Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

މި ހަމަހިމޭންކަން… ހިލަމެއް އެބަވޭ މަށަށް (23)

River Writes
River Writes Level 110 Stories100 Login
April 25, 2026 10 Mins Read
0 Comments

ރޭގަނޑުގެ ކަނު އަނދިރިކަން މުޅި ޖަންގަލި ބިރުވެރިކަމާއެކު ވަށާލާފައިވާއިރު، އެ ހާސްކުރުވަނިވި އަނދިރިކަން ޒުނާމްގެ މޭ ފިއްތާލާފައިވަނީ ގަސްތަކުގެ އޮފިތައް އޭނާގެ ވަށައިގެން ބާރުވަމުންދާ ފަދަ އިހުސާސެއް ކުރެވޭ ހާލުގައެވެ. ގަސްގަހުގެ އޮފިތަކުން ސިއްރުތަކެއް ކިޔައިދެމުންދާ ކަހަލައެވެ. ނަމަވެސް އޭނާގެ ހިތުގެ ތަޅުވުން މާ ބާރުވުމުން، އެ އަޑުތަކެއް އޭނާއަކަށް ނީވެއެވެ. އޭނާ ނަގާ ކޮންމެ ފިޔަވަޅެއް ކުރީގެ ފިޔަވަޅަށްވުރެ ބަރުވެފައިވަނީ، ފައިދަށުގައިވާ ބިންގަނޑުވެސް އޭނާއަށް ގަބޫލުކުރަން ދަތި ހަގީގަތެއް ދަންނަ ކަހަލަ ބިރުވެރި ގޮތަކަށް ގުޑެމުންދާތީއެވެ.

“ޖޫލީ!”

އޭނާގެ ކަރުބުޑުން އެ ނަން ބޭރުވީ ވަރަށް ބާރަށެވެ. އެ އަޑު ޖަންގަލީގެ ތެރޭގައި ގުގުމައިގެން ދިޔައިރު، ވަށައިގެންވީ ބިރުވެރި ހިމޭންކަމެކެވެ. ވައިރޯޅިއެއްގެ ހިލަމެއްވެސް ނެތެވެ. އެއްވެސް ޖަވާބެއް ނައުމުން އޭނާގެ ކަރުބުޑުގައި ރިހުމެއް އުފެދުނެވެ. އެ ހިމޭންކަމަކީ އާދައިގެ ހިމޭންކަމެއް ނޫނެވެ. އެއީ ފުރާނައެއް ހުރި އެއްޗެއް ފަދައިން އޭނާގެ ހަންގަނޑުގައި ބީހެމުންދާ، ބިރުވެރި އަދި އާދަޔާ ހިލާފު ހިމޭންކަމެކެވެ.

އެނބުރި ދިއުމަށް އޭނާގެ ސިކުނޑި ގޮވަމުންދިޔަ ނަމަވެސް، އޭނާ ޖަންގަލީގެ މާ އެތެރެއަށް ވަންނަމުން ދިޔައެވެ. ގަސްތަކުގެ ތޫނު އޮފިތަކުން އޭނާގެ އަތްތިލަ މަށައިގެން ދިޔަ ނަމަވެސް، އޭނާއަށް އެކަން އިހުސާސެއް ނުކުރެވެއެވެ. ހިތް ބުނަމުންދިޔައީ ޖޫލީ އަބަދުވެސް ގޮވާލާ ފަދަ މަޑުމައިތިރި އަޑަކުން އޭނާއަށް ގޮވާލާފާނެ ކަމަށެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އިވެނީ އަމިއްލަ ނަފްސުގެ ބިރުވެރިކަމުން ފުރިފައިވާ ނޭވާގެ އަޑު އެކަންޏެވެ.

“ޖޫލީ، ފިލައިގެން ނުހުރޭ… އާދޭ… އަހަރެންޏަށް މާފުކޮށްލާފަ އާދޭ ދޫންޏާ… އެއީ އަހަރެން ގަސްދުގަ ކުރިކަމެއް ނޫނޭ…”

ޒުނާމް ރޮމުންރޮމުން ކުރަމުންދިޔަ އާދޭސް މެދުކެނޑުނީ ބިރުވެރިކަން އިންތިހާއަށް ދިއުމުންނެވެ. އޭނާގެ ސިކުނޑި އޭނާއަށް އޮޅުވާލަން ފަށައިފިއެވެ. ޖޫލީ ކޮންމެވެސް ތަނެއްގައި އަނިޔާވެފައި އޮތް މަންޒަރު އޭނާގެ ލޯމައްޗަށް ސިފަވަމުންދިޔައެވެ. އެ ހިތްދަތިކަމުގެ ސަބަބުން އޭނާގެ މޭގައި އުފެދުނު ރިހުން ގަދަވެ، ކެތްކުރަން ދަތިވިއެވެ.

އަނެއްކާވެސް ފިޔަވަޅެއް ކުރިއަށް އެޅިއެވެ. ބިރުވެރި އަނދިރިގަނޑުގެ ތެރެއަށް ނަޒަރު ހިންގާލުމަށްފަހު، ކުއްލިއަކަށް އޭނާގެ ފައި ހުއްޓުނެވެ. ހީވީ އޭނާގެ ހިތް ހުއްޓުނީ ހެންނެވެ. އޭނާއަށް ޖޫލީ ނުފެންނާނެކަން ގަބޫލުކުރަން މަޖުބޫރުވިއެވެ.

އޭނާގެ ކަރުބުޑުން ގިސްލުމުގެ އަޑެއް ނުކުތެވެ. އަދި ލޮލުން ފޭބި ކަރުނަތަކާއެކު، އޭނާ އެނބުރި ޖަންގަލިން ނުކުންނަން ހިނގައިގަތެވެ. އެތަނުގައި އިތުރަށް މަޑުކުރުމަކީ އޭނާގެ އަމިއްލަ ނަފްސުވެސް އެތަނަށް ގެއްލިގެންދާނެ ކަމެއްކަން އޭނާއަށް ވިސްނުނެވެ. އެއްވެސް މީހަކު ޖޫލީ ގެއްލުމުގައި ޒުނާމަށް ޝައްކުކުރާނެ ފުރުސަތެއް ދޭކަށް އޭނާ ބޭނުމެއްނުވެއެވެ.

****

ރޭގަނޑުގެ އުޑުގެ ދަށުގައި ކަނޑުގެ އޮއިވަރު ނިމުމެއް ނެތް ފަދަ ގޮތަކަށް ފެތުރިފައި އޮތެވެ. ހަނދުވަރުގެ ފަނޑު އަލީގައި ކަނޑުގެ ސަތަހަ ވިދަމުން ދިޔައިރު، ރާޅުތައް އައްސޭރިއަށް ބޭރުވަމުންދިޔައީ އާދަޔާ ހިލާފު ހަމަހިމޭންކަމަކާއެކުއެވެ. ފަސީހުގެ ހިތުގައި އުފެދިފައިވާ ތޫފާނާ އަޅާބަލާއިރު އެއީ މާ ބޮޑު އަމާންކަމެކެވެ. މެހެކާއެކު އަތިރިމަތީގައި ހިނގަމުން ދިޔައިރު، ޖެހެމުންދިޔަ ފިނި ރޯޅިތަކަކަށް އޭނާގެ ހިތުގެ ނުތަނަވަސްކަމަކަށް ލުޔެއް ނުދެވުނެވެ. މެހެކްގެ މޫނުގައިވާ މަޑުމޮޅިކަމަށް ނަޒަރު ހިންގަމުންދިޔަ ފަސީހުގެ ދުލުގައި ޖެހިފައިއޮތް ގޮށް މުހުނެވެ.

“ބައެއް ފަހަރު… އަހަރެން ހަނދާން ނައްތާލަންވީ ކިހިނެއްކަމެއް ނޭނގޭ…” މަޑުމައިތިރި އަޑަކުން ފަސީހު ބުންޏެވެ. އޭނާގެ އެ ވާހަކަތައް ކަނޑުގެ ރާޅުތަކުގެ އަޑުގެ ތެރެއަށް ގެއްލިގެންދާ ފަދައެވެ. އެ ވާހަކަ ދެއްކުމަކީވެސް ދުވަހަކުވެސް ފަސްނުލެވޭ ފުން ޒަހަމެއް އަލުން ކޮނުމެވެ.

މެހެކް އޭނާއާ ދިމާއަށް ބަލާލުމަށްފަހު، ހިނގުން މަޑުޖައްސާލިއެވެ. އޭނާގެ ލޮލުން ފެންނަމުންދިޔަ އޯގާތެރިކަމުގެ ސަބަބުން، ފަސީހުގެ ހިތުގައިވާ ކަންބޮޑުވުންތައް ފޮރުވަން އުނދަގޫވިއެވެ. މެހެކް ވާހަކަ ދެއްކިއިރު، އޭނާގެ އަޑުގައިވީ ހިތްހަމަޖެހުމާއި ކުލުނެވެ.

“ހަނދާން ނައްތާލުންތަ؟ ނުވަތަ ތިބުނާ ކަމަކުން އަރައިގަނެ ކުރިއަށް ދިއުންތަ؟”

މެހެކްގެ ސުވާލު ކަންފަތުގަ ޖެހުމާއެކު ފަސީހު މާޔޫސްކަމާއެކު ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އުދަރެހާއި ކަނޑު ބައްދަލުވާ ފަށަށެވެ. އެ ދެމެދުގައިވާ ފަރަގަކީ އޭނާއަށް ކަޑައްތުކުރަން ނޭނގޭ، މާ ދުރު ރާސްތާއެއް ފަދައިން އިހުސާސް ކުރެވުނެވެ.

“ލޯބިވުން ހުއްޓާނުލެވޭ މީހެއްގެ ހަނދާންތަކާ ދުރަށް، ދިރިއުޅުމުގައި ކުރިއަށްދާނީ ކިހިނެއް؟”

އެ ސުވާލުގެ ބަރުދަނާއި ނާޒުކުކަން އެ ދެމެދުގައި ހިފާލާފައި ހުއްޓެވެ. މެހެކް އިރުކޮޅަކަށް ހަނުހުއްޓެވެ. އޭނާ ބަސްތައް އިޚްތިޔާރު ކުރަމުންދިޔައިރު، ޖެހެމުންދިޔަ ރޯޅިތަކުން އޭނާގެ އިސްތަށިގަނޑު މޫނުމައްޗަށް އެޅެމުންދިޔަ ގޮތުން، އެ ފަނޑު އަލިކަމުގެ ތެރޭގައި އޭނާ ފެންނަނީ ހަގީގަތެއް ނޫން ފަދަ ފުރިހަމަ ގޮތަކަށެވެ.

“އެ އަންހެން ކުއްޖާ…” އޭނާ މަޑުމަޑުން ވާހަކަ ދައްކަން ފެށިއެވެ. އޭނާގެ އަޑުގައި ސާބިތުކަން ހުރި ނަމަވެސް ފުން އަސަރެއް އެކުލެވިގެންވެއެވެ. “…އެއީ ވަރަށް ބަދުނަސީބު ކުއްޖެއްކަން ކަށަވަރު.”

ފަސީހު ހައިރާންކަމާއެކު މެހެކްއަށް ބަލާލިއެވެ. ނަމަވެސް އޭނާއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ މެހެކް ވާހަކަ ކުރިއަށް ގެންދިޔައެވެ. މެހެކްގެ ދެލޮލުން ފެންނަން ހުރި ސާބިތުކަމުގެ ސަބަބުން ކޮންމެ ބަހެއްގެ ނުފޫޒު ގަދަވަމުންދިޔައެވެ.

“ހަގީގަތަކީ، ކޮންމެ ކޮންމެ މީހަކަށް، ދަތި އުނދަގޫ ވަގުތުތަކުގައިވެސް ދޫކޮށްނުލާ، އޯގާތެރިކަމާއެކު ހުންނާނެ މީހެއްގެ ލޯތްބެއް ނުލިބޭނެ. އެކަން އެ އަންހެންކުއްޖާއަށް ވަޒަން ނުކުރެވުނު ނަމަ، އޭގެ މާނައަކީ އޭނާއަކީ އެފަދަ ލޯތްބަކަށް ހައްގުވެގެންވާ މީހެއް ނޫން.”

ލޯތްބާއިމެދު މެހެކްގެ ނަޒަރިއްޔާތު އެނގިފައި ފަސީހުގެ ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް އެ ހިނިތުންވުން ދެލޮލަކާ ހަމައަކަށް ނުފޯރައެވެ. މެހެކްގެ އެ ވާހަކަތަކުން އޭނާއަށް ހިތްހަމަޖެހުމާއި ކޮންމެވެސް ވަރެއްގެ ތަދެއް އިހުސާސްވިއެވެ. އެއީ އޭނާއަށް ގެއްލިފައިވާ ކަމެއްގެ ހަނދާން އާވުން ފަދަ ކަމެކެވެ.

“އެއީ އެހާ ފަސޭހަ ކަމެއް ނޫން،” ކުރީގެ ހަނދާންތައް އާވުމާއެކު އޭނާ މަޑުމަޑުން ބުންޏެވެ. “އޭނާގެ ބައްޕަ… އަހަރެން ދުވަހަކުވެސް ގަބޫލެއް ނުކުރި. އޭނާގެ ނަޒަރުގައި އަހަންނަކީ… އެކަށީގެންވާ މީހެއް ނޫން.”

އެ ވާހަކަތަކުން ފަސީހުގެ ހިތުގައި އަދިވެސް ހިތިކަމެއް ހުއްޓެވެ. އޭނާގެ ހިތަށް ކޮށްފައިވާ ފުން އަސަރު މެހެކްއަށް ދައްކަން ބޭނުން ނުވާތީ އޭނާ ނަޒަރު ވަކިކޮށްލިއެވެ. ނަމަވެސް މެހެކް ދިން ޖަވާބު އޯގާތެރިވެފައި މަޑުމައިތިރިއެވެ. އެއީ ހަރުކަށި ކަންތައްތަކެއްގެ މައްޗަށް ބީހިލި އޮމާން ރާޅެއް ފަދަ ޖަވާބެކެވެ.

“ބައެއް ފަހަރު، މީހަކު ތިމާ ގަބޫލުނުކުރުމަކީ ތިމާގެ އުނިކަމެއް ނޫން،” މެހެކް ބުންޏެވެ. “އެއީ އެމީހުންނަށް ހަގީގަތް ނުފެންނާތީ ވާގޮތެއް.. އެއީ އެމީހުންގެ އުނިކަމެއް..”

ފަސީހު ކަނުލައި އަޑުއަހަން ހުއްޓެވެ.

“ވިސްނާލަބަލަ… ތިމާއަކީ ކާކުކަން ބަލާލުމުގެ ބަދަލުގައި، ނިސްބަތްވާ އާއިލާއަކަށް ބަލާފަ، ލިބޭ އާމްދަނީއަކަށް ބަލާފައި މީހަކު މިންކުރާނަމަ، އެތަނެއްގައި އުޅުމަށްޓަކައި ތިމާގެ އަމިއްލަ ނަފްސު ކުޑަކުރަން ޖެހޭނެ. އެއީ ހަގީގީ ލޯބިތަ؟ ނުވަތަ ހަމައެކަނި ދިރިހުރުމަށްޓަކައި ވާ ގުރުބާނީއެއްތަ؟ އެފަދަ ލޯތްބެއް ހޯދަން ތިމާގެ ސެލްފް ރެސްޕެކްޓް ވިއްކާލަން ޖެހޭނެތަ؟” މެހެކްގެ އަޑުގައި ހުރީ ސާބިތުކަމެވެ.

އެ ސުވާލުން ފަސީހު ކުރިން ގަބޫލުކޮށްގެން ހުރި ކަންތައްތަކާ މެދު އަލުން ވިސްނަން މަޖުބޫރުވިއެވެ.

“ފަހަރުގައި އެކަން ކާމިޔާބު ނުވުމަކީ ލިބުނު ގެއްލުމެއް ނޫން ކަމަށް ވެދާނެ،” މެހެކް މަޑުމަޑުން އިތުރުކޮށްލިއެވެ. “އެއީ ޔޫ އިތުރަށް ހަލާކުވެގެން ދިއުމުން މާތްﷲ ޔޫ ސަލާމަތްކޮށްދިނީ ކަމަށްވެސް ވެދާނެ.”

އެ ދެމެދުގައި އޮތީ މާނަވީ ހިމޭންކަމެކެވެ. އެކުގައި ހިނގަމުންދިޔައިރު އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. އޭނާ މެހެކްއާ ދިމާއަށް އެނބުރިލާފައި، މުޅިން ތަފާތު ރޫހެއްގައި ސުވާލުކުރިއެވެ.

“އަދި ބުނެބަލަ… މެދުފަންތީގެ މީހަކު މެހެކްގެ ދިރިއުޅުމަށް އަތުވެއްޖެނަމަ، އޭނާއާ މެދު ދެކޭނީ ކިހިނެއް؟ މިބުނީ.. މިޑުލް ކުލާސް ކުއްޖަކުދެކެ މެހެކް ދުވަހަކުވެސް ލޯބިވެދާނެތަ؟”

ކުއްލިއަކަށް ކުރި އެ ސުވާލުން މެހެކް ކުޑަކޮށް ހައިރާންވި ނަމަވެސް، ވަރަށް ހަމަޖެހިލާފައި އިޚްލާޞްތެރިކަމާއެކު ޖަވާބުދިނެވެ.

“އަހަރެން ބަލާނީ މީހާގެ އަހުލާގަށް… ހަރުދަނާކަމަށް… އޯގާތެރިކަމަށް… އެމީހަކު އަހަރެންނަށް ކުރާ އިހުތިރާމާ ލޯބި ދޭ ގޮތަށް…” އޭނާ ވަރަށް ސާބިތުކަމާއެކު ބުންޏެވެ. “ސަބަބަކީ އިންސާނަކީ ކާކުކަން ބަލާ މިންގަނޑަކީ އެމީހެއްގެ އަތުގައި ހުރި މުދަލާއި ފައިސާއެއް ނޫނެވެ. އެއީ އެހެން މީހުންނާ މެދު އެމީހަކު ކަންތައްކުރާ ގޮތާއި، ދިމާވާ ދަތި އުނދަގޫ ވަގުތުތަކުގައި ސާބިތުކަމާއެކު ހުންނަ މިންވަރާއި، އެހެން މީހުންދެކެ ލޯބިވާ މިންވަރެވެ. އޭނާއަކީ އިޚްލާޞްތެރި، ހިތްހެޔޮ އަދި އަދަބުވެރި މީހެއް ނަމަ، އެއީ ކޮންމެ އެއްޗަކަށް ވުރެވެސް އަގުބޮޑު ކަމެކެވެ.”

އޭނާ ވާހަކަދެއްކި އިރު ފަސީހު ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ. އަނެއްކާވެސް އޭނާގެ މޭ ފިތިގެންދާ ފަދަ އިޙްސާސެއް ކުރެވުނެވެ. ޖޫލީއަށްވެސް އެގޮތަށް އޭނާގެ ބައްޕައަށް ވިސްނައި ދެވުނީހެއް ނޫންހެއްޔެވެ. ޖޫލީ އެހާ ފަސޭހައިން ފަސީހު ދޫކޮށްލަން އެއްބަސްވީ އޭނާ ފަސީހު ދެކެ ހަޤީޤީ ލޯބި ނުވާތީބާއެވެ. އެ ސުވާލުކުރަން ފަސީހަށް މަޖުބޫރުވިއެވެ.

****

އެރޭ ގަފޫރުގެ ލޮލަކަށް ނިންޖެއް ނައެވެ. ކިތަންމެ ވަރަކަށް ލޯ މަރައިގެން އޮތް ނަމަވެސް، ނިދީގެ ތެރެއަށް ގެނބިގަންނަން އުޅޭ ކޮންމެ ފަހަރަކު އޭނާގެ ކުރިމައްޗަށް ސިފަވަނީ އެ އަންހެން ކުއްޖާގެ މޫނެވެ. ނޫނެކެވެ، ހަމައެކަނި މޫނެއް ނޫނެވެ. މަހެކް އޭނާގެ ދިރިއުޅުމަށް އައި ފަހުން އޭނާގެ ސިކުނޑީގައި ކޮށްޓަމުންދާ އެ ބިރުވެރި އެއްގޮތްކަމެވެ. އެއީ އޭނާ ވަޅުލާފައިވާ މާޒީ، އަލުން އަނބުރާ އޭނާގެ ކުރިމައްޗަށް އަންނަން މަސައްކަތް ކުރަނީ ކަހަލައެވެ.

އޭނާ އެނދުގައި ފުރޮޅި ފުރޮޅި އޮތެވެ. ފިކުރުތައް ބޮޑުވެ، ކޮޓަރީގެ ހިމޭންކަން އޭނާއަށް ބަރުވެ، ނޭވާލާންވެސް އުނދަގޫވާ ވަރުވިއެވެ.

“މިއީ ވާނެ ގޮތެއް ނޫން…” އޭނާ މަޑުމަޑުން އަމިއްލަ ނަފްސަށް ބުންޏެވެ. އޭނާ ކެތްނުވެގެން ކުއްލިއަކަށް ތެދުވެ އެނދުގެ އަރިމަތީގައި އިށީނދެލިއިރު، އޭނާގެ އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ.

އޭނާ ހިނގައިގަތީ ކޮޓަރީގެ ކަނެއްގައި ހުރި ބާ ފޮށްޓަކާ ދިމާއަށެވެ. އެ ފޮށްޓަކީ އޭނާ ހަނދާން ނައްތާލަން ބޭނުންވި ހަނދާންތަކާއެކު އެތައް އަހަރެއް ވަންދެން އަތްނުލާ ހުރި ފޮށްޓެކެވެ. އޭނާ ކަކޫޖަހައިގެން އިށީނދެ ފޮށި ހުޅުވާލި އިރު، އޭނާގެ ދެއަތް ތުރުތުރުލަނީއެވެ. އެއީ މުސްކުޅިވުމުގެ ސަބަބަކުން ނޫނެވެ، ބިރުގަތްލެއް ބޮޑުކަމުންނެވެ.

ފޮށީގެ ތެރޭގައި ވަނީ ހުއްޓިފައިވާ މާޒީއެވެ. ބާ ސިޓީތަކާއި، ބާވެފައިވާ ފޮތިގަނޑުތަކާއި، ނެތިގޮސްފައިވާ ދިރިއުޅުމެއްގެ ބައިތަކެވެ. އަދި އެ ހުރިހާ އެއްޗެއްގެ އަޑީގައި އޮއްވާ އޭނާއަށް އެ ފެނުނެވެ. އެއީ ފޮޓޯއެކެވެ.

އޭނާ އެ ފޮޓޯ ނެގުމުގެ ކުރިން ކުޑަވަގުތުކޮޅަކަށް ޖެހިލުންވިއެވެ. ނަމަވެސް އެ ފޮޓޯއަށް ބަލައިލުމާއެކު، އޭނާގެ ނޭވާ ހުއްޓުނު ކަހަލައެވެ. ސަބަބަކީ އެ ފޮޓޯއިން ފެންނަން ހުރި އަންހެން މީހާއާއި މަހެކްއާ ހުރި އެއްގޮތްކަމެވެ. ހަމަ އެކަކު ކަހަލައެވެ.

“ދޮންދީދީ…”

އޭނާގެ ދުލުން އެ ނަން ބޭރުވީ ވަރަށް މަޑުމަޑުންނެވެ. އޭނާގެ ލޮލުން ކަރުނަ އޮހިގަތެވެ. އޭނާ ސަލާމަތްވާން އުޅުނު މާޒީ، މިއަދު އޭނާގެ ކުރިމަތީގައި ދިރިހުރި ސޫރައެއްގެ ގޮތުގައި އެހެރީއެވެ.

“މާފުކުރޭ…” އޭނާ ފޮޓޯގައި ބާރަށް ހިފަހައްޓައިގެން ހުރެ، ކުށްވެރިކަމުގެ އިޙްސާސާއެކު ރޮމުން ބުންޏެވެ. “ވަރަށް ބޮޑަށް މާފުކުރޭ…”

ނަމަވެސް އެ މާފަށް އެދުމުގެ އެއްވެސް މާނައެއް ނެތެވެ. ސަބަބަކީ ކިތަންމެ ވަރަކަށް މާފަށް އެދުނަސް، ވެފައިވާ ކަމެއް އަނބުރާ ނުހޯދޭނެތީއެވެ.

ލޮލުން އޮހޮރެމުންދިޔަ ލޭކަރުނައިގެ ތެރެއިން ގަފޫރަށް އޭނާގެ މާޒީ ސިފަވާންފެށިއެވެ.

6 ޖުލައި 1985

“މަންމާ… މި ބޭސްގުޅަ ކާލަބަލަ… އާދޭސްކޮށްފަ ބުނަން… މިއީކީ ހަށިގަނޑަށް ގެއްލުންހުރި އެއްޗެއްނޫނޭ… މިއީ ޑޮކްޓަރީ ފަރުވާ… މަންމަގެ ތި ބައްޔަށް ޝިފާއެއް ލިބޭނީ ޝިފާ ހޯދަން ހިފަންޖެހޭ ސަބަބުތަކުގަ ހިފައިގެން މަންމާ… އަހަރެން މަންމަ މަރުވާން ދޫކޮށްނުލާނަން…” މާޔޫސްވެފައިވާ ހާލު ގަފޫރު އޭނާގެ މަންމަ ވަދީފާ ކައިރީގައި އާދޭސްކުރަމުންދިޔައެވެ.

އެނދުގައި އޮށޯވެ އިދިފުށަށް އެނބުރިގެން އޮތް ހަރީރާ އެވަގުތުވެސް ދިޔައީ ކެއްސަމުންނެވެ. ބައްޔަކީ ކެންސަރެވެ. އެހެނަސް ޒަމާނުގެ ގޮތުން ބައްޔަކީ ކޮން ބައްޔެއްކަމެއް އެމީހުންނަކަށް ނޭނގެއެވެ. ވަދީފާގެ ހާލު ދިޔައީ ދުވަހުން ދުވަހަށް ދަށަށް ދަމުންނެވެ. ކުއްލިއަކަށް ކެއްސާލި ބޮނޑީގައި ވަދީފާގެ އަނގައިން ލޭފައިބައިގަތެވެ. އެވަގުތު މުޅި ބާލީސްވެސް ލެއިން ފޯވެގެންދިޔައެވެ. އެ މަންޒަރު ފެނިފައި އަށިމަތީގައި އޮށޯވެއޮތް ފާތުމަ ބިރުން ދުވެފައި އައެވެ.

“މަންމާ!! ބޭބޭ؟؟ މަންމައަށް ކިހިނެއް އެވަނީ؟”

ފާތުމަ ހާސްވެލާފައި ސުވާލުކޮށްލިއެވެ.

“ނޭނގެ ކޮއްކޯ… މަންމަ ވަރަށް ބަލިވެއްޖެ…” ލޮލުން ކަރުނަ ހިލިފައިވާ ހާލު ގަފޫރުގެ ދުލުން ބަހެއް ބޭރުކުރެވުނީ ވަރަށް ހިތްވަރުލައިގެންނެވެ. ވަދީފާ އުޅެމުންދިޔަ ހާލު ފެނި އެތަކުން އެކެއްގެވެސް ލަނގޮޑިއަކަށް ކެތެއްނުވިއެވެ.

“މަންމަގެ ދެކުދިން އާދެބަލަ ކައިރިއަށް…” އެ ހާލުގައި އޮވެވެސް ވަދީފާ ހިތްވަރުކުރިއެވެ.

ގަފޫރާއި ފާތުމަ އަވަސްއަވަހަށް ވަދީފާގެ ގާތަށްގޮސް އަށިމަތީގައި ދެމީހުން ދެފަޅީގައި އިށީންދުނެވެ. ވަދީފާ ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ.

“ދަރިފުޅާ ފާތުމާ… ކޮބާ ޒުހުރާ؟” ޒުހުރާ ފެންނަން ނެތުމުން އޭނަ ކޮބައިތޯ ވަދީފާ އެހިއެވެ. ޒުހުރާއަކީ މަޔަކު ބަފަޔަކު ނެތް ޔަތީމެކެވެ. އޭނާ އެންމެ ކުޑަދުވަހުންސުރެ އޭނާގެ ހުރިހާ ކަމެއް ބަލަމުންދިޔައީ ވަދީފާއެވެ. މައެއްގެ ފަރާތުން ދޭންޖެހޭ ހުރިހާ ލޯތްބެއް ދީގެން ޒުހުރާ ގެންގުޅެ ބަލަމުންދިޔައީ ވަދީފާއެވެ. ވަދީފާގެ ހިތުގައި ޒުހުރާއަށްޓަކައި ދެވިފައިވަނީ ދަރިއެއްގެ ދަރަޖައާއި މަގާމެވެ. އަމިއްލަ އުފަން ދަރިއަކަށް އޮންނަ ކުލުނު އޭނާގެ ހިތުގައި ޒުހުރާއަށްޓަކައިވެސް އޮތެވެ.

“ޒުހުރާ ވީ މިސްކިތްދޮށަށްގޮސް.. ފެންބަލައި…” ފާތުމަ ވަދީފާގެ ސުވާލަށް ޖަވާބުދިނެވެ.

“ދަރިފުޅާ ގަފޫރް… މަންމަގެ ވަރަށް ބޮޑު އެދުމެއް އެބައޮތް… މިއީ މަންމަގެ އެންމެ ފަހު ވަސިއްޔަތައްވެސް ވެދާނެ…” ގަފޫރުގެ އަތުގައި ފިރުމާލަމުން ވަދީފާ ބުންޏެވެ.

“މަންމައަށް އިނގޭ… ދަރިފުޅު ދޮންދީދީ ދެކެ އިންތިހާއަށް ލޯބިވާކަން… ދޮން ދީދީވެސް ދަރިފުޅުދެކެ އެހާ ލޯބިވޭ… އޭނާ އެއީ ރަނގަޅު އާއިލާއަކަށް ނިސްބަތްވާ ކުއްޖެއް… ދަރިފުޅުމެން ކައިވެނިކޮށްގެން އުފަލުގައި އުޅޭނެ ދުވަހަކަށް މަންމަ އަބަދުވެސް އުންމީދުކުރިން… ދަރިފުޅުމެން އެކީގަ ދިރިއުޅުމެއް ބިނާކުރާ މަންޒަރުގެ ހުވަފެންވެސް މަންމަ ދެކެމުން އައީ… އެކަމަކު ދިރިއުޅުމުގަ ބައެއް ފަހަރު ލޯބީގެ މައްޗައް ކުލުނު އިސްކުރަންޖެހޭ ހާލަތްތައް އަންނާނެ… ބައެއް ނިންމުންތައް އުނދަގޫވާނެ.. އެ ނިންމުންތަކުން ހިތް ފަނާކޮށްލަފާނެ… އެކަމަކު ވިސްނަންޖެހޭނީ މުސްތަގުބަލަށް… ކުރިމަގުގަ ވާނެ ގޮތަކާމެދު… ދޮންދީދީއަކީ ކަމުވޮށިގެންވާ އާއިލާއެއްގެ ކުއްޖެއް… ރީތިކަމުގާ އެފަދަ ދެވަނައެއް ނެތްފަދަ ރީތި ކުއްޖެއް… މިއަދު ދަރިފުޅު ދޮންދީދީއާ ދުރުވިޔަސް ދޮންދީދީއާ އިންނާނެ މީހުން ތިބޭނެ ސަފުޖެހިފަ… އެކަމަކު އެއްވެސް ޔާރެއް އިޔާރެއްނެތް ޔަތީމަކާއެކު ހަޔާތް ވޭތުކުރަން ބޭނުންވާ މީހަކު މަދުވާނެ…” ކެއްސަންފެށުމާއެކު ވަދީފާގެ ވާހަކަ ހުއްޓުނެވެ.

“މަންމާ… ކީކޭ ބުނަން ތި އުޅެނީ..؟ މަންމަ ތި ބުނަން އުޅޭ އެއްޗެއް އަހަރެންނަކަށް ނުވިސްނުނު…؟” ކަންބޮޑުވެފައިވާ ހާލު ގަފޫރު ހިތްއަވަސްވެގެންގޮސް ސުވާލުކުރިއެވެ. ފާތުމަވެސް ވާނުވާ ނޭނގިފައި، އެއްފަހަރު ވަދީފާގެ މޫނަށް އަނެއްފަހަރު ގަފޫރުގެ މޫނަށް ބަލަމުންދިޔައެވެ.

“މަންމަ މިބުނީ… ދަރިފުޅު ޒުހުރާއާ ކައިވެނި ކުރާށޭ… މަންމަ ނެތް ދުނިޔެއެއްގައި ޒުހުރާގެ އެކަކުވެސް ނެތް.. މަންމަ ނެތް ދުނިޔެއެއްގަ އޭނަ ވާނީ ބާކީ… ހުރި ހުރިހާވެސް މީހަކީ ދަރިފުޅު… ދަރިފުޅު ދޮންދީދީ ގާތު ބުނޭ ކައިވެންޏެއް ނުކުރެވޭނޭ.. ބުނޭ ލޯތްބެއް ނުވެޔޭ… ބުނޭ އޭނަ ދެކެ ފޫހިވެއްޖޭ… މަންމައަށް ހެޔޮ ކޮންމެ އެއްޗެކޭ ބުންޏަސް… ދޮންދީދީއާ ދުރުވޭ… ދޮންދީދީއާ ތިކުރަން އުޅޭ ކައިވެނި ނުކުރާތި… ޒުހުރާ އެކަނިކޮށްލާފަ ނުދާތި… މަންމަގެ ބަސްއަހާތި… މަންމަ ދުނިޔޭގަ މިވީހާ ދުވަހަކު ހުރިހާ ކަމެއްވެސް ކުރީ ދަރިފުޅު ބޭނުންވާގޮތަށް… ދަރިފުޅު އެދުނު ކޮންމެ ކަމެއް ކޮށްދިނިން.. އެކަމެއް ދަރިފުޅު ބޭނުންވި ގޮތަކަށް ކުރަން ރުހިގެންހުރިން… ދަރިފުޅުގެ ކޮންމެ ނިންމުމެއްގަވެސް ދަރިފުޅާ އެކުގަ ސާބިތުވެ ހުރިން…” ލޮލުން ކަރުނަ ފޫދެމުންދިޔަ ހާލު ވަދީފާ ގަފޫރު ކައިރީގައި އާދޭސްކުރަމުންދިޔައެވެ.

ފެންބަޑިޔާ ހިފައިގެންއައިސް ދޮރުން ބޭރުގައި އެމީހުންގެ ވާހަކަ އަޑުއަހަންހުރި ޒުހުރާގެ އުރުގައިހުރި ފެންބަނޑިޔާވެސް އޭނާގެ އަތުން ވެއްޓުނެވެ. ލިބުނު ސިހުމެއްގެ ބޮޑުކަމުންނެވެ. ޒުހުރާއަށްޓަކައި އެވަރުގެ ބޮޑު ގުރުބާނީއެއް ވާން ގަފޫރު ގާތުގައި ވަދީފާ އެދުނީމައެވެ.

“ހުއްޓާލާ މަންމާ ހުއްޓާލާ…. އެބަ އެނގޭތަ ތި ކިޔެނީ ކީކޭކަން… އަހަރެން ކިހިނެއް ތިހެން ކަންތައް ކުރާނީ…. އަހަރެންނަށް ދޮންދީދީ ދޫކޮށްލާފަ ޒުހުރާއާ އެކީގަ އުފާވެރި ހަޔާތެއް ނޫޅެވޭނެ… އަހަރެންނަކަށް ލާހިކެއްނޫން ދޮންދީދީގެ ހިތްހަލާކުކޮށްލާކަށް… އޭނާގެ ހިތް ރޮތްވާލާކަށް.. އަހަރެން ދޮންދީދީދެކެ ލޯބިވީ އިއްޔެއަކު މިއަދަކު ނޫން މަންމާ… ދޮންދީދީ އެއީ އަހަރެންގެ ފުރާނަ… އަހަރެންގެ ހިތުގަ އެނޫން މީހަކަށް ދުވަހަކުވެސް ލޯތްބެއް ނުއުފެއްދޭނެ… އަހަރެން ދޮންދީދީއަށް ތިވަރުގެ ބޮޑު ކެއްސެއް، ތިވަރުގެ ބޮޑު ދޯކާއެއް، ތިވަރުގެ ބޮޑު އަނިޔާއެއް ނުދޭނަން މަންމާ… މީހަކަށް ތިވަރުގެ ބޮޑު ވޭނެއްދޭން ހެޔޮނުވާނެ… އޭނައަށް މިކަންތައް އެންގިއްޖީޔާ އޭނާގެ ހިތް ފުނޑުފުނޑުވާނެ…. އެހެން ނޫނަސް އަހަރެން ޒުހުރާ ދެކެނީ އަހަރެންގެ ކޮއްކޮއެއް ގޮތުގަ… މަންމަ ބޭނުންވަނީ އަހަރެން ދިރިހުއްޓާ މަރާލަންތަ؟” ގަފޫރު އޭނާއަށް ލިބުނު ބޮޑު ސިހުމުގައި އޭނާގެ މުޅި ހަށިގަނޑުދިޔައީ ރޫރޫއަޅަމުންނެވެ. އޭނާއަށް އިހުސާސްވަމުންދިޔައީ އޭނާގެ ފައިދަށުން މުޅި ބިންގަނޑު ދަމައިގަންހެންނެވެ. އައިސްފައިހުރި ރުޅިން އޭނާގެ ނާރުތައް ބާރުވެ ހަށީގައި ދައުރުވަމުންދިޔަ ލޭ ހޫނުވަމުންދިޔައެވެ.

ކުއްލިއަކަށް ވަދީފާގެ ހާލަތު ގޯސްވާންފެށިއެވެ. ފާތުމަ ރޮއެގަނެފައި ވަދީފާ ހަމައަކަށް އެޅުވޭތޯ ބެލިއެވެ. އެވަގުތު އޭނާ ދިޔައީ ތެޅިފޮޅެމުންނެވެ. ގަފޫރު އައިސްފައިހުރި ރުޅިން ހަރުގަންނަވާފައި ގެއިން ބޭރަށް ނިކުތެވެ. ގޭގެ އޮޅިން ފައި ބޭރުކޮށްލުމާއެކު ގަފޫރުގެ ދެލޮލުން ކަރުނަ ހިލުނެވެ. އެވަރުގެ ބޮޑުކަމަކާ މަތިކޮށް ޝަރުތުކުރާނެކަމަކަށް ގަފޫރު ދުވަހަކުވެސް ހީނުކުރެއެވެ. އޭނާގެ ރުޅި ކޮންޓުރޯލުން ނެއްޓުމާއެކު ގޮށްމުއްކަވާފައި ފާރުގައި ޖެހި ވަގުތު އިނގިލިތައް މަށައިގެންގޮސް ހޯސްލާފައި ލޭއަންނަންފެށިއެވެ.

އިރުކޮޅެއް ފަހުން ޒުހުރާވެސް އައިސް ގެއިނ ނިކުތެވެ. އަދި ގަފޫރަށް ގޮވިއެވެ. ޒުހުރާގެ އަޑު ކަންފަތުގައި ޖެހުނު ހިނދު ގަފޫރު އައީ އަމަށަކު ރުޅިއެއްނޫނެވެ. ޒުހުރާ ދުވެފައިއައިސް އޭނާގެ އަތް ގަފޫރުގެ ކޮނޑުމަތީގައި ބާއްވާލިއެވެ. ގަފޫރުގެ ހިތުގައި ޒުހުރާއަށްޓަކައި ނަފްރަތު އުފެދެންފެށިއެވެ. ސަބަބަކީ މަންމަ އެގޮތަށް ވާހަކަ އެ ދެއްކީ ޒުހުރާގެ ހިމާޔަތުގައި އޭނާއަށް ހެޔޮއެދޭތީކަން ގަފޫރަށް އެނގޭތީއެވެ.

“ޙަބަރުދާރު. ކަލޭ އަހަރެން ގައިގަ އަތްނުލާތި. މި ހުރިހާ ކަމެއްވެސް މިވީ ހަމަ ކަލެޔާ ހެދި. ހަމަ މިހާރު މިތަނުން ދާންއުޅޭ! މިބުނީނު މިތަނުން ދާށޭ!”

ގަފޫރު ހަޅޭއްލަވަމުން ޒުވާބުކުރަންފެށިއެވެ. ޒުހުރާއަށް ވާހަކަ ދައްކާނެ އެއްވެސް ފުރުސަތެއް ނުދެއްކިއެވެ. ގަފޫރު ބޭނުންވީ ޒުހުރާ އެތަނުން ފޮނުވާލާށެވެ.

“ގަފޫރް. ހަމަޖެހިބަލަ. އަހަރެން ވާހަކަ ދައްކަން ފުރުސަތުދީބަލަ. މަންމަ މަރުވެއްޖެ… މަންމަ މަރުވެއްޖެ ގަފޫރް..” ޒުހުރާގެ ދުލުން އެ ތިން ލަފްޒު ބޭރުކޮށްލިއިރު އޭނާގެ ތުންފަތް ތުރުތުރުއަޅަމުންދިޔައެވެ. ދެލޯވެސް ރަތްކަމުން އަންނާރު އޮށެކޭ އެއްވަރުވާން އުޅެއެވެ. ހުއްޓުމެއްނެތި އެ ދެލޮލުން ފައިބަމުންދިޔަ ކަރުނައިގެ ފަހަތުގައިވާ ވޭން ދަންނާނި ފަހެ ކޮން އިންސާނަކުހެއްޔެވެ.

ގަފޫރަށް ލިބުނު ސިހުމުން އޭނާ ދުވެފައިގޮސް ގެއަށް ވަންއިރު ވަގުތު ފާއިތުވެއްޖެއެވެ. ވަދީފާ މިދުނިޔެއަށް އަލްވަދާއު ކިޔައިފިއެވެ. މަންމަ މަރަށް ތެޅިތެޅި އޮއްވައި މަންމައާ ވާހަކަ ދެއްކުނުގޮތް ވިސްނުނު ހިނދު އޭނާގެ ހިތް ކުދިކުދިވިއެވެ. ގަފޫރު އޭގެ ކުރިން ދުވަހަކުވެސް އަޑުހަރުކޮށް ވަދީފާއާ ވާހަކައެއް ނުދައްކައެވެ.

މަންމަ އެ މަރުވީ ހާދަ ވޭނެއްގަ އުޅެފައެވެ. މަންމައަށް އެންމެ ފަހުގެ ސަލާމަކުން ސަލާމްކޮށްލަންވެސް ފުރުސަތު ނުލިބި މަންމަ މިދުނިޔެއާ ވަކިވެ ދިޔައީއެވެ. ހިތާމައިގެ ކޮޅެއްނެތެވެ.

ގަފޫރު ރޮމުންރޮމުން މަޑުމަޑުންގޮސް ވަދީފާ އޮތް އަށިމަތީގެ އެއް އަރިމަތީގައި އިށީންދެލިއެވެ. އެވަގުތު ފާތުމަވެސްއޮތީ ވަދީފާގެ މޭމަތީގައި ބޯއަޅާލައިގެން ރޯށެވެ. ޒުހުރާއަށް އެތެރޭގައި ގަފޫރު ހުރުމުން ގޭތެރެއަށް ވަންނާކަން ނުކެރުނެވެ. އޭނާ ރޯލަރޯލާ ގޭގެ ބޭރުގައި ހުރި ޖޯލިފަތީގައި އިނީއެވެ. އޭނާގެ މިދުނިޔެމަތީގައި ހުރި ހަމައެކަނި މީހަކީ އޭނާގެ މަންމައެއްގެ ގޮތުގައި ބަލަމުންއައި ވަދީފާއެވެ. ވަދީފާ ނެތް ދުނިޔެއެއްގައި އޭނާ އެކަނިވެ ބާކީވާނެވަރު ވިސްނާލާފައި ޒުހުރާގެ ހިތުގައި ތޫނު ދިލައެއް ދައުރުވެގެންދިޔައެވެ. މެއަށްވީ ތަދުން އޭނާގެ ދެއަތް މޭގައި ބޮނޑިކޮށްލަމުން އިހުނަށްވުރެ ބާރަށް ރޮމުންދިޔައެވެ.

……….

“ދޮންދީދީ.. އަހަރެންނަށް މާފުކުރޭ ދޮންދީދީ… ދޮންދީދީ އަލުން އެނބުރި އައީތަ؟” ގަފޫރް ސިއްރުސިއްރުން، ވައިރޯޅިއަކަށްވެސް ނީވޭހާ ސިއްރުން ބުންޏެވެ. “މިއީ… ބަދަލުހިފުންތަ؟”

އެވަގުތު ކޮޓަރީގެ ފިނިކަން ގަދަވި ކަހަލައެވެ. އަދި ކުރިއެކޭވެސް އޭނާގެ ހިތުގައި މާޒީއާ މެދު ސުވާލު އުފެދުނެވެ. މާޒީގައި ކަންތައްވީ އޭނާ ބޭނުންވީ ގޮތަކަށް ނޫނެވެ.

ދެން އޮތް ސުވާލަކީ، މަހެކް އެއީ އަސްލު ކާކު ހެއްޔެވެ؟ އޭނައާ ދޮންދީދީއާ ދެމެދު ކޮންމެވެސް ގުޅުމެއްވާނެކަން ކަށަވަރެވެ. އެކަމަކު ގުޅުމެއް ވާނަމަ އެއީ ކޮން ގުޅުމެއްބާއެވެ.

****

ގަޑިން 10:30 ވީއިރު، ގޭތެރޭގައި އޮތީ ނުތަނަވަސްކަމެވެ. ޒުނާމް ކަންބޮޑުވެފައި ކޮޓަރި ތެރޭގައި ހިނގާލަ ހިނގާލާ ހުއްޓެވެ. އެ ގޭގެ ފާރުތަކުންވެސް އެ ނުތަނަވަސްކަން އިޙްސާސްވާ ކަހަލައެވެ.

އޭނާގެ ފިޔަވަޅުތައް ހުރީ ހަމަޔަކުން ނޫނެވެ. ސިކުނޑީގައި އެކި ޚިޔާލުތައް އެނބުރެމުން ދިޔައިރު، ފާއިތުވާ ކޮންމެ ސިކުންތަކާއެކު ހިތުގެ ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ. އެހެންނަމަވެސް، ބޭރުފުށުން އޭނާ މަސައްކަތް ކުރަމުން ދިޔައީ ހަމަޖެހިލައިގެން ހުރިކަން ދެއްކުމަށެވެ. އެތެރެހަށީގައި ހިނގަމުންދިޔަ ބޮޑު ތޫފާން ވަރަށް ފަރުވާތެރިކަމާއެކު އޭނާ ސިއްރުކުރިއެވެ. އޭނާގެ ސިކުނޑީގައި ޖޫލީގެ ހިޔާލުތައް ނޫން އެހެން ހިޔާލެއް ނެތެވެ. ވިސްނަމުންދިޔައީ ޖޫލީ ކޮބައިކަމާމެދުއެވެ. އެ ބިޔަ ޖަންގަލީގައި އެކަނިމައި އެކަނި ޖޫލީ ވާނެ ހާލަކާއި މެދުގައެވެ. ޒުނާމް ޖޫލީދެކެ ލޯބިވަނީ އިންތިހާއަށެވެ. އެ ލޯބި ވަނީ ބޮޑެތި އިންތަކަކުން ބޭރުވެ ހައްދު ފަހަނަ އަޅާފައެވެ. އެހެން ނޫންނަމަ މިއަދު އެވީ ކަންތައް އެގޮތަކަށް ނުވީހެވެ.

ޒުނާމް ދެކޮޅު ދެކޮޅަށް ހިނގަމުންދިޔަ މަންޒަރު ބަލަން ފާތުމަ ހުރީ ކަންބޮޑުވެފައެވެ. އޭނާގެ ހަރަކާތްތައް ހުރިގޮތާއި، އަތްތިލައަށް އަރަމުންދިޔަ ކުޑަ ތުރުތުރެއްގެ ސަބަބުން ފާތުމަގެ ހިތުގައި ނުތަނަވަސްކަން އުފެދުނެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގެ އިހުސާސް އޭނާއަށް ކުރެވެން ފެށިއެވެ.

“ދަރިފުޅާ ކައިފިންތަ؟” މަޑުމައިތިރި އަޑަކުން ފާތުމަ އެހިއެވެ.

ޒުނާމް އަވަސްއަވަހަށް ބޯހޫރާލިއެވެ. އަދި ފުން ނޭވާއެއް ދޫކޮށްލަމުން ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް ބާނާލިއެވެ. “މި މަޑުކުރަނީ ޖޫލީގެ އިންތިޒާރުގައި. ރަހުމަތްތެރިއަކާ ބައްދަލުކުރަން ދިޔަ ގޮތަށް އަދިވެސް ޚަބަރެއް ނުވޭ.”

ވާހަކަ ދައްކަމުން އޭނާ ފޯނު ނަގައި ޖޫލީއަށް ގުޅިއެވެ. އަދި ފޯނު ސްޕީކަރަށް ލީ އޭނާ ކަންބޮޑުވާކަން ދެއްކުމުގެ ގޮތުންނެވެ. ފޯނު ރިންގުވާ އަޑުން މުޅި ތަން ގުގުމަމުން ދިޔައިރު، ފޯނަށް ޖަވާބު ނުދޭ ކޮންމެ ސިކުންތަކީ މަސްރަހު އިތުރަށް ނުތަނަވަސް ކުރުވި ކަމަކަށް ވިއެވެ.

“ފޯނެއް ނުނަގާ…” އޭނާ މަޑުމަޑުން ބުނެލިއެވެ. އޭނާގެ އަޑުގައި ހުރި ކަންބޮޑުވުން ހީވަނީ ކުރިން ރާވައިގެން ދައްކާ ފުރިހަމަ ކުޅޭކުޅޭ ކަމެއް ހެންނެވެ.

ފާތުމަގެ ހިތުގެ ތެޅުން އަވަސްވެ، ނުތަނަވަސްކަން ބިރުވެރިކަމަށް ބަދަލުވާން ފެށިއެވެ. އޭނާ ކައިރިއަށް ޖެހިލައި އަމިއްލަ ފޯނުން ގުޅަން ފެށިއެވެ. ނަމަވެސް ނަތީޖާއަކީ ހަމަ އެކައްޗެކެވެ. ފޯނު ރިންގުވުން ފިޔަވައި އެހެން ކަމެއް ނުވިއެވެ. ފާތުމަގެ ހިތަށް ބޮޑު ބިރުވެރިކަމެއް ވަނެވެ.

“ކަމެއް ދިމާވީބާ؟” ބިރުގަނެފައި ހުރި ވަރުން ފާތުމައަށް މަޑުމަޑުން ބުނެވުނެވެ. އޭނާ ޖޫލީގެ ރަހުމަތްތެރިންނަށް އެކަކު ފަހަތުން އަނެކަކަށް ގުޅަން ފެށިއެވެ. ނަމަވެސް އެންމެންވެސް ބުނަމުން ދިޔައީ އެދުވަހު ޖޫލީ ނުދެކޭ ކަމަށެވެ. މިއާއެކު ފާތުމަގެ ހިތުގައި އޮތް ބިރުވެރިކަން ވަށައިލީ ނޭވާ ހާސްވާ ފަދަ ގޮތަކަށެވެ.

ޒުނާމް މި ހުރިހާ މަންޒަރެއް ބަލަން ހުރީ ވަރަށް ފަރުވާތެރިކަމާއެކު މޫނުމަތީގެ އަސަރުތައް ކޮންޓްރޯލް ކޮށްގެންނެވެ. ނަމަވެސް އޭނާގެ ހިތުގެ އަޑީގައި ނުބައި ކަމެއް ސިއްރުވެފައި އޮތް ކަހަލައެވެ.

****

މަގުމަތި އޮތީ މުޅިން ހަމަހިމޭންވެފައެވެ. ރާމިޔާ އޭނާގެ ސައިކަލުގައި ދުއްވަމުން ދިޔައީ އަނދިރި މަގަކުންނެވެ. ކުރިން ވެހުނު ވާރޭގެ ތިކިތައް ގަސްގަހުން ފޭބުމުން އިވޭ އަޑާއި ސައިކަލުގެ އިންޖީނުގެ އަޑު މުޅި މާހައުލުގައި ހިފާލާފައިވެއެވެ. ފިނި ރޯޅިތައް ޖެހެމުން ދިޔަ ނަމަވެސް، މީހަކު އޭނާއަށް ފާރަލާކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ.

ކުއްލިއަކަށް ކިސަޑު ފެންގަނޑެއް އޭނާގެ ގަޔަށް ބުރައިގެން ދިޔައެވެ. ސައިކަލަށް ލިބުނު ލޮޅުމާއެކު ރާމިޔާގެ ހިތް ހުއްޓުނު ކަހަލައެވެ. އޭނާ ރުޅިވެރިކަމާއެކު ފަސް އެނބުރި ބަލައިލިއެވެ.

“ކިހިނެއްވެގެންތަ ތި އުޅެނީ؟!”

އޭނާއަށް އެހެން ބުނެވުނީ ބޭ އިޚްތިޔާރުގައެވެ. ނަމަވެސް ކުރިމަތީގައި ހުރި، މޫނު ނިވާކޮށްގެން ހުރި މީހާ ފެނުމާއެކު، އޭނާގެ ރުޅިވެރިކަން ބިރުވެރިކަމަށް ބަދަލުވިއެވެ. އެއީ ހަމަ އެ މީހާއެވެ. އެކަން އޭނާއަށް ޔަގީންވިއެވެ.

ވިސްނާލުމެއް ނެތި އޭނާ ސައިކަލުގެ ދުވެލި ހަލުވިކޮށް އެމީހާގެ ފަހަތުން ދިޔައެވެ. ބިރުގަތް ނަމަވެސް ހިތްވަރުކޮށްފައި އޭނާ ކުރިއަށް ދިޔައެވެ. ނަމަވެސް މަގު ދިޔައީ އިތުރަށް އަނދިރިވެ ފަޅުވަމުންނެވެ. ދެމީހުންގެ ދެމެދުގައި އޮތް ހަމަހިމޭންކަމުގެ ސަބަބުން އޭނާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ.

ކުއްލިއަކަށް ރާމިޔާގެ ސައިކަލުގެ އިންޖީނަށް ގޮތްތަކެއްވެ، ހުއްޓުނެވެ. ތެޔޮ ހުސްވީކަން އެނގުމާއެކު ރާމިޔާގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ.

ހިނދުކޮޅަކަށް މުޅި ދުނިޔެ ހުއްޓުނު ކަހަލައެވެ. އޭނާ މަޑުމަޑުން އިސްއުފުލާލިއެވެ. ކުރިމަތީގައި ހުރި މީހާވެސް އޮތީ މަޑުކޮށްގެންނެވެ. އެމީހާ ފަސް އެނބުރި ރާމިޔާއާ ދިމާލަށް ހިނގައިގަތެވެ.

އެމީހާގެ ކޮންމެ ފިޔަވަޅެއްގެ އަޑު ރާމިޔާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ރާމިޔާ ހުރީ ބިރުން ގަނޑުވެފައެވެ. “ތީ ކާކު؟” ތުރުތުރު އަޅާ އަޑަކުން އޭނާ އެހިއެވެ.

އެމީހާ އެއްވެސް ޖަވާބެއް ނުދިނެވެ. ހަމައެކަނި ރާމިޔާއާ ގާތަށް ޖެހެމުން ދިޔައީއެވެ. ގާތުން ގާތަށެވެ. އެ ހަމަހިމޭންކަމުގެ ތެރެއިން އޭނާގެ ކޮންމެ ފިޔަވަޅަކީ ކުރިމަތިވަމުން އައި ބޮޑު ނުރައްކަލެއްގެ އިންޒާރަކަށް ވިއެވެ.

ލިޔުންތެރިޔާގެ ނޯޓު

ތިރީގައި އެވަނީ މި ވާހަކައާއި ގުޅޭގޮތުން ތިޔަ ބޭފުޅުންގެ ހިޔާލު ހޯއްދެވުމަށް ހަދާފައިވާ ޕޯލެކެވެ. ހުރިހާ ކިޔުންތެރިންވެސް ޕޯލަށް ވޯޓު ލެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ، އެއީ ވާހަކަ އިތުރަށް ރަނގަޅުކުރުމަށް މަގުފަހިވެގެންދާނޭ ކަމެކެވެ.

ވާހަކައާ ގުޅޭ ޕޯލަށް ވޯޓު ލެއްވުމަށް މި ޖުމްލައަށް ފިއްތަވާލައްވާ!

މި ވާހަކައަށް ހާއްސަކުރެވިފައިވާ ފޭސްބުކް ޕޭޖަށް ފޮލޯކޮށްލުމަށް ނޫކުލައިން ނުވަތަ ރަތްކުލައިން ފެންނަ ލިޔުންކޮޅު “ފޭސްބުކް ޕޭޖް” އަށް ފިތާލުމަށްފަހު ފޮލޯކޮށްލައްވާ!

Facebook Page – Mi Hamahimeynkan

މި ވާހަކައަކީ ޙިޔާލީ ކޮންސްޕްޓްއެއްގެ މައްޗަށް ބިނާކޮށް ލިޔަމުންދާ ވާހަކައެވެ. މި ވާހަކަގެ މި އެޕިސޯޑް ކަމުދިޔަކަމުގައިވާނަމަ ކޮމެންޓެއްގެ ޒަރީއާއިން ތިބޭފުޅުންގެ ޝުއޫރުފާޅުކުރެއްވުމަކީ އަޅުގަނޑުމެންނަށް މި ވާހަކަ ކުރިއަށް ގެންދިއުމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރު. ބިނާކުރުވަނިވި ފާޑުކިޔުމަކީ ކުރިއަށް އޮތްތަނުގައި ވާހަކަ އިތުރަށް ރަނގަޅުކުރުމަށް ލިބިގެންދާނެ ފުރުސަތެއްކަމުގައި ފާހަގަކޮށްލަން.

ކުރިއަށްހުރި އެޕިސޯޑުތައްވެސް ކިޔާލާނެކަމަށް އުންމީދުކުރަމުން ވަކިވެލަން. ބާއްޖަވެރިދުވަހަކަށް އެދެން..

= ނުނިމޭ =

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

River Writes
Follow Me Written By

River Writes

Level 110 Stories100 Login

Hello dear reader! I’ve always been drawn to stories that don’t feel ordinary. The kind of love that is intense, a little confusing, sometimes even frightening… but impossible to ignore. I don’t really write the kind of love you see every day. My stories live somewhere between reality and something unknown...where emotions are stronger, choices are harder, and nothing is ever simple. There’s always a touch of mystery in what I write. A sense that something deeper is happening beneath the surface. And sometimes, a bit of thrill… the kind that makes your heart race without fully understanding why. Happy reading 😊 - Arooj

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 42

Next

ގާތުގާ… 14

Next
April 25, 2026

ގާތުގާ… 14

Previews
April 24, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 42



All Right Reserved!