ޖަވާހިރުގެ ބާރު 2 – 5
ބާބު – 3 މެއަމް އޮޝެއަރް
“ބިފަޣް!” މިނާލް ހަޅޭއްލަވައިގަތެވެ. އެއާއެކު ސޫރް (ހަނދުގެ)ޖަވާހިރުން ކަޅުކުލައިގެ އަތްތަކެއް ނިކުމެ، ދުރުގައި ހުރި ގަހުން މޭވާއެއް ބިނދެގެން ގެނައެވެ. މިނާލް ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު، ވަރުބަލި ފިލުވާލުމަށް ގަހެއްގެ ދޮށުގައި އިށީނެވެ. “ވަރަށް ރަނގަޅު، މިހާރު ‘ބިފަޣް’ގެ ބާރުވެސް ތިޔަ ދަސްވީ. ދެން އެހެން ބާރެއް ދަސްކުރުމުގެ ކުރިން ތި މޭވާ ކައިގެން ވަރުބަލި ފިލުވާލާ! ދެންމެ ތި ހެދި ޖާދޫތަކާއެކު، ގައިން ހަކަތަ ދަމާނެ. އަދި މިނާލްގެ ސަބިޝް ރެރިޑެން (ޖާދޫގެ ނާރުތައް)އެއްކޮށް ރަނގަޅު ނުވާތީވެ، ހަކަތަ ދެމެހެއްޓުމުގައި މައްސަލަތައް ޖެހޭނެ.” އަކްޒާ މަޑުމަޑުން ވާހަކަ ދެއްކިއެވެ.
މިނާލް ނާސްތާކުރަމުން ދިޔައިރު، އޭނާ ވިސްނަމުން ދިޔައީ ހޫލްއާއެކު، އުދުހެން ދިޔަ ދުވަހެވެ. ޖަވާހިތް ގަނޑުވަރު ފެނުމާއެކު، ކުއްލިކުއްލިއަށް ފެނުނު މަންޒަރުތަކެވެ. އޭނާގެ ބައްޕައާއި މަންމައެވެ. ގަނޑުވަރުގައި އުޅުނު އެހީތެރިންނެވެ. ސަވާރީ ދުއްވި ސަވާރެވެ. އެ ހުރިހާ އެންމެންގެ މޫނުތައް ހަނދާންވެ، ބޮލުގައި ރިއްސާ، ހޫލްގެ ގައިމަތިން ވެއްޓުނު އިރެވެ. ވެއްޓުނު އިރު ސަލާމަތްކޮށްދިން ކިޒަންއާ ދިމާއަށް ކިޔުނު އެއްޗެހި ހަނދާންވެ މިނާލް ތުންފަތުގައި ދަތްއެޅުނެވެ. މާގިނައިރުތަކެއްނުވެ މިނާލްއަށް ނިދި ޖެހުނެވެ.
*****************
ކިޒަން އާއި ޒަނީން ބާރު ދުވެލީގައި ގޮސް ބަނަފިނިގަނޑުގެ ތެރެއަށް ދިޔައެވެ. ބަނަފިނިގަނޑުގެ ތެރެއަށް ވަދެވުމާއެކު، ކިޒަން ޥިރިމް (ވައިގެ ޖާދޫ)ބޭނުންކޮށް ބަނަފިނިގަނޑު އެއްފަރާތްކުރަމުން ދިޔައެވެ. ޒަނީން އޭރު އިނީ އިށީންދެ ކެއުމުގައެވެ. އަނގައިގަ ހުރި ކާއެއްޗެހި ދިރުވާލުމަށްފަހު ޒަނީން ސުވާލުކުރިއެވެ. “އެ ކީއްވެ ބަނަފިނިގަނޑު އެއްފަރާތްކުރަނީ؟” ޥިރިމް (ވައިގެ ޖާދޫ)ބޭނުންކުރަމުން ކިޒަން ބުނެލިއެވެ. “މި ބަނަފިނިގަނޑަކީ، ހަނދާންތައް ފުހެވޭ އެއްޗެއް. އަދި ނޭވާލުމަށްވެސް އުނދަގޫ ކުރާނެ އެއްޗެއް.” ކިޒަން ކުރުގޮތަކަށް ބުނެލިއެވެ. ކައި ނިންމުމަށްފަހު، އިރުކޮޅަކު ހަމަޖެހިލުމަށް ގެގަނޑުގައި އޮއްތާލުމާއެކު ޒަނީންއަށް ނިދި ޖެހުނެވެ.
ފަނޑު އަލިކަމެއް ވެރިވެފައިވާ ހަވަނަ މިނަށް ޒަނީންއަށް ލޯ ހުޅުވާލެވުނެވެ. ކުއްލިއަކަށް މިނާލްގެ އަޑުތަކެއް އިވުނެވެ. “ބައްޕާ! ކިޒަން!” މިނާލް ގޮވާ އަޑު އިވެއެވެ. އަޑު އައި ދިމާއަށް ޒަނީން ދުވެފައި ދިޔައެވެ. ކުޑަކަކޫ ޖަހައިގެން މިނާލް ރޯން އިންތަން ޒަނީންއަށް ފެނުނެވެ. “ދަރިފުޅާ!” މިނާލްގެ ބުރަކަށީގައި ފިރުމާލަމުން ޒަނީން ބުންޏެވެ. “ބައްޕާ!” ކިޔާ މިނާލް ޒަނީން ގައިގަ ބައްދާލިއެވެ. “ދަރިފުޅު ކޮންތާކު ތިހުރީ؟” ޒަނީން ސުވާލު ކުރިއެވެ. ސުވާލަށް ޖަވާބު ނުލިބެނީސް ޒަނީން ހަވަނަ މިނުން ކުއްލިއަކަށް ގެއްލުނެވެ.
“ރަސްގެފާނު އަވަހަށް ތެދުވެވަޑައިގަނޭ! އަހުރެންގެ ޖާދޫ ބާރު ދަށްވެއްޖެ!” ކިޒަން ހަޅޭއްލަވަމުން ދިޔައެވެ. ނިދި ފިލުވާލުމަށްފަހު ޥިރިމް (ވައިގެ ޖާދޫ)ބޭނުންކޮށް، ކުނާގަނޑުގެ ކުރިމަތީގައި ވައިގެ އައްޑަނައެއް ފާޅު ކުރިއެވެ. ހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު ކިޒަން ކައިރީ ދެންމެ ހަވަނަ މިނުގައި ވީ ކަންތައްތައް ޒަނީން ކިޔައިދިނެވެ.
******************
މަކުނުތަކާއި ހަނގުރާމަ ކުރަމުން ދިޔަ ޝަވްތާމެން އަދިވެސް ޖާދޫ ބޭނުންކުރަނީއެވެ. ޝަވްތާ އޭނާގެ އަތުގެ ބަނޑުފުށުން ގަނޑުފެން އުފެއްދުމަށްފަހު، މަކުނުތަކާއި ދިމާއަށް އުކަމުން ދިޔައެވެ. އުޑުމަތީގައި އުދުހެމުން ދިޔަ ޝާރާ ދިޔައީ މަކުނުތައް ފިނި ބޭނުންކޮށް ގަނޑު ކުރަމުންނެވެ. ގިނަ މަކުނުތައް މަރާލުމަށްފަހު ދެ މީހުންވެސް ހަމަޖެހިލުމަށް ގެއެއްގެ ފުރާޅު މަތީގައި ތިއްބެވެ. ކުއްލިއަކަށް ގަނޑުވަރާ ދިމާއިން ބިޔަ ފައިދިގު މަކުނެއް ފާޅުވިއެވެ. އަދި ޒީލަގަދަ އަޑަކުން އޭތި ހަޅޭއްލަވައިގަތެވެ. އެ އަޑަށް މަރުވެފައިވާ އިންސާނުގެ ހަށިތައް މަކުނުތަކަށް ބަދަލުވާން ފެށިއެވެ. އެ މަކުނުތަކުގެ މިސްރާބު ހުރީ ގަނޑުވަރާ ދިމާއަށެވެ. އެ އެއްޗެހިތަކުގެ ފަހަތުން ޝަވްތާ އާއި ޝާރާ ދިޔައެވެ. އެހެން ޖާދޫގަރުން ދިޔައީ މަކުނުތަކާއި ހަނގުރާމަ ކުރަމުންނެވެ.
އޭރު ފެނުގެ ސިޓިގެ މަތީގައިވާ ދަނބުކުލައިގެ ވިލާގަނޑު މަޑުމަޑުން ފޭދެން ފެށިއެވެ. އަދި ކުއްލި ވިދުމާއެކު ގަނޑުވަރުގެ ދޮރާށްޓާ ދިމާއަށް ބާތިޘް ފާޅުވިއެވެ. ކަޅު ޖާދޫ ބޭނުންކޮށް ދަހަނާގައި ތިބި މީހުންތައް މަރަމުން ގަނޑުވަރުގެ ތެރެއަށް ބާތިޘް ވަނެވެ. ތަޚުތުގައި ރަސްގެފާނު ނެތްކަން ފެނުމާއެކު، ކަޅުކުލައިގެ ޖާދޫ ގުޅައެއް ސަމުގާއެއްގޮތުގައި ބޭނުންކުރަން ފެށިއެވެ. އަދި ރަސްގެފާނު ހޯދުމަށް މަޑު ހިނގުމެއްގައި ބާތިޘް ދިޔައެވެ.
*****************
އަރާމު ނިދިގަނޑަކަށްފަހު، މިނާލްއަށް ހޭލެވުނެވެ. އޭރު އަކްޒާ ކައިރީގައި ހުއްޓެވެ. ގަސްދޮށުން ތެދުވެ، ދެ ލޯ އުނގުޅާލަމުން އާފުރިލިއެވެ. އެއަށްފަހު ކައިރީގައިވާ ފެންކޯރުން މޫނުދޮވެގެން އައިސް އަކްޒާއާއެކު، ސޫރް ނެޕްޓަފް (ހަނދުގެ ޖާދޫ ދަނޑިކޮޅު) ގެ ބާރުތައް ދަސްކުރުމައިގެން ކުރިއަށް ދިޔައެވެ. ޖާދޫ ހަދަމުން ދިޔައިރުވެސް ވިސްނެމުން ދިޔައީ ދެންމެ ހަވަނަ މިނުން ދިމާވި ބައްޕައާމެދުއެވެ.
*****************
“ކަލޭ މަށަށް ފިލަންތަ ތިއުޅެނީ؟ ހަހަހަ. މިހާރު އަހަރެން މިހުރީ ކަލެއާ ވަރަށް ކައިރީގައި.” ބާތިޘް ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. ބާތިޘްގެ އަޑުއަހަން ގަނޑުވަރުގެ ފަހަތުގައި ވާ ބަގީޗާގެ ތެރޭގައި ރަސްގެފާނު ހުންނެވިއެވެ. އަދި ޥަޓެފް (ފެނުގެ ޖާދޫ)ބޭނުންކޮށް ބިންގަރާހެއްގެ ދޮރު ހުޅުވިއެވެ. ގަނޑުވަރުގެ އަޑީގައިވާ މަގުތަކުން ހިނގަންފެށިއެވެ. އިރުއިރުކޮޅާ ފަހަތަށް ބަލަމުން ގޮސް ޥަޓެފް ޖަވާހިރު، ރައްކާކޮށްފައިވާ ބިންގަރާހުގެ ތެރެއަށްވަނެވެ. ޖާދޫގެ ފޮތިގަނޑެއް އެ ޖަވާހިރުގެ ވަށައިގެން އޮޅާލިއެވެ. ޖަވާހިރު ހިފައިގެން ބިންގަރާހުގެ ތެރެއިން ބޭރަށް ދުއްވައިގަތެވެ. ބިމު އަޑީގައިވާ މަގުތަކުން ދުވެ، ގަނޑުވަރާ ދުރުގައި އޮތް ޖަންގައްޔަކަށް ނިކުތެވެ.
މަކުނުތަކުގެ މިސްރާބު ހުރީ ބާތިޘްގެ ސަމުގާއަށެވެ. ޝަވްތާ އާއި ޝާރާވެސް މަކުނުތައް ފަހަތުން ދިޔައެވެ. ގަނޑުވަރާ ދިމާލުގައި އޮތް ބޮޑު މަކުނު، ގަނޑުވަރުގެ ބައިތައް ހަލާކު ކުރަން ފެށިއެވެ. މުޅި ގަނޑުވަރުގެ ބައިތައް ހަލާކުކޮށް ބެލިއިރުވެސް ރަސްގެފާނު ފެންނާކަށް ނެތެވެ. ކުއްލިއަކަށް ބާތިޘްގެ ސަމުގާ ދުރުގައި އޮތް ޖަންގައްޔާ ދިމާއަށް އެނބުރުނެވެ. ވަގުތުން ބާތިޘްއާއި އޭނާގެ މަކުނުތައް އެ ދިމާލަށް ދާން ފެށިއެވެ. ޝަވްތާ އާއި ޝާރާވެސް ޖަންގަލި ހުރި ދިމާއަށް މިސްރާބު ބަދަލުކޮށްލިއެވެ.
ޝަވްތާމެންނަށް ދެވުނުހާ އަވަހަކަށްގޮސް ބޮޑު މަކުނުގެ ފައިތައް ފިނިކޮށްލިއެވެ. އަދި ޥަޓެފް (ފެނުގެ ޖާދޫ)ބޭނުންކޮށް ފެންގަނޑެއް ވަޅިއެއްގެ ބައްޓަމަށް ހެދުމަށްފަހު، ފެނުގައިވާ ހޫނުކަން ދަމައިގަތެވެ. އަދި ގަނޑު ފެނުން ހެދިފައިވާ ތޫނު ވަޅިތަކުން މަކުނުގެ ގައިގެ އެތައް މިތަނައް ހަރާލިއެވެ. ފެހިކުލައިގެ ދިޔަތައް ބަޑިފަޅާފައި ނިކުތެވެ. ލަސްނުކޮށް ޝަވްތާމެން އަނެއްކާވެސް ގަނޑު ފެނުން ތޫނު ވަޅިތައް މަކުނު ހަށިގަނޑުގެ އެކި ހިސާބުތަކަށް ހަރަމުން ދިޔައެވެ. ފެހި ލޭތަކާއެކު، މުޅި ތަނުގައި ކަޅު ކުނޑިތަކެއް ބުރުއްސައިގެން ދިޔައެވެ. ކުއްލިއަކަށް އެ މަކުނު މައްޗަށް ފުންމައިގަތެވެ. އަދި ޝަވްތާ އާއި ޝާރާއާ ދިމާއަށް އޭތީގެ އަނގައިން ފެހިކުލައިގެ ވިހަ ދިޔަތަކެއް ބުރުވާލިއެވެ. ޥަޓެފް (ފެނުގެ ޖާދޫ)ބޭނުންކޮށް ދެ މީހުންނަށް ސަލާމަތްވެވުނީ ހަމަ ކިރިޔާއެވެ.
ޝަވްތާ އާއި ޝާރާއަށް ބާތިޘް ފެނުނީ ދެނެވެ. ކަޅުކުލައިގެ ކޯޓެއް ލައިގެން ހުރި އޭނާގެ ވަށައިގެން ކަޅު ކުނޑިތައް އެނބުރި އެނބުރި ހުއްޓެވެ. ޝަވްތާ ބާތިޘްގެ ކުރިމައްޗަށް ފުންމައިގަތެވެ. “ކަލޭ ތީ ކާކު؟ ކީތްކުރަން މި ސިޓީއަށް ތިއައީ؟” ޝަވްތާގެ އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ. “އަހަރެންނަކީ ކާކުކަން ކަލެއަށް އިނގޭކަށް ނުޖެހޭ!” ބާތިޘް އޭނާގެ މުށަށް ކަޅު ޖާދޫގެ ކުނޑިފުއްތައް ފާޅުކުރަމުން ބުނެލިއެވެ. ކަޅުކުލައިގެ ޖާދޫ ގުޅައެއް ޝަވްތާއާ ދިމާއަށް އެއްލާލިއެވެ. ނަމަވެސް ޝަވްތާގެ ގައިގަ ޖެހުމުގެ ކުރިއަށް ޝާރާ ޥަޓެފް (ފެނުގެ ޖާދޫ)ބޭނުންކޮށް އެ ޖާދޫ ގުޅަ ގަނޑުކޮށްލިއެވެ. އަދި ޝަވްތާ ގޮވައިގެން ބާތިޘްއާ ދުރަށް ދުއްވައިގަތެވެ. “އޭނާ ކައިރިއަކުން ސަލާމަތެއް ނުވެވޭނެ! އޭނާއަކީ މާ ބާރުގަދަ މީހެއް! ރިޒުއާނާގޮތަށް ސިކުނޑި ނެތް މީހެއް ނޫން.” ޝާރާ މާނޭވާ ލަމުން ބުނެލިއެވެ.
“ޝަވްތާ. ހިނގާ ރަސްގެފާނު ލަވީންއަށް މިކަން އަންގަން. އެހެން ނޫންނަމަ މުޅި މިތަން ސުންނާފަތިކޮށްފަ ނަމަވެސް، އެ މީހާ ޥަޓެފް ޖަވާހިރު އަތިލަފާނެ.” ޝާރާ ޚިޔާލެއް ދިނެވެ. ދެ މީހުންވެސް ދުވަމުންގޮސް ފެނުގެ ސިޓީގެ ހުޅަނގުފަރާތުން ނިކުމެ، ހުޅަނގު އުތުރަށް ވާގޮތަށް ދުއްވައިގަތެވެ. ސިޓީއިން ނިކުމެވުނުހެން ވައިގެ ތެރޭގައިވާ ފެންތިކިތައް ގަނޑުކުރުމަށްފަހު އޭގެ މަތީގައި ހުރެ ކިރިއްސަމުން ކުރިއަށް ދިޔައެވެ.
********************
އެތައް ދުވަހެއްގެ ޖާދޫ ހެދުމަށްފަހު، ކިޒަންއާއި ޒަނީންއަށް ބަނަފިނިގަނޑު ހުރަސްކުރެވުނެވެ. ކުނާގަނޑުގެ މިސްރާބު ހުރީ ބަނަފިނިގަނޑުގެ މައްޗަށް އުފުލިފައިވާ ބޮޑު ބިމެއްގެ، މަތީގައި ހުރި ފަރުބަދަތަކާއި ދިމާއަށެވެ. މަޑު ދުވެލީގައި ގޮސް ޝަޓިޖިލައި (ފިޔަގަނޑުލީ އުދުހޭ ބޮޑެތި ބުޅާތަކެއް)ތައް އުޅޭ ފަރުބަދައަށް ކުނާގަނޑު ވަނެވެ. ޝަޓިޖިލައި (ފިޔަގަނޑުލީ އުދުހޭ ބޮޑެތި ބުޅާތަކެއް)ތަކުގެ ރަސްގެފާނު، އެ ކުނާގަނޑުގައި ތިިބި ދެ މީހުންނަށް މަރުހަބާކިއެވެ. އަދި ޣިފިމް ރެނިޓް(ދޫނީގެ ހާލިގަނޑު)އަށް އައުމުގެ ބޭނުމާ ބެހޭގޮތުން ސުވާލުކުރިއެވެ. “އަހަރެން ކިޒަން، އަދި ރަސްގެފާނު ޒަނީން މި ހާޟިރުވީ، ރަސްގެފާނުގެ ދަރިފުޅު ހޯދުމުގެ ބޭނުމުގައި. އެގޮތުން އިރުދޫނިތަކާއި ހަނދުދޫނިތަކުގެ ބިނާރަށް ދިޔުމަށް ހުއްދައަށް އެދެމު.” ކިޒަން މަޑުމައިތިރިކަމާއެކު އިސް ތިރިކޮށްލުމަށްފަހު ދެންނެވިއެވެ. “މައްސަލައެއްނެތް. އެކަމު އެއްވެސް އިތުރު ތާކަށް ދެވިގެން ނުވާނެ. ދަހަނާގައި ތިބި ޝަޓިޖިލައިތައް (ފިޔަގަނޑުލީ އުދުހޭ ބޮޑެތި ބުޅާތަކެއް) ކަލޭމެންގެ ހަރަކާތްތައް ބެލުމަށް ދުރުގައި ތިބޭނެ!” ޝަޓިޖިލައި (ފިޔަގަނޑުލީ އުދުހޭ ބޮޑެތި ބުޅާތަކެއް)ތަކުގެ ރަސްގެފާނު ވާރިން ބުންޏެވެ. ވާރިންގެ ހުއްދައާއެކު ކިޒަންއާއި ޒަނީން ކުނާގަނޑަށް އެރުމަށްފަހު، ދޫނިތަކުގެ ބިނާރަށް ދަތުރު ފެށިއެވެ.
*******************
ޝަވްތާއާއި ޝާރާ ވައިގެތެރޭގައި ފެންތިކިތައް ގަނޑުކުރަމުން އޭގެ މަތީގައި ކިރިއްސަމުން ޖަވާސުރު ގަނޑުވަރާ ހަމައަށް ފޯރިއެވެ. ދެ ގަނޑުވަރު ދުރުކަމުން ޖަވާސުރު ގަނޑުވަރަށް އެ ދެމީހުންނަށް ދެވުނީ ވަރަށް ގިނަ އިރުންނެވެ. ގަނޑުވަރަށް ވަދެވުމާއެކު ލަވީންއަށް ގޮވަމުން ތަޚުތުގެ ކޮޓަރިއަށް ދިޔައެވެ. މާނޭވާލަމުން ޝަވްތާމެން ފެނުގެ ސިޓީގެ ހާލަތު ކިޔައިދިނެވެ. ވަގުތުން ލަވީން ޖާދޫގަރުންގެ އެހީތެރިކަން ދިނުމަށް އެއްބަސްވިއެވެ.
“ނުދާތި! އޭނާ ކަލޭމެން އެންމެން މަރާލާނެ!” ތަޒުމީރާގެ އެހީތެރިކަމާއެކު މަޑު ހިނގުމެއްގައި އައި އެޒާރާ އިންޒާރުދިނެވެ. “މިހުރީ އަހަރެންނަށް ހަދާފައި ހުރިގޮތް. އަދި މިއަށްވުރެ ހާލަތު ގޯސްވުން އެކަށީގެންވޭ.” ކިރިޔާ ކޮޅަށް ހުރެވޭވަރުން އެޒާރާ ހެދުމުގެ ފަސްބައި ހިއްލާލުމަށްފަހު ތަނބިކަށި ދައްކާލިއެވެ. “އެކަމަކުވެސް މުޅި ފެނުގެ ސިޓީ އޭނާ ހަލާކުކޮށްފި.” ޝާރާ ހާސްވެފައިހުރެ ބުނެލިއެވެ. “އޭނާ އެއުޅެނީ ޥަޓެފް ޖަވާހިރު ހޯދަންވެގެން. މިހާރު އޭނާ ޥިރިމް (ވައިގެ)ޖަވާހިރު ފޭރިގެންފި. އަހަރެން ކިރިޔާވެސް ސަލާމަތްވީ ކޮންމެވެސް ދެ މީހަކު، އަހަރެން ކުރިމަތިލީ ހަރުފައާ ހަނގުރާމަ ކުރުމުން.” އެޒާރާ އަވަސްއަވަހަށް ކިޔައިދިނެވެ. “އެއީ ކިޒަން އާއި ޒަނީން” ތަޒުމީރާ ބުންޏެވެ. “މިވަގުތު ކިޒަންއާއި ޒަނީންވީ ޣިފިމް ރެނިޓަށްގޮސް. އެ މީހުންގެ ފަރާތުން އެހީތެރިކަމެއް މިވަގުތަކު ނުލިބޭނެ.” ލަވީން ކިޔައިދިނެވެ. “އަހަންނަށް ހީވަނީ އޭނާ ފާޅުކުރާ މަޚުލޫޤުންތަކަށް ޖާދޫގެ ސަބަބުން އަސަރު ނުކުރާހެން. އެއީ އަހަރެން ޥިރިމް ބޭނުންކުރި ކޮންމެ ފަހަރަކު، ޖާދޫގެ ބާރުތައް ފޭދިގެން ދިޔައީތީ. ނަމަވެސް…” އެޒާރާ ހަނދާން ހުރި މިންވަރަކުން ކިޔައިދިނެވެ.
“އެކަމަކުވެސް މިހާރުގެ ހައްލަކީ ކޮންމެވެސް ގޮތަކުން އެ މަޚުލޫޤުންތައް ގެއްލުވާލުން.” ލަވީން އެޒާރާގެ ވާހަކަ މެދުކަނޑާލިއެވެ. އަދި ޖަވާސުރު ގަނޑުވަރުގެ ޖާދޫގަރުން ދަތުރަށް ތައްޔާރުވުމަށް އެދުނެވެ.
********************
ސޫރް ނެޕްޓަފް (ހަނދުގެ ޖާދޫ ދަނޑިކޮޅު)ގެ ބާރުތައް އެއްކޮށް ތަމުރީންވެ ނިމުނީއެވެ. އަކްޒާގެ އެހީތެރިކަމާއެކު ހަނދުގެ ބާރުތައް ދަސްވީއެވެ. އަކްޒާއާއެކު އުދުހިފައި ބިނާރަށް އެނބުރި އައެވެ. އޭރު ހޫލް ބޭރުގައި އެހެން އިރުދޫނިތަކާއެކު އުޅެއެވެ. “ކޮބާ މަ ބުނީމެއްނު ޤަރޫތުއަކަށް ނުވާނެއޭ!” މިނާލް ފެނުމާއެކު އަކްޒާއާ ދިމާއަށް ހޫލް ރާގަކަށް ބުނެލިއެވެ. “އަހަރެންގެ ނަމަކީ މިނާލް. ޤަރޫތުއެއްނޫނޭ. ކިތައް ފަހަރުތަ ކަލޭ ކައިރީ ބުނާނީ!” މިނާލް ނިތައް ރޫތަކެއް އަރުވާލަމުން ހޫލްއާ ދިމާއަށް ބުނެލިއެވެ. އަދި ބުރަކަށީގައި އަޅުވާފައިވާ ދަބަހުން ސޫރް ނެޕްޓަފް (ހަނދުގެ ޖާދޫ ދަނޑިކޮޅު) ނެގުމަށްފަހު، ‘ޝިޚައޮން’ އޭ ކިޔާ ހޫލްއާ އަމާޒުކުރިއެވެ. ނަމަވެސް ހޫލް ހުޝިޔާރުކަމާއެކު، ރީނދޫކުލައިގެ ޖާދޫ ފުއްތަކެއް އުކާލިއެވެ. “ހޫން. ހަނދުގެ ބާރުތައް ދަސްކުރީ ދޯ ޤަރޫތު!” ހޫލް ބުނެލިއެވެ. ކައިރީގައި ތިބި އިރުދޫނިތައް ހޭން ފެށިއެވެ. “މަށަކީ މިނާލް! ޤަރޫތުއެއް ނޫން.” ދެ ބުމަ ގޮށްޖަހާލުމަށްފަހު، ބުންޏެވެ. ލަސްނުކޮށް އަކްޒާއާއެކު ކޮޓަރިއަށްވަދެ ތާޒާ ވެލައިގެން އެނދުގައި އޮށޯތެވެ. އިރުކޮޅެއްނުވެ، މިނާލްގެ އެސްފިޔަތައް ބަރުވެ، ނިދިޖެހުނެވެ.
ހުވަފެނީ ހަވަނަ މިނަށް ލޯހުޅުވާލެވުނީ ޓިފުޓިޚް ފެންގަނޑުގެ ކައިރިއަށެވެ. ފެންގަނޑުގައިވާ މަންޒަރު ފެނި މިނާލްއަށް އަނގަ ހުޅާކުރެވުނެވެ. އެ ފެންގަނޑުގައި ވަނީ ކަޅު ބުޅަލެކެވެ. އެ ބުޅަލުގެ ވަށައިގެން އެޝްލިޕްނިއާގެ މަންޒަރުތައް ހުއްޓެވެ. އެންމެފަހުން މިނާލް އެޝްލިޕްނިއާގައި ކުރި ހަނގުރާމައިގެ ހަނދާންތައް އާވިއެވެ. އެ ކަޅުބުޅަލަކީ ކޮންމެވެސް ގޮތަކުން އެޝްލިޕްނިއާގެ ކަންތައްތަކާ ގުޅިފައިވާ މަޚުލޫޤެއްކަން މިނާލްއަށް ދޭހަވިއެވެ. އަދި އިތުރަށް ފެންގަނޑަށް ބަލާލުމާއެކު ކިޒަންގެ މޫނު ފާޅުވިއެވެ. މިނާލްއަށް ވާނުވާ ނޭނގުނު ނަމަވެސް ފެންގަނޑަށް ބަލަމުން ދިޔައެވެ. ދެން ފެނިގެން ދިޔައީ އަންހެން ކުއްޖެއްގެ މޫނެކެވެ. ކުރިން މިނާލްއަށް ފެނުނު މީހަކާ ވައްތަރުވާހެންވެސް ހީވިއެވެ.
********************
ލަވީންގެ ހުއްދައާއެކު ޖާދޫގަރުން ގޮވައިގެން ޝަވްތާ އާއި ޝާރާ ފެނުގެ ސިޓީއަށް އެނބުރި ދިޔައެވެ. ލަވީން ޖާދޫގަރުންނާއެކު ދާން ބޭނުންވި ނަމަވެސް އޭނާ ރަސްކަމުގައި ތާށިވެފައި ހުންނަން ޖެހުނެވެ. ޖަންގަލީގެ ތެރެއިން މަކުނުތައް ހަޅޭއްލަވާ އަޑު އިވެއެވެ. ލަސްނުކޮށް އެ ދިމާލަށް ހުރިހާ އެންމެން ދިޔައެވެ.
ދުރުގައި ހުރި ބާތިޘް ފެނުމާއެކު ޖާދޫގަރުން އެކި ވައްތަރުގެ ޖާދޫތައް ހަދަން ފެށިއެވެ. ޥަޓެފް (ފެން)، އެއަފްޓިޚް (ބިން)، އަދި ސޫރް (ހަނދު)ގެ ޖާދޫތައް ހެދުމުގައި ހުރިހާ އެންމެން މަޝްޣޫލުވިއެވެ. ޖާދޫގެ ފުއްތައް ބާތިޘްއާ ދިމާއަށް ދިޔުމުގެ ކުރިއަށް އޭނާ ކަޅު ޖާދޫތަކެއް ބޭނުންކޮށް ހުރިހާ ޖާދޫގެ ފުއްތަކެއްގެ ބާރު ކަނޑުވާލިއެވެ. އަދި މުއްކަރުވާލުމަށްފަހު ކަޅު ޖާދޫގެ ބޮޑު ގުޅައެއް ޖާދޫގަރުންނާ ދިމާއަށް އެއްލިއެވެ. އެއާއެކު ހުރިހާ އެންމެން ދުރަށް ޖެހުނެވެ. އޭރު މަކުނުތައް ޝަވްތާމެން ތިބި ދިމާލަށް އެނބުރެނީއެވެ.
އިރުކޮޅެއްފަހުން ހުރިހާ ޖާދޫގަރުންވެސް މަކުނުތަކާއި ހަނގުރާމަކުރަން ފެށިއެވެ. އެކި ވައްތަރުގެ ޖާދޫތަކުން މުޅި މައިދާން ފުރާލިއެވެ. މާގިނައިރެއްނުވެ، ގިނަ ޖާދޫގަރުންގެ ޖާދޫގެ ބާރު ދަށްވެ ވަރުދެރަވާން ފެށިއެވެ. އެ ހިސާބުން މަކުނުތަކާއި ހުރިހާ އެންމެން ދުރަށް ޖެހުނެވެ. އަދި އެ މަޚުލޫޤުންނާ ކުރިމަތިލާނެ ގޮތް މަޝްވަރާ ކުރަން ފެށިއެވެ. ޝަވްތާ އަށް ރަސްގެފާނު ވަޑައިގެން ތަނަކާ ބެހޭގޮތުން ހަނދާންވެގެން ޝާރާއާއި ސުވާލުކުރިއެވެ. އަދި ލަވީން ކައިރިއަށް ދިޔުމުގެ ކުރިއަށް މަކުނުތަކާއި ހަނގުރާމަކުރަމުން ދިޔަ ޖާދޫގަރުންތައް ކޮބައިތޯވެސް ސުވާލުކުރިއެވެ. ޝާރާއަށް ޖަވާބުދޭން ނޭނގި ފަރާތްފަރާތައް ބަލައިލިއެވެ.
“އޭނާ އެހެދީ ކޮން ވައްތަރެއްގެ ޖާދޫއެއް؟” ޖާދޫގަރެއް ސުވާލުކުރިއެވެ. “ނޭނގެ. ގައިމު އަހަރެމެން ދަންނަ ޖާދޫއެއް ނޫން އެއީކީއެއް. މިކަމާ ބެހޭ މައުލޫމާތު ހޯދާނީ ކިހިނެތް؟” ޝަވްތާ ބުންޏެެވެ. “ޖާދޫގެ ބޭނުންކޮށްގެން ހަނގުރާމަ ކުރުމުން، މަކުނުތަކަށް ލިބޭ ހާނިއްކަ ކުޑަ. ނަމަވެސް ޖާދޫ ބޭނުންނުކޮށް މަކުނުތަކުގެ ގައިގަ ޖެހުމާއެކު ވަރަށް އަވަހަށް މަރުވޭ.” ޝާރާއަށް ފާހަގަ ކުރެވުނެ ކަމެއް ބުނެދިނެވެ. ޖަންގަލި ބޯ ހިސާބަށް ބާތިޘްއަށް ނުދެވެނީސް، އޭނާ ހުއްޓުވުމަށް ހުރިހާ އެންމެންވެގެން ރޭވުމެއް ރާވަން ފެށިއެވެ.
***************
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


