“ނާޒު…..ހަމަޖެހޭ…ނިމިދިޔަ ކަމެއްގެ ވާހަކަ ދެން ދައްކާނެ ކަމެއް ނެތް….މެހެކު ވެސް އަދި އެކަން ގަބޫލުކުރާނެ ދުވަސް ވެސް އަންނާނެ….” އެންމެ ފަހުން ޝަރުއާނު ބުނެލިއެވެ. “ތި ދުވަހެއް ނާންނާނެ ދޮންބޭ….ނޫން ނަމަ އޭނާ އެކަން ގަބޫލުކޮށް އަހަރެމެންގެ ގާތަށް މި ފަސް އަހަރު ތެރޭ އައީސް…..މި ކަމުގެ ސަބަބުން ބައްޕަ ވެސް ބަލިވެގެން ނުދާނެ….” ޝެހެނާޒުގެ ލޯ ފެންކަޅިވީ ޝިމާލުގެ މަތިން ހަނދާންވުމުންނެވެ.
“ކާފަ ބަލިވީ އަހަންނާ ހެދިތަ؟…..” މެހެކުގެ ހިތުގައި އޮތް ސުވާލު ދުލާ ހަމައަށް ގެނެވުނުކަން އިހުސާސުވީ އަނެއްކާ ވެސް ޝެހެނާޒުގެ އަޑުންނެވެ. “ދެން ކާކުގެ ސަބަބަކުން…އެވެސް އަޅުވަންވީ ޝަދާނުގެ ބޮލުގައި ތަ؟….އަހަރެން މިހާރު ހިތަށް އަރާ އެދުވަހު މީއްކޮގެ ބަދަލުގައި ކަލޭ މަރުވިނަމައޭ……”.
“ޝެހެނާޒު….”. ޝެހެނާޒަށް މި ބުނެވުނީ ކިހާ ވަރެއްގެ އެއްޗެއްކަން ރެއަކާލީ ބަސް ބޭރުވި ފަހުންނެވެ. އާލިޔާ ވެސް މިފަހަރު ޝެހެނާޒު ދެކެ ވަރަށް ބޮޑަށް ވެސް ހިތްހަމަނުޖެހުނެވެ. މީކާއިލް ވެސް ފުރަތަމަ ފަހަރަށް ޝެހެނާޒު ދެކެ ރުޅި އާދެވުނެވެ. އެއް ދަރި ބީވެދިޔައިރު ޝެހެނާޒު ބޭނުންވަނީ ދުނިޔޭގައި ހުރި ދަރިފުޅު ވެސް ބީވާން ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް މީގައި އަހަރުމެންގެ ކުށް ވެސް އެބަ އޮތެއް ނޫން ހެއްޔެވެ؟
މަންމަގެ ވިހަގަދަ ބަސްތަކުގެ ސަބަބުން މެހެކުގެ ލޮލުން ކަރުނަ އަކަށް ފަހު ކަރުނައެއް ފޭބިއެވެ. އޭނާގެ ހިތް ވަޅިއަކުން ކޮށާ ކުދި ކުދި ކުރިއަސް މިއަދު އެވީ ތަދެއް ނުވާނެކަން ގައިމެވެ. މަންމަ އޭނާ ދެކެ އެހާ ރުޅި އަޔަސް މިހާ ވަރު ވާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. މަންމަ ބޭނުންވަނީ އޭނާ ވެސް މަރުވާން ހެއްޔެވެ؟ މަންމަމެންނާއި ދުރުގައި އޭނާ އުޅުނީކީ މާ ހިތްހަމަޖެހޭ ދިރިއުޅުމެއްނޫނެވެ. އޭނާ ވެސް ވަރަށް ގިނަ ކަންތައްތައް ތަހައްމަލު ކުރިއެވެ. މިއަދު މިހެން ލޯ ކުރިމަތީ ރީތިކޮށް ފެންނަން ހުއްޓެއް ކަމަކު ކޮޓަރީގެ ހަތަރު ފާރުން އެތެރެވެ އެކަނިވެރިކަން އިހުސާސުވާ ކޮންމެ ފަހަރަކު އޭނާގެ ނަފުސު އެކީ ބަލިކަށިވެއެވެ.
“ނާޒު އެބުނީކީ ދޮގު ވާހަކައެއް ނޫނެއްނުން….އެދުވަހު މީއްކޮގެ ބަދަލުގައި މެހެކު މަރުވިނަމަ މިއަދު އަހަރެންގެ ދަރިފުޅުގެ ބޮލުގައި ގައިމު ވެސް ގާތިލެއްގެ ލޭބަލެއް ނޭޅުވޭނެ…..” ފައިހާ ވެސް ރުޅި އައީ މެހެކު ދެކެއެވެ. އެއޮތް ހުރިހާ އިރު އެއްޗެކޭ ނުބުނެ އިން ޝަދާން ވެސް ކުއްލިއަކަށް އޭނާގެ މަންމަ އާއި ދިމާލަށް ބަލާލީ ގަބޫލުނުކުރެވިފައި އިނދެއެވެ. މިއީ ހަމަ އޭނާގެ މަންމަ ހެއްޔެވެ؟ މަންމަގެ ދުލުން އެފަދަ ބަހެއް ބޭރުވާނެ ކަމަކަށް އޭނާ ހިއެއްނުކުރެއެވެ.
“ފައިހާ….” ޝަރުއާނު ހިތް ހަމަ ނުޖެހުން ފައުޅުކޮށްފިއެވެ. “އަހަރެން މި ބުނީ ދޮގު ވާހަކައެއް ނޫނެއްނު…..އަހަރެމެންގެ ދަރިފުޅުގެ ބޮލުގައި ތުހުމަތު އެޅުވީމަ ވެސް އަހަރެންވީ އޭނައާ ހެވިފައި ވާހަކަދައްކަންތަ…ނޫނީ އަހަރެންވީ އެ ދެމީހުންގެ ގުޅުމަށް އާ ބަސް ބުނަންތަ؟….ނޫނޭ މިކަމުގައި އަހަރެންގެ ބަހެއް ނުވިކޭނެ ތާ…..” އެންމެ ފަހު ބަސް ފައިހާ ބުނެލީ ޖެއްސުމަށްށެވެ.
“ދޮންބެދައްތާ…މިކަމުގައި އަހަރުމެންގެ ވެސް އިހުމާލު އެބަ އޮތެއްނޫން ތަ؟….އެދުވަހު މެހެކު ދާންގެ ބޮލުގައި އެ ތުހުމަތު އެޅުވީ މެހެކުގެ ލޮލަށް ފެނުނު މަންޒަރެއްގެ ސަބަބުން….އެކަމަކު އަހަރުމެން ނެގީ އެންމެ މީހެއްގެ ސައިޑް…އެ ދުވަހު މެހެކުގެ ވެސް ވާހަކަ އަހަރުމެން އަޑުއެހިނަމަ މިހާ ހިސާބަށް ކަންތައް ނުދިޔައީސް….ވީ ޓޯޓަލީ ކެނޮޓު ބްލޭމް އޮން ހާ ދިސް އީދާރ…..” ޝަހުދު އެންމެފަހުން ބުނެލިއެވެ.
މެހަކަށް ޝަހުދާއި ދިމާލަށް ބަލާލެވުނީ ޝުކުރުގެ ނަޒަރުންނެވެ. އެދުވަހެކޭ ވެސް އެއްގޮތަށް މިއަދު ވެސް މެހެކުގެ ދިފާއުގައި ތެދުވީ ޝަހުދެވެ. އޭނާގެ ތިއްތިބެއެވެ. އޭނާގެ ނަޒަރު ދެން ގޮސް ހުއްޓުނީ މަންމަ އާއި ބައްޕައަށްށެވެ. ބައްޕަ ވެސް އޭނާއާއި އަނގައިން ބުނީ އެންމެ ފަހަރަކުއެވެ. އެވެސް ކާފަގެ ޚަބަރުދޭން ވެގެންނެވެ. އޭނާއަށް ދެން އިތުރަށް މި ޒުވާބުގެ ތެރޭގައި ނީނދެވޭނެއެވެ. އާއިލާގެ އެންމެން ވެސް އޭނާ ކުށްވެރިކޮށް އިނގިލި ދިއްކުރުމުގެ ހައްގެއް ނޯންނާނެއެވެ.
“ފުދިއްޖެ…..އިތުރަށް އެކަކު ވެސް އެއްވެސް އެއްޗެކޭ ނުބުނުން ރަނގަޅީ…. އެ ދުވަހު ވެސް ކަންތައްވީ ހަމަ މިހެން…މިއަދު ވެސް ވަކި ތަފާތެއް ނެތް….ހީވަނީ އޭނަހެން މި ފެމިލީގެ ރަން ދަރިއަކީ….އަހަރެންގެ އުފަން މަންމަ އާއި ބައްޕަ ވެސް އަހަންނަށްވުރެ ބޮޑަށް އޭނާއަށް އިސްކަންދެނީ…..އިތުރަށް އެއްޗެކޭ ބުނާކަށް ނެތިން…..މާމަމެންނަށް ފެންނަ ގޮތަށް މި ކައިވެނީގެ ކަންތައް ކުރިއަށް ގެންދޭ…..ކާފައަށް ޓަކައި މި ކައިވެނި ކުރާނަން….އެކަމަކު ބުނަން….މި އާއިލާގެ އެކަކު ވެސް އަހަރެން ކުރަން މި އުޅޭ ކަންތައް ހުއްޓުވަން މަސައްކަތްކޮށްގެން ނުވާނެ….މީސަމް އަކީ އަހަރެންގެ ކޮއްކޮ…..ކޮއްކޮއަށް އިންސާފު ހޯދީފައި ނޫނީ ނުހުއްޓާނަން…” މިހެން ބުނެ މެހެކު އެތަނުން ދިޔައެވެ. ޝެހެނާޒު އަނެއްކާ ވެސް އެއްޗެކޭ ބުނަން އުޅުމުން މިފަހަރު އެކަން ހުއްޓުވީ އާލިޔާއެވެ.
ކޮޓަރިއަށް ވަތްގޮތަށް މެހެކް ދިޔައީ ކިންގު ސައިޒު އެނދު ކައިރީ ހުރި ސައިޑު ޓޭބަލު ކައިރިއަށްށެވެ. މެހެކު ދިޔަ ގޮތަށް ގޮސް ވަތްގަނޑު ހުޅުވާލާ އޭގެތެރެއިން ނެގީ ބޭސްތަކެއް އަޅާފައި ހުރި ޓްރާންސްޕޭރެންޓު ފޮށްޓެކެވެ. އެއިގެން ކުޑަކުޑަ ޓްރާންސްޕޭރެންޓު ފުޅިއެއް ނެގިއެވެ. އޭގައި ހުރީ ބޭސް ގުޅަތަކެވެ. އެއިން ބޭސް ގުޅައެއް ނަގައި ސައިޑު ޓޭބަލު މަތީ ހުރި ޖަގުން ތައްޓަށް ފެން އަޅާ ފެންތަށީގެ އެހީގައި އެ ގުޅަ ދިރުވާލިއެވެ. މެހެކު އެ ދިރުވާލި ބޭސް ގުޅައަކީ ފަސް އަހަރު ކުރިން ކާން ފެށި ބޭހެކެވެ. ނަފުސާނީ ބަލީގެ ޝިކާރައަކަށް މެހެކްވިކަން އެނގުނު ދުވަހުން ފެށިގެން މެހެކުގެ ޚާއްސަ ޑަކުޓަރު އަދި އޭނާގެ ބެސްޓު ފުރެންޑު ނޫރައިންގެ އިރުޝާދުގެ ދަށުން ކާންފެށީއެވެ.
މީހަކަށް ނޭނގުނަސް އެއޮށްހުރިހާއިރު އޭނާ މާމަމެން ކުރިމަތީ އިނީ ކެތްތެރިވެގެންނެވެ. އޭނާގެ ވަށައިގެން ތަފާތު އަޑުއަޑު އިވެން ފެށުމުން އޭނާގެ މޭ ފިތޭ ފަދަ އިހުސާސެއް ކުރުވިއެވެ. ބޮލުގައި އެހާމެ ގަދައަށް ރިއްސަންފެށިއެވެ. އެހެންވެ އޭނާ އަވަހަށް އެތަނުން ނިކުތީ އެ އެންމެންނަށް ފިލަން ވެގެންނެވެ.
މީހާ ހަމައަކަށް އެޅުމުން މަޑުމަޑުން އެނދުގައި އިށީނެވެ. އެހެން އިން އިރު ކަރުނައަކަށްފަހު ކަރުނައެއް އޭނާގެ ލޮލުން ފައިބަމުންދިޔައެވެ. އިސާހިތަކު މަޑު އެހެނަސް ވޭންދެނިވި ގިސްލުމެއްގެ އަޑު މުޅި ކޮޓަރި ތެރޭގައި ހަރުލިއެވެ. މިފަދަ ވަގުތުތަކުގައި އޭނާގެ ހިތް އެދި ގޮވަމުންދަނީ މަންމަގެ އޯގާތެރި ފިރުމުންތަކަށްށެވެ. އެ އުނގުގައި ބޯ އަޅައިގެން ހިތްފުރެންދެން ރޯލަން އެދޭތާ ފަސް އަހަރު ވެއްޖެއެވެ. ނަމަވެސް އޭނާ އެދޭ ގޮތަށް ކަންތައް ކޮށްދޭން އެ މަންމައެއް އޭނާގެ ކައިރިއަކު ނެތެވެ.
“ދޮންތީ ކޮބައި ކުޑޭ؟….” ސޯފާގައި މުހިއްމު ކޯލެއް ނިންމާފައި އިން ފަރުހާގެ ކަންފަތުގައި ޖެހުނީ މީހަކު ވައި އަޑުން ވާހަކަދައްކާ އަޑެވެ. ފަރާތް ފަރާތައް ބަލާލި ފަރުހާގެ ނަޒަރު ގޮސް ހުއްޓުނީ ފައިނާގެ ކޮޓަރިއާއި ހަމައިންނެވެ. ނިތައް ރޫ އަރައިގެން ދިޔައީ ފައިނާ ސިއްރުން އުޅޭ ގޮތުންނެވެ. ސިއްރުން ކޮޓަރިން ބޯދީގެން ހުރި ފައިނާ އަނެއްކާ ވެސް އަހާލިއެވެ. ޝަދާންގެ ކޮޓަރިއަށް އިޝާރަތްކޮށްފައި ކުޑޭވީ ކޮޓަރީގައޭ ބުނެލިއެވެ. “ދެން މަންމަ؟…..” ފައިނާ އަނެއްކާ ވެސް އަހާލިއެވެ. “މަންމަވީ ބައްޕައާއިއެކު މާމަމެން ބައިގައި…ކިހިނެއްވީ ފައިއްކޯ؟….ފަރުހާ އަހާލިއެވެ. ކޮއްކޮގެ ލާނެއްކަން އެއީ ފަރުހާއަށް އޮޅިފައި އޮތް ހަގީގަތެއްނޫނެވެ. ޔަގީނުން ވެސް އެ އުޅެނީ މަންމައަށް ސިއްރުން ކަމެއްކުރަންކަން އިނގުނެވެ.
ފަރުހާގެ ޖަވާބުން ފައިނާ ހިތްދެމިލިއެވެ. އަދި ލިވިންގރޫމަށް ނިކުތެވެ. އޭނާގެ މިސްރާބު ހުރީ ބޭރު ދޮރާ ދިމާލަށްށެވެ. “ފައިއްކޯ..ކޮންތާކަށް؟….” ފަރުހާ އަހާލިއެވެ. ފަރުހާގެ އަޑު ފުދޭ ވަރަކަށް ބާރުވުމުން ފައިނާ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލާ އަޑުމަޑުކުރަން އެދުނެވެ. އަދި އޭނާ ގެއިން ބޭރަށް ދިޔުމުގެ ހުއްދައަކަށް އެދުނެވެ. “ދޮންތީ ކުށްވެރިވާނެ ކަމެއް ކުރަން ނޫޅެއްޗޭ އެނގޭ؟….މަންމަ މަނާ ކޮށްފައި އޮތީތަ ފައިއްކޮ އަށް ގެއިން ބޭރަށް ދިޔުމަށް؟….” ފަރުހާ އަހާލިއެވެ. ފައިނާ ކަރުއެލުނެވެ. އޭނާގެ ދޮންތައަށް ސިއްރުން ކަމެއް ވެސް ނުކުރެވޭނެކަން އެނގެއެވެ. “މަންމަ އެކަންޏެއް ނޫން…ކުޑޭ ވެސް….” އެންމެފަހުން ފައިނާ މަޑުމަޑުން ބުންޏެވެ.
“މަންމަ އޯކޭ…އެކަމަކު ވައި ކުޑޭ؟…” ފަރުހާ ސުވާލުގެ ނަޒަރަކުން އަހާލިއެވެ. އަނެއްކާ ފައިނާ ކޮށްގެން މިއުޅެނީ ކީއްބާވައެވެ. ގެއިން ބޭރަށް ވެސް ދިޔުން މަނާ ކުރާނީ ގައިމު ވެސް ކަމެއްކޮށްގެންތާއެވެ. އަނެއްކާ ފައިނާ ދާން ވެސް މިއުޅެނީ ސިއްރުންނެވެ. ފަރުހާގެ ސުވާލުތައް ހުހެއްނުވާނެކަން ފައިނާއަށް އެނގެއެވެ. އެހެންވެ މިދަނީ މެހެކު ކައިރިއަށްކަމަށް ބުނެ ދޮގެއް ހަދާލިއެވެ. މިވަގުތު އޭނާގެ ހަގީގަތް ބުނުން އެހާ ބުއްދިވެރިކަމަށް އޭނާއަށް ނުފެނުނީއެވެ. ފައިނާ ދަނީ މެހެކު ކައިރިއަށްކަން އެނގުމުން ފަރުހާގެ ހުއްދަ ލިބިގެން އަވަސް އަވަހަށް ފައިނާ ގެއިން ނިކުތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


