Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ޖަވާހިރުގެ ބާރު 2 – 3

leafy Level 210 Stories100 Login
May 3, 2026 6 Mins Read
0 Comments

ބާބު – 2 ސޫރް ނެޕްޓަފް

އާ ދުވަހަކަށް ޓެފަނުރް (އިރުގެ ބިން)އަށް ފިޔާތޮށި ދޯދިތައް އަލިކަން ގެނުވިއެވެ. ފެހިކަން ގަދަ ގަސްތަކުގެ ތެރެއިން ކަސްރަތައް ދުވަމުން ދިޔަ ކިޒަން ހުރީ ދަލުން ފޯވެފައެވެ. ނަމަވެސް ހުއްޓާނުލައި މޫދާ ހިސާބަށް ދުވެފައި ދިޔައެވެ. ފާޑު ފާޑުގެ ކަސްރަތުތައް ކުރުމަށްފަހު، ކިޒަން މޫދަށް ފުންމާލިއެވެ. ފެނުގެ ފިނިކަމާއެކު ހަށިގަނޑުގެ ހޫނުކަން ފިލުވާ، ތާޒާކަން ގެނުވިއެވެ. އިރުކޮޅެއްފަހުން ސަބިޝަލް ލިއަޣްފަފައި (ޖާދޫގެ ކުތުބުޚާނާ)އަށް ދިޔުމަށް މޫދުން އެރިއެވެ.

ޥަޓެފް (ފެނުގެ ޖާދޫ)ބޭނުންކޮށް މުޅި ގަޔަށް ސާފު ފެން އެޅުމަށްފަހު، ޥިރިމް (ވައިގެ ޖާދޫ)ބޭނުންކޮށް ގައި ހިއްކާލިއެވެ. އެއަށްފަހު ވައިގެ ތެރޭގައި އުދުހެމުން ސަބިޝަލް ލިއަޣްފަފައި (ޖާދޫގެ ކުތުބުޚާނާ)އަށް ދިޔައެވެ. ގަހުގެ އެތެރެއަށްވަދެ ލިޔުމަށް ގަނޑެއް ނެގުމަށްފަހު މަތީ ޙަރުފަތަށް ދިޔައެވެ. ދެފައި ވަށްކޮށްލުމަށްފަހު ގޮފިގަނޑުގައި އިށީނދެ އެޝްލިޕްނިއާއިން ފެނުނު ކަންތައްތައް ލިޔަންފެށިއެވެ.

އިސާހިތަކު ރަތްކުލައިގެ ޖާދޫގެ ކުނޑި ފުއްތަކަކާއެކު ޒަނީން ފާޅުވިއެވެ. އަދި މަސައްކަތާ ބެހޭގޮތުން ސުވާލުކުރިއެވެ. ޖަވާބުގައި ކިޒަން ކިޔައިދޭން ފެށިއެވެ. “މިހާރު މި ލިޔަނީ އެޝްލިޕްނިއާގެ މައުލޫމާތުތައް. ދެން އިތުރު ކަމެއް މިވަގުތަކު ކުރާކަށް ނެތް. އެކަމަކު، އިއްޔެ ވަރަށް އާދަޔާޚިލާފު ކަމެއް ވެއްޖެ! އިއްޔެ އުޑުން މީހަކު ވެއްޓޭތަން ފެނިގެން ސަލާމަތްކުރިއިރު، ވަގުތުކޮޅަކަށް ހީވީ އެއީ މިނާލްކަމަށް. ނަމަވެސް އޭނާ ބުނީ އޭނާއަކީ ޤަރޫތުއޭ. ދެން ރަނގަޅަށް ބަލައިލި އިރު އެއީ މިނާލް ނޫންކަން އެނގުން.” އެހެން ބުނުމާއެކު، ޒަނީންގެ ހިތުގައި މިނާލްއާމެދު އުންމީދުގެ ހުޅުކޮޅެއް ރޯވިއެވެ. “އެއީ ފަހަރެއްގައި މިނާލްކަމަށް ވެދާނެއެއްނު؟” ޒަނީން ޝައުޤުވެރިކަމާއެކު ބުންޏެވެ.

“އެކަމު އޭނާގެ ސިފަތައް މިނާލްގެ ސިފަތަކާ ވަރަށްދުރު.” ކިޒަން އިއްޔެގެ ހަނދާންތައް އާކުރަމުން ބުނެލިއެވެ. “އެކަމަކުވެސް ކިޒަން، އެއީ ހަމަ މިނާލްއަށް ވެދާނެ، ހިނގާ ދޯ ތިޔަ ޤަރޫތުއެއް ފެނޭތޯ ބަލަމާ؟” ޒަނީން ކިޒަންގެ ބަހަށް ރައްދު ދިނެވެ. “މިހާރު މުޅި މި އަޒްޓިޝް ހޯދިއްޖެ. މިދިޔަ ދެ އަހަރު ދުވަހު އެޝްލިޕްނިއާވެސް އެތައް ފަހަރަކު ބެލުނު. އަދިވެސް މިނާލްގެ ޚަބަރެއްނުވޭ. ދެން ހަމައެކަނި އޮތީ ޣިފިމް ރެނިޓް. އެތަނަށް ދެވޭނީ ވަރަށް އުނދަގުލުން.” ކިޒަން ގިލޮއްނޮސް މާ ހޯދަން ދިޔައިރު ވީކަންތައްތައް ހަނދާނަށް ގެނައެވެ.

“ރަސްގެފާނު ބޭނުންފުޅުވާނަމަ، ފުރަތަމަ ދާންޖެހޭނީ ލަވީން ކައިރިއަށް. ޣިފިމްރެނިޓަށް ދެވޭނީ އޭނާގެ އެހީތެރިކަމާއެކު.” އިސް އުފުލާލުމަށްފަހު ޒަނީންއާ ދިމާއަށް ބަލައިލިއެވެ. އެއާއެކު ލަވީން ކައިރިއަށް ދިޔުމަށް ދަތުރު ހަދަން ގަނޑުވަރަށް އެނބުރި ދިޔައެވެ. ބޭނުންވާ އާލާތްތައް ދަބަހަކަށް އެޅުމަށްފަހު، ކިޒަންއާއެކު ޓެފަސޫރް (ހަނދުގެ ބިން)އަށް ދިޔުމަށް ދަތުރުފެށިއެވެ. ޥިރިމް (ވައިގެ ޖާދޫ)ބޭނުންކޮށް ދެ މީހުންވެސް މަޑުމަޑުން ވައިގެ ތެރޭގައި އުދުހެމުން ކުރިއަށް ދިޔައެވެ.

***************

ޓެފަނުރް (އިރުގެ ބިން)އަށް ވެރިވެފައިވަނީ އަނދިރިކަމެވެ. އިރުއޮއްސުނު ގަޑިކަމުން ކަޅު ފިޔާތޮށިކުލައެއް އުޑުގައި ހުއްޓެވެ. އަލިފާނުގެ ސިޓީގައި ޖިފެ (އަލިފާނުގެ ޖާދޫ)ކިޔަވަމުން ދިޔަ އުޔީން އޭނާގެ ތަމުރީން ނިންމުމަށްފަހު، ތަޒުމީރާއާއެކު ޖަވާސުރް ގަނޑުވަރަށް ދަތުރު ފެށިއެވެ. މަޑުމަޑުން ޖަންގަލީގެ ތެރެެއިން ލައިފަ ހިނގަމުން ދިޔައެވެ. ކުއްލިއަކަށް ގަސްތަކުގެ މަތީ ފަތްކޯޅިތައް ތެޅިގަތެވެ. ދެ މީހުންގެ ނަޒަރުވެސް ހުއްޓިގެން ދިޔައީ، މަތިން ފައިބަމުން ދިޔަ ދަނބުކުލައިގެ ޖާދޫގެ ފުއްތަކަށެވެ. “އެދަނީ ރިޒުއާނާ. އެކަމު އޭނާ ކިހިނެތް ދިރި ހުންނާނީ؟” އުޔީންއަށް ބިރުން ހުރެ ބުނެވުނެވެ. ޖަންގަލިތެރެއިން ތަޒުމީރާއާއި، އުޔީން ދަނބުކުލައިގެ ފުއްތައް ފައިބަމުން ދިޔަ މަގުން ދުއްވައިގަތެވެ. ޖަންގަލީގެ އެކި ހިސާބުތަކުގައި ދުވެދުވެ މާނޭވާ ލެވޭވަރު ވީއިރުވެސް ދަނބުކުލައިގެ ފުއްތަކާއި ގާތެއް ނުވެވުނެވެ. ދުވުން ހުއްޓާލުމަށްފަހު ވަރުބަލި ފިލުވާލުމަށް، ގަހެއްގެ ކައިރީގައި ދެ މީހުން މަޑުކުރިއެވެ.

އިރުކޮޅަކު ވިސްނަން ހުރުމަށްފަހު، އުޔީން އޭނާގެ ޖިފެ(އަލިފާނުގެ ޖާދޫ) ބޭނުން ކުރިއެވެ. ދެ އަތުގެ ބަނޑުފުށުން ކުދި ކުދި އަލިފާން ކޮޅުތަކެއް އުފެއްދިއެވެ. އަދި ލޯ މަރާލުމަށްފަހު، އެ ކުދި އަލިފާންކޮޅުތައް، އުފުލާލިއެވެ. މަތިން އުދުހިފައި ދިޔަ މީހާ އުދުހުނު މިސްރާބު ފާހަގަކުރުމަށް އެ އަލިފާންކޮޅުތައް އުޔީން ފޮނުވާލިއެވެ. މަޑުމަޑުން އަލިފާންކޮޅުތައް އެ މީހާ ދިޔަ މަގު ފާހަގަކޮށްދޭން ފެށިއެވެ. ދެ އަލިފާންކޮޅު ދޭތެރޭގައި ޖާގައެއް ދޫކޮށް އެެ ދަނބުކުލައިގެ ފުއްތައް ދިޔަ މަގު ފާހަގަވަމުން ދިޔައެވެ. އެއާއެކު ތަޒުމީރާއާއި އުޔީން އެ އަލިފާންކޮޅުތައް ފަހަތުން އަވަސް ހިނގުމުގައި ޖަންގަލީގެ ތެރެއިން ކުރިއަށް ދިޔައެވެ.

***************

ވައިގެތެރެއިން، އުދުހެމުން ގޮސް ވައިގެ ރަށާ އަރާ ހަމަވުމުން، ބާތިޘް ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ. “މިރެއަކު މަ އަތަކުން ސަލާމަތެއް ނުވެވޭނެ!” އެހެން ބުނުމަށްފަހު ވައިގެ އަވަށުގެ އެކި ހިސާބުތަކަށް ދަނބު ކުލައިގެ އަލިފާން ގުޅަތައް އުކާލިއެވެ. ރަށުގެ އެކި ހިސާބުތަކުގައި އަލިފާން ރޯވާތަން ބަލަން ހުރެ ބާތިޘް ގަދައަށް ހީގަތެވެ. ހުރިހާ އެންމެންވެސް އަލިފާނުން ސަލާމަތްވުމަށް ދުވަމުން ދިޔައީ އެހާމެ ބާރަށެވެ. ހަޅޭކާއި ރުއިމުގެ އަޑުތައް މުޅި މާޙައުލުގައި ވެއެވެ. ގެއަކަށްފަހު ގެއެއް އަނދަމުން ބިމާހަމަވަމުން އައެވެ. ރަށުތެރެއަށް ބަލައިލުމަށްފަހު ލަސްތަކެއްނުވެ ބާތިޘް ވައިގެ ގަނޑުވަރާ ދިމާއަށް އުދުއްސައިގަތެވެ.

***************

ވައިގެ ތެރޭގައި އުދުހެމުން ދިޔަ ކިޒަން އާއި ޒަނީންއަށް ވައިގެ ރަށުން އަރަމުން ދިޔަ ދަނބުކުލައިގެ އަލިފާންގަނޑު ފެނި، އެ ދިމާލަށް މިސްރާބު ޖެހިއެވެ. ކައިރިވަމުން ދިޔަވަރަކަށް އަލިފާން ހިފާފައިވާލެއް ބޮޑުކަން އެނގި ބާރަށް އުދުހެން ފެށިއެވެ.

**************

ގަނޑުވަރުގެ މައި ދޮރާށިން ވަދެ، ދަމާފައިވާ ރަތް ދޫލައިގެ ދެ ފަޅީގައި ދަހަނާގައި ތިބި މީހުންތަކުގެ ކަރުތައް ބުރިކުރަމުން ބާތިޘް ކުރިއަށް ހިނގައިގަތެވެ. އޭނާއަށް ހަމަލާއެއް ނުދެވެނީސް ކޮންމެ މީހަކުވެސް މަރުވެ ބިމަށް ވެއްޓިގެން ދިޔައެވެ. ރަސްގެފާނާ ހިސާބަށް ނުދެވެނީސް ގަނޑުވަރުގެ ދޮރާށި ކައިރިން އެޒާރާ ގޮވާލިއެވެ. “އޭ! ކަލޭ ކީތް ތިކުރަނީ؟ މަ ކަައިރީ ނުވެސް ބުނެ މިތަނަށް ކީއްވެ ތިވަނީ؟” ބާތިޘް އޭނާގެ އަތުގައި އޮތް ކުޑަ ކަޅުފުޅީގެ މަތިގަނޑު ނައްޓާލަމުން ބުނެލިއެވެ. “އެޒާރާ ދޯ، އަހަރެންގެ ހަދިޔާ ކަމުދާނެކަމަށް އުންމީދުކުރަން!” ފުޅީގެ މަތިގަނޑު ނެއްޓި ބިމަށް ފޭބިީ ފެހިކުލައިގެ ދިޔަތަކެކެވެ. އެ ދިޔަތައް އެކުވެ ބޮޑު ހަރުފައަކަށް ބަދަލުވިއެވެ. ކަޅު ހުޅުނބުތަކެވެ. ރަތްކުލައިން ދިއްލިފައިވާ ދެ ލޮލެވެ. ލަސްތަކެއްނުކޮށް، އެޒާރާ ހުރި ދިމާލަށް އެ ހަރުފަ ދިޔައެވެ. އެޒާރާ ބިރުން ހުރެ މަގުމައްޗަށް ދުއްވައިގަތެވެ. އަދި ޥިރިމް (ވައިގެ ޖާދޫ) ބޭނުންކޮށް އެތަކެއް ހަމަލާތަކެއް ދިނެވެ. ނަމަވެސް އެއިން އެއްވެސް ޖާދޫއެއް ހަރުފައިގެ ހަށިގަނޑުގައި ކޫރުމެއްވެސް އަޅުވައިނުލިއެވެ.

ބާތިޘް ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ. ތަޚުތު އިމާރާތުގައިވާ ހުރިހާ އެންމެން މެރުމަށްފަހު، ތަޚުތުގައި އިންނެވި ރަސްގެފާނާ ދިމާއަށް ކަޅު ޖާދޫ ގުޅައެއް އެއްލިއެވެ. ސަލާމަތްވެވޭނެ އެއްގޮތެއްވެސް ނެތުމާއެކު، އެއްވެސް ހުރަހަކާ ނުލައި އެ ކަޅު ޖާދޫ ގުޅަ މޭމަތީގައި ޖެހުނެވެ. މޭމަތިން ފެށިގެން މުޅި ހަށިގަނޑު ފީވެ، ކުނިވަމުންގޮސް ހަރުވެ ހިލަވިއެވެ.

ބާތިޘް އޭނާގެ ކަޅު ޖާދޫ ގުޅައެއް ބޭނުންކޮށް ސަމުގާއެއް އުފެއްދިއެވެ. އެ ސަމުގާ ބޭނުންކޮށް އައިފް ޖަވާހިރު ހޯދުމަށް ބާތިޘް މަސައްކަތް ކުރިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އެ ސަމުގާގެ ކަށި އެނބުރެނީ ނުބައި ދިމާއަށެވެ. އެތައް ފަހަރަކު ޖާދޫ އާކުރިޔަސްވެސް ދިމާކުރަނީ އެކި ދިމަދިމާއަށެވެ.

***************

ވަލުތެރެއިން ދުވަމުން ކަހަލަ ގޮތަކަށް އަވަސް ހިނގުމުގައި ނިކުމެގެން އައި ތަޒުމީރާއާއި އުޔީންއަށް ފެނުނީ އާދައިގެ މަންޒަރެއް ނޫނެވެ. މުޅި ވައިގެ ރަށުގައިވަނީ ހުޅު ހިފާފައެވެ. މީހުންތައް ބިރުން ހަޅޭއްފަޅޭއް ޖަހަނީއެވެ. ދެމީހުން ވެގެން އަވަށުގެ އެކި ބައިބަޔަށް ޥަޓެފް(ފެނުގެ ޖާދޫ) ބޭނުންކޮށް، ފެން ބުރުއްސަން ދިޔައެވެ. ފެން ބުރުއްސުމާއެކު އަލިފާންގަނޑުގެ ބާރު ކުޑަވެ ހިނދެމުން ދިޔައެވެ. ރަށުގެ އެކި ހިސާބުތަކަށް ދަތުރުކޮށް ފެން ބުރުއްސުމަށް ދެ މީހުން ދިޔައެވެ.

ކިޒަން އާއި ޒަނީން އުދުހިފައި އައިއިރު ފެނުނީ އާދަޔާޚިލާފު މަންޒަރެކެވެ. ކިޒަން ހުރީ އަޖައިބުވެ އަންތަރީސްވެފައެވެ. އެޝްލިޕްނިއާއިން ފެނުނުފަދަ، ބޮޑު ހަރުފައެއް ގަނޑުވަރު ކައިރީގައި އުޅޭތީއެވެ. ދެ މީހުންވެސް މިސްރާބު ހުރީ އެ ހަރުފައާއި ދިމާލަށެވެ.

ހަރުފައާ ހަނގުރާމަކުރަމުން ދިޔަ އެޒާރާ ހުރީ އެކި ތަންތަނުން ޒަޚަމުވެފައެވެ. ޖާދޫ ބޭނުންކުރާތީވެ ހަކަތަވެސް ހުސްވެފައެވެ. އެކަމަކުވެސް ޗޭނުތަކާއި، ރީނދޫ ޖާދޫ ގުޅަތައް ބޭނުންކުރަމުން ދިޔައެވެ. އަދި އޭގެ އިތުރުން ޥިރިމް (ވައިގެ ޖާދޫ) ބޭނުންކޮށް، ހަރުފައަށް އަނިޔާކުރަމުން ދިޔައެވެ. ނަމަވެސް ޖާދޫ ބޭނުންކުރި ވަރަކަށް ހަށިގަނޑުން ވަރުދޫވެދެއެވެ.

ކިޒަންއަށް ދެވުނުހާ ބާރަކަށްގޮސް އެއަފްޓިޚް(ބިމުގެ ޖާދޫ) ބޭނުންކޮށް ހަދާފައިވާ ދަގަނޑު ކަނޑި ހަރުފައިގެ ހަށިގަނޑަށް ހަރާލިއެވެ. އަދި މުއްގަނޑުގައި ބާރަށް ހިފާ، ހަރުފައިގެ މަސްގަނޑު އިރާލިއެވެ. ޒަނީން ޓެލިޕޮފްޓި (ޖާދޫ ދަތުރު) ބޭނުންކޮށް ހަރުފައިގެ ބޮލާ ދިމާއަށް ފާޅުވިއެވެ. ލިބުނު ވަގުތުކޮޅުގައި ހަރުފައިގެ ލޮލަށް ވަޅިއެއް ހަރާލިއެވެ. އިތުރު ހަމަލާއެއް ނުދެވެނީސް އެ ހަރުފަ ވަރަށް ބާރަށް ތެޅިގަތެވެ. އެއާއެކު ކިޒަންއާއި ޒަނީން ދުރަށް ވިއްސައިގެން ދިޔައެވެ.

އެއްގޮތަކަށްވެސް ބާތިޘްއަށް ޖަވާހިރު ފެންނަގޮތެއް ނުވިއެވެ. ބާތިޘް އައިސްފައިވާ ރުޅިން މުޅި މޫނުގެ ވަށައިގެން ކަޅުވިލާތައް ފާޅުވެފައި ހުއްޓެވެ. އެންމެފަހުން، މަރުވެފައިވާ، ރަސްގެފާނު އަލުން ދިރުވާ، ޖަވާހިރު ވީތަން ދެއްކުމަށް އަމުރުކުރިއެވެ. އެއާއެކު، އޮތްތަނުން ތެދުވެ، މަޑު ހިނގުމެއްގައި ތަޚުތުގެ ފަހަތުގައި ފޮރުވިފައިވާ ދޮރެއް ހުޅުވިއެވެ. ލަސްތަކެއް ނުކޮށް ބާތިޘް އެތާ އެތެރެއަށްވަދެ، ކުޑަ ބިންގަރާހަކަށް ފޭބިއެވެ. އެ ކުޑަ ތަންކޮޅުގެ ތެރޭގައި ފޮރުވިފައިވާ، މުދަލާއި، ޚަޒާނާތަކުގެ ތެރޭގައި ހުދުރީނދޫ ކުލައިން ދިއްލިފައިވާ، ބޮޑު ދިގޯޑިއެއްގެ ބައްޓަމަށް އޮތް، އަލިމަހެއް ބާތިޘްއަށް ފެނުނެވެ.

ދަނޑިވަޅު ބަލާ ޒަނީން ދެ މީހުންނަށްވެސް ޓެލިޕޮފްޓި (ޖާދޫ ދަތުރު) ބޭނުންކޮށް ބޭނުންވާ ތަނަށް އަލުން އަނބުރާ ގެނުވިއެވެ. އިތުރަށް ވަގުތު ބޭކާރުނުކޮށް، އެ ހަރުފައިގެ ބޮލަށް ކިޒަން ކަނޑި ހަރާލިއެވެ. ކަނޑި ހަރާލުމާއެކު އެ ހަރުފަ ވަރަށް ތޫލި އަޑަކުން ބާރުބާރަށް ހަޅޭއްލަވައިގަތެވެ. އެއަށްފަހު އަނގަތެރެއިން ފެހިކުލައިގެ ވަރުގަދަ ވިހަތަކެއް މުޅިތަނަށް އުކާލިއެވެ. ހަރުފައިގެ ވިހަ ޖެހުނު ބިނާތައް ވިރިގެން ފައިބަމުން ދިޔައެވެ. ބިންގަނޑުވެސް ވިހައާއެކު ކެކިގެން ދިޔައެވެ. ކިޒަންއާއި ޒަނީންއަށް ސަލާމަތްވެވުނީ ޓެެލިޕޮފްޓި (ޖާދޫގެ ދަތުރު) ބޭނުންކޮށްގެންނެވެ.

ހަރުފައިގެ އަޑަށް ބާތިޘް ދުވެފަ ގަނޑުވަރުން ނިކުތެވެ. އިރުކޮޅަކުން ކިޒަންއާއި ޒަނީން ވައިގެތެރެއަށް ފާޅުވިއެވެ. މާނޭވާ ލަމުން ދިޔަ ކިޒަން ނޭވާ ހަމައަކަށް ނޭޅެނީސް، ބާތިޘް ފެނުމާއެކު، ކަނޑި އަތަށް މަހާލިއެވެ. އަދި ފޫހިކަމުގެ ކުލަވަރެއް މޫނުމައްޗަށް އެރުވިއެވެ. ބާތިޘްގެ އަތުގައި އޮތް ޖަވާހިރު ފެނި، ކިޒަން ހަޅޭއްލަވައިގަތެވެ. “ތި ޖަވާހިރު، ހަމަ މިހާރު ބާއްވާ!” ބާތިޘް އޭނާގެ ހަރުފައަށާއި އެޒާރާއަށް ބަލައިލުމަށްފަހު ބުންޏެވެ. “ކަލޭ ހީކުރީ ތިހާ އަވަހަށް މަގޭ އަތުލައިގަނެވޭނެ ކަމަށްތަ އެޒާރާ؟ މިހާރު ކަލޭ ތި އޮތީ ނިމިފައި!” ބާތިޘް ކިޒަންމެންނާ ދިމާއަށް ބަލައިލާފައި ބުންޏެވެ. “ދެން ކަލޭ ތީ ކާކު؟ މަށާ ކުރިމަތިލާން ނޫޅޭތި! މި އައިފް ޖަވާހިރަކީ އަހަރެންގެ އެއްޗެއް.”

އެއަފްޓިޚް (ބިމުގެ ޖާދޫ) ބޭނުންކޮށް ބިން ރަނގަޅު ކުރުމަށްފަހު، ކިޒަން ދުވެފައި ބާތިޘްއާ ދިމާއަށް ދިޔައެވެ. ކިޒަންއަށް ކައިރި ނުވެވި އުޅެނިކޮށް ބާތިޘް ކަޅު ޖާދޫ ގުޅައެއް އެއްލިއެވެ. ހަމައެއާއެކު ކިޒަންވެސް، ރީނދޫކުލައިގެ ޖާދޫ ގުޅައެއް އެއްލިއެވެ. ދެ ޖާދޫ ގުޅަ ބައްދަލުވިހެން ބޮމެއް ގޮވިފަދައެވެ. ދެ މީހުންވެސް، ދުރަށް ވިއްސައިގެން ދިޔައެވެ. މުޅި މާހައުލު ކިލައިން ފުސްވިއެވެ. ލަސްތަކެއް ނުކޮށް ކިޒަން ކަނޑިއާއެކު ބާތިޘް ހުރި ދިމާލަށް އައެވެ. ނަމަވެސް ބާތިޘް ކަޅު ޖާދޫ ފުއްތަކާއެކު ހުރިތަނަށް ގެއްލުނެވެ.

ފާއިތުވެދާ ކޮންމެ ވަގުތުކޮޅަކާއެކު އެޒާރާގެ ހާލަތު ދިޔައީ ދަށްވަމުންނެވެ. ލޭ މަނާނުވެ، ގިނައިރުވުމުން އެޒާރާ އޮތީ ހޭނެތިފައެވެ. ކިޒަންއާއި، ޒަނީން ވީހާވެސް އަވަހަކަށް އެޒާރާ ސަލާމަތްކުރުމަށް ޒަޚަމުވެފައިވާ ތަންތަން ބަންދުކުރިއެވެ. އަދި ބިނދިފައިވާ ތަނބިކަށި ތެދުކޮށް، ތެދު ފިލާގަނޑެއް އެއްސިއެވެ. އެޒާރާ ޒަނީންއާ ހަވާލުކުރުމަށްފަހު، ކިޒަން ދިޔައީ އަލިފާންގަނޑު، ހިފާފައިހުރި ގެތަކާއި ދިމާއަށެވެ.

ވައިގެ ތެރޭގައި އުދުހެމުންގޮސް، ޥަޓެފް (ފެނުގެ ޖާދޫ) ބޭނުންކޮށް އަލިފާންގަނޑަށް ފެން ބުރުއްސަން ފެށިއެވެ. އެމަސައްކަތުގައި އުޅެނިކޮށް، ކިޒަންއަށް، އުޔީން ފެނި، އެ ސަރަހައްދަށް ދިޔައެވެ. “އުޔީން ކީތްކުރަނީ މިތާގައި؟” ކިޒަން ސުވާލު ކުރިއެވެ. “ރަށަށް އެނބުރި ދަނިކޮށް މި އަލިފާންގަނޑު ފެނުނީ. އެހެންވެ، މި މަޑުކުރީ ތަޒުމީރާއާއެކު މި އަލިފާންގަނޑު ނިއްވޭތޯ!” އުޔީން ކުރުކޮށް ޖަވާބު ދިނެވެ. ދެމީހުންވެސް އަލިފާންގަނޑު ނިއްވުމަށް ފެންބުރުއްސަމުން ކުރިއަށް ދިޔައެވެ.

އަލިފާން ނިއްވުމަށްފަހު، ނިދާނެ ގެއެއް ނެތް މީހުންނަށް ނިދާނެ ތަނެއް އުފެއްދުމުގައި ކިޒަން އުޅުނެވެ. އެއަފްޓިޚް (ބިމުގެ ޖާދޫ) ބޭނުންކޮށް ބޮޑު ހަރުގެއެއް ވަރުގެ ތަނެއް ހެދިއެވެ. އަދި ތަނބުތައް ލުމާއެކު، ބައިތައްވެސް ވަކިކުރިއެވެ. ކޮންމެ ބައެއްގައި ވެސް ދޮރާއި ނިދާނެ ތަންކޮޅެއް ލުމަށްފަހު، ވަގުތީ ގެދޮރު ބޭނުންވާ ފަރާތްތަކަށް އެތަނުން ޖާގަދޭން ފެށިއެވެ. މި ކަމުގައި އުޔީންއާއި ތަޒުމީރާވެސް އެހީތެރިވިއެވެ. އަދި ގެތަކުން މީހުންތައް ސަލާމަތްކޮށް، ފަރުވާ ދޭންވާ މީހުންނަށް ފަރުވާދީ ހެދިއެވެ. ހުރިހާ ކަމެއް ނިންމުމަށްފަހު، ކިޒަން، އުޔީން އަދި ތަޒުމީރާވެސް ޒަނީން ކައިރިއަށް ދިޔައެވެ.

ޒަނީން ހުރީ ހާސްވެފައެވެ. އެޒާރާއަށް ނޭވާލެވެނީ ހަމަ ކިރިޔާއެވެ. އެހެންކަމުން ޒަނީން ގަދަކަމުން އެޒާރާގެ މެއަށް ޥިރިމް (ވައިގެ ޖާދޫ) ބޭނުންކޮށް ވައި ފޮނުވާ، ވައި ބޭރުކުރަމުން ދިޔައެވެ. ކުއްލިއަކަށް ކިޒަން އައި އަޑު އިވިގެން އެދިމާއަށް ބަލާލިއިރު ކިޒަންގެ އިތުރުން އުޔީންއާއި ތަޒުމީރާ ހުރިތަންވެސް ޒަނީންއަށް ފެނުނެވެ. “ތަޒުމީރާ، އެޒާރާއަށް ނޭވާވެސް ރަނގަޅަށް ނުލެވޭ! އަވަހަށް ފަރުވާއެއް ދޭން އުޅޭ!” ޥިރިމް (ވައިގެ ޖާދޫ) ބޭނުންކޮށް އެޒާރާގެ ހަށިގަނޑުން ނުސާފު ވައި ބޭރަށް ނެރެމުން ޒަނީން ބުނެލިއެވެ. ތަޒުމީރާ ބޭނުންވާ އާލާތްތައް އެއްތަންކޮށްދީފައި ދެން ތިބި މީހުން ދުރަށް ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

leafy

Level 210 Stories100 Login

Other Articles

Previous

އެކަނިވެރިވި މަންމައެއްގެ ދިރިއުޅުން

Next

އެދިގެން ކަލާ ލިބޭތޯ 68

Next
May 4, 2026

އެދިގެން ކަލާ ލިބޭތޯ 68

Previews
May 3, 2026

އެކަނިވެރިވި މަންމައެއްގެ ދިރިއުޅުން



All Right Reserved!