Skip to content
އެސްފިޔަ

މަންޝާ (ތިންވަނަ ބައި)

މަޑުމަޑުން އެ މަޚްލޫގް އައިސް ރޫހީގާތުގައި ހުއްޓުނެވެ. އެ ހިނދު ރޫހީއަށް އޭނާ އެތަނަށް އެ އައި ބޭނުން ނަގައިގަނެވުނެވެ. ރޫހީއަށް އެކަމަށް އިންކާރު ކުރާކަށް ނުކެރުނެވެ. އިންކާރުކޮށްފި ނަމަ ވާނޭގޮތް އޭނާ ވަނީ ތަޖުރިބާ ކޮށްފައެވެ. އެމީހުންނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ރޫހީއަށާއި އޭނާގެ އާއިލާއަށް ކޮންމެފަދަ ގޮތެއްވެސް ހަދާފާނެކަމުގެ ބިރު ރޫހީގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ދެލޯ މަރާލުމަށްފަހު ހިމޭނުން އޮތީއެވެ.

ރޫހީގެ ގައިމަތީގައި އަޅާފައިވާ ފޮތިގަނޑު ތިރިއަށް ކެހެމުން ދިޔައެވެ. ފޮތިގަނޑު ކެހެމުން ދިޔަ ވަރަކަށް ރޫހީގެ ހަށިގަނޑުގެ އެއްބައި ފާޅުވަމުން ދިޔައެވެ. ރޫހީ ލައްވާފައިވަނީ ހޮސްޕިޓަލުން ދީފައިވާ ގަޔަށް ދޫ ކަކުލާއި ހަމަޔަށް އަންނަ ކުރު ހެދުމެކެވެ. ކުރިން ގަދަ ހަދަން ރޫހީ މަސައްކަތް ކޮށްފައިވާތީ އެ ހެދުންވަނީ ރޫ ޖެހިގެން މައްޗަށް އަރާފައެވެ. އެހެން ކަމުން ފަލަމަސްގަނޑުގެ ބޮޑު ބައެއް އޮތީ ހާމައަށް ފެންނާށެވެ.

މީހަކު ފެންނަން ނެތަސް އޭނާގެ ހަށިގަނޑުގައި މީހަކު ބީހެމުންދާކަން އިހްސާސްވަމުން ދިޔައެވެ. އެ ކޮންމެ ބީހުމަކުން ރޫހީއަށް ވަމުން ދިޔައީ އަރާމެވެ. ރޫހީގެ އަތުގައި އައްސާފައިވާ ވާތައް މޮހެވުނެވެ. ރޫހީގެ އަތް މިނިވަންވުމާއެކު އަމިއްލަ ހަށިގަނޑުގައި އަތް ކާއްތަމުން ދެވުނެވެ. އޭރު ސިންގާއެއްހެން ރޫހީގެ ގައި މައްޗަށް އަރާ އެ މަޚްލޫގު އޮތެވެ. ނަމަވެސް ރޫހީއަކަށް އޭނާއެއް ނުފެނެއެވެ. އޭތީގެ ހޫނު ނޭވާ ރޫހީގެ ކަނދުރާ ދޮށުން އިހްސާސް ވޭ ވޭ ހުއްޓެވެ.

ކުއްލިއަކަށް ރޫހީގެ ދެއަތުގައި މީހަކު ހިފާލިކަން އިހްސާސްވިއެވެ. އަތުގެ ކުޑަހުޅާ ދިމާލުގައި ހިފާފައިވާ އަތް ބާރުކުރަމުން ދިޔައެވެ. އަދި ރޫހީގެ ދެއަތް ރޫހީގެ ބޮލުގެ ދެފަރާތުން ބާލިސްމަތީގައި ބާއްވާ އަތް ނުގުޑުވޭނެހެން ބާރުކޮށްލިއެވެ. ރޫހީގެ މޫނު ދެފަރާތަށް އަނބުރާލަމުން އޭނާގެ ދެއަތަށް ބަލާލުމުންވެސް އަތުގައި ހިފާފައިވާ އަތް ފެންނާކަށް ނެތެވެ. ނަމަވެސް ކުޑަހުޅާ ހިސާބުގައި އަތުގައި ހިފާފައި ހުރިތަން އިނގިލިތަކެއް ފަދައިން ރަތްވެފައި ހުއްޓެވެ. ވާ އަތަށް ގުޅާފައިވާ ކެނިއުލާ މެދުވެރިކޮށް އައިވީ ހޮޅިން ލޭއަރަމުން ދިޔައެވެ. ބިރުން ރޫރޫ އަޅާހާލުގައި އޮވެ ރޫހީ އޭނާގެ މަންމައަށް ގޮވޭތޯ މަސައްކަތް ކުރިއެވެ. ރޫހީގެ އަރުތެރެއިން އަޑު ބޭރުވާގޮތެއް ނުވިއެވެ.

ކުއްލިއަކަށް ރޫހީގެ ދެފައި ދުރުވިއެވެ. ރޫހީގެ ހަށިގަނޑަށް އެއްވެސް ގުޑުމެއް ނުގެނެވުނެވެ. ދެ ލޯ މަރާ ބާރުކޮށް ފިއްތާލީ ވަމުން މިދަނީ ކިހާވަރެއްގެ ކަމެއްކަން ރޫހީއަށް އެނގޭތީއެވެ. ދެ ލޮލުގެ ދެ ފަރާތުން ކަރުނަތައް އޮހެމުން ދިޔައެވެ. އިރުގަނޑަކަށްފަހު ރޫހީގެ ދެއަތަަށް ދޫކަމެއް ލިބުނެވެ. މުށްކަވާފައިވާ ރޫހީގެ ދެއަތުގެ ވަރު ދޫވެ އަތުގެ އިނގިލިތައް މަޑުމަޑުން ހުޅުވިއްޖެއެވެ. ވަރުބަލިވެފައި ވުމުން ފުން ނޭވާތަކެއް ދޫކުރަމުން ދިޔައެވެ.

ދެން އިވެންފެށީ އެ ކޮޓަރީގެ ދޮރުގައި މީހަކު ބާރުބާރަށް ޓަކިދެމުން ދިޔަ އަޑެވެ. ކުއްލިއަކަށް ރޫހީގެ ދެލޯ ހުޅުވާލިއެވެ. އޭނާގެ ދެލޮލުގެ ކަޅުކަޅި ވަނީ އަޅިކުލައަށް ބަދަލުވެފައެވެ. އޭރު ރޫހީގެ ތުންފަތާ ކުޅެލީ ލާނެއް ހިނިތުން ވުމެކެވެ. އެނދުގެ ފައިލާ ކޮޅުގައި ގުޅަ ޖެހިފައިވާ ފޮތިގަނޑު ނަގާ ގައިމަތީ އަޅާލުމަށްފަހު ދެލޯ މަރާލިއެވެ.

*** *** *** *** *** ***

ފުން ޚިޔާލުތަކެއްގެ ތެރޭގައި މަންޝާ އިންއިރު މޫސުމަށް ވަރަށް ބޮޑެތި ބަދަލުތައް އަންނަން ފަށައިފިއެވެ. މަންޝާއަށް ހޭވެރިކަންވީ މޫނުގައި ވާރޭ ކަނިކަނި އައިސް ބީހިލުމުންނެވެ. ވައިގަދަވެ ގަސްތައް ހެލެމުން ދިޔައެވެ. ކެފޭ ކައިރީގައި އަތުރާފައިވާ މޭޒުތަކުގައި ތިބި މީހުންތައް ކެފޭތެރެއަށް ވަނުމަށް އަވަސްވެގަތެވެ. ތެމިދާނެތީ ފޯނު ދަބަހަށް ލުމަށްފަހު ހޮސްޕިޓަލް ތެރެއަށް ވަނުމަށް މަންޝާ ފިޔަވަޅު އަވަސްކޮށްލީ ކެފޭ ހުރިދިމާލުން ހޮސްޕިޓަލް ތެރެއަށް ވަދެވެން ހުރި ދޮރުންނެވެ. އެ ދޮރާށިން އެތެރެއަށް ވަދެވުމުން މަންޝާގެ ފިޔަވަޅު އަވަސްކޮށްލީ ކުރިމަތިން ހޮސްޕިޓަލުގެ ފިހާރަ ފެނުމުންނެވެ.

ފިހާރައިގައި އެވަގުތު އެއްވެސް މީހަކު ނެތުމުން މަންޝާ ފިހާރައަށް ވަނީ ވަރަށް އުފަލުން ހުރެއެވެ. ތުއްތު ކުދިންގެ ހެދުން ސެޓެއްގައި އަތް ހާކާލިތަނުން ކައުންޓަރުގައި އިން ކުއްޖާ ތެދުވެގެން އައިސް މަންޝާ ގާތުގަ ހުއްޓުނެވެ. “ކޮން އެއްޗެއްތޯ ތި ހޯއްދަވަނީ…” އަދަބުވެރިކަމާއި އެކީ އެ އަންހެން ކުއްޖާ ސުވާލުކޮށްލިއެވެ.

ތުއްތު އަންހެން ކުއްޖަކަށް ވަރަށް ރީތި ފިޔާތޮށި ކުލައިގެ ހެދުން ސެޓެއް ނެގުމަށްފަހު އެ ޕާރްސަލް ކޮށްދިނުމަށް އެދި ފިހާރައިގައި ދެންހުރި އެއްޗިއްސަށް ނަޒަރު ހިންގާލިއެވެ. ކައުންޓަރުގައި އިން އަންހެން ކުއްޖާ މަންޝާ އެދުނުގޮތަށް ފިޔާތޮށި ކުލައިގެ ރިބަން އަޅާފައި ރިހި ކަރުދާހުން ޕާރުސަލް ކޮށްދިނެވެ. ފައިސާ ދައްކަން ކައުންޓަރު ކައިރިއަށް ދިޔުމަށްފަހު ފެރާރީ ޗޮކްލެޓް ފޮއްޓެއް ވެސް ނެގިއެވެ. ފައިސާ ދައްކާ ނިމުނުތަނުން މަންޝާގެ ފޯނު ރިންގްވާން ފަށައިފިއެވެ. ފިހާރައިން ނުކުމެ ދަބަހުގައި އޮތް ފޯނު ނެގީ އެ ގުޅަނީ ޒުހާ ކަމަށް ހީކޮށްހުރެއެވެ.

“ހެއި ޒުހާ… މަ ވަރަށް ގުޅައިފިން… ކޮން ރޫމެއްތަ؟…” މަންޝާ ކެތްމަދުވެގެން ހުރެ އަވަހަށް ސުވާލުކޮށްލިއެވެ.

“ސޮރީ… ބޭބީއަށް ބުއްދޭން އިނީމަ ފޯނު ނުނެގުނީ… އާދޭ… ތިންވަނަ ބުރިއަށް…. ރޫމް 315” ޒުހާ މިހެން ބުނި އިރު ފަހަތުން ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު ގުގުމައިގެން ދިޔައެވެ. “އޯހް… ބޭބީ ކައިރީ ބުނޭ… މި ދަނީޔޭ…. މާ ގިނައިރެއް ނުވާނޭ…. އަހަރެން ނައިސްގެން ރޮވެނީ ދޯ…. މިދަނީ އޯކޭ ބާއި…”

ފޯނު ކަނޑާލުމަށްފަހު މަންޝާ މިސްރާބު ޖެހީ ލިފްޓާ ދިމާލަށެވެ. ލިފްޓް ކައިރީ މަޑުކޮށްގެން ތިބި ދެމީހުންނާ އެކީ މަންޝާ މަޑުކޮށްގެން ހުރީ ލިފްޓް ތިރިއަށް އަންނަން ދެނެވެ. އެވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ވަށައިގެންވާ މާހައުލަށް ކަޅި ހިންގާލިއެވެ. އަ.ޖީ.އެމް.އެޗް ވަނީ ވަރަށް ބޮޑަށް ވީރާނާ ވެފައެވެ. ސީލިންގުގެ އެކި ދިމާލުން ފެން ތިކިތިކި ފާޅުވަމުން ދިޔައިރު އެއްބައި ދިމާލުން ކޭބަލް ފާޑުގެ ނަރުތަކެއް ވެސް އެލިފައި ހުއްޓެވެ. ސީލިންގުގެ ބައިތައް ހަލާކުވެފައިވާ އިރު ފާރުތަކުގައި ބޮޑެތި ރެނދުލާފައި ހުއްޓެވެ.

ލިފްޓު ތިރިއަށް އައިސް ދޮރު ހުޅުވުނު އަޑަށް ލިފްޓާ ދިމާލަށް މަންޝާ އެނބުރިލީ އަވަހަށް ޒުހާ ގާތަށް ދިޔުމުގެ ފޮނި އުއްމީދުގައެވެ. ލިފްޓަށް އެރުމަށްފަހު މަންޝާ ދާން ބޭނުންވަނީ ތިންވަނަ ބުރިއަށް ކަމަށް ބުނުމުން ލިފްޓުގެ ސްވިޗްތައް ކައިރީ ހުރި ޒުވާނާ ނަންބަަރު ތިނަަކަށް ފިއްތާލީ ރައްދުގަައި ހިނިތުންވެލަމުންނެވެ.

ތިންވަނަ ބުރިއަށް އައިސް ލިފްޓް ހުޅުވުމާއި އެކީ މަންޝާ ލިފްޓުން ފޭބިއެވެ. އަދި ދެފަރާތަށް ބަލާލުމަށްފަހު ނަރުސްކުދިންގެ ކައުންޓަރު ފެންނަން ހުރި ދިމާލަށް ހިނގައިގަތެވެ. އޭރު އެ ކައުންޓަރު ދޮށުގައި އެއްވެސް މީހަކު ފެންނަން ނެތުމުން މަޔޫސްކަންމަތީ މަޑުކޮށްލައިގެން ހުރީއެވެ. އެއް ފައިމައްޗަށް ހުރެ އަނެއްފައިގެ ކުރި ޖައްސައިގެން ތަޅުވާލަ ތަޅުވާލައެވެ. މާގިނަ އިރުތަކެއް ނުވެ އަންހެނަކު ދުވެފައި އެކައުންޓަރ ކައިރިއަށް އައިސް ހުއްޓުނެވެ. އެއީ މެދު އުމުރުގެ އަންހެނެކެވެ.

މާޖެހި ފެހި ކުލައިގެ ދިގު ހެދުމެއް ލައިގެން ހުރި އަންހެނެކެވެ. ދިގު ހެދުމާ ގުޅުވާފައި އާދައިގެ މަޑު ފެހި ކުލައިގެ ބުރުގާއެއް އަޅައިގެން ހުރި މި އަންހެން މީހާއަކީ ވަރަށް ހިކި ނަމަވެސް ރީތި މީހެކެވެ. މަންޝާއަށް އެ އަންހެންމީހާ ފެނުމުން އޭނާގެ މަންމަ މަތިން ހަނދާންވިއެވެ. ލޯބިން ފުރިގެންވާ ގޮތަކަށް އޭނާއާއި ދިމާލަށް މަންޝާ ބަލާލިއެވެ. ނަމަވެސް އެ އަންހެންމީހާގެ ބެލުމުގައި ހުރީ ހާސްކަމެވެ. ނުތަނަވަސްކަމެވެ. ބިރުގަނެ މީހާ ކަންބޮޑުވެފައި ހުރިކަން ތުރުތުރެއް އެކުލެވިފައިވާ އެމީހާގެ ކަޅިން މަންޝާއަށް ދޭހަވިއެވެ.

“ކޮއްކޯ… ތީ މިތާ ކުއްޖެއްތަ؟.. ނެއްތަ ނަރުސް ކުއްޖެއް…” އާމިނަ ވާހަކަ ދައްކަމުން ދިޔައީ މަންޝާއާއެވެ. އޭނާ މަންޝާއާއި ވާހަކަ ދައްކަމުން ދިޔައިރު އެ ދެލޮލުން ކަރުނަ ހިލެމުން ދިޔަ މަންޒަރު މަންޝާއަށް ފެނުނެވެ. އެ އަންހެންމީހާ ހާސްވެފައި ހުރިވަރުން، އޭނާ ގެނައި ޕާރްސަލް ކައުންޓަރު މަތީ ބަހައްޓާފައި އެތެރެއަށް ޖެހިލުމަށްފަހު ސަލާމް ގޮވާލީ މީހެއްގެ ހިލަމެއް ވޭތޯއެވެ. ކައުންޓަރު ބިއްދޮށުން ފެންނަން ހުރި ދޮރުގައި މަންޝާ ޓަކި ޖަހާލިއެވެ. ހަމަ އެވަގުތު އެ ދޮރު ހުޅުވާލުމަށްފަހު ނަރުސް ޔުނީފޯމުގައި ހުރި އަންހެނެއް ނުކުތެވެ.

“ކިހިނެއްތޯވީ؟….” އެ ނަރުސްކުއްޖާ ސުވާލުކޮށްލުމުން މަންޝާ ކައުންޓަރު ކައިރީގައި ހުރި އަންހެންމީހާ ދައްކާލިއެވެ. ނަރުސްކުއްޖާ އަވަސް ފިޔަވަޅުތަކެއްގައި އާމިނަ ގާތަށް ގޮސް ވެގެން އުޅޭ ގޮތެއް ސާފުކޮށްލުމަށް ސުވާލުކޮށްލިއެވެ. ޖަވާބުގައި އޭނާ ބުނީ ކޮޓަރި ތެރޭގައި ތަޅުދަނޑި ބާއްވާފަ ބޭރުން ތަޅުލެވުނީ ކަމަށެވެ. ކައުންޓަރު ބިއްދޮށުގައި ހުރި ކަބަޑެއްގެ ތެރެއިން އިތުރު ތަޅުދަނޑިއެއް ނަގާ އާމިނަ އަތަށް ދިއްކޮށްލަމުން އެ ތަޅުދަނޑި އަނބުރާ ގެނެސް ދިނުމަށް ނަރުސް ކުއްޖާ އެދުނެވެ.

އެއަށްފަަހު ނަރުސް ކުއްޖާ އެތެރެއަށް ވަނުމަށް ހިނގައިގަތުމުން މަންޝާ އޮޅުން ފިލުވަން ބޭނުންވި ސުވާލުކޮށްލިއެވެ. “ރޫމް 315 ހުންނަނީ ކޮންތާކުތޯ؟…”

އާމިނަ ހިނގާފައި ދިޔަ ފަރާތަށް އިޝާރާތް ކުރަމުން  ދާންވީ މަގު ނަރުސް ކުއްޖާ ދައްކާލިއެވެ. ޝުކުރު އަދާކުރަމުން އާމިނަގެ ފަހަތުން މަންޝާ ހިނގައިގަތެވެ.

ފަހަތުން އެއް ހަމަޔަކަށް އިވެމުންއައި ފައިވާނުގެ ޓޮއްޓޮއް އަޑަށް އާމިނަ އެނބުރި ފަހަތް ބަލާލިއެވެ. ހިނިތުންވަމުން މަންޝާ އައިސް އާމިނައާއި އަރާ ހަމަކުރިއެވެ. އާމިނަ އުފަލާއި އެކު މަންޝާއަށް ޝުކުރު އަދާކުރިއެވެ. މަންޝާ ބޯ ޖަހާލަމުން އާމިނަ ކުރިމަތިން ލާފައި ކުރިޔަށް ހިނގައިގަތެވެ. އޭރު އާމިނައަށް ރޫހީ އެނދުމަތި ކުރެވިފައިވާ ރޫމް 313 އާއި ހަމަޔަށް އާދެވިއްޖެއެވެ. ރޫމް 315 އަށް މަންޝާ ވަންނަން ދެން އާމިނަ ބަލަހައްޓައިގެން ހުއްޓެވެ. އެއީ މީގެ އެއް އަހަރު ކުރިން ރޫހީވެސް ހުރިގޮތޭ ހިތަށް އަރަމުން ދިޔައެވެ.

ތަޅުދަނޑި ޖަހާ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އާމިނަ އެތެރެއަށް ވަނީ ތެޅިތެޅި އޮތް ހިތަކާއި އެކީގައެވެ. އޭރުވެސް ރޫހީ އޮތީ އާމިނަ އެކޮޓަރިން ނުކުމެގެން ދިޔައިރު އޮތް ގޮތަށެވެ. ފުންނިންޖަކުން ނިދާފައެވެ. ތަޅުދަނޑި ކައުޓަރާއި ހަވާލުކުރަން ދާނީ ފަހުންނޭ ހިތާ، އެ ހަނި ސޯފާގައި އާމިނަ އަރިއަކަށް އޮށޯވެލީ ފައި ކުރުގަޅުވާލަމުންނެވެ. ރޫހީއާއި ދިމާލަށް ބަލަން އޮއްވާ، ލޮލަށް ނިދި ސަވާރުވެ އާމިނައަށް ރަނގަޅަށްވެސް ނިދިއްޖެއެވެ.

*** *** *** *** *** ***

ދޮރުގައި މީހަކު ޓަކިޖަހާލި އަޑަށް ކޮޓަރީގެ ދޮރު ހުޅުވާލީ ނަވާފެވެ. ދޮރު ކުރިމަތީގައި ހެވި ދިލިފައި މަންޝާ ހުރިތަން ފެނުމުން ދޮރު ތަންމިނަށް ހުޅުވާލަމުން އެތެރެއަށް ވަނުމަށް ނަވާފް އެދުނެވެ. އޭރު އެ ކޮޓަރީގެ އެނދުމަތީގައި އިށީނދެލައިގެން ޒުހާ އިނީ ތުއްތު ކުއްޖާ އުރާލައިގެންނެވެ. އޭރުވެސް އެ މަންޖެ އޮތީ މަޑުމަޑުން ކުކުރާލަ ކުކުރާލައެވެ.

ޒުހާއަކީ މަންޝާގެ އެންމެ ގާތް އެކުވެރިޔާއެވެ. މަންޝާގެ ފިރިމީހާ ފިޔަވާ ދެން އޭނާގެ ހުރި އެންމެ މުހިއްމު އެއް އިންސާނާއެވެ. ކައިވެނީގެ ގޮތުން ޒުހާ ގުޅިގެން އުޅެނީ ނަވާފާއެވެ. ނަވާފަކީ މަންޝާގެ ފިރިމީހާއާއި އެއް ތަނެއްގައި ވަޒީފާ އަދާކުރަމުންދާ މީހެކެވެ. އެހެންކަމުން އަޒީމާއި ނަވާފްގެ މެދުގައިވެސް އޮންނަނީ ވަރަށް ގާތް އެކުވެރިކަމެއް އުފެދިފައެވެ. މީ ޒުހާއަށް ލިބުނު ދެވަނަ ކުއްޖާއެވެ. އޭނާގެ ފުރަތަމަ ކުއްޖާއަށް މިހާރު ފަސް އަހަރެވެ. ފަސް އަހަރުގެ ފިރިހެން ކުއްޖަކަށްފަހު އެ ދެމަފިރިންނަށް މި ލިބުނީ ތުއްތު އަންހެން ކުއްޖެކެވެ.

ނަވާފް އަތަށް ޕާރުސަލް ދެމުން މަންޝާ ބުނެލިއެވެ. “އަން ޑެޑީ… ކޮންގްރާ ދެމީހުންނަށްވެސް…. މަށަށް ނާދެވިގެން މިއުޅުނީ… ސޮރީ…. ކޮބާތަ ބޭބީ ކޮޅު… ދައްކަ މޮޑެލަން… ދެން ނިންމާލީ ދޯ… މިހާރު ދެވައްތަރު ދެކުދިން ލިބުނީނުން…. ވާއު ލޯބިކަން އެންޖަލް…” ނަވާފް ޕާރްސަލްގައި ހިފުމާއި އެކީ މަންޝާ އަވަސްވެގަތީ ޒުހާގެ އަތުގައި އޮތް ތުއްތު ކުއްޖާ އުރާލާށެވެ.

ޒުހާގެ މޫނުމަތިން ފެންނަމުން ދިޔަ އުދާސްކަން ފެނުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން މަންޝާއަށް ކަށަވަރު ވެއްޖެއެވެ. ތެދެކެވެ. އެހެންޏާ ނަވާފަކީ ވަރަށް ސަކަރާތް ބޮޑު މީހެކެވެ. އޭނާވެސް ހުރީ ވަރަށް މަޑުންނެވެ. މަންޝާ ދެމީހުންގެ މޫނަށް ވަކިވަކިން ބަލާލުމަށްފަހު ކަމެއް ނޭނގޭކަމަށް ހެދެންވެގެން ތުއްތު ކުއްޖާގެ ކޮލުގައި ކޮއްޓާލިއެވެ. އަދި މޫނާމޫނު ގާތްކޮށްލަމުން އެކުއްޖާގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު އެކުއްޖާ ގަޔާލާ ބޮނޑިކޮށްލިއެވެ.

“ޒުހާ،.. އަހަރެން އެބަ އަންނަން ގެއަށް ގޮއްސަ… ބޭބީގެ ހެދުންތަކާ ޒުހާގެ ހެދުމެއް ހިފައިގެން…. އިތުރު އެއްޗެއް ބޭނުންތަ؟…” ނަވާފް ސުވާލު ކޮށްލުމުން ޒުހާ ދެއަތަށް ބޯހޫރުވާލީ ނޫނެކޭ ބުނާށެވެ. އެހިސާބުން ނަވާފް އެކޮޓަރިން ނުކުމެގެން ދިޔައީއެވެ.

ކޮޓަރީގެ ދޮރުފަތް ލެއްޕުމާއި އެކީ މަންޝާ ސުވާލުކޮށްލީ ކެތްނުކުރެވި ގެންނެވެ. “އޭއި…. ދެކުދިން ކޮންކަމަކާ ރުޅި ހަދައިގެން ތި އުޅެނީ؟… މަށަކަށް އޮޅުވައެއް ނުލެވޭނެ އިނގޭ… ނަވާފް ހުރީ ހޭންވެސް ނޭނގިފަ… ކޮންމެވެސް ނުބައެއް އެބަ އުޅޭ…. ބުނެބަލަ… ދެކުދިން ކޯޅުނީތަ؟… އަނެއްކާ ނަވާފް އެއްޗެކޭ ބުނީތަ؟…”

ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މަންޝާގެ އަތުތެރޭގައި ނިދާފައި އޮތް ތުއްތު ކުއްޖާއަށް ބަލާލަމުން ޒުހާ ވާހަކަ ދައްކަން ފެއްޓިއެވެ. “ނޭނގެ މަށަކަށް…. އިއްޔެއާ ހަމަޔަށް އަހަރެމެން ތިބީ ވޯޑުގަ…. މި ކޮޓަރިއަށް އައި ފަހުން މި ކުއްޖާ ހަމަ ރޮނީ… ޑޮކްޓަރުންވެސް ބަލާފަ ބުނީ އެއްވެސް މައްސަލައެއް ނެތޯ…. މީ ހަމަ ރޯ ބޭބީއެކޯ… ރޭ ހަތަރު ދަމު އަހަރެމެން ނުނިދާ މިތިބީ…. ދެން ދުވާލު އެއްކޮށް މިމަންޖެ އެ ނިދަނީ… އިރު އޮއްސުނު ކަމެއް ނޭނގެ އަނެއްކާ ހަމަ ރޮނީ…. މިހާރު ނިދާހާ އިރު ވެއްޖެ…”

ބޯ ހާސްވެފައި ހުރެ ޒުހާ އެއް ފައްޗަކަށް ހުރިހާ ވާހަކައެއް ކިޔައިދެމުން އެނދުމަތިން މަޑުމަޑުން ފޭބިއެވެ. ޒުހާ އެވާހަކަތައް މަންޝާއަށް ކިޔައިދިން އިރު އިނީ ރޮވެން ކައިރިވެފައެވެ. މަންޝާއަށް ޒުހާގެ ތުރުތުރު އަޅަމުންދިޔަ އަޑުންވެސް އެކަަން ނަގައިގަނެވުނެވެ. އެ ތުއްތު ކުއްޖާ ރަޖާ ގަނޑު ތެރެއަށްލާ ބޮނޑި ކޮށްލައިގެން ދެއަތަށް ހެއްލަމުން މަންޝާ ނާނާ ކިޔަމުން ދިޔައެވެ. ޒުހާ ދެރަވެފައި އިންތަން ފެނުމުން މަންޝާ ބޭނުންވީ އޭނާ ހިތްހަމަޖައްސާލަ ދޭށެވެ. ޒުހާ އެނދުން ފޭބުމުން އެއްޗެއް ބޭނުންތޯ މަންޝާ އަހާލިއެވެ. އަތުގެ އިޝާރާތުން އެބަ އަންނަމޭ ބުނަމުން އޭނާ ގޮސްވަނީ ފާޚާނާއަށެވެ.

މަންޝާގެ އަތުގެ ކުޑަވައި އިނގިލީގައި ބާރުކޮށް އެ ކުއްޖާ ހިފަހައްޓާލައިގެން އޮތެވެ. އެ ތުއްތު ކުއްޖާގެ މޫނަށް މަންޝާ ބަލާލީ ވަރަށް ލޯބިންނެވެ. “ތެދެއް ދޮންކަނބުލޮ ރޭގަ ނުނިދަންތަ؟… ދައްތި ނައިސްގެން ނުނިދާ މަންމިއަށް އެހާ އުނދަގޫ ކުރާކަށް ނުވާނެއްނު… ދެން އަވަހަށް ބަސްއަހައިގެން ނިދާލާ…. އިނގޭ… ހޫންން. އުންންން އުންން އުން..”

މަންޝާއަށް އެކަހަލަ ލޯބި ބޭބީއެއް ލިބޭނީ ކޮން ދުވަހަކުން ބާވައޭ ހިތަށް އެރުމުން ލޮލަށް ކަރުނަތައް ޖަމާވާން ފެއްޓިއެވެ. އެ ތުއްތު ކުއްޖާއަށް ނާނާ ކިޔައިދެމުން ދިޔައިރު މަންޝާ އިނީ އޭނާގެ ރިޕޯޓާ މެދު ވިސްނާށެވެ.

ފާޚާނާއިން ޒުހާ ނުކުތް އިރު އެ ތުއްތު ކުއްޖާ އޮތީ ކުޑަ އެނދުގައި ބާއްވާފައެވެ. އޭރު ޒުހާގެ އެނދުމަތީގައިވާ ބެޑްޝީޓް ރީތިކުރަން މަންޝާ ހުއްޓެވެ. ކަބަޑު މަތީގައި ހުރި ފެންފުޅިން ފެންފޮދެއް ބޯލުމަށްފަހު އެނދުކައިރީގައި ހުރި ކުޑަ ހަރުފަތުގެ މައްޗަށް އަރާ މަޑުމަޑުން ޒުހާ އެނދުގައި އިށީނދެލީ މަންޝާގެ އެހީއާ އެކީގައެވެ.

“އެ މަންޖެއަށް މިހާރު ނިދިފަ އެއޮތީ… ދެން ޒުހާވެސް ނިދާލެވޭތޯ ބަލާ…. ނަވާފް އަންނަންދެން މަމިތާ މަޑުކުރާނަން….” މަންޝާގެ އެދުމަށް ބޯޖަހާލަމުން އެ ތުއްތު ބޭބީއަށް އަދި އެއްފަހަރު ޒުހާ ބަލާލިއެވެ. ރަޖާގަނޑާ އެކީ ރީތިކޮށް އޮޅާލާފައި އޮތް މަންޖެ އެއް މިޔަ ކަނުން ހީލިއެވެ. ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލަމުން ތުއްތު ކުއްޖާގެ ބޯދަށަށް ބާލިސް ނުލުމަށް ޒުހާ އެދުނެވެ. އެ ކުއްޖާގެ ބޯ ދަށަށް ލާފައިވާ ބާލިސް ނެގުމަށްފަހު މަންޝާ އައިސް ސޯފާގައި ހަމަޖެހިލައިގެން އިށީނެވެ.

“ކޮބާ އަޒީމް…. ޑިއުޓީގަ ދޯ!….” އަޒީމް ނެތްކަން ޒުހާއަށް އިހްސާސްވީ ދެނެވެ.

“އާން… ޑިއުޓީއަށް ގޮސްވީ… ބުނި ނަވާފް ޗުއްޓީ ނެގީމާ މިހާރު ވަރަށް ބިޒީޔޯ…. ކުރިން ރޭގަނޑު 9:30 އަށް ޑިއުޓީއަށް ދާން ޖެހުނަސް މިހާރު 7:30 އަށް ޑިއުޓީ ގަޑި ބަދަލުވެސް ކޮށްފި… ސޯ މަ މިއައީ ރިޕޯޓްތައްވެސް ނަގާށާ އެކީގަ… މި ހޮސްޕިޓަލް ހީވަނީ ވީރާނާވެފައި އޮތް ތަނެއްހެން… އަހަރެން އެކަނި މިތާ އުޅެން ޖެހުނީމަ ވަރަށް ބިރުން ހުރީ…. ސީލިންގާއި ފާރުތަކަށް ބެލެނީ…” މަންޝާ ހިތުތެރޭގައި ހިފަހައްޓައިގެން ހުރި ވާހަކަތައް ބޭރުކޮށްލީ ދެއަތަށާއި މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސަމުންނެވެ. އަދި މަންޝާ ގަނެގެން އައި ޗޮކްލެޓް ފޮށިން ޗޮކްލެޓެއް ޒުހާއަށް ދިއްކޮށްލަމުން އެއިން ޗޮކްލެޓެއް މަންޝާ ނިއުޅުވުމަށްފަހު އަނގަޔަށް ލިއެވެ.

“އާން… މަވެސް ތިވާހަކަ މިދައްކަނީ…. ވޯޑްގަ އޮތްއިރު އަދި މިއަށްވުރެ ކަޑަ…. މަ ހިތްހަމަވެސް ނުޖެހުނު ވޯޑްގަ އޮންނަން.. ވަރަށް ކްރީޕީ… އެކަމު މިހާރު ހަދާ އާ އިމާރާތް އެއްކޮށް ނިމުނީމަ ސަޅިވާނެ ދޯ… މަންޝާ ބޭބީއެއް ހޯދަންވާ އިރަށް އެބައި އެއްކޮށް ނިމޭނެ…” ޒުހާވެސް ވާހަކަ ދައްކަމުން މަންޝާ އޭނައަށް ދިން ޗޮކްލެޓް ކާން ފެށިއެވެ.

“ހޫންން… މިހާރުވެސް މި ޓްރައި ކުރަނީ… ނިދިއަސް ހުވަފެނުންވެސް ބޭބީއެއް ލިބިގެން އުޅޭތަން ނޫނީ ޕްރެގްވެގެން އުޅޭތަން ފެންނަނީ… ދެން ނޭނގެ… މިއަދު ރިޕޯޓްތައްވެސް ނަގަން ވަރަށް ޖެހިލުންވޭ…. މަށަށް ހީވަނީ ނެގެޓިވްއޭ މިފަހަރުވެސް…. ނެގެޓިވް ވެއްޖިއްޔާ ދުވަސްކޮޅެއްގެ ބްރޭކެއް ނަގާނީ…. އަސްލު ކޮންމެ ފަހަރަކު އެހާ އުއްމީދާ އެކީ ޓެސްޓުތައް ހަދަނީ… އެކަމު އެކަން ކާމިޔާބެއް ނުވޭ…. އައިފީލް ހޯޕްލެސް….” މަންޝާ އިތުރު ޗޮކްލެޓެއް ނަގާ ނިއުޅުވާލިއެވެ. ކަންކަމާ މާބޮޑަށް ހާސްވަންޏާ ޗޮކްލެޓް ކެއުމަކީ މަންޝާގެ އާދައެކެވެ.

“އޯހް… ދެރަނުވޭ…. އިރާދަކުރެއްވިއްޔާ ލިބޭނެ… އަދި އެކަމުގެ ވަގުތު ނުޖެހެނީ…. އަނެއްކޮޅުން މަންޝާ މި މަސައްކަތްތަކަށް އެހާމެ ފަރިތަ… ބަލަ މަގޭ ބޭބީވެސް ނިންދަވާލިލެއް މޮޅުކަން…. މިކޮޅުން ނުވެއްޖިއްޔާ އަންނަ އަހަރު ލަންކާ ކަހަލަ ތަނަކަށް ދާންވީނު… ދޯ….” ޗޮކްލެޓް ކައި ނިމިގެން ޒުހާ ފެންފޮދެއް ބޯލިއެވެ.

“އާން… ތިހެން މިހާރު މި ވިސްނަނީ… ނަވާފް އައިމަ މަ ރިޕޯޓް ނަގައިގެން ގެއަށް ދާނީ…. ދެން ޒުހާ ނިދާލާ… އަހަރެން ކިޔާ އާޓިކަލްތަކުގައި އޮވޭ ބޭބީ ނިދީމާ މަންމަވެސް އަރާމު ކުރަންވާނެޔޯ.. ހާއްސަކޮށް މިދުވަސްވަރު…” މަންޝާ މިހެން ބުނަމުން ފޯނު ނަގާއި ނެޓަށް ވަދެގެން އެކި ލިޔުންތައް ހާވަން ފެށިއެވެ. މަންޝާއަށް ލުއި ހިނިތުންވުމެއް ބަދަލުކޮށްލަމުން ޒުހާ އެނދުގައި މަޑުމަޑުން އޮށޯވެ ބާލިހެއް ބަނޑުދަށަށްލާ ބައްދާލިއެވެ. ޒުހާ ލޯމަރާލީ އިންތިހާއަށް ވަރުބަލިވެ މީހާގެ ގައިގާ ވަރެއް ނެތްކަން އިހްސާސް ވަމުން ދާތީއެވެ.

*** *** *** *** *** ***

ނިދިފައި އޮތް އާމިނައާއި ދިމާލަށް ރޫހީ ބަލަން އޮތީ ބުޅާ މަސްގަނޑާ ދިމާލަށް ބަލާ ފަދަ ގޮތަކަށެވެ. ރޫހީގެ ދެލޮލުގެ ކަޅީގެ ކުލަވަނީ ބަދަލުވެފައެވެ. ވަޅުވަދެފައިވާ ލޮލުގެ ތެރެއިން އަޅިކުލައިގެ ކަޅި ފެންނަނީ އެހާވެސް ބިރުވެރި ގޮތަކަށެވެ. ކުރަކިވެފައިވާ ތުންފަތާއި ހޭވިފައިވާ އިސްތަށިގަނޑުންވެސް ފާޅުވަމުން ދިޔައީ ބިރުވެރިކަމެވެ. ރޫހީގެ ހަށިގަނޑަށް ބާރު ފޯރުވަމުން ދިޔަ މަޚްލޫގު ވިސްނަމުން ދިޔައީ އާމިނަމެންގެ ކިބައިން ބަދަލު ހިފުމަށެވެ. ކަޅި ޖަހާނުލާ އާމިނައަށް ބަލަމުން ދިޔައީ ވަރުގަދަ ހަސަދައެއް ފިލުވާލާށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (39)

  1. shif

    wòow!!!varah reethi mi episode vess.. waittin for nexttt part.. hiy thelhey hisaabun nimmaalaafa meenee dho.. keep it up..

    1. Shax Lyn
      shif

      thanks Shif….. keep waiting…. 🙂

  2. Shaax

    Ohh woww…its amazing..great work shax lyn…????

    1. Shax Lyn
      Shaax

      thanks shaax…. 🙂 happy u liked it

  3. Marsha

    Alhe i want to c mansha ge report… zuha ge baby ahves ruhy kanthakaa dho e undhagu vany?? Oohhhh… salhi ingey shaaz.. really nice

    1. Shax Lyn
      Marsha

      you have to wait a bit longer to see her report…. 🙂 thank u so much…. keep waiting…. next episode is quite nteresting…

    2. Marsha
      Marsha

      Alheyyyy… shaaz marsha ge inthizaaru ithurah hiydhathi kolly nu thi!!!!! Waiting n waiting….

  4. gurey

    Haadha goas jinni ekey. I wonder what is he thinking to do to aamina. Alhey shaz konthaakah Thi nimmaalee. Dhe paragrapheh ithurah leenama. Keh nadhuvefa meeny. I can see roohee looking at her mom. Hama sifavanee

    1. Shax Lyn
      gurey

      kiyamun dhaa iru manzaru sifa vaa varah liyevun ei shaz ge objective eh…. I hope u liked it…. keep waiting till thursday

  5. fath

    Alhey..
    Molhu vaahakeh mee
    My sis ah ekahala gotheh vi..
    It’s really biruveri. Baeh baithah edhuvas handhaan vaathy liyan undhagoovey… 🙁
    Ur a great writer… Masha Allah…. Keep going

    1. Shax Lyn
      fath

      owww 🙁 thanks

  6. fath

    Alhey..
    Molhu vaahakeh mee
    My sis ah ekahala gotheh vi..
    It’s really biruveri. Baeh baithah edhuvas handhaan vaathy kiyann undhagoovey… 🙁
    Ur a great writer… Masha Allah…. Keep going

    1. Shax Lyn
      fath

      oww… 🙁 thanks Fath… I hope ur sis is okey now…

  7. mary

    Biru dhakkan vaahaka upload kuraa gadi dhw… Heyo nunidhunas kiyaanan… I just love every story u wrote…. Najaa ves varah unique.

    1. Shax Lyn
      mary

      thanks mary…. Najaa was my first story… 🙂

  8. Ricky

    Shax vareh neh.. Dhuvas thakakah fahu kiyaalevey enme reethi vaahaka mee.. V v v interesting.. Keep up the good work.. Engey hafthaa aku 2 days kan upload kurany kan ves ekam ves konme dhuvahaku balaalevey upload vefatho inee.. Ehaa varah kiyaa hiyyvey

    1. Shax Lyn
      Ricky

      Ricky… im so happy to hear that ur liked my story a lot…. 🙂 thank u so much….

  9. kamana

    ވަރަށް ރީތި މި ޕާޓް

  10. Shax Lyn

    ކަމަނަ… ޝުކުރިއްޔާ.. ވަރަށް އުފާ ވެއްޖެ ކޮމެންޓް ކޮށްލީމަ!..

  11. Appy

    V rythi?

    1. Shax Lyn
      Appy

      Thanks Appy 🙂

  12. princess

    Vrh nyc….mifaharu mansha ge report vaanii kihineh baa?????

    1. Shax Lyn
      princess

      thanks….. keep waiting…. 🙂 see what happens on next episode….. does she get the results or not

  13. princess

    Vrh nyc….mifaharu mansha ge report vaanii kihineh baa????

  14. ken?

    nice n keep de hard work….btw on which days this story will upload

    1. Shax Lyn
      ken?

      Thnak u so much ken….. 🙂 Monday n Thursday 🙂 <3

  15. iffa

    Alhey. Bunaane ehche neth ehaame furihama.Abadhuves hureveny mivaahakaya inthixaaru koh koh. Aslu v v molhu ingea .Kee it up and weiting for next episode…

    1. Shax Lyn
      iffa

      Thanks a lot IFFA…. 🙂 Thursday ah upload kuraanan 4th episode

  16. Sienna

    hi SHAAAAXXX…….. reyga nidhan ulhumun ves belin… hedhunuves belin college ah dhamun… And finally u uploaded it

    1. Shax Lyn
      Sienna

      hehehe…. hei I hope u liked it….

  17. sana

    Very imaginarable nice story….. ?

    1. Shax Lyn
      sana

      🙂 😀 😉

  18. Siha

    V salhi… hiy thalhuvaalaafa thi nihmaalee…. waiting wating..

    1. Shax Lyn
      Siha

      Aan dhw…. Thursday ah kehkollaaa….

  19. Kiaaraa

    Vrh vrh reethi mi part ves.. Ur a grt writer.. Waiting for the next part…

    1. Shax Lyn
      Kiaaraa

      Thanks Kiaaraa…. 🙂 😀

  20. Nawho

    Varah vxx furihamrrr… hithah araa ending eh neennr namrr eii.

  21. Reen

    Wow. V interesting. Waiting…..

  22. zau

    im in love with this story…. not only because the story is febulous but also ive learned new addu words each day through this story……. So thank you somuch shax……:) i love addu language and always wanted to learn it so i can enjoy with my aadu friends. speaking in aadu N having fun with my friends is somuch fun. thank you………………………. 🙂 let me guess, mansha is a daughter of aamina ryt? Great story!

Comments are closed.