުމެވުނީ، އާސާރީ ބިނާރެއްގެ ކުރިމައްޗަށެވެ. ވައިގެތެރޭގައި އުދުހެމުން ކުނާގަނޑު ބިނާރުގެ ތެރެއަށް ވަނެވެ. އެތެރެއިން މަރުޙަބާ ކީ ހޫލްއެވެ. “ކީތްކުރަން މިތަނަށް ތިއައީ؟” ކިޒަންމެން އައި ބޭނުމެއް ހޯދުމަށް ހޫލް އެހިއެވެ. “މިއައީ ޤަރޫތު ހޯދުމަށް.” ކިޒަން އައި ބޭނުން ތެދަށް ކިޔައިދިނެވެ. އޭރު އަކްޒާ މިނާލްގެ ކޮޓަރިން ނިކުންނަނީއެވެ. އަދި އައިސް ތިިބި އިންސާނުން ފެނި ހޫލް ކުރި ސުވާލު ތަކުރާރު ކުރިއެވެ.
ކިޒަންއާއި ޒަނީން ގޮވައިގެން އަކްޒާ ދޫނީގެ ބިނާރުން ބޭރަށް އުދުހިފައި ދިޔައެވެ. “ދެންމެ ތި ވާހަކަދެއްކި އިރު ދޫނި ހަމައެއް ނުވާނެ. އޭނާގެ ސިކުނޑީގައި ކޮންމެވެސް މައްސަލައެއް ހުރޭ. ކަލޭމެން ހޯދަން އައީ ޤަރޫތު ކަމުގައިވާނަމަ، އޭނާ ވަނީ މި ދެނިޔެއާއި ރޫހީ ދުނިޔެއިންވެސް ވަކިވެފައި. އޭނާގެ ރޫހުވެސް މިހާރު ނެތް.” އަކްޒާ ކިޔައިދިނެވެ. “އެހެން ނޫންވިއްޔާ، މިނާލް ކިޔާ އަންހެން ކުއްޖަކު ދަންނަންތަ؟” އަކްޒާ ކައިރި ޒަނީން ސުވާލުކުރިއެވެ. އަކްޒާ އެ ސުވާލަށް ޖަވާބު ނުދީ ދޫނީގެ ބިނާރަށް އެނބުރި ދިޔައެވެ. އަދި މިނާލް އޮތް ކޮޓަރިއަށް އެ ދެ މީހުން ވެއްދިއެވެ.
ކިޒަންއާއި ޒަނީން ބޯޅަދަނޑެއް ވަރުވާ އެނދުގައި ދުވަމުންގޮސް ނިދިފައިވާ މިނާލް ފެނުމާއެކު އުފަލުންގޮސް ފޮޅުނެވެ. “މިނާލް! މިނާލް!” ދެ މީހުންވެސް އެއްރާގެއްގައި ގޮވަމުން ދިޔައެވެ. މިނާލު ކުއްލިއަކަށް ދެ ލޯހުޅުވާލިއެވެ. އަދި ކައިރީގައި ތިބި ދެމީހުންނަށް ރަނގަޅަށް ބަލައިލިއެވެ. “ބައްޕާ. ކިޒަން؟” މިނާލް އުފަލުން ހުރެ ދެ މީހުންގެ ގައިގަ އެއްފަހަރާ ބައްދައިގަތެވެ. “އަހަރެން ބައްޕައާއި ކިޒަންގެ މަތިން ވަރަށް ހަނދާންވި. އެކަމަކު އަހަރެންގެ ސަބިޝް ރެރިޑެންތައް ކުޑަކޮށް ހަލާކުވެފައިވާތީ، ސޫރް ނެޕްޓަފް ގެންގުޅުމަށް އަކްޒާގެ އެހީތެރިކަމާއެކު ތަމުރީންވީމު.” މިނާލް އުފަލުން އެނދުމައްޗަށް ކޮޅަށް ތެދުވިއެވެ. “ދަރިފުޅު ރަނގަޅު ސިއްހަތުގައި ފެނުމުން ބައްޕަ ވަރަށް އުފާވެއްޖެ. މި ހިތުގައި ހިނގާ އަސަރުތައް ދަރިފުޅަށް ނޭނގުނަސް ބައްޕަ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވަން.” ޒަނީން ފެންކަޅިވެ، އޭނާގެ ހިތަށް އިނގިލިކުރި ދިއްކޮށްލަމުން ބުންޏެވެ.
ކިޒަން، ޒަނީން އަދި މިނާލް ދޫނީގެ ބިނާރުގެ ފެންޑާއަށް އަކްޒާ ގެންގޮސްދިނެވެ. މިނާލްއަށް ސޫރްނެޕްޓަފް (ހަނދުގެ ޖާދޫ ދަނޑިކޮޅު)ހަވާލުކޮށް، ރައްކާތެރި ދަތުރަކަށް އެދެމުން އަކްޒާ ދުރަށް ޖެހިލިއެވެ. ހުރިހާ އެންމެންވެސް ކުނާގަނޑުގައި ތިބެ އަޒްޓިޝްއަށް ދިޔުމަށް ދަތުރު ފެށިއެވެ. ބަނަފިނިގަނޑުގެ ތެރެއިން ދަތުރުކުރަމުން ކިޒަންއާއި އޭނާގެ ބައްޕައަށް ޣިފިމް ރެނިޓް (ދޫނީގެ ހާލިގަނޑު)ގައި ވީ ކަންތައްތައް ކިޔައިދމުން ދިޔައެވެ.
*******************
ޝަވްތާ އާއި ޝާރާ، ދެ މީހުންވެގެން އާހިތަވެރިން ބޭނުންކުރަމުން ދިޔަ ކަނޑިތައް ހޯދިއެވެ. އަދި ކޮންމެ ޖާދޫގަރަކަށްވެސް ކަނޑި ހަވާލުކުރިއެވެ. ހުރިހާ އެންމެން ވެގެން މަކުނަކަށްފަހު މަކުނެއް ކަނޑިޔާކަނޑިއަޅާ މަރަމުން ދިޔައެވެ. ޝަވްތާއާއި ޝާރާ ދިޔައީ ބާތިޘްގެ މިސްރާބު ހުރީ ކޮން ދިމާއަކަށްތޯ ބަލަމުންނެވެ.
ޖަންގަލީގެ ގަސްތައް އެއް އަތުން އެއްފަރާތް ކުރަމުންދިޔައިރު، އަނެއް އަތުގައި ޖަވާހިރު، ހިފަހައްޓައިގެން ހުރި ރަސްގެފާނު، ކުރިއަށް ދުވަމުން ދިޔައެވެ. ދުވެ ދުވެ ވަރުބަލިވުމުން ޥަޓެފް (ފެނުގެ ޖާދޫ)ބޭނުންކޮށް ވައިގެތެރޭގައިވާ ފެނުގެ ތިކިތައް ގަނޑުކޮށް އޭގައި ކިރިއްސަމުން ކުރިއަށް ދިޔައެވެ. ބޯ ޖަންގަލިން ނިކުމެވި ކުރިމަތީގައި ހުރި ތަން ފެނި ޖެހިލުންވިއެވެ. އެޝްލިޕްނިއާގެ ދަނބުވިލާތައް ކުރިމަތީގައި ހުއްޓެވެ. ކުރިއަށް ދެވޭނެ އެއްވެސް މަގެއް ފެންނަން ނެތުމާއެކު، ދަނބުވިލާތައް އިރާލުމަށްފަހު، އެޝްލިޕްނިއާ ތެރެއަށްވަނެވެ.
ބާތިޘްގެ ސަމުގާ ކުއްލިއަކަށް އެކި ކޮޅުކޮޅަށް އެނބުރެން ފެށިއެވެ. “ޔަޤީން އެޝްލިޕްނިއާގެ އެތެރެއަށް އެވަނީ!” ބާތިޘް ދެބުމަ ގޮށްޖަހާލުމަށްފަހު ބުންޏެވެ. އަދި މަޑު ހިނގުމެއްގައި ގޮސް ބޮޑު މަކުނުގެ ފައި ބޭނުންކޮށް އެޝްލިޕްނިއާގެ ވިލާތައް އިރާލުމަށްފަހު ބާތިޘް އެތާ އެތެރެއަށް ވަނެވެ. ބޮޑުމަކުނަށް ފެނުގެ ސިޓީގެ ރަސްގެފާނު ހޯދުމަށް އަމުރުކުރިއެވެ. އެއާއެކު ތޫލި އަދި އެހާމެ ޒީލަގަދަ އަޑަކުން އެ މަކުނު ހަޅޭއް ލަވާލިއެވެ. އެ އަޑަށް ހުރިހާ ކުދި މަކުނުތަކެއް މުޅި އެޝްލިޕްނިއާގެ އެކި ސަރަހައްދުތަކަށް ބެހިގެން ދިޔައެވެ. އެއާއެކު ބާތިޘް އަނދިރި ގަނޑުވަރަށް އެނބުރި ދިޔައެވެ.
އަނދިރި ގަނޑުވަރުގެ އެތައް މިތަނުގައި ކަޅުބުޅާ އުޅެއެވެ. އެއްފަހަރު ފުރާޅު މަތީގައެވެ. އަނެއްފަހަރު ތަޚުތުގެ ކޮޓަރީގައެވެ. އެއަށްފަހު ގަނޑުވަރުގެ ކޮޓަރިތަކުއެވެ. މީދަލާއި އެތަކެއް އެހެން ޖަނަވާރުންނެއް ރަހުމެއްނެތި މަރާލުމާއެކު، އޭގެ އަނގަޔަށްލައި ކާލައެވެ. ދޭތެރެ ދޭތެރެއިން ކަޅު ޖާދޫގެ ފުއްތައް މުޅި މާހައުލަށް ބުރުވައެވެ. ބާތިޘް ފާޅުވުމާއެކު، އޭނަގެ ކައިރިއަށް ދުވެފައި ދިޔައެވެ. “ކޮބާ ފެނުގެ ޖަވާހިރު؟” އެ ބުޅާ ސުވާލުކޮށްލިއެވެ. “އަދިވެސް ނުފެނޭ. އެ ޖަވާހިރު ފޮރުވަންވެގެން މީހަކު އެބައުޅޭ. މިހާރު އޭނާ ވާނީ މި އެޝްލިޕްނިއާގެ ތެރޭގައި. ކަލޭ ދިން ބާރުގެ ބޭނުންކޮށް މަކުނުތަކެއް އޭނާގެ ފަހަތުން ވާނީ ފޮނުވާފައި.” ބާތިޘް އޭނާ ކުރި ކަންތައް ކިޔައިދިނެވެ. “ހޫނ ތީ ވަރަށް ރަނގަޅު ރޭވުމެއް. އޭރުން ކަލޭގެ ހަކަތަވެސް ސަލާމަތްވާނެ.” އެ ކަޅުބުޅާ ނުލަފާ ހިނިގަނޑެއް ޖެހުމާއެކު، ގަނޑުވަރުން ބޭރުގައިވާ، މަކުނުތަކަށް ބަލައިލަމުން ބުންޏެވެ.
*******************
ދެތިން ދުވަހުގެ ނިޔާމަ ދަތުރަށްފަހު، ބަނަފިނިގަނޑުން މިނާލްމެންނަށް ބޭރަށް ނިކުމެވުނެވެ. ކުނަލުގެ ތިރީގައިވާ މެއަމް އޮޝެއަރް (މަރުގެ ކަނޑު)އޮތީ އޮފު ބިއްލޫރިކޮޅެއްހާ އޮމާން ސަތަހައަކަށެވެ. ހަނދުވަރުގެ ފަނޑު ނޫކުލަ ކަނޑުގެ ސަތަހައިގައި ދަޅަ އެޅިވެފައިވެއެވެ. ކުނާގަނޑުގެ މަތިން މެއަމް އޮޝެއަރް (މަރުގެ ކަނޑު)ފެންނަނީ ނޫމަދަރަކައިގެ ކުލައަކުންނެވެ. ކުއްލިއަކަށް މެއަމް އޮޝެއަރް (މަރުގެ ކަނޑު)ގެ އަޑިން ޣިފިމް ރެނިޓް (ދޫނީގެ ހާލިގަނޑު)ގައިވާ ދޫނިތަކަށްވުރެ ބިޔަބޮޑު މަޚުލޫޤެއް ފާޅުވިއެވެ. ކުނާގަނޑުގައި ތިބި ކިޒަންއާއި ޒަނީން ކޮޅަށް ތެދުވެ ކަނޑިތައް ފާޅުކުރިއެވެ. ކިޒަން އޭނާގެ ކަނޑިއަށް ހުދު ރީނދޫ ޖާދޫ އެއްކުރުމަށްފަހު، ކުނާގަނޑުން ފުންމާލިއެވެ. އަދި އަމިއްލަ ގައިގަ ޥިރިމް (ވައިގެ ޖާދޫ)ބޭނުންކޮށް އުދުހިފައި ދިޔައެވެ. އޭލް (ވެން)އާ ކައިރި ވީ ވަރަކުން ކިޒަން ހަމަލައެއް ދެވޭތޯ ބެލިއެވެ. ހުދު ރީނދޫ ކުލައިން ދިއްލިފައިވާ ކަނޑިން އޭގެ ހަށިގަނޑުގައި އެކިފަހަރުމަތިން ޖެހިއެވެ. ނަމަވެސް ހަލާކުވާ ކޮންމެތަނެއް އިރުކޮޅެއްގެ ތެރޭގައި ރަނގަޅުވަމުން ދިޔައެވެ.
ޒަނީން ޓެލިޕޮފްޓި (ޖާދޫ ދަތުރު)ބޭނުންކޮށް އޭލް(ވެން)ގެ ލޮލާ ދިމާއަށް ފާޅުވިއެވެ. އަދި ނުރް (އިރުގެ ޖާދޫ)ބޭނުންކޮށް އޭގެ ލޮލަށް އަލިގަނޑެއް ފާޅުކުރިއެވެ. އެއާއެކު، އޭތި މެއަމް އޮޝެއަރް(މަރުގެ ކަނޑު)ގެ ތެރެއަށް ގެނބިގަތެވެ. ހަމަޖެހުމުގެ ނޭވާއެއް ނުލެވެނީސް ވައިގެ ތެރޭގައި އުދުހެމުން ދިޔަ ކުނާގަނޑުގެ ފަހަތުން އޭތި ފާޅުވިއެވެ. އަދި ކުނާގަނޑާ ދިމާއަށް އޭގެ ބޯ ކައިރި ކުރަމުން ދިޔައެވެ. މިނާލް އަވަސްއަވަހަށް އޭނާގެ ބުރަކަށީގައި އައްސާފައިވާ ކަމަރުން ސޫރް ނެޕްޓަފް (ހަނދުގެ ޖާދޫ ދަނޑިކޮޅު)ނެގުމަށްފަހު ‘ޝިޚައޮން’ ކިޔާ ހަޅޭއްލަވައިގަތެވެ. ސޫރް (ހަނދުގެ)ޖަވާހިރުން ޖާދޫގެ ކުނޑިފުއްތައް އޭގެ ބޮލަށް އަމާޒުވިއެވެ. އިރުކޮޅަކު، އޭތީގެ ބޮލަށް އެނބުރުން އަރާ ގޮތެއްވެ މެއަމް އޮޝެއަރް(މަރުގެ ކަނޑު)ތެރެއަށް ފީނައިގަތެވެ.
ހުރިހާ އެންމެންވެސް ހުޝިޔާރު ކަމާއެކު އޭލް (ވެން)ގެ އިންތިޒާރުގައި ތިއްބެވެ. އޭތި ފާޅުވާނޭ ދިމާއެއް ނޭނގޭތީވެ، ހުރިހާ ދިމާއަކަށްވެސް ލޯ އުކަމުން ދިޔައެވެ. އިސާހިތަކު ކިޒަންގެ ފަހަތުން އޭތި ފާޅުވިއެވެ. ވަގުތުން ކިޒަން ފަހަތަށް އެނބުރި އޭގެ އަނގަޔާ ދިމާއަށް ހުދުރީނދޫކުލައިގެ ޖާދޫގެ ފުއްތައް އުކާލިއެވެ. ނަމަވެސް އެއްވެސް ގޮތެއް ނުވިއެވެ. މިނާލް ކުނާގަޑުގައި ހުރެ ކިޒަންއަށް ގޮވަމުން ދިޔައެވެ. “ސޫރް ބޭނުންކުރޭ! ސޫރް ބޭނުންކުރޭ!” މިނާލް އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން ދިޔައެވެ.
ކިޒަންއަށް މިނާލް ކީ އެއްޗެހި އަޑު އިވޭގޮތެއް ނުވިއެވެ. އޭރު ކިޒަންއާ ދިމާއަށް އޭލް(ވެން) އަނގަ ހުޅުވާލިއެވެ. އޭގެ އަނގަތެރޭއަށްލައި ކިޒަން ބަންދުކޮށްލިއެވެ. ވަގުތުން ޒަނީން ޓެލިޕޮފްޓި (ޖާދޫ ދަތުރު)ގެ ބާރު ބޭނުންކޮށް ކިޒަން ކުނާގަނޑަށް ފާޅުކޮށް ސަލާމަތްކުރިއެވެ. ޒަނީން އިލުނިއޮފް (ވަންހަނާ ޖާދޫ)ގެ ބާރުތައް ބޭނުންކޮށް ކުނާގަނޑު ނިވާކޮށްލިއެވެ. ނަމަވެސް އޭނާ ދިޔައީ ޥިރިމް (ވައިގެ ޖާދޫ)ބޭނުންކޮށް ކުނަލުގެ ކުރިއަށް އުދުހެމުންނެވެ. ނުރް (އިރުގެ ޖާދޫ)ބޭނުންކޮށް އޭތީގެ ލޮލާ ދިމާއަށް އަލިކޮޅުކޮޅު ފޮނުވަމުންނެވެ. އިސާހިތަކު އޭތި ޒަނީންގެ ގަޔާ ދިމާއަށް ކަނޑުގެތެރެއިން ފުންމައިގަތެވެ. އެއާއެކު ޒަނީން ޓެލިޕޮފްޓި (ޖާދޫ ދަތުރު)ބޭނުންކޮށް އޭތީގެ ފަހަތަށް ފާޅުވެ، ކަނޑުގެ ތެރެއަށް ގެއްލެންދިޔަ އޭލް (ވެން)ގެ ހަށިގަނޑުގައި ރަތް އަލިފާން ރޯކުރިއެވެ. އަލިފާންގަނޑުގެ ކުލަ އިންތިހާއަށް ގަދައެވެ. އޭނާގެ ރުޅިގަނޑު ހަމައިން ނެއްޓިގެން ދިޔައެވެ. އެއާއެކު، ކަޅު ރަތްކުލައަކުން މުޅި އޭލް ގެ ހަށީގައި ރޯވިއެވެ. އަދި އަނދަމުން ދިޔަ މަސްތައް އަލުން އިޢާދަ ވީވަރަކަށް ޒަނީން އޭގެ ހަށީގައި ރޯކޮށް އަންދަމުން ދިޔައެވެ.
ޒަނީން އޭނާގެ ސަބިޝް ރެރިޑެން (ޖާދޫގެ ނާރުތައް) ފިހެން ފެށިއެވެ. އެއާއެކު އަލިފާންގަނޑު ނިވި ދިއްލިފައި ކުއްލިއަކަށް ދިޔާ އަލިފާންގަނޑަކަށް ބަދަލުވެ، އޭލްގެ ހަށިގަނޑު ކަޅުކުލައަކުން އަނދަން ފެށިއެވެ. ކަޅު ދުންތަކާއެކު، އަލިފާން ފަރުބަދައިގެ ދިޔާ އަލިފާން ފާޅުވީ ތަނުން މެއަމް އޮޝެއަރް (މަރުގެ ކަނޑު)ހޫނުވެ، ކެކެން ފެށިއެވެ. އަލުން އިޢާދަވުން ހުއްޓި އެ މަޚުލޫޤު ކަޅު ކުނޑިތަކަކަށް ބަދަލުވެ، އުޑުގައި ވިލާގަނޑެއް އުފެދުނެވެ. އަދި މަޑުމަޑުން އަޒްޓިޝްގެ މެދުގައިވާ އެޝްލިޕްނިއާގެ ތެރެއަށް އެ ކުނޑިތައް ދިޔައެވެ.
މާނޭވާލަމުން، ދުނިޔޭގެ ކެތައް އުދުހެމުންދިޔަ ޒަނީން މެއަމް އޮޝެއަރް (މަރުގެ ކަނޑު)ގެ ތެރެއަށް ވެއްޓެން ދިޔައެވެ. “ބައްޕާ!” ކިޔާ މިނާލްއަށް ހަޅޭއްލަވައިގަނެވުނެވެ. ކިޒަންގެ ދަށްބަނޑުގައި އޭލް (ވެން)ގެ ދަތެއް ވަދެފައިވެއެވެ. ބަނޑުގައި އަތްއަޅާ ތެދުވަމުން ވެއްޓެމުން ދިޔަ ޒަނީންގެ ހަށިގަނޑާ ދިމާއަށް އުދުހިގަތެވެ. ޥިރިމް (ވައިގެ ޖާދޫ)ބޭނުންކޮށް ޒަނީންއާއެކު ކިޒަންއަށް ކުނާގަނޑަށް އެރުނީ ހަމަ ކިރިޔާއެވެ. ޒަނީންގެ ގައި އިންތިހާއަށް ހޫނެވެ. ހަންގަނޑުގެ ތެރެއިން ސަބިޝް ރެރިޑެންތައް (ޖާދޫގެ ނާރުތައް)ގަދަ ނާރިނގުކުލައިން ދިއްލިފައިވެއެވެ. އަދި ލައިގެން ހުރި އަންނައުނު އެކި ހިސާބުން އަނދާފައިވެއެވެ. ޖާދޫގެ ބާރުތައް ބޭނުންކޮށް ޖާދޫ ހުސްވެ، ޒަނީން އޮތީ ހޭނެތިފައެވެ. ބާރު ދުވެލީގައި ޖަވާސުރްގެ ގަނޑުވަރަށް އެ ކުނާގަނޑުގެ މިސްރާބު ހުއްޓެވެ.
********************
ޝަވްތާމެން އެންމެން އެއްކޮށް އެޝްލިޕްނިއާގެ ވިލާތަކުގެ ކުރިމައްޗަށް ދެވުނެވެ. އޭރު އެތަނުގެ ދަނބު ވިލާތައް ވަނީ އިރާލާފައެވެ. އެތަނުގެ ތެރޭގައި މަކުނުތައް ވެރިވެ އުޅެއެވެ. ޝަވްތާގެ އަތުގައި ޖާދޫ ބޭނުންކޮށް ލޮންސިއެއް ފާޅުކުރިއެވެ. އެކި ކަހަލަ ޚަތިޔާރުތައް އެހެން ޖާދޫގަރުން ފާޅުކުރިއެވެ. އަދި ޚަތިޔާރުތަކުގެ ބޭނުންކޮށް މަކުނުތައް މަރަމުން އެޝްލިޕްނިއާގެ ތެރެއަށް ވަނެވެ.
******************
ޖަވާސުރު ގަނޑުވަރަށް ކުނާގަނޑު ފޯރުމާއެކުހެން، މިނާލް ލަވީންގެ ކައިރިއަށް ދިޔައެވެ. ތަޚުތުގެ ކޮޓަރިއަށް ކުނާގަނޑުގައިގޮސް ވަދެވުމާއެކު، ލަވީން ދުވެފައި އައެވެ. “މިނާލް!” ލަވީން އަދި އުޔީން އެއްފަހަރާ ގޮވާލިއެވެ. ކައިރީގައި ހުރި އުޔީން، ތަޒުމީރާއަށް ގޮވުމަށް ބާރު ހިނގުމުގައި ދިޔައެވެ. އޭރު ކިޒަންއަށް ނޭވާ ލެވެނީ ހަމަކިރިޔާއެވެ. ޒަނީންގެ ހާލު އަދި އެއަށްވުރެ ދެރައެވެ. ނޭވާ ނުލެވި ގިނައިރުވުމުން މުޅި ހަށިގަނޑަށް ފަނޑު ނޫކުލައެއް ވަނީ އަރާފައެވެ.
ދުވެފައި އުޔީންއާއެކު، ތަޒުމީރާ ތަޚުތު އިމާރާތަށްވަނެވެ. އަދި ޥިރިމް (ވައިގެ ޖާދޫ)ބޭނުންކޮށް ދެ މީހުންވެސް ނޭވާ ލައްވަން ފެށިއެވެ. އިރުކޮޅެއްފަހުން ދެ މީހުންގެ ނޭވާ ހަމަޔަކަށް އެޅުމާއެކު، ހަސްފަތާލަށް ގެންގޮސް އެނދުތަކުގައި ދެ މީހުން ބޭއްވުނެވެ. އަދި ކިޒަންގެ ދަށްބަނޑުކޮޅަށް ވަދެފައިވާ ވިހަ ދަތް ނެގުމުގެ މަސައްކަތް ފެށިއެވެ. އޭރު ހާސްވެފައިވާ ލަވީންއަށް ކަންވީގޮތުގެ ތަފްސީލު މިނާލް ބަޔާންކުރަމުން ދިޔައެވެ.
“މިނާލް ކިހިނެތް ބާރުގަދަ ގޮވުމުން ސަލާމަތްވީ؟” ލަވީން ސުވާލުކުރިއެެވެ. އެ ސުވާލަށް ޖަވާބުދެމުން ޖާދޫގެ ވަށްބުރު ގޮވުމަށްފަހު ވީ ގޮތް ކިޔައިދިނެވެ. “ސޫރް ޖަވާހިރު ކިހިނެތްވެފައި ތިއޮތީ؟” އުޔީން ސުވާލުކުރިއެވެ. އަކްޒާގެ ވާހަކަތައް ކިޔައިދިނެވެ. އަދި ކޮނޑުގައިވާ ފާރުގަނޑުވެސް ދައްކާލިއެވެ.
އެތަށް އިރެއް ވަންދެން ފަރުވާ ދިނުމަށްފަހު، ކިޒަންގެ ގައިން އޭލް (ވެން)ގެ ދަތް ނެގުނެވެ. ބޭސްވެރިކަމުގެ ޖާދޫ ބޭނުންކޮށް ލޭނާރުތަކުގައިވާ ވިހަތައް ނެރެވުނެވެ. އެއަށްފަހު ތަޒުމީރާގެ ބެލުމުގެ ދަށުގައި ކިޒަން އާއި ޒަނީން ބޭއްވިއެވެ.
ދެތިން ދުވަހެއް ފަހުން ޒަނީންއަށް ހޭވެރިކަން ވިއެވެ. އަދިވެސް އޭނާގެ ހަށިގަނޑުގެ އެތައް މިތަނުގައި ހަންގަނޑު ފިހިފައިވެއެވެ. ހަސްފަތާލަށްގޮސް ހުރި މިނާލް އޭނާގެ ބައްޕަގެ ގައިގަ ބާރަށް ބައްދައިގަތެވެ. އަދި ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު، ބައްޕަގެ ހާލަތާއި ބެހޭގޮތުން ސުވާލުކުރިއެވެ. ރަނގަޅުކަމަށް ބުނުމާއެކު، ކިޒަންގެ ހާލަތު ބެލުމަށް ތަޒުމީރާ ކައިރިއަށް ދިޔައެވެ. އޭރު ކިޒަން ބާއްވާފައިވާ އެނދާއި ޖެހިގެން ހުރި އެނދުގައި މިނާލް ނުދަންނަ މީހަކު އޮތެވެ. އެއީ ކާކުތޯ ސުވާލުކުރުމުން ތަޒުމީރާ ޖަވާބު ދިނެވެ. “އެއީ އެޒާރާ. އެއީ ވަރަށް ދިގު ވާހަކައެއް.” އަދިވެސް ހޭނެތިފައިވާ ކިޒަންގެ ހަރަކާތެއް ނެތެވެ. މިނާލް ކިޒަންގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. އަދި މިނާލްގެ މޫނާއި ގާތްކޮށްލުމަށްފަހު، ކިޒަންގެ އަތްތިލައިގެ ނުފުށުގައި އޭނާގެ ތުންފަތް ޖައްސާލިއެވެ. އަދި މަޑުމަޑުން އެކަކަށްވެސް ނީވޭ ވަރުން، ބުނަމުން ދިޔައެވެ. “ކިޒަން، އަހަރެން ދޫކޮށްފައި ނުދޭ! އަހަރެން ކިޒަންދެކެ ވަރަށް ލޯބިވޭ!” މިނާލްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ކިޒަންގެ އަތަށް ހިނދުނެވެ. ކިޒަންގެ އަތް ބޭއްވުމަށްފަހު މިނާލް މަޑު ހިނގުމެއްގައި ތަޒުމީރާއާއެކު ބޭރަށް ނިކުތެވެ. އަދި ތަޒުމީރާ އަޒްޓިޝްގެ ހާލަތު މަޑުމަޑުން މިނާލްއަށް ކިޔައިދެމުން ދިޔައެވެ.
******************
ފެނުގެ ސިޓީގެ ރަސްގެފާނު އެޝްލިޕްނިއާގެ ޖަންގަލީގެ ތެރެއިން ދުވަމުން ދިޔައިރު، އޭނާގެ ފަހަތުން އެ މަކުނުތައް އާދެއެވެ. ދުވެދުވެ ގައިގެ ހަކަތަ ހުސްވިއެވެ. އަދި ވަގުތުކޮޅަކަށް ވަރުބަލި ފިލުވާލުމަށް ބޮޑު ގަހެއްގެ ފަހަތަށް ޖެހުނެވެ. އަދި ނޭވާލުން ހުއްޓާލިއެވެ. އެ މަކުނުތައް އެއްވެސް ހުއްޓުމަކާއި ނުލާ ކުރިއަށް ދިޔައެވެ. އޭގެ ފަހަތުން ދުވަމުން އައި ޝަވްތާމެން ފެނި އެ މީހުން މަޑުކުރުވިއެވެ. އެމީހުން އެޝްލިޕްނިއާއަށް އައުމުގެ ބޭނުމަކީ ކޮބާތޯ ސުވާލުކުރިއެވެ. ލަސްނުކޮށް ފެނުގެ ސިޓީގެ ހާލަތު ޝާރާ ކިޔައިދިނެވެ. ޥަޓެފް (ފެނުގެ)ޖަވާހިރު ހޯދަމުންދާ މީހާއަކީ ކާކުކަން އިނގޭތޯ ޝަވްތާވެސް ސުވާލުކުރިއެވެ. އަވަސް ކުރު ޖަވާބުތައް ދިނުމަށްފަހު، ރަސްގެފާނުގެ ފަހަތުން މަކުނުތައް ނެތް ސަރަހައްދެއް ބަލާ ހުރިހާ އެންމެން ދުއްވައިގަތެވެ.
ޖަންގަލިތެރޭގައި ދުވުމަކީ ފަސޭހަކަމެއްނޫނެވެ. ބާރު ހިނގުމުގައި ޖަންގަލިތެރެއިން ނިކުންނަން ދިޔަ މަގުމަތީގައި، ކުއްލިއަކަށް ކުރިމަތިން ފާޅުވީ ކަޅުކުލައިގެ ހިޔަޅުތަކެކެވެ. ކަނޑި ހިފައިގެން ތިބި ޖާދޫގަރުންވެގެން ހަނގުރާމަކުރަމުން ދިޔައެވެ. އެކި ފަހަރުމަތިން ދިމާވާ މަޚުލޫގުންތައް މަރަމުން ޖަންގަލިތެރެއިން ނިކުމެ، ކުރިމަތީގައިވާ ދަނބު ވިލާގަނޑާ ދިމާއަށް ހުރިހާ އެންމެން ދުއްވައިގަތެވެ. ވިލާގަނޑާއި ކައިރި ނުވެވެނީސް ކުރިމަތިން ފާޅުވީ ބިޔަ ބާޒެކެވެ. އޭތީގެ ބާރު ހަޅޭކާއެކު، މަކުނުތައް އެމީހުންނާ ދިމާއަށް އަންނަން ފެށިއެވެ. ބާޒުގެ ފިޔަގަނޑުން ވައި އުފައްދާ ހުރިހާ އެންމެން އެކި ކޮޅުކޮޅަށް ވިއްސުވާލިއެވެ. ލަސްނުކޮށް ހުރިހާ އެންމެން ކޮޅަށް ތެދުވެ، އަނެއްކާވެސް ޖަންގައްޔާ ދިމާއަށް ހުރިހާ އެންމެން ދުއްވައިގަތެވެ. ޖަންގައްޔަށް ވަދެވެންދެން މަކުނުތަކާއި، ހިޔަޅުތައް މަރަމުންގޮސް ގަސްތަކުގެ ނިވަލަށް ވަނެވެ. އެކަކު މަދުވާހެން ހީވާތީވެ، ބަލައިލި އިރު ރަސްގެފާނު ހުރީ ވައިގެތެރޭގައި އުފުލިފައެވެ. އޭނާގެ ފަހަތުން ބާތިޘް ހިނިގަނޑެއް ޖަހާލިއެވެ. “ކަލޭ ކިތަންމެ ވަރަކަށް ފިލަން އުޅުނަސް މަގޭ ލޮލަކުން ތިޔަ ޖަވާހިރެއް ނުފޮރުވޭނެ!” އެހެން ބުނުމަށްފަހު، ވައިގެތެރެއަށް އުފުލިފައިވާ ރަސްގެފާނުގެ ކަށިތައް އެގޮތްމިގޮތަށް ބިންދާލިއެވެ. ތަދާއި ވޭން އުފުލަމުން ދިޔަ ފެނުގެ ރަސްގެފާނުގެ ހަޅޭކުގެ އަޑު މުޅި މާހައުލުގައި ގުގުމާލިއެވެ. މި މަންޒަރު ބަލަން ތިބި ޝަވްތާމެން ބިރުން ފިތްކަންޑައިގެން ދިޔައެވެ. އަދި ޖަންގަލީގެ ގަސްތަކުގެ ނިވަލުގައި ފިލައިގެން ތިއްބެވެ.
ފެނުގެ ޖަވާހިރު ލިބުމާއެކު، ބާތިޘް އުފަލުން ފޮޅުނެވެ. އޭނާގެ އަތުގެ އިޝާރާތާއެކު މުޅި އެތަނުގައިވާ މަކުނުތައް ކަޅު ކުނޑިތަކަށް ބަދަލުކޮށްލިއެވެ. އަދި އޭނާގެ ސަބިޝް ރެރިޑެން (ޖާދޫގެ ނާރުތައް)ގެތެރެއަށް އެ ކުނޑިތައް އުދުހެމުން އައިސް ވަނެވެ. އެއާއެކު ހުރިތަނަށް އޭނާ ގެއްލުނެވެ. ހުރިހާ އެންމެންނަށް ކުރެވުނު މަސައްކަތް ބޭކާރުވީއެވެ. ހުރިހާ އެންމެންވެސް ޖަންގަލީގެ ތެރެއިން އައި ފަޅިއަށް ނިކުމެ، އެޝްލިޕްނިއާއިން ނިކުންނަން ދިޔައެވެ.
*****************
ކުއްލިއަކަށް ކިޒަންއަށް ލޯ ހުޅުވާލެވުނެވެ. އޭނާ ބާއްވާފައިވާ ތަނަށް ނަޒަރު ހިންގާލިއެވެ. އޭނާގެ އަތްތިލައަށް ބަރުވާތީވެ އެ ދިމާއަށް ބަލައިލިއެވެ. އޭރު މިނާލް އޮތީ ކިޒަންގެ އަތްތިލަމަތީގައި ބޯއަޅައިގެން އޮވެ ނިދިފައެވެ. އޭނާގެ ހިތަށް ހަމަޖެހުން ލިބުނެވެ. ނިދިފައިވާ މިނާލްއަށް ބެލުމަށް އޮތެވެ. ތަޒުމީރާ ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު މިނާލް އެނދުން ބޯ ނެގިއެވެ. އަދި ހޭލާފައިވާ ކިޒަންގެ އަތުގައި ހިފާލިއެވެ. ކިޒަންއަށް ގޮވާލުމަށްފަހު މިނާލްގެ ލޮލުން ކަރުނައެއް ކޯތާފަތް މައްޗަށް ފޭދިގެން ދިޔައެވެ. ނަމަވެސް ތަޒުމީރާ ކިޒަންގެ ބޭސްގަނޑު ބަދަލުކުރަން އައުމުން މިނާލް ބޭރަށް ދިޔައެވެ.
އުޔީން ކޮޓަރިން ނިކުމެ އައިސް ސިއްރު ސިއްރުން މިނާލް ސިއްސުވާލިއެވެ. ވަގުތުން މިނާލް ސޫރް ނެޕްޓަފް (ހަނދުގެ ޖާދޫ ދަނޑިކޮޅު) ނެގުމަށްފަހު، ފަހަތުގައި ހުރި މީހާއާ ދިމާކުރިއެވެ. “ހާހް. އަޅެ އުޔީން، އެހެން ހަދާކަށް ނުވާނެއެއްނު. ނަސީބެއް މީގެ ޖާދޫ ބޭނުން ނުކުރެވުނުކަން.” މިނާލް ހަމަޖެހުމުގެ ނޭވާއެއްލިއެވެ.
**************
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


