ސަރުކާރުގެ ނަންބޯޑޫ ހަރުކޮށްފައިވާ ކަޅު ކާރުގެ މިސްރާބު ހުރީ ނައިބު ރައީސް ޔޫސުފް ނަބީހުގެ ގެކޮޅަށްށެވެ. އެ ކާރު ގޮސް ހުއްޓުނީ “ބްލޫ ހެވަން” ޖަހާފައިވާ ރީތި ބޮޑު ގެއެއްގެ ކުރިމައްޗަށްށެވެ. ދޮރުވާނު އަވަސް އަވަހަށް ގޭޓު ހުޅުވައިދިނުމުން ގޭޓުން އެތެރެއަށް ކާރު ވަދެގެން ގޮސް މައިދޮރު ކުރި މައްޗަށް ހުއްޓުނެވެ. އިންތިޒާރުގައި ހުރި ގޭގެ އިސް ނޯކަރު ކާރުގެ ދޮރުފަތް ހުޅުވައިދިނުމުން އެ ކާރުން ފޭބީ ބައިމަތި ފުޅާ އިސްކޮޅުން ބިޔަ ވަރުގަދަ ހަށިގަނޑެއްގެ ވެރިއެކެވެ. މީހުން ޖެހިލުންވާފަދަ ޝަހުޞިއްޔަތެއްގެ ވެރިއެކެވެ. ބަލާބެލުމަށް ފަންސާހުގެ އަހަރުތައް ގުނަމުންދާ މީހެއްކަން ބޮލުގައި ހުރި ހުދު އިސްތައްޓާއި ނިތްމަތީގައި ހުރި ދެތިން ރޫތަކުން އެނގެއެވެ.
ނަބީހު ފެނުމުން ހުރިހާ ނޯކަރުން ވެސް އިސްދަށަށް ޖަހާލިއެވެ. ނަބީހުއަކީ ގޮތެއްގައި ހުންނަ މީހެކެވެ. އޭނާއަށްވުރެ ދަށް ފެންވަރެއްގެ މީހަކު ވެއްޖެއްޔާ އޭނާއާ ދިމާލަށް ބަލައިގެން ވެސް ނުވެއެވެ. ވާހަކަދެއްކުމެއް ވެސް ނޯވެއެވެ. ބޮޑާވެރިކަން އިންތިހާއެވެ. ނަބީހުއެކޭ އެއްގޮތަށް އޭނާގެ އަންހެނުން މަލްޝަބާއަކީ ވެސް އޭގެ މީހެކެވެ. އެގޭގައި މަސައްކަތްކުރާ ނޯކަރުން ވެސް ތިބެނީ ބިރުން ވިރިވިރިއެވެ. އެއިން މީހެއްގެ އަތުން ތައްޓެއް ތަޅައިގެން ދިޔަޔަސް އެވަރުކޮށްލައެވެ.
ނަބީހު ދިޔަ ގޮތަށް ދިޔައީ އޭނާގެ އޮފީސް މަސައްކަތްތައްކުރާ ކޮޓަރިއަށްށެވެ. އެއީ ނަމުގައި އޮފީސް މަސައްކަތްކުރާ ތަނަކަށްވިޔަސް އެތަނަކީ ސިއްރުވެރި ތަނެކެވެ. ސަރުކާރުގެ ބައެއް ބޮޑެތިން ވެސް މުހިއްމު މީޓިންތަކަށް އެތަނަށް އާދެއެވެ. ޒުވާން އަންހެން ކުދިން ވެސް އެބުނާ މީޓިންތަކަށް ނަލަވެލައިގެން އަންނައިރު ގޭގެ ނޯކަރުންނާއި ހުދު މަލްޝަބާއަށް ވެސް ވަންހަނާވެފައިވާ ބޮޑު ސިއްރެއް އެގޭގައި ހިނގަމުންދާކަން އެނގޭ ހެއްޔެވެ؟ ނަބީހުގެ އަނދިރި ފަރާތް އެނގޭ ހެއްޔެވެ؟
ހައިބަތު ހުރި ބޮޑު ގޮޑީގައި ނަބީހު އިށީނެވެ. މޫނުމަތިން ކަމަކާ ރުޅި އައިސް ހުރި ކަމުގެ ނިޝާންތައް ފެންނަމުންދެއެވެ. އޭނާ އެއައީ ދާދިދެންމެއަކު ރައީސް އާއި ވަޒީރުންނާއިއެކު ބޭއްވުނު ބައްދަލުވުމެއް ނިންމާފައެވެ. ބައްދަލުވުން ނިމިގެން ދިޔައީ އޭނާ ބޭނުންވި ގޮތަކަށް ނޫނެވެ. އޭނާގެ ކުޅިބައިގައި މިފަހަރު ރައީސް ވެސް އަދި ދެންތިބި ވަޒީރުން ވެސް ޖެހޭ ގޮތެއްނުވިއެވެ.
ރާއްޖޭގައި މިވަގުތު ހުރި ރައީސުލްޖުމްހޫރިއްޔާއަކީ އޭނާ މާ ހިތްހަމަޖެހޭ ފަރާތެއްނޫނެވެ. އެ މަޤާމަށް އޭނާ އެދޭތާ ވީ ޒަމާނެއް ވެސް ނޭނގެއެވެ. އެހެނަސް މިއީ ޔައީޝް ޔާސިރުގެ ދެވަނަ ދައުރެވެ. ރައްޔިތުންގެ ލޯބި ހޯދާފައިވާ ފަރާތެކެވެ. އޭނާ ވަޢުދުވި ކަންކަމުގެ ތެރެއިން ނުއަދިހަ އިންސައްތަ ހާސިލުކުރިއެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމާއި ތަޢުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި ބޯހިޔާވަހިކަން އެއްހަމައެއްގެ މަތިން ގެންދިޔުންފަދަ އެތައްކަމެކެވެ. މިހެންވުމުން ނަބީހު ޔައީޝްދެކެ އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. އޭނާ ބޭނުންވަނީ ރައްޔިތުންގެ ލޯބި އޭނާއަށް ލިބެންށެވެ. އޭރުން ދެން އޮތް ދައުރެއްގައި އޭނާ ރައީސްކަމަށް ހޮވިގެންދިޔުން އެކަށީގެންވެއެވެ.
ދޮރުގައި ޓަކިޖަހާލި އަޑަށް ނަބީހު އިސްއުފުލާ ބަލާލިއެވެ. ކުރިމަތިން މަލްޝަބާގެ ސޫރަ ފެނުމުން މަސްނޫއީ ހިނިތުންވުމެއް ވެރިކުރުވިއެވެ. މިހާރު އެހުރި މަޤާމުގައި އޭނާއަށް އެ ހުރެވެނީ މަލްޝަބާގެ ބައްޕަ މުޖުތަބާގެ ވަރަށް ބޮޑު އެހީތެރިކަމާއިއެކުއެވެ. މުޖުތަބާއަކީ ނަބީހުގެ އެއް އަތެވެ. އޭނާ ކުރާ ކަންކަން މަތިއޮމާންކުރާ ފަރާތެވެ. މަލްޝަބާ ނަބީހު އާއި ކައިވެނި ކުރުވީ ވެސް މުޖުތަބާއަށް ވެސް މަންފާތަކެއް ކުރާނެކަން އެނގޭތީއެވެ. މަލްޝަބާދެކެ އޭނާ ލޮއެއްބެއްނުވެއެވެ. އޭނާ ލޯބިވާ އެހެން ފަރާތެއްވެއެވެ. ނަމަވެސް އެއީ އޭނާއަށް އެކަނި އެނގޭ ހަގީގަތެކެވެ.
“ކޮން ޚިޔާލެއްގައި……މިއަދުގެ ބައްދަލުވުން ކިހިނެއްދިޔައީ؟….” މަލްޝަބާ ދެ ތަށި ކޮފީ ހުރި ތަބަކެއް ހިފައިގެން އައިސްވަނެވެ. އަދި މޭޒުމަތީ ތަބައް ބަހައްޓާ އެތަނުން އެއްތަށި ނަބީހުއަށް ދިނެވެ. “ވަކި ޚިޔާލެއްގައެއްނޫން….ކީއްވެ ނޯކަރަކާ ހަވާލުނުކުރީ……” ނަބީހު އަހާލިއެވެ. “މައްސަލައެއްތަ؟….ނަބީހުގެ މޫނުމަތިން ވަރަށް ބޮޑު ފިކުރެއްކުރާކަން އެނގޭތީ މި އައީ ވީގޮތް ބަލައިލަން….” މަލްޝަބާ ބުނެލިއެވެ. “އަހަރެން ހަމަ ރަނގަޅު….ކޮބައި ނަވީން ގުޅިތަ؟….” ނަބީހު މަޢުލޫއު ބަދަލުކޮށްލިއެވެ. “ނުގުޅާ….ނަބީހުއަށް ޚަބަރެއްވީތަ؟…” މަލްޝަބާ އަހާލިއެވެ. “އިއްޔެ އޭނާ މިކޮޅަށް އައިއްސި…މަށަށް ވެސް މި އިނގުނީ މަގޭ ސެކެޓްރީގެ ފަރާތުން…..އޭނާ ކާރުގައި ދަނިކޮށް ފެނުނިއްޔޯ…..” ނަބީހު ބުނެލިއެވެ. “ވެދާނެ ވަގުތުނުވަނީ ކަމަށް…އިނގޭނުން އޭނާގެ ގޮތް…އަނެއްކާ ވެސް ކަމެއް ޖެހުނީމަ އަންނާނެ އަހަރުމެންނާއި ދިމާލަށް….” މަލްޝަބާ ބުނެލިއެވެ.
“އޭނާގެ އެ އުޅުމުގެ ސަބަބުން ލަދުގަންނަން މިޖެހެނީ މަ….މިހާރު އޭނާ ކިޔެވި އެއްޗެއް ކިޔަވައިގެން އައިސް ވަޒީފާއަކަށް ވަންނަންވެއްޖެއެއްނުން…އަހަރެން އޭނާއަށް މަޤާމެއް ދެންހޭ ވެސް ބުނިމޭ..އެކަމަކު އޭނާ ބޭނުމެއްނުވި އެގޮތް ވެސް….އޭނާ ކިޔަވާ ނިމުނީމަ ވެސް ނޫޅުނު ވިއްޔާ މިކޮޅަށް އަންނާކަށް….އިނގޭތަ އޭނާ ޖަރުމަނުގައި އުޅުނު ގޮތް….ލަދުން ބޯ ހަލާކު….” ނަބީހު ހިތްހަމަނުޖެހި ބުނެލިއެވެ.
ނަބީހުއަށް ފޯނެއް އައިސްގެން ދެމީހުންގެ ވާހަކަ މެދުކެނޑުނެވެ. ފޯނުގައި އެދިޔަ ގޮތަށް ކޮޓަރިން ނިކުމެގެން އެ ދިޔައީއެވެ. މަލްޝަބާ ފުން ނޭވާއެއް ބޭރުކޮށްލީ އެއީ އާކަމަކަށްނުވާތީއެވެ. ދެމީހުންނަށް ހަމަޖެހިލައިގެން ވާހަކަ ވެސް ދައްކާލެވޭނީ ފަސްވަރަކަށް މިނަޓުއެވެ. އަބަދު ވެސް އޮންނާނީ ނަބީހު ތަނަކަށް ދާންޖެހިފައެވެ.
ކަނު އަނދިރި ކޮޓަރިތެރޭގައި ވަނީ މަރުފަދަ ހިމޭންކަމެކެވެ. ޓައިލްސްތަކު މަތީގައި ނިދިފައި އޮތް ނަވީންއަށް ކުއްލިއަކަށް ހޭލެވުނީ ފިނީގެ އަސަރު ވަރަށް ބޮޑަށް ކުރާތީއެވެ. އަދި އަތުގައި ވެސް ގަދައަށް ރިއްސަމުންދާތީއެވެ. އެއީ މިއަދު ލޯގަނޑުގައި އަތްމުށްކަވާފައި ޖެހުމުގެ ސަބަބުން ލިބުނު ނަތީޖާއެވެ. އެވަގުތު އައިސަ ހުރި ރުޅިއެއްގެ ސަބަބުން ވަގުތުން ފަރުވާ ވެސް ނުކުރެވުމުން މިހާރު މާބޮޑަށް ރިއްސަނީއެވެ.
ކޮޓަރި ތެރެ އޮތް ގޮތް ފެނުނީދެނެވެ. އޭނާ ދެން އުޅުނީ ނޯކަރަކަށް ގޮވާ ގެނެސް އެތަން ސާފުކުރާށެވެ. ކޮޓަރިން ނިކުތް އިރު އެކެއްގެ ވެސް ހިލަމެއްނުވެއެވެ. އިސާހިތަކު ނަވީންގެ އަޑު މުޅި ގޭތެރޭގައި ހަރުލިއެވެ. އެކިކޮޅުކޮޅުމަތިން ނޯކަރުންތައް ނިދާ ހެނދުމުގައި އަންނަތަން ފެނުނެވެ. އެމީހުން ތިބީ ބިރުން ގޮސް އަވަދިނެތިފައެވެ.
“އަހަރެން ބަނޑަށް ބާއްވާފައި ކަލޭމެން ވީ އަރާމުގައި ނިދަންތަ؟…އެއްބަޔަކު ދޭ ގޮސް މަށަށް ކާން ހަދަން…އަނެއް ބަޔަކު ކޮޓަރި ސާފުކުރޭ….ކަލޭމެންގެ މަސައްކަތް ރަނގަޅަށްކުރާތީ…ކޮޓަރި އޮންނަންޖެހޭނީ އޮފުއަރުވާ ނިކަން ޝާހީކޮށް….” ނަވީން އެންމެންނަށް އަމުރުކުރިއެވެ. އެމީހުން އަވަސް އަވަހަށް ބޯޖަހާފައި އުޅުނީ އެބައެއްގެ މަސައްކަތަށް ރުޖޫއަވާންށެވެ. “ޙަލީމް….ބޭސް ފޮށި ގެނެސް މަގޭ އަތުގައި ބޭސްއަޅައިދީބަލަ….އަދި ބުނަން މިކަން ބައްޕަ އަށް އަދި މަންމައަށް ވެސް އެނގިގެންނުވާނެ…އެހެންނޫނީ………” އެތަނުގައި ހުރި އިސް ނޯކަރު ޙަލީމް ކައިރީ ބުނެލިއެވެ. މިގޮތަށް ކިތައް ކަންތައް ސިއްރުކުރަންވީ ހެއްޔެވެ؟ އެމީހުންގެ ފަރާތުން ނަބީހުމެންނަށް ކަމެއް އެނގިއްޖެނަމަ ނަވީންގެ އަނދިރި ފަރާތް ފެންނާނީ އެގޭގެ ނޯކަރުންނަށްށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


