ޖަވާހިރުގެ ބާރު 2 – 4
“ކިޒަން. އެ ދަނބުކުލައިގެ ފުއްތަކަކީ، ރިޒުއާނާ ދޯ؟” އުޔީން ސުވާލުކުރިއެވެ. “ނޫން އެއީ ރިޒުއާނާއެއް ނޫން. އެކަމު ރިޒުއާނާއާ އެއްފަދަ އަދި އެއަށްވުރެވެސް ނުބައިކަން ހުރި މީހެއް. އޭނާ އެދިޔައީ މި ރަށުގެ ޖަވާހިރުވެސް ހިފައިގެން.” ކިޒަން ކިޔައިދިނެވެ. “އަދި އޭނާގެ ނަމަކީ ކޮބާ ކަމެއްވެސް ނޭނގެ” ޒަނީން އިތުރުކޮށްލިއެވެ. “އޭނާގެ ހަޤީޤަތަކީ ކޮބާ؟ މީނައަކީ ޒަހީރު ކަހަލަ މީހެއްތަ؟” ސުވާލަކަށްފަހު ސުވާލެއް އުޔީން ކުރަމުން ގެންދިޔައެވެ. “މި ކަމާ ބެހޭ އިތުރު މަޢުލޫމާތެއް އަދި އަހަރެމެންނަކަށް ނޭނގޭ.” ކިޒަން ކުރިއަށް ހިނގައިގަންނަމުުން ބުނެލިއެވެ.
“މިހާރު އަހަރެމެން މިދަނީ ލަވީން ކައިރިއަށް.” އުޔީންއަށް ބަލައިލުމަށްފަހު ކިޒަން ބުންޏެވެ. “އެ ކީއްވެ ދޮންބެ ކައިރިއަށް ތިި ދަނީ؟” އުޔީން އަނެއްކާވެސް ސުވާލު ކުރިއެވެ. “އެއީ މިނާލް ހޯދުމަށް އިތުރު ތާކަށް ދާން މަޝްވަރާކުރަންވެގެން.” ކިޒަން ބުނެލިއެވެ. “މިނާލްއޭ؟ ކޮންތާކަށް؟” އުޔީން އަނެއްކާވެސް ސުވާލުކުރިއެވެ. “ޣިފިމް ރެނިޓަށް!” ކިޒަން ޖަވާބު ދިނެވެ. “އެތަނަށް އިންސާނުންނަކަށް ނުވަދެވޭނެއެއްނު؟” އުޔީންއަށް ސުވާލު އުފެދުނެވެ.
“ޚާއްސަ ހުއްދައާއެކު، ވަދެވޭނެ.” ކިޒަން ޔަޤީންކަމާއެކު ބުންޏެވެ. “އެކަމު އެތަނަށް ދިޔުމަށް އޮތް މަގަކީ ވަރަށް އުނދަގޫ މަގެއް ނޫންތަ؟” އުޔީން ސުވާލުކުރިއެވެ. “އުނދަގޫވިޔަސް މިނާލް ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް އަހަރެން ތައްޔާރު!” ޒަނީން ބުންޏެވެ. “ދެން ވާހަކަ ނުދައްކާ ހިނގާ ދަތުރަށް ތައްޔާރުވަމާ!” ކިޒަން ވާހަކަތައް ހުއްޓުވާލިއެވެ.
އެޒާރާއަށް ފަރުވާދިނުމަށްފަހު، ތަޒުމީރާ ބޭނުންކުރި އާލާތްތައް ސާފުކުރަން ފެށިއެވެ. އިރުކޮޅެއްނުވެ، ކިޒަން އާއި އުޔީން ތަޒުމީރާ ކައިރިއަށް އައެވެ. އަދި އެޒާރާގެ ހާލަތާއި ބެހޭގޮތުން ސުވާލުކުރިއެވެ. “އޭނާ އަދިވެސް އެއޮތީ ހޭނެތިފައި. އެކަމު ގާތްގަނޑަކަށް ހުރިހާ ޒަޚަމުތައް ހުންނާނީ ރަނގަޅުކޮށްފައި. ތަނބިކަށި ރަނގަޅު ކުރެވޭނީ ގިލޮއްނޮސް މަލުގެ ދިޔައިން.” ތަޒުމީރާ ޥަޓެފް (ފެނުގެ ޖާދޫ) ބޭނުންކޮށް އަތް ދޮންނަމުން ކިޒަންއަށް ކިޔައިދިނެވެ. “އެޒާރާ ހަނދުގެ ގަނޑުވަރަށް ގެންދަމާ! އޭރަށް އޭނާގެ ސިއްހީ ހާލަތު ފުރިހަމަވާނީ.” ކިޒަންގެ ހިޔާލު ބަޔާން ކުރިއެވެ. ހުރިހާ އެންމެންވެސް ކިޒަންގެ ޚިޔާލަށް އެއްބަސްވިއެވެ.
“ކޮބާ ޒަނީން؟” ތަޒުމީރާ ސުވާލު ކުރިއެވެ. “އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެބައުޅޭ.” އުޔީން ޖަވާބު ދިނެވެ. “އެޒާރާ ގޮވައިގެން މިތަނުން ފުރަން ދަމާ! އެބައަންނަން ރަސްގެފާނު ޒަނީން ގޮވައިގެން” ކިޒަން ބުންޏެވެ. އިރުކޮޅަކުން ޒަނީންއާއެކު ކިޒަން އެޒާރާއަށް ކުޑަ އެނދެއް ހިފައިގެން އައެވެ. ހުރިހާ އެންމެން އެއްތަންވެ، ޥިރިމް (ވައިގެ ޖާދޫޫ) ބޭނުންކޮށް އުދުހެން ފެށިއެވެ. އެޒާރާވެސް އެނދަށް ލައިގެން ވައިގެ ތެރޭގައި ގެންދިޔައެވެ.
އިރުގަނޑެއްފަހުން، އެޝްލިޕްނިއާގެ ކައިރީގެވާ ޖަންގައްޔަށް ދެވުނެވެ. ދަނބުކުލައިގެ ވިލާތަކާއި ގާތްވުމުގެ ކުރިއަށް ހުރިހާ އެންމެންނަށް ހަނގުރާމަކުރާނެ އާލާތްތައް ދިނެވެ. އުޔީން އޭނާގެ ހިޔަނިތައް ބޭނުންކޮށް ޗާބޫކެއް ފާޅުކުރުވިއެވެ. އެޝްލިޕްނިއާގެ ތެރެއިން ލައިފަ ކިޒަންގެ ފަހަތުން ހުރިހާ އެންމެން ހިނގާފައި ދިޔައެވެ. އެކި ވައްތަރުގެ މަޚުލޫޤުންނާއި ކުރިމަތިލައި ހަނގުރާމަ ކުރިއެވެ. ބާޒުތަކާއި، ބޮޑެތި އުދުހޭ މަކުނުތަަކާއި، ބޮޑު ފައިދިގު މަކުނުތަކާއި ދެކޮޅަށް ހުރިހާ އެންމެންވެގެން ހަމަލާތައް ދިނެވެ. އެޒާރާ ބެލުމަށް ތަޒުމީރާއާއި އުޔީން ހުއްޓެވެ. ވަރަށް ހާލުން އެޝްލިޕްނިއާއިން ނިކުމެވި، ޓެފަނުރް (ހަނދުގެ ބިން)އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ވަރުބަލިކަން ފިލުވާލުމަށްފަހު ޖަވާސުރު ގަނޑުވަރަށް ހުރިހާއެންމެން ޥިރިމް (ވައިގެ ޖާދޫ) ބޭނުންކޮށް މިސްރާބު ޖެހިއެވެ.
**************
“ޤަރޫތު! ޤަރޫތު!” އަކްޒާ ގޮވަމުން ދިޔައެވެ. އިރުއިރުކޮޅާ އަކްޒާ ޤަރޫތުއަށް ގޮވަމުން ދިޔައެވެ. މަޑުމަޑުން ޤަރޫތު ލޯ ހުޅުވާލިއެވެ. އަދި ކުރިން ފެނުނު މަންޒަރުތަކަށް ވިސްނަންފެށިއެވެ. “އަހަރެންނަކީ އިންސާނެއް. އެ ކީއްވެ އަހަރެން މި ތަނުގައި މިއޮތީ؟ އަހަރެން ބޭނުންވަނީ އެނބުރި އަހަރެންގެ ރަށަށް ދާން. އަހަރެން މިތަނުން ނެރެދީ.” ޤަރޫތު ރޮއެގަތެވެ. އަކްޒާއަށް އަދިވެސް ވާނުވާއެއް ނޭނގުނެވެ. “ހިނގާ ޤަރޫތު ދާން.” އަކްޒާ އާދޭސްކުރަން ފެށިއެވެ.
“އަހަންނަކީ ޤަރޫތުއެއް ނޫނޭ. ކީއްވެތަ އަހަރެންނަށް ހުރިހާއެންމެން ޤަރޫތު ކިޔަނީ؟” ޤަރޫތު ބޮޑާހާކަން ފެށިއެވެ. “ދެން ތިއީ ކާކު؟” އަކްޒާ ސުވާލުކުރިއެވެ. “އަހަންނަކީ އިންސާނެއް. ނަމަކީ މިނާލް…” މިނާލް މަޑުމަޑުން ބުންޏެވެ. “އަހަރެންނަކީ މިނާލް.” މިނާލްގެ މޫނުމައްޗަށް އުފާވެރިކަން ފާޅުކުރިއެވެ. އެނދުން ތެދުވެ ތާޒާ ވެލައިގެން، ނާސްތާކުރުމަށް އަކްޒާގެ ގައިމަތީގައި ބަދިގެއަށް ދިޔައެވެ. ބަދިގެއަށް ވަދެވުމާއެކު، ކެއްކުމުގައި އުޅުނު ހޫލް، ޤަރޫތުއޭ ކިޔާ ގޮވާލިއެވެ. “އަހަންނަކީ ޤަރޫތުއެއް ނޫނޭ. އަހަރެންގެ ނަމަކީ މިނާލް އޭ.” މިނާލް ހިތްހަމަނުޖެހިގެން ބުންޏެވެ. “އަކްޒާ! ކީއްވެ މިނާލް ޓިފުޓިޚް ފެންގަނޑަށް ގެންދިޔައީ؟” ހޫލް ސުވާލުކުރިއެވެ. “އަކްޒާ ގެންދިޔައީ އަހަރެން އަމިއްލައަށް ބުނެގެން. ކޯއްޗެއްތަ ފޮރުވަން ތިއުޅެނީ ހޫލް؟ ކޮން ބިރެއްތަ ތިގަންނަނީ؟” މިނާލް ޔަޤީންކަމާއެކު ބުންޏެވެ. “ކަލޭ ތީ ދޮގު ހަދާ މީހެއް!” އެހެން ބުނުމަށްފަހު، މޭވާއެއް ހިފައިގެން އަކްޒާ އާއެކު ދޫނީގެ ބިނާރުން ބޭރަށް މިނާލް ދިޔައެވެ.
***************
ދުވަސްތަކަކަށްފަހު، އެކި ތަންތަނުގައި މަޑުކުރަމުން ކިޒަން، ޒަނީން، އުޔީން، ތަޒުމީރާ އަދި އެޒާރާއަށް ޖަވާސުރު ގަނޑުވަރަށް ދެވުނެވެ. ވަގުތުން އެޒާރާ ހަސްފަތާލުގެ އެނދުގައި ބޭއްވިއެވެ. އަދި އެހެން ހުރިހާ އެންމެންވެސް، ލަވީން ކައިރިއަށް ދާން ހިނގައިގަތެވެ.
ތަޚުތުގައި ހަމަޖެހިލައިގެން ފޮތެއް ކިޔާލަން އިން ލަވީން ސިއްސައިގެން ދިޔައީ ދޮރުން ވަދެގެން އައި މީހުން ފެނިއެވެ. “އަހަނ… ކިޒަން، ޒަނީން، ކީތްކުރަނީ މިކޮޅުގައި؟ އުޔީން، ތަމްރީނު ނިމުނީތަ؟ ކޮބާ ތަޒުމީރާ؟” ލަސްތަކެއް ނުވެ ލަވީން ސުވާލުތައް ކުރަން ފެށިއެވެ. “ލައްބަ. ޖިފެ ދަސްކޮށްފީމު. ތަޒުމީރާ މީހަކަށް ފަރުވާ ދިނުމުގައި އެބައުޅޭ” އުޔީން އުފަލުން ހުރެ ބުންޏެވެ. “އަވަހަށް ހިނގާ އެއްޗެއް ކާލަން. މިހާރު ހުންނާނީ ދަތުރު ވަރުބަލިވެފައެންނު. ކާތަކެތި ހުރި މޭޒުކައިރިއަށް ދަމާ.” ލަވީން އެންމެންނަށް އިޝާރާތްކުރަމުން ބުންޏެވެ.
ކާމޭޒު ދޮށުގައި ހުރިހާ އެންމެން އިށީނދެ ތިބެ ވާހަކަތައް ދެކެވެން ފެށިއެވެ. “އަހަރެމެން މިއައީ، ޣިފިމް ރެނިޓަށް ދިޔުމަށް އެއްކަލަ ކުނާގަނޑު ލިބޭތޯ!” ކިޒަންމެން އައި ބޭނުން ބުނެދިނެވެ. “ކީތްކުރަން ޣިފިމް ރެނިޓަށް؟” ލަވީންއަށް ސުވާލު އުފެދުނެވެ. “މިނާލް ފެނިދާނެ ކަމުގެ އުންމީދުގައި. މިހާރު މުޅި މި ބަރޫދު އެފުށްމިފުށަށް ޖެހިއްޖެ. އަދިވެސް މިނާލް ނުފެނޭ!” ކިޒަން ބުނެލިއެވެ.
“މައްސަލައެއް ނެތް. އަހަރެން ދޭނަން ކުނާގަނޑު.” ލަވީން އެއްބަސްވިއެވެ. “އެހަކަށް ކައި ނިންމާފައި ހަމަޖެހިލާ!” ލަވީން ގޮނޑިން ތެދުވަމުން ބުންޏެވެ. އެއަށްފަހު މަޑު ހިނގުމެއްގައި، ލަވީން ތަޚުތު އިމާރާތައް ދިޔައެވެ. ހުރިހާ އެންމެން ކައި ނިމުމާއެކު، ޖަވާސުރު ގަނޑުވަރުގެ، ބަގީޗާ ތެރެއަށް ދިޔައެވެ.
ހަވީރުގެ ވަގުތުކަމާއެކު، ހަނދުގެ ފަނޑު ނޫއަލި މުޅި ބަގީޗާއަށް ވެރިވެފައި އޮތެވެ. ޖެހޭ މަޑުމަޑު ވައިރޯޅިތަކާއެކު ބަގީޗާގައި ޖަހާފަ ހުރި ގަސްތައް، ހެލިލައެވެ. މާމެލާމެލީގެ ވަހުން މުޅި ގަނޑުވަރު ފުރިފައިވާއިރު، ކުދި ދޫނިތަކުގެ މިޔުޒިކީ ރާގުތައް މާހައުލުގައި އަޑު އިވެމުން ދިޔައެވެ.
ކިޒަންއާއި ޒަނީން ހުރީ ބަގީޗާގެ މެދުގައި ބެހެއްޓިފައިވާ ފައްވާރު ކައިރީގައެވެ. އިރުކޮޅަކުން ލަވީން އެ މީހުންނާ ބައިވެރިވިއެވެ. އަދި އިރުޝާދުތައް ދިނެވެ. “ޣިފިމް ރެނިޓަށް ދެވޭނީ މެއަމް އޮޝެއަރް(މަރުގެ ކަނޑު) ހުރަސްކޮށް އަދި ވަރަށް ފުން އަދި ފުސް ބަނަފިނިގަނޑެއްގެ ތެރެއިން. މެއަމް އޮޝެއަރް(މަރުގެ ކަނޑު) އަކީ އެކި ވައްތަރުގެ ފެނުގެ މަޚުލޫޤުން ދިރިއުޅޭ ކަނޑެއް. ބަނަފިނިގަނޑުގައި ވަރަށް ބިމަށްދަމާ ބާރު ގަދަވާނެ. މި ކުނައަކީ ބިމަށްދަމާ ބާރާ އިދިކޮޅު ބާރެއް ހުރި އެއްޗެއް. ޣިފިމް ރެނިޓަށް އެރުމަށްފަހު ޝަޓިޖިލައި (ފިޔަގަނޑުލީ އުދުހޭ ބޮޑެތި ބުޅާތަކެއް)ގެ ފަރާތުން ހުއްދަ ހޯދާތި. އަދި ދަތުރުގެ ބޭނުންވެސް ބުނެދޭތި. މިރޭ ފުރައިގެން ދާއިރު އެއްވެސް އަލިކަމެއް ނުގެންގުޅޭތި. ވަރަށް ބޮޑު އޭލް (ވެން)އެއް މެއަމް އޮޝެއަރް (މަރުގެ ކަނޑު)ގައި މިދުވަސްކޮޅު އެބައުޅޭ.” ލަވީންގެ ވާހަކަ ނިމެންދެން ދެ މީހުންވެސް ކަނުލާ އަޑުއަހަން ތިއްބެވެ.
ކަނޑު ނޫކުލައިގެ ޖާދޫގެ ފުއްތަކާއެކު، ޖާގަ ބޮޑު، ފުޅާ އަދި ވަރުގަދަ ކުނަލެއް ފާޅުވިއެވެ. ގަދަ ނޫކުލައިގައި ހުރިއިރު، ކުޑަ ގެގަނޑެއްވެސް ހުއްޓެވެ. “އަން މިއޮތީ ޗާޓުވެސް. އޭރަށް މި ކުނާގަނޑު އަމިއްލައަށް އެތަނަށް ދާނެ.” ލަވީންގެ އަތުން ޗާޓެއް ފާޅުކުރަމުން ބުނެލިއެވެ. އަދި އެ ޗާޓު ކުނާގަނޑުގެމަތީގައި ބޭއްވިއެވެ. ދަތުރަށް ގެންދާ ސާމާނާއެކު ކިޒަން އާއި ޒަނީން ކުނާގަނޑު މައްޗަށް އެރިއެވެ. އެއާއެކު އެ ދެމީހުން ބާރު ދުވެލީގައި މެއަމް އޮޝެއަރް (މަރުގެ ކަނޑު)ގެ މަތިން ޣިފިމް ރެނިޓަށް(ދޫނީގެ ހާލިގަނޑު) ދަތުރު ފެށިއެވެ.
*****************
އަނދިރި ގަނޑުވަރުގެ ތެރޭގައި ކަޅުބުޅާ ދުވެ ދުވެފައި އުޅެއެވެ. ތަޚުތުގައި އިށީނދެ އިން ބާތިޘް އިނީ ދެން އޮތް ޖަވާހިރު ހޯދާނެ ގޮތް ރާވާށެވެ. ޖަވާހިރުގެ ވަށްބުރަށް ބަލައިލުމަށްފަހު، އަނެއްކާވެސް ހުރިތަނަށް ބާތިޘް ގެއްލުނެވެ. އެ ބުޅާ ދުވެދުވެފައި ހިފުނު މީދާ ވަކިއަޅާ މަރާލިއެވެ. އަދި އެ މީދާ ފަޅިފަޅިއަށް ކަފާލިއެވެ. ކަށިތައް ވަކިކުރުމަށްފަހު، މަސްގަނޑު އެއްފަހަރާ އަނގަޔަށް ލައި ހަފާލިއެވެ.
*****************
އިރުގެ ފުސް އަލިކަން ޣިފިމް ރެނިޓް (ދޫނީގެ ހާލިގަނޑު) އާ ދުވަހަކަށް ދިއްލާލިއެވެ. އިއްޔެ ހަތަރުދަމު ޓިފުޓިޚް ފެންގަނޑު ކައިރީގައި ތިބެ، މިނާލް އިތުރު އާ ކަންތައްތައް ހަނދާނަށް ގެނުވިއެވެ. ހަނދާން ނެތިފައިވާ ބައިވަރު ކަންތައްތަކެއް ހަނދާނަށް ގެނައެވެ. އިރުގެ އަލިކަން ފޯރުވީ ހިސާބުން، މިނާލް ތެދުވެ، ތައްޔާރުވެލައިގެން އަކްޒާއަށް ގޮވިއެވެ. އޭރު އަކްޒާ، ކައިރީގައި ހުރި ގަހެއްގެ މަތީގައި އިނެވެ. ފަޅި ހަނދެއްގެ ބައްޓަމަށް އޮތް ގަދަ ނޫކުލައިގެ އަލިމަހެއް ހިފަހައްޓައިގެންނެވެ. “ތިއީ ކީތްކުރަން ނެގި ޖަވާހިރެއް؟” މިނާލްގެ އަޑުގައި މަޑުމައިތިރިކަމެއް ހުއްޓެވެ.
“މިއީ ޤަރޫ-، ނޫން މިނާލްގެ ކޮނޑުމައްޗަށް ވަދެފައި އޮތް ޖަވާހިރު. މިނާލް ސަލާމަތްކޮށްގެން ގެނެވުނު ދުވަހު އަހަރެންގެ އަތުން، މި ޖަވާހިރު ނެއްޓީ. މި ޖަވާހިރާއި ސަބިޝް ރެރިޑެން (ޖާދޫގެ ނާރުތައް) ހުރީ ގުޅިފައި. އެހެންވެ، ވަރަށް ގިނަދުވަހުން ނާރުތައް މި ޖަވާހިރާ ވަކިކުރެވުނީ. މިހާރު ކޮނޑުގައި ހަމައެކަނި ހުންނާނީ ފާރުގަނޑު. އެތަން އެއްކޮށް ރަނގަޅުވުމާއެކު، މިނާލް އަމިއްލައަށް ޖާދޫތައް ހެދޭނެ.” އަކްޒާ މިނާލްއަށް ވީގޮތް ކިޔައިދިނެވެ. އަކްޒާ އެހެން ބުނުމާއެކު މިނާލްއަށް ޓިފުޓިޚް ފެންގަނޑުން ފެނުނު މަންޒަރުތައް ހަނދާންވިއެވެ. އަދި ކަރުނަތައް ލޮލުގައި ނުހިފެހެއްޓި ފައިބައިގެން ދިޔައެވެ.
އެންމެ ފަހު ފަހަރަށް ބައްޕައާއި ކިޒަންއާ ދިމާއަށް ބަލާލެވުނު ބަލާލެވުމެވެ. ޖާދޫގެ ވަށްބުރުގައި ހިފާ ދެފަޅިއަށް ވަކިކޮށްލެވުނުކަމެވެ. އެ ވަށްބުރު ދެފަޅިވީ އިރު މިނާލްގެ ހަށިގަނޑަށް ވީ ތަދާއި، ދިލައެވެ. އެ ދުވަހު، ވަގުތުކޮޅަކަށް ނަމަވެސް އޭނާގެ ފުރާނަ އޭގެ ނިމުމާ ބައްދަލުކުރި ކަމެވެ. ހަށިގަނޑު ވިއްސައިގެން ދިޔުމާއެކު، މޭމަތި ރަތްކުލައިން ދިއްލުނުކަމެވެ. އަދި ޤަރޫތުގެ ރޫހު މިނާލްގެ ފުރާނަ ސަލާމަތްކުރުމަށް ޤުރުބާން ވީކަމެވެ. މިނާލް ސަލާމަތްވީ ޤަރޫތުގެ ޤުރުބާނީގެ ސަބަބުންނެވެ. މިނާލް ސަލާމަތްކުރުމާއެކު ޤަރޫތުގެ ރޫހު ކުދިކުދިވެ، މުޅިއެކު ގެއްލިގެން ދިޔަކަމެވެ. އެއާއެކު ނިޕިފިޓިން (ރޫހީ)ގެ ދުނިޔޭންވެސް ޤަރޫތުގެ ރޫހު ފުހެވިގެން ދިޔަކަމެވެ. ޤަރޫތު ހުރިހާ ޒަމާނެއްގައިވެސް ނެތްފަދައެވެ. ކޯތާފަތްމަތިން ފައިބަމުންދިޔަ ކަރުނަތަށް ފުހެލުމަށްފަހު، މިނާލް އަދިވެސް އެއްފަހަރު ޤަރޫތުއަށް ހިތުގެ އެންމެ އަޑިން ޝުކުރު އަދާކުރިއެވެ.
“މިނާލްގެ ސަބިޝް ރެރިޑެންތައް ރަނގަޅުވުމުގެ ކުރިއަށް ޖާދޫ ހެދޭނެ ގޮތެއް މި ސޫރް ޖަވާހިރަކީ. އެއީ މިހާރު މިނާލްގެ ހަށިގަނޑުގައި މި ޖަވާހިރުގެ ބާރުތައް އަށަގަނެފައި ވާތީ.” އަކްޒާ މަޑުމަޑުން ބުންޏެވެ. އަކްޒާގެ ފިޔަގަނޑުން ހިފަހައްޓައިގެން ހުރި ޖަވާހިރުގައި މިނާލް އަތްލިއެވެ.
މިނާލްގެ އިނގިލިތައް ޖެހުމާއެކު އެ ޖަވާހިރު ގަދަ ނޫކުލައަކުން ދިއްލުނެވެ. އަދި ހަނދުފަޅި ބައްޓަމުގެ ތިރިއަށްވާގޮތަށް ކަޅުކުލައިގެ ދަނޑިކޮޅެއް ފާޅުވިއެވެ. އަދި ރަންކުލައިގެ ފަރުމާތައް އެ ކަޅު ދަނޑިކޮޅުގައި ފާޅުވިއެވެ. “މިއީ ކޮންކަމެއް؟” ދެ ލޯ ބޮޑުވެ، އަނގަ ހުޅާވިފައިހުރި މިނާލް އަކްޒާއާ ސުވާލުކުރިއެވެ. “މިއީ ސޫރް ނެޕްޓަފް، ހަނދުގެ ޖާދޫ ދަނޑިކޮޅު. ހަނދުގެ ޖާދޫތައް ހެދުމަށް ވަކި ބަހެއް ބުނުމުން އެ ޖާދޫއެއް ފާޅުވާނެ.” އަކްޒާ މިނާލްއާ ކައިރިވަމުން ބުނެދިނެވެ.
“އެންމެ ފުރަތަމަ ދަސްކުރުން މުހިންމީ ހިޔަނީގެ ބާރުތައް. މިއީ އެއްޗެހި ފޮރުވައިގެން ގެންގުޅެވޭ އަދި ހަނގުރާމަ ކުރުމުގައިވެސް ވަރުގަދަ ޖާދޫއެއް. އެންމެ ފުރަތަމަ ލަފްޒުތައް ދަސްކުރަމާ. އެހުރި ގަސްތަކަށް ތި ޖާދޫގެ ދަނޑިކޮޅު ދިމާކުރޭ. އަދި ކިޔާ ‘ޣިލަނިޓް’.” އަކްޒާ ބުނިގޮތަށް ހުރުމަށްފަހު، މިނާލް މަޑުމަޑުން ކިޔެވެ. “ޣިލަނިޓް!” ބަސް ބުނެވުމާއެކު، ގަސްތަކާއި ދިމާއަށް ޖާދޫގެ ދަނޑިކޮޅުގައިވާ ހަނދުގެ ޖަވާހިރުން ވަރުގަދަ ނޫ އައްޔަކާއެކު ޖާދޫގެ ފުއްތައް ނިކުމެގެން ދިޔައެވެ. އަދި އެ ގަސްތަކުގައި ޖާދޫގެ ފުއްތައް ޖެހުނުތަނުގައި ބާގަނޑެއް ހެދުނެވެ. އަދި އެ ބާގަނޑުގެ ވަށައިގެން ނޫކުލައިގެ އަލިފާންގަނޑެއް ރޯވިއެވެ. ހަމަ އެވަގުތު މިނާލްގެ ބޮލުގައި ކުޑަކޮށް ރިއްސި ނަމަވެސް އަކްޒާ ކިޔަވައިދެމުން ދާތީވެ، އެކަމަކާ މާ ބޮޑަކަށް އަޅައެއްނުލައެވެ.
*************
މެއަމް އޮޝެއަރް (މަރުގެ ކަނޑު)ގެ މަތިން އުދުހެމުން ދިޔަ ކުނާގަނޑުގައި ކިޒަން އާއި ޒަނީން ތިއްބެވެ. ކިޒަން އިނީ މޭވާއެއް ކާށެވެ. މިއާ ޚިލާފަށް ޒަނީން ހުރީ ގެގަނޑުގައި ހިފަހައްޓައިގެން ކޮޅަށެވެ. ދުރުމިއެއް ބޭނުންކޮށް ކުރި ބަލާށެވެ. “އެހާ ގިނަ ދުވަހެއް ނުނަގާނެ، އެކިޔާ ބަނަފިނިގަނޑުގެ ތެރެއަށް ދާކަށް.” ޒަނީން ޔަޤީންކަމާއެކު ބުނެލިއެވެ. ޖާދޫގެ ފުއްކުނޑިތަކާއެކު ކުނަލުގެ މިސްރާބު ހުރީ ޣިފިމް ރެނިޓަށެވެ.
*************
ޓެފަސޫރް (ހަނދުގެ ބިން)އަށް ވެރިވެފައިވަނީ ހަނދުގެ ފަނޑު ނޫކުލައިގެ އައްޔެވެ. ރޭގަނޑުގެ ވަގުތުކަމާއެކު، މީހުން އާބާދުވެ އުޅޭ ސަރަޙައްދުތައްވަނީ ދިއްލާލާފައެވެ. އުޑުމަތީގައި ވިލާތައް އެނބުރެމުން ދެއެވެ. ދޭތެރެދޭތެރެއިން ވައިރޯޅިއެއް ޖެހިލައެވެ. ފެނުގެ ސިޓީގައި މީހުންތައް ފޯރިއަރުވާފައި ކުޅިވަރުތައް ކުޅެމުން ދިޔައެވެ. އިސާހިތަކު އުޑުމަތީގެ ވިލާތައް ދަނބުކުލައަކަށް ބަދަލުވިއެވެ. އަދި ކަޅުކުލައިގެ ކުނޑިތަކެއް ވެހެން ފެށިއެވެ. އެ ކުނޑިތައް ބިމުގައި ޖެހުނުހެން ކުދި މަކުނުތަކެއް ފާޅުވިއެވެ. އަދި ކުޅިވަރު ބެލުމުގައި ތިބި އެތައް ބައެއްގެ ނާރުތަކުގައި އެ މަކުނުތައް ހިފައިގަނެ، ތޫނު ދަތަކުން ލޭތައް ދަމަން ފެށިއެވެ. އިރުކޮޅަކުން މީހުންތައް ކުއްލިކުއްލިއަށް ވެއްޓެން ފެށުމާއެކު، ކުޅިވަރު މެދު ކަނޑާލިއެވެ. އަދި ޥަޓެފް (ފެނުގެ ޖާދޫ) ބޭނުންކުރަން ދަންނަ މީހުންތައް އުޑުން ފައިބަމުން ދިޔަ ކުނޑިތައް ހުއްޓުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ކުޅިވަރަށް އައިސް ތިބި އާހިތަވެރިންވެސް ކަނޑި ބޭނުންކޮށް މަކުނުތައް މަރަމުން ދިޔައެވެ. އެކި ތަންތަނުގައި މީހުންތައް މަރުވެފައި އޮތެވެ. ކުޅިވަރު މައިދާނަށް ހާޟިރުވެ ހުރި ޝަވްތާ ފެންނަމުން ދިޔަ ކަންތައްތައް ރަސްގެފާނާ ހިއްސާކުރުމަށް ގަނޑުވަރަށް ދިޔައެވެ.
އެ ސިޓީގެ ގަނޑުވަރުގައި އިންނެވި ރަސްގެފާނަށް މަކުނުތަކުގެ ޚަބަރު ލިބުމާއެކު، ގަނޑުވަރުގައި ތިބި ޖާދޫގަރުން އެ ސަރަޙައްދަށް ފޮނުވިއެވެ. އަދި ޝަވްތާވެސް ޖާދޫގަރުންނާއެކު ކުޅިވަރު މައިދާނަށް އެނބުރި ދިޔައެވެ. އަދި ޖާދޫގެ ބޭނުންކޮށް މަކުނުތަކާއި ހަނގުރާމަކުރަން ފެށިއެވެ.
**************
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


